WEBSITE OF ILYAS HUSSAIN

ނިއު އެމްޑީޕީ ވުޖޫދަށް އައުމުގެ ވަޤުތު ޖެހިއްޖެއެވެ.
ލިޔުނީ: މާޗް 2012

އެމްޑީޕީ ޙަރަކާތަކީ، 1994 ވަނަ އަހަރުން ފެށިގެން ހިންގަންފެށުނު ސިޔާސީ ޙަރަކާތެކެވެ. ވަރަށްމާތް މަގްސަދެއްގައި ފެށުނު އިސްލާހީ ޙަރަކާތެކެވެ. ފުރަތަމަ ފެށުނީ، ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ނަމުގައި، ގ.ކެނެރީގޭގައި އިދާރާ ހުންނަގޮތަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމުގެ މޫރިތި މަސައްކަތުގެ ތެރެއިންނެވެ. އެދުވަސްވަރު ކުރެވުނު އަގުހުރި މިމަސައްކަތަށް އޭރުގެ ސަރުކާރުން އަޅުގަނޑު މެންނަށް ދިން ޖަވާބަކީ، މިއެވެ. “ސިޔާސީޕާޓީ ރަޖިސްޓްރީ ކޮށްދިނުމަކީ، އަލަށް ފަށަންޖެހޭ ކަމަކަށްވާތީ، ސަރުކާރުން އެކަން ނިންމާނީ، ބަލަންޖެހޭ ހުރިހާކަމަކަށް ބެލުމަށްފަހު، ޤައުމަށް އެންމެ ފައިދާހުރި ގޮތަށެވެ.” ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ، އަމިއްލަ މީހުންނަށް ފޮނިވާސިޓީގެ ޖަވާބު ނަންބަރު: 94/ 2737 އޭ (22 އޮކްޓޯބަރ 1994) ރައީސް މައުމޫނު ދެއްވި މިޖަވާބަކީ މާގޯސް ޖަވާބެއް ނޫނެވެ. އާކަމަކަށް ވާތީ، ސަރުކާރުން އެކަން ނިންމާގެ ގޮތްލިބުމުން އިތުރު ހިތްވަރެއް މިޙަރަކާތަށް އައެވެ. މިމަސައްކަތުން ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތްހެދުމުގެ ހިތްވަރުގަވެ.

މިދެންނެވި ސިޔާސީ އަދި އިސްލާހީ ޙަރަކާތުގެ އެދުރުންގެ ގޮތުގައި އިސްކޮށް ތިއްބެވީ، 1980 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި އުފެދިގެން ކުރިޔަށްދިޔަ ރާއްޖޭގެ އިސްލާހީ ޙަރަކާތުގެ މުގުލުގައި ވަރަށް ފާޅުގައި ކެރިގެން ނުކުމެ ތިއްބެވި ކުޅަދާނަ ސިޔާސީ ލީޑަރުން ކަމުގައިވާ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އެދުވަސްވަރު، ސަރުކާރުން އިސްލާހު ކުރަމުން ގެންދިޔަ، ޤާނޫނު އަސާސީ އެކުލަވާ ލެވުމަށް އެއްކުރެވުނު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތެރޭގައި އިސްލާހީ ލީޑަރުންގެ ގޮތުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ޖެހިލުންކުޑަ ސިޔާސީ ލީޑަރުންނެވެ. އޭގެތެރޭގައި ވިދާބަބުޅާ ސިޔާސީ ތަރިންގެ ގޮތުގައި ތިއްބެވީ، މާފަންނުވިލާ ޤާސިމް އިބްރާހީމް އާއި ޗާނދަނީވިލާ ގޯގޯ މުހަންމަދު ލަތީފް އާއި މިފަދަ މަދު ސިޔާސީ ބޭފުޅުން ކޮޅެކެވެ. މިބޭފުޅުން އަބަދުވެސް، އޭރުވެސް އަދި މިހާރުވެސް ސިޔާސީ އިސްލީޑަރެއްގެ ގޮތުގައި ހިތުތެރެއިން ގަބޫލުކޮށް ރޫޙާނީގޮތުން ބައްލަވަމުން ގެންދެވީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު އަށެވެ. ފަހެ، މިއީ ސިޔާސީ ގޮތުން ގަބޫލުކުރަން ޖެހޭ، ވާޤިޢީސިޔާސީ ޙަޤީޤަތެކެވެ. ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ މެދުގައި ހިނގަމުންދިޔަ ފިކުރީ ވިންދެވެ.

އާދެ! އެދުވަސްވަރު ބޭރުދުނިޔޭގެ ޔުނިވަރސިޓީ ތަކުން ގްރެޖުއޭޓް ވެގެން ރާއްޖެ އައިސްތިބި ޖުވާން ދަރިވަރުންގެ ތެރެއިން ސިޔާސީ އަބްތާލުންނަކީ، އަދި ކެރިގެން ސިޔާސީ ކަންކަމުގައި ފަސްޖެހުމެއް ނެތި އިސްނެގި ސިޔާސީ ދަރިވަރުންނަކީ، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ކެނެރީގޭ މުހަންމަދު ނަޝީދާއި އޭނާގެ އެންމެގާތް އެކުވެރިންގެ ގޮތުގައިތިބި، ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، އަޅުގަނޑާއި ކޮށީގޭ އަބްދުﷲ ސައީދުއާ، މިފަދަ ޒުވާން ސިޔާސީމީހުން ކޮޅެކެވެ. ބިމުއަޑީގައި ފިލާތިބެގެންނާއި ފާޅުގައި ނުކުތްމަދު ސިޔާސީ ޠާލިބާނުން ކޮޅެކެވެ. މިމީހުންގެ ދުވަހުން ދުވަހު މަސައްކަތަަށް ހަދާފައިއޮތީ، ސިޔާސީ އެދުރުންގެ އެހީތެރިކަމާއެކު ރާއްޖޭގައި އަމަލީގޮތުން ސިޔާސީ ޙަރަކާތްތަކެއް ރާވައިގެން ފަށާއި ހިންގަން ފެށުމަށެވެ. އެމްޑީޕީ ޙަރަކާތަކީ ވަރަށް ސާފުކޮށް، ވަރަށް ތާހިރުކޮށް މިފަދަ އިޚްލާޞްތެރި ނިޔަތެއްގެ މައްޗަށް ބިނާކޮށް ފެށުނު އިސްލާހީ ޙަރަކާތެކެވެ. ކޮރަޕްޝަނާއި އަމިއްލަ އެދުމާދުރު ޙަރަކާތެކެވެ. މިޙަރަކާތުގެ ހުވަފެނަކީ، ވީހާއަވަހަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމެވެ. ރާއްޖޭގެ ވެރިކަމާ ހަވާލުވުމެވެ. ނިޔަތާއި މަގްސަދު ވަރަށް އިޚްލާޞް ތެރިވެފައި ސާފެވެ. މިކަމުގެ ނަތީޖާއަކީ، 2001 ވަނަ އަހަރު، 42 ބޭފުޅުން ސޮއިކޮށް އަނެއްކާވެސް، ދެވަނަ ފަހަރަށް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ރަޖިސްޓްރީކޮށް ދިނުމަށް އެދި އޭރުގެ ސަރުކާރަށް ހުށަހެޅުމެވެ. މިފަހަރު މިކަން ފެއިލްވެގެން ދިޔައީ އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ މުހަންމަދު މުނައްވަރު ދެއްވި، ސިޔާސީގޮތުން ބިނާއެއްނެތް ބަލިކަށި ޤާނޫނީ ލަފައެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެތަޅުމުގައި ނެގުނު ވޯޓެއްގައި ފެއިލް ވެގެންނެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުލިބިގެންނެވެ. ދެންވެސް ހުއްޓުމެއްނެތި ރާއްޖޭގަޔާއި ރާއްޖޭން ބޭރުގައި އެމްޑީޕީ އޮފީސްތައް ހުޅުވައިގެން ކުރެވުނު މަސައްކަތުގެ ނަޖީތާ، އުފަލާއެކު ހާސިލްވެގެން ދިޔައީ، 2005 ވަނަ އަހަރު ޖޫންމަހުގެ، 26 ވީއާދީއްތަ ދުވަހު އިރުއޮއްސި، 7:15 ގައި ރާއްޖޭގައި ސިޔާސީޕާޓީތައް ޙަރަކާތްތެރިކޮށް ހިންގުމުގެ ހުއްދައިގެ ރަޖިސްޓްރީ އަޅުގަނޑު މެންނަށް އޭރުގެ ހޯމް މިނިސްޓަރ އަލްފާޟިލް އުމަރު ޒާހިރުގެ ނުރުހުމުގެ އަތްޕުޅުން ލިބިގެންނެވެ. ފުރަތަމަ މިރަޖިސްޓްރީގައި ހިނިތުން ވުމާއެކު ހިފީ އަޅުގަނޑެވެ. ދެން އަންނިއާއި އަބްދުﷲ ސަޢީދެވެ. ދެން އެހެން މެންބަރުން އޭގައި އަތްތިލަ ބީއްސާލުމުގެ ނަސީބު ހިނިތުންވުމާއި އުފަލުގައި ލިބިގަތެވެ. އެދުވަހަކީ، ސިޔާސީ މައިދާނުގައި އަޅުގަނޑު މެންނަށް ވެރިވި އުފާވެރި ޢީދެކެވެ.

ޝައްކެއްނެތް ގޮތުގައި އަބަދުވެސް މިޙަރަކާތުގެ ރޫޙާނީ ބަފަޔަކީ، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު އެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނެވިޔަސް ސިޔާސީގޮތުން ބޮޑުކަމެއް ދިމާވެއްޖެނަމަ، އެމަނިކުފާނުގެ ފައިންޕުޅު ދެކެން ދިގު ދަތުރުކޮށް އެކަމަކާ ގުޅިގެން ޚިޔާލު ލިބިގަނެހަދާ ސިޔާސީ ބަޔަކު ތިއްބެވެ. ފަހެ، މިއީ ސިޔާސީ ޙަޤީޤަތް ކަމުގައި ބަލައިގަނެ ގަބޫލުކުރަން ޖެހެއެވެ. އިސްލާހީ ޙަރަކާތުގެ ބާރު ރައްޔިތުން ތެރޭގައި ފެތުރި ކާމިޔާބު ވަމުންދިޔައީ މިބީދައިން ނިޔަތާއި މަގްސަދު އިޚްލާސްތެރި ވުމުންކަން ކަށަވަރެވެ. ވަރުގަދަ ޢަޤީދާއެއް އޮވެގެންކަން ކަށަވަރެވެ. އެމްޑީޕީގެ ނަލަރީތި، އެންމެ އުޖާލާ ދުވަސްވަރު ތަޖްރިބާކުރަމުން ދިޔައީ މިގޮތަށް، ވަރުގަދަ ފިކުރަކާއި ޢަޤީދާއެއްގައި ޙަރަކާތްތެރި ވުމުގައެވެ. ކުރިއަރަމުން ދިޔައީ މިގޮތަށް، އިސްލާމް ދީނުގެ ސާފުތެދު މަގުގައެވެ. ނުގުޑާފަދަ ޢަޤީދާއެއްގެ ދަށުންނެވެ. ސިޔާސީ މައިދާނުގައި ކަޑަތު ކުރަމުންދިޔަ މިދަތުރުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވީ މޫރިތި މިޙަރަކާތުންނެވެ. ދިޔަގޮތަށް ގޮސް، ﷲގެ އިރާދަފުޅާއެކު ކާމިޔާބު ހޯދިއެވެ. އަދި އެމްޑީޕީ އިއްތިހާދުން ފެށިގެން، ވަތަން އެދޭގޮތަށް ދަތުރުކޮށް، 2008 ގެރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ރައްޔިތުންގެ ރުހުމާއި ލޯތްބާ އެކުގައެވެ. ރައްޔިތުންގެ ތާއީދާއެކުގައެވެ. ގިނަ ސިޔާސީ ލީޑަރުން ތަކެއްގެ ގުޅިފައިވާ، ވަރުގަދަ އިއްތިހާދަކުން ނެވެ. މިއީ މިޙަރަކާތުގެ ކުރިއެރުމާއި މާތްކަމެވެ. ގަދަފަދަ ކަމެވެ. ފަހެ، މިއީ އަބަދަށް ދަމަހައްޓަން ޖެހޭ ޙަޤީޤަތެކެވެ. ވަރުގަދަ ބިންގަލެކެވެ. އުނދަގުލުން ބިނާލުރެވުނު ތާރީޚީ އަދި ސިޔާސީ ބިނާއެކެވެ. އެހެނަސް ރާއްޖޭގެ ރަންތަޚުތާ ހަމައަށް އާދެވި، ވެރިކަމުގެ ހުވާކުރެއްވިތާ ބަރާބަރު ހަތްދުވަހު ތެރޭގައި މިޙަރަކާތް ލީޑްކޮށް ދެއްވި، ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް ނިންމެވީ، އޭނަޔަށް ހިތްވަރުދީ އެހީތެރިވެ ދެއްވި ހުރީހާ އިއްތިހާދީން ދޫކޮށްލައްވައި އެކަހަރިކޮށް، ރައްޔިތުން ރުހުންދިން ގޮތާޚިލާފަށް، އެމްޑީޕީގެ އަމިއްލަ މިލްކެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ތަޚްތު އަމިއްލަފުޅަށް ވެރިކޮށް ލައިގެން ކުރިޔަށް ގެންދާށެވެ. އެމްޑީޕީ ތެރޭގައި ތިއްބެވި އަމިއްލަ އެދުމުގެ މަދުބައެއްގެ ވިހަގަދަ ޖާދޫގައި ރަނގަޅަށް ޖެހި މިކަން މިގޮތަށް ކުރެއްވީ ފާސިދު ވިސްނުމެއްގައެވެ. ހަރުދަނާ މަޝްވަރާ ކުރުމެއް ނެތިއެވެ. މަދުބައެއްގެ މުދަލާއި ޖާހުބޮޑު ކުރާށެވެ. އެހިސާބުން އެމްޑީޕީ ޙަރަކާތުގެ ޙަޤީޤީރޫޙުގެއްލި ރޫޙާނީގޮތުން ބަރަކާތްތެރިކަން ނެތި ދާންފެށީއެވެ. ވަޙުޝީ ޖަމާޢަތަކަށް ބަދަލުވީއެވެ. ރައްޔިތުންގެ ނަފްރަތާއި ނުރުހުން ހުރިހާގޮތަކުން އެމްޑީޕީއަށް މަތިވާން ފެށީއެވެ. ރައްޔިތުންގެ ނަފްރަތު ހުރިހާދިމާއަކުން ލިބެންފެށީއެވެ. މިޙަރަކާތުގެ މާތްމަގްސަދު ގެއްލި ވެއްޔާމޮޑެވިގެން ދިޔައީއެވެ. ރައްޔިތުންކުރި އުންމީދުތައް ފެނަށްވެ ވަޔަށް ވެގެން ދިޔައީ ބަލަބަލާ ތިއްބައެވެ. ރައްޔިތުންނަށް ހާމަކޮށްދެމުން ގެންދަންޖެހުނީ ދޮގާއި އޮޅުވާލުމެވެ. ކާމިޔާބުލިބި ނަޞްރާއި އުފާތައް ހާސިލް ވުމުން، ﷲއަށް އިސްތިޣްފާރުކޮށް ތައުބާވެ، ﷲއަށް ދުއާ ދަންނަވާއި، ﷲއީ ވޮޑިގެންވާ ކަލާނގެ ދެނެގަންނަން ޖެހުނު ވަގުތުއައުމުން، ﷲއަށް ފުރަގަސްދީ އަމިއްލައެދުމަށް ތަބާވީ ޝައިތޯނީ މަސްތުގައި ތިއްބަވައި ގެންނެވެ. ފަހަތަށް އެނބުރި، ﷲއަށް ރުޖޫޢަވުމެއް ނެތިއެވެ.

ﷲގެ ވަޙީ ބަސްފުޅަކީ، “ﷲ ދެއްވާ ނަޞްރާއި ފަތަޙަ އަތުވެއްޖެ ހިނދު، އަދި ﷲގެ ދީނަށް މީސްތަކުން ބައިބައަށް ވަންނާތީ ކަލޭގެފާނު ދެކެވަޑައި ގެންހިނދު، ފަހެ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި، ﷲގެ ކިބައަށް ޙަމްދުޘަނާއިން، ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! އަދި، ﷲގެ ކިބައަށް އިސްތިޣްފާރު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތައުބާ ޤަބޫލްކުރައްވާ ކަލަކުކަމުގައި، ﷲ ވޮޑިގެންވެއެވެ.” ނަޞްރު ސޫރަތް ބައްލަވާށެވެ!

ފަހެ، އެމްޑީޕީ ޙަރަކާތުގެ ތެރެއަށްވަދެ ގަދަފައިވިއްދި ކޮރަޕްޓް މަދުބަޔަކާއެކު، ރައީސް ނަޝީދު އޭނާގެ ވޭންގަދަ ދަތުރު ފެއްޓެވީ، އަމިއްލަ ޚުދުމުޚްތާރު ގޮތެއްގައި ވަރަށް އެކަހެރި ކޮށެވެ. ﷲއަށް ޙަމްދުޘަނާއިން ތަސްބީޙަ ކިއުމެއް ނެތިއެވެ. ﷲއަށް ތައުބާވުމެއް އެއްގޮތަކަށް ވެސް ނެތިއެވެ. ތައުބާ ޤަބޫލް ކުރައްވާ މަތިވެރި، ﷲއަށް ރުޖޫޢަވުމެއް ނެތިއެވެ. ހެޔޮއެދޭ މީހުންކަމުގައިވާ އެންމެގާތް ބަފާބެމެންފަދަ، ޢާއިލީބޭފުންގެ އިޙްސާސްތަކާއި ދުޢާތަކުގައި ކޮޅުފައިން ޖެއްސެވީ، ހަރުކަށިކަމާއި ގަދަފަދަ ކަމާއެކު ފާސިދުކަން މަތީގައެވެ. ރަށުތެރެއިން ފެނުނު، ޖެހިލުންކުޑަ ގަދަބަސްބުނާ ދެމީހެއް ކަމުގައިވާ މާރިޔާ އަކާއި މޫސައެއް އިނގިލީގައި ލައްވައި ގެންނެވެ. ކުރިޔަށް ވަޑައިގަތީ، ސްޕެޝަލް އެންވޯއީ ޒަކީގެ މުޑުދާރު އަމާޒެއްނެތް އިރުޝާދުގެ ދަށުންނެވެ. އަމިއްލަ ވަޒީރުންގެ މަޝްވަރާއަކީ ނެތްއެއްޗެކެވެ. ތިމާއާޖެހިގެން ޤާނޫނީގޮތުން ރައްޔިތުންގެ ވޯޓަކުން ބަހައްޓަވާފައި ހުންނެވި، ނައިބު ރައީސަކީ ނެތްމީހަކަށް ހެއްދެވީ ބޮޑާކަމާއި ފަޚުރުވެރިކަމާ އެކުގައެވެ. ޔަހޫދީންގެ އެޖެންޓެއް ކަމުގައިވާ، ޝަހީދެކޭ ކިޔުނު ލާދީނީ، އެޑްވައިޒަރެއްގެ ހިތްވަރާއިއެހީ އަބަދުވެސް ގެންދެވީ ލިބިގަންނަ ވަމުންނެވެ. މިފަދަ ލާދީނީ އެޖެންޓުންނަކީ، އިސްލާމީ ޤައުމުތައް ހަލާކުކޮށްލުމަށް ފާސިދު ރިޕޯޓުތައް ލިޔެހާމަކުރާ މުޖްރިމުންނެވެ. ކަތުރުފަނި ފަދައެއްޗެކެވެ. ފައިސާގެ ބަދަލުގައި އިސްލާމުންނާ ދެކޮަޅަށް މުސްލިމް ޖަމާޢަތްތައް ފަސާދަކުރާ މުޖްރިމުންނެވެ.

ދަންނާށެވެ! “ޝައިޠާނުވަނީ، އެމީހުންގެ މައްޗަށް ގަދަވެގެން ފައެވެ! ވީމާ އެމީހުން، ﷲގެ ރަސްކަންފުޅު ހަނދުމަ ނެތިކޮށްލާނޭ ގޮތް، ޝައިޠާނު މެދުވެރިކޮށް ލީއެވެ! އެމީހުންނަކީ، ޝައިޠާނުގެ ލަޝްކަރުގެ މީހުންނެވެ. ދަންނާށެވެ! ޝައިޠާނުގެ ލަޝްކަރުގެ މީހުންނަކީ، ގެއްލިގެންވާ ބައެކެވެ.” މުޖާދިލާ ސޫރަތުގެ، 19 ވަނަ އާޔަތް ބައްލަވާށެވެ.

އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! އެމީހުން، ﷲ އަށް އުރެދި، ރައްޔިތުންނަށް ފުރަގަސްދިނީ މިގޮތަށެވެ. އެހިސާބުން އެމްޑީޕީއަށް ނާކާމިޔާބުތައް މަތިމައްޗަށް ވެރިވާންފެށީ މެދުކެނޑުމެއް ނެތިއެވެ. ފަށްފަށުން ތަކުރާރު ކޮށެވެ. ﷲގެ ކޯފާއެއް ގޮތުގައެވެ. އެމްޑީޕީ ބިނާކުރެވުނު ވަރުގަދަ ޢަޤީދާއިން ލިބިގެންދިޔަ ރޫޙާނީބާރު މުޅިން ކެނޑިއްޖެއެވެ. ނަމާދުކޮށް، ހައްޖަށް ގޮސް، ﷲގެ ގެފުޅަށް ޒިޔާރަތް ކުރުމަކީ ހަނދުމަފުޅު ނެތްބޭކާރު ކަމެކެވެ. ޝައިތޯނީ ވަސްވާސް ތަކަށް ހެއްލި، ހަމަބުއްދި ގެއްލޭފަދަ ހިނދުކޮޅުތަކުގައި ރޭތަށް ހޭދަކުރަން ޖެހުނީއެވެ. އަތޮޅުތަކުން ފުރައްސާރަ ކުރުމާއި ނުރުހުމުގެ އަމަލުތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތީ ނިކަމެތި ގޮތުގައެވެ. އެކަނިވެރި ހާލުގައެވެ. ސިޔާސީ ގޮތުން ބަލިހާލުގައެވެ. ބަލިމީހެއްގެ ގޮތުގައެވެ. މޮޔަބޭފުޅާގެ ލަޤަބުގައެވެ. ރައްޔިތުންގެ ޙައްޤުތަކަށް ޣާފިލްވެ، ސިޔާސީ މަސްތެއްގެ ތެރެއަށް ދަތުރުކޮށް، ޣަރަޤުވީ އަނދިރިކަމުގެ ހިނދުކޮޅު ތަކެއްގެ ތެރޭގައެވެ. ސިޔާސީ މަސްތެއްގެ ތެރޭގައެވެ. ސިޔާސީ މަގުފުރެދުމެއްގެ ތެރޭގައެވެ. އެކުވެރި އިއްތިހާދީންނާ ވަކިވެ ފަޚުރުވެރި ކަމާއެކު ކާމިޔާބު ހޯދުމުގެ ނިޔަތުގައި ދައުލަތުގެ ބާރުވެރިކަމާއެކު، ކުރިމަތި ލެއްވި އާންމު އިންތިޚާބުން ނާކާމިޔާބާ ކުރިމަތިވީ ލަދުގަންނަން ޖެހޭފަދަ ބިކަހާލާއެކު ޒަލީލުކަން މަތީގައެވެ. މަޖިލީހުގެ ތަޅުން ގެއްލިގެންނެވެ. އަދި ދައުލަތުގެ ފައިސާ ޚަރަދު ކުރައްވައިގެން ހޯއްދެވި، ކުލީމެންބަރުން ވެސް ގެއްލެން ފެށީއެވެ. އިއްތިހާދީ އެކުވެރިންގެ ތެރެއިން ފަހަރަކު ބޭފުޅަކު ދުރަށްޖެހެމުން ގޮސް މުޅިންހެން އެކަހެރިވީ، ބަދުނަސީބާއި ދައުލަތުގެ މުއްސަނދި ކަމާއި ފާޙިޝްކަންތަކުގެ ތެރެއަށެވެ. ރިޔާސީ ގަނޑުވަރުގައި ގަންޖާބުއިމާއި ބަނގުރާބޭނުން ކުރުމާއި ދެޖިންސު އެކުގައި ނަށާއި މަޖާނެގުމާއި މަސާޖުކުރުވުމުގެ ލައްޒަތު ލިބިގަތުމާއި ޖާސޫސު ކުރުމާއި ގޭންގުތަކާއި ބައެއްބޮޑުން ޓެރަރައިޒްކޮށް ބިރުދައްކައިގެން އެމީހުން، އަމިއްލަ ބާރުގެ ކޮންޓްރޯލް ދަށުގައި ގެންގުޅުމާއި ދިވެހިންގެ އިސްލާމް ދީންނަށް ފުރައްސާރަކޮށް ދިވެހި ފަސްގަނޑުގައި ކާފަރުން އަޅުކަންކުރާ ބުދުބެހެއްޓުމާއި ދީނީ މިނިވަންކަން ރާއްޖެއަށް ވެރިކުރުވަން އެތައް މަސައްކަތްތަކެއް ކުރާތަން އާންމުވަމުން ދިޔަމަންޒަރު ރައްޔިތުންނަށް ވަނ،ީ ހާމަވެ ހުރަހެއްނެތި ފެނިފައެވެ. މުލިއާގެ ރިޔާސީ ގަނޑުވަރު ހީވަނީ ޖަރީމާތައް ހިންގާ ގުންޑާއިންގެ ސިއްރު ދަރުބާރެއް ހެންނެވެ. މިގޮތުން އިއްތިހާދުރޫޅި އެމްޑީޕީ ތެރޭގައި ތިއްބެވި، މަދުބައެއްގެ މިލްކިއްޔާތަށް މުޅިސަރުކާރު ބަދަލުވެގެން ދިޔައީ އެތައް ރައްޔިތެއްގެ ހިތާމަޔާއި ނުރުހުމުގެ ވިންދުތަކާ އެކުގައެވެ. އެތައް ފަރިޔާދު ތަކަކާ އެކުގައެވެ. ބައެއް ޒުވާން އަންހެން ކުދިންނަށް ރައްޔިތުންގެ ޙައްޤު މުދާތައް ވެދުމަށްދީ، ބޭރުމީހުންނަށް ވިއްކާލީ ޖެހިލުމެއް ނެތިއެވެ. ފަހުން ވެދާނެގޮތެއްގެ ވިސްނުމާ ނުލައެވެ. ޖާހިލު ކަންމަތީގައެވެ.

ފަހެ، ދަންނާށެވެ! ވެރިކަމުގެ އެންމެތިން އަހަރުތެރޭގައި އެޖަރީމާތަކުގެ ނަތީޖާ، ﷲ ދައްކަވައި ފިއެވެ. ޤާނޫނީ ހައިސިއްޔަތު ގެއްލުމަށް ފަހު، އެމްޑީޕީން އަމިއްލައަށް މިލްކުކުރި ވެރިކަން އެއްފުށުން އަނެއްފުށަށް ޖެހުނީ، ލޫތުގެފާނުގެ ގައުމު ބަންޑުން ޖެއްސެވި ފަދައިން، އުފަލާއި މަޖަލުގެ މަސްތުގައި ތިއްބައެވެ. ހިނދުކޮޅެއްގެ ތެރޭގައެވެ. ވީނުވީއެއް ނޭނގިއެވެ. އިރުއޮއްސި އިރުއެރިއިރު އޮތީ ފުށުންޖެހިފައެވެ. ހޯރަ އިބުރޭ އޮންނެވީ، ހުވަފެނެއްގެ މަސްތީގައި ގަނޑުވަރު ތެރޭގައެވެ. ސިފައިން ގަނޑުވަރަށް ވަދެ ގޮވާލުމުން ރަންތަރިވީ މުޅިން އެހެން ދުނިޔެއަކަށެވެ. ވާނުވާ އެނގޭވަރެއް ނުވިއެވެ. އަނެއް ދިވެހި ރާއްޖެ ގެއްލުނީއެވެ. ޙަޤީޤީ ދިވެހިރާއްޖެއަށް އަލިކަން ލިބުނީއެވެ. ހިނދުކޮޅެއް ތެރޭގައި ރައީސް ނަޝީދު އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވައި ފިއެވެ. އަމިއްލަ ވަޒީރުންގެ ކުރިފުޅު މަތީގައި މުޅި ދުނިޔެއަށް ފެންނަގޮތަށެވެ. އެއްވެސް މަޖްބޫރުކަމެއް ނެތިއެވެ. މިހާދިސާ ހިނގާދިޔައީ ޤުދްރަތީގޮތުން އެތައް ކަރާމާތެއް ހިމެނޭގޮތަށެވެ. ރޫޙާނީ ކަންތައްތަކެއްގެ ތެރޭގައެވެ. އާދަޔާޚިލާފަށް އިތުރުހިތްވަރު ލިބިގެންދިޔަ އެތައް މުޖާހިދުންނެއް ތިއްބެވިއެވެ.

ދެންފަހެ، ދަންނާށެވެ! މިހާރު އެމްޑީޕީ އެވަނީ އަލުން އެނބުރި އެޙަރަކާތުގެ އަސްލަށް ރުޖޫޢަ ކުރަން ޖެހިފައެވެ. އެމްޑީޕީތެރެ ދޮވެސާފުކޮށް، ރިފޯމުކުރާނެ ހިތްވަރުހުރި ބަޔަކަށް ބޭނުންވެފައެވެ. ހީވާގިކެރޭ ބަޔަކު ފޫގަޅައިގެން އެޖިހާދަށް ނުކުންނަން ޖެހިފައެވެ. އެމްޑީޕީ މެންބަރުންގެ ވޯޓުން އިންތިޚާބު ވެގެން ތިއްބެވި، ހަމައެކަނި ދެބޭފުޅުން ކަމުގައިވާ ޑޮކްޓަރ އިބްރާހީމް ދީދީ އާއި ރައްޔިތުން މަޖިލީހުގެ މެންބަރު އަލްޙާން ފަހުމީ މިކަމުގެ މަސްއޫލިއްޔަތާއި ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. ކެރިވަޑައި ގަންނަވަން ވީއެވެ. އިޚްލާޞްތެރި ވެލައްވަންވީއެވެ. އެމްޑީޕީ އޭގެއަސްލަށް ރުޖޫޢަކޮށް ދެއްވާށެވެ. ނުބައި ނުލަފާ ޙަރަކާތްތަކުން ސާފުވެގެންވާ، ނިއޫ އެމްޑީޕީއެއް ރައްޔިތުންނަށް ނެރެ ދަށްކަން ޖެހިއްޖެއެވެ. އާއެމްޑީޕީއެއް ވުޖޫދަށް ގެނެސް އެމްޑީޕީގެ މާތް މަގްސަދުތަކާއި ތާހިރު ނިޔަތްތަކަށް އެނބުރެން ޖެހިއްޖެއެވެ. ރިފޯމްގެ މިމަސައްކަތް ކޮށްދެވޭނީ، އެމްޑީޕީގެ ރައީސް ޑީޑީއާއި ނައިބުރައީސް އަލްޙާންގެ ފަރާތުންކަން ކަށަވަރެވެ. ޖެހި ވަޑައިގަންނަވާނީ، ކުޑަ ހިތްވަރެއް ކޮށްލައްވާށެވެ. ފަނޑުގޮތެއްގައި މިހާރުވެސް ފެންނަމުންދާ މިމަންޒަރު އިތުރަށް ދިރުވާއި އާލާކޮށް އެމްޑީޕީއޭގެ އަސްލު ސިފައިގައި ރައްޔިތުންނަށް ނެރެދީ ހަދިޔާކުރަން ޖެހޭ، ބޭނުންތެރި ވަގުތަކީ މިއަދެވެ. މަގުމަތީގެ ވަޙުޝީ ޙަރަކާތްތައް ހުއްޓާލައި، 2013 ގެރިޔާސީ އިންތިޚާބަށް ރީތިކެންޕޭނެއް ފަށަންޖެހޭވަގުތަކީ މިއަދެވެ. އަވަހަށް ރީތިގޮތުގައި އެކަމަށް ތައްޔާރުވުމަށް އިޚްލާޞް ތެރިކަމާއެކު ގޮވާލަމެވެ. އާންމު މަގުތައްމަތީގައި “ބާލާނަމޭ” “ތަލަބާގީ” “މަތިމަސްބާގީ” އޭގޮވުން ހުއްޓާލާށެވެ.

އޭ! އާއެމްޑީޕީގެ އަހްލުވެރިންނޭވެ! ރައީސް ޑީޑީއެވެ! ނައިބު ރައީސް އަލްޙާނެވެ! ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އިއްޒަތްތެރި މެންބަރުންނޭވެ! ފާޅުގައި މިމަސްއޫލިއްޔަތާއި ޒިންމާ އިސްކުރައްވާށެވެ! އަމަލީ ސިފަގެނެސް ދެއްވާށެވެ! ސިޔާސީ އާފޭރާމެއްގައި މުޖްތަމަޢަށް އެމްޑީޕީ ނެރެދެއްވާށެވެ! ހަމަކަށަވަރުން ތިޔަ ދެބޭފުޅުންނަށް އެކަން ކުރެއްވޭނެކަން ކަށަވަރެވެ. ހަމަޔަގީނެވެ. މިހާރުވެސް ތިޔަ ދައްކަވަމުން ގެންދަވަނީ އެދަތުރު ފެށުމުގެ ރީތި އަލާމާތްތަކެވެ. ފެހިސިގްނަލެވެ. ފަސްޖެހި ވަޑައިނުގަން ނަވާށެވެ. ކުރިޔަށް ވަޑައިގެން ކާމިޔާބު ކުރައްވާށެވެ. ޕާޓީގެ މުސްތަޤްބަލް އުޖާލާ ކުރައްވާށެވެ. 2013 ގެރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމަކައިގެން އޮމާން އަދި ސާފު ކެމްޕޭނެއް ފައްޓަވާށެވެ. އެމްޑީޕީ އަނބުރާ އޭގެ އަސްލަށް ގެނެސް، ރުޖޫޢަކޮށް ދެއްވާށެވެ. ޓެރަރިސްޓް ޖަމާޢަތެއްގެ ސިފަކަނޑުވައި ދެއްވާށެވެ. އިންޤިލާބީ ޙަރަކާތްތަކުން އެއްކިބާކޮށް ދެއްވާށެވެ. ގަދަބާރުން މަގުމަތިން ކަންތައް ކުރުން ހުއްޓާ ލައްވާށެވެ. ކޮރަޕްޓް މީހުންގެ އަތްމަތިން އެމްޑީޕީ ސަލާމަތްކޮށް ދެއްވާށެވެ. މުސްތަޤްބަލަށް ދަތުރުކުރާނެ އާމަގުޗާޓެއް ފަރުމާކޮށް އެކުލަވާ ލައްވާށެވެ. ޤާނޫނު އަސާސީއަށް، އެމްޑީޕީ އެނބުރި ރުޖޫޢަކޮށް ދެއްވާށެވެ. އަވަސް އިންތިޚާބެއްގެ ކުއްލި ވިސްނުމުން އެއްކިބާކޮށް ދެއްވާށެވެ. ޗާޓުންބޭރު އަސްލެއްނެތް އިންތިޚާބެއްގެ ހަޅޭއްފަޅޭއްގައި އަގުހުރި ވަގުތުތައްނަގާ ނުލައްވާށެވެ. ދޮގުތުހުމަތު މަޢުޞޫމް މީހުންގެ ބޮލުގައި ނާޅުވާށެވެ. އޭނާ ތިމަންނަ މަރާލަން އުޅެނީއޭ ނުބުނުއްވާށެވެ! ހުޅަގުގެ ފަރަންޖީންނަށް ތިޔަވާހަކަތައް ގަބޫލުކުރެވޭނީ ވަކި މިންވަރަކަށެވެ. އާދެ! ހުޅަގުން ބޭނުންވާނީ މިޤައުމުގައި ހުރިހާދީނެއްގެ އަޅުކަން ކުރެވޭގޮތަށް ހުރިހާކަމެއް ހުޅުވާލާށެވެ. ފައްޅިއެއް ވީހާއަވަހަށް ގައިމުކުރާށެވެ. އެކިދީންތަކުން އަޅުކަންކުރާ ބުދުތައް އާންމުކޮށް ބަހައްޓާށެވެ. ރިޔާސީ އިންތިޚާބެއްގެ ދަހިވެތި ކަމުގައި މިފަދަ ޙައްސާސީ ދަނޑިވަޅެއްގައި ޤާނޫނު އަސާސީއާ ކުޅުއްވަން ހައްދަވައިފި ނަމަ، ރައްޔިތުންނަށް ވާނީ ގެއްލުމެވެ. އެތައްތަނެއް އަނެއްކާވެސް ފަހަތަށް ޖެހެން ޖެހޭނެއެވެ. ފަހެ، އެއް ވިސްނުމެއްގައި ދިވެހި ޤައުމައިގެން އެންމެން އެކުގައި ކުރިިޔަށްދަމާ ހިންގަވާށެވެ. ﷲގެ ނަޞްރާއި ބަރަކާތް ކަންކަމުގައި އެކުލެވޭނީ އޭރުންނެވެ.

ފަހެ، ދަންނާށެވެ! 7 ފެބްރުއަރީ 2012 ވީއަންގާރަ ދުވަހަކީ، ދިވެހި އަބްތާލުންގެ ދުވަހެވެ. އެދުވަހަކީ، ދިވެހި ތާރީޚުގައި ރަންއަކުރުން ފާހަގަކުރަން ޖެހޭ ދުވަހެކެވެ. ރާއްޖޭގެ އިސްލާހީ ޙަރަކާތަށް ޙަޤީޤީނަޞްރު، ﷲ ދެއްވި ދުވަހެވެ. 2008 ގައި ދިވެހި ރައްޔިތުން ވޯޓުދެއްވި ޙަޤީޤީ ސަރުކާރު ވުޖޫދަށް އައިތަން ފެނިގެންދިޔަ ދުވަހެވެ. ދުވަހުގެ ފުރަތަމަ ސާޢަތުގައި ރައީސް ނަޝީދުގެ ސަރުކާރު ނިމިގެންގޮސް ޤާނޫނު އަސާސީގެ ދަށުން އޭރުހުންނެވި، ނައިބުރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު، ދިވެހި ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސުލް ޖުމްހޫރިއްޔާ ކަމުގެހުވާ ދައުލަތުގެ އަނެއްދެބާރުގެ ކުރިމަތީގައި ހުންނަވައިގެން ކުރެއްވި ހިސާބުން ދިވެހިންގެ އާސަރުކާރެއް އުފަންވީއެވެ. ޤާނޫނު އަސާސީގެ ދަށުން ދުސްތޫރީ އާސަރުކާރެއް ވުޖޫދަށް އައީއެވެ. ޢަދުލް އިންސާފުގެ ބާރު ވެރިޔާއާއި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިޔާ ވަނީ، ރާއްޖޭގެ ދުސްތޫރީ ހަމަތަކުގެ މަތިން މިސަރުކާރު ފުރިހަމަކޮށް ދެއްވާފައެވެ. ޤާނޫނީ ހައިސިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަރުވައި ފިއެވެ. ޑޮކްޓަރ ވަހީދު ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ޢަރުޝީ ޚުޠުބާއިން، ދިވެހި ގައުމާ މުޚާތަބު ކުރައްވައި ފިއެވެ. އަދި އެމަނިކުފާނު އަދާކުރައްވަން ޖެހޭ، ޤާނޫނީ ވާޖިބުތައް ފަސްޖެހުމެއްނެތި ހިތްވަރާއެކު ފުރިހަމައަށް އަދާކުރައްވައި ފިއެވެ. ދިވެހި ދައުލަތުގެ ހުންގާނާ ރަސްމީކޮށް ހަވާލުވެ ވަޑައި ގެންފިއެވެ. ދިވެހި ދިފާޢީބާރުގެ އެންމެމަތީ ވެރިކަމާ ހަވާލުވެ ވަޑައި ގެންފިއެވެ. މުޅި ދިފާޢީބާރާއި މުޅިރައްޔިތުންގެ ތެރެއިން ބޮޑުބައެއްގެ ބައިއަތު ރައީސް ވަހީދަށް އަރުވައި، ޤާނޫނީ ޙައްޤުތައް ދަމަހައްޓާއި ގައުމު ކުރިޔަށް ގެންދިއުމުގެ މަސައްކަތް ވަނީ، އާރޫޙެއްގައި ފައްޓަވާފައެވެ. ބައިނަލް އަޤްވާމީ މުޖްތަމަޢިން ރުހުންދީ ބަލައިގެން ފައެވެ. ރާއްޖެ ދެކެމުން މިދާފަދަ ސިޔާސީގޮތުން އިންތިހާއަށް ހަލަބޮލި މަސްރަޙެއްގައި މިކަމަކީ، އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރައީސް ވަހީދުގެ ހިތްތިރިކަމާއި މަޑުމައިތިރި ކަމާއި ލިބިފައިހުރި ކެތްތެރިކަމުގެ ތަޖްތިބާތައް ގަދަފަދަ ވެފައި ހަމަ މޮޅީއެވެ.

ފަހެ މިއީ، ﷲގެ ކުޅަދުންވަންތަ ކަމެވެ! ﷲގެ ކަރާމާތެކެވެ! ދެވަނައެހެން ބާރެއް ނޫނެވެ. ބައެއްގެ ކުޅަދާނަ ހުނަރުވެރި ކަމުންގެނައި އާވައްތަރެއްގެ އިންގިލާބެއް ނޫންކަން ކަށަވަރެވެ. މިލިޓަރި އިންގިލާބެއް ނޫންކަން ކަށަވަރެވެ. ކުރިޔާލައި ރާވައިގެން ހިންގުނު ކަމެއް ނޫނެވެ. އަދި ބަޔަކު މީހުން އިސްކޮށް ތިބެގެން ހިންގި ބަޣާވާތެއް ނޫންކަން ޔަޤީނެވެ. މުޅި ދުނިޔެއިން އެކަން ގަބޫލުކުރެއެވެ. ކަންހިނގި މައިދާނާ ރައީސް ވަހީދައި އެއްވެސް ގުޅުމެއް ނުހިނގާކަން ކަށަވަރެވެ. ﷲގެ ކުޅަދުންވަންތަ ކަމާއި ﷲގެ ވާގިފުޅާއެކު މިކަން ވުޖޫދަށް މިއައި އަމިއްލަ ރުހުމުން ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅު އިޚްތިޔާރުގައި ހަމަބުއްދީގައި ހުންނަވައިގެން ދެއްވި އިސްތިއުފާއިން ކަންކަށަވަރެވެ. އިސްތިއުފާ ދެއްވި ހިސާބުން އެމްޑީޕީއާއި ކުރީގެ ރައީސް ނަޝީދު، މިހާރުގެ އާސަރުކާރު ހިތުގެއަޑިން ގަބޫލްކުރެއްވީއެވެ. އެކަމާ ދެކޮޅު ހަދާނެ ޖާގައެއް ނުވެއެވެ. ކުރީގެ ވެރިކަން ނިމުނީއެވެ. ޚަތިމުވީއެވެ. އެއީ އަނބުރާ ރުޖޫޢަވެވޭނެ ކަމެއްނޫނެވެ. އޭ! ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ ވަހީދު އެވެ! އޭ! ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ! އޭ! ދިވެހި ދިފާޢީބާރުގެ އެންމެމަތީ ވެރިޔާއެވެ! މަނިކުފާނަށް ދިވެހި ރައްޔިތުންގެ  ލޯތްބާއި މަރްހަބާއެވެ! އަޅުގަނޑުގެ އަމިއްލަ މަރްހަބާއެވެ! އާމީން!

ރައްޔިތުންގެ މަޖިލީހުގެ ތަޅުން، ޓެރަރައިޒްކޮށް، އެމްޑީޕީ މެންބަރުންގެ ބާރުގެ ދަށަށް ގެނައުން.
(ލިޔުނީ: މާޗް 2012 ގައި)

7 ފެބްރުއަރީ 2012 ވީއަނގާރަ ދުވަހު، ދިވެހިންނަށާއި މުޅިދުނިޔެއަށް، ﷲ ދެއްކެވި ކުޅަދުންވަންތަ ކަމުގެތެރެއިން ވުޖޫދަށްއައި ހަމަހިމޭން ސަރުކާރުން އަދާކުރަންޖެހޭ ދުސްތޫރީ ވާޖިބެއް ކަމުގައިވާ ރިޔާސީ ބަޔާން ރައްޔިތުންނަށް އިއްވުމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އެކަން ބޭއްވެވުމަށް އިއުލާނު ކުރެއްވީ، 1 މާޗް 2012 ވީބުރާސްފަތި ދުވަހުގެ، ދިހައެއް ޖަހާއިރަށެވެ. ގާނޫނު އަސާސީގެ، 84 އާއި 83 ވަނަ މާއްދާގެ ދަށުން، މިކަން އޮންނަނީ މިގޮތަށް ހަމަޖެހިފައެވެ. އަދި ގާނޫނު އަސާސީގެ މިދެންނެވި މާއްދާތަކުގެ ދަށުން ހެދިފައިވާ މަޖިލީހުގެ ގަވާއިދުގެ، ހަވަނަ ބާބު، ދައުރާއި ޗުއްޓީގެ، 16 ވަނަ މާއްދާއާއި ދިހަވަނަ ބާބު، ރިޔާސީ ބަޔާންގެ، 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެވި ކަނޑައެޅިފައި އޮންނަގޮތަކީ މިއެވެ.

ފަހެ، ދަންނާށެވެ! މިއީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ، ރައީސުލް ޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައި ގަންނަވާ، ދުސްތޫރީ ވާޖިބެކެވެ. ދިވެހި ބަރުލަމާނީ ހަޔާތުގައި އަދާހަމައަށް ކުރަމުންއައި ގާނޫނީ ވާޖިބެކެވެ. ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގެން، ދިހަ ގަޑިއިރުވަންދެން ކެތްތެރިކަމާ އެކު، އެވާޖިބު ކުރެއްވުމުގެ އިންތިޒާރުގައި އިންނަވަން ޖެހުނެވެ. މަޖިލީހުގެ ރައީސް އަޅުއްވާނެ ފިޔަވަޅެއްގެ އިންތިޒާރުގައެވެ. ކުޅުއްވާނެ ސިޔާސީ ތަމްސީލެއްގެ ފަރުދާކެހެން ދެނެވެ. ހަށިފާރަ ވެރިންނާއެކު ދައުލަތުގެ ރައީސް މަޖިލީހުގެ ކޮޓަރިކޮޅެއްގައި އިންނަވަންޖެހި ވަޑައިގަތީ، އެމްޑީޕީ މެމްބަރުންގެ ޝިކާރައަކަށް ވެގެން، ބިރުވެރި ހާލަތުގައި ވަށައިގެން ޙިޞޯރު ކުރެވިފައިވާ ހާލުގައެވެ. މަޖިލިސް ތެރެއިންނާއި މަގުމަތީގެ ވަކި ސަރަހައްދަކުން ފެށިގެންނެވެ. މަޖިލީހުގެ ތަޅުންވަނީ، އެމްޑީޕީ މެމްބަރުން ބޭނުންވާ ގޮތަށް، ބޭނުންހާ އެއްޗެއް ހެދުމަށް ދޫކޮށް ލެވިފައެވެ. ސެކިއުރިޓީ ގޮތުން މަޖިލީހުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނެތެވެ. އެތަޅުންވަނީ، އެމްޑީޕީ މެމްބަރުންނަށް މިނިވަންކޮށް ދޫކޮށްލާފައެވެ. ކަރާމާތްތެރި އެތަޅުންވަނީ، ހައިވާނު ބަގީޗާއަކަށް ބަދަލުކޮށް ލާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަދުމެމްބަރުން ތަކެއް ވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ހުރަސް އެޅުއްވުމެގެ ގޮތުން މަޖިލީހުގެ ތަޅުމަށް ވަނަނުދެއްވުމަށް ކުރެވެންހުރި ހުރިހާކަމެއް، ކުރަމުން ގެންދިޔައެވެ. ގާނޫނަކަށް ގަވާއިދަކަށް ބަލައިލުމެއް ނެތިއެވެ. އެބޭފުޅުން ތިއްބެވީ އާދަޔާޚިލާފު މަސްތެއްގައެވެ. މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ވެސް މިއީ އެއްވެސް ކަމަކަށް ވެގެން ކަންބޮޑުވާ މަންޒަރެއް ނުފެނެއެވެ. އެމަނިކުފާނު ތިންފަރެއްގެ މަތިން ތަޅުމަށް ވަންނަން ހުންނަ ދޮރުމަތިން ފެނުނުއިރު ހުންނެވީ މަޖާވަރަކަށް ހިނުފުޅު ވޮޑުވިފައެވެ. ޖަހަނީ އެމްޑީޕީއާއެކު ވަންހަނާ ވެގެންވާ ސިއްރު ޑީލެއްގައި ހުންނެވި ހެންނެވެ. މަޖިލީހުގެ މުޅި ތަޅުންވަނީ އެމްޑީޕީ މެމްބަރުންގެ ކޮންޓްރޯލް ދަށަށް ގެނެސްފައެވެ. އަދި ދައުލަތުގެ އެންމެމަތީ ވެރިޔާ، ރައީސް ވަހީދަށް އޭނާގެ ގާނޫނީވާޖިބު އަދާކުރެއްވުމަށް ހުރަސްއަޅަމުން ގެންދިޔައީ ވަރަށް ކެރިގެންނެވެ. ޖާނުންފިދާ ވުމަށް ތައްޔާރަށް ތިބިކަމަށް ގޮވަމުން އަހްދު ކަށަވަރު ކުރަމުންނެވެ. ފުޅަ އައުގުރާނައިގެ އަޑުވެސް އިވެމުން ދިޔައެވެ. މިފަދަ އަޑުތައް އުފުއްލަވަމުން ގެންދެވި މެމްބަރުންނަކީ، ހަމަބުއްދީގައި ތިއްބެވި ބައެއްތޯ ސުވާލު އުފެދޭ ހާލަތުގައެވެ. އެބޭފުޅުން ވަރަށް ފާޅުގައި ޖަރީމާތަކެއް ހިންގަމުން ގެންދިޔައެވެ. މަޖިލީހުގެ ތަކެއްޗަށް ގެންލުން ދެމުން ގެންދިޔައެވެ.

ފުރަތަމައަށް ކުރިކަމަކީ، މަޖިލިސް ކުރާގެއަށް މަގުމަތިން ވަނުމަށް ހުންނަ ބޭރުމައިގޭޓުން، ދައުލަތުގެ ރައީސް ޑޮކްޓަރ ވަހީދު ވަނަނުދެއްވުމަށް ހުރަސް އެޅީއެވެ. ކަރުދާސް ބޯޑުތައް ގެންގުޅެ ހަރުއަޑުން ހަޅޭލަވާއި ގަޔަށް އަތްލަން މަސައްކަތް ކުރީއެވެ. ހަށިފާރަވެރި ހުޝިޔާރު ސިފައިން އިދިކޮޅު މެމްބަރުންގެ މިފާރު ފޫއަޅުވާލީ ވަރަށް ހުނަރުވެރިކޮށް ތަޖުރިބާގެ އުކުޅުތަކުގެ އަލީގައެވެ. މިބުރުގައި ހަށިގަނޑުންފަލަ، މެމްބަރަކު އިދިފުށަށް ބިންމައްޗަށް ވެއްޓުނުތަން ފެނުނެވެ. އަދި ތަޅުމަށް ވެންނެވުމަށް ޚާއްސަ ކުރެވިފައިހުރި ދޮރުން މަޖިލީހުގެ ރައީސް ވެންނެވިޔަ ނުދެއްވައި އެމްޑީޕީ އެމްބަރުން ހުރަސް އެޅުއްވީ، އާދަޔާޚިލާފަށް ހުތުރުކޮށެވެ. މުޑުދާރު އަމަލުތަކުންނެވެ. ހަމަބުއްދި ގެންލިފައިވާ ޖަންގަލީ ރާމާމަކުނު ތަކެއް ހެންނެވެ. ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު އަމަލު ތަކުންނެވެ. ހުތުރު ބަސްތައްގޮވާ ހަޅޭލަވާ ހައްދަވަމުންނެވެ. ބިރުދައްކާއި މާރާމާރީގެ ހަރަކާތްތަކެއް ހިންގަވަމުންނެވެ. ބިރުދެއްކުމާއި ޓެރަރިސްޓް ހަރަކާތް ތަކުންނެވެ. މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރެއްވުމަށް ސީދާ ހަރަކާތުން ހުރަސް އަޅަމުން ގެންދިޔަ މަންޒަރު މުޅިދުނިޔެ ދުށެވެ. އެކަކު އަނެކަކަށް ހަޑިކޮށް ގަޔަށްއަތްލާއި ކޮށްޕާއި ގަޅުވަމުން ގެންދެވިތަން ފެނުނެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހެއްގެ ތަޅުމުގައި ކޮށްފައިވާ އަމަލެއް ނޫނެވެ. މަޖިލީހުގެ ރަސްމީ ވާޖިބުތައް އަދާކުރެއްވުމަށް، މަޖިލީހުގެ ރައީސް ދުވަހުގެ ރަސްމީ ޖަލްސާ ފެއްޓެވުމަށް މަޖިލީހަށް ވެންނެވުމަށް ހުންނަ ބޮޑުދޮރު ބަންދުކޮށް މަޖިލީހަށް ނުވެންނެވޭ ގޮތަށް ހުރަސްއެޅުއް ވިއެވެ. ދައުލަތުގެ ރައީސް އިންނަވަން، ޚާއްސަ ކުރެވިފައިހުރި ގޮނޑިކޮޅު ހުރިތަނުން ނަގައިގެން ގެންގޮސް ދޮރުމަތީގައި ބަހައްޓައިގެން އެގޮނޑީގައި އެކިމަންޒަރުތައް އެކިމެމްބަރުން ތަމްސީލުކުރައް ވަމުން ގެންދެވިއެވެ. މިއީ އިހްތިޖާޖު ކުރުމުގެ ބޮޑުވަރެވެ. އިންތިހާއަށް ހައްދުފަހަނަ އަޅާދިއުމެވެ.

ފަހެ، ދަންނާށެވެ! ދުނިޔޭގެ ބައެއް ބަރްލަމާނު ތަކުގައި ތަހުޒީބުގެ ހަމަތަކުގެމަތިން ހަޅުތާލުކޮށް އިހްތިޖާޖުކޮށް އުޅެއެވެ. ޕްރޮޓެސްޓްކޮށް އުޅެއެވެ. ޒަމާނީ ޑިމޮކްރަސީގައި އެއީކުރަން ޖެހޭކަމެކެވެ. ގާނޫނުތަކުގައި މީރުރަހަލައި ފައްކާވުމަށް ބޭނުންތެރި ތައުސީރެކެވެ. އެބައެއްގެ ހައްގުތައް ލިބިގަތުމަށް ފާޅުކުރަން ޖެހޭ ޝުޢޫރެކެވެ. ރާއްޖޭގައިވެސް މީގެކުރިން މިފަދަ ހޫނު އިހްތިޖާޖުތައް ވަނީ ކޮށްފައެވެ. އަޅުގަނޑަކީ އޭގެނަމޫނާއެއް މަޖިލީހުގެ ތަޅުމުގައި އަމަލުންނާއި ހަރަކާތުން ދެއްކި މީހެކެވެ. އިހްތިޖާޖު ކުރުމުގެ ގޮތުން، އަރައިގެންއިން ބޫޓުބާލާ މޭޒުމަތީގައި ބަހައްޓާފައި ހިނދުކޮޅަކަށް ތަޅުންދޫކޮށް ބޭރަށް ނުކުންނަން ޖެހުނެވެ. އެހެން އިހްތިޖާޖެއްގެ ތެރޭގައި މޭޒުމަތީގައި ހުރެގެން ތަޅުމުގައި ދައްކަންޖެހޭ ރަސްމީ ވާހަކަތައް މަޖިލީހުގެ ރައީސަށް ހަރުއަޑުން އިއްވަން ޖެހުނެވެ.

ފަހެ، މަޖިލީހުގެ ތަޅުމުގައި ރިޔާސަތުން އިއްވަވާ، ވާހަކަފުޅުތަކަށާއި މެމްބަރުންގެ ބައެއް ތަގްރީރުތައް އިއްވަވަމުން ގެންދަވާއިރު އިހްތިޖާކޮށް ބެނާތައް ހިއްލާއި އަޑުއުފުލުމަކީ ތަހުޒީބު މުޖްތަމަޢުތަކުގައި ވެސް ކުރަމުން ގެންދާކަމެކެވެ. ބައެއް މުޖްތަމަޢުތަކުން ބަލައިގަންނަ ކަންތަކެވެ. ހަމަކަށަވަރުން އެއީ ތަހުޒީބު ގޮތަށް އިހްތިޖާޖު ކުރުމެވެ. އެހެނަސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން، ރާއްޖޭގައި ފެނިގެން މިދިޔައީ ވަރަށް ދަށުދަރަޖައިގެ ނާތަހްޒީބު ޖަންގަލީ، ވަލުތެރޭގެ އަމަލު ތަކެވެ. ހަމަބުއްދި ގެއްލިފައިވާ ބައެއްގެ މަންޒަރުތަކެވެ. ކަނޑާފައިހުރި ފެންފުޅިތަކެއް އެމީހުންގެ ތެރޭގައި ބަހާއި އެބޮއިހެދިއެވެ. ޝައްކުކުރެވޭ ގޮތުގައި މާމީރު ރަހައެއްލާ ފެނަކަށްވުން ގާތެވެ. ހަމަބުއްދި ނެތިވާހާލުގައި ނައްޓަވާއި މޮޔަމޮހެދޭގެ ގަދީމީ ތަމްސީލުތައް ކުޅުއްވައި އިއާދަ ކުރައްވާ މަންޒަރު ފެނުނެވެ. މަޖިލީހުގެ ދޮރުން ރައީސް ވަނުނަނުދެއްވައި ހިފޭއްޓުމާއި ތަޅުމުގައި ވަޒީރުންނަށާއި ޚާއްސަ މެހްމާނުންނަށް އިންތިޒާމު ކުރެވިގެން ތަރުތީބު ކުރެވިފައިހުރި ގޮނޑިމޭޒުތައް ދަމާއި އުކާއި ތަޅުމުން ބޭރުކޮށް މައިކްތަކުގައި ފައިންތަޅާ ހެދުމަކީ ތަހުޒީބު ގޮތުގައި އިހްތިޖާކުރުމެއް ނޫނެވެ. ގައުމީދިދަޔާއި ރައީސުލް ޖުމްހޫރިއްޔާގެ ދިދަކޮޅުހުރި ދަނޑި ބިންދާލާއި ވައްޓާލާއި ދިދަތައް ވީދާލުމަކީ ޖާހިލު ކަމުގެ ތެރެއިންވާ ބުރަސޫރައިގެ ނަޖިސް އަމަލެކެވެ. ހިނދުކޮޅަކަށް ހަމަބުއްދިފިލައި ގޮސްފައި ވުމުގެ އަލާމަތެކެވެ. މިއީ ތަރައްގީވެފައިވާ ދުނިޔޭގެ ތަހްޒިބާޚިލާފު ކަމެކެވެ. މިމަންޒަރު ބައްލަވަން ދުނިޔޭގެ ޕާލަމަންޓްރީ ޔޫނިއަނުން ފޮނުއްވި ބޭފުޅުން ތިއްބެވިއެވެ. ބޭރުގެ ވަފުދުތައް ތިއްބެވިއެވެ. އެކިގައުމު ތަކުގެ އެމްބެސެޑަރުން ތިއްބެވިއެވެ. މިއީ އެމްޑީޕީއާއި އެއަމަލުތައް ކުރެއްވި މެންބަރުންގެ ގަދަރާއި އަގުވެއްޓުންކަން ކަށަވަރެވެ. ހަމަބުއްދީގައި ތިއްބަވައިގެން ނުކުރައްވާނެ އެތައްކަމެއް ކުރައްވަމުން ގެންދަވާތަން ބައެއް މެމްބަރުންގެ ފަރާތުން ތަކުރާރުކޮށް ފެނިގެން ދިޔައެވެ. އިއާދަ ވަމުން ނިއުޅެމުން ދިޔައެވެ. އަމިއްލަ ފުޅަށް ތުރުކުރައްވަގެން ހުންނެވި ކޯޓުކޮޅު، ގަޔާފޭކޮށް ދައްކަވާފައި އެކޯޓުކޮޅުގެ ގެމޮޅުކަން ގޮވާހެއްދެވިއެވެ. އެތައްފަހަރަކު ހަތިޔާރު އުކުޅަށް ލުމަށް ގޮވިއެވެ. މިއީ ރައްޔިތުންގެ ބާރުތައް ތަންސީލުކުރާ އެފަދަ ކަރާމާތްތެރި ތަނެއްގައި ހަމަޖެހޭ އިންސާނަކު ހަމަބުއްދީގައި ހުރެގެން ކުރާނެކަމެއް ނޫނެވެ. މިފަދަ ޖާހިލީ ކަންތައް މަޖިލިސް ކުރާގޭތެރޭ ކުރެވުނުއިރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފައުޖުގެ ބޭކަލުން ހަމަހިމޭން ކަންމަތީގައި ބަލަން ތިބުމަކީ، މަޖިލީހުގެ އަމީނުލްއާންމު ނަންގަވަންޖެހޭ ޒިންމާތައް ނަންގަވާއި ސެކިއުރިޓީންނައް އަންގަވަންޖެހޭ މުހިންމު އެންގެވުންތައް މަޖިލީހުގެ ރައީސްގެ އިޒުނައާއެކު އަދާކުރައްވާ ފައިނެތް ކަމުގެ ދަލީލެކެވެ. ފާޅުވެގެންވާ ހެއްކެކެވެ.

ފަހެ، ދަންނާށެވެ! ދިހަގަޑި އިރުވަންދެން ދުސްތޫރީ މިރަސްމިއްޔާތު މަދުބައެއްގެ ނުލަފާ ރޭވުމުން ލަސް ކުރުވުމަކުން ވެރިކަމުގެ ބާރަށް ލިބުނު އެއްވެސް އުނިކަމެއް، އަދި ރައީސުލް ޖުމްހޫރިއްޔާއަށް ލިބުނު އެއްވެސް ގެއްލުމެއް ފެންނާކަށް ނެތެވެ. ދިރާސާ ކުރިވަރަކަށް ކާމިޔާބު ބޮޑުކޮށް ފެންނަނީ ސަރުކާރު އަޔަށެވެ. ހަމަބާރަށް ކުރިޔަށް ގެންދަންވީއެވެ. މަޖިލިސް ބޭއްވިޔަސް ނުބޭއްވިޔަސް ސަރުކާރު ކުރިޔަށް ގެންދެވޭނެއެވެ. އަދި ގެންދަވާނެއެވެ. އެއްބައި ވަންތަކަން ދެއްކޭނެއެވެ. އަދި ދައްކަވާނެއެވެ. މިހާރުގެ ރައީސް ޑޮކްޓަރ ވަހީދަކީ، ނަފްސާނީގޮތުން ބަލިކޮށް ލެވޭވަރަށް ވުރެ ކެތްތެރިކަން ގަދަ ޙިލްމުވެރި ސިޔާސީ ލީޑަރެކެވެ. ސިޔާސީ ކަންކަމާ ކުރިމަތި ލައްވަންކެރި ވަޑައިގަންނަވާ ހިތްވަރުހުރި ގާޢިދެކެވެ. ލެބްނާނާއި އަފްޣާނިސްތާނުން ކެތްތެރިކަމުގެ އެތައް ފިލާވަޅެއްވަނީ އެމަނިކުފާނު އަމަލީގޮތުން ތަޖްރިބާ ކުރައްވާފައެވެ. މަޖިލީހުގެ ތަޅުމުންނާއި ބޭރުން އިއްވަމުން ގެންދިޔަ އަޑުތަކުންނާއި އަދި ކުރިމަތީގައި އެމްޑީޕީގެ އެކިއެކި މެމްބަރުން ދައްކަމަމުން ގެންދިޔަ ވަޙްޝީމަންޒަރު ތަކަކީ އެމަނިކުފާނަށް އެއްވެސް އަސަރެއް ކުރުވިކަމެއް ނޫނެވެ. އަދި ކުރާނެކަމެއް ނޫނެވެ. ބައެއް އިންސާނުންނަކީ، ނަފްސާނީ ގޮތުންކުޅެވޭނެ ބައެއް ނޫނެވެ. ލޮޅުން އަރުވާލެވޭނެ ސިކުނޑިތަކެއް ނޫނެވެ. މިފަދަ އިންސާނުން ކުރިމަތީގައި އެފަދަ ރޭވުންތައް ދާނީ ފެއިލްވެ، ފަޞީޙަތް ވަމުންނެވެ. ވިއްސިވިހާލިވެ ރޫޅެމުންނެވެ. މަޑުމަޑުން އިނދަޖެހި ނެތިގެއްލެ މުންނެވެ.

ފަހެ، ދަންނާށެވެ! “ހަމަ ކަށަވަރުން، ﷲ ވޮޑިގެންވަނީ ތަޤްވާވެރި މީހުންނާ އެކުގައެވެ. އަދި ހެއުކޮށް ކަންތައްކުރާ މީހުންނާ އެކުގައެވެ.” “އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައި މީހުން އެހީތެރިކަން ލިބިގަންނާށެވެ! ހަމަ ކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ.” ހަމަ ކަށަވަރުން، 7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ދިވެހި އަބްޠާލުންގެ ދުވަހެވެ. ސަރުކާރުން މިދުވަސް ފާހަކަ ކުރެއްވުމަކީ، ދިވެހި ރައްޔިތުންގެ އެދުމެކެވެ! އާމީން!

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުން.
ފަސްވަނަ ފަހަރުގެ ޖަލުހަދާން ފެށުމަށް، އަޅުގަނޑު ގަސްދުކުރަނީ ކުޑަމުޤައްދިމާއަކާ އެކުގައެވެ. މިއީ، 4 ވަނަ ފަހަރާއި، 5 ވަނަ ފަހަރާދެމެދު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ ފާހަގަ ކޮށްލެވޭ ބޮޑެތި ބަދަލުތަކެވެ. 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާއަށް ފަހު، ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް ކުރިޔަށް ގެންދެވުނީ ރާއްޖެއިން ބޭރުގައި މަރްކަޒު ކުރެވިގެންނެވެ. އެމަސައްކަތް ކުރާނެ މަރްކަޒީ އިދާރާތަކެއް ގައިމު ކުރެވިގެންނެވެ. ސްރީލަންކާއާއި އިނގިރޭސި ވިލާތުގައެވެ. އެމެރިކާގައާއި ސްވިޓްޒަލޭންޑްގެ ބާސްލޭގައި ވެސް މަސައްކަތް ކުރެވުނެވެ. ބޭރުދުނިޔޭގެ ތާއީދާއި އެހީތައް ލިބިގެންނެވެ. ޚާއްސަކޮށް އިނގިރޭސިންގެ ފުރިހަމަ ޙިމާޔަތް ލިބިފައި އޮވެގެންނެވެ.

އާދެ! 1994 އޯގަސްޓް 19 ގައި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އާއި، 2001 މާޗް 19 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެނަމުގައި ފޯމްތައް ފުރިހަމަކޮށް ބޭނުންވާ ހުރިހާ ލިޔުންތަކާއެކު މިނިސްޓްރި އޮފް ހޯމްއެފެއާޒަށް ރަޖިސްޓްރިކޮށް ދިނުމަށް އެދި ހުށަހެޅުނެވެ. އެހެނަސް މިދެފަހަރު ވެސްވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައެވެ. މަލްޓިޕާޓީ ސިޔާސަތުގައި، ސަރުކާރުންޖެހީ ކޮޅުފައިންނެވެ. ޕީޑީޕީއަކީ ކެނެރީގޭ މުހަންމަދު ނަޝީދު، އަންނިއާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި އަޅުގަނޑާ، 3 މީހުންވެގެން ސައްލާކޮށްފައި، ދިވެހިގާނޫނު ތަންދޭ އެންމެފުޅާ ދާއިރާއެއްގައި ދިވެހިވެރިކަމުގެ ފަނޯއްލަ ކުރިއެރުވުމުގެ ގޮތުން އެވެރިކަމުގެ ކަންކަމާ، ބިނާކުރަނިވި ގޮތުގައިބެހި ފާޑުކިޔާހެދުން، މިމަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެކެވެ. ކުރިން މިޕާޓީއަށް އަޅުގަނޑުމެން ކިޔަންއުޅުނު ނަމަކީ، “މީހުން ކުރިއެރުވުމުގެ ހަރަކާތް” މިހެންނެވެ. އިދާރާއަކީ، ގ.ކެނެރީގެ މާލެ އެވެ. އެމްޑީޕީއަކީ، 42 ބޭފުޅުންގެ ސޮއިކޮށްފައި، ދިވެހި ރައްޔިތުން ތެރޭގައި ސިޔާސީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން، މިމަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެކެވެ. އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ މުހަންމަދު މުނައްވަރު އަރިހުން، ރައީސް މައުމޫނު ހޯއްދެވި ނުލަފާ، ލަފާފުޅެއްގެ މަތިން މިފަހަރުވެސް ހުއްދައެއް ނުދެއްވިއެވެ. މަލްޓިޕާޓީ ނިޒާމުގެ ކުރިމަރާ ލެއްވީއެވެ. އެކަމުގައި އިސްކޮށް އުޅުއްވި މީހުންނަށް ސިޔާސީގޮތުން ގޯނާކޮށް ދުއްތުރާތަކާއި އުނދަގޫތައް ކުރިމަތިކުރިއެވެ. އެހެނަސް ސިޔާސީޕާޓީއެއް އުފެއްދުމުގެ މަސައްކަތާއި އިސްލާހީ ހަރަކާތުގެ މަސައްކަތް މެދުކެނޑުމެއްނެތި ހިތްވަރުގަދަ، ގ.ކެނެރީގެ، މުހަންމަދު ނަޝީދު (އަންނި) ގެޤިޔާދަތުގެ ދަށުގައި ކުރިޔަށް ގެންދެވުނީ، ވަރުގަދަ ސިޔާސީ ހަރަކާތެއްގެ ގޮތުގައެވެ. ސިޔާސީ ފިކުރެއްގެ ގޮތުގައެވެ. އަމާޒެއް ކަނޑައެޅި ގެންނެވެ. އަދި އެހަރަކާތްތައް ރާވާއި ހިންގުމަށް އިދާރީ މަރްކަޒުތަކެއް ސްރީލަންކާގައި ގައިމުކުރެވުނެވެ. އަންނިއާއި ގޯގޯލަޠީފާ ގުޅިގެން، ވަރަށްފޯރިއާއި ޖޯޝާއެކުގަ ގިނަގުނަ ސިޔާސީ މަސައްކަތްތަކެއް ރާއްޖޭން ބޭރުގައި ހިންގުނެވެ. އަދި، 2004 ވަނަ އަހަރު، ކ.މާފުށީ ޖަލުގައި ގައިދީއަކު މަރާލުމާއި ޖަލުގައި ސިފައިން ބަޑިޖެހުމުގެ “ކަޅުހުކުރު” ޙާދިޘާއާ ގުޅިގެން ރިފޯމް މަސައްކަތްތައް އިހުނަށްވުރެ ވަރުގަދައަށް ބޭރުގެއެކި ޖަމާޢަތްތަކާ ގުޅިގެން ބާރުސްޕީޑެއްގައި ކުރަންފެށުނެވެ. ސިޔާސީ މަސައްކަތްތައް މެކުހަށްޖެހުނެވެ. ރާއްޖޭން ބޭރުގައާއި ރާއްޖޭގައެވެ. އިތުރު ބޭފުޅުން މިހަރަކާތާ ގުޅިވަޑައިގަތެވެ. މިމަރްހަލާގެ މޭސްތިރިއަކީ އަންނިއެވެ. އަދި އޭނާގެ ހިތްވަރުގަދަ އަޒުމާއި ކެރުމެވެ. އޭނާގެ ހިތްވަރުން ހިތްވަރުލިބި، އެތައްކަމެއް އަޅުގަނޑުމެން ރާވާއި ތަންފީޒުކޮށްފައި ވާނެއެވެ. މިހަރަކާތް ކާމިޔާބު ވުމުގެ ސިއްރަކީ އޭނާގެ ކެރުމާއި އިސްނެގުމެވެ. ރައީސް މައުމޫނުގެ ސަރުކާރުން ރާއްޖޭގައި ސިޔާސީޕާޓީ ހިންގަން ޖާގަނުދިނުމުން ދެން، އަޅަންޖެހޭ އެންމެފަހުގެ ފިޔަވަޅު އެޅުމަށް މަޖްބޫރުވީއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަށް ބޭރުދުނިޔޭގެ އެހީ ސީދާގޮތުގައި ހޯދަންޖެހުނު ސަބަބީ މިއެވެ.

އާދެ! ރާއްޖެއިން ބޭރަށް އަރުވާލެއްވި ތިއްބަވައިގެން، ރާއްޖޭން ބޭރުގައި އެމްޑީޕީ އުފައްދާއި މުޅިދުނިޔެއަށް އެކަން އިއުލާނު ކުރެއްވީ ވަރަށްކެރިގެން ތިބެއެވެ. ކުރިމަތިވާނެ ކަންތައްތައް ދެނެތިބެއެވެ. އަދިި، ދިވެހި ސަރުކާރަށް ފާޅުގައި ފާޑުކިޔުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފެއްޓެވީ އެއްވެސް ކަހަލަ ޖެހިލުމެއް، ބިރެއް ނެތިއެވެ. އަމިއްލައަށް އަރުވާލެވިގެން ސްރީލަންކާގައި ގައިމުވެ ތިއްބެވި ބޭފުޅުންނަކީ، މ.ޗާންދަނީވިލާ މުހަންމަދު ލަޠީފް (ގޯގޯ) އާއި ގ.ކެނެރީގޭ މުހަންމދު ނަޝީދު (އަންނި) އާއި ގ.ޕްލެޒެންޓްވޭވްސް އަހްމަދު މަޢުޞޫމާއި ގ.ފިތުރޯނުވިލާ އަހްމަދު އަލީ ނަސީރެ (ބޮނދު) އެވެ. އަދި އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވީ، މ.މާފުށީގޭ އަހްމަދު ޝަފީޤު އިބްރާހީމް މޫސާ (ކުޑަސައްޕެ) އެވެ. އަދި ސަރުކާރުގެ ސިޔާސީ ދުއްތުރާތަކާހެދި، އަމިއްލައަށް ބޭރަށް ވަޑައިގެން ހުންނެވި، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އަމިއްލައަކަށް ޖަލުން ފިލައިގެން، އދ.ގެ ރެފިއުޖީންނާބެހޭ ޖަމާޢަތުން ހިމާޔަތް ހޯއްދަވައިގެން ސްވިޓްޒަލޭންޑްގައި ހުންނެވި، ސަންދާނު އިބްރާހީމް ލުތްފީއައި މިދެބޭފުޅުންގެ އެއްބާރުލެއްވުން، މިމަސައްކަތުގައި މެދުކެނޑުމެއްނެތި ލިބެމުން ދިޔައެވެ. ޑޮކްޓަރ ވަހީދަކީ އދ.ގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކަށްވާތީ އޭނާގެ މަސައްކަތްތައް ބިނާކުރެއްވީ، ބޭރުފުށަށް ނޭންގޭގޮތަށް ލަފާދިނުމާއި އެތެރެއިން ކުރެވެންހުރި އަންޑަރގްރައުންޑް މަސައްކަތްތައް ރާވާއިދީ މިހަރަކާތަށް މަގުފަހިކޮށް ދެއްވުމުގެ މައްޗަށެވެ.

އެމްޑީޕީ ދުނިޔޭގެ ޖައްވަށް ނޭވާލުން:

ރާއްޖޭގައި ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރެވޭގޮތް ރަސްމީ ސިފައެއްގައި ނުވުމުން، ދުނިޔޭގެ އެހެންގައުމު ތަކުގައި އެކަންކުރާ ބީދައިން، ރާއްޖޭން ބޭރުގައި ރާއްޖޭގެ ރަށްތަކުގައި ހަރަކާތްތެރިވާނެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އުޅުއްވި ބޭފުޅުންނަށް އެކަން ކުރުމަށް މަޖްބޫރުވީހިނދު އެކަން އިއުލާނު ކުރެއްވީ، 2003 ނޮވެމްބަރ 10 ވީހޯމަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮންބޯގައެވެ. ބައިނަލް އަޤްވާމީ ނޫސްވެރިންގެ ކުރިމަތީގައެވެ. މިހުރިހާ މަސައްކަތެއްގެ ހުނަރުވެރު މޭސްތިރި ވިސްނުންތެރިއަކީ، ފަހަތް ބެއްލެވެވުމަށް ބޭނުންފުޅުނުވާ އިސްނަންގަވަން ކެރޭ، އަންނިއެވެ. އޭނާގެ ސިޔާސީ ވިސްނުމާއި ޙިކްމަތްތެރި ބުއްދިއެއެވެ. ފަހެ، މިހުރިހާ ކަމެއް ރޭވުނީ އޭނާގެ ސިޔާސީ ފުކުރުންނެވެ. އާދެ! ރާއްޖޭން ބޭރުގައި “އަރުވާލެވިފައިވާ ޝަޚްޞެއް” ގެގޮތުގައި އެމްޑީޕީ ހިންގުމުގެ މަސައްކަތްތައް ރަސްމީކޮށް ފެށުނެވެ. ބައިނަލް އަޤްވާމީ ފަރާތްތަކާއެކު ސީދާ މަޝަވަރާތައް ފެށުނެވެ. ޕާޓީގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ގައިމުކޮށް ދުވަހުންދުވަހަށް އެންމެ އެތެރޭގެ ޚަބަރުތައް އަޕްޑޭޓް ކުރަން ފެށުނެވެ. މިސައިޓް ލަންކާއިން ކުރިޔަށް ގެންދެވުނެވެ. އަދި އިނގިރޭސި ވިލާތުގައި، ކުޑަސައްޕެގެ ބެއްލެވުމުގެ ދަށުން، ދިވެހި އޮބްޒާވަރުގެ ނަމުގައި ވެބްސައިޓެއް ގައިމުކޮށް، ޕާޓީގެ ޚަބަރުތަކާއި ރާއްޖެތެރޭގެ ޚަބަރުތަކާއި ޕާޓީގެ ޕޮލިސީތަކާއި ސިޔާސަތުތައް ހާމަކޮށް ދިނުމުގެ މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ކުރިޔަށް ދާން ފަށައިފިއެވެ. އަދި އޮސްޓްރޭލިޔާއިން، މޯލްޑިވްސް ކަލްޗަރ ޑޮޓްކޮމްގެ ނަމުގައި މިޚަބަރުތައް ފަތުރައި ދެއްވަމުން ދިވެހިއަންހެން ދަރިޔަކު އޭނާގެ ފިރިމީހާގެ އެހީތެރިކަމާއެކު ގެންދެވިއެވެ. މާލެއިން ބަރާބަރަށް ކުޑަސައްޕެއަށް ޚަބަރުތައް ފޮނުވާނެ ބޭފުޅުން އަމިއްލައަށް އުފެދިއްޖެއެވެ. ފޮޓޯތަކާއި މުހިންމު ޚަބަރުތައް ފޮނުވުމުގައި އެންމެ އިސްރޯލެއް ކުޅުއްވީ، ސިލްވަރސީން އަލީވަހީދު ހަސަން މަނިކާއި އޭނާގެ އަނބިކަނބަލުން އިރާޝާއަހްމަދެވެ. ކުރިނބީ މުހަންމަދު ވަހީދަކީވެސް ދިވެހި އޮބްޒާވަރުގެ މުހިންމު ލިޔުން ތެރިއެކެވެ. އޭނާއަކީ ކުޑަސައްޕެއާއެކު ކުވައިތަށް ކިޔަވަން ވަޑައިގެންނެވި ބޭފުޅަކަށްވާތީ ކުޑަސައްޕެއާއެކު މަސައްކަތް ކުރިޔަށް ގެންދެވީ އިތުބާރާއި ޔަގީންކަމާ އެކުގައެވެ. އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މިދެމީހުންނަށް ޚަބަރުތައް ދޭބައިވަރު ކޮޅުތައް ރޭވި ހަމަޖެހިފައި ހުއްޓެވެ. އަދި ވަކިމީހެއް ނޭނގޭގޮތަށް ޚަބަރާއި ފޮޓޯ، އަދި ބައެއް ސިއްރުލިޔުންތައް ފޮނުވައިދޭ ފަރާތްތައް އަމިއްލައަށް އުފެދިފައި ތިއްބެވެ. މިއިން އެނގޭ އެއްޗަކީ، އިސްލާހީ ކަންކަމުގައި އިސްނަގަން ކެރޭލީޑަރުން ތައްޔާރަށް ތިބިއްޔާ، ސިޔާސީކަންކަން ރާވައިގެން ކުރިޔަށް ގެންދެވޭނެކަމެވެ. ބޭނުންވަނީ އިސްނެގުމާއި ކެރުންކަމެވެ.

އާދެ! ޕާޓީގެ “ޚަބަރު ސިޓީތައް” ޗާޕްކޮށްގެން މާލޭގައިތިބި، އަޅުގަނޑުމެން ކަހަލަ އިސްލާހީ ހަރަކާތް ތެރިންނަށް ބަރާބަރަށް ލިބެންފަށައި ފިއެވެ. އަޅުގަނޑު މެންނާ ލަންކާއޮފީހައި ގުޅުވައިދޭ އިސް މީހަކީ، މއ.ކޮށީގޭ އަބްދުﷲ ސަޢީދު (ކެޕްޓަން) އެވެ. އަދި އިދާރީ ކަންކަމުގައި އަޅުގަނޑު މެންނާގުޅޭ އިސްފަރާތަކީ، ގ.ކެނެރީގޭ އަހްމަދުނާޒިމް (އަންނިކޮއްކޮ) އެވެ. ވަރަށް އަވަހަށް ރަފްކޮށް ކުއްލި، އަސާސީ ގަވާޢިދެއް އެކުލަވާ ލެވިއްޖެއެވެ. ނާޒިމުއަތުގައި މީގެކޮޕީއެއް އޮންނާނެއެވެ. އެގަވާޢިދުގެ ދަށުން ހިންގާކޮމެޓީއެއް އިހުޒަމާނުގެ ގޮތުންނަމަ، ވަލީކޮމެޓީ (ނެޝަނަލް ކައުންސިލް) އެއް އެކުލަވާލުމުގެ މަސައްކަތް ކެޕްޓަން އިސްކޮށް ހުންނަވައިގެން ފެށުނެވެ. މިކަން ނިމިގެން ދިޔައީ ވަރަށް ސާފުކޮށް، އަޑިއެނގޭގޮތަށް ބޭރުދުނިޔެއިން ގަބޫލްކުރާ ފެންވަރުގައެވެ. އިންޓަރނެޓް މެދުވެރިކޮށް ވޯޓުލައިގެން އިސްލާހީ ހަރަކާތުގައި ފާޅުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އޭރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އަނގަބަހުން އެއްބަސްވެފައި ތިއްބެވި މެންބަރުންގެ މެދުގައެވެ. މިހީހުންގެ މެދުގައި އީމެއިލް މެދުވެރިކޮށް، ބަރާބަރަށް ގުޅުން ހިނގަމުން ދިޔައެވެ. އަދި އަނގަބަހުން މެސެޖްތައް ބަރާބަރަށް ބަހާލާހަދައެވެ. 2004 ފެބްރުއަރީ 10 ގެނިޔަލަށް އީމެއިލް ފޮނުވައިގެން، ވަލީކޮމެޓީއަށް ކުރިމަތި ލެއްވުމުގެ ދޮރުހުޅުވާ ލެވުނެވެ. މިހުޅުވާލެވުނު ފުރުސަތުގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ތިއްބެވި މިހަރަކާތުގެ ބައިވެރިންގެ ތެރެއިން، 25 މެމްބަރަކު ކުރިމަތި ލެއްވިއެވެ. އީމެއިލްގެ ޒަރީޢާއިން މިވޯޓުލުން ބޭއްވުނީ، 2004 ފެބްރުއަރީ 13 ވީހުކުރު ދުވަހުއެވެ. މިކަންތައް ރޭވިފައިއޮތީ އެރޭ، 12 ގެކުރިން ވޯޓުލައި ނިންމާލާގޮތަށެވެ. މިމަސައްކަތްތައް ރާވާއިހިންގާ ބެލެހެއްޓީ، ކެޕްޓަން އަބްދުﷲ ސަޢީދެވެ. އަޅުގަނޑާ ބަރާބަރަށް ގުޅާހެއްދެވީ އޭނާއެވެ. އޭނާއާއި ބޭރުގައި ތިއްބެވި މީހުންނައި، އަދި ބޭރުގައި ހުޅުވާފައިހުރި އޮފީސްތަކާ ބަރާބަރަށް ގުޅުންހިނގައެވެ. މިއިންތިޚާބުގައި އަޅުގަނޑު ބައިވެރިނުވީ ސަރުކާރުތެރޭގައި އިސްކޮށް މީގެތެރެއިން އެކަކު ސަލާމަތުން ހުންނަން ޖެހޭތީއެވެ. އަދި މިވަގުތު އެހާއަވަހަށް އަނެއްކާ، ޖަލަށްދާން ބޭނުން ނުވާތީއެވެ. އެހެނަސް މިއިންތިޚާބުގައި އޭރު ބޭރުގައި ތިއްބެވި، ޖަވާހިރުވާދީގެ ދެކުދިން ކަމުގައިވާ ވިދާދު ވަހީދު ހަސަން އާއި ފިދާ ވަހީދު ހަސަން ލައްވާ ކުރިމަތި ލެއްވީމެވެ. އެކުދިންނަކީ ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ވެފައި، މާލޭގައި ތިއްބެވި ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުން، އެދެކުދިން ރަނގަޅަށް ނުދަންނާތީ، 15 ބޭފުޅުން ތެރޭގައި އެދެމީހުން ހޮވޭގޮތް ނުވީއެވެ. އެހެނަސް، 16 ވަނައަށާއި، 17 ވަނައަށް ގޮސްފައިވަނީ އެދެމީހުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ވަލީކޮމެޓީއަށް ހޮވުނު، 15 ބޭފުޅުން އިއުލާނުކޮށް ދެއްވީ، ކެޕްޓަން ސަޢީދެވެ. ވަލީކޮމެޓީގެ ޖަލްސާތައް މާލޭގެ ސިއްރުތަންތާގައި ބޭއްވުމަށް ފަހު، ޔައުމިއްޔާތައް ލަންކާހެޑް އޮފީހަށް ނާޒިމު މެދުވެރިވެގެން ފޮނުވައިދެއެވެ. ވަލީކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑަކީ، އެމްޑީޕީގެ ރަޖިސްޓްރަރ ޖެނެރަލްކަމާއި ޕާޓީގެ މިމަގާމަކީ، ވަލީކޮމެޓީގައި ހިމެނޭ މަގާމެއްގެ ގޮތުގައި ބައިވެރިވި މީހުންގެ އިއްތިފާގުން ހަމަޖެއްސުނެވެ. މިހާހިސާބުން ސިޔާސީ ޕާޓީއެއްގެ ފުރިހަމަ ހައިސިއްޔަތާއި ގާނޫނީފޭރާމެއްގައި އިސްލާހީ މަސައްކަތް ފެށުނީއެވެ. ބޭރު ދުނިޔެއިން މިކަންތައް ރީތިކޮށް ބަލައި ގެންފިއެވެ. މިކަންތައް ފުރިހަމަ ކުރެވުމުން، ގޯގޯ ލަންކާގައި މަޑުކުރެއްވުމަށް ފަހު، އަންނިއާއި މަޢުޞޫމާއި ބޮނދު އިނގިރޭސި ވިލާތަށް ސިޔާސީ ޙިމާޔަތުގައި އަރުވާލެއްވުނީ، ވަރަށް ފަސޭހަކަމާ އެކުގައެވެ. އެއަށްފަހު، ކުޑަސައްޕެއާ ގުޅިގެން ހަގީގީ މަސައްކަތް ގާނޫނީ ފޭރާމެއްގެ ތެރޭގައި ފެއްޓެވީއެވެ. ފަހެ، އަޅުގަނޑު މެންގެ މިހަރަކާތުގެ ލީޑަރަކީ، ސިޔާސީ ކަންކަމުގައި އިސްނަންގަވަން ކެރިވަޑައިގަންނަވާ، ޖެހިލުންކުޑަ އަންނިއެވެ. އެއީ މައިދާނުގައި ތިބި، އަޅުގަނޑުމެން ފަދަ ސިޔާސީ ހަނގުރާމަ ވެރިންގެ މަޝްވަރާގެ ބަސް ގަބޫލުކުރާ ލީޑަރެކެވެ.

ސަރުކާރުގެ އިސްލާހީ ޕްރޮގްރާމް:

1990 ވަނަ އަހަރު މާލެ ތެރެއަށް ބާރާއެކު ނެރުނު ބިންބިފޯސް މެދުވެރިކޮށް ކުރަންއުޅުނު އެންމެ މުހިންމު ކަންތައް ކާމިޔާބެއް ނުކުރެވުނެވެ. އަދި، 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާގެ ފަހަތުގައި ރޭވުނު ހުރިހާ ރޭވުންތަކެއް ފެއިލްވީއެވެ. އަދި، ޕާޓީސިޔާސަތަށް ޖާގަނުދީ ހިފޭއްޓި ހިފޭއްޓުން، މުށުތެރެއިން ލޫދިގެން ދިޔައީއެވެ. އަދި، 2004 އޯގަސްޓް 12-13 ގެ ކަޅުހުކުރު ޙާދިޘާގެ ބިއްދަށުގައި ރޭވުނު މުޑުދާރު ރޭވުންތައް ވެސް، ބޮއްސުން ލައިގެން ދިޔައީއެވެ. ﷲގެ ހެޔޮރަޙްމަތް ފުޅުން، ރާއްޖޭގައި އުފެދުނު އިސްލާހީ ހަރަކާތް އުޖާލާކޮށް ކުރިޔަށް ދިޔައެވެ. ދެން ފަހެ، ސަރުކާރަށް ޖެހުނީ، އިސްލާހީ އެޖެންޑާއެއް ފަރުމާކޮށް މަގުޗާޓަކާ ދިމާއަށް ދީލާލާށެވެ. ޒުވާން ޝާއްބަ ވަޒީރުންތަކެއް ކެބިނެޓަށް ގެންނެވުމަށް ފަހު، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައީސް މައުމޫނު އިއުލާނު ކުރެއްވިއެވެ. އޯލްޑް ފްރެންޑުން ދުރުކޮށް، ގާތްކުރެއްވި ޒުވާންވަޒީރުން އަމިއްލަފުޅަށް ނިއުމޯލްޑިވްސް އުފައްދާއި އޯޕަން ސޮސައިޓީއެއް ވުޖޫދަށް ގެނެސް، ސިއްރު އަމިއްލަ އެޖެންޑާއެއް ފަތުރަން ފެށީއެވެ. އެހީތެރިކަމާއި ހިމާޔަތް ދެބައިމީހުންވެސް ހޯދަމުންދިޔައީ އިނގިރޭސިންނާއި އެމެރިކާއާއި އީޔޫންނެވެ. ޒުވާން ވަޒީރުންގެ ޗާލާކު ބުއްދީގެ ސަބަބުން ރައީސް މައުމޫނަށް މާބޮޑު އެއްބާރުލުމެއް ނުލިބުނެވެ. އޮތްވަރަށްވުރެ ބޮޑަށް ސަރުކާރު ރޫޅުނީއެވެ. ޒުވާން ވަޒީރުން، ޚާއްސަ މަޖިލީހުގެ ތަޅުމުގައި ސަރުކާރު ދިފާޢުކޮށް ދިނުމުގައި ނުކުޅެދި ފަހަށް ޖެހި މަޑުން ތިއްބެވީ، އިސްލާހީ ހަރަކާތަށް ހިތުތެރެއިން ހަމްދަރުދީ ދެމުންވެ. މަގާމުގެ ނުފޫޒުތައް ފެނުމުން، ވެރިކަމާ ދިމާއަށް އަމިއްލަ ވިސްނުން ފޯރަންފެށީއެވެ. ހުވަފެނީ ޚިޔާލީ ތަޞައްވުރެއް ކުރަހަން ފެށީއެވެ. ހުވަފެނީ ދުނިޔެއެއްގެ ތެރެއަށް ޒުވާން ވަޒީތުންތައް ގެބިއްޖެއެވެ. ރައީސް މައުމޫނަށް ޖެހިވަޑައިގަތީ، އެމަނިކުފާނުގެ ކުރިމަގު އާގޮތަކަށް ބަދަލުކޮށް މިސްރާބު ޖަހާށެވެ. އެގޮތުން އެމަނިކުފާނުގެ އާޚިޔާލު ތަކާއެކު މައިދާނަށް ނުކުންނަވައި ރައްޔިތުންނަށް ދެއްވި ފުރަތަމަ އިސްލާހީ ތަޤްރީރު، 9 ޖޫން 2004 ވީބުދަ ދުވަހުގެރޭގައި އިސްލާމީ މަރުކަޒުގައި ދެއްވިއެވެ. ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް އަޅުއްވަން ބޭނުންފުޅުވާ އިސްލާހީ ފިޔަވަޅުތައް ހާމަކޮށް ދެއްވިއެވެ. އަދި އެންމެން ވެގެން މިކަމަށް އެމީހެއްގެ ވިސްނުމާއި ފިކުރު ތަންދިން ފުޅާމިނެއްގައި ޚިޔާލު ދެއްވުމަށް ގޮވާލެއްވިއެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް މައުމޫނު ހުޅުވާލެއްވި ފުރުސަތު، 30 ޖޫން 2004 ވީބުދައަށް ހަމަވިއިރު، 1996 ސިޓީއާއި، 74 އީމެއިލްއާއި، 15 ފެކްސް ލިބުނުކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަށް ރައީސް މައުމޫނު ހުޅުއްވާލެއްވި މިދޮރާށިންނުކުމެ، 29 ޖޫން 2004 ވީއަންގާރަ ދުވަހުރޭ ފުރަތަމަ ފަހަރަށް، “މިނިވަން ބަހުސް” މިނަމުގައި ޚިޔާލުފާޅު ކުރުމެއް އާންމުކޮށް، ސޯޝަލް ސެންޓަރުގައި އިސްލާހީ ހަރަކާތުން އިންތިޒާމް ކޮށްގެން ބޭއްވުނެވެ. މިއީ ގ.ކެނެރީގޭ އަހްމަދު ނާޒިމް (އަންނިކޮއްކޮ) އިސްކޮށް ހުންނަވައިގެން އޭނާގެ، އޮރިއެންޓަލް އެކަޑަމިކްސް ސެންޓަރުގެ ނަމުގައި އަޅުގަނޑުމެން އިންތިޒާމްކުރި ބައްދަލުމުމެކެވެ. މިއެކަޑަމީގެ ނަމުގައި ޑިކޮކްރަސީއާއި ވެރިކަމާ ބެހޭ ބައެއް ލީފްލެޓްތައް ޝާއިޢު ކޮށްފައި ވާނެއެވެ. ލަންކާގައި ތިއްބެވި މީހުންނާއި އަޅުގަނޑުމެންނާ ދެމެދު ބަރާބަރަށް ސިޔާސީ އިރުޝާދުތައް ބަދަލުކުރެވެމުން ދިޔައެވެ. މިބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު އެއްވުމަކަށެވެ. އިސްލާހީ ހަރަކާތުގެ އެންމެން އެއްތަނެއްގައި ޚިޔާލުފާޅުކޮށް ލެވުނު ރެއަކަށެވެ. މީގެ ދެވަނަ ބައްދަލުވުން، 5 ޖުލައި 2004 ވީހޯމަ ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި ކުރީރެއަށްވުރެ ފުރިހަމަކޮށް އިންތިޒާމް ކުރެވުނެވެ. މިއީ އާންމުކޮށް، ފުރަތަމަ ފަހަރަށް، މިކަހަލަ ޖަލްސާއެއްގައި އާންމުންނަށް ފެންނަގޮތަށް ބޯކަރުދާސް ގަޑެއްގައި ލިޔެގެން، ރައީސް މައުމޫނު ވަގުތުން އިސްތިޢުފާ ދެއްވުމަށް ގޮވާލެވުނު ފަހަރެއެވެ. މިބޯޑް ހިއްލާލުމުގައި ޝައިޚް ފަރީދުގެ ބަހަކާއި ހިއްވަރެއް ލިބުނެވެ. އޭރު ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނަކީ، ފަރީދުގެ ފޮލޯވަރުން ތިއްބެވި ތަނެކެވެ. އެތަނުގެ ވެރިޔާއަކީ މީހުންނަށް ނުފެންނަގޮތަށް ފޮރުވައިގެން، އޭރު ޢަމަލު ކުރަމުން ގެންދިޔަ ގާނޫނު އަސާސީ އަމިއްލަ ޚަރަދުގައި، ގަމީހުޖީބަށް ލެވޭސައިޒަށް ކުޑަކޮށް ލައްވައިގެން، ޗާޕްކޮށް ލޮނުޒިޔާރަތް ކޮޅުގައި އޭގެއެތައް ކޮޕީއެއް ބައްސަވާލެއްވި ބަތޮލެވެ. މިކަން ވެގެން ދިޔައީ ގިނަޒުވާނުން ތަކަކަށް ގާނޫނު އަސާސީއާ މެދު، ލޯހުޅުވިގެން ދިޔަކަމަކަށެވެ. އެކި މާއްދާތަކަށް ފާޅުގައި ބަހުސްކުރެވެން ފެށުނު ކަމަކަށެވެ. މިދެންނެވި ބޯޑު ތައްޔާރުކޮށްދީ ޖަލްސާތެރޭގައި ހިއްލާލާނެ މީހަކަށް ނިންމީ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ އަލްފާޟިލް އަހްމަދު އާދަމް ގެބޭބެ، އަބްދުއްރަޝީދު (އަބުސީ) ލައްވާއެވެ. އެއީ ކެރިގެން ކުރިޔަށް ނުކުންނަން ކެރޭޒުވާނެކެވެ. އެދުވަހު މެންދުރު މިބޯޑު ތައްޔާރު ކުރެވުނުގޮތް ރަނގަޅުތޯ ބަލައި ޗެކްކުރަން ދިޔައީ އަޅުގަނޑެވެ. މިކަންތައް ރޭވުނީ، ޝައިޚްފަރީދުގެ ރުހުމާއި އެއްބާރު ލެއްވުމާ އެކުގައެވެ. ރައީސް މައުމޫނުގެ އިސްތިއުފާއަށް މިބައްދަލުވުމުގައި އެހާފާޅުކަން ބޮޑުކޮށް ގޮވުމާގުޅިގެން މިދެބައްދަލުވުން އިންތިޒާމް ކުރިފަރާތްތަކަށް މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ އިތުރަށް ނުދެއްވާގޮތަށް، 7 ޖުލައި 2004 ވީބުދަ ދުވަހު ހޯމް މިނިސްޓްރީން ދިގުބަޔާނެއް ނެރުއްވިއެވެ. ގާނޫނާއި ގަވާއިދާއިޚިލާފު ކަންތައް މިދެބައްދަލު ވުމުގައި ހިންގާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެނަސް މިހުރަސް ތަކާއެކުވެސް ތިންވަނަ ބައްދަލުވުން، 11 ޖުލައި 2004 ވީއާދީއްތަ ދުވަހުރޭ ދަރުމަވަންތަ ސްކޫލްގައި އިންތިޒާމްކޮށް ބޭއްވުނެވެ. ކުރީބައްދަލު ވުމުގައި ހިނގާދިޔަ ކަންތަކާ ކޯފާވެގެން، ޝައިޚް ފަރީދު މިބައްދަލުވުމަށް ވަޑައިގެން ސަރުކާރަށް ފިސާރިއަކަށް ދެއްވިއެވެ. މިބައްދަލުވުންތައް އިންތިޒާމު ކުރުމަށް ސަރުކާރުގެ ޢިމާރާތްތައް ލިބުން ދަތިވާން ފެށުމުން، އަޅުގަނޑުމެން ގަސްދުކުރީ ޔޫއެން ބިލްޑިންގް ކޮންފަރެންސް ހޯލްގައި ގާނޫނުނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ބެހޭގޮތުން މަޝަވަރާ ކޮށްލުމުގެ ބައްދަލުވުމެއް ބޭއްވޭތޯ ބަލާށެވެ. އެގޮތުން އެކަމަށްއެދި ޔޫއެންއަށް ސިޓީލިޔުނީ، އަޅުގަނޑުގެ ނަމުގައެވެ. އޭރު އަޅުގަނޑުހުރީ ޚާއްސަ މަޖިލީހަށް ހޮވިފައިކަމުން އަޅުގަނޑާ ނާޒިމާ މަޝްވަރާކޮށްފައި ނިންމީ އަޅުގަނޑުގެ ނަމުގައި މާލޭގައިހުންނަ ޔޫއެންއޮފީހަށް ސިޓީއެއްލާށެވެ. އަޅުގަނޑުމެން އެކަންކުރީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ވަރަށް ވިސްނާފައި އެއޮފީހަށް، އަޅުގަނޑުގެ ނަމުގައިލީ ސިޓީއަށް ޖަވާބުދެއްވީ ޢިލްމީކަމަކަށް ވުރެބޮޑަށް މިހާރު ތިޔަކަންތައް، ސިޔާސީ ކަމަކަށް ބަދަލުވެފައިވާތީ، އެފަދަ ހުއްދައެއް ދެވެން ނެތްކަމަށެވެ. އެސިޓީއާއި ޖަވާބު މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ.

އާދެ! ހަތަރުވަނަ ބައްދަލުމުން ބޭއްވީ، 13 ޖުލައި 2004 ވީއަންގާރަ ދުވަހުރޭ ކަލާފާނު ސްކޫލްގައެވެ. ގާސިމް އިބްރާހީމް މިބައްދަލުވުމަށް ވަޑައިގެން ޚިޔާލުދެއްވިއެވެ. ފަސްވަނަ ބައްދަލުވުން، 14 ޖުލައި 2004 ވީބުދަ ދުވަހުރޭ ސޯޝަލް ސެންޓަރުގެ ސެމިނަރރޫންގައި ބޭއްވުނެވެ. މިސިލްސިލާ ބައްދަލުވުންތައް އުނދަގުލާއެކު، ގަދަކަމުން ކުރިޔަށް ގެންދެވުނެވެ. ހަވަނަ ބައްދަލުވުން، 15 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި އިންތިޒާމު ކުރެވުނެވެ. މިބައްދަލުވުމަކީ ސިޔާސީ ޕާޓީހުއްދަ ކުރުމަށް ގޮވާލުމަށް ޚާއްސަ ކުރެވިގެން ބޭއްވުނު މުހިންމުކަން ބޮޑުބައްދަލު ވުމެކެވެ. މިގޮތުގެމަތިން ލީޑްރޯލެއް ކުޅުއްވީ، ކަންކަމުގައި ކުރިޔަށް ނުކުންނަންކެރޭ، ޒުވާނެއް ކަމުގައިވާ، ފުރަހަނި ޝުޢައިބުއަލީ އެވެ. އެމްޑީޕީ ރަމްޒުކޮށްދޭ އެމްއާއި ޑީއާއި ޕީ، މިތިން އަކުރާއި ތިލަފަތް ކަފާއި ދެފުށްކެހެރި ޓޭޕުން ތަތްކޮށްލެވޭ ގޮތަށް، އެނަންބޯޑު ތައްޔާރުކޮށް ދިނީ، ސިލްވަރސީން ނައުޝާދު ވަހީދު ހަސަން، ނޯބެއެވެ. މިމަސައްކަތްކުރީ ސިލްވަރސީން ތެރޭގައެވެ. މިޖަލްސާ އިންތިޒާމުކޮށް ތައްޔާރުކުރީ، ނާޒިމާއި ޝުޢައިބާއި އަޅުގަނޑެވެ. އަޅުގަނޑުމެން ބޭނުންވީ މިބައްދަލުވުން އެމްޑީޕީގެ ނަމުގައި މާލޭގައި ބޭއްވޭފުރަތަމަ ބައްދަލުވުމަށް ހަދާލާއި ދިވެހިތާރީޚަށް އެނަން ވައްދާލާށެވެ. މީހުންގެ ހިތްތަކުގައި އެމްޑީޕީ، މިތިންއަކުރު ފުއްވަޅު ނަގުވާލުމަށެވެ. އަދި އެފޮޓޯތައް ބޭރުދުނިޔެއަށް ހާމަކޮށް ދައްކާލާށެވެ. ﷲގެ އިރާދަފުޅުން އެކަން އެގޮތަށް ކާމިޔާބުވިއެވެ. މިއީ ބޭރުގައިހުރި އަޅުގަނޑުމެންގެ އިދާރީ އޮފީސްތަކލުން އޯޑަރުއަންނަމުން ދިޔަގޮތެވެ. މިބައްދަލުވުމަށް ވެސް ގާސިމް ވަޑައިގެން ނެވިއެވެ. އަދި ސަރުކާރު ތެރެއިން ބޭރުކޮށްފައި ތިއްބެވި، އިބްރާހީމް ހުސައންޒަކީ މެންފަދަ ފާސިދު، ކޮރަޕްޓް ބޭފުޅުން މިހާހިސާބުން މިފަދަ ބައްދަލުވުން ތަކުން ފެންނަން ފަށައިފިއެވެ. ޑޮކްޓަރ މުނައްވަރު ވެސް ފެންނަން ފަށައިފިއެވެ. އެމްޑީޕީގެ ޙަޤީޤީ މަޤްޞަދު ގެއްލި ސީދާ މަގުންކެހި ވެރިކަމުގެ ސަންދާނުގެ ދަހިވެތިކަން، މަދުބައެއްގެ ތިހުތެރޭގައި އުފެދެންފެށީ، މިފަދަ ފާސިދު، ކޮރަޕްޓް މީހުންގެ ނުފޫޒުތައް އެމްޑީޕީއަށް ވަންނަންފެށި ހިސާބުންނެވެ. މިދުވަސްވަރު އަޅުގަނޑު ޝައްކުކުރީ، ޒަކީއަކީ ރައީސް މައުމޫނު ފޮނުއްވީމާ ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ޤާސިމަކީ، އެންދެރި ކޭންޕުން، އިލްޔާސް އިބްރާހީމް ފޮނުއްވީމާ ވަޑައިގަންނަވާ، ބޭފުޅެއް ކަމަށެވެ. އަހްމަދު އައްބާހާ ދޭތެރޭގައި ވެސް މިފަދަ ޝައްކުތަކެއް ކުރީކޮޅުގައި ކުރެވުނެވެ. އޭރު އޭނާއަކީ ވަލުދޮރާށިން ރައީސް މައުމޫނުގެ ގަނޑުވަރަށް ވަންނަވާ ބޭފުޅެކެވެ.

އާދެ! 19 ޖުލައި 2004 ވީހޯމަ ދުވަހު ހެދުނު، ޚާއްސަ މަޖިލީހުގެ ފުރަތަމަ ބައްދަލުން ބޭއްވުނެވެ. އަދި ބޮޑުޚިޔާލުތަފާތު ވުންގަނޑެއް އެޖަލްސާގެ ތަޅުމުގައި ހިނގައިގަނެ، އުތުރިއެރިއެވެ. އަދި، 24 މެމްބަރަކު ޖަލްސާދޫކޮށް ތަޅުމުން ނުކުންނަވާއި ރައީސް މައުމޫނާ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅުގައި އޭގެތެރެއިން، 23 މެމްބަރަކު ރައީސް އޮފީހަށް ވަޑައިގެންނެވިއެވެ. ރައީސް އޮފީހުގެ މައިދޮރާށި ދޮށުގައި އިރުގަނޑެއް ވުމަށް ފަހު، ދޮރުހުޅުވާލުމުން އެތެރެއަށް ވަދެވުނެވެ. އަދި ހުރިހާ މެމްބަރުންނަށް ބޭނުން އެއްޗެއް ދެންނެވުމުގެ ފުރުސަތު ރައީސް މައުމޫނު ދެއްވިއެވެ. އޭރު ބޭރުގައި، މަގުމަތީގައި ހެސްކިޔާފަ ރައްޔިތުން އެއްވެފައި ތިއްބެވިއެވެ. އަޑުންއަޑުނަގާ ހަވަރުގެ ހަޅޭލެވުމުގެ އަޑުތައްބާރަށް އިވެއެވެ. ރައީސް މައުމޫނު އަރިހުގައި އަޅުގަނޑުމެން ތިބިއިރު ހަވަރުގެ އަޑުފައްގަނޑު އެތެރެއަށް ބާރަށް އިވެމުން ދިޔައެވެ. ދެންފަހެ، މިހާހިސާބުން މިނިވަން ބަހުސްތަކަށް ހީނަރުކަމެއް އައެވެ. ސިޔާސީ އެއްވުންތައް ބާއްވާނެތަނެއް ނުލިބިގެން މިނިވަން ބަހުސްތައް ހުއްޓިގެންދާތީ، ދެންހަދާނެ ގޮތެއް ނެތިގެން، ސްކޫލެއްގައި އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުގެ ނަމުގައި މިނިވަން ބަހުސެއް އިންތިޒާމް ކުރަންޖެހުނެވެ. އުފަންދުވަހުގެ މިޕާޓީ ފެއްޓުމުގެ ކުރިން، މިއީ ސިޔާސީ ބައްދަލު ވުމެއްކަން އެނގޭނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދުމީހަކަށެވެ. އުފަންދުވަހުގެ މިޕާޓީބޭއްވީ، 29 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޖަމާލުއްދީން ސްކޫލަގައެވެ. އަޅުގަނޑުމެންގެ ހީވާގި ހަރަކާތްތެރިއެއް ކަމުގައިވާ، އިސްމާޢީލް ޢާޞިފްގެ އުފަންދުވަހުގެ ކޭކަކީ، މިޖީލުގެ ޑިކްޓޭޓަރަށް ޚާއްސަކޮށް ވެދުންކުރެވުނު ކޭކެކެވެ. މިބައްދަލުވުމަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވިއެވެ. އެދުވަސްވަރު އޭނާ ހުންނެވީ މާލޭއަށް ކުރައްވާ ކުރުޒިޔާތަރެއް ގައެވެ. ސިޔާސީ ބައްދަލުމުން ތަކުގެ މިދޮރު ސަރުކާރުން ބަންދުކޮށްލުމުން، ދެން އެއްވާން ފެއްޓީ ތިންބާރު ވަކިކުރާ މައިދާނަށެވެ. ލޮނުޒިޔާރަތް ކޮޅަށެވެ. މިބުއްދި ފުރަތަމަ ދެއްވީ، ގ.ކެނެރީގޭ އަބްދުލްޖަލީލް، އަބްޖީއެވެ. އެއްދުވަހަކު އަޅުގަނޑާ ސިއްރުން ބައްދަލު ކުރައްވާފައި ހިކިމަހާއި ކާއްޓާ އެއްކޮށްގެން ލޮނުޒިޔާރްތް ކޮޅުގައި ބަހައްޓާފައިހުރި ޓެޓްރާޕޮޑް ކައިރިޔަށް ރޭގަޑުޖަމާވާން ފަށަމާ ހިނގާށޭ ވިދާޅުވެއްޖެއެވެ. އޭރުން ތަނެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އިލްޔާސް މެންނަށް ފައިސާ ނުލިބިއްޖެއްޔާ، އަބުޖީ އަތުން ފައިސާ ދޭނަމޭ ވިދާޅުވިއެވެ. ދެން ހަމައެދުވަހުރޭ މިކަންތައް ރާވާއި އަޅުގަނޑު އިންތިޒާމް ކުރީމެވެ. ފުރަތަމަ ދެތިންރެއަށް ވާވަރަށް ފައިސާ ދެއްވީ އަބްޖީއެވެ. މިފައިސާ ގެންގުޅެނީ އަޅުގަނޑެވެ. އަދި މިކަމަށް ޚަރަދު ކުރުމަށް އަންނި ދެއްވާ، ފައިސާ ވެސް ގެންގުޅެނީ އަޅުގަނޑެވެ. ގިނައިން އަންނި ދެއްވަނީ ޔޫއެސް ޑޮލަރގެ ސަތޭކައިގެ ނޫޓެވެ. އެމާރުކޮށް އެފައިސާ ޚަރަދުކޮށް، ބަލަހައްޓާ ހަދަނީ ސީދާ އަޅުގަނޑެވެ. މިކަމުގައި އިސްކޮށް އުޅުނީ ނާޒިމާއި ފުރަހަނި ޝުޢައިބާއި އަޅުގަނޑެވެ. މިކަންތައް ވައިގާހިފައި ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހީ ބަދަލުތަކުގެ ޚިޔާލު ފުރަހަނި ޝުޢައިބު އިސްކޮށް ހުންނަވައިގެން އެމައިދާނުގައި ކުރިޔަށް ގެންދަން ފެއްޓުނެވެ. މިކަންތައް ފަހުންއައިސް ބޮޑެތި މުޒާހަރާތަކަށް ބަދަލުވެގެން ދިޔައެވެ. މިހާހިސާބުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ޚާއްސަ މަޖިލީހުގެ ތަޅުމުގައި ޢަމަލީގޮތުން ފެށިއްޖެއެވެ. ދޫނިދޫ ޖަލުގައި ބަންދު ވެފައިތިބި، ބައެއް މެނބަރުން، އެމެރިކާއާއި އީޔޫގެ މަސައްކަތުން މިނިވަންކޮށް އެދުވަހުގެ އެޖަލްސާއަށް މާލެ ގެނެސް ދޫކޮށް ލެވިއްޖެއެވެ. ޖަލްސާތައް މެދުކެނޑުމަށް ފަހު އަލުންފެށި ހިނގައިގަތީ، 12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހު ހެދުނުއެވެ. މިއަދުވެސް ކުރިޔަށް ގެންދިޔައީ މެދުކަނޑާލި ފުރަތަމަ ޖަލްސާއެވެ. އަދި، 14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަހު ހެދުނު، ފުރަތަމަ ޖަލްސާގެ ނުނިމިއޮތްބައި ކުރިޔަށް ގެންދެވިއެވެ. މިދެޖަލްސާއަށް ހާޒިރުނުވެވޭ ގޮތަށް ދޫނިދޫ ޖަލުގައި އޭރުވެސް ގިނަމެމްބަރުން ތިއްބެދިއެވެ. އަޅުގަނޑު ވެސްހުރީ ޖަލުގައި ބަހައްޓާފައެވެ. ޚާއްސަ މަޖިލީހުގެ ރައީސަކު ހޮވުމަށް ހާމަވޯޓެއް ނެގުމަށް ފާސްކުރެއްވުމާ ގުޅިގެން، ޖަލްސާދޫކޮށް މިއަދުވެސް، 12 މެމްބަރަކު ނުކުމެ ވަޑައިގަތެވެ. އެހެނަސް މިޖަލްސާ ކުރިޔަށް ގެންގޮސް މަޖިލީހުގެ ރައީސަކަށް ހޮއްވެވީ، ގދ.އަތޮޅު މެމްބަރު އަލްފާޟިލް އައްބާސް އިބްރާހީމެވެ. ނައިބުރައީސް ކަމުގެ މަގާމަށް ހޮއްވެވީ، ރ.އަތޮޅު މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދެވެ. މިހާހިސާބުން މެމްބަރުނެގެ ޚިޔާލުތަފާތުވި މައްސަލަ ހައްލުކޮށް ނިންމާލެއްވީ، ސީނާ އަހްމަދު ޒާހިތުގެ ރޭވުންތެރި މަކަރާއިޙީލަތުގެ ދަށުންނެވެ. ހާމަވޯޓެއް ބާއްވައިގެންނެވެ.

ޙާދިޘާ ހިނގާދިޔަގޮތް:

މިނިވަން ބަހުސް ތަކުގައި ބައިވެރިވެ އުޅުނު އިސްލާހީ ހަރަކާތުގެ ބައިވެރިން ތަފާތު ފަހަރުމަތިން، ތަފާތު ތުހްމަތު ތަކުގައި ސަރުކާރުން ހައްޔަރު ކުރަމުން ގެންދާން ފަށައިފިއެވެ. ގާނޫނު އަސާސީއަށް ގެންނަން ފެންނަބަދަލުތަކާ މެދު ރައީސް މައުމޫނު އެދިވަޑައި ގަނެގެން ކުރަމުން ގެންދިޔަ ބަހުސްތަކާމެދު ސަރުކާރުން ސިހުންވެ، ބިރުގަނެއްޖެއެވެ. އެމަސައްކަތުގައި ފާޅުގައި އުޅުއްވާ ސިޔާސީ މީހުންތައް ހައްޔަރު ކުރަން ފަށައިފިއެވެ. އެމީހުންގެ ޖަގަހައަކީ ދޫނިދޫ ޖަލުގެ ކުޑަގޮޅިތައް ކަމުގައި ހަދަންފަށައި ފިއެވެ. މިގޮތުން ބޭއްވުނު، ދެވަނަ މިނިވަން ބަހުސުގައި ފާޅުކަން ބޮޑުކޮށް ރައީސް މައުމޫގެ އިސްތިޢުފާއަށް އަޑުއުފުލާއި ބްރިސަލް ކަރުދާހުގެ ބޯޑެއް ހިއްލާލެއްވި، ކުޅުދުއްފުށޫ އަބްދުއްރަޝީދު، އަބުސީ އާއި އޭނާގެ ކޮއްކޮ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ، އަލްފާޟިލް އަޙްމަދު އާދަމް، 8 އޯގަސްޓް 2004 ވީއާދީއްތަ ދުވަހު، ދޫނިދޫޖަލަށް ގެންގޮސް ކުޑަގޮޅީގައި ހައްޔަރު ކުރިއެވެ. އަދި މިނިވަން ބަހުސްތަކުގެ ވީޑިޔޯ ކުރުމުގައި ޢަމަލީގޮތުން އުޅުއްވި، އަލްފާޟިލް ފިރްޝާން ޒާހިރާއި އަލްފާޟިލް ޙުސައިން ރަޝީދު ވެސް ދޫނިދޫ ޖަލަށް ގެންގޮސް، 11 އޯގަސްޓް 2004 ވީބުދަ ދުވަހު ކުޑަގޮޅީގައި ހައްޔަރު ކޮށްފިއެވެ. އަދި، 12 ވަނަ ދުވަހު މިނިވަން ބަހުސްތަކުގައި ހަރަކާތްތެރި ވެލެއްވި އިސްލާހީ އެކްޓިވިސްޓެއް ކަމުގައިވާ، ހ.ވޭވީވޯކް އަލްފާޟިލް މުޙަންމަދު ޔޫސުފް (ފުޅު) އެސްޖެހި ގެލެރީ، ކެފޭގައި އިންނަވަނިކޮށް ސިފައިން އެތަނަށްވަދެ، ސުވާލެއް ކޮށްލަން ކަމަށްބުނެ އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ބަންދުކުރިއެވެ. ސިފައިންގެ ފުށުން، މިފަދަ ގޮތްނޭންގޭ ވަޙުޝީ ބަންދުތަކާ އިސްލާހީ ހަރަކާތުގެ ބައިވެރިންނާ ކުރިމަތިވާން ފެށުމުން، ބަންދުވީ މީހުންގެ ޢާއިލާތަކުންނާއި އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖުގެ ނުރުހުން ފާޅުކުރުންތައް އެކިގޮތްގޮތަށް ބާއްވަން ފެށުނެވެ. އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުންތައް ކަންބޮޑުވެ އަވަސް ހަރަކާތަށް ކުރިމަތިލާން ފަށައިފިއެވެ. މިގޮތުން ދޫނިދޫ ކުޑަގޮޅީގައި ބަންދުވެފައި ތިއްބެވި، އެކްޓިވިސްޓުން މިނިވަން ކުރުމުގެ ގޮތުންނާއި ޚާއްސަ މަޖިލީހުގެ މަސައްކަތްތައް ސުލްހަވެރިކޮށް ކުރިޔަށް ގެންދެވޭނެ މަގެއްހޯދާއި ފަހިކުރުމުގެ ގޮތުން، ސަރުކާރުގައި އިސްކޮށް ތިއްބެވި ވަޒީރުންނާއި އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ލީޑަރުންނާ ދެމެދު ގަލޮޅު އަމީރުއަޙްމަދު ސްކޫލްގައި ޚާއްސަ ސިއްރު ބައްދަލުމުމެއް ބޭއްވުނެވެ. އަދި އެބައްދަލުވުމާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދިނުމަށް އެހެން ބައްދަލުވުމެއް، މއ.ބޯގަންވިލާ ގައި ބޭއްވުނެވެ. ބޯގަންވިލާގައި އޮތްބައްދަލުވުން ބޭއްވުނީ، 12 އޯގަސްޓު 2004 ވީބުރާސްފަތި ދުވަހުގެރޭ، 8:00 ގައެވެ. މިބައްދަލުވުމަށް އިއްޒަތްތެރި މެމްބަރުންނަށް ފޯނުންދައުވަތު އެރުމުމަށް އަޅުގަނޑަށް އެންގެވީ އިބްރާއެވެ. އެގޮތުން ހދ.މެމްބަރު އަޙްމަދުޢާދިލް މެންފަދަ މެމްބަރުންނަށް ބޯގަންވިލާއަށް ހާޒިރުވެ ދެއްވުންއެދި، އަޅުގަނޑު އެފަދަ ބޭފުޅުންނާ ގުޅާހެދީމެވެ. އެރޭ އިރު އޮއްސުނީއްސުރެން އަޅުގަނޑު އުޅުނީ، މާލޭ މެމްބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލް، އިބްރާގެ އޮފީހުގައެވެ. މިއީ މާލޭގެ ރައްޔިތުންގެ ކަންކަން ބެލުމަށް އިބުރާ ހުޅުވާފައިހުރި އޮފީހެކެވެ. އިބުރާ އޮފީހުގައި އިނދެގެން، އަޅުގަނޑު ބައެއް މެމްބަރުންނާ ގުޅާހެދުމަށް ފަހު، ދެން އަޅުގަނޑު ދިޔައީ ބޯގަންވިލާ އަށެވެ. އޭރު އިރުއޮއްސި، 7 ވަރު ވެދާނެއެވެ. އޭރު، އިބުރާގެ ރައްޓެއްސެއް ކަމުގައިވާ، ހ.ސްވޯރޑް އަލްފާޟިލް މުޙައްމަދު ރާއިދު، ސައިކަލް ފަހަތުގައި އިބުރާ ކޮންމެވެސް ދިމާއަކަށް ނައްޓާލައްވަނީއެވެ. އަޅުގަނޑު ފެނުމުން، މިއަދު ބަންދުވި، ފުޅު ދޫކޮށްލުމަށް ފަހު، އެހެން މީހުން ދޫކޮށް ނުލައިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށް، އަޅުގަނޑުމެންގެ އެކްޓިވިސްޓުންގެ ބަޔަކު ސިފައިންގެ ދޮށަށް ގޮސްއުޅޭތީ އެތަން ބަލާލާފައި އެބައަންނަން ކަމަށް ވިދާޅުވެ ރާއިދާއެކު އިބުރާ ވަޑައިގަތީ އެދިމާއަށެވެ. އަޅުގަނޑު މަޑުކުރީ، ބޯގަންވިލާއަށް ވަޑައިގަންނަވާ އިއްޒަތްތެރި ބޭފުޅޫންނާ އިސްތިގްބާލުކޮށް އެތެރެއަށް ވެއްދުމަށެވެ. މޮނިޓަރކޮށް، ދިރާސާ ކުރެއްވުމުގެ މިބުރަށް ފަހު، އިބުރާ އެނބުރި ވަޑައިގަތީ، އެރޭއަށެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އިބުރާއަށް ވަޑައިގެން ނެވުނުއިރު، އދ.މެމްބަރު އަލްފާޟިލް ގާސިން އިބްރާހީމާއި ބ.އަތޮޅު މެމްބަރު އަލްފާޟިލް ޢަލީފާއިޒު ވަޑައިގެން ބޯގަންވިލާ ބޭރުގައި ތިއްބެވިއެވެ. އަދި ޤާސިމްގެ ބޮޑީގާޑަކަށް އުޅުއްވާ ފިކުރީވެސް ތަންކޮޅެއް ދުރުގައި ހުންނެވިތަން ދުށީމެވެ. ދޮރުމަތީގައި އިރުކޮޅަކު ތިއްބަވާފައި ހުރިހާ ބޭފުޅުން ހަމަވުމުން އަޅުގަނޑު ވެސްވަނީ ބޯގަންވިލާ ތެރެއަށެވެ. އެގޭސިޓިން ރޫމަށެވެ. މިބައްދަލުވުމުގައި އަޅުގަނޑާއި އިބުރާގެ އިތުރުން، މ.ބަގީޗާގޭ އަލްފާޟިލް މުހަންމަދު ޝިހާބާއި ހ.ރޭޑިއަންޓް އަލްފާޟިލް އަހަމްދު ޝަފީޤާއި ތ.އަތުޅު މެމްބަރު އަލްފާޟިލް ޙަސަންޢަފީފާއި މއ.މަނާގޭ އަލްފާޟިލް އަލީފާއިޒާއި އދ.މެމްބަރު އަލްފާޟިލް ގާސިމް އިބްރާހީމާއި ހ.ހުޅުގަލި އަލްފާޟިލް އިބްރާހީމް ހުސައިން ޒަކީ ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި އަޅުގަނޑުމެން ސައްލާކޮށް ދެއްކި ވާހަކައަކީ، ސަރުކާރުގެ އިސް ދެވަޒީރުން ކަމުގައިވާ، ޑޮކްޓަރ ޝައުޤީއާއި ޙަމްދޫން ޙަމީދާ ބައްދަލުކޮށް އިބުރާއާއި ގާސިމާ ދެބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުންނެވެ. އަދި ބަންދުގައިތިބި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ޖަލުގެބަންދުން، މިނިވަން ކުރެވޭނެގޮތެއް ސަރުކާރުގެ މަންދޫބުންނާ ވާހަކަ ދައްކަވައިގެން ހޯދުމަށެވެ. އެރޭއެވަގުތު ސިފައިންގެ ދޮށުގައި ފުޅު ދޫކޮށް ނުލައިގެންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ގެންދިޔައީ ހަޅޭލަވަމުންނެވެ. މިމީހުންގެ ޕްރެޝަރުގައި ފުޅު މިނިވަންކޮށް ދޫކޮށް ލިއެވެ. އޭރުރޭގަނޑު، 12 ޖަހާފާނެއެވެ. ފުޅު ދޫކޮށްލިޔަސް އެއްވެފައިތިބި މީހުންތައް އެތަނުން ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ހަވަރު ބޭނުންވީ ދެންވެސް ބަންދުގައިތިބި މީހުން މިނިވަން ކުރާށެވެ. ފުޅުގެ އިތުރުން ބަންދުގައި ތިބިމީހުން ދޫކޮށް ނުލައިގެން ނުރުހުން ފާޅުކުރުން، ޖުމްހޫރީ މައިދާނުގެ އުތުރުއިރު ކަންމައްޗަށް ދިމާވާގޮތަށް، އިރުއޮއްސުނީއް ސުރެން ހިނަގަމުން ދިޔައެވެ. މިހަރަކާތުގައި ޖުމްހޫރީ މައިދާނަށް ގޮސް އިސްކޮށް ތިއްބެވީ، މ.އޭޝިޔާ މަރިޔަމް މަނިކެއާއި މ.ނެދުންގޭ އައިމިނަތް ނަޖީބާއި މ.ޗާންދަނީވިލާ ޖެނިފަރ ލަތީފާއި އެނާގެ ކޮއްކޮ މާނީ ލަތީފު ފަދަ، އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުންގެ ބައެކެވެ. މިމީހުން އެދުވަހު ހަވީރު، މއ.ސިލްވަރސީން ނައުޝާދު ވަހީދު ހަސަަން، ނޯބެ ގޭބަންދުގައި ހުންނަވާތީ، ބައްދަލުކުރުމަށް އެގެއަށް ގޮސްތިބެވާފައި އެގެއިން ނުކުމެގެން، ދެން ދިޔައީ ބަންދުގައިތިބި އެކްޓިވިސްޓުން ދޫކޮށްލާތޯ ބެލުމަށް ސިފައިންގެ ދޮށަށެވެ. 12 ވީބިރާސްފަތި ދުވަހު ބަންދުކުރި ފުޅު ދޫކޮށް ލުމަށްފަހު، ދެންތިބި މީހުން ދޫކޮށް ނުލައިގެން މިމީހުން އެސަރަހުއްދުން ދުރަށް ނުދާނެކަމަށް ބުނެ، އިހްތިޖާޖުކުރަން ފެށުމުން މީހުންތައް އެދިމާއަށް އަންނަމުން ގޮސް ބޮޑުއެއްވުމަކަށް އެރޭ އަށެއްޖެހިއިރު އޮތީވެފައެވެ. ޚާއްސަކޮށް ޢިޝާނަމާދަށް ފަހު، ޖުމްހޫރީ މައިދާނަށް ޖަމާވަމުންދިޔަ މީހުންގެ އަދަދު އެތައްގުނައަކަށް އިތުރުވަމުން ދިޔައެވެ. މީހުންގިނަކަމުން ޓްރެފިކް ހުއްޓޭގޮތް ވުމުން ސިފައިނުކުމެ ހަރަކާތްތެރިވާން ފެށިއެވެ. އަދި މަގުމައްޗަށް ސިފައިންނުކުމެ ސިފައިންގެ ޙިމާޔަތްކުރުމަށް ސަފުހަދައިގެން އަތްގުޅާލައިގެން ތިއްބެވެ. ސިފައިންގެ ތެރެއިން ބޭރުގައި އެއްވެފައިތިބި މީހުންގެ ފޮޓޯއާއި ވީޑިޔޯނަގަމުން ގެންދިޔައެވެ. މަގުމަތީގައިވެސް މިފަދަ ހަރަކާތްތައް ސިފައިން ހިންގަމުން ގެންދެވިއެވެ. ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި މީހުން މަޑުމަޑުން އަމީރު އަޙްމަދު މަގަށް ޖެހެމުންގޮސް ސިފައިންގެ ދޮރާދިމާއަށްޖެހި އެދިމާ ވަށާލައިފި އެވެ. އެވަގުތު ސިފައިންގެ މައިގޭޓް ކުރިމައްޗަށް ވަރަށްގިނަ ބަޔަކު އެއްވިއެވެ. ހަޅޭލަވަމުން ގެންދިޔައެވެ. އަދި އެވަގުތު ސައުންޑް ސިސްޓަމް ބޭނުން ކުރައްވައިގެން ސިފައިންގެ އިސްބޭކަލުން އަންގަވަމުން ގެންދެވީ ސިފައިންގެ ގޭޓްކުރިމައްޗަށް އެއްވެފައިތިބި މީހުން ސިފައިންގެ ގޭޓުދޫކޮށް ދުރަށްދިއުމަށެވެ. މޫސާއަލީ ޖަލީލު ވިދާޅުވިއެވެ. [އައްސަލާމު ޢަލައިކުމް. ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑަކީ، ބްރިގޭޑިއަރ ޖަލީލު. އެއްވެފާތިބި ބޭކަލުންނޭވެ. ސުލްޙަވެރި ކަމާއެކުގައި ފަހަތަށް ވަޑައިގެން ދެއްވުމަށް ދަންނަވަން. ރައްޔިތުން އެދޭއެދުންތައް ފުރިހަމަކުރާނީ މިގޮތަކަށެއްނޫން. އަޅުގަނޑު މެންގެ ލޮބުވެތި ރައްޔިތުން ފަހަތަށް، ޖުމްހޫރި މައިދާނަށް ވަޑައި ގަތުުމަށް ދަންނަވަން.] މިއަޑާއެކު އެއްވިތިބި ހަވަރުން އެއްއަޑަކަށް ގޮވަމުން ގެންދަނީ، ]ހައްޔަރު ކޮށްފައިތިބި މީހުން ދޫކުރޭ. ކުށެއްނެތް މީހުން ދޫކުރޭ.] ތަކުރާރުކޮށް މިފަދައިންނެވެ. އެކިދިމާލުން ހަވަރުގެ އަންބާއަކީ މިއަޑެވެ.

އެއްގޮތަކަށް ވެސް ފަހަތަށް ޖެހުމެއްނެތި ހަވަރުގެންދިޔައީ މިގޮތަށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ހ.ދަތުގޭ ޑޮކްޓަރ އިބްރާހީމް ދީދީ ސިޔާސީ ހަރަކާތެއްގައި އުޅުއްވަނިކޮށް ފުރަތަމަ ފަހަރަށް އަޅުގަނޑު ދުށީ މިރެއެވެ. ޑީޑީއާ އަޅުގަނޑު ރައްޓެހިވީ ސިފައިންގެ ބޮޑުގޭޓު ކުރިމަތިންނެވެ. މިކަންތައްގަނޑު ފެނިހަވަރު ވަރުގަދަވެ ހަވަރަކަށްވީއިރު، އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ހުރިހާ، މެމްބަރުން ތިއްބެވީ ބޯގަންވިލާގައިއޮތް ސިޔާސީ ބައްދަލުވުމު ގައެވެ. މިއީ އިބްރާހީމް އިސްމާޢީލް (އިބުރާ) ގެބުއްދީން ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ. އަޑީގައި ތިއްބެވީ، އެންދެރިމާގޭ އިލްޔާސާއި ބުރުމާ ގާސިމެވެ. އެބައްދަލުވުން ރަނގަޅަށް ހިނގައި ނުގަންނަނީސް، ޤާސިމަށް މަތީފަރާތަކުން ޚާއްސަ ކޯލެއް އައިސްގެން އެކަމާ ޤާސިމް ސަމާލުވެއްޖެއެވެ. މިކޯލުގެ ތަފްސީލް ޤާސިމު ދެއްވަމުން އަޅުގަނޑު މެންނަށް ވިދާޅުވެދެއްވީ ވަރަށް ގިނަބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ބަންދުގައިތިބި މީހުން ޖަލުންދޫކުރުމަށް ގޮމަވުންދާތީ، އެތަނަށް ހަވަރުއެއްވެ މުޅިއެސަރައްދުގެ މަޞްލަޙަލު ގެއްލެމުން ދާތީ، ހަވަރު ރޫޅާލައި އެމީހުންގެ ގެތަކަށް ފޮނުވާލަ ދިނުމަށް އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް އެހީތެރި ވެދިނުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާ ކަމަށެވެ. މިކަމުގައި މިނިސްޓަރ އިލްޔާސްގެ އެހީތެރިކަން ވެސް ފުރިހަމައަށް ލިބޭނެއެވެ. އަޅުގަނޑުމެން އެންމެން އަވަހަށް ޖުމްހޫރީ މައިދާނަށް ދާންވީއެވެ. ދެން އަޅުގަނޑުމެން އެންމެން ވެސް ދިޔައީ ބޯގަންވިލާގެ ބައްދަލުވުން ހުއްޓާލާފައި ޖުމްހޫރީ މައިދާނަށެވެ. އޭރު ދިހައެއް ޖަހަން ކައިރިވެދާނެއެވެ. އަޅުގަނޑު އެރޭއެމައިދާނަށް ދިޔައީ ރައިސް މައުމޫގެ ފަރާތްޕުޅުން އޭރުގެ އިންފޯމޭޝަން މިނިސްޓަރ ކަމުގައި ހުންނެވި، ސަމަރުބްލޫ އިބްރާހީމް މަނިކު، ޤާސިމަށް ގުޅުއްވާފައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިއުމަށް ރައީސް މައުމޫނު އެދިވަޑައިގެންފި ކަމަށް ޤާސިމް ވިދާޅުވުމުން އޭނާގެ ބަހަށެވެ. ހަވަރަށް ނަޞޭޙަތްތެރިވެ އެސަރަހައްދުގައި މަޞަލަޙަތު ގައިމްކުރެވޭތޯ އެހީތެރިވުމަށެވެ. ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވެ ބަޣާވާތެއް ކުރާކަށެއް ނޫނެވެ. ސަރުކާރު ފުރޮޅާލާކަށް ނޫނެވެ. އިންގިލާބުކޮށް ލާކަށްނޫނެވެ. މިއީ ތެދުހަގީގަތެވެ. އަދި މިއީ ކަޅުހުކުރު ޙާދިޘާގެ ފެށުމެވެ.

މޫސާ ލަޖީލާއި ސިފައިންގެ ބޭކަލުން މަސައްކަތް ކުރެއްވީ ހަވަރު ސިފައިންގެ ކުރިމަތީން ފަހަތަށް ޖައްސާއި ޖުމްހޫރޫ މައިދާނަށް ގެންދާށެވެ. އެގޮތުގެމަތިން ރައްޔިތުން އެދޭއެދުންތައް ފުރިހަމަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ބަންދުގައި ހުންނެވި ފުޅު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. މިވަރުން ވެސް ސިފައިންގެ ބޭކަލުންނަށް ހަވަރު ކޮންޓްރޯލް ނުވުމުން، އިލްޔާސް އިބްރާހީމާއި ގާސިމާއި އިބުރާވެގެން، ހަވަރު ޖުމްހޫރީ މައިދާނާ ހަމައަށް ފަހަތަށް ޖެއްސޭތޯ މަސައްކަތް ކުރެއްވިއެވެ. މިގޮތުގެ މަތިން އިބުރާގެ ބުއްދިން އެންމެން އޭނާ ސައުންޑް ސިސްޓަމް ހިފައިގެން ބޮޑުދިދަބުޑުގައި ހަދާފައިހުރި ރޮސްޓަމަށް ދިއުމުން ސިފައިންގެ މައިގޭޓް ކުރިމަތި ސިފައިން ކޮންޓްރޯލްކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެނައެވެ. މިތިންބޭފުޅުން ވެސް ވާހަކަ ދެއްކެވީ ސިފައިން އިންތިޒާމް ކޮށްދިން ސައުންޑް ސިސްޓަމުންނެވެ. މިބޭފުޅުންވެސް އެދިވަޑައިގަތީ ޞުލަޙަވެރިކަމާއެކު ކަންތައްތައް ކުރުމަށެވެ. ނަޞޭޙަތްތެރި ވެވަޑައިގަތީ ސިފައިންގެ މައިގޭޓް ކުރިމައްޗަށް އެއްވެފައިތިބި މީހުން އެސަރަހުއްދުން ދުރަށްދިއުމަށެވެ. އެހެނަނަމަ ވެސް އެއްވެފައިއޮތް ހަވަރުގޮވަމުން ދިޔައީ ސިފައިން ގަވާއިދާޚިލާފަށް ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްނުލަނީސް އެތަނުން އެއްފިޔަވަޅުވެސް ދުރަށް ނާޅާނެކަމަށެވެ. މިތަނުން ދުރަށްދާނީ ބަންދުގައިތިބި މީހުންގޮވައިގެން ކަމަށެވެ. ދެން ސިފައިން މަޝްވަރާކުރުމަށް ފަހު، ނިންމެވީ ބަންދުގައިތިބި މީހުންތައް ދޫކޮށްލާށެވެ. ފުޅު ދޫކޮށްލެއްވުމަށް ފަހު، ދޫނިދޫގައިތިބި މީހުން މިހާރުދޫކޮށްލީއޭ، އެމީހުން މާލެ އަންނަލޯންޗް ބޮޑުފާލަން ކައިރިން ފެންނާނެ ކަމަށް ބުނަންފެށީ ހަވަރުގެ ސަމާލުކަން އެދިމާއަށް ގެންގޮސް ބޮޑުފާލަމާދިމާއަށް މީހުންގަނޑު ޖައްސާލުމަށެވެ. ސިފައިންގެ ފަރާތުން އިއުލާނު ކުރެއްވީ “ފަހަރެއްގައި މިހާރުވެސް ތިބޭފުޅުން އުތުރަށް ބައްލަވާލެއްވުމުން، ފެނިވަޑައި ގަންނަވާނެކަން ނޭނގެއޭ ހައްޔަރުކޮށް ފައިތިބި މީހުން ދޫނިދޫން ގެންނަ ސިފައިންގެ ލޯންޗުގެ އަލި، އެހެން ވުމުން ޖުމްހޫރީ މައިދާނު ތެރެއަށް ފަހަތަށް ޖެހި، ބައްލަވާލެއްވުމަށް ދަންނަމެވެ.” ދޫކޮށްލި މީހުންނަށް މާލެއެރުނީ އެރޭ އެއްގަޑިބައި އެހާއިރުއެވެ. މިކަމާއެކު ވެސް ހަވަރު އަޑުއުފުލަމުން ގެންދިޔައީ ސިޔާސީ ކުށްވެރިއެއް ގޮތުގައި ބަންދުގައިހުރި ނޯޝާދު ވަހީދު، ނައުބެ ދޫކޮށް ލުމަށާއި ސަންދާނު ކަންތަކުގައި ބަންދުގައިތިބި މީހުން ދޫކޮށް ލުމަށާއި ފުލުހުންގެ ވެރިއަކަށް ހުންނެވި، އާދަމް ޒާހިރުގެ އިސްތިޢުފާ އަށެވެ. ހަވަރު އެއްއަޑަކުން މިހެންގޮވަމުން ގެންދިޔައެވެ. ސިފައިންނާ އިބުރާމެން ގުޅިގެން މިކަން ކާމިޔާބު ކުރިއެވެ. މިވެރިންގެ މިސްޓަންޓުން ރައްޔިތުން ހައްދާލުމާއެކު މިކަން ކާމިޔާބުކުރިއެވެ. ސިފައިންގެ ދޮރުމަތި ހުސްކޮށް ސަފައިންގެ ބާރުދޮށަށް މައިގޭޓު ގެނައެވެ. އަދި ބަންދުކުރި އެންމެން ދޫކޮށް ލިއެވެ. އަދި ރައްޔިތުން އެދޭއެދުންތައް ވަރަށް އަވަހަށް ސަރުކާރުން އެބަހަމަޖައްސައި ދެއްވާކަމަށް ބުނަމުން ގެންދެވިއެވެ. ސިފައިންގެ ފަރާތުން މިފަދައިން އިއުލާނު ކުރެވުނެވެ. އެހެނަސް މިހުރިހާ ކަމަކާއެކު ވެސް އެއްވެފައިތިބި މީހުންގޮވަމުން ގެންދިޔައީ “ރައްޔިތުން މޮޔަ ހައްދަނީ” ކަމަށްބުނެ އަޑުއުފުލަމުންނެވެ. މިކަންތައްފެށި މިހާހިސާބަށް ދިޔައިރު، އިލްޔާސް އިބްރާހީމާއި ގާސިމާއި ދެމީހުން، އިބުރާލައްވާ ކުޅުވަމުން މިގެންދަވާ ރޯލާމެދު، އަޅުގަނޑުގެ ހިތުތެރޭގައި ސިޔާސީ ވިސްނުންތަކެއް އެނބުރެމުން ދިޔައެވެ. މިދުވަސްވަރުގެ މުޅިމިހަރަކާތަށް ނަޒަރުކުރާއިރު، ޝައްކުއުފެދޭ ކަންތައްތަކެއް ފެނިފައި އެބަހުއްޓެވެ. އިސްލާހީ ހަރަކާތުތެރެއަށް އިބުރާ ލައްވާ ކުޅިތަކެއް އިތުރުކުރައްވަން އަބަދުވެސް ސަމަރޭއާއި އިލްޔާސާއި ގާސިމާ މިކޭންޕުން މަސައްކަތް ކުރަމުން ގެންދާއިރު ފަތުޙުﷲ އާއި ޢަބްދުﷲ ޙަމީދާއި ޔާމީނާއި ޒާހިރު ޙުސައިން މެންފަދަ ބޭފުޅުން، އާދަމްޒާހިރު ލައްވާ ސިޔާސީ ކުޅިތައް ކުޅުވަމުން ގެންދާކަން ފާހަގަ ކުރެވިފައި ހުއްޓެވެ. މިދެކޭންޕްގެ ކަންތައް ވަކިވަކިން ރާވާއިދީ ހިންގަވާ ސިޔާސީ މޭސްތިރިއަކަށް ހުންގާނުގައި ހުންނަނީ ރައީސް މައުމޫނު ކަންވެސް ސާފުކޮށް އެނގެއެވެ. އެހެން ވުމުން މިއިން ކޮންމެ ސިޔާސީ ކަންތައްގަނޑެއްގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ރޭވުންތަކެއް ހުންކަން މިކަމުގެ އެތެރޭގައި އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވިފައި ހުރެއެވެ. މިވާހަކަތައް އަޅުގަނޑު މިލިޔަނީ ދިވެހި ކުޔަވާ ކުދިންނަށް މިދިރާސާތައް ހެދުމަށް ފަސޭހަކުރުމަށެވެ. ފަހަރުގައި މިލިޔުންތައް ކިޔާފައި މިކަންކުރާނެ ކުދިބަޔަކު މުސްތަގުބަލުގައި ތިބެދާނެތީއެވެ.

އެދުވަސްވަރު، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބްރިގޭޑިއަރެއްގެ މަޤާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-034291 އުފަންދުވަސް: 26. 06. 1960 ހ.ރާޅާހާ އަލްފާޟިލް މޫސާޢަލީޖަލީލް، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ހުސައިނަށް މިޙާދިޘާއާގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.

“އަޅުގަނޑަކީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން އެސް އެސް) ގައި ވަޒީފާ އަދާކުރާތާ، 24 (ސައުވީސް) އަހަރުވެ، މިހާރު ބްރިގޭޑިއަރގެ މަޤާމްގައި ހުރިމީހެކެވެ. އަދި، 10 މެއި 2000 ން ފެށިގެން އަޅުގަނޑަކީ، ކުއިކް ރިއެކްޝަން ފޯސް، 3 (ކިއު އާރް އެފް،3) ގެ ކޮމާންޑިންގް އޮފިސަރެވެ. 12 އޯގަސްޓް 2004 ގެ އިރާކޮޅު އަޅުގަނޑު އެންއެސްއެސްގެ ހެޑްކުއޯޓަޒްގައި (ބަންޑާރަ ކޮށީގައި) އުޅެނިކޮށް، މެއިންގޭޓް ޑިއުޓީގައިތިބި، ކިއުއާރުއެފް،3 ގެސިފައިން، ރިޕޯޓްކުރުމާ ގުޅިގެން ބަޔަކުމީހުން ޖުމްހޫރީ މައިދާނަށް އެއްވަމުން ދާކަން އެނގުނެވެ. އޭރުގަޑިންވާނީ ގާތްގަނޑަކަށް، 19:10 ހާއިރެވެ. މިމަޢުލޫމާތު ލިބުމާގުޅިގެން އަޅުގަނޑު އެތަނަށް ނިކުމެ ވަމުންދާގޮތް ބަލަމުން ދިޔައީމެވެ. ޖުމްހޫރީ މައިދާނުގެ އުތުރުފަރާތުގައި އާދަޔާޚިލާފަށް މީހުންގިނަ ވެފައިވެއެވެ. އެމީހުން ތެރޭގައި މ.އޭޝިޔާ މަރިޔަމް މަނިކެ، މ.ނެދުންގޭ އައިމިނަތު ނަޖީބު، މ.ޗާންދަނީވިލާ ޖެނީފަރ ލަތީފް ދުށީމެވެ. މަދުމަދުން މީހުން އެއްވަމުންގޮސް ގާތްގަނޑަކަށް، 10:00 ގައި ޓްރެފިކަށް ދަތިވާވަރުވެގެން ފުލުހުން ޓްރެފިކް ކޮންޓްރޯލް ކުރަންއުޅޭތަން ދުށީމެވެ. މަޢުލޫމާތު ސާފުކުރުމުން އެނގުނީ މުޙައްމަދު ފުޅު، ހ.ވޭވީވޯކް ފުލުސްއޮފީހަށް ގެނެވިފައިވާތީ، އޭނާގެ ރައްޓެހިން އެކަމާގުޅިގެން އައިސްތިބީ ކަމަށެވެ. މިފަދަ ކަމެއް ހިންގާކަން އެނގުމުން މިކަމުގެ މަޢުލޫމާތު ސިފައިންނާ ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު ލެފްޓިނެންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމަށް ދަންނަވާ، އަދި ދޭތެރެދޭތެރެއިން ވަމުންދާގޮތް ދެންނެވުނެވެ. މީގެއިތުރުން އެމަނިކުފާނުވެސް ވަރަށް ގިނަފަހަރު ގުޅުއްވައެވެ. ޖުމްހޫރީ މައިދާނަށް އެއްވިވަރަށް ގިނަބަޔަކު ދެންފެނުނީ، ޕޮލިސް ހެޑްކްއޯޓަޒް ދޮށަށް އެއްވިތަނެވެ. އަދި މުހަންމަދު ފުޅު ދޫކޮށްލުމަށް ގޮވަމުން ދާތަނެވެ.  އެރޭގެ، 10:23 ހާއިރު މިޙައްމަދު ފުޅު ދޫކޮށްލުމުން ވެސް އެއްވެފައިތިބި މީހުން ޕޮލިސް ހެޑްކްއޯޓަޒް ދޮށުން ދުރަށް ދިއުމުގެ ބަދަލުގައި އިތުރު، 4 މީހަކު ދޫކުރުމަށް ގޮވަމުން ދިޔައެވެ. ގާތްގަނޑަކަށް، 11:00 އެހާކަށްހާއިރު އެއްވެފައިތިބި މީހުން އެންއެސްއެސް ހެޑްކްއޯޓަޒް ދޮށަށް އަންނަން ފަށައިފިއެވެ. މިމީހުންތައް ދިޔައީ ގިނަވަމުންނެވެ. ރައްޔިތުންގެ ޚާއްސަ މަލިސްގެ މެމްބަރުންގެ ތެރެއިން ބ.އަތޮޅުގެ އެއްމެމްބަރު މއ.މަނާގޭ އަލީފާއިޒު، ތ،އަތޮޅުގެ އެއްމެމްބަރު ގ.ބާނި ޑޮކްޓަރ ހުސައިން ރަޝީދު ޙަސަން، ސ.އަތޮޅުގެ އެއްމެމްބަރު ގ.ހަސަންކައިރިގޭ ޑޮކްޓަރ މުނައްވަރު، އދ.އަތޮޅުގެ އެއްމެމްބަރު ހ.ހުޅުގަލި އިބްރާހީމް ހުސައިން ޒަކީ، ދ.އަތޮޅުގެ އެއްމެމްބަރު މުޙައްމަދު ޝިހާބު، އދ.އަތޮޅުގެ އެއްމެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ޅ.އަތޮޅު އެއްމެމްބަރު މ.ސަނީލޮޖް،3 އިބްރާހީމް މުޙައްމަދު ޝާލިޙް، ހދ.އަތޮޅުގެ އެއްމެމްބަރު މ.އުނިމާގޭ އަޙްމަދު ޢާދިލް، އަދި މާލޭގެ އެއްމެމްބަރު މއ.ބީގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިރުން މަޖިލީހުގެ ދ.އަތޮޅު އެއްމެމްބަރު ކަމުގައިވާ މުޙައްމަދު ޝިހާބާއި މާލޭގެ އެއްމެމްބަރު ކަމުގައިވާ މ.އަލިވާގޭ އިލްޔާސް އިބްރާހީމް (މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން) ސިފައިންގެ ހެޑްކްއޯޓަޒް ދޮށުން ދުށީމެވެ. އަދި މީހުންތައް ކޮންޓްރޯލް ކުރައްވާ ޞުލްޙަވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލައްވާ މީހުންތައް ފޮނުވާލެއްވޭތޯ ޤާސިމް އިބްރާހީމާއި އިލްޔާސް އިބްރާހީމާއި އިބްރާހީމް އިސްމާޢީލް (އިބުރާ) ސިފައިންގެ ކުރިމަތިން ޕަބްލިކް އެނައުންސްމެންޓް ސިސްޓަމް (ޕީ.އޭ ސިސްޓަމްސް) ބޭނުން ކުރައްވައިގެން ވާހަކަ ދެއްކެވިއެވެ. ނަމަވެސް މީހުންތައް އެއްގޮތަކަށްވެސް ދުރަށްދާކަށެއް ބޭނުމެއް ނުވިއެވެ. އަދި އެރޭދަންވަރު، 2:00 ހާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު ލެފްޓިނަންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމް އެންގެވުމުން އެންއެސްއެސްގެ ހެޑްކްއޯޓަޒްގެ ބޮޑުގޭޓް ދޮށުގައި ހުރެގެން އެތާކުރިމައްޗަށް އެއްވެފައިތިބި މީހުންނާ ވާހަކަދައްކަން އަޅުގަނޑު މަސައްކަތް ކުރީމެވެ. އަޅުގަނޑު ފުރަތަމައިނުން މަސައްކަތްކުރީ އެއްވެފައިތިބި މީހުން މަޑުމައިތިރިކޮށް އެންއެސްްއެސް ހެޑްކްއޯޓަޒްގެ ބޮޑުގޭޓާދުރަށް ގެންދެވޭތޯއެވެ. މިގޮތުން ވަރަށްގިނަ ވާހަކަ ދެއްކުމުން ވެސް އެތާއެއްވެފައިތިބި މީހުންގެ ކިބައިން މާބޮޑު އިޖާބައެއް ނުލިބުނެވެ. އަދި ފުރަތަމައިނުން މިޕީއޭ ސިސްޓަމުން ވާހަކަދެއްކެވީ އެތަނަށް ދުރުވެތިއްބެވި ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެމްބަރުންނެވެ. ވާހަކަދެއްކި ބޭފުޅުންގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވެނީ އދ.އޮޅުގެ މެމްބަރު މ.މާފަންނުވިލާ ޤާސިމް އިބްރާހީމާއި މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އެވެ. އަދި އިލްޔާސް އިބްރާހީމް ވެސް އެއްވެތިބި މީހުން ޞުލްޙަކުރައްވާ ފޮނުވާލެވޭތޯ ވަރަށް ގިނަފަހަރު މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކެވިއެވެ. އެރޭގާތް ގަނޑަކަށް، 2:30 ކަންހާއިރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ދުރުވެ، އެއްވެފައިތިބި މީހުން ދުރަށްގެންދެވޭތޯ މަސައްކަތް ކުރެއްވޭތޯ ބެއްލެވުމަށްޓަކައޭ ބުނުއްވާ، ޕީއޭ ސިސްޓަމް ގެންދެވިއެވެ. އޭގެފަހުން އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިތުން ބޭނުންވާ ކަންތައްތައް ލިޔަން ހިނގާށޭ ކިޔުއްވާ، ޕީއޭ ސިސްޓަމުން އޭނާ ވިދާޅުވިއަޑު އަޅުގަނޑު އެހީމެވެ. އަދި އެވަގުތުއޭނާ އިށީދެގެން އިންނެވީ ބޮޑުދިދަބުޑުގައި ބަހައްޓާފައިހުރި ގޮނޑިއެއްގައެވެ. އަދި މިޙާދިޘާގައި ނެގިފައިވާ ވީޑިޔޯއެއްގައި އިބްރާހީމް އިސްމާޢީލް (އިބުރާ) ބޮޑުދިދަބުޑުގައި ގޮނޑިއެއްގައި އިންނަވައިގެން ލިސްޓެއް ތައްޔާރު ކުރައްވާތަން ފެނެއެވެ. އަދި އެވަގުތުއޭނާ ކައިރީގައި (އިބްރާހީމް އިސްމާޢީލްގެ) ވާތްފަރާތުގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވިތަން ފެނެއެވެ. އެހެންކަމުން ލިޔުން ތައްޔާރު ކުރައްވާފައިވަނީ މިފަރާތްތަކުންކަން ވަރަށްބޮޑަށް ޔަޤީންވެއެވެ. ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރާދެކޮޅަށް ޖުމްހޫރީ މައިދާނަށާއި އެންއެސްއެސް ހެޑްކްއޯޓަޒަށައި، އަދި ޕީއެޗްކިޔޫ ދޮށަށް ގިނަޢަދަދެއްގެ ބަޔަކު، 12 އޯގަސްޓް 2004 ދުވަހުގެ ރެއާއި، 13  އޯގަސްތް 2004 ދުވަހު އެއްވެ، ޤާނޫނާޚިލާފް ޢަމަލުތަކެއް ހިންގަމުން ދިޔައިރު، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންވަނީ ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުންގެންދިޔަ ދިވެހިންގެ ފަރާތުން އެބައިމީހުން ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް (މީނާ ބުނުއްވި ގޮތުންވިއްޔާ ޑިމާންޑްތައް) ދިވެހި ސަރުކާރާ ޙަވާލު ކުރުމަށްޓަކައި، 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 3:00 ގައި އެންއެސްއެސްގެ ހެޑްކްއޯޓަޒްގެ ދޮރުމަތީގައި އަޅުގަނޑު ހުއްޓާ ގެނެސް ދެއްވާފައެވެ. ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އެލިސްޓް އަޅުގަނޑާ ޙަވާލުކުރެއްވިއިރު އޭނާއާއެކު އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ދުރުވިއެވެ. އަދި މިދެމީހުންގެ ފަހަތުގައި އަޙްމަދުޢާދިލް ހުންނެވިއެވެ. މިލިޔުން އަޅުގަނޑާ ޙަވާލުކުރެއްވިއިރު އަޅުގަނޑުގެ ކައިރީގައި މޭޖަރ ޢަބްދުﷲ ޝަމާލް (ސނ: 1089) އާއި ސާރޖެންޓް ޢަދުނާން ޢުޘްމާން (ސނ: 3001) ތިއްބެވިއެވެ. މިދެންނެވި ދެބޭކަލުންވެސް، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްވީ، ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުން ގެންދިޔަ މީހުންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޑިމާންޑް ލިސްޓެއްކަން އެނގިލައްވާނެއެވެ. މިހެންމިދެންނެވީ، އަޅުގަނޑު އަތަށް ލިސްޓުދެއްވަމުން، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ވިދާޅުވެފައި ވަނީ، އެލިސްޓްގައި ވަނީ، އެމީހުންގެ ޑިމާންޑަތައް ކަމުގައެވެ. އަދި ޖަވާބުގައި އަޅުގަނޑު ދެންނެވީ، އަޅުގަނޑުގެ ވެރިންނަށް ތިޔަލިސްޓް ރައްދުކޮށް ދޭނޭކަމަށެވެ. ޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެފައިވާ މީހުންގެ ހިތްތަކަށް، ދިވެހި ސަރުކާރާ ދޭތެރޭ ނަފްރަތުކަން އިތުރު ކުރުމަށްޓަކައި އެކިފަހަރުމަތިން ޖަލުގައިއެކިއެކި އަނިޔާތަށް ލިބުނުކަމަށްބުނެ އެކިމީހުން ވާހަކަދައްކަމުން ގެންދިއުމުގެ އިތުރުން، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަންވާ އިތުބާރު ގެއްލުވާލުމަށް ސަރުކާރުން ނިންމަވާ ނިންމެވުން ތަކަކީ، މުޅިންވެސް ޢަދުލް އިންސާފެއްނެތް ކަންތައްތަކެއްކަން، ޕީއޭ ސިސްޓަމުން އަޑުހަރުކޮށް ރުޅިވެރިކަމާއެކު ފާޅުކުރަމުން އެކިމީސްމީހުން ގެންދިޔައެވެ. މިގޮތަށް ވާހަކަދެއްކި މީހުންގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެކަކީ، މއ.ސިލްވަރސީން ނައުޝާދު ވަހީދެވެ. އެއްވެތިބި މީހުންގެ ރުޅިގަދަވެ އިންތިހާއަށް ނުކިޔަމަންތެރި ވެފައިވާތީ، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑް ލިސްޓް ހިފައިގެން އަޅުގަނޑު ފުރަތަމަ ދިޔައީ މިމީހުން މަޑުމައިތިރި ކުރެވޭތޯ މަސައްކަތް ކުރަންވެގެން ބޮޑުދިދަދޮށަށެވެ. ޑިމާންޑްލިސްޓް އަޅުގަނޑަށް ލިބުނު ވަގުތަކީ، އެއްވިތިބި މީހުންގެ ރުޅިވެރިކަން އިންތިހާދަރަޖައަށް ގެންދިއުމަށްޓަކައި ޖަލުގައިގިނަ އަނިޔާތަކެއް ލިބުނުކަމަށްބުނެ ސަރުކާރުގެ އިސްމަޤާމު ތަކުގައި ތިއްބެވި ވެރިންގެ އިސްތިޢުފާއަށް އެކިމީހުން، ޕީއޭ ސިސްޓަމުން ގޮވަމުންދިޔަ ވަގުތައްވެފައި، އެއްވެތިބި މީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭތޯ ވާހަކަ ދެއްކުމުގެ ނިޔަތުގައި ޕީއޭ ސިސްޓަމް، ޞުލްޙަ ވެރިކަމާއެކު އަނބުރާ ގެނެވޭތޯ ބަލަން އަޅުގަނޑު މަސައްކަތް ކުރީމެވެ. އެއްވެފައިވާ މީހުންގެ ޢަދަދު ވަރަށްގިނައެވެ. އަދި އެއްވެތިބި މީހުންގެ ތެރޭގައި އިސްވެ ހަރަކާތްތެރިވީ ކޮންބައެއްކަން ޕޮލިސް ހެޑްކްއޯޓަޒް، އަދި އެންއެސްއެސްގެ ސީސީޓީވީ ތަކުގެ ފައިލްތަކުން ފެންނަން އެބަހުއްޓެވެ. ޖުމްހޫރީ މައިދާނާއި މައިދާނުގެ ވަށައިގެންވާ ހުރިހާ މަގުތައްވަނީ މުޅިންފުރި ބާރުވެފައެވެ. މިފަދަ ވަގުތެއްގައިވެސް އެއްވެތިބި މީހުންނާ ވާހަކަދެއްކުމުން އެބައިމީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ އެގޮތުގެމަތިން މަސައްކަތް ކުރީމެވެ. މިތަނުގައި ހިނގާދިޔަ ހުރިހާކަމެއް އެންއެސްއެސް ހެޑްކްއޯޓަޒްގައައި، އަދި ޕީއެޗްކިޔޫ ބޭރުގައި ހަރުކޮށްފައިހުންނަ ސީސީޓީވީ ކެމެރާތަކަށާއި ނެގިފައިވާ ވީޑިޔޯތަކުން ފެންނަން ހުންނާނެއެވެ. ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑްލިސްޓް ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު، ލެފްޓިނެންޓް ޖެނެރަލް ޢަންބަރީ ޢަބްދުއްސައްތާރު އާދަމާ ޙަވާލުކުރެވި ފައެވެ. މީގެފަހުން އަޅުގަނޑު މަސައްކަތްކުރީ، އެއްވެތިބި މީހުން ފޮނުވާލެވޭތޯއާއި އެތަނުގެ މަޞްލަޙަތު ވީވަރަކުން ބެލެހެއްޓޭ ތޯއެވެ. ޞުލްޙަ ވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލާ ސަރަހައްދުން ދުރަށްދިއުމަށް އެއްވެފައިތިބި މީހުންނަށް އިލްތިމާސް ކުރެވުނެވެ. ހުއްޓުމެއްނެތި އަޑުގަދަ ކުރާއިން ސާބިތުކަމާއެކު ނަޞޭޙަތްތެރި ވެވުނެވެ. މީގެއިތުރުން އެއްވެފައިތިބި މީހުންތަކުގެ ތެރެއިން އެމީހެއްގެ ނުފޫޒު ފޯރުވައިގެން އެއްވެފައިތިބި މީހުން ޞުލްޙަވެރި ކަމާއެކު ފޮނުވާލެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ މީހުންކައިރީގައި ވަކިވަކިން ބުނެގެންވެސް މީހުންތައް ފޮނުވާލެވޭތޯ ބެލުނެވެ. އެކިގޮތަގޮތުން ސަރުކާރުން މަސައްކަތް ކުަރއްވައި ގެންވެސް ޞުލްޙަވެރި ކަމާއެކު ނުގޮސްތިބެ، ނޭއްގާނީ ޢަމަލުތައް ހިންގަން ފެށުމުން ރައީސުލް ޖުމްހޫރިއްޔާގެ އޯޑަރަށް ސިފައިންނުކުމެ ގަދަކަމުން އެއްވުން ރޫޅާލެވެންދެން ވެސް ޕީއޭ ސިސްޓަމުން ނަޞޭޙަތްތެރި ވެވުނެވެ. މިއީ އެއްވެސް މަޖްބޫރުކަމެއްނެތި އަޅުގަނޑު ދީފައިވާ ތެދުބަޔާނެކެވެ.”

އިނގިލީގެ ނިޝާނާއި ސޮއި، ކުރައްވާފައި ވަނީ، ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލެވެ. ބަޔާން ނަގާފައިވަނީ، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ޙުސައިންއެވެ. އަޑުއެހީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޙާފިޒާއި ސެކްރެޓަރީ އަލްފާޟިލާ އާމިނަތް ޒާހިރާއެވެ. މިނިސްޓްރި އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މާލެ ގައެވެ. މިބޭފުޅުން މިބަޔާން ނަގާއި ސޮއި ކުރުވާފައިވާ ތާރީޚަކީ، 25 އޯގަސްޓް 2004 ގައެވެ.

މިޙާދިޘާގައި އެއްވެފައިތިބި ހަވަރުގެ ބޭނުންތަކާއި އެދުންތައް، އިބުރާއާއި އެތަނުގައި އިސްކޮށް ތިއްބެވި ހަރަކާތްތެރިން ވެގެން، އެކިމީހުންނާ ވާހަކަދައްކައި އޮޅުންފިލުވިއެވެ. އެއްވެފައިއޮތް ހަވަރު ގޮވަމުން ގެންދިޔައީ، ޢަދުލް އިންޞާފު ޤައިމުކުރަން ހުރަސްއަޅުއަވާ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި ޖަސްޓިން މިނިސްޓަރ ސީނާ އަޙްމަދު ޒާހިރު ވަގުތުން އިސްތިޢުފާ ދެއްވުމަށެވެ. ސިޔާސީ ގޮތުން ހައްޔަރުކޮށްފައާއި ގޭގެބަންދުގައި ތިބި އެންމެހާ ސިޔާސީ ގައިދީން ދޫކޮށްލުމަށް ގޮވާލާއަޑު އުފުލިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޓޮލްސް މިނިސްޓަރ އަލްއުސްތާޒު ޢަބްދުﷲ ޙަމީދާއި ޓްރޭޑް މިނިސްޓަރ ޢަބްދުﷲ ޔާމީނުގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުންދިޔައެވެ. ފުލުހުންގެ ވެރިޔަކަށް ހުންނެވި އާދަމްޒާހިރު އެމަޤާމުން ވަކިކުރުމަށާއި އޭނާ ހައްޔަރުކުރުމަށް އަޑުއުފުލަމުން ދިޔައެވެ. އަދި ރައީސް މައުމޫނު ރައީސްކަމުގެ މަޤާމުން އިސްތިޢޫފާ ދެއްވުމަށް ގޮވާފައި ވެސް ވެއެވެ. ހަވަރު އަޑުއުފުލަމުން ގެންދިޔަކަންތައް ތަކުގެ ތެރެއިން މުހިންމު ކަންތައް ފާހަގަކޮށް ނޯޓުކުރިއެވެ. އެލިޔުމަށް ދެވުނުނަމަކީ “ރައްޔިތުން އެދޭ އެދުން” މިއެވެ. ރައްޔިތުންގެ ފަރާތުން ތައްޔާރުކުރެވުނު މިލިޔުން ބްރިގޭޑިއަރ މޫސާ އަލީޖަލީލު އޭނާގެ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން އޭނާއާ ހަވަރުގެ ފަރާތުން ހަވާލުކުރިއެވެ. މިލިޔުމަށް ޖަބާބު ދެއްވާނެކަމަށް މޫސާއަލީ ޖަލީލު ވިދާޅުވެ، އޭނާ އެލިޔުން ހިއްޕަވައިގެން ވަޑައިގެންނެވީ ސިފައިންގެ ތެރެއަށެވެ. އެއަށް ފަހު، ޖުމްހޫރީ މައިދާނުގައިތިބި ގިނަބަޔަކުތިބީ ލިޔުމުން ހުށަހެޅި ކަންތައްތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ. މިހެންތިބި ތިބުމުގައި އެއްވެތިބި މީހުންގެ ޝުޢޫރުތައް ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ފާޅުކުރަމުން ގެންދިޔައެވެ. މެދުކެނޑުމެއް ނެތިއެވެ. ހަވަރުގެ ތެރޭގައި ޚާއްސް މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން މިގޮވުންތަކުގައި ބައިވެރިވިއެ، ޢަމަލީގޮތުން ހަރަކާތްތެރި ވިއެވެ. ރައީސް މައުމޫނަށާއި ކެބިނެޓަގައި ހިމެނިވަޑައި ގަންނަވާ ގިނަވަޒީރުންނަށް ފާޑުކިޔާއި އެބޭފުޅުންގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. އެއްވާނެއްގައި މިފެންވަރުގައި ފަތިސްވަންދެން ހިފާއްޓާލިއެވެ. ފަތިސްވެގެން ދިޔައިރު ޖުމްހޫރީ މައިދާން ހިމެނޭ ސަރައްދަށް ޖަމާވަމުންދިޔަ މީހުންދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. އެރޭދަންވަރު ޔާމީނާއި ފަތުޙުﷲ މެން އަޑީގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ ހަވަރާދެކޮޅަށް އާންމުންގެ ބަޔަކު ޖުމްހޫރީ މައިދާނުގެ ހުޅަގުކޮޅަށް އެއްކުރިއެވެ. އަދި އެރޭދަންވަރު މަސްތުވެފައިތިބި ޕާޓޭންގެ ގްރޫޕެއް ވަހަރު ތެރެއަށް، ބޮޑުދިދަ ކަނޑާލާއި ވައްޓާލުމަށް އިސްލާހީ ހަރަކާތާއިދިކޮޅު މީހުން ފޮނުވައިގެން ހަވަރުތެރެއަށް ވަދެގަނެ ބޮޑުދިދައިގެ ބުޑާހަމައަށް ތަޅާފޮޅަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ދިދަދަނޑިއާ ހަމައަށް ވާސިލުވިޔަ ނުދީމަތަކޮށް ހިފާއްޓާލެވުނެވެ. ޕާޓޭންގެ މަސްތުވެފައި ތިބި މިބައިގަނޑު ދެންގޮސް ވަދެގަތީ ޖުމްހޫރީ މައިދާނުގެ ހުޅަކޮޅުގައި މެގަފޯނު ބޭނުންކޮށްގެން އިސްލާހީ ހަރަކާތާ ދެކޮޅަށް ޝުޢޫރުފާޅުކޮށް އަޑުއުފުލަމުން ގެންދިޔަމީހުންގެ ތެރެއަށެވެ. ސަރުކާރަށް ތާއީދުކުރާ މިބައިގަނޑުން ގޮވަމުން ގެންދިޔައީ ރައީސް މައުމޫނަށް އެމީހުން ތާއީދުކުރާ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް، މިގޮތަށް އެއްވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. މިމީހުން ހަވަރުގެ ތެރެއަށް ވަދެގަނެ ޖުމްހޫރީ މައިދާނުގެ އިރުމަތީ ކޮޅަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ޕާޓޭންގެ މިބައިގަނޑަށް އެހީތެރިކަންދީ ދެމެގަފޯން ދިނީ ސިފައިންނެވެ. މިތަން އަޅުގަނޑު ދުށީމެވެ. މެގަފޯން ބޭލީސިފައިންގެ ފާރުމަތިންނެވެ. އެހެނަސް އެއްވަފައިތިބި ހަވަރުގެ ބާރުގަދަކަމުން މިއިންކަމެއް ކުރެވޭގޮތެއް ނުވިއެވެ. ގިނައިރު ތަކެއްނުވެ، މިބައިގަނޑުގެ އަޑުކެނޑިގެން ހިނގައްޖެއެވެ. ދެން މިމީހުން ތައްޔާރުވެގެން އަލުންއައީ ހުކުރުދުވަހު، 9:00 ޖަހާއެހާ ކަންހާއިރުއެވެ. ޖަލުން މިނިވަންކޮށް ދޫކޮށްލި ގްރޫޕާ އެކުގައެވެ. މިވަގުތު ސިފައިންގެ ބޭކަލެއްގެ ބަނޑަށް ވަޅިއެއް ހަރާލިއެވެ. އަދި މިފަދަ އެތައްކަމެއް ހިންގިއެވެ.

އަދި އެދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރައިވެޓް (ސނ: 1459) ގެމަގާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-074041 އުފަންދުވަސް، 09 ޖޫން 1980 އަލްފާޟިލް މުޙައްމަދު ޢަބްދުއްރަޙްމާން، ށ.ކޮމަންޑޫ ބީޗްވިލާ މޯލްޑިވް ޕޮލިސް ސާވިސަށް، މިޙާދިޘާއާގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައި މިފަދައިން ވެއެވެ.

“12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 7:30 ހާއިރު އަޅުގަނޑު ފުލުސް އޮފީހުގައި އުޅެނިކޮށް ޢާއްމުންގެބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަނގުއުތުރު ކަންމަތީގައި ހުންނަފޯނު ބޫތުތައް ކައިރިއަށް އެއްވެފައިތިއްބާ ފެނިގެން އަޅުގަނޑު ވެގެންއުޅޭގޮތެއް ބަލަން އެކަނި އެދިމާލަށް ދިޔައިމެވެ. އަޅުގަނޑު އެތަނުގައި ހުއްޓާ މަޑުމަޑުން މީހުންތައް އެއްވަމުން ގިނަވަމުން ދިޔައެވެ. އަދި ޕޮލިސް ހެޑްކްއޯޓަޒްއިން ނުކުމެގެން ދިޔަމީހަކު (ނަމާއި އެޑްރެސް ނޭނގޭ) އެމީހުން ކައިރިޔަށް ގޮސް، “ތިމަންނަ ދޫކޮށްލީއޭ، ދެން ހިނގާށޭދާން” މިހެން ބުނުމުން އެތަނަށް އެއްވެފައިތިބި މީހުންގެ ތެރޭގައިހުރި، ގއ.ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރު، އަދި އެހެނެއް ނުދެވޭނެއޭ ތިމަންނަމެންގެ ފޮޓޯގްރާފަރުން (ނަމެއް އަދި އެޑްރެހެއް ނުބުނޭ) އެތާވެއްޖެއޭ، އެމީހުން ދޫކޮށްލި އިރަކުންނޭ ދެވޭނީބުނެ، ދާންއުޅުނު މީހުން މަޑުކުރުވާ ރައްޔިތުން އެއްކުރާށޭ ކިޔާގޮވާ ހެދިއެވެ. އަދި އޭރު އެތަނުގައިތިބީ، ގ.ބެރުގޭ ނަވީނާއި މ.ކުޑަވެޔޮމަތީގޭ އަޙްމަދު ފަލާޙާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލެވެ. {މިވަގުތަކީ އިބުރާ އެސަރަހައްދު ބައްލަވާލައްވާއި ދިރާސާކޮށް ލައްވަން ވަޑައިގެންނެވި ވަގުތެވެ.} އެމީހުން ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަގުއުތުރު ކަންމައްޗާ ދިމާލުގައި ހުންނަ ބޫތުތައް ކައިރީގައި ތިބެފައި ސިފައިންގެ މައިމަރުކަޒުގެ ކުރިމައްޗާ ދިމާލުން ޖުމްހޫރީ މައިދާނުގެ ތެރޭގައި މަޑުކޮށްލިއެވެ. އަދި އެތަނުގައި ތިބެގެން ސަރުކާރުން ކަންތައް ކުރާގޮތާމެދު ހިތްހަމަނުޖެހޭ ވާހަކައާއި ސަންދާނު މައްސަލާގައި ހައްޔަރުކޮށްފައި ތިބިދެމީހުން (ނަމާއި އެޑްރެހެއް ނުބުނޭ) ދޫކުރުމަށް ގޮވަމުން ދިޔައެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ، 00:00 އާއި 01:00 އާދެމެދުގެ ވަގުތެއްގައި ހ.ހުޅުގަލި އިބްރާހީމް ހުަސައިންޒަކީ އާއި ގ.ހަސަންކާރިގޭ ޑޮކްޓަރ މުޙައްމަދު މުުނައްވަރު އާއި މ.މާފަންނުވިލާ ބުރުމާ ގާސިމާއި ހ.ގްރީންގޭ މުޙައްމަދު މާހިރާއި އަދިވެސް އިތުރުބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިޔަށް ދިޔައެވެ. އޭރު ސިފައިންގެ މައިމަރުކަޒު ކައިރިއަށް އާންމުންގެ ވަރަށްގިނަ ބަޔަކުއެއްވެފައި އޮތެވެ. ގާސިމް އިބްރާހީމް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ގޮސްހުރި ހުރުމުގައި [ކުރީރޭ ލޮނުޒިޔާރަތް ކޮޅަށް އެއްވި އެއްވުމުގައި ނަސީމް (ކޮންނަސީމެއް ކަމެއް ނޭނގޭ) އާއި ޖެހުނު މައްސަލައެއްގައި ވެސް ރައީސް މައުމޫނަށް ދެންނެވުމުން ނަސީމް ފުލުސް އޮފީހަށް ނުގެނެސް ދޫކޮށްލީއޭ ކަލޭމެންވެސް ހަމަޖެހޭށޭ، އަހަރެން ބޭނުންކަންތައް ވާނޭ[ މިހެންބުނިއަޑު އަޅުގަނޑު އެހީމެވެ. {ގާސިމް މިވިދާޅުވި ނަސީމަކީ އޭނާ އެދުވަސްވަރު ގެންގުޅުއްވި ނަފާނަސީމްގެ ނަމުން މަޝްހޫރު ވެފައިވާ ނަފާނަސީމެވެ. މިނިސްޓްރީ އޮފް ފައިނޭންސްގެ މިނިސްޓަރު ކަން ގާސިމަށް ލިބިލެއްވުމުން މިނަފާނަސީމް އޭނާގެ ދަށުން ފައިނޭންސް މިނިސްޓްރީގައި ގެންގުޅުއްވިއެވެ. މިޙާދިޘާގެ ފަހަތުގައި ވެސް ފޮރުވިފައިއޮތް ސިޔާސީ ރޭވުންގަނޑެއް އޮތްކަމަށް ބެލެވެނީ ގާސިމާއި ސަމަރޭއާއި އިލްޔާސް އިބްރާހީމް އެއްބަޔަށް ކުޅުއްވަމުން ގެންދެވިއިރު އެނެއްބައިގައި ފަތުޙުއްﷲ ޖަމީލާއި ޒާހިރު ޙުސައިނާއި އަބްދުﷲ ހަމީދާއި ޔާމީނު މެންވެސް ސިފައިންގެ ތެރޭގައި ރޯލެއް ކުޅުއްވިކަން ސާބިތުވާތީއެވެ. މިދެކޭންޕަކީ ސިޔާސީގޮތުން ހަތުރުންނެވެ.} އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރު، ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ނުގޮސް ގާސިމް އިބްރާހީމް މެންނާއި ވަކިވެގެންގޮސް ޖުމްހޫރީ މައިދާނުގެ އިރުއުތުރު ކަންމަތީގައި ހުންނަ ފިތުރޯނުގަސް ކައިރީގައި ވާހަކަދައްކަން (ދެއްކީ ކޮންވާހަކައެއް ކަމެއް ނޭނގޭ) ތިއްބާ އެތަނަށް، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އައިސް އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރައި ސަލާމްކޮށް ލުމަށްފަހު، ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ނަމަވެސް އިލްޔާސް ހުސައިން އިބްރާހީމް ބުނީކީކޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިންޒަކީ އެތަނުގައި، 5 މިނެޓެއްހާއިރު ވާހަކަދައްކަން ތިބުމަށްފަހު އެތަނުން ދިޔައީއެވެ. ނަމަވެސް ދިޔައީ ކޮންތަނަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޖުމްހޫރީ މައިދާނަށް އެއްވެފައިވާ މީހުން، އެތަނުގައި ތިބެގެން ހަޅޭއްލަވާ ސިފައިންގެ މައިމަރުކަޒާ ދިމާލަށް ދާންފެށުމުން ބްރިގޭޑިއަރ މޫސާއަލީ ޖަލީލް އަޑުގަދަކުރާ ބޭނުންކޮށްގެން މަޑުމައިތިރި ކަމާއެކު، ޖުމްހޫރީ މައިދާނުގެ ތެރެއަށް ދިއުމަށް އެދުނެވެ. ނަމަވެސް އެއިންއެއްވެސް އަޑެއް އެތަނަށް އެއްވެފައިތިބި މީހުންގެތެރެއިން އެއްވެސް މީހަކަށް އިވޭކަމަކަށް ނުހަދާ އަޑުގަދަ ކުރަމުން ދިޔައެވެ. އަދި އެމީހުން ހަޅޭލަވާއަޑު ގަދަކޮށް ސަރުކާރުން އަންގާއެންގުމަށް ކިޔަމަންތެރި ނުވުމުން ބްރިގޭޑިއަރ މޫސާއަލީޖަލީލް ވާހަކަދައްކަން ބޭނުންކުރި އަޑުގަދަކުރާ ޖުމްހޫރީމައިދާނުގެ ތެރެއަށް ގެންދިޔައެވެ. އަދި ރައްޔިތުން އެދޭކަންތަކަކީ ކޮބައިތޯ ސުވާލުކުރުމުން އެއްވެފައިތިބި މީހުންގެތެރެއިން ބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގައި ބަންދުކޮށްފައިތިބި ބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ދޫކޮށްލަން އެދުނެވެ. އަދި ހަމައެހެންމެ އެއްވެތިބި މީހުންއެދުނު މީހުން، ސަރުކާރުން ދޫކޮށްލާނެކަމަށް ބުނެ، އެމީހުންދޫކޮށް ލުމުންވެސް އެއްވެފައިތިބި މީހުން، ސުލްހަވެރިކަމާއެކު ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އަދި އެއްވެފައިތިބި މީހުންގެ ތެރޭގައިހުރި، ސޫޒަން އިބްރާހީމް، މ.ލެމަން ރައީސް މައުމޫނު އިސްތިޢުފާ، އަބްދުﷲ ޙަމީދު އިސްތިޢުފާ، އާދަމްޒާހިރު އިސްތިޢުފާ، މުޙައްމަދު ޒާހިރު އިސްތިޢުފާއޭ ގޮވާ، ރާއްޖޭގެ ބައިތުލްމާލު ބަނޑުއަޅާލައިގެންނޭ އަބްދުﷲ ކަމާލުއްދީން އެއޮންނަނީ، ފެންބިލާއި ކަރަންޓްބިލް ނިކަމެތިންނަށް އެކަށީގެން ނުވާވަރަށް ބޮޑުކޮށް އެމީހުންއަތުން ލާރިކަނީއޭ، އަދި އިސްމާޢީލް ޝަފީޢު އުޅެނީ ރާއްޖޭގައިހުރި އެންމެބޮޑު ނާސިގެހަދައިގެންނޭ ވެސްގޮވާ އަޑުގަދަ ކޮށްފައި ވެއެވެ. ދެން މާލޭ މެމްބަރު މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ޖުމްހޫރީ މައިދާނު ބޮޑުދިދަބުޑަށް ގޮސް ޖުމްހޫރީ މައިދާނަށް ގެންދިޔަ މައިކްސިސްޓަމް ބޭނުންކޮށްގެން މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އިހާނަތްތެރިކޮށް ކަންތައްކުރާ ކަމަށާއި، ސިފައިން ޖަލުގައި ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާކަމަށް ވާހަކަދައްކާ ހެދިއެވެ. އަދި އެމީހުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްނުދެނީސް ޖުމްހޫރީ މައިދާން ދޫކޮށްލާފައި ނުދާނެކަމަށް ބުންޏެވެ. އަދި ރައްޔިތުން އެދޭއެދުންތައް ޙާޞިލްނުވަނީސް އޭނާ ލޮލުފިޔަވެސް ނުޖަހާނެ ކަމަށާއި، އޭނާގެ ޙާލުހުރިގޮތުން ކޮޅަށް ހުރެވޭވަރު ނުވިނަމަވެސް ރައްޔިތުންނަށް ޓަކައި އޭނާ ޖުމްހޫރީ މައިދާނުގައި ހުންނާނެ ކަމަށްބުނެ ވާހަކަދައްކާ ހެދިއެވެ. އަދި މ.ކަރިޝްމާވިލާ އަޙްމަދު އިބްރާހީމް ދީދީ، މައިކުން ވާހަކަދައްކަމުން އޭނާ ސަންދާނު މައްސަލާގައި ޖަލުގައި ހައްޔަރުކޮށް، ސަރުކާރުން ނުހައްގު އަދަބުތަކެއް ދީފިކަމަށާއި، ދަނގަނޑު ހޮޅިއެއްގައި އެކޮޅުކޮޅުން އެލުވާއި އޭނާއާއި ސުވާލުކުރަން ނުޖެހޭ މޭރުމުން، ލޭޑީއިބްރާހީމް މަނިކު ސުވާލުކޮށް ހަދާފައިވާ ކަމަށާއި، އިންސާފަކީ މީތޯއޭބުނެ އެއްވެފައިތިބި މީހުންނަށް ސުވާލުހުށަހަޅާ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމަކީ، ދިވެހި ރައްޔިތުންނަށް މަކަރުހަދާ އޮޅުވާލައިގެން އުޅޭމީހެއް ކަމަށާއި، އެފަދަ މީހުންނަށް ކޮންވެރިކަމެއްހޭ ކުރެވޭނީ ވޭތުވެދިޔަ، 26 އަހަރު ތެރޭގައި ވެރިކަން ކުރެވިފައިނޫންހޭ ހުންނާނީ ދެންފައިބާށޭ ބުނެ އަޑުގަދަކުރާއިން ގޮވަމުން ދިޔައެވެ. އަދި އަހްމަދު އިބްރާހީމް ދީދީ، ޖުމްހޫރީ މައިދާނުގައިހުރި ބޮޑުދިދަ ހުންނަރޮސްޓަމް މަތީގައި ހުއްޓާ މޭޖަރޖެނެރަލް މުޙައްމަދު ޒާހިރު، ސައުންޑް ސިސްޓަމް ބަލާދިއުމުން [އަހަރެންވަކި މުޙައްމަދު ޒާހިރަށްވުރެ ކަޅީހޭ، ހުތުރީހޭ، ނުވަތަ ތަޢުލީމީ ފެންވަރު ދަށީހޭ، ތިމަޚްމާގަނޑު އަހަރެންގެ ކޮނޑުގައި ޖެހިޔަސް ކިޔާނީ ޗީފް އޮފް ސްޓާފްއޭ، މިއީ ސަރުކާރުގެ އެއްޗެކޭ، ރައްޔިތުންގެ އެއްޗެކޭ، މިމައިކުބަލާ އަންނަން ކޮބާތޯ އިންސާފަކީ] ބުނިއަޑު އަޅުގަނޑު އެހީމެވެ. އަދި އޭނާ ނެރުނު ސަންދާނު ނޫހަކީ، ހަގީގަތާ އެއްގޮތަށް ލިޔެފައިވާ ނޫހެއްކަމަށާއި، އޭގައި ހަގީގަތާޚިލާފު އެއްވެސް ވާހަކައެއް ލިޔެފައި ނޯންނާނެ ކަމަށާއި، ސަރުކާރުން ކަންތައްތައް ސިއްރުކުރަން ބޭނުންވާތީ އޭނާ ހައްޔަރުކޮށްގެން ނުހައްގު އަނިޔާތަކެއް ދިނީކަމަށް ބުނެ އަޑުއުފުލާ ހަދާފައި ވެއެވެ. އަދި ސަންދާނު ނޫހުގެ ކޮޕީއެއް، ޔޫއެންގެ މޭޒުމަތީގައި ވެސް އޮންނާނެ ކަމަށާއި، އެބޭފުޅުންވެސް ސަންދާނުގައި ލިޔެފައިވާ ވާހަކަތަކަކީ ލިޔެވޭނެ ވާހަކަތަކެއް ކަމަށްބުނެ އެނޫހާ ދޭތެރޭ ތާއިދުކޮށްފައި ވާކަމަށާއި ސަންދާނު ލިޔުނު ގަލަންވެސް އޭނާގެ ޖީބުގައި މިއޮތީއޭ މިހެން ބުންޏެވެ. {ސަންދާނު އަހަންމައިދީ ޖުމްހޫރީ މައިދާނަށް ވަޑައިގަތީ ޓެކްސީއެއްގައި އަމިއްލަފުޅަށެވެ. އޭރުއޭނާ ހުންނެވީ ގޭގެބަންދުގައެވެ. ސަންދާނު ޒަކީވެސް ހުރީ ގޭގެބަންދުގައި މާލޭގައެވެ. މީނާކައިޔަށް ވެސް ބަޔަކު ޓެކްސީއެއްގައި ބަލާދިޔައެވެ. އެހެނަސް އޭނާ ހުންނެވީ، ބަނޑުގައި ރިއްސާތި އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ގެއިން ނުނިކުންނެވީއެވެ.} އަދި މައިކް ސިސްޓަމް ބޭނުންކޮށްގެން، ގ.ކެނެރީގޭ ޒުހައިރާ ޢުމަރު، ދެއްކި ވާހަކާގައި ސަރުކާރުން ޖަލުގައި ހައްޔަރު ކުރެވޭ މީހުންނަށް އެއްވެސް ހައްގަކާނުލާ އަދަބުދީ އަނިޔާކުރާ ކަމަށާއި، ބޭނުންވަނީ ސަރުކާރު ބަދަލުކޮށްލަން ކަމަށާއި، ވޭތުވެދިޔަ، 26 އަހަރު ތެރޭގައި އެފަދަ އަނިޔާތަކަށް ކެތްކޮށްގެން ތިބެވިއްޖެ ކަމަށާއި، ދެން ކެތެއް ނުކުރެވޭނެ ކަމަށާއި، ވާވަރުވެއްޖެ ނޫންހޭ، ދެން ފައިބާށޭބުނެ އަޑުއުފުލާ ހެދިއެވެ. އަދި ދިވެހި ސަިފައިންނަކީ، މީހުންމަރާ ބައެއް ކަމަށާއި، މީކޮންކަހަލަ ގާނޫނެއް އޮންނަތަނެއްހޭ ކުށެއްނެތް ކިތައްމީހުންނަށްހޭ އަނިޔާކޮށް ހަދަމުންދަނީ، މިއަދަކީމީ، އަހަރެމެންގެ ދުވަހޭ، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ގައުމަށްޓަކައި ސާބިތުވެ ތިބޭނަމޭ ނިކަންކެރިގެން އައިސްބަލާށޭ، އަހަރެމެންނަށް ވެސް ކުރެވުނު ވަރެއްކުރާނަމޭ، އެންމެފަހު ނޭވަޔާ ޖެހެންދެން ވެސް ގައުމަށްޓަކައި ޖިހާދުވާން މިތިބީ ތައްޔާރަށޭ، ބުނެގޮވާ ހަދަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން، ދ.ކުޑަހުވަދޫ މެޑޯޒް އިބްރާހީމް ފަރީދު ވެސް މައިކުން، ކީރިޔިޤުރުއާނުގެ އާޔަތްތައް ކިޔަވާއި ތަޤްރީރުކޮށް އޭނާއަކީވެސް ޖަލުގައި އެއްވެސް ކުށެއްނެތި އަނިޔާލިބިފައިވާ މީހެއްކަމަށާއި އެއްވެސް ކުށެއްނެތި ޖަލުގައި މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށްބުނެ، އަޑުއުފުލާ ހަދަމުން ދިޔައެވެ. މެދުކެނޑުމެއްނެތި އެކިމީސްމީހުން ސަރުކާރާ އިދުކޮޅު ވާހަކަތައް ދައްކަމުން ދިޔައިރު، ސ.މީދޫ ހަސަންކާރިގޭ ހުސްނުއްސޫދު މައިކުން، 13 އޯގަސްޓް 2004 ވަނަ ދުވަހުގެ ހެނދުނު، 09:00 ހާއިރު ޖަލުގައި ހައްޔަރު ވެފައިތިބި އަހަރެމެންގެ ރައްޓެހިން، ޖަލު ފުނޑާލާފައި ނިކުމެ ދޯންޏެއްގައި އެބައަންނަ ކަމަށާއި އަދި އޭނާ ސިފައިންނަށް އިންޒާރު ކުރަމުން ހަނދާންކުރާށޭ އެއިން އެއްވެސް މީހަކަށް ގެއްލުމެއްދީ އަނިޔާއެއް ކޮށްފިއްޔާ ސިފައިންގެ އާލާތުންގެ އަނބިދަރިންނަށް ދަންދެން ކޮށާލާނަމޭބުނެ ބިރުދައްކާ އިންޒާރުކޮށް ހެދިއެވެ. އަދި އޭގެކުޑައިރުކޮޅެއް ފަހުންވެސް މާފުށިން ފުރައިގެން އަންނަދޯނި މާލެއައި ވަރަށްކައިރި ވެފައިވަނިކޮށް ސިފައިން ދޯންޏާދިމާކޮށް ދޯނީގައިތިބި މީހުންގަޔަށް ކަރުނަގޭސް ޖަހައިދޯނި ފައްތާލައިފިކަމަށް ބުނުމުން އެއްވެފައިތިބި ޢާއްމުންގެ ތެރެއިންބަޔަކު ޕޮލިސް ހްޑްކްއޯޓަޒައި ދިމާލަށް އަރައިގަނެ ޕޮލިސް ހެޑްކްއޯޓަޒްގެ ކުރިމަތީގައި އެތަން ސަލާމަތް ކުރުމަށްތިބި ސިފައިންނާ ދިމާލަށް އަރައިގަނެ ސިފައިންގެ ދެމީހެއްގެ ގަޔަށް ވަޅިހެރިއެވެ. އަދި އެވަގުތު އަޅުގަނޑުހުރީ ތަންކޮޅެއް ދުރުގައިކަމުން ވަޅިހެރީކޮން ބައެއްކަމެއްކަމާއި އަނިޔާލިބުނީ ކޮންބަޔަކަށް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އަދި، 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީމައިދާނަށް އެއްވެތިބި މީހުންގެ ތެރެއިންބަޔަކު (ކޮންބައެއް ކަމެއް ނޭންގޭ) ފުލުސް އޮފީސް ކުރިމަތީގައި އެތުރިގެންތިބި ސިފައިންނާ ދިމާލަށް، ގަލާއިފުޅި ފަދަތަކެތި އުކާހެދިއެވެ. ނަމަވެސް އެތަކެތި އުކާހެދީކޮން ބައެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިޣައިރުގާނޫނީ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން، އަޅުގަނޑަށް ފާހަގަކުރެވުނު މީހުންގެ ފުރިހަމަ ނަމާއެޑްރެސް އަޅުގަނޑަށް އެނގުނީ ފުލުހުންގެ ތަހްގީގުންނެވެ.]

މިބަޔާނުގައި އިނގިލީގެ ނިޝާނާއިސޮއި ކުރައްވާފައި ވަނީ، މުޙައްމަދު ޢަބްދުއްރަޙްމާނެވެ. ބަޔާންނަންގަވާ ފައިވަނީ، ކޯޕަރަލް އަބްދުﷲ ނިޒާމް، ސނ: 1205 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ޝިނާޒު، ސނ: 1622 އާއި ކޮންސްޓަބަލް ތޮއްލަތު ރައޫފުއްދީން، ސނ: 1479 އެވެ. މޯލްޑިވް ޕޮލިސް ސާވިސް، މާލެ ގައެވެ. މިބޭފުޅުން މިބަޔާން ނަގައި ސޮއި ކުރުވާފައިވާ ތާރީޚަކީ، 8 އޮކްޓޯބަރ 2004 ގައެވެ.

ބްރިގޭޑިއަރ މޫސާޢަލީ ޖަލީލާއި ޕްރައިވެޓް މުޙައްމަދު ޢަބަދުއްރަޙްމާނައި މިދެބޭފުޅުންގެ ބަޔާން ތައްޔާރު ކުރެވިފައިވަނީ، ޖުމްހޫރީ މައިދާނަށް ފޯނުކޮށްގެން ގެންދެވުނު އިއްޒަތްތެރި މެމްބަރުންތައް ގާނޫނީގޮތުން ގޮޅިއަކަށް ފައްތާއި ބައްދާލުމުގެ ބޭނުމުގައެވެ. މިދެބަޔާނުގެ އަސްލުގެ ދެނަކަލު މިހާރުވެސް އަޅުގަނޑު އަތުގައި ކޯޓުގެ ތައްގަނޑު ޖެހުމާއެކު ލިބިފައި އެބައޮތެވެ. މުޙައްމަދު ޢަބްދުއްރަޙްމާނު ބަޔާނުގައި ގެނެވިފައި މިވަނީ، ޖުމްހޫރީ މައިދާނުގައި ވާހަކަދެއްކެވި އިސްލާހީ ހަރަކާތުގެ އެކިބޭފުޅުންގެ ވާހަކަތަކެވެ. މީނާގެ ބަޔާނުގައި ނޯބެގެ ވާހަކަނެތީ މޫސާއަލީ ޖަލީލުގެ ބަޔާނުގައި ނޯބެގެ ވާހަކަ ގެނެވިފައި ވާތީއެވެ. ނޯބެއަކީ ވެސް ކަޅުހުކުރު އައިއިރު، ގޭގެބަންދުގައި ހުރިބޭފުޅެކެވެ. އަދި ސަންދާނު އަޙައްމައިދީ ގެއިން ނުކުމެގެން އައިގޮތަށް ނޯބެވެސް ޓެނިހަކަށް އަރާތައްޔާރު ވެލައިގެން، އަމިއްލައަށް ގެއިން ނުކުމެގެން ޖުމްހޫރީ މައިދާނަށް އައީއެވެ. އަޅުގަނޑު ހިތުން، ޖުމްހޫރީ މައިދާނަށް އެންމެ ފުރަތަމައިން ދިޔަ އެޑްވާންސް ގްރޫޕް، ޖެނީމެން ނޯބެއާ ބައްދަލުކޮށް ހަދާފައި އެދިމާއަށް ދިޔައިރުވެސް، މިކަން ވަރުގަދަވެ ވައިގައި ހިފައިފިއްޔާ ނޯބެ ގެއިން ނުކުތުމަށް ރާވާފައި އޮވެދާނެއެވެ. އޭނާއަކީ ގޭގައި ބަންދުގައި އިނދެގެން، ބަރާބަރަށް ބޭރުގައިތިބި އިސްލާހީ ހަރަކާތުގެ ލީޑަރުންނާއި ޚާއްސަކޮށް އަންނިއާ ގަވައިދުން ގުޅަމުން ގެންދިޔަ އެކެކެވެ. ޢަލީ ވަހީދު ހަސަނަކީ ހުރިހާ ފޮޓޯތަކެއް ބޭރުކޮށްހެދި އެކެކެވެ. އެރޭ ފަތިސްވުމުގެ ކުރިން، ހައްޔަރުކުރުމަށް ސިފައިންހެދި ލިސްޓެއްގައި އަލީވަހީދުގެ ނަންއޮތްކަން އެނގިގެން، ހުކުރުދުވަހަށް އިރުއެރިތަނާހެން ލަންކާއަށް ފުރުމަށް އެއަރޕޯޓަށް ދިއުމުން އޭނާގެ ޕާސްޕޯޓް ހިފާއްޓާ ހެދިއެވެ. އެހެނަސް އަލީވަހީދު، އެތައް މައްސަލަތަކެއް ޖެއްސުމުން، ސިފައިން ހިފޭއްޓި ޕާސްޕޯޓް އިމިގްރޭޝަނުން ގެނެސްދިނުމުން ހެދުނު ފްލައިޓަކުން ލަންކާއަށް ފުރުނެވެ. ޢަލީވަހީދު ލަންކާއިން އެނބުރި މާލެއައީ، މިހުރިހާ ކަމެއްނިމި ޖައްވުއަމާން ވުމުންނެވެ. ދެތިންހަތަރު މަސް ވުމުންނެވެ. މީނާއަށް ވެސް ޔޫއެން މެދުވެރިކޮށް ސިޔާސީ ޙިމާޔަތް ލިބޭނެގޮތް ހަމަޖެހިފައި އޮތެވެ. އެހެނަސް އޭނާގެ އަންހެނުން އެކަމާ، އެއްބަސް ނުވުމުން ވާނެގޮތެއް ވުމަށް މާލެއައީއެވެ.

އެންއެސްއެސްގެ ލާންސް ކޯޕަރަލް، ސނ: 3284 ހ.ސްވޯޑް އަލްފާޟިލް މުޙައްމަދު ރާއިދު، އައިޑީކާޑު ނަމްބަރު: A-012104 އުފަން ތާރީޚް: 30. 05. 1978 މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.

[ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) އަކީ އަޅުގަނޑުގެ އާއިލާގެ މީހުންނައި ވަރަށްގާތް ރައްޓެއްސެކެވެ. އަދި އޭނާގެ އާއިލާގެ މީހުންނަކީ ވެސް އަޅުގަނޑުގެ އާއިލާއާއި ވަރަށްގާތް ރައްޓެހި ރަޙްމަތް ތެރިންނެވެ. އަދި އޭނާއަކީ އަޅުގަނޑު ކިޔަވަމުންދިޔަ ދުވަސްވަރު (ޚާއްސަކޮށް އެސްއީސީގައި ކިޔެވި ދުވަސްވަރު) ސްކޫލްގެ ބައެއް ޕްރޮޖެކްޓުތައް ހެދުމަށް އެހީތަކެއް ވެފައިވާ އަޅުގަނޑުގެ ވަރަށްގާތް މީހެކެވެ. އޭނާއަކީ ނުކުޅެދޭ މީހަކަށްވާތީ އޭނާގެ އެދުމުގެމަތިން އަޅުގަނޑުގެ ސައިކަލުގައި އޭނާއެކި ތަންތަނަށް ވަރަށް ގިނަގިނައިން ގެންގޮސްދީ ހަދަމެވެ. 12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ (އިރާކޮޅު) އަޅުގަނޑުގޭގައި އުޅެނިކޮށް އިބްރާހީމް އިސްމާޢީލް އަޅުގަނޑުގެ މޯބައިލްފޯނަށް ގުޅާފައި ސައިކަލުގައި ޖައްސާލަ ދިނުމަށް އެދުނެވެ. އަޅުގަނޑު ސައިކަލުގައި މއ.ބޯގަންވިލާއަށް ދިޔައިރު، އިބްރާހީމް އިސްމާޢީލް ހުރީއެގޭ ދޮރުމަތީގައި ބޭރުގައި ކޮންމެވެސް މީހަކާވާހަކަ ދައްކާށެވެ. އެމީހަކީކާކުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާ އަޅުގަނޑު ގާތުގައި ޖުމްހޫރީ މައިދާނުގައި ވަރަށްގިނަ އަދަދެއްގެ މީހުންއެއްވެ އެބައުޅޭކަމަށާ، އެތަން ބަލާލަން ދާންވާނެކަމަށް ބުންޏެވެ. އޭނާއެހެން ބުނުމުން އަޅުގަނޑު އޭނާގާތުގައި އެތާކައިރިން ލާފައިދިޔަ ކަމުގައި ވިޔަސް އެތަނަށް މަޑުކޮށްގެން ނުވާނެކަމަށް ބުނީމެވެ. ....ޖުމްހޫރި މައިދާނުގައި ހިނގަމުންދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން މަސައްކަތް ކުރިއިރު އަޅުގަނޑުހުރީ، 01 އޯގަސްޓް 2004 ވަނަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީގައި ކަމަށްވެފައި، އަދި އޮފީހުގެ އެއްވެސް ވެރިއަކު އަޅުގަނޑަށް ގުޅާފައި އޮފީހަށް ނިކުތުމަށް އެދިފައި ނުވާތީވެ، އަޅުގަނޑު އެތަނުގައި ހުރިހުރުމުގައި ފުލުހުންގެ މީހެއްގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުރަމެވެ. އިބުރާ ޖުމްހޫރީ މައިދާނުގައި ހުރެގެން މެގަފޯނުން އެތަނުގައި އެއްވެއުޅުނު މީހުންނާއި މުޚާތަބުކުރަމުން ދިޔައަޑު އަޅުގަނޑު އެހީމެވެ. ނަމަވެސް އޭނާދެއްކި ވާހަކައެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާ ޖުމްހޫރީ މައިދާނުގައި އުޅެފައި އަޅުގަނޑު ކައިރިއަށް އައިސް ފެންފުޅިއެއް ލިބިދާނެތޯ އެހުމުން އަޅުގަނޑު އޭނާގާތުގައި އަޅުގަނޑު ފެންފުޅިއެއް ހޯދާނީ ކޮންތާކުންތޯ ބުނީމެވެ. އެވަގުތު އެތަނަށް އެންއެސްއެސްގެ ލެފްނިނެންޓެއް ކަމަށްވާ، ނަޞްރުﷲ (ފުރިހަމަ ނަމެއްނޭނގޭ) އައިސް އިބުރާއަށް ގޮވާލާފައި އޭނާގޮވައިގެން ދިޔައީއެވެ. އަޅުގަނޑު ޖުމްހޫރީ މައިދާން ކައިރީގައި ހުރިހުރުމުގައި އެތަނަށްއެއްވެ އުޅުނުއެއްވެސް ބަޔަކައި އެހީތެރިވެ އެއްވެސް ސިފައެއްގައި ބައިވެރިވެފައެއް ނުވާނެއެވެ. އެއެއްވުމަކީ ބަޔަކުރާވައިގެން އެއްވި އެއްވުމެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާގެ ރައްޓެހިކަމުގައި އަޅުގަނޑު އޭނާގެ އެއަށް، މއ.ބޯގަންވިލާއަށް ދިޔަދުވަހެއްގައި މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އެގޭތެރެއިން ދުށީމެވެ. ނަމަވެސް އޭނާއައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. އިލްޔާސް ހުސައިން އިބްރާހީމް ފިޔަވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެއްވެސް މެމްބަރަކާ އެގޭތެރެއިން އަޅުގަނޑާ ދިމާވެފައެއް ނުވެއެވެ. އިބުރާއަށް ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ލިބިގެން އޭނާ ހުޅުވައިގެން އުޅޭއޮފީހަށް އަޅުގަނޑު އެއްވެސް ދުވަހެއްގައި ގޮސްފައެއް ނުވާނެއެވެ. އަޅުގަނޑަކީ ސިފައިންގެ މީހަކަށްވެފައި އަދި އަޅުގަނޑަކީ ފުލުސް އޮފީހުގައި ހަތްއަހަރު މަސައްކަތް ކޮށްފައިވާ މީހަކަށްވީތީ އިބްރާ އަޅުގަނޑު ގާތުގައި އަޅުގަނޑު މަސައްކަތް ކުރާތަނާބެހޭ ގޮތުންނާ، އަދި އަޅުގަނޑުކުރާ މަސައްކަތާބެހޭ ގޮތުންވެސް އެއްވެސް ވާހަކައެއް ދުވަހެއްގައިވެސް އަހާފައެއް ނުވެއެވެ. އަދި އަޅުގަނޑުވެސް އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް އިބްރާގާތުގައި ދައްކާފައެއް ނުވާނެއެވެ. އަދި އޭނާނޫން އެހެން މީހެއްގާތުގައި ވެސް އަޅުގަނޑު މަސައްކަތްކުރާ އޮފީހާބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެއެވެ.]

މިބަޔާން ނަގާފައިވަނީ، ސަރޖަންޓް އަޙްމަދު މުޙައްމަދު، ސނ: 1192 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއަހާފައިވަނީ، ކޮންސްޓަބަލް އިސްމާޢީލް ނަދީން، ސނ: 1672 އާއި ކޮންސްޓަބަލް ޙުސައިން މަފާޒް، ސނ: 1721 އެވެ. މިރާއިދަކީ، 2003 ވަނަ އަހަރު ތެރޭގައި އެތައްފަހަރަކު އަޅުގަނޑުމެން ފަހަތުން ފާރަލާއި ކެމެރާ ކުރަންއުޅެނިކޮށް ފަޅާއަރާފައިވާ ސިފައިންތެރޭގައި އުޅޭފައްކާ ޖާސޫސެކެވެ. އިބުރާއާ މިހާގާތްކޮށް މިފަދަ މީހަކު އުޅެންޖެހޭ ސަބަބަކީ އިތުރަށް ދިރާސާ ކުރަން ޖެހޭކަމެކެވެ. ޚާއްސަކޮށް، 19-20 ސެޕްޓެމްބަރ 2003 ގެޙާދިޘާގެ ތަހްގީގުގައި ވެސް، އަދި އެޙާދިޘާ ތެރޭގައި ހިންގި އެކިކަންކަމުގައި ޝާމިލްވެފައިވާ މީހެކެވެ. މީނާއާއި އިބުރާއާ ދެމެދު މިއޮންނަ ގާތްގުޅުމުގެ ސިއްރަކީ ކޮބައިކަމެއް އޮޅުމެއް ނުފިލައެވެ. އަދި އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި ބުރުމާގާސިމާ، އިބުރާއާ ދެމެދުއޮންނަ ސިޔާސީ ގުޅުމަކީ ވެސް އޮޅުންތަކެއް ހިމެނިފައިވާ ކަންތަކެވެ. މިޙާދިޘާ ތެރޭގައި އިބުރާއާއި ގާސިމު އިސްކޮށް އުޅުއްވިއިރު އާދަޔާޚިލާފު ގުޅުންތަކެއް މިމީހުންގެ ދެމެދުގައި އޮންނަކަން ފާހަގަކުރެވިފައި ވެއެވެ. ޙަގީގަތުގައި އިބުރާއަކީ އިލްޔާސް އިބްރާހީމާއި ގާސިމް އިބްރާހީމްގެ ބަހަށް، ބައެއްކަންތަކަށް އަމަލީސިފަ ގެންނަވާފައިވާ ވަރަށް ސިޔާސީ ގޮތުން ބޯހަރު ބޭފުޅެކެވެ. އިސްލާހީ ހަރަކާތުގައި އަބަދުވެސް އާދަޔާޚިލާފު ރޯލެއް ކުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އިތުރަށް ދިރާސާ ބޭނުންވާ އެތައް ސުވާލުތަކެއް އުފެދޭފަދަ ކަންތައް ކުރައްވާފައިވާ ބޭފުޅެކެވެ.

މ.ޔާގޭތުގެ، މާލެ އަލްފާޟިލް ޢަލީ ޢަބްދުﷲ، މޯލްޑިވްސް ޕޮލިސް ސަރވިސަށް ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.

[އަޅުގަނޑަކީ ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިންބޭރަށް ގޮސްއުޅޭ މީހެކެވެ. މިގޮތުން އަޅުގަނޑު ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި ސްރީލަންކާގެ ކޮޅުބުގައި އާންމުގޮތެއްގައި ދެދުވަހު މަޑުކޮށް ހަދަމެވެ. އަދި މިމަޑުކުރާ ކުރުމުގައި އަޅުގަނޑުގެ ދަނބިދަރިފުޅު، ގ.ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އާބައްދަލުވެ ވާހަކަދައްކާ ހަދާފައި ވާނެއެވެ. މިގޮތުން، 2004 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑު ލަންކާގެ ޓްރާންސްއޭޝިޔާ ހޮޓަލުގައި މަޑުކުރި ކުރުމުގައި މުޙައްމަދު ނަޝީދު (އަންނި) ފޯނުން، އަޅުގަނޑަށްގުޅާ ވާހަކަދެއްކި ދެއްކުމުގައި އަޅުގަނޑާ ބައްދަލުކުރުމަށް މުޙައްމަދު ނަޝީދު (އަންނި) އަންނައިރު، މ.ޗާންދަނީވިލާ މުޙައްމަދު ލަތީފު (ގޯގޯ ލަތީފް) ގޮވައިގެން އަންނާނެ ކަމަށްބުނެ، އެބޭފުޅާގޮވައިގެން އަޅުގަނޑު ހުންނަހޮޓަލަށް އެއްރެއަކު އައެވެ. އަދި އެރޭ، މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އަށް ރޭގަނޑުގެ ކެއުމެއް ދިނީމެވެ. އަދި މިގޮތުންވާހަކަ ދެއްކިދެއްކުމުގައި އެމީހުން ކޮޅުބުގައި ހުޅުވާފައި ހުންނަ، އެމްޑީޕީގެ އޮފީސް ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ގައުމުން ބޭރުވުމަށް ސްރީލަންކާ ފުލުހުން އެންގިކަމަށާއި ނަމަވެސް އެކަން އެގޮތަށްނުވެ އަލުން ސްރީލަންކާގައި އެމީހުން، އެމްޑީޕީ އޮފީސް ހުޅުވައިގެން މަސައްކަތް ފަށާފައިވާތީ، އެކަމާގުޅިގެން އެކަންދިމާވާން ޖެހުނުސަބަބެއް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި އަޅުގަނޑު އެހުމުން، [އެއީ ކޮންމެވެސް ކަހަލަ އޮޅުމެއްގެ ތެރޭގައި ހިނގިކަމެއް ކަމަށާއި އިނގިރޭސި އެމްބަސީއާއި އެމެރިކަން އެމްބަސީ މެދުވެރިވެގެން، 48 ގަޑިއިރުވުމުގެ ކުރިން އެކަން ހަމަޖައްސަވައި ދެއްވިއޭ] މިހެން، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ. އަދި ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ކައިރީގައި އެދިމާވިގޮތުގެ ވާހަކަ، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ދެއްކިކަމަށާ، އަދި އެވާހަކަ ދެއްކުމުން، ދެން އެކަހަލަކަމެއް ދިމާވެއްޖެނަމަ، ބޮޑުވަޒީރުގެ ގެކޮޅަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އައުމަށާއި އޭރުން ބޮޑުވަޒީރުގެ ގެކޮޅަށް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ހޯދުމަށް ބަޔަކު ނުވަންނާނޭ މިހެން ބޮޑުވަޒިރު، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި ވިދާޅުިވެފައި ވާކަމަށް، މުޙައްމަދު ލަތީފް، އަޅުގަނޑުގާތު އެރޭބުންޏެވެ. މިވާހަކަތަކާ ގުޅިގެން މިހާރު ސްރީލަންކާގެ ބޮޑުވަޒީރާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއޮތީކޮން ގުޅުމެއްތޯ އެހުމުން ބުނެފައިވަނީ، އެއީ މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ސްރީލަންކާގައި ކިޔަވަން އުޅުނުއިރު އެއްކްލާހެއްގައި އުޅެފައިވާ ބޭފުޅެއް ކަމަށާއި ދެބޭފުޅުންގެ މެދުގައި ވަރަށްގާތް ރަޙްމަތްތެރިކަމެއް އުފެދިފައިވާ ކަމަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ. 2001 ވަނަ އަހަރުތެރޭގައި އެއްދުވަހު އަޅުގަނޑު، މ.އޮމަދޫގައި އިންދާ، މ.މާފަންނުވިލާ ގާސިމް އިބްރާހީމާއި މ.ރަންފަސް ޙަސަންޒާހިރު (ރާޑޯ ޒާހިރު) އާދެބޭފުޅުން އައިސް މިއުޅެނީ ސިޔާސީޕާޓީއެއް ހަދާށޭ މިކަމަށްރުހި ގަބޫލުކަމަށް ވާނަމަ، ފެންނަ ނަމްބަރަކާ ދިމާލުގައި ނަންޖަހާފައި ސޮއިކުރާށޭ މިހެން ބުނެފައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އެޑްރެސްކޮށް ލިޔެފައިވާ ގަނޑެއް އަޅުގަނޑު އަތަށް ދިނުމުން އަޅުގަނޑުގެ ނަންއެގަނޑުގައި ލިޔެ، ސޮއިކުރީއެވެ. މިއަދުންމިއަދަށް މިލިޔުން، ލާންޖެހެއޭ ކިޔާފައެބޭފުޅުން އެލިޔުން ހިފައިގެން ނިކުމުގެން ދިޔައީއެވެ. އޭގެފަސް ދުވަސްފަހުން، މިނިސްޓްރި އޮފް ހޯމްއެފެއާޒްގެ ފަރާތުން އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ ކަންތައް ހަމަޖެއްސުމަށް ރައީސް އޮފީހަށް ހުށަހަޅައިގެން އުޅޭވާހަކަ ގާސިމް އިބްރާހީމް އަޅުގަނޑު ގާތުގައި ބުނެފައި ވެއެވެ. އޭގެފަހުން އެކަމާގުޅޭ ހުރިހާޚަބަރެއް އަޅުގަނޑާ ހިސާބަށް ގެނެސްދެނީ މުޙައްމަދު ނަޝީދު (އަންނި) އެވެ. އެކަމާގުޅޭގޮތުން ހޯމް މިނިސްޓްރީގައި ޖަލްސާއެއް ބޭއްވިކަމަށައި އެޖަލްސާގައި ގާސިމް އިބްރާހީމާއި އަޅުގަނޑުގެ ތިމާގެމީހެއް ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމާއި ސިވިލް އޭވިއޭޝަންގައި ވަޒީފާއަދާ ކުރައްވާ، މަޙްމޫދުރާޒީ ބައިވެރިވިކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ. އޭގެފަހުންވެސް ހޯމް މިނިސްޓްރީން އެކަމާއެބަ އުޅުއްވާކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑުގެ ގާތުގައި ބުނެފައިވެއެވެ. އޭގެ ދުވަސް ތަކެއްފަހުން، އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު، ނިންމަވާފައިވަނީ ރައްޔިޔުންގެ މަޖިލީހަށް މިކަން ހުށަހަޅުއްވަން ކަމަށް މުޙައްމަދު ނަޝީދު (އަންނި) އާއި ގާސިމް އިބްރާހިމް އަޅުގަނޑުގެގާތު ބުނެފައިވެއެވެ. މިގޮތުން ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމަށް ތާއީދުހޯދުމަށް، އެޕާޓީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ދިޔައެވެ. މިގޮތުން އެމްޑީޕީގެ މެންބަރުން ކަމުގައިވާ، ގާސިމް އިބްރާހީމާއި ހ.ދޮންޖޭމުގޭ ޢުމަރުނަޞީރާއި މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއެކު އަޅުގަނދު ވެސް ދިޔައީމެވެ. އަދި އޭގެދުވަސްކޮޅެއް ފަހުން، ބީބީސީން ވެސް އެޚަބަރު އިވުނެވެ. މީގެދުވަސްކޮޅެއް ފަހުން ވަރަށްކުއްލި ގޮތަކަށް މުޙައްމަދު ނަޝީދު (އަންނި) ފުރައިގެން ދިޔައީ ސްރީލަންކާގެ ކޮލަންބޯ އަށެވެ. އެއަށްފަހު މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއި މުޙައްމަދު ނަޝީދު (އަންނި) އާދެމީހުން ކޮލަންބޯގެ ހިލްޓަން ހޮޓަލަށް، ބީބީސީއާއި ސްރީލަންކާގެ ނޫސްތަކުގެ ރިޕޯޓަރުން ގެނެސްގެން، އެމްޑީޕީއާބެހޭ ރިޕޯޓުތައް ބީބީސީން ދައްކާއި ސްރީލަންކާގައި އެމްޑީޕީގެ އޮފީސް ހުޅުވާފައިވެއެވެ. އަދި އޭގެ ގާތްގަނޑަކަށް، 6 މަސްފަހުން، އިނގިރޭސި ވިލާތުގައި އެމްޑީޕީގެ ދެވަނަ އޮފީހެއް ހުޅުވާފައިވެއެވެ. އިނގިރޭސި ވިލާތުގައި އެމްޑީޕީގެ އޮފީހެއްހުޅުވީ ޔޫރަޕްގެ ގައުމުތަކާ މުވާސަލާތު ކުރުމަށް ފަސޭހައަކަށް ކަމަށް އަންނި އަޅުގަނޑުގާތުގައި ބުނެފައިވެއެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ފައިސާ ޚަރަދުކުރަނީ ކޮންކޮން ފަރާތްތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު އެމްޑީޕީއަށް އެއްވެސް ޚަރަދެއް ކޮށްފައެއް ނުވާނެއެވެ. 2001 ވަނަ އަހަރު އެމްޑީޕީ އުފައްދަން އެންމެއިސްކޮށް މަސައްކަތްކުރީ، މުޙައްމަދު ނަޝީދު (އަންނި) އެވެ. ރާއްޖޭގައި އެމްޑީޕީ ރަޖިސްޓްރީކުރަން، ދިވެހި ސަރުކާރަށް މަޖްބޫރު ކުރުވުމަށްޓަކައި، 14 ފެބްރުއަރީ 2004 ގައި ތީމުގޭ ކުރިމައްޗަށް މުޙައްމދު ނަޝީދު (އަންނި) ގެކޮއްކޮ ގ.ކެނެރީގޭ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި އަދިވެސް އެހެންބަޔަކު އެއްވާގޮތަށް ހަމަޖައްސާފައިވާ ކަމުގެ، މައުލޫމާތު މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑަށް ދިނެވެ. އެއީ ދުނިޔޭގެ މީޑިޔާއަށް ދޭންބޭނުންވާ މެސެޖަކާއި ފޮޓޯނެގުމުގެ ބޭނުމުގައި ކަމަށާ، އަދި ބީބީސީއާއި ޚަބަރުފަތުރާ އެހެން ބައެއް އެޖެންސީތަކުގެ ރިޕޯޓަރުން ތިބޭނީ މާލޭގައި ސެޓްކޮށްފައި ކަމަށްވެސް ބުންޏެވެ. އެކަމާގުޅިގެން ބަޔަކު ބަންދުކުރިކަން އަޅުގަނޑަށް އެނގުނެވެ. ބަންދުކުރެވުނު މީހުންގެ ތެރޭގައި އަންނިގެ ކޮއްކޮ ގ.ކެނެރީގޭ އަހްމަދުނާޒިމް އަބްދުއްސައްތާރު ހިމެނެއެވެ. ….މާލޭގެ ލޮނުޒިޔާތަރް ކޮޅުގައި އެމްޑީޕީގެ ފަރާތުން އެއްވުންތަކެއް ބޭއްވިކަން އަޅުގަނޑަށް އެނގެއެވެ. އެތަނަށް އެއްވި ފުރަތަމަރޭ އަޅުގަނޑުހުރީ ސިންގަޕޫރުގައެވެ. މިހުރިހުރުމުގައި ރީކޯމޫސަ އަޅުގަނޑުހުރި ހޮޓާކަމުގައިވާ ހިލްޓަން ހޮޓަލަށް އައިސް ބައްދަލުކޮށް، އޭނާގެ ވިޔަފާރިއާބެހޭ ވާހަކައެއް ދެއްކިދެއްކުމުގައި، އެމްޑީޕީގެ އެއްވުންތައް ލޮނުޒިޔާރަތް ކޮޅުގައި އެބަބާއްވައޭ މިހެން އަޅުގަނޑުގާތު ބުންޏެވެ. ލޮނުޒިޔާރަތް ކޮޅުގައި ބޭއްވުނު ބައެއް އެއްވުންތައް ކުރިޔަށް ދިޔައިރު އަޅުގަނޑުހުރީ މާލޭގައެވެ. އަޅުގަނޑު އެއިން އެއްވެސް އެއްވުމަކަށް ގޮސްހަދާފައެއް ނުވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ގާތްތިމާގެ ދެކުދިން ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާއި މ.އަޙްމަދީއާބާދު އިބްރާހީމް ޒަކީ، އަޅުގަނޑަށް ދެފަހަރެއްގެ މަތިން ފޯނުންގުޅާ، މިހާރު މިނިވަން ބަހުސް ހިނގާލެއް މާފޯރިގަދައޭ ކޮންމެރެއަކު ކޮންމެވެސް ދިމާލަކުން ލޮނުޒިޔާރަތް ކޮޅުގައި މީހުން އެއްވާ ސަރަހައްދަށް ބޮނޑިބަތާ އެއްޗެހި އެބަފޮނުވައޭ، އަލިބެ ފޮނުވަންހޭ މިހެންބުނުމުން، ނޫނޭ އަޅުގަނޑާ ޖެހުނީމާ އަޅުގަނޑުވެސް ފޮނުވާނަމޭ، އަޅުގަނޑާ ޖެހުނީމާ އަންގާލާށޭ މިހެންބުނީމެވެ. މިކަން ހިނގާދިޔައީ ސަރުކާރުން މިއެއްވުންތައް މަނާކުރުމުގެ ކުރިންނެވެ. ލޮނުޒިޔާރަތްކޮޅަށް މީހުން މިއެއްވި އެއްވުމަކީ، އެއްވެސްތާކުން ހުއްދަލިބިގެން އެއްވި އެއްވުމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. 12 އޯގަސްޓް 2004 ދުވަހުގެ ވަރަށްހަވީރުގެ ވަގުތެއްގައި، ހީވާގޮތުން އިރުއޮއްސުނު ފަހުން އަޅުގަނޑު ގެންގުޅޭ މުވައްޒަފެއް ކަމަށްވާ، މ.އާޒާދީގުލްޝަން އަޙްމަދު މުޚްތާރު އަޅުގަނޑުގެ، 7772997 ނަމްބަރު މޮބައިލްފޯނަށް ނުވަތަ، 3322997 ނަމްބަރު ފޯނަށްގުޅާ ސިފައިންގެ ކައިރީ، ޖުމްހޫރީ މައިދާނުގައި ބަޔަކުއެއްވެގެން އުޅޭކަމަށް ބުންޏެވެ. އޭނާއަކީ ރަށުތެރޭގައި ހިނގާއެކިއެކި ކަންކަމުގެ ޚަބަރު އަޅުގަނޑަށް ގެނެސްދޭ މީހެކެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 12:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑުކުރި ފޯނުތަކުގެ ތެރޭގައި ދެފަހަރަކު، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާ ގުޅާފައިވާނެއެވެ. އެއީ ޖުމްހޫރީ މައިދާނަށް އެއްވެގެން އުޅޭމީހުންގެ ހަރަކާތްތައްހުރީ ކިހިނެއްތޯ ބެލުމަށްޓަކައެވެ. އެއިން އެއްފަހަރު މާލޭގެ ދެމެމްބަރުން ކަމުގައިވާ އަލްފާޟިލް އިލްޔާސް އިބްރާހީމާއި އަލްފާޟިލް އަބްދުﷲ ކަމާލުއްދީނާއި ގާސިމް އިބްރާހީމާއި، ޑޮކްޓަރ މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއާއި އިބްރާހީމް އިސްމާޢީލް ވަޑައިގެން އެބައުޅުއްވައޭ އިލްޔާސް ހުސައިން އިބްރާހީމް ބުނުއްވިއެވެ. ކޮންމެފަހަރަކު ވެސް، އިލްޔާސް ހުސައިން އިބްރާހީމް ތިޔަހުންނެވީ ކޮންހިސާބެއް ގައިތޯ އަހަމެވެ. ކޮންމެފަހަރަކު ވެސް ބުނުއްވަނީ ބޮޑުދިދަ ދޮށުގައި ކަމަށެވެ. އިލްޔާސް ހުސައިން އިބްރާހީމްގެ ފޯން އޮންކޮށްލާ ކޮންމެފަހަރަކު އެސަރަހައްދުގެ އަޑުފަށްގަނޑުއަރާ، މެގަފޯނުންދައްކާ ބައެއްވާހަކަ އަޑުއިވޭގޮތް ވެއެވެ. އެކަމަކު ދައްކާވާހަކަ ސާފުވާވަރެއް ނުވެއެވެ. ….12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 12:00 ގެފަހުގެ ވަގުތެއްގައި މ.އަހްމަދީއާބާދު މުހައްމަދު ޒަކީ، ނަޒާކީޒަކީ އޭނާގެ ގޭގެނަމްބަރުން އަޅުގަނޑުގެ، 7772997 ނަމްބަރުގެ މޮބައިލްފޯނަށް ގުޅާފައި އެތަނުގައި އެއްވެތިބި މީހުންނަށް ފެނާއިކާނާ ފޮނުވަން ޖެހެއޭ ތިމަންނަމެން މިއުޅެނީޗަންދާ ނަގައިގެން އެއްޗެތި ފޮނުވާށޭ އަލިބެވެސް ހިއްސާވާނެކަމަށް ހީކުރަމޭ ބުންޏެވެ. އަދި ޗަންދާގެ ގޮތުގައި، 40,000.00 (ސާޅީސްހާސް) ރުފިޔާ ދިނުމަށް އެދުނެވެ. އަޅުގަނޑު އާނއެކޭ ބުނީމެވެ. އަދި އޭގެފަހުން، ހ.މިދިލިމާގެއާގެ ފިޔާތޮށި ޢަބްދުލްޣަފޫރާއި އޯކޭ ޒާހިރުވެސް އަޅުގަނޑަށްގުޅާ އެތަނުގައި އެއްވެފައިވާ މީހުންނަށްފެން ފޮނުވައިދިނުމަށް އެދުމުން އެރޭގެ، 02:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑު ގެންގުޅޭ މުޚްތާރަށް، 7786808 ނަމްބަރު ފޯނަށް ގުޅާފައި ފެންހޯދަން ބުނީމެވެ. ނަމަވެސް ފަހުންއޭނާ އަޅުގަނޑަށް، 7772997 ނަމްބަރަށް ފޯނުން ގުޅާފަ ފެންހޯދެން އަންނަނީ އިރުއަރާ، ފިހާރަތައް ހުޅުވީމާކަމަށް ބުންޏެވެ. އެއަށް ފަހު، އަޅުގަނޑު އެކަމަކާ އަޅައެއް ނުލަމެވެ. ފެން ނުފޮނުވައިގެން އޯކޭޒާހިރު ގުޅާފައި ފެން އަދިވެސް ނުފޮނުވައޭ ބުނުމުން ފެން ލިބޭނެއޭ އަޅުގަނޑު ބުނީމެވެ. އެއަށް ފަހު، އަޅުގަނޑު ފޯނު އޮފްކޮށްފައި ނިދީއެވެ. އަދި އޭގެފަހުން އެރޭކަންހިނގާ ދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. 12 އަދި 13 އޯގަސްޓް 2004 ދެދުވަހު މާލޭގައި ހިނގާދިޔަ ޙާދިޘާއަކީ،  މުޙައްމަދު ނަޝީދަށް ނޭނގިހިނގާދިޔަ ޙާދިޘާއެއް ނޫނެވެ. އެފަދަކަމެއް ހިނގާދާއިރު އެކަމުގެ އަޑީގައި މުޙައްމަދު ނަޝީދު (އަންނި) ހިމެނޭނެކަން އަޅުގަނޑަށް އެނގެއެވެ. އޯގަސްޓް 12، އަދި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި މީހުން، އޮނަރަބްލް ޢަބްދުﷲ ޙަމީދުގެ އިސްތިޢުފާއަށް ގޮވުންއެއީ އަޅުގަނޑު އެދޭކަމެކެވެ. އަދި ޢަބްދުﷲ ޙަމީދު އިސްތިޢުފާ ދިނުމަށް ގޮވުންއެއީ އަޅުގަނޑު އެދޭކަމެކޭ، މުޙައްމަދު ނަޝީދުއާ ފޯނުކޮށްގެން ދެއްކިވާހަކަ ތަކުގެ ތެރޭގައި އަޅުގަނދު ބުނީމެވެ. 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް ބަޔަކު އެއްކުރުމަށް އަޅުގަނޑުރާވާ ނުހެދިކަމުގައި ވިޔަސް އެކަމުގައި އަޅުގަނޑަށް ބައިވެރި ވެވިފައިވެއެވެ. 13 އޯގަސްޓް 2004 ދުވަހު ހުކުރު ނަމާދަށް އިސްލާމީ މަރްކަޒަށް ގޮސްފައި ހުކުރުކޮށް ނިމިގެން އެތަނުގައި ވެގެންއުޅޭގޮތް ބަލައިލުމަށްޓަކައި މިސްކިތް ކައިރީގައި އެއްވެފައިވާ މީހުންގެ ތެރޭގައި މަޑުކޮށް ލައިގެން ހުރީމެވެ. އެއިރުއެތަނުގައި އެހާގިނަ މީހުން އެއްވެފައެއް ނެތެވެ.]

މިބަޔާނުގައި އިނގިލީގެ ނިޝާންދީ ސޮއިކޮށްފައިވަނީ، މ.އޮމަދޫ މާލެ، އަލްފާޟިލް ޢަލީ ޢަބްދުﷲ (އަލިބެ) އެވެ. ތާރީޚަކީ 30 ސެޕްޓެމްބަރ 2004 އެވެ. ތަހުގީގުކުރީ، ސ.ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕްރަލް ޢަބްދުﷲ ޝާޠިޙް، ސނ: 1319 އެވެ. އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ނިޒާމް، ސނ: 1559 އާއި ކޮންސްޓަބަލް އިބްރާހީމް މުޙައްމަދު، ސނ: 1592 އެވެ.

އަލިބެ ބަޔާނުގައި އެވާފަދައިން އެމްޑީޕީ އޮފީސް ރަސްމީ ސިފައެއްގައި ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި އިނގިރޭސިންގެ ޙިމާޔަތުގައި ފަށައިގަނެފައި ވުމާއެކު ރައީސް މައުމޫނާއި ކޮލި އަލިމަނިކާ  ގުޅިގެން ސްރީލަންކާގެ ސީއައިޑީ ފުލުހުން މެދުވެރިކޮށް ވަރަށް ގިނަހުރަސްތައް ކުރުވިއެވެ. ލަންކާއިން، 48 ގަޑިއިރުތެރޭގައި ނުކުމެގެން ދިއުމަށް އެންގުނެވެ. އެހެނަސް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ތިއްބެވި މީހުންނާ އިނގިރޭސިންނާ އޮންނަގުޅުމުގެ ސަބަބުން ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީން އެކަމުގެ ތެރެއަށްވަދެ، 48 ގަޑިއުރުތެރޭގައި އެކަންތައް ހައްލުވެގެން ދިޔައެވެ. އެހެނަސް އަދިވެސް ރާއްޖޭގެ ސިފައިން ގެންދިޔައީ މިއޮފީސްތަކަށް ފާރަލާއި އެކިއެކިސިޔާސީ ގޯނާތައް ކުރަމުންނެވެ. އެމްޑީޕީގެ އިސް މެމްބަރަކު ސްރީލަންކާގައި ދިރިއުޅުއްވާ ގެއަށް ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓްގެ، 8 ބޭފުޅުންވަދެ އެމްޑީޕީގެ އިސް މެމްބަރުން ކަމުގައިވާ ގ،ފިތުރޯނުގޭ އަޙްމަދު ޢަލީ ނަސީރާއި މ.ވައިނުޖެހޭގޭ މުޙައްމަދު ޒުހައިރާއި މ.ފަޑިއްގޭ އަލީ ރަޝީދާއި ބިދޭސީ ވަކީލެއް ކަމަށްވާ މިސްޓަރ ޖޫޑް ލެއިނިންގެ ޒާތީ ސާމާނާއި ކޮންޕިއުޓަރު ތަކާއި ގޭގައިހުރި އެހެނިހެން ތަކެތިބަލާ ފާސްކޮށްފައި ވެއެވެ. މިގެތައްބަލާ ފާސްކޮށްފައިވަނީ، ރާއްޖޭގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ރާއްޖޭގައި ހުންނަވާ އިންޓަރޕޯލް ޑިވިޒަންގެ ބޭކަލެއްގެ ހައިސިއްޔަތުން ސޮއިކުރައްވައި  ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓަށް މިދެންނެވި އެމްޑީޕީގެ މެމްބަރުންގެ އަތްފުޅުގައި އިޓަލީވިލާތުގެ ޕައިލަޓެއް މެދުވެރިވެގެން ހަތިޔާރާއި ބްރޯޑްކާސްޓް ކުރަންބޭނުންކުރާ ވަގުއާލާތްތައް ހުރިކަމަށް ތުހުމަތުކޮށް ލިޔެފައިވާ ލިޔުމަކުންކަން އެމްޑިޕީގެ މެމްބަތުންނަށް ޔަޤީންކުރެވިފައި ވެއެވެ. މިގޮތުން އެމްޑީޕީގެ މެމްބަރުންނަށް މިކަންކަށަވަރުވީ، ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓުން މިމެމްބަރުންގެ ގެތައްފާސްކުރަން ހުށަހެޅި ލިޔުންތަކުގައި ރާއްޖޭގެ އެސިސްޓަންޓް ކޮމޮޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުގެ ލިޔުންފެނިފައި ވާތީއެވެ. އަދި ކޮޅުބުގައި ހުންނަ އެމްޑީޕީގެ ބޭފުޅުންނަށް ނިސްބަތްވާ ބައެއްގެތަކަކީ ހަތިޔާރާއި ޣައިރުގާނޫނީ އަމަލުތައް ހިންގާ މަރުކަޒު ތަކެއްކަމަށް ދިވެހި ސަރުކާރުން، އިންޓަރޕޯލަށް ދޮގުމަޢުލޫމާތު ދިނުމުން ސްރީލަންކާގައި ހުންނަ އެމްޑީޕީ އޮފީހަށް ސްރީލަންކާ ސިފައިން ވަނުމަށްއެދުމުން، މިމަޢުލޫމާތަކީ ދޮގުމަޢުލޫމާތުކަން ސްރީލަންކާ ސިފައިންނަށް، ސާބިތުކޮށް ދިނުމުން، އެމީހުންގެ މިޢަމަލަށް އެމްޑީޕީއަށް މަޢާފަށް އެދުނެވެ. މިކަމާ އެމްޑީޕީގެ ފަރާތުން ސްރީލަންކާ ސަރުކާރަށް ތަޢުރީފާއި ޝުކުރު ރައްދުކުރިއެވެ.

މިބަޔާނުގައި ވާގޮތުގެ މަތިން އަޅުގަނޑުމެން ގުޅުމުން އަލިބެގެ އެހީގައި ޖުމްހޫރި މައިދާނަށް އެކަށީގެންވާ ވަރަށް ބޯފެން ސަޕްލައި ކުރެވުނެވެ. މިކަންކުރުމަށް ބޭނުންވާ ފައިސާ ދެއްވީ އަލިބެއެވެ. އެއްވެތިބި މީހުންނަށް ކާންދިނުމުގެ މިބުއްދި އަޅުގަނޑު މެންނަށް ލިބުނީ ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުންނެވެ. ބަތްޕާރުސަލް ތައްޔާރު ކުރެވޭތޯވެސް ވަރަށް މަސައްކަތް ކުރެވުނެވެ. އެހެނަސް އެކަން ނުހިންގުނީ ވަގުތުން ފައިސާ ދިނުމުންނޫނީ ކޮށްދޭނެ ފަރާތެއް ހަމަޖެހޭގޮތް ނުވުމުންނެވެ. އެހެނަސް ބިސްކޯދާއި އެކިފާޑުގެ ދަޅާއި އޭތިމީތި ޖުމްހޫރީ މައިދާނަށް ޖަމާކުރެވުނެވެ. އަޑުގަދަ ކުރާއިން ސިފައިން ކަރަންޓް ކަނޑާލުމުން ފަޅުތެރޭގައި އޮތްދޯންޏަކުން ކުޑަޖެނަރޭޓަރެއް ގެނެސްގެން އަޑުގަދަކުރާ ބޭނުން ކުރެވުނެވެ. މިޖެނަރޭޓަރު ހޯދުމުގައި އިސްކޮށް އަމަލީގޮތުން، ފުޅާއި އެހެނިހެން ބައިވެރިން އުޅުއްވިއެވެ. ހުކުރު ދުވަހު މެންދުރު ވަގުތާކައިރިވާން ފެށުމުން އަޅުގަނޑުމެން ނިންމީ ޝައިޚް ފަރީދު ލައްވާ ޖުމްހޫރީ މައިދާނުގައި ޚުޠުބާއެއް ދީފައި ހުކުރުނަމާދު ކުރުމަށެވެ. މިކަން ސިފައިންގެ ތެރޭގައި ތިއްބެވި ދެވަޒީރުން ކަމުގައިވާ، ފަތުޙުއްﷲ އާއި ޔާމީނާއި މިފަދަ ބޭފުޅުންނަށް އެނގިގެން ޖަލުން ދޫކޮށްލި ޕާޓޭންގެ ފައުޖެއް އެތަނަށް ފޮނުވާއި އަޅުގަނޑު މެންއަތުން ޖެނެރޭޓަރު އަތުލަންއުޅެ، ހުކުރުކޮށް ގެންނުވާނެކަމަށް ބުނެ، ތަޅާފޮޅާއި ޒުވާބިކޮށް، ހަނގުރާމަކޮށް ހެދިއެވެ. އޭރު އަޅުގަނދުމެން ތިބީތާކިހަލާއި ރުމާއަޅައިގެން ހުކުރަށް ތައްޔާރު ވުމުގައެވެ. އެއްގޮތަކަށް ވެސް ޕާޓޭންގެ މިގްރޫޕާހެދި ހުކުރު ކުރަންފެށޭގޮތް ނުވުމުން ޝައިޚް ފަރީދު އޭނާގެ ސަޕޯޓަރުންނާއެކު ވަޑައިގަތީ ރަށުތެރޭގައި އެބޭފުޅުން އަމިއްލައަށް ހުކުރުކޮށްއުޅޭ މިސްކިތަކަށެވެ. ދެން އަޅުގަނޑުމެން ބައިވެރިވީ އިސްލާމީ މަރްކަޒުގައި ހުކުރުކުރި ޖަމާޢަތާއެވެ. އަޅުގަނޑާ މިކަމާ ގުޅޭގޮތުން ވަރަށްގިނަ ސުވާލުތައް ސިފައިން ކުރިއެވެ. އަޅުގަނޑު ރުމާ އަޅައިގެންހުރި ފޮޓޯތައް ދައްކާހެދިއެވެ. ދިދަކަނޑަލުމަށް ފޮނުވި ޕާޓޭންތައް ބަލިކޮށްލާއި ޒަލީލުކަމައިގެން މައިދާނުން ބޭރުކޮށްލިހެން މިއަދުގެ ހުކުރުކުރުން ހުއްޓުވުމަށް ޕާޓޭންތައް ކުރިމަސައްކަަތް ފެއިލްކޮށް ނުލެވުނީ ދިމާމެންދުރަށް ވެފައި މީސްކޮޅު ވެސް މަދުވުމާއި ވަރުބަލި ވެފައި ތިބުމުންނެވެ. ހުކުރުނަމާދާ ހަމައަށް ދިޔައިރުއޮތީ، ހުކުރު ނަމާދުނިމުމަށް، ކުއްލި ނުރައްކަލުގެ އޯޑަރުކަމުގައިވާ، ކާފިއޫ ހިންގުމަށް ފަހު، އެންމެން ތަލާލާއި މުޅިމާލެ ކޮންޓްރޯލް ކުރާގޮތަށް ހަމަޖައްސައި ނިންމާފައެވެ. ބައެއް ސިފައިބންގެ ފަރާތުން މިޚަބަރު ލިބިފައި އޮތުމުން އަޅުގަނޑު ހުކުރުކޮށްގެން ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު، ދިޔައީ ގެއަށެވެ. ކާލައިގެން ނިދާލާފައިހޭލީ ހަވީރުއެވެ. އޭރުއޮތީ، ފަތްޙުއްﷲއާއި ޒާހިރު ހުސައިނާ ރައީސް މައުމޫނު ގުޅިގެން، ހިފާހައްޔަރު ކުރަންޖެހޭ މީހުންގެ ލިސްޓު، ހުކުރުވިލޭރޭ މެންދަމެއްހާ ހިސާބުގައި ތައްޔާރުކޮށް ނިންމާފައެވެ. ސިފައިންތިބީ ރައީސް މައުމޫނުގެ އޯޑަރަށް ބަލަބަލައެވެ. ކާފިއޫހިންގުމަށް ފަހު، ހުރިހާކަމެއް ކޮންޓްރޯލް ކޮށްލާނެ ގޮތާއި ރޭވުންތައްއޮތީ، އިރުއެރުމުގެ ކުރިންރާވައި ނިންމާފައެވެ. ޕާޓޭންގެ ގްރޫޕެއް ބޮޑުދިދަ ކަނޑާލަން ފުނުވީ މިހުރިހާކަމެއް ޕްލޭންކޮށް ރާވާފައެވެ. އޭރުވެސް ފުލްކޮންޓްރޮލް އޮތީ، ސަރުކާރުގެ ދަށުގައެވެ. މިގްރޫޕުގެ ކޮމާންޑްގެ ދަށުގައެވެ. އެހެނަސް ރައީސް މައުމޫނަށް ކާފިއޫގެ މިއޯޑަރު އެރޭ އިރުއެރުމުގެ ކުރިން ނެރެންކެރި ވަޑައިނުގަތީ ޕާޓޭންނަށް، އެމީހުންގެ މިޝަން އެވަގުތު ކާމިޔާބު ނުވުމުންނެވެ. ބޮޑުދިދަ ކަނޑާވައްޓާ ނުލެވުމުންނެވެ. އެކަންވެވުނު ނަމަ، އެރޭއެވަގުތު ކާފިއޫހިންގާއި ހަވަރު ރަނގަޅަށް ތަލާލާއި ފަހާލީހެވެ. އަޅުގަނޑު މެންގެ ގަދަ ހިތްވަރުން ޕާޓޭންތައް ފަހާއި ގިއްގަޅުވާލުމުން، އެވެރިންނަށް ލިބުނު ގެއްލުމައިގެން ޕާޓޭންތައް ފަހަތަށްޖެހި ސަރުކާރަށް ތާއީދުކުރާ މީހުންގަނޑު ތެރެއަށްވަދެ ފިލައިފިއެވެ. ދެން، ކާފިއޫހިންގުންމުގެ ކަންތައް ލަސްވެގެން ދިޔައީ ހުކުރުނަމާދަށް ފަހަށެވެ.

އިސްލާމީ މަރްކަޒުގައި ކުރެވުނު ފަތިސްނަމާދު:

ފަތިސްނަމާދަށް ބަންގިގޮވުމުން އަޅުގަނޑު މެންރޭވީ، ޖުމްހޫރީ މައިދާނުގައި ޝައިޚް ފަރީގު އިސްކޮށް ހުންނަވައިގެން ޖަމާޢަތުގައި ފަތިސްނަމާދު ކުރާށެވެ. އެހެނަސް ވުޟޫއުކުރަން އިސްލާމީ މަރުކަޒަށްގޮސް އެކަން ނިމުނުއިރު ޖަމާޢަތްފަށަން ތައްޔާރު ވެފައިއޮތުމުން، ޝައިޚް ފަރީދުގެ ބަހަށް އަޅުގަނޑުމެން ނިންމީ މިސްކިތަށްއަރާ ޝައިޚް ފަރީދު އިމާމުވެ ފަތިސްނަމާދު ކޮށްދޭށެވެ. ވަރަށް ފަސޭހައިން ކަންހިނގާ ދިޔައީ މިގޮތަށެވެ. 13 އޯގަސްޓް 2004 ވަނަ ދުވަހު ފަތިހު އިސްލާމީ މަރްކަޒުގައި ޝައިޚް ފަރީދުގެ އިމާމުކަމުގެ ދަށުގައި ކުރެވުނު ފަތިސްނަމާދަކީ ދިވެހިތާރީޚުގައި ފާހަގަކޮށްލަން ޖެހޭނަމާދެކެވެ. ޚާއްސަ ކަންތަކެއް، ﷲއަށް ދެންނެވުނު މަޑުމޯޅިކަމުން ފުރިގެންވާ އަސަރުތަކެއް ކުރުވި ނަމާދެކެވެ. އެރޭގެ ޤުނޫތުގައި ޝައިޚް ފަރީދު ރޮމުން އެވިދާޅުވި ދުޢާގެ ޢިބާރާތްތައް، ދިވެހި ތާރީޚަށްޓަކައި ފޮރުވަން ޖެހޭނެއެވެ. ޝައިޚް ފަރީދުގެ ދައިރީގައި އެދުޢާ ލިޔެދެއްވުމަކީ، ފަހުން އަންނާންތިބި ދިވެހިޖީލަށް ބޭނުންތެރި ކަމެކެވެ. އަޅުގަނޑަށް އެޢިބާރާތްރައް ނޯޓުކުރެވިފައެއް ނެތެވެ. ރައީސް މައުމޫނުގެ ސަރުކާރު ބަދަލުކޮށް ދެއްވުންއެދި އެހާބޮޑު ޖަމާޢަތެއްގައި މިއީދުޢާކުރެވުނު ފުރަތަމަ ފަހަރެވެ. ރައީސް މައުމޫނަށް ވަރަށްވަފާތެރި ބޭފުޅުންވެސް މިދުޢާއަށް އާމީންކިޔަމުން ގެންދިޔަމަންޒަރު އަޅުގަނޑު ދުށީމެވެ. ބޮޑުބައި ޢަރަބިބަހުން ގެންދެވީމާ ޝައިޚް ފަރީދު ވިދާޅުވާއެއްޗެއް މިބޭފޫޅުންނަށް ރެއަކާނުލަނީއެވެ. އެހެނަސް މަޑުމޯޅިވެ، ޚުޝޫޢަތްތެރި ކަންމަތީގައި ﷲއަށް އާމީން! އާމީން! (އާދޭހެވެ! އާދޭހެވެ!) ހަރުއަޑުން ދަންނަވަމުން ގެންދިޔައީއެވެ. އަޅުގަނޑައި ވަރަށް ކައިރީގައި ވަޒީރެއް ކަމުގައިވާ، އަލްފާޟިލް ޢުމަރު ޒާހިރު ހުންނެވިއެވެ.

ބުއިމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސުން:

އެންމެފުރަތަމަ މިބުއްދި ލިބުނީ އެމެރިކާގައި ހުންނެވި، ސިޔާސީ ލީޑަރެއްގެ ކިބައިން، ބޭރުންނެވެ. ހަވަރަށް، އެއްވެ ތަނެއްގައި ގިނައިރު ތިބެވޭނީ ކައިބޮއި ހެދިގެންކަމަށް ވެއެވެ. ހުކުރު ވިލޭރޭ ދަންވަރު އަލީވަހީދު ބޭރަށް ޚަބަރުތައް ދެމުންދިއުމުގެ ތެރޭގައި ޑޮކްޓަރ ވަހީދަށް ގުނުޅު ފަހަރެއްގައި ތިތާތިބިމީހުންނަށް ކާންބޯނެއެއްޗެއް ނުލިބި ނުވާނެކަމާއި އެމީހުންނަށް ތިބެވޭނީވެސް ކެއުންބުއިން ހަމަޖެހިގެންނޫންހޭ އޭނާދެންނެވުމުން، އަލީވަހީދު މިވާހަކަ ނަޒާކީ އަިބްރާހީމް ޒަކީއާއި އަޅުގަނޑަށް އަންގައި އެރޭގެއިން ނުނިކުމެ ހުންނެވި، އޭނާއޭނާގެބޭބެ ނަޒާކީ މުޙައްމަދު ޒަކީއަށް ގުޅުމުން، މުޙައްމަދު ޒަކީ އޭނާގެ ދެބޭންގެދެދަރި ބޭބެއެއްކަމުގައިވާ، އެލިޔާ ޢަލީޢަބްދުﷲ (އަލިބެ) އަށް ގުޅައިގެން ފެނާއި ޖޫހާއި ބިސްކޯދުގެ ކަންތައް އިންތިޒާމް ކުރިއެވެ. މިގޮތުންލިބުނު ފެންތައް އުފުލާ ހެދުމުގައި އަބްޖީއާއި ފުރަހަނި ޝުޢައިބާއި އަޅުގަނޑާއި ވަރަށްގިނަ އެކްޓިވިސްޓުން ޢަމަލީގޮތުން މިކަމުގައި ބައިވެރިވިއެވެ. ފެންހިފައިގެން އައި ޕިކަޕަށް އަމީރުއަހްމަދު މަގަށް ނުވަދެވިގެން، މިބޭފުޅުން ފެންއުފުއްލެވީ އަމިއްލަ ކޮނޑުގައެވެ. މިފޮޓޯތައް ދެއްކުމަށް ފަހު، މިކަމާ ތަހުގީގުތެރޭގައި ސުވާލުކުރިއެވެ. މާލަހެއްނުވެ، އެކިދިމާ ދިމާއިން ކެއުންބުއިން ލިބެންފަށައިފިއެވެ. މިއެހީތައް ފޯރުވުމުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަކީ، އަލީއަބްދުﷲ އެވެ. އަދި މިކަމުގައި ރާޑޯޒާހިރާއި އޯކޭޒާހިރާއި އަބުޖީމެން ފާހަގަކުރެވެއެވެ. މިވާހަކަތައް ބަރާބަރަށް އިނގިރޭސި ވިލާތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ވަގުތުންވަގުތަށް އަންގަމުން ދިޔައެވެ. އަދި ސަންދާނު ލުތުފީއަށާއި ޑޮކްޓަރ ވަހީދަށް ވެސް ބަރާބަރަށް އަންގަމުން ގެންދެވުނެވެ. ބޭރުން މިހަރަކާތް ދިގުދަންމާއި ވަރުގަދަކުރުމަށް އޯޑަރުތައް ލިބެމުން ދިޔައެވެ. ޚައްސަކޮށް މިކަމުގައި ސަންދާނު ލުތުފީ ކުޅުއްވިރޯލް ހަދާންކުރަން ޖެހެއެވެ. އަނެއްދުވަހު އޮފީސްތައް ހުޅުވިގެން، ސަންދާނު ލުޠުފީއަށް މިވާހަކަތައް އީޔޫގެ ބޭފުޅުންނަށް، ހޫނުކަމާއެކު ފޯރުކޮށް ދެވެންދެން، ހަވަރުގެ ކަންތައް ކުރިޔަށް ގެންގޮސްދެއްވީ، ސަންދާނު އަހަންމައިދީގެ ހިތްވަރުންނެވެ. އެހާ ސީރިއަސްކޮށް، އަވަސް މަސްސަލައެއްގެ ގޮތުގައި އީޔޫން މިކަންނެގީ އެހެންވެގެންނެވެ. އަހަންމައިދީއާއި ޝައިޚްފަރީދު މައިކުގައި ހޭދަކުރެއްވި ގިނަވަގުތުތަކަކީ މިކަންތައް ދެންމުމަށް ކުރެވުނު މަސައްކަތެވެ. އަދި ލިބުނުހިތްވަރެވެ. ކަޅުހުކުރުގައި އަޅުގަނޑުގެ ރޯލަކަށް އޮތީރޭވުމާއި ޚަބަރުތައް އެއްކޮށް ބޭރުކުރުމެވެ. ފޮޓޯތަކުގައި އަބަދުވެސް ފޯނުކަންފަތުގައި ހުންނާތީ އަޅުގަނޑައި މިސުވާލުތައް ސިފައިން ކުރިއެވެ. އަދި އަދަށްވެސް ސިފައިން އަތުލި އަޅުގަނޑުގެ މޯބައިލްފޯނުގެ ސިމްވަނީ ނުލިބިއެވެ. އެމީހުންގެ ތަހްލީލުތަކުގައެވެ. ފޯނުދިނީ މިނިވަންވީ ފަހުންނެވެ. ލިބުނީ ހޯދުމަށް އެދި ސިޓީ ލައިގެންނެވެ.

ޙާދިޘާ ހިނގިދުވަސް:

13 އޯގަސްޓް 2004 ވީހުކުރު ދުވަހުގެ އިރުއަރައިގެން އައިއިރު، މުޅިޖުމްހޫރީ މައިދާންއޮތީ ތޮއްޖެހި ފުރިބާރު ވެފައެވެ. ހަވަރުއޮތީ ސަރުކާރާ ދެކޮޅަށް ނުކުމެ އުތުރިއަރާފައެވެ. ސަރުކާރާދެކޮޅަށް އެއްވެފައިތިބި މީހުންގެ އަދަދު ވަރަށްގިނައެވެ. މުޅިޖުމްހޫރީ މައިދާނާއި ޖުމްހޫރީ މައިދާނަށް ހަތަރުދިމާލުން އަންނަންއޮތް މަގުތައްއޮތީ ފުރިބާރުވެފައެވެ. ގިނަބަޔަކުތިބީ ބޮޑުދިދައަށް ކުރިމަތިވާ ގޮތަށް ދެފައިވަށްކޮށް އިށީދެލައި ގެންނެވެ. އިށީދެތިބި މީހުންނަށް ހިއްވަރުދިނުމުގެ ގޮތުން އަބަދުވެސް ބަޔަކު ހަރަކާތްތެރި ވިއެވެ. މިމީހުން ތިބެނީ ހިނގާލަ ހިނގާލައެވެ. މައިކް އަބަދުވެސް އޮންކޮށް ބޭއްވުމަށެވެ. އަޅުގަނޑުގެ ޒިންމާރޭވިފައި އޮތީމިބައިގެ ތެރޭގައެވެ. އަބަދުވެސް އުޅެންޖެހުނީ ހަރަކާތުގައެވެ. ބޭރާގުޅުމާއި ފެންވެއްދުމާއި މައިކް ހުސްކޮށް އޮތަނުދިނުމާއި މިކަހަލަ އެތައްކަމެއް ބަލަހައްޓަން ޖެހުނެވެ. މޫވީތަކުންނާއި ފޮޓޯތަކުން އަޅުގަނޑުގެ ދައުރުފާހަގަ ކުރެވިފައި އޮތުމުން އެސުވާލުތައް ކުރިއެވެ. ސަންދާނު ޑީޑީއާއި މުޙައްމަދު އިއާޒު ގެނެސް ހިއްވަރުދީ އެތައްފަހަރަކު ތަކުރާރުކޮށް މައިކަށް އަރުވަން ޖެހުނެވެ. ސަންދާނު އަހަންމައިދީގެ ދައުރަކީ އީޔޫޕާލަމެންޓްގެ އޮފީސްތައް ހުޅުވެންދެން މިހަރަކާތް ދިގުދެންމުމެވެ. މިކަންކޮށްދިނުމަށް އަންގަމުން ގެންދެވީ ސްވިޓްޒަލޭންޑައި ހުންނެވި ސަންދާނު ލުތުފީއެވެ. އަޅުގަނޑާއި ބޭރަށް ޚަބަރުތައް ފޮނުވަމުން ގެންދިޔަ މީހުންނާ އަބަދުހެންހުރީ ގުޅިފައެވެ. ތިންފަހަރަށް އަޅުގަނޑުގެ ފޯނުގެ ބެޓެރީ ބަދަލުކުރަން ޖެހުނެވެ. އަލީއަބްދުﷲ، އަލިބެއާއި ސިލްވަރސީން އަލީވަހީދާއި އަދި ދޭތެރެދޭތެރެިން ބޭރުގައި ތިބިމީހުންނާ ތަކުރާރުކޮށް ގުޅަން ޖެހުނެވެ. މިހުރިހާ ކަމެއްގައި އަޅުގަނޑު އުޅެންޖެހުނީ ވަރަށް އަވަދިނެތި ތާށި ވެގެންނެވެ. އަބަދުހެންހުރީ މަޝްޣޫލް ވެފައެވެ. ޖުމްހޫރީ މައިދާނާ ދުރުގައިވެސް ބައިވަރުމީހުން ކުޅިބަލަން ތިއްބެވެ. އަދި ވަރަށް ދުރުގައި މަންޒަރު ބަލަން ބައެއް މީހުންތިއްބެވެ. މިއެންމެން ތެރޭގައި އެނބުރި ބޭރުން އަންނަ މެސެޖްތައްދީ ހިތްވަރުދޭން އުޅެން ޖެހުނެވެ. ޚާއްސަ މަޖިލީހުގެ މެމްބަރުންގެ އިތުރަށް މައިކް ދަމަހައްޓައިދިން ބޭފުޅުންނަކީ، ސަންދާނު އަހަންމައިދީ އާއި ޝައިޚް ފަރީދާއި ނައުޝާދު ވަހީދު، ނޯބެއާއި ފުރަހަނި ޝުޢައިބާއި ސަންދާނު ނިސްރީނު، ނިންނިއާއި އިސްމާޢީލް ޢާޞިފް، އާސިއްޕެއާއި އައްޑުއަތޮޅު މުޙައްމަދު އިޔާޒުއާއި އަބްދުއްލަތީފް ސުލައިމާނާއި މުޙައްމަދު ފުޅާ މިފަދަ ހަރަކާތް ތެރީންނެވެ.

ސަރުކާރާ އެއްކޮޅަށް އަޑުއުފުލި މީހުންގެ ނޭއްގާނީ ހަރަކާތްރައް މެދުކެނޑުމަށް ފަހު، ހުކުރު ދުވަހު ހެނދުނު އަނެއްކާވެސް ފެށުނެވެ. ރޭގައި ކުރެވުނު މަސައްކަތްތައް ފެއިލްވުމުން ހެދުނު އައިސްތިބީ އަލުން ތައްޔާރު ވެގެންނެވެ. ސަރުކާރުގެ އެހީތެރިކަމާި ސިފައިންގެ މަދަދާ އެކުގައެވެ. މެދުސައިޒް ޕިކަޕެއްގައި ބޮޑެތި އަޑުޕޮށި ތަކެއްހަރުކޮށް އެޕިކަޕްގެ ބޭނުންހިފޭތޯ ވެސް އުޅުނެވެ. މީތި ޖުމްހޫރީ މައިދާނަށް ވެއްދޭތޯ މަސައްކަތްކުރި މީހުންގެ ތެރޭގައި އައިޑީ އުޅުއްވިތަން ފެނުނެވެ. އޭނާއާ އެތަނުން އަޅުގަނޑު ވާހަކަ ދައްކާހެދީމެވެ. އޭނާބުނީ އޮފީހުން އަންގައިގެންކުރި ކަމެއްވީމާ އެކަމުގައި އުޅެނީކަމަށެވެ. ކޮންމެއަކަސް މިކަންކާމިޔާބެއް ނުވިއެވެ. ވަކިހިސާބަކުން އޭތިނުވެއްދުނެވެ. ދެން ދެވުނު ހިސާބެއްގައި މަޑުކޮށްފައި ބޭއްވީއެވެ. މިމީހުން އަތުގައި މެގަފޯނުގެ އިތުރުން ވަރުގަދަ ސައުންޑަ ސިސްޓަމެއް ހުއްޓެވެ. މިތަކެތި ބޭނުންކޮށްގެން އެމީހުންގޮވަމުން ދިޔައީ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދުއޮތީ ރައީސް މައުމޫނު ސަރުކާރަށް ކަމަށެވެ. ގާނޫނާ ޚިލާފަށް ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދާޣައިރު ގާނޫނީ ކަންތައް ވަގުތުން ހުއްޓާލުމަށް ގޮވިއެވެ. މިމީހުންގެ ތެރޭގައި ހއ.އަތޮޅު މެމްބަރު އަޙްމަދު ނިޒާމާއި ދ.އަތޮޅު މެމްބަރު އިސްމާޢީލް ޒާހިރާއި އަދި ރައީސް މައުމޫނުގެ އާޢިލީ ބައެއްބޭފުޅުން ހިމެނި ވަޑައިގެން ނެވިއެވެ. މީގެތެރޭގައި ޑޮކްޓަރ ފާތިން ޙަމީދާއި އަދިވެސް މީނާގެ އިތުރުން ޙަމީދުގެ ބައެއްބޭފުޅުން ބައިވެރިވިއެވެ. އަދި ރައީސް މައުމޫނާއެކު މިސްރުގައި ކިޔާވާވިދާޅުވި ބައެއް އަރިސްބޭފުޅުން ތިއްބެވިއެވެ. ރައީސް މައުމޫނު އެދި ވަޑައިގަތުމުން ވަޑައިގެން ތިއްބެވީކަން ރީއްޗަށް އެނގެއެވެ. އަދި ގިނައަދަދެއްގެ ޒުވާނުން ތިއްބެވެ. ޕާޓޭން ވެސް ގެނެސްފައި ތިއްބެވެ. ޖަލުން ދޮރުތައް ހުޅުވާލާފައި ދޫކޮށްލި މީހުންތައް ވެސް އޮތެވެ. މިއެންމެން ރައީސް މައުމޫނުގެ ސަރުކާރަށް ތާއީދުކޮށް، އެމީހުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަމީހުންގެ އަމަލުތައް ކުށްވެރިކޮށް އެމީހުންނަށް ފުރައްސާރަކޮށް، ގޯނާކުރަމުން ޖުމްހޫރީ މައިދާނުގެ ބޭރުބޭރުން ހިނގާހެދިއެވެ. އަޑުގަދަކުރިއެވެ. ސިފައިންނާއި ފުލުހުންގެ އެހީގައެވެ. އަދި ސަރުކާރާ ދެކޮޅަށް އެއްވެތިބި އަޑުއުފުލަމުން ދިޔަމީހުންގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިއެވެ. އެހެނަސް މިމީހުންނާ އަޅާބަލާއިރު، ސަރުކާރާ ދެކޮޅަށް ނުކުމެތިބި މީހުންގެ އަދަދު މާބޮޑަށް ވެސް ގިނަކަމާއެކު، އެމީހުންގެ ކުރިމަތީގައި މިމީހުންގެ އަޑުމަޑުވެ ފަހަތަށް ޖެހެން މަޖްބޫރުވީއެވެ.

ހެނދުނު އަށެއްޖެހިތަނާ، ސިފައިންގެ ހެޑްކްއޯޓަޒް ތެރޭގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާކަމުގެ އަޑުއެރިއެވެ. އަދި ރައީސް މައުމޫނުގެ ކާރުކޮޅާއި ބައެއް ވަޒީރުންގެ ކާރުކޮޅުތައް ސިފައިންގެ މައިދޮރާށިން އެތެރެއަށް ވަތްތަން ފެނުނެވެ. މިބައްދަލުވުމުގައި ސަރުކާރާ ދެކޮޅަށް އެއްވެތިބި މީހުން އެދުނު ކަންތައްތަކާ އެއްގޮތަށް ސަރުކާރުން އަމަލު ކުރައްވާނެ ކަމުގެ އަޑުތައް ސަރުކާރާ ދެކޮޅަށް އެއްވެފައިތިބި މީހުންގެ ތެރެއަށްނެރެ، އެވާހަކަގަދައަށް ދެކެވުނެވެ. މިއަޑުތައް އެރުވީ ސީދާ ސިފައިންނެވެ. އަދި ސިފައިންނާގުޅޭ އަޅުގަނޑު މެންތެރޭގައި ތިއްބެވި، އިބުރާ، ގާސިމް މެންފަދަ ބޭފުޅުންގެ ފަރާތުން މިވާހަކަތައް ރިވާވެގެން އައިސްގެންނެވެ. އަދި އަށެއްޖަހާ އެހާކަންހާއިރު، ސިފައިންގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރު، ޓޫޓޫ އާދައިގެ ހެދުމުގައި ހުންނަވައި ޖުމްހޫރީ މައިދާން ތެރެއަށް ވެންނެވިއެވެ. އަޅުގަނޑު މެންނާސަލާމްކޮށް ވާހަކަދައްކަވާ ހެއްދެވިއެވެ. ސުލްޙަވެރިކަމާއެކު ނިންމާލުމަށް ބާރުއެޅުއްވިއެވެ. އަވަހަށް ގެއަށް ދިއުމަށް އެދުނެވެ. ޓޫޓޫގެ މިބުރަކީ އަޖުމަ ބައްލަވާ ލެއްވުމުގެ ބަރެއްކަން އަޅުގަނޑަށް އެގުނެވެ. ބަރާބަރަށް މިވާހަކަތައް ބޭރަށް އަންގަމުން ގެންދިޔައީމެވެ. އެހެނަސް އިބުރާމެން ގާސިމުމެން އަޅާނުލުމުން ހުކުރު ނަމާދާ ހަމައަށް ދިޔައިރު މީހުންތައް ތިބީ ވަރުބަލިވެ އެއްބަޔަކު އެމީހުންގެ ގެތަކަށް ގޮސް މީހުންތައް މަދުވާން ފަށާފައެވެ. ޓޫޓޫއާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި ސިފައިންގެ ބޭކަލުން ސައުންޑް ސިސްޓަމް އަނެއްކާވެސް ގެންދެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެނަސް އެކަމެއް ނުކުރެއްވުނެވެ. ހަވަރު ތެރެއިން ބައެއްމީހުން ހުސްފުޅި އުކާވެސް ހެދިއެވެ. ގިނަމީހުން މިކަމާ ހުރަސްއަޅާ ދެކޮޅު ހެދުމުން، ޓޫޓޫއާއި އޭނާއާއެކު ވަޑައިގެންނެވި ސިފައިންގެ ބޭކަލުން އެނބުރި ޖުމްހޫރީ މައިދާން ދޫކުރައްވައި ވަޑައިގަތީއެވެ. ގިނައަދަދެއްގެ ސިފައިން އަރާއިފުރި ބާރުވެފައިތިބި ލޮރީއެއް ސިފައިންގެ މައިގޭޓުން އެތެރެއަށް ވަތްތަން ފެނުނެވެ. މިމީހުންތިބީ، މިލްޓްރީ ހެލްމެޓްއަޅާއި ޝީލްޑް ހިފައިގެން ވަރަށް ބޮޑަށް ކުއްލި ހަރަކާތަކަށް ރެޑީވެގެންނެވެ. ދެން ދެކެވެންފެށި ވާހަކައަކީ މާފުށީ ޖަލުހަލާކު ކޮށްލައިގެން ގައިދީންތައް ނުކުމެއްޖެ ވާހަކައެވެ. އަދި ގައިދީންގެ ބަޔަކު އެރަށުފަޅުގައި އޮތްދޯންޏެއް ކަނޑާލައިގެން މާލެއަންނަ ވާހަކައެވެ. އަދި ކަނޑުމަތިން ކޯސްޓަގާޑު ގޮސް އެމީހުންގަޔަށް ކަރުނަގޭސް ޖަހާއި ދޯނިފައްތާލާއި މީހުންކޮޅު ނެގިވާހަކައެވެ. މިޚަބަރު ހުސްނުއްސުއޫދަށް ލިބުމުން މައިކް ހޯދުމަށް ފަހު، މިވާހަކަތައް އެއްވެފައިތިބި މީހުންގެ ސަމާލުކަމަށް ގެނައެވެ.  އަދި މިކަންހޫނު ގަނޑަކަށް ބަދަލުވެ ބައެއް ސިފައިންނަށް ހަމަލާދީ ދެމީހެއްގެ ގަޔަށް ޕާޓޭންގެ ބަޔަކު ހަމަލާ ދިނެވެ. މިއީ އިސްލާހީ ހަރަކާތުގެ ބައިވެރިން ހިންގި އަމަލުތަކެއް ނޫނެވެ. މިއީ ސިފައިންގޭތެރެއިން ރޭވިގެން ނުކުތް ބަދަލު ހިފުމުގެ އޮއިވަރެކެވެ. ބޮޑުންތައް ސިފައިންގެ ތެރޭގައި ތިބެގެން ހުރިހާ ގައިދީންތައް ޖަލުތަކުގެ ދޮރުތައް ހުޅުވާލާފައި ދޫކޮށްލުމަށް ފަހު އެމީހުންލައްވާއި ސިފައިންނަށް ހަމަލާދީފައި ކާފިއޫ ހިންގހުމަށް ހުރިހާކަމެއް ތައްޔާރުކޮށް ނިންމީއެވެ. ފެށުނު ގޮތާއި ނިމިގެން މިދިޔަގޮތުން މިޙާދިޘާގެ ފަހަތުގައި ފޮރުވިފަވާ ސިޔާސީ ތަދްބީރުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިއީ ރޭވިގެން ހިންގުނު މުއާމަރާއެކެވެ. މިދިރާސާ ހަދާނެ ކިޔަވާ ކުދިން އެބަތިބެން ޖެހެއެވެ.

ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ފަރާތުން ސިފައިންގެ އިދާރާއަށް ވެސް އެކިވަރުގެ ހަމަލާތައް އަމާޒުވިއެވެ. ގަލާއިލަޓިބުރި ފަދައެއްޗެތި ސިފައިންގެ ޢިމާރާތްތަކާ ދިމާއަށްއުކާ ހެދިއެވެ. އެއްވެ ތިބިމީހުންގެ ތެރެއިން މީހަކު އެއްލިގާބުރިއަކުން ޖެހި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުޑަދޮރެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ. މިހުރިހާކަމެއް ހިންގީ ޖަލުތަކުން ނެރެފައި ފޮނުވި ޕާޓޭންނާއި ކުލަހެދުމުގައި ތިބި ސިއްރު ސިފައިނާއި ސިއްރު ފުލުހުންގެ ބައެކެވެ. މިއީ ސިފައިންގެ ތެރެއިން ރޭވިގެން ހިންގުނު ސިޔާސީ ރޭވުންގަނޑެކެވެ. ރައީސް މައުމޫނާއި ފަތުހުﷲ އާއި ޔާމީނާއި އާދަން ޒާހިރުމެން ތިބެގެން ރޭވިސިއްރު ރޭވުންގަނޑެކެވެ. ބޭނުންވީ ކާފިއޫ ހިންގާފައި އެމީހުންބޭނުންވާ ސިޔާސީ ބަޔަކު ހައްޔަރުކޮށް، މުޅިއުމުރަށް އެމީހުންގެ ޒިންދަގީ ދުއްވާލާށެވެ. އެހެނަސް، ﷲގެ ރަޙްމަތުން އެކަން އެހެންނުވީ ބައިވަރު ސަބަބުތައް މެދުވެރި ވީމައެވެ. އަޅުގަނޑު ދަންނަވަމުން މިގެންދަނީ، ޖަލުގައި މީހަކުމަރާލާއި ބަޑިޖެހި ޙާދިޘާއާއި މިޙާދިޘާއަކީ ވަރަށްފުންކޮށް ބަޔަކު ދިރާސާ ކުރަންޖެހޭނެ ދެޙާދިޘާ ކަމުގައެވެ. ބައެއްގައުމު ތަކުގައި ސިޔާސީކުޅިގަނޑު ފެށިފައި ހުންނަނީ ކޮންމެވެސް މަރަކާ ގުޅުވައި ގެންނެވެ. ކުދިގައުމުތަކުގެ ދުވަސްވީ ވެރިކަން ދެމެހެއްޓުމަށާއި ފުރޮޅާލުމަށް ދުނިޔޭގެ ޔަހޫދީބާރުން މިކަހަލަ ރޭވުންތައް ރާވައިދީފައި އެބަހުއްޓެވެ.

ހުކުރު ވަގުތު ކައިރިވަމުން އައިއިރު އަޑުގަދަކުރާ ބޭނުންކޮށްގެން ސިފައިންގެއިން އަންގަވަމުން ގެންދެވީ، ޖުމްހޫރީ މައިދާނަށް އެއްވެތިބި މީހުން، އެސަރަޙއްދު ދޫކޮށް ދިއުމަށެވެ. އެހެންނަމަވެސް ސިފައިންގެއިން އަންގާކޮންމެ އެންގުމަކަށް، ޖުމްހޫރީ މައިދާނުގައި އެއްވެތިބި މީހުން، ރައްދުދީ ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ. ބޮޑެތި ގަޑުބަޑުތައް ހަދަމުން ގެންދިޔައެވެ. ކޮންޓްރޯލް ނަގާފައިވަނީ ޖަލުންނުކުތް ޕާޓޭންގެ ގްރޫޕްގަނޑެވެ.

ހުކުރުން މީހުންފައިބަން ފެށިވަގުތު ހުރަވީބިލްޑިންގގެ ދެވަނަ ބުރީގައިހުރި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ދޮރުފަތުގައި މީގެތެރޭން ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލިއެވެ. އޭރުއެސަރަޙައްދު ގައިއޮތް އަލިފާންނިއްވާ ލޮރީން އިސާހިތަކު އެއަލިފާންގަނޑު ނިއްވާލިއެވެ. މިއީ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް އެއްވިމީހުން ހިންގިއަމަލެއް ކަމަށް ސަރުކާރުން ސިފަކުރިއެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް އެއްވި އިސްލާހީ ހަރަކާތުގެ މީހުން، މިކަންތައް ތުހުމަތުކޮށް އެޅުވީ ސިފައިންގެ ބޮލުގައެވެ. ސަރުކާރުން ރާވައިގެން ކުޅުނު “ސިޔާސީ ޑްރާމާ” އެއްކަމަށެވެ. ޙަޤީޤަތަކީވެސް މިއެވެ.

އިސްލާމީ މަރްކަޒުން ހުކުރު ކޮށްގެންފޭބި ގިނަމީހުން ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އަވިގަދަ ވަގުތެއްކަމުން އެއްވިގިނަ މީހުންތިބީ ޖުމްހޫރީ މައިދާނުގައިހުރި ރުއްގަހުގެ ހިޔަލުގައެވެ. ގިނައީ ހުކުރުން ފައިބައިގެން ގެއަށްނުގޮސް ކުޅިބަލަންތިބި މީހުންނެވެ. ހެނދުނާއަޅާ ބަލާއިރު، އެސަރަހައްދުގައި ތިބި މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ. އޭރު އެސަރައްދުގައި މަގުމަތީގައި ހުކުރުކޮށް ހަދައިގެން އަޅުގަނޑު ވެސް ހުރީމެވެ. ހުކުރަށް ފަހު މިސަރައްދު ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޕާޓޭންނާއި ސިފައިން ބަލަހައްޓަމުން ގެންދިޔަ ބައެކެވެ. މިމީހުންތައް ސަރުކާރާދެކޮޅު އަޑުތައް އުފުލަން ފެށިއެވެ. ތަފާތު މީސްމީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދިޔައެވެ. މިމަންޒަރު ފެނިފައި އިސްލާހީ ހަރަކާތުގެ ފަހުމީހެއްގެ ހައިސިއްޔަތުން ވީދެރައިން އަވަހަށް އަޅުގަނޑު ވެސް ގެއަށްގޮސް ނިދަން އޮށޯތީއެވެ. ފެންނަމުންދިޔަ މަންޒަރުތަކުން ވަރަށް ފޫހިވިއެވެ.

މެންދުރުފަހު ދޭއްހަޖާ ކަންހާއިރު އެއްވެފައިވާ މީހުންނާ މުޚާޠަބްކޮށް ސިފައިންގެ މައިމަރުކަޒު ތެރެއިން ދީނީނަޞޭޙަތް ދެމުން ގެންދިޔައެވެ. ސައުންޑް ސިސްޓަމް އެހީގައި މިއަޑުކިތަންމެ ބާރަށް ޖުމްހޫރީ މައިދާނަށް އިވުނުނަމަވެސް، ޖުމްހޫރީ މައިދާނަށް އެއްވެފައިތިބި ގިނަބަޔަކު އެވާހަކަތަކަށް ދިނީބީރު ކަންފަތެވެ. އިޖާބައެއް ނުދިނެވެ. އެންމެފަހުން ސިފައިންގެ ތެރެއިން އިންޒާރުގެ ބަސްތައްދޭން ފަށައިފިއެވެ. ޖުމްހޫރީ މައިދާނުގައި އެއްވެތިބި އެންމެން އެސަރަހައްދު ދޫކޮށްދިއުމަށް އަމުރުކުރަން ފެށިއެވެ. ނުގޮސްފިނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނެވެ. ޕާޓޭންގެ ގިނަބަޔަކު މިއިންޒާރާއެކު ދުރަށް ދިޔައެވެ. އަދި އަނެއްބަޔަކު ސިފައިންގެ އިންޒާރަށް އަޅާލުމެއްނެތި ތިބީއެވެ.

އެންމެފަހުގެ އިންޒާރު ކަމަށްބުނެ ސިފައިންގެ މައިމަރުކަޒުން އިންޒަރުދޭންފެށީ، ދެގަޑިބައި އެހާއިރުއެވެ. އޭގެކުޑަި އިރުކޮޅެއްފަހުން ކުއްލިއަކަށް ފެނުނީ، ގިނައަދަދެއްގެ ސިފައިން ފުލްކިޓްގައި ސިފައިންގެ މައިގޭޓުން ނުކުމެގެން ޖުމްހޫރީ މައިދާނާ ދިމާއަށް ދުވެފައިދާ މަންޒަރެވެ. ތަނެއްދޮރެއް ބެލުމެއްނެތިއެވެ. އެމީހުންގެ ވަޙުޝީޙަލަތުގައެވެ. އެވަގުތު މައިދާން ދޫކޮށްފިލަން ދުވިމީހުންގެ ތެރެއިން އަތުޖެހުނު މީހަކަށް އަނިޔާވިޔަސް ހެޔޮކަމަށް ހިފާހައްޔަރު ކުރިއެވެ. މިމީހުން ހިފާހައްޔަރު ކުރުމުގައި ސިފައިން އަމަލުކުރީ ވަރަށް ހަރުކަށިކޮށެވެ. މުޢާމަލާތް ކުރުމުގައި އާންމުކޮށް ބަހުރުވަބޭނުން ކުރީވެސް ހަޑިހުތުރުކޮށެވެ. ތަޅާއި ބިޑިއަޅުވާއި އެމީހުންގެ ހުރިހާ ހުނަރުތަކެއް ތަޖްރުބާ ކުރިއެވެ. މިކަންތައްގަނޑު ތެރޭގައި މޯބައިލްފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދްމަތް ވަގުތީގޮތުން މެދުކަނޑާލިއެވެ. މިއިީ ސަރުކާރުން ކުރެއްވި ވަރަށް ގޯސްއަމަލެކެވެ. އެތައް ބައެއްގެ ހައްގުތަކަށް މިކަމުން އުނިކަން ލިބުނެވެ. އަދި ވަރަށް އަވަހަށް، ކާފިއޫ ހިންގައި “ކުއްލި ނުރައްކަލުގެ ޙާލަތު” އިޢުލާނު ކުރިއެވެ. މިއީ މާދުރާލައި ކުރިންސުރެ ކުރަންނިންމާފައިވާ ކަމެކެވެ. އެރޭހަތަރު ދަމާއެކު ހަދާފައިވާ ލިސްޓްގައިވާ ގޮތަށް މީހުން ހައްޔަރު ކުރުމަށް ސިފައިންގެ ވަކިޓީމުތަކެއް ރަށުތެރެއަށް ފޮނުވާލިއެވެ. މިޙާާދިޘާއާގުޅިގެން އެކިދުވަސް މަތިން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 211 އެވެ. އަޅުގަނޑު ހައްޔަރު ކޮށްފައިވަނީ، 140 ވަނަ އަށެވެ. އަޅުގަނޑުމެން މައިދާނުން ފޮނުވަމުން ގެންދިޔަ ޚަބަރުތަކާއި ރަށުތެރެއިން، ސިލްވަރސީން އަލިބެމެން ފޮނުވަމުން ގެންދިޔަ ޚަބަރުތަކުން ބޭރުގައި ތިއްބެވި އަޅުގަނޑު މެންގެ ލީޑަރުން ތިއްބެވީ، ވަރަށް ތާޒާކޮށެވެ. ލަންކާއާއި އިނގިރޭސި ވިލާތާއި އެމެރިކާއާއި ސްވިޓްޒަލޭންޑްގައި ތިއްބެވި ބޭފުޅުން ގެންދެވީ “ކަޅުހުކުރު” ގެވާހަކަތައް ދުނިޔޭގެ މީޑިޔާއަށް ބަރާބަރަށް ދެމުންނެވެ. އީޔޫގެ މައިމަރުކަޒަށް ވަގުތުންވަގުތައް މިޚަބަރުތައް ދިޔައީ ލިބެމުންނެވެ. ބީބީސީން މިވާހަކަތައް ވަރަށް ތަފްސީލުކޮށް ކަވަރުކޮށް ދިނެވެ. އަންނިއާއި ސައްޕެ ލައިވްކަވަރޭޖްގައި ބައިވެރިވެ ލެއްވިއެވެ. ލަންކާއިން ގެންދެވީ ހުރިހާ އެމްބަސީތަކަށް ގަވައިދުން ޚަބަރުތައް ފަތުރަމުންނެވެ. މިބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ދެމެމްބަރުންނާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ނުވަ މެމްބަރުންނާއެކު މުޅިޖުމްލަ، އެގާރަ މެމްބަރުން ހައްޔަރުކޮށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރިއެވެ. އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން، ފުލުސް އޮފީހަށާއި ދޫނިދޫއަށް ގެންދަވައި ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ސުވާލުކޮށް ބަޔާންނަގާ ހެއްދެވިއެވެ. އަޅުގަނޑު ގެންދިޔައީ އަޅުގަނޑުގެ ކުޑަކުޑަ ދެދަރިންނާއި އަންހެނުންނާއެކު އަމިއްލަގޭގައި ބީބީސީބަލަން އިންދާ، އިރުއޮއްސި ހަތެއްޖެހި އިރުއެވެ. ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވުނު، 11 އިއްޒަތްތެރިންގެ ނަންފުޅުތަކަކީ މިއެވެ.

1-      ރައްޔިތުންގެ މަޖިލީހުގެ ސ.އަތޮޅު މެމްބަރު ޑޮކްޓަރ މުޙައްމަދު މުނައްވަރު. 68 ދުވަސް ޖަލުގައި.

2-      ރައްޔިތުންގެ މަޖިލީހުގެ އަދ.އަތޮޅު މެމްބަރު އިބްރާހީމް ހުސައިން ޒަކީ. 68 ދުވަސް ޖަލުގައި.

3-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު ޤާސިމް އިބްރާހީމް. 68 ދުވަސް ޖަލުގައި.

4-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރު އިލްޔާސް ޙުސައިން އިބްރާހީމް. 89 ދުވަސް ޖަލުގައި.

5-      ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން. 82 ދުވަސް ޖަލުގައި.

6-      ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު އަޙްމަދު ޝަފީޤު. 97 ދުވަސް ޖަލުގައި.

7-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް. 68 ދުވަސް ޖަލުގައި.

8-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އަޙްމަދު ޢާޠިފް. 42 ދުވަސް ޖަލުގައި.

9-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒް. 62 ދުވަސް ޖަލުގައި.

10-   ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު އަޙްމަދު ޢާދިލް. 58 ދުވަސް ޖަލުގައި.

11-   ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ލ.އަތޮޅުގެ މެމްބަރު މުޙައްމަދު ނަސީމް، (ނަފާނަސީމް) 56 ދުވަސް ޖަލުގައި.

ޖަލަށް ގެންދިއުން:

13 އޯގަސްޓް 2004 ވީހުކުރު ދުވަހަކީ، މިބުރުގައި ޖަލަށް ގެންދިޔަ ދުވަހެވެ. ޖަވާހިރުވާދީއަށް އަޅުގަނޑު ބަލާއައިސްއޮތީ، ޖީޕެއްގައި ފަސް ސިފައިންނެވެ. ޖުމްހޫރީ މައިދާނަށް ވާގޮތަށް އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދާ ގުޅިގެން ޖަމާޢަތުގައި ހުކުރު ކުރުމަށް ފަހު، ޖަވާހިރުވާދީއަށް އައިސް ކައިނިމިގެން ނިދާލާފައި ތެދުވެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެރޭ ހަތަރުދަމު ހޭލާހުރެފައި ނިދާލެވުމުން ވަރަށް އަރާމުކޮށް ނިދާލެވުނެވެ. އެހެނަސް ހޭލެވުމުން ނިދިފުރިހަމަ ނުކޮށް ޖެހުނީ ތެދުވާށެވެ. ތެދުވެ ގޭގެ މީހުންގެ ގާތުން ޚަބަރުތައް އަހާލިއިރު ވަރަށް ގިނަމީހުން ހައްޔަރުކޮށް ފިއެވެ. އަދި މުޅިޖުމްހޫރީ މައިދާން ހުސްކޮށް މާލެ ސިފައިންގެ ކޮންޓްރޯލް ދަށަށް ގެނެސްފިއެވެ. އަދި މާލޭގައިވަނީ ކާފިއޫހިންގައި ކުއްލި ނުރައްކަލުގެ ޙަލަތު އިޢުލާން ކުރައްވާފައެވެ.

އަޅުގަނޑުބަލާ އައިސްއޮތީ، ސިފައިްނގެ ޖީޕެކެވެ. ސިފައިންގެ، 5 ބޭކަލުން ތިއްބެވިއެވެ. އޭރު އިރުއޮއްސި، 7:00 ޖަހާބޮޑު ވެދާނެއެވެ. އަޅުގަނޑަށް ކޮއްކޮ އަލްހާން ފޯނުކޮށްފައި ދޮންބެ ބަލާސިފައިން އައިސް އެބަތިއްބޭ ސިފައިން ބޭނުންވަނީ ދޮންބެ ގެންދާށޭ އައްލޭ ބުންޏެވެ. އޭރު އަޅުގަނޑުއިނީ ގޭގެ އަމިއްލަ ކޮޓަރީގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން ބީބީސީ ނިއޫސް ބަލާށެވެ. އަޅުގަނޑު ނުކުންނަން ޖެހުނީ ސައުތްއޭޝިޔާއާ ބެހޭޕްރޯގްރާމަށް އަންނި އަރުއްވައި މިޙާދިޘާއާ ގުޅޭގޮތުން ފާހަކަދައްކަވަން ފެއްޓިތަނާއެވެ. ކުޑަކޮށް އަޑުއަހާލުމަށް ލަސްވުމުން އައްލޭ އަޅުގަނޑު އުޅޭބަޔަށް މައްޗަށް އަރާފައި ސިފައިން ބޭނުންވަނީ އަވަސްކުރުމަށޭ އައްލޭ ބުންޏެވެ. އެމީހުން އަޅުގަނޑު ބަލާމައްޗަށް އެރުމުގެ ކުރިން، އަޅުގަނޑަށް ޖެހުނީ ރެޑީވެލައިގެން އައްލޭއާއެކު ތިރިއަށް ފައިބާށެވެ. އަންނިގެ ވާހަކަތައް ފުރިހަމަކޮށް އަޑުއަހާނުލާ ހައްޔަރުވާން ދާންޖެހުމުން ވަރަށްދެރަވިއެވެ. އަވަހަށް ކުދިންނާއި އަންހެނުންނާ ސަލާމްކޮށް އަންހެނުންނަށް ހިތްވަރުދީ، ގަދަފަދަ ވުމަށް ނަޞޭޙަތްދީފައި މަންމައަށް ލޯތްބާއި ސަލާމްކޮށް ހަދާފައި އަނެއްކާވެސް ދުވަސްގަނޑެއް ވާނެއޭ އެއްގޮތަކަށް ވެސް ދެރަނުވާށޭ އަޅުގަނޑު ހުންނާނީ، ﷲގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށް ނަންގަނެ ގޭގެބޭރު ދޮރާދިމާއަށް ހިނގައިގަތީއެވެ. އެންމެން އަޅުގަނޑުގެ ފަހަތުން ރޮމުންއައެވެ. އެންމެންބަށް ހިތްވަރުކުރުމަށް ބުނެފައި އަނެއްކާވެސް ސަމާމްކޮށް ހަދާފައި ސިފައިންގެ ޖީޕަށް އެރީއެވެ. ޖީޕްކައިރީގައި ތިއްބެވި ސިފައިންގެ ފަސްބޭކަލުންގެ ތެރެއިން އެކަކީ، ޖީޕުގެ ޑްރައިވަރެވެ. ޖީޕްކައިރީގައި ތިއްބެވި އެނެއް، 4 ސިފައިންގެ ތެރެއިން އިސްކޮށް ހުންނެވި އޮފިސަރު، އިލްޔާސް އަވަހަށް އަރުއްވާށެ ބުނުއްވައިފިއެވެ. ސިފައިންގެއަށް ދާންވީއޭ ބުނުއްވިއެވެ. އަޅުގަނޑު އާންއެކޭ މައްސަލައެއްނެތޭ ދެންނެވީމެވެ. އަވަހަށް ދާންވީއޭ ކިޔާފައި ޖީޕަށް އެރީމެވެ. ދޮރުލައްޕާލަދިނީ ސިފައިންނެވެ. ފަހަތުސީޓުގެ ދެފަރާތަށް ދެމީހުން އަޅުގަނޑު މެދުގައި ބޭންދުމަށް ފަހު އެރީއެވެ. ޑްރައިވަރު ކައިރިއަށް، ކުރީސީޓަށް އިސްކޮށް ހުންނެވި އޮފިސަރު އެރުއްވާއި ދެންހުރި އޮފިސަރު ފަހަތު ދޮރުހުޅުވާ ލާފައިއެރީ ފަހަތުގައި އިންނަކުޑަ ސީޓަށެވެ. އަޅުގަނޑާއެކު ސިފައިންގެ މިފަސްމީހުން ޖީޕްދުއްވާލީ، އޯކިޑްމަގުން އިރަށް، އަމީރުއަހްމަދު މަގާދިމާއަށް ސިފައިންގެ މައިމަރުކަޒާ ދިމާއަށެވެ. އެވަގުތު ލައިގެންހުރި ޓީޝާރޓާއި ޖިންސްގެ އިތުރަށް، ގެންދިޔައީ އަތުކުރީގަޑިއާއި އަޅައިގެންހުރި އައިނާއި އަރައިގެންހުރި ފެންފައިވާނާއި ކާންގެންގުޅޭ ޑައިބެޓިކް ބޭސްތަކެވެ. ސިފައިންގެ މައިމަރުކަޒު، ބަނޑޭރިގެ ބޮޑުދޮރާ ދިމާއަށް ހުއްޓާލާފައި އަޅުގަނޑަށް ޖީޕުމް ފޭބުމަށް އެންގިއެވެ. ބަލާއައި ޓީމުގައި އިސްކޮށް ހުންނެވި އޮފިސަރަކީ، އދ.މަހިބަދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައި އުޅުއްވި ބޭކަލަކަށްވާތީ މީނާއަކީ އަޅުގަނޑު ދަންނަ އޮފިސަރެކެވެ. އަޅުގަނޑަކީ އދ.އަތޮޅު އަތޮޅުއޮފީސް ހިންގުމާ ހަވާލުވެގެން އުޅެފައިވާ މީހަކަށްވާތީ މީނާވަރަށް ރަނގަޅަށް އަޅުގަނޑު ދަނެއެވެ. ޖީޕްތެރޭގައި ތިބިއިރު ދެކެވުނު ވާހަކާގައި މިކަންހަނދާންކޮށް ދިނީމީނާއެވެ. މިވާހަކަތައް ކިޔައިދިނީ މީނާއެވެ. އެހެނަސް އަޅުގަނޑު އެހަނދާނެއް ނެތެވެ. އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަންއަހާއި ގިނަވާހަކަތައް ދައްކާނެ ވަގުތެއްނެތެވެ. އަޅުގަނޑު މަޑުންއިނީ މީނާގެ ސްޓޯރީތައް އަހާށެވެ. މީނާ އަޅުގަނޑަށް ކިޔައިދިނެވެ. ރޭގައި ސިފައިން ކަންތައް ގެންދިޔައީ ވަރަށް ރަނގަޅަށް އޮމާންކޮށެވެ. އިލްޔާސްމެން އެދުނުހުރިހާ ކަންތަކެއް ލިޔުމުން ހޯދައިގެން ސަރުކާރުން ގެނެސް ވާހަކަދައްކަމުން ގެންދިޔައީ ވަރަށް ރަނގަޅަށެވެ. ސަރުކާރުން ބޭނުންވީ ވާހަކަދައްކައިގެން ހައްލުކުރާށެވެ. އެކަންތައް ގެންދިޔައީ ނުލާހިކު ރަނގަޅަށެވެ. އެހެނަސް އެއްވިމީހުން ގޯސްހެދީއެވެ. ތަންތަންރޯކޮށް ސިފައިންނަށް ހަމަލާދީ، ވަޅިހަރާ ހެދީއެވެ. ޖީޕުން ފައިބަން ޖެހޭވަގުތު ކައިރިވަމުންދާތީ، ނޫންގޮތަކަށް އަޅުގަނޑު ބުނެލީމެވެ. ތިޔަބޭފުޅުންނަށް މިފަދަ ސިޔާސި ކުޅިގަނޑުތަކުގެ ފަހަތެއް ނުވިސްނޭނެއެވެ. ތިޔަވެރިން ތިބޭނީ އޯޑަރަށް ކިޔަމަންވާން ސިކުނޑިއަށް ވައްދައި ދީފައެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ގެނެސްފައި ހުރިހާނުބައި ތަކެއްރޭވީ ބަޔަކުމީހުން އަޑީގައި ތިބެގެން ފައިސާޚަރަދުކޮށް ޕާޓޭންތައް ގެނެސް ޖަލުގެދޮރުތައް ހުޅުވާލައިގެން ނުލަފާ މީހުންތައް ގެނެސް އެމީހުންލައްވާ ހިންގިބޮޑު ކަންތައްގަނޑެއް ވެސް މީގެތެރޭގައި ދިޔައެވެ. އަޅުގަނޑުމެން ހުރިހާ މެމްބަރުން ވާހަކަ ދައްކަމުން ގެންދިޔައީ ދައުލަތުން އެކަމަށް އެދިގެން ނުލާހިކު ރަނގަޅަށެވެ. ކަންތައްގަނޑު ގޯސްކޮށްލީ ވަކިރޭވުމެއްގެ ދަށުންވަކި ބައެކެވެ.

ޖީޕުން ފޭބުމަށް އަޅުގަނޑާ ދިމާއަށް ވަރަށް ބާރަށްބުނީ، ގްރައުންޑްގައި ތިބި ޓާސްކްފޯހުގެ ޓީމުގައި އިސްކޮށް މާހަރުކަށި ވައްތަރަކަށް ހުރި ތަންކޮޅެއް ޖާނުންވަރުގަދަ އޮފިސަރެކެވެ. އައިނުނަގާ ޖީބަށްލާށޭ އަމުރުކުރިއެވެ. އައިނު މޫނުންނަގައި ޖީބަށްލުމުން އެފޯހުންއޮފިސަރަކު ކުރިޔަށް ޖެހިލައި ވަރަށްބާރަށް ކަޅުފޮތިގަނޑަކުން އަޅުގަނޑު ކަނުބަނދެފިއެވެ. ބަނީވަރަށްބާރަށެވެ. ދެން އަމުރުކުރީ ދެއަތްފަހަތަށް، ފުރަގަހަށް ލުމަށެވެ. އަޅުގަނދު ދެއަތްފުރަގަހަށް ލުމުން، ދެއޮފިސަރަކު ވެގެން، އަޅުގަނޑުގެ ދެއަތުގައި ހިފާއެއްކޮށް ލުމަށްފަހު، ހަނގުރާމަމަތީގައި ކުށްވެރިން ކުއްލިއަކަށް ހައްޔަރުކޮށް ލުމަށް އަތުގައި އަޅުވާ ވައްތަރުގެ “ޕްލާސްޓިކް ސްޓްރިޕް” އެއް އަޅުވައި ވާންކޮށްލުމަށް އޭގެކޮޅުގައި ހިފައި އަޅުގަނޑުގެ ދެއަތުގެ ބުރަދަނަށް ލުއްކެތް ޖެއްސެވެ. މިގޮތަށް ދެފަހަރަކު ހަދާލިއެވެ. އެއިންކޮންމެ ފަހަރަކު، އެސްޓްރިޕް ނުވަތަ ޕްލާސްޓިކް ކްލިޕް، އަޅުގަނޑުގެ ދެއަތްއެއްކޮށް ބާރުވަމުން ގޮސް ވަރަށް ބާރުވެއްޖެއެވެ. ވަށައިގެން އަތުގެ ހަންގަޑާއެކު މަސްގަނޑު އުފުލި، ތަދުވާން ފަށައިފިއެވެ. މީތީއިނީ ވަރަށް ޓައިޓުކޮށެވެ. ކެމެރާއެއްގެ ފްލޭޝް އަނދައިގެން ދިޔަކަން އެނގުނެވެ. ކަނުބަނުމުގެ ކުރިން އަންހެން އޮފިސަރަކު ކެމެރާއެއް ހިފައިގެން ހުއްޓާފެނިފައި ވުމުން އެމަންޖެ އަޅުގަނޑު މިޙާލަތުގައި ހުއްޓާފޮޓޯއެއް ކުރަހާލީކަން ޔަގީންވިއެވެ. އަދި ބައެއްކުދިން އަތުގައި ބޮނޑިބޮނޑިއަށް މިފަދަ ޕްލާސްޓިކް ކްލިޕްތައް ހުއްޓާފެނުނެވެ. ދެން މީގެތެރެއިން އެއްއޮފިސަރަކު ކުރިޔަށް ހިނގާށޭ ބުނެލިއެވެ. ކުރިޔަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ފަހަތުން އަޅުގަނޑުގެ ފައިގައި ދަގަނޑުބޫޓަކުން ޖެހިއެވެ. ދެފަރާތުން ކޮންޑުގައި ދެއޮފިސަރަކު ހިފާއްޓައިގެން ހިންގަނީ ކުރިއަށެވެ. ބަރާބަރަށް ފައިގައި ކަކުލުން ތިރީގައި ބާރަށް ތަޅަމުން ގެންދިޔައެވެ. ކޮންމެ ފިޔަވަޅަކަށް އެތިފަހަރެއްހެން އަރައެވެ. އެކިއޮފިސަރުން އެކިފާޑުގެ ޖެއްސުގެ ބަސްތައް ބުނަމުން ގެންދާއަޑު ފައްގަނޑު އިވެއެވެ. “މިހިރަބޮޑު ސިޔާސީމީހާ މިހިރީ ކީއްވެފަތަ” މިއަޑާއެކު އަޅުގަނޑުގެ ބުރަކަށީގައި އޮފިސަރެއްގެ އަތުން، ބާރަށް ޖެހުމަށްފަހު ގަޅުވާލިއެވެ. ކުރިމައްޗާ ދިމާއަށެވެ. ދެން ކުރިޔަށް ހިންގުވަނީއެވެ. ދެވޭނުދެވޭ ތަނެއް އަދިއެއް ނޭނގެއެވެ. ތަޅަމުން ގަޅުވަމުން ކުރިޔަށް ގެންދެއެވެ. ދެފަރާތުން ދެކޮންޑަދިމާލުން އަތުގެ ފަލަމަސްގަނޑުގައި ދެއޮފިސަރުން އަބަދުވެސް ހިފާއްޓައިގެން ތިބެއެވެ. ބުރަކަށީގައި ވަރަށްބާރަށް އެކަކު ވިގައިގެންފިއެވެ. ވަރަށް ތަދުވިއެވެ. އިތުރަށް ވިކާއި ކަށިމަތީގައި ވެސް ދަގަނޑު ބޫޓުންތަޅަމުން ގެންދެއެވެ. މޭމަތީގައި ވެސް ވިކާހަދަން ފަށައިފިއެވެ. އިތުރަށް ބުނާއަޑު އިވުނެވެ. “އދ.ގެ ސިޔާސި މީހާ ތިހިރީ ކީއްވެފަތަ؟” “ގަދަނުދައްކަނީ ކީއްވެތަ؟” “ދުއްވައި ގަންގަނެބަލަ” “ޙަމީދުގެ އިސްތިއުފާއަށް ގޮވާފަ ދުވަންވީނު!” މިއަޑުތަކުން އަޅުގަނޑަށް ލަފާކުރެވުނީ މިމީހުން ބޭނުންވެގެން މިއުޅެނީ އަޅުގަނޑުގެ ފަރާތުން ނުކިޔަމަން ތެރިކަމެއް ބޭނުންވެގެން ކަމަށެވެ. ރަނގަޅަށް ތަޅާލެވޭނީ އޭރުންކަން އެނގުނެވެ. އެހެންވެ އަޅުގަނޑުހުރީ ކިޔަމަންތެރި ފުށްގަނޑަކަށް ވެގެން އަޅުގަނޑުގެ ހަށިގަނޑަށް ބޭނުންއެއްޗެއް ހަދަން ދޫކޮށްލައިގެންނެވެ. އަނގައިން ޗުއްޕުވެސް ނުބުނަމެވެ. ތަދުވިލެއް ބޮޑުކަމުން ދެފަހަރަކު، ﷲއޭ ބުނެވުނެވެ. މިހެންވުމުން މިމީހުން ރުޅިއަންނާނެ ޗާންސެއް ނުލިބި އަޅުގަނޑު ގެންދަން ޖެހޭހިސާބަށް ގެންދެވިއްޖެއެވެ. ބަރާބަރަށް ވަށައިގެން ވިކަމުންނާއި ބޫޓުންތަޅަމުން ގެންދިޔައެވެ. މީގެތެރެއިން އެކަކު ބުރަކަށީގައި ދެގޮއްމުށް އެއްކޮށް މުށްކަވާފައި އެތިފަހަރެއް އަޅުވާލާއި ގަންނަވާލަމުން، “މިހިރީ ޅެންވެރިއެއްނޫނޭ މެމްބަރުދޯއޭ” ބުނިއަޑުއިވުމާއެކު އަޅުގަނޑު ވަރަށްބާރަށް ގޮސް ފާރެއްގެ ނުވަތަ ކޮންމެވެސް ތަނެއްގެ ދާރައަކަށް ވާކަހަލަ ތަނެއްގައި ގިއްކިޔާފައި ޖެހުނެވެ. ކަނާތްފަރާތު ކޮނޑާދިމާއިން އަތާއެކު ކުރިމަތިންނެވެ. ފަހުންފެނުނުއިރު މިތަންމަށައިގެން ގޮސްފައި ހުއްޓެވެ. އަދި ބުރަކަށީގައި ޖެހިދިމާއަށް ވަރަށް ގިނަދުވަސް ވަންދެން ތަދުއަރާފައި ހުއްޓެވެ. ކަކުލުގެ ދެތިންތަނެއް ވެސް މަށައިގެން ގޮސްފައި ހުއްޓެވެ. ކަކުލާ ދިމާއިން އެއްތަނުން ލޭއައެވެ. ދެން އެތެރެއަށް ވައްދާފައި ބެހެއްޓީތާ އިރުކޮޅެއް ވިތަނާހެން އަޅުގަނޑަށް އިވުނީ ސިފައިގޭގައި އިސް އޮފިސަރަކަށް އުޅުއްވާ، އައްޑުއަތޮޅު އިބްރާހީމް ދީދީގެ އަޑެވެ. އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑު މިގެންގުޅެނީ ސިފައިންގެ މައިމަރުކަޒު ބަނޑޭރުގޭގެ ގޭޓަށްވާބައިގެ އެތެރެއިން ހިސާބެއްގައި ހެންނެވެ. މީނާގެއަޑު އަޅުގަނޑުގެ ކަންފަތުގައި ޖެހުމުން، ކާކުކަން ޔަގީންވުމުން، އަޅުގަނޑު އިބްރާހީމް ދިދީއޭ، ހުވާކޮށްގެން ތިބި ރައްޔިތުންގެ މަންދޫބުންނަށް މިގޮތަށް އަނިޔާކުރަން ހޮޔޮނުވާނޭ، ނިކަން ބައްލަވާށޭ، އަޅުގަނޑުގެ ދެއަތަށް ވެފައިމިއޮތްގޮތް ތަދުވަނީއޭ މިހާރު ކޮނޑާހަމައަށް ތަދުގަނޑު އަރައިފިއޭ، އަތުގައި އަޅުވާފައިއޮތްއެތި ކުޑަކޮށް ދޫކޮއްލަދޭށޭ ދެފަހަރަކު ބުނެފީމެވެ. އިރުކޮޅެއް ފަހުން އިބްރާހީމް ދީދީގެ އަޑުން އޭތީދޫކޮށްލަދޭށޭ ބުނުއްވި އަޑުއިވުނެވެ. އެހެނަސް އަޅުގަނޑު ހިފާއްޓައިގެން ތިބިދެމީހުންނާއި ވަށައިގެންތިބި ސިފައިން އަޅައެއް ނުލިއެވެ. އަނެއްކާވެސް އަޑަށްބާރުލާފައި އިބްރާހީމް ދިދީއޭ، މީކާކުކަން ތިބޭފުޅާއަށް ހަމަގައިމުވެސް ރަނގަޅަށް އެނގޭނެއޭ، އަތުގައި އަޅުވާފައި މީނދިއެތި ދޫކޮށްލަދޭށޭ، މިއަނިޔާއިން ސަލާމަތް ކޮށްދޭށޭ ބުނެފީމެވެ. މިފަދައަނިޔާ ނުކުރާށޭ ބުނެފީމެވެ. މިހެންބުނުމުން ވަށައިގެންތިބި ސަފައިން އިތުރަށް އަނިޔާކޮށް ޖެއްސުން ކުރަމުން ނުދަނީ، އިބްރާހީމް ދިދީ ކައިރީގައި ހުންނެވުމުން ކަން އަޅުގަނޑަށް އިހްސާސް ކުރެވުނެވެ. ދެންވެސް އިތުރަށް އިބްރާހީމް ދިދީއަށް ނިސްބަތްކޮށް ވާހަކަދެއްކީމެވެ. އަޅުގަނޑަށް އަނިޔާ ނުކުރުމަށް ތަކުރާރުކޮށް އެދުނީމެވެ. ދެން އިރުކޮޅަކުން އަނެއްކާވެސް އިބްރާހީމް ދިދީގެ އަޑުން އޭތިދޫކޮށްދޭށޭ ބުނުއްވިއަޑު އަޅުގަނޑަށް އިވުނެވެ. ދެންވެސް އިރުކޮޅެއް ވުމުން އަނެއްކާވެސް އަޅުގަނޑު ތިންވަނަ ފަހަރަށް އެދުމުން، އިބްރާހީމް ދީދީ، ތަންކޮޅެއް ބާރަށް ހަރުއަޑުން، ތީތިދޫކޮށްބަލާށޭ ބުނުއްވުމުން އެތަނުން އޮފިސަރަކު ވަރަށް މަސައްކަތްކޮށްގެން އެކްލިޕްދޫކޮށް ދިނުމުން ތިވަރު އެންމެރަނގަޅޭ އަޅުގަނޑު ބުނީމެވެ. މިވަރުން އަތްތަޅުވާލާ އަންބުރާލާ ގެދުނެވެ. އޭރުމުޅި ދެއަތްތިލައިގައި ހީވަނީ ހިނިދުވާހެންނެވެ. އޮތީމުޅިން އައްސިވެފައެވެ. ދެން މިހެންހުރި ހުރުމުގައި އަޅުގަނޑުގެ ކަނާއަތު މުލައްދަނޑީގައި ފީބާއަކުން ދެލިކާއްތާހެން ހީވާގޮތަށް އެއްޗެއް ލިޔެފިއެވެ. ހީވަނީ އެޅީވަކި ވަކިން ތިންއަކުރު ހެންނެވެ. ފުރަތަމަ އަޅުގަނޑު ހީކުރީ މީހާކަޅުކޮށް ލުމަށް ހަށިގަނޑު ގައިގާދެލި ކާއްތަން އުޅެނީކަމަށެވެ. ކުޑައިރުކޮޅަކަށް ފަހު، އިބްރާހީމްދީދީގެ އޯޑަރެއްގެ އަޑު އަނެއްކާ އިވިއްޖެއެވެ. “ތީތީ ނައްޓާލާއި ކަނުމޮހެލައިގެން އޭނާ މައްޗަށް ގެންދާށެވެ. ތީ މަޖިލީހުގެ މެމްބަރެކެވެ.” ދެންހަމަ އެހިނދު އަތުގައިއިން ކްލިޕްނައްޓާލާއި ފިއެވެ. އެހެން އޮފިސަރަކު، ކަނުބަނދެފައި އިންފޮތިގަނޑު މުހެލައިފިއެވެ. އެހެން ދުނިޔެއަކަށް ނޭވާލެވުނުއިރު ކަމަކުދާކަށް ނެތެވެ. ވަށައިގެން ފެންނަނީ، ހުސް ގައިދީންނެވެ. ކަނުބަނދެ ބިޑިއެޅުވުމަށް ފަހު، އެކާލާފައި ތިބިމީހުންނާއި އުޑުފައިން ބައިންދާފައި ތިބި މީހުންތައްކާއި އެކިގޮތަށް ވެއްޓިފައި ތިބި، ބައިވަރު މީހުންތައް ފެންނަން ތިއްބެވެ. ބާރަށް ބަނދެފައި އިންފޮތިގަނޑެއް ނައްޓަލުމުން އަޅުގަނޑަށް ލިބިގެންދިޔަ އަރާމަށް ވުރެ ފެންނަމުންދާ މަންޒަރުތަކުން މާހިތްދަތި ކުރުވިއެވެ. ރޯއަޑާއި ވީދިފައިހުރި ގަމީސްތަކުގައި ތިބިމީހުންނާއި ލޭންތަތްތެޅިފައި ތިބި މީހުން ފެނުނެވެ. މުޅިން އެހެން މަންޒަރެކެވެ. އަޅުގަނޑު މިތަނުގެ މިދިމާއަށް ގެނެސް މިވެއްދީ މަޖިލީހުގެ މެމްބަރެއްކަން ނޭނގިއެވެ. ރަނގަޅަށް އެހެންމީހުންނެކޭ އެއްދަރަޖައަށް ތަލާނުލީ ކިޔަމަންތެރިކޮށް އުޅެވުނީމާކަން ހިތަށް ގެނެވުނެވެ. ތަދުވަމުންދާ އަޅުގަނޑުގެ ދެއަތަށް ބަލާލެވުނީ މިމަންޒަރު ދިރާސާކޮށް ލުމަށް ފަހުގައެވެ. ދެއަތްއޮތީ ނޫފާގަނެދުޅަ ވެފައެވެ. ކްލިޕް އަޅުވާފައި އިންތަން ދެއަތުގައިވެސް ކަނޑާނެގިފައި ފެންނަން ހުއްޓެވެ. ކަނާއަތުގެ މުލައްދަނޑީގައި ހިސާބު އަކުރުން، 140 މިއަދަދު ލިޔެފައި އިންދާފެނުމުން އަޅުގަނޑު ގެނެވުނީ މިވަނައަށްކަން އެނގުނެވެ. މިތަނުގައި ފެންނަން، 100 އަށްވުރެގިނަ މީހުން ކަނުބަނދެފާއި ބިޑިއަޅުވާފައި ތިބޭނެއެވެ. އެކިގޮތްގޮތަށް އުކާލާފައިތިބި މީހުންވެސް ތިއްބެވެ. މިތަނުން މީހުންތައް ނަގައިގެން ގެންގޮސް އެކިދިމާދިމާއަށް ބަހާހަދަނީއެވެ. ކިރިޔާވެސް ނުރުހުމުގެ ކަމެއް ދައްކައިފި ނަމަ، އެމީހެއްގައިގައި ތަޅައި ގަނެއެވެ. އެއްބަޔަކު ބަރިބަރިޔަށް ބައިންދާފައި ވެސް ތިއްބެވެ. އަނެއްބަޔަކު ދެފައިވެސް ބަދެފައި ތިއްބެވެ. މިމީހުންގެ ތެރޭގައި ގާތްގާތުގައި ފުލްކިޓްގައި މުގުރު ހިފާފައިތިބި ސިފައިން ތައްޔާރަށް ތިއްބާފެނުނެވެ. ވަރަށް އަވަހަށް އަޅުގަނޑު ގޮވައިގެން ދާންވީމަގު ދައްކަމުން ހިނގައިގަތީ އެތެރެއިން މައިގޭޓާ ދިމާއަށެވެ. ގޭޓުތެރޭގައި މައްޗަށް އަރަންހުރި ސިޑިއާ ދިމާއަށެވެ. އިބްރާހީމް ދީދީ، އަޅުގަނޑައި މާދުރުނޫން ހިސާބަކުން ދުށީމެވެ. އެހެނަސް އަނގައިން ބުނެވޭގޮތެއް ނުވިއެވެ. ބިލްޑިންގުތެރޭން މައިގޭޓް ތެރެއަށް ވަދެވުނު ހިސާބުން، މާފަންނު އުނިމާގޭ ތެރެއިން މަދުން ފެނިފައިވާ، އަބްދުއްރަޝީދު އޭކިޔާ ބޭކަލަކު، އަޅުގަނޑު ސިޑިން މައްޗަށް އެރުމަށް އިޝާރާތް ކޮށްލެއްވިއެވެ. މިއީ ތަންކޮޅެއް މަތީފެންވަރުގެ އޮފިސަރެކެވެ. އަޅުގަނޑު އަތްދިއްކޮށްލާފައި “އައްސަލާމު ޢަލައިކުމް” އޭދެންނެވުމުން މިވަގުތު ތިޔަހެން ތިއްބާ ސަލާމްކުރުން ރަނގަޅެއް ނުވާނެއޭ ބުނެ، ސިޑިން އަރުވަމުން އޭނާގެ މޮޅުވާހަކަތައް ކިޔައިދޭން ފަށައިފިއެވެ. ސިޑިއާ ހިސާބުން ޓާސްފޯސް ބޭކަލުން އަޅުގަނޑު މީނާއާ ހަވާލުކޮށްފައި ހިނގައްޖެއެވެ. އަޅުގަނޑު ދަންނަ މީހަކަށްވާޙާލު އެއްގޮތަކަށް ވެސް އަޅުގަނޑައި ސަލާމެއް މީނާނުކުރިއެވެ. މިކަމާ އަޅުގަނޑު ހިތްހަމަނުޖެހިފައި ހުރީމާ މީނާއާ މާބޮޑަކަށް ވާހަކައެއް ނުދައްކަމެވެ. އެހެނަސް އޭނާގެ އުދާސްތައް، މިހޫނުގަނޑުގެ ތެރޭގައި އަޅުގަނޑު ފެނުމުން ކިޔައިދެމުން ގެންދިޔައެވެ. މީނާ އަޅުގަނޑަށް އިއްވާކިޔަމުން ގެންދާ ވާހަކައަކީ މިއެވެ. ރޭގަޔާއި މިއަދު މުޅިމިތަން މިހިފޭއްޓީ އިބްރާހީމްދީދީ އާއި ތިމަންޔާ ދެމީހުން އެކަނި ކަމަށް ބުންޏެވެ. އަޅުގަނޑުމެން ނޫނީ އެކަކަށް ވެސް ތިޔަބޭފުޅުންނާ ކުރިމަތިލާކަށް ނުކެރުނެވެ. މިހުރިހާކަމެއް މިކުރަނީ ތިމަންމެން ދެމީހުންކަމަށް ބުންޏެވެ. މިވާހަކަތަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. ސަލާމް ބަލައިނުގަތް މީހަކާ މުޢާމަލާތް ކުރާހިތްނުވީއެވެ. އޭނާގެ ވާހަކަތަކަށް ހޫންހޫން އަޑެއްދެމުން އޭނާއާ، އަދި ފަހަތުން އައި އާދައިގެ ދެ އޮފިސަރުންނާއެކު ސިޑިންއަރަމުން ހިނގަމުން އައީސްއެރުވީ މައްޗަށެވެ. މައްޗަށް އަރުވާއި އެގްޒެކެޓިވް ގޮނޑޮއެއް ތާކުންނެރެފައި އެގޮނޑީގައި އަޅުގަނޑު އިށީނުމަށް އެންގިއެވެ. މިއީ ފުރޮޅުލީ އޮފީސް ގޮނޑިއެކެވެ. މިގޮނޑި ބެހެއްޓީ މަތީބުރީގެ ހޯލްތެރޭގައި އިރު ދެކުނުކަނަށް ވާގޮތަށެވެ. މިގޮނޑީގައި އިށީދެފައި އެކިދިމާ ބަލާލުމުން ހަމައެހޯލްގައި އެހެން ގޮނޑިއެއްގައި އިބުރާ ބައިންދާފައި އިންދާފެނުނެވެ. މިއީ ބޮޑު ހޯލެއްގޮތަށް ހުސްކޮށް އޮންނަތަނެކެވެ. އިބުރާ އިނީ، ހުޅަގު ދެކުނު ބިތުކައިރީގައެވެ. އިބުރާ ބައިންދާފައި އިނީ، ހުޅަގު ފަރާތަށްހުރި ކޮޓަރިއަކަށް މޫނުމަތި ވާގޮތަކަށެވެ. ދެން ފެނުނީ ހުޅަގުފަރާތު މެދަށް ވާގޮތަށް ޑޮކްޓަރ މުނައްވަރު ބައިންދާފައި އިންދައެވެ. އެންމެންވެސް ތިބީ އެއްވަށްތަރެއްގެ ގޮނޑިތަކުގައި ވަކިވަކިން ދުރުގައި ބައިތިއްބާފައެވެ. އެދިމާ ކުރިމަތީގައި ހުރި ކޮޓަރީގެ ބިއްލޫރިގަނޑު ތެރެއިން ސޯފާގޮނޑިއެއްގައި ގާސިމް ބައިންދާފައި އިންދާފެނުނެވެ. ރީތިކޮށް ފެންނަނީ ގާސިމް ތެދުވުމުންނެވެ. އިށީދެގެން އިންނަވާއިރު ބިއްލޫރިގަނޑުން ފެންނަނީ ގާސިމުގެ ބޯއެކަންޏެވެ. އެވެސް އޭނާ އަޅުގަނޑު މެންނާދިމާއަށް ބަލާލެއްވީމައެވެ. އިރުކޮޅެއްގެ ތެރޭގައި މުނައްވަރު އިންނެވި ދިމާލުގައިހުރި ކޮޓަރިއެއްގެ ދޮރުހުޅުވާ ލައްވާފައި އިބްރާހީމް ހުސައިންޒަކީ ފާޚާނާއަކަށް ވަޑައިގަތުމަށް އޮފިސަރަކާއެކު ނުކުންނެވިތަން ފެނުނެވެ. ޒަކީ ނިމިލެއްވުމުން އެނބުރިގެންގޮސް ވެއްދީ ހަމަ އެތަނަށެވެ. އަޅުގަނޑު ބައިންދާފައި އިންދިމާގައި އިރުމައްޗަށް ދެވޭގޮތަށް ހަނިކޮރިޑޯއެއް އޮތެވެ. އަޅުގަނޑު ގެއިންއައީ މަޣްރިބް ނަމާދަށްކުރި ވުޟޫއުމަތީގައި ކަމުން، ޢިޝާނަމާދު އަޅުގަނޑު އިންގޮނޑި ކައިރީގައި ލަކުޑި ފަންގިފިލާ މަތީގައި ކޮށްލައިފީމެވެ. އަޅުގަނޑު ހުރީވަރަށް ހަމަޖެހިފައެވެ. ކުރިންވެސް އެތައްފަހަރަކު ގެނެސްފައި ހުރުމުން ހުރީވާނެ އެއްޗެއް ވެނިމިފައެވެ. ބިރެއް ނުގަނެއެވެ. ނަމާދުކޮށް ނިމިގެން ބަލާލިއިރު، އިބުރާއިނީ ސިގިރޭޓްބޯށެވެ. ނަމާދުނިމިގެން ފެންފުޅިއެއް ބޭނުމޭ ގާޑަށްހުރި އޮފިސަރު ކައިރީގައި ބުނުމުން ކުޑަފެންފުޅިއެއް ގެނެސްދިނެވެ. އިރުކޮޅެއް ތެރޭގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ސިޑިން އެރުވިތަން ފެނިއްޖެއެވެ. އޭނާ ބޭންދީ ހޯލްގެ ދެކުނުފަރާތުގެ ކުޑަދޮރުތަކާ ދިމާގައެވެ. އިރުކޮޅަކަށް ފަހު، ދެންފެނުނީ ސިފައިންގެ އޮފިސަރެއް ކަމުގައިވާ، ނައިބުގޭ މުޙައްމަދު ޙަލީމް، ވަޑައިގެން އިބުރާއާ ވާހަކަދައްކަވާ ތަނެވެ. ދެން އޭނާ ވަޑައިގަތީ ޑޮކްޓަރ މުނައްވަރު އަރިހަށެވެ. ދެން ޑޮކްޓަރ ޙުސައިން ރަޝީދު އަރިހަށެވެ. ދެން އަޅުގަނޑު ކައިރިއަށެވެ. ޙަލީމް ބޭނުންފުޅު ވެލައްވަނީ އަޅުގަނޑު މެންނަށް ރޭގަނޑުކެއުމުގެ ކަންތައް ހަމަޖައްސަވާށޭވެ. މީނާ ބޭނުން ވެލައްވަނީ މިރޭގެ ކެއުމަށް ބޭނުންވާ މެނޫ އޮޅުން ފިލުވާށެވެ. ކޮންމެމީހެއް ކައިރިން ވެސް އެމީހަކަށް ކެވޭނެއެއްޗެއް އޮޅުން ފިލުއްވައި ނޯޓު ކުރެއްވީއެވެ. އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ބޭނުންވާނީ ކުރީފަހަރުހެން ޑައިބެޓޮކް ކާނާއެވެ. ޙަލީމަށް ރަނގަޅަށް އެނގިލައްވާނެއެވެ. ކެއުމަށް ބޭނުންވާނެ އެއްޗެތި އަޅުގަނޑު ކިޔައި ދިނުމުން ނޯޓުކުރައް ވައިގެން ޙަލީމް ވަޑައިގަތީއެވެ. މާގިނަ އިރުތަކެއްނުވެ އުޅެނިކޮށް ފެންނަނީ، ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒު ސިޑިން އެރުވިތަނެވެ. އޭނާވެސް އަޅުގަނޑު މެންގެ ތެރޭގައި ތަންކޮޅެއް ދުރުގައި ގޮނޑިއެއްގައި ބައިންދައި ފިއެވެ. ގާސިމް ސިގިރޭޓެއް ހިއްޕަވަން އެދުމުން، އަޅުގަނޑުމެން ތިބިހޯލަށް ނެރުއްވައި ގޮނޑިއެއްގައި ބޭންދެވިއެވެ. މިހާރު އަޅުގަނޑުމެން އެންމެންނަށް އެކަކު އަނެކަކު ފެނެއެވެ. ނުފެން ހިސާބުގައި ވަނީ، ޒަކީ އެކަންޏެވެ. އެކަމަކު އަނގައިން ބުނުން މަނަލެވެ. ބަލަބަލަފައި ހޭންތިބެނީއެވެ. މިނޫން މެމްބަރެއް މިރެއަކު ނުފެނެއެވެ. މިގޮނޑިތަކުގައި އަޅުގަނޑުމެން ތިބިއިރު އިރުއިރުކޮޅާހެން ހަޅޭލަވާއަޑާއި ރޯއަޑާއި ތިރީގައި މީހުންނަށް އަނިޔާކުރާތީ، އަނިޔާނުކުރާށޭ ގޮވާއަޑު ރީތިކޮށް އިވެއެވެ. އަޅުގަނޑު މެންނަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އެދިމާ ބަލާހެދުން މަނަލެވެ. އެހެނަސް އަޅުގަނޑު މެންބަލަހައްޓަން ފޯރިއަށް ތިބި އޮފިސަރުން އެމަންޒަރު ކުޑަދޮރުން ބަލަމުން ގެންދިޔައެވެ. އަދި އެތަންބަލާފައި ހީނމަޖާކޮށް ހަދާތަން ފެނެއެވެ. އަޅުގަނޑުމެން އިށީދެގެން ތިބިގޮނޑިން ތެދުވުން މަނަލެވެ. އެހެނަސް ބައެއްފަހަރު މިވެރިންނަށް ނުފެންނަގޮތަށް ތެދުވެލާފައި އެދިމާ ބަލާލަމެވެ. މީހުންގެނެސް މީހުންނެރޭތަން ފެނުނެވެ. އަދި ތަޅާއަނިޔާ ކުރާތަން ފެނުނެވެ. މިހެންތިއްބާ ރޭގަނޑުގެ ކެއުން ގެނެސްފިއެވެ. އަޅުގަނޑަށް ހުރީ އަޅުގަނޑު އެދުނުހެން، ބްރައުން ރައިސާއި މަހުގެ ކިރުގަރުދިޔައާއި ފިހުނު މަސްބުރިއަކާއި ފެނުކެއްކި ތަރުކާރީއެވެ. އަދި ޝުގަރފްރީ އޮރެންޖް ޖޫހާއި ފްރެޝްފްރުޓް ހުއްޓެވެ. ތަބަކަކަށް ވަތްކޮށްގެން ގެނެސް ޕްލާސްޓިކް ގޮނޑިއެއް މަތީގައި އަޅުގަނޑު ކުރިމަތީގައި ބެހެއްޓިއެވެ. މިކަމުގައި އުޅުނީ ޔުނީފޯމްގައި ތިއްބެވި ދެއަންހެން އޮފިސަރުންނެވެ. އެކުދިން ވަރަށް ހިތްހެޔޮކަން ފާޅުކުރިއެވެ. ތިބެނީ މަޖާވަރަކަށް ހެވިފައެވެ. އަދި އަޅުގަނޑު އިތުރަށް މަޖާކޮށްލުވައި އެކުދިން ހެއްވާލީމެވެ. އިރުކޮޅަކުން ފެންފުޅިއެއް ހިފައިގެން ވެސް އައީހަމަ މިދެކުދިންނެވެ. ތަބަކުގައިހުރި އުލާސަމްސާތައް ހުރީ، ޓިޝޫއަށްލައި އޮޅަލާފައެވެ. ހަމަޖެހިލައިގެން އިނދެ މަޑުމަޑުން ކައިނިންމާލީ ގިނައިރުންނެވެ. ވަގުތުޕާސް ކުރުމުގެ ގޮތުންނެވެ. މިމަންޖެމެން ކައިނިމޭތޯ ބަލަމުން ގެންދެއެވެ. ކާންއިންއިރު ޑިފެންސް މިނިސްޓްރީގައި އުޅުއްވާ ޙާފިޒު ދެފަހަރަކު ހިނގާބިނގާވާތަން ފެނުނެވެ. އަޅުގަނޑާ ދިމާއަށް އިޝާރާތްކޮށް އަތްހިއްލާލިއެވެ. މިކަލޭގެ ބިރުނުގަތީ މީހަކު ފެންނަން ނެތުނީމާކަމަށް ވެދާނެއެވެ. ފަހުން އެނގުނު ގޮތުގައި ސިފައިންގެ ތެރޭގައި ހައްޔަރުކުރި މީހުންނަށް އަނިޔާކުރަމުން ދިޔައިރު، ފަތްޙުﷲ އާއި އެފަދަ ބޮޑުން މިމަންޒަރު ބަލަމުން ގެންދިޔަކަން އެނގުނެވެ. ބައެއްމީހުންނަށް އަނިޔާ ކުރާތަން ފެނުމުން ފޯރިއަންނަ ކަމަށް ވެއެވެ. މިހެންތިބި ތިބުމުގައި ޑޮކްޓަރ މުނައްވަރު އިރުއިރުކޮޅައި އަމިއްލަ ދެފައިގެ ކަށިމަތި ގުދުވެގެން އިނދެ މޮޑޭތަން ފެންނާތީ އިޝާރާތުން ސިފައިން ތެޅީތޯ، އަޅުގަނޑު އަހާލައިފީމެވެ. އާންއެކޭ ވިދާޅުވާ ގޮތަށް މުނައްވަރު ބޯޖައްސަވާ ލެއްވިއެވެ. އަޅުގަނޑުވެސް އިޝާރާތުން އަނެއްކާވެސް އަޅުގަނޑުގައިގާ ވެސް ތަޅާވަރަށް އަނިޔާކުރިކަމަށް ބުނެފީމެވެ. އިބުރާއިނީ މިމަންޒަރު ބަލާށެވެ. މުނައްވަރަށް ވުރެކުރިން އިބުރާ ޖަވާބުގައި ޝަހާދެއްހޭ ކިޔާފައި އަނގަމަތީގައި އެއްއިނގިލި އަޅާގޮތަށް ހައްދަވާލެއްވި ތަންފެނުނެވެ. މުނައްވަރު ވެސް ބޯޖަހާ ލެއްވިއެވެ. އަދި އަޅުގަނޑުގެ އަތް އިބުރާއަށް ދައްކާލާފައި، 140 ބޮޑުކޮށް ލިޔެފައިހުރިތަން އަނެއްއަތުން އިޝާރާތްކޮށް ދައްކާލުމުން އިބުރާ ދޭއްޗެކޭ ބުނުއްވިއެވެ. މާރަނގަޅަކަށް ސާފެއްނުވިއެވެ. އިބުރާ އިންނަވައިގެން ހޭތަން ފެނުނެވެ. އިޝާރާތުން ކެތްތެރިކަމުގެ ނިޝާން ދައްކަވާ ލެއްވިއެވެ. ހިތްވަރު ކުރުމަށް ވިދާޅުވެ ދެއްވިކަން އެނގުނެވެ. މިބޭފުޅުން ބިރުގަންނަ ވަރުން މާގިނަވާހަކައެއް ނުދެއްކުނެވެ. އިޝާރާތް ކޮށްކޮށްފައި ހޭންތިބެނީއެވެ.

ރޭގަނޑުވެ ދަންވެއްޖެއެވެ. ތިރިން އިވޭއަޑުތައް ދަނީގަދަ ވަމުންނެވެ. މުޅިސިފައިންގެ ތެރެއޮތީ ބޭރާއެކު ދިއްލާއި އަލިކޮށްފައެވެ. ގައިދީންގެ އަޑުތައް ފިޔަވާ އެހެން އެއްވެސް އަޑެއްބަޑެއް ޖައްވުތެރެއަކު ނެތެވެ. އޮތީވަރަށް ހަމަހިނމޭންކޮށެވެ. ވަށައިގެން މަގުތައް އޮތީހުސްކޮށެވެ. ރޯއަޑާއި ހަޅޭލަވާއަޑު އިވެއެވެ. ފޮޓޯނެގުމަށް ފްލޭޝް އަންދާކަން އޭގެވިދުވަރު ފެންނާތީ އެނގެއެވެ. ދަންވަރު އެކެއް ޖެހުމަށް ފަހު، ޤާސިމާއި ޒަކީއާއި ޑޮކްޓަރ މުނައްވަރު ތިރިއަށް ކިންމެވެސް ދިމާއަކަށް ގެންގޮސްފިއެވެ. އިރުކޮޅަކުން ޑޮކްޓަރ ޙުސައިން އިޝާރާތުން އެމީހުންގެންދިޔައީ ދޫނިދޫއަށް ކަމަށް އަންގާލެއްވިއެވެ. ހީވަނީ އެފަޅީގެ ކުޑަދޮރުތަކުން ބޭރުބާލައި ލެއްވީހެންނެވެ. މިތާތެރޭގައި ގާޑުންނަށް ތިއްބެވި އޮފިސަރުން އެވަރަކަށް އަޅުގަނޑުމެންގެ ކަންތަކާ ފަހަކަށް އައިސް ބެހިއެއް ނުހަދައެވެ. ތިނެއްޖެހި ފަހުން އިބުރާ ވެސް ގެންގޮސް ފިއެވެ. ހީވަނީ އެންމެން ވެސް ދޫނިދޫ ޖަލުގެ ކުޑަގޮޅިތަކަށް ބަދަލުކުރަނީ ހެންނެވެ. ތިންގަޑިބައި އެހާކަންހާއިރު އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި އަލީފާއިޒު ވެސް ބަލާ އަތުވެއްޖެއެވެ. ސިޑިން ތިރިއަށް ބާލާއިގެން ގެންގޮސް ވެއްދީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ފަހަރަކު މީހަކު ލައްވާ ސޮއިކުރުވީ ބަންދުކުރެވުނު ސަބަބު އަންގާ ލިއުމުގައެވެ. މިކަންނިމުނުއިރު ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. ދެން އެޢިމާރާތުގެ ފަސްޓްޕްލޯގައި ހުންނަ ތަހުގީގުކުރާ ބައިގެ އުތުރުފަރާތުގައި އޮންނަ ހުސްބައިގައި ހުރިގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށް އެންގުމުން ނަމާދުކުރަން ބޭނުމޭ ވުޟޫއުކުރެވޭނެ ގޮތެއްއެބައޮތްހޭ އެހުމުން އަރިމަތީ ތާކުން ޕާޚާނާއެއް ދައްކާފައި ވަދެވުޟޫއު ކުރުމަށް ގާޑަކަށް ހުރި އޮފިސަރު ބުންޏެވެ. ފާޚާނާއިން ނުކުތުމުން ކުނަލެއް ގެނެސްދިނުމުން އެތާތަޅުންމަތީގައި ފަތިސްމަނާދު ކުރީމެވެ. އިރުކޮޅަކުން ޑޮކްޓަރ ޙުސައިން ވެސް އެތަނަށް ކުނަލެއް ހިފައިގެން އައިސް ފަތިސް ނަމާދު ކުރެއްވިތަން ދުށީމެވެ. ސޮއިކުރުވި މިލިޔުމަކީ، ކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރެވެންޏާ، 24 ގަޑިއުތެރޭގައި އެކަން ލިމުމަކުން އަންގަން ޖެހޭތީއޭ ބުނެތައްޔާރު ކުރިލިޔުމެކެވެ. މިލިޔުމުގައި ސަބަކަކަށް ލިޔެފައިއޮތީ، އޯގަސްޓް 12-13 ގައި ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ ހިންގިޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެ އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވެނީކަމަށެވެ. މިލިޔުމުގައި ސޮއިކުރުވީ ދެފަށުގެ، ޢަބުދުﷲ ނަވާޒުކިޔާ އޮފިސަރެކެވެ. ފަތިސް ނަމާދުކޮށް ނިމުނުތަނާހެއް ފޯރިއެއް ބަލާއައިސް ހުއްޓެވެ. ސޮއި ކުރުވުމުގައި އިސްކޮށް އިންނެވީ ސްޓާފް ސަރޖަންޓް އަލީ އަޙްމަދެވެ. ބަލާއައި އޮފިސަރު ހިނަގާށޭދާން ކިޔާފައި އަޅުގަނޑު ގޮވައިގެން ހިނގައިގަތީ، ދޮރުންނުކުންނަ ގޮތަށް ސިޑިއާ ދިމާއަށް ތިރިއަށް ދާގޮތަށެވެ. ސިޑިން ބާލައިގެން ބިލްޑިންގުން ނުކުމެ ތޮށިގަނޑު މައްޗަށް ގެންދިޔައިރު، ކޯސްޓްގާޑްގައި ބޭނުންކުރާ ވައްތަރުގެ ގަލްފްކްރާފްޓް ސްޕީޑް ލޯންޗެއް ރެޑީކޮށްފައި އޮތެވެ. އެލޯންޗަށް އެރުވީ އަޅުގަނޑާއި ޑޮކްޓަރ ހުސައިނާއި އަލީ ފާއިޒެވެ. އަޅުގަނޑުމެން ތިންމީހުން އަރުވައިގެން ދުއްވާލީއެވެ. ފަސްމިނެއްޓެއްހާ އިރުތެރޭގައި އިސްޕީޑް ދަށްކޮށްލީމާ ބަލައިލިއިރު ދޫނިދޫއޮތީ ވަރަށް ކައިރިވެފައެވެ. ބަނދަރުކޮށް ފޭބިއިރު، ލޭޑީ އިބްރާހީމް މަނިކު ތޮށިގަނޑު މަތީގައި އިސްތިގްބާލުގައި ހުންނެވިއެވެ. ދޫނިދޫޖަލު ބަލަހައްޓަވަން އިސްކޮށް ހުންނެވީ އޭނާއެވެ. އެހެންކަމުން ލޭޑީގެ އިދާރީބައި ނިންމާލެއްވުމަށް ފަހު، ޖަލުގެ ގަވާއިދުގެ ކޮޕީއެއްގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. އަޅުގަނޑަކީ ޑައިބެޓިކް މީހެއްކަމާއި އަޅުގަނޑަށް ކާންދޭން ޖެހޭނީ ޑައިބެޓިކް ކާނާކަމުގައި ދެންނެވުމުން އެވާހަކަ އިތުރުކޮށް އަލުން ގަނޑެއްގައި އެވާހަކަލިޔެފައި ސޮއިކުރުވިއެވެ. މިލިޔުން ވަކިފައިލަކަށްލާއި އަޅުގަނޑަށް ޚާއްސަ ކެއުމެއް ހަމަޖައްސައި ދޭނެކަމަށް ލޭޑީ ވިދާޅުވިއެވެ. އަޅުގަނޑު ގެނައި ޑައިބެޓިކް ބޭސްތައް ގޮޅިއަށް ވެއްދުމުގެ ހުއްދަ ދެއްވިކަމަށް އެފައިލުގައި ލިޔުއްވިއެވެ. ބޭސްތަކާއި ފަޓުލޫނުގެ ބެލްޓުވެސް ގޮޅިއަށް ގެންދެވޭގޮތަށް ހުއްދަދެއްވީއެވެ. މިއީ ކުރީފަހަރު ތަކުގައި ކުރާކަމެއް ނޫނެވެ. އަޅުގަނޑަށް ޚާއްސަގޮތެއް ހަމަޖައްސައި ދެއްވީއެވެ. ގަވައިދުން ޑައިބެޓިކް މީހެއްގެ ގޮތުގައި ރަޖިސްޓްރީ ވީއެވެ. އަޅުގަނޑަށް ގޮތެއް ވެއްޖެއްޔާ ލޭޑީ ޒިންމާ އުފުއްލަވަން ވާނޭ، ސަމާސާ ރާގަށް އަޅުގަނޑު ދަންނަވާލީމެވެ. މީނާ ވަކިއެއްޗެކޭ ނުބުނުއްވާ ހީނލެއްވީއެވެ. މިހުރިހާ ކަމެއްނިމި ގޮޅިއާ ހަމައަށް ގެންދެވުނުއިރު އިރުގެ އަލިކަން ޖައްވުތެރެއަށް ފާއްދާލައިފިއެވެ. ތަންތަން ފެންނަވަރު ވެއްޖެއެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 17 ނަމްބަރު ގޮޅިއަށެވެ. މިއީ އަޅުގަނޑަށް އާތަނެއް ނޫނެވެ. މުޅިން ހިތުދަސް ތަނެކެވެ. އިރުގެއަލިކަން ފެތުރި ޖަލުގެ ފޯރިއަކާ ދިމާވުމުން ޚަބަރުތައް ސާފުކޮށް ލުމުން އެނގުނު އެއްޗަކީ، އިބުރާ އިންނެވީ، 2 ނަމްބަރު ގޮޅީގައިކަމެވެ. މިއީ ދޫނިދޫ ޑިޓެންޝަން ސެންޓަރުގެގެ އެއްނަމްބަރު ޖަލެވެ. ޑިޓެންޝަން ސެންޓަރު މިރަށަށް ކިޔަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ވިސްނާ، ވިސްނާވެސް ނޭންގުނެވެ. އަޅުގަނޑުމެން ކިޔަނީ، “ދޫނިދޫ ޕްރިސަންެ” އެވެ. މިބައިގާ އަދިވެސް ކުރިންހުރި، 16 ގޮޅިއާއި އިތުރު ގޮޅިތައް ހުރެއެވެ. އަދި ދެނަމްބަރު ޖަލެއްހުރެއެވެ. އެބަޔަށް ވަންނަން ހުންނަނީ އެހެން ދޮރެކެވެ. ދެނަމްބަރު ޖަލުގައިތިބީ، އަހްމަދު ޢާދިލާއި އެކްސްރޭ އަޙްމަދު ޢާޠިފާއި ނަފާނަސީމާއި ގާދިއްފުށީ އަހްމަދު ޝަފީޤު، ސައްޕެއާއި ހުޅުދޫ ހުސްނުއް ސޫޢޫދާއި ޢަލީ ޝިޔާމާއި ނަޒާކީ އިބްރާހީމް ޒަކީއާއި ޅޮހީގޭ މާހިރާއި ޒިޔާއްޓޭއާއި އައިސީއާއި މުޙައްމަދު ފުޅާއި ސިފައިންގެ މީހެއްގެ ގަޔަށް ކަޅުހުކުރުގައި ވަޅިހެރި، ޙުސައިންޕައިޑާ އާއި ކުޅުދުއްފުށީ އާދަމް، އަންމަޑޭ އާއި އޭނާގެ ބޭބެ ޢަބްދުއް ރަޝީދު އާދަމް، އަބުސީއާއި ނަންރީތި ސަލީމްގެ ދަރިފުޅާއި މިފަދަ ގައިދީން ތަކެކެވެ. އެއްނަމްބަރު ޖަލުގައި އަޅުގަނޑައި އިބުރާއާ އެކުގައިތިބީ، 1 ނަމްބަރު ގޮޅީގައި ސޫޒަން އިބްރާހީމާއި، 5 ނަމްބަރު ގޮޅީގައި ޒުހައިރާޢުމަރު، އާންޓީ ހުންނެވިކަން އެނގުނެވެ. ޤާސިމާއި މުނައްވަރާއި ޒަކީގެންގޮސް ވެއްދި ދޫނިދޫގައި ޑޭވީހުންނެވިގެ ކޮޅުގައި ހަދާފައިހުރި އެއަރކޯން ކޮޓަރި ތަކަށެވެ. އަޅުގަނޑާއެކު ގެނައި ޑޮކްޓަރ ޙުސައިން ރަޝީދު ވެއްދީ އެއްނަމްބަރު ޖަލުގެ، 9 ނަމްބަރު ގޮޅިއަށެވެ. އަދި ޢަލީފާއިޒު ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. ގޮޅިއަށް ވައްދަމުން ކޮންމެމީހަކަށް، މުންޑަކާއި ޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްެއުނގުޅާ ބޭސްފުޅިއަކާއި ސައިބޯންޏަކާއި ތުވާއްޔެއް ދީފައި މިތަކެތި ލިބުނުކަމަށް ފޮތެއްގައި ސޮއިކުރުވިއެވެ. މުންޑައި ތުވާއްޔަކީ އެންމެދެރަ އެއްޗިއްސެވެ.

14 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 2 ވަނަ ދުވަހެވެ. ރޭގަނޑު ކެއުމުގެ ފަހުން ތަހުގީގަށް ނެރުނެވެ. މިއީ ތަހުގީގު ކުރުމަށް ނެރޭފުރަތަމަ ފަހަރެވެ. ތަހުގީގުޓީމުގައި އިސްކޮށް ތިއްބެވީ، ޢަބްދުﷲ ނަވާޒާއި އަލީއަޙްމަދެވެ. މިޓީމާއެކު އެހީތެރިވުމަށް، މޯރާތައުފީޤާއި ޚަލީލްކިޔާ ބޭފުޅަކާއި އަދިވެސް ދެޕްރައިވެޓުން ތިއްބެވިއެވެ. މިއީ ތަހުގީގުޓީމާ ވަކިން ހަރަކާތްތެރިވާ ބައެކެވެ. ބިސްމި ކިޔާފައި އަޅުގަނޑު ފުރަތަމަ ވެސް ފެއްޓީ، އަޅުގަނޑު ކަނުބަނދެފައި ރަނގަޅަށް ތަޅާލި މައްސަލައިގެ ވާހަކައެވެ. އަދި ރޭގައި ޖަލަށް ވެއްދިއިރު ވެސް، ލޭޑީ އިބްރާހީމް މަނިކު ކައިރީގައި މިމައްސަލަ، ޝަކުވާއެއްގެ ގޮތުގައި ޖެއްސީމޭ ދެންނެވީމެވެ. އަދި އަޅުގަނޑަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިމްތިޔާޒުތައް ލިބިގެންވާ، ﷲ ގަންދެއްވައި ހުވާކޮށްގެންހުރި އިއްޒަތްތެރި އެކޭނަންގަތީމެވެ. އަޅުގަނޑު ހައްޔަރުކޮށްފައި ބަހައްޓަންވާނި އަޅުގަނޑު ކޮށްގެންހުރި ހުވަޔަށް ޢަމަލުކުރެވޭ ގޮތަށޭ ދަންނަވައި އިލްތިމާސް ކުރީމެވެ. އަދި މިހާރުވެސް ސިފައިންގެ އޮފިސަރަކު ޖަހައިގެން ބުރަކައްޓަށް ތަދުވާކަމާއި ކަކުލުގައާއި އަތުގައި ކޮނޑާދުމާއިން މަށައިގެން ގިސްފައިހުރި ތަންތަން މިދެމީހުންނަށް ދައްކައިފީމެވެ. ޢަލީއަޙްމަދާއި ނަވާޒު ވިދާޅުވަނީ އަނިޔާ ކުރިއްޔާ ތިކަމެއްކުރީ ރާއްޖޭގެ އާމީން، ސިފައިންނެވެ. މިހާރު ސިފައިންނާ ފުލުހުން މަސައްކަތް ކުރަނީ ވަކިންނެވެ. މިއަންނަމަހު އެކެއްގައި ރަސްމީކޮށް އެކަންތައް ސަރުކާރުން އިއުލާނު ކުރައްވާނެއެވެ. ތިޔަ މައްސަލަ ވެރިންނާ ހަމައަށް ގެންގޮސް ދޭނަމެވެ. ތަހުގީގު މިހިންގަނީ ދިވެހި ރާއްޖޭގެ ފުލުހުންނެވެ. ދިވެހި ސިފައިންނެއް ނޫނެވެ. ރަސްމީކޮށް މިވަކިވުން އިއުލާނު ކުރެވޭނެއެވެ. ތިޔަކަންތައް ވެރިންނަށް ހުށަހަޅައި ދޭނަމެވެ. އަޅުގަނޑު ދެންނެވީމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ސިފައިން ދެނަމަކަށް ބަހާލިއަސް ތިޔަބޭފުޅުން ތިޔަކުރައްވަނީ ރައީސް މައުމޫނު އަންގަވާ ކަންތަކެވެ. ތިޔައީ އެމަނިކުފާނަށް ކިޔަމަންތެރިވާ އެއްބައެކެވެ. އެއް ޖަމާއަތެކެވެ. ދެކުލައިގައި ޔުނީފޯމް ހުރެދާނެއެވެ. ތިޔައީ ގާނޫނު އަސާސީއަށް ބަލައިގެން އުޅުއްވާ ބައެއްނޫނެވެ. ތިޔަމީހުން އަޅުގަނޑަށް ކުރިއަނިޔާ ތަކުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. މިހުރީ އަނިޔާކުރިކަން ސާބިތުވާށެވެ. މިތަންތަން ފޮޓޯނަގަން އަޅުގަނޑު ބޭނުމެވެ. ތިޔަކަންތައް ފަހުންބަލާނީއޭ ފޮޓޯއެއް ނުނެގޭނޭ ބުނުއްވިއެވެ. ދެން އެއްސެވީ ލޮޔަރެއްގެ ބޫނުން ހިއްޕަވަން އިލްޔާސް ބޭނުންފުޅިއްޔާ އެކަން ކުރެވިދާނެއެވެ. ހަމަމިހެން ބުނުއްވުމާއެކު ލޮޔަރެއްގެ ބޭނުން ހިފަންބޭނުމޭ ދަންނަވައި ފީއެވެ. ކާކުތޯ ހަމަޖައްސާނީ އެއްސެމުމުން ގެއަށް ގުޅާފައި ބުނެދެވިދާނަމޭ، ދެންނެވުމުން އެކަން ހަމަޖައްސަވައި ދެވިދާނޭ ވިދާޅުވެއްޖެއެވެ. މިއެދުމުގެ މަތިން، ގެއަށް ގުޅުމުން، ލޮޔަރު އަހްމަދު މުއިޒް ހަމަޖެއްސުމަށް ގޭންބުންޏެވެ. އެހެންމީހުންގެ ލޮޔަރުކަން ކުރަނީވެސް ޓޮސްބެއޭ ގެއިން ކޮއްކޮއެއް ކަމުގައިވާ މުޙައްމަދު ރަޝީދު، ބިގޭ ބުންޏެވެ. އަދި މުޢިޒްގެ ނަމްބަރު ގެއިން ބިގޭ ދިނުމުން، ގެއަށް ގުޅިކޯލް ނިންމާފައި އަޅުގަނދުގެ ލޮޔަރ އަޙްމަދު މުޢިޒްއާ ގުޅަން ބޭނުންކަމަށް އެދުމުން އެކޯލްވެސް ހަމަޖައްސައި ދެއްވިއެވެ. ގޫލާލިތަނުން އަލްއުސްތާޒު އަޙްމަދު މުޢިޒު، ޓޮސްބެއާ ގުޅިއްޖެއެވެ. މުޢިޒު ހުންނެވީ މމިކަންތައް ކޮށްދޭހިތުންނެވެ. މާދަމާ ތިކަމާގުޅޭ ސިޓީލާނަމޭ ވިދާޅުވިއެވެ. ވަރަށް ސަލާމް ބުނެފައި ޙުސްނު ކޮބައިތޯ އަހާލުމުން އެއްޔެއިން ފެށިގެން ޙުސްނުއްސުޢޫދު ނުފެންނަކަމަށް މުޢިޒު ވިދާޅުވިއެވެ. އެންމެންނަށް ސަލާމްބުނެފައި ދެންކަނޑާ ލީއެވެ. ދެން ތަހުގީގުޓީމުން ލޮޔަރެއް ބޭނުންވާނެކަމުގެ ލިޔުންތައްޔާރު ކުރުމުން އަޅުގަނޑު އެލިޔުމުގައި ސޮއިކުރީމެވެ. ގެއަށް އަދިވެސް އެއްފަހަރު ގުޅާލެވިދާނެތޯ، އަންހެނުން ގާތުގައި ލޮޔަރުގެ ފީގެވާހަކައާއި ޖަލަށް ގެންނަން ބޭނުންވާ ތަކެތީގެ ވާހަކަ ބުނެލަން ޖެހޭނެއޭ ދެންނެވުމުން ނަވާޒު ވިދާޅުވީ ތިޔަކަން ވެދާނެއެވެ. ރުކުގެ މޯބައިލް ފޯނުނަމްބަރަށް ގުޅާލުމުން ވަރަށް އަވަހަށް ގުޅިއްޖެއެވެ. އުފަލުންގޮސް ހަޅޭލަވައިގެންފައި ދޮށީދަރިފުޅަށް ގޮވާއަޑުއިވުނެވެ. ވަރަށް އުފާވިއެވެ. ދެންނުގުޅޭނެ ކަމާއި ހިތްވަރު ކުރުމަށް ބުނީމެވެ. މިހިރީ ދޫނިދޫ ޖަލުގައިކަމަށް ބުނީމެވެ. އަދި ޖަލަށް ފޮނުވަން ޖެހޭއެއްޗެހީގެ ލިސްޓެއް ކިޔައިދީފައި ލޯތްބާއި ސަލާމް ބަދަލުކޮށް ހަދާފައި ބޭއްވީއެވެ. ތަހުގީގު ޓީމަށް ވަރަށް ޝުކުރު އަދާކުރީމެވެ. ތިންކޯލް މާލެއަށް ކޮށްދިނީތީއެވެ. ދެން މިރޭގެބައި މިހާހިސާބުން ނިންމާލެއްވީއެވެ. އިތުރުކަމެއް އަދި ސުވާލެއްވެސް ނުކުރެއެވެ. ދެން ގެންގޮސް، 17 ނަމްބަރު ގޮޅިއަށްލާ ތަޅުލީއެވެ. އަދި މިއަދު، “ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ ސަރުކާރާ ދެކޮޅަށް ގާނޫނާޚިލާފު އަމަލުތަކެއް ހިންގުމާގުޅިގެން، ސަރުކާރުން އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅު ތަކުގެ” މަޢުލޫމާތު ރައީސުލް ޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ދެއްވިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރިއެވެ.

15 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 3 ވަނަ ދުވަހެވެ. މިއަދު އެއްވެސް ޚަބަރެއް ނެތުމުން، ލޭޑީއާ ބައްދަލުވާން އެދުނީއެވެ. ވަރަށް ފަސޭހައިން ލޭޑީ ގޮޅީގެ ދޮރުމައްޗަށް ދުރުވެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އަޅުގަނޑު ހީކުރީ، ޖަލުއޮފީހަށް އަޅުގަނޑު ނެރޭނީ ކަމަށެވެ. ފަހަރުގައި މީނާއަށް، ގައިދީން ގޮޅިން ނެރުމާއި މިފަދަ ބައެއް ކަންތައް، އަމިއްލައަކަށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ނޯންނަކީ ކަމަށް ވެދާނެއެވެ. ލޭޑީ ދުރުވެ ސަލާން ގޮވާލެއްވުމުން އަޅުގަނޑު ދެންނެވީމެވެ. ލޭޑީއެވެ! މާދަމާއަކީ މަޖިލިސް އޮންނަދުވަހެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. އަޅުގަނޑު މިހުރީ ޝަރުޢީ ބަންދެއްގައި ނޫނެވެ. ތިޔަބޭފުޅުންގެ ބަންދެއްގައެވެ. ރައްޔިތުންގެ ކަންކަމަށް އިސްކޮށްފައި އަޅުގަނޑު މިހުރީ އެކަންތައް ދުވަހުން ދުވަހަށް ކުރުމަށް، ﷲ ގަންދީހުވާކޮށް ގެންނެވެ. ހަމަމިތާ ތަޅުލެވިގެން ޖަލްސާތައް ހިންގަމުންދާއިރު އޮންނަންވީ ތޯއެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. މިއީ ތިޔަބޭފުޅުން ވިސްނާލައްވަން ޖެހޭނެ ގާނޫނީ މައްސަލައެކެވެ. އަޅުގަނޑަށް ދެވޭހިސާބެއްގައި ހުރިއްޔާ ޖަލްސާއަށް ހާޒިރުވުމަށް ގާނޫނުތައް ލާޒިމް ކުރެއެވެ. ތިޔަބޭފުޅުންގެ އިސްފަރާތްތަކަށް ވީހާއަވަހަށް މިވާހަކަ އަޅުގަނޑުގެ ފަރާތުން ގެންގޮސް ދެއްވާށެވެ. މަޑުން ހުންނަވައިފިނަމަ އިޔަބޭފުޅާވެސް ގާނޫގެ ދަށުން ސުވާލުކުރެވޭ މަރްޙަލާ އަކަށް ހިނގައިދާނެއެވެ. ރައްޔިތުން ޚާއްސަ މަޖިލީހަކީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާއެވެ. އެއީ ގާނޫނު އަސާސީ ލިޔުމަށް ރައްޔިތުން އިންތިޚާބުކޮށް ގާނޫނީ އިމްތިޔާޒުތަކެއް ދީފައިވާ ބާރެކެވެ. ޝަރީޢަތް މެދުވެރިކޮށް އަޅުގަނޑަށް ހުމުމެއް ނާންނަނަމަ ޖަލްސާތަކަށް ހާޒިރުވެވެން ޖެހޭނެއެވެ. ލޭޑީއަށް މިކަންތައް އަޅުގަނޑު ކިޔައިދޭން ޖެހޭތީ ދެރަވަމެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ! މިއަދު މިއޮތީއެޙާލަތަށް އައިސްފައެވެ. އަޅުގަނޑު މަޖިލީހުގެ ރަސްމީ ޖަލްސާތަކަށް ހާޒިރުކޮށް ދިނުމަކީ މިއަދު، ސިފައިންނަށް އޮތްވާޖިބެކެވެ. މިކަން އާދައިގެ ކަމަކަށް ނުހައްދަވާށެވެ. އަވަހަށް އިސްފަރާތްތަކާ ހަމައަށް މިވާހަކަތައް ގެންގޮސް ދެއްވާށެވެ. މަޖިލީހުގެ އެތައްބަޔަކު ކުޑަގޮޅިއަށްލާ ތަޅުލާފައި ޖަލްސާތައް ކުރިޔަށް ގެންދިއުމަކީ ބައިނަލް އަޤްވާމީ މުޖްތަމަޢު ރުހޭނެކަމެއް ނޫނެވެ. ރައްޔިތުންގެ ބާރުފެށިގެން އަންނާނީ ރައްޔިތުންނާ ހަމައިންނެވެ. ސިފައިނާ ހަމައިންނެއް ނޫނެވެ. މިއަދު އެބާރުވެރިންގެ ގޮތުގައި ރައްޔިތުންގެ ޞައްޙަވޯޓުން ހަމަޖައްސާފައި މިތިބީ އަޅުގަނޑު މެންނެވެ. ރައްޔިތުންގެ މަންދޫބުންނެވެ. މަޖިލީހުގެ މެމްބަރުންނެވެ. އދ.އަތޮޅު ރައްޔިތުންގެ ބަހެއްނެތި މަޖިލީހުގެ ޖަލްސާތައް ހިންގުމަކީ، ސަރުކާރުން ކުރާޖަރީމާއަކަށް ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. މިވާހަކަތައް އަހާފައި ލޭޑީ، ވަރަށް ހަމްދަރުދީ ފާޅުކުރެއްވިއެވެ. ކަންބޮޑު ވެއްޖެއެވެ. ރުޅިވެރިކަމުގެ އެއްވެސް ކުލަވަރެއް މޫނުމަތީގައި ފެންނާކަށް ނެތެވެ. މީނާ އަޅުގަނޑާ ވަރަށް ގަޔާވެއްޖެއެވެ. ހަމަ މިހާރު ތިކަމާމިއުޅެނީއޭ މާލެއާ ގުޅައިގެން ތިޔަކަންތައް ބަލާފައި ޖަވާބެއް، އިލްޔާސަށް ގެނެސްދޭނަމޭ ބުނުމުން، އަޅުގަނޑު އަތްދިއްކޮށް ލުމުން މީނާ، އަޅުގަނޑާއި ވަރަށްބާރަށް ސަލާންކޮށްފައި އަތްދެތިންފަހަރަކު ތަޅުވާލާފައި ހިނގައްޖެއެވެ. މިސަލާމުގައި ހިނިތުންވުމެއް ހިނގިއެވެ. މީނާގެ ހަމްދަރުދީ އަޅުގަނޑަށް އޮތްކަން ކަށަވަރުވިއެވެ. އަޅުގަނޑު ދުށީމިއީ ރަނގަޅު ޢަލާމަތެއް ކަމަށެވެ. މީނާއަށް ހެޔޮވިސްނުން ދެއްވާތޯ އެހިންދު އަޅުގަނޑު ދުޢާކުރީމެވެ. މިއަދު ދެން އިތުރުކަމެއް ނެތެވެ.

ދެން، ލޭޑީ އަޅުގަނޑު ކައިރިއަށް ވަޑައިގަތީ ރޭގަނޑު އެގާރަގަޑިބައި އެހާކަންހާއިރު އަޅުގަނޑު ނިދާފައި އޮއްވައެވެ. ލޭޑީ، ސަލާން ގޮވާލެއްވުމުން ޓަސްލާފައި ފުންމައިގެން އަޅުގަނޑު ތެދުވެއްޖައިމެވެ. އަދި އާދޭހޭ ދަންނަވައިފީމެވެ. މިކަމާ ވެސް މީނާހުންނެވީ ވަރަށް އުފާވެފައެވެ. ހިނިއައިސްފައެވެ. ވަޑައިގެން ހުންނެވީ، ރަސްމީލިޔުމެއް ހިއްޕަވައިގެންނެވެ. އެލިޔުން އަޅުގަނޑު އަތަށް ދިއްކޮށް ލެއްވުމުން އަޅުގަނޑު ބަލައިލިއިރު އޮންނަނީ މަފަދައިންނެވެ. 16 ވަނަ ދުވަހު އޮތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާ، މާދަމާ ނޯންނާނެ ކަމަށާއި ދެން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ. މިކަން އަޅުގަނޑަށް އެނގިއްޖެ ކަމަށް އެލިޔުމުގައި ސޮއިކުރާ ގޮތަށެވެ. ދެން ލޭޑީ ގަލަމެއް ދިއްކޮށް ލެއްވުމުން އެލިޔުމުގައި އަޅުގަނޑު ސޮއި ކޮށްލުމުން ލޭޑީ ހީލައްވާފައި މިނިމުނީ ނޫންތޯއޭ ވިދާޅުވެފައި ހިންގައްޖެއެވެ. ނިދަންއަރާ އޮށޯވެއޮވެގެން އޮތްއިރު އަޅުގަނޑުގެ ހިތަށް މަކަމާގުޅިގެން ބައިވަރު ޚިޔާލުތައް ކުރެވުނެވެ. ހިތަށް އެރިއެވެ. މަޑުންނުހުރެ މިވާހަކަތައް ދެއްކުމުން މިއޮއްތީ މިކަން ރަނގަޅަށް ހިނގާފަތާއެވެ! އަޅުގަނޑުމެން ޖަލްސާއަށް ހާޒިރު ކުރުމުގެ ބަދަލުގައި ޖަލްސާތައް ވަގުތީގޮތުން ކެންސަލް ކޮށްލީއެވެ. އަޅުގަނޑަށް ލިބުނު ފިލާވަޅަކީ ކެރިގެން ބުނަންޖެހޭ އެއްޗެހި ބުނެހެދުމަކީ ކާމިޔާބު ވުމަށް އޮތްމަގު ކަމުގައެވެ. ކަންކަމަށް ކެރިގެން ކުރިމަތި ލުމަކީ ކާމިޔާނު ވުމުގެ އަސްލު ކަމުގައެވެ. ޙައްޤަށް ނަޞްރު ދެއްވާނީ ވެސް ތެދުވެރިކާމާއެކު ކުރިމަތިލާން ކެރުމުން ކަމުގައެވެ. ޙައޤުބަސް ބުނުމުން މަޝްވަރާއަށް ދޮރުހުޅުވޭނެ ކަމުގައެވެ.

އަދި “އޯގަސްޓް 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ހަމަނުޖެހުން ހިންގި މައްސަލައިގާ، 185 މީހަކު ހައްޔަރުކޮށް ފައިވާކަމަށް” ފުލުސް އޮފީހުން މިއަދު ހާމަކުރިއެވެ.

އަދި މޯބައިލްފޯނުން އެސްއެމްއެސް ފޮނުވުމުގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި އޮތުމަށްފަހު އަލުން އެޚިދުމަތް މިއަދު ދޭންފެށިއެވެ. މިކަމާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަން  އޮތޯރިޓީ އޮފް މޯލްޑިވްސް އިން ނެރުއްވި ޚާއްސަ ދެންނެވުމުގައި އޮތީ، “ރާއްޖޭގެ އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ރައްކާތެރި ކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ދަށުން އިންޓަނެޓާއި އެސްއެމްއެސް ވަގުތީގޮތުން މެދުކަނޑައިލި ނަމަވެސް، މިއަދު އެޚިދްމަތް އަލުން ގުޅައިދީފައިވާ” ކަމަށެވެ.

16 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 4 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. މެޑިކަލް ކަންތަކާ ހަވާލުވެގެން ހުންނަވާ އޮފިސަރު މިއަދު މިގޮޅިއަށް ޒިޔާރަތް ކުރިއެވެ. އަޅުގަނޑުގެ ބްލަޑް ޕްރެޝަރ ބަލާއިޗެކްކޮށް ޕަލްސްހުރިވަރު ވެސް ޗެކް ކުރެއްވިއެވެ. ބީޕީހުރީ،  90/140 ގައެވެ. ޕަލްސްހުރީ މިނެޓަކު، 65 ގައެވެ. ގަވާއިދުން ބޭސްކަންތޯ އައްސަވާފައި މީނާ ހިނގައްޖެއެވެ.

17 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 5 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑު މެންނަށް ބޮޑުދުވަހެކެވެ. ދުވަހަކީ އުޑުމަތިސާފު ވައިރޯޅި ދަށްކޮށްހުރި ހޫނުގަދަ ދުވަހެކެވެ. އިރުމެދުޖެހި އަވިއެންމެ ބާރުވިވަގުތު ޖަލުތެރެއަށް، މާލޭން ވަޑައިގެންނެވި ބޮޑުންގެ ޓީމެއް ވެންނެވިއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢު އާއި ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މިނިސްޓަރ އޮނަރަބްލް ޢަބްދުﷲ ކަމާލުއްދީނެވެ. މިބޭފުޅުން ޖަލުތެރޭގައި ހިންގަވަމުން، ފަހަރަކު ގޮޅިއަކަށް ބޯދެއްވަމުން، އަތްޕުޅު ހޫރައްވަވަމުން ވަޑައިގަންނަވާ ތަންފެނެއެވެ. އިއްޒަތްތެރި މެމްބަރުން ހައްޔަރުކޮށްފައި ތިއްބެވި ބައެއް ގޮޅިތަކަށް މިބޭފުޅުން ވަންނަވަމުން ވަޑައިގެންނެވިއެވެ. އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާއަރާހަމަވެ ވަޑައިގެންނެވުމުން، ޖަނަވާރު ބަގީޗާއެއްގެ ކޮށިތަކާއި ގޮޅިތަކުގައި ހައްޔަރު ކޮށްފައިތިބޭ ރާމާމަކުނު ތަކަކަށް ބައްލަވާލައްވާއި އަތްޕުޅުން ހަނާއަޅުއްވާ ލައްވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރިވަޑައި ގަންނަވައިގެން ނުވާނޭ، އަވަހަށް މިގޮޅިއަށް ވަންނަވާށޭ ދެންނެވުމުން، އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު އަޅުގަނޑު ހައްޔަރު ކޮށްފައިހުރި ގޮޅިއަށް މިބޭފުޅުން ވަންނަވައި ފިއެވެ. ޢަބްދުﷲ އިންނެވީ އަޅުގަނޑު އިށީނުމަށް ދީފައިހުރި ޕްލާސްޓިކް ގޮނޑީގައެވެ. ޝަފީޢު އިށީންނެވީ އަޅުގަނޑު ނިދުމަށްހުރި އެނދުގައެވެ. އަޅުގަނޑުވެސް އިށީނީ އެނދުގައެވެ. މިބޭފުން ވިދާޅުވީ، ރައީސް މައުމޫނު ވިދާޅުވެގެން ތިޔަބޭފުޅުންގެ ހާލުބަލާލުމަށާއި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުންގެ ހާލުއަހުވާލު އޮޅުން ފިލުވާލުމަށް އެމަނިކުފާނު ފޮނުއްވީމާ ވަޑައިގެންނެވީ ކަމަށެވެ. ވާހަކަދެއްކުމަށް އަޅުގަނޑަށް ފުރުސަތު ލިބުމުން ވަރަށްބޮޑަށް މައްސަލަ ޖެއްސީމެވެ. އިހްތިޖާޖާއި ނުރުހުން ފާޅުކުރީމެވެ. ގޭގައިއިންދައި ނެރެގެން ގެނެސް ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ރަނގަޅަށް ތަޅާލާއި އަނިޔާކުރުމަށް ފަހު، ދެންކޮން ހާލެއްބައްލަވާ ކަށްތޯއޭ ތިޔަވަޑައިގަތީ ދެންނެވީމެވެ. ކުޑަގޮޅިއަށްލާ ހައްޔަރުކޮށްފައި ޙާލުބައްލަވާށޭ ކިޔާފައި ބަޔަކު ފޮނުވާކަށް ނުޖެހެއެވެ! މިއީ އިންސާނުންނަށް އަނިޔާކޮށް އިންސާނީ ކަރާމާތް ނަގާލާ ބަގީޗާއެކެވެ! އިންސާނުންނަށް ގަސްދުގައި މިހާލުޖައްސާފައި މިއަނިޔާވެރި ދަރުބާރަށް އެމަންޒަރު ދުށުމަށް، ވަޑައިގަންނަވާކަށް ނުޖެހޭނެއެވެ. ތިޔައީ މުޅިންވެސް ކޮސްމެޓިކް ކުލަވެރެވެ. ދަޅަދެއްކުމެވެ. ތިއްތިދެއްކުމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ކުޅުއްވާ ތަމްސީލެކެވެ. ތިޔައީ އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫނެވެ. ދެން، ޢަބްދުﷲ ވިދާޅުވީ، ތިމަންނާ މިފޮނުއްވީ ތިޔަބޭފުޅުންނާ އޮންނަ ގާތްކަމުންނެވެ. އިލްޔާސް އަލަށް ފެންނަން ފެށީއްސުރެ ވެސް ކިހާގާތްކަމެއް އޮވޭނޫންތޯއެވެ. މިއަޑުއަހާކަށް އަޅުގަނޑު ނުހަދަމެވެ. އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދިޔައީއެވެ. ބުނަންބޭނުން ވެފައިހުރި ހުރިހާ ވާހަކަތައް އެބޭފުޅުންގެ ކުރިމަތީގައި ގޮވާލެވޭތޯ ބެލީއެވެ. ހުރެވުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ރުޅިގަދަވެފައެވެ. ބޮޑޭހެދިފައި ޓައިއަޅުއްވައިގެން މިހާލުގައި އަޅުގަނޑުމެން ތިއްބާ އަޅުގަނޑުމެންގެ ކުރިމަތިން ޖަމާޢަތް ހައްދަވައިގެން ހިންގަވާއި އަޗާތެޅުމުގެ ބުރުޖައްސަވާތީއެވެ. އަޅުގަނޑު ދެންނެވީމެވެ.

އޭ! ޢަބްދުﷲ އެވެ! އޭ! ޝަފީޢުއެވެ! މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެކެވެ! ރަނގަޅަށްއަޑު އައްސަވާށެވެ! ދަންނަވަން ވަރަށްގިނަ ވާހަކަތައް އެބަހުއްޓެވެ! މިވާހަކަތައް އައްސަވާލެއްވުން އެދެމެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް، ތިޔަބޭފުޅުން އާދޭހޭ ނުދަންނަވާށެވެ. ޔެސްމަނުންނަށް ނުވާށެވެ. އަމިއްލަ ޚިޔާލާއި މަޝްވަރާ ރައީސަށް އަރުވާށެވެ. ރައީސް މީހާއަރިހުގައި ވަޒީރުން އައްޔަން ކޮށްފައި ތިއްބަވަނީ ރައީސް މީހާއަށް ތެދުމަގު ދެއްކުމަށް އެހީތެރި ވުމަށެވެ. ތިޔަބޭފުޅުން ތިޔަތިއްބެވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވާގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އިސްލާމް ދީނަށް ޙުރުމަތް ތެރިކޮށް ހިތުމަށާއި ދިވެހިގައުމާއި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ވުމަށް، ﷲ ގަންދެއްވައި ހުވާކުރައްވައި ގެންނެވެ. ދިވެހިންގެ މިގައުމު އިސްލާޙުގެ މަގަށް ގެންގޮސް ދެއްވާށެވެ. ދިވެހި ގައުމުކުދިކުދިވެ ހަލާކުވިޔަ ނުދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަ ގޮތެއްގައި ގެންގުޅުއްވާށެވެ. އިންސާނީ ކަރާމާތްތެރި ކަމަށް އޯގާތެރިވެ ހަމްދަރުދީ ބަހައްޓަވާށެވެ. ގައުމުގެ ކުރިމަގަށް ވިސްނަންތިބި ސިޔާސީބައެއްގެ ކުރިމަގު މަރާނުލައްވާށެވެ. ފަހެ، ދަންނާށެވެ! އަޅުގަނޑުމެން މިގޮތަށް ކެތްތެރި ކަމާއެކުތިބެ، ޒިންދަގީދޫކޮށް މަރުވެ ހިނގައިދާނަމެވެ. މިފެންނަނީ ފަހުތިބީންނަށް ޢިބްރަތްލިބި ގަންނަންހުރި ފިލާވަޅުތަކެވެ. ވިސްނާވަޑައި ގަންނަވާށެވެ. ގައުމެއްގެ ދުސްތޫރާއި ގާނޫނުތައް އެކުލަވާލުމަށް، ރައްޔިތުން ހޮއްވަވާފައި ތިބިބަޔަކަށް މިފަދަ އަނިޔާތަށް ތިޔަދެއްވަނީ ކޮންހަމައަކުން ތޯއެވެ؟ ކުރިޔަށް އޮތްތާގައި ވެރިކަމުގައި ދެމިތިބުމަށް ހުރަހަކަށް ވެދާނެހެން ހީވާތީ، ރާވާލައްވައިގެން އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ފޯނުކޮށް ގެންނެރެ ދައުލަތާ ދެކޮޅަށް ބަޣާވާތެއް ހިންގި ބާޣީންތަކަށް ހައްދަވައި މިހާރުމިތިބީ ޖަލުގެކުޑަ ގޮޅީގައި ހައްޔަރުކޮށް ފައެވެ. ތިޔަދެބޭފުޅުން ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. ކުރަމުން މިގެންދާ ތަހުގީގުތަކަކީ، އަޅުގަނޑުމެން، މިގޮތަށް އެކަހަރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވާއި އަނިޔާކޮށް ނުހައްދަވައި ވެސް ކުރެއްވޭނެ ކަމެކެވެ. ކަންތައް ތިޔަކުރައްވާ ގޮތް އެއްގޮތަކަށް ވެސް ނޭނގެއެވެ. ސިއްރު ސިޔާސީ މަގްސަދުތަކެއް މިކަމުގެފަހަތުގައި ފޮރުވިފައި އޮންނަހެން ހީވާކަހަލައެވެ. ތިޔަކުރައްވާ ކަންތައް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ފަޅާއަރާ ދުވަހަކުން ބޭރުދުނިޔެއިން ތިޔަކުރައްވާ ކަންތައް ގަބޫލެއް ނުކުރާނެއެވެ. ބޭޒާރުވާނީ ތިޔަބޭފުޅުންނެވެ. މިހާރުވެސް އަޅުގަނޑުމެން ކުރަމުން މިގެންދާ ގައުމީޖިހާދު ގަބޫލުކުރާ މީހުންބޭރުގައި ބަލަންށާއި އަޑުއަހަން އެބަތިއްބެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފަރަތަމަ ޖަލްސާގައި ޚިޔާލުތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ހެދުމުގައި ވިސްނުނުގޮތާ ގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީރުޅިވެރި ކަމެއްގެ ތެރެއަށް ރީތިކޮށް ގަންބާލާފައެވެ. މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިން ވަކިކުރެއްވީ، މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވައި ގެންނެވެ. ފަހެ، މިއީ އިންސާފުތޯއެވެ. ޢަދާލަތަކީ މިއީތޯއެވެ. ރަނގަޅަށް ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ސަރުކާރުގައި ކުރަމުންގެންދިޔަ މަސައްކަތްތަކަށް ބައްލަވާށެވެ. ޝަފީޢު އަރިހުގައި އަތޮޅުތަކު ތެރެއަށް ދަތުރުތައް ކުރެވިފައި ހުންނާނެއެވެ. ހޯމް މިނިސްޓްރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ އަހަރެއްގެ މިނިވަން ދުވަހާދިމާކޮށް، އުފައްދާ ޓާސްކްފޯސް ތެރެއިންް ޝަފީޢުއަށް ރަނގަޅަށް ފެނިވަޑައި ގަންނަވާނެއެވެ. އެޓޮލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު އެކުރެއްވި ކަންތަކަކީ، ގާނޫނާއި ގަވާއިދުން ކުރެއްވި އަމަލެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ހަމަކަށަވަރުން ވެސް އަޅުގަނޑާއި ދެއެކުވެރިން ވެގެން ޝަރުޢީކޯޓަށް ވެއްދީ، ގާނޫނު އަސާސީގެ މާއްދާއެއް ވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އާދެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވަގުތީރައިސްގެ މައްސަލައެވެ. ހ.މީނާޒު ޢަބްދުﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ. ޢަބްދުﷲ ޙަމީދަށް ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުގެ އިޙްތިރާމް ބަރާބަރަށް އޮންނާނެއެވެ. ނިކަންވިދާޅުވެ ބައްލަވާށެވެ! ވެރިކަމުގެ ކަންތައް މިދަނީ ހަމަ، 9 ޖޫން 2004 ގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި އިސްލާޙުތަކާ އެއްގޮތަށްތޯއެވެ؟ ފަހެ، މިރާއްޖޭގެ އިސްލާޙީ ހަރަކާތް ކޮސްމެޓިކް ކުލަވަރަކަށް ނުހައްދަވާށެވެ. ޒީނަތްތެރިކޮށް ދައްކާލާ ދައްކާލުމަކަށް ނުހައްދަވާށެވެ. އަޑިނޭންގޭ ތަމްސީލުތައް ކުޅުއްވަން ނުހައްދަވާށެވެ. ހަގީގަތް ހާމަކޮށް ދެއްވާށެވެ. ރަނގަޅު ހަރުދަނާ ރިފޯމަކަށް ވަޑައިގަން ނަވާށެވެ. މިގައުމަށް ސިޔާސީގޮތުން އިސްލާޙު ގެނެވޭނީ އޭރުންނެވެ. އަދި އެންމެހާ ކަންތައް އިސްލާޙުވާނީ ވެސް އޭރުންނެވެ. ރައީސް މައުމޫނަކީ އިލާހުވަންތަ ކަލާނގެކަމަށް ނުބައްލަވާށެވެ. މާތްއަޚްލާޤަކީ އެދަރަޖައަށް އިންސާނުން އުފުލާލުމެއް ނޫނެވެ. ފަހެ، ރައީސް މައުމޫނަކީ ރައްޔިތުންގެ ޚާދިމްމީހާއެވެ. މާތްއަޚްލާޤަކީ އިންސާނީ ވަންތަކަން ދެމެހެއްޓުމެވެ. އަދި މާތްއަޚްލާޤަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. އިންސާނީ ހިތްތައް ފަތަޙަކޮށްދޭ ހަތިޔާރެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު އިންސާނީވަންތަ ނަޒަރަކުން ބައްލަވާށެވެ. ހިތްތިރި ކުރައްވާށެވެ. އަޅުގަނޑު މެންނަކީ ދިވެހިދައުލާތާ ދެކޮޅަށްނުކުތް ބާޣީންނަށް ނުހައްދަވާށެވެ. އަޅުގަނޑު މެންނަކީ ކެރިގެންނުކުތް މިގައުމުގެ ސިޔާސީ ލީޑަރުންނެވެ. ފެންފޮދެއްނުދީ އަނިޔާވެރިކޮށް ކަތިލާލަން ނުހައްދަވާށެވެ. މިގޮޅިތަކުތެރޭގައި ހޫނުމިން ހުރިމިންވަރު، މިހާރު ތިޔަބޭފުޅުންނަށް އިހްސާސް ކުރެއްވޭނެއެވެ. އަމިއްލަފުޅަށް ތަޖްރިބާ ކުރެއްވޭނެއެވެ. މިފަދަ ހޫނުގައި އިންސާނުން ދުވާލުދާ ހަތަރުދަމު ބައިތިއްބުމަކީ އަލިފާނުން އަނިޔާދެއްކުން މަކުގައި ދެންނެވީމެވެ. ހޫނުގަދަކަމުގެ ވާހަކަތައް ދެންނެވުމުން މިބޭފުޅުން ފަންކާއެއްގެ ކަންތައް ހަމަޖައްސައި ދެއްވާނެވާހަކަ ވަގުތުން ވިދާޅުވިއެވެ. އަދި ހަމަމިއަދު ތިކަމާ އުޅެދޭނަމޭ ވިދާޅުވިއެވެ. ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މިހުރީ، ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން، 100% އަނިޔާއާއި ޓޯޗާގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާތަށް އިންތިހާއަށް ބޮޑުވެފައި ވޭންދެނިވިއެވެ. މިކަންތަކުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ އަޅުގަނޑުގެ ލޮބުވެތި މަންމައާއި ބައްޕަތޯއެވެ؟ ފެންނަން މިތިބި ސިފައިންތޯއެވެ؟ ނުވަތަ މިތިބި ގާޑުންތޯއެވެ؟ އަސަރުން ފުރިގެންވާ މިވާހަކަތައް އަޅުގަނޑުގެ ފަރާތުން ރައީސް މައުމޫނު އަރިހަށާއި ކެބިނެޓަށް އިއްވައި ދެއްވާށެވެ. އަދި ރައްޔިތުންގެ ދެމަޖިލީހަށް މިވާހަކަތައް އިއްވައި ދެއްވުމަކީ ތިޔަދެބޭފުޅުންގެ ބޮލުގައި އަޅުގަނޑު އަޅުވާ ބޮޑުޒިންމާއެކެވެ. އަދި މިއީ އަޅުގަނޑުގެ އާދޭހާއި އިލްތިމާސެވެ. ދެންއޮތީ ތިޔަދެބޭފުޅުން މާލެ ވަޑައިގެން ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް މުޅިދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ދައްކަވާނެ ވާހަކަފުޅު ތަކުގައި ހުންނާނެ އޮއްޓަރަކަށާއި ބުރަދަނަކަށް ބަލައިލުމެވެ. އެކަންތައް ތިޔައިއްޒަތްތެރިން އިންސާފުގެ ތިލަފަތުން ވަޒަން ކުރެއްވުމަކީ އަޅުގަނޑުގެ އެންމެމުހިންމު އެދުމެވެ. މިހާހިސާބުން އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު، މިބޭފުޅުން ގޮޅިން ނުކުންނެވީއެވެ.

އާދެ! އޭކޭ އަކީ، ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރާ ގޮތެވެ. މިދެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ކުޑަގޮޅީގައި ހައްޔަރު ކުރެވިފައި ތިއްބެވި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެނބުރޭފަންކާ ލިބުމެވެ. އެހެންގައިދީން މިކަމުން މަޙްރޫމް ކުރިއެވެ. މިއަދުގެ ހޫނުގަދަކަމުން މިބޭފުޅުން ތިއްބެވީ، ކުޑަރުމާލުން އަބަދާއަބަދުހެން މޫނުން ދާފޮދު ފޮއްސަވާށެވެ. ފަންކާގެ ވާހަކަދައްކަން ހަނދާންވީ މިމަންޒަރު ފެނިފައެވެ. ފަންކާގެ ރަހްމަތް މިލިބުނީ، މިއަދަކީ ހޫނުދުވަހަކަށް ވިތީއެވެ. ވިއްސާރަ ދުވަހެއްނަމަ، މިކަމެއް ނުވީސްކަން ކަށަވަރެވެ.

ފަހުން އެނގުނު ގޮތުގައި ރައީސް އޮފީހުން މިކަމާގުޅޭގޮތުން ނެރުއްވި ބަޔާނުގައިވަނީ މިފަދައިންނެވެ.

“އިސްމާޢީލް ޝަފީޢުއާއި ޢަބްދުﷲ ކަމާލުއްދީން ޚާއްސަމަޖިލީހުގެ، 7 މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުކޮޅު ބެއްލެވިކަމަށް ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި އެބޭފުޅުންނަށް ލިބިވަޑައި ގަންނަވާ ޚިދުމަތްތައް ވެސްހުރީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަމަށާއި އެއްވެސް ކަހަލަ އަނިޔާއެއް އެބޭފުޅުންނަށް ލިބިވަޑައި ނުގަންނަވާ ކަމަށް އެބޭފުޅުންގެ ވާހަކަފުޅުން އެނގިވަޑައި ގަންނަވާކަމުގައި ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ހެޔޮހާލު ކޮޅުގައި ކަމަށާއި އެބޭފުޅުންނާ ދޭތެރޭގައި ސިފައިންނާއި ފުލުހުންގެ ބޭކަލުންވެސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވިއެވެ.”

އަޅުގަނޑުގެ ވާހަކަތަކުން ކަނޑައެޅިގެން މިދެވަޒީރު ބޭފުޅުން މިހެއްދެވީ ދޮގުކަން ސާބިތު ކުރެވޭނެއެވެ. މިއީ ސަރުކާރުން ކުޅުވި ސިޔާސީ ޑްރާމާއެކެވެ. ސިޔާސީ ތަމްސީލެއްގެ މަންޒަރެކެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެކެވެ.

18 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 6 ވަނަ ދުވަހެވެ. މިއަދަކީ އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. މެޑިކްކަންތަކާ ހުންނަވާ އޮފިސަރު ވަޑައިގެން، އަޅުގަނޑުގެ ބީޕީއާއި ޕަލްސް ބެއްޔެވެ. ބީޕީހުރީ، 80/140 ގައެވެ. ޕަލްސް، 63 ގައެވެ. މިއަދު ޚަބަރު ލިބުނު ގޮތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުގެ ޗެއާމަނުންގެ ގޮތުގައާއި ބޯޑު މެމްބަރުންގެ ގޮތުގައި ވަޒީރުން ނުތިއްބަވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ. އަދި އެފަދަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެއްވިއެވެ. މިއަދު މިގެނެވުނީ އަޅުގަނޑުމެން އެދެމުންދިޔަ ބަދަލެކެވެ. އަދި ކެބިނެޓަށް ވެސް މިފަދަ ބަދަލު ގެންނެވުމަކީ، އަޅުގަނޑު މެންގެ ގޮވާލުމެކެވެ. ވަޒީރުން ވަކިކުރެއްވުމަށް ފުހު، މިކުންފުނިތަކާ ހަވާލުކުރެއްވީ، މަތީފެންވަރަށް ކިޔަވާވުދާޅު ވެގެން ތިއްބެވި ޒުވާނުންނާއެވެ. އޭގެތެރޭގައި، 5 ޕީއެޗްޑީން ހިމެނެއެވެ.

19 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 7 ވަނަ ދުވަހެވެ. މިއަދު ހެދުނު ސަޔަށްފަހު، ކުއްލިއަކަށް އެލެކްޓްރީޝަނެއް އައިސް ގޮޅީގެބޭރުގައި އިންބޮކީގެ ކަރަންޓް ޕޮއިންޓުން، ކަރަންޓް ޕޮއިންޓެއްނަގައި ގޮޅީތެރެއަށް ވެއްދުމަށް ފަހު، ކޭޑީކޭ ކުންފުނީގެ މުޅިންއާ ސްޓޭންޑް އެނބުރޭ ފަންކާއެއް ގެނެސް ގުޅައިދިނެވެ. މިޚިދުމަތް ލިބުނީ، 2 ނަމްބަރުގައި އޮންނެވި އިބުރާއަށާއި، 9 ނަމްބަރުގައި އޮންނެވި ޑޮކްޓަރ ޙުސައިނަށާއި، 29 ނަމްބަރުގައި އޮންނެވި، ޢަލީފާއިޒަށާއި، 17 ނަމްބަރުގައި ހުރި، އަޅުގަނޑަށެވެ. މިކަންތައް ހަމަޖެހިގެން ދިޔައީ އަޅުގަނޑުގެ އަނގަބޮޑު ކަމުންނާއި މިކަންތައްކޮށް ދެއްވިބޭފުޅުން ޖަލަށް ވަޑައިގެންނެވި ދުވަހަކީ އިންތިހާއަށް ހޫނުދުވަހަކަށް ވާތީއެވެ. މިޚިދުމަތްލިބުނު އެންމެންނަކީ ވެސް މަޖިލީހުގެ މެމްބަރުންނެވެ.

މިއަދު ހަވީރު ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. ތިއްބެވީ، ސްޓާފް ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕަރަލް ޢަބްދުﷲ ނަވާޒު، ސނ: 1130 އާއި ކޯޕަރަލް ޢަބްދުﷲ ޝަޠީޙް، ސނ: 1319 މިތިން އޮފިސަރުންނެވެ. މިޓީމުގެ އިތުރުން ދެޕްރައިވެޓް އޮފިސަރުން ކަމުގައިވާ، މުޙައްމަދު ނިޒާމް، ސނ: 1559 އާއި އިބްރާހީމް މުޙައްމަދު، ސނ: 1592 އިންނެވިއެވެ. މިއީ ކާތިބުންނާއި އެހީތެރިންނެވެ. އައްސަވާ ލެއްވީ އެންމެ ވާހަކައެކެވެ. ހާލު ކިހިނެތް ހެއްޔެވެ؟ އޭގެ އިތުރަށް ލޮޔަރެއްގެ ކަންތައް އަދި ހަމައެއްނުޖެހެއޭ ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ކުރީރޭ އަޅުގަނޑުގެ އިދާރީބައި ވާނީނިންމާފައެވެ. ލޮޔަރް މުޢިޒު މިހާރުވީ ކަމާގުޅޭ ރަސްމީ އިޖްރާއާތުތައް ފުރިހަމަ ކޮށްފައެވެ. ވަރަށް އަވަހަސް ހަމަޖެހޭނެ ކަމުގެ އުންމީދު ކުރަމެވެ. އަޅުގަނޑަށް އެއްވެސް އެއްޗެއްގައި ސޮއިކޮށް އިތުރު ވާހަކައެއް ދެއްކޭނީ، މުޢިޒުގެ ހާޒިރުގައެވެ. ދެން މިހާހިސާބުން ނިންމާލައްވާފައި ގޮޅިއަށްލާ ތަޅުލީއެވެ.

ޚަބަރު ލިބުނު ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 17 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ.

20 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަ ކަމެއް ނުހިނގައެވެ. ހުސްކޮށް ދިޔަދުވަހެކެވެ.

21 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 9 ވަނަ ދުވަހެވެ. ރޭގެވަގުތެއްގައި ފެންނަ ހުވަފެނަކީ ދަތުރުހަދައިގެން ތަނަކަށް ފުރަންވެގެން އުޅެއުޅެވެސް ފުރޭގޮތް ނުވެގެންއުޅޭ މަންޒަރެވެ. މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ އަދި މިކަމުގައި ދުވަސްގަނޑަކު ހައްޔަރުގައި ހުންނަން ޖެހޭނެކަމެވެ. އަދި ދަނީ ތަހުގީގުގެ ކަންތައް ބޮޑުވެ އިތުރުވަމުން ކަމަށެވެ.

މިއަދުގެ ޚަބަރުތަކަކީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 20 މީހަކު ދޫކޮށްލި ކަމެވެ. ހައްޔަރުކުރި، 185 މީހުންގެ ތެރެއިން އެހާތަނަށް، 62 މީހަކު ދޫކޮށް ލައިފިކަމަށާއި އޭގެތެރޭގައި، 18 އަހަރުނުފުރޭ، 19 ކުއްޖަކު ހިމެނޭ ކަމަށްވެސް ފުލުންގެ އޮފީހުން ހާމަކުރިއެވެ. އަދި ހައްޔަރުކޮށްފައި ތިބިމީހުންނަށް އަނިޔާކުރާކަމަށް ދެކެވޭވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް މިއަދު ފުލުސް އޮފީހުން ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މޭޖާ މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.

22 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 10 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ “ފެކްޓް ފައިންޑިންގ މިޝަން” ރާއްޖެ ވަޑައިދަތެވެ.

23 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 11 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ބޮޑުދުވަހެކެވެ. މިއަދުގެ މެންދުރު ވަގުތެއްގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ގެ ވަފުދެއް ޖަލުތެރެއަށް ޒިޔާރަތް ކުރެއްވިއެވެ. މިކޮމިޝަން ރައީސް މައުމޫނު އުފެއްދެވީ، 10 ޑިސެންބަރ 2003 ވީހޯމަ ދުވަހުއެވެ. ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމްގެ ޤަރާރަކުންނެވެ. އެކޮމިޝަނުގެ، 9 ބޭފުޅުންގެ ތެރެއިން މިއަދު ޖަލަށް ވަޑައިގަތީ، 4 ބޭޅުންނެވެ. ދެއަންހެން ބޭފުޅުންނާއި ދެފިރިހެން ބޭފުޅުންނެވެ. އެއީ އެކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙްމަދު މުޖްތަބާއާއި އައްނަބީލް މުޙައްމަދު ވަހީދުއްދީނާއި އަލްފާޟިލާ ޢައިޝަތު ޢަލީނާޒު، ހ.ސީސައިޑް އާއި ޑޮކްޓަރ ފާތިމަތު ޝަފްޤާ، މ.ނިޔަދުރުމާގެއެވެ. ޝަފްޤާއަކީ މެޑިކަލް ޑޮކްޓަރެކެވެ.

މި، 4 ބޭފުޅުން ޖަލަށް ވަޑައިގެން ގޮޅިތައް ކުރިމަތިން ހިންގަވައި ހެއްދެވިއެވެ. އަދި ބައެއް ކުށްވެރިންނާއި ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް މުޖްތަބާއެވެ. މިބޭފުޅުން ޖަލުތެރެއަށް ވެންނެވީއްސުރެ ހުރިހާ ހަރަކާތެއް ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގައިދީންނާ ބައްދަކުކޮށް ދައްކަވަމުން ގެންދެވި ވާހަކަތަކާ އެކުގައެވެ. އަޅުގަނޑު ހައްޔަރުކޮށް ފައިހުރިި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން އެބޭފުޅުންނަށް އަޅުގަނޑު ދަންނަވައި ފީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތްކޮށް ޖަނަވާރުތަކަށް ވޭވްކޮށް ލައްވާހެން، ހަމައެކަނި ވޭވްކޮށް ސަލާމްކޮށް ލައްވާފައި ވަޑައިގަންނަވައި ގެންނުވާނެއެވެ. މިއީ ކުޑަގޮޅި ތަކެއްގައި ބަންދުކޮށް ފައިތިބި ރާމާމަކުނު ތަކެއްނޫނެވެ. ބުއްދިއާއި ވިސްނުން ލައްވާފައިވާ އެންމެމާތް މަޚްލޫޤުން ކަމުގައިވާ އިންސާނުންނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައިވާ އިއްޒަތްތެރި މެމްބަރުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. ދެން، ގޮޅީގެދޮރު ސިފައިން ހުޅުވުމުން ވަހީދުއްދީން ގޮޅިތެރެއަށް ވެންނެވިއެވެ. މުޖްތަބާއާއި ދެއަންހެން ބޭފުޅުން ތިއްބެވީ ގޮޅީގެ ދޮރުމަތީގައި އޮޅިގަނޑަށްއޮތް ތަޅުންކޮޅު މަތީގައި ދޮރުން ބޭރުގައެވެ. އެންމެންވެސް ތިއްބެވީ ކޮޅަށެވެ. އަޅުގަނޑު ވާހަކަފެށީއްސުރެ ނިންމާލަންދެން ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގޮޅިންބޭރުގައި ތިބެގެން ތޭރިހުންނަ ކުޑަދޮރުގެ ތޭރިތަކުން މޫވީކުރަމުން ގެންދާތަން އަޅުގަނޑަށް ރީތިކޮށް ފެނެއެވެ. މިކަން މިކުރަނީ ރައީސް މައުމޫނު އުފައްދަވާފައިވާ ކޮމެޓީގެ މެމްބަރުން ކަމުގައިވާ، ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސައން ސަޢީދަށް ދެއްކުމަށް ކަމަށްލަފާ ކުރެވެއެވެ. އަޅުގަނޑު، ޢަބްދުﷲ ކަމާލުއްދީނަށާއި އިސްމާޢީލް ޝަފީޢުއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން ފަދައިން މިބޭފުޅުންނަށް ވެސް އަކުރުން އަކުރަށް ކިޔައިދިނީމެވެ. ޑީންއާއި މުޖްޠަބާ މިވާހަކަތައް ވަރަށް ރަނގަޅަށް އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ.

“13 ވީހުކުރު ދުވަހު، އަޅުގަނޑުގެ ޙުރުމަތްތެރި ވެގެންވާ އަމިއްލަގޭގައި އަންހެނުންނާއި ތުއްތުދެދަރިން ކައިރީގައި ޓީވީބަލަން އިންދާ ނެރެގެން ސިފައިންގެ މައިމަރުކަޒަށް ގެނެސް ކަނުބަނދެފައި ހަތަރެއްފައިގައި ބިޑިއަޅުވާފައި ތަޅާއި ކުރިމަތިންނާއި ފަހަތުން ކޮށްޕާއިގަޅުވާއި ވިކާހަދާއި ރަނގަޅަށް އަނިޔާކުރުމަށް ފަހު، ދެން އަނދުން އަޅުވާއި ފުށްޖައްސުވާއި ބޭސްކޮށްދީ ފިރުމާ ހެއްދެވިއަސް އަޅުގަނޑު މެންގެހާލު ރަނގަޅެއް ނުވާނޭ ދެންނެވީމެވެ. މިގޮތަށް މިޙާލުގައި ޖެއްސުމަށް ފަހު، ކޮންމެބޭފުޅަކު ވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ މަލާމާތް ކުރައްވަން ތޯއެވެ؟ ޖެއްސުން ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަ ކަމަށްޓަކައި ޝުކުރު ކުރައްވާށެވެ! އަޅުގަނޑު މިހުންނަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ޓޯޗާގައި ކަމަށް ދެންނެވީމެވެ. އިހައްދުވަހު މިގޮޅިއަށް ރައީސް މައުމޫނުގެ ދެވަޒީރަކު ވަޑައިގެން ވެސް ތިޔަވާހަކަތައް ތިޔަބީދައިން މަލާމާތުގެރާގަށް ދެއްކެވިއެވެ. ފަހެ، އައްސަވާށެވެ! ދަންނަވަން ތޯއެވެ! ތިޔަގޮތަށް މަލާމާތްކޮށް ޖެއްސުން ނުކުރައްވާށެވެ! މިއީ މަހާއި ކައްޓާއި ލެއިން ހަދައްވަފާފައިވާ އިންސާނުންނެވެ. ޖަނަވާރުތަކެއް ނޫނެވެ. ތިޔައީ ހަމަ، ކޮސްމެޓިކް ދަޅަތަކެވެ. ބޭރުދުނިޔެއަށް ދެއްކުމަށް އަޅުވާ އަނދުނެކެވެ. ހަގީގަތުގައި ވެސް ރިފޯމް ގެންނަވަނީކީ ނޫނެވެ. އިސްލާޙޭ، ރިފޯމޭ ކިޔުއްވައިގެން ރާއްޖޭގެ ކުރިމަގަށް ސިޔާސީގޮތުން ނުކުންނަންތިބި ސިޔާސީލީޑަރުން ތަކަށް ހޭއަރުވާ ލައްވަނީއެވެ. ތިޔައީ ރާއްވަވައިގެން ކުރައްވާ ޒާތީކަން ކަމެކެވެ. ރައީސް މައުމޫނު އަންގަވާ ގޮތަކަށް ތިޔަބޭފުޅުން ދައްކަވާ ރީތިދަޅައެކެވެ. އަޅުގަނޑު މިހާރުވެސް މިހުރީ ބޮޑުވެގެންވާ އަނިޔާގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާބޮޑެވެ. ނިކަން ބައްލަވާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގައި ވިސްނުން ތަފާތުވެ، ޚިޔާލުތަފާތު ވުމާގުޅިގެން ހިނގި ދެބަސްވުމެއްގައި އަޅުގަނޑު މިހުރީ ކުޑަގޮޅިއަށްލާއި އެންމެބޮޑު އަސާސީޙައްޤުން މުޅިން މަޙްރޫމް ކޮށްލާފައެވެ. އަޅުގަނޑަށް އާމްދަނީ ލިބެމުންދިޔަ ސަރުކާރުގެ ވަޒީފާއިން އެއްވެސް ޙައްޤަކާ ނުލައި ވަކިކޮށް ނިކަމެތިކޮށް ލާފައެވެ. ކުޑަދެދަރިންނާއި އަނބިމީހާ ވީނުވީތަނެއް، ތިބީކޮށް ޙާލެއްގައި ކަމެއްނޭނގެއެވެ. އެމީހުންނަށް ކާންބޯން ދިނުމަށްވަނީ ހުރަސް އަޅާފައެވެ. އެމީހުންގެ ހައްގުތައް ކޮބައިތޯއެވެ؟ އިންސާނިއްޔަތަކީ މިއީތޯއެވެ؟ މިނިސްޓްރީ އޮފް އެޓޮލްސް އިން، ރައީސް އޮފީހަށް ލިޔެގެން އެއޮފީހުންވަނީ، މިމަހު އަށްވަނަ ދުވަހު އަޅުގަނޑަށް ނޯޓިސް ދެއްވައިގެން، ވަރަށްރީތިކޮށް ވަޒީފާއިން ވަކިކޮށްލާފައެވެ. ވަޒީފާއިން ވަކިކުރިކަމުގެ ޗިޓްފޮނުވީ ޖަލަށެވެ. ފަހެ، މިއީ އިންސާނިއްޔަތު ތޯއެވެ؟ އަދި ޢަދުލް އިންޞާފު ތޯއެވެ؟ ތިޔަބޭފުޅުން ބުނެދެއްވަ ބައްލަވާށެވެ! އިޖްތިމާޢީ ޢަދާލަތަކީ މިއީތޯއެވެ؟ ރިފޯމްކޮށް އިސްލާޙު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލެއްވުން ތޯއެވެ؟ މިނިސްޓަރަކު ޒާތީގޮތުން ކޯފާވެގެން ރައީސް މައުމޫނު އަރިހަށް ލިޔުއްވުމުން ނިކަމެތި އިންސާނުންނަށް ހައްދަވަމުން މިގެންދަނީ، ކިހިނެއްކަން ތިޔަ ކޮމިޝަނުން ވިދާޅުވެދެއްވަ ބައްލަވާށެވެ! ނޫނީމިއީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތްތޯއެވެ؟ ނިކަން މުޖްތަބާއާއި ޑީން ވިދާޅުވެދެއްވަ ބައްލަވާށެވެ! އިންސާނީ ޙައްޤުތަކަކީ މިއީތޯއެވެ؟ އަޅުގަނޑު ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ޒާތީޙަސަދައަކާ ގުޅިގެން، ސަރުކާރުގެ ވަޒީފައިން ވަކިކޮށް އެއްލާލި މައްސަލަ ތިޔަކޮމިޝަނުން ރަސްމީ ސިފައެއްގައި ބައްލަވައި ދެއްވަން ޖެހޭނެއެވެ. ޖަލުގެ ކުޑަގޮޅީގައި އިނދެގެން ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ބަލައިނުދެވެންޏާ ތިޔަކޮމިޝަނަކީ ރައީސް މައުމޫނު ރައިޓްސް ކޮމިޝަނެވެ. ވެރިމީހާ ޙިމާޔަތްކޮށްދީ އޭނާގެ ޙައްޤުތައް ދިފާޢުކޮށް ދަމަހައްޓައިދޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެތި ކިޔަކިޔާހުއްޓާ ޑީން ގޮޅިން ނުކުންނެވުމުން، ސަލާން ގޮވާލައްވާފައި މިބޭފުޅުން ދެންހުރިގޮޅިއާ ދިމާއަށް ވަޑައި ގަތީއެވެ. ތިޔަވާހަކަތައް ނޯޓްކޮށްފީމޭ މުޖްތަބާ ވިދާޅުވިއަޑު އިވުނެވެ. ދެން މިބޭފުޅުންނަށް އަޑުއިވޭވަރަށް ބޮޑުޝުކުރިއްޔާއެއް އަރުވަމޭ ދެންނެވީމެވެ.”

މިހާހިސާބުން މިބޭފުޅުންގެ ޒިޔާތަރް މިއަދަށް ނިމުނީއެވެ. ސިފައިން ދަގަނޑުބޫޓުން ތެޅުމުގެ ސަބަބުން ކަނާތުފައިގައި ފަސޭހަނުވެއިން ފާރުކޮޅު މިބޭފުޅުންނަށް ދައްކާކަށް ހަނދާނެއް ނުވިއެވެ. ކޮނޑުން މަށައިގެން ދިޔަތަން އިނީރަނގަޅުވެ، ކުރަނމަގާލި ލާފައެވެ. ކަކުލުގެ ފާރުކޮޅު ދޮސްގަންނަގޮތް ވުމުން ރަނގަޅުނުވެ ލަސްވަނީއެވެ. މިކަމާ ދެރަވީމެވެ. ދެން މެންދުރު ކާލައިގެން އޮށޯވެއޮއްވާ ޖަލުއޮފީހުން އޮފިސަރަކު އައިސް، ބޭރަށް ނުކުމެވޭގޮތަށް ރީތިކޮށް ހެދުންއަޅައިގެން ތިނެއްޖަހާ އިރަށް ތައްޔާރުވެގެން ހުރުމަށް އެންގިއެވެ. ކީއްކުރަންތޯ ސުވާލުކުރުމުން ދޮގުހަދަންނޫޅެ، އޭނާބުނެދިނީ، އިއްޔެ ރާއްޖެއަށް އައި އީޔޫގެ ޓީމަކުން ތިބޭފުޅުންނާ ބައްދަލުކުރަނީއެވެ. މިޚަބަރު ލިބުމުން ވަރަށް އުފާވިއެވެ. މިއީ އޮފިސަރުގެ ރަނގަޅުކަމުން ދެއްވި ޚަބަރެކެވެ. ދައްކާނެ ވާހަކަތައް ހިތުތެރޭގައި ރާވާއިގެން ގެންގުޅެން ފަށައިފީމެވެ. އަދި ތިނެއްގެ އިންތިޒާރުގައި ގަޑިބަލަބަލާ ހުރިހުރުމުގައި މެެމްބަރުން ގޮޅިތަކުންނެރެ އަދި ވައްދާތަން ކޮންމެވެސް ވަރަކަށް ފެނެއެވެ. އަޅުގަނޑަށް ހަމަޖެހިފައި އޮތީތިނެއް ޖަހާއިރަށެވެ.

ބަރާބަރު ތިނެއްޖެހިތަނާ އަޅުގަނޑުބަލާ އަތުވެއްޖެއެވެ. އަޅުގަނޑު ގެންދިޔައީ ދޫނިދޫޖަލުގެ އުނދޯލިގެއަށެވެ. އެތާގައި ތައްޔާރު ކޮށްފައިވަނީ ބޮޑުބައްދަލު ވުމެކެވެ. އީޔޫގެ ފަރާތުން ފޮނުއްވި ޙަޤީޤަތްހޯދާއި ދިރާސާކޮށްބަލާ ޓީމެކެވެ. އަޅުގަނޑު އުނދޯލިގެއަށް ގެނައިއިރު މިބޭފުޅުން ތިއްބެވީ ތައްޔާރަށެވެ. އަޅުގަނޑަށް ހުރިގޮނޑި ހުސްކޮށް ހުއްޓެވެ. އީޔޫން ވަޑައިގެން ތިއްބެވީ ދެއަންހެނުންނާއި ތިން ފިރިހެނުންނެވެ. 5 ބޭކަލުންގެ މަތީފެންވަރުގެ ބޮޑުޓީމެކެވެ. އިސްވެރިއަކަށް އިންނެވީ ފިރިހެން ބޭފުޅެކެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. ލޭޑީ އިބްރާހީމް މަނިކު ތަންކޮޅެއް ދުރުގައި ބައްލަވަން ހުންނެވީއެވެ. ފޮރިން މިނިސްޓްރީން އިންނެވީ އެމިނިސްޓްރީގެ ސީނިއަރ ބޭފުޅެއް ކަމުގައިވާ، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާއެވެ. ދެން އަޅުގަނޑެވެ. އަޅުގަނޑަށްހުރި ގޮނޑީގައި އިށީނުމުގެ ކުރިން އީޔޫން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނާ ސަލާމްކޮށް ހެދުމަށް ފަހު، އަޅުގަނޑަށް ހަމަޖެހިފައިހުރި ގޮނޑީގައި އިށީނދެފައި، އަޅުގަނޑު ދެންނެވީ މިބައްދަލު މުވުމުގައި އަޅުގަނޑު ބޭނުންވަނީ، ފޮރިން މިނިސްޓްރީން ވަޑައިގެން އިންނެވި ޢަބްދުލްޙަމީދު ޒަކަރިއްޔާ، އަޅުގަނޑު ދަންކަމުން ގެންދާ ވާހަކަތައް އީޔޫގެ ވަފުދަށް ތަރުޖަމާ ކޮށްދޭގޮތަށް ހަމަޖެއްސުމަށެވެ. މިގޮތަށް އެންމެން ގަބޫލްވެ ހަމަޖެހުމުން އަޅުގަނޑު ފެއްޓީ ދިވެހިބަހުންނެވެ. ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ފުރިހަމައަށް އަޅުގަނޑު ހިތްހަޖެހޭގޮތަށް ތަރުޖަމާކޮށް ދެއްވަމުން ގެންދެވިއެވެ. އެއްވެސް އުނިއިތުރެއް ނުގެންގުޅުއްވާކަން އަޅުގަނޑު ގަބޫލުކުރީމެވެ. އޭނާ މިކަންކޮށް ދެއްވިލެއް ރަނގަޅުކަމުން މިފުރުސަތުގައި އެބޭފުޅާއަށް ޝުކުރުވެރިވަމެވެ. އަޅުގަނޑު ދެންނެވި ވާހަކަތަކަކީ މިއެވެ.

“ތަޢާރުފް ވުމުގެ ގޮތުން ދަންނަވަމެވެ. އަޅުގަނޑަކީ އދ.އަތޮޅުގެ ރައްޔިތުން، ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ހޮވާފައިވާ އެއަތޮޅު ރައްޔިތުންގެ އިއްޒަތްތެރި މެމްބަރެވެ. އެއަތޮޅުގައި މީހުން ދިރިއުޅޭ، 10 ރަށްއޮތްއިރު ކޮންމެރަށަކުން ވަރަށްމަތީ އަޣްލަބިއްޔަތެއް ލިބުނުމީހެކެވެ. ބައެއްރަށްރަށުން ވޯޓުލެއްވި އެންމެންގެ ވޯޓުލިބިގެން ހޮވިފައިވާ އެމީހުން ލޯބިވާ، އަދި އެމީހުންގެ ޙައްޤުތަކަށް މަޤްބޫލް ގޮތެއްގައި މަސައްކަތްކުރާ ސިޔާސީ ލީޑަރެކެވެ. ދަންނަވަންތޯއެވެ! މިމަހު، 13 ވީހުކުރު ދުވަހު، އިރުއޮއްސި ހަތެއްޖެހި ފަހުން، ގާނޫނުއަސާސީން ޙުރުމަތްތެރިކަން ލިބިފައިވާ އަޅުގަނޑުގެ އަމިއްލަގޭގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން، ބީބީސީގެ ސައުތްއޭޝިޔާ ޕްރޯގްރާމްގައި ކަޅުހުކުރާ ގުޅިގެން ގެނެސްދިން ވާހަކަތައް ބަލަން އިންދައި، ސިފައިންގެ، 5 ބޭކަލުން ޖީޕެއްގައި އަޅުގަނޑު، ގެއިންނެރެގެން ސިފައިންގެ މައިމަރްކަޒަށް ގެންގޮސް ވެއްދީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. ޖީޕުން ބޭލުމަށްފަހު، ކަޅުފޮތި ގަނޑަކުން ކަނުބަނދެފައި ދެއަތް ފުރަގަހަށްލާއި ބިޑިއެޅުވުމަށް ފަހު، ދެފައި ކަށިމަތީގައާއި މޭމަތީގައި ފުރަގަހުންނާއި ކުރިމަތިން، ރަނގަޅަށް ތަޅާއިވިކާއި ކޮށްޕާއި ގަޅުވާލާ ހަދަމުން ގެންގޮސް ސިފައިންގެ ހެޑްކްއޯޓަޒަށް ވައްދައި އެތާތެރޭގައި ވެސް މިފަދަ އަނިޔާތައް ކުރިއެވެ. ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން އައުގުރާނަތައް ގޮވާހެދިއެވެ. މިނިސްޓަރުންގެ އިސްތިޢުފާއަށް ބަރާށް ގޮވާށޭ ބުނާ ކޮންމެފަހަރަކު ބުރަކަށީގައި އެތިފަހަރެއް އަޅުވާލައެވެ. އަޅުގަނޑުގެ ކަނާއަތު ފައިގައާއި ކޮނޑުގައި މިހާރުވެސް ފެންނަން މިހިރީ އެދުވަހުގެ އަނިޔާތަކުގެ އަސަރުތަކެވެ. ތިޔަބޭފުޅުން ރީތިކޮށް ބައްލަވާށެވެ. ފައިގެފާރުކޮޅު މީނދީދޮސް ގަނެގެން ނުބައިވެފައެވެ. ރަނގަޅަށް ބައްލަވާށޭ ދަންނަވާއި އެބޭފުޅުންނަށް ދެއްކީމެވެ. މިޙާލަތުގައި ހުއްޓައި އަތުގައި ފީބާއަކުން ކުލަކޭއްތިއެވެ. ކަނުމޮހާލުމުން އަޅުގަނޑު އަތުގައި ލިޔެފައި ހުއްޓާފެނުނީ، 140 މިއަކުރުތަކެވެ. އޭގެމާނައަކީ އަޅުގަނޑަކީ ސަތޭކަސާޅީސް ވަނައަށް ބަންދުކުރެވުނު މީހާއެވެ. އަދި އަތުގައި އެޅުވި ބިޑިބާރުކަމުން ދޫކޮށްދޭން އާދޭސް ކުރަންޖެހުނެވެ. ކަނުބަނދެފައި ހުރުމުން އެއްވެސްތަނެއް ނުފެނެއެވެ. މިކަމުން ސަލާމަތްވީ އަޅުގަނޑު ދަންނަ ސީނިއަރ އޮފިސަރެއްގެއަޑު އަޅުގަނޑަށް އިވުމުން އޭނާއަށް ގޮވާއެތައް ފަހަރަކު އާދޭސްކޮށް މަޖިލީހުގެ މެމްބަރުންނަށް އަނިޔާ ނުކުރުމަށް އެދުމުންނެވެ. އެރޭހަތަރުދަމު ސިފައިންގެ މައިމަރުކަޒުގައި ގެންގުޅުމަށް ފަހު، ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށް ގެނެސްވެއްދީ ހޮނިހިރު ދުވަހަށް އިރުއަރަން އުޅެނިކޮށެވެ. ދޫނިދޫއަށް ގެނައިފަހުން ޖިސްމާނީ ގޮތުން އަނިޔާއެއް ނުކުރެއެވެ. ތަޅާހަދާފައެއް ނެތެވެ. އޭގެފަހުން މިއަދާ ހަމައަށް އަދި، ކަނުބަނދެ ބިޑިއަޅުވާއި ބޭރުފުށުން އަނިޔާއެއް ކޮށްފައެއް ނެތެވެ. މިހާރުކުރަމުން މިގެންދަނީ، ނަފްސާނީ ގޮރުންނާއި ފިކުރީގޮތުން ކުރަމުންގެންދާ އަސަރުން ފުރިގެންވާ، ފިނިއަނިޔާތަކެވެ. ފިނިއަނިޔާތަކުގެ އަސަރު މާގަދައެވެ. މުޅިއުމުރަށް ހަށިގަނޑުގައި އަށަގެންފައި ހުންނާނެއެވެ. މިއަދު މިތަނަށް ތިޔަބޭފުޅުންނާ ހަމައަށް ނެރެންދެން މިހުންނަނީ ސަތޭކަޕަސެންޓް ޓޯޗާއާއި ބިރުވެރި އަނިޔާތަކުގައެވެ. އަޅުގަނޑަކީ، 1984 ވަނަ އަހަރު ގްރެޖުއޭޓް ވެގެން ރާއްޖެއައިގޮތަށް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާ މީހުންނާއެކު ވަރަށް އިސްކޮށް ހަރަކާތްތެރިވެ، ޢަމަލީގޮތުން މަސައްކަތް ކުރަމުން ގެންދާސިޔާސީ ލީޑަރެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލްގެ، 1990 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ރިޕޯޓުތަކުން އެނގިލައްވާނެއެވެ. އަޅުގަނޑަކީ ޕެންގެ ހޮނަރަރީ މެންބަރެކެވެ. ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އަޅުގަނޑުގެ ޚިދުމަތްތައް ބިނާވެފައި އޮންނަނީ ސަރުކާރަށް ޚިދުމަތް ކުރުމާއެކުގައި ސިޔާސީގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މައްޗަށެވެ. މިބުރުގައި ދޫނިދޫޖަލަށް ގެނެވުނުއިރު އަޅުގަނޑުއިނީ، އަމިއްލަ ގޭގައެވެ. އޭރު ބީބީސީން ފޮނުވަމުން ގެންދިޔަ ރާއްޖޭގެ އިސްލާޙީ ހަރަކާތުގެ އިސްލީޑަރެއް ކަމުގައިވާ އަންނިގެ ޚާއްސަ އިންޓަރވިއޫއެއް ޓީވީން ބަލާށެވެ. އަޅުގަނޑު އެއިންޓަރވިއޫ ނިމެންދެން ގޭގައި މަޑުކޮށްލަން އެދުމުން އެފުރުސަތުނުދީ ސިފައިންގެ މަރުކަޒަށް ގެނެވުނީއެވެ. އަޅުގަނޑު މެންނަކީ ސިޔާސީ ޖަމާޢަތެއް ސިފައިގައި ގިނަބަޔަކު ގުޅިގެން ދިވެހި ގައުމުގެ ކުރިމަގު، ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ގެންދާބައެކެވެ. ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެންނަން މަސައްކަތްކުރާ ބައެކެވެ. އަޅުގަނޑު މެންނާ ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވަނީ އެހެންވެގެންނެވެ. މިއީ ސިޔާސީ ކަންކަމުގައި އަޅުގަނޑު ޖަލަށްލާ، 5 ވަނަ ވަހަރެވެ. މިހާރުވެސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ބަންދުކޮށް ފައެވެ. ވާހަކަދެއްކުުމާއި އަނގައިން ބުނުންމުޅިން މަނަލެވެ. ފޯރިއަށްތިބޭ ގާޑުންނާ އަނގައިން ބުނެފިއްޔާ އިތުރު އަދަބުތައް ލިބެއެވެ. އަބަދުވެސް ގޮޅީގައި އޮންނަންޖެހެނީ ބިރުވެރި ޙާލަތުގައެވެ. ބޮޑުބިރެއްގެ ތެރޭގައެވެ. ހިތްހަމަޖެހުމެއް އަމާންކަމެއް ނެތެވެ. އަބަދުވެސް އޮންނަންޖެހެނީ، ދެންވެދާނެ ގޮތަކާމެދު ވިސްނާލަ ވިސްނާލައެވެ. އަޅުގަނޑު މެންކަހަލަ ސިޔާސީ މީހުން ގެންގުޅެނީ އެންމެ ބޮޑެތި މުޖްރިމުން ގެންގުޅޭގޮތަށް ބޮޑެތި އެފަދަ މުޖްރިމުންނާ އެކުގައެވެ. ގޮޅީގައި ވަރަށް އެކަނިވެރިވެފާއި ބިރުވެރިއެވެ. އެއްވެސް އެއްޗެއް ނޯޓުކޮސްލާ ހެދޭކަށް ނޯވެއެވެ. ފަންސޫރެއް ގަލަމެއް، ފޮތެއް ކަރުދާސްކޮޅެއް ނުދެއެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ވާހަކަފޮތެއް އެއްޗެއް ނުދެއެވެ. އަޅުގަނޑުގެ އެންމެ އަސާސީ ޙައްޤުކަމުގައިވާ ތުއްތުތުއްތު ދެކުދިންގެ ޙާލުބަލާލަން ފޯނުކޯލެއް ދިނުމަށް އެދުމުން އެވަރުވެސް ނުކޮށްދިނެވެ. އެދެކުދިންނާއި އަންބިމީހާއަށް ވާނުވާގޮތެއް އަޅުގަނޑަކަށް ނާންގައެވެ. 4 އަހަރު ކުއްޖަކާއި، 2 އަހަރުގެ ތުއްތުކުއްޖަކު އަޅުގަނޑުގެ ހުރެއެވެ. ބުނެބުނެވެސް އެކުދިންގެ މަންމައާ ގުޅާލައި ފޯނުން ވާހަކަދައްކާ ލުމުގެ ފުރުސަތެއް ނުދިނެވެ. މިވާހަކަތައް އަޑުއައްސަވާފައި މިބޭފުޅުންގެ ތެރޭގައި އިންނެވި އެއްއަންހެނަކު އަޅުގަނޑައި ވަރަށް އަސަރާއެކު ސުވާލު ކުރެއްވިއެވެ. ޢާއިލާއާ އެއްގޮތަކަށް ވެސް ބައްދަލުނުވަނީ ތޯއެވެ؟ ފޯނުކޯލެއް ނުދީގެން އުޅޭއިރު، އެކުދިންނާ ބައްދަލުކޮށް ދޭނެތޯއޭ އަޅުގަނޑު ޖަވާބުގައި ދެންނެވީމެވެ. ޢަބްދުﷲ ރިޔާޒާއި ލޭޑީއާ ދިމާއަށް އަޅުގަނޑުގެ އަތުން އިޝާރާތްކޮށް މިތިއްބެވި ބޭފުޅުން ހައްދަވަނީ މުޅިންވެސް ދޮގޭ ދެންނެވީމެވެ. އުޅެނީ މީހުންކަތިލާއި ދުވަސްދުއްވާ ލާށެވެ. ސިޔާސީ ލީޑަރުން ނެތިކޮށްލާށެވެ. މިހާރު ބުނެފައިއޮތީ މާދަމާގެ ވަގުތެއްގައި އަންހެނުންނާ ބައްދަލުކޮށްދޭނެ ވާހަކައެވެ. އަޅުގަނޑުހިތުން މިވަރުވެސް މިވީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެވަޑަައިގަތް ފަހުންނެވެ. މާދަމާ ވުމުން ވާގޮތެއް އެނގިދާނެތާއެވެ. އީޔޫގެ ތިހާމަތީ ދަރަޖައިގެ ވަފުދަކައި ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްފައި އިންދާ އަޅުގަނޑާ ބައްދަލުވީތީ ވަރަށް އުފާކުރަމެވެ. ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ސަރުކާރުތަކަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. ތިޔަބޭފުޅުންގެ ޕާލަމެންޓަށް އަޅުގަނޑުގެ އަޑުތައް މިނާމާން ޖަލުން ގެންގޮސް ދެއްވުން އެދެމެވެ. އަޅުގަނޑަށް އީޔޫގެ ތިހާމަތީ ފެންވަރުގެ ވަފުދަކާ ބައްދަކު ކުރަންޖެހޭކަން ތަންކޮޅެއް ކުރިން އެންގިނަމަ، އަޅުގަނޑުގެ ޑްރެސް ރަނގަޅުކޮށް ލުމަށް ގެއިން ގަމީހަކާއި އެއްޗެހި ގެނައުމަށް އެދުނީމުހެވެ. އެހެނަސް އެކަހަލަ ކަންތައް އޮންނަނީ ސިއްރުކޮށް ފައެވެ. މިތާތިބޭއިތު ވާނުވާއެންގުމަކީ މަނާކަމެކެވެ. އަޅުގަނޑަށް ލައިގެން މިހުރެވުނު ހެދުމާހެދި މަޢާފަށް އެދެމެވެ. ވަރަށްއާދައިގެ ޓީޝާރޓް ގަނޑެއްގައި އިނދެވުނީތީ މަޢާފު ކުރައްވާށެވެ. ވަފުދުގައި އިސްކޮށް އިންނެވި ބޭފުޅާ އެއީއެއްވެސް މައްސަލައެއް ނޫނޭ ވިދާޅުވެފައި އެއްސެވީ ކަސްރަތު ކުރެވޭތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ކަސްރަތުކުރާކަށް ނުނެރެއެވެ. ގޮޅީތެރޭގައި ކަސްރަތުކުރާނެ ޖާގައެއް ނޯވެއެވެ. އެންމެ އަސާސީ ޙައްޤުކަމުގައިވާ އަޅުކަންކޮށް، ނަމާދުކޮށްލެވޭނެ ޖާގަވެސް ގޮޅިތެރޭގައި ނޯވެއެވެ. ތިޔަބޭފުޅުން ގޮޅިތަކަށް ވަޑައިގެން ބެއްލެވުން އެދެމެވެ. މިއަދު ހެދުނު މިޖަލުގެ ގޮޅިތަކަށް، ރާއްޖޭގައި އަލަށް އުފެއްދެވި، މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ބައްލަވާލައްވަން ވަޑައިގަތެވެ. އަޅުގަނޑަށް ހީވަނީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެ ވަޑައިގަތުމުން، އަވަސް އަރުވާލައްވާފައި ތިޔަބޭފުޅުންގެ ކުރިން މިތަނަށް އެކޮމިޝަނުން ޒިޔާރަތް ކުރެއްވީހެނެވެ. އެބޭފުޅުންނަށް ޖަލުގެ ގޮޅިތަކަށް ވެންނެވުނެވެ. ސިފައިންގެ ހުއްދައޮތެވެ. އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން، މިއަނިޔާވެރި ގޮޅިތަކަށް ވެންނެވުން މާބުއްދިވެރިވެފައި ރަނގަޅުވާނެއެވެ. އަޅުގަނޑުމެން ހައްޔަރުކޮށްފައި ތިބޭގޮޅިތަކަށް ތިޔަބޭފުޅުން ވަންނަވަން އެދޭށެވެ. އޭރުން ސިފައިންނަށް ޖެހޭނީ އެހުއްދަ ދެއްވާށެވެ. ހުޅުވިފައި ހުންނަ ކުޑަކުޑަތަންކޮޅެއް މީހަކަށް ވަދެވޭވަރަށް ގޮޅިތެރޭގައި ހަދާފައި ހުރެއެވެ. އެއިފާޚާނާ ކުރުމަށް ހުންނަތަނެވެ. ދޮރުފަތް ނުހުންނާތީ އެތަނުން، ގޮޅިތެރެއަށް ނުބައިވަސްގަނޑު އަރައެވެ. ކިތަންމެވަރަކަށް ސާފުކުރިއަސް ފެންއިސްކުރުގައި ތަޣައްޔަރުވެފައި ހުންނަ ލޮނުފެން ހުންނާތީ ނުބައިވަސްގަނޑު އަބަދުވެސް ދުވާފައި ހުރެއެވެ. ކަސްރަތުކޮށް ނަމާދުކޮށް ހަދަންބޭނުމިއްޔާ އެކަންކުރަން ޖެހޭނީ، ނިދަންއޮންނަ ގޮދަޑިމަތީގައި ކޮޅަށް ހުރެގެންނެވެ. ގޮޅީގައި ވައިދައުރުވާލެއް ވަރަށްދަށެވެ. ބައެއްފަހަރު ނޭވާހާސްވާގޮތް ވެއެވެ. ފެންވަރަން ހުންނަނީ ހިލައިގެ ދުވަސްވަރު ފެންވަރާ އުޅުޅުނު ގޮތަށެވެ. ބާލިދީގަނޑަކުން ފެންނަގައިގެން ކުޑަޖަގަކުން ބޮލަށް ފެންއަޅާ ގޮތަށެވެ. ފެންވަރަން ޖެހެނީ ނުބައިވަސްދުވާ ފެނުންނެވެ. ގަޟާޙާއްޖާކުރަން އުސްތައްޓެއް ބަހައްޓާފައި ހުރެއެވެ. ޖެހެނީ ބާލިދީން ފެންއަޅާށެވެ. ނުބައިވަސް ދުވައެވެ. ދުވާލަކަށްދެނީ، 15 ލިޓަރުހަމެއްގެ ރީތިފެނެވެ. ފެންވަރާ ހުރިހާކަމެއް ކުރަންޖެހެނީ އެފެންފޮދުންނެވެ. ފެންވަރާ ނިމޭއިރަށް އެފެންފޮދު ހުސްވާނެއެވެ. ދެން ޖެހޭނީ ނުބައިވަސްދުވާ ލޮނުފެން ބޭނުންކުރާށެވެ. މިއީ އަނިޔާވެރި ތަނެކެވެ. މިރާއްޖޭގައި ގާނޫނުއަސާސީ ހަދާ މަޖިލީހުގެ މެމްބަރުން ތިބެންޖެހޭ ޙާލަކީ މިއެވެ. 24 ގަޑިއުރު ގޮޅިހުންނަނީ ތަޅުލާފައެވެ. ބިރުވެރި ނާމާން ތަނެކެވެ. މިހާދަށް ފެންވަރުގައި ޓްރީޓްކުރަމުން މިގެންދަނީ މަގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށެވެ. ދަންނަވަންތޯއެވެ! އަޅުގަނޑު މިވަނީ، އަޅުގަނޑަށް ލިބެންޖެހޭ އިންސާނީވަންތަ ހުރިހާޙައްޤަކުން މަޙްރޫމްކޮށް ކަޅުއަނދިރީގައި އެކަހަރިކޮށް ލާފައެވެ. ރައްޔިތުން އަޅުގަނޑާ ހަވާކޮށްފައިވާ މަޖިލީހުގެ މަސައްކަތްތައް ދާނުދާގޮތެއް ނޭނގެއެވެ. މަޖިލީހާބެހޭ އެއްވެސް ޚަބަރެއް ނުދެއެވެ. މަޖިލީހުންނެރޭ އިއުލާނުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެއިން އެއްވެސް ކަމެއްގެ އެއްވެސް މަޢުލޫމާތެއް ފޯރުކޮށެއް ނުދެއެވެ. އަޅުގަނޑު މިހުރީ، ﷲ ގަންދީ އެމަސައްކަތް އިޚްލާޞްތެރި ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ހުވާކޮށް ގެންނެވެ. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިވައްތަރަށް ކިޔާނެނަމެއް އީޔޫ އިން ތިޔަބޭފުޅުން ވިދާލުވެ ދެއްވަ ބައްލަވާށެވެ! މިއީ ސިޔާސީ ލީޑަރުންނަށް، ވަރަށް އަނިޔާވެރި ސަރުކާރެކެވެ. މިހުރިހާކަމެއް މިކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ޚިލާފަށެވެ. ރައްޔިތުން އިންތިޚާބުކޮށް ފައިތިބޭ އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުންނަށް ލިބިދޭންޖެހޭ އެއްވެސް ޙައްޤެއް ނުލިބެއެވެ. މަޖިލީހުގައި ވާނުވާއެއް ނާންގައެވެ. މިކަމާކޮށް ދެވެންހުރި ހުރިހާ މަސައްކަތެއް ވީހާއަވަހަށް ތިޔަބޭފުޅުން ކޮށްދެއްވުން އެދެމެވެ. ހުރިހާ ޙައްޤުތަކެއްވަނީ ރައީސްމީހާގެ މުށުތެރެއަށް ލާފައެވެ. އަސާސީ ޙައްްޤުތައްހުރީ ހިފާއްޓަވާފައެވެ. މާލެއާއި މާލެކައިރި ހިސާބިތަކުގައި ވަނީ ކާފިއޫހިންގަވާފައެވެ. 18 އަހަރުންދަށުގެ ކުޑަކުދިން ޖަލަށް ގެނެސް އަނިޔާކޮށްފައި އެބަތިއްބެވެ. ކަޅުހުކުރު ދުވަހު މަންމައާއި މާމަގާތަށް ގެއަށްދިޔަ ކުދިންވެސް މަގުމަތިން އަތުލައިގަނެގެން ޖަލަށް ގެނެސް ހައްޔަރުކޮށްފައި އެބަތިއްބެވެ. ފަހަތުން ދުވެއަތުލައިގަތް ކުޑަކުދިންވެސް ބަންދުކޮށްފައި އެބަތިއްބެވެ. މިފަދަ ތަސައްރަފު ނުފުދޭ ކުޑަކުދިންނަށް ވެސް އަނިޔާކޮށްފައި ވެއެވެ. ބައެއް އަންހެން ކުދިންނަށް ޖިސްމާނީ ގޮތުން ހާނީއްކަކޮށްފައި އެބަހުއްޓެވެ. މިޢަމަލުތައް ހިންގީ ސިފައިންނެވެ. ފިރިހެނުންގެ ކުރިމަތީ ފަރާތުގައި ހިފާފައި މިނިސްޓަރ ޢަބްދުﷲ ޙަމީދުގެ އިސްތިޢުފާއޭބުނެ މަލާމާތް ކޮށްފައި އެބަހުއްޓެވެ. ހީސްލާހަދަން ޖެހެނީ މިމީހުންގެ ކުރިމަތީގައި ހުޅުވިފައި ހުންނަފާޚާނާ އަކަށެވެ. އެވަގުތު މިކަހަލަ ނުލަފާކަންތައް ކުރަނީއެވެ. މިޢަމަލު ހިންގުނު އެއްބޭފުޅަކީ، ހދ.އަތޮޅުން މަޖިލީހަށް ކުރިމަތިލެއްވި ކެނޑިޑޭޓް ޝުޢައިބު ޢަލީ އަށެވެ. ސިފައިންގެ އަޚްލާޤީ މިންގަނޑަކީ މިއީއެވެ. މިއީ ތަހްޒީބު ޒަމާނެއްގައި ސިފައިން ކޮށްގެންވާނެ އަމަލުތަކެއް ނޫނެވެ. ކަނުބަނދެގެން ކަނޑުހުރަސްކޮށް މާލޭން ބޭރުގެ އެހެން ޖަލުތަކަށް ގެންދިއުމުގެ މަގުމަތީގައި، ކަނޑުމަތިން ބައެއް އަންހެން ގައިދީންނާބެހި ޖިންސީހާއްނީއްކަ ކޮށްފައި އެބަހުއްޓެވެ. އަޅުގަނޑާއެކު ބަންދުކުރެވުނު އަންހެން ބޭފުޅުން ކައިރިން ތިޔަބޭފުޅުން މިވާހަކަތަކުގެ ތަފްސީލު އެއްސެވުން އެދެމެވެ. ސަރުކާރު ޓީވީން ރައްޔިތުންނަށް ޚަބަރުދެމުން ގެންދަނީ އަޅުގަނޑު މެންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ކޮށްގެން އުޅޭބައެއްގެ ގޮތަށެވެ. ދީނީޢިލްމުވެރިން ޓީވީއަށް އަރުވައިގެން އެފަދަ ފަތުވާތައްނެރެ އަޅުގަނޑު މެންގެ މައިންބަފައިންނާއި ޢާއިލާތައް އިންތިހާއަށް ބިރުގަންނަވާ ހަދަމުން އެބަގެންދެއެވެ. ދީނީޝައިޚުން ލައްވާ ބާޣީންނަކީ މަރަންޖެހޭ ބައެއްކަމުގައި ވާހަކަފަތުރާފައި އެބަހުއްޓެވެ. ބާޣިންގެ މުދާތައް ސަރުކާރަށް ކޮންފިސްކޭޓް ކުރެވޭނެ ވާހަކަ އާންމުކޮށްފައި އެބަހުއްޓެވެ. މިއީ އަޅުގަނޑު މެންގެ ޢާއިލާތައް ބިރުގަންނަވާއި ނަފްސާނީބަލި ޖެއްސުމަށް ސަރުކާރުން ރާވައިގެން ކުރުވާ ޕްރޮޕެގެންޑާ ކަންތަކެވެ. ނަފްސާނީ ގޮތުން ބިރުދެއްކުމަށް ކުރާނުލަފާ ކަންތަކެވެ. މީގެ ކުރިން، 1990 ވަނަ އަހަރު ކަންތައްކޮށް ފައިހުރީ މިފަހަރަށްވުރެ މާގޯސްކޮށެވެ. މާއަނިޔާވެރި ކޮށެވެ. އެފަހަރުގެ ރިޕޯޓްތައް އެމްނެސްޓީ އިންޓަރނޭޝަނަލަށް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅީގައި ތިބެގެން ސިއްރުން ހުށަހެޅީމެވެ. އެދުވަސްވަރަކީ ބޭރުބަޔަކަށް ކުށްވެރިންނާ ހަމައަށް ވާސިލްވެވޭ ދުވަސްވަރެއް ނޫނެވެ. މާއަނދިރިކަން ބޮޑުދުވަސް ވަރެކެވެ. އެވާހަކަތައް ވަރަށް ތަފްސީލާއެކު އެބޭފުޅުންގެ ރިޕޯޓުތަކުގައި ގެނެސްދީފައި އެބަހުއްޓެވެ. އެދުވަސްވަރު ޖަލުގައިކުރި އަނިޔާތަކުގެ ވާހަކަތައް ތަފްސީލުކޮށް ލިޔެފައި އެބަހުއްޓެވެ. އެފަހަރު ސިފައިން ކަންތައްކުރީ ވަރަށް އަނިޔާވެރި ކޮށެވެ. ކުޑަގޮޅީގައި ބައިތިއްބައިގެން ޝަރުޢީކޯޓަށް ދުވާލާއި ރޭގަނޑު ގެންގޮސްގެން، ހުކުމްތައް އިއްވާލީ ކުޑަގޮޅިގައި ހުކުމް ތަންފީޒުކުރާ ގޮތަށެވެ. ލޮޔަރުން ހޯދުމުގެ ފުރުސަތެއް ނުދެއެވެ. ދަންވަރު ގޮޅިންނެރެ ބޮޑެތިއަނިޔާތައް ކުރުމާއި ދަންވަރު ޝަރުޢީކޯޓަށް ހާޒިރުކޮށް ހެދިއެވެ. ކުޑަގޮޅިގައި އަނިޔާއާއެކު، 18 މަސްދުވަހު ބޭތިއްބިއެވެ. އަނެއް، 18 މަސްދުވަހު ދޫނިދޫނޫން އެހެންޖަލެއްގެ ކޮޓަރިއެއްގައި ބެހެއްޓިއެވެ. 45 ދުވަހު އެއްހުޅު ބިޑީގައި ބޭއްވިއެވެ. އަނދަގޮނޑިއަށް ލިއެވެ. ޗޭނުޖަހާނެ ކަމުގެ ބިރުދެއްކިއެވެ. ނަސީބަކުން އަޅުގަނޑުމެންގެ އީމާންތެރިކަން ގަދަކަމުން ބުއްދިގޯސްނުވެ ސަލާމަތުން ތިބީއެވެ. އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން އެތައްބަޔަކު ބޯގޯސްވެ، ހަމަބުއްދި ގެއްލުނެވެ. އަޅުގަނޑު މަސްއޫލުވެރި ކަމުގައި ނެރެންފެށި ސިޔާސީ މަޖައްލާއެއް ކަމުގައިވާ “މަންތިރި” މަޖައްލާގެ، އެޑިޓަރ އަޙްމަދު ވަހީދު ޢަލީ އެހުންނެވީ އަދިވެސް އެކަމުގެ ބަލީގައެވެ. މީނާ ނޫނަސް އެބުރުގައި ސިކުޑިގޯސްވެ ބޯސަކަރާތްވި މީހުން ބައިވަރު ދުނިޔޭގައި އެބަތިއްބެވިއެވެ. ކާދޫ އިބުރޭއަކީ ވެސް މިކަމުގެރީތި މިސާލެކެވެ. މިފަހަރު އެހެންވިޔަ ނުދެއްވުންއޮތީ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައެވެ. އެކަންއޮތީ، އީޔޫ އިން ކުަރައްވާނެ މަސައްކަތުގެ ނަތީޖާގެ މައްޗަށް ބިނާވެފައެވެ. އަޅުގަނޑުމެން ސަލާމަތުން އެނބުރި މުޖަތަމަޢަށް ނުކުމެ ރާއްޖޭގެ އިސްލާޙަށް މަސައްކަތް ފެށުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން ކުރައްވާނެ މަސައްކަތެއްގެ ފަހަތުގައެވެ. މިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކެރިގެން ނުކުމެ މައިދާނުގައި ތިބިމީހުން މިނިވަންވުމަކީ ދިވެހިރާއްޖޭގެ ކުރިއެރުމެވެ. މިރާއްޖެ ބޭރުދުނިޔެއަށް ހުޅުވިގެން ދިއުމެވެ. މިރާއްޖެއަށް ދުނިޔޭގެ ފައިސާވެރިން އައިސް އިންވެސްޓްކޮށް ހިޖްރަކުރުމެވެ. އަޅުގަނޑަކީ ކިޔަވާ ނިމުނީއްސުރެ ރާއްޖޭގެ އިސްލާޙަށް މަސައްކަތްކުރާ މީހެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލް އަށާއި އިންގްލިޝް ޕެންއަށް ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަޅުގަނޑަކީ ޕެންޖަމާޢަތުގެ އޮނަރަރީ މެންބަރެކެވެ. 1994 ވަނަ އަހަރު ރާއްޖޭގައި ސިޔާސީޕާޓީއެއް އުފެއްދޭތޯ މަސައްކަކުރި ތިންމީހުންގެ ތެރެއިން އެކަކެވެ. އެދުވަސްވަރަކީ މިހާރު ބޭނުންކުރަމުން މިގެންދާ ޤާނޫނުއަސާސީ އިސްލާހު ކުރަމުން ގެންދިޔަ ދުވަސްވަރެވެ. މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނު އަރިހަށް އަޅުގަނޑު ގެންދިޔައީމެވެ. އެހެނަސް ރައީސް މައުމޫނު ވިދާޅުވީ އަދި ރާއްޖޭގައި ސިޔާސީޕާޓީއެއް ނުހިންގޭނެ ކަމަށެވެ. އަދި އޭގެފަހުން، 2011 ވަނަ އަހަރު، 42 މީހަކު ސޮއިކޮށް ސިޔާސީޕާޓީއެއް އެމްޑީޕީ ނަމުގައި ރަޖިސްޓްރީ ކުރުމަށް އިސްކޮށް އުޅުނުއެކަކީ ވެސް އަޅުގަނޑެވެ. މިކަމުގައި އަޅުގަނޑުމެން ޖިހާދުމިކުރަނީ ޤާނޫނު އަސާސީން އެޙައްޤު ލިބިދީފައި ވާތީއެވެ. އެހެނަސް އަދިވެސް ދިވެހި ފަސްގަނޑުގައި މިވަނީ، އެކަން ނުކުރެވިފައެވެ. އީޔޫގެ އެހީތެރިކަން ބޭނުންވަނީ އެހެންވެގެންނެވެ. މަލްޓިޕާޓީ ސިޔާސަތާއި ޕާޓީސިސްޓަމް ސިޔާސަތު މިގައުމުގެ ގާނޫނީ އޮނިގަނޑު ރެތެއަށް ވައްދާއި ދިރުވަން އެބަޖެހެއެވެ. ތިޔަބޭފުޅުން މިކަން ހަގީގަތަކަށް ވުމަށް އެހީތެރިވެ، ބާރުއަޅައި ދެއްވާށެވެ. އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ ވެސް އެކަންކުރުމުގެ ބޭނުމުގައެވެ. އެނިޔަތުގައެވެ. “އައި އޭމް އަ ރިފޯމަރ” އާއި “އައި ވިލް ޑައި ފޯ ޑިމޮކްރަސީ” އާއި “ލޯންގް ލިވް ޑިމޮކްރަސީ” އާއި އަހަންނަކީ ސިޔާސީ މީހެއް… ޅެންވެރިއެއް ނޫން” މިހިރީ އަޅުގަނޑުގެ ކެމްޕޭނުގައި ކާމިޔާބު ހޯދުމަށް އަޅުގަނޑު އަޑުއުފުލާއި ބޭނުންކުރި ސްލޯގަންސް ތަކާއި މޮޓޯތަކެވެ. ޒުވާނުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބުނެވެ. އދ.އަތޮޅުގެ ޒުވާނުންގެ ތަރުހީބު ފުރިހަމައަށް ލިބުނެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު ނުދަންނަ ދާއިރާއަކުން ކުރިމަތިލައި މިފަދަ ކެންޕޭނެއްކޮށް ބޮޑުކާމިޔާބެއް ހޯދުނެވެ. ގިނަޒުވާނުން މިފަދަމަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށްލަން ބޭނުންވެއެވެ. އެމީހުންގެ ސިކުނޑިތައް މިހަރަކާތަށްރުހި މަރްޙަބާ ކިޔައެވެ. ވެރިކަމަކީ ދައުރުވާ އެއްޗަކަށް ހަދަން ބޭނުންވެއެވެ. ވިމާ މިނުކުތާތަކަށް ތިޔަބޭފުޅުންގެ ވިސްނުން ބިނާކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ދަންނަވަން ތޯއެވެ! އަޅުގަނޑުގެ ހަމައެކަނި ކުށަކީ، ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލާއި އަޑުއުފުލިކަމެވެ. މިއީ އެކަމާހެދި އުފުލަން ޖެހޭއަނިޔާތަކެވެ. ދަންނާށެވެ! މިއީ ސިޔާސީ ލީޑަރުންތަކެއް ނެތިކޮށްލުމަށް ހިންގާ ލާއިންސާނީ ކަންތައްގަނޑެކެވެ. ގައުމުގެ ކުރިމަގު އެހެންބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ ރާވައިގެން ހިންގާ ޖަރީމާއެކެވެ. މުޅިމިކަމަށް ހައްލެއް ގެނެސް ދެއްވުންއޮތީ ތިޔަބޭފޫލުންގެ ކުރިފުޅުމަތީގައެވެ. އީޔޫ ޕާލަމެންޓުގެ މޭޒުމަތީގައެވެ. މަގުމިއޮތީ ހުޅުވިފައެވެ. އީޔޫ އިން އެމަސައްކަތް ވީހާއަވަހަށް ފައްޓަވައި ދެއްވާށެވެ. ރާއްޖޭގެ އެތައް ޢާއިލާތަަކެއް މިކަމާހެދި ހަލާކުވެގެން މިދަނީއެވެ. މިކަމާ ފަރުވާތެރި ކަމާއެކު އީޔޫ އިން ވިސްނެވުމަށް އާދޭހާއެކު އެދެމެވެ. މިވާހަކަތައް ތިޔަބޭފުޅުންގެ ޕާލަމެންޓަށް ގެންދަވާއި އެޖެންޑާކޮށް ދެއްވާށެވެ. އަޅުގަނޑުގެ ތަރުޖަމާނު ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ރަނގަޅެވެ. އެބޭފުޅާއަށް ހިތުގެއަޑިން ޝުކުރުވެރިވަމެވެ. މިހެން މިދެންނެވީ އިނގިރޭސި ކުރައްވަމުން އެގެންދަވާ ވާހަކަތައް ރަނގަޅަށް އަޅުގަނޑަށް ފަހުންވާތީއެވެ. މިވާހަކަތައް މިހާހިސާބަށް ކިޔައި ދިނުމަށް ފަހު، ތިހާމަތީ ވަފުދެއް އީޔޫއިން ފޮނުއްވައިގެން އަޅުގަނޑުމެންނާ ޖަލުގައި ބައްދަލުކޮށް ހެއްދެވުމަށް ފަހު، އެނބުރި ވަޑައިގެން ތިޔަބޭފުޅުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ދެންނެވުމުން އިސްކޮށް އިންނެވި ބޭފުޅާ ވިދާޅުވިއެވެ. ތިޔައީ ވަރަށް ރަނގަޅު ސުވާލެކެވެ. ދެން އެއަށްފަހު، ވިދާޅުވެ ދެއްވިއެވެ! އެހެން ގައުމުތަކުންވެސް ދަނީ، މިކަމާ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އީޔޫ އިންވެސް ގެންދަނީ އެހެން ގައުމުތަކާ ގުޅިގެން ޙިކްމަތްތެރި ކަމާއެކު މަސައްކަތް ކުރަމުންނެވެ. ވީހާއަވަހަށް ރާއްޖޭގައި ހިންގާފައިއޮތް ސްޓޭޓް އޮފް އިމަރޖެންޖެންސީގެ ޙާލަތު ނެގުމަށް އެޅެންހުރި ހުރިހާފިޔަޅެއް އަޅަމުން ގެންދާނަމެވެ. ހިފޭއްޓިފައިހުރި ޤާނޫނުތައް ދޫކޮށްލުމަށް ބާރުއަޅާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެ ދެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް މެމްބަރުންނާއެކު އަނބުރާކުރިޔަށް ގެންދެވޭގޮތް ހެދޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްނެކަމަށް ވިދާޅުވިއެވެ. އަދި އީޔޫ އިންނާއި އެމެރިކާއާއި އިނގިރޭސި ވިލާތުން ކުރަމުން މިގެންދާ މަސައްކަތުގެ އަސަރުތައް ވަރަށް އަވަހަށް ތިޔަބޭފުޅުންނަށް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ދެއްވިއެވެ. މިއަޑު އިވިފައި އަޅުގަނޑު އުފަލުންގޮސް ދެލޮލުން ކަރުނަ ފޮހެންޖެހުނެވެ. ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ދެންނެވީމެވެ. ކޮންމެހެންވެސް ތިޔައީ ވީހާއަވަހަށް ކޮށްދެންޖެހޭ ކަމެކޭ ދެންނެވީމެވެ. ހުރިހާ އަސާސީޙައްޤު ތަކެއްހުރީ ރައީސް މީހާގެ މުށުތެރޭގައެވެ. އަޅުގަނޑު މެންނަށް ލޮޔަރުންވެސް ހަމަޖެއްސޭކަށް ނެތެވެ. ރައްޔިތުންނަށް ގާނޫނުއަސާސީ ފުރިހަމަކޮށް ލިބޭނެގޮތް، ވީހާއަވަހަށް ހައްދަވައި ދެއްވުމަކީ އަޅުގަނޑުމެންގެ އެންމެބޮޑު އެދުމެވެ. މިއީރާއްޖޭގެ އިސްލާޙީ ހަރަކާތުގެ ހުރިހާ ބައިވެރިންގެ ގޮވާލުމެވެ. އަދިވެސް އަޅުގަނޑު ދެންނެވީމެވެ. މިއަދަކީ ޖަލުގެ ކުޑަގޮޅީގައި މިވީދުވަސް ތަކުގައި އަޅުގަނޑު އެންމެއުފާ ކުރިދުވަހެވެ. އަޅުގަނޑު މެންގެ އިޙްސާސްތައް ދެނެގަތުމަށް އީޔޫ އިން ތިޔަފެންވަރުގެ ފަވުދެއް ފޮނުއްވީމައެވެ. އަދި ތިޔަދެއްކެވި އޯގާތެރި ވާހަކަފުޅު ތަކުންނެވެ. މާދަމާ އަޅުގަނޑުގެ އަންހެނުންނާ، ﷲގެ އިރާދަފުޅާ ލައިގެން ބައްދަލުވާނެއެވެ. އެހެނަސް އެއަށްވުރެވެސް ބޮޑަށް މިއަދު އަޅުގަނޑު އުފާވެއްޖެއެވެ. ސަބަބަކީ ތިޔަހާ ދުރުން އީޔޫގެ މަތީފެންވަރުގެ ހަޤީޤަތްހޯދާއި ދެނެގަނެ ދިރާސާކުރުމުގެ ވަފުދެއްގައި ތިޔަފެންވަރުގެ ބޭފުޅުންކޮޅެއް، ޖަލުގެ ކުޑަގޮޅިއަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށް ޙާލުއަޙްވާލު ބެއްލެވީތީއެވެ. އަޅުގަނޑުގެ އުދާސްތައް އަޑުއައްސަވާއި ހިތަށް ފިނިކަމެއް ގެނެސް ދެއްވީތިއެވެ. އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަޔް ކޮށްލެއްވުމުގެ ދައުވަތު އަރުވަމެވެ. ދޫނިދޫޖަލުން ފުރުއްވުމުގެ ކުރިން އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރައްވާނެ ކަމުގެ އުންމީދު ކުރަމެވެ. އަދި ވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. ދެން ވާހަކަނުދައްކަވާ އިންނެވި އަންހެން ބޭފުޅާ އެއްސެވީ ޖަލަށްގެނައީ ކޮންތާކުން ކިހިނެއް ހެއްޔެވެ. ޙާދިޘާހިނގި މައިދާނުން ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ގޮސްއުޅުނީ ސަރުކާރުން މަތީފެންވަރުގެ ބޭފުޅަކު ގުޅާފައި އެމައިދާނަށް ވަޑައިގަތުމަށް އެދިވަޑަައި ގަތުމުންނެވެ. ބުރާސްފަތި ދުވަހުގެރެއާއި ހުކުރު ދުވަހުގެ ހެދުނުން ބައެއްގައި އަޅުގަނޑުމެން އެމައިދާނުގައި އުޅުނީމެވެ. އަޅުގަނޑު ހައްޔަރުކޮށްގެން ގެނެސް ޖަލަށްލާއި ކުޑަގޮޅީގައި ބަންދުކުރީ، އަޅުގަނޑުގެ ކުޑަދެކުދިންނާއެކު އަމިއްލަގޭގައި ޓިވީބަލަން އިންދައެވެ. ސިފައިންގެ ގްރޫޕެއް ގެއަށްގޮސް ހައްޔަރުކޮށްގެން ގެނަސް ކަނުބަނދެފައި ރަނގަޅަށް ތަޅާލީއެވެ. އެރޭގެނައި ގޮތަށް އަދިވެސް މިއިންނަނީ ކުޑަގޮޅީގައެވެ. ގޮޅިން އަޅުގަނޑު، މިނެރުނީ ތިޔަބޭފުޅުން ގޮޅިއާހިސާބަށް ނުގެންނަން ވެގެންނެވެ. އެހެންނޫންނަމަ ގޮޅިން އަދިވެސް ނުނެރުނީހެވެ. ދެން އޭނާ އޯކޭއޭ ދެންނެވިއެވެ. މީނާ އިންނެވީ އަޅުގަނޑު ދެއްކި ވާހަކަތަކުން ވަރަށް އަސަރުކޮށްފައެވެ. އަދިވެސް އެދުވަހުން ފެށިގެން އަޅުގަނޑު މިއުޅެނީ ސިފައިންގެ އަނިޔާގައި ކަމަށް ދެންނެވީމެވެ. މިތާމިތިބޭ ސިފައިންގެ ކުލުނެއް ހަމްދަރުދީއެއް ނުހުރެއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ސިކުނޑިތައް ހަލާކުކޮށްލާށެވެ. މިޔަކޮށްލާށެވެ. ޖަލުންނުކުމެ ސިޔާސީ ކަމެއްގައި ނޫޅެވޭނަރު ކޮށްލާށެވެ. ތަޙުޤީޤު ކުރުމުގެ ގޮތުން، އަދި އެއްވެސް ސުވާލެއް ކުރާކަށް ނުފަށައެވެ. ގާނޫނީ ވަކީލެއްގެ ކަންތައް ވެސް ހަމަޖައްސައެއް ނުދެއެވެ. ހީވަނީ ކާފިއޫ ހިންގާފައި އޮތުމުން އެޙައްޤުތައް ނުދެނީހެންނެވެ. އަޅުގަނޑު ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިއެއް ނުވަމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑު ދިޔައީ ރައީސް މައުމޫނު ވިދާޅުވެގެން ނޭބުނުއްވައި އިންފޯރމޭޝަން މިނިސްޓަރު ގުޅާފައި ގާސިމް އިބްރާހިމް އަރިހުގައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ހުރިހާ މެމްބަރުން ވީހާއަވަހަށް ވަޑައިގަތުމަށް އެދިވަޑައި ގަތުމުންނެވެ. އަޅުގަނޑުމެން ހުރިހާ މެމްބަރުން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރުން އެދުނު އެދުމެއްގެ މަތިންނެވެ. މިހާހިސާބަށް އަޅުގަނޑުގެ ވާހަކަތައް ދިއުމުން، ޢަބްދުﷲ ރިޔާޒު ސޮރީއޭ ވިދާޅުވެ ވާހަކަތައް މެދުކަނޑާ ލެއްވީއެވެ. މިހާރު އިލްޔާސް ތިޔަދައްކަވަނީ ތަޙުޤިޤާގުޅޭ ވާހަކަތަކެވެ. ތަޙުޤީޤާބެހޭ އެއްވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެއީމަނާ ކަމެކެވެ. ދެން އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ ވާހަކަތައް ހުއްޓާލާށެވެ. އީޔޫ ވަފުދުގެ ބޭފުޅުން މިކަމާ ވަރަށް ދެރަވިއެވެ. އެހެނަސް މިވާހަކަތައް ނުދެއްކެންޏާ ދެންދައްކާނެ އިތުރުވާހަކައެއް ނެތޭދަންނަވައި އަޅުގަނޑު ހުރިހާބޭފުޅުންނާއި ސަލާމްޤަލާމް ކުރުމަށްފަހު ނިންމާލީއެވެ. އެއަންހެން ބޭފުޅާއަރިހުގައި މިނިވަން ވުމުން ބައްދަލުވާން ބޭނުމޭ ދެންނެވުމުން އޭނާގެ ވިޒިޓިންކާޑުދޭން އުޅުމުން އެކަންވެސް، އަބްދުﷲ ރިޔާޒު މަނާކުރެއްވިއެވެ. ދެފަރާތުން ޝުކުރުތައް ބަދަލު ކުރުމަށް ފަހު ވަކިވީއެވެ. ދެން އަޅުގަނޑު ގެނެސްވެއްދީ ގޮޅިއަށެވެ.”

މިއީ ވަރަށް ފުރިހަމަ ބައްދަލުވުމެކެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުވާނެއެވެ. މިބޭފުޅުން ހުރިހާވާހަކަތަކެއް ނޯޓުކުރެއްވިއެވެ. އަންހެން ދެބޭފުޅުންނާއި އިސްކޮށް އިންނެވި ބޭފުޅާ ސުވާލުކޮށް ހައްދަވާއި ވަރަށް ފުރިހަމައަށް މިވާހަކަތަކުގައި ބައިވެރިވެ ލެއްވިއެވެ. މިބައްދަލުވުމުގެ ވިސްނުމާއި ފިކުރުތަކުގައި ރޭގަނޑުގެ ނިދިއެއްކޮށް ދުއްވާލަން ޖެހުނެވެ. އެއްގޮތަކަށް ވެސް ނިދިނައިސް ވަރަށްގިނައިރު އެފިކުރުތަކުގައި ގެންބިގެން ހޭލާއޮންނަން ޖެހުނެވެ.

އަދި، ހައްޔަރުކޮށް ފައިތިބީ، 82 މީހުންކަމަށް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 196 މީހުންކަމަށާއި މައްސަލަ މުޅިން ނުނިމޭކަމަށް އަންގައި ދޫކޮށްލީ ޖުމްލަ، 114 މީހުން ކަމަށް ވެސް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރެއްވިއެވެ. އަދި އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ތިބިމީހުންނާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސްގެ ފަރާތުން ބައްދަލު ކުރައްވައި އެމީހުން ހައްޔަރު ކޮށްފައިތިބި ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. މިކަންތައްތަކަކީ އީޔޫ ވަފުދުގެ ބޭފުޅުންނަށް ދެއްކުމަށް ޑޮކްޓަރ ޝަހީދާއި ޑޮކްޓަރ ޝައުޤީމެން އަޑީގައި ތިއްބަވައިގެން ހިންގެވި އަނދުން އެޅުވުމުގެ ކަންތަކެވެ.

14 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 12 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރު، އަންހެނުން ކަމުގައިވާ ރުކްސާނާ، ރުކުއާ ޖަލުން ބައްދަލުވި ދުވަހެވެ. ފުދޭވަރަކަށް ގިނައިރުވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ދިނެވެ. އަޅުގަނޑުގެ ދެކުދިން ކަމުގައިވާ ޓޭން އާއި ރޭމް، މުޅިން ރަނގަޅުކަމަށް ބުންޏެވެ. ގޭތެރޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. މަންމަމެންގެ ޙާލުވެސް ރަނގަޅެވެ. ރުކު ގޮވައިގެން ވިޒްކޯ ދޯނީގައި އައިސްހުރީ ކޮއްކޮ އިބުރޭއެވެ. ބައްދަލުވުން އޮތީ، ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ. މިބައްދަލުވުން ނިމިގެން ދެމީހުންވަކިވި ވަގުތަކީ ވަރަށް އަސަރުކުރި ހިނދުކޮޅެކެވެ. ދެމީހުންނަށް ވެސް ރޮވުނެވެ. ކުރާނެ ކަމެއް ނެތެވެ. ޖެހުނީ ބައްދާސަލާމަކުން ވަކިވާށެވެ. ދޯންޏަށް ގޮސްއަރަންދެން އަޅުގަނޑު ބަލަންހުރީމެވެ. އަޅުގަނޑު ހުއްޓުނީމާ ލޭޑީ، އެކަމާއަޅާ ނުލެއްވީއެވެ. މިފަހަރު، ލޭޑީ އަޅުގަނޑާ ދޭތެރޭގައި ކަންތައް ބަހައްޓަވަނީ ވަރަށް ރަނގަޅެވެ. އިބުރޭ ދޯނީގައި ހުއްޓާ، އަޅުގަނޑަށް ފެނިގެން އިބުރޭއަށް ވޭވްކޮށް ލެވުނެވެ.

25 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 13 ވަނަ ދުވަހެވެ. މިއަދު ޖަލުތެރެއާ ގުޅިގެން ޚާއްސަކަމެއް ނެތެވެ. އެހެނަސް “އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ހިންގި ކަންތައްތަކާ ގުޅިގެން، ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ކަމުގެ ޙަޤީޤަތާޚިލާފަށް ދޮގުމަޢުލޫމާތު ފަތުރަމުން ގެންދާތީ، ކަމުގެ ޙަޤީޤަތް ހާމަކޮށް ދެއްވުމަށް ޓަކައި” ރައީސުލް ޖުމްހޫރިއްޔާ، 8 ޤައުމަކަށް ޚާއްސަ މަންދޫބުން ފޮނުއްވި ޚަބަރު މިއަދު ލިބުނެވެ. މިގޮތުން، ސްރީލަންކާ، އިންޑިއާ، އަދި ޕާކިސްތާނަށް ފޮނުއްވީ، ހެލްތް މިނިސްޓަރ އަޙްމަދު ޢަބްދުﷲ އެވެ. އިނގިރޭސިވިލާތް، އިޓަލީ، އަދި ޖަރުމަނަށް ފޮނުއްވީ، ޓުއަރިޒަމް މިނިސްޓަރ ޙަސަން ޞާބިރެވެ. ސިންގަޕޫރަށާއި މެލޭޝިޔާއަށް ފޮނުއްވީ ޖެންޑަރ، ފެމެލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރ އަނީސާ އަޙްމަދެވެ. މިބޭފުޅުންގެ އަތްޕުޅުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިޤައުމުތަކުގެ ވެރިންނަށް ރައްދު ކުރެއްވުމަށް، ސިޓީފުޅު ތަކެއް ފޮނުއްވިއެވެ. މިއީ މުޅިން ވެސް ސަރުކާރުގެ ޕްރޮޕެގެންޑާ މަސައްކަތް ތަކެވެ.

26 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 14 ވަނަ ދުވަހެވެ. މިއަދު އެއްވެސް ކަމެއް ނުހިނގައެވެ. ގޮޅީގައި ހަމަހުރީއެވެ.

27 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 15 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ.

28 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 16 ވަނަ ދުވަހެވެ. ޖަލުތެރޭގައި އެއްވެސް ކަމެއް ނުހިންގައެވެ. އެހެނަސް މިއަދު، “ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެކަންކަން ރޭވިކަމަށް ތުހުމަތު ކުރެވޭ” މީހުންގެ މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާގޮތް ބެލެހެއްޓެވުމަށް ތަޙްޤީޤާބެހޭ ކޮމެޓީއެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ޚަބަރު ލިބުނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލަވައިލެއްވި މިކޮމެޓީގައި ހިމެނިވަޑައިގަތީ، ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު އާއި އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އާއި ބަންޑާރަނާއިބު ޑޮކްޓަރ ޙަސަން ސަޢީދެވެ. މިއީވެސް ބޭރުދުނިޔެއަށާއި ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދެއްކެވުމުގެ ގޮތުން އެޅުއްވި އަނދުނެކެވެ. މިހުރިހާ ފިޔަވަޅު ތަކެއް ސަރުކާރުން އަޅުއްވަމުން ގެންދެވިއިރު ވެސް ބައިނަލް އަޤްވާމީ މުޖްތަމަޢުން ޤަބޫލުކުރަމުން ގެންދިޔައީ އިސްލާޙީ ޙަތަކާތުގެ ބައިވެރިން ހިތުގެ އަޑިން ފާޅުކުރަމުން ގެންދިޔަ އަސަރުގަދަ ވާހަކަތަކެވެ. އަދި ރާއްޖެއިން ބޭރުގައި އިނގިރޭސި ވިލާތާއި ސްރީލަންކާއާއި އެމެރިކާއާއި ސްވިޓްޒަލޭންޑް ގައި ގައިމުވެ ތިއްބެވި އިސްލާޙީ ޙަރަކާތުގެ ބައިވެރިންގެ ވާހަކަތައް ގެންދެވީ ބައިނަލް އަޤްވާމީ މުޖްތަމަޢުން ކަނުލައި އައްސަވަމުންނެވެ. އީޔޫ އިންނާއި ކޮމަން ވެލްތުންނާއި ޔޫއެން އިން ގެންދެވީ، ރާއްޖެއާ ގުޅިގެން ސިޔާސީ ޙަޤީޤަތްތައް ހޯއްދަވާއި ދިރާސާތައް ކުރައްވަމުންނެވެ. ޙަސަން ޞާބިރަށާއި ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސަން ސަޢީދަށް ޖެހިވަޑައިގަތީ މެދުމިންވަރު ޚިޔާރުކޮށް ބައިނަލް އަޤްވާމީ މުޖްތަމަޢު ކުރިމަތީގައި ތެދުމަގުން ދަތުރު ކުރައްވާށެވެ. ފަހުގެ މަރުޙަލާއެއްގައި ޑޮކްޓަރ އަހްމަދު ޝާހީދު ވެސް މިމަގުން ހިންގަވަން މަޖްބޫރުވީއެވެ. ސަރުކާރުގެ ޕްރޮޕެގެންޑާތައް ދިޔައި ދަށްވަމުން، ފަނޑު ވަމުންނެވެ. މިބޭފުޅުން ގެންދެވީ ރައީސް މައުމޫނަށް އޮޅުވާ ލައްވަމުންނެވެ.

29 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު، “އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ، ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ” އިތުރު، 4 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ.

3 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަ ދުވަހެވެ. މިއަދާއި މިދިޔަ، 4 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އާދައިގެ މަތިން ގޮޅީގައި ހުރީއެވެ. ނަމާދުކުރުމާއި ގުރުއާން ކިޔެވުން ބަރާބަރަށް ކުރިޔަށް ގެންދަމެވެ.

ޚަބަރުތައް ލިބުނުގޮތުގައި، 1 ސެޕްޓެމްބަރު 2004 ވީބުދަ ދުވަހު، ސިފައިންނާއި ފުލުހުން ވަކިކުރައްވައި، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ފުލުހުންގެ މަދަނީ އިދާރާ ޤާއިމްކުރެއްވިއެވެ. “މޯލްޑިވްސް ޕޮލިސް ސާވިސް” ގެނަމުގައި މަސައްކަތްފެށީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ. ފެންނަމުން މިދަނީ، ކުރިން ނުފެންނަފާޑުގެ ބައެއް އިސްލާހު ތަކެވެ. މިއިސްލާހު ތަކުގެ ފަޚުރު ޖަލުގައި ތިބެގެން އަޅުގަނޑުމެން ހިތުގެއަޑިން ލިބިގަންނަމެވެ.

4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރުގެ އެހީތެރިއަކަށް ހުންނަވާ އޮފިސަރު ޝާހިދު (މެޑިކް ޝާޑް) ދުރުވެ، ޑޮކްޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. މިޑޮކްޓަރަކީ އޯޑިއޯންގައި އިންނަވާ ޑިފެންސް މިނިސްޓްރީގެ ޑޮކްޓަރެވެ. އަޅުގަނޑުގެ ލޭގެޓެސްޓެއް ކުޑަކުޑަ ގްލޫކޯ މީޓަރަކުން ހެއްދެވިއެވެ. ރެންޑަމްކޮށް ޝުގަރހުރީ، 172 ގައެވެ. މިއީ ވަރަށް ރަނގަޅު މިންގަނޑެކެވެ. މިކަމާ ހިތްހަމަ ޖެހުނެވެ.

ދުވަސްތަކެއް ކޮށްފައި މެންދުރެއްހާއިރު، މިއަދު ތަޙްޤީޤަށް ނެރުނެވެ. މިއީ މިބުރުގައި ތަޙްޤީޤަށްނެރޭ ތިންވަނަ ފަހަރެވެ. މިއީ ލޮޔަރެއްނެތި ވާހަކަދައްކާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ވެސް އަޅުގަނޑަށް ދެއްކީ، ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާނު ކުރެއްވި ޤަރާރުގެ ފޮޓޯކޮޕީއެވެ. އެލިޔުން ކިޔާލިއިރުއޮތީ، އަސާސީ ޙައްޤުތަކާއި ވާޖިބުތަކުގެ މުހިންމު ޤާނޫނުތައް ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވާއި ހިފާއްޓަވާފައެވެ. ދެން އަޅުގަނޑަށް ޖެހުނީ ރަފްބަޔާނެއް ދޭށެވެ. ތަޙްޤީޤަށް ލޮޔަރަކާ ނުލައި އެއްބާރުލުން ދޭށެވެ. މިވީގޮތުން މިދުވަސްކޮޅު މިވަނީ ލޮޔަރެއްގެ ހައްގު ގެއްލިފައެވެ. އެހެންވުމާއެކު ބަޔާދޭން ޖެހުނީއެވެ. މިބަޔާންލިޔުނީ ނަވާޒެވެ. ޢަލީ އަޙްމަދު ބައްލަވަން އިންނެވީއެވެ. މިއަދުގެ ވާހަކަތަކުގައި ބޮޑަށް ގެންދެވީ، ލޮނުޒިޔާރަތް ކޮޅުގެ އެއްވުންތަކާއި ޖަމާލުއްދީން ސްކޫލްގައި ޑިމޮކްރަސީ ކޭކުފެޅި ބައްދަލުވުމުގެ ވާހަކަތަކެވެ. ޖުމްހޫރީ މައިދާނުގެބައި އެހެން ދުވަހަކަށް ބޭއްވީއެވެ. ނަވާޒު ރަފްކޮށް ލިޔުއްވި ބަޔާނުގައި ސޮއިކޮށް ލުމުން ތަޙްޤީޤުގެ ކަންތައް މިއަދަށް ނިންމާ ލެއްވީއެވެ. މިއަދު ޢަޞުރު ނަމާދަށް ފަހު، ގޮޅީގައި އިންދާ ފެންނަނީ، ބޭފުޅުންކޮޅެއް ޖަލުތެރޭގައި އުޅުއްވަނިކޮށެވެ. އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން، އެބޭފުޅުންގެ ތެރޭގައި އިސްކޮށް ފެންނަން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅުގެ މެމްބަރު ޙަސަން ޢަފީފަށް ގޮވާލާފައި މިގޮޅިއަށް ވެންނެވުމަށް އަޅުގަނޑު ދެންނެވީމެވެ. މިކޮމެޓީއަކީ ޖަސްޓިސް މިނިސްޓްރީގައި މަޖިލީހުގެ ދެމެމްބަރުން ހިމެނޭގޮތަށް އުފައްދަވާފައި އޮންނަ، ޖަލުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބައްލަވާ ކޮމެޓީއެވެ. މިބޭފުޅުންގެ ތެރޭގައި ޢަފީފުގެ އިތުރުން ތިއްބެވީ، ޤާޟީ އާދަމް ސަޢީދާއި އިސްޤާޟީ ޙުސައިން ރަޝީދު (ތުޅާދޫ) އާއި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު އައިންދީއެވެ. ޒުލަކަށް ޒިޔާރަތް ކުރައްވާހެން، ދުރުދުރުން ބައްލަވާ ލައްވާފައި ތިޔަހެން ވަޑައި ގަންނަވައިގެން ނުވާނޭ ދެންނެވުމުން މިބޭފުން އަޅުގަނޑުގެ ގޮޅިއަށް ވަންނަވައި ފިއެވެ. މިބޭފުޅުންނާއެކު ލޭޑީ ހުންނެވިއެވެ. ގޮޅީގެދޮރު ހުޅުވައިދެއްވީ ލޭޑީއެވެ. މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑު ވަރަށްގިނަ ވާހަކަ ދެއްކީމެވެ. މުޅިސްޓޯރީ އެއްކޮށް ކިޔައި ދިނީމެވެ. ކަނުބަނދެފައި ތަޅާލި ވާހަކައާއި އަދިވެސް މުޅިން ނުހިކޭ ފާރުކޮޅެއް ކަނައަތު ފައިގައި ހުރިވާހަކަ ދަންނަވާފައި އެތަން ދެއްކީމެވެ. އޭރުހުރީ ކުރަމަގާލި ލާފައެވެ. އެކުގައި މުޅިންރަނގަޅު ނުވެއެވެ. ކޮނޑުގައި އިންލަކުނުވެސް ދެއްކީމެވެ. އަދި ވެސް މިއިންނަނީ ނަފްސާނީ ގޮތުންނާއި ފިކްރީގޮތުން ގަދައަނިޔާގައި ކަމަށް ދެންނެވީމެވެ. އަދި ވެސް ފަންސޫރެއް، ޤަލަމެއް، ކަރުދާސް ކޮޅެއް، ނޫހެއް، އަދި ރޭޑިޔޯއެއްފަދަ އެއްޗެއް ނުދޭކަމަށް ދެންނެވީމެވެ. ތިޔަބޭފުޅުން މިތަނަށް ވަޑައިގެންނެވިއޭ ކިޔާފަ އިތުރުކަމެއް ވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ. މިތަނަށް އަންނަ ވަފުދުތައް މިހާރު ތަޙްޤީޤަށް ނެރޭވަރަށް ވުރެގިނަ ވެއްޖެއެވެ. މިހާތަނަށް ތަޙްޤީޤަށް ނެރެފައިވަނީ އެންމެ، 3 ފަހަރެވެ. އެއަށްވުރެ އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތައް ގިނައެވެ. ރައީސް މައުމޫނު ފޮނުއްވައިގެން ދެމިނިސްޓަރަކު ވެސް ވަޑައިގަތެވެ. އެބޭފުޅުން މާލެވަޑައިގެން ހެއްދެވީ ރޯމަރުދޮގެވެ. އެނބުރޭ ފަންކާއެއް ލިބުނީ އެބޭފުޅުން ވަޑައިގެންނެވި ދުވަހަކީ ހޫނުގަދަ ދުވަހަކަށް ވާތީއެވެ. ﷲ އިރާދަ ކުރައްވައިގެން އެކަންތައް ފުރިހަމަވިއެވެ. އެނޫންކަމެއް އަދި މިހާތަނަށް ވެފައެއް ނެތެވެ. އަނެއްކާ ތިޔަބޭފުޅުން، މާލެ ވަޑައިގެން ދޮގުހައްދަވައި ރައްޔިތުންނަށް ޖަލުގެ ޙާލަތު އޮޅުވާލައްވައި ގެންނުވާނެއެވެ. އީޔޫގެ މަތީފެންވަރުގެ ވަފުދެއް ވެސް، އަޅުގަނޑު މެންނާ ބައްދަލު ކޮށްފިއެވެ. އީޔޫން ރަނގަޅު ކަންތަކެއް ކޮށްދޭނެކަން ކަށަވަރެވެ. ތިޔަބޭފުޅުން ނަކީ ވެސް ސަރުކާރުގެ ރަސްމީ ވަފުދެކެވެ. މުޖްތަބާއާއި ވަޙީދުއްދީނު މެންގެ ހިޔުމަން ރައިޓްސް ގްރޫޕްވެސް މިތަނަށް ވަޑައި ގެންފިއެވެ. ވީއެއްވެސް ކަމެއްނެތެވެ. ހުސް އޮފްދާރު، ކޮސްމެޓިކް ދަޅަދެއްކުމެވެ. އަޅުގަނޑުމެން މިތިބެނީ އަނިޔާގައެވެ. ހުރިހާ ޙައްޤުތަކެއް ވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހައްދަވަނީ ހައްދަވާނެ ގޮތެކެވެ. މިވާހަކަތައް ދެންނެވުމުން ޖީސަސް ޢަފީފު ވިދާލުވެއްޖެއެވެ. ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ފާޚާނާހުރީ ހުންނަންވާ ސާފުތާހިރުކޮށް ތޯއާއި ބޭސްފަރުވާގެ ކަންތަ ހަމަޖެހިފައި ހުރީ ރަނގަޅަށް ތޯއެވެ. ތިމަންނާމެން ބެލުންއޮތީ އެކަންތައް އެކަންޏެވެ. އަދި އިތުރަށް ވިދާޅުވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ ޖަލުތަކުގެ ޙާލަތުބެލުމަށް އުފައްދަވާފައި ރިޔާސީ ކޮމެޓީއެކެވެ. ޖީސަސް ޢަފީފު މިމޭރުމުން ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑު ނުރުހުމުގެ ގޮތުން ދެންނެވީމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައް ލިބެމުން ދަނިކޮށް ތިޔަކަންތައް ތިޔަބޭފުޅުން ރަނގަޅުކޮށް ދެއްވާނެގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއްގޮތަކަށް ވެސް ނުވިސްނެއެވެ. މިއަނިޔާތަށް ލިބެމުންދާހާ ހިނދަކު، ރަނގަޅަށް ކައިބޮއި ރަނގަޅަށް ނިދާއި ރަނގަޅަށް ފާޚާނާކޮށް ހެދޭނެތޯއެވެ؟ ނުހެދޭނެކަން ޔަޤީނެވެ. ފުރަތަމަ އިސްކުރަން ޖެހޭކަންތައް އިސްކުރައްވާށެވެ. މިވަފުދާ ދިމާވުމުން އަޅުގަނޑަށް ހުރެވުނީ ރުޅިގަދަ ވެފައެވެ. އެހެންވީ ޖީސަސް ޢަފީފާއި މުޙައްމަދު ޝިހާބު މެންނަކީވެސް އަޅުމެންނެކޭ އެއްމިންވަރަކަށް މިކަމުގައި ބައިވެރިވެ އުޅުއްވި މީހުންނެވެ. އަޅުގަނޑުމެން ކުޑަގޮޅިއަށް ލާފައި މިބޭފުޅުން މިއަންނަނީ ރައީސް މައުމޫނުގެ ފަރާތުން ޖަލުގެ ޙާލަތާއި ކަންތައް ބަލާށެވެ. މިއީ ވަރަށް ހެއްވާ އިންސާފެކެވެ. ތިޔަދައްކަވާ ވާހަކަތަކެއް އަޅުގަނޑު އަޑުއަހާކަށް ނެތީމޭ ދެންނެވީމެވެ. ތިޔަބޭފުޅުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ ދެންނެވީމެވެ. އެންމެ ކުޑަމިނުން ޙަޤީޤަތް ހާމަކޮށް ރަނގަޅު ރިޕޯޓެއް ތައްޔާރުކޮށް ލައްވަން ވެސް ނުކެރޭނެއެވެ. ސަރުކާރުދެކެ އިންތިހާއަށް ބިރުގަންނާނެއެވެ. ތިޔަބޭފުޅުންނަކީ، ރައީސް މައުމޫނު ބޭނުންކުރައްވާ ކޮސްމެޓިކް ސާމާނުތަކަކެވެ. ބޭނުންފުޅުވާ ގޮތަކަށް ބޭނުންފުޅުވާ ކުލައެއް ތިޔަބޭފުޅުން ލައްވާ ޖެއްސޭނެއެވެ. ބޭރުދުނިޔެއަށް މިކަންތައްގަނޑުގެ މޫނުމަތި ރީތިކޮށް ފުށްޖައްސާފައި ދެއްކުމަށް ކުރާމަސައްކަތު ތެރެއިން، ތިޔަބޭފުޅުންނަކީ ވެސް ބައެކެވެ. ތިޔައި ރިފޯމޭކިޔައިގެން ދައްކާހުސް ވާހަކަތަކެވެ. ތިޔަބޭފުޅުންނަށް ވާނެކަމެއް، ކުރެވޭނެކަމެއް ނޯންނާނެއެވެ. މިހުންނެވި ޝައިޚް ޙުސައިން ރަޝީދަށް ރަނގަޅަށް، ﷲގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްތައް އެނގިވަޑައި ގަންނަވާ އިރުވެސް އެއުޅުއްވަނީ ޔެސްމަނަކަށް ވެގެންނެވެ. ތިޔަބޭފުޅުންނަކީ ޔެސްމަނުންނެވެ. ވިދާޅުވާގޮތަށް ކަންކުރަން މުސާރަދެއްވާފައި ތިބޭބައެކެވެ. އަމިއްލަ ޚިޔާލެއް އަރުވާކަށް ނުކެރެއެވެ. މަޝްވަރާއެއް އަރުވާކަށް ނުކެރޭނެއެވެ. އަބަދުވެސް ތިޔަތިއްބަވަނީ، އާދެ! އާދެ! ކިޔުއްވަ ކިޔުއްވައެވެ. މިޖަލު އިސްލާހު ކުރެއްވުމަށް ވުރެންކުރިން، ރާއްޖޭގެ ޢަދާލަތާއި ޖަސްޓިސް ދާއިރާ އިސްލާހު ކުރެވޭތޯ ބެއްލެވިއްޔާ މާއިންސާފު ވެރިވާނޭ ކިޔާއި ހަޅޭލަވަލަވާ ހުއްޓާ މިބޭފުޅުން ގޮޅިން ނުކުންނަވައި ހިންގަވައި ގެންފިއެވެ. އަވަހަށް އެހެންމީހަކު މަގުފުރައްދަން ވަޑައިގަންނަވާށޭ ކިޔާފައި ޖީސަސްޢަފީފާ ސަލާމްކޮށްލައި ނިންމާލީއެވެ. ދެން މިބޭފުޅުން ދެންހުރި ގޮޅިއާ ދިމާއަށް ވަޑައިގެންފިއެވެ.

5 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 24 ވަނަ ދުވަހެވެ. މިއަދަކީ ޚާއްސަކަމެއް ނެތް ދުވަހެކެވެ.

6 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 25 ވަނަ ދުވަހެވެ. މާދަމާ ޑޮކްޓަރަށް ދައްކާލަން ބޭނުންވާނެ ވާހަކަ މިއަދު ޖަލުއޮފީހަށް އަންގާލީމެވެ. އޯކޭދެއްވިއެވެ.

7 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 26 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. އޭނާ ބައްލަވާތަން ހަދާފައިހުރީ ފޭލިގެއެއްގައެވެ. އިތުރަށް ޑައިބެޓިކް ބޭސް ލިޔެދެއްވިއެވެ. އަދި މަލްޓިވިޓަމިންގެ ކެޕްސޫލެއް ލިޔެދެއްވިއެވެ.

8 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 27 ވަނަ ދުވަހެވެ. މިއަދަކީ ހަތަރުވަނަ ފަޖަރަށް ތަޙްޤީޤަށް ނެރުނު ދުވަހެވެ. މިއަދު ކުރަމުން ގެންދިޔަ ސުވާލުތަކަކީ ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތަކުގެ ސުވާލުތަކެވެ. އެތަނަށް ދާންޖެހުނު ގޮތާއި ގޮސްކުރި ކަންތަކުގެ ސުވާލު ކުރިއެވެ. މިކަންތަކުގައި އަޅުގަނޑުދެއްކި ވާހަކަތަކުގެ ރަފްބަޔާނެއް ނަވާޒު ނެންގެވިއެވެ. ތަޙްޤީޤުގައި ތިއްބެވީ ޢަލީ އަޙްމަދާއި ޝާޠިޙެވެ. މިބަޔާނުގައި ލުޔެފައިވާނީ އިބުރާމެން ގެއިން ހުރިހާ މެމްބަރުން ނުކުންނެވީ، ސަމަރޭ، ގާސިމަށް ފޯނުކުރައްވާފައި ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ޚާއްސަ މަޖިލީހުގެ ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގެން، އެތަނުގައި އެއްވެފައި ތިބިމީހުން މައިތިރިކޮށް ގެއަށް ފޮނުވާލުމަށޭ ވިދާޅުވުމުންނެވެ. މިކޯލަށް ފަހު، އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ، ޖުމްހޫރީ މައިދާނަށް ދާންހިނގާށޭ ޤާސިމް ވިދާޅުވުމުންނެވެ. މިވާހަކަ ތަކާއެކު ރަފްބަޔާނުގައި ސޮއިކޮށް ލުމުން މިއަދަށް ތަޙްޤީޤު ނިންމާލައްވައި އަޅުގަނޑު ގެނެސް ގޮޅިއަށްލީއެވެ.

9 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް ޖަލުގައި ހުންނަތާ، 28 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.

14 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު ޚާއްސަ ކަމެއް ހިނގާފައެއް ނެތެވެ. މިއަދު ޑޮކްޓަރ އަޙްމަދު މުޙައްމަދު ކައިރިއަށް ބޭރަށް ނެރުނެވެ. ބްލަޑްޝުގަރ އަށް ޓެސްޓްކޮށް ބެލިއިރުހުރީ، 145 އެވެ. މިކަމާ ޑޮކްޓަރ ވެސް އުފާކުރެއްވިއެވެ. އަދި އަޅުގަނޑު ވެސް ވަރަށް އުފާވިއެވެ. މިވަރުގައި އަބަދުވެސް ހިފާއްޓާލެވޭތޯ މަސައްކަތް ކުރުމަށް އަޅުގަނޑަށް ނަޞޭޙަތްތެރި ވިއެވެ. ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ޑޮކްޓަރ އިންނެވީ އަޅުގަނޑާ ވަރަށްގަޔާ ވެފައެވެ. ވާހަކަ ދައްކާލައްވަން ބޭނުން ވެފައެވެ. ސިޔާސީ ވާހަކަތައް އަޅުގަނޑާ ހިއްސާކޮށް ލައްވާހިތް ޕުޅުންކަން މޫނުމަތިން އެނގެއެވެ. ދެފަހަރަކު ކިހިނެތްތޯއޭ އައްސަވާ ލައްވާފައި، ޒާހިޔާޒަރީރު ވަޒީރަކަށް ވެގެން އުޅުއްވާތަން، ޓީވީން ފެނުނު ވާހަކަ ވިދާޅު ވެއްޖެއެވެ. އަދި އޭނާގެ ފިރިމީހާ މިހާރުހުންނެވީ ވަރަށް ހިއްކާލާފައޭ ޑޮކްޓަރ ވިދާޅުވުމުން މިވާހަކަ އަޅުގަނޑަށް ވަރަށް ރަނގަޅަށް ނަގައިގަނެ ވިއްޖެއެވެ. އޭނާބަލަނީ ޑޮކްޓަރ ކަމަށް ވިދާޅުވިއެވެ. އިލްޔާސް ވެސް ތިޔަދަނީ ރަނގަޅު ޑައިޓަކަށޭ، ދެން ތިޔަށްވުރެ ފަލަވިޔަ ނުދެއްޗޭ ވިދާޅުވިއެވެ. ސަރުކާރަށް ބޮޑެތިބަދަލުތައް އަންނަކަމާއި އަޅުގަނޑަށް ހިތްވަރުލިބޭކަހަލަ ބަސްތައް ވިދާޅުވިއެވެ. ރައީސް މައުމޫނު އެޅުއްވި އިސްލާހީ ފިޔަވަޅު ތަކުގެ ޚަބަރު އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނީ މިގޮތަށެވެ. ޑޮކްޓަރ އަޙްމަދު މުޙައްމަދަކީ، ރައީސް މައުމޫނު އަރިހުގައި ރާއްޖެތެރެއަށް އަޅުގަނޑު ދަތުރުކޮށް އުޅުނުއިރު ވަރަށްގާތް ރައްޓެހި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ޚާއްސަ ޑޮކްޓަރަކަށް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިބޭފުޅާއެވެ. އަނެއްހެން ވެސް އަޅުގަނޑު މެންނަކީ ބޭނުން ވާހަކައެއް ދައްކާލެވޭވަރުގެ ގާތްމީހުންނެވެ. ކުޑައިރުކޮޅަކު މިފަދަވާހަކަ ތަކުގައި މަޖާކޮށް ލުމަށް އަރިހުގައި ބޭންދުމަށްފަހު، ނިންމާލެއްވީ ދެންއާދެވޭނެ ހެނެއް ހިޔެއްނުވޭ ވިދާޅުވެފައެވެ. ދެން މެޑިކްއަކަށް އުޅުއްވާ އޮފިސަރު، ޝާޑު އަޅުގަނޑު ގެންދިޔައީ ގޮޅިއަށެވެ.

15 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މަހަކަށް ވުރެންގިނަ ދުވަސްވީއެވެ. ތަޙްޤީޤުގެ ކަންތައް މާބާރަށް ކުރިޔަކަށް ނުދެއެވެ. އަޅުގަނޑުގެ ލޮޔަރަކަށް ހަމަޖެއްސި އަޙްމަދު މުޢިޒްއާ އަދިވެސް ބައްދަލެއް ނުވެއެވެ. ހީވަނީ އަދިވެސް ކާފިއޫ ހިންގާފައި އޮތީމާ އެޙައްޤުތަކުން މަޙްރޫމްވެފައި އޮތީހެންނެވެ. އީޔޫ އިން އަޅުގަނޑު ގާތުގައި މިކަންވީހާ އަވަހަށް އުވާލަދެވޭތޯ ސަރުކާރަށް ބާރުއަޅުއްވައި ޕްރެޝަރު ކުރައްވާނެ ވާހަކައޮތީ ވިދާޅުވެފައެވެ. މިފަދަ ކަންތައް ހަމަނުޖެހި ލަސްވުމުގެ މާނައަކީ، ސަރުކާރުން ފިޔަވަޅެއް މިއަޅުއްވަނީ، ކޮންމެކަމެއް ވެސް މަޖްބޫރު ވުމުންކަމެވެ.

16 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. މިއަދަކީ ޖަލުތެރޭގައި އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. އެހެނަސް މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެޕާލަމަންޓުން ރާއްޖެއާ ދެކޮޅަށް ޤަރާރެއް ފާސްކުރިޚަބަރު ލިބުނެވެ. އެޤަރާރުގައި ވަނީ، ކުއްލިނުރައްކަލުގެ ޙާލަތު (ކާފިއޫ) ވަގުތުން ނިމުމަކަށް ގެނެސް ރައްޔިތުންގެ އަސާސީ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އިޞްލާޙުތަކަށް ގޮވައިލީތީ ހައްޔަރުކުރި މީހުން، ދޫކޮށް ލުމަށެވެ.

10 މާއްދާއެއްގެ މައްޗަށް އެކުލެވުނު މިޤަރާރުގެ، 5 ވަނަ މާއްދާގައި އޮތީ، “ޔޫރަޕިއަން ކޮމިޝަނަށާއި މެމްބަރު ޤައުމުތަކަށް ގޮވައިލަނީ، އިންސާނިއްޔަތަށް ޓަކާ، ކޮންމެހެން ބޭނުންވާ އެހީ ފިޔަވާ ހުރިހާ އެހީއެއް ރާއްޖެއަށް ދިނުން ވަގުތުން ހުއްޓާލުމަށާއި ދިވެހި ސަރުކާރުގެ މެމްބަރުންނާއި އެހެން ރަސްމީ ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކަށް ދަތުރުފަތުރު ކުރުން ބަންދުކުރުމަށެވެ.”

9 ވަނަ މާއްދާގައި ވަނީ، “ދިވެހި ސަރުކާރުގައި އެދެނީ ޑިމޮކްރަސީއަށް ތާއީދުކޮށް އިޞްލާޙީ ބަދަލުތަކަށް ގޮވައިލާ ފަރާތްތަކާ ބައްދަލު ކުރުމުގެހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ވަފްދުތަކަށް ދިނުމަށެވެ.”

10 ވަނަ މާއްދާގައި ބުނަނީ، “ޔޫރަޕިއަން ޔޫނިއަންގެ ރައީސަށް އިރުޝާދުދެނީ، މިޤަރާރު ޔޫރަޕިއަން ކޮމިޝަނަށާއި ކައުންސިލަށާއި އދ.ގެ ސެކްރެޓަރީ ޖެނެރަލަށާއި ކޮމަންވެލްތަށާއި އެމެރިކާ ސަރުކާރަށާއި ދުނިޔޭގެ ޓުއަރިޒަމް މައިމަރުކަޒަށާއި ޓުއަރިޒަމާބެހޭ ހުރިހާ ޖަމާޢަތްތަކަށާއި ވައިގެ ދަތުރުފަތުރާބެހޭ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ (އަޔާޓާ / އޭޓީއޯއެލް) އަށާއި ލައިސަންސް ދެވިފައިވާ ހުރިހާ ޓުއައޮޕަރޭޓަރުން ނަށާއި އެއަރލައިން ތަކަށާއި އިންޑިޔާ ސަރުކާރަށާ، އަދި ސާކްޤައުމުތަކުގެ ސަރުކާރުތަކަށް އެންގުމަށެވެ.”

އީޔޫ ޕާލަމަންޓުން މިޤަރާރު ފާސްކުރީ، 177 މެމްބަރުންގެ ތެރެއިން، 170 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއްވެސް މެމްބަރަކު ޤަރާރަށް ދެކޮޅު ނުހައްދަވާއިރު، 7 މެމްބަރުން ވޯޓު ދެއްވީ ވަކިގޮތަކަށް ތާއީދު ނުކުރައްވައެވެ. މިނިސްޓަރ ޙަސަން ޞާބިރު، ހެސްކިޔާފަ ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ މިއެވެ. ސަރުކާރަށް ލިބިގެން ދިޔައީ ސުމެކެވެ. މިފުރުސަތުގައި އިސްލާހީ ހަރަކާތުގެ ބައިވެރިން ބޭރުގައި ތިއްބަވައިގެން ކުރެއްވި އަގުހުރި މަސައްކަތްތައް ޖަލުގައި ހުރެގެން ހަނދާންކޮށް ހިތުގެއަޑިން އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ހީވާގިކެރޭ އަންނިއަށާއި އޭނާގެ ޓީމަށާއި ސަންދާނު ލުތްފީއަށާއި ޑޮކްޓަރ ވަހީދަށް ފަށްފަށުން ޝުކުރުވެރި ވީމެވެ. ޖަލުގައި ތިބެގެން ތިޔަބޭފުޅުންގެ އަގުހުރި ކަސައްކަތްތައް ހަދާންކޮށް ހިތުގެ އަޑިން ހެޔޮދުޢާތައް ރައްދުކުރަމެވެ. ﷲ އަޅަމެންނަށް ނަޞްރު ދެއްވާށިއެވެ! އާމީން!

17 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހަކަށްވާތީ ގޮޅީގައި ތިބީއެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.

18 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގާ ދުވަހެކެވެ.

19 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަދަލު ގެންނެވި ޚަބަރު މިއަދު ލިބުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، އަބްދުﷲ ޙަމީދު ވަކިކުރައްވައި އެމަޤާމަށް ސީނާ އަޙްމަދު ޒާހިރު ހަމަޖެއްސެވިއެވެ. މިއީ އެންމެބޮޑަށް އަޅުގަނޑުމެން ގޮވަމުން ގެންދިޔަ އެއްކަން ތަކެވެ. ޙަމީދުގެ ޢަމަލުފުޅުތައް ބަހައްޓަވާ ގޮތުން އެމަޤާމުގައި ހުންނެވުމަކީ، އިސްލާހީ ހަރަކާތުގެ ބައިވެރިން ރުހޭކަމެއް ނޫނެވެ. ޙަސަން ޞާބިރާއި އަންބަރީ އަބްދުއްސައްތާރު ސަފީރުންގެ ގޮތުގައި ބޭރުޤައުމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަމަޖެއްސެވިއެވެ. އަދި ސަމަރުބްލޫ އިބްރާހީމް ޙުސައިން މަނިކު ޔޫތު މިނިސްޓްރީއަށް ހަމަޖެއްސެވިއެވެ. މީގެ އިތުރުން ހެމްތް މިނިސްޓްރީ އަނީސާ އަޙްމަދާ ހަވާލު ކުރެއްވިއެވެ.  މިބަދަލު ތަކަކީ، ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދަށްކާލެއްވުމުގެ ގޮތުން ގެންނަވަން ޖެހުނު ބޮޑުބަދަލެކެވެ. މިއީ އަޅުގަނޑުމެން އަޑުއުފުލަމުން ގެންދިޔަކަމެއް ހަގީގަތަކަށް ވިދުވަހެވެ. ރައްޔިތުން މަޖިލީހުގެ ރައީސަށް ބަދަލު އައިދުވަހެވެ. ހަމީދަށްވުރެ ސީނާޒާހިރު ކުޑަތަންކޮޅެއް ރަނގަޅު ވާނެތީއެވެ.

20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. މިއަދުހެދުނު ސަޔަށް ފަހު، ޖަލުއޮފީހުން އޮފިސަރަކު އައިސް ބޭރުމީހަކާ ބައްދަލުވުމަށް ބޭރަށް ނުކުމެވޭގޮތަށް ތައްޔާރު ވެލައިގެން ހުރުމަށް އެންގިއެވެ. ކާކާތޯ އަހާލުމުން ނޭނގޭ ބުނުއްވިއެވެ. އަތުގައިއޮތް ޖިންސާއި ޖަލުންދިން ޓީޝާޓް ލައިގެން ތައްޔާރަށް ހުއްޓާބަލާ އަތުވެއްޖެއެވެ. ނެރެގެން ގެންދިޔައީ ދޫނިދޫ އަތިރިމައްޗަށް ވާގޮތަށް ޖެޓީ ސަރަހައްދުގައި ހުންނަ އުނދޯލި ގެއަށެވެ. އެތަނުން ފެނުނު ބިދޭސީބޭފުޅާއާ ސަލާމްކޮށް ތަޢާރުފް ވެލުމުން، އޮޅުންފިލީ އޭނާއަކީ ކޮޅުބުގައި ހުންނަ އެކެރިކާ އެމްބަސީގައި ހުންނަވާ އިއްޒަތްތެރި އެމްބެސެޑަރުގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގައިވާ މިސްޓަރ ޖޭމްސް ކަމަށެވެ. މިއަޑުއިވުމާއެކު ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ވަދެގެން ދިޔައެވެ. ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. އިތުރުހިނިތުން ވުމެއްމޫނު މައްޗަށް ވެރިވެގެން ދިޔައެވެ. ހިތްވަރާއި ޢަޒުން އާލާވިއެވެ. ކުޑަގޮޅިގައި ބަންދުގައިހުރި މީހަކާ، އެމެރިކާ ސަފީރުގެ ނައިބު ޖަލަށް ވަޑައިގެން ބައްދަލު ކުރައްވަނީއެވެ. އުފާވެރި ހިނދުކޮޅެކެވެ. އަރިހުގައި އިންނެވީ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ، ޢަބްދުﷲ ރިޔާޒެވެ. ޖޭމްސް ވަޑައިގަތީ ގިނިކަންޏާއެވެ. އިތުރު ސެކްރެޓަރިއެއް ފަދަ އެހެން މީހަކު އަރިހުގައި ނެތެވެ. މިބައްދަލުމުން ކުރިޔަށް ދިޔައީ، ޖޭމްސް އާއި އަޅުގަނޑާއި ޢަބްދުﷲ ރިޔާޒުއާ ތިންމީހުން އެކަނި ތިބެގެންނެވެ. މިފަހަރު، ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން އަޅުގަނޑު ގަސްދުކުރީ ތަރްޖަމާނަކައި ނުލައި ސީދާ އަޅުގަނޑު ވާހަކަ ދައްކާށެވެ. ޢަބްދުﷲ ރިޔާޒު ޖެހިގެންހުރި ގޮނޑީގައި އަޑުއިވޭ ހިސާބުގައި އިންނެވިއެވެ. ތަޢާރުފްގެ ވާހަކަކޮޅަށް ފަހު، ޖޭމްސް ވިދާޅުވީ، މާލޭގައި ބޭއްވި އެމެރިކަން ފެއަރ އަކަށް ވަޑައިގެންފައި ތިޔަ އިއްޒަތް ތެރިންނައި ބައްދަލުވުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވީމާ ވަޑައިގަތީ ކަމަށެވެ. ދެން ހޫނުކޮށް މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑާ ދޭރެގައި ސިފައިން ކަންތައްކުރިގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދިނުމުން، ސުވާލު ކުރެއްވިއެވެ. ޖަލަށް ގެނެވުނީ ކޮންތަނެއްގައި ހުއްޓާހެއްޔެވެ؟ ޖުމްހޫރި މައިދާނުން ހައްޔަރު ކޮށްގެންހެއްޔެވެ؟ އަޅުގަނޑު ނޫނެކޭ ދަންނަވާފައި، ގޭގައި ތުއްތުކުދިންނާއި އަނބިމީހާ ގާތުގައި ޓީވީބަލަން އިންދައި ގެނައިކަމާއި އިތުރުވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ގިނަބަޔަކަށް ސިފައިން އަނިޔާކުރިތަން ފެނުނުކަމަށާއި އަޅުގަނޑަށް ކުރިއަނިޔާތަކުގެ ތަފްސީލު ކިޔައިދިނުމަށް ފަހު، ފައިގައާއި ކޮނޑުގައި ހުރިލަކުނު ދައްކާފައި ހުރިހާވާހަކަތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ބައެއް އިއްޒަތްތެރި މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ފެންވަރުގެ ސިޔާސީ ބޭފުން ކަނުބަނދެ އަނިޔާކުރި ވާހަކަތައް ކިޔައިދިނީމެވެ. ބައެއް އަންހެނުންނަށާއި ބައެއް ފިރިހެނުންނަށް ޖިންސީގޮތުން ގޯނާކުރިކަމަށާއި އެކަންތައް އަޅުގަނޑަށް އެނގިފައި ވާގޮތަށް އެއްވެސް ހުރަހަކާނުލާ، މީހުންގެ ނަންތަކާއި ހެދިގޮތްތަކާއެކު ކިޔައިދިނީމެވެ. ގޮޅިތަކުގެ ޙާލަތުހުރިގޮތް ކިޔައިދީފައި އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެންނެވީމެވެ. އަޅުގަނޑު އަދާކުރަމުން ގެންދިޔަ ވަޒީފާއިން، ވަކިކޮށްލީ ޖަލުގައި ބަހައްޓައިގެން ކަމާއި އެކަންކުރީ އިންސާނިއްޔަތާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކަމަށް ދެންނެވީމެވެ. އަދި ރާއްޖޭގައި އަލަށް އުފެއްދި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ޖަލަށް ޒިޔާރަތްކުރި ދުވަހު މިކަމުގެ ޝަކުވާއާއި އަނިޔާކުރިކަމުގެ ޝަކުވާ ރަސްމީކޮށް އެބޭފުޅުންނަށް ހުށަހެޅީމެވެ. އެހެނަސް މިއަދާހަމައަށް އެއްގޮތަކަށް ވެސް އަޅައެއް ނުލައްވައެވެ. މިކަމަށް އެޅުއްވެން އޮތްފިޔަވަޅެއް އެމްބަސީގެ ފަރާތުން ސަފީރަށް ދަންނަވައިގެން އެޅުއްވުމަށް މިދަންނަވަނީ، ރާއްޖޭގައި މިކަމަށް ތިއްބެވި ބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވާތީއެވެ. އަދި ހައްޔަރުގައި މިތިބެނީ ވަރަށް އަނިޔާގައި ކަމަށް ދެންނެވީމެެވެ. އަޅުގަނޑަކީ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވެފައި ޖަލްސާތަކުގެ އެއްވެސް ޚަބަރެއްނުދޭ ކަމަށް ދެންނެވުމުން، ފުރަތަމަ ދުވަހު މަޖިލީހުގައި ވީގޮތް އެއްސެވިއެވެ. އެދުވަހުގެ ޖަލްސާގައި ހިނގިކަންތަކާއި ވޯޓުގެ މައްސަލަ ހިނގާދިޔަގޮތާއި އަޅުގަނޑާއި އިތުރު ދެމެމްބަރަކު ވެގެން އެމައްސަލަ ޝަރުޢީކޯޓަށް ވެއްދުމުން، ބަލައިނުދިން ވާހަކަވެސް ކިޔައިދިނީމެވެ. އަޅުގނޑު ޖަލަށްލުމަށް ފަހު، ސަރުކާރުގެ ވަޒީފާއިން ކަނޑާލީ މިކަމުގެ ޒާތީ ޙަސަދައިންނޭ ދެންނެވީމެވެ. މިވާހަކަތަކަށް ފަހު، ކިޔަވައި ނިމިގެން ރާއްޖެއަށް، އަޅުގަނޑު އައިގޮތަށް މިއަދާހަމައަށް މިގެންދަނީ، ރާއްޖޭގައި ރިފޯމަށް މަސައްކަތް ކުރަމުންކަމަށް ދެންނެވީމެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރުފްކޮށް މަލްޓިޕާޓީ ސިޔާސަތު ގެނެވޭތޯ ވަރަށް ގިނަމަސައްކަތް މިހާތަނަށް ކުރެވިއްޖެކަމާއި ސިޔާސީޕާޓީއެއް އުފެއްދުމަށް، 1994 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ހުށަހަޅައިގެން އުޅެއުޅެވެސް ރަސްމީ ސިފައެއްގައި އެހުއްދަ ނުދެއްވީމާ، އަޅުގަނޑު މެންނަށް ޖެހުނީ ރާއްޖޭން ބޭރުގައި ޕާޓީއެއް އިއުލާނުކޮށް އެމަސައްކަތް ފަށާށެވެ. އަދިވެސް މިރާއްޖޭގައި ސިޔާސީޕާޓީ ހިންގުންވަނީ ސަރުކާރުން މަނާކޮށްފައެވެ. ދަންވަންތޯއެވެ. އެހެނަސް ގާނޫނު އަސާސީން، ސިޔާސީޕާޓީ އުފެއްދުން ހުއްދަކުރެއެވެ. މިވާހަކަތައް ކިޔައިދިނުމުން އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. ތިޔަމަސައްކަތަކީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެދެއްވިއެވެ. މިހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް އިއްޒަތްތެރި އެމްބެސެޑަރަށް ކިޔައިދެއްވާނަމޭ ވިދާޅުވިއެވެ. ދެން އިތުރަށް ތިމަންނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރެއް ވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ އޮތީ އެންމެއެދުމެކެވެ. އެ އެދުމަކީ، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތް މިނިވަންކަމާއެކު ރާއްޖޭގެ ފަސްގަނޑުގައި ކުރެވޭނެގޮތް ހަޖައްސައި ދެއްވާއި މިރާއްޖެއަށް ފުރިހަމަ މިނިވަންކަމާއި ލިބަރަލް ޑިމޮކްރަސީ ގެނެވޭނެ ގޮތަށް، މަލްޓިޕާޓީ ސިޔާސަތު ހިންގައި ފުރިހަމަ ކުރުމަށް ސަރުކާރުން އަޅަމުންގެންދާ ހުރަސްތައް ނެތިކޮށްލާއި އަޅުގަނޑު މެންގެ ރިފޯމް ހަރަކާތް ރާއްޖޭގައި ހިންގޭނެ މަގުފަހިކޮށް ދެއްވުމުން ހުރިހާކަމެއް ފުރިހަމަވީއޭ ދެންނެވީމެވެ. އެމިނިވަންކަން ލިބުމުން، ރައްޔިތުންގެ ބިރުފިލާއި އެމީހުންގެ މުސްތަޤްބަލް އެމީހުން އަމިއްލައަށް ހަމައަކަށް އަޅުވާނެކަން ޔަޤީވާކަމުގައި ދެންނެވީމެވެ. އެމެރިކާ، ކެލިފޯނިޔާގައި ހުންނަ ސްތަންފަރޑް ޔުނިވަރސިޓިން ޑޮކްޓަރޭޓް، ނަންގަވައިގެން ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ކަމުގައިވާ، ޑޮކްޓަރ މުހަންމަދު ވަހީދަ ހަސަން މަނިކަށް ސަރުކާރުން ހައްދަވާލިގޮތް ކިޔައިދިނީމެވެ. ސިޔާސީ ގޮތުން ޖެއްސި ދުއްތުރާތައް ކިޔައި ދިނީމެވެ. ބިންބިފޯސް ނެރެގެން އޭރުމަޖިސްލިސް ތެރޭގައި އޮތްރިފޯމް ޙަރަކާތް މަރާލުމަށް، ސަރުކާރުން ގަސްދުގައި ކުރި މަސައްކަތް ކިޔައިދިނީމެވެ. އެބުރުގައި އެދުވަސްވަރު، 1990 ވަނަ އަހަރު ތެރޭގައި އަޅުގަނޑު މެންނަށް ހެސްކިޔާފަ އަނިޔާކުރިކަން އެމްނެސްޓީއަށް އެނގޭނެކަމަށް ދެންނެވީމެވެ. އަދި ވީހާއަވަހަށް އަޅުގަނޑުމެން މިނިވަންވެ ރިފޯމްގެ މަސައްކަތް މެދުނުކެނޑި އަނބުރާ ފެށޭނެގޮތް ހައްދަވައި ދެއްވާށޭ ދެންނެވީމެވެ. ރާއްޖޭގައި ހިންގާފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އަޅުގަނޑު މެންނަށް މިއަދާހަމައަށް މިތިބީ ލޮޔަރެއްގެ ޚިދުމަތް ނުދީއެވެ. މިހެން ބައިތިއްބާފައި ރޭގަނޑެއްގައި ކޯޓަށް ގެންގޮސް ހުކުމް އިއްވުމަކީ އެކަށީގެންވާ ކަމެކެވެ. ސަރުކާރުގެ ބޭނުމަކަށް ވާނީ، ކުރީފަހަރު ހެދިގޮތަށް ކުޑަގޮޅިން ނެރެގެން ކޯޓަށް ގެންގޮސް އަނބުރާ ޖަލަށް ދިގުހުކުމެއް އިއްވާލުމެވެ. އަޅުގަނޑު ކިޔައިދިން، މިހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލުކޮށް ޖޭމްސް، ނޯޓުކުރެއްވިއެވެ. އަދި ތިޔަކަންތައް ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަފީރަށް ދަންނަވައިގެން ކޮށްދޭނެކަމަށް ޖޭމްސް ވިދާޅުވިއެވެ. ދެން އަޅުގަނޑު އިތުރަށް ދެންނެވީމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ އަހަރީރިޕޯޓު އަޅުގަނޑު ދުށްކަމަށާއި ރާއްޖޭގެ ރިފޯމް މަސައްކަތަށް އެމެރިކާއިން ދެމުންގެންދަވާ ސަމާލުކަމަށް ޓަކައި ހިތުގެއަޑިން ޝުކުރު ދަންނަވަން ޖެހޭކަމަށާއި އެމެރިކާއަށައި ތިޔަބޭފުޅުންނަށް ސާބަސް ދަންވަމޭ ދެންނެވީމެވެ. ދެން މިހާހިސާބުން ޖޭމްގެ ޖީބުން އޭނާގެ ވިޒިޓިންކާޑު ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަންވީމާ އޭނާއާ ބައްދަލުވުމަށް އެދިވަޑައިގަތެވެ. މިހުރިކާ ކަމެއް ހިނގާދިޔައިރު ޢަބްދުﷲ ރިޔާޒު ވަރަށްމަޑުން އިންނެވިއެވެ. އެއްޗެކޭ ވިދާޅެއް ނުވެއެވެ. އަޅުގަނޑަށް، ޖޭމްސް ދެއްވި ވިޒިޓިންކާޑު ނަސީބަކުން، އަޅުގަނޑު އަތުން އަތުލައްވާކަށް ނޫޅުއްވިއެވެ. މިހާހިސާބުން، އެމެރިކާ ވަށްތަރަށް ބައްދާ ސަލާމްކޮށް ލުމަށްފަހު، މިބައްދަލުވުން ނިންމާލާއި ދެމީހުން ވަކިވީ، ވަރަށް އުފަލާއެކުގައެވެ. ވަރަށް ހަވީރު ވަގުތެއްގައި މިސްޓަރ ޖޭމްސް، 1 ނަމްބަރު ޖަލުތެރެއަށް ވެންނެވިތަން ފެނުނެވެ. އެހެނަސް މާގިނައިން ގޮޅިތައް ކުރިމަތިން ހިންގަވާކަށް ނުހައްދަވައެވެ. ދުރުން ބައްލަވާ ލައްވާފައި އެނބުރި ވަޑައިގަތީއެވެ. އަޅުގަނޑު އޭނާއަށް ފެންނަވަރެއް ނުވިއެވެ.

އާދެ! ޖަލުގެ ކަންތައް މިހާހިސާބަށް ދިޔައިރު ކަންތައް ހުރިގޮތަކީ މިއެވެ. ގިރިފުށިން އާގްރޫޕެއް އެއް ނަމްބަރު ޖަލަށް ގެނެވިފައި ވެއެވެ. އެތަން މިތަނުގައި ބަންދުކޮށްގެން، ގެންގުޅުނު މީހުން، ދޫނިދޫއަށް އެއްތަން ކޮށްފިއެވެ. މިކަންހިނގީ މީގެ ދެތިންހަތަރު ދުވަސް ކުރިންކަމަށް ވެއެވެ. ފުރަހަނި ޝުޢައިބާއި ޢަބްދުލްޖަލީލް، އަބުޖީއާއި ޢިމްރާން، ބަކްރީއާއި މަރިޔަމް މަނިކެއާއި އެލީނާ އަހްމަދު އައްބާސް، ދޮންބިއާއި ދާދަރާ ނަސީމާއި ޙުސައިން، ޕޮޓޯގްރާފަރާއި ފައުޒީއާއި ފުއާދުޒާހިރާއި ނައުޝާދު، ނައުބެއާއި ޝާޒުވަލީދައި މިއެންމެން، އެއް ނަމްބަރު ޖަލުގައި ޖަމާވެއްޖެއެވެ. އެއަށްފަހު، ވަރަށް މަޖަލެވެ. ބާރަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކުމާއި ކަންކަން ރާވައިގެން ކުރުމާއި މިކަހަލަ ބައިވަރު ކަންތައްތައް ފެށިއްޖެއެވެ. ސަންދާނު އަހަންމައިދީއަކީ ގިނަގޮޅިތަކަށް އަޑުއިވޭވަރަށް ބާރަށް ގިނައިން ވާހަކަދައްކާ ބޭފުޅެކެވެ. އަބަދުވެސް އަހަންމައިދީގެ އަޑުއިވޭނެއެވެ. ޝުޢައިބަކީ ކޮންމެ ވަޤުތަކު ބަންގިގޮވާ މީހާކަމުގައި ހަމަޖެހިއްޖެއެވެ. ޝުޢައިބު ވަގުތުވުމުން ބަންގިގޮވީމާ އެމީހެއްގެ ގޮޅީގައި އެމީހަކު ނަމާދު ކުރަނީއެވެ. އަދި މިއާއެކު ދެނަމްބަރު ޖަލަށް، މުޙައްމަދު ފުޅާއި އައިސީއާއި ޅޮހީގޭ މާހިރާއި ނަޒާކީ އިބްރާހީމް ޒަކީއާއި ތްރީއޭ ޢަލީޝިޔާމާއި ޒިޔާދު، ޒިޔާއްޓޭއާއި ޙުސްނުއް ސުޢޫދު، މިއެންމެން ދޫނިދޫއަށް ގެނެވިއްޖެއެވެ. ކުރިން ތިބިތަނެއް ނޭނގެއެވެ. މާފުށީގައާއި ގިރިފުށީގައި ވެސް ބަޔަކު ގެންގުޅުނެވެ. އެކެއް އަނެކެއްގެ ޚަބަރުތައް ބަރާބަރަށް ގޮޅިތަކަށް ލިބެމުން ދެއެވެ. މިހާރަކަށްް އައިސް މަނާކަންތަކެއް ނުހުރެއެވެ.

އަދި މިއަދު، އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާ ގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑްވްސް ފަރާތުން ބައްދަލު ކުރައްވައި، އެކޮމިޝަނަށް ފާހަގަކުރެވުނު ނުކުތާތައް ހާމަކުރައްވައި ނޫސްބަޔާނެއް ނެރުނެވެ. މިބަޔާނުގައި، 10 މާއްދާއެއް ވެއެވެ. ދެވަނަ މާއްދާގައި ބުނެފައިވަނީ، ދޫނިދޫގައި ހައްޔަރުކޮށް ފައިވާ، 59 މީހުންގެ ތެރެއިން، 19 މީހުންނާއި މާފުށީގައި ހައްޔަރުކޮށް ފައިތިބި، 21 މީހުންނާ ބައްދަލުކުރި ކަމަށެވެ. 5 ވަނަ މާއްދާގައި ހިމަނާފައިވަނީ، ގައިދީންނަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލެވެ. މިމާއްދާގެ، 5.5 ގައި ބައެއް ފިރިހެނުންނަށާއި އަންހެނުންނަށް ޖިންސީ ހާނީއްކަ ކުރައްވާފައިވާ ކަމުގައި އެފަރާތްތަކުން ބަޔާންކުރާކަން ފާހަގަކޮށްފައި ވެއެވެ. އެންމެ ފަހު މާއްދާ، 9 ގައިވަނީ މިފަދައިންނެވެ. ރާއްޖޭގެ މަސްރަޙް ކުއްލި ނުރައްކަލުގެ ގާނޫނުގެ ދަށުގައި އޮތުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށްބޮޑަށް ކަންބޮޑުވާކަމެކެވެ. މިއީ ވަރަށް ބޮޑުވަރެކެވެ. އުންމީދު ކުރެވުނު ވަރަށްވުރެ މިބަޔާން ރަނގަޅެވެ.

21 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. ޖަލުތެރެއިން މަޢުލޫމާތު ލިބުނުގޮތުގައި މ.މާނެލް މޮހޮޖާއި މޮހޮޖްގެ ކޮއްކޮ ޙުސައިން އާއި އެލީނާ އަޙްމަދު ޢައްބާސް، ދޮންބިއާއި އެހެންބައެއް ގައިދީންގެ ބަޔާންތައް ވަނީނަގާ ނިމިފައެވެ. އަސްލު، 4 ކޮޕީގައި ސޮއިކުރުވާ ނިންމާފައެވެ. މިއަދު މެންދުރެއްހާއިރު ކުއްލިއަކަށް ފެނުނީ ކޮންމެ ގޮޅިއެއްގެ ކުރިމަތީގައި ސިފައިންގެ ބޭކަލަކު އައިސް ހުއްޓުނުތަނެވެ. ގޮޅިތެރޭގައި ބަންދުގައި ހުންނަމީހާގެ ހުރިހާ ހަރަކާތްތައް ބަލަމުން ގެންދިޔައެވެ. އެއަށްފަހު މާގިނައިރު ތަކެއް ނުކޮށް، ސިފައިންގެ ބޮޑުގްރޫޕެއް އައިސް ޖަލުތެރެއަށް ވަދެއްޖެއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ޝަމީމާއި ޝާމީއާއި ޝާޠިޙާއި ޢަލީ އަޙްމަދު މެންކަހަލަ ބޭކަލުންނެވެ. ތަޙްޤީޤުގައި އުޅުއްވާ ބޭކަލުންނެވެ. މިގްރޫޕް ދެބަޔަކަށް ބެހިލާފައި ދެކޮޅުން ގޮޅިތަކަށް ވަންނަވަން ފެއްޓީއެވެ. ހުރިހާގޮޅި ތަކަށް ވެސް ވެންނެވިއެވެ. މިހާހިސާބުން މިފެށުނީ ވަރުގަދަ ރޭޑެއްކަން އަޅުގަނޑު މެންނަށް އޮޅުންފިލައި ފިއެވެ. ހުރިހާގޮޅިއެއް ފާސްކޮށްބަލާ ޗެކްކުރަނީއެވެ. ޑޮކްޓަރ ޙުސައިންގެ ގޮޅިން ފޮތަކާއި ޤަލަމެއް ފެނުނެވެ. މިއީ ޑޮކްޓަރ ޙުސައިން ވިދާޅުވާ ގޮތުގައި ލޭޑީ އިބްރާހީމް މަނިކު އޭނާއަށް ދެއްވި އެއްޗެކެވެ. މިޤަލަމާއި ފޮތް ބޭނުންކޮށްގެން ޑޮކްޓަރ ޙުސައިން ލިޔެފައިހުރި ނޯޓުތަކެއް އެގޮޅިން އަތުލައިގެން ގެންދިޔައެވެ. ޖެޏީއާއި ސަންދާން ނިސްރީން، ނިއްނި އައި މިދެމީހުން ތިބެނީ އެއްގޮޅިއަކަށް ލާފައެވެ. ޖެނީއާއި ނިއްނިއާ ދެމީހުންވެގެން ލިޔެތައްޔާރު ކޮށްފައިއޮތް ކޮމިކެއް އަތުލައިގެން ގެންދިޔައެވެ. އަދި ގޮޅިން ބޭރުގައި އެކަރުދާސްތައް ފޮޓޯނަގާ ހެދިތަން ފެނުނެވެ. ޖެނީމެންނަށް ޤަލަން ލިބުނުގޮތެއް ނޭނގެއެވެ. ހީވަނީ ލޭޑީ ދީގެން އުޅެނީ ހެންނެވެ. ޖެނީމެން ވަރަށް ގިނައިން ބޭރަށް ނެރޭތަން ފެނިގެން އަހާލީމާ ލޭޑީ ވިދާޅުވަނީ، އެބޭފުޅުން ވައިޖައްސާލާއި ސިގިރޭޓް ބޯލަން ނެރެދެނީ ކަމަށެވެ. އެމީހުންތިބޭނީ ފެންނަ ހިސާބުގައި ޖަލުއޮފީސް ކުރިމަތީގައި ކަމަށް ބުނެދިނެވެ. ފުރަހަނި ޝަޢައިބު ގޮޅިން ޤަލަމަކާއި އޭނާ ގެއަށް ލިޔަންފަށާފައިވާ ސިޓީއެއް ފެނުނެވެ. ޝުޢައިބު ހުންނަވާގޮޅި ހުންނަނީ އަޅުގަނޑުގެ ގޮޅިއާ ޖެހިގެންނެވެ. ލޭޑީ މެން ޖަލުތެރެއަށް ޤަލަމާއި ކަރުދާސްދެނީ ޖާސޫސު ކުރުމުގެ ބޭނުމުގައެވެ. ރަނގަޅަށް ވިއްޔާމިރޭޑް ކުރުން އޮންނާނީ ކުރިންރާވާފައެވެ. އެހެންނޫނަސް މިބުރުގައި ލޭޑީ އިބްރާހީމް މަނިކު އުޅުއްވީ އަޅުގަނޑުމެންނާ ވަރަށްގާތްކޮށެވެ. އަޅުގަނޑު މެންނަށް ހަމްދަރުދީ ވެއެވެ. އަދި ސައްޕެގެ ބްލޮގް ކަމުގައިވާ ޑޫގައި ޝާއިޢު ކުރުމަށް، އިނގިރޭސި ވިލާތަށް ބައެއްސިއްރު ޚަބަރުތައް ފޮނުވައިދޭ ކަމުގެ ޝައްކު ލޭޑީގެ މައްޗަށް ކުރެވުނެވެ. އަޅުގަނޑުހުރި ގޮޅިއަށްވަނީ، ޝަމީމު އިސްކޮށް ހުންނެވި ޓީމެވެ. އަޅުގަނޑު އަނދެގެންހުރި މުންޑު މޮހެލައިގެން އެތެރެއާއެކު ބެއްޔެވެ. މީނާއަކީ އޮރިޔާން ބަލާހިތުން އިޅޭބޭކަލެކެވެ. ފާޚާނާ ތެރެއާއި ހުރިހާތަނެއް ޗެކްކުރިއެވެ. އަންނައޫނާއި ގެންގުޅޭ ދަބަހާއި ބާލީހާއި ގޮދަޑި ރަނަގަޅަށް ބެއްޔެވެ. އެހެނަސް އަޅުގަނޑު އަތުން އެއްވެސް އެއްޗެއް ނުފެނެއެވެ. އަޅުގަނޑު ޗެކްކުރިލެއް ބޮޑުކަމުން ވަރަށް ރުޅިއައެވެ. އެހެނަސް އެމީހުންނާ ދެބަސްވާކަށް ނުހަދަމެވެ. ކުރަން ބޭނުންކަމެއް ކުރުމަށްހުރީ ރީތިކޮށް ދައްކައި ގެންނެވެ. ހަށިގަނޑުގެ ވެސް ބަލާހެދިއެވެ. މިބޭކަލުން ޝައްކު ކޮށްގެން އުޅުނީ، އަޅުގަނޑު މެންނަށް މާލޭގައި ހިނގާކަންތައް ދުވަހުންދުވަހަށް ރީތިކޮށް އެނގޭތީ، މޯބައިލް ފޯންފަދަ ތަކެތިގޮޅި ތެރޭގައި ގެންގުޅެނީ ކަމަށެވެ. ބޭރުން ވަޑައި ގެންނެވި ބޭފުޅުންނާ އަޅުގަނޑުމެންނާ ދެމެދުހިނގި ބައްދަލުވުން ތަކުގައި އަޅުގަނޑު މެންނަށް މާލޭގައި ހިނގަމުންދާ ހުރިހާކަމެއް އެނގޭކަން ސިފައިނަށް ވަނީރީތިކޮށް އޮޅުންފިލާފައެވެ. އަޅުގަނޑުމެން ދައްކާވާހަކަތައް އަޑުއަހަން އަބަދުﷲ ތިޔާޒުމެން ތިއްބަވާތީ މިކަން އެނގެނީއެވެ. މާލޭގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތައް ވެސް އަޅުގަނޑު މެންނަށް އެނގިފައި އޮތުމުން މިފަދަ ޝައްކުތައް ކުރީއެވެ. އެހެނަސް މިރޭޑުން އެފަދަ އެއްވެސް އެއްޗެއް އަޅުގަނޑު މެންގެ އަތަކުން ނުފެނުނެވެ. ފެނުނީ މުޅިންވެސް ޤަލަމާއި ކަރުދާހެވެ. އެއީ ޖަލުއޮފީހުން ދީފައިހުރި ތަކެއްޗެވެ. މިއަދަކީ ވަރަށް ވިއްސާރަ އަދި ވައިބާރު ދުވަހެކެވެ. ބައެއްފަހަރު ވައިރޯޅިތެރޭގައި ރުށްތައްހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ. ވިދާގުގުރި ވެސް ޖަހައެވެ. ރޭޑްތެރޭގައި ސިފައިންނާއި ފުލުހުން އުޅުނީ ވިއްސާރަކޯޓާއި ކުޑަބޭނުން ކޮށްގެންނެވެ. އިރުއޮއްސުމުގެ ކުރިން ހުރިހާ ގޮޅިއެއް ޗެކްކޮށް ނިންމާލެއްވިއެވެ. އަދި ޖަލުތެރެއިން އެމީހުންތައް ނުކުތެވެ.

22 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ބޭފުޅުން ޖަލަށް ވަޑައިގެން ނެވިއެވެ. މިއީ އެބޭފުޅުންގެ ދެވަނަ ބުރެވެ. މިބައްދަލުވުން ބޭއްވީ ފަހަރަކު މީހަކުނެރެގެން އުނދޯލިގޭގައި ބައްދަލު ކުރަމުން ގެންދާ ގޮތަށެވެ. ވަޑައިގެން ތިއްބެވީ އެކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއާއި އެކޮމިޝަނުގެ މެމްބަރުން ކަމުގައިވާ، މަޑުލު ވަޙީދާއި ޑޮކްޓަރ ފާޠިމަތް ޝަފްޤާއާއި މުޢްތަޞިމް ޢަދްދާނެވެ. ސިފައިންނާއި ފުލުހުންގެ ތެރެއިން މިއަދު އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. އެހެންބޭފުލަކު ނެތެވެ. ލޭޑީ އަރިހުގައި މިހާރަކަށް އައިސް އަޅުގަނޑު މެންނަށް މަނާކަމެއް ނޯވެއެވެ. ވަރަށް ލުއިތައް ދީފައި އޮވެއެވެ. ތަކުރާރުކޮށް ކޮންމެދުވަހަކު ދަށްކަންޖެހެނީ އެއްވާހަކަ އެކެވެ. މިއަދު ވެސް ވަރަށްގިނަ ވާހަކަ ދެއްކީމެވެ. އަޅުގަނޑު މެންނަށް ކަމެއްނުކޮށް ދެވުނަސް ތިޔަބޭފުޅުން އަވަސް އަވަހަށް ޖަލަށް ވަޑައިގެން އަޅުގަނޑުމެންގެ ޙާލުއަޙްވާލް ބައްލަވާތީ ވަރަށް ހިތްހަމަ ޖެހެއެވެ. މިތިއްބެވި ލޭޑީ މެން، އަޅުގަނޑުމެން ޖަލުގެގޮޅިން ނެރެނީ، ތިޔަގޮތަށް އަޅުގަނޑު މެންނާ ބައްދަލުވާން ބޭފުޅުން ވަޑައި ގަތުމުންނެވެ. އެހެންނުނީ ތިބެންޖެހެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ޓޯޗާގައެވެ. އަނިޔާގައި ތަޅުލެވިފައެވެ. ޖައްވާއި މޫދު ފެންނަގޮތަށް މިއުނދޯލިގެއަށް ގެންނާތީ ހިތްހަމަ ޖެހެއެވެ. ހިނގާލާހެދެއެވެ. ދަންނަވަން ތޯއެވެ. އަދިވެސް ކިޔާލާނެ މަޖައްލާއެއް ޤަލަމެއް ފޮތެއް ރޭޑިޔޯއެއް ނުލިބެއެވެ. ކުރީދުވަހު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާހިސާބެއް ގައިތޯ ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މުޖްތަބާ ވިދާޅުވިއެވެ. އަދި މިއަދު މިއައީ ކުރީގެ ބައްދަލުވުމަށް މަހެއްހަމަވުމުން މަހަކުއެއްފަހަރު ޖަލަށް ޒިޔާރަތް ކުރުމުގެ ގޮތުންނޭ ވިދާޅުވިއެވެ. ދެން އޭގެޖަވާބުގައި ތިބޭފުޅުންނަށް މާބޮޑުކަމެއް ނުކޮށްދެންނެވޭނޭ ދެންނެވީމެވެ. އަދި މިޖަލުގައި އަޅުގަނޑަށް އަނިޔާކުރި މައްސަލަވެސް އަދި ސަރުކާރުގެ ވަޒީފާއިން ކަނޑާލި ކަންތައްވެސް ރައީސް މައުމޫނުގެ ސަރުކާރު ދެމިއޮއްހާ ދުވަކު ތިޔަބޭފުޅުންނަށް ނުބެލޭނެއޭ ދެންނެވީމެވެ. މައްސަލަތައް ނުބެއްލެވުނަސް ތިޔަބޭފުޅުންގެ ކޮމިޝަނުގެ ނަމުގައި އަޅުގަނޑު މެންމިދައްކާ ވާހަކަތައް ބޭރުދުނިޔެއާ ހަމައަށް ވާސިލްކޮށް ދެއްވަނިކޮށް އެކޮށްދެވެނީ ބޮޑުމަސައްކަތެއް ކަމުގައި ދެކޭނަމޭ ދެންނެވީމެވެ. ޙަޤީޤަތުގައި ތިޔަކޮމިޝަނުގެ މަޤްޞަދަކީ ވެސް އެއީއެވެ. އަދިވެސް ބައިވަރު ވާހަކަތައް ދެންނެވީމެވެ. މުޖްތަބާ އަޑުއައްސަވަން އިންނެވިއެވެ. އަޅުގަނޑު މިފަހަރު ޖަލަށްލާފައި މިހިރީ ފަސްވަނަ ބުރަށްކަމުގައި ދެންނެވީމެވެ. މާލެތެރޭގައި ސިޔާސީ ކަމެއް ހިނގާއިރަށް އަޅުގަނޑު ގެނެސް ހައްޔަރުކުރެއެވެ. މިސަރުކާރަށް ހީވެފައި އޮންނަނީ ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަންވެގެން އަޅުގަނޑު މަސައްކަތް ކުރަނީކަމަށެވެ. ފުރަތަމަ ފަހަރު ޖަލަށްލާއި އަނިޔާކުރީ އެފްޕީއައިޑީގެ މަޝަހޫރު ޚިޔާނާތާގުޅިގެން، ޖަލުގައި ބަންދުކުރެވުނު ސަޓޯ ދޫނިދޫގައި ގާނޫނީ ބަންދެއްގައި ހުންނަވަނިކޮށް އެންދެރިމާގޭ އިލްޔާސް ޑިފެންސްގެ އިސް ވެރިއަކަށް ހުންނަވައިގެން ސަޓޯއާ ކޯޑްލެސް ފޯނަކުން ދެއްކެވި ވާހަކަތައް އާންމުކޮށްގެން އެމައްސަލާގައެވެ. ދެން އަޅުގަނޑު ޖަލަށްލީ މުޖްތަބާއާއި މުޖްތަބާގެ އަނބިކަނބަލުންނާއި ބޯގަންވިލާ އިސްމާޢީލް ނަސީރާއި އެހެންބައެއް ދިވެހިންގެގަޔަށް އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރަކުން ތިޔަބޭފުޅުން މަޢުޞޫމް ހޮސްޓެޖުންގެ ގޮތުގައި ހައްޔަރުވެފައި ތިއްބެވި ޕްރޮގެސްލައިޓް، ބައިނަލް އަޤްވާމީ ކަނޑުގައި އިންދާ، ބަޑިޖަހާއި ތިޔަބޭފުޅުގެ ފުރާނަ ނެތިގެން ދިއަޔަސް ހެޔޮކަމަށް ފައްތާލީ ދިވެހިސަފައިން އިންޑިޔާ މަނަވަރު، ގޯދާވަރީގައި ދުރުމި އަޅައިގެން ބަލަންތިއްބާއޭ ބުނެގެންނެވެ. އަދި ގޯދާވަރީގައި، އާދަމްޒާހިރާއެކު ފަސް ދިވެހި ސިފައިންތިބި ކަމާއި މަނަވަރުގެ ބޮޑެތި ބަޑިތަކުން ތިޔަބޭފުޅުންގެ ހަށިކޮޅަށާއެކު ވަޒަން އަރާގޮތަށް ބަޑިޖެހީ، ދިވެހި ސަިފައިން އެކަމަށް ރަސްމީކޮށް ހުއްދަދީގެންނޭ ބުނެގެންނެވެ. އަދި ދިވެހި ސިފައިން ގޯދާވަރީ މަނަވަރަށް ގެންދަންޖެހުނީ މިހުއްދަދިނީ ދިވެހިންކަމުގައި ރަސްމީކޮށް ބާއްވަން ވެގެންނޭ ބުނެގެންނެވެ. ދުވަހެއްގެ ކޮޅުން ވެސް ތިޔަދެމަފިރިންނާއި އިސްމާޢީލް ނަސީރު ބައިނަލް އަޤްވާމީ ކޯޓެއްގައި ދައުވާ ކޮށްފިއްޔާ އެދުވަހަކުން އެކަމުގެ ޒިންމާ ދިވެހި ސިފައިންގެ ބޮލުގައި އިންޑިޔާއިން އަޅުވާނެއެވެ. އަދި ދިވެހިންގެ ބަޔަކު، ޕްރޮގްރެސް ލައިޓްގައި މަރާލީ އެވަޒަންތަކުންނޭ ބުނެގެންނެވެ. ހައިޖެކްކުރި މީހުން މަރާލީ އެންމެ ދިވެއްސެކެވެ. އެކަންވީގޮތާއި މުޖްތަބާ ނެދުވެރިވެގެން ދެކެވެމުން ދިޔަ ވާހަތަކުން އަޅުގަނޑަށްވުރެ މާރަނގަޅަށް މުޖްތަބާއަށް އެނގިޗލައްވާނެއެވެ. ރައްޔިތުންގެ މުދާގަނޑެއް ކަމުގައިވާ އާގުބޯޓަކާއި މުދާތަކެއް މާސިންގާ ކަނޑަށް ފައްތާލީ ބައެއްގެ ފަރާތުން ހުއްދަހޯދާފައެވެ. އެއީ އިންޑިޔާ ސަރުކާރުން ކުރިއަމުރަކަށް ކުރިކަމެއް ނޫނެވެ. މަރުވިމީހުންގެ އާޢިލާތަކަށް އެޙާދިޘާގެ ޙަޤީޤަތްތައް އަދިވެސް އޮޅުމެއް ނުފިލައެވެ. އަޅުގަނޑު އެމައްސަލަ އަލުން ބަލަންޖެހޭނެއޭ ބުނީމާ ގެނެސް ޖަލަށްލީއެވެ. އަނިޔާކުރީއެވެ. މިއަދު މިނިކުފާނު ތިޔަވަޑައި ގަންނަވަނީ ޖަލުގެ އަނިޔާތަށް ބައްލަވާށެވެ. މިއަދު މަނިކުފާނުގެ އެދުވަސް ހިތުތެރެއަށް ގެންނަވާށެވެ! ގޯދާވަރީގެ ހައިންޗީގެ ބޮޑެތިވަޒަންތައް ވާރޭވެހޭހެން ބުރުއްސަމުން ގެންދިޔަ އަނިޔާވެރި މަންޒަރާއި އެވަޒަންތަކުގެ އަމާޒަކަށް ވެގެންދިޔަ ހަދާންތައް ހަނދުމަފުޅުގައި އެބަހުރިތޯ ދަންނަވާލަން ޖެހެއެވެ. އެދުވަހު ތިޔަބޭފުޅާގެ ޙައްޤުގައި މަޒްމޫނެއް ލިޔެގެން އަޅުގަނޑަށް އަނިޔާކުރީ މިޖަލުގައެވެ. މިގޮޅިތަކުގައެވެ. އަޅުގަނޑުގެ އެމަޒްމޫނު ހޯއްދަވައިގެން މުޖްތަބާ ވިދާޅުވާށެވެ. އަޅުގަނޑު ލިޔުނު އެއްޗެއްގެ ޚުލާޞާއަކީ، އެމައްސަލަ އިތުރަށް ތަޙްޤީޤުކޮށް ރައްޔިތުންނަށް އެންމެއަޑި އެނގޭގޮތަށް މިނިވަން ކޮމިޝަނަކުން ބަލަންޖެހޭނެ ވާހަކައެވެ. މިހާރު މިއޮތްގޮތަށް ތާރީޚުތެރެއަށް ވަދެވަޅުޖެހި ދިޔަދީގެން ނުވާނެ ވާހަކައެވެ. އަޅުގަނޑުގެ އެމަޒްމޫނު ތިޔަބޭފުޅާ ކޮންމެވެސް ދުވަހަކުން ކިޔުއްވަން ވާނެއެވެ. އަޅުގަނޑު ސަލާމަތްވީ ދުވަހަކުން، ﷲ އިރާދަ ކުރެއްވިއްޔާ ތިޔަބޭފުޅާއަށް އެމަޒްމޫނުގެ ކޮޕީއެއް އަރުވާނަމެވެ. މިމަޒްމޫނު އަޅުގަނޑުގެ ސައިޓްގައި ފެންނަން އޮންނާނެއެވެ. އަޅުގަނޑު މެންނަށް އަނިޔާތައް ލިބުނީ ތިޔަބޭފުންގެ ފުރާނަނެތި ދިއަޔަސް ހެޔޮކަމަށް ތިޔަބޭފުޅުން ތިއްބެވި އާގުބޯޓު ފައްތާލިގޮތުގެ މިނިވަން ތަޙްޤީޤެއް ހަދަންޖެހޭނޭ ގޮވާލައި ގެންނެވެ. މިސަރުކާރުގައި އިންސާފުހުރި ވަރަކީ މިދެންނެވީއެވެ. އެބުރުގައިވެސް، 45 ދުވަހު ކުޑަގޮޅީގައި ހެސްކިޔާފައި އަޅުގަނޑަށް އަނިޔާކުރިއެވެ. އެކިފާޑުގެ ބިޑިންނާއި އަނދަގޮނޑިން އަނިޔާދެއްކިއެވެ. ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. އަދި ވެސް މިތިބީ ސީދާއަނިޔާ ގައެވެ. މިވާހަކަތައް އައްސަވާފައި މުޖްތަބާއަށް ވަރަށްބޮޑަށް އަސަރުކުރިކަން އެބޭފުޅާގެ މޫނުމަތިން ފާޅުވިއެވެ. ތަޙްޤީޤަށްނެރޭ ވަރަށްވުރެ ގިނައިން ތިޔަޒާތުގެ ޓީމުތަކާ އެބަ ބައްދަލު ކުރުވައެވެ. ޓީމަކަށްފަހު ޓީމެއް އެބައާދެއެވެ. ނަތީޖާ ރަނގަޅު ވެއްޖެނަމަ ކިތަންމެހާ ވެސް އުފަލެވެ. އެމެރިކާ އެމްބަސީގައި ދެވަނައަށް ހުންވާބޭފުޅާ ކަމުގައިވާ، މިސްޓަރ ޖޭމްސް މިތަނަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލު ކުރައްވައި ފިއެވެ. ތިޔަބޭފުޅުން ވެސް، އެބޭފުޅުން ހިންގަވާ މަގު ބައްލަވައިގެން، އަޅުގަނޑު މެންނަށް، ހެޔޮކަމެއް ކޮށްދެވޭތޯ ބައްލަވާށެވެ. ދަންނަވަން ތޯއެވެ! މިއަދަށް ދަންނަވަންހުރި ހުރިހާވާކަތައް ނިމުނީއޭ ދެންނެވީމާ، ސަލާމްގަލާމްކޮށް މިއަދުގެ ބައްދަލުވުން ނިންމާލީ ވަރަށް އަސަރާ އެކުގައެވެ. މުޖްތަބާ ހުންނެވީ މުޅިން މަޑުމޯޅި ވެފައެވެ. ދެން، ލޭޑީ އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން ލޭޑީ ހުންނެވީ ވަރަށް މަޖާވެފައެވެ. އަޅުގަނޑު ގޮވައިގެން އައިމަގުމަތީގައި ވަރަށް ވާހަކަ ދެއްކެވިއެވެ. އިލްޔާސް ބަރާބަރޭ ވިދާޅުވިއެވެ. ސަރުކާރަށް އަޅުގަނޑު ދަސްނުވިޔަސް ލޭޑީއަށް މިހާރު އަޅުގަނޑު ދަސްވީކަމުގައި ދެކުނީމެވެ. އަޅުގަނޑަކީ މީހުންނާ ޒާތީގޮތުން ދިމާކޮށްގެން އުޅޭމީހެއް ނޫނެވެ. ޒާތީޙަސަދަ ގެންގުޅޭ މީހެއްނޫނެވެ. ހިތަށް އަންނައެއްޗެއް ފާޅުގައި ބުނަމުން ގެންދާ ވަރަށް ސާދާ މީހެކެވެ. އަޅުގަނޑުގެ އެދުމަކީ ގައުމު އިސްލާޙު ވުމެވެ. އަބަދުވެސް ޙައްޤުބަސް ބުނުމެވެ. ހައްޤުގޮތް ދެމެހެއްޓުމެވެ.

23 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރަށް ދެއްކުމަށް ނެރުނެވެ. މިކަން ކުރެއްވީ މެޑިކްއަކަށް ހުންނަވާ ޝާޑްއެވެ. މިއަދު އިންނެވީ މުޅިންއާ ޑޮކްޓަރެކެވެ. އަލަށް ކިޔަވައިގެން ވަޑައިގެން ހުންނެވި، ޑޮކްޓަރ ޝަކީލެވެ. އަޅުގަނޑުގެ ލޭނަގައިގެން މާލެގެންގޮސް ތަޙްލީލުކޮށް ބަލާފައި ނަތީޖާ ލިބުނުއިރު ހުރީ، 198 ގައެވެ. ކުރިއަށްވުރެ ތަންކޮޅެއް މައްޗެވެ. އެހެނަސް ޑޮކްޓަރ ޝަކީލް ވިދާޅުވި ކަމަށް ޝާޑް ބުނުއްވީ އެންމެ ރަނގަޅު ކަމަށެވެ. ބޭސްކަމުން ގެންދާގޮތަށް ބޭސްކަމުން ގެންދިއުމަށެވެ. އިތުރަށް ދެހަތްފާގެ ބޭސް ގެނެސްދިނެވެ.

މިރޭ، 11:30 އެހާކަންހާއިރު ޖަލުން ފުރަތަމަޓީމު، މޮހޮޖާއި މޮހޮޖުގެ ކޮއްކޮ ޙުސައިންއާއި ދޮންބި، މާލެއަށް ގެންދިޔައެވެ. މިއީ އަޅުގަނޑަށް އެނގިގެން އަޅުގަނޑުމެންގެ ޓީމުން ފުރަތަމަ މާލެއަށް ގެންދިޔަ ގްރޫޕެވެ. 45 ދުވަސް ހަމަވާން ކައިރިވާތީ ތަޙްޤީޤު ނިންމާލަން ހިފީކަމުގައި ޤަބޫލު ކުރެވެއެވެ. މިރެއިން ފެށިގެން ވަރަށްބާރަށް ތަޙްޤީޤު ނުނިމިތިބި މީހުންގެ ބަޔާންތައް ނިންމުމުގެ މަސައްކަތް ހިނގައިގެންފިއެވެ. އިރުއިރުކޮޅާ މީހުންނެރޭތަން ފެނެއެވެ.

24 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރޭގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އަދި ވިލާޝިޕިން ޓްރޭޑިން ކޮމްޕެނީގެ ޗެއާމަން ޤާސިމް އިބްރާހީމަށް ޞިއްޙީގޮތުން މައްސަލަތަކެއް ކުރިމަތިވެ ވަޑައިގަތުމުގެ ސަބަބުން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައި މިއަދު ފަރުވާ ދޭންފެށިއެވެ. ޤާސިމުގެ ޙާލުކޮޅު ވަރަށް ދެރަކަމުގެ ޚަބަރުތައް ލިބުނެވެ. އަދި މާލޭގައި ޤާސިމު ދޫކޮށްލުން އެދި ވަރަށްގިނަ ބަޔަކު ހޮސްޕިޓަލް ދޮށަށް އެއްވެ މުޒާހަރާކޮށް، ހަޅޭލަވަމުން ގެންދިޔަކަމަށް ވެއެވެ.

25 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. “އޯގަސްޓް 12 ވަނަދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ” އިތުރު، 6 މީހަކު ހައްޔަރުކޮށް، 15 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސްއޮފީހުން މިއަދު ހާމަކުރިއެވެ. އަދި މިހާހިސާބަށް ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 207 މީހުންނެވެ. އަދި ބަންދުގައި ތިބީ، 62 މީހުންކަމަށް ބުނެއެވެ.

26 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއަދަށް، 45 ދުވަސް ހަމަވިއިރު، ތަޙްޤީޤުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށް ގެންދާތަން ފެނެއެވެ. ޑޮކްޓަރ ޙުސައިން ވަރަށް ގިނައިން ނެރޭތަން ފެނެއެވެ.

4 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 53 ވަނަ ދުވަހެވެ. މިދިޔަ، 7 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އެހެނަސް ގައިދީންތައް އެކިފަހަރު މަތިން ބޭރަށްނެރެ ބަޔާންތައް ފުރިހަމަކޮށް ނިންމާލަން އުޅޭކަހަލަ ކުލަވަރު ފެންނަމުން ދިޔައެވެ.

5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 54 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި، 5 ވަނަ ފަހަރަށް ތަޙްޤީޤަށް ނެރުނުދުވަހެވެ. މިއަދުގެ ސުވާލުތައް ބިނާވެފައިހުރީ، އަޅުގަނޑުގެ މޯބައިލުން ކޮށްފައިހުރި ފޯނުކޯލުތަކާ ގުޅިގެންނެވެ. މިބޭފުޅުން އަތުގައި ދިރާގުން އަތުލާފައިއޮތް ފޯނު ރީޑިންގްސްތައް އޮތެވެ. އެއަށް ބަލައިގެން ފަހަރަކު ކޯލަކާ ބެހޭގޮތުން ސުވާލުކުރަމުން ގެންދިޔައެވެ. މިކަރުދާހުގައި ދިރާގުގެ ލޯގޯއާއި ރަތްކުލައިން ހުރި، ލިޔުންތައް ފެންނަން ހުއްޓެވެ. ދެން ކަޅުހުކުރުގެ މޫވީތައް ދަށްކާފައި އެވެނި މިވެނި ތަނެއްގައި ހުރެގެން އެކުރަނީ ކީއްތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑުގެ ވަރަށްގިނަ ފޮޓޯތައް މިމީހުން އަތުގައި ހުއްޓެވެ. ގިނައިންހުރީ ފޯނުކުރަނި ކޮށާއި ފެންކޭސްތަކެއް ލޯރިއަކުން ބާލަނިކޮށާއި ރުމާލެއް ބޮލުގައި އަލައިގެން އުޅެނިކޮށް ނަގާފައިހުރި ފޮޓޯތަކެކެވެ. އަދި އެކިއެކި މަސައްކަތުގައި އުޅެނިކޮށް ނަގާފައިހުރި މަންޒަރުތަކެވެ. ތަޙްޤީޤުޓީމުގައި މިއަދު އިތުރުމީހުން ތިއްބެވިއެވެ. ނަވާޒުގެ އިތުރުން، ޝާމީއާއި ޝަމީމާއި ޓެކްނިކަލް ބޭކަލުން ސިފައިންގެ ތެރެއިން ތިއްބެވިއެވެ. މިއަދު މުޅިންވެސް ގެންދެވީ މިކަހަލަ ސުވާލުތަކެވެ. އެލިޔާ ޢަލީ ޢަބްދުﷲ (އަލިބެ) އާ، އަޅުގަނޑު ގުޅާފައިހުރި ކޯލްތަކާ ގުޅިގެން ވަރަށްބޮޑަށް ތަފްސީލްތައް އޮޅުން ފިލުވިއެވެ. ގުޅާފައިހުރި އަދަދުތަކާއި ވާހަކަދެއްކި ގަޑިއާއި ސުކުންތައް ދާންދެން އެބޭފުލުންނަށް ދިރާގުން ދީފައިހުއްޓެވެ. އެހެނަސް އަޑުތަކުގެ ރެކޯޑިންގ ނެތްކަން ތަޙްޤީޤު ގެންދެވިގޮތުން ޔަގީން ކުރެވުނެވެ. އަދި ޖުމްހޫރީ މައިދާނަށް ކާނާއާއި ފެންގެންދިއުމަށް ފައިސާހޯދުމަށް ވާހަކަދެއްކިންތޯ ތަކުރާރުކޮށް ސުވާލުކުރިއެވެ. ބައެއްކަންތަކަށް އިންކާރުކޮށް އަނެއްބައި ކަންތަކަށް އެއްބަސް ވީމެވެ. މިއަދު ރަފްބަޔާނެއް ލިޔުނެވެ. އެހެނަސް އެއަކު އަޅުގަނޑުގެ ސޮއި ނުކުރުވައެވެ.

މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް ޖަސްޓިސް މިނިސްޓަރީގެ ޓީމު، ޖަލަށް ޒިޔާރަތް ކުރިއެވެ. ފަހަރުގައި މެންދުރުން ފެށިގެން އުޅުއްވަނީ ކަމަށް ވެދާނެއެވެ. އަޅުގަނޑު އެމީހުންނާ ބައްދަލުވުމަށް ނެރުނުގަޑިއަކީ ހަވީރެވެ. މިބައްދަލުމުން އޮތީ އުނދޯލިގޭގައެވެ. މިޓީމުގައި ތިއްބެވީ، ތ.އަތޮޅު މެމްބަރު ޖީސަސް ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއާއި އިސްޤާޟީ އާދަމް ސަޢީދު މޫސާއާއި ޤާޟީ ޢަބްދުﷲ ޢަރީފެވެ. މިބައްދަލު ވުމުގައި ޖަލުގެފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއް ވާހަކަތަކެކެވެ. ޖަލުގައި، 54 ދުވަސްވީ އިރުވެސް އެއްވެސް ތަފާތެއް ނާންނަކަމާއި މިހާރުވެސް މިތިބެނީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ފުރިހަމަ އަނިޔާގައި ކަމަށް ދެންނެވީމެވެ. ތަޅަމުން ސިފައިންގެ މައިމަރުކަޒު ތެރެއަށް ގެންދިޔަ މަގުމަތީގައި ސިފައިންގެ ބޭކަލެއްގެ ދެއަތްތިލައިގެ ބަނޑުފުށުން ގޮށްމުއްކަވާފައި އަޅުގަނޑުގެ ބުރަކަށީގައި ހެސްކިޔާފައި އަޅުވާލި އެތިފަހަރުން ވެފައިވާ ތަދާގުޅިގެން ބުރަކަށްޓައި ދިމާލުން ރިބްސްތައް އައިސްމައި ބަދަައާ ގުޅުނުތަނުގައި، މައިބަދައާ އެކުގައި ތަދުއަރާއި ރިއްސާތީ ގިނަރޭރޭ ނުވެސް ނިދެއޭ ދެންނެވީމެވެ. ވިއްސާރަރޭރޭ މާބޮޑަށް ތަދުއަރައެވެ. ޖަލަށް ވަޑައިގެންނެވި ދެޑޮކްޓަރުވެސް ވިދާޅުވީ އެދިމާލުން ނާރެއްފިތޭތީ ވާގޮތެއް ކަމަށެވެ. މިއިންކަމެއް ތަޞައްވަރުކޮށް ލެއްވޭނީ ތިޔައިން ބޭފުޅަކަށް މިކަހަލަ ކަމެއް ދިމާވުމުންނެވެ. މިފަދަ ޙާލެއް ޖެހުމުންނެވެ. މީހަކު މިހެން އަދި ކިޔައިދިނަސް ނޭނގޭނެއެވެ. އަދި އޭގެއިތުރުން ދެފައި ދުޅަވެފައި ހުންނާތީ އެވާހަކަ ޑޮކްޓަރަށް ކިޔައިދިނުމުން ބައްލަވާފައި ވިދާޅުވީ ދެފައިދުޅަވެފައި އެވަނީ ބުރަކަށިން ފިތޭނާރުގެ ސަބަބުން ކަމަށެވެ. އަޅުގަނޑު އަނދެގެންހުރި މުންޑުގަނޑު ހިއްލާލާފައި ދެފައި މިބޭފުޅުންނަށް ދެއްކީމެވެ. އަދި ކޮނޑުގައިއިން ލަކުނާއި ކަނާއަތު ކަކުލުގައި އިންލަކުނު ވެސް ދެއްކީމެވެ. އަތްލާ ހަދާލުމަށް އެދުނީމެވެ. ޖީސަސް ޢަފީފު އިންނެވީ ވަރަށް މަޑުންނެވެ. އެއްގޮތަކަށް ވެސް ބަހެއްވިދާޅެއް ނުވެއެވެ. މަޑުމަޑުން އިންނެވީއެވެ. ވާހަދެއްކެވީ ހަމައެކަނި އާދަމް ސަޢީދެވެ. ދެން ތިއްބެވި ބޭފުޅުންވެސް މަޑުން ތިއްބެވީއެވެ. ބަހެއް ނުބުނުއްވައެވެ. ޢަރީފް ޤާޟީ ފެނުމުން ޢަރީފަށް ނިސްބަތްކޮށް އެއްޗެއް ދަންނަވަން ބޭމުމޭކިޔާފައި ޝައިޚް ފަރީދުގެ ޝަރީޢަތް ކުރެއްވި ދެދުވަހެއްގައި އަޅުގަނޑު، ގާޒި ޢަރީފު އެޝަރީޢަތް ކުރެއްވި އަޑުއަހަން ވަތްވާހަކަ އިތުރަށް ދެންނެވީމެވެ. އެއީ ޝައިޚް ފަރީދާއި އޭނާގެ ބައެއް އެކުވެރިންގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާއެކެވެ. މިދެދުވަހު ވެސްއޮތީ، އޭރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރެއްގެ ބަޔާނެއް އިއްވުމާއި އެބަޔާންނެގި ސިފައިންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަހާފައި، އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. ސިފައިން ހެކިބަސްދެއްވި ގޮތުން އެބަޔާނަކީ ޞައްޙައެއްޗަކަށް ނުވެއެވެ. އެދުވަހު އަޑުއަހަންވަދެ ތިއްބެވި، 12 ވަރަކަށް ބޭފުޅުންވެސް މިވާހަކައަށް އިއްތިފާގުވިއެވެ. އެހާފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް، މިހާދިގު ލައިގެން ގޮސްފައި ވާތީއެވެ. އެކުއްޖާ ބޮޑުމީހަކަށްވެ އޭރުސްކޫލް ނުނިމޭކަމެއް ވެސް ނޭނގެއެވެ. އިއްޒަތްތެރި ޤާޟީގެ ގޮނޑިކޮޅުގައި ޢަރީފުގެ ބަދަލުގައި އެދުވަހު އަޅުގަނޑު އިންނަމަ، ކަންކުރާނެ ގޮތަކީމިއެވެ. މިހާހިސާބުން ފާޅުވެއެނގުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، އެހެކިތަކަށް ރިޢާޔަތްކޮށް ކިޔަވާ ކުއްޖާއަތުން ހޯދާފައިވާ ތަޙްޤީޤީ ބަޔާނަކީ ބާޠިލު އިޢުތިރާފެއް ކަމުގައި ޙުކުމްކޮށް، ނިޔާކަނޑަ އެޅުމަށް ފަހު، މައްސަލަ ނިންމާއި އެޤަޟިއްޔާ ކޯޓުންބޭރު ކޮށްލައި ނިންމާ ލާނީއެވެ. މިކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ކަރުދާސްކޮށް ދިގުދެމިގެން ދިޔައިމާ ބަދުނާމުވާނީ ދައުލަތެވެ. ޢަދުލް އިންޞާފުގެ ދާއިރާއެވެ. ޝައިޚް ފަރީދު ބިރުދައްކަން ކަރުދާސްކުރާ ދައުވާއެއްކަން ރީތިކޮށް ސާބިތުވެއެވެ. ކިޔަވައިގެން ތިއްބަވާ ޖަޖުން ސަރުކާރަށް މިކަހަލަ މުޑުދާރު ފުރުސަތުތައް ދީގެން ނުވާނެއެވެ. ޤާޟީ ޢަފީރު އެއްވެސްކަހަލަ ބަސްފުޅެއް ވިދާޅުނުވެ އަޑުއައްސަވަން އިންނެވީއެވެ. ވަރަށް ސީރިއަސްކޮށް ފިކުރުކުރެއް ވުމުގައި އިންނެވީއެވެ. ޖަލަށްވުރެކުރިން، ޖަސްޓިސްގެ ދާއިރާ އިސްލާޙުކުރަން ޖެހޭކަމަށް ބާރުއަލައި އިރުކޮޅަކު ވާހަކަދައްކާ ލުމަށްފަހު، މިބައްދަލުވުން ނިންމާލީއެވެ. ނިންމާލަމުން ޢަފީފުއަރިހުގައި ގޭމީހުންނަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. ޢަފީފުމެންނާއި އަޅުގަނޑު މެންނާ ދެމެދު ތ.އަތޮޅު މީޙުންނަށްވާތީ ޢާއިލީގުޅުން ކޮންމެވެސް ވަރަކަށް އޮވެއެވެ.

މިއަދަކީ ޖަލުގައި، 54 ދުވަސް ވުމަށް ފަހު، ގޮޅިގެ ދޮރުތަޅުނުލާ ގޮތަށް ހަމަޖައްސައި ދެއްވިދުވަހެވެ. ހިނގާދިޔަ ބައްދަލުވުން ނިމިގެން އަޅުގަނޑު ގޮޅިއަށް ލާފައި ލޭޑީ ވަޑައިގަތީ ގޮޅީގެ ދޮރުހުޅުވާލަ ދީފައެވެ. މިކަމަށް ލޭޑީއަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިލިބުނީ މާސިންގާބޮޑު މިނިވަން ކަމެކެވެ. މިއަށްފަހު އެއްގޮތަކަށް ވެސް ގޮޅީގެ ދޮރުތަޅެއް ނުލައެވެ. އެހެނަސް ރޭގަނޑު، 12 ޖެހުމުން ގާޑުއައިސް ދޮރުލައްޕާ ލައެވެ. ހެދުނު ވުމުން އަމިއްލައަށް ހުޅުވާލަނީއެވެ. މީގެކުރިން ހުޅުވާފައި ހުންނަނީ، އިބުރާގެ ގޮޅިއާއި އަބުޖީގެ ގޮޅީގެ ދޮރެވެ. އަބުޖީ ބުނުއްވީ އެގޮޅީގެ ދޮރުހުޅުވައި ދިނީ ޑޮކްޓަރ ޝަކީލް ވިދާޅުވެގެން ކަމަށެވެ. ގޮޅީގެދޮރު ހުޅުވުމުން އަޅުގަނޑު ވަރަށް ބޮޑަށް އުފާވިއެވެ. އުޑުމަތި ބަލާލައި ގޮޅީގެ ބެލްކަނި ތަޅުންކޮޅުގައި ސަރަންފީ ގޮނޑި ބަހައްޓައިގެން އިށީދެލާ ހެދެއެވެ. އަދި އެތަޅުންކޮޅު މަތީގައި ކަސްރަތުކޮށް ހެދެއެވެ. ހުޅުވާލެއްޕޭ ސަރަންފީ ގޮނޑިއަކީ އަޅުގަނޑު އެދުމުން، ލޭޑީ ގެނެސްދެއްވި ސަރަންފީ ގޮނޑިއެކެވެ. އަދި ގޮޅީގައި ހުންނަ ކުޑަމޭޒުނެރެގެން އެތަޅުންކޮޅުގައި މޭޒުބޭނުންކޮށް ކައިބޮއި ހެދެއެވެ. އަދި ހަމަ ވަގުތުކޮޅެއްލިބޭ އިރަށް ކައިރީގައި ދެފަރާތުން ހުންނަ ދެގޮޅީއަށް ޒިޔާރަތް ކޮށްލާހަދަމެވެ. ވާއަތްފަރާތުގައި ހުންނެވީ ފުރަހަނި ޝުޢައިބެވެ. ޝުޢައިބަށް އަޅުގަނޑަށް ގެންނަ ޚާއްސަ ކާނާއިން ކޮންމެފަހަރަކު ވެސް ބައިއަޅަމެވެ. ޑައިބެޓިކް މީހަކަށްވާތީ، އަޅުގަނޑަށް ގެނެސްދެނީ ޚާއްސަ ކޮއްތެވެ. ސިފައިންގެ އޮފިސަރުންގެ ކޮއްތެވެ. މޭވާއާއި ކޮފީ ލިބެއެވެ.

6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 55 ވަނަ ދުވަހެވެ. އަޅުގަނޑުގެ ޖަލުގެ ޙަޔާތުގައި މިއަދަކީ އެންމެބޮޑު ދުވަހެވެ. މީގެފަހުންވެސް މިވަރުގެ ދުވަހެއް ނާންނާނެއެވެ. ހެދުނު ސަޔަށްފަހު، ގޮޅީގައި އިންދައި ޖަލުއޮފީހުން އޮފިސަރަކު ދުރުވެ އެންގީ، ބޭރުމީހަކާ ބައްދަލުވާން ބޭރަށް ނުކުންނަން ޖެހޭތީ ތައްޔާރު ވެލައިގެން ހުރުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ބަލާއަންނާނެ ކަމަށެވެ. އަތުގައިއޮތް ޖީންސާއި ޓީޝާރޓް ލައިގެން ތައްޔާރަށް އިންދައި މެންދުރުވުމުގެ ކުރިން ބަލާއައުމުން، ނުކުތްއިރު ދޫނިދޫޖަލުގެ އުނދޯލިގޭ ސޯފާގައި އިންނެވީ ދުނިޔޭގެ އެންމެވަރުގަދަ އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ، އިއްޒަތްތެރި ސަފީރާއި އޭނާގެ އަންހެން ސެކްރެޓަރީއެވެ. އަޅުގަނޑު އެބޭފުޅުންނާ އަރާހަމަވުމުން ސަލާމްޤަލާމްކޮށް ތަޢާރުފް ވުމަށްފަހު، ސޯފާގައި އިށީނީއެވެ. ވަރަށްބޮޑަށް ހިތްހަމަޖެހި އުފާވި ހިނދުކޮޅެވެ. ސިފައިންނާއި ފުލުހުންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. މީނާވެސް ސަލާމްކޮށް ލުމަށް ފަހު، އަޑުއިވޭ ހިސާބުގައި އިށީންނެވީ މިއަދުވެސް ތަޙްޤީޤުގެ ވާހަކައެއް ނުދެއްކޭނޭ ވިދާޅުވެފައެވެ. އަދި އެއްމިނެޓްގެ ވަގުތުކޮޅެއް ސަފީރާއެކު އެކަހެރިކޮށް ވާހަކަދައްކާލަން އިލްޔާސަށް ފަހުގެ ވަގުތެއްގައި ލިބޭނެއޭ، ޢަބްދުﷲ ރިޔާޒު ވިދާޅުވެފައި ތިޔަބޭފުޅުންގެ ވާހަކަތައް ކުރިޔަށް ގެންދަވާށޭ ކިޔާފަ އިޝާރާތްކޮށް ލެއްވިއެވެ. ދެން އަޅުގަނޑު އިއްޒަތްތެރި ސަފީރާއެކު ވާހަކަތައް ފެއްޓީ އަމިއްލައަށެވެ. ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން ތަރްޖަމާނަކާ ނުލައެވެ. އަޅުގަނޑުގެ އިނގިރޭސި ބަރާބަރަށް އެދެބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައި ގަންނަވައެވެ. ބޭނުންވި ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދެކެވުނެވެ. އަޅުގަނޑުގެ ތަޢާރުފެއް އަމިއްލައަށް އެރުވުމަށް ފަހު، ސިޔާސީ ވާހަކަތައް ކުރިޔަށް ގެނަދަން ފެށީމެވެ. މަނިކުފާނުގެ ޑެޕިއުޓީ، މިސްޓަރ ޖޭމްސްއާ، އަޅުގަނޑާ މިޖަލުން ބައްދަލުވި ދުވަހު، ވަރަށް ތަފްސީލުކޮށް އަޅުގަނޑަށްކުރި އަނިޔާތަކާއި ކަޅުހުކުރުގެ މުޅިމިޙާދިޘާ އެކުގައި ހިނގާދިޔަ ގޮތްވާނީ ކިޔައިދީފައެވެ. އަދި މިސްޓަރ ޖޭމްސްގެ ވިޒިޓިންކާޑު އަޅުގަނޑަށް ދީފައި މިނިވަންވުމުން ލަންކާއަށް ގޮސް އޭނާއާ ބައްދަލުކުރުމަށް އެދުނުވާހަކަ ވެސް ދެންނެވީމެވެ. އަދި އީޔޫން އަޅުގަނޑާ ބައްދަލުކުރި މަތީފެންވަރުގެ ޓީމަށްވެސް މިހުރިހާ ވާހަކަތަކެއްވާނީ ވަރަށް ފުރިހަމައަށް ކިޔައިދީފައި ކަމަށް ދެންނެވީމެވެ. އޭގެ ޖަވާބުގައި ސަފީރު ވިދާޅުވިއެވެ. މިސްޓަރ ޖޭމްސް ހުރިހާ ވާހަކަތަކެއްވަނީ ކިޔައިދީފައެވެ. އަދި އދ.މެންބަރުގެ މެސެޖެއް ތިމަންނާއަށް ލިބުނުކަމަށް ވިދާޅުވިއެވެ. އިޔޫ ޓީމުގައި އިސްކޮށް ހުންނެވި ބޭފުޅާ ދަންނަކަމަށާއި އޭނާއާބައްދަލު ވިކަމަށް ވިދާޅުވިއެވެ. ތިމަންނާއަށް ހުރިހާކަމެއް ވަރަށް އަޕްޑޭޓްކަމަށް ވިދާޅުވިއެވެ. ތިމަންނާ މިއައީ ތިޔައިއްޒަތްތެރި މެމްބަރުންގެ ޙާލުބަލާލައި ހިއްވަރު ދިނުމުގެ ގޮތުންނޭ ވިދާޅުވިއެވެ. ތިމަންމެން ވެސް އީޔޫއާ ގުޅިގެންނާއި ވަކިންވެސް ކުރެވެންހުރި މަސައްކަތްތައް މިގެންދަނީ ކުރަމުންކަމަށް ވިދާޅުވެ ދެއްވިއެވެ. ރާއްޖޭގައި ހިންގާފައިއޮތް ކުއްލި ނުރައްކަލުގެ ޙާލަތު ވިހާއަވަހަށް ނެގުމަށާއި ހިފޭއްޓިފައިހުރި ޙައްޤުތައް ވީއްލައި ދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް މިގެންދަނީ އަޅުއްވަމުން ކަމަށް ވިދާޅުވިއެވެ. އަދި މިމަހު، 12 ވަނަދުވަހު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް ހުރިހާމެމްބަރުން ހަމަކޮށް ތިބެގެން ބޭއްވޭތޯ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މިގެންދަނީ އަޅުއްވަމުން ކަމުގައި ވިދާޅުވިއެވެ. އެޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި މާދަމާ ރައީސް މައުމޫނާ ބައްދަލު ކުރައްވައި މެދުކެނޑިފައިވާ ޖަލްސާތައް ކުރިޔަށް ގެންގޮސް އަވަހަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ފެށޭތޯ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވަރަށް އިސް ބޭފުޅެއް ކަމުގައިވާ، މިސްޓަރ އައްބާސް މިއަންނަ ވީކްގައި މާލެދުރުވާނެ ކަމަށް ވިދާޅުވިއެވެ. އޭނާއާ ތިޔަބޭފުޅާއާ ބައްދަލުވާނީ މާލޭގައިކަމަށް ވަރަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ދަންނަވަންހުރި ގިނަވާހަކަތަކުގެ ޖަވާބު ސީދާކޮށް ލިބުމުން، އިއްޒަތްތެރި ސަފީރު އިންނެވީ ފުރިހަމައަށް ހުރިހާ މަޢުލޫމާތެއް ލިބިވަޑައި ގެންކަން އަޅުގަނޑަށް ޔަޤީންވިއެވެ. އިތުރަށް ދެންނެވީމެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް އެރޭދިޔައީ އިންފޯމޭޝަން މިނިސްޓަރު، ޤާސިމް އިބްރާހީމަށް ގުޅުއްވާފައި ހުރިހާ މެންބަރުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާކަމަށް ވިދާޅު ވުމުންނެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރާކަށްނޫނެވެ. އިންޤިލާބެއް ގެނެސް ސަރުކާރު ވައްޓާލާކަށް ނޫނެވެ. ސަރުކާރުން އެހައްދަވަނީ ހުސްދޮގެވެ. އަޅުގަނޑު މެންނަކީ ސަރުކާރުން އެބުނާކަހަލަ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑުމެން ކުށްވެރީންނަށް ވެގެން މިއުޅޭގޮތަކީ، އަޅުގަނޑު މެންނަކީ ހަކައެކަނި ޒަމާނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ބަޔަކަށް ވާތީއެވެ. ރާއްޖެއަށް އިންސާނީ ޙައްޤުތަކާއި ލިބަރަލް ޑިމޮކްރަސީ ގެނައުމަށް އަޑުއުފުލާ ބަޔަކަށް ވާތީއެވެ. އަޅުގަނޑު މެންނަކީ ރާއްޖެއަށް މަލްޓިޕާޓީ ސިޔާސަތު ގެނައުމަށް ގޮވާލާބަޔަކަށް ވާތީއެވެ. ވެރިމީހާއަކީ ދައުރުވާންޖެހޭ މީހަކަށް ހެދުމަށް ގޮވާލާއި އަޑުއުފުލާތީއެވެ. މިކަންތަކާހެދި އަޅުގަނޑުމެން ޖަލުގައި މިގެންގުޅެނީ ބަޣާވާތެއްގެ ތުހުމަތު އަޅުވައިގެންނެވެ. އަޅުގަނޑު މިހުރީ ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް އަޒުމް ކަނޑައަޅާއި މަރުވާންދެން މަސައްކަތްކުރަން ތައްޔާރަށެވެ. ފަހަތަކަށް ނުޖެހޭނަމެވެ. މިވާހަކަތައް އައްސަވާފައި ވަރަށްހިތްވަރު ދެއްވިއެވެ. ކުރިޔަށް މިއޮތްދުވަސް ތަކުގައި ރާއްޖޭގައި އާންމު އިންތިޚާބެއް ބާއްވާނެއެވެ. އެދުވަހަށް މިނިވަން ނުކޮށްފިނަމަ، އެއިންތިޚާބުގައި ޖަލުގައި ހުރެގެން މާލޭގެ ގޮނޑިއަށް އަޅުގަނޑު ކުރިމަތިލާން ގަސްދުކުރަމެވެ. އެއިންތިޚާބަކީ ޤާނޫނު އަސާސީ ބުނާގޮތުން ކޮންމެހެން ވެސް ބާއްވަން ޖެހޭނެ އިންތިޚާބެކެވެ. އެއިންތިޚާބުގައި އެމެރިކާ ފަރާތުން މޮނިޓަރކޮށްދޭނެ ބަޔަކު އައުމަކީ އަޅުގަނޑުމެން އެދޭކަމެކޭ ދެންނެވުމުން ވިދާޅުވީ، ސަރުކާރުން މިހާރުއެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. އެމެރިކާ އަބަދުވެސް އޮންނާނީ އެހީތެރިކަމަށް ތައްޔާރަށެވެ. ރާއްޖެތެރޭގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވެނީ ސަރުކާރުން ވެރިކަމުގެ ނިޒާމްރާވާފައި އިންނަގޮތުން، މިނިސްޓްރީ އޮފް އެޓޮލްސް ކިޔާތަނެއް އިންތިޚާބުތަކުގައި ނުފޫޒުހިންގުމަށް ހަދާފައި ހުންނާތީއެވެ. އަޅުގަނޑު މަސައްކަތްކުރީ އެމިނިސްޓްރީގައެވެ. އެހެނަސް މިފަހަރު ޖަލުގައި ހުއްޓައި ވަޒީފާއިން ވަނީ އެއްވެސް ސަބަބެއްނެތި ކަނޑާލާފައެވެ. މިހާރު އަޅުގަނޑުގެ އާމްދަނީހުރީ ސަރުކާރުން ހުއްޓުވާލާފައެވެ. ކުޑަދެކުދިންނާއި އަންބަކު ގޭގައި އިންނާނެއެވެ. މިހާރުވީނުވީ ތަނެއް ސާފުކޮށެއް ނުދެއެވެ. މިހުރިހާ ވާހަކަތަކެއް ވާނީ މިސްޓަރ ޖޭމްސް އާއި އީޔޫ ޓީމަށް ވަރަށް ސާފުކޮށް ބަޔާންކޮށް ދީފައެވެ. އަދި، 9 ޖޫން 2004 ގައި ސަރުކާރުން އިއުލާނު ކުރެއްވި އިސްލާހުތައް ގެންވަން ބޭނުންފުޅު ވާނަމަ ކުރެވިދާނެ ބައިވަރުކަންތައް އެބަހުއްޓެވެ. އެހެނަސް އެކަންތައް ބަހައްޓާފައި ސަރުކާރުން ކުރިންކުރަން ބޭނުންވީ އިސްލާހަށް ގޮވާލާމީހުންގެ ބޮލުގައި ބޮޑުބަޣާވާތެއްގެ ތުހުމަތު އަޅުވާފައި އެމީހުންގެ ދުވަސް ދުއްވާލާށެވެ. އެގޮތުން އަޅުގަނޑުމެން މިތިބީ ޖަލުގެކުޑަގޮޅި ތަކުގައި ހައްޔަރުކޮށްފައެވެ. ހުރިހާ ޙައްޤުތަކެއްވަނީ ހިފާއްޓަވާފައެވެ. ދެން މީގެއިތުރުން ދަންނަވާނެ މާގިނަވާހަކަ ތަކެއްނެތެވެ. ވާހަކަތައް މިގެންދެވުނު ގޮތުން ވާހަކަތައް ހުސްވާގޮތް ވީއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުންވެފައި ހުރި ސުވާލުތަކަށް ޖަވާބު ލިބުމުން ވީއުފަލުން، ވަރަށް ވަރަށްބޮޑު ޝުކުރިއްޔާއެއް އުފަލާއެކު ސަފީރަށް އަރިސްކުރީމެވެ. އައިއެމް ވެރީހެޕީއޭ ދެންނެވީމެވެ. މިހާހިސާބުން ޢަބްދުﷲ ރިޔާޒު ދުރަށްޖެހިލައި ސަފީރާއެކު އަޅުގަނޑަށް ހަމަޖެހިފައިއޮތް އެކަހަރި ވަގުތުކޮޅު ދީފިއެވެ. ސަފީރާއި ސެކްރެޓަރީއާއި އަޅުގަނޑައި ތިންމީހުން އެކަނިވީއެވެ. މިވަގުތު ކޮޅުގައި އަޅުގަނޑު ދެންނެވީ ވަރަށް އަސަރުހުރި ވާހަކަތަކެކެވެ. އަޅުގަނޑުގެ ލޮލުން ކަރުނަ ފޭދިގެންދިޔައެވެ. ސަރުކާރުން މިހާބޮޑަށް ފިއްތުންތައް މިފިއްތަނީ، އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ، ސްޓަންފަރޑް ޔުނިވަރސިޓީން ޑޮކްރަރޭޓް ނަންގަވައިގެން ރާއްޖެއަށް ވަޑައިގެންނެވި، ފުރަތަމަ ޕީއެޗްޑީއަކީ، ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަނަށް ވެފައި އޭނާއަށް ދިވެހި ރައްޔިތުންއެރުވި ތާއީދުގެ ބޮޑުކަމުން އޭނާވެރިކަމަށް އަތުވެދާނެތީ އެކަމުގެ ބިރަށް ސަރުކާރުން ހުރަސް އެޅުއްވުމުގެ ގޮތުން އަޅުއްވާ ހުރަހެއްގެ ގޮތުގައެވެ. ޑޮކްޓަރ ވަހީދުމެން އޭރުގެ އަސާސީއަށް އިސްލާހު ގެނައުމުގެ ތެރޭގައި ފެއްޓެވި އިސްލާހީ ހަރަކާތް އަދި ވެސް މިދަނީ ކުރިޔަށެވެ. މިހާރު އެކަމުގައި ހަރަކާތްތެރި މިވަނީ އަޅުގަނޑުމެން ޒުވާނުންނެވެ. ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެނީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއޭ ކިޔައިގެން އަޅުގަނޑުމެން މިއުޅެނީ، ދިވެހި ރައްޔިތުން އިސްލާމް ދީނައިދުރަށް ޖައްސާއި އެމެރިކާ އާއި އީޔޫއާއި ހުޅަގުން އެދޭގޮތަށް، މަލްޓިޕާޓީ ސިޔާސަތަކަށް މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ލުމަށެވެ. ރައްޔިތުންނަށް އަންގައިދެނީ ރިފޯމޭ ކިޔައިގެން މިއުޅޭ މީހުންނަކީ، ހުރިހާ ދީނެއްގެ މީހުންނަށް ރާއްޖެ ހުޅުވާލައި މަރްޙަބާ ކިޔާނެ މީހުންކަމަށެވެ. އެހެންވުމުން އެފަދަބަޔަކު ރާއްޖޭގެ ވެރިކަމާ ދިމާއަށް އަޔަދީގެން ނުވާނެކަމަށެވެ. އަދި އެފަދަބަޔަކު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ، އެހެންދީންތައް ރާއްޖެއަށް އިންޕޯޓު ކުރާނެބަޔަކަސް އެމީހުންވާނެއެވެ. މިފަދަބޮޑު ތުހުމަތެއް އިސްލާޙަށް މަސައްކަތް ކުރާ މީހުންގެ ބޮލުގައި އެޅުވުމަށް ފަހު އެއެންމެން މިތިބީ ގެނެސް ޖަލުގައި ހައްޔަރުކޮށް ފައެވެ. ސަރުކާރުން އަބަދުވެސް ދެކެނީ، ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ އިސްމީހަކީ އަޅުގަނޑު ކަމުގައެވެ. އެހެންވުމުން އަބަދުވެސް އަޅުގަނޑު މިގެންގުޅެނީ ޖަލުގައެވެ. މިއީ އަޅުގަނޑު ޖަލަށްލެވުނު، ފަސްވަނަ ފަހަރެވެ. ޑޮކްޓަރ ވަހީދަކީ، އަލުގަނޑުގެ ބްރަދަރ އިންލޯއެވެ. އެހެންވުމުން އަޅުގަނޑަށް އަނިޔާ ބޮޑުވަނީއެވެ. ދެން ސަފީރު ވިދާޅުވިއެވެ. ޑޮކްޓަރ ވަހީދު ދަންނަމެވެ. އަދި އިލްޔާސްގެ ސަލާމް އޭނާއަށް ބުނެދޭނަމޭ ވިދާޅުވިއެވެ. އެއަށް ފަހު، ހިތްވަރު ގަދަކުރުމަށް އަޅުގަނޑަށް ނަޞޭޙަތްތެރި ވެލެއްވިއެވެ. އެހެން ޤައުމުތަކަށްވުރެ މާބާރަށް މިރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރިޔަށް ދާކަން ފާހަގަ ކުރެއްވިއެވެ. އެހެން ގައުމުތަކުގައި ދިހައަހަރުން ނުކުރެވޭ ކަންތައް މިރާއްޖޭގައި އެއްއަހަރުން ވެއެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ތިޔަކުރައްވަމުން ގެންދާ މަސައްކަތުގައި ދެމިތިބުމަށް އެދިލެއްވިއެވެ. އަދި، 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު ކުރައްވަމޭ، އަދި ވެސް އެއްފަހަރު ތަކުރާރުކޮށް ވިދާޅުވިއެވެ. ހިތްވަރު ގަދަކޮށް ސިޔާސީ ކަންކަމުގައި ކެރުމަށް ބާރުއަޅުއްވާއި ސާބާސް ދެއްވިއެވެ. މިހާހިސާބުން، އަބްދުﷲ ރިޔާޒު ކައިރިޔަށް ޖެހިލެއްވުމުން މިބައްދަލުވުން ނިންމާލައްވައި ސަލާމްކޮށް ހެދުމަށް ފަހު، ވަކިވީއެވެ. އަޅުގަނޑު ގެނެސްލީ ކުރިންވެސްހުރި ގޮޅިއަށެވެ.

ރޭގަނޑު ކައިނިމުނު ފަހުން، ތަހްޤީޤަށް ނެރުނެވެ. ފޮޓޯތަކަކާއި ވީޑިޔޯތަކެއް ދައްކާފައި ޝާމީއާއި ޝަމީމް ވަރަށްގިނަ ވާހަކަތައް ދެއްކިއެވެ. ގިނައިން ރިޕީޓްވީ ކުރީދުވަހުގައި މިބޭކަލުން ދެއްކެވި ވާހަކަތަކެވެ. ބޭނުންވަނީ އަވަހަށް ރަފްބަޔާނެއް ހަދާލައި ނިންމާލުންކަން މިބޭކަލުންގެ ވާހަކަތަކުން ވިސްނުނެވެ. އެބޭކަލުން ލިޔުނުރަފް ބަޔާން ކިޔާލާފައި ސޮއިކޮށްލީމެވެ. މާގިނަ މައްސަލަތައް ޖައްސާކަށް ނުހަދަމެވެ. އަޅުގަނޑުމެންގެ ކަންތައް މިދާހިސާބުން ދެންގޯހެއް ނުވާނެކަން މިއަދު ޔަޤީންވެއްޖެއެވެ. އަޅުގަނޑުގެ ހުވަފެންތަކުން ވެސް ފެންނަނީ ރަނގަޅު ވާނެކަމަށެވެ. ސޮއިކޮށް ނިންމާ ލުމުން ޝާމީ ބުނުއްވިއެވެ. މިއުޅެނީ ހަމަމިރޭ ހުރިހާކަމެއް ނިންމާލެވޭ ތޯއެވެ. އަޅުގަނޑު ހީކުރީ މާދަމާ އެމެރިކާ ސަފީރު ރައީސް އަރިހަށް ވަޑައިގަންނަވަން ވާއިރަށް ކޮންމެވެސް ވަރެއް ކުރެވޭތޯ ބަލަނީކަމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ގެއަށްދެވެން ކާރިވަނީއޭ ހިތަށްވަނެވެ. ތަޙުޤީޤުގެ މިކަންތައްގަނޑު ތެރޭގައި އުޅެނިކޮށް މިރޭ ޤާސިމް އިބްރާހީމް ފެނުނެވެ. ހުންނެވީ މުޅިމީހާ ބަދަލުވެފައެވެ. މުޅިން ފަލަވެފައެވެ. އަޅުގަނޑަށް ޤާސިމުކަން ޔަޤީންވީ ތަންކޮޅެއް ކައިރިވުމުންނެވެ. ފުރަތަމަ ފެނުމުން ވަކިކުރަން އުނދަގުވިއެވެ. އަޅުގަނޑު ބައިންދާފައިއިން ގޮނޑިކުރިމަތިން ޤާސިމް ވެސް ތަޙްޤީޤަށް ގެންދަނީއެވެ. ޤާސިމް އަޅުގަނޑާ އަރާހަމަވުމުން ތެދުވެފައި ޤާސިމުގައިގައި އޮޅުލައިގަނެފައި ބައްދާސަލާމް ކުރީމެވެ. ޤާސިމަށް ބާރަށް ރޮވުނެވެ. ޤާސިމް ހުންނެވީ ފަލަވެ މީހާދުޅަވާގޮތް ވެފައެވެ. ކަރުގައި ފާޑެއްގެ އެއްޗެއް އަޅުވާފައި ހުއްޓެވެ. އަޅުގަނޑަށް ވެސް، މިމަންޒަރު ފެނިފައި ވަރަށް އަސަރުކުރިއެވެ. ދެރަނުވާށޭ، ޢަޒުމް ވަރުގަދަކޮށް އަބަދުވެސް، ﷲ ހަނދާންކޮށް ހިތްވަރުކުރާށޭ ދެންނެވީމާވެސް ގިސްލާފައި ޤާސިމްށް ރޮވެނީއެވެ. މިވާއެއްޗެއް އަޅުގަނޑަށް މުޅިން އޮޅިއްޖެއެވެ. ޤާސިމް އުޅުއްވަނީ ބިރުންނެވެ. ވާހަކަނުދައްކާ އަވަހަށް އިލްޔާސް ދުރަށްދާށޭ ވިދާޅުވެއްޖެއެވެ. ބައްދައިގެން ހުރިއިރުވެސް ޤާސިމް ހުންނެވީ ބިރުންކަން އެނގެއެވެ. މީހާތުރުއަޅައެވެ. އުޅުއްވަނީ އަވަހަށް ސިފައިންގެ މީހާއާއެކު އަޅުގަނޑު ފޮޅާލާފައި ވަޑައި ގަންނަވާށެވެ. އަޅުގަނޑު ދެންނެވީމެވެ. ތިޔަހުންނެވީ ކިހިނެއް ވެފައިހެއްޔެވެ؟ އަދި ސިފައިންގެ އޮފިސަރާ ދިމާއަށް ތިޔަބޭކަލުން ޤާސިމަށް ކިހިނެއްހެދީހޭ ސުވާލުކުރީމެވެ. ޤާސިމަށް ގިސްލުމާއެކު ހަމަރޮވެނީއެވެ. ތިޔަބޭކަލުން ޤާސިމަށް މިޙާލު ނުޖެއްސި ނަމަ، އަދިވެސް ޤާސިމު ހުންނެވީ އުޖާކޮށް ރީތިކޮށް ކުރިންވެސް ހުންނެވި ގޮތަށެވެ. ޤާސިމަށް މިޙާލުޖެއްސީ ތިޔަބޭފުޅުންނެވެ. އަޅުގަނޑަށް މިހިރީ ޤާސިމު ފެންނާށެވެ. ތިޔަބޭފުޅުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެއެވެ. ޤާސިމުގެ ޢާއިލާއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. މިވާހަކަތަކާހެދި އަޅުގަނޑު ގެންގޮސް ބޭންދީ މީހަކު ނުފެންނަ ހިސާބުގައެވެ. އަޅުގަނޑު ގެންދިޔަ މަގުމަތީގައި އޮފިސަރާ ދިމާއަށް ވަރަށް އެއްޗެހިކީމެވެ. އޭނާބުނީ ޤާސިމުގައިގާ ތަޅާނުހަދާ ކަމަށެވެ. ޤާސިމުގެ ހިތްބަލި ކަމުން މާއަވަހަށް އަސަރު ކުރަނީއެވެ. މިއޮފިސަރާ ދިމާއަށް އަޅުގަނޑު ދެންނެވީމެވެ. ރީތިކޮށްހުރި މީހަކު އެހެރީ، ތިޔަބޭކަލުން ހަލާކުކޮށް ލާފައެވެ. އަޅުގަނޑު މާދުރަށް ގެނެސް ވަކިންތިޔަ ބޭންދީ ކީއްވެގެންތޯ ސުވާލުކުރުމުން އެއޮފިސަރު ބުނުއްވީ، އިލްޔާސް މެން މީސްމީހުންނާ ސަލާމްކޮށް ގޮތްގޮތަށް ވާހަކަދައްކާ ހެދީމާ މީހުން ހިތުގައިޖެހި މާބޮޑަށް އަސަރު ކުރަނީއެވެ. ދެން އެރެއަކު ތަޙްޤީޤުގައި އެއްގޮތަކަށް ވެސް، ޤާސިމަށް ވާހަކައެއް ނުދެއްކެއެވެ. އެހެންވެ މިއަށްފަހު، ޤާސިމް ނުފެންނަގޮތަށް އަދި އެހެން ގައިދީއަކު ވެސް ނުފެންނަގޮތަށް ދުރުގައި ބޭންދީއެވެ. މިއީ އޯޑަރުއައި ގޮތެވެ. މިރޭ ބޭރުގައި އިންއިރު އިރުއިރުކޮޅާ ގައިދީން ނެރޭތަން ފެނުނެވެ. އެންމެންގެ ވެސް ބަޔާންތައް ނިންމާލަން އެޅެނީކަމަށް ލަފާކުރެވުނެވެ. ޑޮކްޓަރ ޙުސައިން ވެސް ނެރެގެން ގެންގުޅެނިކޮށް ފެނުނެވެ.

“ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު އަމަލުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި” ގިނަބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރައްވާ މައްސަލައިގެ ތަޙްޤީޤު ނިމުމަކާ ހަމައަށް އައިސްފައި ވާކަމަށާއި ވަރަށްއަވަހަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާނެ ކަމަށް އަންގަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ބަޔާނެއް ނެރުނެވެ. މިކަންމިކުރެއްވީ ބައިނަލް އަޤްވާމީ މުޖްތަމަޢަށް ތަޙްޤީޤުތައް ނިމިއްޖެކަން ދެއްކުމަށެވެ. އެހެނަސް އަދި ގިނަމީހުންގެ ބަޔާންތައް ނުނިމެއެވެ. އަވަސް ކުރުމަށް ޖަލުތެރޭގައި މިކަންތައް ހިންގަމުން ގެންދެއެވެ. ކޮންމެއަކަސް މިއިއުލާނަކީ އެމެރިކާއަށާއި އީޔޫއަށް ދައްކާލި ކުލަގަދަ އަނދުން އެޅުވުމެކެވެ.

ދޫނިދޫ ޖަލުގައި ހައްޔަރުގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ ކަންތައްތަކަކާ ގުޅިގެން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ވަރަށް ހެދުނާ އެޑްމިޓް ކުރެވުނެވެ. ކަންދިމާވި ގޮތުން އިބުރާއައި އެމެރިކާ ސަފީރާ ބައްދަލު ނުވީއެވެ. ފުލުހުންނާއި ސިފައިންނަށް މިއަދު އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތްކަން އެނގޭތީ، އިބުރާ ޖަލުން ބޭރުކޮށްލީ ކަމަށް ބެލެވެއެވެ.

7 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 56 ވަނަ ދުވަހެވެ. މިއަދު އިރުއޮއްސުނު ފަހުން ތަޙްޤީޤަށް ނެރުނެވެ. ހުރިހާރަފް ބަޔާންތައް އެއްބަޔާނަށް ހެދުމަށް ފަހު، އޮތީރީތިކޮށް ޓައިޕްކޮށް، 4 ކޮޕީހަދާފައެވެ. ކޮންޕިއުޓަރ ޕްރިންޓެއް އަޅުގަނޑު ކިޔާލަން ދިނުމުން ގިނައިރު ނަގައިގެން މަޑުމަޑުން އެބަޔާން އެއްކޮށް ކިޔައި ނިންމައިފީމެވެ. އަމިއްލައަށް ލޮޔަރުކަން ކުރާތީ ކޮންމެޖުމްލަ އަކަށް ވަރަށް ވިސްނީމެވެ. ބައެއް އިސްލާހުތައް ފާހަގަކުރެވިގެން އެތަންތަން އިސްލާހު ކުރެއްވުމުން ސޮއިކޮށްލެވި ދާނެކަމަށް ބުނެފީމެވެ. ދެން ބޭރުގައި ބައިންދާފައި އިރުކޮޅަކަށް ފަހު، ގޮވައި ގެނައިއިރު އެބަޔާންއޮތީ އިސްލާހުކޮށް އަލުން، 4 ކޮޕީހަދާފައެވެ. މިކަންކުރުމަށް ތިއްބެވީ ޝާމީއާއި ޝާމީމެވެ. އަލީ އަޙްމަދާއި ނަވާޒެއް ނެތެވެ. ބަޔާންތައްޔާރު ކުރެއްވި އިސްދެމީހުން ނެތަސް ރަނގަޅަށް ކިޔާލުމަށްފަހު، 4 އަސްލުގައި ވެސް ސޮއިކޮށް ނިންމާލީއެވެ. ޖުމްހޫރީ މައިދާނަށް ދިޔަކަން ސާބިތުވާ ގޮތަށެވެ. ރަފްބަޔާނުގައި ކުރިންލިޔެފައި އޮންނާނީ ފޯނުކޯލެއް އައުމުން، އަޅުގަނޑާއި އެހެން މެމްބަރުން ބޯގަންވިލާއިން ނުކުމެގެން ސިފައިންގެއަށް ދިޔަކަމަށެވެ. ފަހުން އިސްލާހުކުރީ ސިފައިންގެއަށް ދިޔަކަމަށް ލިޔެފައޮތްތަނުގެ ބަދަލުގައި ޖުމްހޫރި މައިދާނަށް ދިޔަކަމަށެވެ. މިގޮތަށް އެއްބަސްވީ ގަސްދުގައެވެ. އަދި ޖުމްހޫރީ މައިދާނުގައި އަނެއްދުވަހު ހުކުރު ނަމާދު ނިމެންދެން އަޅުގަނޑު ޢަމަލީގޮތުން އުޅެފައިވާތީއެވެ. ޙުކުމެއް އިއްވިޔަސް ހެޔޮކަމަށް އެއްބަސްވެ، ސޮއިކޮށް ނިންމާލީ މިގޮތަށެވެ. އޭރުގަޑިން ޖަހާނީ އިރުއޮއްސި، 8 ކެވެ. ބަޔާން ނިންމާލުމަށް ތަޙްޤީޤު ޓީމުން މަސައްކަތް ކުރަމުން ގެނެދެވީ ވަރަށް އަވަސް އަރުވާލާފައެވެ. އަސްލު ބަޔާންނެގި މީހުންނެތީހެވެ. ބަންޑާރަ ނައިބު އޮފީހުން، ސްޓޭޓް އެޓަރނީންގެ ގޮތުގައި ވަޑައިގެން އުޅުއްވާ، ނާޝިދާއި ރޭނިސް ސަލީމް ވެސް ހީވަނީ މިކަންނުނިމިގެން އެހެންކަމެއް ހެނެވެ. ޙަޤީޤަތަކީ މިބޭފުޅުންނަކީ ދައުލަތުން ދައުވާ އުފުލުމަށް ޚާއްސަ ވެގެން ތިއްބަވަންޖެހޭ، ދައުލަތުގެ ވަކީލުންނެވެ. ބަޔާންތައް އޮފްކޮށް ޕޮލިޝްކުރުމަށް މިބޭފުޅުން ތަޙްޤީޤު ޓީމުތަކާއެކު ޖަލުގައި އުޅުއްވުމަކީ ކަނޑައެޅިގެން ގޯހެކެވެ. މިދެމީހުން އަވަހަށް އިލްޔާސް ލައްވާ، ނަވާޒުމެން ނެތަސް ސޮއިކޮށް ލުވާށޭ ބުނުމުން މިކަންތައް ޝާމީމެން ބާރަށް ކުރިޔަށް ގެންގޮސް ނިންމާލީއެވެ. ޝަރުޢީކޯޓަށް ޝަރީޢަތް ކުރުމަށް ގެންދާދުވަހަކުން މިވާހަކަ ކިޔައިދޭން އަޅުގަނޑު ހިތުލީމެވެ. އަޅުގަނޑު ލައްވާސޮއި މިކުރުވީ ބަޔާންނެގި މީހުންނެއް ނޫނެވެ. ބަޔާނުގައި ނަންތައްވެސް ނެތްބައެކެވެ. މިމީހުން މިކަންކުރިގޮތުން މިއުޅެނީ ކޮންމެވެސް ނުބައިކަމެއް ހިންގައިގެންނޭ އަޅުގަނޑުގެ ހިތަށް އޭރުވެސް ވަނެވެ. މިހާހިސާބުން ބަޔާނުގެ ހަތަރު އަސްލުގައި ސޮއިކޮށް ނިމުނީއެވެ. ދެންގެންގޮސް ގޮޅިއަށް ލައިފިއެވެ. އެކިގައިދީން ނެރެގެން ތަޙްޤީޤަށް ގެންދާތަން ފެނެއެވެ. ޖަލުތެރޭގައި ކޮންމެވެސް ކަންތައް ގަނޑެއް އަވަސް އަރުވާލާފައި ހިންގަމުން ގެންދާކަން އެނގެއެވެ.

ދަންވަރު، އެކެއްޖެހިތަނާ އަނެއްކާވެސް ގޮޅިން ނެރެގެން ތަޙްޤީޤަށް ގެންދިޔައެވެ. އެދުނީ ލިޔުމެއް ދައްކާލާފައި އޭގައި ސޮއި ކުރުމަށެވެ. މިލިޔުން ބަލައިލިއިރު ލިޔެފައިއޮތީ އަންގަންޖެހޭ އެންގުމެއް އަންގަނީ ކަމަށެވެ. ތިއްބެވީ، އަޅުގަނޑުގެ ބަޔާންނެގި ބޭކަލުން ކަމުގައިވާ، އަލީ އަޙްމަދާއި ޢަބްދުﷲ ނަވާޒެވެ. ޝާމީމެންނެއް ނުފެނެއެވެ. މިއެންގުމުގައި ލިޔެފައިއޮތީ ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން، ރައީސް މައުމޫނު ހިފޭއްޓެވި ޤާނޫނުތައް މިރެއިން ފެށިގެން ދޫކޮށް ލައްވައިފި ވާހަކައެވެ. އެހެނަސް އަދި މިކަންތައް އާންމުކޮށް އިއުލާނު ނުކުރައްވާ ކަމަށްވެއެވެ. އެކަންއާންމުކޮށް އިޢުލާނު ކުރެއްވި ލިޔުން ނުދައްކައެވެ. ތިޔައަންގަވާ އެންގެވުމުގެ ލިޔުމުގައި ސޮއިކުރުވުމުގެ ކަންތައް، މިރޭކުރިން ނެރުނުއިރު ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކޮށް، އަޅުގަނޑު މައްސަލަ ޖައްސައިފީމެވެ. އަލީ އަޙްމަދު ބުނުއްވީ އޭރުއެކަން އަދިނޭނގޭ ކަމަށެވެ. އެކަންތައް އެނގުނީ އިލްޔާސް ސޮއިކޮށްފައި ދުރުވި ފަހުންނެވެ. ކަނޑައެޅިގެން މިއީދޮގެކެވެ. މިހެދިގޮތަކީ ލޮޔަރެއްނެތީސް އަވަހަށް އަޅުގަނޑު ލައްވާ ސޮއިކޮށް ލުވީއެވެ. ސޮއިކުރުމުގެ ކުރިން ކާފިއޫ ނަންގަވައި ފިކަން، އަޅުގަނޑަށް އެނގިއްޖެނަމަ ސޮއިނުކޮށް ލޮޔަރައި ބައްދަލުވުމަށް ހިފާލަފާނެތީ މިކަންމިގޮތަށް ރާވާލީއެވެ. މިއީ މިވެރިންގެ ޙީލަތްތެރި އުކުޅެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. އަޅުގަނޑުގެ އިންސާނީ ޙައްޤަށް އަރައި ގަތުމެއްކަން ކަށަވަރެވެ. އަޅުގަނޑަށް އޮޅުވާލައިގެން ބަޔާނުގައި ސޮއިކޮށް ލުވީއެވެ. އެހެންނޫން ނަމަ، އަޅުގަނޑު ސޮއިކުރާނީ ލޮޔަރު މުޢިޒުގެ ކުރިމަތީގައެވެ. ލޮޔަރަށް ބަޔާން ދައްކާފައި ސޮއި ކުރުމުގެހުއްދަ ލޮޔަރު ދެއްވީމައެވެ. މިވާހަކަ މިގޮތަށް އަލީ އަޙްމަދަށް ދެންނެވީމާ، އެހެނެއްނޫނޭ ކިޔާފައި ބަހަނާތަކެއް ދެއްކޭތޯ ވަރަށް މަސަައްކަތް ކުރެއްވިއެވެ. ގިނަވާހަކަ ތަކެއް ދެއްކެވިއެވެ. މިވާހަކަތަކަށް ފަހު، އަޅުގަނޑަށް ދެއްކި އެންގުމުގެ ލިޔުމުގައި ސޮއިކޮށްލުމުން، އަލީ އަޙްމަދު ވިދާޅުވެއްޖެއެވެ. އަލުން ބަޔާންތަކުގައި ވެސް އޭނާގެ ކުރިމަތީގައި ސޮއި ކުރައްވަން ވީނޫންތޯއެވެ. އޭރުން ހުރިހާކަމެއް ހަމަޖެހުނީ ނޫންތޯއެވެ. ތަޙްޤީޤުކުރި މީހުން ތިބެގެން އެކަން އަލުން ކޮށްލީމާ ނިމުނީ ނޫންތޯއެވެ. ޤާނޫނީގޮތުން ވެސް ރަނގަޅުވެފައި ފުރިހަމަވާނީ އޭރުންނޭ ބުނުއްވައި ފިއެވެ. އަޅުގަނޑު ދަންނަވައި ފީމެވެ. ތިވަރުން މަކަރާއި ޙީލަތް ހައްދަވައިގެން އަޅުގަނޑުގެ ނިދިނަގާ ނުލައްވައި ރިއްޗަށް ތިޔަހުރިހާ ކަމެއް ކިޔައިދިން ނަމަ މާރަނގަޅު ވީހެވެ. ލޮޔަރެއް ނެތަސް އަޅުގަނޑުސޮއި ކުރީމުހެވެ. ދެން އަލުން ސޮއިކުރަން އެއްބަސް ވުމުން، މިރޭކުރިން ސޮއިކުރި ބަޔާނުގެ، 4 އަސްލު އަޅުގަނޑު ކުރިމަތީގައި ވީދާލާފައި އަލުން ޕްރިންޓް ހައްދައިގެން ގެނައުމުން، 4 އަސްލުގައި އަލީ އަޙްމަދާއި ނަވާޒުގެ ކުރިމަތީގައި ސޮއިކޮށް އިނގިލީގެ ނިޝާންތައް ޖަހައި ނިންމާލެވުނީ ވަރަށް ދަންވީ ފަހުންނެވެ. އޭރުވެސް އެކިމީސްމީހުން ނެރެގެން އުޅޭތަން ފެނެއެވެ. ނެރެގެން ގެންގުޅުނީ އަޅުގަނޑު އެކަންޏެއް ނޫނެވެ. މިއީ ތަޙްޤީޤު ތެރޭގައި މިބޭކަލުން ގަންނަގަނޑެވެ. ހާވާ ހަޑިއެވެ. އޮޅުވާލާ އޮޅުވާލުމެވެ. އެކިކަހަލަ ޙީލަތްތައް ރާވައިގެން ހަދަނީއެވެ. މިއީ މިބުރުގައި ތަޙްޤީޤުގެ ވާހަކަދައްކާ، 8 ވަނަ ފަހަރެވެ. މިހާހިސާބުން ތަޙްޤީޤުގެ ހުރިހާކަމެއް ނިމުނީކަމަށް އަލީއަޙްމަދާއި ނަވާޒު އަޅުގަނޑަށް އަންގަވައި އަޅުގަނޑުގެ ކުރިމަތީގައި އެބޭކަލުން ވެސް އަޅުގަނޑުގެ ބަޔާންނެގީ އެބޭކަލުންކަމަށް ސޮއި ކުރެއްވިއެވެ. އަދި ލޮޔަރަކު ބޭނުމިއްޔާ މިހާރު ހަމަޖެއްސިދާނެ ވާހަކަ ބުނުއްވިއެވެ. ބަޔާންނަގާ ނިމުނީމާ ތަޙްޤީޤުގެ މަރްޙަލާއަށް ލޮޔަރެއްގެ ބޭނުން ކެނޑުނީއެވެ. ދެންކޮން ލޮޔަރެއްގެ ވާހަކަ ދައްކާކަށްތޯޯއޭ، އަޅުގަނޑު ދެންނެވީމެވެ. ދެން، ލޮޔަރެއް މިމަރަޙަލާގައި ބޭނުންނުވާ ކަމަށް ގަނޑެއްގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިހިސާބުން މިމީހުންގެ މަގްސަދު މުޅިން ހާސިލްވީއެވެ. އެހެނަސް އަޅުގަނޑުގެ ލޮޔަރ މުޢިޒުއޮތީ ކުރިން ސިޓީއެއް ލައްވާފައި ކަމުން އެކަންއޮތީ ހަމަޖެހިފައިކަން އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަންހެނުންނާ ބައްދަލުވި ދުވަހު އެވާހަކައޮތީ ބުނެފައެވެ. ކޮންމެހެނެއް ވިޔަސް ތަހްޤީޤުގެ ހުރިހާކަމެއް ނިމުނީމާ މިރޭވަރަށް އުފާވިއެވެ. އަޅުގަނޑުގެ ބަޔާނުގައި އޮންނާނީ، މިއަދުގެ ތާރީޚެވެ. އެއީ އޮކްޓޯބަރ ހަތެކެވެ. އެހެނަސް މިހާރު މިވަނީ، 8 ވަނަ ދުވަސް ފެށިފައެވެ. އަޅުގަނޑު ގޮޅިއަށް ގެންދިއުމުގެ ފަހުން ވެސް އެކިމީސްމީހުން ނެރެގެން ސޮއިކުރުވާ ހެދިއެވެ. މިއަދު ހަވީރު، ޖަލުގެ މިބައިން، ޢަލީޢަބްދުﷲ (އަލިބެ) މާލެ ގެންދިޔައެވެ. ބޭރުބައި، 2 ނަމްބަރު ޖަލުންވެސް މީހަކު ގެންދިޔަ ކަމަށް ޚަބަރު ލިބުނެވެ.

8 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 57 ވަނަ ދުވަހެވެ. ދޫނިދޫ ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އިބްރާހީމް ޙުސައިން ޒަކީއަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ މައްސަލަތަކަކާ ގުޅިގެން މާލޭ އައިޖީއެމްއެޗްގައި މިއަދު އެޑްމިޓް ކުރެވުނެވެ. ޖަލުގައި ތިއްބެވި ބޮޑުންގެ ގިނަބޭފުޅުންތައް ބަލިވާގޮތާ ގުޅިގެން އެކިކަހަލަ ޝައްކުތައް ޖަލުތެރޭގައި އުފެދިފައި ވެއެވެ. ގިނަމީހުންނަށް ފުރަތަމަވާ ގޮތަކީ މާއަވަހަށް ހިތަށް އަސަރުކޮށްފައި ދެރަވެ ގިސްލެވޭގޮތް ވަނީއެވެ. ޤާސިމާއި އިބުރާއާއި ޒަކީވަނީ އެބަލީގެ ޝިކާރާގައި ބަނދެވިފައެވެ. އިބުރާ މިބުރުގައި އިތުރަށް އަނބުރައި ގަނެގެން ގޮޅިތެރެއަށް ވެއްޓުނެވެ. ކުރީފަހަރަކު ޖަލުގައި ހުރިއިރު މިކަހަލަ ޝައްކެއް ކުރެވުނުފަހުން އަޅުގަނޑު ސައިބޮއި ހަދަނީ ވެސް ހޫނުފެނާއި ސައިފަތާއިހަކުރު ވަކިން ދިނީމާ އަމިއްލެއަށް ގިރައިގެންނެވެ. ހުރިހާއެއްޗެއް ހުންނަން ޖެހޭނީ އަޑިއެނގޭގޮތަށް ވަކިންނެވެ. ހަކުރަށް ހުންނަންޖެހޭނީ ޑައިބެޓިކް ޝުގަރ ފެކެޓެވެ.

9 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 58 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު ދޫކޮށްލި ޚަބަރު މިއަދު ލިބުނެވެ. އެއީ ކޮންބައެއްކަމެއް ސާފެއް ނުވިއެވެ.

10 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 59 ވަނަ ދުވަހެވެ. ޖެނީއާއި އައިންތު ނަޖީބާއި މަރިޔަންމަނިކެއައި ބައެއް އެހެން ގައިދީނާއި، މިއަދު އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބޭފުޅުންނާ ބައްދަލު ކުރިއެވެ. އަދި ރޭގަނޑު ވަގުތެއްގައި އަޅުގަނޑުމެން އެންމެން ނެރެފައި، ޤާނޫނު އަސާސީގެ، 144 ގެދަށުން ހިންގެވި، ކުއްލި ނުރައްކަލުގެ ޙާލަތު ރަސްމީކޮށް މިއަދު އިރުއޮއްސި، 6 ންފެށިގެން އުވާލައްވައި ފިކަން އަންގައި ސޮއި ކުރުވިއެވެ. އަޅުގަނޑު މެންލައްވާ ބަޔާންތަކުގައި ސޮއި ކުރުވީ ރަސްމީކޮށް ކާފިއޫ އުވާ ނުލައްވަނީސް އޮޅުވާލައި ގެންކަން މިޢަމަލުން ސާބިތުވެއެވެ. ވަކީލެއްގެ ކަންތައް ހަމަޖެއްސިދާނޭ މިރޭވެސް އެންގިއެވެ. ތިޔަކަމާ އެއްޗެއް ދަންނަވަން އެނގޭނީ އަންހެނުންނާ ވާހަކަދައްކާ ލެވުމުންނޭ ދެންނެވުމުން ގެއަށް ގުޅުމުގެ ކަންތައް ހަމަޖައްސައި ދެއްވިއެވެ. ގެއަށް މިބަހަނާގައި ފޯނުކޯލެއް ދެއްވުމުން އަންހެނުން، ރުކާ ވާހަކަ ދައްކާލާ ހެދުމަށް ފަހު، އަންހެނުންގެ ފަރާތުން މުޢިޒުއޮތީ ހަމަޖެހިފައިކަން އެނގުމުން ކުރިންވެސް ދެންނެވި ފަދައިން ދެން ލޮޔަރެއްގެ ބޭނުމެއްނެތޭ ދެންނެވީމެވެ. އެހެނަސް އަލުން އެކަން އެގޮތަށް ލިޔެފައި އަޅުގަނޑު ލައްވާ ސޮއިކުރުވިއެވެ. މިވެސް އޮޅުވާލުމެވެ. މިބަހަނާގައި ގެއަށް ގުޅާލައި ކުދިވެރިންގެ ޙާލުއޮޅުން ފިލުމުން ވަރަށް އުފާވިއެވެ. ދެކުދިންނާއި އަންހެނުންގެ ޙާލުމުޅިން ރަނގަޅެވެ. ރަސްމީކޮށް ކާފިއޫ އުވާލައްވައި އިޢުލާނު ކުރެއްވި، ތާރީޚު އަޅުގަނޑަށް އަންގާލިޔުގައި ބޭއްވުމުގެ ގޮތުން ކޮށްލެއްވި ކަމެއްކަން އަޅުގަނޑަށް ވިސްނުނެވެ. އަދި ބަޔާނުގައި ސޮއި އޮންނާނީ މިތާރީޚުގެކުރީ ތާރީޚަކަށް ހަދާލެއްވީއެވެ. އޭރުން ބަޔާންނެގުމުގެ ހުރިހާ ކަމެއް ނިމިފައި އިންނަނީ، ލޮޔަރެއްގެ ބޭނުންހިފުމުގެ ޙައްޤު ހިފޭއްޓިފައި އޮތްދުވަސް ވަރުގައެވެ. މިގޮތަށް ހުރިހާ ގައިދީން ނެރެގެން ސަރުކާރުން، ކާފިއޫ ނަންގަވައިފި ކަމަށް އަންގައި ސޮއިކުރުވިއެވެ. ސަރުކާރުން މިކަން ނެންގެވުމަށް ކުރެއްވި އިޢުލާނުގެ ކޮޕީއެއް މިރޭ އަޅުގަނޑު މެންނަށް ސިފައިން ދެއްކިއެވެ. މިރޭވެސް އެންމެން ވަކިވަކިން ނެރެގެން މިއެންގުން އަންގާ ނިމުނުއިރު ދަންވަރު، 1:30 ހިނގައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އިޢުލާނު ކުރެއްވި، “ކުއްލި ނުރައްކަލުގެ ޙާލަތު” 58 ދުވަސްފަހުން މިއަދު އުވައި ލެއްވިއެވެ. މިކަން އާންމު ކުރައްވައި ހޯމް މިނިސްޓްރީން ނެރުއްވި އިޢުލާނުގައިވަނީ މިފަދައިންނެވެ.

“ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫގު އަސާސީގެ، 144 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުން، މާލެއާއި މާލެ ކައިރި ސަރަޙައްދަށް، 13 އޯގަސްޓް 2004 ވީހުކުރު ދުވަހު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އިޢުލާން، މިއަދު އޮކްޓޯބަރ 10 ވީއާދީއްތަ ދުވަހުރޭ، 6:00 އިން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ވަނީ އުވާލައްވާފައެވެ.”

11 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 60 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. ގިނަބަޔަކަށް މާލެދާން ތައްޔާރު ވެގެން، 11:30 އަށް ތިބުމަށް ލޭޑީ ވަޑައިގެން އެންގެވިއެވެ. މާލެ ދިއުމަށް ތައްޔާރުވުމަށް އެންގި މީހުންނަކީ، އަބްޖީއާއި ޒުހައިރާ، އާންޓީއާއި މަރިޔަމްމަނިކެ (އީވާން ނަސީމް މަންމަ) އާއި މާނީ ލަޠީފު (ގޯގޯ ލަޠީފުގެ ދަރިފުޅު) އާއި ނައުޝާދު ވަހީދެވެ. މިމީހުންނަށް މާލެއަށް ދެވޭތީ އަޅުގަނޑުމެން އެންމެން އުފާކުރީމެވެ. މިއަދަކީ އެއްފަހަރާ އެންމެގިނަ މީހުން މާލެ ގެންދާދުވަހެވެ. މީގެކުރިން ޢަލީ އަބްދުﷲ އާއި ޢާދިލާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމް ވަނީ ދެދުވަހެއްގެ މަތިން މާލެ ގެންގޮސްފައެވެ. އަބުޖީ ގެންދިއުމުގެ ކުރިން އަޅުގަނޑު އަބުޖީއާ ވާހަކަ ދައްކާލީމެވެ. އަބުޖީ ހުންނެވީ އުފަލުން ގޮސް ރޮވިފައެވެ. މިވާހަކަތަކު ތެރޭގައި އަޅުގަނޑު ވެސްހުރީ ފެންކަޅި ވެފައެވެ. އަބުޖީ އަޅުގަނޑާ ވަކިވަމުން ހަނދާންކޮށްދިން ވަޞިއްޔަތަކީ، ޟުޙާނަމާދު ދާއިމީކޮށް ކޮންމެ ދުވަހަކު އިރުއެރުމުން، ކުރަމުން ގެންދިއުމަށެވެ. އަޅުގަނޑު ކޮންމެދުވަހަކު ދާއިމީކޮށް ޟުޙާނަމާދު ކުރަންފެށީ އަބުޖީގެ ނަޞޭޙަތަށެވެ. މުޅި އުމުރަށް ޟުޙާނަމާދު ކުރުމަށް އެދުވަހު އަޅުގަނޑު ނިޔަތްގަތީމެވެ. މިކަމާ އަބުޖީއަށް އަބަދުވެސް ޝުކުރުވެރި ވާންޖެހެއެވެ. މީހުންނެރުމުގެ ކަންތައް، ލޭޑީ ކުރެއްވީ ވަރަށް ލުއިދެއްވައި ގެންނެވެ. އަޅުގަނޑު މެންނަށް ވާހަކަދައްކާ ހެދުމުގެ ހުއްދަވަނީ ހުޅުވާލާފައެވެ. މިއެންމެން ގެންދިއުމުން ޖަލުތެރެ ވަރަށް ހަމަހިމޭން ވެގެންދިޔައެވެ. ހަވީރު ޖަލުއޮފީހުގައި ލޭޑީގެދަށުން މަސައްކަތް ކުރައްވާ، ނަޞީރު ދުރުވެ މިބައި (އެއް ނަމްބަރުޖަލު) ގެ ފަހަތުން ހަދާނިމުނު ގޮޅިތަކުން ގޮޅިއަކަށް މިއަދު އިލްޔާސް ބަދަލުވާން ޖެހޭނެކަމަށް އަޅުގަނޑަށް އެންގެވިއެވެ. އަޅުގަނޑު އާދޭހޭ، ދެންނެވީމެވެ.

ދޫނިދޫ އެއް ނަމްބަރު ޖަލުގައި، 29 ގޮޅި ހުރެއެވެ. އަޅުގަނޑުމެން ބަންދުކުރުމާ އެކުހެން ފުރަތަމަ ދެބަރީގައިހުރި ގޮޅިތައް މަރާމާތުކުރަން ފަށައިފިއެވެ. ފަހަރަކު މަރާމާތަށް ފަށަނީ ބަރިއެއް ނުވަތަ ދެބަރިއެވެ. ކުރީގެގޮޅިތައް މަރާމާތު ކުރަންފެށީ، ފަހަތުގައި އަލަށް ހެދިގޮޅިތައް ހަދާނިމުމުންނެވެ. އަލަށްހެދި ގޮޅިތައް ނިމިގެން މިއަދަކީ އެގޮޅިތަކަށް ގައިދީން ވައްދާ ދުވަހެވެ. މިއަދަކީ އެކަން ދައުރުވަމުން އައިސް އަޅުގަނޑާ ޖެހުނުދުވަހެވެ. އަޅުގަނޑު ގެންގޮސްލީ އެންމެފަހަތު ބަރީގައިހުރި، 26 ވަނަ ގޮޅިއަށެވެ. މިއީ އަލަށްހެދި ގޮޅިތަކުން ގޮޅިއެކެވެ. 1 ނަމްބަރު ޖަލުގައި ގޮޅިތައް މިހާރުހުންނަނީ މިދަންނަވާ ތަރުތީބުންނެވެ. ފުރަތަމަ ބަރީގައި އެއްގޮޅިއެވެ. އެއީ އެންމެއިސްކޮށް ހުރިހާ ބަރިއެއްގެ މެދަށް ވާގޮތަށް ކުރިމަތީގައި ހުންނަ، އެއް ނަމްބަރު ދީފައިވާ ގޮޅިއެވެ. ދެން ދެވަނަބަރީގައި ހުންނަނީ، ދެއަކާއި ތިނަކާއި ހަތަރަކާއި ފަހެއް، މިހަތަރު ގޮޅިއެވެ. ދެން ތިންވަނަ ބަރީގައި ހުންނަނީ، ހައެއް، ހަތެއް، އަށެއް، ނުވައެއް، އަދި ދިހައެއް، މިފަސް ގޮޅިއެވެ. ދެން ހަތަރުވަނަ ބަރީގައި ހުންނަނީ، އެގާރަ، ބާރަ، ތޭރަ، ސާދަ، ފަނަރަ، ސޯޅަ، ސަތާރަ، އަށާރަ، އަދި އޮނަވިހި، މިނުވަ ގޮޅިއެވެ. ދެން ފަސްވަނަބަރި، އަދި އެންމެފަހު ބަރީގައި ހުންނަނީ، 20 ން ފެށިގެން، 29 އާހަމައަށް، 10 ގޮޅިއެވެ.

އެއް ނަމްބަރު ޖަލުގެ މިގޮޅިތަކު ތެރޭގައި އެންމެ ރަނގަޅު ގޮޅިތައް ހުންނަނީ، 4 ވަނަ ބަރީގައެވެ. ހުރިހާ ގޮޅިއެއްގެ ބޮޑުމިނަކީ، 8 ފޫޓު، 8 ފޫޓެވެ. އެހެނަސް މިބަރީގައި ފާޚާނާ ހުންނަނީ ގޮޅީގެބިތާ އެއްވަރަށް، 8 ފޫޓަށް ދަމާލާފައެވެ. ފުޅާމިންވެސް ހަތަރުފޫޓު ހުންނާނެއެވެ. އެއްކޮޅުގައި ވެންވަރާތަނެވެ. އަނެއްކޮޅުގައި ފާޚާނާކުރާތަށި ބަހައްޓާފައެވެ. ދޮރުމަތީގައި އޮންނަ ފެންޑާކޮޅު ވެސް ގޮޅީގެ ފުޅާމިނަށް، 8 ފޫޓަށް އޮވެއެވެ. އަދި ތަޅުންކޮޅުގެ ފުޅާމިން ތިންފޫޓު ހުންނާނެއެވެ. ގޮޅީގެ ދޮރުހުޅުވައި ދިނުމުން މިތަޅުންކޮޅު ވަރަށް ފުރިހަމައަށް ބޭނުން ކުރެވުނެވެ. ކަސްރަތު ކުރެވެއެވެ. ކާންމޭޒު ބަހައްޓައިގެން އިނދެވެއެވެ. ސަރަންފީ ގޮނޑީގައި ފޮތާއި ނޫސްފަދަ ތަކެތިލިބުމުން ކިޔާލަން އިނދެވެއެވެ. އަދި ގޮޅީގެ ބޮޑުދޮރު ކައިރީގައި ކުރިމަތި ބިތުގައި ، 4 ފޫޓު، 4 ފޫޓުގެ ދަނގަޑުތޭރި ލެއްވި ބާގަނޑު ދޮރެއްހުރެއެވެ. މިބާގަނޑު ހުންނާތީ ވަރަށް ވައިވަދެއެވެ. ފަސްވަނަ ބަރިވެސް ހުންނަނީ މިކަހަލަ ގޮތަކަށެވެ. ފާޚާނާ ހުންނަނީ، 4 ފޫޓު، 4 ފޫޓަށް ކުޑަކޮށެވެ. ގޮޅީގެ ކުރިމަތީ ފެންޑާ އޮންނަނީ، 4 ފޫޓުދިގުކޮށް ފުޅާކޮށް ދެފޫޓަށެވެ. ތަންކޮޅެއް ކުޑަކޮށެވެ. އެނދަށް އަށްޓެއް އަދި އަލަމާރިއަށް ހަރުގަނޑެ ކޮންކްރީޓް ކޮށްގެން ހަދާފައި ހުއްޓެވެ. ކޮންކްރީޓް މޭޒަކާއި ކޮންކްރީޓް ތަނބު ބުރިއެއް އިށީނުމަށްހުރީ ހަދާފައެވެ. މިފަހަރުގެ މަރާމާތުގެ ބުރުގައި ކުރަމުން ގެންދިޔައީ، ގޮޅީގެ އެތެރޭގެ މިކަހަލަ މަސައްކަތެވެ. އެތެރެއާއި ބޭރުން ކުލަލާ އާކޮށް ހެދިއެވެ. މިގޮތަށް ކޮންކްރީޓުން އެނދަށް ބޭނުންކުރާ އަށްޓާއި މޭޒާއި ގޮނޑިއާއި ކަބަޑްހެދުމުން ގޮޅިތެރޭގެ ޖާގަވަނީ ގެއްލިފައެވެ. އަށީގައި ސިންގަލް ގޮދަޑިއެއް ބޭއްވީމާ ގޮދަޑިން ދިގުމިނުގައި ކައިވަތެއްވަރު އަށިން ބޭރުވެފައި ހުރެއެވެ. ވިއްސާރަ ދުވަސްވަރު ގޮދަޑީގެ ދަށްފުށް އޮންނަނީ ފިނިހިފައި ތެމިފައެވެ. އަވީލަން ޖެހިފައެވެ. ގޮޅީތެރޭގައި ކުރިންހުރި ތަނަވަސްކަން މިހާރުވަނީ މުޅިން ގެއްލިއްޖެއެވެ. ހުސްތަނުގައި ކުނަލެއް ރީތިކޮށް އަޅައެއް ނުލެވެއެވެ. ޤިބްލަ ހުންނަގޮތުން ނަމާދަށް ހުންނަން ޖެހެނީ ވަރަށް އުނދަގޫ ގޮތަކަށެވެ. އަދި ޢަމުދުން ސްޓޭންޑް އެނބުރޭ ފަންކާއެއް ގޮޅީތެރޭގައި ގެންގުޅޭއިރު ހުސްތަންކޮޅެއް ގޮޅީތެރޭގައި އެއްގޮތަކަށް ވެސް ނޯވެއެވެ. ޖާގައިގެ ގޮތުން ވަރަށްދައްޗެވެ. އެއްވަނަ ބަރިއާއި ދެވަނަ ބަރީގައި ތޭރިލެއްވި ކުޑަދޮރު ބާގަނޑެއް ނުހުރެއެވެ. ފާޚާނާ ބައިގައި ހުންނަނީ ވައިވައްދަން އިސްކޮޅާ އެއްހަމައެއްގައި ހަތަރު އެސްލޯނު ހޮޅީގެ ހަތަރު އިންޗީގެގުދު ފާރުގައި ވަޅުލާފައެވެ. ފާޚާނާއަށް އަލިކަމެން ނުވަތަ ވައިކޮޅެއް ވަންނަންހުރީ މިހަތަރު ލޯވަޅެވެ. އަލިކަން ރޭގަނޑާއި ދުވާލު ހުންނަލެއް ކުޑައެވެ. ރޭގަނޑު އަލިވާން އިންނަނީ ބޭރުގައި އިންނަ ކުޑަބޮތްކެއް އެކަންޏެވެ. ގޮޅީގެ ކުރިމަތީގައި ހުންނަ ތޭރިލެއްވި ހަތަރުފޫޓު ހަތަރުފޫޓުގެ ބާގަނޑު ހުންނަނީ ހަމައެކަނި، 4 ވަނަ ބަރީގައާއި، 5 ވަނަ ބަރީގެ ގޮޅިތަކުގައެވެ. ފަހުން އިބުރާހުރީ، 11 ނަމްބަރު ގޮޅީގައެވެ. ކުރިން، 2 ނަމްބަރު ގޮޅީގައެވެ. ޝައިޚް ފަރީދު ކުރިންހުންނެވީ، 3 ނަމްބަރުގައެވެ. ފަހުން، 12 ނަމްބަރުގައެވެ. ފުރަހަނި ޝުޢައިބު ކުރިން، 26 ނަމްބަރުގައެވެ. ފަހުން، 3 ނަމްބަރުގައެވެ. އަދި އޭގެފަހުން، 27 ނަމްބަރުގައި އަޅުގަނޑާ ޖެހިގެންނެވެ. އަޅުގަނޑު ގެނެސް، 26 ނަމްބަރު ގޮޅިއަށް ވެއްދިއިރު، 27 ގައި އޮންނެވީ ޝުޢައިބެވެ. މިކަމާ އަޅުގަނޑު ވަރަށް އުފާވިއެވެ. ޝުޢައިބާއި އަޅުގަނޑަކީ އަބަދުވެސް މަޝަވަރާކޮށްގެން ކަންތައްކުރާ ދެމީހުންނެވެ. އަޅުގަނޑު މެން ދެމީހުން ސައްލާކޮށްގެން މިތިބެނީ މިރޭގޮތެއް ވާނެކަމަށެވެ. އެމެރިކާ ސަފީރު ވިދާޅުވި ގޮތަށް ބަލާއިރު މާދަމާއަކީ، 12 ވަނަ ދުވަހެވެ. ޚައްސަ މަޖިލީހުގެ ޖަލްސާތައް އަލުން ފެށޭނެ ދުވަހެވެ. މިވާހަކައިގާ ނުނިދާތިއްބައި ލޭޑީ ދުރުވީ، ޢަލީ ފާއިޒު ބަލާއެވެ. އޭރުގަޑިން ރޭގަނޑު، 11:30 ވަރު ވެދާނެއެވެ. ޢަލީ ފާއިޒު ގެންދިއުމުން، މާލެއަށް ޚާއްސަ މަޖިލީހުގެ، 4 ބޭފުޅަކު ގެންދެވުނީއެވެ. އެއި އާދިލާއި އެކްސްރޭ ޢާޠިފާއި ނަފާނަސީމާއި އަލީ ފާއިޒެވެ. ޢަލީފާއިޒާއެކު މާލެއަށް އަޅުގަނޑު ނުގެންދިއުމުން، ދެންމިރޭ ނުގެންދާނެކަމަށް ނިންމައި އަޅުގަނޑާއި ޝުޢައިބު ނިދީ ވަރަށް ފަހުންނެވެ. އަޅުގަނޑުގެ ގޮޅިހުންނަނީ ހުޅުވާފައެވެ. ޝުޢައިބުގެ ގޮޅިހުންނަނީ ތަޅުލާފައެވެ. ވަގުތުލިބޭ ވަރަކުން އެގޮޅިއަށް އަޅުގަނޑު ގޮސްހަދަމެވެ. އަޅުގަނޑުގެ ޚާއްސަކޮއްތުން ޝުޢައިބަށް އަބަދުވެސް އެއްބައިދީ ހަދަމެވެ. އަޅުގަނޑަށް ލިބޭތިންފުޅި ފެނުން ފެންފުޅި ވެސް ދީހަދަމެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތު ޖެހުމުން އެގޮޅިއަށް ވަދެ ބައެއްފަހަރު ޝުޢައުބަށް ގޮވާހަދަމެވެ. މިކަހަލަ ކަންތަކާ ފަހުންފަހަށް އައިސް ގާޑުންނަށް ތިބޭ އޮފިސަރުން އަޅައެއް ނުލައެވެ. ބައެއްފަހަރު ގޮޅިހުރަސްކޮށް ހަދާތަން އެމީހުންނަށް ފެނެއެވެ. މައްސަލައަކަށް ނުހަދައެވެ.

12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 61 ވަނަ ދުވަހެވެ. އެމެރުކާ ސަފީރު ވިދާޅުވެ ދެއްވިގޮތަށް، ރައްޔިތުން މަޖިލިސް ކުރާގޭގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް މިއަދު ހެދުނު، 9:00 ގައި ބޭއްވުނެވެ. މިއީ އެޖަލްސާތައް މެދުކެނޑުމަށް ފަހު، އަލުން ފެށުނު ދުވަހެވެ. މިއަދުގެ ޖަލްސާ އޮންނާނެކަން އެންމެފުރަތަމަ އަޅުގަނޑަށް އެނގުނީ އަޅުގނޑާ ބައްދަލުކުރެއްވި އެމެރިކާ ސަފީރު، 12 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނޭ ވިދާޅުވެ ދެއްވާފައި ވާތީއެވެ. އެހެނަސް މިޖަލްސާ ކުރިޔަށް ދިޔައީ ސަފީރު ވިދާޅުވި ގޮތަށް ޖަލުގައި ތިއްބެވި ހުރިހާ މެމްބަރުން އެޖަލްސާގައި ތިއްބަވައި ގެންނެއް ނޫނެވެ. އެޖަލްސާއަށް ހާޒިރުވެވޭގޮތަށް ޖަލުން ދޫކޮށްދެއްވީ، ޢަލީފާއިޒާއި އަޙްމަދު ޢާދިލާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމެވެ. ޢަލީ ފާއިޒު ގެންދިޔައީރޭ އެގާރަ ޖެހިފަހުންނެވެ. ޖަލުން ދޫކޮށްލި މެމްބަރަކާއި ކުރިން ދޫކޮށްލެވުނު ތިން މެމްބަރުން މިޖަލްސާގައި ބައިވެރިކުރީ އެމެރިކާއިން އެދުނުގޮތަށް ދިވެހި ސަރުކާރުން އަމަލުކޮށްފިކަން ދެއްކުމަށެވެ.

އާދެ! ޖަލުންދޫކޮށް ލެއްވިއިރު، ޢަލީ ފާއިޒު ހުންނެވީ، 24 ނަމްބަރު ގޮޅީގައެވެ. މިއަދުގެ ޖަލްސާއަށް އެއްނަމްބަރު ޖަލުން ދޫކޮށްލެއްވި ބޭފުޅަކީ ޢަލީފާއިޒު އެކަންޏެވެ. ދެން މިޖަލްސާއަށް މިނިވަންވި، 3 ބޭފުޅުން ތިއްބެވީ ދޫނިދޫ، 2 ނަމްބަރު ޖަލުގައެވެ. ޢާދިލް މާލެ ގެންދިޔައީ، ޢަލީ ޢަބްދުﷲ (އަލިބެ) މާލެ ގެންދިޔަ ދުވަސް ކަމުގައިވާ، 7 ވަނަ ދުވަހުގައެވެ. ނަފާނަސީމާއި އެކްސްރޭ ޢާޠިފު މާލެ ގެންދިޔައީ ލަފާކުރެވޭގޮތުގައި މިމަހު، 8 ވަނަ ދުވަހުގައެވެ. އެހެންވުމާއެކު ޖަލުބަންދުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވޭ ގޮތަށް ދޫކޮށްލެއްވީ، މިދެންނެވި، 4 މެމްބަރުން އެކަންޏެވެ. ދޫކޮށްނުލައި ޖަލުގައި ބޭތިއްބި މަޖިލީހުގެ މެމްބަރުންނަކީ، އިބުރާއާއި ޑޮކްޓަރ ޙުސައިނާއި އަޅުގަނޑު، އިލްޔާސާއި އަޙްމަދު ޝަފީޤު (ގާދީއްފުށި ސައްޕެ) އެވެ. ސައްޕެ އަދިވެސް ހުންވީ، 2 ނަމްބަރު ޖަލުގައެވެ. ދޫނިދޫ ގަނޑުވަރުގައި ތިއްބެވީ، ޤާސިމާއި ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ޙުސައިން ޒަކީއެވެ. މިވީގޮތުން ޖަލުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވުނީ އެންމެ، 4 މެމްބަރުން ނަށެވެ. އަދިވެސް އަނެއް، 7 މެމްބަރުން ތިއްބެވީ ޖަލުގައެވެ. އެހެންވުމުން މިކަން ވެގެން މިދިޔައީ، އީޔޫއަށާއި އެމެރިކާ ސަފީރަށް ދައްކާލި އޮފްދާރު ދަޅައަކަށެވެ. މިއަދުގެ ޖަލްސާދިޔައީ ފުރަތަމަ ދުވަހުގެ ޖަލްސާ ދިޔަހެން ވަރަށްފޯރި ގަދަކޮށެވެ. މިޖަލްސާއިން ވަކިގޮތެއް ނުނިންމި، ޖެނުނީ އަނެއްކާވެސް ހުއްޓާލާށެވެ. ޖަލްސާގެ ބާކީބައި އެހެން ދުވަހެއްގައި ކުރިޔަށް ގެންދާގޮތަށް މިއަދުގެ ޖަލްސާ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު ހުއްޓާ ލެއްވީއެވެ.

މިއަދު ހަވިރު ވަގުތެއްގައި އެމްނެސްޓީ އިންޓަރނޭޝަނަލުން މިސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްބޭފުޅާ ކަމުގައިވާ، މިސްޓަރ އައްބާސް އާއި އިތުރު އަންހެން ބޭފުޅެއް އަޅުގަނޑު މެންނާ ބައްދަލުވާން ޖަލަށް ވަޑައިގަތުމުން އުނދޯލިގޭއަށް އަޅުގަނޑު ނެރުނެވެ. މިއީ ވަރަށް އެކަހެރިކޮށް އިތުރު މީހަކުނެތި މިނިވަން ޖައްވެއްގައި ހިނގާދިޔަ ބައްދަލުވުމެކެވެ. ފުލުހުންނާއި ސިފައިންނާއި ޖަލުގެ ފަރާތުން އެއްވެސް ބޭކަލަކުނެތެވެ. ތިބީ އަޅުގަނޑާއި އެދެމީހުން އެކަންޏެވެ. ވަރަށް މިނިވަން ކަމާއެކު ދެފަރާތުގެ ވާހަކަތައް ކުރިޔަށް ގެންދެވުނެވެ. ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް މިދެބޭފުޅުންނަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އެބޭފުޅުންވެސް ކުރެއްވީ ހަމައެއް ވަށްތަރެއްގެ ސުވާލުތަކެވެ. ތަފާތު އާވާހަކައެއް ނާދެއެވެ. އަންހެންބޭފުޅާ އައްސަވައިފިއެވެ. ތިޔަހެންތިބޭއިރު ކިޔާލާނެ ފޮތާއި ނޫސްމަޖައްލާ ލިބޭހެއްޔެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިޔޯފަދަ ތަކެތި އެއްގޮތަކަށް ވެސް ނުލިބެއެވެ. މިތަކެތި ބޭނުންވެގެން އެދުމުން، ޖަލުއޮފީހުން ބުނަނީ އެއީ ޖަލަށް ވެއްދުން މަނާތަކެތި ކަމަށެވެ. އެބޭފުޅުން ވިދާޅުވަނީ، އެޙައްޤުތައް ފޯރުކޮށް ދެވެންޏާ މިތަން ޖަލަކަށް ނުވާނެއެވެ. މިރާއްޖޭގެ ޖަލުތަކަކީ ވަރަށް އަނިޔާބޮޑު ތަނެކެވެ. އެއްވެސް އިންސާނީ ޙައްޤެއް ލިބިގެން ނުވާނެއެވެ. ކަސްރަތުކޮށްލާނެ ތަންކޮޅެއްވެސް ގޮޅިތެރޭގައި ނޯވެއެވެ. މިހުރިހާ ވާހަކަތައް ވަރަށް ތަފްސީލުކޮށް، މިދެބޭފުޅުން ނޯޓު ކުރެއްވިއެވެ. ހަމަ މިކަހަލަ ސިޔާސީ ކަމެއްގައި އަޅުގަނޑާއި މުޙައްމަދު ނަޝީދު، އަންނި، 1990 ވަނަ އަހަރު ޖަލަށްލީ ފަހަރު ވަރަށް ތަފްސީލުކޮށް އެމްނެސްޓީއަށް އަޅުގަނޑުމެން ޖަލުގައި ތިބެގެން ސިއްރުން ރިޕޯޓެއް ފޯރުކޮށް ދިނީމެވެ. އޭރު މިގޮތަށް ތިޔަބޭފުޅުންނަށް ޖަލުތަކަށް ނާދެވެއެވެ. ބޭރުޖަމާޢަތްތަކުގެ ފަރާތުން ޖަލަށް ޒިޔާރަތް ކުރުމަކީ ހުއްދަދޭކަމެއް ނޫނެވެ. އެރިޕޯޓު ހޯއްދަވައިގެން ބައްލަވާ ލެއްވުމުން އޭރުޖަލުގައި ކަންތައްހުރި ގޮތާއި މިހާރު މިބުނެދެމުން ގެންދާގޮތައި މާބޮޑުތަފާތެއް ނެތްކަން ތިޔަބޭފުޅުންނަށް އެނގިލައްވާ ނެއެވެ. މިވާހަކައިގެ ޖަވާބުގައި އައްބާސް ވިދާޅުވިއެވެ. ރާއްޖެ އައުމުގެކުރިން ތިޔަހުރިހާ ރިޕޯޓުތައް ބެލީމެވެ. އަދި ބޭރުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެކެވުނެވެ. އެމީހުންނާ ބަރާބަރަށް ގުޅުން އޮވެއެވެ. އަންނިއާއި ޑޮކްޓަރ ވަހީދު ރަނގަޅަށް ދެނެލައްވާ ކަމަށް އައްބާސް ވިދާޅުވެ ދެއްވިއެވެ. މިއީ އަޅުގަނޑު ޖަލަށްލީ ފަސްވަނަ ފަހަރުކަމާއި އެފަހަރުތަކުގެ ރެކޯޑްސް އެމްނެސްޓީގައި ފެންނަން ހުންނާނެކަމަށް ދެންނެވީމެވެ. މިހާރުވެސް ތަޙުޤީޤުތައް ހިންގަނީ ރޭގަނޑުގައި އަނިޔާކުރަމުން ކަމުގައި ދެންނެވީމެވެ. ދެން އޮތީކޮން ވާހަކައެއްތޯ އައްބާސް އެއްސެވުމުން އަޅުގަނޑު ގެންނެވީމެވެ. ތިޔަބޭފުޅުން އަޅުގަނޑު މެންނާ ބައްދަލުކުރަން އަންނާނެވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވީ މިޖަލަށް ޒިޔާރަތް ކުރެއްވި، އެމެރިކާ ސަފީރުކަމާއި އެމަނިކުފާނު ވިދާޅުވީ ތިޔަބޭފުޅުން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތިބޭނީ، 12 ވަނަ ދުވަހު އަލުން ޖަލްސާތައް ފެށޭއިރަށް މާލެއަށް ގެންދަވާފަ ކަމަށެވެ. އެހެނަސް އަދިވެސް މިތިބީ ޖަލުގެ ކުޑަގޮޅީގައެވެ. މިއަދުގެ ޖަލްސާ ކުރިޔަށް އެގެންދަނީ، އަޅުގަނޑު މެންގެ ތެރެއިން މިނިވަންކުރި، 4 މެމްބަރުންނާ އެކުގައެވެ. ދެންތިއްބެވި ގަނަމެމްބަރުން މިތިބީ އަދިވެސް ޖަލުގައެވެ. ބައެއްބޭފުޅުން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި އެބަތިއްބެވެ. އެހެންވުމުން މިވާހަކަތައް އަޅުގަނޑުގެ ފަރާތުން އިއްޒަތްތެރި ސަފީރަށް ދަންނަވައި ދެއްވުން އެދެމެވެ. އަދި ވެސް އަޅުގަނޑުމެން މިތިބީ ޖަލުގެ އަނިޔާގައި ކަމަށް ދަންނަވައި ދެއްވާށެވެ. 12 ވަނަ ދުވަހުގެ ޖަލްސާއަށް ދޫކޮށްލީ އެންމެ، 4 މެމްބަރުންނެވެ. ދެން ތިއްބެވި، 7 މެމްބަރުން އަދިވެސް މިތިބީ ކުޑަގޮޅީގެ ބިރުވެރި އަނިޔާގައި ކަމަށް ތަކުރާރުކޮށް މިބޭފުޅުންނަށް ދެންނެވީމެވެ. ވީމާ އައްބާސްގެ އަރިހުން އަޅުގަނޑުގެ އެދުމަކީ އެމެރިކާ ސަފީރުއަރިހުގައި މިވާހަކަ މިގޮތަށް ދަންނަވައި ދެއްވުމެވެ. ސަރުކާރުން އެމެރިކާއާއި އީޔޫއަށް އޮޅުވާލެއްވީއެވެ. އަދި ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައް ނުދިއުމުން، އަޅުގަނޑުމެން، ޖަލުގައި ތިބެގެން އެކަމާ ނިހާޔަތަށް ހިތާމަކުރާ ކަމަށް ދެންނެވީމެވެ. މިވާހަކަ ނޯޓުކުރެއްވުމަށް ފަހު، ވީހާއަވަހަށް ސަފީރަށް ދަންނަވައިދޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ދެން މިބައްދަލުވުން ނިންމާލީ ވަރަށް އުފާވެރި މައުޙައުލެއްގައި ތިންމީހުން ސަލާމްޤަލާމް ކުރުމަށް ފަހުގައެވެ. އެއަށް ފަހު، ނަޞީރު ދުރުވެ، އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ.

ޚަބަރު ލިބޭގޮތުގައި އިބުރާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ. މިމަހު، 5 ވަނަދުވަހުރޭ ދަންވަރު، ހޮސްޕިޓަލަށް ގެންދިޔަގޮތަށް އަދިވެސް އެއޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މިކަންވެސްކުރީ ވަރަށް ހެއްވާކޮށެވެ. 6 ވަނަ ދުވަހަކީ އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރެއްވި ދުވަހެވެ. ބުނެވޭގޮތުގައި އިބުރާ ހޮސްޕިޓަލަށް ގެންދިޔައީ އެމެރިކާ ސަފީރާ ބައްދަލުވިޔަ ނުދޭށެވެ. އިބުރާ އަޅުގަނޑު މެންނަށް ވުރެން ގިނަވާހަކަތައް ސަފީރު އަރިހުގައި ދަންނަވާފާނެތީއެވެ. މިކަންތައް ކާމިޔާބު ކުރިޔަސް، އެމްނެސްޓީ އިންޓަރނޭޝަނަލް ބޭފުޅުން ހޮސްޕިޓަލުގައި އިބުރާއާ ބައްދަލުކުރި ޚަބަރުލިބުނެވެ.

13 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 62 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު މިނިވަންވިއެވެ. ކޮންބައެއްކަމެއް ސާފެއްނުވެއެވެ.

14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 63 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މެންދުރުކުރިން ރުކު އާ ބައްދަލުވިއެވެ. ރުކު ގޮވައިގެން އައިސްހުރީ އަޅުގަނޑުގެ ކޮއްކޮ އިބުރޭއެވެ. ވިޒްކޯ ދޯނީގައެވެ. މިބައްދަލުވުން އޮތީ އުނދޯލި ގޭގައެވެ. ނަޞީރު މާބޮޑަށް މިކަމަކާ ނޫޅުއްވައެވެ. އަޅުގަނޑާއި އަންހެނުން ބޭނުންހާ ވާހަކައެއް ދައްކަންއޮތީ މިނިވަން ކަމާއެކު ދޫކޮށް ލާފައެވެ. ގޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. ޓޭން އާއި ރޭމް ވެސް މުޅިން ބަރާބަރެވެ. އެކުދިން ދެކެނީ ބައްޕަވީ އޮފީހު ދަތުރެއްގައި ރާއްޖެތެރޭގައި ކަމަށެވެ. އަޅުގަނޑަކީ އަބަދުވެސް އެޓޮލްސް މިނިސްޓްރީގެ ފަރާތުން ރާއްޖެތެރޭގައި ގިނަދުވަސް ވަންދެން ދަތުރުގޮސް އުޅެހަދާ މީހަކަށްވާތީ، ދޮށީދަރިފުޅު ޓޭން ބައްޕަ ނުފެންނާތީއެއް ނޫޅެއެވެ. އޭނާގެ ޢުމުރަކީ އެންމެ ހަތަރު އަހަރާއި ހަމަހެވެ. ލޮޔަރު މުޢިޒު ހުންނެވީ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރައްވައިގެން ޖަލަށް ވަޑައިގެން އަޅުގަނޑާ ބައްދަލުވާން ތައްޔާރަށް ކަމަށް އަންހެނުން، ރުކު ބުންޏެވެ. ގަޑިއެއްހާ އިރުއަނގަ ތަޅަންތިބެފައި ދެމީހުން ވަކިވީ ވަރުގަދަ ބައްދާ ސަލާމަކުން ރޮއިލާހަދާފައެވެ. އިބުރޭ އޭރުދޯނީގައި ބަލަން ހުއްޓެވެ. އިބުރޭއަށް ވޭވްކޮށް ލާފައި ރުކުދޯންޏަށް އެރުމުން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ.

މިއަދަކީ މެދުކެނޑުމަށް ފަހު، ޚާއްސަ މަޖިލީހުގެ ދެވަނަ ޖަލްސާގެ ނުނިމި އޮތްބައި ކުރިޔަށް ގެންދިޔަ ދުވަހެވެ. އެޖެންޑާއަކީ ކުރީދުވަހުގެ އެޖެންޑާއެވެ. މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމެވެ. ޖަލްސާ ފެށުމާއެކުހެން ޖަލްސާ ދިޔައީ ހޫނުވަމުންނެވެ. ހަލަބޮލި ވަމުންނެވެ. އޮތީ ޤާސިމުގެ ނަންހުށަހަޅާ ގޮތަށެވެ. ސަރުކާރުން ހުށަހަޅާ ނަމަކަށްވަނީ، އެންދެރިމާގޭ އަލްފާޟިލް އައްބާސް އިބްރާހީމްގެ ނަންފުޅެވެ. ވޯޓުލާނެ ގޮތަކާ ގުޅިގެން ހޫނުގަދަ ބަހުސަކަށް ފަހު، ޚާއްސަ މަޖިލީހުގެ ރައީސްކަމަށް ޤާސިމާއި އައްބާސް، މިދެބޭފުޅުންގެ ނަންފުޅު ހުށަހެޅި ވޯޓަށް އެހުމުން ޖަލްސާދޫކޮށް، 12 މެމްބަރުން ތަޅުމުން ކުކުންނެވިއެވެ. އެހެނަސް ވަގުތީރައީސެއްގެ ގޮތުން ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު މިކަން ގެންގޮސްދެއްވީ ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަށެވެ. އައްބާސް ހޮވޭނެހާ ގޮތަކަށް މަގުފަހި ކުރައްވައި ގެންނެވެ. ގާނޫނު އަސާސީގެ، 133 ވަނަ މާއްދާއާ ޚިލާފަށް ހާމަވޯޓެއް، އަތްހިއްލާ ގޮތަށް ނަންގަވައި ގެންނެވެ. 133 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ.

“ޤާނޫނު އަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބުތަކާއި އާއްމުވޯޓު ތަކުގައި ނަގަންވާނީ ސިއްރު ވޯޓެކެވެ.”

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޙަމީދު އިންނަވައިގެން ފެއްޓެވި ޚާއްސަ މަޖިލީހުގެ ހުއްޓާލަން ޖެހުނު، ފުރަތަމަ ޖަލްސާގައި ވެސް ކުރެވުނީ ހަމަ މިބަހުސެވެ. ޙަމީދަށް ގޮތެއްނުނިންމެވި ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވާށެވެ. މައްސަލަ ޖެއްސި ހުރިހާ މެމްބަރުންނަށް ޖެހުނު އަޖަލަކީ ބަޣާވާތެއްގެ ތުހުމަތު ބޮލުގައި އެޅިގެން ޖަލަށް ވަންނާށެވެ. އަދިވެސް ތިބެންޖެހިފައި މިވަނީ ދޫނިދޫޖަލުގެ ކުޑަގޮޅި ތަކުގެ އަނދިރީގައެވެ. ސަރުކާރު އިންގިލާބުކޮށްލަން އުޅުނު ބާޣީންގެ ގޮތުގައެވެ.

އާދެ! މިއަދުގެ ޖަލްސާގެ ޚަބަރުތައް ޖަލަށް ލިބުނެވެ. އިސްލާހީ ހަރަކާތަަށް ތާއީދު ކުރައްވާ، 12 އިއްޒަތްތެރި މެމްބަރުން ޖަލްސާގެ ތަޅުން ދޫކޮށް ނުކުތުމުން ވެސް ޖަލްސާ ކުރިޔަށް ގެންގޮސް ހުށަހެޅުނު ދެނަމަށް ވޯޓަށް ރިޔާސަތުގައި އިންނެވި ސީނާ ޒާހިރު އެއްސެވީއެވެ. ޤާސިމަށް ލިބިވަޑައިގަތީ، 5 ވޯޓެވެ. ޤާނޫނު އަސާސީގައި އޮންނަގޮތަށް ސިއްރުން މިވޯޓު ލެވުނުނަމަ، ނުކުންނެވި، 12 މެންބަރުންގެ ވޯޓާއި ފާޅުގައި ކެރިގެން ވޯޓުލެއްވި ބޭފުޅުންގެ ފަސް ވޯޓާއި އިތުރުވޯޓުތަކެއް، ޤާސިމަށް ލިބިލެއްވީސްކަން ކަށަވަރެވެ. އެހެނަސް ސީނާ ޒާހިރުގެ ޗާލާކީ ބުއްދިން މިކަންތައް ފެއިލްކޮށްލީ ޤާނޫނު އަސާސީއާ ޚިލާފަށެވެ. އަސާސީއާ ޚިލާފަށް ތަޅުމުގައި ވޯޓަކަށް އައްސަވައިގެން ވަކިގޮތަކަށް ފާސްކޮށް ލައްވައިގެން ނެންގެވި ވޯޓުގެ އަޣްލަބިއްލަތުން ޚާއްސަ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ގދ.އަތޮޅު މެމްބަރު އެންދެރިމާގޭ ޢައްބާސް އިބްރާހީމެވެ. މިވޯޓަށް ފަހު، ދެން އެއްސެވީ ޚާއްސަ މަޖިލީހުގެ ނައިބު ރައިސަކަށް ހުޅަހެޅުނު، ރ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދުގެ ނަންފުޅަށް ފޯޓުލުމަށެވެ. ޚާއްސަ މަޖިލީހުގެ ނައިބު ރައީސަކަށް ހާޒިރުވެތިއްބެވި ބޭފުޅުންގެ އަޣްލަބިއްޔަތުން ހޮވިވަޑައިގަތީ ޝާހީން ޙަމީދެވެ. ރައީސާއި ނައިބު ރައީސް ހޮވުމުގެ މިވޯޓުލާ ނިންމާލެއްވީ ފާޅުކަންބޮޑުކޮށް އަތްހިއްލައިގެން ލެވުނު ވޯޓަކުންނެވެ. ޤާނޫނު އަސާސީގައި ބަޔާންކުރެވިގެން ވާގޮތަށް ސިއްރުވޯޓެއް ލައިގެނެއް ނޫނެވެ. މިއަދުގެ ޖަލްސާ ނިމި އެޖެންޑާ ހުސްވެގެން ދިޔައީ ޤާނޫނު އަސާސީއާ ޚިލާފަށް ހިންގުނު ޖަލްސާއެއްގެ ގޮތުގައެވެ. މިގޮތަށް ފާޅުކަން ބޮޑުކޮށް، ހާމަކޮންބޮޑު ގޮތަކަށް މިވޯޓު ނެގުމަކީ ގާނޫނީގޮތުން ހުއްދަކަމެއް ނޫނެވެ. ވޯޓުލާންވީގޮތް އަސާސީގައި ލިޔެވިފައި އޮއްވައި އަތްހިއްލައިގެން ވޯޓަށް އަހާނިންމާ ލެއްވުމަކީ ފާސިދު ޢަމަލެކެވެ. ބާތިލްވޯޓެކެވެ. އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި ސައްޕެއާ ވެގެން ކޯޓަށް ވެއްދީ މިމައްސަލަ ބަލައިދިނުމަށެވެ. ޞައްޙަރައުޔެއް ކޯޓުން ހޯދުމަށެވެ. އެހެނަސް އޭގެ ބަދަލުގައި އަޅުގަނޑަށް ޖެހުނުޙާލަކީ، ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްލުމަށް ފަހު، ލަޖަށް ވަންނާށެވެ. މިއަދުގެ ސަރުކާރުގެ ޢަދުން އިންސާފަކީ މިއެވެ. މިއަދުގެ ޖަލްސާ ނިމިގެން މިދިޔައީ ޚާއްސަ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އިންތިޚާބު ކުރެވިގެންނެވެ. އަދި އެކަން ރަސްމީކޮށް އިއުލާނު ކުރެވިގެންނެވެ. ޔައުމިއްޔާ ކުރެވިގެންނެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބަންދުގައިހުރި، ސިފައިންގޭގައި އަދިވެސް ވަޒީފާއޮތް، މުޙައްމަދު ރާއިދު މާލެ ގެންދިޔައެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއިދު، އިބުރާކައިރިއަށް ފޮނުވައިގެން ކުރިމަސައްކަތަކީ ޖާސޫސުކުރުން ހިންގުމެވެ. މީނާއަކީ، މީގެކުރިން ހިނގާފައިހުރި އެކިއެކި ޙާދިޘާ ތަކުގައި ސިޔާސީ މީހުންގެ ޖާސޫސަކަށް މާލެތެރޭގައި އުޅެނިކޮށް ތެތްއަތާހިފި، ފަޅާއަރާފައިވާ މީހެކެވެ. މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ރޯދަ ހިފަންޖެހޭ ދުވަހެވެ.

15 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 64 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީ ބަންދު ދުވަހަކަށްވާތީ ޖަލުތެރެ ހަމަހިނމޭން ދުވަހެކެވެ. އަދި ޢަމުދުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުލަރޯދަ ދުވަހެވެ. ހިޖްރީ ސަނަތުން، 1425 ވަނަ އަހަރުގެ ރަމަޟާންމަހު އެއްވަނަ ދުވަހެވެ. ރޯދަވީއްލުމާއި ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އުފާވެރި ކޮށެވެ. ގޮޅީގެ ދޮރުހުންނަނީ ހުޅުވައި ދީފައެވެ. ގޮޅީގެ ފެންޑާ ތަޅުންކޮޅަށް ނުކުމެ ސަރަންފީ ގޮނޑީގައި އިށީނދެއިނދެ ގިނަވަގުތު ހޭދަކުރުމާއި ޢަޞުރު ނަމާދަށް ފަހު، އެތަޅުންކޮޅު މަތީގައި ކަސްރަތު ކުރުމާއި މިކަހަލަ ކުރިން ނުކުރެވޭ އެތައްކަމެއް ކުރެވެއެވެ. ބޭނުންވާ އިރަށް ޝުޢައިބަށް ގޮވާލާހެދެއެވެ. އެގޮޅި ކައިރިޔަށް ޖެހިލާ ހެދެއެވެ. އަޅުގަނޑަށް ހުންނަނީ ޚާއްސަ ކާނާއެވެ. ޚާއްސަ މެނޫއެއް ހަދާފައި އޮވެއެވެ. މިކަމުގެ އެންމެ ފައިދާބޮޑީ ފުރަހަނި ޝުޢައިބަށެވެ. ޝުޢައިބު ރޯދަވީއްލަނީ ބަންގިގޮވާފައެވެ.

16 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 65 ވަނަ ދުވަހެވެ. މިބުރުގައި ޖަލުގައި ހުންނަތާ، 10 ވަނަ ހަފްތާއަށް ފެށުނީއެވެ. އަދިވެސް ފޮތެއް ފަންސޫރެއް މަޖައްލާއެއް އެއްޗެއް ނުލިބެއެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލުން ވަރަށް އަވަހަށް އެކަން ހަމަޖެހޭނަކަން ވަނީ، އަންގަވާފައެވެ.

17 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 66 ވަނަ ދުވަހެވެ. ރޯދައިގެ ވަރުބަލި ކަމުގައި ތިބީއެވެ. މިއަދު ވަކިޚާއްސަ ކަމެއް ނެތެވެ.

18 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 67 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މިއަދުހަވީރު ވަގުތެއްގައި ނޫހާއި މަޖައްލާ ލިބުނެވެ. މިއީ މިބުރުގައި ކިޔާލާނެ ނޫހެއް މަޖައްލާއެއް ފަދަ އެއްޗެއް ލިބުނު ފުރަތަމަ ދުވަހެވެ. މީގެ ފަސްދުވަސް ކުރީގެ ނޫސް ލިބިފައި ހުއްޓެވެ. ޓައިމް މަޖައްލާއަކާއި ނިއުސްވީކެއް ލިބުނެވެ. މިއީ މިދިޔަ ހަފްތާގެ އަދަދުތަކެވެ. އަދި މިދިޔަހަފްތާގެ ހުވާސް ކަޖައްލާއަކާއި އައްޑުވަސް މަޖައްލާއަކާއި ދަރުމަ މަޖައްލާގެ ކޮޕީއެއް ލިބިފައި އޮތެވެ. މިހާތާޒާކޮށް ޚަބަރުތައް ލިބުނީމާ ވަރަށް އުފާވިއެވެ. މިއީ މިބުރުގައި އަލަށް މިފަދަ އެއްޗެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ބޭރުދުނިޔޭގެ މަސައްކަތުންނާއި ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮށްދެއްވި މަސައްކަތުގެ ނަތީޖާއެވެ. މިހުރިހާ އެއްޗެއްގައި ލިޔެފައިހުރި ހުރިހާއެއްޗެއް އަޅުގަނޑު ކިޔަމެވެ. އެއްވެސް އަކުރެއް ދޫކޮށެއް ނުލަމެވެ.

19 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 68 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މުޅި ދުވަސް އެކުގައިހެން ދަނީ، ނޫސް މަޖައްލާތައް ކިޔުމުގައެވެ.

20 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 69 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ، ދުވާލު މާގިނަކަމެއް ނުހިނގައެވެ. ތަރާވިސް ނަމާދަށް ފަހު، ތަރާވީސް ބޮއިގެން ވާހަކަ ދައްކަން ތިއްބާ އެންމެ ފުރަތަކަ ނެރުނީ އިބުރާއެވެ. ދެން، 11:30 އެހާކަންހާއިރު ނެރުނީ ޢިމްރާނެވެ. މިދެބޭފުޅުންނަކީ އެއް ނަމްބަރު ޖަލުން ނެރުނު ބޭފުޅުންނެވެ. ދެން ދެނަމްބަރު ޖަލުން ނެރުނުކަމަށް ޚަބުލިބުނީ،  ނަޒާކީ އިބްރާހީމް ޒަކީއާއި ތްރީއޭ ޢަލީ ޝިޔާމާއި ސަންލޭންޑް ނަޒީރުގެ ކޮއްކޮ، އަފްޟަލްއެވެ. މިއެމްމެންވެސް ގެންދިޔައީ މާލެއަށް ގެއަށެވެ. ސަންލޭންޑް ނަޒީރު ހުންނެވީ އެއް ނަމްބަރު ޖަލުގައެވެ. މީނާ ބިރުނުގަންނާތީ މީނާއާ ވާހަކަދައްކާލާ ހެދެއެވެ. ނަޒީރުގެނައި ނޯބެއާ ޢަލީޢަބްދުﷲ ގެންދިޔަ ފަހުންނެވެ. ނަޒީރުގެ މައްސަލައަކީ، އިބްރާހީމް ޙުސައިން ޒަކީއަށް ބައެއް ކަންކަމުގައި އެހީތެރި ވެދިނުމެވެ. އަދި އިންޑިޔާގެ ސިޔާސީ އިސް ބަޔަކާއެކު ނަޒީރުގެ ޔޮޓެއްގައި ބޭއްވުނު ބައްދަލު ކުރެއްވުމަކާއި ބައެއް މެއިލްތަކަކާ ގުޅިގެން ސުވާލު ކުރުމަށެވެ. ކަޅުހުކުރުގެ މިބަންދާ ގުޅިގެން އިބްރާހީމް ޙުސައިން ޒަކީ ދެއްވާފައިވާ، 11 ސޮފްހާގެ ބަޔާނަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުން ކޮންމެހެންވެސް މުޠާލަޢާ ކުރައްވަންޖެހޭ މުހިންމު ބަޔާނެކެވެ. އަދި ދިވެހިތާރީޚު ދިރާސާ ކުރައްވާ ކިޔަވާކުދިން ކޮންމެހެން ވެސް ބައްލަވާލައްވަން ޖެހޭނެ ބަޔާނެކެވެ. މިބަޔާނުގެ ކޮޕީއެއް އަޅުގަނޑަށް ލިބޭގޮތެއް ނުވިއެވެ. އެހެނަސް އެބަޔާން ދެފަހަރެއްގެ މަތިން އަޅުގަނޑުގެ އެދުމުގެ މަތިން، އަޅުގަނޑުގެ ލޮޔަރ އަޙްމަދު މުޢިޒް އަޅުގަނޑު މުޠާލަޢަކޮށްލަން ދެއްވިއެވެ. ސިޔާސީ ކަންކަމުގައި ޒަކީގެ ހިތްވަރާއި ފިނޑިކަން ހުރިމިންވަރު މިބަޔާނުން އަގުވަޒަން ކޮށްލެވޭނެއެވެ. ލޮޔަރ މުޢިޒްގެ ލޯފާރމްގެ ޢަރްޝީފްގައި މިބަޔާން އަދިވެސް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައް ދިރާސާ ކުރައްވާ ކިޔަވާކުދިން މިބަޔާން އޮތްތާކުން ހޯއްދަވައިގެން ބެއްލެވުމަކީ މަޤައުމަށް ޓަކައި ކޮންމެހެން ވެސް ކުރަންޖެހޭކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދިމިރޭ ދަންވަރު ވަގުތެއްގައި، ޤާސިމް މާލެ ގެންދެވި ޚަބަރު ލިބުނެވެ. އެހެނަސް މާލޭގެ އަތިރިމައްޗަށް ރައްޔިތުން އެއްވެފައި އޮތުމުން އަނބުރާ ގެނެސް އަނެއްކާވެސް އޮޅުވާލާފައި އެހެން ދިމާއަކުން މާލެއަށް އެރުވީކަމަށް ވެއެވެ. ޒަކީ އޮންނެވީ އައިޖީއެމް ހޮސްޕިޓަލު ގައެވެ. ހޮސްޕިޓަލުން ޒަކީ ގެންދާގޮތަށް ހަމަޖެހިފައި އޮތީގެއަށެވެ. މިރޭގެ ވަގުތެއްގައި ޑޮކްޓަރ މުޙައްމަދު މުނައްވަރު ވެސް މާލެ ގެންދިޔައެވެ. މިތިން ބޭފުޅުން ގެއަށް ބަދަލު ކުރައްވައި ގޭގައި އިޢުލާނެއް ބެހެއްޓެވިއެވެ. އެއިން ގެއެއްގެ ރަޖިސްޓްރީގައި ނެތްމީހަކަށް އެއިން ގެއަކަށް ނުވަދެވޭ ގޮތަށް އެއިޢުލާނުގައި ލިޔެފައި ވެއެވެ. މިދަންނަވާ އިޢުލާނުގެ އިބާރާތަކީ މިއެވެ. “މިގޭގައި ނިދާކައިބޮއި ހަދާމީހުން ފިޔަވާ އެހެންމީހުން މިސަރވިސްގެ ހުއްދަ ލިބިގެން ނޫންގޮތަކަށް މިގެއަށް ވަދެ ނުކުމެ އުޅުމަކީ މަނާކަމެކެވެ.” މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިޢުލާނެކެވެ. މިއިޢުލާނުގައި ތާރީޚަކަށް ޖަހާފައިވަނީ، 20 އޮކްޓޯބަރ 2004 އެވެ. މިއީ އިބުރާއާއި ޤާސިމާއި ޑޮކްޓަރ މުނައްވަރު، މިތިން ބޭފުޅުން ގެއަށް ބަދަލުކުރި ރެއެވެ. ޒަކީ ހޮސްޕިޓަލުން ގެއަށް ގެންދަވާނެ ކަމަށްވަނީ އަންގަވާފައެވެ. މިކަންމިކުރީ، ބައިނަލް އަޤްވާމީ މުޖްތަމަޢުގެ ޕްރެޝަރުގައެވެ. 12 ވަނަ ދުވަހަށް ދޫކޮށްނުލައިގެން އިތުރަށް ޕްރެޝަރ އަންނަމުން ދިޔައެވެ. އެހެނަސް އަދިވެސް އެންމެ ރުޅިއަންނަ، 3 މީހުން ކަމުގައި ޢަބްދުﷲ ޙަމީދުގެ މައްސަލަަ ކޯޓަށް ވެއްދި ތިން މެންބަރުން ތިބީ ދޫނިދޫގެ ޖަލުގައި ކުޑަގޮޅީގައެވެ. މެމްބަރންގެ ތެރެއިން މިހާރު ޖަލުގައި ބާކީވެފައި މިތިބީ އަޅުގަނޑުމެން އެތިންމީހުންނެވެ. ސައްޕެއާއި ޑޮކްޓަރ ޙުސައިން ރަޝީދާއި އަޅުގަނޑެވެ. ސައްޕެ އަދިވެސް ހުންނެވީ ދެނަމްބަރު ޖަލުގައެވެ. މިހާރުމިދަނީ ޒާތީޙަސަދައިގެ ބައެވެ. އަޅުގަނޑުމެން ތިންމީހުން ޖަލުގައި އެކަނިކޮށްފައި މިތިބީ، ޒާތީރުޅިވެރި ކަމެއްގައެވެ.

21 އޮކްޓޯބަރ 2004 ވީބުރާށްފަތި ދުވަސް، ޖަލުގައި ހުންނަތާ، 70 ވަނަ ދުވަހެވެ. މިބުރުގައި ކުޑަގޮޅީގައި ހުންނަތާ، ބަރާބަރު، 10 ހަފްތާހަމަވީއެވެ.

“ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފް އަމަލުތަކުގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭ” ހ.މަނާލް ޒުހައިރާ ޢުމަރާއި ގ.ކެނެރީގޭ ޢަބްދުﷲ ޖަލީލް، އަބުޖީގެ މައްޗަށް ދައުލަތުން ދައުވާ ކުރެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން، މިއަދު ކޯޓަށް ފޮނުވިއެވެ. މިކަން ޢާއްމު ކުރައްވައި އެއޮފީހުން ނެރުއްވި ބަޔާނުގައި އޮތްގޮތުން، ޒުހައިރާ ޢުމަރުގެ މައްޗަށް ދައުލަތުން ކުރައްވަނީ، ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއާއި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ދިވެހިންގެ ތެރޭގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އަބުޖީގެ މައްޗަށް ދައުލަތުން ކުރައްވަނީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއެވެ.

22 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 71 ވަނަ ދުވަހެވެ. ޚާއްސަ ކަމެއްނެތް ދުވަހެކެވެ.

23 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 72 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރަށް އަޅުގަނޑުގެ ލޮޔަރ މުޢިޒުއާ ބައްދަލުވި ދުވަހެވެ. މިބައްދަލުވުން ހިނގީ ދޫނިދޫޖަލުގައި މުޢިޒުގެ އެދިވަޑައި ގަތުމުގެ މަތިންނެވެ. މިހާތަނަށް ދޫކޮށްލެއްވި މީހުންގެ ވާހަކަތަކާއި ބަންދުގައި ތިބިމީހުންގެ ތެރެއިން ގިނަބައެއްގެ ލޮޔަރަކީ މުޢިޒުކަމަށް ވިދާޅުވިއެވެ. މާބޮޑަށް ފިކުރު ނުކުރުމަށާއި މައްސަލަ މާހޫނުނޫންކަމަށް ވިދާޅުވެ ދެއްވިއެވެ. ދެން ވަރަށް އަވަހަށް މާލެއަށް ގެންގޮސް ފާނެކަމަށް ވިދާޅުވިއެވެ. އަދި ވީހާއަވަހަށް ހޯމް މިނިސްޓަރ ޢުމަރު ޒާހިރަށް ސިޓީއެއް ލިޔުމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލުވުން ނިންމާލީ ވީހާއަވަހަށް އުމަރު ޒާހިރަށް ސިޓީއެއް ލިޔާގޮތަށެވެ. މިއީ އަޅުގަނޑު ކުރާހިތްވާ ކަމެއްނޫނެވެ. އެހެނަސް މުޢިޒު ވިދާޅުވީމާ މިކަންކުރަން ނިންމީއެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި މޫސަ (ތަލަ މޫސަ) ތަހްގީގަށް ނެރުމަށްފަހު ބަޔާނަށް ކުޑައިސްލާހެއް ގެނަސް ސޮއި ކުރުވުމާއެކު މާލެ ގެންގޮސް ދޫކޮށް ލެއްވިއެވެ. އެހެނަސް މއ.ބޯގަންވިލާގައި އިޢުލާނު ތަތްކޮށްފައި ހުއްޓާއެގެއަށް އިބުރާއާ ބައްދަލުކުރަން ވަދެގެން އަލުން މާލޭ ވެލްފެއަރ ޖަލުގައި ބަންދުކުރި ޚަބަރުލިބުނެވެ.

24 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 73 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ސަންދާނު ނިސްރީން، ނިންނި މާލެ ގެންދިޔައެވެ. އޭރުއޭނާގެ ބަޔާނުގައި ސޮއިކުރުވާ ނުނިމެއެވެ. ގެންދިޔައީ ގޭގެބަންދަށެވެ. ސަންދާނު މައްސަލައިގެ ޙުކުމް އޭނާގެ މައްޗަށް ކުރިޔެކޭ އެއްގޮތަށް އޮތެވެ. އެހުކުމުގެ ދަށުން ގޭގައި ބެހެއްޓީއެވެ.

މިއަދު ކުރިމަސައްކަތަކީ އަޅުގަނޑުގެ ލޮޔަރ ވިދާޅުވިގޮތަށް ޢުމަރު ޒާހިރަށް ސިޓީއެއް ލިއުމެވެ. މިއީ އަޅުގަނޑު ވަރަށް ކުރާހިތްނުވާ ކަމެކެވެ. އެހެނަސް މުޢިޒުގެ އެދުމުގެ މަތިން މިއަދު އެސިޓީ ލިޔުނީމެވެ. އެސިޓީގެ ޚުލާޞާއަކީ މިއެވެ.

ބިސްމިއްލާ ހިއްރަޙްމާ ނިއްރަޙީމް.

ދޫނިދޫ، 1 ނަމްބަރު ޖަލު، 26 ނަމްބަރުގޮޅި

ދޫނިދޫ ޑިޓެންޝަން ސެންޓަރ

ކ.ދޫނިދޫ.

މިނިސްތަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އުމަރު ޒާހިރަށް.

ވެދުންސަލާމަށް ފަހު، ދަންނަވަމެވެ. (މިތާގައި މިނޯޓްކޮސްލަނީ އެސިޓީގެ ޚުލާޞާއެވެ.)

7 އޮކްޓޯބަރ 2004 ވީބިރާސްފަތި ދުވަހު، އަޅުގަނޑުވާނީ ބަޔާނުގެ، 4 އަސްލުގައި ސޮއިކޮށްފައެވެ. އެދުވަހުން ފެށިގެން ތަޙްޤީޤުގެ ހުރިހާކަމެއް ވަނީ ނިމިފައެވެ.

މިހާރު ޖަލުގައި ބަހައްޓާފައި މިހުރީ، އެޓޮލްސް މިނިސްޓްރީއިން ރައީސް އޮފީހަށް ލިޔެގެން އަޅުގަނޑަށް ދީފައިވާ ނޯޓިސްގެ މުއްދަތު ގުނުމަށެވެ. ތިންމަސް ހަމަވާންވާ އިރަށް ކޮންމެވެސް ތާކުން ވަޒީފާ ހަމަނުޖެހިއްޖެނަމަ އަޅުގަނޑުގެ ވަޒީފާ ގެއްލޭނެއެވެ. ނޯޓިސްގެ މުއްދަތު ހަމަވަނީ، 8 ނޮވެމްބަރ 2004 ވަނަ ދުވަހަށެވެ. ވީމާ ހޯމް މިނިސްޓަރީން އަޅުގަނޑަށް ވަޒީއެއް ހަމަޖައްސަވައި ދެއްވުން އެދެމެވެ.

އަޅުގަނޑަކީ ރާއްޖޭގައި މީހުންއުޅޭ ހުރިހާރަށަކަށް ދެފަހަރަށް ވުރެން ގިނައިން ޒިޔާރަތްކޮށް، ގިނަގުނަ މަސައްކަތްތަކެއް ދައުލަތަށް ކޮށްދީފައިވާ މީހެކެވެ. ކުދިރަށްރަށުން މީހުން ދިރިއުޅޭ ބޮޑެތިރަށްރަށަށް މީހުން ބަދަލު ކުރުމަކީ، އެޓޮލްސް މިނިސްޓަރ ޢަބްދުއްރަޝީދު ޙުސައިންގެ ލާފާފުޅުމަތިން އަޅުގަނޑު އަމިއްލައަށް ރާވައިގެން ހިންގި ޕްރޮގްރާމެކެވެ. މިމަޝްރޫޢުގެ ދަށުން މިހާރުވާނީ ކުދިތިންރަށް ހުސްކޮށްފައެވެ. ހދ.ހޮނޑައިދޫއާއި ށ.ފިރުނބައިދޫއާއި ށ.މާކަނޑޫދޫ އަކީ މިހާރުފަޅުރަށް ތަކެއްކަމުގައި ހަމަޖެހިފައި އެވަނީ އަޅުގަނޑުގެ ބުރަ މަސައްކަތުންނެވެ. އަޅުގަނޑާއި އެޓޮލްސް މިނިސްޓަރ ޙަމީދުގެ ޚިޔާލުތަފާތުވީ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރެވުނު ގާނޫނު އަސާސީ މާނަކުރުމުގެ ބަހުސެއްގައެވެ. މިކަން މިހެންއޮތަސް އަދި އަޅުގަނޑު ކަނޑާލުމަށް ރައިސް އޮފީހަށް ލިޔުއްވައިގެން ނޯޓިސް ދެއްވާފައި ހުއްޓަސް އަޅުގަނޑަކީ ޙަމީދު ވަރަށް އިތުބާރުކުރި މީހެކެވެ. ޙަމީދުގެ ބަދަލުގައި، ސިފައިންގެ ތެރޭގައި ހުންނަ ދައުލަތުގެ މައިތިޖޫރި ހުޅުވުމަށް ތަޅުދީފައި ފޮނުއްވަނީ ވެސް އަޅުގަނޑެވެ. އަދި ތިޖޫރީގެ އެދުވަހެއްގެ މަސައްކަތް ނިމެންދެން ތިޖޫރި ބަލަހައްޓަން ހުންނަނީ ޙަމީދުގެ ބަދަލުގައި އަޅުގަނޑެވެ. އަދި އެކިބައްދަލުވުން ތަކުގައި އަޅުގަނޑަކީ އެޓޮލްސް ގައިހުރި ޖަވާހިރެކޭ އެތައްފަހަރަކު ޙަމީދު ވިދާޅުވެފައި ހުންނާނެއެވެ. އަދި އެންމެ ރަނގަޅު މުވައްޒަފުގެ ފިލާ ދެއަހަރެއްގެ މަތިން އަޅުގަނޑަށް ޙަމީދުގެ އަތްޕުޅުން ދެއްވާފައި ވެއެވެ. މިއަދު އަޅުގަނޑަށް ސަރުކާރުގެ އެހެން އޮފީހަކުން ވަޒީފާއެއް ތިންމަސް ދުވަހުގެ ތެރޭގައި ހޯދުމަށް ނޯޓިސް ދެއްވާފައި ހުރުމުން އަޅުގަނޑަށް ހޯމް މިނިސްޓްރީއިން ވަޒީފާގެ ފުރުސަތެއް ދެއްވައި މިހާރު މިހުރިބަންދުން ދޫކޮށްލަ ދެއްވުން އެދި އިޚްލާޞްތެރި ކަމާއެކު ދެއްނަވަމެވެ. އަދި އެޓޮލްސްގައި ހުރެގެން ހޯމް މިނިސްޓްރީގެ ގިނަޓާސްކްފޯސް ތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދީފައި ވާނެއެވެ.

ވީމާ އަދިވެސް އެއްފަހަރު ތަކުރާރުކޮށް ދަންނަވަނީ، އަޅުގަނޑު ދޫކޮށްލައްވައި ތިޔަމިނިސްޓްރީން ވަޒީފާއެއް ދެއްވުމަށެވެ. އަަޅުގަނޑުގެ ވަޒީފާ ނުގެއްލޭނެގޮތް ހައްދަވައި ދެއްވުމަށެވެ.

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

24 އޮކްޓޯބަރ 2004މ.  ޚާދިމުކުލް މުޠީޢު،   އިލްޔާސް ޙުސައިން އިބްރާހީމް.   ސޮއި.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް / މާލެ

ދިވެހިރާއްޖެ.

25 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 74 ވަނަ ދުވަހެވެ. މިއަދަކީ އަނެއްކާވެސް ބޮޑުމަޖިލީހުގެ ޖަލްސާއެއް އޮތް ދުވަހެކެވެ. މިއަދުގެ އެޖެންޑާ ގައިއޮތީ މަޖިލީހުގެ ގަވާއިދެއް ހެދުމުގެ މަޝްވަރާއެވެ. މިބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ދެނަމްބަރު ޖަލުގައި ތިބިއެންމެން، އެއްނަމްބަރު ޖަލަށް މިރޭގެނައެވެ. މުހައްމަދު ފުޅު ވެއްދީ، 6 ނަމްބަރު ގޮޅިއަށެވެ. އައިސީ ވެއްދީ، އެއްނަމްބަރު ގޮޅިއަށެވެ. ޙުސްނުއް ސުޢޫދު ވެއްދީ ފަހުން އަބްޖީ ހުންނެވި، 18 ނަމްބަރު ގޮޅިއަށެވެ. ހޮލޯގްރާމް އަޙްމަދު އާދަމް، އަންމަޑޭ ވެއްދީ، 19 ނަމްބަރަު ގޮޅިއަށެވެ. ކުޅުދުއްފުށީ އަބުސީ ވެއްދީ، 9 ނަމްބަރު ގޮޅިއަށެވެ. ތިނަދޫގޭ ނަޒީރު ޖަމާލް ވެއްދީ، 7 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ރައްޓެހި ލ.އަތޮޅު ޝަކޫރު ވެއްދީ، 8 ނަމްބަރު ގޮޅިއަށެވެ. ގާދިއްފުށި ސައްޕެ، އަޙްމަދު ޝަގީޤު ވެއްދީ، 11 ނަމްބަރު ގޮޅިއަށެވެ. ސިފައިންގެ ބޭކަލެއްގެ ގަޔަށް ވަޅިހެރި ޙުސައިން، ޕައިޑަރ ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. މުޙައްމަދު އިޔާޒު ވެއްދީ، 10 ނަމްބަރު ގޮޅިއަށެވެ. ޒިޔާއްޓޭ ވެއްދީ ކުރިން އަޅުގަނޑުހުރި، 17 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ވެއްދި ކުރިން ދާދަރާހުރި، 16 ނަމްބަރު ގޮޅިއަށެވެ. 15 ނަމްބަރު ގޮޅިގައިހުރީ އިސްމާޢީލް ޢާޞިފް، އާސިއްޕެއެވެ. ވަލީދުހުރީ، 14 ނަމްބަރު ގޮޅީގައެވެ. 13 ނަމްބަރު ގޮޅީގައި ހުންނެވީ ސަންދާނު އަހަންމައިދީއެވެ. 12 ނަމްބަރު ގޮޅީގައި، ޝައިޚް ފަރީދެވެ. އަޅުގަނޑުމެން އެއްނަމްބަރު ޖަލަށް ޖަމާވުމަށް ފަހު، ތިބީމިގޮތަށެވެ. ވަރަށްމަޖާ މާހައުލެކެވެ. އެންމެން މަޝްވަރާކޮށް ހަދަމެވެ. ގުޅިގެން ކަންތައްކޮށް ހެދެއެވެ. މައްސަލައަކަށް ނުވެއެވެ. އެންމެން އެއްތަނަކަށް ޖަމާވީއެވެ. މިމީހުން އެތެރެއަށް ވެއްދިއިރު އަޅުގަނޑު މެންގެގޮޅީގެ ދޮރުތައް ހުޅުވައިދީފައި ހުރެފައި މިމީހުންގެ ގޮޅިތަކުގެ ދޮރުތައް ބަންދުކުރުމުން އަލަށް ގެނެވުނު މީހުން މައްސަލަ ޖެއްސިއެވެ. ޙުސްނުއް ސުޢޫދު މިކަމާ އިހްތިޖާޖު ކުރުމުގެ ގޮތުންހުރީ ނުކައެވެ. މީނާގެ ބަހަކީ ތަފާރުކޮށްގެން ނުވާނެއެވެ. ވަކިބައެއްގެ ދޮރުތައް ހުޅުވައިދީފައި އަނެއްބައެއްގެ ދޮރުތައް ބަންދުކުރުމަކީ އިންސާފެއް ނޫންކަމަށެވެ. ހުސްނު މިކަން ސަމާލުކަމަށް ގެނައުމުން މިކަމާ ޖަލުއޮފީހުން ވިސްނާނެ ކަމަށް އެންގިއެވެ.

ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން މީހުން ހައްޔަރު ކުރުމުގައާއި ބަންދު ކޮށްފައި ބޭތިއްބުމުގައި އިންސާނީ ޙައްޤުތަކާޚިލާފު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އާންމު ތަޙްޤީޤެއް ބާއްވަވާގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އިން ހަމަޖައްސަވައި އެކަން މިއަދު އިޢުލާނު ކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު އަލްއުސްތާޒު ޙުސްނުއް ސުޢޫދާއެކު ޖުމްލަ، 33 މީހަކު ޖަލުގައާއި ގޭގެބަންދުގައި މިހާރުއެބަ ތިބިކަމަށް ބުނެއެވެ. މިކަން އިޢުލާނު ކުރެއްވިއަސް މިފަދަ ތަޙްޤީޤަކީ އެކޮމިޝަނުން ކުރެއްވޭނެ ތަޙްޤީޤެއް ނޫނެވެ. މިއީ އެކޮމިޝަނަށް ކުރެއްވޭނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެހެނަސް މިއީ ކުރެވިއްޖެއްޔާ ވަރަސް ރަނގަޅު ކަމެކެވެ. ރައްޔިތުންގެ ތަރްޙީބު ލިބޭނެ ކަމެކެވެ.

26 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 75 ވަނަ ދުވަހެވެ. މިރޭ ތަރާވީޙަށް ފަހު، ޖެނީއާއި އައިންތު ނަޖީބު މާލެއަށް ގެންދިޔައެވެ. މިދެމީހުން ގޭބަންދަށް ބަދަލުވީއެވެ. އަދި ހުރިހާ ގައިދީންގެ ދޮރު، ދުވާލު ދިހައަކުން ހުޅުވާފައި ރޭގަނޑު ދިހައަކުން ބަންދުކުރާ ގޮތަށް މިއަދު ޖަލުއޮފީހުން ހަމަޖެއްސިއެވެ. ހުރިހާގައިދީންނަށް ފޮތެއްގައި ލިޔެފައި މިލިޔުންލިޔެ އަންގާއި ސޮއިކުރުވިއެވެ. މިކަން މިގޮތަށް ހަމަޖެއްސުމުން އަޅުގަނޑުމެން އެންމެން އެދުނީ ރޯދަމަހަށް ވާތީ، ހެދުނު ނުވައަކުން ދޮރުހުޅުވާފައި ރޭގަނޑު އެކަކަށް ބަންދުކޮށްދޭ ގޮތަށެވެ. ވަރަށް ފަސޭހައިން މިއެދުން ގަބުލުކޮށް ޖަލުއޮފިހުން މިގޮތަށް ގޮޅީގެ ދޮރުހުޅުވައިދޭ ގޮތަށް ހަމަޖައްސައި ދިނެވެ. އަދި މާދަމާ ރެއިންފެށިގެން މިގޮތަށް ހަމަޖައްސައި ދޭނެކަމަށް އެންގިއެވެ.

27 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 76 ވަނަ ދުވަހެވެ. 2004 ގައި އޮންނައާންމު އިންތިކާބަށް ކުރިމަތި ލުމަށް އިޢުލާނު ކުރުމުން އިލެކްޝަންސަށް މިއަދު ސިޓީއެއް ލިޔުނީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރިމަތިލާން ބޭނުންވާތީ އިލެކްޝަންސުން ފޯމްސެޓް ހޯދުމުގެ ބޭނުމުގައެވެ. އަދި ފޯމްސެޓް ޖަލަށް ފޮނުވައި ދެއްވެންނެތްނަމަ، މާލޭގެ ގޮނޑިއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރޭގައި އަޅުގަނޑުގެ ނަންހިމަނައި ދެއްވުމަށް އެސިޓީގައި އެދުނީމެވެ. އެކަމަށް ބޭނުންވާ، ދެހާސް ރުފިޔާއާއި ފޮޓޯ ގެއިން ފޮނުވައި ދެއްވާނެކަމަށް ލިޔުނީމެވެ. އަދި މާލޭން ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިދޭނީ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދު ކަމުގައި ލިޔުނީމެވެ. ގޮޅީގެ ދޮރުތައް ހެދުނު، 9 ގައި ހުޅުވާފައި ރޭގަނޑު، 1:30 ގައި ލައްޕާގޮތަށް ހަމަޖެހުނުކަން މިރޭހާރު ކެއުމުގެ ކުރިން އަންގައި އެގޮތަށް އަމަލުކުރަން ފެށިއެވެ.

ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފު އަމަލު ތަކެއްގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭތީއާއި އަމަންނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު މ.އުނިމާގެ އަޙްމަދު ޢާދިލްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ.

28 އޮކްޓޯބަރ 2004 ވިބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 77 ވަނަ ދުވަހެވެ. މިރޭ ތަރާވީހަށް ފަހު މާލެއަށް ގިނަބަޔަކު ގެންދިޔައެވެ. 21 ނަމްބަރު ގޮޅިގައިއޮތް ކޮލަމާފުށީ ފުއާދު ޒާހިރާއި، 25 ނަމްބަރު ގޮޅީގައިއޮތް ދާދަރާ ނަސީމާއި، 24 ނަމްބަރު ގޮޅީގައިއޮތް، ފޮޓޯގްރާފަރ ޙުސައިނާއި، ޙުސްނުއް ސުޢޫދާއި އަންމަޑޭއާއި، 4 ނަމްބަރު ގޮޅިގައިއޮތް، ޤާރީޢަބްދުﷲ އައި މިހަމީހުން މާލެ ގެންގޮސް ދޫކޮށްލި ޚަބަރު ލިބުނެވެ. މާދަމާނޫން އަނެއްދުވަހަކީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިތާ، 21 ދުވަސް ހަމަވާ ދުވަހަށްވާތީ، ގާޒީއެއްގެ ކުރިމައްޗަށް ކޯޓަށް ގެންގޮސް ޖަލުގެ މުއްދަތު އިތުރުކުރަން ޖެހޭކަމަށް އެނގިފައިވެއެވެ. އެހެންވެ މިރޭ އެއްބައި މީހުން ދޫކޮށްލީއެވެ. އަނެއްބައި މީހުންކޯޓަށް ގެންގޮސް، 30 ދުވަސް އިތުރުކުރިއެވެ. މިމުއްދަތު ގުނަންފެށުނީ، 1 ނޮވެމްބަރުން ފެށިގެންނެވެ. މިގޮތަށް، 30 ދުވަސް އިތުރުކުރީ އައިސީ އަށާއި ޒިޔާއްޓޭ އަށާއި ވަލީދަށާއި އާސިއްޕެއަށާއި އިޔާޒަށާއި ގާދީއްފުށީ ސައްޕެއަށެވެ. އެއްބަޔަކު މިރޭދޫކޮށްލީ އެންމެންނަށް މިގޮތަށް ކޯޓަށް ގެންގޮސްގެން ޖަލުގެ ނުވަތަ ގޭގެބަންދަށް ދުވަސް އިތުރު ނުކުރާށެވެ.

29 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 78 ވަނަ ދުވަހެވެ. ވަކި ޚާއްސަކަމެއް ނެތެވެ.

30 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 79 ވަނަ ދުވަހެވެ. ޖަލުގެ މުއްދަތު އިތުރުނުކޮށް ތިބިމީހުން، ތިންބުރަކަށް ބަހާލައިގެން މިއަދާއި މިރެއާއެކު ކޯޓަށް ގެންދިޔައެވެ. ޝުޢައިބާއި އަޅުގަނޑަށް ގާޒީލިޔެދިނީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދާގޮތަށެވެ. އެހެނަސް ގެނެސްލީ ގޮޅިއަށެވެ. ސަންދާނު އަހަންމައިދީ އަށާއި ޝައިޚް ފަރީދަށް މުއްދަތު އިތުރުކޮށް ނުދެއްވީ އެދެމީހުންގެ ޖަލުގެހުކުމެއް އިއްވިފައި މިހާރުވެސް ވާތީއެވެ. މިހާރު، 1 ނަމްބަރު ޖަލުގައިތިބީ، 21 މީހުންނެވެ. 30 ދުވަސް ގާޒީ އިތުރުކޮށް ދެއްވީ، 19 ގައިދީންނަށެވެ.

ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، މިހާރު ބަންދުގައިތިބި، 33 މީހުންގެ ތެރެއިން، 7 މީހަކު މިއަދު ދޫކޮށްލެއްވި ކަމަށް ފުލުހުން މީޑިއާއަށް އެންގިއެވެ.

31 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 80 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސަންދާނު އަހަންމައިދީ މާލެއަށް ގޭގެބަންދަށް ގެންދިޔައެވެ. ޖަލުގައި އަޅުގަނޑު މެންގެތެރެއިން މިހާރުތިބީ އެންމެ، 20 ގައިދީންނެވެ.

1 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 81 ވަނަ ދުވަހެވެ. އަޅުގަނޑުގެ މައްސަލަ ބަންޑާރަ ނައިބު އޮފީހުން ޝަރުޢީ ކޯޓަށް ފޮނުވިކަމަށް މިއަދު އިޢުލާނު ކުރެއްވިއެވެ. އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލުތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީއާއި ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލިކަމަށް  ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ޝަރުޢީކޯޓަށް ވެއްދިއެވެ. މިއަދު ހަވީރު ވަގުތެއްގައި ޑޮކްޓަރ ޝަކީލު ކައިރިއަށް ނެރުނެވެ. އަޅުގަނޑު އަތުގައި ބޭސް ހުރުމުން އިތުރުބޭސް ލިޔެދޭކަށް ނުހައްދަވައެވެ. ފައިދުޅަވެފައި ބުރަކައްޓަށް ތަދުވާތީ އެވާހަކަ ދެންނެވީމެވެ. މިކަމަށް ވަކިޚާއްސަ ބޭހެއް ނުދެއްވިއެވެ.

2 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 82 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގައިބޮޑު މަޝްވަރާއެއް ކުރެވުނު ދުވަހެކެވެ. އަޅުގަނޑުމެން ހަންގަރ ސްޓަރިކެއް ހެދުމަށެވެ. މިކަމުގައި ހުރިހާ ގައިދީންގެ ފަރާތުން އިސްކޮށް ބަސްބުނާ މީހެއްގޮތުގައި ބެހެއްޓުމަށް އެންމެން އެއްބަސްވި މީހަކީ ވަލީދެވެ. މެންދުރުކުރިން ހުރިހާގޮޅިއެއްގައި ތިބިމީހުންނާ ވާހަކަދައްކައި ހެދުމުން ނުކުތްނަތީޖާ އަކީ، މިއަންނަ ބުރާސްފަތި ދުވަހު ރޯދަވީއްލަން އެއްޗެހި ގެނައުމުން ރޯދަނުވީއްލާ ބޫކުހަޅުތާލެއް ފެއްޓުމަށެވެ. ރޯދަމަހަށް ވާތީ ރޯދަވީއްލަން ތިންކަދުރާއި ފެންބުއިމަކީ ހުއްދަކަމެއް ކަމާއި އެމީހަކަށް ފެނިއްޖެނަމަ ފުރާނައަށް ގެންލުން ނުވާގޮތަށް ކަދުރާއި ފެންބޭނުން ކުރިޔަސް އެކަކުވެސް ކާއެއްޗެއް ކައިގެން ނުވާނެކަމަށް ނިންމުނެވެ. ހުރިހާ ގައިދީންގެ އާންބަސް ލިބުމުން ވަލީދު ރަސްމީކޮށް ޖަލުއޮފީހަށް މިކަން މިއަދު އެންގިއެވެ. ޖަލުއޮފީހުން ވަކި ޖަވާބެއް ބޭނުންނޫން ކަމަށާއި އެކިގައިދީންގެ ހުރީއެކި ޝަރުޠުތައްކަން ޖަލުއޮފީހަށް އެންގުނެވެ. މިގޮތަށް ނިންމައިގެން މިކަން މާލެއަށް އަންގާނެގޮތެއް ނެތިފައި ތިއްބައި ހަވީރުގެ ވަގުތެއްގައި ސޫޒަންފުޅާއި ޑޮކްޓަރ ޙުސައިން ރަޝީދު، ބަލާ އަތުވެއްޖެއެވެ. މާލެއަށް ބަދަލުކުރާށެވެ. ކުރިން މީހަކު އައިސް އެންގީ މާލެދާގޮތަށް ތައްޔާރުވުމަށެވެ. އެދެމީހުން ބަލާއައީ ހަވީރު ފަހެއް ޖެހިއިރުއެވެ. ދެން ސޫޒަނާއި ޑޮކްޓަރ ޙުސައިން، ހުރިހާ ގޮޅިއަކަށް ހިނގައި ހުރިހާ ގައިދީންނާއި ސަލާމްކޮށް ހެދިއެވެ. ޑޮކްޓަރ ޙުސައިން މާލެއަށް ގެންދިއުމުން ޖަލުގައި ބާކީވެފައި ތިބޭނީ ޚައްސަ މަޖިޅިހުގެ ދެމެމްބަރުން އެކަންޏެވެ. އެއީ އަޅުގަނޑާއި ސައްޕެ އެވެ. އަޅުގަނޑު ގޮޅިއަށް ސޫޒަން އައުމުން ބޫކުހަޅުތާލުގެ ވާހަކަ ބައިނަލް އަޤްވާމީ މުޖްތަމަޢަށާއި ހުރިހާ ގައިދީންގެ ގެތަކަށް ތަފްސީލުކޮށް އެންގުމަކީ ސޫޒަންގެ ކަމެއްކަމުގައި ބުނީމެވެ. އަދި ކިޔައިދޭންވީ ހުރިހާއެއްޗެއް ބުނެދިނީމެވެ. ޑޮކަށް އެކަމެއް ނުކުރެވޭނެއެވެ. އެހެނަސް ސޫޒަންގެ އަމިއްލަ ކަމެއްގެ ގޮތުގައި މިކަންކުރާށޭ ބުނީމެވެ. އަދި އާއިލާތަކުގެ އެއްވެސް މީހަކު ދެރަނުވުމަށައި، އަޅުގަނޑު މެންގެ ތެރެއިން އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދޭނެ ކަމަށާއި އެކަން ޚާއްސަ ގޮތެއްގައި އަޅުގަނޑު ރަނގަޅަށް ބަލަހައްޓައިދޭނެ ވާހަކަ ބުނެދިނުމަށް ސޫޒަން ގާތުގައި ބުނެދިނީމެވެ. ޑޮކާއި ސޫޒަންގެ ސަމާނާއެކު ނެރެގެން ގެންދިޔައިރު ހަވީރު ފަސްގަޑި ފަނަރަވަރު ވެދާނެއެވެ. ސޫޒަން ގެންދިޔައީ ގޭބަންދަށް ކަމަށް ޖަލުއޮފީހުން ކަށަވަރުކޮށް ދިނެވެ. ސޫޒަން ގެޔަށް ދިޔަގޮތަށް ޖަލުގައި މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެކަކުވެސް ނުކައިހުންނަ ގޮތަށް ބޫކުހަޅުތާލެއް ފެށުމަށް ވަނީ ހުރިހާކަމެއް ހަމަޖެހިފައި ކަމަށް އަޑުފަތުރާލައި ފިއެވެ. އިނގިރޭސި ވިލާތުގައި މިކަން އިޢުލާނު ކުރެވިއްޖެއެވެ. އެންމެންގެ ސަމާލުކަމަށް މިކަންތައް ގެނެވިއްޖެއެވެ. މިޚަބަރުތައް އަޅުގަނޑު މެންނަށް ލިބުމުން އިތުރަށް މިކަންތައް ރާވާލައި ބުރާސްފަތި ދުވަހު މިކަންތައް ކުރިޔަށް ގެންދާގޮތަށް ކަށަވަރުކޮށް ނިންމައިފީމެވެ. އަޅުގަނޑުމެން ބޭނުންވާ ގޮތަށް މިކަން ކުރެވުނީމާ ކޮންމެހެން ވެސް މިކަންކުރަން މަޖްބޫރުވީއެވެ. ސޫޒަން މާލެގެންދިއުން ވެގެން ދިޔައީ އަޅުގަނޑު މެންނަށް ލެއްވި ރަޙްމަތަކަށެވެ. އެންމެން ނިދީ، އެދުވަހު އެގަޑީގައި ބޫކުހަޅުތާލު ފަށާގޮތަށް ޢަޒުމް ކަނޑައަޅާއި ނިޔަތްގަނެގެ، ވަޢުދުކަށަވަރު ކޮށްގެނެވެ.

3 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 83 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑުގެ ލޮޔަރ މުޢިޒު ޖަލަށް ވަޑައިގަތުމުން އަޅުގަނޑު ނެރުނެވެ. މުޢިޒު ގާތުގައި ބޫކުހަޅުތާލުގެ ވާހަކަބުނުމުން އަޅުގަނޑަށް ދެއްވީ ދިގުނަޞޭޙަތެކެވެ. ވިދާޅުވީ ތިޔައަޑު އަހާފައިވާ ކަމަށެވެ. މުޢިޒުގެ ނަޞޭޙަތަކީ އަޅުގަނޑަކީ ޑައިބެޓިކް މީހަކަށްވާތީ އެކަމުގައި ބައިވެރި ނުވުމަށެވެ. އަދި ސައްޕެއާއި އިލްޔާސް ހައިހޫނު ކަމުގައި ބަޑަށް ހުރުމުގައި ބައިވެރު ނުވުމަކީ ރަނގަޅު ކަމެއްކަމުގައި ވިދާޅުވެ ދެއްވިއެވެ. އަދި މިއީ އޭނާގެ އަމިއްލަ އެދުމެއް ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެން މިކަމުގައި ބައިވެރި ނުވެއްޖެނަމަ ވަރަށްގޯސް ވާނެކަމަށް ދެންނެވުމުން، ވިދާޅުވީ ޑޮކްޓަރަކައި ބައްދަލުކޮށް ލަފާހޯދައިގެން ނޫނީ، އިލްޔާސް ނުކައިހުރެގެން ނުވާނެކަމަށެވެ. އިލްޔާސަކީ މިހާރު ޑައިބެޓިކް މީހެކެވެ. މުޢިޒު މިގޮތަށް ބާރުއެޅުއްވުމުން މިއަދު ޑޮކްޓަރާ ބައްދަލުކޮށް ލަފާހޯދާނަމޭ ދެންނެވީމެވެ. ދެން އެންމެރަނގަޅޭ ވިދާޅުވިއެވެ. މާލޭގެ ޚަބަރުތައް ރަނގަޅުކަމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލު ވުމަށް ފަހު، އަޅުގަނޑު ޑޮކްޓަރ ޝަކީލްއައި ބައްދަލުވާން އެދުމުން ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދެއްވިއެވެ. ޑޮކްޓަރ ޝަކީލް ކޮންމެދުވަހަކު ވެސް ޖަލަށް ކުއްވެރިން ބެއްލެވުމަށް ވަޑައިގަންނަވައެވެ. މާލަސް ތަކެއްނުވެ ޑޮކްޓަރ ޝަކީލް ކައިރިއަށް އަޅުގަނޑު ނެރުނެވެ. ޝަކީލަށް ބޫކުހަޅުތާލުގެ ވާހަކައާއި މާދަމާރޯދަ ވީއްލަން ގެންނައެއްޗެހި ގެނައިމާ ނުނަގައި، އަދި ނުކައި ތިބެގެން ފަށަން ހަމަޖެއްސި ވާހަކަ ނަންގަތުމުން ޑޮކްޓަރ ޝަކީލް ވިދާޅުވީ ޑައިބެޓިކް މީހުން ރަނގަޅުވާނީ ކެއުމުންނެވެ. ނުކައިތިބެގެން ހަކުރުދަށްވެ އަނބުރައުގަނެ ކޯމާއަކަށް މީހާ ހިނގައްޖެނަމަ، ވަރަށް ނުރައްކާވާނެއެވެ. ސިކުނޑިން ބައެއްސެލްތައް މަރުވެގެން ދާނެކަމަށް ބުނެދިނެވެ. އެހެންވުމުން ޑައިބެޓިކް މީހުން ރަނގަޅުވާނީ ބަރާބަރަށް ކެއުމުންނެވެ. ބައެއް ޑައިބެޓިކް މީހުން ރޯދައަށް ތިބެނީވެސް ވަރަށް ބަލައިގެންނެވެ. އިލްޔާސަށް ހުރިހާވާހަކައެއް މިކިޔައި ދެވުނީއެވެ. ދެން މީގެއިތުރުން ބުނެދޭނެ އެއްޗެއް ނެތެވެ. ކެއުމާއި ނުކެއުމަކީ އިލްޔާސްގެ އަމިއްލަކަމެކެވެ. އަޅުގަނޑު މިތާނގައި ހުރިއްޔާ އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދީ ހިފާއްޓައި ދޭނަމެވެ. އެހިސާބަށް ދިއުމުން ދޭންޖެހޭ ފަރުވާ، ޑޮކްޓަރީގޮތުން ދޭނަމެވެ. ވަރަށް ރަނގަޅަށް ބަލަހައްޓައި ދޭނެކަމަށް ވިދާޅުވިއެވެ. ބޫކުހަޅުތާލަށް ދިއުމާއި ނުދިއުމަކީ އިލްޔާސް އަމިއްލައަށް ނިންމަން ޖެހޭނެ ކަމެކެވެ. ތިޔަކަމުން ރަނގަޅުގޮތެއް ވެސް ވެދާނެއެވެ. ހަންގަރސްޓްރައި ކަކީ ދުނިޔޭގައި ސިޔާސީމީހުން ކޮށްއުޅޭ ކަމެކެވެ. ތިމަންނާ އިތުރަށް ދަންނަވާނޭ އެއްޗެއް ނެތެވެ. ދެން ގޮޅިއަށް ގެނެސްލީއެވެ. ޑޮކްޓަރުގެ މިވާހަކަތައް އަހާފައި އަޅުގަނޑު ނިންމީ ކަދުރާއި ފެންބޮއިގެން، އަޅުގަނޑު ވެސް މިބޫކުހަޅުތާލުގައި ބައިވެރިވާށެވެ. މާދަމާ ރޯދަވީއްލާގަޑީގައި ފެނާއި ކަދުރު ނޫން، އެހެންއެއްޗެއް ނުނަގާގޮތަށް އެންމެން އަހުދުކޮށް ނިންމީއެވެ.

މިއަދު ވަރަށް ހަވީރުވެފައި ވަނިކޮށް ތަޙުޤީޤަށް ނެރުނެވެ. ތިއްބެވީ، ޢަލީ އަހްމަދާއި ޝާޠިޙެވެ. މުޅިންވެސް އެއްސެވީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކުގެ ވާހަކަތަކެވެ. ދިރާގުންއޮތީ ހުރިހާތަފްސީލެއް ހޯދައިގެން ގެނެސްފައެވެ. އެލިސްޓުގައި ހުރިހުރިހާ ކޯލްތަކަކާ ގުޅިގެން ވަކިވަކިން ކޮންމެކޯލަކާ ގުޅިގެން ސުވާލުކުރިއެވެ. އަޅުގަނޑު ހަނދާންހުރި ވަރަކުން ތެދަށް ކިޔައިދިނީމެވެ. މިއަދު ބޮޑަށް ސުވާލުކުރީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކަށެވެ. ރަފްބަޔާނެއް ނަންގަވައިގެން އޭގައި އަޅުގަނޑު ލައްވާރަފްކޮށް ސޮއިކުރުވައިގެން މިއަދަށް ނިންމާލެއްވީ، މާދަމާ ރިސީވްވެފައި ހުރިކޯލްތަކާ ބެހޭގޮތުން ރަފްބަޔާނެއް ނަގާފައި ދެބަޔާން އެއްކޮށްލާފައި އަސްލުބަޔާން ހަދާނީއޭ ކިޔާފައެވެ. މިކަން ނިމިގެން އިރުކޮޅަކު ވާހަކަދައްކާލަން ތިބީމެވެ. ޢަލީއަޙްމަދު ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅު ގޮތެއް، އިލްޔާސަށް ވާނެކަމަށެވެ. ހަމަ މިރޭވެސް މާލެއަސް ގެންދެވުން އެކަށީގެން ވެއެވެ. މިހާރުތިޔަ ހުންނެވީ ގެންދަން ވެފައެވެ. ލަސްމިވަނީ ކީއްވެގެންކަމެއް އޮޅުންނުފިލާ ކަމަށެވެ. ގެއަށް ބަދަލު ކުރުމުގެ ބާރުއޮންނަނީ ކޮމެޓީއަށެވެ. ތަޙްޤީޤުތައް މިވަނީ ނިމިފައެވެ. މިއީ ފުރިހަމަކޮށްލަން ކޮށްލާކަމެކެވެ. އިލްޔާސްގެ މައްސަލަ މިހާރުވާނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ތިޔަހުންވީ ގެއަށް ގެންދާން ވެފައެވެ. މިވާހަކަތަކަށް ފަހު، ސަލާމްކޮށްލާ ހަދާފައި ގޮޅިއަށް ގެނައުމުން، އައިސް ގޮޅިގައި އިންއިރު ހިތަށްއަރާ އެއްޗަކީ، މިހާރު އަޅުގަނޑު ގެއަށް ނުގެންގޮސް މިހިފާއްޓަނީ، ކޮމެޓީގެ ބޮޑަކަށް ހުންނަވާ ބޭފުޅާގެ ސަބަބުން ކަމަށެވެ. ޙަމީދުގެ ބޭފުޅާ، މައުމޫން ޙަމީދަކީ މިކޮމެޓީއަށް ގާނޫނީލަފާދޭ ބޭފުޅެކެވެ.

4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 84 ވަނަ ދުވަހެވެ. މިއަދު ތަޙްޤީޤަށް ނެރުނެވެ. ސުވާލުކުރެއްވީ އަޅުގަނޑަށް ރިސީވްވެފައިހުރި ފޯންކޯލްތަކާ ގުޅިގެންނެވެ. ރަފް ބަޔާނެއް ނެގުމަށްފަހު ކުރީދުވަހުގެ ބަޔާއި މިއަދުގެ ބައިއެއް ކޮށްލައިގެން އެއްބަޔާނަކަށް ކޮމްޕުން ޓައިޕްކޮށް ޕްރިންޓެއް ގެނެސް އަޅުގަނޑަށް ދައްކާލުމުން ބައެއް އިސްލާހުތައް އެބަޔާނަށް އަޅުގަނޑު ގެނައިމެވެ. ދެން ތަޙްޤީޤު އޮންނަ ދުވަހަކުން މުޅިން ނިންމާލާނީއޭ ކިޔާފައި ސޮއި ނުކުރުވާ މިއަދަށް ނިންމާލީއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ. މިއަދު ހަވީރު، އިލެކްޝަންސުން އަޅުގަނޑަށް ފޮނުވި ފޯމްތަކާއި މަޖިލީހުގެ ޔައުމިއްޔާތަކުގެ ބޮނޑިއެއް ގެނެސްދިނެވެ. މިބޮނޑިވަރު ތެރޭގައި ޤާނޫނު އަސާސީއަކާއި ބޮޑު މަޖިލީހުން އަޅުގަނޑަށް އެޑްރެސްކޮށް ފޮނުވާފައިވާ ދެސިޓީއެއް ވެސް އޮތެވެ. މިއެއްޗެހިތައް ލިބިމުން ކިޔާލުމަށް އާސާމާނުތަކެއް ލިބުނީމާ ވަރަށް އުފާވިއެވެ. ޖެހިގެން އޮންނަވާ ފުރަހަނި ޝުޢައިބަށް ބައެއް ޔައުމިއްޔާތައް ކިޔާލެއްވުމަށް ދިނީމެވެ. އަޅުގަނޑާ ޝުޢައިބާއި މަޝްވަރާކޮށްފަހި ނިންމީ އަޅުގަނޑު މާލޭގެ ގޮނޑިއަކަށް ކުރިމަތިލާށެވެ. އަދި ޝުޢައިބު ހދ.އަތޮޅުގެ ގޮނޑިއަށް ކުރިމަތި ލައްވާށެވެ. ޖަލުގައި ތިބެގެން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި މީހުންނަކީ އަޅުގަނޑުމެން ދެމީހުންނެވެ. މިއީ ދިވެހި ތާރީޚަށްޓަކައި ފާހަގަކޮށްލަން ޖެހޭ، މުހިންމު ނުކުތާއެކެވެ. ޖަލުގައި ތިބެގެން މިކަމަށް ދިމާކުރުމުން ގިނަމީހުން ފުރަތަމަގަތީ ބިރެވެ. ތަޙްޤީޤުޓީމު ވެސްގަތީ ބިރެވެ. އަޅުގަނޑު މެންނަށް ފާޑުވިދާޅުވިއެވެ. އެހެނަސް އަޅުގަނޑު އެދެމުން ގެންދިޔައީ އަޅުގަނޑުގެ ސިޓީތައް އެޑްރެސް ކުރަމުންގެންދާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ސިޓީތައް ރައްދުކޮށް ދިނުމަކީ ތަޙްޤީޤު ޓީމުގެ މަސްއޫލިއްޔަތެއް ކަމުގައި ދަންނަވަމުންނެވެ. މިއަރާރުމަށްފަހު، އަޅުގަނޑުމެންގެ ސިޓީތައް ތަޙްޤީޤުން ބެއްލެވުމަށްފަހު، ގެންދެވީ އެފަރާތްތަކަށް ރައްދުކޮށް ދެއްވަމުންނެވެ. އެހެންވުމުން އަޅުގަނޑުގެ ވިސްނުމާ އެއްގޮތަށް މިސައްކަތްތައް ކުރިޔަށް ގެންދެވުނެވެ.

5 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 85 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް، އަދި އިތުރު ޚަބަރެއްނެތް ދުވަހެކެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.

6 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 86 ވަނަ ދުވަހެވެ. މިއަދު މެންދުރު، 1:30 ގައި ގޮޅިން ނެރުނެވެ. އުނދޯލިގެއަށް ގެންދިޔައިރު ފެންނަންހުރީ ހަންދުއެވެ. ހަންދުއެދިގެން އަޅުގަނޑާ ބައްދަލުވުމެއް ބާއްވައި ދިނީއެވެ. ގޭގެ ހުރިހާ ޚަބަރުތަކެއް ސާފުކޮށް އޮޅުންފިލިއެވެ. ކޮއްކޮ އިބުރޭވެސް އަޅުގަނޑާ ބައްދަލުވުމަކަށް އެދި ސިޓިއެއް ލާފައިވާ ވާހަކަ ހަންދު ބުންޏެވެ. މާލޭ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތަކާ އެއްޗެހި އިލެކްޝަންސުން ނަގައި ފުލުސް އޮފީހައި ހަވާލުކޮށްހެދީ އިބުރޭކަމުގައި ހަންދު ބުނެދިނެވެ. މަންމަ ޢުމްރާއަކަށް މައްކާއަށް ފުރުއްވި ޚަބަރުދިނެވެ. ދޮންދައްތަ މާލޭގައި ހުންނެވި ޚަބަރު ދިނެވެ. އަޅުގަނޑުގެ ފޯމުތައް ފުރާފައި ފޮނުވުމުން ހަދަންވީގޮތް ހަންދުއަށް ކިޔައިދިނީމެވެ. އަޅުގަނޑު ހަންދު ކައިރީގައި ބުނެދިނީ، ފޯމުތައް އިބުރޭއަށް ލިބުމުން މއ.ތަބައްގޭ މުހަންމަދު ރިޟްވާން އަތަށް ދީގެން ދެންހުރި ކަންތައްތައް ފުރިހަމަ ކުރުމަށެވެ. އަޅުގަނޑުގެ ކެންޕޭން މެނޭޖަރަކީ އަބަދުވެސް ތަބައްގޭ މުޙައްމަދު ރިޟްވާން، ރިލޭއެވެ. އަޅުގަނޑުގެ ކުދިންކޮޅާއި އަންހެނުން ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. އަންހެނުން ރުކު ވެސް އުޅެނީ ބައްދަލު ވުމަކަށް ސިޓީއެއް ލައިގެންކަމަށް ހަންދު ބުންޏެވެ. މިބައްދަލުވުން މިހާހިސާބުން ނިންމާލީ ވަރަށް އުފަލުގައެވެ.

7 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 87 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު، އަންހެނުން ރުކުއާ ބައްދަލުވުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ބުންޏެވެ. ކުޑަދެކުދިން، ޓޭންއާއި ރޭމްގެ ޙާލުވެސް ބަރާބަރެވެ. ލޮޔަރ މުޢިޒު ގުޅުއްވި ވާހަކަ ބުންޏެވެ. ވަރަށް އަވަހަށް ގެއަށް ބަދަލުކޮށްފާނެ ކަމުގައި ލޮޔަރުބުނުއްވި ކަމަށް އަންހެނުން ބުނެދިނެވެ. މަންމަމެން އެންމެންގެ ސަލާމް ބުނެދިނެވެ. ހޯމް މިނިސްޓްރީންނާއި އެޓޮލްސްއިން ލިބެންޖެހޭ ފައިސާއެއް ނެގުމަށް ރުކުސިޓީއެއް ލިޔެގެން ގެނައެވެ. އެހެނަސް އެސިޓީގައި ސޮއިކުރުން ޖަލުއޮފީހުން މަނާކުރިއެވެ. ޖަލުއޮފީހުން ބުނަނީ އެއްވެސް އެއްޗެއްގައި ސޮއިކޮށް ނުހެދޭނެ ކަމަށެވެ. ވަކިން އިލްޔާސް ސިޓީއެއް ލިޔަންބޭނުން ވެއްޖެނަމަ، ގަނޑާއި ގަލަން ގެނެސްދެވި ދާނެކަމަށެވެ. މިފައިސާއަކީ އަޅުގަނޑުގެ މުސާރައާއި ހޯމް މިނިސްޓްރީން ދެއްވާ ފައިސާއެކެވެ. މިކަންވާގޮތް ނުވުމުން، އެފައިސާ ރުކާ ޙަވާލުކޮށް ދިނުންއެދި، ފަހުން ސިޓީއެއް ފިނުވާގޮތަށް ހަމަޖެއްސީއެވެ. އަޅުގަނޑުގެ ސިޓީތައް ލިބުމުން އެކަން ހަމަޖެހޭނެ ކަމަށް ރުކުކައިރީގައި ބުނެ، މިއަދުގެ ބައްދަވުން ނިންމާލީއެވެ. މަޖިލީހުގެ މުސާރަވެސް ރުކަށް ނެގޭގޮތަށް މަޖިލީހަށް ވެސް ސިޓީއެއްލާނަމޭ ބުނީމެވެ. ރުކުގޮސް ދޯންޏަށް އަރަންދެން ބަލަންހުރީމެވެ. ރޯދަމަހަށް ވުމުން ރޭގަނޑު ތިބެނީ ކަދުރާއި ފެންބޮއިގެން ނުކައި ބޫކުހަޅުތާލު ގައެވެ. ފުރަހަނި ޝުޢައިބަކީ މާހިތްވަރުގަދަ މީހެކެވެ. ބުނުއްވަމުން ގެންދަވަނީ އެއްވެސް އެއްޗެއް ނުކައި ރޯދައަށް ހުންނަވަނީ ކަމަށެވެ. އެހެންވުމުން ގަޑިއަކުން ގަޑިއަކުން ޝުޢައިބުގެ ޙަލުބަލަނީ އަޅުގަނޑެވެ. ގިނައިން އޮންނަވަނީ އެނދުގައި އޮށޯވެގެންނެވެ. އެގޮޅިއަށް އަޅުގަނޑު ސިއްރުން ވަދެހަދަމެވެ.

އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލު ތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. މިހަތަރު މީހުންގެ ތެރޭގައި ހިމެނޭ، މ.މާނެލް މުޙައްމަދު ޙަސަންދީދީގެ މައްޗަށް ދައުލަތުން ދަޢުވާކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާއެވެ. ގ.ބެންބޫ އެލީނާ އަޙްމަދު ޢައްބާހާއި، ހ.އަމަން ޢިމްރާން ޒާހިރާއި، ހ.މައިޒާން މުޙައްމަދު ނަވީޒްސަލީމްގެ މައްޗަށް ދައުލަތުން ކުރެއްވީ، ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން މިކަމުގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލަ ކުޑަކުދިންނާ ބެހޭކޯޓަށް ފޮނުވިއެވެ. އެކުއްޖާގެ މައްޗަށް ދަޢުވާކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.

8 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 88 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަށާއި އެޓޮލްސްއަށާއި ހޯމް މިނިސްޓްރީއަށް ސިޓީލިޔެފައި ޖަލުއޮފީހާއި ރައްދުކޮށް ދިނުންއެދި ހަވާލުކުރީމެވެ. މިސިޓީތައް ރުކަށް ކޮޕީކޮށްފައި ވާނެއެވެ. އޭރުން އޭނާއަށް އެފައިސާ ނެގުމުގައި ދަތިކަމެއް ދިމައެއް ނުވާނެކަމަށެވެ. އަދި މިއަދު ހަވީރު، ލޮޔަރ މުޢިޒު އަޅުގަނޑައި ބައްދަލުކުރަން ޖަލަށް ވަޑައިގަތެވެ. މުޢިޒު ވަޑައިގަތީ ތަޙުޤީޤުޓީމް އުޅޭގަޑިއާ ދިމާވާގޮތަށެވެ. ތަޙްޤީޤު ޓީމަށްވުރެ ކުރިން ބައްދަލުކުރެއްވީ ލޮޔަރެވެ. މުޢިޒު ވިދާޅުވަނީ މިއަދު ނުވަތަ މާދަމާ ހުރިހާކަމެއްނިމި ގެއަށް ބަދަލުކުރާނެ ކަމަށެވެ. ދެން އަޅުގަނޑާ ބައްދަލުކުރީ މުޢިޒާއެކު ތަޙްޤީޤުޓީމެވެ. ކުރީދުވަހު ފޯންކޯލްތަކާ ގުޅިގެން ނެގާފައިވާ ބަޔާން މުޢިޒަށް އަޑުއިވޭވަރަށް ބާރަށް ކިޔާފައި ސޮއިކުރިޔަސް މައްސަލައެއްނެތޭ މުޢިޒު ވިދާޅުވުމުން އަޅުގަނޑު އެބަޔާނުގައި ސޮއިކޮށް، 4 އަސްލުގައި އިނގިލީގެ ނިޝާން ޖަހައި ނިންމާލީމެވެ. ވަރަށްގިނަ ވާހަކަޔައް ދެއްކިއެވެ. ތަޙްޤީޤުޓީމުން ބޭނުންވީ ގިނަވާހަކަ ދައްކާށެވެ. އެމީހުންގެ ވަށްތަރާއި ފާޑުގަނޑު ދައްކާލާށެވެ. މުޢިޒު އެއްޗެކޭ ވިދާޅުނުވެ އަޑުއައްސަވަން އިންނެވީއެވެ. މިކަމަކީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި ހުންނާތީކަމެއް ކޮށްލަންވެގެން ކުރިކަމެއްކަމުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ބަޔާންނިމި މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު އަޅުގަނޑު ޖަލުގައި މިގޮތަށް މިގެންގުޅެނީ، ޢަބްދުﷲ ޙަމީދުގެ މައްސަލަ ކޯޓަށް ވެއްދީމާ އެކަމުގެ ޙަސަދައާއި ބަދަލުހިފުމުގެ ގޮތުންކަމަށް އަޅުގަނޑު ބުނަމުން ގެންދިޔައިމެވެ. މިވާހަކަތައް ހޫނުކޮށް ދާންފެށުމުން މުޢިޒު އަޅުގަނޑަށް އިޝާރާތް ކުރައްވައި މަޑުޖައްސާ ލުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު މާގިނަ ވާހަކަދައްކާކަށް ނުހަދަމެވެ. އަޅުގަނޑު ދެކެމުން ގެންދިޔައީ މިއީހަމަ ދައްކާލިދަޅައެއްގެ ގޮތުގައެވެ. ޖަލުގައި ބައިތިއްބާފައި ތިބޭތީ، ތަޙްޤީޤުކުރާކަން ދައްކާލުމުގެ ގޮތުންކުރާ ކަންތައް ކަމަށެވެ. އަޅުގަނޑަކީ ވެސް، 6 އަހަރުވަންދެން ތަޙްޤީޤު ސެކްޝަނެއްގެ ހެޑަކަށް އުޅުނު މީހަކަށްވާތީ މިވެރިންގެ ކަންތައް ކުރިޔަށް މިގެންދާގޮތް ވިސްނައިގަނެ ވެއެވެ. އަޅުގަނޑަކީ އެޓޮލްސްގައި، 20 އަތޮޅުން އަންނަ ތަޙްޤީޤުތައް ބަލަހައްޓާ ސެކްޝަނުގެ އިސްމީހަކަށް ހުރިމީހަކަށްވާތީ، މިކަހަލަ ކަންތައް ގެންދާގޮތްތައް ވަރަށް ރަނގަޅަށް އެނގެއެވެ. ބަންޑާރަ ނައިބު ޙަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީމެންގެ ޓީމުން މިތަޙްޤީޤުގެ ކަންތައް ގެންދަވާނެގޮތް ވަޒަންކޮށް ލެވެއެވެ. އަޅުގަނޑުމެން މިހާރު ޖަލުގައިމިތިބި މީހުންނަކީ ޙަމީދު ގޮވައިގެން ޝަރީޢަތަށް ދިޔަމީހުންނަށް ވާތީ، އަޅުގަނޑު މެންނާދޭތެރޭގައި ހަދަނީހަދާނެ ގޮތެކެވެ. އަޅުގަނޑު މެންނާދޭތެރޭގައި ބަހައްޓަވަނީ ޒާތީގޮތެކެވެ. އަޅުގަނޑު މެންނަށް އޮންނަނީ ވަކިޤާނޫނަކާއި ވަކިގަވާއިދު ތަކެކެވެ. މިވާގޮތުން ހީވަނީ ޢިދުދުވަހާ ހަމައަށް ދިގުދެމިގެން ދާނެހެންނެވެ. ލޮޔަރ މުޢިޒުއާއި ތަހްޤީޤުގައި އިންނެވި ޢަލީއަޙްމަދު ބުނުއްވަނީ ވަރަށް އަވަސް ވާނެކަމަށެވެ. މާދަމާވެސް މާލެއަށް ބަދަލު ވެދާނެކަމަށެވެ. މިބޭފުޅުން އަޅުގަނޑަށް ކެތްތެރިވުމަށް ނަޞޭޙަތް ދެއްވިއެވެ. އިތުރުކަމެއްގައި ބައިވެރިނުވެ މަޑުންހުރުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދިއިރު ހަވީރު ވެދާނެއެވެ.

އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމުގައިވާ، “ފްރެންޑްސް އޮފް މޯލްޑިވްސް” އިން އިންތިޒާމްކުރި އެއްވުމެއް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި މިއަދު ބޭއްވިއެވެ. މިއެއްވުމުގައި ގޮވައިލީ، އޯގަސްޓް، 12-13 ގެޙާދިޘާއާ ގުޅިގެން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި އިންސާނީޙައްޤު ތަކަށް އިޙްތިރާމް ކުރުމަށެވެ. މިއެއްވުމުގައި ޖަލުގައި ބަންދުގައި ހުންނެވި، ހ.ޅޮހީގޭ މާހިރުގެ ދަރިކަނބަލުން ސާރާމާހިރު ބައިވެރިވެ ލެއްވިއެވެ. އޭނާއަކީ ދިވެހި ރައްޔިތެއްގެ އިތުރުން ފްރާސްގެ ރައްޔިތެކެވެ.

މިއަދު ރައްޔިތުންގެ ޚާއްސަ ނަޖިލީހުގެ ރައީސަށް، އަޅުގަނޑު ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ ސިޓީއެއް ލިޔުނީމެވެ. އެސިޓީގެ އިބާރާތްތަކަކީ މިއެވެ.

ބިސްމިއްލާހިއް ރަޙްމާނިއްރަޙީމް.

ދޫނިދޫ، 1 ނަމްބަރުޖަލު، 26 ނަމްބަރު ގޮޅި

ދޫނިދޫ ޑިޓެންޝަން ސެންޓަރ، ކ.ދޫނިދޫ / މާލެ

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އޮނަރަބްލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް.

ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަކީ، ޚާއްސަ އިމްތިޔާޒުތަކެއް، ޤާނޫނު އަސާސީން ލިބިދޭ ޝަޚްޞިއްޔަތެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ، 6 ވަނަ ބާބު ޚާއްސަ ކުރެވިފައިވަނީ، ރައްޔިތުންގެ ޚާޢްސަ މަޖިލީހަށެވެ. އާދެ! އަޅުގަނޑަކީ، އެމަޖިލިސްގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ޝަޚްޞެއްކަން މަނިކުފާނަށް އޮޅިވަޑައިގެން ނުވާނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑުވާނީ، އެބޮޑު މަސްއޫލިއްޔަތުގެ ޤާނޫނީހުވާކޮށް، ﷲއަށް ގަންދީ ކަންތައްތަކެއްގެ މަސްއޫލިއްޔަތާއި ޒިންމާތަކެއް އުފުލުމަށް ކޮނޑުއަޅާފައެވެ.

ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާ މަނިކުފާނު ބައްލަވާލެއްވުމަށް ހަދުމަފުޅަށް އަރުވަމެވެ.

105 (1) “ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާދެމެދު، އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާ ދިނުމުން، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ހިމެނޭ މެމްބަރެއްނަމަ، އެމަޖިލީހެއްގެ މެމްބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެމެމްބަރަކު މަރުވުމުންނެވެ.

(2) ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެމެމްބަރެއްގެ ކިބައިން އެސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ޙުކުމް ކުރުމުންނެވެ.”

މިމާއްދާއިން ވަރަށް ޞަރީޙަކޮށް އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވާގޮތާއި ގޮނޑި ފުރާނޭގޮތް، ދޭހަކޮށް ދެއެވެ. މަނިކުފާނަކީ، އެމަޖިލީހުގެ އިއްޒަތްތެރި ރައީސަށްވާތީ މަނިކުފާނުގެ ކޮނޑުފުޅުގައި ކަންތައްތަކެއް މިމާއްދާގެ ދަށުން ޒިންމާކުރުވައެވެ. މަސްއޫލިއްޔަތު ތަކެއް އަޅުވައެވެ. ދިވެހި ދައުލަތުގެ މިހާމަތީ ދަރަޖައިގެ މަޖިލީހެއްގެ އައްޒަތްތެރި ރައީސަށް މަނިކުފާނު ހޮވިވަޑައި ގެންފައިވާތީ މިފުރުޞަތުގައި ތަހްނިޔާއާއި މުބާރިކްބާދީ ދަންނަވަނީ ހިތުގެ އެންމެފުން މިނުންނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ޤާނޫނީ ހައިސިއްޔަތުން އެމަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައި ގަތުމުން މަރްޙަބާ ދަންނަވަމެވެ. އިއްޒަތްތެރި ރައީސެވެ! މިހާތަނަށް ހިނގިޖަލްސާތަކުގެ ޔައުމިއްޔާތައް ޖަލަށް ފޮނުވައި ދެއްވުމުން ކިޔާލަންލިބި ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އުފާވިއެވެ. ޔައުމިއްޔާގެ ހާޒިރީބައި ބަލާލުމުން، “ޤާނޫނީ ބަންދެއްގައި ތިއްބެވި މެމްބަރުން” މިހެން ލިޔުންވާފައި އޮއްވާފެނުނެވެ.

އިއްޒަތްތެރި ރައީސެވެ! އަސާސީގެ، 105 ވަނަ މާއްދާއާއި މުޅިޤާނޫނު އަސާސީގެ ރޫޙަށް ނަޒަރުކޮށް ބަލާލާއިރު، ފުރާނާލެވޭ ޙައްޤަކީ ޤާނޫނީ ބަންދެއް ކީއްކުރައްވަން ތޯއެވެ. ޝަރުޢީ ބަންދެއްގައި ޚާއްސަ މަޖިލީހުގެ މެމްބަރަކު ހުންނެވި ކަމުގައި ވިޔަސް، އެމެމްބަރަކަށް މަޖިލީހަށް ދައުވަތު އަރުވާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިނަމަ، ހުންނެވިތާކުން އެމެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދެއްވުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އެޅިފައިވަނީ، މަނިކުފާނުގެ ކޮނޑުފުޅުގައެވެ. އަޅުގަނޑު ފަދައިން މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައިހުރި މީހަކު، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރުމަށް މަސައްކަތް ކުރެއްވުމަށް ދުރުވެވަޑައި ގެންފިނަމަ، އަޅުގަނޑަށް މާނަކުރެވޭ ގޮތުގައި އެބަ ކަންތައް ތަކެއް ފެނެއެވެ. އަސާސީގެ، 1 ވަނަ މާއްދާ ބައްލަވާލައްވާށެވެ.

1 “ދިވެހި ރާއްޖެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާލުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދިމުޤްރާޠީ، ޖުމްހޫރީ، އަދި ޔުނިޓަރީ ދައުލަތެކެވެ. މިދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ………” ނިމެންދެން!

އާދެ! ދިވެހި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެކެވެ. އަޅުގަނޑު ބަންދު ކޮށްފައިހުރީ އެދައުލަތުގެ ބާރުގެ ދަށުގައެވެ. އަޅުގަނޑުހުރީ ޓެރަރިސްޓް ޖަމާޢަތަކުން ހައިޖެކް ކޮށްފައެއް ނޫނެވެ. ވަކިމުސްތަޤިއްލު ބާރެއްގެ ދަށަކުނޫނެވެ. ނުވަތަ މަނިކުފާނުގެ ޤާނޫނީ ހައިސިއްޔަތުން ބާރުނުހިންގޭ ހިސާބެއްގައެއް ނޫނެވެ. ﷲ ގަންދީ ދައުލަތުން، ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑު ލައްވާ ކުރުވި ހުވަޔަށް އަމަލުކުރުމަށް މަގުފަހިކޮށް ދިނުމަކީ މިވަގުތު މަނިކުފާނުގެ އެންމެއިސް ވާޖިބެވެ. ޤާނޫނީ ބަންދެއްގައޭ ވިދާޅުވެ ދޫކޮށްލައްވާކަށް ޤާނޫނު އަސާސީ ޖާގައެއް ނުދެއެވެ. އަދި މިއަސާސީއާ ޚިލާފަށް އެއްވެސް ބާރަކަށް ޤާނޫނެއް ޤަވާޢިދެއް އެކުލަވައެއް ނުލެވޭނެއެވެ. ޤާނޫނު އަސާސީގެ، 148 ވަނަ މާއްދާގެ (1) އަދި (2) ގައި މިވާހަކަވެއެވެ. ބައްލަވާށެވެ.

148 “(1) ޤާނޫނުހަދާ އެއްވެސް މަޖިލީހަކުން ނުވަތަ ޤާނޫނީބާރު ލިބިފައިވާ އެހެންފަރާތަކުން ވިޔަސް، މިޤާނޫނު އަސާސީއާ، ނުވަތަ މިޤާނޫނު އަސާސީގައި ބަޔާން ވެގެންވާގޮތާ ޚިލާފުވާ ގޮތަކަށް، ޤާނޫނެއް ނެހެދޭނެއެވެ.

(2) ހުށަހެޅިފައިވާ، ނުވަތަ ހެދިފައިވާ އެއްވެސް ޤާނޫނެއްގައި މިޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތާޚިލާފުވާ ގޮތަކަށް ބައެއްވާނަމަ، އެބައެއްވާނީ ބާޠިލު އެއްޗަކަށެވެ.”

ވީމާ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޤަވާޢިދު އެކުލަވާލެއްވުމަށް މިހާރުހޮވިފައިވާ ކޮމެޓީގެ ވިސްނުންފުޅަށް މިނުކުތާ ގެނެސް ދެއްވުމަށް، މަނިކުފާނު އަރިހުގައި އިލްތިމާސް ކުރަމެވެ. އަޅުގަނޑު ހައްޔަރުކުރެވުނު ޤާނޫނާއި ޤަވާޢިދު މަނިކުފާނަށާއި މަނިކުފާނުގެ އިދާރީކޮމެޓީގެ މަޢުލޫމާތަށްޓަކާ މިދަންނަވަނީއެވެ.

ޤާނޫނު ނަމްބަރު، 68/4 (ޢައްމުޤާނޫނު ތަކެއް) ގެ، 6 ވަނަ މާއްދާއާއި “ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރުނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު” ގެ ޖަދުވަލު، 1 ގެ، 2 ވަނަ މާއްދާއެވެ.

ރާއްޖޭގައި ތަޙުޤީޤު ނިމުމަށް އޮންނަ އިދާރީއާދަ ކާދައިގެ ދަށުން، 6 އޮކްޓޯބަރ 2004 ގައި އަޅުގަނޑުގެ ބަޔާނުގެ، 4 ކޮޕީގައި ސޮއިކޮށްނިމި މިހާރު، އަޅުގަނޑުގެ މައްސަލަވަނީ، ޝަރުޢީކޯޓަށް ހުށަހެޅުއްވިކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ. ޢަމުދުން ތަޙްޤީޤުގެ މިއަމަލު ފުރިހަމަ ވުމަށްފަހު، އަޅުގަނޑު ބަންދުގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ޤާނޫނު އަސާސީގައި ފެންނާކަށް ނެތެވެ. އަދި ޤާނޫނާއި ޤަވާޢިދުތަކުން ވެސް އެއީ ކުރެވިގެންވާނެ ކަމަކަށް ނުވެއެވެ. ސަބަބަކީ، މަސްއަލަ ކޯޓަށް ހުށަހެޅިފައި ވާތީއެވެ. ޤާނޫނެއްގެ ދަށުން ހައްޔަރުގައި ހުއްޓަސް ޤާނޫނުއަސާސީން އެފަރުދަކަށް ލިބިދޭ އަސާސީ ޙައްޤެއް ހޯއްދަވައި ދެއްވަން ޖެހޭނެއެވެ. އަޅުގަނޑަކީ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުކުރެވޭނެ މީހެއްނަމަ، ޤާނޫނު އަސާސީގެ، 6 ވަނަ ބާބުގައި ކޮންމެވެސް މާއްދާއެއް މިގޮތަށް ތަޙްރީރު ކުރެވިފައި އޮތީހެވެ. “ޤާނޫނީ ނުވަތަ ޝަރުޢީ ބަންދެއްގައި ތިބޭމީހުންނަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން މަނާކުރެވިގެންވާ ބައެކެވެ.” އަސާސީގައި މިފަދަ މާނައެއް ދޭހަވާ ޢިބާރާތެއް ނެތުމުން ޖެހޭނީ، 105 ވަނަ މާއްދާގެ ރޫޙަށާއި މާނައަށް ބުރަވާށެވެ. އެހިނދު އަމަލުކުރެވެން ޖެހޭނީ ޤާނޫނު އަސާސީގެ ރޫޙަށާއި މާނައަށެވެ. ޤަވާޢިދެއް ނުވަތަ ޤާނޫނެއްގެ ބޭރުފުށުގެ މާނައަކަށް ނޫނެވެ. އިލާހީ ޝަރީޢަތްތައް ޝަރުޢު ކުރައްވާފައި ހުރިއިރުވެސް، ޢުޤޫބާތުގައި ހުންނަމީހާއަށް ޢަމަލުކުރުން ޞައްޙަވާ އެތައްއެތައް ކަންތައްތަކާއި ޙައްޤުތަކެއް ހުރެއެވެ. އުޞޫލަކުން، ޝަރުޢީނައްޞެއް ބާޠިލެއް ނުކުރެވޭނެއެވެ. އަބަދުވެސް ނައްޞަށް ޢަމަލުކުރުން އިސްކުރެވެން ޖެހޭނެއެވެ. އަދި ޚާއްސަ މަޖިލީހުގެ ޤަވާޢިދު ހައްދަވާ ކޮމެޓީގެ މަޢުލޫމާތަށްޓަކާ ވިސްނާލެއްވުމަށް ނުކުތާއެއް ހުށަހަޅާލާ ހިތްވެއެވެ. ޚާއްސަ މަޖިލީހުގެ ހިންގާ ޤަވާޢިދުގައި މަޖިލީހުގެ މެމްބަރަކު ކަމެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭނީ ޚާއްސަ މަޖިލީހުގެ ކޮމެޓީއަކުން އެކަންބަލައި ހައްޔަރު ކުރެވޭވަރުގެ ކަމެއްތޯ ނިންމުމަށް ފަހުގައިކަމަށް، ޚާއްސަ މަޖިލީހުގެ ޤަވާޢިދުގައި ލިޔުމާދޭތެރޭގައި ވިސްނާލެއްވުމަށް ދަންނަވަމެވެ.

އާދެ! އެހެންވުމުން ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް، އަޅުގަނޑު ހާޒިރުކުރައްވަން މަސައްކަތް ކުރެއްވުމާއި ހާޒިރުކުރެއްވުމަކީ، އަދި ޖަލްސާތަކުގެ ދައުވަތު ލިޔުންތައް ފޯރުވާނެގޮތެއް ހަމަޖައްސަވައި ދެއްވާއި އަޅުގަނޑު، ﷲއަށް ކޮށްފައިވާ ހުވަޔަށް އަމަލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދެއްވުންއޮތީ، ޤާނޫނު އަސާސީން މަނިކުފާނުގެ ކޮނޑުފުޅުގައި ރަނގަޅަށް އެޅިފައެވެ. އެހެންވެ މިނުކުތާތަކަށް ވިސްނާވަޑައި ގަންނަވައި މަޖިލީހުގެ ތަޅުމުގައި އަޅުގަނޑަށް ލިބިދޭންޖެހޭ ޙައްޤުތައް އަޅުގަނޑަށް ވީހާއަވަހަށް ހޯއްދަވައި ދެއްވާށެވެ. އަދި އަޅުގަނޑު ހޮވާފައިވާ ދާއިރާގެ ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓޭނެގޮތް ހައްދަވައި ދެއްވާށެވެ. އަދި އަޅުގަނޑުގެ މިސިޓީ މިވަގުތު ހޮވިފައިވާ ޚާއްސަ މަޖިލީހުގެ ހިންގާ ގަވާއިދު އެކުލަވާލައްވާ، ކޮމެޓީގެ މެމްބަރުންނަށް އިއްވަވާލަ ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެކެވެ. މަޖިލީހުގެ ތަޅުމަށް ވެސް އެޖެންޑަ ކުރެވިގެން ބައެއްބޭފުޅުންގެ ސިޓީތައް އިއްވިފައިވާ ފަދައިން މިސިޓީވެސް ތަޅުމުގައި އިއްވާލަ ދެއްވުން އެދެމެވެ. މިއީ މުހިންމު މައްސަލައެކެވެ. ތަޅުމުން ގޮތެއް ނިންމުން އައުލާކަން ބޮޑުކަމެކެވެ.

އަދިވެސް އެއްފަހަރު މަނިކުފާނަށް ތިޔަލިބި ވަޑައިގެންނެވި ޝަރަފުވެރި މަޤާމަށްޓަކާ ހިތުގެއަޑިން ތަހްނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ. ﷲ ތިޔަ މަޖިލީހުގެ މަސައްކަތްތައް ކާމިޔާބު ކުރައްވާއި ރާއްޖެއަށް ފާގަތި އަދި މިނިވަން ޑިމޮކްރަސީއެއް ދެއްވުމަށް މަގުފަހިކޮށް ދެއްވާށިއެވެ! އާމީން!

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

8 ނޮވެމްބަރ 2004

ޚާދިމުކުމުލް މުޠީޢު،

ސޮއި

އިލްޔާސް ޙުސައިން އިބްރާހީމް.

ރައްޔިތުންގެ ޚާއްސަ ޖަމިލީހުގެ އިދާރާ، މާލެ ދިވެހިރާއްޖެ.

9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 89 ވަނަ ދުވަހެވެ. މިއަދު ހެދުނުސަޔަށް ފަހު، ޖަލުއޮފިހުން އެންގެވީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފޫލުން ޖަލަށް ވަޑައިގަންނަވާތީ ބައްދަލުވުމަށް ތައްޔާރުވެގެން ހުރުމަށެވެ. އުނދޯލިގެއަށް ނެރުމަށް ބަލާއައީހެދުނު، 10:00 ގައެވެ. އަޅުގަނޑު ނެރުނުއިރު ތިއްބެވީ ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ މެމްބަރުން ކަމުގައިވާ، މަޑުލު މުޙައްމަދު ވަޙިދާއި ނަންރީތި އަޙްމަދު ސަލީމާއި ޢައިޝަތު އަލީނާޒެވެ. މިތިން ބޭފުޅުންނާއެކު، އަޅުގަނޑު ވަރަށްގިނަ ވާހަތައް ހިއްސާކުރީމެވެ. ގިނަވާހަކަ ތަކަކީ ތަކުރާރުވި ވާހަކަތަކެވެ. އެހެންނަމަވެސް ހަދާންކޮށް ދިނުމުގެ ގޮތުން ގަސްދުގައި މިވާހަކަތައް ދެއްކީމެވެ. އިތުރަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، 18 އޮކްޓޯބަރުން ފެށިގެން ނޫސްމަޖައްލާތައް ލިބޭކަމަށާއި ތިޔަބޭފުޅުންނާއި ބޭރުގެ ޖަމާޢަތްތަކުން ކޮށްދެއްވި ބުރަމަސައްކަތަށް ޝުކުރުވެރިވުން ޙައްޤުވެއްޖެ ކަމުގައި ދެންނެވީމެވެ. އާންމުކޮށް ނެރުއްވަމުން ތިޔަގެންދަވާ ނޫސްބަޔާންތައް ނޫސްތަކުން ފެނުމުން ވަރަށް އުފާވެއެވެ. 20 ސެޕްޓެމްބަރ 2004 ގައި ނެރުއްވި ނޫސްބަޔާނަކީ ޙަޤީޤަތުން ފުރިފައިވާ ތެދުބަޔާނެކެވެ. އެބަޔާންތަކަށް ވިސްނައި ދިރާސާކޮށްލުމުން ތިޔަކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއަށް މާގިނަދުވަހު ކޮމިޝަނުގެ ރައީސް ކަމުގައި ދެމިހުރެވިދާނެ ބާވައޭ، އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑަށް އެންމެފަހުން ލިބުނު ނޫސްބޮނޑި ލިބިފައިވަނީ، މިދިޔަމަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ގެއިން ޕްރިސަންސާއި ހަވާލުކުރާ ދުވަހު އެފަދަތަކެތި އަޅުގަނޑު މެންނަށް ލިބޭނެގޮތް ހަމަޖެހޭގޮތް ވެއްޖެނަމަ ވަރަށް ތާޒާކޮށް، މުއާލާތްނުކެނޑި ޚަބަރުތައް ލިބެމުން ދާނެއެވެ. އަދިވެސް މިތިބެނީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. އެގޮޅިތައް ތިޔަބޭފުޅުން ގިނަގިނައިން ބައްލަވާ ލައްވަން ވާނެއެވެ. އަޅުގަނޑުގެ މައްސަލަ ނޮވެމްބަރުމަހު އެއްވަނަ ދުވަހު ކޯޓަށް ފޮނުއްވެވި ޚަބަރު ނޫހުން ލިބިފައި ވެއެވެ. މައްސަލަ ޝަރީޢަތުގައި އޮތްއިރު އަދިވެސް އަޅުގަނޑު ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގެ އަނިޔާގައެވެ. ނަފްސަށާއި ސިކުޑިއަށް އަނިޔާވާ ގޮތަށެވެ. ތަހްޤީޤު ނިމުމަށްފަހު، ޙުކުމަކުން ނޫންގޮތަށް ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ތިބެގެން ނުވާނެއެވެ. ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން ހިންގެވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާއި ނެންގެވިފަހުން، 21 ދުވަސް ހަމަވާތީ، ކޯޓަށް ގެންގޮސްގެން، 30 ދުވަސް، ގާޒީ އާދަމް ސަޢީދު މޫސާ ލައްވާވަނީ އިތުރުކޮށް ފައެވެ. ގާޒީ، 30 ދުވަސް އިތުރުކޮށް ދެއްވަމުން ވިދާޅުވެފައި ވަނީ، ގޭގައި ބަހައްޓައިގެން އިތުރު ސުވާލު ކުރަންޖެހޭނަމަ ސުވާލު ކުރުމަށެވެ. 30 ދުވަސް ދުވަސް އިތުރުކޮށް ދެއްވީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރުމަށެވެ. ޖަލުގައި ބެހެއްޓުމަކަށް ނޫނެވެ. އެހެނަސް ގާޒީލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ، އަދިވެސް ޖަލުގެ ކުޑަގޮޅީގައި އެކަހެރި ބަންދުގައި ބަހައްޓާފައެވެ.

ދަންނަވަން ތޯއެވެ! މިއީ ސާފުއަނިޔާއެވެ! މިއީ ޒާތީރުޅިވެރިކަމާއި ޙަސަދަ ވެރިކަމެކެވެ! ޢަބްދުﷲ ޙަމީދުގެ މައްސަލައެއް ކޯޓަށް ވެއްދުމުން ވެގެންއުޅޭ ގޮތެކެވެ. އިއްޒަތްތެރި މެމްބަރުންގެ ތެރެއިން ޖަލުގައި ހައްޔަރުވެފައި މިތިބީ އެކަމުގައި އުޅުނު މެމްބަރުން އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވަނީ ގެއަށް ބަދަލުކޮށް ފައެވެ. ނުވަތަ ދޫކޮށް ލާފައެވެ. ޖަލުގައި އެކިމީހުންނަށް ހަދަމުން މިގެންދަނީ އެކިގޮތެވެ. އަންބަރީ އަންހެނުންގެ ކޮއްކޮ ހދ.އަތޮޅު ޚާއްސް މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވަނީ، މާލެގެންގޮސް ދޫކޮށްލާފައެވެ. އެންދެރިމާގެއާ ތިމާގެ ބޭފުޅެއް ކަމުގައިވާ ބ.އަތޮޅު ޚާއްސަ ކަޖިލީހުގެ މެމްބަރު އަލީފާއިޒު ވަނީ، ޖަލްސާތައް އަލުން ފެށުނު ދުވަހަށް، މާލެ ގެންގޮސް ދޫކޮށްލައްވާ ފައެވެ. އެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވެއެވެ. އެމެރިކާ ސަފީރު އަރިހުގައި ސަރުނާރުން ޔަޤީންކަން ދެއްވައި ވިދާޅުވެފައި ވަނީ، ޖަލްސާތަކަށް ދެވޭގޮތަށް ހުރިހާ މެމްބަރުން ދޫކޮށްލައްވާނެ ކަމަށެވެ. އެހެނަސް އަދިވެސް އަޅުގަނޑު މިހުރީ ޖަލުގައެވެ. މިއީ ކޮންކަހަލަ އިންސާފެއް ތޯއެވެ. ތަޙްޤީޤު ނިމުމަށް ފަހު ގޮޅީގައި ހުކުމްނީއްވާ ބަހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވީމާ މިކަންތައް ކުރިންތިޔަ ކޮމިޝަނަށް ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުމަކީ އަޅުގަނޑު އެދޭކަމެކެވެ. މީގެކުރިން ތިޔަބޭފުޅުންގެ ރައީސް މުޖްތަބާ އަރިހުގައި ޖަލުގައި އިނިޔާކުރި ވާހަކައާއި ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ކަނޑަލިވާހަކަ ވާނީ، ދަންނަވާފައެވެ. މިތިންކަންތައް ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2004 ގައި މާލޭދާއިރާއިން ކުރިމަތިލުމަށް މިހާރުވާނީ ހުރިހާފޯމް ތަކެއް ފުރާފައި ގެއަށް، ޖަވާހިރުވާދީއަށް ރައްދުކޮށް ދެއްވުން އެދި ޕްރިސަންސްއާ ހަވާލުކޮށް ފައެވެ. އަދިވެސް އެލިޔުންތައް ގެއަކަށް ނުލިބެއެވެ. ދުވަސްތައް ބޭކާރުވެގެން ދަނީއެވެ. ހޯމް މިނިސްޓްރީން ވަނީ، އެފޯމްތައް ހިފާއްޓާފައެވެ. މުއްދަތުހަމަ ވުމުގެކުރިން މިކަންތައްކޮށް ނިންމަން ޖެހެއެވެ. އެހެންވެ މިފޯމުތަކުގެ ކަންތައްްވެސް ބައްލަވައި ދެއްވުން އެދެމެވެ. މިވާހަކަތައް މިބޭފުޅުން ނޯޓުކުރެއްވިއެވެ. އަދި ތިޔަކަންތައް ވީހާއަވަހަށް ބަލައިދޭނެކަމަށް ސަލީމް، ޖަވާބުގައި ވިދާޅުވިއެވެ. ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މެންގެތެރެއިން ގިނަގައިދީން ތިބީ، ބޫކުހަޅުތާލުގައެވެ. ރޯދަހިފަނީ ހާރުނުކައެވެ. މިބޫކުހަޅުތާލުގައި، 18 ގައިދީން ބައިވެރިވިއެވެ. އެއްގޮތަކަށް ވެސްނުކައި ތިބޭމީހުންގެ ތެރޭގައި ޝުޢައިބާއި ޒިޔާއްޓޭއާއި އަބުސީ ހިމެނެއެވެ. މިއީ ކަދުރުނުކައި ފެންވެސް ނުބޮއި ތިބޭމީހުންނެވެ. އަޅުގަނޑު މެންތިބެނީ ރޭގަނޑު ތިން ކަދުރު ކައިގެންނާއި މަދުން ފެން ބޮއިގެން ދުވާލު ރޯދައަށެވެ. މިއީ ފަރުޟު ރޯދަމެހެވެ. ފުރަހަނި ޝުޢައިބުގެ ޝަރުތަކީ ގެއަށް ބަދަލުކުރަންދެން ހުންނާނީ ނުކައި ހަންގަރސްޓައިކް ގައެވެ. މިކަންތައް ވަނީ، ސުޒޭންފުޅުގެ ފަރާތުން މާލެގޮސް ބޭރުދުނިޔެއަށް އިޢުލާނު ކުރެވިފައެވެ. މިވާހަކަތައް ވެސް، ސަލީމްމެން ނޯޓު ކުރެއްވިއެވެ. ރޭދަންވަރު ހާރުކާގަޑީގައި ބައެއް ގައިދީންގެ ބެލެނިވެރިން ސްޕީޑް ލޯންޗުގައި ދޫނިދޫޖަލަށް ގެނެސް ގައިދީންނަށް އެމީހުންލައްވާ ނަޞޭޙަތް ދިނުމުން ބައެއް ގައިދީން ހާރުކާން ފަށައިފިއެވެ. މީގެތެރޭގައި ވަލީދާއެކު ގިނަބަޔަކު ހިމެނެއެވެ. އެމީހުން އެދުނު ގިނަކަންތައް ޖަލުއޮފީހުން ކޮށްދިނެނެވެ. އެހެނަސް އަދިވެސް ގިނަ ގައިދީން ތިބީ ނުކައެވެ. ބޫކުހަޅުތާލު ގައެވެ. ހުރިހާ ގައިދީންނާއެކު، ހިއުމަން ރައިޓްސްގެ ބޭފުޅުން ބައްދަލުކުރިއެވެ. އަދި ބައްދަލުމުން ނިމިގެން ޖަލުތެރެއަށް ވަންނަވައި ގޮޅިތައް ކުރިމަތިން މިބޭފުޅުން ހިނގާލައްވައި ބުރެއް ޖެއްސެވިއެވެ. އަޅުގަނޑު ގޮޅިއާއަރާ ހަމަވުމުން ސަލީމަށާއި މަޑުލު ވަހީދަށް ގޮވާފައި، އަޅުގަނޑު ދެންނެވީމެވެ. މާލެ ވަޑައިގެން، އަބްދުﷲ ކަމާލުއްދީނާއި އިސްމާޢީލް ޝަފީޢު ހެއްދެވިހެން މާދަމާ ގައުމީޓީވީއަށް އަރުއްވައި ޖަލުގައި ކުށްވެރިންތިބީ ވަރަށް އަރާމާއި ހިތްހަމަޖެހި ގެންނޭ، ކެއުމާއި ނިދުންހުރީ ގޭގައިތުބުމެކޭ އެއްގޮތަށޭ ނުދަންނަވައްޗޭ ދެންނެވީމެވެ. ޚަބަރުދާރެވެ! އަޅުގަނޑުމެން މިތިބީ ޓޯޗާއާއި ގަދަފަދަ އަނިޔާގައެވެ. ޢަބުދުﷲ ކަމާލުއްދީނުމެން ކުރެއްވިކަހަލަ ކަމެއް ނުކުރައްވައްޗެވެ. އަޅުގަނޑުމެން ނަފްސާނީ ގޮތުން މިތިބެނީ އަނިޔާގައެވެ. ފާޑަކަށް މޮޔަވެފައެވެ. މިވާހަކަތައް ދެއްކިއިރު، ލޭޑީ ހުންހުންނެވީ ހޭންށެވެ.

މިއަދު މެންދުރުފަހު، ޚާއްސަ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ލިޔުނީމެވެ. އަންހެނުންނަށް އަޅުގަނޑުގެ މުސާރަ ދޫކޮށްދިނުން އެދިއެވެ. އަދި ރައީސް މައުމޫނު އަރިހަށް ސިޓީއެއް ލިޔެ ހުރިހާ ސިޓީތައް ޖަލުއޮފީހާ ފޮނުވާލަދިނުން އެދިހަވާލު ކުރީމެވެ. ޢަޞުރު ނަމާދުކޮށްގެން ، ފުރަހަނި ޝުޢައިބާއެކު އަނގަތަޅަން އިންދާ ނަޞީރު ދުރުވެ، އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. ހުރިހާއެއްޗެއް ހިފައިގެން މާލެ ދިއުމަށް ނުކުތުމަށް އެންގިއެވެ. އަވަހަށް ޝުޢައިބު ކައިރީގައި މިވާހަކަ ބުނެފައި ނަޞީރާއެކު ޖަލުތެރެއިން ނުކުތުމަށް ހިނގައިގަތީ ޝުޢައިބާ ސަލާމް ކޮށްފައެވެ. ޝުޢައިބު އަންހެނުންނަށް ދެއްވި މެސެޖްތައް ހިތަށް ނެގީމެވެ. ދެން އެހެންގޮޅިތަކަށް ހިނގާލާފައި ދަންނަ މީހުންނައި ސަލާމްކޮށްފައި ޖަލުތެރެއިން ނުކުތީ ސައްޕެ ގޮޅިކައިރީގައި މަޑުކޮށްލާފައެވެ. އަޅުގަނޑު އައުމުން ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަންދުކުރި މީހުންގެ ތެރެއިން މާލެނުގެންގޮސް ޖަލުގައި ސައްޕެއެކަނި ވީއެވެ. ހީވަނީ ވަރަށް އަވަހަށް ސައްޕެ ވެސް މާލެގެންނާނެ ހެންނެވެ. ޒިޔާއްޓޭ މާލެއަށް ވަރަށް ގިނައިން ސަލާމް ފޮނުވިއެވެ. ޖަލުގައި ތިބި އެންމެންގެ ގޮޅިތައް ކައިރިއަށްގޮސް ސަލާމްކޮށް ހިތްވަރު ކުރުމަށް ނަސޭހަތް ދިނީމެވެ. އޭރުގަޑިން ހަވީރު، 4:45 ވަރު ވެދާނެއެވެ. މިއަދު މާލެ ގެންދިއުމަށް ދެން ނެރުނީ، މައިކޮމްޕެނީ ނަމުގައި ކުންފުންޏެއް ހިންގަވާ ބޭފުޅެއް ކަމުގައިވާ އަޙްމަދު ޢާޠިފު (ޒިޔާއްޓޭގެ ކޮއްކޮއެއް) މ.ސަލްޖަމްގެ އެވެ. އަޅުގަނޑުމެން ދެމީހުން އޮފީސް ކުރިމަތީގައި ގޮނޑިއެއްގައި އިރުކޮޅަކު ބޭތިއްބުމަށް ފަހު، މާލެ ގެނައީ އެކުގަވެ. މީނާއަކީ ޖެނީ ކޮނޑަށް ލައިގެން ކަޅުހުކުރުގައި އުޅުއްވި ބޭފުޅާއެވެ. މާލޭން ދެމީހުން ވަކިވީ ފޯނުނަމްބަރާ އެއްޗެހި ބަދަލުކޮށްފައެވެ. ހަމަޖެހިފައި އޮތީ، ޝައިޚް ފަރީދު މިރޭ މާފުއްޓަށް ބަދަލުކުރާ ގޮތަށެވެ. ފުރަތަމަ ފަރީދު އަރިހަށް، ޖަލުއޮފީހުން ފޮތެއް ގެނައީ ޖަލަށް އިއްވާފައިވާ ޙުކުމް ކުޑަގޮޅީގައި ހުންނަގޮތަށް ބަދަލުކޮށް ކުޑަގޮޅިގައި ބަހައްޓާގޮތަށް ސޮއިކުރުވާށެވެ. އެހެނަސް ފަރީދު އެފޮތުގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވައި ވިދާޅުވީ އޭނާއަށް ޙުކުމް އިއްވާފައިވަނީ، ކުޑަގޮޅީގައި އެކަހެރިކޮށް ބެހެއްޓުމަށް ނޫންކަމަށެވެ. މާފުއްޓަށް ގެންދާގޮތަށް ހަމަޖެއްސީ މިވާހަކަތަކަށް ފަހުގައެވެ. އަޅުގަނޑުމެން ދެމީހުން ގޮވައިގެން ދުރުވީ، ލޯންޗެއްގައި ނަޞީރެވެ. ފުލުސް އޮފީހަށް ވެއްދުމުން އަޅުގަނޑު މެންނާ ހަވާލުވީ، ނަޢިމް (އިނގިރޭސި) އެވެ. ދޫނިދޫން ފުރުމުގެ ކުރިން ނަޞީރު ޖަލު އޮފީހުގެ ދެލިޔުމެއްގައި އަޅުގަނޑުމެން ލައްވާ، ސޮއި ކުރުވިއެވެ. އެއްލިޔުމުގައި ޖަލުން ރަނގަޅަށް ޚިދުމަތްތައް ލިބުނުކަމަށް ސޮއި ކުރުވިއެވެ. އަނެއް ލިޔުމުގައި އޮތީ ގޮޅީގައި ހުރިއިރު އަނިޔާ ނުކުރާކަމަށެވެ. ނަޢީމްބެ މާލަސްތަކެއް ނުކޮށް ވަރަށް އަވަހަށް އަޅުގަނޑުމެން ގެއަށް ގެންގޮސް ދިނެވެ. ހައެއް ޖެހުމުގެކުރިން ގެއަށް ވަދެވުނެވެ. ނަޢީމް އަޅުގަނޑު ގެއަށްލާފައި ދުރުވީ ހަންދު ލައްވާ ފޮތެއްގައި ސޮއި ކުރުވުމަށް ފަހު، ގޭގައި ފުލުސް އޮފީހުގެ އިޢުލާނެއް ޖަހާފައެވެ. ޓޭންއާއި ރޭމް ދެކުދިން އުރާލެވުމުން ވަރަށް އުފާވިއެވެ. މިދެކުދިން ގޮވައިގެން އިންދާ ރުކު ފޮޓޯއެއް ނެގިއެވެ. އެފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގައި ފެންނަން ހުންނާނެއެވެ. ގެއަށް އާދެވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. 89 ދުވަސް ޖަލުގެ ކުޑަގޮޅިގައި ހޭދަކުރުމަށް ފަހު، ޢާއިލާއައި ބައްދަލުވީއެވެ. ދޫނިދޫއިން އައިސް މާލެއަށް ފޭބިތަނުން އަޅުގަނޑުގެ ފޮޓޯއެއް ސިލްވަރސީން އަލިބެ ނެންގެވިއެވެ. އެފޮޓޯވެސް ފޭސްބުކް އެކަައުންޓުގައި ފެންނަން ހުންނާނެއެވެ. ލައިގެންހުރި ހުދުގަންޖިފަރާހުގައި އަޅުގަނޑު އަމިއްލައަތުން، “އައި އެމް އަ ރީފޯމަރ” މިހެން ޖަހާފައި ވާނެއެވެ. ބައްލަވާ ލައްވާށެވެ!

10 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 90 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ ގޭގައި ވަރަށް ފޫހިވެއެވެ. ހަވީރު ވަގުތެއްގައި ވޭވީވޯރކް މުޙައްމަދުފުޅު ގެއަށް ބަދަލުކުރި ޚަބަރު ލިބުނެވެ. އަޅުގަނޑު ޖަލުގައި ހުއްޓާގެއަށް ސިފައިންވަދެ ގެންދިޔަ ސާމާނުތައް ހޯދުމަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިތަކެއްޗަކީ އަޅުގަނޑުގެ ސަމްސަން މަރުކާގެ މޯބައިލް ފޯނާއި އޭގެ ޗާޖަރާއި ސިމްކާޑާއި ދެރީމް ކެމްޕޭން ސިޓީއާއި ސަންގު މަޖައްލާގެ ފަސް އަދަދުގެ އަސްލާއި ސަތާރަ ހުކުރާއި އެއް ރޯޅިއާއި ލިޔެފައިވާ، ގަނޑުތަކަކާއި އަދިވެސް ކޮޓަރިން ގެންދިޔަ ބައެއް ސާމާނެވެ. އަންހެނުންނަށް ލިޔުމެއް ދީފައި މިތަކެތި ފުލުސް އޮފީހަށް ގެންދިޔައީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި އެބޭފުޅުން ގެއަށް އައިސް އަޅުގަނޑުގެ ކޮޓަރި ފާސްކުރުމަށް ފަހުގައެވެ. ފޯނާއި ސިމާއި ޗާޖަރު ގެންދިޔައީ، 21 އޯގަސްޓް 2004 ގައެވެ. ގެއިން އެހެންތަކެތި ގެންދެވީ، 24 ސެޕްޓެމްބަރ 2004 ގައެވެ. މިކަންކުރީ ކޯޕްރަލް ޢަބްދުﷲ ޝާޠިޙެވެ.

11 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 91 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހެކެވެ. ގޭގައި ހުރީއެވެ. ކޮއްކޮ އިބުރޭ މަޢުލޫމާތު ދިންގޮތުގައި އަޅުގަނޑު މާލޭގެ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތައްވީ، މއ.ތަބައްގޭ ރިޟްވާން އަތުގައެވެ. ރިލޭއައި ގުޅައިގެން ޚަބަރުބެލިއިރު އެފޯމްތައްހުރީ ރިލޭއަތުގައެވެ. ހުރީހުރިހާކަމެއް ނިމިވައްޓާލަން ތައްރަށެވެ. އެހެނަސް އިބުރާގެ އެދުމުގެ މަތިން އަޅުގަނޑުގެނަން މާލެއިން އދ.އަތޮޅުގެ ގޮނޑިއަށް ބަދަލުކުރުމަށް އެދިގެން އެކަން ނުކުރެވިގެން ފޯމްތައްހުރި ގޮތަށް ބަހައްޓާފައި ހުރީއެވެ. އދ.އަތޮޅު ގޮނޑިއަކަށް ބަދަލުކުރެވޭނީ، މިތަކެތި ވައްޓަލުމުގެ ކުރިން، އިލްޔާސަށް ގެއަށް އާދެއިންޖެއްޔާއޭ ކިޔާފައި ރިލޭއަތުގައި މިފޯމްތައް ބަހައްޓާފައި ހުރީއެވެ. ރިލޭ އައިސް މިވާހަކަ އަޅުގަނޑަށް ކިޔައިދިނުމުން މިއީކީއްވެގެން ކުރަންޖެހޭ ކަމެއްތޯ އިބުރާ އަރިހުން އަހައި ސާފުކުރުމަށް ރިލޭ ކައިރީގައި ބުނީމެވެ. ދެން ރިލޭ އެކަން ސާފުކޮށްފައި ބުނެދިނީ، މިހާރު، ގ.ކެނެރީގައި ގައިމުކޮށް ފައިހުރި ކެންޕޭން އޮފީހުން މާލެއަށް އިބުރާއާއި މުޙައްމަދު ޝިހާބާއި ކުރިމަތީލާ ގޮތަށް ހަމަޖެއްސީއޭ ދެން އިލްޔާސަށް ޖެހޭނީ އދ.އަތޮޅަށް ކުރިމަތިލާށޭ އިބުރާ ބުނީކަމަށް ރިލޭ ކިޔައިދީފިއެވެ. މިކަމާހިތްހަމަ ނުޖެހިގެން އަނެއްކާވެސް ރިލޭ، އިބުރާ ކައިރިއަށް މިކަމާއިތުރަށް ވާހަކަދެއްކުމަށް ފޮނުވީމެވެ. އަދި މާލެއަށް ނުލެވެންޏާ، ގދ.އަތޮޅަށް އަޅުގަނޑު ލާންނިންމާށޭ ރިލޭކައިރީގައި ބުނީމެވެ. އިބުރާއާ ރިލޭބައްދަލުކޮށް ވާހަކަދެއްކުމުން އިބުރާ ބުނަނީ، ގދ.އަތޮޅަށް އިލްޔާސް ލާނެކަމެއްނެތޭ އިލްޔާސްގެ ނަން، އދ.އަތޮޅަށް ބަދަލުކުރުމަށް އަލުން އިލެކްޝަނުން ފޯމެއް ނަގާށެވެ. ރިލޭ އަޅުގަނޑާ ގުޅާފައި ކެނޑިޑޭޓްކަން ބަދަލުކުރާ ފޯމެއް ނެގުމަށްފަހު ފުރާލައިގެން އައިސް އަޅުގަނޑާ ބައްދަލުކޮށް ސޮއި ކުރުމަށް ބުނީއެވެ. ރިލޭ މިކަންކޮށްގެން އައުމުން އަޅުގަނޑު ވެސް އިބުރާއައި ގުޅާފައި މިގޮތަށް ބަދަލުގެންނަން ޖެހޭސަބަބަކީ ކޮބައިތޯ އެހުމުން ވިދާޅުވަނީ އެމްޑީޕީ ކެންޕޭން އޮފީހުން ބޭނުންވަނީ، އިލްޔާސް އދ.އަތޮޅަށް ކުރިމަލާން ކަމަށް ބާރުއަޅުއްވާ ވިދާޅުވިއެވެ. ދެން އަޅުގަނޑު ބަންދުގައި ގޭގައި ހުރުމުގެ ސަބަބުން އިތުރަށް ވާހަކަނުދައްކާ، ކުރާނެކަމެއް ނެތިގެން މިގޮތަށް އެއްބަސްވެ ރިލޭގެނައި ފޯމްގައި ސޮއި ކުރުމުން ރިލޭދިޔައީ އެފޯމްތައް ހިފައިގެން ބޯގަންވިލާއަށް އިބުރާ ކައިރިއަށެވެ.

12 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 92 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މެންދުރުފަހު ވަގުތެއްގައި ރިލޭކައިރިން ފޯމްތައް ކޮބައިތޯ އަހާލުމުންބުނީ، އިބުރާ ބުނެގެން ހުރިހާސާމާނެއް މިހާރުވީ އޭނާއަތަށް ދީފައެވެ. އިލެކްޝަނަށް ވައްދާނީ އެންމެފަހު ދުވަހުކަމަށް ބުނެފައި ފަންޑިތަވެރިކަމުގެ ކުޑަކަމެއް ވެސް މިފޯމްތަކަށް ކޮއްލާނަމޭ ކިޔާފައި އޭނާއަތުގައި މިފޯމްސެޓް ބެހެއްޓީކަމަށް ރިލޭބުންޏެވެ. މިވަރުންވެސް މިއީ އިބުރާ ހަދައިގެންއުޅޭ މަކަރެއްކަން ނަގައެއް ނުގަނެވުނެވެ. އެއްގޮތަކަށް ވެސް މިއީ މަކަރުވެރި ޔަހޫދީރޭވުމެއް ކަމުގައި އަޅުގަނޑު ހިއެއްނުކުރަމެވެ. އަދި ރިލޭއަށް ވެސް، އިބުރާ ގެންދަވާކެއް ޗާލުކަމުން ނޭނގުނެވެ. އެހެނަސް، އިލެކްޝަނަށް ފޯމުސެޓް ވެއްދިފަހުން، ފަޅާ އެރިގޮތުގައި މިކަމަކީ، އިބުރާގެ ޔަހޫދީކަމުން އޮޅުވާލައިގެން، އަޅުގަނޑުގެ ފޯމްސެޓަށް އަޅުގަނޑު އަމިއްލައަށް އިތުރުބަދަލެއް ގެނެސް، މާލޭގެ ގޮނޑިއަށް އަނެއްކާވެސް ބަދަލުކޮށްފައި އިލެކްޝަނަށް ވައްދަފާނެތީ އޭނާ އެޅުއްވި ޙީލަތްތެރި ފިޔަވަޅެއްކަން އަޅުގަނޑާއި ރިލޭއަށް އެނގުނެވެ. އޭނާއަތުގައި އަޅުގަނޑުގެ ފޯމްތައް ހިފެހެއްޓީ މާލޭގެ ގޮނޑިއަށާއި ގދ.އަތޮޅުގެ ގޮނޑިއަކަށް ކުރިމަތި ލިޔަނުދޭށެވެ. އޭނާގެ ސިއްރުރޭވުމުގެ ދަށުން އޭނާގެ އަންހެނުން ގދ.އަތޮޅަށް ކުރިމަތި ލައްވާފައި އެދިމާލުން ވެސް އަޅުގަނޑު ގަސްދުގައި ހުއްޓުވާލީއެވެ. މާލެއަށް އަޅުގަނޑު ކުރިމަތިލާފައި އޮއްވާ މާލޭން ބަދަލުކުރުވީ ވެސް އިބުރާގެ ޔަހޫދީކަމުންކަން ފަޅާއަރާއި އެނގުނެވެ. އަންނި ނުވަތަ އެމްޑީޕީން ކުރިކަމެއް ނޫންކަން ފަހުން އެނގުނެވެ. މިރޭވުމެއްރޭވީ އިބުރާގެ އަމިއްލަ ބުއްދިންނެވެ. އަންނި މުނެގެންނެއް ނޫންކަމަސް ނާޒިމުގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ. އިބުރާ ބޭނުންވީ، އިބުރާއާއެކު މާލެއަށް މުހަންމަދު ޝިހާބު ނެރޭށެވެ. ރިލޭއަށް ވެސް މީނާގެ މަކަރުވެރިކަން ފާހަގަކުރެވޭގޮތް ނުވީއެވެ. މީނާ މިކަހަލަ ސިޔާސީ ކަންތައް ރާވާލަނީ އެހާވެސް މޮޅަށެވެ. އަޅުގަނޑު ވެސް ގޭބަންދުގައި ހުރުމުން މިވަރަށް މިކަމުގެ ތެރެއަށް މާބޮޑަށް ނުވަދެވި މާލޭން، އދ.އަތޮޅަށް ފޯމްތައް ބަދަލުކުރާގޮތަށް ސޮއިކޮށް ލެވުނީއެވެ. އޭރު ޤާސިމް ހުންނެވީ ބަންދުގައިކަމާއި ސިޔާސީ މަސްރަހް އޮތްގޮތުން، ހުރިބިރެއްގެ ސަބަބުން، ޤާސިމް އަޅުގަނޑަށް ސަޕޯޓު ކުރައްވަން ނުކެރޭނެކަން، އޭނާގެ ބޭބެ އިބްރާހީމްގެ ފަރާތުން އަޅުގަނޑުގެ ޓީމަށް އެންގެވިކަން އޭރުއޮތީ އަޅުގަނޑާ ހަމައަށް ނައިހެވެ. އޮޅުމެއްގެ ތެރޭގައެވެ. މިހުރިހާ ކަމަކާއެކު، އިބުރާގެ ސިޔާސީ ރޭވުންގަނޑު ކާމިޔާބުވީއެވެ. އަޅުގަނޑު، އދ.އަތޮޅުން ނުހޮވުނީއެވެ. ހަމަޔަޤީނުން ވެސް މާލޭގެ ގޮނޑިއަށް އަޅުގަނޑުގެ ނަންބޭއްވުނު ނަމަ، އިބުރާ މާލޭން ހޮވިގެން ދިޔަގޮތަށް، އަޅުގަނޑުވެސް މާލޭން ހޮވުނީހެވެ. ކުރާނެކަމެއް ނެތެވެ. މިއީ އިބުރާ އަޅުގަނޑަށް އޮޅުވާލައިގެން ސިޔާސީގޮތުން އަޅުގަނޑަށް ދެއްވި ލަނޑެކެވެ.

13 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 93 ވަނަ ދުވަހެވެ. މިއަދަކީ ތިރީސްވަނަ ރޯދައެވެ. މާދަމާއަކީ ޢީދުކަން ޔަޤީނެވެ. ހ.ޅޮހީގޭ މާހިރު، މިއަދު ގެއަށް ބަދަލުކުރި ޚަބަރުލިބުނެވެ. ދެން ބާކީ ޖަލުގައި ތިބޭނީ، ޝުޢައިބާއި އައިސީއާއި ޒިޔާއްޓޭއާއި އިޔާޒާއި ފައުޒީއާއި ފަލާޙާއި އާސިއްޕެއާއި ވަލީދާއި ޚާއްސަ މަޖިލީހުގެ މެމްބަރު ސައްޕެ އެކަންޏެވެ. ޖުމްލަ، 9 ގައިދީނެވެ. މިމީހުންވެސް ވަރަށް އަވަހަށް މާލެގެންނާނެ ކަމުގެ ޚަބަރުތައް އިވެއެވެ.

އަދި، އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު އަމަލުތަކުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގައި މިފަހަރު ދަޢުވާކުރެއްވުމަށް ނިންމެވި، 4 ބޭފުޅުންނަކީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު ހ.ރޭޑިއަންޓް އަޙްމަދު ޝަފީޤު (ގާދިއްފުށީ ސައްޕެ) އާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަަރު، މއ.މަނާގެ ޢަލީ ފާއިޒާއި މ.ޔާޤޫތުގެ ޢަލީ ޢަބްދުﷲ އާއި މއ.ސިލްވަރސީން ނައުޝާދު ވަޙީދެވެ.

14 ނޮމެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 94 ވަނަ ދުވަހެވެ. މިއަދަކީ ފިޠްރުޢީދު ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. އޮތީ ކެއުމާއި ގޭގައި މަޖާނެގުމެވެ.

15 ނޮވެމްބަރ 2004 ވިީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 95 ވަނަ ދުވަހެވެ. މިއަދަކީ އިލެކްޝަނަށް ފޯމްތައް ލާންޖެހޭ އެންމެފަހު ދުވަހަށްވާތީ، ރިލޭއައި ގުޅާފައި އެކަން ހަދާންކޮށް ދިނީމާ އިބުރާ ކައިރިއަށް ގޮސް ފޯމްތައް އަތުލައިގެން ރިލޭއައީ އަޅުގަނޑު ގާތަށެވެ. އިބުރާ ރިލޭކައިރީގައި ވިދާޅުވިކަމަށް ރިލޭބުނީ، މިހާރުމިއޮއްތި ކިޔަވާލާހަދާފަ ކަމަށެވެ. އިރާދަކުރެއްވިއްޔާ އދ.އަތޮޅުން އިލްޔާސް ހޮވޭނެއެވެ. ކެމްޕޭންކުރަން ކެނެރީގައި ހުންނަ އޮފީހުން އެހީތެރިވެދޭނެއޭ ވެސް ރިލޭކައިރީގައި އިބުރާ ވިދާޅުވިއެވެ. ދެން ރިލޭ މިއަދު ހެދުނު، 10:30 އާއި 11:00 އާދެމެދު އިބުރާ ބުނެދިން ގަޑިއަށް އިލެކްޝަނަށް އަޅުގަނޑުގެ ފޯމްތައްލައި ނިންމާލީއެވެ. މިކަންތައް ނިންމާފައި ރިލޭ ގުޅާފައި މިވާހަކަ އަޅުގަނޑަށް ބުނެދެއްވިއެވެ. އިލެކްޝަނަށް ފޯމްތައްލާފައި، ﷲއަށް ވަކީލުކޮށް ލައިގެން ގޭގައި ހުރީއެވެ. ކަމެއް ކުރެވޭނީ މިނިވަން ވީމައެވެ.

އާދެ! މިކަމުގައި އިބުރާ މިކުޅުއްވީ ޔަހޫދީރޭވުން ގަނޑެއްކަން އެނގުނީ އަޅުގަނޑު މިނިވަންވެ، އަންނިގެ ކޮއްކޮ އަޙްމަދު ނާޒިމާ ވާހަކަ ދެކެވުމުންނެވެ. އޭރުއޮތީ މުއާލާތް ކެނޑިފައެވެ. ވާނެއެއްޗެއް ވެނިމިފައެވެ. އިބުރާގެ ޔަހޫދީ ބުއްދީގެ މަކަރުވެރި ރޭވުމުން އޭރުއޮތީ، އަޅުގަނޑުގެ ޖާގައަށް މުޙައްމަދު ޝުހާބުގެ ނަންވައްދާއި އޭނާއާއެކު މާލެއަށް ކެންޕޭން ކުރަންފަށާފައެވެ. އިބުރާ މިކަން އަޅުވަނީ، ކެންޕޭނު އޮފީހުގެ ބޮލުގައެވެ. އަދި ލަންޑަނުން އަންނިމެން އަންގައި ގެންނޭވެސް ބުނެއެވެ. އެހެނަސް ހަގީގަތަކީ، އިބުރާގެ ޔަހޫދީކަމުން އަޅުގަނޑުމާލޭން ބަދަލުކޮށްލައި، އަދި، ގދ.އަތޮޅުންވެސް ލިޔަނުދީ ފޯމްތައް ހިފާއްޓައިގެން އަޅުގަނދަށް އެދެޗާންސު ނުދިނީއެވެ. މިއީ މީނާ އަޅުގަނޑަށް ލެޑެއް ދިނުމުގެ ގޮތުންކުރި ކަމެއްކަން އަޅުގަނޑާއި ރިލޭއަށް ފަހުން، ކަށަވަރު ކުރެވުނެވެ. ފޯމްތައް އޭނާ އަތުގައި ހިފޭއްޓީ ފަންޑިތަހެދުމުގެ ބަހަނާގައެވެ. ކޮންމެއަކަސް އަޅުގަނޑުގެ ނަންމާލެއަށް އޮތްނަމަ އިބުރާއާއެކު ހޮވޭނީ އަޅުގަނޑެވެ. އަޅުގަނޑު މިވާހަކަތައް ވާނީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތަޅުމުގައި އިބުރާއާ ދެކޮޅަށް، ހޫނުޒުވާބެއް ކުރެވުނު ދުވަހެއްގައި ގޮވާލާފައެވެ. މިހަންމަދު ޝިހާބު އަޑުއަހަން އިންނަވަނިކޮށެވެ. މިއީންކަމެއް މިހަންމަދު ޝިހާބަށް އެނގިއެއް ނުލައްވައެވެ. މިއީ އިބުރާ ރާވައިގެން ހިންގިކަންތައް ގަނޑެކެވެ. އަބަދުވެސް އިބުރާއަކީ ސިޔާސީގޮތުން އަޅުގަނޑާއި ޑޮކްޓަރ ވަހީދާއި ދިމާކުރަމުން ގެންދާމީހެކެވެ. އެމްޑީޕީގެ ރައީސްކަން ޑޮކްޓަރ ވަހީދަށް ނުދިނުމަށް ވާދަކުރެއްވީ ވެސް މިކަހަލަ ރޭވުމެއްގެ ދަށުންނެވެ. މިކަމުގެ އަޑީގައި ފޮރުވިގެން ތިއްބެވީ، އެންދެރިމާގޭ އިލްޔާސް އިބްރާހީމް މެންކަމެއް ނުވަތަ އަންނިމެން ކަމެއް ހޯދުމަށް އިތުރު ދިރާސާ ކޮއްލަން ޖެހޭނެއެވެ. ހަމަ ގައިމުވެސް މިކަންތައް ރާވާހިންގަނީ އިބުރާއެވެ. މިބައި އިބުރާ ލައްވާ ކުޅުވަނީ، އެންދެރިމާގެ އިލްޔާސްމެން ކަމެއް ނުވަތަ އެމްޑީޕީ ތެރެއިން އަންނިމެން ކަމެއް ޖެހޭނީ ބަލާށެވެ. މިއީ އިތުރަށް ދިރާސާ އިތުރަށް ކުރަންޖެހޭ ކަމެކެވެ.

މިއަދު ޝުޢައިބުގެ ވައިފް ޞޮފީއްޔާއައި ގުޅީމެވެ. ޝުޢައިބުގެ ޚަބަރެއް ވިތޯބަލާށެވެ. ވަރަށް އަވަހަށް ގެއަށް އާދެވިދާނެކަމަށް ޝުޢައިބު ފަރާތުން ޚަބަރުވި ކަމަށް ޞޮފީ ބުންޏެވެ. ތަޙްޤީޤު ވަރަށް އަވަހަށް ނިމޭނެ ވާހަކަވެސް ބުންޏެވެ.

16 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 96 ވަނަ ދުވަހެވެ. މިއަދަކީ ޢީދުޗުއްޓީގެ އެންމެފަހު ދުވަހެވެ. މާދަމާ ރަސްމީކޮށް ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ.

17 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 97 ވަނަ ދުވަހެވެ. މިއަދު ހަވީރު ޝުޢައިބާއި ޒިޔާއްޓޭ މާލެއަށް ގެނެސް ގޭގައި ބަންދުކުރިއެވެ. އަދި ގޭގައި ގެއަށް އެހެންމީހުން ވަނުންމަނާ ކަމުގެ ޢިއުލާނު ތަތްކުރިއެވެ. ރިލޭ ގުޅާފައި ޚަބަރުދޭ ގޮތުގައި ކެނެރީގޭގައި ކެންޕޭނު އޮފީހެއް ހުޅުވައިގެން އަޅުގަނޑުގެ ކެންޕޭނުވެސް އެއޮފީހުން ކުރިއަށް ގެންދެއެވެ. އެމީހުންގެ ލިސްޓުގައި އދ.އަތޮޅުގެ ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑުގެ ނަންއޮންނަ ކަމަށް ވެއެވެ.

18 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 98 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭނަބްދުގައި ހުރީއެވެ.

19 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 99 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.

20 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް ބަންދުގައި ހުންނަތާ، 100 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ.

21 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް ބަންދުގައި ހުންނަތާ، 101 ވަނަ ދުވަހެވެ. ގޭގެމައިދޮރުގައި ފުލުސް އޮފީހުން ތަތްކޮށްފަހުރި އިޢުލާނު އަޅުގަނޑު އުޅޭކޮޓަރީގެ ދޮރަށް ބަދަލުކޮށް ދެއްވާތޯ، ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ.

22 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 102 ވަނަ ދުވަހެވެ. އަޅުގަނޑުގެ ފޯނާއި ގެއިންގެންދިޔަ ތަކެތިހޯދުމަށް ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ. ފޯންގެ ސިމްކާޑު ތިޔަބޭފުޅުން ގެންގުޅުއްވާ ދުވަހަކު އެސިމަށް މިހާތަނަށް އަރާފައިވާ ފައިސާގެ ބިލް ދައްކައި ދެއްވަން ޖެހޭނެކަމަށް ލިޔުނީމެވެ. މިއަދު ޖެނީއާއި އައިންތު ނަޖީބާއި ޑޮކްޓަރ ޙުސައިން ގޭބަންދުން ދޫކޮށްލިއެވެ. އެމީހުން މިނިވަންވީއެވެ. އަދި އައިސީއާއި ސައްޕެއާއި ސަންލޭންޑް ނަޒީރާއި އާސިއްޕެއާއި ފަލާޙާއި މިމީސްހުން ގޭބަންދަށް ބަދަލުކުރިއެވެ. މިކަމާ ގުޅިގެން ބަންދުކުރި އެންމެން ކަހަލަގޮތަކަށް ގެއަށް ބަދަލުވީއެވެ. އަދި ގިނަބަޔަކުވަނީ، ޝަރީޢަތަށް ފޮނުވާގޮތަށް މިނިވަންކޮށް ދޫކޮށްލާފައެވެ.

ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، އޭރު ހައްޔަރުކޮށް ފައިތިބީ، 24 މީހަކުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއަދު ހާމަކުރިއެވެ. 24 މީހުންގެ ތެރެއިން، 14 މީހަކުތިބީ ގޭގެބަންދުގައި ކަމަށާއި އަނެއް، 10 މީހުންތިބީ ޖަލުގައި ކަމަށް ވެސް މިއަދު ފުލުސް އޮފީހުން ހާމަކުރިއެވެ.

23 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 103 ވަނަ ދުވަހެވެ. ކެންޕޭނުގައި ބޭނުންކުރުމަށް ފާސްކުރަން އިލެކްޝަނަށް ހުށަހެޅި ތަކެތި ފާސްވެގެން މިއަދު ލިބުނެވެ. ބަހަން ތައްޔާރުކުރި ސިޓީވެސް ފާސްވިއެވެ. މިތަކެތި އިލެކްޝަނުން ގެނެސްދިނީ ރިލޭއެވެ. އަދި މިހުރިހާކަމެއް ކޮށްދިނީ ރިލޭއެވެ. އިލެކްޝަނަށް ހުށަހެޅި ހުރިހާއެއްޗެއް ފާސްވިއެވެ. ދެން ކެންޕޭން ކުރަން ފަށަންވީއެވެ. ކެންޕޭނުގެ ކަންތަކާ އުޅުއްވަނީ ވެސް، ތަބައްގޭ ރިލޭއެވެ. ކެނެރީގޭގައި ހުޅުވާފައިހުރި ކެންޕޭނު އޮފީހާ ގުޅިގެންނެވެ.

24 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 104 ވަނަ ދުވަހެވެ. މިއަދު ޕޮލިސް އޮފީސް މެދުވެރިކޮށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް ސިޓީއެއް ލިޔުނީމެވެ. ޖަލަށް ޔައުމިއްޔާތައް ފޮނުވަން ފެއްޓެވި ދުވަހުގެ ކުރިންހިނގި ޖަލްސާތަކުގެ ޔައުމިއްޔާތައް ހޯދުމަށެވެ. އަދި ޖަލުން ފޮނުވިސިޓީގެ ޖަވާބެއް ނުލިބޭތީ އެވާހަކަވެސް ލިޔުނީމެވެ. އަދި ޖަލްސާތަކަށް އަޅުގަނޑު ހާޒިރުކޮށް ނުދޭތީއެވާހަކަ ވެސް ލިޔުނީމެވެ. އަދި އެކަންތައް ވީހާއަވަކަށް ހަމަޖައްސައި ދެއްވައި ރައްތިތުންގެ ޙައްޤުގައި އަޅުގަނޑު ކޮށްގެންހުރި ހުވައަށް އަމަލު ކުރެވޭނެގޮތް ހައްދަވައި ދެއްވުން އެދި ދެންނެވީމެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން، 22 މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބަންޑާރަނައިބު އޮފީހަށް ފޮނުއްވައިފި ކަމަށް، މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކުރިއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން، 14 މީހެއްގެ މައްސަލަ މިއަދާހަމައަށް ވަނީ، ޝަރީޢަތް ހިންގެވުމަށްޓަކައި ކޯޓަށް ފޮނުވާފައިމަކަށް ބުނެފައި ވެއެވެ.

25 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 105 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.

26 ނޮވެމްބަރ 2004 ވީހިކުރު ދުވަސް، ބަންދުގައި ހުންނަތާ، 106 ވަނަ ދުވަހެވެ. ޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ.

27 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 107 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. ޚާއްސަކަމެއް ނެތެވެ.

28 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 108 ވަނަ ދުވަހެވެ. އިލެކްޝަންގައި އދ.އަތޮޅުން ކުރިމަތިލި މީހުންގެ ލިސްޓް ތަރުތީބުކުރުން މިއަދު ބޭއްވިއެވެ. އަޅުގަނޑުގެ ފަރާތުން މީހަކު ނުފޮނުވަމެވެ. ތަރުތީބު ހަމަޖެހިގެން ދިޔަގޮތެއް ނޭނގުނެވެ. އެހެނަސް އދ.އަތޮޅުން، 9 ކެނޑިޑޭޓުން ކުރިމަތިލިކަން އެނގުނެވެ.

ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުން ތަކާގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކޮށް ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 6 މީހަކު ދޫކޮށްލައިފިކަން ފުލުސް އޮފީހުން މިއަދު ހާމަކުރިއެވެ.

29 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 109 ވަނަ ދުވަހެވެ. މިއަދު ހިތާމަވެރި ޚަބަރެއް ލިބުނެވެ. އަޅުގަނޑު ސަރުކާރުގެ ވަޒީފާއިން ވަކިކުރައް ވައިފިކަން ފައިނޭސް މިނިސްޓްރީގެ ނަމްބަރު: 32/2004/ ޕީ- 13 (21 ނޮވެމްބަރ 2004) ޗިޓު މިއަދު އަޅުގަނޑަށް ފުލުސް އޮފީހުން ގެނެސް ހަވާލުކުރިއެވެ. ޗިޓުގައިއޮތީ، 8 ނޮވެމްބަރ 2004 ގެތާރީޚެވެ. މިޗިޓުގައި ލިޔެފައިވަނީ، ވަޒީފާއިން ވަކިކުރެއްވީ ނޯޓިސް ދެވުނު މުއްދަތުގައި އެހެން ވަޒީފާއެއް ހޯދައިފައި ނެތުމުން ކަމަށް ރައީސް އޮފީހުން އެމިނިސްޓަރީއަށް އެންގެވިކަމަށެވެ. އަޅުގަނޑު ހޯމް މިނިސްޓަރީއަށް ލިޔުނު ސިޓީގައި މިކަމަށް އަލިއަޅުވާލައި ލިޔުނީމެވެ. އެހެނަސް ހޯމް މިނިސްޓަރ އުމަރު ޒާހިރު ބިރުފުޅުން މިކަމާ އުޅުއްވާކަށް ނުކެރުނެވެ. ހޯމް މިނިސްޓްރީން އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައި ދެއްވަން ކެރިވަޑައި ނުގަތީއެވެ. ޖަލުން ދިމާމި ފަހަރެއްގައި މިވާހަކަ އުމަރުޒާހިރު އަރިހުގައި ނަންގަތީމާ ވެސް އަޅާނުލެއްވީ ސަރުކާރު ދެކެގަންނަ ބިރުންކަން އެނގުނެވެ. ކޮންމެއަކަސް، 8 ނޮވެމްބަރުން ފެށިގެން އަޅުގަނޑު ސަރުކާރުގައި ހުރިވަޒީފައިން މިވަކިކޮށްލުމަކީ، އެޓޮލްސް މިނިސްޓަރ އަބްދުﷲ ޙަމީދު ކޯފާވެގެން ކުރެއްވި ކަމެއްކަން ކަށަވަރެވެ. އެޓޮލްސް އިން ނޯޓިސް ދެއްވާފައި ބެހެއްޓީ ފައިނޭސް މިނިސްޓްރީގެ ނޯޓިސް ދެވިފައިވާ މީހެއްގެ ގޮތުގައެވެ. ޖަލުގައި ބަހައްޓާފައި ހުރުމުން ނޯޓިސް ދެއްވި، 3 މަސް ދުވަހުގެ ތެރޭގައި ވަޒީފާއެއް އެހެންތާކުން ހޯދާނެ ފުރުސަތެއް ނުލިބުނެވެ. އަދި ލިބުނަސް އެއީކީ މިސަރުކާރުން ކުރާނެކަމެއް ނޫނެވެ. މިއީ އަޅުގަނޑުގެ ވަޒީފާއާ ދޭތެރޭގައި ސަރުކާރުން ކަންތައް ކުރެއްވި ގޮތެވެ.

އަދި މިއަދު އަޅުގަނޑުގެ މޯބައިލް ފޯން ޕޮލިސް އޮފީހުން ގެއަށް ގެނެސްދީ، އަޅުގަނޑާ ވަހާލުކުރިއެވެ. ފޯނުގެންދިޔައިރު ފޯނުގައިއިން ސިމް އަދި ދޫކުރެވެން ނެތްކަމަށް ފޯނުހިފައިގެން އައިމީހާބުންޏެވެ. ފޯނު ނުބާއްވަން އުޅެފައިވެސް ސިމްކާޑައި ނުލައި ފޯނުބޭއްވީ މިނިވަން ވެގެން ދިރާގަށް ދެވޭއިރަށް ހަމައެނަމްބަރުގެ ސިމެއް ލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ.

ރޭގަނޑު، 8:30 ގައި ފުލުސް އޮފީހުގެ ނަޢީމް، އަދިވެސް އެހެން ފުލުހަކާއެކު އާދައިގެ ހެދުމުގައި ގެއަށް ވަޑައިގެން އަޅުގަނޑަށް އެންގެވީ، މިރޭ، 9:30 އަށް ކޯޓަށް ދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އެހެނަސް ބަލާއައީ، 10:45 ގައެވެ. އައީ ނުދަންނަ ދެކުދިންނެވެ. މިދެކުދިން އައިސް ބުނަނީ ކޯޓަށް ދުރުވަންވީ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އެހެން ހަމަބުނާހާއިރަށް ނުދެވޭނެއެވެ. ތިޔައީ ކޮންބައެއް ކަމެއް އަޅުގަނޑަކަށް ނޭންގެއެވެ. ދެން މިދެބޭފުޅުން ޕޮލިސްކާޑު ދެއްކުމަށް ފަހު، އިލްޔާސް ތިޔަހުންނެވީ ޕޮލިސް އޮފީހުގެ ބަންދެއްގައެވެ. އަވަހަށް ކޯޓަށް ވަޑައި ގަންނަވަންވީއެވެ. ދެން ވެސް އަޅުގަނޑު ދެންނެވީ، ކޯޓަށް ތިޔަގެންދަވަނީ ކޮންޤާނޫނެއްގެ ދަށުންކަން އެގެން ޖެހޭނެއެވެ. އަދި ކޯޓަށް ދެވޭނީ ލޮޔަރާ އެކީގައެވެ. ދެން މިދެބޭފުޅުން، ފޯނެއްކޮށް ހަދާފައި ވިދާޅުވަނީ، އިލްޔާސްގެ ލޮޔަރުމުޢޮޒު މިހާރު ހުންނެވީ ކޯޓުގައި އިލްޔާސްގެ އިންތިޒާރުގައި ކަމަށެވެ. ދެން އަޅުގަނޑު މަގުމައްޗަށް ނުކުތްއިރު ޖަވާހިރުވާދީ މަގުމަތީ ދޮރުކުރިމަތީގައި ފުލުސް އޮފީހުގެ ކާރެއް އޮތެވެ. އެކާރަށް އަޅުގަނޑު އެރުމުން ގެންގޮސްބޭލީ ޖަސްޓިސް ބިލްޑިންގ ކައިރިއަށެވެ. ކޯޓަށް ވެއްދުމަށް ފަހު، ގޮނޑިއެއްގައި ބޭންދިތާ މާގިނައިރެއް ނުވަނީސް މުޢިޒު ދުރުވެއްޖެއެވެ. ދެން މުޢިޒާއެކު ގާޒީގެ ކޮޓަރިކޮޅަށް އަޅުގަނޑުމެން ވެއްދީއެވެ. މިއީ ޖިނާއީކޯޓުގެ ޝަރީޢަތް ކުރައްވާ ކޮޓަރިކޮޅެވެ. އޭރު ގަޑިން ރޭގަނޑު، 11:00 ޖަހާފާނެއެވެ. ގާޒީއަކަށް އިންނެވީ، އަބްދުލްބާރީ އޭކިޔާ ބޭފުޅެކެވެ. އިސްކޮށް ކޯޓުތެރޭގައި ޑޮކްޓަރ ޖަމީލް އުޅުއްވާތަން ފެނުނެވެ. އަޅުގަނޑު ފެނިގެން ވަޑައިގެން ހީލާފައި ސަލާމްކޮށް ލެއްވިއެވެ. އެހެނަސް ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑާއި ލޮޔަރުމުޢިޒުގެ އިތުރުން ގާޒީގެ ކޮޓަރިކޮޅުގައި އިށީދެގެން ތިއްބެވީ، އެޓަރނީން ރޭނިސް ސަލީމާއި ފުލުސް އޮފީހުން، ޝާމީއާއި ޝަމީމެވެ. ދެން ގާޒީއެވެ. ކޮޅަށް ހުންނެވީ ގާޒީވިދާޅުވާ ކަންތައް ކޮޓަރިކޮޅު ތެރޭގައި ކުރަންހުންނެވި ބޭފުޅާއެވެ.

މައްސަލަ ބަލަން ފެއްޓެވުމުގެ ގޮތުން ފުލުހުން ވިދާލުވީ، އަދިވެސް އިލްޔާސަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެކެވެ. ކުރަންހުރި ބައިވަރު ސުވާލުތައް އެބަހުރި ކަމަށެވެ. ތަޙްޤީޤުގައި ގިނައިން ދޮގުހަދާފައިވާކަން ފާހަގަކުރެވޭތީ އިތުރަށް ތަހުގީގު ކުރަން ޖެހެނީކަމަށެވެ. ދޫކޮށްލާފައި މިނިވަންކޮށް ބަހައްޓައިފިއްޔާ އަދިވެސް އިލްޔާސަކީ މިކަހަލަ އެއްވުންތަކުގައި ބައިވެރިވާނެ މީހެކެވެ. މިހާރުވެސް ފުލުހުންނައި ޖަދަލުކޮށް ހަރުކަށި ޖަވާބުދީ ހަދާމީހެކެވެ. އިލްޔާސް ދޫކޮށްލެވެން ނެތްކަމަށް މިދަންނަވަނީ އޭނާ ދޫކޮށްލައި ފިއްޔާ އެއްވުންތަކުގައި ބައިވެރިވެ މަސްލަޙަތު ނަގާލަން މަސައްލަތް ކުރާނެކަން އެނގޭތީއެވެ. މިކަންތައް މިހެން ހިނގާނެކަން އަޅުގަނޑު މެންނަށް ޔަގީންވާތީއެވެ. އިއްޒަތްތެރި ގާޒީ އަރިހުން އެދެނީ މިނުކުތާތަކަށް ރިޢާޔަތް ކުރައްވައި އިލްޔާސް ބަންދުގައި ބެހެއްޓުމަށް ތިރީސް ދުވަސް އިތުރުކޮށް ދިނުމަށެވެ. ތަޙްޤީޤު މުޅިން ނިންމާލެވޭނީ އިތުރު، 30 ދުވަސް ލިބިގެން ކަމަށް ފުލުހުން ގާޒީއަށް ތަކުރާރުކޮށް ދެންނެވިއެވެ.

ދެން ވާހަކަ ދެއްކެވީ އަޅުގަނޑުގެ ލޮޔަރުމުޢިޒެވެ. މުޢިޒު ގާޒީއަށް މުޚާޠަބުކޮށް ވިދާޅުވިއެވެ. އިލްޔާސްގެ ތަޙްޤީޤުވަނީ މުޅިން ނިމިފައެވެ. އެކިއެކި މަރްޙަލާތަކުގައި އިލްޔާސް، 100 ދުވަހަށްވުރެ ބަންދުގައި ގެންގުޅުއްވާފައި ވެއެވެ. އަދި ބަޔާންތައްވަނީ ނަގާނިންމާފައެވެ. ބަންޑާރަ ނައިބުގެ އޮފީހަށް ހުޅަހެށި، އަދި މައްސަލަވަނީ ޝަރުޢީކޯޓުގައެވެ. މައްސަލަ ކޯޓަށް ވައްދައިފައި ވުނުން ދެން ކުރާނެސުވާލެއް ނޯންނާނެކަމަށް ފެނެއެވެ. ބަންދުކުރެވުނު ތުހުމަތުގެ މައްސަލަ ވަނީ ނިމިފައެވެ. އިތުރަށް ކުރާނެ ސުވާލެއް އޮތްނަމަ ކޯޓަށް އިލްޔާސްގެ މައްސަލަ ނުވެއްދީހެވެ. އެހެންވުމުން އިތުރަށް އިލްޔާސް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ. އިލްޔާސްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ، އޯގަސްޓް 12-13 ގައި ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށެވެ. އަދި އޭނާ ހައްޔަރުގައި ބެހެއްޓިފައި ވަނީވެސް، ހަމައެތުހުމަތު ގައެވެ. އެނޫން ތުހުމަތެއް އޭނާގެމައްޗަށް ކުރެވިފައެއް ނެތެވެ. ދެން ފުލުހުންގެ އަރިހުން، ގާޒީ އެއްސެވީ މިހާރު، އިލްޔާސްގެ މައްޗަށް ތިޔަކުރައްވަނީ ކޮންތުހުމަތެއް ތޯއެވެ؟ އަދި އިތުރު ތުހުމަތެއް ކުރައްވާކަންވަނީ، އިލްޔާސަށް އެނގިލައްވާފަ ތޯއެވެ؟ ފުލުހުންގެ ތެރެއިން ޝާމީ ވިދާޅުވެއްޖެއެވެ. ނޫނެކެވެ. އެންގިފައެއް ނުވާނެއެވެ. މިހާރު މިބޭނުންވަނީ އިތުރަށް މިކަހަލަ އެއްވުންތަކުގައި އިލްޔާސް ބައިވެރި ވެދާނެތީއާއި ތަޙްޤީޤުގައި އޭނާގެ ވާހަކަތައް ހުރިގޮތުން އެކަން ކުރާނެކަން ޔަގީންވާތީ އިތުރު، 30 ދުވަސް ބަންދުގައި ބެހެއްޓުމަށެވެ. އޭނާއާ ކުރަންޖެހޭ ސުވާލުތަކެއް ހުރުމުން އިތުރު، 30 ދުވަހު ބަންދުގައި ބަހައްޓައި ދިނުމަށް އެދޭކަމަށެވެ. ކުރަންޖެހޭ ސުވާލުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި އިލްޔާސް އުޅުނުއިރު އޭނާގެ ހަރަކާތްތައް ހުރިގޮތުން، ވަރަށް ފޯރިދީފައިވާ މީހެއްކަމާއި ހުކުރު ދުވަހު ހުކުރު ކުރަންއުޅުނު އިސްމީހުނެގެ ތެރޭގައި އިލްޔާސް ހިމެނެއެވެ. އެސުވާލުތައް ކުރުމުން އިންކާރުކޮށް ފައިވާތީ އަލުން އެތަޙްޤީޤު ފުރިހަމަކުރަން ބޭނުންވަނީއެވެ. އަދިވެސް އިތުރު މީހުންގެ ހެކިލިބިއްޖެނަމަ، އިލްޔާސްއާ ގިނަސުވާލުކޮށް ބަޔާން ނަގަންޖެހިދާނެތީ ބަންދުގައި ބަހައްޓައި ދެއްވުންއެދޭ ކަމަށް ތަކުރާރުކޮށް ގާޒީއަށް ދެންނެވިއެވެ. މިހާހިސާބަށް ދިއުމުން އަޅުގަނޑަށް ނުހުރެވިގެން ވާހަކަދައްކަން ފެއްޓީއެވެ. މިހާރުވެސް މިހުންނަނީ ގޭގައިކަމަށް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ބޭނުންނަމަ ފުލުހުން އެވިދާޅުވާ ކަހަލަ ކަންތައް ކުރެވޭނެއެވެ. އެހެނަސް އަޅުގަނޑު މިހުންނަނީ މަޑުންގޭގައެވެ. މުޢިޒުވެސް ޖަވާބު ދެންވަން ފައްޓަވައިފިއެވެ. މުޢިޒު ގާޒީއަށް ވިދާޅުވިއެވެ. މިހާރުވެސް އިލްޔާސް އެހުންނަވަނީ ގޭގައެވެ. ބޭނުންފުޅިއްޔާ ފޯނުވެސް ބޭނުން ކުރެއްވޭ ގޮތަށެވެ. އަދި އެފަދަކަންތަކަށް އަސަރުފޯރުވޭ ގޮތަށެވެ. ގެއަށް ބަދަލުކުރި ތާވެސް، 22 ވަރަކަށް ދުވަސްވެއްޖެއެވެ. އެކަހަލަކަމެއް އިލްޔާސްގެ ފަރާތުން ފެނިފައެއް ނެތެވެ. އަދި ގާނޫނާއި ގަދާއިދާޚިލާފު އެއްވެސް ގޯސްކަމެއް ގޭގައި ހުންނަވައިގެން ކުރައްވާފައެއް ނެތެވެ. އެހެންވީމާ އިލްޔާސް އިތުރަށް ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ފުލުހުން އެވިދާޅުވާފަދަ ކަމެއްގައި ބައިވެރިވެ، ތުހުމަތު ކުރެވިއްޖެނަމަ، އަލުން ހައްޔަރު ކުރެވިދާނެއެވެ. ފުލުހުންނާއި ސިފައިންނަށް އެބާރުއަބަދުވެސް އެބައޮތެވެ. ދެން މިހާހިސާބުން އަޅުގަނޑު ދެންނެވީމެވެ. ކުރީފަހަރު ގާޒީއަކަށް އިންނެވި، އިއްޒަތްތެރި ގާޒީ އާދަމް ސަޢީދު ތިރީސް ދުވަސް އިތުރުކޮށް ދެއްވިރޭ ކޯޓަށް ފުލުހުންގެ ފަރާތުން ވަޑައިގެން އިންނެވި އަބްދުﷲ ނަވާޒު ވިދާޅުވީ، ތަޙުޤީޤުގައި އިލްޔާސް އެއްބާރުލުން ދެއްވިކަމަށެވެ. އަދި އިތުރަށް ކުރާނެ ސުވާލެއް ނެތްކަމަށެވެ. އިލްޔާސްގެ ތަޙްޤީޤު ވެސް ވަނީ، ނިމިފައި ކަމަށެވެ. އަދި ތަޙްޤީޤު ޓީމުންވެސް ވާނީ ގެއަށް ބަދަލުކޮށް ދިނުމަށް އެދިފައި ކަމަށް އެރޭ ފުލުހުންގެ ފަރާތުން ނަވާޒު ވިދާޅުވިއެވެ. އެއީމީގެ، 30 ދުވަސް ކުރިއެވެ. މިހާރު ކޯޓަށް ވަދެ މިތިއްބެވި ފުލުހުން މިދައްކަވަނީ ކޮންވާހަކަތަކެއް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. މިބޭފުޅުން ފުލުހުންގެ ފަރާތުން މިރާވަނީ، ޒާތީގޮތުން އަޅުގަނޑަށް އިތުރުބޮނޑިއެއް ދޭންހެން އެބަހީވާ ކަހަލައެވެ. ނަވާޒު މިގޮތަށް ވިދާޅުވެފައި ނެތްތޯ ބައްލަވައި ދެއްވާށެވެ. އަބްދުﷲ ނަވާޒަކީ މިބޭފުޅުންނަށް ވުރެމަތީ ފެންވަރެއްގެ އޮފިސަރެކެވެ. ދެން މިހާހިސާބުން ޝަރީޢަތުގެ މަޖިލިސް، ގާޒީ މެދުކަނޑާ ލައްވާފައި ފަސްމިނެޓްތެރޭގައި އަލުން، ޝަރީއަތުގެ މަޖިލިސް ފެށޭނެކަމަށް ވިދާޅުވެ ބޭރަށް ނުކުންނަވައި މަޝްވަރާ ކުރެއްވި ފަރާތްތަކަކައި މަޝްވަރާ ކުރެއްވުމަށް ފަހު، އަލުން ފެއްޓަވައި ވިދާޅުވިއެވެ. ދެންވެސް ދެފަރާތުގެ ދިގު ބަހުސަށްފަހު، ގާޒީ ނިންމެވީ އިތުރަށް، 15 ދުވަސް ގޭބަންދުގައި ބަހައްޓަވާ ގޮތަށެވެ.

އަޅުގަނޑުގެ ކުރިން ކޯޓަށް ވެއްދީ، ގ.މެޑޯ ޝާޒު ވަލީދެވެ. ވަލީދާއި އަދި ޖަލުންގެނައި ހަތަރުމީހުންނަށް ގާޒީ އިތުރުކޮށް ދެއްވީ، 30 ދުވަހެވެ. އިޔާޒާއި އަބުސީއާއި ފުލުހެއްގެ ގަޔަށް ވަޅިހެރި ހުސައިންޕައިޑަރ އާއި ފައުޒީއަށް، 30 ދުވަސް އިތުރުކޮށްގެން ގެންދިޔައީ ޖަލަށެވެ. ދޫނިދޫއަށެވެ. އަޅުގަނޑު ނުކުތުމުން ގާޒީގެ ކޮޓަރިކޮޅަށް ދެން ވެއްދީ ސައްޕެއެވެ. ސައްޕެއަށް އިތުރުކުރެއްވީ ކިހާވަރެއްކަމެއް ނޭނގެއެވެ. ދެން އަޅުގަނޑު ގެނެސް ގެއަށް ލާފައި ފުލުހުން ދިޔައީ، އެކާރުގައި ޤާސިމް ބަލާކަމަށް ކާރުގައިތިބި ފުލުހުންގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ. އަދި ކޯޓުތަކުގެ ބިލްޑިންގ މައިދޮރުކައިރިން ޤާސިމްގެ ކޮއްކޮ އަލީ އިބްރާހީމް ފެނުނެވެ. އޭނާއާއި އެހެން ބައިވަރު މީހުން އެތަނުން އެހާދަންވަރު ފެނުމުން ޤާސިމް ކޯޓަށް ގެންނަނީކަން އެނގުނެވެ. އަޅުގަނޑު މައްސަލާގައި ފުލުހުންގެ ތެރެއިން ގިނައިން ވާހަކަދެއްކީ، ޝަމީމެވެ. މީނާއަކީ ވަރަށް ދޮގުހަދާއި އޮޅުވާލައިގެން ނުބައިކޮށް ވާހަކަދައްކާ މީހެއްކަން ފާހަގަކުރެވުނެވެ. އަޅުގަނޑާއި މުޢިޒުގެ ވާހަކަތަކުގައި ޝަމީމަށް ވަރަށް އެޓޭކް ކުރީމެވެ. އޭނާހުރީ ވާހަކަދެއްކުމުގައި ތުރުތުރު އަޅައަޅައެވެ. ބިރުންކަމެއް އަލަށް ކޯޓުގައި ވާކާލާތު ކުރައްވާތީ ކަމެއް ނޭނގެއެވެ. އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

30 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 110 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ.

1 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 111 ވަނަ ދުވަހެވެ. މިއަދުހެދުނު ރާއްޖޭގެ ގަޑިން، 8:30 ގައ އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަވާ، ދިވެހި އޮބްޒާވަރ ސައިޓް ހިންގަވާ ސައްޕެ، ބީބީސީއަށް ޚާއްޞަ އިންޓަރވިއޫއެއް ދެއްވުން އޮތެވެ. އެއިންޓަރވިއޫގައި އަޅުގަނޑު ބަންދުގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ވާހަކަ ވިދާޅުވިއެވެ. ސަރުކާރު ފަރާތުން ބީބީސީއަށް އެރުއްވީ މުނާފިގުކަން ބޮޑު، ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދެވެ. އަދި އެވާހަކަތަކުގެ ޖަވާބު ދެއްވަން އެރުއްވީ އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވި ގ.ކެނެރީގޭ މުހައްމަދު ނަޝީދު އަންނިއެވެ. މިމީހުންގެ ތެރެއިން އެންމެރަނގަޅީ އަންނި ދެއްކެވި ވާހަކަތަކެވެ. މިފުރުސަތުގައި އަންނިއަށް ގޭބަންދުގައި ހުރެގެން، މަރްޙަބާއާއި ސަލާމް އަރިސްކުރަމެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2004 ގެކެނޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އިޢުލާނު ކުރެއްވިއެވެ. އަޅުގަނޑަށް ލިބިފައިއޮތީ، އދ.އަތޮޅު ލިސްޓުން، 7 ވަނަ އެވެ. 9 ބޭފުޅުން އެލިސްޓްގައި، އދ.އަތޮޅުން ކުރިމަތި ލައްވާފައި އޮތެވެ.

އަދި މިއަދު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް، 8 ނޮވެމްބަރ ގައި އަޅުގަނޑު ލިޔުނު ސިޓީއަށް، އޭނާ ދެއްވިޖަވާބު ލިބުނެވެ. މިއީ، 3 ސަފްހާގެ ދިގުޖަވާބެކެވެ. ކަމާނުގުޅޭ ގިނަވާހަކަތަކެއް ލިޔުއްވާފައިވާ ސިޓީއެކެވެ. އެސިޓީ ފައްޓަވާފައި ވަނީ، މިފަދައިންނެވެ. އަކުރުން އަކުރަށް މިތާގައި އެސިޓީ ލިޔެލާނަމެވެ.

“އަރިއަތޮޅު ދެކުނުބުރީ މެމްބަރު އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަށް، ވެދުންސަލާމަށްފަހު، ދަންނަވަމެވެ. 8 ނޮވެމްބަރ 2004 ގައި ފިނުއްވި ސިޓީގައި ދެތިން ނުކުތާއަކަށް ވާހަކަ ދައްކަވާފައިވާތީ، އެނުކުތާ ތަކަށް އެތަރުތީބުން، އަންނަނިވި ގޮތަށް ޖަވާބު އަރުވަމެވެ.

އެކެއް- މެމްބަރުންގެ އިމްތިޔާޒު.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒު ބަޔާންވެގެން ވަނީ، ހަމައެކަނި ޤާނޫނުއަސާސީގެ، 104 ވަނަ މާއްދާގައެވެ. އެމާއްދާގައި ވާގޮތުން، އެއިމްތިޔާޒުގެ ދާއިރާއަކީ، މަޖިލީހުގެ ޤާނޫނީ ޖަލްސާއެއް ނުވަތަ ކޮމެޓީއެއްގެ ޖަލްސާއެއްގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތުގެމަތިން، މެމްބަރުން ފާޅުކުރައްވާ ޚިޔާލުފުޅު ތަކާއި ދައްކަވާ ވާހަކަފުޅު ތަކާއި ވޯޓުދެއްވުމުގައި ޢަމަލު ކުރައްވާ ގޮތެވެ.

އެހެންކަމުން ޚާއްޞަ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައި ގެންވާ އިމްތިޔާޒަކީ މަޖިލީހުން ބޭރުގައި ހިނގާކަމަކާ ގުޅިގެން އުފެދޭ މައްސަލައަކުން، ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމުގެ ދަށުން، މެމްބަރަކު ބަރީއަކުރެވޭނެ އިމްތިޔާޒެއް ކަމަށް ޤާނޫނީގޮތުން ބަލާނެޖާގައެއް އޮތްކަމެއް ކަމުގައެއް ނުވެއެވެ.

ދޭއް- ޖަލްސާތަކަށް ހާޒިރުވުން.

އެއްވަނަ ނުކުތާގައި ދަންނަވާފައިވާ ފަދައިން، އިމްތިޔާޒުގެ ދާއިރާއޮތީ ކަނޑައެޅިފައިވާ ވަކިޙުދޫދެއްގެ ތެރޭގައި ކަމަށްވާތީ، މަޖިލީހުގެ ޖަލްސާތަކަށް ޝަރުޢީ ބަންދުގައި ނުވަތަ ޤާނޫނީ ބަންދުގައި ތިއްބަވާ މެމްބަރުން ހާޒިރުކުރުމުގެ ކަންތައް އޮތްގޮތާމެދު ވިސްނާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.

(ހ) އިމްތިޔާޒުގެ ދާއިރާއަކީ، ކަނޑައެޅިގެން ބަޔާންވެގެންވާ، އަދި ހަނިދާއިރާއެއްކަން.

(ށ) އެހެން ޤައުމުތަކުގައި ޤާނޫނު އަސާސީގެ އިތުރަށް އެހެންބައެއް ޤާނޫނުތަކާއި ޤާނޫނީ އުސޫލުތައް ކަމާގުޅޭގޮތުން ތަޢާރުފްކުރެވި، އެމައްޗަށް ޢަމަލު ކުރެވެމުން ދާއިރު، ރާއްޖޭގައި މެމްބަރުންގެ އިމްތިޔާޒުގެ ވާހަކަ އިންނަނީ ހަމައެކަނި ޤާނޫނު އަސާސީގައިކަން.

(ނ) މެމްބަރުންގެ އިމްތިޔާޒާގުޅޭ ގޮތުން، ޤާނޫނި އަސާސީގެ، 104 ވަނަ މާއްދާ ފިޔަވައި، ރާއްޖޭގައި އެއްވެސް ޤާނޫނެއް ނުވަތަ އުސޫލެއްވެސް ކަނޑައެޅިފައި ނުވާތީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންހިނގާގޮތަށް ބަލާއިރު، ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަނުން ލަފާލިބިފައި ވާގޮތުގައި،  ކޮމަންވެލްތް ޤައުމުތަކުގެ ޕާލިމަންޓް ތަކުގެ މެމްބަރުންވެސް، ޤާނޫނީ ނުވަތަ ޝަރުޢީ ބަންދުގައި ނުވަތަ ކުށެއް ނުކުރަނީސް ވެސް ސަލާމަތީ ޤާނޫނެއްގެ ދަށުން ބަންދުކުރެވޭ ހިސާބުން ފެށިގެން މެމްބަރުކަމުގެ އިމްތިޔާޒު ނެތިގެންދާ ކަމާއި ޖަލްސާއަށް ހާޒިރުވުމުގެ ފުރުސަތު ލިބިދެވެނީ، ތަޙްޤީޤަށް ހުރަސް ނޭޅޭހިނދެއްގައި، ބަންދުކުރާ ފަރާތުގެ ރުހުން އޮވެގެން ކަމަށްވާކަމާއި، ޕާލަމެންޓުގެ ރައީސަށް ވެސް، ބަންދުގައިހުރި މެމްބަރަކު ހާޒިރުކުރުމަށް އަމުރެއް ކުރެވޭނެ ޖާގައެއް ނޯންނަކަން އެނގޭއިރު، ޚާއްޞަ މަޖިލީހަކީ، ޕާލަމެންޓަކަށް ނުވިނަމަވެސް، އެއްކަހަލަ އިމްތިޔާޒުތަކެއް ލިބިދީފައިވާ ބައަކަށްވާތީ އެއްއުސޫލު މިޙާލަތަށް ވެސް ހިންގިދާނެކަން.

(ރ) ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާގައި ބަޔާންކޮށްދެނީ، މެމްބަރުކަމުގެ މަޤާމު ހުސްވާ ޙަލަތުތަކުގެ ވާހަކަ ކަމަށާއި ޖަލްސާއެއް ކުރެވޭނީ ހުރިހާ މެމްބަރުން ހާޒިރުވެގެން ނުވަތަ ހާޒިރުކޮށްގެން ކަމަށް ބަޔާންކުރާ މާއްދާއަކަށް އެމާއްދާ ނުވާކަމާއި، މެމްބަރަކަށް ހިތުން ރުހުމުން ވެސް، މުޅިމަޖިލީހުގެ ހަޔާތުގައި އެއްވެސް ޖަލްސާއަކަށް ހާޒިރުވެ ވަޑައިނުގެން ވެސް ހުންނެވި ދާނެކަމާއި ހަމައެގޮތަށް އަމިއްލަ އިޚްތިޔާރުން ބޭރުގޮތަކަށް ވެސް ޖަލްސާއަށް ހާޒިރުނުވެވި ހުންނެވި ދާނެކަން.

ދެންނެވިދިޔަ ކަންކަން އެހެންހުރުމުން، ޤާނޫނީ ބަންދެއްގައި ހުންނެވި ހުންނެވުމަކީ، ނުވަތަ ޖަލްސާތަކަށް ވަޑައި ނުގެންނެވޭ ގޮތްވުމަކީ، ޤާނޫނު އަސާސީގެ، 104 ވަނަ މާއްދާއާ ޚިލާފުވާކަމެއް ކަމަކަށް، އަޅުގަނޑަށް ދެންނެވޭނެ ޤާނޫނީ އަސާސެއް ނެތެވެ. އެހެންނަމަ ވެސް، ޖަލްސާތަކަށް ވަޑައިގެންނެވޭނެ ގޮތެއްވޭތޯ، ޤާނޫނީ ހަމަތަކުގެ މަތީން، ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުކޮށް ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. 25 ނޮވެމްބަރ 2004 ޚާދިމުކުމް، ސޮއި ޢައްބާސް އިބްރާހީމް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް. މިސިޓީގެ ނަމްބަރަކީ: 16/ 2004/ ޕީއެމް/ އެމްކޭ/ 57 އެވެ. ފޮނުވާފައިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް މާލެ ދިވެހިރާއްޖެ އިންނެވެ.”

މިސިޓީ ލިބުނީ މިއަދު މެންދުރު އެއްގަޑި ފަނަރައިގައެވެ. މިސިޓީގައި ޚާއްޞަ މަޖިލީހުގެ ރައީސް ދައްކަވާފައި މިހިރީ ގިނައިން ބަހަނާ ވާހަކަތަކެކެވެ. ޤާނޫނުތައް ހެދިފައި ނެތިއްޔާ ޤާނޫނު އަސާސީއަށާއި ޤާނޫނު އަސާސީގެ ރޫޙަށް ބައްލަވާފައި މެމްބަރުންނާ ދޭތެރޭގައި އިމްތިޔާޒީ ފިޔަވަޅު ޖަމިލީހުގެ ރައީސަށް އެޅުއްވޭނެއެވެ. މިއީ ވަރަށް ސާފުކޮށް އޮތްކަމެކެވެ. ކޮމަންވެލްތަށާއި ދުނިޔޭގެ ބަހަނާތަކަށް ވާސިލްވާކަށް ނުޖެހެއެވެ. މަޖިލީހުގެ ކަރާމާތާއި މެމްބަރުންގެ އިމްތިޔާޒު ޙައްޤުގޮތުގައި ޤާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރައީސަށް ދެމަހައްޓައި ދެވޭނެއެވެ. އެހެނަސް އެކަންކުރައްވަން ބޭނުންފުޅު ނުވާތީ، ދިގުބަހަނާތައް ދައްކާއި ބޭކާރުހަމަތައް އެޅުއްވިދާނެއެވެ. މިކަހަލަ ރީތިޖަބާތައް ލިޔުއްވި ދާނެއެވެ.

2 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 112 ވަނަ ދުވަހެވެ. ވަކިޚާއްޞަ ކަމެއް ނެތެވެ.

3 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 113 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.

4 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ 114 ވަނަ ދުވަހެވެ. ކެންޕޭން ސިޓީތައް ޗާޕްކޮށްގެން ލިބުމުން އެސިޓީ ތަކުގައި ސޮއި ކުރުން މިއަދު ކުރިއަށް ގެންދިއައިމެވެ. އެއީ ދެހާސް ސިޓީއެވެ. މިކަމުގައި އެހީތެރިވަނީ ރިލޭއެވެ.

5 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 115 ވަނަ ދުވަހެވެ. މޯބައިލް ފޯނުގެ ސިމްކާޑު ފިޔަވާ ޕޮލިސް އޮފީހަށް ގެއިން ގެންދިޔަ ސަމާނު މިއަދު އަނބުރާގެއަށް ގެނެސްދިނެވެ. ސަންގު ކަޖައްލާގެ ދެސަންގުގެ އަސްލު ގެނަހެއް ނުދެއެވެ. ފުލުސް އޮފީހުން ބޭއްވީއެވެ. މިދެއަދަދުގެ އަސްލުތައް ހޯދަން ފޯކުނުރުމުން ވިދާޅުވީ ތިޔަކަންތައް ބަލާފައި ޖަވާބެއް ދޭނެކަމަށެވެ. އަޅުގަނޑު އަތުގައި ބަރާބަރަށް ހުރިހާއަދަދެއްގެ އަސްލުތައް ހުއްޓެވެ. ފުލުސް އޮފީހަށް މިބޭފުޅުން އަޅުގަނޑު ޖަލުގައި އިންދައި ގެއަށްވަދެ ފާސްކުރިދުވަހު ނެރެގެން ގެންދެވީ ސަންގު މަޖައްލާގެ ހުރިހާއަސްލު ތަކެވެ. އަޅުގަނޑުގެ ފޮތްއަލަމާރީގައި ހުރިހާއަދަދެއް ހަމައަށް ބަރާބަރަށް ހުއްޓެވެ. މިއަދު މިގެނެސްދިނީ ދެއަދަދު މަދުންނެވެ. މިއީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ފުލުހުންގެ އަތުން ލިބެންޖެހޭނެ ބަދަލެކެވެ.

6 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 116 ވަނަ ދުވަހެވެ. ގޭގައިހުރީއެވެ.

7 ޑިސެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 117 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ. ގޭގައި ހުރީއެވެ.

8 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 118 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާއަށް އެމަޖިލީހުގެ ގަވައިދުގައި ހިމަނަންފެންނަ މާއްދާތަކަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލުމުން، 5 އިސްލާހެއް އަޅުގަނޑު ހުށަހެޅީމެވެ. މަޖިލީހުގެ ހުރިހާ ލިޔުންތަކެއް މިހާރު ގަވައިދުން ގެއަށް ފޮނުވައިދެއެވެ. އަދި މޯބައިލްފޯނުގެ ސިމްކާޑާބެހޭ ގޮތުން ފުލުސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ. އަދި އެސިމަށް ދައްކަން ޖެހޭފައިސާ ދިރާގަށް ވީހާއަވަށް ދަެއްކެވުމަށް އެސިޓީގައި ލިޔުނީމެވެ. އެސިމާ ގުޅިގެން ދިރާގަށް ހުރިހާޒިންމާއެއް އުފުލަން ޖެހޭނީ ޕޮލިސް އޮފީހުންކަމަށް އަޅުގަނޑު ލިޔުނީމެވެ. އަދި މިއަދަށް ފަހު އެސިމާގުޅިގެން ހިނގާއެއްވެސް ކަމެއްގެ ޒިންމާ އަޅުގަނޑު ނުއުފުލާނެ ކަމަށް ލިޔެފައި ވާނެއެވެ. އަދި އަޅުގަނދަށް ލިބެންޖެހޭ ސަންގުގެ ދެއަދަދު އަވަހަށް ގެއަށް ފޮނުވައި ދެއްވުން އެދިވެސް ދެންނެވީމެވެ.

9 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 119 ވަނަ ދުވަހެވެ. ކަމެއްނެތް ދުވަހެކެވެ.

10 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 120 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. އެއްވެސް ކަމެއް ނެތެވެ.

11 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 121 ވަނަ ދުވަހެވެ. ކެނެރީގޭގައި ހުންނަ ކެންޕޭން އޮފީހުން، ފަތްޙުﷲ ކިޔާބޭފުޅަކު އަޅުގަނޑަށް ކެންޕޭން ކުރުމަށް އދ.އަތޮޅަށް މިއަދު ފުރުވާލިކަމަށް ކެމްޕޭނު އޮފީހުން އީވާ ގުޅާފައި އެންގިއެވެ. އަޅުގަނޑުހުރީ ބަންދުގައި ކަމުން ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ޤާސިމުގެ ބޭބެ އިބްރާހީމްބެ ވިދާޅުވެފައިވަނީ ޤާސިމް ބަންދުގައި ހުންނެވީމާ އިލްޔާސް ފަދަ ސިޔާސީ މީހަކަށް އަދި ބަންދުގައިހުރި މީހަކަށް މިފަހަރު ތާއީދުކޮށްފިއްޔާ ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވުމުން މިފަހަރު ތާއީދު ކުރެވެން ނެތްކަންވަނީ އަޅުގަނޑަށް ރަސްމީކޮށް އަންގާފައެވެ. މިޚަބަރު ލިބުމާއެކު، މިހާހިސާބުން އަޅުގަނޑު ހޮވުމަކީ ނުވާނެކަމެއްކަން އަޅުގަނޑަށް ވަނީ ކަށަވަރު ވެފައެވެ. އިބުރާގެ ފަރާތުންވެސް ކެންޕޭން ކޮށްދޭނެ ވާހަކަވަނީ ރިލޭގެ ފަރާތުން އެނގިފައެވެ. އެހެނަސް އަޅުގަނޑު އިބުރާއަށް އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރަމެވެ. އޭނާއަކީ އަޅުގަނޑު މާލޭން ކުރިމަތި ލިޔަނުދީ ހިފާއްޓާލި މީހާއެވެ. އަދި ގދ.އަތޮޅުން ކުރިމަލި ލާފާނެތި އަޅުގަނޑުގެ ފޯމްސެޓް ފަންޑިތަހަދަންށޭ ކިޔުއްވާފައި ހިފޭއްޓެވި، ޒާތީޙަސަދައިން ފުރިފައިވާ މީހެކެވެ. މިހުރިހާ ނުބައެއް ރާވާއި ހެއްދިމީހަކީ އިބުރާއެވެ. ދުވަހަކުވެސް އިބުރާއަކީ، އަޅުގަނޑު އިތުބާރު ކުރާނެ މީހެއްނޫނެވެ. އެހެނަސް އަބަދުވެސް، މުސްލިމެއްގެ ހައިސިއްޔަތުން އަޚްވަންތަކަން ގެންގުޅެމެވެ. ދަމަހައްޓާނަމެވެ.

12 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 122 ވަނަ ދުވަހެވެ. އދ.އަތޮޅުގެ ބައެއް ރައްޓެހިން، ފަތުޙުﷲ އޭކިޔާ މީހަކު އައިސް އިލްޔާސޭ އެބަކިޔަމުން ދާވާހަކަ، މިއަދު ގުޅާފައި ބުނެހެދިއެވެ. އަޅުގަނޑު ދަންނަވަމުން ދިޔައީ މިފަހަރު މިހުރީ ބަންދުގައި ކަމަށާއި ޤާސިމްގެ ސަޕޯޓުވެސް ވަނީގެއްލިފައި ކަމަށެވެ. ޤާސިމް ބަންދުގައި ހުންނެވުމުން އަޅުގަނޑު ކަހަލަ ސިޔާސީމީހަކަށް އެޢާއިލާއިން ތާއީދުދީ ސަޕޯޓުކުރަން ނުކެރެނީ ކަމަށް އެމީހުންގާތުގައި ބުނެފައި ފޯންބާއްވަނީއެވެ. މިހާރުވެސް އަޅުގަނޑަކީ އދ.އަތޮޅުން ޚާއްޞަ މަޖިލީހުގައި ހުރިމެމްބަރެކެވެ. ކުރާނެކަމެއް ނެތެވެ. މިފަހަރު ރައްޔިތުންގެ މަޖިލީހަށް އިބުރާއާހެދި ނުވަދެވޭނެކަން ޔަޤީންވީއެވެ. އެހެނަސް އޭނާއާއި މުޙައްމަދު ޝިހާބު މާލެއިން ހޮވޭނެކަން ކަށަވެރެވެ. މިއީ ސިޔާސީގޮތުން އިބުރާ އަޅުގަނޑަށް ދެއްވިލަނޑެކެވެ. އަޅުގަނޑު އޭނާއާ ރިލޭ މެދުވެރިކޮށް މިވާހަކަދެއްވުމުން ބުނީ އަންނި އަންގައިގެން، މިޙައްމަދު ޝިހާބަށް އިލްޔާސްގެ ޖާގަބަދަލުކޮށް ލީކަމަށެވެ. ޙަޤީޤަތެއް ނޭނގުނެވެ. މިކަންރޭވީ އިބުރާކަން ކަށަވަރެވެ. އަޅުގަނޑަށް ނަންބަދަލުކުރާ ފޯމްގައި ސޮއިކުރެވުނީ ބަންދުގައި ހުރީމައެވެ. އަދި ހަގީގަތް ނޭނގި ހުރެއެވެ. ހެޔޮއެދޭ މީހަކައި މަޝްވަރާކޮށްލާނެ ފުރުޞަތު ވެސް ނުލިބުނީމައެވެ. އެވަގުތު ރިލޭއަށް ވެސް މިވަނީކީއްކަމެއް ރެއަކާ ނުލީއެވެ. އަދި އަޅުގަނޑަށް ވެސް އެހާދުރަށް ވިސްނާނުލެވުނީ އެންމެންނަކީ ޔަހޫދީވިސްނުން ނުގެންގުޅޭ މީހުންނަށް ނުވާތީއެވެ.

13 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 123 ވަނަ ދުވަހެވެ. މިއަދު ފައިނޭސްގެ ނޯޓިސްދެވޭ މަގާމުގައިހުރި، 3 މަސް ދުވަހުގެ މުސާރަނެގުމަށް ސިޓީއެއްލިޔެ އެމިނިސްޓަރީއަށް ފެކްސްކުރީމެވެ. އަދި އެސިޓީގެ އަސްލުމީހެއްގެ އަތަށްދީފައި އެމިނިސްޓްރީއަށް ރައްދުކުރީމެވެ. މިސިޓީ ފިނުވާލުމަށް ފަހު، އެމިނިސްޓަރީއާ ފޯނުން ގުޅުމުން ވިދާޅުވީ މުސާރަ ހަވާލުކުރެވޭނީ، 8 އޯގަސްޓުން ފެށިގެން ބަންދުކުރި ދުވަހާ ހަމައަށެވެ. ބަންދުގައި ތިބޭމީހުންނަށް މުސާރަދެވޭގޮތަށް އޮންނަނީ، ޑިފެންސުން އަންގާއެއްޗެއްގެ މައްޗަށެވެ. ދޫކޮށްލެއްވި ކަމުގެ ޗިޓްއައުމުން ބާކީދުވަސް ތަކުގެ މުސާރަ ދޫކުރެވިދާނެ ކަމަށް އޭނާބުނުއްވިއެވެ. އަޅުގަނޑު އޭނާއަށް ޖަވާބުދިނީ މިނިވަން ކުރުމުން އަޅުގަނޑު މިތަކަމާ އުޅޭނެ ކަމަށެވެ.

14 ޑިސެމްބަރ 2004 ވީ އަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 124 ވަނަ ދުވަހެވެ. މިއަދު މެންދުރު އެކެއް ޖެހިއިރު ޕޮލިސް އޮފީހުން ބޭފުޅަކު ޖަވާހިރުވާދީއަށް ފޯނުކުރައްވާފައި އަޅުގަނޑަށް އެންގެވީ،  އެއްގަޑިބަޔާއި ދެއަކާދޭތެރޭގައި ޕޮލިސް އޮފީހުން އިލްޔާސް ބަލާއަންނާނެ ކަމަށެވެ. ތައްޔާރު ވެލައިގެން ހުރުމަށެވެ. މިނިވަންވަނީ ކަމުގެ އުފާވެރި ޚަބަރުއައީކަމަށް އަޅުގަނޑު ނިންމައި ތިމާގެ އެންމެންނަށް މިކަން އަންގައިފީމެވެ. އެންމެންވެސް ތިބީ، ވަރަށް އުފަލުންނެވެ. ޕޮލިސް ކާރެއް އަޅުގަނޑު ބަލާއައިސް އަޅުގަނޑު ނެރުނީ މެންދުރު، 1:45 ގައެވެ. މިބޭކަލުން ދަމުން ވަޑައިގަތީ ގޭގައިތަތްކޮށް ފައިއިން އިޢުކާނު ނައްޓާލައިގެން ހިއްޕަވައި ގެންނެވެ. މިހާހިސާބުން ދޫކޮށްލަނީކަން މުޅިން ޔަޤީންވެއްޖެއެވެ. ކާރުގައިތިބީ ޑްރައިވަރަކަށް އިންނެވި ބޭފުޅާއާއި އެހެން ކުއްޖެކެވެ. ދެބޭކަލުންނެވެ. ދެން އަޅުގަނޑެވެ. މިދެބޭފުޅުން އަޅުގަނޑާ ވަރަށް ވާހަކަދެއްކިއެވެ. މިއަދު ދޫކޮށްލާނެ ކަމަށް ބުންޏެވެ. އަޅުގަނޑު ގެންގޮސް ވެއްދީ ޝަހީދުޙުސައިން އާދަމް ބިލްޑިންގަށެވެ. އެބިލްޑިންގުގެ ވާއަތްފަރާތުގައި ތިރީގައިހުރި ކޮޓަރިއަކަށް ވެއްދިއިރުހުރީ ސޯފާސެޓެކެވެ. އެތަނުން ސޯފާއެއްގައި އިށީނުމަށް އަންގާފައި އަޅުގަނޑު ވެއްދި އޮފިސަރު ދޮރުލައްޕާ ލައްވާފައި ހިނަގައްޖެއެވެ. މިއީ ބޮޑެތިބޭފުޅުން ބައިތިއްބާ ސިޓިންރޫމެވެ. އަޅުގަނޑު ވެއްދީ އެކޮޓަރިން އިބްރާހީމް ޙުސައިން ޒަކީ ނެރެގެން ކާރަށް ގެންގޮސް ފައެވެ. މިހަރަކާތުން މިއަދު، ޒަކީ ވެސް ދޫކޮށްލެއްވީކަން އެނގުނެވެ. ދެން މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑު މައްޗަށް ގެންގޮސް ތަޙްޤީޤު ކޮޓަރިއަކަށް ވައްދައި އެންގުމެއްގައި ސޮއި ކުރުވީއެވެ. މިއެންގުމުގައި އޮތީމާލޭން ބޭރަށް އެއްވެސް ތާކަށް ދާންވެއްޖެނަމަ ހޯމް މިނިސްޓަރީން ހުއްދައެއް ނަގަންޖެހޭ ގޮތަށެވެ. އަޅުގަނޑު އެލިޔުން ރާެއޖެއިން ބޭރަށް ދާނަމަ، މިގޮތަށް ބަދަލުކުރުމަށް އެދުމުން ބަދަލުކޮށް ދެއްވިއެވެ. ދެން އަޅުގަނޑު ސޮއިކުރީ ރާއްޖެއިން ބޭރަށް ފުރާނަމަ ހޯމް މިނިސްޓްރީން ހުއްދައެއް ނަގައިގެންނޫނީ ނުފުރާގޮތަށެވެ. މާލެތެރޭގައި އެތަންމިތަނަށް އެއްވެ ސަރުކާރާ ދެކޮޅުވާހަކަތައް ދައްކާހަދަންޏާ އަނެއްކާވެސް ބަންދުކުރެވޭނެ ކަމަށް ލިޔެފައި އޮތެވެ. އެލިޔުމުގައި ދޫކޮށްލިކަމަށް ލިޔުނިގަޑިއަކީ، 14:12 އެވެ. ދެން އަޅުގަނޑު އެލިޔުމުގައި ސޮއިކޮށް ނިންމާލީއެވެ. މިހާހިސާބުން ދެންދުރުވިޔަސް އެންމެރަނގަޅޭ ވިދާލުވެއްޖެއެވެ. ޝުކުރިއްޔާއޭ ބުނެފައި އަޅުގަނޑު ހިނގައިގަތީ ގެއާދިމާއަށެވެ. އޯކިޑްމަގުން ބަންޑާރަމިސްކިތް ފެނުމުން އެމިސްކިތަށް އަރައި ޝުކުރުގެ ދެރަކްޢަތް ކޮށްގެން، ﷲއަށް ހެޔޮދުޢާކޮށް ހެދާފައި ގެއަށް އައީއެވެ. މިފަދަ އަނިޔާތަކުގައި ބުއްދިސަލާމަތުން ލެހެއްޓެވީތީ، ﷲއަށް ޝުކުރާއި ޙަމްދު ދެންނެވީމެވެ. އަންހެނުންނާއި ކުދިންކައިރީގައި ހަވީރުވަންދެން އުޅެފައި ހަވީރު ނުކުތީ ގ.ކެނެރީގެއަށް، ކެންޕޭނު އޮފީހަށެވެ. މިތާގައި ބޮޑަކަށް އެވަގުތު އިންނެވީ، އީވާ ޢަބްދުﷲ އެވެ. އީވާކައިރީގައި މާލޭން އދ.އަޮތޮޅަށް ބަދަލުކުރީ ކީއްވެތޯ ސުވާލުކުރުމުން އެއްގޮތަކަށް ވެސްނޭނގޭ ކަމަށް ބުންޏެވެ. އިލްޔާސް ކުރިމަތިލީ، އދ.އަށް ނޫންތޯއޭ އީވާ ބުންޏެވެ. މިހާހިސާބުން މާލޭން އދ.އަތޮޅަށް އަޅުގަނޑުގެ ނަން ބަދަލުކޮށްލީ، އިބުރާ އަމިއްލައަށްކަން ޔަޤީންވެއްޖެއެވެ. ފުރަތަމަ ޖަލުގައި ހުރެގެން އަޅުގަނޑު ކުރިމަތިލީ މާލެއަށްކަން، ކެންޕޭން އޮފީހަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތެވެ. އެހެނަސް އިބުރާ ރިލޭކައިރީގައި ބުނުއްވީ، ކެންޕޭން އޮފީހުން އިލްޔާސް ގެނަންް އދ.އަތޮޅުން ކުރިލާގޮތަށް ބަދަލުކުރަން އަންގައިގެން އެކަންކުރީ ކަމަށެވެ. އަޅުގަނޑުގެ ގޮނޑި މާލޭން ގެއްލުނީ މިގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް ނުވަދެވުނީ އިބުރާގެ އޮޅުވާލުމުގެ މިއަމަލާ ހެދިއެވެ. އިބުރާއާއުކު އަޅުގަނޑު މާލޭން ހޮވެން އޭނާ ބޭނުންނުވީއެވެ. މިކަމާހެދި އަޅުގަނޑުހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންވުމުން، އދ.އަތޮޅަށް ގޮސްކެންޕޭން ކުރާހިތްވަނީ ކެނޑިފައެވެ. ޤާސިމް ވެސް ހުންނެވީ، ނެތްމީހެކޭ އެއްވަރެވެ. ބަންދުކުރުމުގެ ބިރުގައެވެ. މިއީ ސިޔާސީ ގޮތުން އިބުރާ އަޅުގަނޑަށް ދިންފުރަތަމަ އެތިފަހަރެވެ. ކެންޕޭން އޮފީހުން ޚަބަރުދިން ގޮތުގައި މިރޭއެއޮފީހުގައި އުފާފާލުކުރުމުގެ ހަފްލާއެއް އޮވެއެވެ. މިނިވަންވި މީހުންނަށް މަރްހަބާ ކިއުމަށެވެ. ކެންޕޭނު އޮފީހުން އަންނަމުން ދިރާގަށްވަދެ، އަޅުގަނޑުގެ ނަންބަރުގައި، 7773308 މިނަންބަރުގެ އާސިމެއް ނަގައިގެން ގެއަށް އައީއެވެ. ސިމް ދޫކުރީ ދައްކަންޖެހޭ ފައިސާ ދިރާގަށް ދެއްކުމުންނެވެ. އޮތީ މިރޭ އަޅުގަނޑާއި ރިލޭއާ ދެމީހުން، ކެންޕޭނު އޮފީހަށް ދާގޮތަށެވެ. އާސިމެއް ލިބުމުން ފުލުސް އޮފީހުގައި ހިފާއްޓާފައިއޮތް ސިމްހޯދާކަށް އޭގެފަހުން ނޫޅެމެވެ. އާސިމެއް އެނަންބަރުގައި ދިނީދައްކަން ޖެހޭފައިސާ ދެއްކާޚާލާޞް ކުރުމުންނެވެ. އެއީ އެންމެ، 2500.00 ރުފިޔާއެވެ. މިހާހިސާބުން މިނިވަނަކަށް އަނެއްކާވެސް ވީއެވެ. މިބުރުގެ ބަންދުން ސަލާމަތްވީއެވެ. އަލްޙަމްދު ލިއްލާހި ރައްބިލްޢާލަމީން! އާމީން!

މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުލި ދަޢުވާގެ ޚުލާޞާ ބައްލަވާ ލައްވާށެވެ.

ޤަޟިއްޔާ ނަންބަރ: 2004/ ޖޭސީ/ 752

ފޯމް ނަންބަރ:  659/ ޖޭސީ/ 2004/ 1659

ހުށަހެޅުނު ތާރީޚް:   2004 / 10 / 31

މައްސަލާގެ ބާވަތް:  ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުން

ދަޢުވާގެ ޚުލާޞާ.

ޣައިތުޤާނޫނީ އެއްވުމަކުން އަމަން ނަގާލުން، (އިލްޔާސް ޙުސައިން އިބްރާހީމް، މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީގެ ނަމްބަރު: 77/ 2004/ އޭ 28  (09 އޯގަސްޓް 2004) އިޢުލާނުން ޤަނޫނާއި ޤަވާޢިދާޚިލާފު އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއްކަން ޢާއްމުކޮށް އަންގައި އިޢުލާނުކޮށްފައި ވަނިކޮށް، 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެއުޅުނު މީހުންނާ، މީނާ ބައިވެރިވެ އުޅެފައިވާތީއާ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން އެތަނަށް އެއްވެތިބި މީހުން ޞުލްޙަވެރި ކަމާއެކު ދިއުމަށް ތަކުރާރުކޮށް އެންގުމުން ވެސް ނުގޮސް މަޑުކޮށްފައި ވާތީ، ޤާނޫނުލް ޢުޤޫބާތުގެ، 46 ވަނަ މާއްދާއައި ޙަވާލާދީ އެޤާނޫނުގެ، 50 ވަނަ މާއްދާގެ ދަށުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ.)

ނޯޓް: މިއީ ދަޢުވާފޯމްގައިވާ ޚޫލާޞާއާ އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.

އާދެ! ދެން މިގެނެސްދެނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ، 77 ނަންބަރު އިޢުލާނު ނެރެފައިވާގޮތަށް އަކުރުން އަކުރަށެވެ.

ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް.  ދައުލަތުގެ ނިޝާން.

މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީ،  މާލެ،  ދިވެހިރާއްޖެ. ނަންބަރު: 77/ 2004/ އޭ 28

އިޢުލާން.

މިހާރަކަށް އައިސް މާލޭގެ ސަރަޙައްދެއްގައި ބަޔަކު ކޮންމެ ރެއަކު އެއްވަމުން އެބަދެއެވެ. މިއެއްވުން ތަކުގައި، ޤާނޫނާޚިލާފު ކަންތައްތައް ކުރުމަށް ހިތްވަރުދޭ ލިޔުންތައް ބަހާއި، އެފަދަ ލިޔުންތައް ބަހައްޓައި، އަދި ޢާއްމު މަޞްލަޙަތު ގެއްލޭފަދަ ޙަރަކާތްތައް ހިންގަމުން ގެންދާތީ، މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަމުން ދާކަން މި މިނިސްޓްރީއަށް އެނގިފައި ވެއެވެ.

ވީމާ، މިފަދަ އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއް ކަމުގައި ހަނދާންކޮށް ދިނުމުގެ ގޮތުން މިކަން ޢާއްމުކޮށް އިޢުލާނު ކުރަމެވެ.

މިފަދަ އެއްވުންތަކާއި ޙަރަކާތްތަކަކީ، އެކަމުން މުޅިޤައުމަށް ވަރަށްފުން ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަންތައްތަކަކަށް ވާތީ، މިފަދަ ކަންތައްތައް ފެތުރިގެން ދިޔަނުދިނުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެދި ދަންނަވަމެވެ.

23 ޖުމާދަލްއާޚިރާ 1425ހ.  9 އޯގަސްޓް 2004މ.  އޮފިސަރެއްގެ ރަސްމީ ސޮއި، އަދި ރަސްމީ ތައްގަނޑު.

ނޯޓް: މިއިޢުލާން މިއަދުންފެށިގެން، 3 ދުވަސް ވަންދެން ހަވީރު/ އާފަތިސް/ މިއަދު ނޫހުގައި ޝާއިޢުކޮށް ދެއްވުމަށް.

އާދެ! 15 ޑިސެމްބަރ 2004 ވީބުދަ ދުވަހު ސައިބޮއިލާ ހަދައިގެން ދިޔައީ ލޮޔަރު މުޢިޒު އޮފީހަށެވެ. މިއަދަކީ މިނިވަންވުމަށް ފަހ، އަޅުގަނޑުގެ ޙަޔާތަށް އާދުވަސްތަކެއް ގުނަންފެށުނު ދުވަހެވެ. މިއޮފީހުން ޙުސްނުއް ސުޢޫދައި ބައްދަލުވިއެވެ. ވަރަށް ގިނައިރު މިއޮފީހުގައި ވާހަކަދައްކަން ތިބީމެވެ. ބޮޑަށް އަޅުގަނޑުމެން ޑިސްކަސްކުރީ ސަރުކާރުގެ އެހީތެރިކަން ލިބިގެން ހިންގަމުން ގެންދާ ވެބްސައިޓްތައް ކަމުގައިވާ “ދަމޯލްޑިވިއަން” އާއި “ފެކްޓްމޯލްޑިވްސް” ގައި އަޅުގަނޑުމެންގެ އަބުރާބެހިގެން ލިޔެފައިހުރި ވާހަކަތަކަށް ބިނާކޮށް ޝަރުޢީކޯޓަށް އެއިން މައްސަލައެއް ވެއްދޭނެގޮތެއް ހޯދޭތޯއެވެ. މުޢިޒަށްވުރެ މިކަމުގައި ފޯރިހުންނަނީ ޙުސްނެވެ.

21 ޑިސެމްބަރ 2004 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވެ ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ދެމީހަކަށް ވަޅިން ހަމަލާދިން، މ.ބްރައިތްފްލާވަރ ޙުސައިން ޔޫސުފް (ސްޕައިޑަރ ހުސައިން) ގެޝަރީޢަތް ޖިނާއީކޯޓުގައި ފެއްޓެވިއެވެ. މީނާއަކީ އިސްލާހީ ޙަރަކާތުގެ ބައިވެރިއެއް ނޫނެވެ. ޖަލުގްރޫޕްގެ ޕާޓޭއެކެވެ. މުޅިޙަޔާތް ދުއްވާލަނީ ގޮޅިތަކުގައެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރެއްވީ، މީހަކުމަރާ ލެވިދާނެ ހަތިޔާރަކާއެކު ޣައިރުޤާނޫނީ އެއްވުމަކުން އަމާންނަގާލުމުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.

އާދެ! ކަޅުހުކުރުގައި ބަންދުކުރި އަޅުގަނޑުމެން ކަހަލަ، އިސްލާހީ ހަރަކާތުގެ ގިނަމީހުން މިނިވަންކޮށް ދޫކޮށްލާފައި ތިއްބަސް ސަރުކާރުން ގެންދަވަނީ، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މިމީހުންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ހިންގިބައެއްގެ ގޮތުގައި ފާހަގަކޮށް ދަޢުވާކުރުމުގެ ކަންތައް ޝަރުޢީކޯޓަށް ހުށަހަޅުއް ވަމުންނެވެ. ސަރުކާރުން ކަޅުހުކުރުގެ ކަންތައް ސިފަކުރަމުން ގެންދަނީ، ދިވެހި ދައުލަތާ ދެކޮޅަށް ވެރިކަން ވައްޓާލުމަށް، ގެންނަން އުޅުނު ބަޣާވާތެއްގެ ގޮތުގައެވެ. އިސްލާހީ ހަރަކާތުގައި ބައިވެރިވި އެންމެންގެ ބޮލުގައި ބަޣާވާތުގެ މިބަދުނާމު އަޅުވާފައި ރާއްޖެއިން އިސްލާހީ ހަރަކާތް ނައްތާލުމަކީ، މިސަރުކާރުގެ ބޭނުމެވެ. ސަރުކާރު ފަޅިން ޖާސޫސީ އެކިމީސްމީހުން އިސްލާހީ ހަރަކާތުގެ ތެރެއަށް ވައްދައިގެން އަޑިއަޑިން ރާވަމުން ގެންދެވީ މިފަދަ ބަދުނާމެއް އަޅުވާފައި މިކަމުގައި އިސްކޮށްް ހަރަކާތްތެރިވި ލީޑަރުންތައް ނެތިކޮށްލާށެވެ. ނުވަތަ ދިގުޙުކުމް ތަކެއް އިއްވާލާށެވެ. އެހެންކަމުން މިކަމުގެ ހިތާމާގައި އެތައް އާޢިލާތަކެއްގެ ފަރާތުން، އެމީހަކަށް ކުރެވުނުހާކަމެއް، ފަންޑިތަ ވެރިކަމުންނާއި ކިޔެވެލީގެ ޒަރީޢާއިންނާއި އިޚްލާޞްތެރި ދުޢާތަކުން ކުރަމުން ގެންދިޔައެވެ. މިއީ ރައީސް މައުމޫނަށްް ބައިޢަތުހިފި ފަތްޙުﷲ މެން، ޒާހިރު ހުސައިނުމެން ކޭންޕުން، ވަކިބަޔަކަށް އަމާޒުކޮށް ސަރުކާރުތެރެއިން ރޭވިނުލަފާ ރޭވުމަކަށް ވާތީ، އެންމެން ވެސް ބޭނުންވީ ކަޅުހުކުރުގައި ބަންދުވި ހުރިހާ ސިޔާސީ މީހުން ސަލާމަތް ވުމަށެވެ. ޚާއްސަކޮށް ޤާސިމްގެ މައްޗަށް ޙުކުމެއް ނައިސް މިނިވަންވޭތޯ ގިނަރައްޔިތުން ތަކެއް އެމީހަކަށް ކުރެވުނު ހުރިހާ ކަމެއްކުރަމުން ގެންދިޔައެވެ. ކިޔެވެލީގެ އެންމެމަތީ ކިޔެވެލި، 99 ޚަތިމުކުރުން ވެސް ގަވައިދުން ބަޔަކު ކުރިޔަށް ގެންދިޔައެވެ. އަދިވެސް އެމީހަކަށް ހެދުނު ފަންޑިތައެއް މިކަމުން ޙުކުމެއް ނައިސް ސަލާމަތްވޭތޯ ހަދަމުން ގެންދިޔައެވެ. ޖިންނީންނާ ގުޅުންހުންނަ އެކިމީހުން އެފަރާތްތައް މެދުވެރިކޮށް އެކިކަންތައް ކުރަކުން ގެންދިޔައެވެ. ދުންއަޅައި ކިޔެވިމީހުން ވެސް އދ.އަތޮޅު ހިސާބުގައި ތިއްބެވެ. މިއީ މިކަމަށް ރޫޙާނީ އަސަރުތަކެއް ކުރާނެކަމެއްކަން ޔަޤީނެވެ.

26 ޑިސެމްބަރ 2004 ގައި ނުރައްކާތެރި ސުނާމީޙާދިޘާ ދިވެހިރާއްޖެއަށް ކުރިމަތިވިއެވެ. ބައެއް ރިޒޯޓްތަކުގައި ކްރިސްމަސް ދުވަސް ކަމުގައިވާ، 25 ޑިސެމްބަރުގެ މަސްތީ މަޖަލުގައި އަވަދިނެތި ބަޔަކު އުޅެފައި، އަރާމު ނިންޖެއްގައި ނިދިފައި ތިއްބާ އަނެއް ދުވަހުގެ އިރުގެ އަލިކަމާ އެކުހެން ކުރިމަތިލާން ޖެހުނީ ދިވެހިން ދުވަހަކުވެސް ދެކެފައިނުވާ ވަރުގެ ކާރިޘާއަކާއެވެ. ޤުދުރަތީ މިކާރިޘާގައި ލިބުނު ގިނަގުނަ ގެއްލުންތަކުގެ ސަބަބުން ދިވެހީންގެ ގިނަބަޔަކަށް ހިތާމަވެރިކަން ވަރަށް ގިނަގޮތްގޮތުން ކުރިމަތިވިއެވެ. މިނުރައްކާތެރި ޙާދިޘާގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހުރިހާދިވެހިން ޤައުމީގޮތުން އިއްތިޙާދުވެގެން ކުރެވުނު މަސައްކަތު ތެރޭގައި، ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުގައިތިބި މީހުން ދޫކޮށްލައްވައި، އަދި ސަރުކާރުން، ދަޢުވާކުރެއްވުމަށް ކަނޑައެޅުއްވި ފަރާތްތަކާމެދު، ދަޢުވާ ކުރެއްވުން ހުއްޓާލުމުގެ ވިސްނުންފުޅެއް ރައީސް މައުމޫނު ގެންގުޅުއްވިއެވެ. އެމަނިކުފާނު ރަސްމީކޮށް މިކަން އިޢުލާނު ކުރެއްވީ، 1 ޖެނުނއަރީ 2005 ގައެވެ.

އާދެ! 1 ޖެނުއަރީ 2005 ގައި އޯގަސްޓް ބާރަތޭރަ (ކަޅުހުކުރު) ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅުއްވާފައިވާ، ދައުލަތާ އިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާތައް އަނބުރާ ގެންނެވުމަށް ރައީސް މައުމޫނު ރަސްމީކޮށް ދައުލަތުގެ ބަންޑާރަ ނައިބަށް އެންގެވިއެވެ. ރައީސް މައުމޫނު މިކަން އިޢުލާނު ކުރެއްވީ، މީލާދީއާއަހަރުގެ މުނާސަބަތުގައި ނެރުއްވި ރަސްމީ ބަޔާނެއްގައެވެ. މިބަޔާނުގައި ވަނީ، މިފަދައިން ވެއެވެ.

“ޤައުމީއެއްބައި ވަންތަކަމަކީ، ޤައުމީ ވަޙްދަތަކީ، ޤައުމީ އެކުވެރިކަމަކީ، މިދަނޑިވަޅުގައި މިލޮބުވެތި ޤައުމުގެ ނިދާއެވެ. މިމަރިވެރި ރޫޙު މުޖްތަމަޢުގައި ދިރުވައި އާލާކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށެވެ. މީގެރަމްޒެއްގެ ގޮތުން، އޯގަސްޓް 12-13 ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ދައުލަތާއިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާއާއި ޣައިރުޤާނޫނީ އެއްވުމަކާގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާގުޅޭ ގޮތުން މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާތައް ނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފި ވާހަކަ މިފުރުޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވަމެވެ.”

އާދެ! ރާއްޖެއަށް ދިމާވި ޤުދުރަތީ ކާރިޘާއާ ގުޅިގެން ކަޅުހުކުރުގެ ހުރިހާބައިވެރިން ކުށެއްނެތް ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، ﷲގެ ހެޔޮރަޙްމަތާއި ﷲގެ ތަޤްދީރުންނެވެ. ފަހެ، ދުޢާއަކީ ތަޤްދީރުގެ ތަޅުދަނޑިއެވެ. ޢިބާދާތުގެ ސިކުނޑިއެވެ. ﷲއަށް އެކަމާގުޅިގެން އެތައްހާސް ޝުކުރެއް، 1 ޖެނުއަރީވީ ދުވަހު، އިރުއޮއްސުނު ވަގުތުގައި މަޣްރިބް ނަމާދަށް ފަހު، މިސްކިތުގައި އިނދެގެން އަޅުގަނޑު ދެންނެވީމެވެ. އެދުވަހުގެ މިނަމާދުކުރީ މާފަންނު ޔާގޫތުގޭ ކައިރީގައި ހުންނަ، އަލްމަރްޙުމް ޢަލީ ޢަބްދުﷲ (އަލިބެ) އަޅުއްވައި ދެއްވި މިސްކިތުގައެވެ.

އާދެ! ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުކުރެވުނު މީހުންގެ ދަޢުވާތައް ސަރުކާރުން ދޫކޮށްލެއްވި ކަމުގެ ރަސްމީ ސިޓީތައް، ބަންޑާރަ ނައިބު އޮފީހުން، 15 މާރޗް 2007 ގައި އެފަރާތްތަކަށް ފޮނުއްވިއެވެ. މިކަންތައް މުޅިން ނިމިއްޖެ ކަމުގައި ހިތުގެއަޑިން، އަޅުގަނޑު ގަބޫލުކުރީ މިސިޓީ އަޅުގަނޑުއަތަށް ލިބުމުންނެވެ. މިސިޓީ މިހާރުވެސް އަޅުގަނޑު އަތުގައި ރައްކާކޮށްފައި އެބައޮތެވެ. އެސިޓީގައިވަނީ މިފަދައިންނެވެ.

ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް.  ދައުލަތުގެ ނިޝާން.

އެޓަރނީ ޖެނެރަލްގެ އޮފީސް.  މާލެ.  ދިވެހިރާއްޖެ.  ނަމްބަރު: 23/ 2007/ އެމް އައި އެސް/ އޭ 32

އައްލާޟިލް އިލްޔާސް ޙުސައިން އިބްރާހީމަށް.  ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.

2004 ވަނަ އަހަރު އޯގަސްޓް މަހުގެ، 12-13 ގެ ޙާދިޘާއާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ދައުލަތާ އިދިކޮޅު ދަޢުވާއާއި، ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާ ގުޅޭގޮތުން، މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، 31 ޑިސެމްބަރ 2004 ވަނަ ދުވަހު ރައިސުލް ޖުމްހޫރިއްޔާ އެންގެވުމާ ގުޅިގެން، އޯގަސްޓްނަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅިގެން މިއޮފީހުގެ ނަމްބަރު، 659/ ޖކ/ 2004/ 1659 (27 އޮކްޓޯބަރ 2004) ދަޢުވާ ހުށަހަޅާފޯމުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޖިނާއީކޯޓަށް ހުށަހަޅާފައިވާ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ، 06 ޖަނަވަރީ 2005 ގައި މިއޮފީހުން އަނބުރާ ގެނެސްފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން އެދަޢުވާ، އިތުރަށް ކުރިއަށް ނުގެންދާނެ ކަމާއި އަދި، 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅޭގޮތުން ދައުލަތާ އިދިކޮޅު ޢަމަލާއި ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

25 ޞަފަރު 1428ހ.  15 މާރޗް 2007މ.

ޚާދިމުކުމް.  ސޮއި:  ޙަސަން ސަޢީދު  އެޓަރނީ ޖެނެރަލް.

މ.ޖަވާހިރުވާދީ، މާލެ.  ދިވެހިރާއްޖެ.

އާދެ! ދެން މިގެނެސްދެނީ އެކިފަހަރުމަތީން ކަޅުހުކުރާ ގުޅޭގޮތުން އަޅުގަނޑު ލިޔެފައިހުރި ލިޔުންތަކެވެ. ފުތަރަމަ ގެނެސްދޭނީ ޖަލުގައި ހުރެގެން ތައްޔާރުކޮށް އިނގިރޭސި ވިލާތަށް ފޮނުވި އަޅުގަނޑުގެ އިންޓަރވިއޫއެވެ. މިވާހަކަތައް މިގޮތަށް ސައްޕެގެ ދިވެހި އޮބްޒާވަރ ސައިޓުގައާއި އޮސްޓްރޭލިޔާއިން ނެރެމުން ގެންދިޔަ، ދިވެހި ކަލްޗަރ ޑޮޓްކޮމް ސައިޓުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ޝާއިޢުކޮށްފައި ވެއެވެ. އަދި މިއިންޓަރވިއޫގައި ކަޅުހުކުރުގެ ބަންދުގައި ހުރެފައި މާލެއަށް، ގޭބަންދަށް ގެނައިދުވަހު ތޮށިގަނޑުމަތިން ނަގާފައިވާ ފޮޓޯއެއް ޝާއިޢުކޮށްފައި ވެއެވެ.

ޑީއޯ ޚާއްޞަ އިންޓަރވިއު، 26 ނޮވެމްބަރ 2004

ދިވެހިރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ގެނެސް، ސިޔާސީ ނިޒާމް އިސްލާހުކޮށް ރިފޯމް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ދުނިޔޭގެ އެތަންމިތަނުން ތާއީދުކޮށް ސަޕޯޓުކުރާ ފަރާތްތަކަށް، ރާއްޖޭގެ ރިފޯމިސްޓެއް ކަމުގައިވާ އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް، މ.ޖަވާހިރުވާދީ (ޖަވާހިރުވާދީ އިލްޔާސް) ދެއްވިޚާއްޞަ އިންޓަރވިއު!

މިއިންޓަރވިއު ހޯދިފައި މިވަނީ، ވަރަށް ސިއްރުންނެވެ. އިލްޔާސް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. މިމަސައްކަތްކުރި ފަރާތްވަނީ، ސަލާމަތަށްޓަކައި ސިއްރު ކުރެވިފައެވެ. މިއިންޓަރވިއު އެކުލަވާލުމުގައި އެހީތެރި ވެދީފައިވަނީ، އިލްޔާސާއެކު، އެކިއެކިޓީމުތައް ބައްދަލުކޮށް ދެއްކިވާހަކަތައް ނޯޓުކޮށް ލިޔެހެއްދެވި ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް ފަރާތްތަކެވެ. އަދި އިލްޔާސް އެކިފަހަރު މަތީން އެކިވަފުދުތަކާ ބައްދަލުކޮށް އިލްޔާސް ދެއްކެވި ވާހަކަތަކުންނާއި ޢާއިލީ ބައްދަލު ވުންތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އަދި އިލްޔާސް ގޭބަންދަށް ބަދަލުކުރުމުން އޭނާނޯޓުކޮށް، ލިޔުއްވައިދެއްވި ލިޔުންތައް ހުރިގޮތަށް ހުށަހަޅާއި ދީފައިވާނެއެވެ.

ސުވާލު: އިލްޔާސްގެ ކުޑަތަޢާރުފެއް ދެއްވަފާނަން ތޯއެވެ؟

ޖަވާބު: 1983 ވަނަ އަހަރު ގްރެޖްއޭޓް ވުމަށްފަހު، 1984 ގެފަހުކޮޅު ރާއްޖެއައިސް މިއަދާ ހަމައަށް ވެސް، ރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް، އެކަމުގެ އެންމެފުރިހަމަ ގޮތުގައި ރާއްޖެއަށް ތަޢާރުފްކޮށް، ރާއްޖޭގެ ސިޔާސީ ނިޒާމަށް، މިރޮންގުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް، ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާރަށަކަށް އެކިފަހަރު މަތީން ކުރެވިފައިވާ ދަތުރުތަކުގައި މަސައްކަތްތަކެއް ކުރެވިފައި ވާނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ރައްޓެހިން ނުތިބޭނެ އެއްވެސްރަށެއް ނޯންނާނެއޭ ދެންނެވި ދާނެއެވެ. ވެރިން ފެންވަރުން ފެށިގެން، އެންމެއާދައިގެ މީހުންނަކީވެސް ވަރަށް އެކުވެރިގާތް، ރައްޓެހީންނެވެ. ސިޔާސީ ވާހަކަތަކުން ފެށިގެން ހުރިހާވާހަކަ ތަކެއް އެއްވެސް ބިރެއް ޖެހިލުމެއްނެތި ދެކެވޭނެއެވެ. އެހެންވެ ހުރިހާއެންމެން ވެސް، އިލްޔާސަށް ވަރަށް ލޯބިވާނެއެވެ. ތާއީދުކުރާނެއެވެ. އަދި އެހީތެރިވާނެއެވެ. ދިވެހިންނަކީ، އިސްލާހީ ވާހަކަތައް އަޑުއެހުމަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ކަށަވަރެވެ. 1984 ވަނަ އަހަރުން ފެށިގެން، އަޅުގަނޑު ޚިދުމަތް ކުރަމުން މިގެންދަނީ ދިވެހި ދައުލަތަށެވެ. 8 އޯގަސްޓް 2004 ވަނަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން، އެމިނިސްޓްރީގެ ވަޒީރު، ޢަބްދުﷲ ޙަމީދު އަޅުގަނޑުދެކެ ކޯފާވެގެން، އެޓޮލްސްގައި މިހާރު އިލްޔާސް ކުރައްވާނެ އެއްވެސް މަސައްކަތެއް، މިނިސްޓްރީގެ އޮނިގަނޑު ރޭވިފައިވާ ގޮތުން މިހާރުނެތީމާ، އޭނާއަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނޯޓިސް ދެއްވުން، އެދި ލިޔުއްވުމުން ރައީސް އޮފީހުންވަނީ، އެޓޮލްސް މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން، އިލްޔާސަށް ނޯޓިސް ދެއްވައި ފައިނޭސް މިނިސްޓްރީގައި ނޯޓިސް ދެވޭމީހުންނަށް އޮންނަ ޚާއްސަމަޤާމަކަށް ބަދަލުކޮށް ފައެވެ. އަދި ވަޒީފާއެއް އެހެންތާކުން ހޯދުމަށް ދެވުނުނޯޓިސް ދެވުނު ތިންމަސް ދުވަހު ބެހެއްޓީ ޖަލުގައެވެ. ބަންދުގައި ހުއްޓައި ތިންމަސް ހަމަވުމުން ވަޒީފާއިން ވަކިކުރީއެވެ.

އެހެނަސް، މިވީހާތައް ދުވަހު އެޓޮލްސް މިނިސްޓްރީގައި، އިލްޔާސް ކުރާނެ މަސައްކަތް ހުއްޓެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާބޭއްވި ދުވަހު، ޤާނޫނު އަސާސީގެ، 133 ވަނަ މާއްދާގެމާނަ ވިސްނުމުގައި އޮޅުންއަރައިގެން ކުރެވުނު ހޫނުގަދަ ބަހުސުގައި ޚިޔާލުތަފާތުވި ޚިޔާލުތަފާތު ވުމަކާގުޅިގެން، މިކަންތައް ޒާތީރުޅިވެރި ކަމަކަށާއި ޒާތީޙަސަދައަކަށް ބަދަލުވެ، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިލްޔާސް ވަޒީފާއިން ވަކިކުރެއްވީއެވެ. ޤާނޫނު އަސާސީގެ މާއްދާތަކެއްގެ މާނަވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން، ޚާއްޞަމަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި، ވަގުތީ ރައީސެއްގެ ގޮތުން އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ ޙަމީދު ޚާއްޞަ މަޖިލީހުގެ ރައީސެއް ހޮވުމުގައި ހާމަވޯޓެއް ނަންގަވަންބުރަވެ އެޅުއްވި ފިޔަވަޅަކީ، ޤާނޫނު އަސާސީއާ ތަޢާރުޞުވާ ކަމެއްކަމަށް އަޅުގަނޑަށް ވިސްނިފައިވާތީ އެމައްސަލައިގެ ޤާނޫނީ ލަފައެއް ހޯދުމަށް ޝަރުޢީކޯޓަށް ވެއްދީ، އަބްދުﷲ ޙަމީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވާތީއެވެ. އަދި ރައްޔިތުނެގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖައްސާގައި ވަގުތީގޮތުން އިންނެވި ރައީސަށް ވާތީއެވެ. ހެންވޭރު މީނާޒު ޢަބްދުﷲ ޙަމީދާ ދެކޮޅަށް ކުރާދަޢުވާއެއްގެ ގޮތަކުނޫނެވެ. އެހެނަސް ހާމީދު މިކަމާކޯފާ އިސްކުރައްވައި އިލްޔާސް ސަރުކާރުން ކަނޑާލެއްވީ، މިކަމުގައި ޒާތީގޮތުން، ބަދަލުހިއްޕެވުމުގެ ގޮތުންނެވެ. ގާނޫނު އަސާސީގެ، 133 ވަނަ މާއްދާ ބުނަނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިޚާބު ތަކުގައި ވޯޓުނަގަންވާނީ ސިއްރުން ކަމަށެވެ. އެހެނަސް އެޖަލްސާގައި ޙަމީދު ވޯޓުނަންގަވަން އުޅުއްވީ ހާމަކަންބޮޑުކޮށް އަތްހިއްލައި ގެންނެވެ. ހޫނު ބަޙުސަކަށް މުޅިޖަލްސާ ދާންޖެހުނީ މިކަމާހެދިއެވެ. ފާހަގަކުރަން ޖެހެނީ، ހެންވޭރު މީނާޒު އަބްދުﷲ ޙަމީދާއި އިލްޔާސާ ދޭތެރޭގައި އެއްވެސް ކަހަލަ ޒާތީމައްސަލައެއް ނެތްކަމެވެ. އިލްޔާސް ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ވެރިޔާއެވެ. އަދި އުސްތާޒެކެވެ. ރުޅިވެރިކަމެއް ޒާތީއެއްވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ. މިފަދަ ކަމަކާ ގުޅިގެން ޒާތީޙަސަދައެއް އަދި ރުޅިވެރިކަމެއް ބާއްވައިފިނަމަ، އެއީ އެމަނިކުފާނުގެ ނާޤާބިލްކަން ހާމަވެގެން ދިއުންކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އިލްޔާސް ބުނުއްވާ ގޮތުން، އިލްޔާސްގެ ހިތްމުޅިން ތާހިރުވެފައި ސާފެވެ. ޙަމީދާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ.

އާދެ! ވެރިކަމުގެ ރެޖީމުން މިއަދާ ހަމައަށް އިލްޔާސް ފަސްފަހަރު ދޫނިދޫ ޖަލުގައި ކުޑަގޮޅީގައި ހައްޔަރުކޮށްފައި ވެއެވެ. މިފަސްފަހަރުގެ އިތުރުން، 1984 ވަނަ އަހަރު ކިޔަވާނިމިގެން މާލެއައިތަނާހެން މިނިސްޓްރީ އޮފް ޑިފެންސަށް ރޭގަނޑެއްގައި ހާޒިރުކޮށް، އަންބަރީ އަބްދުއްސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު އިންނަވައިގެން، އިލްޔާސް ކިޔެވި ދުވަސްވަރު ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ “ޞައުތުލް އިސްލާމް” މަޖައްލާގައި ލިޔުއްވާފައިވާ މަޒްމޫނަކާ ގުޅޭގޮތުން ސުވާލުކުރައްވާއި އިންޒާރު ދެއްވާފައި ވެއެވެ. އިލްޔާސްގެ އެމަޒްމޫނު ތަކުގައި ރާއްޖޭގެ ސިޔާސަތާ ބެހިފައި ހުރިކަމަށް ވިދާލުވެއެވެ. އެފަހަރު ޖަލަށް ނުގެންގޮސް ބިރުދައްކާލާފައި އިންޒާރުކުރުމަށް ފަހު، ދޫކޮށްލީ މީގެފަހުން އެކަހަލަ މަޒްމޫނުތައް ލިޔުންމަނާކޮށް ފައެވެ.

އެކެއް- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި އެފްޕީއައިޑީގެ އިސްވެރިއަކަށް ހުންނެވި، މާކުން އަބްދުއްސައްތާރާ ދެމެދު، ސައްތާރު (ސަޓޯ) ދޫނިދޫ ޖަލުގައި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ކުޑަގޮޅީގައި ބަންދުވެފައި ހުންނަވަނިކޮށް، ސިފައިންގެ ބޭކަލަކު މެދުވެރިވެގެން ގޮޅިއަށް ގެނެވުނު ކޯޑްލެސް ފޯނަކުން، މާލޭގައި ހުންނެވި އެންދެރިމާގޭ އިލްޔާސާ ދެކެވިފައިވާ ވާހަކަތައް ރެކޯޑް ކުރެވިފައިވާ ކެސެޓްޓޭޕް ރޯލެއް ގެންގުޅެ، އެރޯލްއަޑުއަހާއި މީހުންނަށްދީ ބަހާއި އަޑުއެހުމުގެ މައްސަލާގައި އިލްޔާސް ފުރަތަމަ ފަހަރު ޖަލަށް ލެވުނީއެވެ. މިކަމުގައި، 45 ދުވަހު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބެހެއްޓުނެވެ. އަދި އެއަށްފަހު، އެމައްސަލަ ޝަރުޢީކޯޓަށް ގެންގޮސް، 6 މަސްދުވަހުގެ ޙުކުމެއް ޖަލަށް އިއްވިއެވެ. މިޝަރީޢަތް ދިޔައީ ވަރަށް ހެއްވާކޮށެވެ. އަސްލުގައި ކޮށްކުރިމީހާ ސަލާމަތުން ބަހައްޓާފައި އަޑުއެހިމީހުންނަށް ހޭއަރުވާލާ އުސޫލުންނެވެ. ޑިފެންސް މިނިސްޓަރަށް ހުންނަވައިގެން ޖަލުގެކުޑަ ގޮޅީގައި ބަންދުގައި ހުރިކުށްވެރި އަކާއެކު އޭނާބަންދު ކުރެވިފައިވާ މައްސަލައާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކޮށް ލުމެއްނެތިއެވެ. އެރޯލްއަޑުއެހި އެތައްބަޔަކު ގެނެސް ޖަލުގައި ބަންދުކޮށް ޖަލަށްލުމަށް ޙުކުމްކުރީއެވެ. މިފެންނަނީ މިރެޖީމުގެ އިންސާފުހުރި ގޮތެވެ. މިވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައި އިލްޔާސް އަޅުގަދަކޮށް ގޮވާފައި ވާނެއެވެ. އަސްލުގައި މިވީގޮތަކީ ގަސްގަނޑު ބަހައްޓާފައި ގޮފިތައް ކަނޑާލާއި ކުދިކުދިކޮށްލާއި ގަހުގެފަތްކޮޅު ދުއްވާލީއެވެ! މިއީ އިންސާފުކަމަށް ބެލެވޭނެ ތޯއެވެ؟

ދޭއް- ދެވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

ދިވެހި ރާއްޖޭގައި މިހާތަނަށް ނެރެވުނު އެންމެ މަޝްހޫރުވި، އަދި އެންމެ މިނިވަން މަޖައްލާ ކަމުގައިވާ ސަންގު، ސަރުކާރުން އޭގެ ވަރަށް ޅައުމުރުގައި ބަންދު ކުރެއްވީމާ، “މަންތިރި” މިނަމުގައި ރާއްޖޭގައި އެންމެފުރަތަމަ ރަޖިސްޓަރީ ކުރެވުނު ސިޔާސީ މަޖައްލާގެ ގޮތުގައި ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން މަންތިރި ނެރެންފެށީ އިލްޔާސެވެ. އިންފޮރމޭޝަން މިނިސްޓްރީގައި ޤާނޫނާއި ޤަވާޢިދައި އެއްގޮތް ވާގޮތުގެމަތިން ރަޖިސްޓަރީ ކުރުމަށް ނަގަންޖެހޭ ހުރިހާހުއްދަ ތަކަކާއެކު ލޭއައުޓް ހިފައިގެން މާލޭގައިހުރި ހުރިހާ މަޝްހޫރު ޕްރެސްތަކަށް ހިނގުމުން ވެސް ޗާޕްކޮށްދޭނެ މީހަކު ނުވިއެވެ. މިކަން މިހެންވީ ޕްރެސްތަކުން މިރެޖީމުދެކެ ގަންނަބިރުންނެވެ. ސީޕްރިއާ ޕްރިންޓުން، މުޙައްމަދު ސަޢީދު ވިދާޅުވީ، ރަސްމީހުއްދަތައް ހުރިކަމުގައި ވިޔަސް މަންތިރި ޗާޕްކޮށްދޭން ނުކެރޭނެ ކަމަށެވެ. ނޮވެލްޓީ ޕްރެސްއިން ޢަލީޙުސައިން ދެގަނޑިއިރު ވަންދެން ދިގުބަހަނާ ވާހަކަތަކާއި ސިޔާސީ ބަހުސަކަށް ފަހު، ވިދާޅުވީ މަންތިރި ޗާޕްކޮށްދެއްވަން ކެރިވަޑައި ގަންނަވާނީ، މަންތިރި މިއޮތްގޮތަށް ޗާޕްކުރުމާމެދު އިޢުތިރާޟެއް ނެތްކަމަށާއި ޗާޕްކޮށްދީގެން އެއްވެސް މައްސަލައެއް ނުޖެހޭނެކަމުގެ ލިޔުމެއް ސަރުކާރުގެ ކަމާބެހޭފަރާތުން ގެނެސް ދިނުމުން ޗާޕްކޮށް ދެވިދާނެ ކަމަށެވެ. މިފަދަ އިތުރުލިޔުމެއް ދޫކުރާނެ އެއްވެސް އޮފީހެއް އުޅެއުޅެވެސް ނުވިއެވެ. ދެން މަންތިރީގެ ލޭއައުޓް ހިފައިގެން ދާންޖެހުނީ، އަވަށްޓެރި ސްރީލަންކާއަށެވެ. ލަންކާއިން ވަރަށް ފަސޭހައިން ރަސްމީލިޔުންތައް ދައްކާލުމުން ޗާޕްވެއްޖެއެވެ. މަންތިރި ލަންކާއިން ޗާޕްކޮށްގެން ގެނައިތަނުން، ހުޅުލޭ އެއަރޕޯޓުން ހިފަހައްޓައި ހުރިހާ އަދަދުތަކެއް ސަރުކާރުން ކޮންފިސްކޭޓް ކުރީއެވެ. އެއަރޕޯޓަށް މަންތިރީގެ، 1000 (އެއްހާސް) ކޮޕީ އެމަޖއްލާގެނައި ފަރާތުން ހަވާލުކުރިއެވެ. އެމަޖައްލާތައް ޗާޕްކޮށްގެން ސްރީލަންކާއިން މާލެއަށް ގެނައީ މަންތިރީގެ އެޑިޓަރ ތަލްވާރުގޭ އާދަމް ރަޝީދެވެ. މާލެ ގެނައި އެއްހާސް ކޮޕީގެ ތެރެއިން ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ރަސްމީކޮށް އެންގެވީ، 800 ވަރަކަށް ކޮޕީއެވެ. ކަސްޓަމުން ބައެއް އަދަދުތައް ޣައިބުވީއެވެ. މިކަމާ ގުޅިގެން މަންތިރިތައް މާލެގެނައި މަންތިރީގެ އެޑިޓަރ ގ.ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދާއި އިލްޔާސް ޙުސައިން އިބްރާހީމް ދޫނިދޫޖަލަށް ލެވުނީއެވެ. ދެވަނަ ފަހަރަށް އިލްޔާސް ޖަލަށް ލެވުނީ މަންތިރި މަޖައްލާގައި އިލްޔާސް ލިޔެފައިވާ މަޒްމޫނަކާ ގުޅިގެންނެވެ. އިލްޔާސް ދަންވަރު ގޮޅިން ނެރެގެން ސުވާލުކުރަމުން ގެންދިޔައީ ވ.ޅަހުއްތެވެ. ކުރަމުންގެންދެވި ސުވާލަކީ، މަންތިރީގައި އިލްޔާސް ލިޔުއްވާފައިވާ، “3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާ މިއޮތްގޮތަށް ތާރީޚުގެ ތެރެއަށް ވެދެނިމި ދާނީތީއެވެ؟” މިސުރުޚީގެ ދަށުގައި އިލްޔާސް ލިޔެފައިވާ އާޓިކަލާ ގުޅިގެން ވ.ޅަހުއްތު ވަރަށް ގިނަސުވާލުތައް އެކިގޮތްގޮތަށް ކުރެއްވިއެވެ. މިއާޓިކަލްގައި އިލްޔާސް ލިޔުއްވާފައިވަނީ، އެމްވީ ޕްރޮގްރެސްލައިޓް ބައިނަލްއަޤްވާމީ ކަނޑުގައި އިންދައި އިންޑިއާސިފައިންގެ ހަނގުރާމަމަތީ ބޮޑުމަނަވަރެއް ކަމުގައިވާ އައިއެންއެސް ގޯދާވަރީން، ބޮޑުބަޑިޖަހާއި ފައްތާލީ، އަދި ހެލިކޮޕްޓަރުގައި ގޮސް ޕްރޮގްރެސް ލައިޓަށް ކުދިކުދި ބޮންތަކެއް ވިއްސާލައި، އަދި އެބޯޓުފައްތާލީ އިންޑިއާ މަނަވަރަށް، ދިވެހި ސިފައިންގެ އިސްމީހުން ގެންގޮސް މަނަވަރުގައި ބައިތިއްބައިގެން އެމީހުންގެ ހުއްދައާއި އަމުރުހޯދައިގެން ކަމަށް، ގޯދާވަރީ މަނަވަރުން އިލްޔާސާ ބައްދަލުކުރި މަނަވަރުގެ ފްލައިޓް އިންޖިނޭރަކު، އިސްލާމީ މަރްކަޒުގެ ލައިބްރަރީގައި އިނދެ، އިލްޔާސް ކައިރީގައި މިވާހަކަ ބުނެފައި ވާކަމަށް މަންތިރީގައި ލިޔެފައިވާތީއެވެ. މިއީ ސާބިތުނުހިފޭ ދޮގުވާހަކައެއް ކަމަށް ހަދާއި މިމައްސަލާގައި އިލްޔާސްގެ މައްޗަށް މިފަހަރު، 6 މަސް ދުވަހުގެ ޙުކުމެއް ޖަލަށްލުމަށް އިއްވިއެވެ.

ތިނެއް- ތިންވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

ތިންވަނަ ބުރަކަށް ދޫނިދޫޖަލަށް ގެންދިޔައީ، 1990 ވަނަ އަހަރު މާލޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލައި ހިންގި ހަރަކާތްތަކުގައި ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމްގެ ފަރާތުން، އައްބާސް އިބްރާހީމާއި ކާށިދޫ ޙުސައިން ފުޅު (ސިފައިންގެ އިސްވެރިއެއް) އިސްކޮށް ހުންނަވައިގެން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ އުނދަގޫތައް ބައެއްޒުވާން އިސްލާހީ ހަރަކާތްތެރީންނަށް ބޮޑުވެގެން، ސަލްޓަން ޕާކްތެރޭގައި އެއްވެސް މީހަކަށާއި ތަނަކަށް ގެއްލުންނުވާގޮތަށް ހަމައެކަނި، ގަދައަޑުފައްގަނޑެއް ހުރެފައި އަލިފާންކަނިތަކެއް މައްޗަށް އަރައިގެންގޮސް ހުލިވާގޮތަށް ގެއެއްގެ ތެރޭގައި ބަޔަކުއަމިއްލަ އަތުން، އެނބުރޭފަންކާއެއްގެ ޓައިމަރެއްލައިގެން ތައްޔާރުކުރި “ކަޓޫރަބޮމެއް” ގޮއްވާލި މައްސަލަ އެނގިހުރެ ނޭންގުމުގެ ތުހުމަތުގައެވެ. މިކަޓޫރަބޮން، 1990 ވަނަ އަހަރު ފަހުކޮޅު ސަލްޓަންޕާކު ތެރޭގައި ގޮއްވާލިއިރު، އަޅުގަނޑުހުރީ ދޫނިދޫޖަލުގައި މަންތިރީގެ މައްސަލާގައި ކުޑަގޮޅީގައި ހައްޔަރުކޮށް ފައެވެ. އެހެނަސް މިކަމަކީ، އަޅުގަނޑާއި އަންނިއަށް އެނގިގެން ހިންގިކަމެއް ކަމަށް ތުހުމަތު ކޮށްފައި ޖަލުގައި ބޭތިއްބީއެވެ. މިބަންދުގައި ހައްޔަރުކޮށް ފައިހުރީ، 6 ފޫޓު، 3 ފޫޓުގެ ޓިނުގޮޅިއެއް ގައެވެ. މިގޮތަށް ހުރިހުރުމުގައި އެއްހުޅުބިޑި އަޅުވާއި ކީސްބިޑި އަޅުވާއި ޗޭނުބިޑި އަޅުވާއި މިހެންގޮސް ހުރިހާވައްތަރެއްގެ ބިޑީގެ އަޒާބުތައް ދެއްކިއެވެ. އަދި އަނދަގޮނޑިއަށްލައި ޗޭނުން ބިރުގެންނެވުމަށް ފަހު، އިތުރު ސުވާލުތައް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ބައެއް މެމްބަރުންނާ ގުޅޭގޮތުން ސުވާލުކުރިއެވެ. ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ގޯގޯލަޠީފައި މިފަދަ އެހެން ސިޔާސީ ލީޑަރުންނާ ގުޅޭގޮތުން އިލްޔާސާ ސުވާލުކުރިއެވެ. ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، ޖަވާހިރުވާދީ ތެރޭގައި ވާހަކަދެކެވުނުތޯ އިލްޔާސާ ތަކުރާރުކޮށް ސުވާލުކުރިއެވެ. އެންމެގަދަޔަށް ސުވާލުކުރީ، މަޖިލީހުގައި އިތުބާރުނެތް ކަމުގެވޯޓެއް ނެގުމަށް ޖަވާހިރުވާދީ ތެރޭގައި މެމްބަރުން ދެއްކެވި ތޯއެވެ؟ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތައް އިލްޔާސަށް އެނގޭނެއެވެ. ބުނެކިޔައި ދިނުމަށް އެދެމުން ގެންދިޔައެވެ. މިއަނިޔާގައި ބަރާބަރު، 45 ދުވަހު ތެޅުވުމަށް ފަހު، ކުޑަގޮޅީގައި ގެއަށްނުގެންގޮސް ބަހައްޓައިގެން، ޝަރުޢީކޯޓަށް ފޮނުވައި، 3 އަހަރު ދުވަހުގެ ޙުކުމެއް ޖަލަށް އިއްވީ، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ ކަންތައް އެނގިހުރެ ނާންގައި ސިއްރުކުރިކަމުގެ ކުށުގައި އަލަށް އެކުލަވާލި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. 18 މަސް ދުވަހު، ދޫނިދޫޖަލުގެ ކުޑަގޮޅިގައި އެކަހެރިކޮށް ބެހެއްޓުމަށް ފަހު، ކ.ހިންމަފުށީ، ގާމާދޫޖަލުގައި އަނެއް، 18 މަސްދުވަހު ބެހެއްޓުމަށް ފަހު، މިނިވަންކުރީ ގާތްގަނޑަކަށް ތިންއަހަރު ދުވަސް ކޮށްފައެވެ.

ހަތަރެއް- ހަތަރުވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

ހަތަރުވަނަ ބުރަށް ދޫނިދޫޖަލަށް ގެންދިޔައީ އީވާން ނަސީމްގެ މަރާއި ޖަލުގައި ބަޑިޖަހާއި ބަޔަކު މެރުމުގެ ޙާދިޘާއާ ގުޅިގެން، 20 ސެޕްޓެމްބަރ 2003 ގައި މާލޭގައި ހިނގި ސިޔާސީ ކަންތައްގަނޑުގެ އިސްވެރިޔަކަށް އިލްޔާސް ހުރުމުގެ ތުހުމަތުކޮށްފައެވެ. އެދުވަހު މާލެތެރޭގައި ހިނގާދިޔަ ހުރިހާކަމެއްގެ މޭސްތިރިއަކީ އިލްޔާސް ކަމަށް ފުލުސް އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. ޖަލުގައި، 45 ދުވަހު ބެހެއްޓުމަށް ފަހު، ދޫކޮށްލީ ދެން އިތުރަށް ކުރާނެ ސުވާލެއްނެތްކަމާއި، މިހާތަނަށް ކުރަންހުރި ސުވާލުތައް ނިމުނީކަމަށް އަންގާސޮއި ކުރުވާފައެވެ. މިއީ އިލްޔާސްގެ މައްޗަށް ސާބިތުހިފޭ އެއްވެސްކަހަލަ ހެއްކެއްނެތި ސަރުކާރުން ރާވައިގެން ކޮށްފައިވާ ބޮޑު މާސިންގާދޮގު ތުހުމަތެކެވެ. މާލޭގައި ހަމަނުޖެހުން ހިނގާދިޔަ ދުވަހު، އެޙާދިޘާތައް ހިނގިއިރު އިލްޔާސް ހުރީ، ހުޅުމާލޭގައެވެ. މިކަން ދަންނާނެ ބައިވަރު ހެކިންވެސް ތިއްބެވިއެވެ.

ފަހެއް- ފަސްވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

ފަސްވަނަ ފަހަރަށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި، އިލްޔާސް ހައްޔަރުކުރީ، 12-13 އޯގަސްޓް 2004 ގައި ޖުމްހޫރީ މައިދާނުގައި ރައްޔިތުންގެ ބަޔަކު ހިންގި މަދަނީ ބަސްނޭހުމުގެ ޙާދިޘާއާ ގުޅިގެންނެވެ. މިއީ ރާއްޖެދުށް މަޝްހޫރު، “ކަޅުހުކުރު” ގެޙާދިޘާގެ ކަންތައްގަނޑެވެ. މިއީ ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފޮހެވޭނެ ސިޔާސީ ހަރަކާތެއް ނޫނެވެ. 13 އޯގަސްޓް ވީހުކުރު ދުވަހު، އިލްޔާސްގެ އަމިއްލަގެ ކަމުގައިވާ ޖަވާހިރުވާދީން ނެރެގެން، ގެންދިޔަގޮތަށް ގެންދިޔައީ ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށެވެ. ޖަލުގެ ކުޑަގޮޅިން ގެއަށް ބަދަލުކުރީ، 9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަހު ހަވީރުވަގުތު ގައެވެ. އެދުވަހަކީ ކުޑަގޮޅީގައި، 89 ވަނަ ދުވަހު ބެހެއްޓުމަށް ފަހު، ގޭބަންދަށް ގެނައިގޮތަށް މިނޯޓުތައް ލިޔެގޭގައި ހުރެގެން ބޭރުކުރިގޮތަށް އަދިވެސް އިލްޔާސް އެހުންނަނީ، ގޭބަންދުގައެވެ. 1 ނޮވެމްބަރު 2004 ގައި، އިލްޔާސްގެ މައްސަލަ ޝަރުޢީކޯޓަށް ހުޅަހެޅުމަށް ރަސްމީކޮށް އިޢުލާނުކުރެއްވިއެވެ. އިލްޔާސް ބަންދުކުރެވުނީ، ޤަނޫނު ނަމްބަރު: 68/4 (ޢާއްމު ޤާނޫނުތަކެއް) ގެ، 6 ވަނަ މާއްދާއާއި “ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރު ނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު” ގެޖަދުވަލު، 1 ގެ 2 ވަނަ މާއްދާގެ ދަށުންނެވެ. އިލްޔާސްގެ ތަޙްޤީޤުނިމި، ރާއްޖޭގެ އިދާރީ އާދަކާދައިގެ މަތިން ބަޔާނުގެ، 4 ކޮޕީގައި ސޮއިީކޮށް ނިމުނީ، 6 އޮކްޓޯބަރ 2004 ވަނަ ދުވަހުއެވެ. މިހާހިސާބުން މިވަނީ ރަސްމީ ސިފައެއްގައި ތަޙްޤީޤު ނިމިފައެވެ. އެހެނަސް އަދިވެސް ދޫކޮށްނުލައްވައި އިލްޔާސްވަނީ ބަންދުގައި ޤާނޫނާޤަވާޢިދާ ޚިލާފަށް ބަހައްޓާފައެވެ. މިއީ މިރެޖީމުގެ އިންސާފުހުރި މިންވަރެވެ. ޚާއްޞަމަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދިނުން މަޙްރޫމް ކޮށްފައި ވަނީވެސް ޤާނޫނާއި ޤަވަޢިދާ ޚިލާފަށެވެ. މިކަންތަކުގެ ޒިންމާ މިރެޖީމުން ކޮންމެވެސް މީހަކު އުފުލަން ޖެހޭނެކަން ކަށަވަރެވެ.

ސުވާލު: 13 އޯގަސްޓް 2004 ދުވަހު ކަޅުހުކުރުގެ ހަރަކާތުގައި އިލްޔާސް ބަންދުކުރީ، ކީއްވެ، ކިހިނެތް، އަދި ކޮންތާކުން ތޯއެވެ؟

ޖަވާބު: 13 އޯގަސްޓް 2004 ވީހުކުރު ދުވަހުގެރޭ، 7:30 ގައި ބީބީސީއިން އޭޝިޔާޓުޑޭ ބަލަން އިންދާ ސިފައިން އަޅުގަނޑު ބަލާ، ޖަވާހިރުވާދީއަށް އައިސްވަނެވެ. އެވަގުތަކީ، ބީބީސީން އަންނިގެ އިންޓަރވިއު ފެށިވަގުތެވެ. އަންނިގެ ވާހަކަތައް އަހާނުލެވި ދާންޖެހުނީމާ ވަރަށް ދެރަވިއެވެ. އަޅުގަނޑުއިނީ ޤާނޫނު އަސާސީން ހުރުމަތްތެރިކަން ލިބިގެންވާ، އަޅުގަނޑުގެ އަމިއްލަ ގޭގައި އަނބިމީހާއާއި ކުޑަދެ ކުދިންނާއެކު، ޓީވީބަލަން ސިޓިންގ ރޫމްގައެވެ. ސިފައިންގެ ފަސްބޭކަލުން ދުރުވެގެއަށް ވަދެ، އިލްޔާސް ކޮބާހޭ ސިފައިންގެއަށް ދުރުވަންވީއޭ ބުނުއްވުމުން، އަޅުގަނޑު އަވަހަށް ތައްޔާރު ވެލައިގެން، އަތުގައިއޮތް މޯބައިލްފޯނާއި ފައިސާޖީބު ދަބަސް އަންހެނުންއަތަށް ދީފައި ވަރުގަދައަށް ސަލާމްގަލާމް ކުރުމަށް ފަހު، އެމީހުންނާއެކު މަގުމައްޗަށް ނުކުތުމަށް ހިނގައިގަތީއެވެ. މަގުމައްޗަށް ނުކުތްއިރު ސިފައިންގެ ޖީޕެއް ތައްޔާރަށް ޖަވާހިރުވާދީ ކުރިމަތީގައި ބާއްވާފައި އޮތެވެ. މިޖީޕަށް އަރުއްވާށޭ ބުނުމުން، އަޅުގަނޑު އެއަށް އެރީމެވެ. ދެން ގެންގޮސްބޭލީ ސިފައިންގެ މައިމަރުކަޒު ކަމުގައިވާ ބަނޑޭރިގޭގެ ކުރިމައްޗަށެވެ. އޭރު މުޅި އެހިސާބުގައި އޮތީ، މުގުރު ހިފައިގެންތިބި ސިފައިންގެ މީހުންނައިގެން ފުރިބާރު ވެފައެވެ. ޖީޕުގެދޮރު ހުޅުވާލައި އަޅުގަނޑު ބޭލުމަށްފަހު، ލޮލުގައިހުރި އައިނުނަގާ ޖީބަށްލާށޭބުނެ، ދެމީހުން އަޅުގަނޑުގެ ގައިގައި ހިފާއްޓައި ވަރަށް ބާރަށް ކަޅުފޮތިގަނޑަކުން ކަނުބަނދެފިއެވެ. ދެން ދެމީހުން ހިފައިފައި އަޅުގަނޑުގެ ދެއަތް ފުރަގަހަށް ގެންގޮސް އެއްކޮށް ލުމަށްފަހު، ޕްލާސްޓިކް ސްޓިރިޕް (ކޭބަލް ޓައި) އަކުން ބަނުމަށް އަތުގައި އަޅުވައިފިއެވެ. މިއީ ހަނގުރާމަ މަތީގައި ކުށްވެރިންހިފާ ހައްޔަރު ކުރާއިރު ވަގުތީގޮތުން އަޅުވާ ވައްތަރުގެ އެއްޗެކެވެ. މިކަހަލަ މަދަނީ ޙާލަތެއްގައި ބޭނުންކުރުމަކީ، ބައިނަލްއަޤްވާމީ ގޮތުންމަނާ ކަމެކެވެ. ދެއަތާއެއްކޮށް އެޅުވުމަށްފަހު، އޭގެކޮޅު ލައްވަން އިންނަތަނަށް ކޮޅުވައްދާފައި އެކޮޅުގައި އޭނާގެއަތުން ހިފައި އަޅުގަނޑުގެ ދެއަތުގެ ބަރުދަނަށް ލުތްކެއްޖަހައި ވަރަށްވާން ކޮށްލިއެވެ. އެކްލިޕް އަތަށްބާރުވެ ވާންވެގެން ދިޔަވަގުތު ވަރަށް ތަދުވިއެވެ. ހަމައެވަގުތުމެ، އަޅުގަނޑުގެ ކުރިމަތިން، ފޮޓޯއެއްނެގިކަން ފްލޭޝްއަލިން އަޅުގަނޑަށް އެނގުނެވެ. ކަނުބަނުމުގެ ކުރިންއޮތީ އަންހެން ފުލުހަކު ކެމެރާއެއް ހިފައިގެން ކުރިމަތީގައި ހުއްޓާ ފެނިފައެވެ. މިކަން ނިމުމުން ފުރަތަމަވެސް ދާންވީއޭ ހިނގާށޭ ކިޔާފައި ބުރަކަށީގައި އަޅާކޮށްޕާލިއެވެ. ދެން ހިންގަމުން ގެންދިޔައީ ތަޅަމުންނާއި ވިކަމުންނެވެ. ބުރަކަށީގައި ވަރަށްބާރަށް ވިކާހެދިއެވެ. މޭމަތީގައި ވެސް ބާރަށްވިކާ ހެދިއެވެ. އަދި ކުރިޔަށް ހިންގަމުން ގެންދިޔަވަގުތު ގެންދިޔައީ ދެފައިގައި ދަނގަޑުބޫޓުން ތަޅަމުންނެވެ. އަދި މަލާމާތުގެ ރާގަށް ހަޑިހުތުރު އެއްޗެހި ގޮވިއެވެ. ސިފައިންގެ ސުލޫކާއި އަޚްލާޤާ ނުގުޅޭ ގޮތަށް އެތައްކަމެއް ކުރިއެވެ. މިހިރަބޮޑު މީހާތިހިރީ ކީއްވެފައިހޭ؟ މަޑުންނުހުރެ ދުއްވައި ގަންނާށޭ، ސިޔާސީ މީހާޔޯލައެވެ. އަބްދުﷲ ޙަމީދު އިސްތިޢުފާއަށް ގޮވާ، ނުހަދަނީ ކީއްވެހޭ؟ އދ.އަތޮޅުގެ މެމްބަރު މިހިރީ ފުށަގަނޑެއްހެނޭ އަޑުއިވޭވަރަށް ގޮވާހެދިއެވެ. އަދި މިޒާތުގެ ޖެއްސުމުގެ ބައިވަރު ބަސްތައް ތަކުރާރުކޮށް އިއްވަމުން ގެންދިޔައެވެ. މިއީ ތަޅަމުން، ތަޅަމުން ގެންދިޔައިރު ކިޔަމުން ގެންދިޔަ އަންބާއެކެވެ. ކަނާއަތު ފައިގެ ކަކުލުގައި ހަންމަށައިގެން ގޮސް، މިހާރުވެސް ލަކުނުލާފައި ފާހަގަވާގޮތަށް ފެންނަން އެބަހުއްޓެވެ. އަދި ބަނޑޭރިގޭ އެތެރެވުމުން ދެއަތުގެ ގޮށްމުށުގެ ދަށްފަރާތުން ވަރަށްބާރަށް، ދެއަތުންމީހަކު ބުރަކަށީގައި ހެސްކޮޔާފަޖަހައި ގަޅުވާލިއެވެ. އަދި ބާރަށް ހިންގާށޭ ބުނިއަޑު އިވުނެވެ. މިއެތިފަހަރު ނޭނގިހުއްޓާ އެރުމުން، އަޅުގަނޑު ގޮސްޖެހުނީ ފާރެއްގެ ދާރައެއްގައެވެ. ޖެހުނުތަން ކަނާއަތުކޮނޑު ހުޅުގެތިރިން ބޮޑަށް މަށައިގެން ގޮސްފައިހުއްޓެވެ. އެލަކުނު އަދިވެސް ފެންނަން އެބަހުއްޓެވެ. ބަޑެރިގޭ ތެރެއިން ގެންދިޔަ ހިސާބަކަށް ގެންދިޔައީ މިގޮތަށް ތަޅާއި ވިކާއި އަނިޔާ ކުރަމުންނެވެ. ބަނޑޭރިގޭ ތެރޭގެ ވަކިހިސާބަކުން އަޅުގަނޑަށް ސިފައިންގެ އޮފިސަރެއް ކމުގައިވާ އިބްރާހީމް ދީދީގެ އަޑުއިވުމުން، އޭ! އިބްރާހީމް ދީދީއޭ! ބުނެ އަޅުގަނޑު ގޮވައި، އަޅުގަނޑުގެ އަތުގައި އަޅުވާފައި މީނދަކޭބަލް ކްލިޕް ދޫކޮށްލަދޭށޭ، މިއީ ބޮޑުކޭބަލް ގަނޑެއްނޫނޭ، މިއީ މަހާއިލެއިން ހެދިފައިވާ މަގޭދެއަތޭ، އިންސާނެއްގެ ދެއަތޭ، މިއީ ކައްޓައި މަހާއި ލެއޭބުނެ މިހާރުމިހުރީ ނޫފައިގެންފައޭ، އައްސިވެފައޭ ބުނީމާ އޭނާ، ދޫކޮއްލަދޭށޭ ބުނުއްވިއަޑު އިވުނެވެ. އެހެނަސް އަޅުގަނޑު ހިފަހައްޓައިގެން ތިބިބޭކަލުން އެކަމެއް ނުކުރިއެވެ. މިގޮތަށް ތިންފަހަރު ތަކުރާރުކޮށް އިބްރާހީމް ދީދީއާ ދިމާލަށް އެހެންބުނެ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް މެމްބަރުންނަށް ތިޔަބޭފުޅުން ހަދަނީ މިހިންހޭ ކިޔާފައި ވަރަށް ބާރަށް އިތުރަށް އެއްޗެހިތައް ކިޔަންފެށުމުން، ހަމަމިހާރު ތިޔަކްލިޕް ދޫކޮށްލަދޭށޭ ތިޔައީ މެމްބަރެކޭ އިބްރާހީމް ދީދީ ބުނުއްވިއަޑު އެހީމެވެ. އަދި ކަނުމޮހެލާއި އަތްމުހެލާއި އޭނާ މައްޗަށް ގެންގޮސް ބައިންދާށޭ އޭނާއަކީ، މަޖިލީހުގެ މެމްބަރެކޭ އިބްރާހީމް ދީދީ ތަކުރާރުކޮށް ބުނުއްވި އަޑުއެހީމެވެ. މިއޮފިސަރަކީ އިބްރާހީމްދީދީކަން އަޅުގަނޑަށް އެނގުނީ އެބޭފުޅާގެ އަޑުންއޭނާކަން އެނގުމުންނެވެ. އެމީހުންނަށް އިލްޔާސަކީ ޚާއްސަ މަޖިލީހުގެ މެމްބަރެއްކަން އެނގުނީ މިހާހިސާބުންނެވެ. މިގޮތަށް ކަނުބަނދެފައި ހުރިހުރުމުގައި އަޅުގަނޑުގެ ކަނާތު މުލައްދަނޑީގައި ދެލިކާއްތާކަން އިހްސާސްކުރެވުނެވެ. ކަނުމޮހެލުމުން އެނގުނީ އޭރުއަތުގައި ބޮޑުއަކުރުން ލިޔުނީ، ހިސާބުއަކުރުގެ، 140 މިއަކުރުތައް ކަމެވެ. ވަރަށް ބޮޑުއަކުރުން ނޫކުލައިގެ ދެލިން، 140 ލިޔެފައި ފެންންހުއްޓެވެ. ފޮހެވުނީ ދެތިންދުވަސްވީ ފަހުންނެވެ. ދެން، އަބްދުއްރަޝީދު އޭކިޔާ އޮފިސަރަކު ބަނޑޭރިގޭ ސިޑިއާ ހަމައިން ދިމާވުމުން އަޅުގަނޑު ގެނައިކުދިން އޭނަޔާ އަޅުގަނޑު ހަވާލުކޮށްފައި ހިނގައްޖެއެވެ. ދެން މީނާ އަޅުގަނޑު މައްޗަށް ގެންގޮސް އަތްގަނޑުލީ ބޮޑުގޮނޑިއެއްގައި ބޭންދީއެވެ. އޭރު އެތާމަތީގައި ޑޮކްޓަރ މުނައްވަރާއި ޤާސިމާއި އިބްރާހީމް ހުސައިން ޒަކީއާއި އިބުރާ، ބައިތިއްބާފައި ތިއްބެވެ. އަޅުގަނޑުމެން، 5 މީހުން ވަކިވަކިން އެތާތިއްބައި އެތަނަށް، ތ.އަތޮޅު މެމްބަރު ޑޮކްޓަރ ހުސައިން ރަޝީދާއި ބ.އަތޮޅު މެމްބަރު އަލީ ފާއިޒު ގެނައެވެ.

އާދެ! އަޅުގަނޑުގެ ކަނުމުހެލުމުން، ބަނޑޭރިގޭތެރޭގައި ތިބިމީހުންނަށް އަނިޔާކުރަމުން ގެންދިޔަ މަންޒަރު ފެނުނެވެ. ޢިރާޤު/އެމެރިކާ ހަނގުރާމާގައި ބަރިބަރިއަށް ކަނުބަނދެފައި މީހުން ބައިތިއްބާފައި ތިއްބާ، ޓިވީން ފެނުނުހެން، ބަނޑެރިގޭތެރޭގައި ބިންމަތީގައި ބަރިބަރިއަށް ކަނުބަނދެ ދެއަތާއި ދެފައިގައި ޕްލާސްޓިކް ސްޓްރިޕާއި ބިޑިއަޅުވާފައިތިބި ސަތޭކައަށް ވުރެގިނަ މީހުން، އެގޮތްމިގޮތަށް ތިއްބާފެނުނެވެ. އެއްބަޔަކުތިބީ، އެއްލާލައި އުކާލާފައެވެ. ޖެހުނުގޮތަކަށް ޖެހުނުތަނެއްގައި ޖެހިފައި ގުޅައަކަށް ވެސް ތިއްބެވެ. އަނެއްބަޔަކުތިބީ ބިންމަތީގައި ބައިތިއްބާފައެވެ. ކޮންމެ ދެތިން މީހަކަށް ސިފައިންގެ ގާޑަކު ފެންނަން ހުއްޓެވެ. ރޯއަޑުފައްގަނޑު އިވުނެވެ. ލައިގެންހުރި ހެދުންވީދި ހެދުންލެއިން ތަތްތެޅިފައި ފެންނަންތިބި މީހުން ތިއްބެވެ. އަދި އަޅުގަނޑުމެން ބަނޑޭރިގޭގެ މަތީގައި ތިބިއިރު، ތިރިންރޮއި ގަންނައަޑުއަޑާއި އަހަރެއް ސަލާމަތް ކުރާށޭގޮވާ ހަޅޭލަވާއަޑާއި ސިފައިން ހަޅޭލަވާއަޑު އިރުއިރުކޮޅާހެން އިވެމުން ދެއެވެ. އަޅުގަނޑުމެން، 7 މީހުން ބަލަހައްޓަން މަތީގައިތިބި ގާޑުންތައް ކުޑަދޮރުތަކުން، އެމަންޒަރުބަލައި އަމިއްލައަކަށް އުފާލިބިގަންނަތަން ފެނުނެވެ. ދެން މެންދަމު، 3:30 އެހާކަންހާއިރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ގެންގޮސް، މިބަންދު ކުރެވެނީ، އޯގަސްޓް 12-13 ވަނަ ދުވަހުގެ ޣައިރުޤާނޫނީ އެއްވުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ކަމަށް އެންގިއެވެ. މިއެންގުން އެންގެވީ އަބްދުﷲ ނަވާޒާއި އަލީ އަޙްމަދުއޭ ކިޔާދެ އޮފިސަރުންނެވެ. ފަތިސް ނަމާދަށް ބަންގިގޮވިފަހުން ކޯސްޓުގާޑުގެ ގަލްފްކްރާފްޓް ބްރޭންޑްގެ ސްޕީޑް ލޯންޗެއްގައި ގެންދިޔައީ ދޫނިދޫޖަލަށެވެ. ތުނިތުނި މުންޑަކާއި ހުދުޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްއުނގުޅާ ބޭސްފޫޅިއަކާއި ސައިބޯންޏެއް ދީފައި އެތަކެތި ލިބުނުކަމަށް ސޮއިކުރުވާފައި އިނގިލީގެ ނިޝާން ނެގުމަށްފަހު، ގެންގޮސް ވެއްދީ، 17 ނަމްބަރު ކުޑަގޮޅިއަށެވެ. އޭރު އަދި އިރުނާރާނެއެވެ. މިއިދާރީ ކަންތައްގަނޑު ޖަލުގައި ހިންގެވީ، ޖަލު ބެލެހެއްޓުމަށް ޖަލާއި ހަވާލުވެގެން ހުންނަވާ، ލޭޑީ އިބްރާހީމް މަނިކެވެ. މީނާއަކީ ދޫނިދޫ ޖަލުގެ ވެރިޔާއެވެ. އޭރު ދޫނިދޫގައި އެއްފަށުގެ އަބްދުﷲ އަބްދުއްރަހީމް އޭކިޔާ ސިފައިންގެ މީހެއްގެ ހަވާލުގައި ކަތިވަޅިޓްރޭނިންގ ހަދާފައިވާ، 15 ބޭކަލުންގެ ޓާސްކްފޯހެއް ސިފައިންގެ ފުލްކިޓަގައި ހަރަކާތްތެރި ވަމުން ގެންދިޔައެވެ. މިފޯހުގެ މަސައްކަތަކީ، ދޫނިދޫއަށް ގެނެސް ބަންދުކުރެވޭ މީހުން އުފުލުމާއި ގައިދީން މައިތިރި ކުރުމާއި ގައިދީންނަށް އަނިޔާކޮށް ތަޅާލާއި ހޭއެރުވުމެވެ. ދޫނިދޫއަށް ގެނައިމަގު މަތީގައި ވަރަށްގިނަ ގައިދީންނަށް އަނިޔާކުރި ކަމަށް ކިޔައިދިން ބައިވަރު ގައިދީން ތިއްބެވެ. ގިރިފުށްޓަށް މާލެއިން ގެންދިޔަ މަގުމަތީގައައި، އަދި ގިރިފުށިން ދޫނިދޫއަށް ގެނައި މަގުމަތީގައި ލޯންޗުމަތީގައި އަނިޔާވެރިކަމުގެ ވަރަށް ގިނައަމަލުތައް އެކިއެކި ގައިދީންނަށް ކުރަމުން ގެންދިޔަކަމަށް އެމީހުންގެ ފަރާތުން ކިޔައިދީފައި ވެއެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައި ވެއެވެ. މިކަންތައްތަކަކީ، އިންސާނީ ހައްގުތަކާބެހޭ އެކިއެކި ޖަމްއިއްޔާގެ ރިޕޯޓުތަކުން އޮޅުންފިލާނެ ތެދުހަގީގަތެކެވެ.

ސުވާލު: އިލްޔާސް މެން، ކިހާދުވަހަކު ކުޑަގޮޅީގައި ތިބެން ޖެހުނުތޯއެވެ؟

ޖަވާބު: 13 ވަނަ ދުވަހުގެރޭ ދޫނިދޫޖަލަށް ގެނައިގޮތަށް، 9 ނޮވެމްބަރ 2004 ދުވަހުގެ ހަވީރު، 5:00 ވަންދެން ބަހައްޓާފައިހުރީ ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބަންދުކޮށްފައެވެ. 17 ނަމްބަރު ގޮޅީގައި އޮވެފައި، 26 ނަމްބަރު ގޮޅިއަށް ބަދަލުކުރީ، 11 ނޮވެމްބަރ 2004 ވީހޯމަ ދުވަހުއެވެ. އޭރު، 17 ނަމްބަރުގައި އޮންނަތާ، 60 ދުވަސް ވެއްޖެއެވެ. މިދުވަހަކީ ޖަލުން އަބްޖީއާއި ޒުހައިރާއާއި ދޮންބި (އެލީނާ އައްބާސް) އާއި ނައުބެއާއި މާނީލަޠީފާއި މަރިޔަމް މަނިކެމެން މާލެ ގެންދިޔަ ދުވަހެވެ. މިގޮތަށް ގޮޅިތައް ބަދަލުކުރަނީ، އަޅުގަނޑުމެން ވެއްދުމާއެކުހެން ގޮޅިތައް މަރާމާތުކުރަން ފެއްޓުމާ ގުޅިގެންނެވެ. ފަހަރަކު ހައެއްކަގޮޅި މަރާމާތުކުރެއެވެ. ނިމުނީމާ އެބަޔަށް ގައިދީން ލާފައި އަނެއްބައި މަރާމާތުކުރަން ފަށަނީއެވެ. މިގޮތަށް މަސައްކަތްކޮށް ހުރިހާގޮޅިތަކެއް މަރާމާތުކޮށް ނިމެންދެން އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑު، 26 ނަމްބަރަު ގޮޅިއަށް ބަދަލު ކުރިއިރުހުރީ އެގޮޅިއަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަރާމާތުކޮށް ނިމިފައެވެ. މިކުރާ މަރާމާތަކީ، ފާޚާނާގެދޮރު ނެގުމާއި ކޮންކްރީޓުން ކުޑަމޭޒަކާއި އިށީނުމަށްް ކުޑަވަރެއްގެ ތަނބުބުރިއެއް ހެދުމެވެ. އަދި ކޮންކްރީޓުން ކަބަޑެއް ދޮރުފަތް ނުހުންނަގޮތަށް ހެދުމާއި ނިދުމަށްް ގޮދަޑިބާއްވާނެ އަށްޓެއް، ކޮންމެ ގޮޅިއެއްގެ ބިއްދަށު ފަރާތުގައި ބިތާއިންވެގެން ހެދުމެވެ. މިކަންތައްތައް ގޮޅިތެރޭގައި ކޮންކްރީޓުން ކުރުމުން މުޅިގޮޅި ފުރުނީއެވެ. އަށްފޫޓު އަށްފޫޓު ގޮޅީގައި މިހުރިހާކަމެއް ކުރީމާގޮޅީގައި ނަމާދު ކޮށްލަން ކުނާއަޅާލާނެ ޖާގައެއް ނޯވެއެވެ. ކުނާއެއްކޮށް ފަތުރާލާނެ ތަނެއްނޯވެއެވެ. ކަސްރަތު ކޮށްލާނެ ޖާގައެއް ވެސް ނެތުނީއެވެ. ކުރިންވެސް ވައިދައުރުވަނީ ވަރަށް ކުޑަކޮށެވެ. އަދި ގޮޅިގައި ވައިވައްދަން ހަދާފައިހުންނަ ދެތޭރިލީ ކުޑަގޮޅިވެސް ހުރީ، އަލަށްގެނައި މަރާމާތާ ގުޅިގެން އެސްލޯން ހިމަހޮޅިތަކެއް ޖަހައި، އެހޮޅިތަކުގައި ހުރިލޯވަޅުތަކުން އެވަންނާނެ ވައިކޮޅެއް ވަންނާނެގޮތަށް، ސިމެންތި ޖަހައިގެން  އެހޮޅިބުރިތައް އެއާނގަވަޅުގައި ވަޅުލާފައެވެ. ކުރިން ވައިވައްދަންއިން ބާގަނޑު ހިމަލޯވަޅު ތަކަކަށް ބަދަލުވުމުން މިހާރު އެއްގޮތަކަށް ވެސް ވައިދައުރެއް ނުވެއެވެ. އެބާގަނޑުން ކުރިން ފެންނަމުންދިޔަ ގޮތަށް ބޭރުފެނުން ވެސް ހަނިވެގެން ދިޔައީއެވެ. ބައެއްގޮޅި ތަކުގެ ފާޚާނާގައިހުރި ތޭރިލެއްވި ބާގަނޑުވެސް ހުރީ ވަރަށް ކުޑަކޮށްލާފައެވެ. މިހަދަނީ ހައްތާހާވެސް ގައިދީން ހާސްވެ، ސިއްހީގޮތުން ވޭނާއި އަނިޔާލިބޭހާ ގޮތްތަކެވެ. މިކަމާހެދި ނޭވާލާން އުނދަގޫވެ، އަވަސް އަވަހަށް ނޭވާލާންޖެހި، ނޭވާކުރުވާގޮތް ބައެއް ގައިދީންނަށް ދިމާވިއެވެ. އަދި ގޮޅިތައް މަރާމާތުކުރަމުން ގެންދާތީ އަޑުފައްގަނޑާއި ޕުޓީއަޅާފައި ގޭނުމުން އަރާކުޑިއާއި ހިރަފުހުން ވަރަށް އުނދަގުވެއެވެ. ނޭވާލާ ނިޒާމަށް ބަލިތައް ޖެހުނެވެ. ފުއްޕާމޭ ސަކަރާތްވިއެވެ. ދޫނިދޫއަށް ވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޝަކީލަށް މިޚަބަރުތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ހެލްތް މިނިސްޓްރީއަށް ޑޮކްޓަރ ޝަކީލްގެ ރިޕޯޓުތައް، ދޫނިދޫޖަލުގެ ގޮޅިތަކާ ގުޅޭގޮތުން ގެންދިއުމަކީ މުހިންމު ކަމެކެވެ. އެއީ ޑޮކްޓަރުންގެ ޒިންމާއެކެވެ. ޑޮކްޓަރ ޝަކީލް މިފަދަ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމުގެ އުންމީދު ކުރަމެވެ. ގޮޅީގައި ދުވަސްގަނޑެއް، މިގޮތަށް ކަޑަތުވީފަހުން އެމްނެސްޓީ އިންޓަރނޭޝަނަލުން ޖަލަށް ޒިޔާރަތް ކުރެއްވި ބޭފުޅުން އަރިހުގައި މިމައްސަލަ ޖެއްސުމުން، ފޮތިން ހަދާފައިހުރި މާސްކުތަކެއް ގޮޅިތަކަށް ބަހާހެދިއެވެ. އެމާސްކް އަޅައިގެން ތިބޭއިރުވެސް ކުނޑިއާއި ހިރަފުސް ބުރާލެއް ބޯކަމުން ބޮލާއި އަތްފައިގެ އިސްތަށިތައް ހުންނަނީ އިރުކޮޅެއް ވާއިރަށް ހިރަފުސް ކުނޑިން ހުދުވެފައެވެ. ގޮޅިތައް ބޭރުފަރާތުން ގާނައެވެ. އަދި ރެނދުތަކުގައި ޕުޓީ އެޅުމަށް ފަހު، ދެވަނަފަހަރަށް އަނެއްކާ ގާނައެވެ. މިގޭނުންތައް ގާނަން ގެންގުޅެނީ ގްރޭންޑަރެވެ. ސޭންޑަރ ބޭނުންކުރާ މަންޒަރު އެއްގޮތަކަށް ވެސް ނުފެނެއެވެ. އަދި ދަނގަޑުބުރި ކުރުމާއި ދޮރާއި ތޭރިތަކާއި ވެލްޑިންކުރުމުގެ ދުމާއި އައްޔާއި ކުނޑިން އުނދަގުވެއެވެ. މިއަޑުފަށްގަނޑު ރެއާއި ދުވާލު ކަނޑައިގެން ނުދެއެވެ. އިންތިހާއަށް ކުނޑިބުރައެވެ. ބައެއްފަހަރު ނޭވާ ބަންދުވެގެން އަނބުރައި ގަތީމައި ބޭރަށް ނެރެފައި އަނެއްކާވެސް ވައްދަނީއެވެ. ޑޮކްޓަރ ޝަކީލު މިކަމަށް އެއްބަސް ވެލައްވާނެކަން ކަށަވަރެވެ. ހުރިހާ ގައިދީންވެސް އުޅުނީ މިކުނިގަނޑު ތެރޭގައާއި ގަދަފަދަ އަޑުފައްގަނޑު ތެރޭގައެވެ. އެންމެ ހެއްވާކަމަކީ، ގޮޅިތަކުގައި ކުލަލީގޮތުންނެވެ. އަދި އެލީކުލައާ ގުޅިގެންނެވެ. ބޭރަށް ރަނގަޅުކުލަލީ ގޮޅިތަކު އެތެރޭގައެވެ. ލޮލަށްފަސޭހަ ވެފައި ހިތްހަމަ ޖެހޭކުލަލީ ބޭރުގައެވެ. ގޮޅިތަކުހެ އެތެރޭގައި ލާފައިހުރީ ގަދަފިޔާތޮށި އެންމެމޮޅު ކުލައެވެ. ބޭރުގައި ލާފައިހުރީ މަޑުފެހިކުލަ އަކަށްދާ ރީތިއަލި ކުލައެކެވެ. ގަދަފިޔާތޮށި ކުލައަކީ، ސޯވިއެޓްޔޫނިނަންގެ ކޭޖީބީ މީހުންގެ އެންމެކުދި އަނިޔާވެރި އަޒާބުދައްކާ ގޮޅިތަކުގައި ލާފައިހުންނަ ކުލައެވެ. އެމީހުންނަށް ގަބޫލުކުރެވެނީ މިކުލައަކީ އަބަދުފެންނަން ހުރުމުން ނަފްސާނީގޮތުން އުނދަގޫތަކެއްވެ ހިތްބަލިކޮށްލާނެ ކުލައެއްކަމަށެވެ. މިއީ ރަޝިޔާގެ ކުދިގޮޅިތަކާއި ބެހޭގޮތުން ކުރެވިފައިވާ ބައެއް ދިރާސާތަކުގައި ލިޔެވިފައިވާ ވާހަކައެކެވެ. ހީވާގޮތުގައި ދޫނިދޫގައި މިކަން މިގޮތަށް ކޮށްފައި މިހިރީ ޖެއްސުމަށް ހެނެވެ. އެއް ނަމްބަރު ޖަލުގައި ހުންނަ، 29 ގޮޅި މަރާމާތުކޮށް ނިމުނީ، 20 އޮކްޓޯބަރ ހާތާނގައެވެ. ދެން، 2 ނަމްބަރުޖަލު ގައިތިބި ކަޅުހުކުރުގެ އެންމެންވެސް އެއްނަމްބަރު ޖަލަށް ގެނެސް އެއްމެން އެއްތަން ކޮށްފިއެވެ. މިމީހުންގެ ތެރޭގައި ތިބީ، ހުސްނުއް ސުޢޫދާއި މ.މެމްބަރު ސައްޕެއާއި މުހައްމަދު ފުޅާއި އައިސީއާއި އިޔާޒާއި  ޒިޔާއްޓޭއާއި ޅޮހީގޭމާހިރާއި އަބުސީއާއި އަބުސީކޮއްކޮ އަންމަޑޭއާއި ފަލާޙުއާއި ޤާރީޢަބްދުﷲ އާއި ލ.އަތޮޅު ޝަކޫރާއި އަދި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެއްވި ކެނޑިޑޭޓެއް ކަމުގައިވާ މއ.ތިނަދޫގޭ ނަޒީރު ޖަމާލެވެ.

އާދެ! 9 ނޮވެމްބަރ 2004 ގައި ގޭގެބަންދަށް ބަދަލުކުރަންދެން އިލްޔާސް ހުންނެވީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. މިގޮޅިތަކުގައި، 24 ގަޑިއިރު ތަޅުލެވިގެން ހުރުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ލިބެމުންދާ އަނިޔާއަކީ ހިތަށާއި ސިކުނޑިއަށް މެދުކެނޑުމެއް ނެތި އަނިޔާވަމުންދާނެ ކަމެކެވެ. މިކަން އިހްސާސް ކޮށްލެވޭނީ މިގޮތަށް ކުޑަގޮޅިއެއްގައި ތަޅުލެވުމުންނެވެ. އެނޫންގޮތަކަށް މިފަދަވޭނާއި އަސަރެއް ނޭނގޭނެއެވެ. ލިޔެފައިއޮންނަ ޢިބާރާތްތަކެއް ކިޔާލަން ލިބުނަސް އެކަމުގެ އަނިޔާގެ މިންގަނޑާއި މިންވަރު ވަޒަންކޮށް ކިރައެއް ނުލެވޭނެއެވެ. ބައެއް މީހުން ދުވަސްކޮޅަކަށް ފަހު، ސިކުނޑި ގޯސްވެގެން މޮޔަގޮވަން ފަށައެވެ. މިއަނިޔާތަށް ކުރުމުގެ ބޭނުމަކީވެސް ރަނގަޅަށް ހުންނަމީހާ މޮޔަކޮށްލާށެވެ. ނުވަތަ ކުޑަނަމަވެސް އުނިކަމެއް ސިކުނޑިއަށް އަންނަވަރު ކޮށްލާށެވެ.

ސުވާލު: ކުޑަގޮޅީގައި އިލްޔާސް ވަގުތުހޭދަކުރަނީ ކިހިނެތްތޯއެވެ؟

ޖަވާބު: އަޅުގަނޑަކީ ވަރަށް ސްޕިރިޗުއަލް މީހެއް، ތިޔޮލޮޖީން ޑިގްރީއެއް ހެދީމާވެސް ވާނީ އެހެންނެވެ. އަޅުގަނޑަކީ، ތިޔޮލޮޖީއާއި މަންޠިޤާއި ފަލްސަފާ ކިޔަވާފައިގެން ހުރިމީހެކެވެ. ރޫޙާނީގޮތުން ދުވަހުންދުވަހަށް ދިޔައީ ބާރުގަދަ ވަމުންނެވެ. ނިޔަތް ވަރުގަދަ ވަމުންނެވެ. ހިތްވަރު އާލާވަމުންނެވެ. އަހައެއްގޮތަކަށް ވެސް ދެރަވެ މާޒީއަށް ވިސްނާއި ފިކުރުބޮޑުވެ ހިތާމަކޮށް ހަދާކަށް ނުޖެހެއެވެ.

18 އޮކްޓޯބަރ ގައި ނޫސް މަޖައްލާތަށް ލިބެންފަށަންދެން އެއްޗެއް ކިޔާލާއި ފިކުރު ދައުރުކުރާނެ އެއްޗަކަށް އޮތީ، ﷲގެ ފޮތްކަމުގައިވާ ޤުރްއާނެވެ. ފަރުޟާއި ސުންނަތް ހުރިހާނަމާދެއް ބަރާބަރަށް ވަގުތުން ވަގުތަށް ކުރުމާއި ޤުރްއާން ކިޔެވުމާއި ދުޢާކުރުން ފިޔަވައި އެހެންކަމެއް ނުކުރެވެއެވެ. އެއްވެސް މީހަކައި އަނގައިންބުނުން މުޅިން މަނަލެވެ. ގާޑުންނާވާހަކަ ދެއްކުމަކީ، ޢަމުދުން މަނާކަމެކެވެ. އަބަދުވެސް ވިސްނުމާއި ފިކުރުގެންގުޅެނީ މިސްތަޤްބަލަށް ކަމުން ހިތްވަރު އާލާވަމުން ދެއެވެ. 18 އޮކްޓޯބަރުން ފެށިގެން، ހަވީރު، މިއަދު، އާފަތިސް، ނިއުސްވީކް، ޓައިމްސް، ހުވާސް، ދަރުމަފަދަ މަޖައްލާތައް ބަރާބަރަށް ލިބެއެވެ. ނޫސްތައް ލިބެނީ ހަތްދުވަސް، ދިހަދުވަސް ވެފައިހުންނަ ނޫހެވެ. މަޖައްލާ ލިބޭފަހަރަކު އެހަފްތާއެއްގެ ތަޒާމަޖައްލާ ލިބެއެވެ. ގަލަމެއް، ފަންސޫރެއް، ކަރުދާހެއް، ނޯޓްފޮތެއް، ވާހަކަފޮތެއް، ރޭޑިޔޯއެއް ފޮނުވުމުގެ ހުއްދައެއް ނޯވެއެވެ. މިއީ ޖަލަސް ގެނައުންމަނާ ތަކެއްޗެވެ. ސިކުނޑި ތާޒާކޮށް ހުއްޓަ ނުދިނުމަށެވެ. އެންމެމަޖާ ކަމަކީ، ދޭތެރެ ދޭތެރެއިން ގޮޅިތައް ރޭޑްކޮށްލާއިރެވެ. ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ރަސްމީކޮށް ދެރޭޑް ކުރުންއޮތެވެ. ހަށިގަނޑާއި އަނގަވެސް ބަލާޗެކްކުރިއެވެ. ގަލަމެއްގެ ރިފިލެއް ތުނޑެއް ޗިޕެއް އެއްޗެއް ފެނޭތޯއެވެ. ޑުރަގްހޯދާކަށް ނޫނެވެ. އަޅުގަނޑު މެންނަށް ކިޔަނީ ސިޔާސި ޕާޓޭންނެވެ. މިމީހުން ޝައްކުކުރީ ބޭރުގެ އެކިފަރާތްތަކަށް ކުޑަގޮޅީގައި ތިބެގެން ޚަބަރުދީ އަދި ފޮނުވައިދީ ހެދުމަށް މޯބައިލް ފޯންފަދަ ތަކެތި ފޮރުވައިގެން ގެންގުޅެނީ ކަމަށެވެ. ބޭރުން އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތަކާ ބައްދަލުކޮށް ވާހަކަދެއްކިއިރު، ސިޔާސީގޮތުން ސަރުކާރަށް ގެންނަބަދަލު ތަކާއި މާލޭގެ ޚަބަރުތައް ހުންނަލެއް އަޕްޑޭޓްކަމުން، މިގޮތަށް ފުލުހުން ޝައްކު ކުރީއެވެ. ފުރަތަމަ ރޭޑްޖެއްސީ އެމެރިކާ އެމްބެސެޑަރުގެ ޑެޕިއުޓީ މިސްޓަރ ޖޭމްސްއާ ބައްދަކުރި ދުވަހުގެ އަނެއްދުވަހު ހެނދުނުގައެވެ. އަޅުގަނޑު މެންނަށް މާލޭގެ ޚަބަރުތައް އެގޮތްމިގޮތުން ބަރާބަރަށް ހޫނުކޮށް ހުއްޓާ ދަނީ ލިބެމުންނެވެ. ގިނަޚަބަރުތައް ލިބެނީ، ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ ފަރާތުންނެވެ. އަޅުގަނޑުމެން ފޯނުފަދަ އެއްޗިއްސެއް ނުގެންގުޅެމެވެ. އެއީ ދޮގުހީއެކެވެ.

ސުވާލު: ބޭރުގެ ކިތައް ވަފުދާ ބައްދަލުވި ތޯއެވެ؟

ޖަވާބު: މީގެކުރިން ހަތަރުފަހަރު ދޫނިދޫ ކުޑަގޮޅީގައި ހުރިއިރުވެސް ނުވާކަމެއް ތިއީ، އެހެނަސް މިފަހަރު ތަޙްޤީޤުޓީމު ބައްދަލު ކުރިވަރަށް ވުރެގިނައިން ބޭރުގެ އެކިއެކިވަފުދު ތަކުން ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އަޅުގަނޑުމެން ކަޅުހުކުރުގެ ތުހުމަތުގައި ހައްޔަރުކޮށް ފައިތިބި މީހުންނާ ވަކިވަކިން ބައްދަލުކުރިއެވެ. ހާލުއަހުވާލު އޮޅުންފިލުވާއި ފުރިހަމަ އެހީތެރިކަން ފޯރުކޮށް ދިނެވެ. ހިތްވަރު ދެއްވިއެވެ. މިއީ ވަރަށް އުފާވިކަމެކެވެ. ދުނިޔޭގެ އެތަންމިތާގައި އަޅާލާނެ ބަޔަކު ތިބީތީއެވެ. ޚާއްސަކޮށް ދުނިޔޭގެ ސުޕަރޕަވަރ ކަމުގައިވާ ޔޫއެސްއޭގެ އެމްބެސަޑަރު މިގޮތަށް ކުށްވެރިންނައި ބައްދަލު ކުރެއްވުމަކީ، ކުޑަކަމެއް ނޫނެވެ. ފާހަގަ ކުރަންޖެހޭ ވަރަށް ބޮޑުކަމެކެވެ. ޖަލުގައި ހައްޔަރުގައި ތިބިމީހުންނަށް މަތީފެންވަރުގެ އިއްޒަތެކެވެ. ޑިމޮކްރްސީއާއި އިންސާނީ ޙައްޤަށް މަސައްކަތް ކުރި ރިފޯމިސްޓުން ތަކެއްކަން ސަރުކާރުން ގަބޫލުނުކުރިއަސް ދުނިޔެއިން ގަބޫލުކޮށް ބަލައި ގަތްކަމުގެ ހެއްކަކަށް މިކަން ފުދެއެވެ. ހަމަގައިމުވެސް ވެރިކަމުގެ ރެޖީމުން ބޭއިންސާފު ތަކެއް ބައެއްގެ މައްޗަށް ހިންގާފައިވާތީ ނޫންގޮތަކަށް މިފަދަ ވަރުގަދަ ވަފުދުތައް ދޫނިދޫޖަލަށް ކުޑަގޮޅިތަކަށް ޒިޔާރަތެއް ނުކުރެއްވީހެވެ. ގައިދީންތަކަކާ ބައްދަލުކޮށް ވާހަކައެއް ނުދެއްކީހެވެ. މިއީ އަޅުގަނޑު މެންނަށް އެބޭފުޅުން ދެއްވި އުފުލިގެންވާ މަތިވެރި ޝަރަފެކެވެ. އަޅުގަނޑުމެން ރާއްޖޭގެ އިސްލާހަށް ކުރިމަސައްކަތް ބަލައިގަތް ކަމުގެ އަލިގަދަ ދަލީލެކެވެ. ފަހެ، ވިސްނާލަން ޖެހޭ، އަސްލުޕޮއިންޓަކީ މިއެވެ. އާދެ! އަޅުގަނޑުމެންގެ އިހްސާސްތަކާ މެދު، ވިސްނާނެ، ފިކުރުކުރާނެ، ބަހުސްކުރާނެ ބަޔަކު ތިބިކަން ކަށަވަރުވުމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމަށް އަޅުގަނޑު މެންފަދަ ގައުމީ ފިކުރެއް ގެންގުޅޭ ސިޔާސީ މީހުންގެ ފަރާތުން ލިބުނު ފަޚުރުވެރި ކަމެކެވެ. އަދި މިހާރަށް ވުރެވެސް ބޮޑަށް ސިޔާސީ ލީޑަރުންނާ ދޭތެރޭގައި އާންމުންގެ މެދުގައި އޮންނަވިސްނުން މާބޮޑަށް ރަނގަޅުވާން ވެއްޖެކަމުގެ އަލާމާތެކެވެ. ދަނެގަތުން މުހިންމީ، ގައުމުގައި ތިބޭ ސިޔާސީ ލީޑަރުންނަކީ ސަރުކާރާ ދެކޮޅުބައެއް ނޫނެވެ. ސަރުކާރު ހަމަމަގަށް އަޅުވާ ބައެއްކަމެވެ. އެމީހުންނަށް އަނިޔާކޮށް އެމީހުންގެ ވިސްނުމާއި ބުއްދިއަށް ގެންލުންދިނުމަކީ ގައުމަށާއި ދައުލަތަށް ގެއްލުންކޮށް އަނިޔާކުރުމެވެ. ވެރިކަމުގެ ނިޒާމު ރޭވިފައި އޮންނަންޖެހޭނީ ސަރުކާރުން މިފަދަކަމެއް ނުކުރެވޭނެ ގޮތަށެވެ. އިދިކޮޅު ފަރާތްތަކާއި މުސްތަގިއްލު ކޮމިޝަން ތަކާއި މުސްތަގިއްލު މުއައްސަސާ ތަކުން އެފަދަ ކަންތައް ހުއްޓުވެން ޖެހޭނެއެވެ. ތަހުޒީބު ޑިމޮކްރަސީއަކީ އެއީއެވެ.

އާދެ! 17 އޯގަސްޓް 2004 ވީއަންގާރަ ދުވަހު ފުރަތަމަ ޓީމު އަޅުގަނޑު މެންނާ ބައްދަލުކުރިއެވެ. މިޓީމުގައި ހިމެނުނީ، މިނިސްޓަރ އިސްމާޢީލް ޝަފީޢުއާއި މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނެވެ. މިއީ ރެޖީމުގެ ފަރާތުން ވަޑައިގެންނެވި ޕްރޮޕަގެންޑާ ޓީމެކެވެ. ރައީސް މައުމޫނު ފީޑްކޮށްފައި ފޮނުވީމާ ގައިދީންގެ ޙާލުބަލާލަން ވަޑައި ގެންނެވީކަމަށް ވިދާޅުވިއެވެ. ވަގުތުން އަޅުގަނޑު ދެންނެވީމެވެ. ކަނުބަނދެ، ހަތަރެސްފައިގާ ބިޑިއަޅުވައި ވަރުގަދައަށް ތަޅާލުމަށް ފަހު، ދެން ކޮންޙާލެއް ބައްލަވާކަށް ތޯއެވެ؟ ޙާލުބައްލަވާކަށް އެފަދަ ބަޔަކު ފޮނުއްވާކަށް ނުޖެހެއެވެ! ފުރަތަމަ އަޅުގަނޑަށް މިކުރި އަނިޔާތައްކުރީ ކީއްވެގެންތޯ ބައްލަވައިދޭށެވެ. ޖަލެއްގެ ކުދިކޮޅި ތަކެއްގައިތިބޭ ރާމާމަކުނުތަކެއް ބައްލަވާލައްވައި އަތްޕުޅުން ހަނާއަޅުއްވާ ލައްވާފައި ވަޑައިގަންނަވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރި ވަޑައި ގަންނަވައިގެން ނުވާނެއެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. އިށީދެ ވަޑައިގަންނަވާށެވެ. މިގޮޅިބައްލަވާ ލެއްވޭނީ އޭރުންނެވެ. ގޮޅީގެ ހޫނުގަނޑު ވަޒަންކޮށް ލެއްވޭނީ އޭރުންނެވެ. ދެން ލޭޑީ އިބްރާހީމް މަނުކު އަޅުގަނޑުގެ ގޮޅިހުޅުވައި ދެއްވުމުން ޝަފީޢު އިށިނދެ ވަޑައިގަތީ އަޅުގަނޑު ނިދަންހުރި އެނދުގައެވެ. ޢަބްދުﷲ ކަމާލުއްދީން، އިށީނދެ ވަޑައިގަތީ ކައިރީގައި ހުރި ގޮނޑީގައެވެ. މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެއް ކމުގައި ދަންނަވައި ވަރަށްގިނަ  ވާހަކަތައް މިދެބޭފުޅުންނަށް ދެންނެވީމެވެ. ރަނގަޅަށް ދެބޭފުޅުން ވެސް އައްސަވާށެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް އާދޭހޭ ނުދަންނަވާށެވެ. ގައުމު އިސްލާހުގެ މަގަށް ގެންގޮސް ދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަކޮށް ގެންގުޅުއްވާށެވެ. އަޅުގަނޑުމެން މިގޮތަށް ކެތްކޮށް މަރުވެ، ފަނާވެ ހިނގައިދާނަމެވެ. މިހުރީ ޢިބްރަތް ލިބިގަންނަން ހުރި ފިލާވަޅުތަކެވެ. ކީއްވެތޯއެވެ؟ ގައުމެއްގެ ޤާނޫނުއަސާސީ ހަދަން ރައްޔިތުން ހޮވާފައިތިބި ބަޔަކަށް މިފަދަ އަނިޔާތައް ތިޔަދެއްވަނީއެވެ. ނިކަން ވިސްނާ ވަޑައިގަންނަވާށެވެ. މިކުރާ ތަހްގީގު، އަޅުގަނޑުމެން މިގޮތަށް އެކަހެރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވައި އަނިޔާކޮށް ނުހައްދަވާ ވެސް ކުރެއްވޭނެއެވެ. އެއްގޮތަކަށް ވެސް ކަންތައް ތިޔަކުރައްވާގޮތް ކަމަކުނުދެއެވެ. ފުރަތަމަ ޖަލްސާގައި ޚިޔާލު ތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ވިސްނުނު ގޮތާގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީ ރުޅިވެރިކަމަކަށް ވައްޓާލުމަށް ފަހު، އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިންވެސް ކަނޑާލާފައެވެ. މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ، ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވާފައެވެ. މިއީ އިންސާފު ތޯއެވެ؟ ވަރަށް ރަނގަޅަށް ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތްތައް، ރާއްޖެތެރެއަށް ޝަފީޢު އަރިހުގައިވެސް ދަތުރު ކުރެވިފައި ހުންނާނެއެވެ. ހޯމް މިނިސްޓަރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ ޖުލައި، 26 ގެދުވަސް ވަރެއްގައި އޮންނަ މިންވަރު ރަނގަޅަށް ޝަފީޢުއަށް އެނގި ވަޑައި ގަންނަވާނެއެވެ. އެޓޮލްސް މިނިސްޓަރ އެކުރެއްވި ކަންތަކަކީ، ގާނޫނާއިގަވާޢިދުގެ ދަށުންކުރެއްވި ކަމެއްތޯއެވެ؟ އަޅުގަނޑު ކޯޓަށް ވެއްދީ ގާނޫނު އަސާސީ ވިސްނުމުގައި ޚިޔާލު ތަފާތުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިއާސަތުގައި އިންނެވި ވަގުތީ ރައީސްގެ މައްސަލައެވެ. އެއްގޮތަކަށް ވެސް، ހ.މީނާޒު ޢަބްދުﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ. ޢަބްދުﷲ ޙަމީދަށް އަޅުގަނޑުގެ އިޙްތިރާމް، ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ. ނިކަން ވިދާޅުވެ ދެއްވަ ބައްލަވާށެވެ؟ ކަންތައްތައް މިދަނީހަމަ، 9 ޖޫންގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި، އިސްލާހުތަކާ އެއްގޮތަށް ތޯއެވެ؟ ކޮސްމެޓިކްސް އަށް ނުހައްދަވާށެވެ. ތަމްސީލް ކުޅުއްވަން ނުހައްދަވާށެވެ. ރަނގަޅުގޮތުގައި ރިފޯމަކަށް ވަޑައި ގަންނަވާށެވެ. އިސްލާހު ގެނެވޭނީ އޭރުންނެވެ. އިސްލާހުވާނީވެސް އޭރުންނެވެ. ރައީސް މައުމޫނަކީ، ކަލާނގެކަމަށް ނުބައްލަވާށެވެ. އެއީ ރައްޔިތުންގެ ޚާދިމެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު، އިންސާނީ ވަންތަ ނަޒަރަކުން ބައްލަވާށެވެ. ދައުލަތާ ދެކޮޅު ބާޣީންނަށް ނުހައްދަވާށެވެ. ކަތިލަން ނުހައްދަވާށެވެ. މިގޮޅީގެ ހޫނުގަދަކަމުގެ ވާހަކަ ދެންނެވުމުން، އެނބުރޭ ފަންކާއެއް މެމްބަރުން ތިއްބަވާގޮޅިތަކަށް ލިބޭނެގޮތް ހަމަޖައްސައި ދެވޭތޯ ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދިވެސް އަޅުގަނޑު މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމެވެ. މިކަމުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ ތިޔަބޭފުޅުންނާ އެކު ފެންނަން މިތިބި ގާޑުންތޯއެވެ؟ މިވާހަކަތައް ރައިސް މައުމޫނަށް، އަދި ކެބިނެޓަށް، މަޖިލިސްތަކަށް އިއްވަވައި ދެއްވުމަކީ، އަޅުގަނޑުގެ އިލްތިމާސެކެވެ. ދެންއޮތީ މިދެބޭފުޅުން، މާލެ ވަޑައިގެން، ޓީވީއެމްއާއި ރޭޑިއޯ މެދުވެރިކޮށް މުޅިރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުތަކުގެ ބުރަދަން ބަލައިލުމެވެ. އެކަންތައްތިޔަ އިއްޒަތްތެރި ރައްޔިތުންނަށް އިންސާފުގެ ތިލަފަތުން ވަޒަންކޮށް ލެއްވޭނެއެވެ. އޭކޭއަކީ ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެވެ. 23 އޯގަސްޓް 2004 ވީހޯމަ ދުވަހަކީ ކުޑަގޮޅީގައި އޮންނަތާ، 11 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަންގެ ވަފުދެއް ޖަލުތެރެއަށް ވަޑައިގެން ކުށްވެރިންނާ ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއެވެ. ދެން އެކޮމިޝަނުގެ މެމްބަރު ވަޙީދުއްދީނެވެ. އަދިވެސް އަންހެން ދެބޭފުޅޫން ތިއްބެވިއެވެ. މިބޭފުޅުންގެ ޖަލުތެރޭގެ ހުރިހާހަރަކާތެއް ސިފައިނާއި ފުލުހުން، މޫވީކުރަމުން ގެންދިޔައެވެ. ކުށްވެރީންނާއި ބައްދަލުކޮށް ދެއްކިވާހަކަ ތަކާއެކުގައެވެ. އަޅުގަނޑުގެ ވާހަކަތައް ފެށީއްސެރެ ނިމެންދެން މޫވީކުރިއެވެ. ޑޮކްޓަރ ހަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީއަށް ދައްކާލަން ކުރިކަމެކެވެ! އަޅުގަނޑުގެ ގޮޅި، 17 ނަމްބަރާ ހަމަވުމުން، ދެންނެވީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތް ކޮށްލައްވާހެން ވޭވްކޮށް ލައްވާފައި ތިޔަހެން އެނބުރި ވަޑައި ނުގަންނަވާށެވެ. މިއީ ރާމާމަކުނުތަކެއް ނޫނެވެ. ޚާއްސަ މަޖިލީހަށް ރައްޔިތުން ހޮވާފައިތިބި އިއްޒަތްތެރީންނެވެ. ވިސްނުންހުރި ބުއްދި ލައްވާފައިވާ އިންސާނުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. ދެން ސިފައިން ދޮރުހުޅުވުމުން، މުޖްތަބާއާއިޑީން ގޮޅިތެރެއަށް ވެންނެވިއެވެ. އެހެންބޭފުޅުން ތިއްބެވީ، ދޮރުމަތީގައި ކޮޅަށް ބޭރަށްވާގޮތަށެވެ. ތޭރިލީ ކުޑަދޮރުތެރެއިން މޫވީކުރުން ކުރިޔަށްދާ މަންޒަރު ފެނެއެވެ. އާދެ! 13 އޯގަސްޓްވީ، ކަޅުހުކުރު ދުވަހު ގޭގައި މަޑުންއިންދައި ނެރެގެން ގެންގޮސް، ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ފުށްޖައްސުވާއި ބޭސްކާންދީ، ކޮފީބޯންދީ ފިރުމާހެއްޖަސް، ޙާލުރަނގަޅެއް ނުވާނޭ ދެންނެވީމެވެ. މިގޮތަށް ތިއްބާކޮންމެ ބޭފުޅަކުވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ، މަލާމާތް ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަކަމާމެދު، ޝުކުރު ކުރައްވާށެވެ! އިހަށްދުވަހަކު ދެވަޒީރަކު މިތަނަސް ވަޑައިގެންވެސް ދެއްކެވީ ތިޔަވާހަކައެވެ. ތިޔަގޮތަށް ޖެއްސުންކޮށް މަލާމާތް ނުކުރައްވާށެވެ! މިއީ ހަމަ ކޮސްމެޓިކްސްގެ ދަޅަދެއްކުން ތަކެވެ. އަސްލުގައި ރިފޯމް ގެންނަވަނީއެއް ނޫނެވެ. އަޅުގަނޑު އަދިވެސް މިހުރީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑުވެގެންވާ އަނިޔާގައެވެ. ރައްޔިތުންގެ ޚައްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމާއި ވިސްނޭގޮތާމެދު ޚިޔާލުތަފާތު ވުމާގުޅިގެން، މިހުރީ އަޅުގަނޑުގެ އެންމެބޮޑު ހައްގުންވެސް މަހްރޫމްކޮށް އުނިކޮށް ލައްވާފައެވެ. މިނިސްޓްރީ އޮފް އެޓޮލްސްއިން ރައީސް އޮފީހަށް ލިޔެގެން، އެއޮފީހުން މިމަހު، 8 ވަނަ ދުވަހު އަޅުގަނޑު މިހުރީ ނޯޓިސްދެއްވައި ވަޒީފާއިން ވެސް، ވަރަށްރީތިކޮށް ވަކިކޮށް ލައްވާފައެވެ. ހަމަމިއީ އިންސާނިއްޔަތު ތޯއެވެ؟ އިޖްތިމަޢީ ޢަދާލަތު ތޯއެވެ؟ ވިދާޅުވެ ބައްލަވާށެވެ. އިސްލާހު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލުން ތޯއެވެ؟ ނުވަތަ ވަގުތީ ފިލާވަޅަކަށް ޖައްބާރުން ކަންތައްތައް ކުރާހެން ހައްދަވަން ބޭނުންވަނީ ތޯއެވެ؟ ނޫނީ މިއީ ގާނޫނާއި ގަވައިދު ބުނާގޮތްތޯއެވެ؟ ނިކަން މުޖްތަބާއާއިޑީން ވިދާޅުވެ ދެއްވަބައްލަވާށެވެ! ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ސަރުކާރުން އެޓޮލްސް މިނިސްޓަރުގެ ދެންނެވުމަށް، ނޯޓިސްދެއްވި މައްސަލަ، މުޖްތަބާމެން ތިޔަކޮމިޝަނުން ބައްލަވައި ދެއްވަން ޖެހޭނެއެވެ. ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ނުބެލެވެންޏާ ތިޔަކޮމިޝަނަކީ، ރައީސް މައުމޫނުގެ ރައިޓްސް އާބެހޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެހިކިޔަކިޔާ ހުއްޓާ އެބޭފުޅުން، ގޮޅިން ނުކުމެވަޑައިގެން ހިންގަވައި ގެންފިއެވެ. ދެން ސަލާމް ކުރުމަށް ފަހު، ވަރަށްބޮޑު ޝުކުރިއްޔާއެއް ދެންނެވީމެވެ.

23 އޯގަސްޓް 2004 ވީހޯމަ ދުވަސް މިއަދު، އަޅުގަނޑާ ބައްދަލުކުރީ އީޔޫގެ ބޮޑުވަފުދެކެވެ. މިބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނެރުނީ، ދޫނިދޫ އުނދޯލިގެއަށެވެ. މިވަފުދުގައި ހިމެނެނީ، 3 ފިރިހެނުންނާއި، 2 އަންހެނުންނެވެ. މިއީ ވަރަށްމަތީ ފެންވަރުގެ ބޮޑުޓީމެކެވެ. ތަޢާރުފްވެ ސަލާމްގަލާމް ކުރުމަށް ފަހު، މިވަފުދަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑު ބޭނުންވަނީ، ތިޔަބޭފުޅުންގެ އަރިހުގައި ވަޑައިގެން މިއިންނެވި، ފޮރިންގ މިނިސްޓްރީގެ ބޭފުޅާ އަލްފާޟިލް އަބްދުލްޙަމީދު ޒަކަރިއްޔާ އަޅުގަނޑުގެ ވާހަކަތައް ރަސްމީކޮށް ތަރުޖަމާކޮށް ދެއްވާގޮތަށް މިބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވައި ދެއްވުމަށެވެ. ދެން ހަމަޖެހިގެން ދިޔައީ އެގޮތަށެވެ. އަޅުގަނޑަކީ، ޚާއްސަ މަޖިލީހުގެ، އދ.އަތޮޅުގެ މެމްބަރުކަމާއި، 10 ރަށުގައި މީހުންދިރިއުޅޭ ބޮޑުއަތޮޅެއް ކަމާއި ވަރަށްމަތީ ޕަސެންޓޭޖަކުން އަޅުގަނޑު ހޮވިފައިވާ ކަމުގައި ދެންނެވީމެވެ. ބައެއްރަށްރަށުން ވޯޓުލީ އެންމެންގެ ވޯޓު އަޅުގަނޑަށް ލިބުނެވެ. ދެން މިމަހު، 13 ވީހުކުރު ދުވަހު އަޅުގަނޑުގެ އަމިއްލަގޭގައި އިންދާ ސިފައިންގެ ޖީޕެއްގައި، 5 ބޭކަލުން އައިސް އަޅުގަނޑު ނެރެގެން ގެންގޮސް ކަނުބަނދެ، ދެއަތްފުރަގަހަށް ގަދަކަމުންލާ ހަނގުރާމަމަތީގައި ހިފާހައްޔަރުކުރަން އަޅުވާވައްތަރުގެ ޕްލާސްޓިކް ސްޓްރިޕެއް އަޅުވާއި ބުރަކައްޓާއި މޭމަތީގައި ބާރަށްވިކާ ކުދިގޯނާތައްކޮށް ހަދާއި ހަޑިހުތުރު އެއްޗެހިކިޔައި، އަދި ދަނގަނޑުބޫޓުން ދެފައިގާ ތަޅަމުން ތަޅަމުން ހިންގާހެދިއެވެ. ހިންގާފައި ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން، ޖެއްސުމުގެ ބަސްތައް އިއްވިއެވެ. ދެން އިރުގަނޑަކަށް ފަހު، އަޅުގަނޑަށް ސިފައިންގެ އޮފިސަރެއްކަން އަޑުންފާހަގަވީ އިބްރާހީމް ދީދީއެވެ. އޭނާއަށް އާދޭސް ދެންނެވީމާ މުހެލަދިނުމަށް ފަހު، ދެން ގެންދިޔައީ މައްޗަށެވެ. އިބްރާހީމް ދީދީއަށް، ނުފެނުނުނަމަ، އެހެންމީހުންނަށް ހެދިހެން ހަދާލީއެވެ. މަޖިލީހުގެ މެމްބަރެއްކަން އެނގުނީމާ މައްޗަށް ގެންދިޔައީއެވެ. ފަތިސްވަންދެން މިތާގާއި ގެންގުޅެފައި، ދެން ގެންގޮސްލީ ދޫނިދޫކުޑަ ގޮޅިއަށެވެ. ދޫނިދޫ ކުޑަގޮޅީގައި ހައްޔަރުކުރި ގޮތަށް އަދިވެސް މިހުންނަނީ، 24 ގަޑިއިރު ބަންދުކޮށްފައެވެ. މިރަށަށް ބަދަލުކުރިފަހުން ހަށިގަނޑަށް ގެއްލުންވާގޮތަށް ބޭރުފުށުން ތަޅާލާނުހަދައެވެ. ކަނުބަނދެ ގައިގާޖަހާ ހަދާފައެއް އަދިއެއް ނެތެވެ. އެހެނަސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް އަނިޔާގައިކަމަށް ދެންނެވީމެވެ. އަދި ގަލަން، ފަންސޫރު، ކަރުދާސް، ފޮތް ފަދަ ތަކެތި ނުލިބޭކަމާއި ރޭޑިއޯއެއްވެސް ނުލިބޭކަމުގައި ދެންނެވީމެވެ. ސަރުކާރުން ކުރައްވަމުންދާ އެއްވެސް ކަމެއް، ނާންގަވާކަމަށާއި އެހެނަސް ގާނޫނުއަސާސީގެ ދަށުން އަޅުގަނޑު ކޮށްގެން މިހިރަ ހުވާ ދަމަހައްޓައި ދޭންމަޖްބޫރެވެ. އެހެނަސް ސިފައިން އެހުވަޔަށް ޢަމަލުކުރިއަކަ ނުދެއެވެ. ހުރަސް އަޅަނީއެވެ. ގާނޫނު އަސާސީއާ ޚިލާފަށެވެ. އެސުވާލު ކުރުމުންބުނަނީ، ގާނޫނަކުން ބާރުލިބިގެން މިގޮތަށް މިކަންކުރަނީ ކަމަށެވެ. އަސާސީއަށް ވުރެގާނޫނުގެ ބާރުމާގަދައެވެ. މިހުންނަ ގޮޅީގައި އެއްގޮތަކަށް ވެސް ކަސްރަތު ނުކުރެވެއެވެ. ވައިދައުރުވާލެއް ވަރަށްދަށެވެ. ބައެއްފަހަރު، އުނދަގޫވެ ނޭވާހާސްވާ ގޮތްވެއެވެ. ގޮޅިތެރޭގައި ވަސްނުބައި ވެއެވެ. ހިލައިގެ ޒަމާނުގައި ނުވަތަ ސްޓޯންއޭޖްގައި މީހުން ފެންވެރިގޮތަށް ފެންވަރާން ޖެހެއެވެ. އަދި ފާޚާނާކުރަން އުސްތައްޓެއް ބަހައްޓާފައި ގޮޅިތެރޭގައި ކުޑަފާޚާނާއެއް ކަހަލަ ތަންކޮޅެއް ހުރެއެވެ. ފެންއިސްކުރުގައި ހުންނަނީ ލޮނުފެނެވެ. ދުވަނީނުބައި ވަހެވެ. ރީތިފެނުގެ ދެނީއެންމެ ކުޑަހަމެކެވެ. ބުއިމާއި ހުރިހާކަމެއް ކުރަންޖެހެނީ އެހަމުގެ ފެނުންނެވެ. މިގައުމުގެ ގާނޫނު އަސާސިހަދާ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ސިޔާސީލީޑަރުން ތިބެންޖެހޭ ގޮތަކީ މިއީ ކަމުގައި ދެންނެވީމެވެ. މިއަށްވުރެ މަރާލުންވެސް މާރަނގަޅު ވާނެކަމުގައި ދެންނެވީމެވެ. ގޮޅީތެރޭގައި ވައިދައުރުވާނެ ގޮތެއް ނުހުރެއެވެ. 24 ގަޑިއިރު ހުންނަނީ ތަޅުލާފައެވެ. ނާމާން ބިރުވެރި ތަނެކެވެ. މީހަކައި އަނގައިން ނުބުނެވެއެވެ. ފޯރިއަށްތިބޭ ގާޑުންނައި އަނގައިންބުނުން ވެސް މަނަލެވެ. އެކިވަފުދުތަކާ ބައްދަލުކުރުމަށް ބޭރަށް، އަދި ތަޙްޤީޤަށް ނެރޭއިރު ހިނގަންޖެހޭމަގާއި އަޅަންޖެހޭ ފިޔަވަޅު އަޅާނެތަންވެސް ގާޑުންގެ އިޝާރާތުން ދައްކާހަދައެވެ. އެނޫންގޮތެއް ހަދައިފިނަމަ، އަދަބުދެއެވެ. މިހާވެސް ބޮޑަށް ހައްގުތައްވަނީ ނިގުޅައިގެންފައެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ފަންސޫރެއް، ނޯޓްފޮތެއް ނުލިބެއެވެ. އާއިލާއާ، އަދި ބައްދަލެއް ނުވެއެވެ. ކުޑަކުޑަދެކުދިން، 2 އަހަރާއި، 4 އަހަރުގެ ތިބެއެވެ. ކުޑަމަންޖެގެ އުފަންދުވަސް އައުމުން ފޯނުކޯލެއް ދިނުމަށް އެދުނީމާވެސް ނުދިނެވެ. މިޒާތުގެ ހިތަށް އަސަރުކުރާ ކަހަލަ ބައިވަރު އަނިޔާތަކެއް ކުރެއެވެ. މިގޮތަށް ޓްރީޓްކުރަމުން މިގެންދަނީ ދިވެހި ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކަށެވެ. އެތައް މެމްބަރުންނެއް ގޮޅިތަކުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ. އެމީހުންނަށް ރައްޔިތުން ވޯޓުދީގެން ހަވާލުކޮށްފައިވާ ބޮޑުޒިންމާތައް ވަނީ ނިގުޅައި ގެންފައެވެ. ގާނޫނު އަސާސީއާއި ގަވާއިދުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ވެސް ޚިލާފަށެވެ. ރައްޔިތުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިތިބޭ މިފެންވަރުގެ ސިޔާސީ ލީޑަރުންނަށް ލިބިދޭންޖެހޭ އެއްވެސް ހައްގެއް ނުލިބެއެވެ. ގާނޫނުހަދާ މަޖިލީހުގައި ވާނުވާއެއް ނާންގައެވެ. މިކަމާ ވީހާއަވަހަށް ތިޔަބޭފުޅުން ގަދައަޅާ މަސައްކަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑުމެންގެ ހައްގުތައް ލިބިދިނުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުން ވަރަށް ބޮޑަށްއެދެމެވެ. ސްޓޭޓް އޮފް އިމަޖެންސީ، ކުއްލި ނިރައްކަލުގެ ހާލަތު އަދިވެސް އޮތީ ހިންގާފައެވެ. ހުރިހާ އަސާސީ ހައްގުތަކަކާއި ވާޖިބުތަކެއް ވަނީ، ވެރިމީހާގެ މުށުތެރެއަށްލާއި ބަންދުކޮށްލާފައެވެ. ވަކީލުންގެ ބޭނުންހިފުންވެސް ވަނީ މީގެތެރެއިން މަނާވެފައެވެ. ކުޑަކުދިންގެ ފަހަތުން ސިފައިން ދުވެހަދައިގެން އަތުލައިގަނެގެން ގެނެސް ޖަލަށްލާއި ކަނުބަނދެ އަނިޔާކޮށް ހަދާފައި އެބަހުއްޓެވެ. އަންހެން ކުދިންނަށް ޖިންސީގޮތުން ހާނީއްކަކޮށްފައި އެބަހުއްޓެވެ. އަނދިރީގައި ތުންފަތުގައި ސިއްރު ގުނަވަންތައް ކާއްތާފައި އެބަހުއްޓެވެ. ފިރިހެން ޒުވާނުންގެ ކުރިމަތި ފަރާތުގައި ހިފާފައި ތަޅުވަމުން، އަބްދުﷲ ޙަމީދު އިސްތިއުފާއޭ ކިޔާފައި މަލާމާތް ކޮށްފައި އެބަހުއްޓެވެ. މިކަންކުރީ ހއ.އަތޮޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓަކަށެވެ. ސިަފއިންގެ އަޚްލާޤީމިންގަޑަކީ މިއީއެވެ. އަޅުގަނޑުމެން ހައިރާންވީމެވެ. މާމަގެއަށް، 13 ވަނަ ދުވަހުދިޔަ ކުޑަދެކުއްޖަކު މަގުމަތިން އަތުލައިގަނެގެން ތަޅާއިއަނިޔާކޮށް ހަދާއި ގިރިފުއްޓަށް ކަނުބަނދެގެން ގެންގޮސްފައި ވެއެވެ. ކަނުބަނދެ އަތުގައި ބިޑިއަޅުވައިގެން ކަނޑުދަތުރު ކުރުމަކީ، ބައިނަލް އަގްވާމީ ކަނޑު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން މުޅިންމަނާ ކަމެކެވެ. ކަނުބަނދެގެން ކަނޑުމަތީގައި ގިނައިރު އަންހެންކުދިން ރޭގަނޑު ގެންގުޅުނީ، ޖިންސީގޮތުން އެކުދިންނަށް ހާނީއްކަކުރާށެވެ. މިމީސްމީހުންގެ އާއިލާތަކަށް އަދި ވާނުވާއެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ސަރުކާރުގެ ގައުމީ ޓީވީން ގޮވަނީ، ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކޮށްގެން އުޅޭބައެއްގެ ގޮތުގައެވެ. ޝައިޚް ޢުޘްމާނުމެން ކަހަލަ ދީނީޝައިޚުން ލައްވާ، ބާޣީންނަކީ މަރަންޖެހޭނެ ބައެއްގެ ފަތުވާވެސް ނެރުވާހަދަނީއެވެ. ގޭގައިތިބި އާއިލާތައް ބިރުގަންނަވަނީއެވެ. ޓިވީއަށްއަރާ ބައެއްދަންނަ ބޭކަލުން ނިޔާކަނޑައަޅާއި ޙުކުމްތަކާއި ޢުޤޫބާތްތައް ވެސް ކިޔައިދީފައިވާ ޚަބަރު ޖަލށްް ލިބިފައި އެބަހުއްޓެވެ. މިޝައިޚުންނަކީ ސަރުކާރަށް ބޯލަނބާ ޝައިޚުންނެވެ. މިރެޖީމުގެ އެޖެންޓުންނެވެ. މިކަންމިކުރަނީ އަޅުގަނޑުމެންގެ އާއިލާތައް ނަފްސާނީގޮތުން ބަލިޖައްސާއި ބިރުގެންނެވުމަށެވެ. އެހެންވުމުން ހިފޭއްޓިފައި ހުރިހައްގުތައް ވީހާއަވަހަށް ރައްޔިތުންނަށް މިނިވަން ކަމާއެކުގައި ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ ތިޔަ ޔުނިއަންގެ މަސައްކަތެއް ކަމުގައި ވީހާއަވަހަށް ހައްދަވާށެވެ. މުޅިމިކަމަށް ޖުމްލަގޮތެއްގައި ހައްލެއް ހޯއްދަވައި ދެއްވުމަށް ތިޔަ ޔުނިއަންގެ ފަރާތުން ލަސް ނުކުރައްވައި ކުރައްވަންޖެހޭ މަސައްކަތްތައް ފައްޓަވައި ދެއްވާށެވެ. ރާއްޖޭގެ އެތައް އާއިލާތަކެއް ޖަލުގައި ހަލާކުވެ މިދަނީ ތިޔަބޭފުޅުންގެ ލޯމަތީގައެވެ. މިކަމާ ވިސްނަވާށެވެ. ހައްލެއް ގެނެސް ދެއްވާށެވެ.

މީގެކުރިން، 1990 ވަނަ އަހަރު މިރެޖީމުން ކަންތައް ކޮށްފައިހުރީ ވަރަށް ގޯސްކޮށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ވަރަށް ލާއިންސާނީ ކޮށެވެ. ހަމައެއް ލަމައެއް ނެތިއެވެ. ޖަލުގެ ކުޑަގޮޅިއަށް ވެއްދިގޮތަށް ނުނެރެކުޑަ ގޮޅީގައި ބައިތިއްބައިގެން ޙުކުމް އިއްވައި ކޯޓުން ޝަރީޢަތް ނިންމާއި ދެން ވެސް ކުޑަގޮޅިގައި އެތައް ޒަމާނެއް ވަންދެން އަނިޔާގައި ބޭތިއްބީއެވެ. ނަސީބުގަދަ މީހުން ސިކުނޑި ހަލާކުނުވެ ތިބީއެވެ. އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ސިކުނޑިގޯސްވެ ބޯގޮވި މީހުން މިހާރުވެސް ދުނިޔޭގައި ފެންނަން އެބަތިއްބެވެ. މިފަހަރު އެހެންވިޔަ ނުދެއްވުންއޮތީ ތިޔަޔުނިއަނުން ކުރައްވާ މަސައްކަތުގެ ނަތިޖާގައެވެ. އަޅުގަނޑުމެން މިނިވަންވުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން އަތުގައެވެ. ތިހާދުރުން، ތިހާމަތީ ފެންވަރުގެ ޔޫނިއަނަކުން ތިހާމަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑާ ބައްދަލު ކުރެއްވީތީ އެކަމަކީ، އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކާއި ޝަރަފެއްކަން އަބަދުވެސް ހަނދާން ކުރާނަމެވެ. މާދަމާ ނުވަތަ އަނެއްދުވަހު، އާއިލާއާ ފުރަތަމަ ފަހަރަށް ބައްދަލުވާނެ ކަމުގެ އުންމީދު ކުރެވެއެވެ. އަންހެނުން ފެންނާނެއެވެ. އެހެނަސް އެބައްދަލު ވުމަށްވުރެ، ތިޔަބޭފުޅުންގެ މިބައްދަލުވުން އަޅުގަނޑަށް މާބޮޑަށް އުފާކުރުވައި ފިއެވެ. އަޅުގަނޑަކީ ޔުނިވަރސިޓީން ގްރޭޖްއޭޓްވެގެން ރާއްޖެއައި ގޮތަށް، ރާއްޖޭގައި ސިޔާސީ އިސްލާހުތައް ގެނެސް ރިފޯމަށް ގަދައަޅާ މަސައްކަތްކުރާ މީހެކެވެ. 1994 ގައިވެސް ސިޔާސީޕާޓީއެއް ހެދޭތޯ އަންނިއާއި ކަޅުހުރާގޭ މުޙައްމަދު ލަޠީފާއެކު ގުޅިގެން މަސައްކަތްތަކެއް ކުރިމީހެކެވެ. އެދުވަސް ވަރަކީ، މިހާރު ބޭނުންކުރަމުން މިގެންދާ ގާނޫނު އަސާސީ އިސްލާހުކުރަމުން ގެންދިޔަ ދުވަސްވަރެވެ. މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނާ ހަމައަށް ރަސްމީކޮށް ސިޓީއަކުން، އަޅުގަނޑު ގެންދިޔުމުން، ދެއްވީ ރަނގަޅުރީތި ޖަވާބެކެވެ. އަދި އޭގެފަހުން، 2001 ވަނަ އަހަރު، 42 މީހުންނާ ގުޅިގެން އެމްޑިޕީގެ ނަމުގައި ރާއްޖޭގައި ސިޔާސިޕާޓީއެއް ރަޖިސްޓަރީ ކުރެވޭތޯ މަސައްކަތް ކުރީމެވެ. ގާނޫނު އަސާސީ އެކަމަށް ހުއްދަދޭތީއެވެ. އެހެނަސް ދިވެހި ފަސްގަނޑުގައި އެކަންވަނީ އަދިވެސް ނުކުރެވިފައެވެ. އަޅުގަނޑުމެން ދެކެ، ސަރުކާރުން މިހާރުޅި އަންނަނީ ސިޔާސީޕާޓީއެއް ގާނޫނީ ގޮތުން އުފައްދަން މަސައްކަތް ކުރާތީއެވެ. އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު މިކަމަށް މަސައްކަތް ކުރާނަމެވެ. “އައި އެމްއަ ރިފޯމަރ” އާއި “އައި ވިލް ޑައި ފޯ ޑިމޮކްރަސީ” އާއި “ލޯންގ ލިވް ޑިމޮކްރަސީ” އާއި “އަހަންނަކީ ސިޔާސީ މީހެއް… ޅެންވެރިއެއް ނޫން” މިހިރީ އަޅުގަނޑުގެ ސިޔާސީ ކެންޕޭންތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންކުރި މޮޓޯތަކެވެ. ޒުވާނުންގެ ތަރުހީބު ވަރަށްބޮޑަށް ލިބުނެވެ. އެންމެންވެސް މިފަދަ މަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށް އަބަދުވެސް އެކަކަށް ވެރިކަމުގައި ނުހުރެވޭ ގޮތްވާން ބޭނުން ވެއެވެ. ވެރިކަމަކީ، ދައުރުވާ އެއްޗަކަށް ބަދަލުކުރަން ބޭނުންވެއެވެ. ވީމާ މިނުކުތާތަކަށް، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޔޫނިއަނުން ވަރަށް އިސް ނަންގަވައިގެން ވިސްނެވުމަށް އަދޭހާއެކު ކުޑަގޮޅީގެ އަނިޔާގައި އޮވެގެން ގޮވާލަމެވެ. ދެން ތިޔަބޭފުޅުންނަށް އީޔޫގެ ފަރާތުން އަޅުގަނޑުމެން ފަދަ، ޖަލުގައި ތިބި ސިޔާސީ މީހުންނަށް ކޮށްދެއްވޭނީ ކޮންކަމެއްތޯ ދަންނަވައި ސުވާލުކުރުމުން، ވަފުދގެ ބޭފުޅުން ވިދާޅުވެ ދެއްވީ، ތިޔައީ ވަރަށް ރަނގަޅު ސުވާލެއް ކަމަށެވެ. ރާއްޖޭގައި މިހާރު ހިންގާފައި މިއޮތް އިމަޖެންސީ ހާލަތު، ސްޓޭޓް އޮފް އިމަޖެންސީ، ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ވީހާއަވަހަށް ނެގުމަށާއި ގާނޫނު އަސާސީ އެކުގައި ފުރިހަމަކޮށް ރައްޔިތުންނަށް އަމަލު ކުރުމަށް އަނބުރާ ގެނެސްދިނުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ވަފުދުގެ ބޭފުޅުން، އަޅުގަނޑަށް ޔަގީންކަން ދެއްވަމުން، ވަރަށް ހިތްވަރު ކުރެއްވުމަށް ވިދާޅުވެ ދެއްވިއެވެ. މިހާހިސާބުން މިބައްދަލުވުން ސަލާމްގަލާމްކޮށް ނިންމަލީއެވެ. މިއީ ވަރަށް ފުރިހަމަ ބައްދަލު ވުމެކެވެ. އަޅުގަނޑު ވަރަށްއުފާވި ބައްދަލު ވުމެކެވެ. ނިމުނީ ގާތްގަނޑަކަށް، ގަޑިއެއްހާ އިރުވެފައެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން މާދިގުދެމިގެން ދިޔައީއެވެ. އެބޭފުޅުން ގިނަވާހަކަތައް  ނޯޓުކުރެއްވިއެވެ. އަބްދުލް ޙަމީދު ޒަކަރިއްޔާގެ ތަރްޖަމާ ކުރެއްވުން ވަރަށް ފުރިހަމައެވެ. އެއްގޮތަކަށް ވެސް އުނިބައިރަކެއް ނާދެއެވެ. ޖަލުން ނުކުމެ އޭނާއަށް އަޅުގަނޑު ޝުކުރުވެރިވާން ޖެހެއެވެ. ވަފުދުގައި ތިއްބެވި އަންހެން ދެމަންދޫބުން ވަރަށް ޝައުޤުވެރި ކަމާއެކު ސުވާލުކޮށް ވާހަކަތަކުގައި ބައިވެރިވެ ހެއްދެވިއެވެ. ކުޑަދެކުދިންގެ ވާހަކަތަކާއި އާއިލާގެ ވާހަކަތަކުގައި ޚައްސަކަމެއް ދެއްވިއެވެ. މިބައްދަލުމުވުގެ ވިސްނުމާއި ޚިޔާލުތައް އެނބުރިއެނބުރި ރޭގަނޑުއެއްކޮށް ދިޔައީ ނިދުމެއް ނެތިއެވެ. ފަތިސްނަމާދާ ހަމައަށް ދާންދެން ހޭލާއިންނަން ޖެހުނެވެ.

4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ކުޑަގޮޅިގައި އިންނަތާ، 23 ވަނަ ދުވަހު ހަވީރު، ވަގުތެއްގައި ޖަސްޓިސް މިނިސްޓްރީގައި އޮންނަ، އެމިނިސްޓްރީގެ ދެބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ދެބޭފުޅުން ހިމެނޭ ޓީމެއް އަޅުގަނޑާ ބައްދަލުކުރިއެވެ. މިބޭފުޅުން ވަޑައިގަތީ ޖަލުތެރެއަށެވެ. އަޅުގަނޑު ބޭރަށް ނެރުނީކީ ނޫނެވެ. މިޓީމުގައި ތިއްބެވީ، ގާޒީ އާދަމް ސަޢީދު މޫސާއާއި އިސްގާޒި ޙުސައިން ރަޝީދު ތުޅާދޫއާއި ތ.އަތޮޅު މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއާ، މިހަތަރު ބޭފުޅުންނެވެ. ޖުމްލަކޮށް ދެކެވުނީ ހަމަ އެއްވާހަކަ ތަކެކެވެ. ކަނުބަނދެފައި ހަތަރެސްފައިގާ ބިޑިއަޅުވާއި ރަނގަޅަށް ތަޅާލުމަށް ފަހު، ދެންކޮން ހާލެއްބައްލަވަން ތޯއެވެ؟ އަދިވެސް މިތިބީ ބޮޑެތިއަނިޔާގައޭ ދެންނެވީމެވެ. އަޅޔުގަނޑު މެންގެ އެތައް ހައްގުތަކެއްވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހަދަނީ ހަދާނެގޮތެކެވެ. ބާރުތައްހުރީ ވެރިމީހާގެ މުށުތެރޭގައެވެ. މިވަފުދުގެ ބޭފުޅުން ވިދާޅުވީ، ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ބޭސް ފަރުވާ ހަމަޖެހިފައި ހުރީ ރަނަގަޅަށްތޯ އެކަންޏެވެ. އަޅުގަނޑު ދެންނެވީމެވެ. ނަފްސާނީ ގޮތުނާއި ޖިސްމާނީ ގޮތުން މިއަނިޔާތަށް ލިބެމުން ދާހާހިނދަކު ރަނގަޅަށް ކައި ރަނގަޅަށް ބޮއި ރަނގަލަށް ނުނިދޭނެއެވެ. ފުރަތަމަ ކަންތައް ފުރަތަމަ އިސްކުރައްވާށެވެ. އެހެންނޫނީ ވާހަކަދައްކައި އަނެއްކާ އިތުރު، އެނަރޖީތަކެއް ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. ތިއީ އާދަކާދައަކަށް ހައްދަވައިގެން ހިންގަވާ ކަމެއްތޯއެވެ. އަޅުގަނޑު މެންނަށް ކަމެއްކޮށް ނުދެވެންޏާ އިތުރަށް އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދާކަށް ބޭނުމެއް ނޫނެވެ. މިތަނުން އަވަހަށް ވަޑައިގަންނަވާށެވެ. ފުރަތަމަ ޖަސްޓިސް ސިސްޓަމް ސަރުކާރުގެ ނުފޫޒުތަކުން އެއްފަރާތްކޮށް، އިންސާފުވެރިތާކަށް ހެއްދެވޭތޯ ބައްލަވާށެވެ. ޝުކުރިއްޔާއެވެ!

20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ކުޑަގޮޅީގައި ހުންނަތާ، 39 ވަނަ ދުވަހު، ބޭރުބޭފުޅަކު ވަޑައިގަންނަވައި ގެން ބައްދަލުކުރުމަށް ނެރުނެވެ. ނެރުނީ ދޫނިދޫ އުނދޯލިގެއަށެވެ. މިބޭފުލާއަކީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މިސްޓަރ ޖޭމްސް އެވެ. މީނާ ވަޑައިގަތީ ގިނިކަންޏާއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. ސަލާމްކޮށް ތަޢަރުފްވުމަށް ފަހު، ވިދާޅުވީ މާލޭގައި ބޭއްވި އެމެރިކަން ފެއާރ އަކަށް އައިސް ތިޔައިއްޒަތް ތެރިންނާ ބައްދަލުވެލުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވިމާ ވަޑައިގަތީ ކަމަށެވެ. އަޅުގަނޑު ގާތުން، ޖަލަށް ގެނެވުނީ ކޮންތާކުންތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ޖަލަށް ގެނައީ އަމިއްލަ ގޭގައި އިންދާ، 13 ވަނަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ. މުޅިސްޓޯރީ އަނިޔާކުރި ވާހަކައާއި އެހެންމީހުންނަށް ސިފައިންކުރި އަނިޔާތަކުގެ ވާހަކައާއި ޖަލުގައި ކަންތައްތައް ހުރިގޮތުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދިނީމެވެ. އާދެ! އީޔޫ ވަފުދަށް ކިޔައިދިން ހުރިހާވާހަކަ ތަކެއް މިސްޓަރ ޖޭމްސް އަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ސަރުކާރުގެ ވަޒީފާއިން ނޯޓިސް ދީފައި ވަކިކޮށްލި ސަބަބާއި އެކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދިނީމެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކަންތައް ވީގޮތް، ޖޭމްސް ތަފްސީލުކޮށް އައްސަވައި އޮޅުން ފިލުއްވިއެވެ. ހުރިހާކަމެއް ހިނގާދިޔަގޮތް އަޅުގަނޑު ކިޔައިދިނީމެވެ. މިހުރިހާވާހަކަ ތަކެއް އައްސަވާފައި އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. އަދި އިއްޒަތްތެރި އެމްބެސެޑަރަށް މިވާހަކަތައް ތަފްސީލުކޮށް ކިޔައި ދެއްވާނެކަމަށް ވިދާޅުވިއެވެ. ދެން ތިމަންނާ ކޮށްދޭނީ ކޮންކަމެއްތޯ އަޅުގަނޑާ ސުވާލުކޮށް އެއްސެވުމުން، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ ރިފޯމްގެ މަސައްކަތް މިނިވަން ކަމާއެކު، ރާއްޖޭގައި ކުރެވޭނެގޮތް ރާވައިދީ، އަޅުގަނޑުމެން ވީހާއަވަހަށް މިނިވަންކޮށް ދިނުމަށް، އެމެރިކާ ސަރުކާރުން، ދިވެހި ސަރުގައި ދަންނަވައި ދިނުމަށް އެދުނީމެވެ. މިވާހަކަތައް ނޯޓުކުރައްވައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ދެއްވިއެވެ. މިދިޔަ އަހަރުގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަހަރީ ރިޕޯޓް އަޅުގަނޑު ދުށްކަމަށާއި އެމެރިކާ ކުރަމުން ގެންދާ އަގުހުރި މަސައްކަތްތަކަށް ސާބަހާއި ޝުކުރު ދެންނެވީމެވެ. ވާހަކަތައް މިހާހިސާބަސް ދިއުމުން ޖޭމްސްގެ ޖީބުން އޭނާގެ ވިޒިޓިންކާޑް ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަން ވުމުން އޭނާއާ ބައްދަލު ކުރުމަށް އެދި ވަޑައިގަތެވެ. ނަސީބަކުން، ސިފައިން މިކާޑް އަތުލަން ޚިޔާލެއް ނުކުރިއެވެ. މިބައްދަލުން ނިންމާލީ މިހާ ހިސާބުންނެވެ. މިއަދަކީ ވެސް އަޅުގަނޑު ވަރަށް އުފާވިދުވަހެކެވެ.

22 ސެޕްޓެމްބަރ 2004 ވީބުދަދުވަސް، ކުޑަގޮޅީގައި އިންނަތާ، 41 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޓީމެއް އަޅުގަނޑާ ބައްދަލު ކުރުމަށް ޖަލަށް އައެވެ. މިބައްދަލުވުން އޮތީ ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ. ވަޑައިގެން ތިއްބެވީ، މަޑުލު ވަހީދާއި އަންހެން ބޭފުޅަކާ، އަދި މުޢްތަޞިމް ޢަދްނާނެވެ. މިފަހަރު މުޖްތަބާ ވަޑައެއް ނުގަނެއެވެ. ދެކެވުނީ ތަކްރާރުކޮށް ހަމައެއް ވާހަކަތަކެކެވެ. އަދި ވެސް ވަކިޚާއްސަ ބަދަލެއް ނާންނަކަމަށާއި މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޓޯޗާގައި ކަމަށާއި ނޫސް މަޖައްލާ ފަދަތަކެތި އަދިވެސް ނުލިބޭކަމަށް ދެންނެވީމެވެ. ކުރީދުވަހު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މިބޭފުޅުން ވިދާޅުވިއެވެ. ކުރީގެ ބައްދަލުވުމަށް މަހެއްވުމާ ގުޅިގެން ހާލުބަލައިލަން އަނެއްކާވެސް ބައްދަލުވެލާއި ވާހަކަ ދައްކާލަން ވަޑައިގަތީ މިކަމުން ވެސް ތިޔަބޭފުޅުން ހިތްހަމަ ޖެހޭނެތީކަމަށް ވިދާޅުވިއެވެ. މިބުރުގައި ވަރަށްގިނަ ގައިދީންނާ ބައްދަލު ކުރިއެވެ. ފަހަރަކު މީހަކު ނެރޭތަން ފެނުނެވެ.

5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހެވެ. ކުޑަގޮޅިގައި އޮންނަތާ، 54 ވަނަ ދުވަހު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި އޮންނަ ޖަލުގެ ހާލަތު ބަލަހައްޓާ ރިޔާސީކޮމެޓީގެ ބޭފުޅުންނައި ބައްދަލުވިއެވެ. އުނދޯލިގެއަށް ނެރުނީ ވަރަށް ހަވީރުވެފައި ހުއްޓައެވެ. ތިއްބެވީ، އާދަމް ސަޢީދު މޫސާއާއި ގާޒީ ޢަބްދުﷲ ޢަރީފާއި ތ.މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއެވެ. މިއަދު ވާހަކަދެއްކީ އާދަމް ސަޢީދުމޫސާ އެކަންޏެވެ. އެހެންއެންމެން ތިބީމަޑުންނެވެ. ބަހެއްނުބުނެއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއްވާހަކަ އެކެވެ. ނޯޓުކުރެއްވީ ވެސް އާދަމް ސަޢީދު އެކަންޏެވެ. އަޅުގަނޑަށް ލިބިފައިހުރި އަނިޔާތަކުގެ ސަބަބުން ވާއަތުފައި ދުޅަވެފައިވާ ވާހަކަ ފައި ދައްކާހަދާފައި ދެންނެވީމެވެ. އޭރުދުޅަކަން ފެންނަން ހުއްޓެވެ. ބުރަކަށީގައި ގޮއްމުށްކަވާފައި ދެއަތުގެ ބަނޑުފުށުން އަޅާވިހެލާފައި ކޮށްޕާލި އެތިފަހަރުގެ ސަބަބުން، އެދިމާލުގައި ރިބްސްތައް އައިސް މައިބަދައިގެ ދެފާތުގައި ބައްދަލުވާ ހިސާބުގައި މައިބަދައާއެކު އެދިމާލުގައި ތަދުވަނީ ޑޮކްޓަރ ޝަކީލް ބުނުއްވާ ގޮތުންވިއްޔާ އެދިމާއިން ނާރެއް ފިތޭތީކަމުގައި ދެންނެވީމެވެ. އަދި ފައިދުޅަވެ ފަޔަށް ދުޅަވެތަދުވަނީ މިކަމާހެދިގެން ކަމަށް ޑޮކްޓަރ ޝަކީލް ބުނުއްވައެވެ. މިވާހަތައް ކިޔައިދިނުމުން އަޑުއަހަން ތިއްބެވީއެވެ. މިކަހަލަ އަނިޔާތައްކޮށް ހޭއަރުވާލުމަށް ފަހު، ހާލު ބައްލަވަންށޭ ކިޔާފައި ވަފުދުތައް ފޮނުވުމުގެ ބޭނުމެއް ނެތެވެ. އަދިވެސް މިހުންނަނީ ކުޑަ ގޮޅީގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތިވޭނާއި އަނިޔާތަކުގައި ކަމަށް ދެންނެވީމެވެ. ކަމެއްކޮށް ދެއްވަންޏާ މިއަނިޔާތަކުން އަވަހަށް ސަލާމަތް ކޮށްދޭށެވެ. ނުވަތަ އެކަމަށް ބާރުއަޅާއި މަސައްކަތް ކޮށްދޭށެވެ. ދެން ގާޒީޢަރީފު ފެނުމުން، ހަދާންވާ ވާހަކައެއް ދަންނަވާ ލާނަމޭ ދެންނެވީމެވެ. ދާދިފަހުން ޖިނާއީކޯޓުގައި ހިންގެވި މައްސަލައެއް އަޑުއެހުމަށް ދެފަހަރަކު އަޅުގަނޑު އެކޯޓަށް ވަނީމެވެ. އެއިން އެއްދުވަހަކީ، ރައްޔިތުން ޖަސްޓިސް ބިލްޑިންގ ދޮށަށް މީހުންއެއްވި ދުވަހެވެ. އެދުވަހު ހިނގަމުންދިޔަ ޝަރީޢަތަކީ ޝައިޚް ފަރީދާއި އޭނާގެ ހައެއްކަ އެކުވެރިންގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާއެއްގެ އަޑުއެހުމެވެ. މިދެދުވަހު އޮތީ، އެކަމެއް ހިނގިއިރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަންހުރި ކުޑަކުއްޖެއްގެ ބަޔާނެއް އިއްވުމާއި އެބަޔާން ނެގި ސިފައިންގެ އޮފިސަރުންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. އަޑުއަހަންވަދެ ތިބި، 12 ވަރަކަށް މީހުންނެވެސް މިގޮތަށް މިވާހަކައަށް އެއްބަސްވެ އިއްތިފާގުވެއެވެ. އެހާފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް މިހާދިގުލައިގެން ގޮސްފައިވާތީއެވެ. މިހާރުވަނީ އެކުޑަކުއްޖާ ބޮޑުމީހަކަށް ވެފައެވެ. ކަންހިނގިތާ އެތައް ދުވަހެއް ވެފައެވެ. އަޅުގަނޑަކީ، އިއްޒަތްތެރި ގާޒީނަމަ މިހާހިސާބުން ފާޅުވެ އެނގުނު ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް އެކުއްޖާއަތުން ހޯދާފައިއެވާ ބަޔާނަކީ ބާތިލް އިއުތިރާފެއް ކމުގައި ނިޔާކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށް ލައިފީމުހެވެ. އެކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިގުދެންމީމާ ބަދުނާމުވާނީ ސަރުކާރެވެ. މިވާހަކަތަކަށް ފަހު، މިބައްދަލުމުން ނިންމާލީއެވެ. ގާޒީ ޢަބްދުﷲ ޢަރީފް ބަސްފުޅެއް ވިދާޅުނުވެ، ވަރަށް ސީރިއަސްކޮށް ފިކުރު ކުރެއްވުމުގައި އަޑުއައްސަވަން އިންނެވިއެވެ.

6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ކުޑަގޮޅިގައި އޮންނަތާ، 55 ވަނަ ދުވަހު، ބޭރަށް ނެރުނީ ކޮޅުބުގައި ހުންނަވާ އެމެރިކާ ސަފީރު ދޫނިދޫއަށްް ވަޑައިގަތުމުން އޭނާއާ ބައްދަލުވުމަށެވެ. އުނދޯލިގޭގައި ހުންނަ ސޯފާސެޓަށެވެ. އިއްޒަތްތެރި ސަފީރާއެކު ވަޑައިގެން އިންނެވީ އޭނާގެ އަންހެން ސެކްރެޓަރީއެވެ. ދެން އިންނެވީ ސިފައިންގެ ފަރާތުން އިންނެވި، އަބްދުﷲ ރިޔާޒު އެކަންޏެވެ. އެތިން މީހުންނާ އަޅުގަނޑު އެކަންޏެވެ. އަދި ރިޔާޒާނުލާ ވަކިން އެކަހެރިކޮށް އެމްބެސެޑަރާއެކު ވަގުތުކޮޅެއް ދެއްވާނެކަމަށް ފެށުމުގެ ކުރިން ރިޔާޒު ވިދާޅުވެ ދެއްވިއެވެ. ތަޢާރުފް ވުމަށްފަހު، ވާހަކަތައް ފަށައިގެން ކުރިޔަށް ގެންދެވުނެވެ. މިސްޓަރ ޖޭމްސް އާއި އީޔޫގެ ވަފުދާއި ވެސް ބައްދަލުވިކަމާއި މިސްޓަރ ޖޭމްސް އަށް ހުރިހާ ވާހަކަތަކެއް ވާނީވަރަށް ތަފްސީލުކޮށް ކިޔައިދީފައި ކަމަށް އަޅުގަނޑު ދެންނެވީމެވެ. ހުރިހާކަމެއް ސާފުކޮށް އެނގޭކަމަށް ސަފީރު ވިދާލުވެ ދެއްވިއެވެ. އަދި އީޔޫ އިން ބައްދަލުކުރި ވަފުދުގައި އިސްކޮށް ހުންނެވި، ބޭފުޅާ ރަނގަޅަށް ދަންނަ ކަމަށާއި އެމީހުންވެސް  އަޅުގަނޑު މެންނަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަފީރު ވިދާޅުވިއެވެ. އެމެރިކާއިން ވެސް މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ކަމުގައި ވިދާޅުވެ ދެއްވިއެވެ. އަދި ވެސް ނޫސްމަޖައްލާ، ރޭޑިއޯ، އަދި ކިޔާލާނެ ފޮތެއް ނުލިބޭކަމާއި މިތިބެނީ، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމާ، ވަރަށް ހައިރާންވެ، ތިމަންނައަށް ވެސް އިހްސާސް ކުރެވެއޭ، ތިމަންނާއަށް ނިދާލެވެނީ ކޮންމެވެސް އެއްޗެއް ބަލާލާއި ކިޔާލެވުނީމާ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަދިވެސް ލޮޔަރެއްވެސް ހަމަޖައްސައި ނުދޭކަމާއި، 55 ދުވަސްވީއިރު ވެސް ތަހްގީގު ނިންމާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. މިހާތަނަށް ސުވާލުކުރަން، ނެރުނީއަދި އެންމެ، 3 ފަހަރުއެވެ. އަޅުގަނޑަކީ އެއްވެސް ހާލެއްގައި ކުށެއްކުރި މީހެއްނޫނެވެ. ސަރުކާރުން ވާހަކަދެއްކެވި، އޭރުގެ އިންފޮމޭޝަން މިނިސްޓަރ އިބްރާހީމް މަނިކު، ގާސިމަށް ފޯނުކުރައްވާފައި ސިފައިންގެ ދޮށަށް ވަރަށްގިނަ މީހުން އުޅެނީ އެއްވެގެންނޭ، އެމީހުންތައް ގެއަށް ފޮނުވާލުމަށް އެހީތެރި ވެދެއްވުމަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވަން އެދިވަޑައި ގަތުމުން، އަޅުގަނޑުމެން އެގާރަ މެމްބަރުން އެވަގުތު، މާލޭގެ މެމްބަރު އިބުރާގެ ގޭގައި ބައްދަލު ވުމެއްގައި ތިއްބާ އަވަހަށް ޖުމްހޫރީ މައިދާނަށް، ވަޑައިގަންނަވާށޭ ވިދާޅުވުމުން އެދިމާއަށް، ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިޔައީއެވެ. މިކަން އަޅުގަނޑުކުރީ މިނިސްޓަރ އިބްރާހީމް މަނިކު ވިދާޅުވިކަމަށް އަޅުގަނޑުމެން ގާތުގައި ގާސިމް ވިދާޅުވީ މައެވެ. އަޅުގަނޑުމެން ހުރިހާ މެމްބަރުންވެސް އެތަނަށް އެދުވަހުގެރޭ ދިޔައީ މިސަބަބާ ހުރެއެވެ. އަޅުގަނޑު މެންނަކީ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑު މެންގެ ކުށަކަށް ވެގެން މިއުޅެނީ، އަޅުގަނޑު މެންނަކީ ހަމައެކަނި ޑިމޮކްރަސީއަށް މަސައްކަތްކުރާ ހިތްވަރުހުރި ބަޔަކަށް ވާތީކަމުގައި ދެންނެވީމެވެ. ރާއްޖެއަށް ޕާޓީސިސްޓަމް ސިޔާސަތު ގެނައުމަށް އަދި ވެރިމީހާ ދައުރުވާގޮތަށް ހެދުމަށް މަސައްކަތްކުރާތީ ޖަލަށް ލެވުނީކަމުގައި ދެންނެވީމެވެ. ދޮގުބަހަނާއެއްގައި ތުހުމަތު ކޮށްފައެވެ. އަޅުގަނޑު މިހުރީ ރާއްޖޭގައި ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަރުވާންވެސް ތައްޔާރަށޭ ދެންނެވީމާ އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. ކުރިޔަށް މިއޮތްދުވަސް ތަކުގައި، މިއަހަރުގެ ފަހުކޮޅުގައި ހަމަގައިމު ވެސް ބާއްވަންޖެހޭ، އާންމު އިންތިޚާބުގައި އެމެރިކާގެ ފަރާތުން އެއިންތިޚާބު މޮނިޓަރކޮށްދޭން ބަޔަކުއައުމަކީ އަޅުިގަނޑުމެން އެދޭކަމެކޭ ދެންނެވީމާ، ވިދާޅުވީ ސަރުކާރުން މިއަދު އެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. ރާއްޖެތެރޭގައި އިންސާފުވެރި އިންތިކާބެއް ނުބޭއްވެނީ ވެރިކަމުގެ ސިޔާސި ނިޒާމުގައި ރޭވިފައި އޮންނަގޮތުން މައްސަލަތަކެއް އުޅޭތީއެވެ. ނުފޫޒު ހިންގާނެ މިނިސްޓަރެއް، އެޓޮލްސް މިނިސްޓަރުގެ ނަމުގައި އެކަމަށް ޚާއްސަކޮށް މަގުފަހި ކޮށްދީ، މަސައްކަތް ކުރަންހުންނާތީ ވާގޮތެއް ކަމުގައި ދެންނެވީމެވެ. އަދި އަޅުގަނޑަށް މިވަނީ ގާނޫނު އަސާސީން ހުއްދަ ދޭއިރުވެސް ގަވައިދެއްގެ ދަށުން، އަޅުގަނޑު ކޮށްގެންހުރި ގާނޫނުހަދާ މަޖިލީހުގެ ހުވަޔަށް އަމަލުކުރިޔަ ނުދީހިފާއްޓާއި ހުރަސް އަޅާފައެވެ. މަޖިލިސްތެރޭގައި ކަންތައްތައް ވާނުވާގޮތެއް މިހާރަކު ނޭނގެއެވެ. މިކަން މިކުރަނީ ގާނޫނު އަސާސީއާ ޚިލާފަށެވެ. އަޅުގަނޑު ކޮންމެތާކު ބަހައްޓާފައި ހުއްޓަސް ޖަލްސާތަކަށް ހާޒިރުކުރެވެން ޖެހޭނެއެވެ. ގެންދެވެން ވާނެއެވެ. ދެން ސަފީރު ވިދާޅުވީ، 12 ވަނަ ދުވަހު ޚާއްސަ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށާއި އެދުވަހުގެ ޖަލްސާގައި ހުރިހާ މެމްބަރުން ހަމައަށް ތިއްބަވާނެ ކަމުގެއުންމީދު ކުރައްވާ ކަމަށެވެ. އަދި މާދަމާ ރައީސް މައުމޫނާ ބައްދަލުކުރުން އޮންނާނެއެވެ. މިވާހަކަތައް ރައީސް މައުމޫނު އަރިހުގައި ދައްކަވާނެ ކަމަށް ވިދާޅުވެ ދެއްވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމާއި މިއަންނަހަފްތާ ހިސާބުގައި އެމީހުން ތިޔަބޭފުޅުންނާ، މާލޭގައި ބައްދަލުވާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވެ ދެއްވިއެވެ. މިވާހަކަތައް ސަފީރު ވިދާޅުވެ ދެއްވީމާ ވަރަށް އުފާވިއެވެ. އަދިވެސް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑު ގަބޫލުކުރަނީ ދެދުވަހެއްގެ ތެރޭގައި މާލެ ގެންދާނެ ކަމަށެވެ. މިޚަބަރުވީ ވަރަށް ބޮޑަށް އުފާކުރުވި ކަމަކަށެވެ. އެވަގުތު އަޅުގަނޑުގެ ލޮލުން، އުފަލުންގޮސް ކަރުނަ ފާއްދާލިއެވެ. އެމެރިކާގެ އެއްބާރުލުން ލިބިގެންނޫނީ ރާއްޖެކަހަލަ ޒަމާނުއްސުރެ އެކެއްގެ ބާރުން ވެރިކަން ހިންގަމުން އައިސްފައިވާ ރެޖީމަކަށް އިސްލާހީ ފިޔަވަޅުތައް ކުރިޔަށް ނުގެންދެވޭނެ ކަމާއި މިހާރުގެ ރެޖީމުން ބޭނުންވަނީ، ބަހަނާ ދައްކައިގެން ވީހާގިނަ ދުވަހަކު އަދިވެސް އަތުރަށް ވެރިކަމުގައި ދެމިތިބުމަށް ކަމާއި ބައެއް ބަދަލުތައް ޒުވާން ދެތިން ވަޒީރުންނާއެކު ގެންނަވާނެ ވާހަކަ ބާރަށް ދައްކަވަނީއެވެ. އެއްވެސް އިސްލާހެއް، ބަދަލެއް އަދިވެސް ނާދެއެވެ. ހަމަ އަދިވެސް އޮތީ، ހަމަ ކުރިންވެސް އޮތްގޮތަށެވެ. ހުރިހާކަމެއް ވެސް ލަސްކުރުމުގެ ސިޔާސަތަށް ބައްޓަންކޮށް، ފައްތައިގެން އެކުރައްވާ ކަމަކީ، އަމިއްލަ ވެރިކަން ހަރުދަނާކޮށް ދެންމުމާއި އަމިއްލަ ގޮތްގަނޑު ގަދަކުރުން ކަމުގައި ދެންނެވީމެވެ. 9 ޖޫން ގައި، އިސްލާ މަރުކަޒު ހޯލްގައި ރައީސް މައުމޫނު އެވިދާޅުވި އިސްލާހުތައް އަވަހަށް ގެންނަވަން ބޭނުންފުޅުނަމަ، އެކަން ކުރެއްވިދާނެ އެތައް އެތައްގޮތް ތަކެއް އެބަހުއްޓެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އަދިވެސް ކުރިޔަށް ނުގެންދަވައެވެ. ދައްކަވަނީ ހުސް ވާހަކަތަކެވެ. އަމަލަށްވުރެ ގިނައީ ހުސްވާހަކައާއި އޮޅުވާލުމުގެ ސިޔާސަތެވެ. އެމެރިކާ ސަފީރު މިވާހަކަތައް އައްސަވާފައި، އަޅުގަނޑު މެންގެ މަސައްކަތަށް ވަރަށް ޝުކުރުވެރިވެ ވަޑައިގަންނަވަމުން ހިތްވަރު ދެއްވިއެވެ. އަދި މާލެ ގެންދިއުން ލަހެއްނުވާނެ ކަމުގެ އުންމީދުތައް ދެއްވަމުން، މިބައްދަލުވުން ނިންމާލެއްވީއެވެ. މިއަދަކީވެސް ވަރަށް އުފާވި ދުވަހެކެވެ. ޖަލުގައި އެންމެއުފާވި ދުވަހެވެ. އުފަލުންގޮސް ދެލޮލުން ކަރުނަ ފޭބިއެވެ. އަޅުގަނޑު ކަހަލަމީހަކު ޖަލުގެ ކުޑަގޮޅީގެ ބަންދުގައި އިންދާ ސުޕަރޕަވަރުގެ ރަސްމީ މަންދޫބަކު ބައްދަލުކޮށް، ހިތްވަރު ދެއްވާއި ޑިމޮކްރަސީ ކުރިޔަށް ނެރެ ހިތްވަރާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައި ނަސޭހަތް ދެއްވީމައެވެ. މިރޭވެސް ނިދަންއަރާއޮވެ، އެއްގޮތަކަށްވެސް ނިދޭގޮތެއްނުވެ އުޅެނިކޮށް ފަތިސް ވެއްޖެއެވެ.

12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅީގައި އޮންނަތާ، 61 ވަނަ ދުވަހު ބަލާއައީ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ މިރީޖަނަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްމީހާ، އައްބާސް އައި، އަދި އަންހެނަކާ ދެމީހުންނާ ބައްދަލުވާން އުނދޯލިގެއަށް ނެރޭށެވެ. މިއީ ވަރަށް މިނިވަންކޮށް އެކަހެރިކޮށް، ސިފައިންގެ ބޭކަލަކާނުލާ ހިނގާދިޔަ ބައްދަލު ވުމެކެވެ. ތިބީ އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. އުނދޯލިގޭ ސޯފާ ސެޓްގައެވެ. ވަރަށް މިނިވަން ޖައްވެއްގައި ވާހަކަތައް ކުރިޔަށް ގެންދެވުނެވެ. ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް ކިޔައި ދިނީމެވެ. އަންހެން ބޭފުޅާ، ނޫސް މަޖައްލާ ފަދަ ތަކެތިލިބޭތޯ ސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިއޯފަދަ ތަކެތި ނުލިބޭކަމަށެވެ. ކަސްރަތު ކުރާނެޖާގަ ގޮޅީތެރޭގައި ނޯންނަކަމަށް ދެންނެވީމެވެ. ވަރަށް ރަނގަޅަށް އަޅުގަނޑުދެއްކި ހުރިހާ ވާހަކަތަކެއް ބަރާބަރަށް ނޯޓުކުރެއްވިއެވެ. ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތްކޮށް އުޅޭތީ، 5 ފަހަރު ޖަލުގެ ކުޑަގޮޅީގައި ސިޔާސީއެކި ތުހުމަތުތަކުގައި ބަންދުކުރިކަމާއި މީގެބައެއް ރެކޯޑްސްތައް އެމްނެސްޓީން ފެންނަން ހުންނާނެކަމާއި ތަހުގީގު މިހާރުވެސް ކުރަމުން ގެންދަނީ ރޭގަނޑު ދަންވަރުކަމަށާއި ގޮނޑިއެއްގައި ގިނައިރުވަންދެން ބައިންދާކަމަށް ވެސް ދެންނެވީމެވެ. ދެން އިތުރަށް ކޮންވާހަކައެއް ތޯއޮތީ، ޚާއްސަ ވާހަކައެއް އެބައޮތްތޯ، އައްބާސް ސުވާލު ކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ މިމެސެޖް އެމެރިކާ ސަފީރަށް ދަންނަވައި ދެއްވުން ވަރަށް ބޮޑަށް އެދެމެވެ. ސަފީރު ވިދާޅުވިގޮތަށް، 12 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޖަލުގައި ބަންދުކޮށްފައި ތިބިހުރިހާ މެމްބަރުންނެއް ނުގެންދިޔައެވެ. މިއަދު މިވަގުތު އެޖަލްސާ ރަސްމީކޮށް މަޖިލީހުގެ ގޭގައި ހިނގަމުންދާއިރު އަޅުގަނޑު މިހުރީ، ޖަލުގެ ކުޑަގޮޅީގައި އައްބާސް މެންނާ ވާހަކަ ދައްކާށެވެ. މިއަދުގެ މިޖަލްސާއަށް ދެވޭގޮތަށް، 4 މެމްބަރުން މާލެ ގެންގޮސް ދޫކޮށްލިއެވެ. ބ.އަތޮޅު މެމްބަރު އަލީފާއިޒު ގެންދިޔައީ ރޭދަންވަރުއެވެ. ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައްތައް ނުދިއުމުން ހިތާމަކޮށް ދެރަވާވާހަކަ ސަފީރަށް، ދަންނަވައި ދިނުމަށް އައްބާސް އަރިހުން އެދުނީމާ އެވާހަކަ ނޯޓު ކުރެއްވިއެވެ. ސަރުކާރުން އެމެރިކާ ސަފީރު އަރިހުގައި ދޮގުހެދިކަން ހާމަކޮށް އައްބާސް އަރިހުގައި އަޅުގަނޑު ނަންގަތީމެވެ. ތިޔަބޭފުޅުން މާލެއަށް ވަޑައިގަތީމާ ވަރަށް ރަނގަޅަށް ހިތާނެއެވެ. ދޫނިދޫއަށް ޖަލުގެ ކުޑަގޮޅިތަކަށް ވެސް ފޮނުއްވާނެއެވެ. ހަމަ އެނބުރިފުރާ ވަޑައިގަތުމުން، ކަންތައް ކުރައްވާނީ އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. ވަރަށް އަނިޔާވެރިކޮށެވެ. ސަރުކާރުން ތިޔަބޭފުޅުން ކައިރީގައި ހަދާނީ ހުސް ދޮގެވެ. މިއީ މިރެޖީމުގެ އާދައެވެ.

9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅިގައި އިންނަތާ، 89 ވަނަ ދުވަހު، އަނެއްކާވެސް ބައްދަލުކުރީ މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުން ވަޑައިގެންނެވި، އަލްއަޚް މަޑުލު ވަހީދާއި އަލްއަޚް ނަންރީތި ސަލީމާއި އަލްއުޚްތު ނާޒްއައި މިތިން ބޭފުޅުންނެވެ. މިބައްދަލުވުން އޮތީދޫނިދޫ އުނދޯލިގޭގައެވެ. ދެކެވެމުން ދިޔައީ ހަމައެއް ވާހަކަތަކެކެވެ. އިތުރަށް ދެކެވުނީ، 18 އޮކްޓޯބަރުން ފެށިގެން ނޫސް މަޖައްލާތައް ލިބެންފަށައިފި ކަމަށާއި ތިޔަބޭފުޅުންގެ މަސައްކަތަށް ޝުކުރިއްޔާ ދެންނެވުން ހައްގުވެއްޖެއެވެ. ތިޔަނެރުއްވާ ނޫސްބަޔާން ތަކަށް ބަލައި ވިސްނާލުމުން އަނެއްކާ މުޖްތަބާއަށް ތިޔަކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ހުންނެވޭނެބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެންމެފަހުން ލިބުނުނޫސްތައް ލިބިފައިވަނީ، މިދިޔަމަހުގެ، 30 ވަނަ ދުވަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ނޫސްތައް ލިބެނީ ވަރަށްލަސް ކޮށްފައެވެ. މަޖައްލާތައް ލިބޭފަހަރަކު އެހަފްތާއެއްގެ މަޖައްލާލިބެއެވެ. އެހެނަސް އަދިވެސް މިތިބެނީ، ކުޑަގޮޅީގައި ކަމާއި މައްސަލަ ކޯޓަށް ފޮނުއްވައިފިކަން ރަސްމީކޮށް، 1 ނޮވެމްބަރުގައި އިޢުލާނު ކުރެއްވީމާވެސް އަދިވެސް ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގައި ފުރިހަމަ އަނިޔާލިބޭ ގޮތަށެވެ. ނަފްސަށާއި ހަށިގަނޑަށް ހެސްކިޔާފަ އަނިޔާލިބޭ ގޮތަށެވެ. ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން، ހިންގެވި ކުއްލި އަމުރުނެރުމުގެ ގަރާރު ނެންގެވިތާ، 21 ދުވަސް ހަމަވާތީ، 30 އޮކްޓޯބަރ ގައި ޖިނާއީކޯޓަށް ގެންގޮސް ގަޒީ އާދަމް ސަޢީދު، 30 ދުވަސް އިތުރުކޮށް ދެއްވީ، ދެން ސުވާލެއް ކުރަންބޭނުން ވިޔަސް ގޭގައި ބަހައްޓައިގެން ތަހުގީގަށް ބޭނުންވާ ސުވާލު ކުރެވޭގޮތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެހެނަސް ގާޒީ ލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ އަދިވެސް ކުޑަގޮޅީގެ އަނިޔާގައި ބަހައްޓާފައެވެ. މިއީ ސާފު އަނިޔާއެވެ. މިއީ ޒާތީރުޅިވެރިކަން ކަމުގައި ނަންގަތީމެވެ. އެކިމީހުންނަށް ހަދަނީ އެކިގޮތެވެ. އެއްބަޔަކު މިނިވަންކޮށް ދޫކޮށްލައި ފިއެވެ. އަނެއްބަޔަކު އަދިވެސް ކުޑަގޮޅީގައި ބައިތިއްބާފައި ތިބީއެވެ. އަނެއްބަޔަކު ގޭބަންދުގައި ތިބީއެވެ. ކޯޓުގައި މައްސަލައޮތް މީހަކު، މިތާޖަލުގެ ކުޑަގޮޅީގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ދެންނެވީމެވެ. ވީމާ މިކަންތައް، މީގެކުރިން ތިޔަކޮމިޝަނުން އަޅުގަނޑު ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުން އެދެމޭ ދެންނެވީމެވެ. ކުރިންވާނީ މުޖްތަބާ އަރިހުގައި އަނިޔާކުރި ވާހަކައާއި ސަރުކާރުގެ ވަޒީފާއިން ނޯޓިސް ދެއްވިކަންތައް ބައްލަވައި ދެއްވުންއެދި ދަންނަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2004 ގައި ދާއިރާއަކުން ކުރިމަތިލުމަށް އިލެކްޝަންސުން ފޯމްސެޓް ފޮނުއްވީމާ، ސޮއިކޮށް ހަދާފައި މިހާރުވާނީ ހޯމްއެފެއާޒަށް ގެއަށް ރައްދުކޮށް ދިނުންއެދި  އަނބުރާ ފޮނުވާފައެވެ. އެހެނަސް އަދިވެސް ގެއަށް، އެފޯމްތައް ނުލިބޭތީ މުއްދަތު ހަމަވުމުގެ ކުރިން، އިލެކްޝަނަށް ފޮނުވާލަވޭނެ ގޮތަށް، ވީހާއަވަހަށް ގެއަށް ހަވާލުކޮށް ދެއްވުންއެދި އެކަންތައް ވެފައިވާ ގޮތެއް ބައްލަވައި ދެއްވުން އެދެމެވެ. މިބޭފުޅުން ޖަލުތެރެއަށް ވަޑައިގެން ގޮޅިތައް ބައްލަވާ ލެއްވިއެވެ. ހުރިހާ ގޮޅިއެއްގެ ކުރިމަތިން އެބޭފުޅުން ބުރެއް ޖެއްސެވިއެވެ. ވަހީދާއި ސަލީމާއި ނާޒު، އަރިހުގައި މާދަމާ، ގައުމީ ޓީވީއަށާއި ރޭޑިޔޯއަށް އަރުއްވާފައި، ޢަބްދުﷲ ކަމާލުއްދީނުމެން ދެއްކެވިކަހަލަ ޙަޤީޤަތް އޮޅޭގޮތަށް އިންޓަރވިއުއެއް ނުދެއްވުމަށް ހަރުއަޑުން ދެންނެވީމެވެ. އަދި ޢަބްދުﷲ މެން ހެއްދެވިދޮތް ކިޔައިދިނީމެވެ.

އާދެ! ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ތަޙްޤީޤަށް ނެރުނު ވަރަށްވުރެ ގިނައިން ބޭރުންނާއި ރާއްޖޭގެ ފެންވަރުގައި ވަޑައިގެންނެވި އެކިވަފުދުތަކާ ބައްދަލުވިއެވެ. މިއީ ވަރަށް ހިތްހަމަޖެހި ހިތްވަރުލިބުނު ކަމެކެވެ. ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް މަސައްކަތްކުރާ މީހުންނަށް ހިތްވަރުދޭނެ ބަޔަކު ދުނިޔޭގައި ތިބިކަން ހާމަވެގެންދިޔަ ވަރުގަދަ ހެއްކެކެވެ. އެއެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ވެރިވަމެވެ.

ސުވާލު: ބޫކު ހަޅުތާލެއް ކުޑަގޮޅީގައި ކުރިޚަބަރު ލިބުނެވެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ތެދު ވާހަކައެއް ތޯއެވެ؟

ޖަވާބު: އެވަގުތު ޖަލުގައިތިބި މީހުން، 4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަހު ރޯދަވީއްލުމަށް ގެނައި ކާއެއްޗެހި ނުނަގާ ހަންގަރސްރައިކް އަކަށް ގިނަބަޔަކު ދިޔައެވެ. ބޫކްހަޅުތާލެއް ފެށީއެވެ. މިއީ ގާތްގަނޑަކަށް، 18 މީހުންނެވެ. އެކިމީހުން ޑިމާންޑްކުރީ އެކިކަންތަކާއެވެ. އެންމެންވެސް އެދުނު ކަންތައްތައް ފުރުހަމަ ވެގެންދިޔައީ، 6 ދުވަހާއި ހަރޭ ނުކައި ތިބެގެންނެވެ. ފެންބުއިމާއެކު ރޯދަވީއްލަނީ، އެއްކަދުރުން، އަދި ހާރުކަނީ އެއް ކަދުރުންނެވެ. އަނބިދަރިންނާއި ތިމާގެމީހުން ހަވަނައަށްވީ ދުވަހުގެރޭ ދަންވަރު ހާރުކާގަނޑީގައި ސިފައިންގެ ލޯންޗެއްގައި ދޫނިދޫއަށް ގެނެސް ކެއުމަށް ބާރުއަޅައި ތިމާގެ މީހުންލައްވާ ކެއުމަށް ބާރުއަޅައި ވާހަކަ ދެއްކުވީއެވެ. މިކަން ހިންގީ ވަރަށް ރާވައިގެންނެވެ. އެރޭން ފެށިގެން، 5 މީހުން ކާންފެށިއެވެ. މިކަންވެގެން ދިޔައީ ވަރަށް ކާމިޔާބުވި ކަމަކަށެވެ. ގޮޅިތަކުގައި ކާބޯތަކެތި ފޮރުވައިގެން ކައިބޮއިހެދި ވާހަކަ، އެއީބޮޑުރޯމަރު ދޮގެކެވެ. ބޮޑުއޮޅުވާލުން ގަނޑެކެވެ. ކެއީކަދުރެވެ. ބޮއީފެނެވެ. ރޯދަމަހަސްވާތީ ރޯދަވީއްލާށާއި ރޯދަހިފާށެވެ. ގޮޅިއަށް ގެންނަކާއެއްޗެހި ތެރެއިން ކަދުރާއި ފެންނޫނެ އެއްވެސް އެއްޗެއް އެކަކުވެސް ނުނަގައެވެ.

ސުވާލު: ބޭރުގައި ތިއްބެވި ބޭފުޅުން ކުރައްވާ މަސައްކަތުގެ ނަތީޖާ ބަރާބަރަށް ފެންނަހެން ހީފުޅު ވެލައްވާތޯއެވެ؟

ޖަވާބު: އީޔޫއާއި ޔޫއެސްއޭއާއި ކޮމަންވެލްތާއި އެމްޑީޕީގެ ފަރާތުން ކަޅުހުކުރުގައި ބަންދުކުރި މީހުންނަށް، އަޅާލުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ހިތުގެއެންމެ އަޑިން އަޅުގަނޑުމެން ދަންނަވަމެވެ. އެބޭފުޅުން އެވަރަށް ނޫޅުއްވިނަމަ، މިރެޖީމުން ކަންތައް ކުރެއްވީހީ، 1990 ވަނަ އަހަރު ކަންތައް ކުރެއްވި ގޮތަށެވެ. ޖަލުގައި ކުޑަގޮޅީގައި ބައިތިއްބައިގެން ނުރަސްމީ ވަގުތުތަކުގައި ކޯޓުހުޅުވައިގެން އިއްވެން އޮތްހާ އެންމެ ބޮޑު ހުކުމްތައް ޖަލަށްލުމަށް އިއްވާފައި ޖަލުގައި ބަންދުކޮށްފައި ބައިތިއްބާ ގޮތަށް، ހުކުމްތައް ނިންމާލީއެވެ. އެހެނަސް މިފަހަރު މިދަނީ ތަންކޮޅެއް ގާނޫނާއި ގަވައިދާ އެއްގޮތްވާ ކަހަލަ ގޮތަކަށް ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އަދިވެސް އެހަދަނީ ހައްދަވާނެ ގޮތެކެވެ. ކަންތައްތައް ދިގުދެންމުމުގެ ބޭނުމަކީ، އަމިއްލަ ގޮތްތައް ހެދުމެވެ. އަދިވެސް، 7 މެމްބަރުންނަށް ގާނޫނު އަސާސީން ލިބިދޭބާރާއި މިނިވަންކަމުންވަނީ މަޙްރޫމްކޮށް ފައެވެ. ކޮށްގެންތިބި ހުވަޔަށް ހުރަސް އަޅާފައެވެ. ޖަލްސާތަކަށް ނުދެވޭގޮތަށެވެ. މިކަމުގެ ޒިންމާ އުފުލާނެ މީހަކުނެތެވެ. މިއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ރަންޑިއަންހެނެއް ބާޒާރަށްނެރެ ވިއްކާލާހެން، ވިއްކާލުން ފަދަ، މުޑުދާރު ގޮތަކަށް ކުރާކަމެކެވެ. ގާނޫނު އަސާސީއަށް ހަދަނީ ހަދާނެގޮތެކެވެ. ހުރުމަތްވަނީ ކަނޑާލާފައެވެ. ތިޔަފަރާތްތަކަށް ފައްފަށުން ސާބަސް ދެމެވެ. ތިޔަކުރައްވާ އަގުހުރި މަސައްކަތްތައް ބޭކާރުވެގެން ނުދާނެކަމުގެ ޔަގީންކަން އަރުވަމެވެ. އިތުރަށް ބާރަށް ކުރިޔަށް ގެންދަވާށެވެ. ކަޅުހުކުރުގެ އެންމެ މީހަކަށް ވެސް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ޝަރުޢީޙުކުމެއް މިރެޖީމުން އިއްވިޔަދީގެން ނުވާނެއެވެ. ބޭރު ގައުމުތަކުގައި މުޒާހަރާތައް އިތުރު ކުރައްވާށެވެ. އަޅުގަނޑުމެން އެންމެން މިނިވަން ކުރައްވާށެވެ. ބޭރު ގައުމުތަކުގެ ޕްރެޝަރ ވަރަށް ބޭނުމެވެ.

ސުވާލު: 1990 ވަނަ އަހަރުގެ އިސްލާހީ ހަރަކާތްތަކުގެ ވާހަކައެއް ވިދާޅުވެއްޖައިމު، އެދުވަސްވަރު މަޝްހޫރު ވެގެންދިޔަ ބިންބިފޯހަކީ ކޮބައި ތޯއެވެ؟

ޖަވާބު: އެއީ އޭރުގެ ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހީމާއި އައްބާސް އިބަރާހީމް އިސްކޮށް ތިއްބަވައިގެން ގެންގުޅުއްވި ވަރަށް ދަށުދަރަޖައިގެ ތަޢުލީމެއް، ޙިލްމެއްނެތް ވަރަށް މަދުބައެއްގެ މައްޗަށް އެކުލަވާލެވުނު ބާރެކެވެ. މަދުމީސް ކޮޅެކެވެ. ގިނައީ އެކިކުށްކުށުގައި ބެދި ހުކުމް އިއްވިފައިތިބި މީހުންނެވެ. މިމީހުންގެ ބޭނުން ސަރުކާރުން ހިއްޕަވަނީ، ރަށުތެރޭގައި ހަމަނުޖެހުމާއި ފަސާދަ ފެތުރުމަށެވެ. އޭރު ސިފައިންގެ ތެރޭގައި އިސްކޮށް ހުންނެވި ކާށިދޫ ޙުސައިން އިބްރާހީމް ފުޅަކީ، ބިންބިފޯސް ހިންގާލީޑަރެވެ. އެފޯހާ މަސައްކަތް ހަވާލުކޮށްފައި އެކަންތައް ތަންފީޒުކޮށް ކުރާގޮތް ބަލަން ދުރުގައި އޭނާ ހުންނަވާނެއެވެ. ޙުސައިން އިބްރާހީމް ފުޅު މިހާރު ނިޔާވެފައިވާތީ، ﷲ އޭނާއަށް ރަހްމަތް ލައްވާށިއެވެ! އާމީން! ބިންބިފޯހުގެ މައިގަނޑު މަސައްކަތަކަށް ހަދާފައިއޮތީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކަށް ސިޔާސީގޮތުން ނުހޮރުއްޕާންކޮށް ރާއްޖެއިން ފަހާލުމެވެ. އެކިގޮތްގޮތުން ސިޔާސީ ގޯނާކުރުމާއި ސިޔާސީ ދުއްތުރާތައް ކުރުމާއި ލިޔުމުން މަރުގެ އިންޒާރުދީ އެކިކަހަލަ ޖެއްސުމުގެ ލިޔުންތައް ފޮނުވާހެދިއެވެ. އަދި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމެވެ. ބިންބިފޯހުގެ ރޭވުންތަކުގެ ތެރެއިން އިސްކޮށް ހިންގީ، 1990 ވަނަ އަހަރުގެ ފަހުކޮޅާއި، 1991 ވަނަ އަހަރުގެ ކުރީކޮޅުގައި މާލެތެރޭގައި ހިންގި އަލިފާން ޖެހުމުގެ ކަންތަކާއި ކާރުސައިކަލް ފަދަ ތަކެތިޕާކް ކޮށްފައި ހުއްޓާ އެތަކެއްޗަށް ގެންލުން ދިނުމުގެ ސިޔާސީ އަދި ޓެރަރިޒަމްގެ ކުޅިގަނޑެވެ. ރާއްޖޭގެ ތާރީޚް ދެކެފައިވާ ބޮޑުހުޅުގެ ރޭވުންގަނޑާއި އެއްގޮތްވާ ކަހަލަ ގޮތަށެވެ. މާލެތެރޭގައި އަލިފާން ރޯކުރަން އުޅުނު، ނާސިރާއި ވިސާމް ޖަލުގައި ތިބެގެން ކިޔައިދީފައި ވަނީ، އެމީހުންނާ ބިންބިފޯހުގެ ލީޑަރުންނާ ބައްދަލުކޮށް ކަންތައްތައް ގެންދަންވީގޮތް ރާވާއި ކިޔައިދޭކަމަށެވެ. އަދި ބިންބިފޯހުގެ ލީޑަރެއް ކެމެރާއެއްގެ މައްސަލާގައި ބަންދުކުރާކަމަށް ހަދާފައި ޖަލަށް ފޮނުވައިގެން، ވިސާމާއި ނާސިރު އާދެމީހުން ޖަލުގައިތިބޭ ގޮޅިން ބައްދަލުކުރުވައި އެދުވަސްވަރު ހިންގިހުރިހާ ކަމެއް ހިންގީ ޑޮކްޓަރ ވަހީދު ބުނުއްވައި ގެންކަމަށް ތަހުގީގުގައި ބުނެދިނުމަށް އެދުނެވެ. އަދި އެކަން ކުރަންވީ ގޮތް އެކުދިންނަށް ކިޔައިދީ، ރާވައިދިނެވެ. ޑޮކްޓަރ ވަހީދާއި ރައްޓެހިވާން ހެދިގޮތާއި ވަހީދާއި ބައްދަލުކުރާ ތަންތަނާއި ދައްކާވާހަކަ ތަކާއި މިހުރިހާ ރޭވުމެއް ރާވައިދީ ހެދިއެވެ. އެހެނަސް މިއީ ސާފުހުދު ދޮގަކަށްވާތީ، ވިސާމާއި ނާސިރަށް އެކަންތައް ޑޮކްޓަރ ވަހީދުގެ ބޮލުގައި އަޅުވާގޮތަށް ވާހަކަދައްކަން ނުކެރި ފަސްޖެހުނީއެވެ. މިހިރަކަހަލަ އެތައް ހަގީގަތްތަކެއް، އަދި ފަހުން ހެއްކާގަރީނާއާއެކު ފަޅާއަރާނެއެވެ.

އާދެ! އޭރު ބިންބިފޯސް ކުޅުނުރޯލް ކަޅުހުކުރުގެ ޙާދިޘާގައި ކުޅުނީ، “ޔާނުފޯސް” އޭކިޔުނު ޕާޓޭންގެ ގްރޫޕެކެވެ. މިފޯހުގައި އެކިވަރުގެ ލީޑަރުން ތިއްބެވެ. ސަރުކާރުގެ ބޮޑުންނާ ސީދާކޮށް މިފޯހުގެ ޕާޓޭންނާ ގުޅެއެވެ. ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވީ މިފޯހުންނެވެ. ބޮޑުދިދަ ކަނޑާވައްޓާލަން މިގްރޫޕުން މަސައްކަތް ކުރިއެވެ. މިފޯހަށް މެގަފޯނު ދެސެޓް ބާލައިދިނީ ސިފައިންގެ ފާރުމަތިންނެވެ. މިމީހުންނަށް މަގުފަހިކޮށްދީ ތަންތަނަށް ގެންގޮސް ގެނެސްދީހެދީ، ސީދާ ސިފައިންނެވެ. ތިންހަތަރު ފަހަރެއްގެ މަތިން ކަޅުހުކުރުގައި ރައްޔިތުންގެ އެދުންތައް ދައުލަތުގެ ވިދާޅުވުމުގެ މަތިން ހުށަހަޅަމުން ދިޔަވަގުތު އެތަނަށް ގަދަކަމުން ވަދެގެން ސުލްހަވެރިކަން ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިއެވެ. އަދި ސިފައިންނަށް ހަމަލާ ދިނުމާއި ތަންތަން ރޯކުރުމުގައި އިސްކޮށްތިބީ މިދެންނެވި ފޯހުގެ މީހުންނެވެ. މަސްތުވެފައި ތިބި ޕާޓޭންނެވެ. 1990ގެ ބިންބިފޯހެކޭ އެއްވެސް ތަފާތެއް ނެތެވެ. މިކަންތައް ރާވައިހިންގީ ހަމަހިމޭންކޮށް ހިނގަމުންދިޔަ ރައްޔިތުންގެ އެދުންތައް ހުށައެޅުމުގެ ސުލްހަވެރި އެއްވުން، މުގުރާލައި ވީހާ އަވަހަށް ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެދަށުން އިއުލާނުކުރަން ބޭނުންވާ، ކުއްލި ނުރައްކަލުގެ އަމުރު ނެރުމުގެ ބާރު ލިބިގަތުމުގެ ދަހިވެތި ކަމުގައެވެ. އަދި އެފުރުސަތު ވީހާއަވަސް ކުރާށެވެ.

އާދެ! ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓުންނާ ދޭތެރޭގައި ގާނޫނީ އަދި ޝަރުޢީ ފިޔަވަޅެއް ދައުލަތުން އަޅުއްވަންޏާ އަޅުއްވަންވާނީ، އެއްއުސޫލަކުން ޢަދާލަތުގެ ދަށުންނެވެ. ރިފޯމިސްޓުންނަށް ހުކުމެއް އަންނަންޏާ ޔާނުފޯހުގެ ހުރިހާ މީހުންނަށާއި އެތަނަށް ހަޅޭލަވަން އެއްވި ހުރިހާ މީހުންނަށް ވެސް ހުކުމް އަންނަން ޖެހޭނެއެވެ. މިދެބައި މީހުންވެސް ކުރީއެއްކަމެކެވެ. ޖުމްހޫރީ މައިދާނަށް އެއްވީއެވެ. ކަޅުހުކުރުގައި ރައްޔިތުނެގެ މަޖިލީހުގެ ހއ.މެމްބަރު ކެލާނިޒާމާއި މާލޭ މެމްބަރު އިލްޔާސް އިބްރާހީމާއި ދ.އަތޮޅުގެ މެމްބަރު އިސްމާޢީލް ޒާހިރުއައި، މިފަދަ އެތައްއެތައް ބަޔަކު ހަރަކާތްތެރި ވެފައިވެއެވެ. ޑޮކްޓަރ ފާތިންޙަމީދަކީ ވެސް ކަޅުހުކުރުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި އަންހެނެކެވެ. މިއީ އެންމެން ދަންނަ ހަގީގަތެކެވެ. ސާފު ހެއްކެކެވެ. ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ތާރީޚު އަބަދުވެސް ހެކިދޭނެއެވެ. ހަވަރަކީ އެންމެވަރުގަދަ ބާރެވެ. އަދިވެސް މީގެ އިތުރުން އެތައްބަޔަކު އެއެއްވުމުގައި ބައިވެރިވެފައި ވެއެވެ. މިއެންމެންނާ މެދުވެސް ބެލެވެން ޖެހޭނީ އެއްއުސޫލަކުން، އެއްހަމައަކުން ނެވެ. އިންސާފު ވާންޖެހޭނީ އިންސާފަށެވެ. ވަލްޙަމްދު ލިއްލާހި!

އާދެ! ދެން މިގެނެސްދެނީ، 2007 ސެޕްޓެމްބަރުގައި “ބޮޑު މަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން” މިސުރުޚީގެ ދަށުން އަޅުގަނޑު ލިޔުނު މަޒްމޫނުގައި “ކަޅުހުކުރު” ގެޙާދިޘާއާ ގުޅިގެން ލިޔެވިފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަދާނަށް ގެންނަން ޖެހޭވާހަކަ ތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް “އިލްޔާސް ހުސައިން ޑޮޓްކޮމް” ގައި ޝާއިޢުކޮށްފައި ވާނެއެވެ.

“ފަހެ، ދަންނާށެވެ! ބޮޑުމަޖިލީހުގެ ރައީސް ހޮވުމާ ގުޅޭގޮތުންނާއި މިނިވަން ހަރަކާތުގެ ބައިވެރިންގެ ތެރެއިން، ސަރުކާރުން ހަމައެއް ލަމައެއްނެތި ބަންދުކުރަމުން ގެންދާ މީހުންނާބެހޭ ގޮތުން، މަޝްވަރާކުރުމުގެ ބައްދަލު ވުމެއްގައި މައްޗަންގޯޅި ބޯގަންވިލާގައި ތިއްބައި، “ސަމަރޭ” ލައްވާ “ޤާސިމަ” ށް ގުޅައިގެން، އެމަޖިލީހުގެ އެތައް މެމްބަރުންނެއް ގަދަކަމުން ޖުމްހޫރީ މައިދާނަށް ނެރުއްވިއެވެ. ސަމަރޭ، ގާސިމް އަރިހުން އެދިލައްވަނީ، ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ތިޔައިއްޒަތް ތެރީން، ޖުމްހޫރީ މައިދާނަށް ވީހާއަވަހަށް، ވަޑައިގެން އެތަނުގައި އެއްވެފައިތިބި ރައްޔިތުންނަށް އެކަންނުކުރުމަށް ނަސޭހަތްތެރި ވެދިނުމަށެވެ. ބޯގަންވިލާއިން ނުކުތް މެމްބަރުންތެރޭގައި އަޅުގަނޑުވެސް ޖުމްހޫރީ މައިދާނަށް ހާޒިރުވީމެވެ. ސަމަރޭގެ މިފޯނުކޯލް، ގާސިމު ރިސީވް ކުރެއްވިއިރު، އޭނާގެ ކައިރީގައި އަޅުގަނޑު ވެސް އިނީމެވެ. އަދި އެއްވެފައިތިބި ރައްޔިތުންނަށް ތަސައްލީދީ، ގެއަށް ފޮނުވާލުމަށް ނަސޭހަތްތެރި ވުމަށް، “އިލްޔާސް އިބްރާހީމް” ވެސް ޖުމްހޫރީ މައިދާނަށް ފޮނުއްވީ، ސީދާ ރައީސް މައުމޫނެވެ. އިލްޔާސާއި ގާސިމުގެ ނަސޭހަތްތަކަށް ރައްޔިތުން ޖަވާބުދިނީ އެމީހުން، އަރައިގެންތިބި ފައިވާން ތަކުންނެވެ. އެދެމީހުންނާ ދިމާއަށް ފައިވާންތައް އުކާހެދީއެވެ. ދެން ފަހެ، މިދެބޭފުޅުންގެ ބަސްއަހާނެ ރައްޔިތަކު ހަވަރުތެރެއަކުން ނުވިއެވެ. އެހާ ހިސާބުން އެބޭފުޅުން، ފަހަތަށްޖެހި ގެއްލުނީއެވެ. ދެން، އިސްލާހީ ހަރަކާތް ލީޑްކުރީ، ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ފަރާތުން އެދުރުވެފައި ތިއްބެވި، ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށް ދަސްކުރަމުން ގެންދާ، ސިޔާސީގޮތުން ކިޔަވާކުދީންނެވެ. ރާއްޖޭގެ ސިޔާސީ ޠާލިބާނުންނެވެ. ހަވަރުކުރިމަތީގައި އިލްޔާސާއި ގާސިމް ފެއިލްވީއެވެ. މިދެބޭފުޅުންނަށް ޢާއިލީގޮތުން ހަމްދަރުދީއެއް އެދުވަސްވަރު ގެންގުޅުއްވި، އިބުރާ އެރޭގެމެންދަމާ ޖެހެންދެން ހިފާއްޓަވާ ލެއްވުމަށް ފަހު، ކާމިޔާބު ނުވަނީސް ލޮލުފިޔައެއް ނުޖައްސަވާނެ ކަމަށް ވަޢުދުބަސްފުޅު ހަރުއަޑުން ވިދާޅުވެފައި ގެއަށް ވަޑައިގަތީ، ވަރުބަލި ވެގެންނެވެ. ހިތްވަރުތަކެއް ކުރައްވާފައެވެ. ކުރީސަރުކާރު ތެރެއިން ކޮރަޕްޓްވެފައި ތިއްބެވި ދެބޮޑުން ކަމުގައިވާ، ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއަކީ އަރިމަތީގައި އުޅުއްވި ބޭފުޅުންނެވެ. ގާސިމާއި އިލްޔާސަށް ރުހުންދީފައިވާ މީހުންގެ ގޮތުގައެވެ. ހަގީގަތުގައި މިދެބޭފުޅުންނަކީ އެރޭ، ކުޅިބެއްލެވި ބޭފުޅުންނެވެ. ރައީސް މައުމޫނު، އިލްޔާސާއި ސަމަރޭމެން ލައްވާ މިކަން ކުރެއްވީ، ސިފައިންގެތެރޭގެ ހުރިހާކަމެއް އެމަޖެންސީކޮށް، “ފަތުހުﷲ އާއި ހަމީދާއި ޔާމީން” މެންނައި ހަވާލުކުރައްވާ ފައެވެ. ހައްޔަރުކުރި ބައެއްމީހުންނާ ދިމާއަށް، “ފަތުޙުﷲ” އެއްޗެތި ވިދާޅުވެ ކޯފާވެހެއްދެވި ކަމަށް ވެއެވެ. ބަންދުކުރި އަސީރުންތައް ގެނެސް ސިފައިންގެ މަރުކަޒު ތެރެއިން ފެނުމުން، ކޯފާއިސް ކުރެއްވުމާއެކު ބާރުބާރަށް ކުޅުޖަހާ ހެއްދެވިކަމަށް ވެއެވެ. އެއްވެފައި ތިބިމީހުންގެ ތެރެއަށް، ގޭންގްތަކާއި އިދިކޮޅަށް ހަރަކާތްތެރި ވާނެމީހުން، ޖުމްހޫރީ މައިދާނަށް، ޔާމީން ގެންދެވީ، އެއްކުރައް ވަމުންނެވެ. އެތަނަށް ފޮނުއްވާއި ޖަމާކުރައް ވަމުންނެވެ. އަދި އިސްލާހީ ހަރަކާތާ ދެކޮޅަށް ކުރަންވީ ކަންތަކުގެ އިރުޝާދު ދެންވަމުން ގެންދެވީ ސީދާޔާމީނެވެ. ޖެއްސުން ކުރުމަށް ކުރަންވީ ކަންތައްކުގެ އޯޑަރުތައް ނެރެދެއްވީ އެބޭފުޅާއެވެ. އެމީހުންނަށް މެގަފޯންތައް ދިނީ ސިފައިންނެވެ. ފަހެ، ގަނޑުވަރުންރޭވި، މިރޭވުންގަނޑު ފުރޮޅިގެންދިޔައީ، އަނެއްދުވަސް ކަމުގައިވި ހުކުރުދުވަހު، ޤާސިމާއެކު ޑޮކްޓަރ މުނައްވަރާއި ޒަކީއާއި އެތައްބައިވަރު އިއްޒަތްތެރި މެމްބަރުންނެއް ޖަލުގެ ކުޑަގޮޅިއަށް އެތެރެކޮށްލައި ބަންދުކޮށް ލުމަށެވެ. އަދި “ޔާމީނު” މެންލައްވާ، ބަންދުކުރެވުނު މީހުންނަށް ބޭނުންގޮތެއް ހަދާލެއްވުމުގެ ސީދާބާރު އެރުވުނެވެ. މިހުރިހާ ކުޅިގަނޑެއް ކުޅުއްވީ، ގަނޑުވަރު ތެރެއިން ސީދާ ރައީސްމައުމޫނެވެ. ހުކުރު ދުވަހަށް އިރުއެރުމުގެ ކުރިން، ބަންދުކުރަންވީ މީހުންގެ ނަންތަކުގެ ލިސްޓްއޮތީ ލިޔެތައްޔާރުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. އަޅަންޖެހޭ ފިޔަވަޅުތައް ހުރީތަރުތީބުން ލިޔެނޯޓުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. ހުއްދަދެވޭ މީހުންނަށްނޫނީ ނުފުރޭގޮތަށް އޮތީ، ހަމަޖައްސާފައެވެ. ކާފިއޫ ހިންގަވައި އެތައްބައިވަރު، އަސާސީޙައްޤު ތަކެއް ނިގުޅައި ގަތުމަށްފަހު، ތަހުގީގުތައް ހިންގަމުން ގެންދިޔައީ، ސަތޭކަ ފުލުހުންނާއި ސަތޭކަ ސިފައިންގެ ބޭކަލުންގެ، ވަކިޖަމާޢަތެއް ގޮތުގައި އުފެއްދި ކުއްލިބާރަކާ އެކުގައެވެ. އޮނަރަބްލް އަބްދުﷲ ހަމީދުގެ ދަރިކަލެއް ކަމުގައިވާ އަލްއުސްތާޒު “މައުމޫނުހަމީދަ” ށް، ކުއްލިބާރުތަކެއް ދެއްވައި، އެޔުނިޓުގެ ލީޑަރުކަމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ދެއްވިއެވެ. މިއީ ސިފައިންގެ މަރުކަޒުން ބޭރުގައި ގައިމުކުރެވުނު ވަކިމަރުކަޒެކެވެ. ވަރަށްމިނިވަން ކަމަކާއެކު ބޮޑުބާރެއްދީގެން ކުރިޔަށް ގެންދިޔަ ވަކި ތަނެކެެވެ. މިމަރުކަޒަށް އޯޑަރުތައް ލިބެނީ “ހަމީދު” އާއި “ޔާމީނު” އާއި “ފަތުހުﷲ” އާއި “މައުމޫނު” ގެ މަޝްވަރާގެ މަތިންނެވެ. ގަނޑުވަރު ތެރެއިންނެވެ. ހިތުހުރި ގޮތަކަށް ރޭވުންތައް ރާވަމުން ގެންދިޔަ، މިސިއްރު ކޮމެޓީގެ ރޭވުންގަނޑަށް ބަދަލެއް އައިސް ބުރެކިޖެހުނީ، 2004 ޑިސެންބަރުގެ ބިރުވެރި ސުނާމީ ކާރިޘާއަށް ފަހުގައެވެ.

ފަހެ ދަންނާށެވެ! ނިމިގެން ދިޔަ، ސިޔާސީ، މިކަންތައް ގަނޑު ވެގެންދިޔައީ، އަނެއްކާވެސް “ހަމީދު” ގެ ފޭލިގެއާއި “އިލްޔާސް” ގެ ފޭލިގޭގެ ހަސަދަވެރިކަމުގެ އަލިފާންގަނޑަށް، ދަރުއެޅުއްވުމަށް ރާވާލައްވައިގެން، ކުޅެލެއްވި ސިޔާސީ ހިކްމަތުން ފުރިގެންވާ ކަމަކަށެވެ. ހުންގާނުގައި މިފަހަރު ތިއްބެވީ އަޒުހަރުޓީމެވެ. ފަހެ، މިއުކުޅަކީ ރިފޯމުގެ ވަރުގަދަގަސް ބަލިކަށިކޮށް ނިކަމެތި ކުރުމުގެ މަގްސަދުގައި ގޮފިތައް ކޮށާލެއް ވުމަށް، ކުޅުއްވި ސިޔާސީ ކުޅިއެކެވެ. އިލްޔާސާއި ސަމަރޭއާއި ގާސިމަކީ އެއްފޭލިގެއެއްގެ ބޭފުޅުންނެވެ. އާދެ! މިކުޅިއަކީ، ސިއްރިއްޔާތުގައި އަޒުހަރުޓީމު ކަމުގައިވާ، “ފަތުހުﷲ” އާއި “ޒާހިރުހުސައިން” އާއި “މައުމޫން” އާ، ގުޅިގެން އީޖާދު ކުރެއްވި މޮޅު، ސިޔާސީ ކުޅިއެއް ކަމުގައި އަޅުގަނޑަށް ވަރަށްބޮޑަށް ގަބޫލު ކުރެވެއެވެ. ރައީސް މައުމޫނަކީ، މިފަދަ ސިޔާސީ ކުޅިތައް ރާޒުވާ ގޮނޑީގައި ރާވާލައްވައިގެން ކުޅުއްވުމުގައި ވަރަށް އަރާހުންނެވި ހުނަރުވެރި ޢިލްމު ވެރިއެކެވެ. ފިރުއައުނުންގެ މިސުރުން ދަރިވަރުވެ ވަޑަގެންފައިވާ ސިޔާސީ ލީޑަރެކެވެ. ސިޔާސީ އުކުޅުތައް ކުޅުއްވާ މާހިރެކެވެ.

އާދެ! ދިވެހިޤައުމުގެ ސިޔާދަތު ރަމްޒުކޮށް ދެމުންގެންދާ ކޯއްޓޭގައިހުރި ބޮޑުދިދައިގެ ބުޑުން މިކަންތައް، ސިކުނޑިއާއި ހިތާއި ލޮލާއި އަތުން ހިފައި އަދި، ޖިސްމާއި ރޫހުން ތަޖުރިބާކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަކީ، ބޯގަންވިލާގެ ބައްދަލުވުމުން ޖުމްހޫރީ މައިދާނަށް ދިޔަގޮތަށް، އަނެއްދުވަހު، އިސްލާމީ މަރްކަޒުގައި ކުރެވުނު ހުކުރު ނަމާދަށް ތަބާވެ، ޖުމްހޫރީ ބިމުގައި ހުކުރު ކޮށްގެން ގެއަށް ދިޔަމީހެކެވެ. ފެހެ، ރަލާއި ޑުރަގުދީފައިތިބި ބަދުމާޝް، ތަގުންގެފޯހެއް މޮޔަވެފައިތިބި ގެރިތަކެއްހެން، ހުކުރުވިލޭރޭ މެންދަމުން އަލިވުމަށްފަހު، ދަންވަރު ވަގުތެއްގައި އައިސް ދިދަދަނޑީގެ ބުޑަށް އަރައިގަތީ ވަރަށް ވަހުޝީ ހާލަތުގައި ދިޔާތަކެތިން، މަސްތުވެ ތިބެއެވެ. އެވަގުތަކީ، ދުވަހަކުވެސް މިހާތަނަށް ނުލިބޭ ހިތްވަރެއް އަޅުގަނޑަށް، ވެރިވެފައިހުރި ވަގުތެކެވެ. ހުރެވުނީ އެތައްދަރަޖަ އަކަށް ހަކަތަ އިތުރުވެފައެވެ. އަޅުގަނޑަށް އެވަގުތު ހުރެވުނުތަނުން އަޅުގަނޑުގެ ޒިންމާއަކަށް ވެފައިއޮތީ ދިދައިގެވާގަނޑު، ބަދުމާޝް ތަގުންގެފޯހުން، ކަނޑާލިޔަނުދީ ދިވެހިދިދަ ދިފާއުކޮށް ހިމާޔަތްކޮށް ދިނުމެވެ. އެމީހުން ކުދިފިޔޮހި ތަކާއި ކަޓަރު ގެންގުޅުތަން އަޅުގަނޑުގެ ދެލޮލުން ދުށީމެވެ. އެމީހުން މަސައްކަތްކުރީ، ދިދައިގެވާގަނޑު ކަނޑާލައި ދިދަވައްޓާލުމަށް ފަހު، އެބަދުނާމު އަޅުގަނޑުމެން އެތަނަށް އެއްވެފައި ތިބި، ރިފޯމިސްޓުންގެ ބޮލުގައި އެޅުވުމަށެވެ. އަޅުގަނޑައި ޖެހިގެންހުރީ ވަރުގަދަ ހިތްވަރެއްދެއްކެވި، މުޖާހިދެއްކަމުގައިވާ، ދާދަރާނަސީމެވެ. މިއީ “ހަމީދު” އާއި “ޔާމީނު” މެން ފަދަ، ބޮޑުން އަޑީގައި ތިއްބަގެން ހިންގުވި ނުބައިނުލަފާ، މުޑުދާރު ރޭވުމެކެވެ. ސިފައިންގެ ވަށައިގެން މަގުމަތީ ފާރުގެ މަތީގައި ހަދާފައިހުރި ވޮޗްޕޯސްޓު ތަކުން މެގަޕޯނުތައް ބާލައިގެން ސިފައިންގެ ބައެއްގެ އެހީލިބިގެން އެތަނަށް އެއްވި، ސަރުކާރަށް ތާއީދު ދެމުން ގެންދިޔަ ބަޔަކު، ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތް ތެރިވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ. މިބައިގަނޑު ލީޑުކޮށްދިނީ ޑޮކްޓަރ ފާތިން ހަމީދާއި ކެލާ ނިޒާމާއި ޢިމާދު ސާލިޙާއި މިފަދަ ޑީއާރުޕީއަށް ނިސްބަތްވާ ބޮޑެތި ބޭފުޅުންނެވެ. އަދި އެތަނަށް އެއްކުރި ޕާޓޭންނެވެ. ސިފައިންނަށް ހަމަލާދިނުމުގައި އުޅުނީވެސް މިބައި ގަނޑުގައި ހިމެނޭ، އެދުވަހު ޖަލުންދޫކޮށް ލެވުނު، ޕާޓޭގުރޫޕެވެ. ސިފައިންގެ މީހެއްގެ ބަނޑަށް ވަޅިއެއް ހަރާލީވެސް މީގެތެރެއިން މީހެކެވެ. އޮފީސް ޢިމާރާތް ރޯކޮށްލުމަށް އަލިފާން ބޭނުންކުރީ ވެސް އެމީހުންނެވެ. އަދި ހަމައެދުވަހު ޖަލުގެ ދޮރުތައް، ކޮމާންޑަރ އިންޗީފް އާދަން ޒާހިރު ލައްވާ ހުޅުވާލެއްވިއެވެ. ނުލަފާ ފުރާވަރުގެ ޕާޓޭންގެ ގިނަކުދިންތަކެއް ޖަލުން ދޫކޮށްލިއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދޯންޏެއްގައި މާލެ އައުމުގެ ދަތުރުމަތީގައި ތިއްބާ، ސިފައިންނާ ކުރިމަތިވެ ކުރިމަތިލުން ތަކެއް ހިނގިއެވެ. މިއީ ދޫކޮށްލި ކުދިންގެ ތެރެއިން މަދުބައެކެވެ. އަދި މާލޭ ޖަލުތަކުން ނުކުތް ކުދިން މިއެއްވުމުގެ ތެރޭގައި ތަގުންގެ ފޯހާއެކުގައި ކުއްލި ހަރަކާތުގައި އުޅުނެވެ. ތަންތަނުގައި އަލިފާން ރޯކުރަންށާއި ސިފައިންނަށް ހަމަލާދޭން އުޅުނު ބަޔަކުވެސް އޭގެތެރޭގައި އުޅުނެވެ. ހަމަގައިމުވެސް މިއެންމެންނަކީ އަބުރާ ޖަލުތަކަށް ގެންގޮސް ބަންދުކުރެވޭނެ މީހުންނެއް ނޫނެވެ.

އާދެ! ކޯއްޓޭގެ ބޮޑުދިދަ ކަނޑާވައްޓާލުމާއި އެވަގުތު ހިންގި އެހެނިހެން ނުލަފާ ހަރަކާތްތައް، ކާމިޔާބުނުވީ އެމީހުންގެ ނިޔަތާއި މަގްސަދު ރަނގަޅު ނުވީމާކަން ކަށަވަރެވެ. ފަހެ، ދެބައިމީހުންގެ ދެމެދު ހިނގި، ހަމގުރާމައިގެ މިހިނދުކޮޅުގައި އަޅުގަނޑުގެ ހިތަށް، ތަޞައްވަރު ވަމުންދިޔައީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ލިބުނު ރޫހާނީބާރާއި ކާމިޔާބު ތަކަށެވެ. އަދި ހަނގުރާމައިގެ މިހިނދުކޮޅަށް ފަހު މާގިނައިރެއްނުވެ، އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުގެ ޤުނޫތުގައި ޝައިޚު ފަރީދު ވިދާޅުވެދެއްވި ދުޢާއިން އެތައް، އެތައް އިހުސާސް ތަކެއް އިތުރުވެގެން ދިޔައެވެ. ﷲ މިގައުމަށް ބަދަލެއް ގެނެސް ދެއްވުމުގެ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޖައްބާރު ވެރިންނަށް ޢިބްރަތެއްގެ ގޮތުން ފިލާވަޅެއް ލިބެންވީ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޝައިޚް ފަރީދުގެ ޖާމިޢު ދުޢާގައި މިހުރިހާ ދިމާއަކަށް އަސަރާއެކު އަލިއަޅުވާ ލެއްވިއެވެ! ނަމާދުގައި ބައިވެރިވި ރައްޔިތުން އެއްއަޑުން އާމީން ހަރުއަޑުން ކިޔަމުން ގެންދިޔައެވެ. ރާއްޖޭގައި އެފަދަދުޢާއެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ﷲގެ މިސްކިތަށް ކަރުނައެޅި އެތައް އިޚްލާސް ތެރިންނެއް ތިއްބެވެ. ރައީސް މައުމޫނުގެ ވަފާތެރި މިނިސްޓަރެއް ކަމުގައިވާ، އޮނަރަބްލް އުމަރުޒާހިރު ފަހަތު ސަފެއްގައި އެދުޢާގެ އަސަރުން، މަޑުމޯޅިވެ، ކީރިތި ކުރައްވަން ހުންނަވަނިކޮށް ފެނުނެވެ. ޝައިޚު ފަރީދު ޢަރަބިބަހުން ވިދާޅުވި ބައިތަކުގެ މާނަ އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. މިއީ އިސްލާމީ މަރުކަޒުގައި ރައްޔިތުންގެ ބޮޑު ޖަމާޢަތަކާއެކު، ކުރެވުނު ތާރީޚީ ފަތިސް ނަމާދެއް ކަމުގައި އަޅުގަނޑު ފާހަނގަ ކުރާނަމެވެ. 2004 ޑިސެންބަރ 25 ގެ ކްރިސްމަސްރޭގެ މަޖާތަކުގެ ތެރެއިން ފާޅުވިއިރުގެ އަލިކަމާހެން ހަގީގީ ސުނާމީއެއް، ރާއްޖެއަށް އަރައި އަނެއްކާވެސް ރައީސް މައުމޫނުގެ ހިތްޕުޅު ބިރުގަންނަވާލެއްވީ، ﷲގެ ކުޅަދުންވަންތަ ކަމުންކަން ކަށަވަރެވެ. ބަންދުގައި ތިއްބެވި ގާސިމުމެން ފަދަ މީހުންގެ ހައްގުގައި ރައީސް މައުމޫނުގެ އަނިޔާއިން، މިންޖުކޮށް ދެއްވުން އެދި، 99 ޚަތިމު ކުރުމުގެ ކިޔެވެއްޔަކާއި އެތައް އެތަކެއް ވިރުދުތަކާއި ކީރިތިގުރުއާނުން ކިޔެވެލިތަކެއް، މިއަނިޔާތަކާ ގުޅިގެން ކިޔަވާހަދާއި، ﷲއަށް ދެންނެވުނުކަން، އދ.އަތޮޅުގެ ބައެއް ރައްޓެހިންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ލިބިފައިވެއެވެ. ހަމަގައިމުވެސް ޝައިޚް ފަރީދުގެ ދުޢާއާއި މިދެންނެވި ކިޔެވުންތަކަކީ އެއްވެސް ހުރަހެއްނެތި، ﷲއަށް ސީދާކޮށް ރައްދުވާނެ އަޅުކަމެއްކަން ކަށަވަރެވެ! އެދުޢާތަކުގައި ރޫޙާނީބާރުތަކެއް ހިމެނޭނެކަން ކަށަވަރެވެ! ﷲއީ އަނިޔާ ލިބެމުންދާ މީހުންގެ ދުޢާތައް އައްސަވާއި އިޖާބަކުރައްވާ ކުޅަދުންވަންތަ ކަލާނގެއެވެ.

އާދެ! ޖުމްހޫރީ މައިދާނުގައި ސާބިތުކަމާ އެކު، އެތާއެވަގުތު ތިއްބެވި ކުޅަދާނަ މުޖާހިދުންގެ ބާރާއި ހިތްވަރުން ބަދުމާޝް ތަގުންގެ ވަހުޝީ ރޭވުންތަކާއި މުޑުދާރު މަގްސަދު، ފެއިލް ވެގެން ދިއުމުން، އެވެރިން ދުވެފިލީ އެތައް އަނިޔާތަކެއް ލިބިގެންނެވެ. ލަދުވެތި ހާލުގައެވެ. އަޅުގަނޑާއި ދާދަރާ ނަސީމާއި އެހެންމުޖާހިދުން އެހިނދު ޖިހާދުކުރަމުން ގެންދިޔައީ އެމުޖްރިމުންނަށް ކިތަންމެ އަނިޔާއެއް ވިޔަސް އެންމެރަނގަޅު ކަމަށެވެ. އަދި ދިދައިގެ ވާގަނޑާ ހަމައަށް އެވަޙުޝީ މީހުންގެ އަތްތައް އަޔަނުދޭށެވެ. ﷲގެ ވާގިފުޅާއެކު އެކަން ކުރަންއައި މީހުން ބަލިކޮށް ލެވުނެވެ.

އާދެ! ދެން މިގެނެސްދެނީ، 2008 މޭގައި “ޙަސަނާއި އަންނިއަކީ، ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟” މިސުރުޚީގެ ދަށުން، އަޅުގަނޑު ލިޔުނު މަޒްމޫނުގައި “ކަޅުހުކުރު” ގެޙާދިޘާއާ ގުޅިގެން ލިޔެފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަނދާނަށް ގެންނަންޖެހޭ ވާހަކަތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް “އިލްޔާސް ޙުސައިން ޑޮޓްކޮމް” ގައި ޝާއިޢުކޮށްފައި ވާނެއެވެ.

“ފަހެ، ދަންނާށެވެ! 2004 އޯގަސްޓް 12، 13 “ކަޅުހުކުރު” ގައި ބަންދުކުރެވުނު ރިފޯރމިސްޓުންނަށް ޤާނޫނު އަސާސީން ލިބިދޭ އެންމެ މުގައްދަސް ހައްގުކަމުގައިވާ، ގާނޫނީވަކީލުން ލިބިދިނުމުގެ ހައްގު ނިގުޅައިގަނެ ރައީސް މައުމޫނުގެ މުށުތެރެއަށް އަސާސީގެ އަސާސީ ހައްގުތަކާބެހޭ އެންމެމުހިންމު މާއްދާތައް ލެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ، މިހާރު އެމްޑީޕީގެ މުގައްދަސް ވަތުތަށީގައި ބައިންދަން ގަސްތުކުރާ ޖޯޑެވެ. އޭރުގެ ބަންޑާރަ ހަސަނެވެ. ފަހެ މިޖޯޑަކީ، އެފަދަސާފު ތާހިރު ވަތުތައްޓަކަށް އެކަށީގެންވާ ޖޯޑެއްނޫނެވެ. ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ގިނަމާއްދާތަކެއް އަސާސީގެ، 144 ގެ ދަށުން ކަމަށްބުނެ، ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވައި، އެމާއްދާތަކަށް އަމަލު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށް، ބަންދުކުރުވީ ސީދާ ހަސަނެވެ. ދެވަނަމީހެއް ނޫނެވެ. ހަސަނާއި ޑޮކްޓަރ މަހްމޫދުޝައުގީ އިސްކޮށް ތިއްބަވާ ގޮތަށް އުފެއްދުނު، ވަރަށް ޚާއްސަ ރިޔާސީ ކޮމެޓީ އަކުން، އެކަމުގައި ތާށިކުރި އެންމެންނަށް ދައުލަތުގެ ބާޣީންގެ ނަމުގައި އެތައް އަނިޔާތަކެއް ކުރިއެވެ. ތަހުގީގުތައް ރާވާއި ބައްޓަންކޮށް ކުރިޔަށް ގެންދިޔައީ އެމީހުންނަށް ފެނުނުހާ މުޑުދާރު ގޮތަކަށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ޢަދުލް އިންސާފެއް ހަމައެއް ލަމައެއް ނެތިއެވެ. ލާއިންސާނީ ކޮށެވެ. އަލްއުސްތާޒު މައުމޫނު ހަމީދު އިސް މުޝީރަކަށް ކޮމާންޑުގައި ބަހައްޓައިގެން ނެވެ. ދުއިސައްތަ ވަރަކަށް ސިފައިނާއި ފުލުހުން އޭނާގެ ދަށަށް ދީގެން މުޅިން ވަކިއޮފީހެއް، ސިފައިންގެ މައިމަރުކަޒުން ބޭރުގައި ހަދައިގެންނެވެ. ހައްޔަރުކުރި މީހުންނަށް، ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ސިފައިންނާއި ފުލުހުން ކުރި ހުތުރު ދުއްތުރާތަކުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ސީދާ ބަންޑާރަ ހަސަނެވެ. ޖިންސީގޮތުން ފިރިހެނުންނަށް ކުރިއަނިޔާތައް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަލްފާޟިލް ފުރަހަނި ޝުޢައިބުއަލީއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. އަންހެނުންނަށް ޖިންސީގޮތުން ކުރި އަނިޔާތައް އެމްޑީޕީގެ މެންބަރު އަލްފާޟިލާ އެލީނާ އަހްމަދު އައްބާސް، ދޮންބިއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. މިހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހަސަނު ހުންނެވި އިރު، އެހީތެރިއަކަށް، އަދި އިސް ތަރުޖަމާނަކަށް ހުންނެވީ، އެމްޑީޕީގެ މުގައްދަސް އިސްލާހީ ހަރަކާތް ފުނޑުފުނޑު ކޮށްލާއި ޖަނާޒާއަށް ގޮވާލެއްވި، ޑޮކްޓަރ އަހްމަދު ޝަހީދެވެ. ރައީސް މައުމޫނުގެ ޖައްބާރު ޚާރިޖީވަޒީރެވެ. ރައްޔިތުންނަށް އެތައް އަނިޔާތަކެއް ވެފައިވާ މީހެކެވެ. ރާއްޖެ ލާދީނީކުރުމުގެ މުގުލުގައި ހުންނެވި ޔަހޫދީޚިޔާލުގެ ބޭފުޅެކެވެ. ފަހެ މިބޭފުޅުން، މިހާރު ލަދެއް ނުގަނޭތޯއެވެ؟ ރައްޔިތުންގެ ހިތްތަކުން މިފަދަ އަނިޔާވެރި، ޖާހިލީ ކަންތައްތަކަކީ، ހަދާންނެތި ކޮށްލާއި ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ. މުޖުރިމުން އަބަދުވެސް ވާނީ މުޖުރިމުން ނަށެވެ. ހަކުރުވާނީ ހަކުރަށެވެ. ލޮނުވާނީ ލޮނަށެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ކެނޑިއްޖެ ބިކުރަކީ އަނބުރާ ގެނެވޭނެ، އަދި އިޢާދަކުރެވޭނެ އެއްޗެއް ނޫނެވެ. ފައިސާއާއި ވަގުތު ބޭކާރުކުރެވި ދާނެއެވެ. ރައްޔިތުންގެ ޚިޔާލާތާއި ފިކުރު، ބަދަލެއް ނުކުރެވޭނެއެވެ. ޝައްކެއް ނެތެވެ! މިކަން ދަންނާނެ ބަޔަކު އަބަދުވެސް ދިވެހި ހަވަރުގައި ތިބޭނެއެވެ.”

ޖަވާހިރުވާދީ އިލްޔާސް، ހަތަރުވަނަފަހަރު ޖަލަށްލުން.
ޙަސަން އީވާން ނަސީމް، މ.އޭޝިޔާ މާލެ އަށް ޖަލުގައި އަނިޔާކޮށް މަރާލުމާއި ޖަލުގައި ގައިދީންގެ ތެރެއަށް ބަޑިޖަހައިގެން ބަޔަކުމަރާލުމަކީ ދިވެހިގައުމު ސިއްސުވާލި އާދަޔާޚިލާފު ކުއްލިޝޮކެކެވެ. މިކަމާޝައްކު އުފައްދާނެ ދިވެއްސެއް ނުހުންނާނެކަން ކަށަވަރެވެ. ފަހެ ދަންނާށެވެ! 19 އަދި 20 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ، ދިވެހިތާރީޚުގައި ފާހަގަކޮށް ފަވާލެވިފައިވާ ވަރަށްތާރީޚީ ދެދުވަހެވެ. އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެނުން ވެގެންދިޔައީ ޒަމާންވީ ވެރިކަމުގެ މިސްރާބު އިސްލާހައި ދިމާއަށް ބަދަލުކޮށްލި އިސްތިރާތީޖީ ޝޮކަކަށެވެ. މިޝޮކާގުޅިގެން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކެކިގަނެ އުތުރިއެރިއެވެ. އަދި އެކަމާވިދިގެން އޭގެއަނެއް ދުވަސް ކަމުގައިވާ، ހޮނިހިރުދުވަހު މާލޭގައި ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެ، ސަރުކާރަށް ދަށްކާލީ ވަރަށްޒަމާނީ ބިރުވެރިކަމެކެވެ. މިހާރުގެ ގޮތުން ދަންނަވަނީނަމަ، ސަރުކާރަށް ގޮންޖެހި މޮޑަންތްރެޓެކެވެ. ސްޓްރެޓެޖިކް ޝޮކެކެވެ. ދެންމީގެފަހުން އެފަދަނުރައްކާތަކުން ސަލާމަތްވުމަށް ސަރުކާރަށް މަޖްބޫރުވީ، ރައްޔިތުންގެ ވިންދާއެއްގޮތަށް ރައްޔިތުން ގޮވަމުން، އަޑުއުފުލަމުން ގެންދިޔަ އިސްލާހުތަކާ ދިމާއަށް ގައުމުގެ މިސްރާބު އަނބުރާލާށެވެ. ސަރުކާރަށް މިކަންތައް މިގޮތަށް ކުރުމަށް މަޖްބޫރުވިއެވެ. ހަމައެރޭ އިރާކޮޅު ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބު ކުރެއްވިއެވެ. މައްޗަށް ޖައްވަށް ފަޒާއަށް ދިވެހިންގެ ގަޔަށް ބަޑިޖަހަން ޖެހުނުކަމަށް އިޢުތިރާފްވެ ވަޑައިގަތެވެ. އަދި މާލަސްތަކެއް ނުވެ، އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރެއްވިއެވެ. ހިއުމަން ރައިޓްސް ބިލަކާއި ސިވިން ސަރވިސް ބިލެއް މަޖިލީހަށް ވައްދައި އަވަސް މުއްދަތެއްގައި އަމަލީސިފަ ގެނެވުނެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިސްލާހީ ހަރަކާތްތައް ބޭރާއި އެތެރޭގައި ވަރަށްބާރު ސްޕީޑްގައި ކުރިޔަށް ގެންދަން ފެށިއެވެ.

ފަހެ، ދަންނާށެވެ! ދުނިޔޭގެ ތާރީޚަށް ނަޒަރުކުރާއިރު ޚުދުމުޚްތާރު ދިގުމާޒީއެއް އޮންނަ ގައުމުތަކުގައި ސަރުކާރު އަޑީގައި އޮވެގެން މިޒާތުގެ ނުލަފާކަންތައް، ގައުމުގެ ސިޔާސީ ކުރިމަގު އެހެންދިމާއަކަށް ބަދަލުކޮށްލާއި ޓްވިސްޓްކޮށް ލުމަށްޓަކައި ވަރަށް ސިއްރުގޮތުގައި ރާވައިގެން ތަންފީޒުކޮށްފައި އެބަހުއްޓެވެ. ޖަލުންފަދަ ތާކުން މީހަކު މަރާލާއި މާސިންގާ ކަންތައްގަނޑެއް ހިންގާލުމުގެ ފޮރުވިފައިވާ އަމާޒަކަށް، އަދި ފައިދާއަކަށް ވެފައި އޮންނާނީ، ވެރިމީހާ އިތުރަށް ހިންދެމިލާއި ސަރުކާރު ކުރިޔަށްވުރެ ވަރުގަދަކޮށް ލުމެވެ. އިދިކޮޅު އިސްލާހީ ހަރަކާތްތައް މަރާލުމެވެ. ޔަހޫދީންގެ ކޮންސްޕިރެސީ ތިޔަރީގެ ދަށުން ހަރަކާތްތެރިވާ، ބިލްޑަރބާރގް ގްރޫޕުން، އިސްލާމީ ގައުމުތައް ޔަހޫދީންގެ މުށުތެރެއަށް ލުމުގެ ބޭނުމުގައި މިފަދަކަންތައް ރާވައިދީފައި އެބަހުއްޓެވެ. އިސްލާމީ ގައުމުތަކުގައި އުފެދިފައި ހުންނަ، އިސްލާހީ ހަރަކާތްތައް ނެތިކޮށްލާއި ސިޔާސީ ލީޑަރުންތައް ދިގުމުއްދަތަށް ބަންދުކޮށް ނެތިކޮށްލުމަށް މިފަދަ ސިޔާސީ ރޭވުންތައް ރާވައިގެން ހިންގާފައި އެބަހުއްޓެވެ. މިރޮނގުން ވިސްނައިފިނަމަ، އަޅުގަނޑަށް ފާހަގަކޮށްލެވޭ ހަތަރު ނުކުތާއެއް މިތާގައި ފާހަގަކޮށް ލާނަމެވެ.

އެކެއް: ޖަލުގައި އިސްކޮށް ހުންނެވި ބޭފުޅަކު އެދުވަހު އެވަގުތުގައި މައިދާނުން ދުވެފިލުން ހިމެނެއެވެ. މީނާއަކީ، އަމިއްލަ ސަލާމަތަށް، ޖަލުމީހުންނާ ބެހޭގޮތުން މިނިސްޓްރީ އޮފް ޑިފެންސަށް ވަރަށް ތަފްސީލީ ސިޓީއެއް ލިޔެފައިވާ މީހެކެވެ.

ދޭއް: އީވާން ނަސީމުގެ މަންމަ އޭނާގެ މަރާލެވިފައިވާ ދަރިފުޅުގެ ހަށިގަނޑު ވަރަށް އުނދަގުލުން ހޮސްޕިޓަލުގައި އޮއްވައި ކަޝްފުކޮށް ބެލުމަށްފަހު، ސަޙަރާއަށް ގެންދެވުމާއެކު، ފިލްމުކުޅެއް އުޅުއްވާ، މ.ބިގްފިޝް ޔޫސުފްރަފީޢު (ޔޫސޭ) މެންފަދަ ބޭފުޅުން، ސަހަރާއަށް ރައްޔިތުން އެއްކުރުމަށް ގަދައަޅާ އަމަލީގޮތުން ޙަރަކާތްތެރިވެ މަސައްކަތްކުރުން ހިމެނެއެވެ. މީގެތެރޭގައި އޭނާ، އަޅުގަނޑަށް ގުޅާފައި އަވަހަށް ސަހަރާއަށް ދިއުމަށް އެންގިއެވެ. އަދި އަޅުގަނޑު ލަސްވުމުން ސައިކަލެއްގައި އަޅުގަނޑުބަލާ މީހަކުފޮނުވައިގެން ސަހަރާއަށް ގެންދިއުން ހިމެނެއެވެ. ޕާޓޭންގެ ގްރޫޕްތަކެއް ސަހަރާގައާއި މަގުމަތީގައި އިސްކޮށް ހަރަކާތްތެރިވުން ހުމެނެއެވެ. ރާއިދު މެންކަހަލަ ސިފައިންގެ ތެރޭގައި ތިބި ޖާސޫސުންނާ ޕާޓޭންނާ އޮންނަގުޅުން ހިމެނެއެވެ.

ތިނެއް: މިކަމާގުޅިގެން މާލެތެރޭގައި ހިންގުނު ހުރިހާކަމެއްގައި ހަރަކާތްތެރިވި މީހުންނާއެކު އެންދެރިމާގޭ އައްބާސް އިބްރާހީމްގެ ދަރިކަލެއް ޕާޓޭންގެ ގްރޫޕަކާއެކު އިސްކޮށް ހަރަކާތްތެރިވުން ހިމެނެއެވެ.

ހަތަރެއް: އެންމެފުރަތަމަ މިކަމާގުޅިގެން ސިޔާސީމީހަކަށް އަޅުގަނޑު ޖަލަށްލުން ހިމެނެއެވެ. ކުރެވުނު ސުވާލުތަކުގައި ސަހަރާއަށް ދިއުމަށްގުޅީ ކާކުތޯއާއި ސަހަރާއަށް ގެންދިޔައީ ކާކުތޯ ސުވާލުކުރުން ހިމެނެއެވެ. އަދި ޟިޔާ އައްބާސްމެން މާލެތެރޭގައި ހިންގި ޣައިރުޤާނޫނީ ހުރިހާކަމެއް އަޅުގަނޑު ބޮލުގައި އަޅުވާއި ސިޔާސީ ކަމަކަށް ބަދަލުކޮށްލަން، ސިފައިންގެ ތެރޭގައިތިބި ޖާސޫސުންކުރި ގިނަގުނަ މަސައްކަތްތައް ހިމެނެއެވެ.

އެހެނަސް މިހާދިސާއަކީ މިފަދަ ވަރުގަދަ ބައިނަލް އަގްވާމީ ބުއްދިއެއްގެ ޝިކާރައެއް ކަމަކަށް، އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރާކަށް ނެތީމެވެ. ޖެހޭނީ އިތުރު ދިރާސާތައް ހަދާށެވެ. ޖަލުގައި އިސްކޮށްތިބި މީހުންނާ ދޭތެރޭގައެވެ. އެދުވަހުގެ ފޯންކޯލްތައް ހިންގާފައިވާ ގޮތްތަކާ ދޭތެރޭގައެވެ. ކޮންމެއަކަސް މިފަދަ ސިޔާސީ ކަންކަމުގައި އެންމެކުރިން ހައްޔަރުކުރާ މީހަކަށް އެދުވަސްވަރު ހަދާފައިވަނީ ސީދާ އަޅުގަނޑެވެ. އެހެންވުމާއެކު، ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހުމުން މާލެތެރޭގައި ބަޔަކުމީހުން ނުކުމެހިންގި ޒަމާނީނުރައްކަލެއްގެ ތުހުމަތުގައި އަޅުގަނޑު ގެންގޮސް ޖަލަށްލާއި ދުވަހަކުވެސް ނުހިންގާވަރުގެ ބޮޑުތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވައިގެން، ސަރުކާރުން ހިންގާފައިވާތީ މިވާހަކަތައް ލިޔަން، އަޅުގަނޑު ގަސްދުކުރީއެވެ. އަޅުގަނޑު މިވާހަކަތައް ލިޔަންމިފެށީ، ތަންކޮޅެއް ކުރިޔާލައި އެއަހަރުތެރޭގައި އަޅުގަނޑަށް ފެނިފައިހުރި ހުވަފެންތަކާ ހަމައިންނެވެ. މިޙާދިޘާ ހިންގި، 19 ސެޕްޓެމްބަރ ވީހުކުރު ދުވަހާހަމައަށް ނޯޓުކޮށްލަން ޖެހޭވަރުގެ ފަސްހުވަފެނެއް އަޅުގަނޑަށް ފެނިފައި ވެއެވެ. އަޅުގަނޑު ފަށާނީ، އަޅުގަނޑުގެ ރަށްޓެއްސެއްގެ ހުވަފެނަކުންނެވެ.

ފުރަތަމަ ހުވަފެން:

މިއީ، 24 ފެބްރުއަރީ 2003މ. 23 ޛުލްޙިއްޖާ 1423ހ، ވީހޯމަ ދުވަހު އަޅުގަނޑުގެ ރަށްޓެއްސެއް ކަމުގައިވާ، އަލްފާޟިލް އަބްދުލްޙަމީދު (މުނިސިޕަލްޓީ ޙަމީދު) އަށް ފެނުނު ހުވަފެނެކެވެ. އޭނާއަށް މިހުވަފެން ފެނުމުން، 24 ފެބްރުއަރީ 2003 ވީހޯމަ ދުވަހު ހެދުނު، 9:45 ގައި އަޅުގަނޑަށް ގުޅާފައި ވިދާޅުވަނީ، ރޭގައި އޭނާއަށް، (މުނިސިޕަލްޓީ ޙަމީދަށް) ހުވަފެނުން ފެންނަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު މިސްޓަރ ޓޯނީބްލެޔަރ އާއެކުގައި އިލްޔާސް ލޮނުޒިޔާރަތް ކޮޅުގައި ތިންފައިކަށިލީ، (ތިންބާރުވަކިކުރާގާ) ޓެޓްރާރޕޮޑް ބަހައްޓާފައިހުރި ސަރަހައްދުގައި މަސްކާށިކާން އުޅޭތަނެވެ. ޙަމީދު ވިދާޅުވަނީ މިއީ ރޭގައި އޭނާއަށް ފެނުނުހުވަފެނެކެވެ. ޖޯކެއްނޫނެވެ. ހަމަތެދު ހަގީގަތެކެވެ. އިލްޔާސް ގަބޫލްކުރެއް ވިޔަސް، އަދި ނުކުރެއް ވިޔަސް ކުރާނެކަމެއް ނެތެވެ. އަޅުގަނޑު މިހުވަފެން ތަޢުބީރުކޮށް މިއީ ރަނގަޅު ހުވަފެނެއްކަމަށް ގަބޫލުކޮށް، ﷲއަށް ޝުކުރު ދަންނަވާއި ޙަމްދުކުރީމެވެ. އަޅުގަނޑަކީ ލޮނުޒިޔާތަރް ކޮޅުގައި މީގެއެތެއް ދުވަހެއް ފަހުން، އަބްޖީފައިސާ ދެއްވިމާ، ތިންބާރުވަކިކުރި ސަރަހައްދުގައި ފުރަތަމަ ފަހަރަށް މަސްކާށިކެއުން އިސްލާހީ އެކްޓިވިސްޓުން ލައްވާ، ހިންގިމީހާއެވެ. އަދި އޭގެފަހުން އެކަން އާލާވެ ބޮނޑިބަތަށް ބަދަލުވެ، ބޮޑެތިސިޔާސީ ހަރަކާތްތައް އެސަރަހައްދުގައި ހިންގިފައި ވެއެވެ. މިހުވަފެނާމެދު އަޅުގަނޑުގެ ތަޢުބީރަކީ، ޙަމީދަކީ މާލޭ މުނިސްޕަލްޓީގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ބޭފުޅަކަށް ވެފައި، އަދި ތިންފައިކަށިލީ ޓެޓްރާރ ޕޮޑްތަކާ ގުޅުންހުރި ބޭފުޅަކަށް ވެފައި، ޑޮކްޓަރ ވަހީދާއި ގޯގޯލަތީފާއި ގާސިމް އިބްރާހީމްމެން ފެއްޓެވި އިސްލާހީ ހަރަކާތުން ފެށިގެން ރާއްޖޭގެ އިސްލާހީ ހަރަކާތަށް ސަރުކާރު ތެރޭގައި ހުރެގެން ތާއީދުދީ، އަބަދުވެސް އެހަރަކާތުގެ ވާހަކަތައް އަޅުގަނޑުގާތުން އަހާއި އޮޅުންފިލުވާހަދާ ބޭފުޅަކަށްވާތީ، މިކަހަލަ ހުވަފެނެއް ފެނުނީއެވެ.

ދެވަނަ ހުވަފެން:

މިއީ، 11 މާޗް 2003މ. 08 މުޙައްރަމް 1424ހ، ވީއަންގާރަ ދުވަހެވެ. މިހުވަފެން ފެނުނީ، ރޭފަތިހު، 5:25 ގައި ފަތިސްނަމާދަށް ބަންގިގޮވުމަށް ފަހުގައެވެ. އިރުއެރުމުގެ ކުރީގައެވެ. ފެންނަނީ އިންޑިޔާގެ ބޮޑުހޮސްޕިޓަލެއްގެ އެތެރެއެވެ. ޑޮކްޓަރަކަށް ހުންނެވީ، ޓްރިވަންޑްރަމް ޕީއާރުއެސް ހޮސްޕިޓަލުގެ ސީނިއަރ ސާރޖަނެއް ކަމުގައިވާ، ޑޮކްޓަރ ޝަރްމާއެވެ. ހޮސްޕިޓަލުގެ ޢިމާރާތް ތެރޭގައިހުރި އެންމެވަރުގަދަ މައިތަނބުހުރީ މަތިންއެކުގައި ކަނޑައިގެންގޮސް ތިރިންވެސް ބިނދިފައެވެ. ވަރަށް ބަލިކަށިވެފައެވެ. އެތަނބު ހިފޭއްޓުމަށް ޖަހާފައިހުރީ ވަރަށްވަރުގަދަ އެންމެދެމޮހޮރެވެ. ހުރިހާކަމެއް ފުރިހަމަވަމުން ދިޔައީ އެދެމޮހޮރުގެ ސަބަބުންނެވެ. އަދި އެދެމޮހޮރުގެ ބާރުން، ތަނބުހުރީ ވަރުގަދަކޮށް ހިފޭއްޓިފައެވެ. ހޮސްޕިޓަލްގެ ޢިމާރާތްވެސްހުރީ ސާބިތުކަން މަތީގައި ހިފޭއްޓިފައެވެ. ބަރާބަރަށް މަސައްކަތް ކުރަމުން ގެންދެއެވެ. ދެންފެންނަނީ އޮޕްރޭޝަން ޓިއޭޓަރގައި އޮޕްރޭޝަނަކަށް ތައްޔާރުވެފައި ވަނިކޮށެވެ. ޑޮކްޓަރ ޝަރުމާ ތައްޔާރަށް ހުންނެވިތަނެވެ. އޮޕްރޭޝަން ކުރަން، ތައްޔާރަށް ބާއްވާފައިއޮތީ އަޅުގަނޑުގެ، 7 މަހުގެ ހަގުމަންޖެ، ރަމްޙާ އިލްޔާސް ހުސައިން އިބްރާހީމް (ރޭމް) އެވެ. މިފަށަނީ ވަރަށް ބޮޑުއޮޕަރޭޝަނެއް ކަމަށް ޑޮކްޓަރ ޝަރުމާ ވިދާޅުވުމުން އަޅުގަނޑު ދެރަވެގެންއުޅޭ މަންޒަރުފެނެއެވެ. ހޮސްޕިޓަލުގެ ޢިމާރާތުގެ މައިތަނބު ރެނދުއަޅާއި ބިނދިފައިވާތީ އެކަމާ އަޅުގަނޑު ދެރަވެގެން އުޅޭމަންޒަރު ފެނެއެވެ. މިމަންޒަރު ފެންނަމުންދަނިކޮށް ހޭލެވުނުއިރު، އަޅުގަނޑުގެ އަންހެނުން ރުކްޝާނާ ރުކު، އަޅުގަނޑު ކައިރީގައިހުރި ސޯފާސެޓްގެ ވަކިގޮނޑިއެއްގައި އިށީދެގެން އިނެވެ. އަދި އަޅުގަނޑުގެ، 2 އަހަރުގެ ދޮށީމަންޖެ، ތަންހާ އިލްޔާސް ހުސައިން އިބްރާހީމް (ޓޭން) އެމަންޖެގެ މަންމަކައިރީގައި އެމަންޖެ ޕުއްޕުލާން ގެންގުޅޭ ޕުއްޕުގޮނޑީގައި އިށީދެގެން ޕުއްޕުލާން އިނެވެ. އަޅުގަނޑު ނިދާފައިއޮތީ ސިޓިންރޫމް ކާޕެޓްމަތީގައި ބާލީހަކާއި ރަޖާގަނޑެއް ބޭނުންކޮށް ގެންނެވެ. ހޭލެވުމުން އަވަހަށްގަޑި ބަލައިލިއިރު، 5:25 ހިނގަނީއެވެ. އޭރުވަނީ ބަންގިގޮވާ ނިމިފައެވެ. ދެން ތެދުވެ ފަތިސްނަމާދު ކުރުމަށްފަހު، ފެންވަރާއި، ހެނދުނު ސައިބޮއިގެން އޮފީހަށް ދިއުމަށް ނުކުންނަންދެން، ޓޭން އުޅުނީ އަޅުގަނޑާ އެކުގައެވެ. އެއްގޮތަކަށް ވެސް އަޅުގަނޑާ ދުރަށްނުދެއެވެ. ރޭމް އޮތީނިދާފައެވެ. މިހުވަފެނާމެދު އަޅުގަނޑު ވިސްނާލުމަށް ފަހު، މިލިޔުންކޮޅު ނޯޓުކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑުގެ ރަސްމީކޮޓަރީގައި އިނދެގެންނެވެ. އަޅުގަނޑުގެ ތަޢުބީރަކީ، މިހުވަފެނަކީ މާބޮޑު ސިޔާސީ ހުވަފެނަކަށް ނުވިޔަސް ޢާއިލީގުޅުމާއި އަމިއްލަޒާތަށް ނިސްބަތްވާ ހަރުދަނާ ހުވަފެނެކެވެ. ރޭމްއަށް ރުކު، ބަނޑުބޮޑުވެ ވިހަންވީ ދުވަސްވަރު ރުކު، އުޅުނީ ވަރަށްބަލިވެއެވެ. ބަނޑަށް، 8 މަހުގައި އިންޑިޔާއަށް އަޅުގަނޑުމެން ދެމީހުން އެކަނި، ޓްރިވަންޑަރަމްގެ ޕީއާރުއެސް ހޮސްޕިޓަލުގައި އެޑްމިޓްވެތިބެ، ރޭމް ވިހެއުމުގެކުރިން ޑޮކްޓަރ ޝަރުމާ އިސްކޮށް ހުންނަވައިގެން ރުކުގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނެވެ. މިއޮޕަރޭޝަނަށް ފަހު، ރޭމް ނެގީ ދެވަނަ އޮޕަރޭޝަނެއްކޮށް ގެނެވެ. މިދެކަންތައް އެއްފަހަރާ ދިމާވުމުން އަޅުގަނޑު އުޅެއްޖެހުނީ ވަރަށްއެކަނި ވެރިކޮށް، އަދި އެހާމެބުރަކޮށެވެ. ވަރަށް ހިންމަތާއި މިންނަތުގައެވެ. ހުރިހާކަމެއް ހިންގީ އަމިއްލައަށެވެ. އެހެނަސް ހުރިހާކަމެއް ވެސް ހަމަޖެހިގެން ދިޔައީ، ﷲގެ ރަޙްމަތުން ވަރަށްފުރިހަމަ ކޮށެވެ. އުފާވެރިކޮށެވެ. 2 އަހަރުގެ ޓޭން ހުރީ، މާލޭގައި އަޅުގަނޑުގެ މަންމަކައިރީގައެވެ. މިހުވަފެނުން އަޅުގަނޑަށް ހަދާންވެގެން މިދަނީ، ވަރަށްހިންމަތާއި މިންނަތާއެކު ބުރަކޮށް އުޅެންޖެހުނު، އެދުވަސްވަރެވެ. އަދި މުޅިހޮސްޕިޓަލް ހިފޭއްޓިފައިހުރީ، އެންމެދެމޮހޮރުގެ ބާރަކުންކަމަށް ހުވަފެނުގައި އެފެނުނީ، އަޅުގަނޑުގެ ދެބޭންކަމުގައިވާ ޓޭންއާއިރޭމްގެ ސަބަބުން، އަނދިރި ކަމެއްގެ ތެރޭގައިވާ، އަޅުގަނޑުގެ ސިޔާސީޙަޔާތަށް ކުރިމަގުގައި ލިބިގެންދާނީ އިތުރުހިއްވަރެއް ކަމާއި އިތުރުކުރިއެރުމެއް ކަމެވެ. އެހެނަސް ލޮބުވެތި މިފަދަ ތުއްތުކުދިން ކޮޅަކާވަކިން ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ބަންދުވާން ޖެހިދާނެކަމެވެ. މިދުވަސްވަރަކީ، ސިޔާސީގޮތުން ވަރަށްގަދަޔަށް އަޅުގަނޑަށް ފާރަލާއި ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރަކަށް ވުމުން، މިހުވަފެނުން އަޅުގަނޑުގެ އަޒުމްއާވެ ކުރިޔަށް ދިއުމަށް އިތުރުހިތްވަރު ލިބިގަތީމެވެ. އިތުރަށް އަޒުމް ވަރުގަދަކުރީމެވެ. މިދުވަސްވަރު އަޅުގަނޑުގެ މިނިސްޓްރީގައި ހުންނަ އަޅުގަނޑުގެ މޭޒުމަތީގައި ހުރިރަސްމީފޯނާ ގުޅާފައި އިންފޯނުނަރުން އެއްނަރު ބުރިކޮށްލާފައި އެނަރުގެދެކޮޅުގައި ވަރަށްކުޑަކުޑަ ދޮޅުއިންޗި އަށްވުރެކުޑަ ޓްރާންސްމީޓަރެއް ހަރުކޮށް ކޭސިންގަނޑު ތެރޭގައި ފޮރުވައިގެން، އަޅުގަނޑު ދަށްކަމުން ގެންދާ ސިޔާސީ ވާހަކަތައް އަޑުއަހާއި ރެކޯޑްކުރަމުން ދަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެންތަކަކާ ގުޅިގެން އެކަންތައް ފަޅާއަރާފައި ވެއެވެ. އަދި މަޝްހޫރު ބޯކުޑޭއާއި ފިލްމުކުޅޭ މަޝްހޫރު ޔޫސޭއާއި ތިމާވެއްޓަށް މަޝްހޫރު މީމުޒަވިޔަނި ފަދަބޭފުޅުން، ސިފައިންގެއަށް އެކިފަހަރުމަތިން ހާޒިރުކޮށް، އަޅުގަނޑާ ގުޅޭގޮތުން ތަފާތުސުވާލުކޮށް ހަދާފައިވާކަން އެބޭފުޅުންގެ ފަރާތުން އަޅުގަނޑަށް އެނގިފައިވެއެވެ. ފަހެ، މިދުވަސްވަރަކީ، ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އިސްލާހަށް ހަރަކާތްތެރިވި އަޅުގަނޑުމެން ފަދަ މީހުންނަށް ފުދޭވަރަކަށް ސިޔާސީގޯނާތައް ކުރަމުންދިޔަ ދުވަސްވަރެކެވެ. އޭރު އަޅުގަނޑު މެންނަކީ، އަބަދުވެސް ސިފައިންގެ ޖާސޫސުންގެ ފާރަލުމުގެ ދަށުގައިތާށި ކޮށްފައި ތިބިބައެކެވެ. މިފަދަ ދުވަސްވަރެއްގައި މިހުވަފެނުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނެވެ. ކުރިމަގު ރާވާލަން އެނގުނެވެ. އާދެ! 12 މާޗް 2003 މާދަމާއަކީ، އަޙްމަދިއްޔާ ނާސަރީ ސްކޫލަށް ތަންހާ އިލްޔާސް ހުސައިން އިބްރާހީމް، ފުރަތަމަ ފަހަރަށް ގެންދަން ޖެހޭދުވަހެވެ. އަޅުގަނޑާ ވަކިވުމަށް ބޮޑާނުހާކާއި ނުރޮއި ސްކޫލްގައި މަޑުމަޑުން އުފާވެރިކަމާއެކު ހުންނާނެކަމަށް އުންމީދުކުރަމެވެ.

ތިންވަނަ ހުވަފެން:

29 މެއި 2003މ. 27 ރަބީޢުލްއައްވަލް 1424ހ، ވީބުރާސްފަތި ދުވަހެވެ. މިއީ، ރޭފަތިހު ބަންގިގޮވުމައި ވަރަށްކާރިވެފައި ވަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު ރަސްމީކޮށް ކޮންމެވެސް ތާކަށް ވަޑައިގަންނަވަން ވެގެން ރަސްމީކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާތަނެވެ. ރައީސް މައުމޫނު އަރިހުގައި އެންމެއިސްކޮށްހުރީ އަޅުގަނޑެވެ. އެތަނަށް އެއްވެފައިތިބި މީހުންގަނޑު ތެރޭގައި އަޅުގަނޑުގެ ދެއަތުން، ރައިސް މައުމޫނު ޙިމާޔަތްކޮށްގެން ކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާ މަންޒަރެވެ. ފަސްޓްލޭޑީ މެޑަމް ނަސްރީނާ ތަންކޮޅެއް ފަހަތުގައި ހުންނަވައިގެން ހިނިފުޅު ވޮޑުވާމަންޒަރު ފެނުނެވެ. އަޅުގަނޑުގެ ބެލުމުގެދަށުން، އަޅުގަނޑުގެ ޙިމާޔަތުގައި ރައީސް މައުމޫނު ކާރުކޮޅަށް އަރާވަޑައި ގެންނެވުމަށް ފަހު، ވަޑައިގަންނަވަންވީ ދިމާއަށް ވަޑައިގަތީއެވެ. ހޭލެވުނީ ރައީސް މައުމޫނުގެ ކާރުކޮޅު ދުއްވާލުމުންނެވެ. މިވާހަކަކޮޅު ނޯޓުކުރިއިރު މިހުވަފެން ވަރަށް ރަނގަޅަށް ހަނދާން ހުއްޓެވެ. އަދި މިއަދުގެ މެންދުރުގެ ވަގުތެއްގައި އިމެރެޓްސް ފްލައިޓަކުން ނުރަސްމީ ދަތުރުފުޅެއްގައި، ކޮޅުބުމަގުން ލަންޑަނަށް ރައީސް މައުމޫން ފުރާވަޑައި ގެންނެވިޚަބަރު ރާއްޖޭގެ މީޑިޔާގެ ޚަބަރުތަކުން އިވުނެވެ. މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ، ރައީސް މައުމޫނު އަޅުގަނޑަށް އިތުބާރުކުރައްވާއި ކައިރިކުރެއްވުމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއްފަހަރު އެކަމަށް ގަސްދުކުރައްވަނީ ކަމަށެވެ. އެހެނަސް ޢާއިލީބައެއް ނުފޫޒުތަކާހެދި އެކަންކުރެއްވޭގޮތް ނުވަނީކަމަށެވެ. އަދި ކުރިމަތީގައި އަޅުގަނޑަށްއޮތީ ސިޔާސީގޮތުން ޕްރެޝަރބޮޑު ދުވަސްތަކެއް ކަމެވެ.

ހަތަރުވަނަ ހުވަފެން:

02 ޖޫން 2003މ. 02 ރަބީޢުލްއާޚިރި 1424ހ، ވީހޯމަ ދުވަހެވެ. މިއީ، ރޭނިދާފައި އޮއްވާފަތިހު ވަގުތެއްގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު އަރިހުގައި ރިޔާސީ ގަނޑުވަރުގައި ރޭގަނޑު ވަގުތެއްގައި ސިޓިންރޫމްގައި ވާހަކަދަށްކަން ތިބިމަންޒަރެވެ. މިތާނގައި ވާހަކަދަށްކަން ތިބެފައި ރައީސް މައުމޫނު އަވަހާރަފުޅަށް ވަޑައިގަތީ، އިލްޔާސް ނިދިކުރައްވަން ވީމާ، ކުރިމަތީގައިހުރި ކޮޓަރިއާދިމާއަށް އިޝާރާތް ކުރައްވައި އެހަރަކޮޓަރިއަށް ވަންނަވައި އޮށޯންނެވުމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެލެއްވުމަށް ފަހު، ރައީސް މައުމޫނު ވަދެވަޑައިގަތީ އެހެން ކޮޓަރިކޮޅަކަށެވެ. އަޅުގަނޑު ވެސް ރައީސް މައުމޫނު ވިދާޅުވި ކޮޓަރިއަށްވަދެ ނިދަންއޮށޯވެވުނުކަން ހަދާންހުއްޓެވެ. ދެން އެހާހިސާބުން ހޭލެވުނީއެވެ. ސިޔާސީގޮތުން ހަލަބޮލި މިފަދަ ދުވަސްވަރެއްގައި މިހުވަފެނުގެ ތަޢުބީރެއްކަމުގައި އަޅުގަނޑު ގަބޫލުކުރީ، ރައީސް މައުމޫނު ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އެއްގޮތަށްވުރެ ގިނަގޮތްގޮތަށް ވިސްނަވާ ހައްދަވާކަމެވެ. ކޮންމެވެސްކަހަލަ ހުރަސްތަކެއް ހުރުމުން އަޅުގަނޑާ ދޭތެރޭގައި ހަދާނެ ވަކިގޮތެއް ފައިނަލް ނުކުރެވިގެން އުޅުއްވަނީ ކަމަށެވެ. އަނެއްހެން ވެސް އަޅުގަނޑަކީ، ރައީސް މައުމޫނު ބޭނުންފުޅުވީމާ، ބޭނުންފުޅުވާތާކަށް އަޅުގަނޑު ގެންދަވައިގެން ސިޔާސީ ޚިޔާލުބަދަލު ކުރައްވާހައްދަވާ މީހެކެވެ. މިކަހަލަ ބައްދަލުވުންތައް، ޑިފެންސް މިނިސްޓްރީގެ މަތީގައާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައާއި ރިއާސީ ގަނޑުވަރުގައި ހިނގާފައި އެބަހުއްޓެވެ.

ފަސްވަނަ ހުވަފެން:

19 ސެޕްޓެމްބަރ 2003މ. 22 ރަޖަބް 1424ހ، ވީހުކުރު ދުވަހެވެ. މިއީ ރޭގެނިދީގައި އޮވެފައި ފަތިސްނަމާދަށް ބަންގިގޮވިއަޑަށް ހޭލެވުމުން، ފަތިސްނަމާދު ކޮށްގެން އަނެއްކާވެސް ނިދާފައި އޮއްވާ، އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، އަޅުގަނޑު ހުޅުމާލޭގެ ގޮނޑުދޮށުގައި ހުއްޓައި ގޮނޑުދޮށުން ފަސްގަނޑު ކަނޑައިގެން އަޑިއަށްދާތަނެވެ. ފުރަތަމަބައި ކަނޑައިގެން، ގެނބިގެންގޮސް ފުންކަނޑަށްވީއެވެ. ދެން ފަހަތަށް ޖެހިލުމުން އަނެއްކާވެސް ގޮނޑުދޮށުން އާބައެއް ކަނޑައިގެންގޮސް ގެނބިގެންގޮސް ފުންކަނޑަށްވީއެވެ. ދެންވެސް އަޅުގަނޑު ފަހަތަށްޖެހިލުމުން އެބައިވެސް ކަނޑައިގެންގޮސް އެބަޔާއެކު ފުންކަނޑަށް ވެގެންދިޔައެވެ. ދެން އެއަށްފަހު، ބޮޑެތިރާޅުތަކާއި ބާނިތަކުގެ ތެރޭގައި ގަދައޮއިވަރާއެކު، އަޅުގަނޑު މާލެއާދިމާއަށް ބާރުސްޕީޑެއްގައި ކޮށްޕާފައި ބާރުވަޔާއި އޮއިވަރުގެ ކަރަންޓާއެކު ގެންދަންފަށައި ފިއެވެ. ކުއްލިއަކަށް ހޭލެވުނީ، މާލޭގައި އޭރުއެއްވެފައިއޮތް މީސްތަކުންނަށް ވެގެންއުޅޭގޮތް ކިޔައިދީ، ގަދައަޑުން ނަސޭހަތްތެރިވަމުން ދަނިކޮށެވެ. މިހުވަފެނުގައި އަޅުގަނޑު ސަލާމަތްވެ، ރަނގަޅު މުހިންމުރޯލެއް އަދާކުރެވުނީތީ ކުރިޔަށްއޮތީ ރަނގަޅައި އުފާވެރިކަން ކަމަށްދެކި، ﷲއަށް ހިތުގެއަޑިން ޝުކުރާއި ޙަމްދުކުރީމެވެ. މިހުވަފެން އަޅުގަނޑަށް ފެނިފައި މިވަނީ، އީވާންނަސީމް މަރާލުމުގެ، 24 ގަޑިއިރު ކުރިންނެވެ. ސިފައިން އަނިޔާކޮށް މަރާލާފައިވަނީ، ހުކުރު ދުވަހުގެ ރޭފަތިސް ވުމުގެ ކުރިންނެވެ. އީވާން ނަސީމްގެ މަންމައަށާއި ޢާއިލާއަށް އަދި ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް އީވާން މަރާލައިފިކަން އެނގުނީ، ހޮނިހިރު ދުވަހު ހެނދުއެވެ. މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑުނިންމީ، ބޮޑުސިޔާސީ ކަންތައްގަނޑެއް ކުރިމަތީގައި ވަރަށްބަނަކޮށް އެބައޮތްކަމަށެވެ. ކޮންމެވެސް ނުބައިނުލަފާ ސިޔާސީ ރޭވުންތަކެއް ކުރިމަތީގައި އެބައޮތްކަމަށެވެ. އެހެނަސް ކަނޑުގެ ބޮޑެތިރާޅު ތަކުންނާއި ގަދައޮއިވަރުގެ އެހީގައި ސަލާމަތްކަމާއެކު، މާލެއަށް އާދެވި މާލޭގައި އެއްވެފައިތިބި ލޮބުވެތި ރައްޔިތުންނަށް ހަރުއަޑުން ނަސޭހަތްތެރި ވުމުގެފުރުސަތު ހުވަފެނުގައި އަޅުގަނޑަށް ތަނަވަސްވެގެން ދިއުމަކީ ކުރިމަގު އުޖާލާކޮށްއޮތުން ކަމުގައި ނިންމައި، ﷲއަށް ޙަމްދާއިޝުކުރު ދެންނެވީއެވެ. ކިޔަވަން އުޅުނު އިރުއްސުރެ އަބަދުވެސް އަޅުގަނޑަކީ ފެންނަރަނގަޅު ހުވަފެންތައް ހަނދާނުގައި ހުއްޓައި ވީހާއަވަހަށް ނޯޓުކުރާ މީހެކެވެ. މިއާދައިގެ ދަށުން، މިހުވަފެން ނޯޓްކުރީ، މިއަދު ހެނދުނު ސައިބޮއި ނިމިގެންނެވެ.

ޙާދިޘާގެ ކުރުޚުލާޞާއެއް:

އާދެ! 19 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހުގެރޭ މާފުށީޖަލުގެ، ސީ 3 ނަންބަރު ގޮޅީގައިތިބި ބައެއްގައިދީން ހިންގިކަންތައް ތަކަކާގުޅިގެން އެޢަމަލުގައި ބައިވެރިވި، ގައިދީން އެރޭ، 9 ޖަހާކަންހާއިރު ގޮޅިންނެރުމަށް ސިފައިންނާއި ކަރެކްޝަންގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރިއެވެ. މިގައިދީންކުރި ކުށަކީ، ސީ 3 ނަންބަރާއި، ސީ 5 ނަންބަރުގޮޅިން ބަޔަކު، ސީ 3 ހުރަސްކޮށް އެއްގޮޅިން އަނެއްގޮޅިއަށް ހުރަސްކޮށް ދިއުމެވެ. މިކަމާގުޅިގެން ގޮޅިން ނެރުމަށް ހަމަޖެއްސި ގައިދީންގެ ތެރޭގައި، މ.އޭޝިޔާ ޙަސަން އީވާން ނަސީމް ހިމެނުނެވެ. ސިފައިންގެ ބޭކަލުން، އީވާނަށް ގޮޅިން ނުކުތުމަށް އެންގުމުން އެމީހުންނާ މުޚާޠަބުކޮށް އީވާން ތަކުރާރުކޮށް ބުނިކަމަށްވަނީ، އޭނާއަކީ ގޮޅިހުރަސްކޮށްދިޔަ މީހުންގެތެރެއިން މީހެއްނޫންކަމަށެވެ. އަދި އޭނާކުރި ކުށަކީ ކޮބައިކަން ބުނުމުންނޫނީ ނުނިކުންނާނެ ކަމަށެވެ. މިދެބަސްވުމުގެ ތެރޭގައި ހިނގިހަމަނުޖެހުމުގައި ސިފައިންގެ ގްރޫޕެއް ގޮޅިތެރެއަށްވަދެ، އީވާން ނަސީމް ގަދަކަމުން ނެރެގެން ގެންދިޔައެވެ. ގޮޅިންނެރުނު އެހެންގައިދީންނެކޭ އެއްފަދައިން އީވާން ނަސީމު ވެސް ގެންދިޔައީ “ރޭންޖޭ” ކިޔުނު ވޯކްޝޮޕްގެ ގޯތިތެރެއަށެވެ. މިތަނަށް ގެންދިއުމަށް ފަހު ސިފައިބްގެ އަނިޔާތައް މަތިމަތިން އީވާނަށާއި ނެރުނު އެހެން ގައިދީންނަށް އޮހެންފެށީއެވެ. އީވާންނަސީމްގެ ކުށެއްނެތްކަމާއި ގޮޅިހުރަސް ނުކުރާކަމަށްބުނެ އީވާން، އޭނާގެދިފާޢުގައި ޖަދަަލުކުރަމުން ގެންދިއުމުން އޭނާއަށް ކެތްނުކުރެވޭ ވަރުގެ އަނިޔާތަށް އެގޮތްމިގޮތަށް އަރަމުންގޮސް ދުނިޔެ ދޫކޮށް ނިޔާވެގެން ދިޔައިއެވެ. ﷲ އޭނާގެ އެންމެހައި ފާފަތައް ފުއްސަވައި ސުވަރުގެއަށް ވަށްދަވާށިއެވެ! އާމީން!

އީވާންނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހިމައްސަލަ ބެލުމަށް ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަން:

މިދެ މައްސަލަ ބައްލަވައި މިކަމުގައި މަސްއޫލުވާ ފަރާތްތަކާއި އެފަރާތްތަކުން މަސްއޫލުވާ މިންވަރު ހޯދައި އެމީހަކު، ނުވަތަ އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ފުރިހަމަ ތަހްގީގެއް ހިންގެވުމުގެގޮތުން ރައީސުލް ޖުމްހޫރިއްޔާ، 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ފަސްމެންބަރުންގެ މައްޗަށް އެކުލަވައިލެއްވި، މިކޮމިޝަނުގެ ރައީސަކަށް ހަމަޖެއްސެވީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަލްފާޟިލް އަބްދުއްސައްތާރު މޫސާދީދީއެވެ. ކޮމިޝަންގައި ހިމެނުއްވި އިތުރުބޭފުޅުންނަކީ، އަލްއުސްތާޒު ޝާހީންޙަމީދު، އަލްފާޟިލާ ޢައިޝަތު މުޙައްމަދުދީދީ، އަލްފާޟިލް އަބްދުﷲ ސަޢީދު، އަދި ޑޮކްޓަރ މުޙައްމަދު ޞާލިޙެވެ. ކޮމިޝަންގެ އިދާރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، 24 ސެޕްޓެމްބަރ 2003 ގައި ސެކްރެޓޭރިއެޓެއް އެކުލަވައި ލެއްވިއެވެ. މިސެކްރެޓޭރިއެޓްގެ އިސްބޭފުޅަކަށް ހަމަޖެއްސެވީ، އަލްއުސްތާޒު މުޙައްމަދު ނަޝީދެވެ.

އީވާން ނަސީމް މަރާލުމުގެ ޙާދިޘާއާއި ޖަލުގައި ބަޑިޖެހި ޙާދިޘާއާގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އެއްކުރެއްވި މަޢުލޫމާތުތަކުން މިޙާދިޘާ ހިނގާދިޔަގޮތް ސާފުވެއެވެ. އޭރު އީވާނާ އެއްގޮޅިއެއްގައި ހައްޔަރުކޮށް ފައިހުރި، ގ.ފިނިކަނޑު އަބްދުﷲ ޢީޝާން (އީއްޓޭ)، ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައިވަނީ، އަންނަނިވި ޢިބާރާތްތަކެވެ.

“19 ސެޕްޓެމްބަރ 2003 ވަނަ ދުވަހު އަޅުގަނޑު ބަންދުކޮށް ފައިހުރީ ޖަލުގެ، ސީ 3 ގޮޅީގައެވެ. އެދުވަހު ހެދުނު، 9 ގަޑީސައިގެ ފަހުން، ޝާމް (މުހަންމަދު ޝާމް) އާއި ގްރޭންޕާ (މުހަންމަދު މާއިޝް) އައި ދެމީހުން، ސީ 3 ން ގޮޅިހުރަސް ކޮށްފައި ދިޔައެވެ. ދިޔައީ ގޮޅީގެފާރު މަތިންނެވެ. އެމީހުން ދިއުމުގެ ބޭނުމަކީ، ކުޑަގޮޅިއަށް ދިއުންކަން އެމީހުން ދިއުމުގެކުރިން ދެއްކިވާހަކައިން އެނގުނެވެ. އޭގެ އިރުކޮޅެއްފަހުން، ޢަބްދުﷲ ޕާޕާ (ކޯޕްރަލް ޢަބްދުﷲ ޙަސަން) އާއި އެހެން ސިފައިންގެ ބަޔަކުއައިސް ގޮޅިހުރަސްކުރި ދެމީހުން އަނބުރާ، ސީ 3 އަށް ގެނައެވެ. މެންދުރެއްހާއިރު ސީ 3 ން ފަނަރަ ވަރަކަށް މީހުން، ސީ 4 ން، ސީ 5 އަށް ދިޔައެވެ. އެމީހުންގެ ނަމެއް ނޭނގެއެވެ. އެމީހުންދިޔައީ، ސީ 5 ގައި ހުންނަ އައިޑީ (ޢަލިދީދީ) ގައިގާ ތަޅައިގަންނަންކަން އެމީހުންދެއްކި ވާހަކައިން އެނގުނެވެ. ޢަލިދީދީގައިގާ ތަޅައިގަތީ މާލޭގައި މީހުން ބަސްޓްކުރަން އުޅުނު މީހެއްކަމަށް ވާތީކަން އެނގުނެވެ. ގޮޅިހުރަސްކުރި މީހުންގެތެރެއިން ޝާމްއާއި ގްރޭންޕާއާއި އަކިރު (އަހްމަދު ޝުޖާޢުއަލީ) އައި އަދި އިތުރުމީހަކު އަނބުރާ، ސީ 3 ށް، ޢަބްދުﷲ ޕާޕާއާއި އެހެން ސިފައިންތަކެއް ވެގެން އަނބުރާ ގެނައެވެ. މިމީހުން އަނބުރާ، ސީ 3 ށް ގެނައިއިރު މަންދު (ދާއޫދު މަމްދޫޙް) އޮތީދޮރުކައިރީގައި ފިލާގަނޑެއް ބާއްވައިގެން އޮށޯވެއެވެ. އޭރުދޮރުގެ މަތީކައިރިއަށް އެމީހުންތިބި ދިމާލުން މައްޗަށް ފިލާގަނޑެއް ލައްވާފައިއޮތެވެ. ގޮޅިހުރަސްކުރި މީހުންއަނބުރާ ވައްދަންވެގެން، އަބްދުﷲ ޕާޕާ، (ކޯޕްރަލް އަބްދުﷲ ޙަސަން) އައިސް މަންދުއާއި އީވާން ކައިރީގައި ތެދުވެފިލާގަނޑު ނެގުމަށް އެންގިއެވެ. އޭނާ (އަބްދުﷲ ޕާޕާ) ބޭނުންކުރީ ވަރަށްހުތުރު ޢިބާރާތެކެވެ. އެތާނގައި ފުރަތަމައޮށޯވެތިބީ މަންދުއާއި އީވާނެވެ. އަބްދުﷲ ޕާޕާ އައިއިރު އީވާންވީ ފާޚާނާގައެވެ. އީވާން ނުކުތްއިރު، އަބްދުﷲ ޕާޕާ އުޅެނީ، މަންދު ގޮޅިންނެރެން ވެގެންނެވެ. އީވާން ނުކުމެ، މަންދު ކައިރީގައި ވެގެންއުޅޭގޮތް އެހިއެވެ. ވެގެންއުޅޭގޮތް މަންދު ކިޔައިދިނުމުން މަންދު ކައިރީރީއްޗަށް ބުނުމުން ނުކުންނާނެ ކަމަށް އީވާން ބުންޏެވެ. މިހެންބުނުމުން، އަބްދުﷲ ޕާޕާބުނީ، ކޮންމެގޮތެއް ހަދައިގެންވެސް މަންދު ނެރެވޭނެކަމަށެވެ. ދެން، އީވާން ބުނީ، “ތިމަންނަފުނޑާ ލާފައިނޫނީ މަންދު ނުނެރެވޭނެ” ކަމަށެވެ. އަދި ތިޔައުޅެނީ، މަންދު ރޭންޖަށް ގެންގޮސްގެން އަނިޔާކުރަން ކަމުގައިވެސް އީވާން ބުންޏެވެ. މިވާހަކަތަކަށް ފަހު، އަބްދުﷲ ޕާޕާ ދިޔައީއެވެ. 19 ސެޕްޓެމްބަރ ދުވަހުގެރޭ، ކައިނިމުމަށް ފަހު، ކިރުބޯގަޑީގެކުރިން، އަބްދުﷲ ޕާޕާއާއި އިތުރު، 10 ސިފައިންގެ މީހުންއައެވެ. މިމީހުންނާއެކު ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހެއްވެސް ހުއްޓެވެ. އެމީހުންއައިސް ލިސްޓަކުން ނަންތަކެއްކިޔެވެ. އެލިސްޓްގެ ފަހުނަމެއްގެ ގޮތުގައިގޮވީ، އީވާން ނަސީމްގެ ނަމެވެ. ނަންގޮވުމުން، އީވާން ފިޔަވާއެހެން މީހުންނުކުތެވެ. ނުކުންނަކޮންމެ މީހެއްގެ އަތުގައިބިޑި އަޅުވައެވެ. ބިޑިއަޅުވަނީ އެކަކުގެއަތާއި އަނެކަކުގެއަތާ ގުޅުވައެވެ. އީވާންގެ ނަންގޮވުމުން އީވާން ނުކުންނަން އިންކާރުކުރިއެވެ. އަދި ނުކުންނާނީ އީވާންގެކުށް ބުނެދިނުމުން ކަމުގައިބުންޏެވެ. އަދި އެތާނގައިހުރި، 3 ފަށްއެރި ސިފައިންގެ މީހެއްކައިރީގައި ވެސް އީވާންގެކުށް ބުނެދިނުމަށް އެދުނެވެ. އީވާން ނުނިކުތުމުން އިބިލީސް (ޝަމީޒް ޝިހާބް، މީނާއަކީ ގޮޅީގެލީޑަރެވެ. މީނާބުނާގޮތް ގޮޅީގެ މީހުންހަދާނެއެވެ.) އަށް ނުކުތުމަށް އެންގިއެވެ. އިބިލީސް ނުކުތުމުން ބިޑިފައްޗާއޭނާ ވެސް ގުޅާލިއެވެ. އަދި އެފަތި ފޮނުވާލީއެވެ. އޭގެފަހުން، އަބްދުﷲ ޕާޕާއާއި ދެތިންސިފައިން ގޮޅީތެރެއަށްވަނެވެ. އޭރު އީވާން ހުރީގޮޅީގެ ފަހަތުގައިއޮތް، 4 ވަރަކަށްފޫޓުގެ ލަކުޑިފަތިބުރިއެއް ހިފައިގެން ގޮޅީގެމެދެއްހާ ހިސާބުގައެވެ. ފޯސްވަދެ އީވާން ވަށާލިއެވެ. އަދި އެތަނުންއެކަކު، އީވާންގެ ފަހަތުންގޮސް ބައްދަން (ލޮކްއަޅުވަން) މަސައްކަތް ކުރިއެވެ. އީވާން އެނބުރިފައި މިމީހާގެގައިގާ ފަތިބުރިން ޖެހިއެވެ. އެ އެތިފަހަރުއެރީ އޭނާގެއަތަށެވެ. އޭގެފަހުންޖެހި އެތިފަހަރުއެރީ، އޭނާގެބޮލަށާއި ކޮނޑުމައްޗަށެވެ. ދެން ޖެހިއެތިފަހަރުއެރީ އޭނާގެ އިނގިލިތަކަށެވެ. މި، 3 އެތިފަހަރަށްފަހު، މިސިފައިންގެމިހާ ދުވެފައިބޭރަށް ނުކުތީއެވެ. އޭނާގެ ފަހަތުންދެންތިބި ސިފައިންވެސް ނުކުތީއެވެ. އީވާން، ދެންދިޔައީ، އަބްދުﷲ ޕާޕާއާ ދިމާއަށެވެ. ….ފަތީގައިތިއްބާ އެއްފަހަރުބޯފެން ދިނެވެ. ފެންދިނީ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް މީހެކެވެ. އިރުކޮޅެއް ފަހުން، ކަރެކްޝަންސް ދެމީހަކު ފެންބާލިދީއެއް ހިފައިގެންއައެވެ. އެރޭ ކަރެކްޝަންސް މީހުން ރޭންޖަށްވަދެ ނުކުމެހެދިތަން ފެނުނެވެ. އަޅުގަނދުމެން ވޯކްޝޮޕަށް ކުރިމަތިލައިގެން ތިއްބާ އީވާންހުރި ހިސާބުން، 10 ވަރަކަށް މިހުންނުކުމެގެން އަޅުގަނޑުމެންގެ ކުރިމައްޗަށް އައެވެ. އަދި އެމީހުންބޭރުގޭޓުން ނުކުމެގެން ދިޔައީއެވެ. އޭގެފަހުން އަނެއްކާބަޔަކު، 7 މީހުންވަރު ވަދެގެން އީވާނާ ދިމާލަށް ދިޔައެވެ. އެމީހުންއައިތާ ދެތިންމިނެޓްފަހުން އީވާންގެ ހަޅޭކުގެއަޑު ކެނޑިއްޖެއެވެ. އަދި ކޮންމެވެސް މީހަކު، ފެންހޮޅިވައްދާށޭ ގޮވާއަޑުއިވުނެވެ. އެއީ އީވާން ހޭނެތުނުފުރަތަމަ ފަހަރުކަމަށް ގަބޫލު ކުރެވެއެވެ. ފެންހޮޅިވެއްދިތަން ދުށީމެވެ. އަދި ފެންޖެހުމަށްފަހު، އީވާންގެ އަޑުއިވެން ފެށުމުން، އަނެއްކާވެސް ތަޅަން ފެށިއެވެ. މިގޮތަށް، 4 ވަރަކަށްފަހަރު އަޑުކެނޑި، ފެންޖަހައި އަލުންއަޑު އައިސް، މިކަހަލަގޮތްތަކެއް ވީއަޑުއެހީމެވެ. އީވާންގައިގާ ތަޅަމުންދިޔައި ފަހުންއައި، 7 މީހުންކަން ޔަގީނެއްނޫނެވެ. އިވާންގައިގާ އޭނާގެއަޑު މުޅިންކެނޑުމުން ވެސް ތަޅަމުންދިޔައެވެ. އެންމެފަހުންއަޑު ކެނޑުމުން ޕްލާސްޓިކް އެއްޗަކުން ޖެހިއަޑުއެހީމެވެ. އަދި ކޮންމެވެސްމީހަކު އޭނާ ގޭމްޖައްސަނީއޭ ބުނާއަޑު އެހީމެވެ. އަޅުގަނޑުމެން އެތާބިންމަތީގައި އޮށޯވެތިއްބާ، ދަންވަރުގެވަގުތުގައި ގޮވާފައި ވޯކްޝޮޕްތެރެއަށް ވެއްދިއެވެ. އެތާނގައި ނިދިފައިތިއްބާ، ފަތިހުގެންގޮސް ލައިބްރަރީހުންނަ ގޯތިތެރެއަށް ވެއްދިއެވެ. ދެން އެދުވަހު މެންދުރެއްހާއިރު މީހުން ހަޅޭއްލަވާއަޑު އިވުނެވެ. ދެން އޭގެ، 30 މިނެޓެއްހާއިރުފަހުން ބަޑިޖަހާއަޑު އިވުނެވެ.”

އާދެ! އަދި އީވާން ނަސީމާއެކު އެއްގޮޅިއެއްގައި ބަންދުކޮށްފައިހުރި، ބ.ގޮއިދޫ މާރަނގާލި، މުހަންމަދު ޝިނާން ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

“އަޅުގަނޑުމެން ފަތީގައި ބައިތިއްބާފައި ތިބިއިރު އީވާން ރޮމުން ވާހަކަދައްކާ އަޑުއެހީމެވެ. އީވާން ކިޔަމުން ދިޔައީ، “މާތް ﷲ ގަންދީހުވައޭ ދުވަހަކުވެސް މީހަކުގައިގައެއް ނުޖަހަމޭ، ތިމަންނަ ގައިގާ ނުޖަހާށޭ، އަބްދުﷲ ޕާޕާއޭ، ޢަދުނާން ޕާޕާއޭ، މަޢާފުކުރާށޭ ހެޔޮނުވާނޭ އަހަރެން މިމަރުވަނީއޭ،” މިހެންނެވެ. އަދި އީވާންގައިގާ ވަރަށް ގިނައިންތެޅި އަޑުއެހީމެވެ. ނަމަވެސް ފަހަތްބަލައި ލައިފިނަމަ ތަޅައިގަންނާތީ ފަހަތްބަލައިލާކަށް ނުކެރެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބަލައިލަމެވެ. އަދި، 4 ވަރަކަށް ސިފައިން އީވާންގެބޮލުގައި ސަތަރިގަނޑެއް އެޅިތަން އަޅުގަނޑު ދުށީމެވެ. މިސިފައިން ވަކިކުރާކަށް ނޭނގެއެވެ. މިސަތަރިގަނޑުން އީވާންގެ ގައި އެއްކޮށް ފޮރުވިއެވެ. ސަތަރިއެޅުމަށް ފަހު ތެޅިއަޑުވެސް އެހީމެވެ. އަދި އީވާންރޯއަޑު ވެސް އެހީމެވެ.”

އީވާންގެ މަރުވެފައިވާ ހަށިގަނޑު ބެއްލެވި އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ މުޙައްމަދު ޝާފިޢު، ރިޔާސީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނުގައިވަނީ އަންނަނިވި އިބާރާތްތަކެވެ.

“އީވާންގެ ހަށިގަނޑުވަނީ ތެމިފައެވެ. އަދި ލައިގެންހުރި ހެދުން ވީދިފައިވާކަން ފާހަގަކުރެވުނެވެ. މުޅިގައިގައި އެކިހިސާބުގައި ވެލިހުއްޓެވެ. އަޅުގަނޑު ފުރަތަމަހީކުރީ މޫދަށް ވެއްޓިގެނބިގެން މަރުވެފައިވާ މީހެއްކަމަށެވެ. މަރުވެގެން ގިނައިރުވުމުގެ ސަބަބުން ހަށިގަނޑު ހަރުކަށިވެ ދެއަތްވެސް އޮޅަބޮށިން ލެނބިފައިވެއެވެ. މޫނުމަތިން ފެނުނު ފާހަގަތަކަކީ، ނިތްކުރީގެ ވައަތްފަރާތުގައި ހަލާކުވެފައިވާ ތަނާއި ނޭފަތުގެކޮޅު ހަލާކުވެފައިވާ ކަމެވެ. ހަށިގަނޑުގައި އެންމެ ފާހަގަކޮށްލެވެނީ ކަނާއަތުގެފަލަ މަސްގަނޑުގައި އެއްޗަކުން ވަރަށްބާރަށްޖެހި ނުވަތަ ފިތުމުގެ ސަބަބުން ނޫފައިގަނެ، ވަށައިގެން ރަތްއަރާފައިވާ ތަނެވެ. ބޭރުންބެލިބެލުމުގައި އެއްވެސް ގުނަވަނެއް ބިނދިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ބަނޑުގައި ވައިހެދިވަނީ ވަރަށްބޮޑަށް ފުފިފައެވެ. ބަނޑުގައިވެސް ރަތްއަރާފައިވާ ތިންތަންކޮޅު ފާހަގަކުރެވުނެވެ. ކަނާއަތުފަލަ މަސްގަނޑުގައި ވެސް އެއްޗަކުން ޖެހުމުން ގެންލުން ވެފައިވާފަދަ ދެތަނެއް ފާހަގަކުރެވުނެވެ. އަދި މަށާއިގެން ގޮސްފައިވާ ތަންތަންކޮޅު ދެފައިގެ ފައިތިލައިން ފެންނަންހުއްޓެވެ. ކަނާއަތު އުޅަބޮށިން ތިރީގައި ހަލާކުވެފައިވާ ފާރުގަނޑު ވައްތަރީ، އަލިފާންފަދަ ހޫނުއެއްޗެއް ޖެއްސުމުން ލިބިފައިވާ ގެއްލުމެއް ކަމަށެވެ. އަތުގެ ކުޑަހުޅުން ކަނޑާނެގިފައިވާ ތިންތަންކޮޅެއް ފާހަގަ ކުރެވުނެވެ. މިގޮތަށް ކަނޑާނެގިފައިވާ ގޮތް ދިމާވިކަމަށް ލަފާކުރެވެނީ، އަތުގައި އައްސާފައިވާ އެއްޗެއްނޫނީ އަޅުވާފައިވާ ބިޑިއެއް ކޮންމެވެސް ގޮތަކުން ބާރުވެގެން ކަމަށެވެ. އީވާނަށް ލިބިފައިވާ އެހެންގެއްލުން ތަކަށް ބަލާއިރު، ބޮލުގެނާށިގަނޑާއި ހަންގަނޑާ ދޭތެރެއަށް ވައަތްފަރާތުން ލޭއަރާފައިވާކަމާއި، ގޮހޮރުގެ އެކިހިސާބުގައި އާދަޔާޚިލާފަށް ވައިހެދިފައިވާކަން ފާހަގަ ކުރެވެއެވެ. މިހުރިހާ ގެއްލުމަކަށް ބަލާއިރު، ޙަސަން އީވާން ނަސީމް މަރުވިކަމަށް ގަބޫލުކުރެވޭ އެންމެމުހިންމުއެއް ސަބަބަކީ، ފުއްޕާމެއަށް ލިބިފައިވާގެއްލުން، އެއީ އީވާނުގެ މޭމަތީގެ ކަނާތު، 7 ވަނަ ކަށިގަނޑު ބިނދި، އަދި އެފަރާތު ފުއްޕާމޭ ހިނދިމުގެ ސަބަބުންނާއި އެކަމަށް ދެވެންވާ ކުއްލިއަވަސް ފަރުވާ ނުލިބި ގިނައިރު ވެގެންކަމުގައި އަޅުގަނޑަށް ފެނެއެވެ. އަދި މިހެންވެ، ވައަތުފުއްޕާމޭގައި ލޭޖަމާވުމުގެ ސަބަބުން ހަށިގަނޑަށް ފުދޭވަރަށް އޮކްސިޖަން ނުލިބި މަރުވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.”

އާދެ! އީވާން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައި އޮތްޚަބަރު، އެނާގެމަންމަ މ.އޭޝިޔާ މަރިޔަމް މަނިކެއަށް ލިބުނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެވަގުތު މަރިޔަމްމަނިކެ ހޮސްޕިޓަލަށް ދިޔައީ އީވާނަށް އަނިޔާއެއްވެގެން ގެނައިކަމަށް ހީކޮށެވެ. އޭރު އީވާން ބާއްވާފައިއޮތީ ބޭސްއަޅާ ކޮޓަރީގައެވެ. އެކޮޓަރީގެ އެތެރެއާއި ބޭރުގައިވެސް ސިފައިން ތިއްބެވެ. އީވާން ކޮބައިތޯ މަރިޔަމްމަނިކެ ސުވާލުކުރުމުން، ކޮޓަރިތެރެއިން ނުކުންނެވި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް މޫސާ ވިދާޅުވީ، “އީވާންރޭ ނިޔާވެއްޖެ” ކަމަށެވެ. އެވަގުތުން ފެށިގެން މަރިޔަމްމަނިކެ ބޭނުންވީ އޭނާގެ ދަރިފުޅުގެ މޫނުދެކޭށެވެ. ދެން މިތާނގައި މިގެނެސްދެނީ، 15 ސެޕްޓެމްބަރ 2003 ގައި ރިޔާސީ ކޮމިޝަނަށް އީވާންގެ މަންމަ މަރިޔަމްމަނިކެ ދެއްވާފައިވާ ބަޔާނުން ބައެކެވެ.

“އީވާންގެ މޫނުދައްކާށޭބުނެ އާދޭސް ކުރުމުންވެސް އެވަގުތު އީވާނުގެ މޫނެއް ނުދެއްކިއެވެ. 25 ށް މިނެޓްވަންދެން މޫނުދައްކާށޭ ކިޔާ އަޅުގަނޑު އާދޭސްކުރީމެވެ. މޫނު ދެއްކޭނީ، ސިފައިން އަދި ޑޮކްޓަރުން ބެލީމާކަމަށް ބުންޏެވެ. އެވަގުތު އެތަނަށް ޑޮކްޓަރ އަހްމަދުރާޒީ ދުރުވުމުން އަޅުގަނޑު ދެންނެވީ އަޅުގަނޑަކީ، ޙަސަން އީވާން ނަސީމުގެ މަންމަކަމަށާއި އަދިވެސް އަޅުގަނޑު މިއުޅެނީ، މޫނު ނުފެނިގެން ކަމަށެވެ. ދެން ރާޒީ ވިދާޅުވީ، ތިމަންނަވެސް މިއައީ ދެންމެކަމަށާއި އީވާނުގެ ހަށިގަނޑު ބަލާފައި ދައްކާނެ ކަމަށެވެ. އީވާން ބާއްވާފައި އޮތްތަނަށް އަޅުގަނޑަށް ވަދެވުނީ، ރާޒީ ނުކުމެ ވަޑައިގެން އަންނާށޭ އަޅުގަނޑު ގާތުގައި ބުނުމުންނެވެ. އީވާން އަޅުގަނޑަށް ފެނުނީ، ހޮސްޕިޓަލަށް ދިޔަތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. އަޅުގަނޑުގޮސް އެތާތިބި ސިފައިންނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހުންގެ ކައިރީގައި އީވާން މަރުވީކީއްވެތޯ އެހުމުން އެމީހުންނަށް ނޭނގޭކަމަށް ބުންޏެވެ. އަޅުގަނޑުގޮސް އީވާން ކައިރީގައި ހުއްޓުނުއިރު އީވާން ގައިމަތީގައިއޮތީ ފޮތިގަނޑެއް އަޅާފައެވެ. ފެންނަންއޮތީ ހަމައެކަނި އީވާނުގެ މޫނެވެ. އީވާނުގެ ހަށިގަނޑު، އަޅުގަނޑުމެންނާ ހަވާލުކޮށް ދިނުމަށާ، އަދި ޢާއިލާގެމީހުންނަށް އީވާނުގެ މޫނުދެއްކުމަށް އެދި ވަރަށްއާދޭސް ކުރުމުން ފަހަރަކު ދެމީހުންވަދެ އީވާނުގެ މޫނު ބެލިދާނެކަމަށް ބުންޏެވެ. އޭގެކުރިން ދެތިންފަހަރު ވަނީމެވެ. އަޅުގަނޑު ވަންއިރު އީވާނުގެ އެއްފަރާތުގައި ސިފައިންގެ ދެމީހުންތިއްބެވެ. އަނެއްކޮޅުގައި ނަރުސްކުދިންގެ ދެކުދިން ތިއްބެވެ. އީވާނުގެ ހަށިގަނޑު ބަލައިލާނަމޭހިތާ ގައިމަތީ އަޅާފައިއޮތް ފޮތިގަނޑުހިއްލަން އުޅެންހެދީމާ، ސިފައިނާއި ނަރުސްކުދިން ނުހިއްލާށޭ ކިޔާފައި ފޮތިގަނޑު ހިއްލިއަނުދީ ހިފެހެއްޓިއެވެ. އަޅުގަނޑު ގަދަކަމުން ފޮތިގަނޑުހިއްލިއިރު، އަޅުގަނޑަށް ފެނުނީ އީވާނުގެ އަތުގައި އަނިޔާކޮށްފައިހުރި މަންޒަރުތަކެވެ. އޭރު އީވާނުގައިގާއޮތް ޓީޝާޓްއޮތީ ފަޅާލާފައެވެ. ފުރަތަމަ އަޅުގަނޑަށް ފެނުނުއިރު، އީވާން ލައިގެންއޮތް ޓީޝާޓްފެނުނީ ކަރާހަމައިންނެވެ. ފަހުންފޮތިގަނޑު ނެގިއިރު އީވާންގައިގާ އެއްޗެއްއޮތްހެނެއް ހިއެއްނުވެއެވެ. އީވާނުގެ ހަށިގަނޑު އަޅުގަނޑާ ހަވާލުނުކޮށްގެން، އަޅުގަނޑުގެ ރައްޓެއްސެއް މެދުވެރިކޮށް، ޑިޕާޓްމަންޓް އޮފް ކަރެކްޝަންގެ ޑިރެކްޓަރ މުޢިއްޒު (މުޙައްމަދު މުޢިއްޒު، މ.ގުލްފާމުގެ، މާލެ) އާގުޅާވާހަކަ ދެއްކުމަށްފަހު، ދިހަވަރަކަށް މިނެޓްނުވަނީސް އީވާނުގެ ހަށިގަނޑު އަޅުގަނޑުމެންނާ ހަވާލުކޮށްފިއެވެ.”

އާދެ! އާސަހަރާއަށް އީވާންގެ ހަށިގަނޑު ގެންދިޔައިރު އެޚަބަރުއޮތީ، މުޅިމާލެތެރެއަށް ފެތުރިފައެވެ. ސިފައިން، އީވާނަށް ކޮށްފައިވާ އަނިޔާތައް ވަރަށްފާޅުކަންބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ. އީވާނުގެ މޫނުދުށުމަށްޓަކައި ގިނަޢަދަދެއްގެ އާންމުން ސަހަރާއަށް ޖަމާވިއެވެ. ވަރަށްގިނަ ރައްޔިތުން އޭރުންފެށިގެން ސަހަރާއަށް ޖަމާވަމުން ދިޔައެވެ. ޢާއިލާގެ މީހުންގެންދިޔައީ ތިމާގެމީހުންނަށާއި ރައްޓެހީންނަށް ގުޅައި، އީވާންނިޔާވެއްޖެ ވާހަކަ އަންގަމުންނެވެ. އެގޮތުން ވަރަށް އަވަހަށް މާލެތެރެއަށް މިއަޑު، ވަރަށްއަވަހަށް ފެތުރިގެން ދިޔައެވެ. ޢަމުދުން ޖަލުގެ މަރަކަށްވާތީ އިސާހިތަކު ވަރަށްގިނަމީހުން ސަހަރާއަށް ޖަމާވިއެވެ. މީހުންތައް އެއްވެއްޖެއެވެ. މީގެތެރޭގައި އަޅުގަނޑާއި ބައެއް ސިޔާސީ ލީޑަރުންނާއި ސިފައިންގެ އިސްބޭކަލުންނާއި ރައީސް މައުމޫނުވެސް ސަހަރާއަށް ވަޑައިގަތެވެ.

20 ސެޕްޓެމްބަރ 2003މ. 23 ރަޖަބް 1424ހ، ވީހޮނިހިރު ދުވަހުވެސް އެހެންދުވަސް ތަކެކޭއެއްގޮތަށް، އަޅުގަނޑު އާދައިގެމަތިން ހޭލައި ފަތިސް ނަމާދުކުރުމަށް ފަހު، އާދައިގެމަތިން ހެދުނުނާޝްތާ ކޮށްގެން ބައެއްކަންތައް ކޮށްލުމަށްފަހު، ރަސްމީބަންދު ދުވަހަކަށްވާތީ، އަނެއްކާވެސް ނިދާލާނީއޭ ހިތަށްއަރައިގެން އަންހެނުން ރުކު ކާރީގައި، 11:30 ވީމާ ގޮވާލައްޗޭ ބުނެފައި ނިދާލަން އޮށޯތީއެވެ. އޭރު ހެނދުނު، 9:30 ވެދާނެއެވެ. އެހެނަސް ހޭލެވުނީ މެންދުރު، 12:00 ގައެވެ. ދެން ފެންވަރާލައިގެން މެންދުރުނަމާދުކޮށް ހަދައިގެން، ބީބީސީ ބަލަން އިނދެފައި، ސިލްވަރސީން އަލީވަޙީދު ޙަސަންމަނިކު (އަލިބެ) އާ ގުޅާލާނަމޭ ހިތަށްއަރާއި ގުޅާލުމުން، އަލީވަހީދު ބުންޏެވެ. އަވަހަށް ފެނިލަންވީއެވެ. ދައްކަންހުރި ބައިވަރު ވާހަކަތައް އެބަހުއްޓެވެ. އަލިބެ ގާތުގައި، 2:00 ށް ތިގެއަށް ވަދެވޭވަރަށް ދާނަމޭބުނެފައި އިތުރުވާހަކަތަކެއް ނުދައްކަމެވެ. ދެންވެސް، 1:30 ވަންދެން، ޓިވީނިއޫސް ބަލަންއިނީއެވެ. ދެން ގެއިންނުކުމެ، ހިނގައިގަތީ އަލިބެ ހުންނަވާ އޭނަގެ އަންހެނުންގެ ކަމުގައިވާ، މއ.ހައިވަކަރުގެ އަށް ދާށެވެ. އޯކިޑްމަގު ކުއްޅަވައްގެ އާހިސާބުން އަންހެނުންތަކަކާ ދިމާވެގެން އަވަހަށް ސަހަރާއަށް، އިލްޔާސް ވެސް ދާންޖެހޭނޭ ތިމަންނަމެން ވެސް މިދަނީ، ސަހަރާއަށް ކަމަށް އެމީހުން ބުންޏެވެ. އަދި ޖަލުގައި މާރާލިމީހަކު ސަހަރާގައި ބާއްވާފައި އޮތްކަމަށް އެމީހުން ބުންޏެވެ. އެހެނަސް ދެން ވެސް އަޅުގަނޑުގެ މިސްރާބު ބެހެއްޓީ އަލިބެ ދިރިއުޅުއްވާ ހައިވަކަރުގެ އަށެވެ. އެގެއަށްވަދެ، އަލިބެއާ ބައްދަލުވިއިރު މެންދުރުފަހު ދޭއްޖަހަން، 10 މިނެޓްހުއްޓެވެ. އަލިބެ ބުންޏެވެ! އަވަހަށް ޚަބަރުއަޑުއަހަމާ ހިންގާށެވެ. ދެން ދޭއްގެޚަބަރަށް ޓީވީއަޅުވައިގެން ތިބީއެވެ. އަދިވެސް އަލިބެ ބުންޏެވެ. މިއަދު ވާހަކަދައްކާކަށް ތިބޭނެވަގުތެއް ނެތެވެ. މާފުށީޖަލުގައި ސިފައިންގެ ބަޔަކު ހިންގިޙާދިޘާއަކާ ގުޅިގެން، ދޭއްގެޚަބަރުގައި އެވާހަކަތައް ގޮވާނެއެވެ. ރޭގައި ސިފައިން އަނިޔާކޮށްގެން ގައިދީއަކުވަނީ މަރާލާފައެވެ. އަދި އެގައިދީ މިހާރުއޮތީ ސަހަރާގައެވެ. މީހުންތައްވަނީ ރުޅިވެރިކަމާއެކު އެތަނަށް އެއްވާން ފަށާފައެވެ. އަލިބެމެންގޭގެ ސިޓިންރޫމްގައި ތިބެގެން، ޚަބަރުއަޑުއަހާ ނިމުނުތަނާހެން، މަޝްހޫރު ޔޫސޭ ގުޅާފައި ބުންޏެވެ! ތިޔައުޅެނީ ކޮންތާކުހެއްޔެވެ؟ ތިޔަހުރިތާކުން، ހަމަމިހާރު އާސަހަރާއަށް އަންނާށެވެ! ކަމަކުދާކަށް ނެތެވެ! ޖަލުގައިމަރާލި ކުއްޖާ މާލެ ގެނެސް ސަހަރާގައި ބާއްވާފައި އެބައޮތެވެ. ކޮންމެހެންވެސް، ދޮންބެ (އިލްޔާސް) އެތަނަށް އަންނަން ޖެހޭނެއެވެ. ޔޫސޭއާއި އަޅުގަނޑާ ދުރުތާ ތިމާގެވީމާ، އަޅުގަނޑަށް ކިޔާއުޅެނީ ދޮންބެއެވެ. ތިމަންނަ މިހިރީ މިތާނގައެވެ. އަވަހަށް އަންނާށެވެ! ޔޫސޭއަށް އަޅުގަނޑު ބެނެފީމެވެ. އަޅުގަނޑު، މީނދީ އަލިބެކައިރީގައި ހައިވަކަރުގޭގައި ޚަބަރުއަޑުއަހާށެވެ. ދެން ޔޫސޭ ބުނީ، ތިޔަގޭކައިރިއަށް މިތަނުން ކުއްޖަކު މިފޮނުވަނީއޭ، އޭނާގެ ސައިކަލުފަހަތަށް އަރައިގެން އަވަހަށް މިތަނަށް، ސަހަރާއަށް އަންނާށެވެ. އަހަރުމެންނާއި އަހަރުމެންގެ ޓީމުމިތާނގައި މިތިބީއެވެ. އަލިބެއަށް ޔޫސޭގެ މިވާހަކަތައް ކިޔައިދީ ނުނިމެނީސް އެގެއަށް ޕާޓޭންވައްތަރަށް ހުރިގޮލައަކު އިލްޔާސްކޮބައިހޭ، ތިމަންނަމިހިރީ ޔޫސޭފޮނުވައިގެން އިލްޔާސް ބަލައޭ، އޭނާބުނެފައި އަޅުގަނޑު އޭނާގެ ސައިކަލަށް އެރުމުން ވަރަށް ބާރަށް ދުއްވާފައި ގެންގޮސްބޭލީ ޔޫސޭމެން ގްރޫޕްކުރިމައްޗަށެވެ. އޭރުއެގްރޫޕްތިބީ ސަހަރާގެ ދޮރުމަތީގައެވެ. އޭރުގަޑިންވާނީ، 2:20 އެހާކަންހާއިރެވެ. ދެން ޔޫސޭމެން ބުންޏެވެ. އަވަހަށް ސަހަރާތެރެއަށް ވަދެ އީވާންގެ ހަށިގަނޑު ބަލާށެވެ. އޭރުން އޭނާއަށް ސިފައިންކޮށްލާފައި ހުރިވަރު ދޮންބެއަށް ވެސް ހަމަލޮލުން ފެންނާނެއެވެ. އޭރުއަދިއެހާ މީހުންތައް ގިނައެއްނޫނެވެ. އެހެނަސް ފުދޭވަރަކަށް މީހުންތިއްބެވެ. އަދި އެކިދިމާތަކުން މީހުންތައްދަނީ ބާރަށްހިނގާފައާއި ދުވެފައި އަންނަމުންނެވެ. ޔޫސޭމެންތިބީ ވަރަށް ހިންގާލާފައެވެ. ވަރަށް ފޯރީގައެވެ. ހަމަ މީހުން އެއްކުރަނީއެވެ. އަދި ހަމައެވަގުތު ޖަލުގައި ސިފައިން ހިންގަމުން ގެންދިޔަ ބަޑިޖެހުމުގެ ޙާދިޘާގެ ވާހަކަތައް ވެސް ޔޫސޭމެން، ގްރޫޕުން ގެންދިޔައީ ފަތުރަމުންނެވެ. އަދި މީސްތަކުންނަށް އަންގަމުންނެވެ. އިތުރު ދެމީހަކު މަރުވި ވާހަކައެއްވެސް ބާރަށް ފެތުރިފައިއޮތެވެ. ސަހަރާތެރެވަނީ ވަރަށް ސީރިއަސް ހާލަތަކަށް އައިސްފައެވެ. މީހުންގަނޑުތިބީ ރުޅިއައިސް ކެކިފައެވެ. އަދި މިވަގުތު ސަހަރާތެރޭގައި ބޮޑުކުލައިގެ އެކަކުވެސް ނެތެވެ. ދެން އަވަހަށް އަޅުގަނޑު ހިނަވާކޮޓަރިއަށް ވަދެ، އީވާންގެ ވަށައިގެން އެނބުރި ވަރަށް ރަނގަޅަށް އަތްލައިބަލާ ހެދީމެވެ. އެސޮރުއޮތީ ވަރަށްބޮޑަށް އަނިޔާކޮށްފައެވެ. ރަނގަޅަށް ބަލާހެދުމަށް ފަހު، ބޭރަށްނުކުމެ އީވާންގެ ބައްޕައަކީ ކާކުތޯޔޫސޭ ގްރޫޕައި ސުވާލުކުރުމުން ބުނެދިނީ އެއީ މާގަސްދޮށުގޭގައި ހުރިނަސީމްކަމަށެވެ. ކުރިން ތުނބުޅިދިގުކޮށް ބަހައްޓާފައި ހުއްޓެވެ. މިހާރުހުންނާނީ ސާފުކޮށްބާލާފައެވެ. އޭނާއަކީ ކޮނޑޭވޯކްޝޮޕްގައި އުޅުއްވި ނަސީމޭ މިވެރިން ކިޔަދިނުމުން އެއީ ކޮން ނަސީމެއްކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް ސާފުވެއްޖެއެވެ. އަދި އިރުކޮޅެއް ތެރޭގައި އެތަނަށް ނަސީމު، ސައިކަލެއްގައި ދުރުވުމުން އަޅުގަނޑު އޭނާއައި ބައްދަލުކުރީމެވެ. އަދި އޭނާއެދުނު ބައެއްކަންތައް ކޮށްދިނީމެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތިބައްޕަ އަރިހުގައި ކޮނޑޭވޯކްޝޮޕްގައި އުޅުއްވި މީހެކެވެ. އެދުވަސްވަރު ކޮނޑޭތުއްތު މަނިކާއި ބައްޕައައި އޮންނަގާތްކަމުން ބައްޕަ ވޯކްޝޮޕަށް ދުރުވެހައްދަވައެވެ. އަދި އެތާންގެފައިސާގެ ހުރިހާކަމެއް ބަލަހައްޓަވައި ދެއްވަނީ ބައްޕައެވެ. މިނަސީމަކީ އެދުވަސްވަރުން ފެށިގެން، ޖަވާހިރުވާދީއަށް ވަރަށްގިނައިން ދުރުވެއުޅުއްވާ ބޭފުޅެކެވެ. އެހެންމުމުން އޭނާއަކީ އަޅުގަނޑުމެން ޢާއިލާގެ ގާތްރައްޓެއްސެކެވެ. މިވާހަކަތައް ދެއްކެވުމަށް ފަހު، ނަސީމު މީހެއްގެ ސައިކަލް ފަހަތުގައި އަނެއްކާވެސް ކޮންމެވެސް ދިމާއަކަށް ދުރުވެއްޖެއެވެ. ދެން ސަހަރާދޮރުމަތިން ދިމާވީ، ކޮލިޙަސަން މަނިކުގެ އައިންތުއާ އިނދެގެންއުޅުއްވި ހުސައިން އާއެވެ. ވަރަށްދެރަވެފައި ހުސައިން ބުނުއްވީ، ނަސީމްގެ ދަރިފުޅަކީ އޭނާގެ މަންމަފަރާތުން ވަރަށްތިމާގެ ކުއްޖެކެވެ. އީވާން ޖަލުގައި ހުންނަނީ ޑްރަގް މައްސަލައަކާ ގުޅިގެން، ހުކުމްކޮށް ހައަހަރު ދުވަހަށް ޖަލުގައި ހުންނަން ޖެހިފައިވާތީއެވެ. ފުރަތަމަ ތިމަންނަމެންނަށް އަންގައިގެން ހޮސްޕިޓަލަށް ދިޔައިރު، އޭނާގެނޭފަތާއި ކަންފަތުގައި ވެލިފެންނަން ހުއްޓެވެ. މިހާރުއެއޮތީ ވަރަށްސާފުކޮށް ހަދާފާއި ގަނޑުފެން އަޅައިގެން ދުޅަކަނޑުވައި ބައެއްގުނަވަންތައް ތެދުކޮށް ހަދައިގެން ގެނެސްފައެވެ. އަދިވެސް ޒަހަމްތައް ތާޒާކޮށް ފެންނަން އެހެރީއެވެ. ހާދަހާދެރައެވެ. އިލްޔާސްމެން މިކަމާއުޅުއްވަން ވާނެނޫންތޯއެވެ. އަޅުގަނޑު އާދެހޭ ދެންނެވީމެވެ. ޢާއިލާގެ ބޭފުޅުން މަޢުލޫމާތުދެއްވި ގޮތުގައި އީވާނަށް ލިބުނު ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ރޭފަތިހު، 4 ގެކުރިން އީވާންވަނީ މަރުވެފައެވެ. ހޮސްޕިޓަލަށް ގެނައީ އިރުއަރަން އުޅެނިކޮށެވެ. އީވާނުގެ މަންމައާއި އަހަރުމެންނަށް ހޮސްޕިޓަލަށް ދެވުނީ، 7:10 އެހާކަންހާ އިރުއެވެ. އީވާންއޮތީ ހަރުދަނޑި އަރާފައެވެ. ދެފައިކައިރިކޮށް ބަނދެފައި އެވަނީ، ގަދަކަމުން ކަމަށް ބުންޏެވެ. އީވާން ޢާއިލާގެ ފަރާތުން ލިބުނު ވާހަކަތަކަށް ފަހު، އަނެއްކާވެސް ހިނަވާގެއަށްވަދެ، އީވާން ވަށައިގެން އެބުރިބަލާ ހެދުމުން މިބޭފުޅުން ދެއްކެވި ވާހަކަތަކަކީ މުޅިންތެދުކަން ސާފުކޮށް އެނގުނެވެ. ގަދަކަމުން ދެފައިކައިރިކޮށް ބަނދެފައި އޮތްކަން އެނގެއެވެ. އަދި ފައިގެ ދެބޮޑުވައި އިގިލިގާތްވާ ވަރަކަށް ގަދަކަމުން ގާތްކޮށް ފޮތިފަށަކުން ބަނދެފައިހުރިކަން ފާހަގަކުރެވުނެވެ. ދެފައިގެ ބޮޑުވައި ދެއިނގިލި ކައިރިނުވެ ވާތަން ފެންނަންހުއްޓެވެ. ދެފައިގެ ފުންނާބައި ހިސާބުން އޮތީކައިރި ނުކުރެވިފައިކަން ފެންނަންހުއްޓެވެ. ދެކަކޫވެސް ދެބޮޑުވައި އިނގިލިވެސް އިނީނުޖެހިއެވެ. އަދި ދެއަތްވެސް ގަދަކަމުން ވާންކޮށްގެން ގެނެސް ގަދަބާރުން ބަނދެފައި ހުރިތަން ފެނުނެވެ. ދެން ބޭރަށް ނުކުމެ، ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) ފެންނަން ނެތީމާ، އަންނިއަށް ފޯނުންގުޅާލިއިރު އަންނި އުޅުއްވަނީ ސަހަރާއަށް އައުމުގެ މަގުމަތީގައެވެ. އިސާހިތަކު އަންނިވެސް ސަހަރާއަށް ވަޑައިގެންފިއެވެ. ވަރަށް މީހުންގަނޑު ގިނަކޮށްލައިފިއެވެ. އޭރުއީވާންއޮތީ ގައިމަތީގައި އޮތްފޮތިގަނޑު ނަގައި މުޅިހަށިގަނޑު ފެންނަވަރަށް ކަޝްފުކޮށް ލާފައެވެ. ފޮތިގަނޑުއޮތީ އައުރައަށް ވާހިސާބުގައި ގުޅަކަރުވާލާފައެވެ. ރީތިކޮށް އެންމެންނަށް އީވާނުގެ ހަށިގަނޑު ފެނެއެވެ. ސިފައިން ކޮށްފައިހުރި ލާއިންސާނީ، އަނިޔާވެރި އަމަލުތައް އެމަޢުޞޫމް ހަށިގަނޑުން ޢައިލާއިން ބުނެދެމުން ގެންދާގޮތަށް ފެންނަންހުއްޓެވެ. ސިފައިންގެ ތެރެއިން ބަޔަކުމީހުން އަނިޔާކުރިކަން ސާބުތުވާން ހުއްޓެވެ. އިތުރުހެއްކެއް ބޭނުމެއް ނުވެއެވެ. ފޮޓޯތައްނަގާއި ވީޑިޔޯތައްނަގާ މީހުންގެންދަނީ ހުއްޓުމެއްނެތި އެކަންކުރަމުންނެވެ. ކުއްލިއަކަށް ސަހަރާތެރެއަށް ސިފައިންގެ ފޯހެއް، މީހުންތައް ފޫއަޅުވަމުން ވަދެގެން އަންނަތަން ފެނިއްޖެއެވެ. މިކަމާ ވިސްނާލުމުން، ރައީސް މައުމޫނު ސަހަރާއަށް ވަޑައިގަންނަވަން ތައްޔާރުވަނީކަން ކަށަވަރުވެއްޖެއެވެ. މީގެތެރޭގައި ސްޕެޝަލްގާޑުން ތިބުމުން މިކަންކަށަވަރު ވީއެވެ. މީގެކުޑަ އިރުކޮޅެއްކުރިން ޑޮކްޓަރ ރާޒި ވަޑައިގެންނެވިތަން ފެނުނެވެ. އޭގެކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ހަމަޖެއްސެވި ރިޔާސީ ކޮމިޝަނުގެ ބޭފުޅުން ރައީސް އޮފީހުގެ ވޭނެއްގައި ވަޑައިގެންވިތަން ފެނިއްޖެއެވެ. މިވޭނުން ފައިބައި ވަޑައިގެންނެވީ، ރިޔާސި ކޮމިޝަނުގެ ރައީސް އޮނަރަބްލް އަބްދުއްސައްތާރު މޫސާދިދީއާއި އެބޭފުޅާގެ ޓީމެވެ. ރައީސް އޮފީހުގެ ބޭފުޅެއް ކަމުގައިވާ، އައްޝައިޚް ޙަސަންޔޫސުފް ވެސް ހުންނެވިއެވެ. އެއަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ސަހަރާއަށް ވަޑައިގެންފިއެވެ. އީވާނުގެ ވަށައިގެން ބައްލަވާލައްވައި އީވާންގައިގާ އަތްޖައްސާ ލެއްވުމަށް ފަހު ދުލުން، ދުޢާއެއް ވިދާޅުވެ ލެއްވިތަން ފެނުނެވެ. ދެތުންފަތްފުޅާއި ދޫފުޅު ތެޅުވުނުތަން ފެނުނެވެ. ވިދާޅުވި އެއްޗެއް އަޅުގަނޑު މެންނަށްނީވޭތީ ދެނެވޮޑިގެންވާނީ، ﷲއާއި އެމަނިކުފާނަށެވެ. މާގިނައިރު މަޑުނުކުރައްވައި ވަރަށް އަވަހަށް ނުކުމެވަޑައި ގެންފިއެވެ. ދެން ރަޔާސީ ކޮމިޝަނުގެ ރައީސް އަރިހުގައި ބަސްފުޅެއް ވިދާޅުވުމަށް ފަހު، އެނބުރި ވަޑައިގަތީއެވެ. އެވަގުތު މަދުބަޔަކު ހަޅޭލަވާ ދޭއްޗެކޭ ބުނެލާއި ކޮއްޕާހެދިއެވެ. އެހެނަސް މިއީ ރައިސް މައުމޫނު ހުންނެވިހިސާބާ ދުރުންހިނގި ކަންތަކެވެ. ސިފައިން ތިބިލެއް ގިނަކަމުން ރައީސް އަރިހުން މީހުންގަނޑުވަނީ ދުރުގައެވެ. މީހުންގަނޑު ތެރެއިން ރައީސް މައުމޫނު ނުކުންނެވި އިރުވެސް ކޮއްޕާހެދިއެވެ. އެހެނަސް ސިފައިންއޮތީ ރީތިމަގެން ހަދައި ހިންގެވޭވަރުކޮށް ފައެވެ. މިކަމުގެ ތެރޭގައި އެއްވެސް ނޭއްގާނީކަމެއް ރައްޔިތުންގެ ތެރެއިން ހިނގާފައެއް ނުވެއެވެ. ރައީސް މައުމޫނުގެ ކެރިވަޑައިގަތުމަށް ސާބަސްއަރުވަމެވެ. ހޫނުކުރަންތިބި މީހުންނަކީ އަޑުގަނޑު މެންނެވެ. އަޅުގަނޑުމެން ވެސް ތިބީމަންޒަރުބަލަން މަޑުމަޑުންނެވެ. ޔޫސޭގްރޫޕަށް ފަހު، ނަގާކިޔަން އުޅުނީ، ޟިޔާޢައްބާސް ގެންގުޅުނު ޕާޓޭންގެ ޓީމެކެވެ. މިޓީމުގެ ހަރަކާތްތައް ގްރޫޕެއްގެ ސިފައިގައި ފެންނަންފެށުމުން އަޅުގަނޑު މިމީހުންގެ ތެރޭގައި ނުހުރުމަށް، ހ.ސުނާރު މާލެ، އަލްފާޟިލް ސިއްކަގޭ މުހަންމަދު ނަސީމް، (ނަސީމްބެ) ގެ ފަރާތުން ނަސޭހަތް ލިބުމުން މީހުންގަނޑު ތެރޭގައިނޫޅެ އަވަހަށް މާލޭންވެސް ބޭރަށް އަވަހަށް ނައްޓާލުމަށް ނިންމީއެވެ. މިދުވަހު މެންދުރުފަހުން ދެތިންފަހަރަކު ނަސީމްބެއައި ފޯނުންގުޅުނެވެ. ނަސީމްބެއަކީ މިކަހަލަ ދަނޑިވަޅުތަކުގައި އަބަދުވެސް ގޭގައި އިންނަވައިގެން އަޅުގަނޑައި ގުޅުއްވާ ބޭފުޅެކެވެ. ސިޔާސީ ޚަބަރުތައް އެއްކުރައްވާއި ދިރާސާކުރައްވާ ބޭފުޅެކެވެ. އަދި ނަސީމްބެއަކީ އަޅުގަނޑުމެން ކިޔެވިދުވަސް ވަރުގައި އަޅުގަނޑުމެންގެ ސިޔާސީ އެދުރުބެއެވެ. ނަސީމްބެ އިސްކޮށް ހުންނަވައިގެން ފާއިސްތާނުގައާއި ސަޢޫދީ ޢަރަބިޔާގައި ކިޔަވާކުދިންގެ ނަމުގައި ވަރަށްގިނަ ސިޔާސީ ހަރަކާތްތައް ހިންގާފައި ވާނެއެވެ.

އާދެ! ރައީސް މައުމޫނު ސަހަރާއިން ވަޑައިގެންނެވުމުން ދެންފެނުނީ، ސިފައިންގެ ޓާސްފޯސް ގްރޫޕެއް ސަހަރާ ތެރެއަށް ވަންނަން ހިފާލިތަނެވެ. އަޅުގަނޑުމެން ދޮރުމަތީގައި ވަރަށްކައިރީގައި ތިބީމެވެ. އެއްބަޔަކު ޓާސްފޯހަށް މަރްޙަބާކިޔާށޭ ގޮވާއަޑު އިވުނެވެ. އަނެއްބަޔަކު ކޮށްޕާގަޅުވާއި ޓާސްފޯސް ވަނުމަށް ހުރަސްއަޅަމުން ގެންދާތަން ފެނުނެވެ. ދެން ފެނުނީ އެންމެންވެގެން ޓާސްފޯސް ސަހަރާގެގޭޓުން ބޭރުކޮށްލިތަނެވެ. މާގަދަހަދަންނޫޅެ ޓާސްފޯސް އެކުގައި ސަހަރާއިން ނުކުމެގެންގޮސް ގެއްލިއްޖެއެވެ. މިފިއްތުންގަނޑު ތެރޭގައިބައެއް މީހުންކޮށްޕާއި ތަޅާވެސް ހެދިތަން ފެނުނެވެ. ޖެހުނުމީހަކު ޖަހާވެސްހެދިއެވެ. ދެންފެނުނީ، ޔުނީފޯމްއެޅި އެންމެން އެސަރަހުއްދުން ގެއްލުނުތަނެވެ. އަދި ބޭނުންބަޔަކު ބޭނުންގޮތަކަށް އުޅެން ދޫކޮށްލި ތަނެވެ. އެހެނަސް އާދައިގެ ހެދުމުގައި އުޅޭ ސިފައިން ސަހަރާތެރެއިންނާއި ބޭރުން ގިނައިން ފެންނަމުން ދިޔައެވެ. ޢަޞުރުނަމާދަށް ބަންގިގޮވުމުން ވުޟޫއު ކޮށްލައިގެން ނަމާދަށްއެރީ ސަހަރާ މިސްކިތަށެވެ. ޖަމާޢަތުގައި ޢަޞުރުނަމާދު ކުރުމަށް ފަހުވެސް ސަހަރާގައި ހަވީރު، 5 ޖަހަންދެން ހުރެފައި ނަސީމްބެގެ ކޯލްއައުމަށް ފަހު، ފުރަތަމަ ދިޔައީ އަލިބެ ކައިރިއަށް ހައިވަކަރުގެ އަށެވެ. އެގެއިން އަލިބެއާއެކު ސައިތައްޓެއް ބޮއިގެން، މއ.ސިލްވަރސީން އަޖްވަދުވަހީދު (އަޖޫބެ) ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލޭ ފެރީޓާމިނަލަށެވެ. ފެރީޓާމިނަލަށް އާދެވުނުއިރު ފެރީއެއް ހަމަނައްޓާލީއެވެ. ދެންގޮވާއި އަތުންހަނާ އަޅާއި އިޝާރާތް ކުރުމުން ތޮށިގަނޑާ އަނެއްކާވެސް ކައިރިކުރުމުން އެފެރީގައި ހުޅުމާލެއަށް ފުރީއެވެ. މާލޭންނުކުތުމަށް އަޅުގަނޑު ގަސްދުކުރީ، ނަސީމްބެގެ ބަހަށެވެ. ނަސީމްބެ ބުނެދެއްވިއެވެ. ކޮންމެފަހަރަކު ވެސް ސިފައިން އެންމެފުރަތަމަ ތިޔަގެންދަނީ އިލްޔާސެވެ. ތިޔަކަމުގައި ވެސް އިލްޔާސް ގެންގޮސް ބަންދުކުރުން ކައިރިއެވެ. އަވަހަށް މާލޭންބޭރަށް ދާށެވެ! އަޅުގަނޑު ހުޅުމާލެއަށް ގޮސް ހުޅުމާލޭގައި ހުންނަކުޑަ މިސްކިތުގައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ކުރީމެވެ. ދެނަމާދު އެކުގައިކޮށް، ﷲއަށް ދުޢާދަންނަވައި އަޅުގަނޑަށް ނުލަފާ ޖައްބާރު އަނިޔާވެރިންގެ އަނިޔާތަކުން ސަލާމަތްކޮށް ދެއްވާއި ހެޔޮގޮތްތައް މެދުވެރި ކުރެއްވުމަށްއެދި ދެންނެވީމެވެ. އަދި އަޅުގަނޑަށް މިދިޔަ ހުކުރުދުވަހު ފެނުނުހުވަފެން ހަދާންވިއެވެ! މިސްކިތުގައި ވިސްނާއި ފިކުރުކޮށްލަން އިނދެފައި، ދެން އަޅުގަނޑު ދިޔައީ ވިޒްކޮމްޕެނީން ހުޅުމާލޭގައި ކުރަމުންދާ މަސައްކަތްތައް ބަލައިލުމަށް އެސައިޓަށެވެ. އެދުވަހު އިސްކޮށް ސައިޓްގައިހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދުރަޝީދު ހުސައިން (ހަންދު) އެވެ. ދެންހުރީ ކުޅުދުއްފުށީ އަހްމަދު ކިޔާމީހެކެވެ. ހަންދުމެންނަށް ވެސް މާލޭގެ ޚަބަރުތައްވަނީ ލިބިފައެވެ. ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން، ދެފަހަރެއްގެ މަތިން ނަސީމްބެއާ ފޯނުން ގުޅުނެވެ. މާލޭގެ ޚަބަރުތައް ނަސީމްބެއާއި އަލިބެގެ ފަރާތުން ބަރާބަރަށް ލިބެމުން ދިޔައެވެ. ފޯނުން ބަރާބަރަށް މިޚަބަރުތައްދަނީ، އަޅުގަނޑަށް ލިބެމުންނެވެ. ވާނުވާ އެނގެމުންނެވެ.

އާދެ! ސަހަރާތެރެއަށް ޔުނީފޯމްއެޅި ސިފައިންނަށް ނުވަދެވުނު ހިސާބުން އެމީހުންގެ ހަރަކާތެއް ނުފެނެއެވެ. މުޅިންހެން ގެއްލިއްޖެއެވެ. އެހެނަސް އެމީހުންގެ މަރްކަޒުތަކުގައި ތިބެގެން ދިޔައީ އަތުވެދާނެ ކުރިމަތިލުމަކަށް ތައްޔާރުވަމުންނެވެ. ރަށުތެރެއިންނާއި ސަހަރާތެރެއިން ގިނައިން ފެންނަމުން ދިޔައީ އާދައިގެހެދުމުގައި ތިއްބަވާ ސިފައިންނެވެ. ޟިޔާޢައްބާސް ލީޑްކޮށްދެމުން ގެންދިޔަ ޕާޓޭންގެ ގްރޫޕް މާލެތެރޭގެ އެކިދިމާތަކަށް ގްރޫޕްހަދައިގެން ދުއްވާހަދާއި ބައެއްތަންތަނަށް ހަމަލާދީ ރަށުތެރޭގައި ފުޅާދާއިރާއެއްގައި ހަމަނުޖެހުން ހިންގަމުން ގެންދިޔައެވެ. އެމީހުންނާއެކު އާންމުންގެ ތެރެއިން ރުޅިގަދަވެފައި ތިބިބަޔަކު މިހަމަނުޖެހުން ތަކުގައި ބައިވެރިވަމުން ދިޔައެވެ. ހަވީރު، 5:30 އެހާކަންހާއިރުން ފެށިގެން، މިކަންތައް ދިޔައީ ބޮޑުވަމުންނެވެ. ފުޅާވަމުންނެވެ. މާލޭގެމަގުމައްޗަށް މީހުންނުކުމެ ހިންގިޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހާ ހެދިއެވެ. މާފަންނު ވިލީފުލުސް ރޯކޮށްލިއެވެ. ހެންވޭރު ވިލީފުލުސް ރޯކޮށްލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓްރޯކޮށް ލިއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް، (އަމީރުއަހްމަދު މަގު) ރޯކޮށްލިއެވެ. އަދި ރައްޔިތުން މަޖިލިސްކުރާގޭގެ ތެރެއަށްވަދެ ގޮނޑިތަކުގައި އިށީދެހަދާއި އެތަނަށް ގެއްލުންދޭން މަސައްކަތް ކުރިއެވެ. މާލެތެރޭގައި މިފަދަ ފަސާދަތައް ހިންގީޕާޓޭންގެ ގްރޫޕަކުންނެވެ. އެކަމާއެއްވެސް ސިޔާސީ ފަރާތަކުން ބައިވެރިއެއް ނުވިއެވެ. އަދި އަޅާލާފައެއް ނެތެވެ. މިކަންތައް ރޭވިބައެއްގެ ޕްލޭންގައި އޮންނާނީ، އަޅުގަނޑުމެން ކަހަލަ ސިޔާސީ ލީޑަރުންތައް މިހަރަކާތުގައި ބައިވެރިވެ ރަށުތެރޭގައި ވަރަށް ގިނަކަންތައް ހިންގާނެކަމަށެވެ. އެހެނަސް މިރޭވުންދިޔައީ ސުމަކަށެވެ. ސިފައިންގެ މަރްކަޒުތަކުގައި ތިބެގެން މިފަދަކަމެއް ހިންގާއިރަށް ނުކުމެ އެފަދަ ސިޔާސީ މީހުންތައް ހިފާހައްޔަރު ކޮށްލަންތިބީ ރާވައިގެން ތައްޔާރަށެވެ. އެހެނަސް އިސްލާހީ ހަރަކާތުގެ އެއްވެސް ސިޔާސީ ލީޑަރަކު މިއިންކަމަކާ އެދުވަހު އަޅައެއްނުލިއެވެ. އަންނިމެން އަޅުގަނޑުމެންތިބީ ވަރަށް މަޑުންނެވެ. ކުޅިބަލާ މީހުން ގޮތުގައެވެ. ހަމަހިމޭނުގައި ތިބެގެން ކުރެވުނު މަސައްކަތެއް ބޭރާއި އެތެރޭގައި ކުރަމުން ގެންދެވުނެވެ.

އާދެ! އަޅުގަނޑު އަދިވެސްހުރީ ހުޅުމާލޭގައި ވިޒްކުންފުނީގެ މަސައްކަތު ސައިޓުގައެވެ. މާލޭގެ މެދުތެރެއިން ކަހަލަ ގޮތަކަށް އިރުއޮއްސުނު ފަހުން، ދުންއަރާތަން ފެނުނެވެ. ދެތިންދިމާލަކުން ދުންފެނުނެވެ. ކުއްލިއަކަށް، މިރޭގެ ހުޅުމާލެ މާލެފެރީ ނޯންނާނެކަމުގެ އަޑުހުޅުމާލެ ތެރެއިން އިވުމުން، ރޭގަނޑުއަށެއްގެ ފެރީން އަޅުގަނޑުމެން މާލެދިއުމަށް ނިންމައިފީމެވެ. ހަންދުއާއި ކުޅުދުއްފުށީ އަހްމަދާއި އަޅުގަނޑާއި ބައެއް ބިދޭސީ މަސައްކަތު މީހުން، އަށެއްގެފެރީއަށް އަރައި މާލެއައުމަށް ފުރީއެވެ. އައިފެރީގައި ރޭޑިޔޯ ހުޅުވާފައި ހުރުމުން، ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބުކުރައްވައި ދެއްވި ތަގްރީރު އަޑުއެހީމެވެ. އޭރުމާލޭން ދުންއަރަމުންދާ މަންޒަރު ރީތިކޮށް ފެނެއެވެ. ބޯކޮށްދުންގަނޑު އަރަމުންދާތަން ފެނެއެވެ. 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުރޭ، 8:00 ގެ ފެރީގައި އިންއިރު ރައީސް މައުމޫނު ދިވެހިގައުމާ މުޚާޠަބު ކުރައްވަމުން މިވާހަކަތައް ވިދާޅުވިއަޑު އެހީމެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

“މާފުށީ ޖަލުގައި ހިނގިޙާދިޘާތަކާއި ގުޅިގެން މިހާރުމާލޭގެ ހާލަތުވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައްޖެ. ވަރަށްގިނަ މީހުން މަގުމައްޗަށް ނުކުމެއެކި ދިމަދިމާއަށް އެއްވެއެކިއެކި އިމާރާތަކަށް ގާއުކާއި އެނޫންވެސް ގެއްލުންތައް ދެމުންއެބަ ގެންދޭ. އޭގެސަބަބުން ވަރަށް ގިނަބަޔަކަށް ހާނީއްކަ ލިބެމުންވެސް އެބަދޭ. އަޅުގަނޑަކީ ދިވެހިރާއްޖޭގެ ރައްޔިތުން، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާ، އަދި ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު ރައްކާތެރި ކުރުމަށްޓަކައި އިންތިޚާބު ކުރައްވާފައިވާ މީހާ. އެހެންވީމާ އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި އަދި ވަފާތެރި ރައްޔިތުންގެ އަރިހުން މިއެދެނީ ހުރިހާބޭފުޅުން ވެސް ހަމަޖެހި ވަޑައިގެން ގޭގެއަށް ވަޑައިގެން އަދި އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ފުރުޞަތު ދެއްވުން. މިކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާއި ކުށްވެރިވާ ބަޔަކުހޯދާއި އެބަޔަކާދޭތެރޭގައި ގާނޫނީފިޔަވަޅު އަޅައި، އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ފުރުޞަތު ދެއްވުން. ހިނގާދިޔަ ޙާދިޘާތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަންޏާ، ވަރަށް ހިތާމަވެރި ދެޙާދިޘާވަނީ ހިނގާފައި. އެދެޙާދިޘާމެ ހިނގީވަކިވަކިން. އޭގެތެރެއިން އެއްޙާދިޘާއަކީ، ރޭގައި ޖަލުގައި ހިނގިޙާދިޘާއެއް. އާދެ! ޖަލުގައިހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން، މީހަކުވަނީ މަރުވެފައި. ދެވަނަޙާދިޘާއަކީ، މިއަދުހިނގާދިޔަ ޙާދިޘާއެއް. އާދެ! އެކިއެކި ގޮޅިތަކުގައި ބަންދުކޮށްފައިތިބި ކުށްވެރިންނުކުމެ ގޮޅިތައްތަޅާލައި ނުކުމެ، އެތާނގައިތިބި ގާޑުންނަށް ހަމަލާދީ، އަދި އެންމެފަހުން ބަޑިގުދަނާދިމާއަށް އައިސް ބަޑިގުދަނަށް ހަމަލާދީ މިކަންތައްތައް ހިންގީ. އެހެންކަމުން ސަރުކާރަށް ޖެހުނީ، އެވަގުތުކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖްބޫރުން އަޅަން. އާދެ! އެތާނގައިތިބި ސިފައިންގެމީހުން، ބަޑިގުދަން ރައްކާތެރި ކުރަންތިބި ސިފައިންގެ މީހުން، ފުރަތަމަ އެމީހުންނަށް ނަޞޭޙަތްދީ އިންޒާރުކޮށް އެމީހުންފަހަތަށް ނުދިއުމުން ވަޔަށްބަޑިޖަހާއި ވަޔަށް، ޖައްވުގެ ތެރެއަށް ފަޒާގެތެރެއަށް ބަޑިޖަހައި އެވަރުންވެސް ކޮންޓްރޯލްނުވެގެން އެންމެފަހުން ޖެހުނީ، ބައެއްމީހުންގަޔަށް އުންޑައަރާގޮތަށް ހަތިޔާރުގެ ބޭނުންކުރަން. މިއީވެސް އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރާކަމެއް. މިކަހަލަކަމެއް ވުމަކީ، އެއްގޮތަކަށް ވެސް އަޅުގަނޑު އެދޭކަމެއްނޫން. އަދި ދިވެހިރައްޔިތުންގެ ތެރެއިންވެސް ބޭފުޅަކު އެދިވަޑައި ގަންނަވާނެ ކަމެއްނޫން. ދަންނަވާލަން ބޭނުންވަނީ، މިއަދުމިހިނގި ޙާދިޘާގެ ސަބަބުން އެކިއެކިއަނިޔާ ލިބުނުމީހުން، މިހާރުއެމީހުންނަށް ވަނީ، ފަރުވާދޭން ފަށާފައޭ. އޭގެތެރއިން ހަތަރުމީހަކުގެ ޙާލަތުތަންކޮޅެއް ނުރައްކާކަމަށް ޑޮކްޓަރުންނަށް ފެނިވަޑައި ގަންނަވާތީ އެމީހުންމިހާރުވަނީ، މާލެގެނެވިފައި. ވަރަށްއަވަހަށް ހޮސްޕިޓަލުން އެމީހުންނަށް ފަރުވާދެވެން ފެށޭނެ.”

ދެން މާލެއައިސް ފެރީލަފާތަނަށް ކައިރިކުރިއިރު، އެދިމާލު މަގުމަތީގައި ބައިވަރު ސިފައިން ފުލްކިޓްގައި ތިއްބެވެ. އަދި އާމަޑްކާރެއް ދެކޮޅަށް ދުއްވަމުން، އަޑުގަދަކުރާއިން މިދިމާހުސްކުރުމަށް ގޮވަމުން މަޑުމަޑުން ދުއްވާހަދައެވެ. ކަމާނުބެހޭ މީހުންދުރަށް ދިއުމަށް އަޑުގަދަކުރާއިން ގޮވަމުން ގެންދެއެވެ. ދޯނިންފައިބައިގެން އަޅުގަނޑު ދިޔައީ ހިނގާފައެވެ. ހަންދުއާއި ވިޒްކުންފުނީގެ މަސައްކަތު މީހުން، އަމީރުއަހްމަދު މަގުގައިއޮތް ވިޒްކޯ ލޯރީގައި އެމީހުންވެސް ގެއަށް ހިނގައްޖެއެވެ. އަޅުގަނޑު ހިނގާފައި ދިޔައީ ތޮށިގަނޑުމަތީން ހުޅަގަށެވެ. ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީން ބޭންކް އޮފް މޯލްޑިވްސް ކުރިމަތިންނެވެ. ކޯސްޓަގާޑް ބިލްޑިންގް ކައިރީގައި މަދުބަޔަކު ދުރަށް ނުގޮސްތިއްބެވެ. އޭރުހުރީ ބައެއް ބިއްލޫރިތައް ތަޅާލާފައެވެ. މުޅިމަގުގައިތިބީ ސިފައިންނެވެ. ތައްޔާރީ ހާލަތުގައެވެ. ދެދިމާއަކުން އަޅުގަނޑު ހުއްޓުވާފައި ސުވާލުކުރުމުން، މިއައިސްފޭބީ ހުޅުމާލޭންކަމާއި މިދަނީހިނގާލާފައި ގެއާދިމާއަށޭ ބުނުމުން ދޫކޮށްލައެވެ. އެޓޮލްސްއިން ނެއްޓި ސިފައިންގެ އާބިލްޑިންގު ކުރިމަތިން ތިންނަންބަރު ފާލަމާ ދިމާއިން ތޮށިގަނޑުމަތިން ސިފައިގޭގައި އުޅުއްވާ އިސްއޮފިސަރެއް ކަމުގައިވާ، ހުސައިން ޝާކިރާ ދިމާވެގެން ކޮންތާކަށްތޯ އެއްސެވުމުން، މިދަނީގެއަށޭ މިއައީހުޅުމާލޭންނޭ ދެންނެވުމުން އަވަހަށްދާށޭ ވިދާޅުވިއެވެ. ދެންހިނގާފައި ބޮޑުފާލަން ކުރިމަތިންގޮސް ޗާނދަނީމަގަށް އަޅާއި ދެން އޯކިޑްމަގަށް އަޅައިގެން ދިޔައީގެއަށެވެ. ރިޔާސީ ގަނޑުވަރާ ދިމާލުން މަގުމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންނައި ދިމާވުމުން، އެބޭފުޅުންނާ ބައްދަލުކޮށް ސަލާމްކުރީމެވެ. ދެންވެސް އޯކިޑްމަގުން ހުޅަގަށް ހިނގާފައިގޮސް، ޖަވާހިރުވާދީއަށް އައިސްވަނީއެވެ. ދެންއޭގެފަހުން މާލެތެރެއަށް ނުނިކުންނަމެވެ. ގެއަށްވަދެ ބީބީސީބަލަން ގޭގައި އިނީއެވެ. އަދި ދޭތެރެދޭތެރެއިން ޓީވީއެމް ވެސް ބަލަމުން ގެންދަމެވެ. ނިދަންވަންދެން އިނީގޭގައެވެ. ހެދުނުހޭލައިގެން، 7:00 ގައި އޮފީހަށް ދިއުމަށްނޫނީ ގެއިން ނުނިކުންނަމެވެ. ރޭމުޅިމާލެއޮތީ ސިފައިންގެ ކޮންޓްރޯލް ދަށުގައެވެ. ޚަބަރުތަކުންނާއި މީހުންގެ ފޯނުކޯލްތަކުން ލިބުނު މަޢުލޫމާތުތަކަށް ނަޒަރުކޮށް މާލެތެރޭގައި ޕާޓޭގްރޫޕުންނާއި ރައްޔިތުންގެ ތެރެއިން ބައެއްމީހުން ވެގެން ގެއްލުންދީފައިވާ ތަންތަން ކަމުގައި އަޅުގަނޑަށް ނޯޓުކުރެވުނީ މިތަންނަނެވެ.

= ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް (އަލިފާން ރޯކޮށްލާފައި)

= ކޯސްޓްގާޑް ބިލްޑިންގް (ބިއްލޫރިތައް ތަޅާލާފައި)

= ކޯސްޓަގާޑް ބިލްޑިންގް ކުރިމަތީގައިހުރި ބައެއްސައިކަލްތައް ރޯކޮށްލާފައި. ބިލްޑިންގގެ ބައެއްބިއްލޫރިތައް ތަޅާލާފައި.

= ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މައިދޮރަށް ހަމަލާދީ ނޯޓިސްބޯޑުގެ ބިއްލޫރިގަނޑި ތަޅާލާފައި.

= އައިޖީއެމް ހޮސްޕިޓަލަށް ގެއްލުން ދީފައިހުއްޓެވެ.

= 3 ވިލީފުލުސް އޮފީހެއް ރޯކޮށްލާފައިވެއެވެ.

= ސިފައިންގެ ޖީޕަކަށް ހަމަލާދީ ބަންޑުންޖަހާލާފައި ވެއެވެ. އަދި ސިފައިންގެ ލޯރިއަކަށް ވެސް ހަމަލާދީފައިވެއެވެ.

= ރައްޔިތުންމަޖިލިސް ކުރާގެއަށް މީހުންގަނޑުވަދެ ގޮނޑިތައް އުކާލާހަދާފައިވެއެވެ.

= ދަރުބާރުގެއަށް މީހުންގަނޑު ވަދެގެންފައި ވެއެވެ. މިކަންތައްތައް މަތަކޮށް އޮބެހެއްޓުމަށް ކަރުނަގޭސް ސިފައިން ބޭނުންކޮށް ފައިވެއެވެ.

އާދެ! މިހުރިހާ ޚަބަރުތަކެއް އޮޅުންފިލުވުމަށް ފަހު، ނިދަން އެނދަށްއެރީ ވަރަށް ދަންކޮށްފައެވެ. ފަތިހުހޭލައިގެން، މާދަމާ އެޓޮލްސްއަށް، ވަޒީފާއަށް ނުކުތުމަށެވެ.

21 ސެޕްޓެމްބަރ 2003މ. 24 ރަޖަބް 1424ހ، ވީއާދީއްތަ ދުވަސް، އަދައިގެމަތިން ފަތިސްނަމާދަށް ފަހު، ފެންވަރާއި ހެނދުނު ނާޝްތާކޮށްގެން، 7:00 ށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ދިޔައިމެވެ. ހެނދުނު، 9 ޖެހިފަހުން މެންދުރުކުރިން، ޟިޔާޢައްބާސްއާއި ބޮޑުފަލާޙްއާއި އިތުރު، 12 ވަރަކަށް ކުދިން، އެޓޮލްސް ކުރިމަތިން ދޫނިދޫއަށް ގެންދިޔަތަން ފެނުނެވެ. މިއެންމެން ވެސްތިބީ ބިޑިއަޅުވާފައެވެ. މިއެންމެން އަރުވައިގެން ގެންދިޔައީ ސިފައިން ގެންގުޅޭކުޑަ ކޮޅުވެއްޓީގައެވެ. މީގެތެރޭގައި ގިނައި ޟިޔާޢައްބާހާއެކު އުޅުނު ޕާޓޭންނެވެ. ޕާޓޭންތައް ތިބެނީ ކޮންމެވެސް ސިޔާސީ ރޭވުމެއްގެ ދަށުން، ޖަލުންނެރެ ދޫކޮށްލާފައެވެ. މާލެތެރޭގައި ނުބައެއް ހައްދަންބޭނުންވާ ކޮންމެފަހަރަކު ޖަލުގެ ކުށްވެރިންތައް ނެރެރަށު ތެރެއަށް ދޫކޮށްލައެވެ. މިއީ އާދަވެގެން ސިފައިން ކުރާކަމެކެވެ. މިގްރޫޕްގައި ޟިޔާއާއި ފަލާޙުގެ އިތުރުން ހިމެނެނީ، މ.އެރޯވިލާ އަބްދުﷲ އެލެގްޒެންޑާއާއި ސ.ހުޅުދޫ ވެލްކަމްވިލާ އަބްދުﷲ ޝަބީރާއި މ.ހަތިކަނޑު އަހްމަދުމޫސާއާއި ގއ.ކަނޑުހުޅުދޫ ވިދާތަރި އިކްލީލް އިބްރާހީމާއި މިކަހަލަ ގްރޫޕެކެވެ.

މިޙާދިޘާގައި އަޅުގަނޑު ޖަލަށްލުން:

މިއަދު އޮފީސް ނިންމާލާފައި އޮފީހުން ގެއަށްދާން ނުކުމެ މެންދުރުފަހު، 2:30 އެހާކަންހާއިރު ބޭރުގައިހުއްޓާ، ސިފައިންގެ ބޭކަލަކު ދުރުވެ، އެތާންގައިހުރި އެޓޮލްސްގެ އަންހެން މުވައްފެއް ކައިރީގައި އިލްޔާސް އުޅުއްވާހޭ، އެއްސެވިއިރު އަޅުގަނޑަށް ހުރެވުނީ އެމީހުންނާ ވަރަށް ކައިރީގައެވެ. މިއީ އިލްޔާސްކަމަށް އަމިއްލައަށް ސިފައިންގެ މީހާއާތަޢާރުފް ވުމުން އޭނާވިދާޅުވީ، އަވަހަށް މިހާރު ސިފައިންގެއަށް ދާންވީ ކަމަށެވެ. ދެން އަވަހަށް މަންމައާގުޅާފައި އޮފީހުގައިހުއްޓައި ސިފައިން ބަލާއައުމުން މިދަނީ ސިފައިންގެއަށް ކަމަށްބުނެ، އެއްގޮތަކަށް ވެސް ހިތާމަނުކުރުމަށާއި ދެރަނުވުމަށާއި ހިތްވަރުކުރުމަށް މަންމައަށް ނަޞޭޙަތްތެރި ވެފައި އޭނައާއެކު ސިފައިންގެއަށް ގޮސްވަނީއެވެ. އޮފީހަށް ދިޔަހެދުމުގައެވެ. ސިފައިންގެ ތެރެއަށް ވަދެވުނީ މެންދުރުފަހު، 3 ޖަހަން އުޅެނިކޮށެވެ. ތިރީގައި އިރުގަނޑަކު ބޭންދުމަށް ފަހު، މައްޗަށް އެރުވައި ގެންގޮސްވެއްދީ ތަހްގީގުކުރުމަށް ހަދާފައިހުންނަ ކުޑަކުޑަކޮޓަރި އެއްކަހަލަ ތަނަކަށެވެ. މީގެދެތިން ހަތަރުތަން ފެންނަން ހުއްޓެވެ. އެތާނތެރޭގައި މާގިނައިރެއް ނުވަނީސް ފޮތަކާއި ގަލަމެއް ހިފައިގެން އައިސްވަނީ، މއ.ނައިބު މުހަންމަދު ހަލީމާއި އަދިވެސް އެހެން އާދައިގެ ސިފައިންގެ މީހެކެވެ. ޙަލީމަކީ ތަހްގީގުކުރުމުގައި އުޅުއްވާމަތީ އޮފިސަރެކެވެ. މިދިޔަފަހަރު ވެސް މީނާއާވަނީ ދިމާވެފައެވެ. ތަހްގީގުކޮޓަރި ހުންނަނީ ފުރަތަމަބުރީގައެވެ. މިބިލްޑިންގަކީ ޝަހީދު ޙުސައިންއާދަމް ބިލްޑިންގެވެ. ސިޑިހުންނަނީ ބިލްޑިންގުގެ މެދެއްހާ ހިސާބުގައެވެ. ގްރައުންޑްފުލޯގެ ދަށަށްހުންނަނީ ޖަލުބައެވެ. އެއީ ބިންގަރާހެކެވެ. މިއީ ބިމުގެއަޑީގައި ހަދާފައި ހުންނައަނިޔާވެރި ބައެކެވެ. ބިންގަރާހުގެ މިބުރީގައި އެކިވަރުވަރުގެ ގޮޅިތަކާއި ކުޑަގުދަނެއް ހުރެއެވެ. މިއީއަނިޔާކުރުމަށް ހަދާފައިހުރި ބިމުއަޑީގެ ޖަލެކެވެ. ދިހަވަރަކަށް ގޮޅި ހުންނާނެހެން ހީވެއެވެ. ޙަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، މިގެނެވުނީ އިލްޔާސާ ގުޅޭގޮތުން މިތަނަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެރިޕޯޓުގައިވަނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހު (އިއްޔެ) މަގުމައްޗަށް މީހުންނުކުމެ މާލެތެރޭގައި ހިނގާދިޔަ ޣައިރުޤާނޫނީ ޢަމަލުތަކާއި ހަމަނުޖެހުން ތަކުގައި ސަރުކާރުގެ އިމާރާތްތަކާއި އެކިއެއްޗިއްސަށް ގެއްލުންދީ ހަލާކުކޮށް ހުޅުޖާހެދުމުގެ ކަންތައްތަކުގައި، އިލްޔާސް އިސްކޮށް އުޅުއްވާފައިވާ ކަމަށް ޚަބަރުލިބިފައި ވާތީއެވެ. އަދި ސޯސަންމަގުން ގްރޫޕަކާއެކު އިލްޔާސް އިސްކޮށް ހުރެގެންގޮސް ސަރުކާރު މުވައްޒަފުންގެ ނާދީއަށް ވަދެއެތަނުން ނުކުތްތަން ފެނިފައި ވާތީއެވެ. މިކަމާ، އިލްޔާސް ބުނުއްވަނީ ކީކޭތޯއެވެ؟ އަޅުގަނޑު ހޮނިހިރު ދުވަހު ކަންތައް ކުރިގޮތާއި އަޅުގަނޑު އެދުވަހު ދިޔަތަންތަނާއި އުޅުނުގޮތް ހަލީމަށް ކިޔައިދިނުމުން، ކުރުބަޔާނެއްނަގައި އިނގިލީގެ ނިޝާން ޖައްސުވާ ފައިބުނީ، މަޑުކޮށްލުމަށެވެ. ދެން ގްރައުންޑް ފުލޯއަށް ތިރިއަށް ގެނެސް ކައުންޓަރުތައް ކުރިމަތީގައިހުރި ގޮނޑިބަރީގައި ބައިންދާފައި، ހަލީމް އެރުއްވީ މައްޗަށެވެ. އަޅުގަނޑު ލައްވާސޮއިކުރުވި މިބަޔާނުގައި ލިޔެފައިއޮތީ މިޢިބާރާތްތަކެވެ.

“20 ސެޕްޓެމްބަރ 2003 ދުވަހަކީ ހޮނިހިރު ދުވަހަކަށް ވެފައި ބަންދު ދުވަހަކަށްވާތީ، ހެނދުނުގެ ނާޝްތާއަށް ފަހު، ނިދާލާފައި ހޭލެވުނީ، 12 ޖަހާއެހާކަން ހާއިރެވެ. ދެން މެންދުރުނަމާދު ކޮށްލައިގެން، ކެއުމަށްފަހު ގަސްދުކުރީ އޮފީހަށް އެޓޮލްސްއަށް ވަދެލާފައި ކުރަންހުރި ކަންތައްކޮށްފައި ހަވީރުވީމާ، 4 ގެފެރީން ހުޅުމާލެއަށް ދާށެވެ. އެގޮތަށްވިސްނީ ހުޅުމާލޭގައި އަޅުގަނޑު މެންގެ ކުންފުނި ކަމުގަިއވާ ދަވިޒްކޯއިިން ބޮޑުމަޝްރޫޢެއް ހުޅުމާލޭގައި ހިންގާތީ، އެސައިޓް ބަލާލުމަށެވެ. އެހެނަސް ގެއިންނުކުތް ތަނާހެން ކުއްޅަވަށް ގޭގައިހުންނަ ޓުވިންޕީކްސް ކައިރިން ދެތިންއަންހެން ކުދިންނާދިމާވެގެން، ޖަލުގައި ސިފައިން މަރާލިކުއްޖާ ސަހަރާގައި މޫނުދެއްކުމަށް ބާއްވާފައި އެބައޮތްކަމަށް ބުންޏެވެ. އަދި ދޭއްގެޚަބަރުގައި ރޭޑިޔޯއިންނާއި ޓީވީން މިވާހަކަތައް ކިޔާނޭ އެކުދިން ބުންޏެވެ. ދެން އަނބުރާލާފައި ގޮސްގެއަށްވަދެ ޚަބަރުބަލާއި އަޑުއެހީއެވެ. (ސިފައިންނަށް ސިލްވަރސީން އަލިބެކައިރިއަށް ޚަބަރުބަލަން ވަތްވާހަކަ ކިޔައެއް ނުދެމެވެ. އަދި އަލިބެދިރިއުޅޭ ހައިވަކަރުގެއިން ސަހަރާއަށް ދިޔައީ ފިލްމުކުޅޭ މަޝްހޫރު ޔޫސޭ ފޮނުވި ކުއްޖެއްގެ ސައިކަލުގެ ފަހަތުގައި ކަންވެސް ސިފައިންނަށް ކިޔައިނުދީ ހިފޭއްޓީ، ތަހުގީގު އެތައްބަޔަކަށް ދިގުދެމިގެން ދާނެތީއެވެ.) ރާއްޖެޓީވީއާއި ރޭޑިޔޯ ޚަބަރުގައި މާފުށީ ޖަލުގައި އިއްޔަރޭފަތިހު ހިނގާދިޔަ ޙާދިޘާއެއްގައި ސިފައިނާއި ކުށްވެރިންނާ ދެމެދު ހިނގިކަންތަކެއްގައި އީވާން ނަސީމް ކިޔާކުއްޖަކު މަރުވެއްޖެކަމާއި އެޙާދިޘާ ތަހުގީގުކޮށް ބެލުމަށް ސަރުކާރުން ނިންމަވާއި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި ކަމަށްކިއެވެ. އެކޮމިޝަނުގައި ތިއްބަވާނީ، އަބްދުއްސައްތާރު މޫސާދީދީ، ޔުނިސެފްގައި އުޅުއްވު އައްޑޫ ޢައިޝާ، ސީޕްރިޔާ ސަޢީދު، ޝާހީންޙަމީދު، އަދި ޑޮކްޓަރ ޞާލިޙް ކަމަށް ހަމަޖައްސަވައި ފިކަމަށެވެ. މިޚަބަރުތައް އެހުމަށްފަހު، އީވާނަކީ ކޮންކުއްޖެއްތޯ އޮޅުންފިލުވާ ލުމުންއެއީ އަޅުގަނޑުމެން ޢާއިލާއާގާތް ގުޅުމެއްއޮންނަ މާގަސްދޮށުގޭގައި ހުންނެވި، ނަސީމްގެ ދަރިއެއްކަން އޮޅުންފިލައި ފިއެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތި ބައްޕައަރިހުގައި ކޮނޑޭވޯކްޝޮޕްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އަޅުގަނޑުމެންގޭގެ ބޮޑުފިހާރާގައި ބައްޕަބުނުއްވާ ކަންތައްކޮށްދިނުމަށް އުޅުއްވި ބޭފުޅެކެވެ. އަދި މީނާއަކީ ވަރަށް ގިނަގިނައިން ޖަވާހިރުވާދީއަށް އެދުވަސްވަރު އައިސްގޮސްވެ އުޅުއްވި ބޭފުޅެކެވެ. އެހެންވުމާއެކު އަޅުގަނޑު އަވަސްވެގަތީ ނަސީމުގެ ދަރިފުޅު، އީވާން ނަސީމުގެ މޫނުދުށުމަށް ސަހަރާއަށް ދިއުމަށެވެ. އެސުންނަތް ފުރިހަމަ ކުރުމަށެވެ. ސަހަރާއަށް ވަދެވުނުއިރު ޢަޞުރުނަމާދަށް ގޮވަންވަނީ، ވަރަށްކައިރި ވެފައެވެ. އަލިބެ ގެއަށާއި ސަހަރާއަށް ދިޔައީ ހިންގާފައެވެ. (ސިފައިންނަށް އަންނިއާ ބައްދަލުވި ވާހަކައާއި ޔޫސޭގެ ގްރޫޕްގެ ވާހަކަތައް ތަހުގީގު ދިގުވެދާނެތީ ކިޔައެއް ނުދެމެވެ. އަދި ސަހަރާއަށް ދިޔައީ، ޔޫސޭފޮނުވި މީހެއްގެފަހަތުގައި ސައިކަލުގައިކަން ބޭއްވީ ސިއްރުކޮށްފައެވެ.) ސަހަރާއަށް ވަދެވުނުއިރު ގާތްގަޑަކަށް ހަވީރު، 3 ޖަހާފާނެއެވެ. ސަހަރާއަށްވަދެ، ވުޟޫއުކޮށްލައިގެން ޢަޞުރުނަމާދަށް ތައްޔާރުވީއެވެ. އަދި ނަމާދަށް އިރުކޮޅެއް އޮތުމުން، ހިނަވާގެއަށްވަދެ، އީވާން ނަސީމްގެ މޫނުދުށީއެވެ. އިވާން ވަށައިގެން އެނބުރުނީމެވެ. އަތްލައިހެދީމެވެ. ފޮތިގަނޑާ ކުޅުނީމެވެ. އެހެނަސް ފޮތިގަނޑުނެގީ އަޅުގަނޑެއް ނޫނެވެ. އެކިމީހުން އަތްލާހަދަމުން ގެންދާތީ ހުރިހާދިމާއަކުން ފޮތިގަނޑު މައްޗަށް އަރަމުންގޮސް ފޫޅާއިކަކުލާ ދެމެދުގައި ފޮތިގަނޑު ގުޅައަކަށް އޮއްވާ އަޅުގަނޑު ވެސް ދުށީއެގޮތަށެވެ. ވަރަށްގިނަ މީހުންފޮޓޯނަގާއި މޫވީކުރަމުން ގެންދާތަން ދުށީމެވެ. ދެން އެއަށްފަހު، ޖަމާޢަތުގައި ޢަޞުރުނަމާދު ކުރީމެވެ. އަދި ސަހަރާގައި، 4:45 ނުވަތަ، 5 ޖަހަންދެން މަޑުކުރީމެވެ. ސަހަރާތެރެއިން ދިމާވި މީހުންނަކީ، އަބްދުއްސައްތާރު މޫސާދީދީ، ޝަހީން ޙަމީދު، އައްޑޫޢައިޝާ، ސީޕްރިޔާސަޢީދު، ޝައިޚް ހަސަންޔޫސުފް، ޝައިޚް އަހްމަދު ފާރޫޤް މުހަންމަދު، މިނިސްޓަރ އަބްދުއްރަޝީދު ހުސައިންއާއި މިފަދަ ސަރުކާރުގެ އިސްބޭފުޅުންނާއެވެ. (އެހެންކޮން ބައަކާތޯ ބައްދަލުކުރީ އެހުމުން ވެސް އިތުރުބަޔަކާ ބައްދަލުނުކުރާ ކަމަށްބުނީ، ތަހްގީގު ކުރުކުރާށެވެ. ޔޫސޭއާއި އަންނިގެ ބައިތައް ސިއްރުކޮށް، މުޅިން ދޫކޮށްލީއެވެ.) ދެން ސަހަރާއިން ނުކުމެގެން ހިނގާފާއައިސްވަނީ، ސިލްވަރސީން އަލިބެ ދިރިއުޅުއްވާގެ ކަމުގައިވާ މއ.ހައިވަކަރުގެ އަށެވެ. ހަވީރުސައި ބޮއިހެދީ އަލިބެއާއެކު އެގެއިންނެވެ. ސައިބޮއި ނިމިގެން، ސިލްވަރސީން އަޖްވަދު ވަހީދު، އަޖޫގެ ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލެ ފެރީޓާމިނަލަށެވެ. އަވަހަށް ހުޅުމާލެއަށް ދިއުމަށެވެ. އެހިސާބަށް ދެވުނުއިރު، 6 ގެފެރީ ވާތައްމޮހެލައި ނައްޓާލަނީއެވެ. ދެންއަތުންނާއި ހަޅޭލަވާގިވައިގެން އެމީހުން ކައިރިކުރީ ފެރީގެފަހަތުކޮޅު ތޮށިގަނޑާއެވެ. މެރިންޑްރައިވާ ދިމާލުންނެވެ. ދެން ފެރީއަށް ފުންމާލައިގެން އެރީއެވެ. މިކަންމިގޮތަށްކުރީ ވީހާއަވަހަށް ހުޅުމާލެއަށް ދިއުމުގެ ބޭނުމުގައެވެ. މިފެރީއަށް ނޭރިއްޖެނަމަ ލަސްވާނެތީއެވެ. މާލޭގައިގިނަ ވަގުތުހުންނަން ޖެހޭނެތީއެވެ. އެދުވަސްވަރު މިގޮތަށް ފެރީއަށް އަރުވައިދީ ހަދައެވެ. ދެން ހުޅުމާލެއަށް ދެވުމުން، ހުޅުމާލޭގައި ހުންނަ މިސްކިތަށް އަރައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް، ދެނަމާދު ކޮށްނިމިގެން ދިޔައީ ވިޒްކޮމްޕެނީގެ މަސައްކަތު ސައިޓަށެވެ. (ސިއްކަގޭ ނަސީމްބެއާ ފޯނުންގުޅާހެދި ވާހަކަތައް ސިފައިންނަށް ކިޔައިނުދީ ސިއްރުކުރީއެވެ.) މިސައިޓުގައި އިސްކޮށްހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދުރަޝީދު ހުސައިން (ހަންދު) އެވެ. މިސްކިތުން ސައިޓަށް ދިޔައީ ހަންދުގެ ޕިކްއަޕްގައެވެ. އަޅުގަނޑު ނަމާދުކޮށް ނިމިގެން ހަންދުއާ ގުޅީމާ އޭނާބަލާ އައީއެވެ. ސައިޓުން ފެރީއާހަމައަށް، މާލެއައުމަށް އައީވެސް ހަންދުމެންގެ ޕިކްއަޕްގައި އެމީހުންނާ އެކުގައެވެ. ވިޒްކުންފުނީގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިސަރުދާރެއް ކަމުގައިވާ ކުޅުދުއްފުށީ އަހްމަދު ވެސް އަޅުގަނޑު މެންނާއެކުއައެވެ. މާލެއައީ މިއެންމެން އެކުގައި ރޭގަނޑު އަށެއްގެ ފެރީންނެވެ. މާލެއައި މަގުމަތީގައި ފެރީގެކެޕްޓަން ލައްވައި ރައީސް މައުމޫނުގެ ޚިޠާބެއް އަށެއްޖަހާއިރު އޮންނަކަން އެނގިފައިވާތީ، ފެރީގެރޭޑިޔޯ އޭނާ ޓުއިންކޮށްދިނީމާ ރައީސް މައުމޫނު، ދިވެހިރައްޔިތުންނާ މުޚާޠަބުކުރެއްވި ޚީޠާބުގެއަޑު ފެރީގައި ހުރެގެން އެހީމެވެ. މިކަން ފެރީދުއްވަންއިން ކެޕްޓަނަށް ހަނދާންހުރިއްޔާ އެނގޭނެއެވެ. އަދި ކުޅުދުއްފުށީ އަހްމަދާއި ހަންދުއަށް ވެސް އެނގޭނެއެވެ. މާލެއިން އަރަމުންދިޔަ ބޯދުންތައް ފެރީގައިތިބިއިރު އަޅުގަނޑުމެންނަށް ފެނުނެވެ. މިވާހަކަތައް ފެރީތެރޭގައި އެކަކުއަނެކަކަށް ދައްކާވެސް ހެދީމެވެ. އަދި މާލެ އައިސްފޭބީ، ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީ ތޮށިގަނޑާ ދިމާއަށެވެ. އެއީ ފެރީފުރާ އަދި ލަފާހަދާ ހިސާބެވެ. މާލެއަށް ފޭބިއިރުއެތާ ކައިރީގައި ސިފައިންގެ އާމަޑްކާރެއް ދުއްވާލަ ދުއްވާލާއޮތެވެ. ސިފައިންގެއާ ދިމާއަށް އެއްވެސްމީހަކު ނުދިއުމަށް އަޑުގަދަކުރާ އެއްބޭނުންކޮށްގެން އާމަޑްކާރ ތެރެއިން ގޮވަމުން ގެންދެއެވެ. ދެން އެތާތޮށިގަނޑު މަތީގައި ހުންނެވި ސިފައިންގެ ބޭކަލެއް ކައިރީގައި އަޅުގަނޑު މިއައި ހުޅުމާލޭން ކަމާއި މިދަނީ ގެއަށްކަމަށާއި ގެއަށް ފަސޭހައިން ދެވޭނީ، ތޮށިގަނޑު މަތިންލާފައި ހުޅަގަށްގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އެޅައިގެން ދިއުމުން، ފަސޭހައިން ގެއަށް ދެވޭނެކަމަށް ބުނެދިނުމުން އޭނާހުއްދަ ދެއްވީ، މިގޮތަށްގެއަށް ދިއުމަށެވެ. ދެން ގެއަށްދިއުމަށް ހިނގައި ގަތީއެވެ. ބޭންކް އޮފް މޯލްޑިވްސް ކުރިމަތިން ރައީސް އޮފީސް ކުރިމަތިން ތޮށިގަނޑު މަތިން ހިނގާފައި ކުރިޔަށް ދިޔައީއެވެ. ސިފައިންގެ އެންއެސްއެސް ބިލްޑިންގް ކުރިމަތިން ތޮށިގަނޑު މަތިން، ސިފައިންގެއިސް އޮފިސަރެއް ކަމުގައިވާ ޙުސައިންޝާކިރާ ދިމާވުމުން، ސަލާމްކޮށް ހާލުއަހުވާލު އަހާލާހެދުމަށް ފަހު، އަނެއްކާވެސް ހިނގައިގަތީ ގެއާދިމާއަށެވެ. ބީޗްރޯޑުން ވައަތަށް ޗާންދަނީމަގަށް އަޅާއި ދެކުނަށްގޮސް ކަނާއަތަށް އޯކިޑަމަގަށް އަޅައި އޯކިޑްމަގުން ހުޅަގަށް ޖަވާހިރުވާދީއާ ދިމާއަށް ހިނގާފައި ދިޔައީއެވެ. އަދި ރިޔާސީ ގަނޑުވަރު ތީމުގޭކުރިމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންގެ ބޭފުޅުންކޮޅެއް އެތާތިއްބާ ފެނުމުން އެމީހުންނައި އޭގެތެރޭގައި އިސްކޮށް ހުންނެވީ ރައްޓެއްސަކަށްވާތީ އޭނާއާސަލާންކޮށް ވާހަކަދައްކާ ލުމަށްފަހު، ހިނގައިގަތީ ޖަވާހިރުވާދީއަށް ދިއުމަށެވެ. ދެން ގެއަށްވަތް ގޮތަށްގެއިން އެއްގޮތަކަށް ވެސް އެރެއަކު ނުނިކުންނަމެވެ. ފެރީން މާލެއަށް ފޭބުނީރޭގަނޑު، 8:25 އެހާކަންހާއިރެވެ. ގެއަށް ވަދެވޭނީ ގާތްގަނޑަކަށް ރޭގަނޑު، 9 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށް ބެލެވެއެވެ. ދެން ޓިވީންޚަބަރުތައް ބަލަން އިނދެފައި ނިދީއެވެ. ގެއިންބޭރަށް ނުކުތީ، އަނެއްދުވަހު މިނިސްޓްރީއަށް، އަޅުގަނޑުގެ ވަޒީފާއަށް ދިއުމަށެވެ. އެއީ، މިއަދު، (21 ސެޕްޓެމްބަރ 2003 ވީއާދީއްތަ) އެވެ. އޮފީހުން ނިމިގެން ގެއަށްދާން ވެގެންބޭރަށް ނުކުތްތަނުން އަޅުގަނޑު ގެނެވުނީ މިތަނަށެވެ. ސިފައިންގެއަށެވެ. ދެން ފެއްޓެވީ މިކުރެވޭ ސުވާލުތައް ކުރައްވާށެވެ. ވަރަށް ރަނގަޅަށް، ވަރަށް ތަފްސީލުކޮށް މިކިޔައިދެވުނީ، ސެޕްޓެމްބަރ 19 އާއި 20 އާއި 21 މިތިންދުވަހު އަޅުގަނޑު އުޅުނު ގޮތާއި އަޅުގަނޑު ކުރިކަންތަކުގެ ތަފްސީލެވެ. މިނޫންކަމެއް ހިންގާއި އިތުރުހަރަކާތެއް އަޅުގަނޑުގެ ފަރާތުން ހިނގާފައެއް ނުވާނެކަން އަޅުގަނޑަށް ކަށަވަރެވެ. އިތުރު ހެއްކެއް ތިޔަބޭފުޅުން އަތުގައި ހުރިއްޔާ އަޅުގަނޑު ކުރިމައްޗަށް ގެނެސްދެއްވާށެވެ. އަޅުގަނޑަށް ހެއްކާއެކު ތަފްސީލުކޮށް ބުނެދެއްވާށެވެ. އެނޫންގޮތަކަށް މިބަޔާނަށް އަދި އަޅުގަނޑުގެ ވާހަކައަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭކަށް ނޯންނާނެއެވެ. އިއްޔެގެ ޙާދިޘާތަކުގައި ގެއްލުންލިބުނު އެއްވެސްތަނެއް އަޅުގަނޑު ލޮލުންނުދެކެމެވެ. އަދިއެއީ ކޮންތަންތަނެއް ކަމެއް ޔަގީންކޮށް ކިޔައިދޭކަށް ވެސް ނޭނގޭނެއެވެ. ރޭގެޚަބަރުން އެނގުނު އެއްޗެއް ފިޔަވައި އަޅުގަނޑުގެ އިލްމުގައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އަޅުގަނޑަށް ހަދާނެގޮތެއް ހައްދަވަން ވީއެވެ. ތިޔަބޭފުޅުންނަށް ފެންނަގޮތެއް ހަދަންވީއެވެ. ދޭނެއަދަބެއް ދެއްވަންވީއެވެ. އިތުރު އެއްޗެއް އަޅުގަނޑުގެ މިދުލަކުން ނުނިކުންނާ ނެއެވެ. ގެއަށް ހިންގާފައި ދިޔައިރު ފެނުނުމަންޒަރު ތަކަކީ ކޯސްޓްގާޑް ބިލްޑިންގގާއި އެތާކުރިމަތީގައި ހުރިސައިކަލް ތަކެވެ. އެތަކެއްޗަށް ލިބިފައިހުރި ގެންލުންތައް އަޅުގަނޑުގެ ލޮލަށް ފެނުނެވެ. ދެންތިވިދާޅުވާ ސަރުކާރު މުވައްޒަފުންގެ ނާދީއަކަށް ވަތްކަމަކާއި ރައްޔިތުންގެ މަޖިލީސް ކުރާގެއަށްވެދެ، މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީންކަމާއި އިލެކްޝަންސް އޮފީހަށް ވަތްކަމާއި އެތަންތަން އަންދާލި ގްރޫޕާއެކު އަޅުގަނޑު އިސްބަސް ބުނަމުން، އަމުރުކުރަމުން ދިޔަވާހަކަތަކަކީ މުޅިން ދޮގެކެވެ. ތިޔައީ ކޮންމެވެސް ބަޔަކު ހަދަހަދައިގެން އުފައްދާފައިހުރި ދޮގުވާހަކަތަކެވެ. އަޅުގަނޑު މާލެތެރޭގައި ޣައިރުޤާނޫނީ ޢަމަލު ހިންގި މީހުންގެ ވެރިއަކަށް ހުރިފޮޓޯއެއް ވާނަމަ، އެއީ ކޮންމެވެސް ބަޔަކު ހަދާފައިވާ ފޮޓޯއެކެވެ. ތިޔަކަންތަކާގުޅޭ، ހެއްކާއި ގަރީނާތައް ހުރިއްޔާ، އަޅުގަނޑަށް ގެނެސް ދެއްކުމުންނޫނީ އެވާހަކަތައް ބަޔާނަށް ނުވެއްދޭނެ ކަމަށް ގަދައަޅާ ބުނަމެވެ.” މިހާހިސާބުން ބަޔާންނިމުނީއެވެ. މިވާހަކަތައް އެބަޔާނުގައިލިޔެ އިނގިލީގެ ނިޝާންޖަހައި ނިންމާލެވުނީ އިރުއޮއްސެނިކޮށެވެ. މިއީ ރަފްބަޔާނެކެވެ. ދެން އެއިންގޮތަށް ބައިންދާފައި އިނީ ތިރީގައެވެ. ކައުންޓަރ ކުރިމަތީގައި ކުރިންވެސް އިންގޮނޑީގައެވެ. އެއީ އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެކެވެ. މިގޮނޑީގައި އިންއިރު އެއްފަހަރަކު ފަސީޙު އަޅުގަނޑުގެ ކުރިމަތިން ހުރަސް ކުރެއްވިއެވެ. ވަޑައިގަތީ ސަލާމްކޮށް ލައްވާފައެވެ. އިތުރުވާހަކައެއް އަޅުގަނޑު ނުދަންނަވަމެވެ. އަދި ވެސް އިތުރުއެހެން އޮފިސަރުން ހިނގާބިނގާވާތަން މިގޮނޑީގައި އިންއިރު ފެނުނެވެ. އަޅުގަނޑު އެތާގައި އިންދެގެން ޤަޟާއަށް ޢަޞުރު ނަމާދުކޮށް އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ކުރީމެވެ. ވުޟޫކުރަން ބޭނުމޭ ކައުންޓަރުގައި އިންނެވި ބޭފުޅާއަށް ދެންނެވުމުން ވެއްދީ އެދިމާތިރީގައިހުރި ފާޚާނާއަކަށެވެ. ނަމާދުތައްކުރީ އެދިމާ ބިންމަތީގައެވެ. ކުނަލެއް އެއްޗެއް ނާޅައެވެ. ހަވީރުސައި، އަދި ރޭގަނޑު ކާންދިނީ ބިމުއަޑީގެ ބިންގަރާހު ބަޔަށް ގެންގޮސް ގޮޑިއެއްގައި ބައިންދައި ގެންނެވެ. ދެން އޭގެފަހުން ވެސް ގޮނޑީގައި އިށީދެގެން އިނީއެވެ. ކައުންޓަރުގައި ތިބޭކުދިން ނޫންބަޔަކު ނުފެނެއެވެ. މިގޮތަށް އެގޮނޑީގައި އިންދައި، ޚަބަރެއްވެ ގޮވާލީ ދަންވަރު، 12 ގަޑިބައިވި ފަހުންނެވެ. އަނެއްކާވެސް އެރުވީ ފަސްޓްފްލޯގައި ހުންނަތަހްގީގު ކުރާކޮޓަރިތަކުން ކޮޓަރިއަކަށެވެ. ކުރިންވެއްދި ތަންނޫން އެހެންތަނަކަށެވެ. މިއީ ކުދިކުދިބައިބައެވެ. ހުންނަނީ ބޮޑުގޮނޑިއަކާއި މޭޒަކާއި އެމޭޒުގެ ކުރިމަތީގައި އާދައިގެ ދެގޮނޑިއެވެ. ދެންހުންނަނީ  ވާހަކަދެއްކުމުގެ އަޑުތައް ރެކޯޑްކުރުމަށް ހުންނަ ރެކޯޑަރެކެވެ. ތަހުގީގުކުރުމަށް އިންނެވީ ކުރިންވެސް ސުވާލުކުރައްވާއި ބަޔާނެއް ނެންގެވި ނައިބުގޭ މުހަންމަދު ޙަލީމްއޭ ކިޔުނު އިސްއޮފިސަރެވެ. މިފަހަރު އަޑުއަހާނެ އިތުރުސިފައިންގެ މީހަކުވައްދާފައެއް ނެތެވެ. ތިބީ އަޅުގަނޑާއި ހަލީމާ ދެމީހުންނެވެ. މިހާރު އިލްޔާސް ބުނުއްވަނީ ކީކޭހޭ، ހަލީމް އެއްސެވިއެވެ. އަޅުގަނޑު ޖެހިލުމެއްނެތި ބުނެފީމެވެ. އަޅުގަނޑު ބުނަންހުރި ހުރިހާވާހަކަ ތަކެއްވާނީ ތިޔަނެންގެވި ބަޔާނުގައި ވަރަށް ތަފްސީލުކޮށް ލިޔެވިފައެވެ. އަދި އެއީ ރަފްބަޔާނަކަށް ވިޔަސް އަޅުގަނޑު ސޮއިކޮށް އިނގިލީގެ ނިޝާންދީފައި ވާނެއެވެ. އޭގެއިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ހަލީމަށް ޝައްކުވާކަމެއް ނުވަތަ އެއްޗެއް ބަޔާނުގައި ބުނެވިފައި ވާނަމަ، ފެރީޑްރައިވަރާއި ކުޅުދުއްފުށީ އަހްމަދާ ދެމީހުން ގެނެސް މިއީތެދުތޯ ނުވަތަ ދޮގުތޯ އައްސަވާށެވެ. އެމީހުންނާ ސުވާލުކުރެއްވީމާ ނިމުނީނޫން ތޯއެވެ! އަދި އަޅުގަނޑު ފެރީއާހަމައަށް ގެންގޮސްދިން، އަޖޫބެއާ ވެސް ސުވާލު ކުރައްވާށެވެ. އަޅުގަނޑު މިހަދަނީ ދޮގުތޯބެއްލެވުމަކީ ތަހުގީގުކުރާ މީހާގެ ވާޖިބެކެވެ. އިރުއިރުކޮޅާ އަޅުގަނޑު ގެނެސް އެއްވާހަކަތަކެއް ތަކުރާރުކޮށް އަހާކަށް ނުޖެހެއެވެ. ތިފާޑަށް މަސައްކަތް ކުރެއްވިޔަސް އަޅުގަނޑުބިރެއް ނުގަންނާނެއެވެ. މީގެކުރިން ވެސް ތިޔަބޭފުޅުންގެ އަނިޔާތައްހުރީ އަޅުގަނޑަށް ތަފާތުގޮތް ގޮތަށްލިބި ތަޖްރިބާ ކުރެވިފައެވެ. ބިރުދައްކައިގެން އަޅުގަނޑުގެ ފުށުންހޯދޭނެ އެއްޗެއް ނޯންނާނެކަން މީގެކުރިންވެސް ހަލީމަށްވާނީ ރަނގަޅަށް އެނގިލައްވާފައެވެ. ކުރީބުރުގައި ޖަލުގައި ހުރިއިރު ހަލީމް އަޅުގަނޑާ ސުވާލުކުރެއް ވީމުނޫންތޯއެވެ. މިހާހިސާބުން، ދެން އެންމެ ރަނގަޅޭ ވިދާޅުވެފައި މިފަހަރު، އަޅުގަނޑު ހަވާލުކުރި މީހާ، އަޅުގަނޑު ގެންގޮސްވެއްދީ ބިމުއަޑީގައި ހުންނަބައިގައި ހަދާފާހުރި ގޮޅިތަކުތެރެއިން ވީއައިޕީ ގޮޅިއަކަށެވެ. އަޅުގަނޑުގެ ބަޔާންގެންގޮސް ސައްލާކޮށް ހަދާފައި ދަންވަރު މިބައްދަލުކުރީ ޖަލަށްލުމަށް ކަމަށް ކުރިންވެސް އަޅުގަނޑަށްވަނީ ވިސްނިފައެވެ. އަބަދުވެސް މިވެރިން ދަންވަރު ކަންތައްކުރަނީ ލުއިދިނުމަކަށް ނޫނެވެ. ހުރިވަރަށް ވުރެއަދަބު ބޮޑުކޮށްލަން ވީމައެވެ. އާދެ! މިގޮޅިއަކީ، ކޮންކްރީޓްޝީޓުން އެއްވެސް ކަހަލަ އާނގައެއްނެތް ގޮތަށް ވަށައިގެން ބަންދުކޮށްފައިހުރި ކުޑަވަރެއްގެ ކޮޓަރިއެކެވެ. އަޅުގަނޑު ގެނެސްމިތަނަށް ވެއްދި އޮފިސަރު ކައިރީގައި އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑަކީ ޑައިބެޓިކް މީހެކެވެ. އަޅުގަނޑަށް ކާންދޭންޖްހޭނީ ގޭގައިކައިބޮއި އުޅޭއެއްޗިއްސެވެ. އެނޫންއެއްޗެއް ނުކެވޭނެއެވެ. އަދި އެނޫންއެއްޗެއް ގެނެސްދީފިއްޔާ ނުކައި އޭތިކޮޅު ބަހައްޓާނީއެވެ. ދެން މިއޮފިސަރު ކަލޭގެބުނެފިއެވެ. ބޮޑެތިމީހުންނާ ވާހަކަދައްކާފައި ތިމަންނަ މިއަންނަނީއެވެ. އޭނާދިޔައީ އަޅުގަނޑު އެގޮޅިއަށް ލުމަށްފަހު، ބޮޑުދޮރު ތަޅުލާފައެވެ. ދެން މިތަންރަނގަޅަށް އަޅުގަނޑު މޮނިޓަރކޮށް ވަށައިގެން ބަލާލައިފީމެވެ. މިތަނުގައި ބަހައްޓާފައިހުރި އެނދުން ބޭރުގައި ހުރިހުސް ޖާގާގައި ގިބްލަހުރިގޮތުން ސަދިޖަޖެހޭ ވަރެއްނުވެއެވެ. އެހާކުޑަތަނެކެވެ. ވަރަށް ކުޑަފާޚާނާއެއް ދޮރެއްލާފައި ހުއްޓެވެ. އަތްދޮންނަ ތައްޓާއި ފެންވަރަންހުރީ ރަނގަޅު ފެންވަރަކަށެވެ. ފާޚާނާގައި މޫނުބަލާނެ ލޯގަނޑެއް ނުހުރެއެވެ. އެނދުގައިހުރީ ބެޑްޝީޓްއަޅާއި ދެބާލީސް ބާއްވާފައެވެ. ތުވާއްޔެއް ނެތެވެ. ބުރުހެއް ނެތެވެ. ފާޚާނާތެރެއާއެކު ވަށައިގެން ބެލިއިރު، މިގޮޅީގައި ގުދުރަތީވައިކޮޅެއް ވަންނާނެ އެއްވެސް އާންގައެއް ނެތެވެ. ބިމުގެއަޑިއަށްވާތި މިތަނަށް ހުންނަނީ މެޝިނެއް ނުވަތަ ބްލޯވަރެއް މެދުވެރުކޮށް ބޭރުންވައި ވައްދާފައެވެ. ކަރަންޓް ގޮސްފިއްޔާ ވައިބަންދުވީއެވެ. ވަންނަބޮޑުދޮރުގައި ގާޑްބެލުމަށް ހަދާފައިހުންނަ ކުޑަބިއްލޫރިކޮޅެއް އިނދެއެވެ. މިބިއްލޫރިކޮޅުން ގާޑަށްހުންނަ މީހާއާއި އެހެންކުދި ގޮޅިތަކުގެ ދޮރުފެނެއެވެ. އަޅުގަނޑު ހުންނަ ގޮޅީގެ ކުރިމަތީގައި ހަމަ މިވައްތަރުގެ އެހެން ދޮރެއްފެންނަން ހުއްޓެވެ. މިއީ ހަމަމީގެ ތަނެކެވެ. ހީވަނީ ދެވަނަ ވީއައިޕީ ގޮޅިއެއް ހެންނެވެ. މިއީ މިބިލްޑިންގގައި މަތީފަންތީގެ ގައިދީން ވެއްދުމަށް ހަދާފައިހުންނަ ވީއައިޕީ ދެގޮޅިއެވެ. ކުދިގޮޅިތަކުގައި ހުރީލަކުޑި ދޮރެއްނޫނެވެ. ދަނގަޑުން ތޭރިލީދޮރުލާފައި ގާޑަށް އެތެރެ ފެންނަގޮތަށެވެ. ގައިދީކަލޭގެ ކުނަލުގައި އޮށޯވެގެން އޮންނައިރު ރީއްޗަށް ފެންނަގޮތަށެވެ. މިއިން ގޮޅިއެއްގައި އަންހެން ކުއްޖަކު އޮވެއްޖެނަމަ، އޭނާގެ ނިދުމާއި އަރާމުކުރުމުގެ ހުރިހާ މަންޒަރެއް ގާޑުކަލޭގެއަށް ރީތިކޮށް ފެންނާނެއެވެ. ބޭރުގައި ހުރެގެން ލައްޒަތުގެ އިހްސާސްތައް ކުރެވިދާނެއެވެ. ނިދާފައި އޮންނަ މަންޒަރުވެސް ފެންނާނެއެވެ. ދޮރާޖެހިގެން އޮވެއްޖެނަމަ އަތްވެސް ފޯރާނެއެވެ. ސީލާއި ފެންވަރަން ހުންނަތަންކޮޅު ހުންނަނީ ފާރުފަޅިއަކުން ނިވާކޮށްފައެވެ. އެހެނަސް އަޑުން އެކުރަމުންދާ ހުރިހާކަމެއް ދެނެގަނެވޭނެއެވެ. ދެން ބައިގަޑިއެއްހާ އިރުފަހުން މިތަނަށް އަޅުގަނޑު ވެއްދިއޮފިސަރު ދުރުވެ ދޮރުހުޅުވާލާފައި ކާންބޭނުންވާ ސާމާނުގެ ލިސްޓެއް ކިޔައިދިނުމަށް އަޅުގަނޑު ކައިރިން އެދުނެވެ. އަޅުގަނޑު ގޭގައިކާން ބޭނުންކުރާ ސާމާނުގެ ލިސްޓެއް މީނާއަށް ކިޔައިދިނީމާ ނޯޓްކުރަން ފަށައިފިއެވެ. ހެނދުނު ސަޔަށް ޑައިބެޓިކްޖޭމާއި ޑައިބެޓިކް ބަޓަރާއި ޑައިބެޓިކް ކިރާއި މޫސްލީއެވެ. ބްރައުންބްރެޑް ގެނެސްދެވެން ނެތިއްޔާ އާޓާފުށުގެ ރޮށިހުންނަން ޖެހޭނެ ވާހަކަނޯޓް ކުރިއެވެ. މިތަކެތި ފެންޓަސީން ލިބެންހުންނާނެ ވަހާކަވެސް އަޅުގަނޑު ދެންނެވީމެވެ. މެންދުރު ކެއުމަށާއި ރޭގަނޑަށް ބޭނުންވާނީ ބްރައުންރައީސްގެ ބަތާއި ރޯފިލާފައިހުންނަ ތަރުކާރީއާއި ހަވާދުމަދުން އަޅާފައި ހުންނަ ކިރުގަރުދިޔައާއި އެހެނިހެން ރިހައާއި ކުޅިނުކޮށް ޒައިތޫނި ތެލުގައި ފިހެފައިހުންނަ ތެލުލި މަސްބުރިއެކެވެ. އަދި ކޮންމެކެއުމަކަށް ފަހު، ފްރެޝްފުރުޓްކޮޅެއް ތާޒާކޮށް ހުންނަންވާނެ ކަމަށް ލިސްޓްކުރިއެވެ. ހުރިހާއެއްޗަކަށް ވެސް ތެލުގެގޮތުގައި ބޭނުންކުރަންވާނީ ޒައިތޫނިތެޔޮ ކަމުގައި ލިޔުވީމެވެ. އަދި ކޮންމެ، 24 ގަޑި އިރަކަށް މިނަރަންވޯޓަރގެ ބޮޑުދެފްނެފުޅި ބޭނުންވާނެ ކަމަށް ބުނީމެވެ. ދެން މިއޮފިސަރު ކަލޭގެ ދޮރުތަޅުލާފައި ދިޔައީ މާދަމާއިން ފެށިގެން މިގޮތަށް ހަމަޖައްސާނެ ކަމަށް ބުނެފައެވެ. އަދި އަޅުގަނޑު އޭނާގާތުގައި ބުރުހާއި ތުވާއްޔާއި ކާންގެންގުޅޭ ބޭސްތައް ބޭނުމޭބުނުމުން ހަމައެވަގުތު ތުނިތުނިތުވާއްޔަކާއި ސައިބޯންޏަކާއި ބުރުހަކާއި ދަތްއުނގުޅާބޭސް ފުޅިއެއް ވަގުތުން ގެނެސްދިނެވެ. ބޭނުންކުރާ ބޭސްތައް މާދަމާގެއިން ގެނެސްދޭނެ ވާހަކަ ބުނެފައި އޭނާހިނގައްޖެއެވެ. އަދި ގެއިން ޖިންސަކާއި ނިދަންލާނެ ޓީޝާޓެއް ކުޑަދަބަހަކާއެކު ބޭނުންވާނޭ ބުނުމުން، މާދަމާ ގެއިންބޭސް ގެންނައިރު ތިޔަކަންތަށް ކޮށްދޭނަމޭ ބުންޏެވެ. ދެން އަޅުގަނޑުބެލީ ގަޔަށް ފެންއަޅާލައި ސާފުވެލައިގެން އައިސް އެނދަށްއަރާ ނިދޭތޯއެވެ. އެހެނަސް ނިދުނީ ވަރަށްފަހުންނެވެ. މިގޮތުން ވީއައިޕީ ދެގޮޅީގައި ތިބޭވީއައިޕީ ގައިދީންނަށް ވީއައިޕީ ޓްރީޓްމަންޓް ހަމަޖެހޭނެކަމަށް މީނާބުންޏެވެ.

22 ސެޕްޓެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 2 ވަނަ ދުވަހެވެ. މިރޭއިރާކޮޅު، 7 ޖަހާއެހާކަން ހާއިރު ތަހުގީގަށް ނެރުނެވެ. އިންނެވީ ހަލީމެވެ. އެއްސެވީ އިލްޔާސް ބުނާނެ އިތުރުއެއްޗެއް އެބައޮތްތޯއެވެ؟ ބަޔާނުގައި ހިމެނިފައިހުރި ވާހަކަތައް ފިޔަވައި ބުނާނެއެއްވެސް އެއްޗެއް ނެތްކަމަށް އަޅުގަނޑު ދެންނެވީމެވެ. ތިޔަފަރާތުން ތިޔަނަންގަވާ ކަންތަކުގައި ހެއްކެއް ގަރީނާއެއް ހުރިއްޔާ އަޅުގަނޑަށް ހުށަހަޅާއި ދެއްކުމުންނޫނީ އިތުރުވާހަކައެއް ނެތެވެ. ދެން އައްސަވާލެއްވީ ކެއުމުގެ ކަންތައް ކިހިނެއްތޯއާއި ކާންގެންގުޅޭ ބޭސްތައް ލިބިއްޖެތޯއެވެ؟ އަޅުގަނޑު ލިބިއްޖެކަމަށް ދެންނެވުމުން ތިރިއަށްފޮނުވާ ލެއްވީއެވެ. ބޭސްތަކާއެކު ގެއިން، ޖީންސަކާއި ޓީޝާޓެއް ބެކްޕެކެއްގައި ލިބުނެވެ. މީގެއިތުރުން އަތުގައިހުރީ އިއްޔެ އޮފީހަށް ދިއުމަށް އެޅިހެދުމެވެ. ގަލަމާއި ފައިސާ ދަބަހާއި މޯބައިލްފޯނު ގޮޅިއަށް ވެއްދުމުގެ ކުރިންވަނީ އަތުލާފައެވެ.

23 ސެޕްޓެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 3 ވަނަ ދުވަހެވެ. ރޭގަނޑު ނެރެފައި ދެއޭންގަލަކުން ބުރިކޮށް ހުންނަހެން އަޅުގަނޑުގެ ދެފޮޓޯނެގިއެވެ. ދެން، ހަލީމް ކުރެއްވީ ކުރީރޭވެސް ކުރެއްވި ސުވާލެވެ. ވަކިއިތުރު ވާހަކައެއް ނެއްކަމަށް ދެންނެވީމާ ދެން ދައްކާލެއްވީ އެބޭފުޅުން ލިޔެތައްޔާރުކޮށް ފައިވާ ދެލިޔުމެކެވެ. އެދެލިޔުން ކިޔާލުމަށް ފަހު، ސޮއިކުރުމަށް ވިދާޅުވިއެވެ. މީގެތެރެއިން އެއްލިޔުމުގައިވަނީ، 20 ސެޕްޓެމްބަރ 2003 ގައި މާލެތެރޭގައި ހިންގިހަމަނުޖެހުން ތަކުގައި އިލްޔާސް ބައިވެރިވެފައި ވާކަމުގެ ތުހުމަތުގައި ބަންދުކުރެވުނީ ކަމަށާ، މިކަންތައް ސާފުކޮށް އިލްޔާސަށް އެނގިއްޖެ ކަމަށެވެ. އަނެއް ލިޔުމުގައިއޮތީ ގާނޫނީވަކީލަކު ހަމަޖެއްސުމަށް އިލްޔާސް ބޭނުންނުވާ ކަމަށެވެ. އެއްވެސް މައްސަލައެއް ނުޖައްސާ، މިދެލިޔުމުގައި ވެސް އަޅުގަނޑު ސޮއިކުރީމެވެ. މިލިޔުމުގައި ބަންދުކުރި ގަޑިއަކަށް ޖަހާފައިއޮތީ، 21 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަހުގެ މެންދުރުފަހު، 5:30 ގައި ކަމަށެވެ. އެހެނަސް އަޅުގަނޑު ސިފައިންގެއަށް ގެންދިޔައީ އެދުވަހު، 3 ޖަހަނިކޮށެވެ. މިކަމާ އަޅުގަނޑު މައްސަލައެއް ނުޖައްސަމެވެ. ދެން ފޮނުވާލީ ތިރިޔަށް ގޮޅިއަށެވެ.

24 ސެޕްޓެމްބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 4 ވަނަ ދުވަހެވެ. ރޭގަނޑު ޢިޝާނަމާދަށް ފަހު، ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. ތަހުގީގުކުރާ ބަޔަށް މައްޗަށް ގެންގޮސް ހަލީމު އެއްސެވީ ހަމަރޭގައި ވެސް އެއްސެވި ސުވާލެވެ. ބުނާނެއިތުރު ވާހަކައެއްނެތް ކަމަށްބުނުމުން، ހަލީމް ފެއްޓެވީ ކެއުމުގެ ވާހަކައެވެ. ކެއުންރަނގަޅުތޯ އެއްސެވިއެވެ. އަޅުގަނޑު އެދުނު ހުރިހާއެއްޗެއް ލިބޭކަމަށް ނަންގަތީމެވެ. އެކަމުގައި އެއްވެސް ދައްޗެއްނެތެވެ. ދުވާލަކަށް ނުކަނޑާހުންނަ ދެފެންފުޅި ވެސް ލިބެއެވެ. އެހުރިހާ ކަމެއްމުޅިން ބަރާބަރެވެ. މިހުންނަނީ ގޭގައި ކައިބޮއި އުޅޭގޮތަށް ކައިގެންނެވެ. އެއްވެސް މައްސަލައެއް އެކަމުގައި ނެތެވެ. މުޅިން ބަރާބަރެވެ. އަޅުގަނޑުގެ ލޭޓެސްޓުނުކޮށް މިހާބަރާބަރަށް ކެއުންގެންދަންޏާ އަނެއްކާ ހަކުރުމާދަށް ވެގެންފޭންޓް ވާގޮތްވެދާނެ ކަމަށް ބުނުމުން މާދަމާޓެސްޓެއް ހެދުމަށް ޑޮކްޓަރަށް ދެވޭގޮތަށް ހަމަޖައްސާނީއޭ ވިދާޅުވިއެވެ. ޖަލުގައި އެއްވެސް ކަމެއްނެތި ބަހައްޓައިގެން ގިނަދުވަސްނުކޮށް ދޫކޮށްލަ ދިނުމަށް މިރޭގެވާހަކަ ތަކުގައި އެދުނީމާ، ހަލީމް ވިދާޅުވީ މަތީފަރާތުގައި ތިވާހަކަ ދަންނަވާނެ ކަމަށެވެ. ދެން ތިރިޔަށް ގެންގޮސްލީ ގޮޅިއަށެވެ.

25 ސެޕްޓެމްބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 5 ވަނަ ދުވަހެވެ. މިއަދު ވެގެންދިޔައީ ބޮޑުދުވަހަކަށެވެ. ހެދުނު، 7 ޖަހާއެހާ ކަންހާއިރު ފެނުނީ އަންނި އައިސް އަޅުގަނޑުގެ ގޮޅީގެދޮރުގައި ހުރިތަޅުގެ ގޮބުގައި ހިފާލިތަނެވެ. ދޮތުފަތުގައިހުރި ބިއްލޫރިކޮޅުން އަޅުގަނޑު ބަލަންހުރުމުން އަންނިއަށް އަޅުގަނޑުހުރީ، ރީތިކޮށްފެންނާށެވެ. މިއީހެދުނު ވަގުތެވެ. އަދިއޭރު، 7 ނުޖަހާނެއެވެ. ވީއައިޕީ ދެގޮޅީގެ ކުރިމަތީގައި ސިފައިންތައް ކޮޅުކޮޅުމައްޗަށް ދުވެހަދާތީ ބަލައިލިއިރު ފެނުނީ މިމަންޒަރެވެ. އަންނި ކައިރީގައި ސިފައިންގެ، 5 ބޭކަލުންވަރު ތިއްބެވެ. އެމީހުންގެ އިތުރުން ދެއޮފިސަރަކު ފޮޓޯނަގަމުން ގެންދެއެވެ. އެކަކު ނަގަމުންދަނީ ސްޓިލްފޮޓޯއެވެ. ދެންހުރި އޮފިސަރު ގެންދަނީ އަންނިގެ ހުރިހާހަރަކާތެއް މޫވީކުރަމުންނެވެ. މިއަދަކީ އަޅުގަނޑުގެ ލޭޓެސްޓުކުރަން، 7:30 ގައި ގެންދަން ހަމަޖެހިފައި އޮތްދުވަހަށްވާތީ އަޅުގަނޑުހުރީ ރޭންފެށިގެން އެއްވެސް އެއްޗެއް ނުކައެވެ. އަންނި ގެނައުމާހެދި މިއަދު މިކަންހިނގާނެ ހެނެއްހިއެއް ނުވެއެވެ. އަންނި އައިސް ދޮރުގެގޮބުގައި ހިފާލުމުން ދޮރުތަޅުލާފައި ހުރުމުން ހުޅުވޭގޮތެއް ނުވިއެވެ. ދެން، އަންނި އަތުން އިޝާރާތްކޮށް ދޭއްޗެއް ވިދާޅުވެފައި ތަންބްސްއަޕްގެ ނިޝާން އަޅުގަނޑަށް ދައްކާލެއްވިއެވެ. އަދި ވަރަށް ބާރަށް، “މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސްކަމަށް ނަގާ ފެންނަނުފެންނަ ވޯޓުލުން ނޮންނާނޭ” ވިދާޅުވިއެވެ. އަޅުގަނޑުވެސް ހަމަ އެނިޝާނުން އަންނިއަށް ސެލިއުޓްކޮށް ސަލާމްގަލާމްކޮށް އެކިސިގްނަލްތައް ބަދަލުކުރީމެވެ. ތިޔަކުރެއްވި ހިތްވަރަށް ދެއަތްއެއްކޮށް ގޮއްމުށުގެ ނިޝާންދައްކަމުން ހިތްވަރުދިނީމެވެ. އަދި އަންނިގެ ހިތްވަރުން އަޅުގަނޑު ހިތްވަރު ލިބިގަތީމެވެ. މިހުރިހާކަމެއް ހިނގިއިރު ސިފައިން ބަލަންތިއްބެވެ. ގެންދިޔައީ، ހުރިހާމަންޒަރެއް މޫވީކުރަމުންނެވެ. އަންނި ވަށާލާފައި މިތާމިތިބި ސިފައިންތައް ބޭނުންވަނީ، އަންނި ދެނަންބަރު ވީއައިޕީގޮޅިއަށް ވައްދާއި ތަޅުލާށެވެ. އަންނި ނުވަންނަވަން ވެގެން ގަދަހަދަނީއެވެ. ސިފައިންގެ އަމަލުތަކުން މިއުޅެނީ އަޅުގަނޑު ގޮޅީގެ ކުރިމަތީގައިހުރި ވީއައިޕީ ގޮޅިއަށް ކޮއްޕާލުމަށް ފަހު، ތަޅުލަން އުޅެނީކަން ވަރަށްރީއްޗަށް އެނގެއެވެ. އަންނި އުޅުއްވަނީ ނުވަދެ، ބޭރުގައި ހުންނަވައިގެން އޭނާކޮށްގެން އުޅޭކުށެއް ފާހަގަކޮށް ބުނެދިނުމަށެވެ. ހާމަކޮށް ދިނުމަށެވެ. މިކަންކޮށްދީފައި ބަންދުކުރުމަށް އެދެމުންދާކަން އަންނިގެ އަމަލުތަކުންނާއި ބައެއްފަހަރު އިވެމުންދާ އަޑުންސާފުވެއެވެ. މިގްރޫޕްތެރޭގައި ނަގާކިޔަން އިސްކޮށް ހުންނެވީ، އަޅުގަނޑުގެ މައްސަލަވެސް ބަލަމުން ގެންދަވާ، ނައިބުގޭ ހަލީމެވެ. އޭނާ އިޝާރާތް ކުރަމުންދާ ގޮތަކަށް މިތާތިބި އާދައިގެ ސިފައިން އަމަލުކުރަމުން ގެންދާތަން ފެނެއެވެ. އޭރު އެތާތިބި ސިފައިންގެ ތެރެއިން އެކަކު، ކުޑަވަރެއްގެ ފޮއްޓެއްވެސް ގެންގުޅުނެވެ. ބޮޑަށްލަފާކުރެވެނީ އަންނިގެ ސާމާނުކަމަށެވެ. މަތިންދާބޯޓުގައި ހޭންޑްލަގެޖަށް ބޭނުންކުރާ ވަރުގެކަޅު ފޮއްޓެކެވެ. ފަހަރުގައި ރާއްޖެތެރެއިން ހުޅުލެއަށް އައުމުން ހިފޭއްޓީއެވެ. ނުވަތަ ދޫނިދޫން މާލެގެނެސްގެން އުޅެނީއެވެ. ބޮޑަށްލަފާ ކުރެވެނީ ހުޅުލެއިން ހިފަހައްޓައިގެން އުޅެނީ ކަމަށެވެ. އަންނިގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުންނާއި ބަސްތަކުން އަޅުގަނޑަށް ވަރަށްހިތްވަރު ލިބުނެވެ. އަޒުމްއާވެގެން ދިޔައެވެ. ނިޔަތްވަރުގަދަ ވެގެންދިޔައެވެ. އަންނިގެ ހުރިހާއަމަލުތަކެއް މޫވީކުރަމުން ދާތަންފެނެއެވެ. މެދުނުކެނޑި މިމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އަންނި ދެނަންބަރު ވީއައިޕީ ގޮޅިއަށްލައި ދޮރުތަޅުލެވުނީ ވަރަށްގިނަ މަސައްކަތް ކޮށްގެން ވަރަށްގިނައިރު މިކަމުގައި އެމީހުން އުޅެގެންނެވެ. ދެމީހުން ދެގޮޅީގައި ކުރިމައްޗަށް ވާގޮތަށް ތަޅުލެވުނީއެވެ. ދެން އަޅުގަނޑުމެން ދެމީހުންވާހަކަ ދެއްކީ، ދެގޮޅީގެ ދެދޮރުފަތުގައި ހުންނަކުޑަ ބިއްލޫރިކޮޅުން ބަލައިގެންތިބެ އިޝާރާތުންނެވެ. އަންނިގެ އިޝާރާތްތަކުން މިއަދަކީ ރައީސް މައުމޫނަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުނަގާ ދުވަސްކަން އެނގުނެވެ. ދެވަނަ ފަހަރަށް ވެސް މިވާހަކަ އަޅުގަނޑަށް ވިސްނައިދޭން އަންނި މަސައްކަތް ކުރެއްވިއެވެ. މިކަން އެކުރެއްވީ ކުރިން އެވާހަކަ ވިދާޅުވި ވަގުތު އަޑުނީވި އޮވެދާނެތީއެވެ. ދޮރުފަތުގެ ތިރީކައިރީގައި ތަޅުންގަނޑައި ދިމާލުން ގުދުވެފައި އެއްޗެއް ބުނުމުން ސާފުވެއެވެ. މިހެންތިއްބާ އަޅުގަނޑުގެ މެޑިކަލްޓެސްޓަށް ގެންދަންބަލާއައީ ހެދުނު، 8:35 އެހާކަންހާއިރެވެ. ދެން އަޅުގަނޑު، މަނިކު ކިޔާއޮފިސަރަކާއެކު ގެންގޮސް ވެއްދީ އޯޑިއޯނަށެވެ. ސިފައިންބަލާ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ މުހަންމަދު އަހްމަދު އިންނަވަނީ އެތާގައެވެ. އަޅުގަނޑުގެ ލޭކޮޅެއް ކުޑަވަރެއްގެ މިނިމެޝިނަކުން ޓެސްޓްކޮށްލާފައި ރަނގަޅޭ ބުނުއްވިއެވެ. މާމައްޗެއް ނޫނޭ ބުނުއްވިއެވެ. އަދި ބޭސްކަމުން ގެންދާގޮތް އައްސަވާލެއްވިއެވެ. ދެން، އަޅުގަނޑު ބޭސްކަމުން ގެންދަނީ ހެދުނު، ޑައިމިކްރޯން، 80 މިލިގްރާމްގެ ގުޅައަކާއި މެޓްފޯމީން، ގުލޫކޮފޭޖް، 500 މިލިގްރާމް ގުޅައަކާ، އަދި ރޭގަނޑު ވެސް މިފަދައިންނޭ ދެންނެވީމެވެ. ވަށްތަރަކުން ގުޅައެއްގެ މަގުން ހެދުނު ދެގުޅައާއި ރޭގަނޑު ދެގުޅައެވެ. ދެން ޑޮކްޓަރ މުހަންމދު އަހްމަދު ވިދާޅުވީ ތިމަންނާއަކީ ވެސް ޑައިބެޓިކް މީހެއްކަމަށެވެ. ބޭސްކަމުން މިގެންދަނީ ތިޔަގޮތަށެވެ. އިލްޔާސް ވެސް ތިޔަކުމުން ގެންދާގޮތަށް ކުރިޔަށް ގެންދާށެވެ. އަދި ލޭނަގައިގެން އިތުރުޓެސްޓެއް ހަދަމާ ހިނގާށޭ ވިދާޅުވިއެވެ. އަދި ސިރިންޖެއްގެ ލޭއަޅުގަނޑުގެ ގައިން ނެންގެވުމަށް ފަހު، ދެން އިލްޔާސް ދާށޭވިދާޅުވިއެވެ. އަދި މިނެގިލޭގެ ޓެސްޓުތަކުގެ ރިސަލްޓް ލިބުނީމާ ބޭސްފޮނުވާނަމޭ ބުނުއްވާފައި އަޅުގަނޑު ފޮނުވާލެއްވީއެވެ. ދެން ވަރަށް އަވަހަށް ގެނެސް ވީއައިޕީ ގޮޅިއަށް ވައްދައިފިއެވެ. އޭރުވެސް ކުރިމަތީ ވީއައިޕީ ގޮޅީގައި އަންނި ހުންނެވިއެވެ. އަޅުގަނޑު ނެރެގެން ގެންދިޔަތަނާއި ގެނެސް ވެއްދިތަން އަންނިއަށް ފެންނާނެއެވެ. އަންނި ހުންނެވީ ދޮރުގައިހުރި ބިއްލޫރިކޮޅުން ބައްލަވައިގެންނެވެ. ދެން އަނެއްކާވެސް އަޅުގަނޑުމެން އަތާއި ތުންފަތުގެ އިޝާރާތުން ވާހަކަދައްކަން ފެށީއެވެ. އަޅުގަނޑަށް ބްރޭކްފާސްޓް ގެނައުމުން ހެނދުނު ނާޝްތާކޮށް ނިމިގެން ވެސް ދެމީހުން އަނެއްކާވެސް އެކަކު އަނެކަކަށް ބަލަންތިބެގެން ދެއްކުނުހާ ވާހަކައެއް ދެއްކުނުހާގޮތަކަށް ދެއްކީމެވެ. ދިޔައީ ސާފުވާބަޔާއި އޮޅުންނުފިލާ ވާހަކަތަކެވެ. އަންނި ގޮޅިއަށް ވެއްދިތާ، 4 ގަޑިއެއްހާ އިރުފަހުން މެންދުރުވާން ގާތްވެފައި ވަނިކޮށް، ސިފައިން އަންނި ބަލާއައިސް އަންނިގެ ފޮށްޓާއެކު، ގޮޅިން ނެރެގެން ގެންގޮސްފިއެވެ. އެރުވީމައްޗަށެވެ. އަޅުގަނޑު ދެރަވެފައި ބަލަންހުރީމެވެ. އަންނި ވަޑައިގަތީ ތަމްބްސްއަޕްގެ އިޝާރާތުން ވަރަށް ސަލާމްކޮށްފައެވެ. ގޮޅިބަދަލުވީކީ ނޫންކަން ކަށަވަރެވެ. މާލެއަށް ނުވަތަ ދޫނިދޫއަށް ގެންދިޔައީކަމަށް ވެދާނެއެވެ. ސިފައިންގެ ބޭކަލެއްގާތުން އަހާލުމުންބުނީ ދޫކޮށްލީއެވެ. އެހެންކުއްޖެއް ގާތުން އަހާލުމުންބުނީ ދޫނިދޫއަށް ގެންދިޔައިކަމަށް ވެދާނެކަމަށެވެ. ކޮންމެކަސް ދެންވީގޮތެއް ނޭނގުނެވެ. އަޅުގަނޑު ނިންމީ އަންނިއަށް ގެއަށް ދެވުނީކަމަށެވެ. އުޅެއުޅެވެސް އިރުއޮއްސުނު އިރުވެސް، ރައްޔިތުންގެ މަޖިލީހުގައި މިއަދުއޮތް ވޯޓަށްވީގޮތެއް އޮޅުމެއް ނުފިލިއެވެ. އުފާވެރި ވަގުތުކޮޅަކަށް ފަހު، އަނެއްކާވެސް އެކަނިވީއެވެ.

ދެން، ހަވީރު ތަހުގީގަށް ނެރުނެވެ. މިއަދު ހަލީމް އިންނެވީ ވަރަށް ޕްރެޝަރުގައެވެ. މޫނުމަތީގައި އޮމާންކަމެއް، ހިނިތުންވުމެއް އެއްގޮތަކަށް ވެސް ނެތެވެ. މެންދުރުކުރިން އަންނިގެ ކަންތައްގަނޑުގައި އަވަދިނެތި އެޅުއްވުމުން ވެފައި އިންނެވިގޮތަކަށް ވެދާނެއެވެ. ނެރެފައި ކުރެއްވި ސުވާލަކީ، އިތުރަށްބުނާނެ އެއްޗެއް އޮތްތޯއެވެ. ނެތޭދެންނެވުމުން އިތުރުވާހަކައެއް ނެތި ތިރިއަށް، ގޮޅިއަށް ފޮނުވާ ލެއްވީއެވެ.

26 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 6 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީ ބަންދުދުވަހެކެވެ. އެހެނަސް ވަރަށް ހަވީރުވެފައި ވަނިކޮށް، ތަހްގީގަށް ނެރެގެން މައްޗަށް ގެންދިޔައެވެ. އިންނެވީ ހަލީމެވެ. ކުރެއްވީ ހަމައެއް ސުވާލެވެ. ކުރިންވެސް ކުރައްވަމުން ގެންދަވާ ސުވާލެވެ. އިލްޔާސް ބުނާނެއިތުރު އެއްޗެއް އޮތްތޯއެވެ؟ މިއަދު އިންނެވީ ވަރަށް ހަމަޖެހިފައެވެ. ޗުއްޓީ ދުވަހަކަށް ވާތީކަމަށް ވެދާނެއެވެ. ބެއްލެވީ އަޅުގަނޑާ ގިނަވާހަކަ ދެއްކޭތޯއެވެ. ފެއްޓެވީ ބުނާނެ އިތުރުއެއްޗެއް އޮތްތޯ، އައްސަވާފައި އެސުވާލަށް ބުނާނެއެއްވެސް އެއްޗެއް ނެތޭދެންނެވުމުން، ދެން ފެއްޓެވީ ކެއުމާބެހޭ ވާހަކަ ތަކެވެ. ރަނގަޅުތޯ އެއްސެވިއެވެ. ޑައިބެޓިކް ކަންތައް ހުރިނެތްގޮތް އެއްސެވިއެވެ. އަދި ކެއުމަށް ބޭނުންކުރަމުން މިގެންދާ ބާވަތްތަކުގެ ފައިދާއާއި މިހެންގޮސް ބައިވަރު ވާހަކަތައް ދެއްކެވިއެވެ. މޫސްލީއާއި ސްކިމްކިރާއި އަޓާފުށުގެ ރޮށިކެއުމަށް ބޭނުންކުރުމުން ވާގޮތްތަކާމެދު ވަރަށްގިނަ ވާހަކަތައް އައްސަވާ ހެއްދެވިއެވެ. ހީވަނީ، ހަލީމްވެސް މިފާޑުގެ ކެއުމަށް ބަދަލު ކުރައްވަން އުޅުއްވަނީ ހެންނެވެ. ނުވަތަ ޑައިބެޓިކް މީހެއްބާވައޭ ހިތަށްއަރާވަރަށް މިސުވާލުތައް ކުރެއްވިއެވެ. އަދި ތިމަންނާވެސް ތިޔަގޮތަށް ކެއުންބަދަލު ކޮށްލާންވީއޭ ވެސް ވިދާޅުވިއެވެ. މިއަދުގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނު އެއްޗަކީ، ކޮންމެދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން އަޅުގަނޑު ނެރެގެން އެއްސުވާލެއް ކޮށްމިހައްދަވަނީ ވަކިކަމެއް އޮވެގެންނޫން ކަމެވެ. އެބޭފުޅުން ރާއްވަވަމުން ގެންދަވާ ކަންތައްތަކެއް ނިމެންދެން، އަޅުގަނޑު ބަންދުގައި ބަހައްޓާފައި ހުރީކަމެވެ. މިއަދުގެ ވާހަކަތަކުން އަޅުގަނޑުމެން ބަންދުގައިތިބި މީހުންނާދޭތެރޭގައި އިތުރުކަންތައްތަކެއް ހަމަޖެހި، އަދި ކުރިޔަށް ތަހުގީގު އޮންނާނެކަން ސާފުވިއެވެ. އަދި ގޯގޯލަތީފުގެ ދަރިފުޅު ޖެނީވެސް މިކަމާގުޅިގެން ބަންދުކޮށްފައި ހުރިކަން މިވާހަކަތަކުން ސާފުވިއެވެ. އެހެނަސް މިހާތަނުން، އަދި ޖެނީއެއް ނުދެކެވެ. ދޫނިދޫގައި ގެންގުޅެނީ ކަމަށް ވެދާނެއެވެ.

27 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 7 ވަނަ ދުވަހެވެ. މިއަދުވެސް ހަވީރު ތަހުގީގަށް ނެރުނެވެ. އިންނެވީ ހަލީމެވެ. މިއަދުވެސް އިންނެވީ ވަރަށް މޫނުމަތިއަލި މޫޑެއްގައެވެ. ހީހީފައިވާހަކަ ދެއްކެވިއެވެ. ވިދާޅުވިއެވެ. ފެރީގެ ކެޕްޓަނާއި އިތުރުތިން މީހުން ގެނެސް، އެމީހުންނާ ސުވާލުކުރުމުން ވެސް އިލްޔާސްކިޔާ މީހަކު އެދުވަހު އެމީހުންގެ ފެރީން އުފުލިކަމުގެ ހަދާންނެތްކަމަށް އެމީހުންބުނެފި ކަމުގައި އަޅުގަނޑު ގާތުގައި ވިދާޅުވުމުން، އަޅުގަނޑާއި އެމީހުންނާ އެއްތަންކޮށް ސުވާލުކޮށް ދިނުމަށް އެދުނީމެވެ. އޭރުންފަހަރުގައި އެމީހުންގެ ހަނދާނަށް އަޅުގަނޑު އަތުވެދާނެއެވެ. ހަމަގައިމު ވެސް އަޅުގަނޑަށް ޔަގީނެވެ. އަޖޫބެއާއި ކުޅުދުއްފުށީ އަހްމަދަށް އަޅުގަނޑެއް ނޯޅޭނެއެވެ. އެމީހުން ވެސް މިތަނަށް ގެންނަވައިގެން އައްސަވާށެވެ. ކިޔައިދޭނެކަން ކަށަވަރެވެ. މިވާހަކަތައް އެމީހުން ހާޒިރުކޮށްގެން ސުވާލުކުރުމަށް ބާރުއަޅާ ވަރަށްގިނަ ވާހަކަތައް އަޅުގަނޑު ދެއްކީމެވެ. ހަލީމް ވެސް ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑުގެ ހިތަށް މިއަދު އެރިއެވެ. އަޅުގަނޑަށް ހުކުމެއް އިއްވޭވަރަށް ހެކިނުހޯދޭނެކަން ހަލީމަށް އެނގިވަޑައި ގަތުމުން މިގޮތަށް، 45 ދުވަސް ދުއްވާލަން ބޭނުންވަނީ ބާވައެވެ! ނުވަތަ މިތަހުގީގުތައް އެހެން ސިފައަކަށް ބަދަލުވާން އުޅެނީބާވައެވެ! އެޓޮލްސްގައި އުޅުއްވާ އޭނާގެބޭބެ ނައިބުގޭ އަހްމަދު ހަލީމްގެ ވާހަކަވެސް އަޅުގަނޑާއެކު މިއަދު ދައްކަވާ ހެއްދެވިއެވެ. މިއަންނަ ހުކުރުދުވަހު، އަހްމަދު ހަލީމްއައި ބައްދަލުވާނެ ވާހަކަވެސް ބުނުއްވިއެވެ. އަދި އިލްޔާސްގެ ސަލާމް ބުނެދޭނެ ވާހަކަވެސް އަމިއްލައަށް ބުނެދެއްވިއެވެ. މިއަދުގެ ވާހަކަތަކުން ވެސް އިތުރުބަޔަކާ އެކުގައި އަލުން މިތަހްގީގުތައް ކުރިޔަށް ދާނެކަމުގެ އިޝާރާތެއް ލިބުނެވެ. ހަލީމުގެ ވާހަކަތަކުން މިކަހަލަ އިޝާރާތެއް އަޅުގަނޑަށް ވީއެވެ. އެއްގޮތަކަށް ވެސް ހަލީމް އެކަހަލަ އެއްޗެއް ނުބުނުއްވައެވެ.

28 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަ ދުވަހެވެ. މިއަދު އެއްވެސް ކަމެއްނެތެވެ. ގޮޅީގައި ބަންދުގައި އިނީއެވެ. މިއަދު އަޅުގަނޑު ޑޮކްޓަރަށް ދައްކަން ގެންދިޔަ މަނިކު ދުރުވެ، ބްލަޑްޓެސްޓުގެ ނަތީޖާސީޓް ގެނެސް ދިނެވެ. ނަސީބަކުން ހަކުރުހުރީ މާމަތިކޮށެއް ނޫނެވެ. 177 ގައެވެ. މަނިކު ބުނުއްވިއެވެ. ޑޮކްޓަރ މުހަންމަދު އަހްމަދު ވިދާޅުވީ، އިލްޔާސް ކަމުންގެންދާ ގޮތަށް ބޭސްކައިފައި ކެއުންތިޔަ ގޮތަށް ހުރިއްޔާ ރަނގަޅުވާނޭ ވިދާޅުވިއެވެ. އަދި ކުރީދުވަހު ޑޮކްޓަރ ވިދާޅުވިގޮތަށް ޑޮކްޓަރުވެސް ޑައިބެޓިކް ބޭސް ފަރިއްކުޅުއްވަމުން ގެންދާގޮތަށް އިލްޔާސް ވެސް ބޭސްކެއީމާ ރަނގަޅުވާނެއޭ ޑޮކްޓަރ ވިދާޅުވިއެވެ. ދެން އަޅުގަނޑަށް، އެނގިއްޖެކަމާއި އެންމެ ރަނގަޅޭ ދެންނެވުމުން މަނިކު ހިނގައެޖެއެވެ.

29 ސެޕްޓެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 9 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ބުނާގޮތަކަށް ވަރަށް މޮޅަށްކެއުން ލިބެއެވެ. ކޮންމެފަހަރަކު ތާޒާމޭވާ ވެސް ލިބެއެވެ. އޮރެންޖަކާއި އާފަލެއް އޮވެއެވެ.

30 ސެޕްޓެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 10 ވަނަ ދުވަހެވެ. އާކަމެއް ނުހިންގައެވެ. މިހާތަނަށް ތަހުގީގަށް ނެރޭނެރުން ފިޔަވައި، ދުނިޔޭގެ ތާޒާވައިކޮޅެއް ނުލިބި އާޓިފިޝަލްވައި އެކިޒާތުގެ ވަސްވަހާއެކު ލިބެމުންދާތީ އަޅުގަނޑުގެ ނޭވާލާނިޒާމަށް އުނދަގޫތަކެއް ވާންފަށައިފިއެވެ. އެއްބައިފަހަރަށް ހިރަފުސް ވަސް ދުވައެވެ. އަނެއްބައިފަހަރު މަގުމަތިން ބާރަށް އެއްޗެއް ދުއްވާފައިދާ ފަހަރު ހިރަފުހާއެކު އެކިވަސްތައް ދުވުމާއި އެކިޒާތުގެ ނުތާހިރުވައި މިގޮޅީގައި ހަރުކޮށްފައި ހުންނަބްލޯވަރުން ކޮޓަރިތެރެއަށް ވައްދައެވެ. އަދި އެވައިތައް ބޭރުވާނެ އެގްޒޯސްޓްފޭނެއް އެއްޗެއް، ކުޑަދޮރެއް އެއްޗެއް މިގޮޅީގައި ހަރުކޮށްފައި ނުހުރެއެވެ. މިތަންހަދާފައިހުރީ ހަމަބިމަށްވުރެ ތިރީގައި ކަމުން މިތާނގެ ތެރޭގެ ހާލަތަކީ ބޭރުން ވައިވައްދާ ބިންގަރާހެއްގެ މިސާލެވެ. މުޅިމީހާގެ ހަންގަނޑު ހުންނަނީ ފާޑަކަށް އަބަދުވެސް ހިކިފައެވެ. ކުރަކިވެފައެވެ. އެއްވެސް ތެތްކަމެއް ނުހުރެއެވެ. ދެންއަދި ގޮޅީގައި ހުންނަ އެނބުރޭ ފަންކާޖައްސައި ފިއްޔާ މާގޯސްވެއެވެ. އެހެންވެ ފަންކާބަހައްޓަނީ ނިއްވާލާފައެވެ. ވަރަށް ދާހިއްލައިފިއްޔަ ޖައްސާހަދަމެވެ. ފަންކާ ހުންނަނީވެސް ވަރަށްތިރީގައެވެ. ދިހަވަރަކަށް ދުވަސްވީއިރު އުނަގަނޑުގެ މުޅިހަށިގަނޑަށް ތަދުއަރާއި ބޯއަނބުރާގޮތްވެ ނޭވާލުމަށް އުދަގޫތަކެއް ވާހެންހީވާން ފަށައިފިއެވެ. ނަފްސާނީގޮތުން މީހާހުލިވާން ފަށައިފިއެވެ. ޖިސްމާނީ ގޮތުން ބުރަހެލިވާން ފަށައިފިއެވެ. މިއީ ޖަލުގެ ވީއައިޕީ ގޮޅީގެ ފެންވަރުހުންނަ ގޮތެވެ. ކުރާނެކަމެއް ނެތެވެ! ކެތްކޮށްލައިގެން، ﷲއަށް ޝުކުރު ދެންނެވުމުގައި ދެމިހުރީއެވެ! ކޮންމެނަމާދަކަށް ފަހު، މިކަންތައް ހަދާންވުމުން ދުޢާކުރަމުން ގެންދިޔައިމެވެ. އަދި މިބަންދުން ހުކުމެއް އަޅުގަނޑުގެ މައްޗަށް އަޔަނުދެއްވާތޯ ވަރަށްގިނަ ގިނައިން، ﷲއަށް ދަންނަވަމުން ގެންދިޔައިމެވެ. އަބަދު އިންނަނީ، ގުރުއާން ކިޔަވާށެވެ.

1 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 11 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާކުއްލި އަކަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އޭރުގަޑިން ދަންވަރު، 1:00 ޖެހީއެވެ. ފެންނަނީ، އެމެރިކާގެ ވަރަށްމަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑުމެންގެ ގެކަމުގައިވާ ޖަވާހިރުވާދީއަށް ޒިޔާރަތްކޮށްގެން އުޅެނިކޮށެވެ. ވަރަށްރީތި ވޭނެއްދުއްވާފަ އައިސް ޖަވާހިރުވާދީ ކުރިމައްޗަށް މަޑުކޮށްލުމަށް ފަހު، އެވޭނުން ފައިބައިވަޑައިގަތީ އެމެރިކާގެ ރައީސެއް ކަމުގައިވާ ޖޯޖްޑަބްލިޔޫ ބުޝްއާއި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި މަތީފެންވަރުގެ ވަފުދުގެ ބޭފުޅުންނާއެކު، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކެވެ. މިއިއްޒަތްތެރި ބޭފުޅުންނާ، އިސްތިގްބާލު ކުރުމަށް ޖަވާހިރުވާދީގެ ކުރިމަތީގައި މަގުމަތީގައި އަޅުގަނޑު ހުންނަނިކޮށެވެ. މަގުމަތިން ގެއަށް ވަންނަންހުންނަ ގޭގެބޮޑުދޮރު ކުރިމަތީގައެވެ. ހުރިހާބޭފުޅުން ފައިބައިވަޑައި ގަތުމުން އެބޭފުޅުންނަށް، އަޅުގަނޑު ތަޢާރުފްކޮށް އެރުއްވީ، ޑޮކްޓަރ ވަހީދެވެ. އެވަގުތު އަޅުގަނޑު އައިސްހުރީ ސީދާޖަލުންނެވެ. އަޅުގަނޑުހުރީ ޖަންގަލީފެހި ކުލައިގެ ރީތިބްލޭޒަރެއް ލައިގެން އާދައިގެ ފަޓްލޫނެއްގައެވެ. ޖޯޖްޑަބްލިޔޫ ބުޝްއާއި އެމަނިކުފާނުގެ ވަފުދު އަޅުގަނޑުގެ އިޝާރާތަށް އަޅުގަނޑުމެންގެ ގެއަށްވަދެވަޑައިގެން ގޭގެކަނައަތް ފަރާތުގައި ހުންނަކުޑަ ކޮޓަރިއަށް ވަދެވަޑައިގަތީއެވެ. އެކޮޓަރީގައިހުރި ގޮނޑިތަކުގައި ހުރިހާބޭފުޅުން އިށީދެވަޑައިގަތީއެވެ. ބުޝްއެއްޗެކޭ ވިދާޅުވުމުން ހުރިހާބޭފުޅުން ވެސް ހިތާމާއިގެ ސުކޫތެއް ގެންނެވިއެވެ. މިއީ ކުޑަވަގުތު ކޮޅެއްގެ ސުކޫތެކެވެ. އެބޭފުޅުންގެ އަރިހުގައި ސުކޫތުގެ މިހިނދުކޮޅުގައި އަޅުގަނޑުވެސް ބައިވެރި ވެގެންހުރިކަން ރީތިކޮށް ހަނދާނުގައި ހުއްޓެވެ. ދެން އަޅުގަނޑައި އެމެރިކާ ސްޓައިލަށް ސަލާންގަލަން ކުރެއްވުމަށް ފަހު، އެޓީމުގެ ހުރިހާ ބޭފުޅުން ވަޑައިގެން މަގުމަތީގައިއޮތް ވޭނަށްއަރާ ވަޑައިގަތީއެވެ. އެހިސާބުން ކުއްލިއަކަށް ހޭލެވުނީއެވެ. މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑުދުށީ، ތަހުގީގުތައް މަތިކުރެވުނު ވަރަކަށް ސަލާމަތްވުމުގެ މަގުއޮތީ ސާފުކޮށް، އޮމާންކޮށް ކަމަށެވެ. އަޅުގަނޑުމެން ކުޑަގޮޅީގައި ތިބިނަމަވެސް ދުނިޔޭގެ އެންމެމަތީ ބާރުން، އަޅުގަނޑު މެންނާމެދު ރަނގަޅު ވިސްނުން ގެންގުޅޭ ކަމަށެވެ. ކުޑަގޮޅީގެ ހަޔާތުގައި އެމެރިކާގެ މަންދޫބަކު އަޅުގަނޑާ ބައްދަލުވާނެ ކަމަށެވެ. މިހުވަފެނުން ވެސް އިތުރު ހިތްވަރާއިކެރުން، އާލާވެގެން ދިޔައެވެ. ހިތުގެނިޔަތް ހަރުދަނާވެ، ޢަޒުމްވަރުގަދަ ވެގެންދިޔައެވެ.

އާދެ! ރޭފަތިހު، 4:30 ގައި އަދިވެސް އިތުރު ހުވަފެނެއް ފެނުނެވެ. މިދެހުވަފެން ހެދުނު ވަރަށްރީއްޗަށް ހަދާންހުއްޓެވެ. މިހުވަފެނުގައި ފެންނަނީ، ސަރުކާރުގެ ވަރަށްމަތީފެންވަރުގެ ޙަފްލާއެއް ދަރުބާރުގޭގައި ބާއްވައިގެން އުޅޭތަނެވެ. އަދި އެތަނަށް ދައުވަތުލިބިގެން އަޅުގަނޑު ގޮސްއުޅެނިކޮށެވެ. ރަސްމީޖަލްސާއަށް ވުރެކުރިން ރައީސް ވަޑައިގެން މަޑުކޮށްލައްވާ ކޮޓަރިކޮޅުގައި އަޅުގަނޑާއި އެހެނިހެން ދައުލަތުގެ އިއްޒަތްތެރިން ރައީސް މައުމޫނުގެ އިންތިޒާރުގައި މަޑުކޮށްގެންތިބި މަންޒަރެވެ. ހިނދުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނާއި އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އެކޮޓަރިކޮޅަށް ވެންނެވުމުން، އަޅުގަނޑު އެކޮޓަރިކޮޅުން ނުކުމެ ދޮރުންބޭރުގައި ދޮރާށިކައިރީގައި މަޑުކޮށްލައިގެން ހުންނަތަނެވެ. ދެން ރައީސް މައުމޫނާއި އަބްދުއްރަޝީދު ހުސައިން އަޅުގަނޑު ހުރިތަނަށް އެކޮޓަރިކޮޅުން، ބޭރަށްނުކުމެ ވަޑައިގެން، އަވަހަށް އިލްޔާސް އެތެރެއަށް ވަންނަވާށޭ ވިދާޅުވިއެވެ. އަބުސީވެސް މިއަމުރަށް ތަބާވުމަށް އަޅުގަނޑަށް އިޝާރާތް ކުރެއްވިއެވެ. ދެން އެއަށް ފަހު، ރައީސް މައުމޫނު ޢަރަބިން ސަލާމްކުރާހެން ބައްދާލައްވާފައި އަޅުގަނޑުގެ ކޮލަށް ދޮނެއްދެއްވިއެވެ. އަދި އަބްދުއްރަޝީދު ހުސައިން ވެސް ޕާކިސްތާނު މީހުން ސަލާމްކުރާހެން ބަޣަލްގީރުކޮށް، ބައްދާ ސަލާމްކޮށް ލެއްވިއެވެ. ދެން ފެނުނީ ރައީސް މައުމޫނު، އަޅުގަނޑުއަތަށް ޙަމްދޫންޙަމީދުގެ ތުއްތުބޭފޫޅާ، ދެއްވާތަނެވެ! ދެން އެބޭފުޅާ އުރާލައިގެން ދަރުބާރުގޭ ބަގީޗާތެރޭގައި އަޅުގަނޑު އުޅޭމަންޒަރެވެ. ތުއްޕުޅު މިބޭފުޅާ ގޮވައިގެން ދަރުބާރުގޭ ބަގީޗާތެރޭގައި އުޅެނިކޮށް، އަޅުގަނޑަށް ކުއްލިއަކަށް ދެވުނުތަން ފެންނަނީ، އޮފީސްތަކުގެ މެދުގައި އޮންނަވޮލީބޯޅަ މުބާރާތް ބާއްވައިގެން އުޅޭތަނަށެވެ. އެއީކޮންތަނެއް ކަމެއް ހަނދާނެއް ނުވިއެވެ. އެރު ކުޅެމުން ގެންދަނީ، މިނިސްޓްރީ އޮފް ޓޯރިޒަމްގެ ޓީމާއި މިނިސްޓްރީ އޮފް އެޓޮލްސްގެ ޓީމެވެ. އެތާންގައި އަލްފާޟިލް ވާރޭވިލާ އަލީ ހުސައިންގެ ދަރިކަނބަލުން، އައިޝްތު އަލީ ހުންނެވިއެވެ. އައިޝްތު ފެންނައިރަށް އަޅުގަނޑު ގާތުގައިހުރި ޙަމްދޫންގެ ކުޑަބޭފުޅާ އައިސްތު ކައިރިއަށް ދާންވެގެން ބޮޑާހާކައިގެން ފިއެވެ. އައިސްތުއުރާ ނުލަނީސް އެބޭފުޅާ މަތައެއްނުވިއެވެ. ދެން އައިސްތު އަޅުގަނޑު ކައިރިޔަށް ކުޅުމައި ވަކިވެގެން ވަޑައިގެން އެބޭފުޅާ އުރާލެއްވި ތަނުން އަޅުގަނޑަށް ހޭލެވުނީއެވެ. މިއަދު ހެދުނު ސައިބޮއި ނިމިގެންވެސް މިދެހުވަނާބެހޭ ގޮތުންވަރަށް ވިސްނީމެވެ. މިދެހުވަފެނާ ގުޅިގެން އަޅުގަނޑުގެ ހިތަށްވަންނަމުން ދިތައީ އެކިކަހަލަ ތަޢުބީރުތަކެވެ. ފުރަތަމަ ހުވަފެނާ ގުޅިގެން ނިންމުނީ އަޅުގަނޑާ ގުޅިގެން ބައިނަލް އަގްވާމީ ފެންވަރުގައި ވިސްނަމުން ގެންދާކަމެވެ. އަޅުގަނޑު މިކަހަލަބޮޑު ހަރަކާތަކާ ގުޅިގެން ބަންދުވުމަކީ ގައުމުގެ ކުރިމަގާއި ގައުމަށް ސިޔާސީގޮތުން އިސްލާހުގެނައުމަށް ހުޅުވުނު، ރަނގަޅުމަގެއް ކަމަށެވެ. މިވާހަކަ ތަފްސީލުކޮށް، މިހާރުވާނީ އެހުވަފެނުގެ ތަޢުބީރުގައި ދެންނެވިފައެވެ. ދެވަނަ ހުވަފެނުން އަޅުގަނޑުނެގި ތަޢުބީރަކީ، ރައީސް މައުމޫނުވެސް މިކަމުގައި އަޅުގަނޑާ ދޭތެރޭގައި ވިސްނާވަޑައި ގަންނަވާކަމެވެ. މިކަމުންހުރީ ހެވާއި ރަނަގަޅު ގޮތްތައް ކަމަށެވެ. އެތެރޭންނާއި ބޭރުގައި ތިއްބެވި ބޭފުޅުން ވެސް އަޅުގަނޑާއި މިހިނގާދިޔަ ޙާދިޘާތަކާ ގުޅިގެން ބޮޑެތިކަންތައް ރާއްވަވަމުން ގެންދަވާކަމެވެ. މިކަންތައްތަކުގެ ނަތީޖާ ފޮނިކޮށް ފެންނާނެކަމެވެ. އަދި މިއަނިޔާތަކުގެ ބަންދުން، އަޅުގަނޑަށް ޝަރުޢީހުކުމެއް ނާންނާނެކަމެވެ. ކޮންމެއަކަސް މިވިސްނުން ގަނޑުތެރޭގައި މިއަދު އެކުގައިހެން ނިމިގެންދިޔައީ އެކިވިސްނުންތަކު ތެރޭގައެވެ. އެކިގޮތްގޮތަށް ސިކުނޑިތާޒާ ކުރުމުގައެވެ. މިއީ، ގޮޅީގައި ހުންނައިރު ތާޒާކޮށް ސިނކުޑި ބެހެއްޓުމަށް ލިބޭރަނުގެ ފުރުސަތެއް ކަމުގައި ދުށީމެވެ. އަބަދުވެސް މިކަހަލަ ހުވަފެންތަކުން އަޅުގަނޑުގެ ހިތަށްތަސައްލީ ލިބެއެވެ. އަދި އަޅުގަނޑުގެ ހިތްހަމަޖައްސާއި އަޒުމްވަރުގަދަ ކުރަމެވެ.

2 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 12 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެންނަ ހުވަފެނަކީ، ރައީސް މައުމޫނު ރަސްމީ އިއްޒަތުގައި ރަސްމިއްޔާތަކަށް ވަޑައިގަންނަވާ މަންޒަރެވެ. މަގުމަތިން އަޅުގަނޑު ފެނިވަޑައި ގަންނަވާ އިރަށް އެހެން މަގަކަށް ކާރުކޮޅުގެ ދުއްވުން ބަދަލުކޮށް ލައްވާމަންޒަރެވެ. މިކަންކުރަމުން ގެންދަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުންނެވެ. އެމަނިކުފާނުގެ އަމުރުފުޅަކަށް ނޫނެވެ. ވަޑައިގެންނެވި މަގުމަތީގައި މިސްކިތަކަށް އަރާވަޑައިގެން ނެވިއިރު އެތަނުން އަޅުގަނޑު ފެނިވަޑައި ގަތުމުން އެމިސްކިތުން ނުކުމެވަޑައި ގަންނަވައި އެހެން ދިމާއަކަށް ވަޑައިގެންނެވި ތަނެވެ. މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ، މިތަހުގީގު ލަސްވެގެން ދާނެކަމާއި މުޅިން އާވަށްތަރަކަށް ދެމިގެންދާނެ ކަމަށެވެ. ރައީސް މައުމޫނަށް އަޅުގަނޑާ ދޭތެރޭގައި ވަސްވާސްތަކެއް އުފެދޭގޮތަށް ވާހަކަތައް ގެންދާބަޔަކު އުޅޭކަމެވެ. ހަގީގަތަށްވުރެ ބޮޑުކޮށް އަޅުގަނޑުގެ ވާހަކަތަކާއި އެހެނިހެން ޖާސޫސީ ވާހަކަތައް އުފުލެމުންދާ ކަމެވެ.

3 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 13 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ކައިގެން ގޮޅީގައި ގުރުއާން ކިޔަވަން އިންނަނީއެވެ.

4 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 14 ވަނަ ދުވަހެވެ. އާދާއިގެ މަތިން އެއްވެސް އާކަމެއް ނުހިނގާ ދުވަހެކެވެ.

5 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 15 ވަނަ ދުވަހެވެ. މިއަދަކީވެސް އާދަޔާޚިލާފު އެއްވެސް ކަމެއް ނުހިނގާ ދުވަހެކެވެ.

6 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 16 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި ތަހުގީގަށްދާން ތައްޔާރު ވެލައިގެން ހުރުމަށް، 3 ފަށުގެ އޮފިސަރެއް ކަމުގައިވާ ހުސައިން ރަޝީދު (ވައްތީނި) ދުރުވެ، ގޮޅީގެދޮރު ހުޅުވާލާފައި އަޅުގަނޑަށް އެންގިއެވެ. ވައްތީނިއަކީ މިބިންގަރާހުގެ ގޮޅިތައް ބަލަހައްޓަވާ ސަރުދާރެވެ. އަޅުގަނޑު ގޮޅިއަށް ވެއްދިރޭ ކެއުމުގެ މެނޫހެދީ ވެސް މިނާއެވެ. ވީއައިޕީ ދެގޮޅީގެ މެދަށްވާގޮތަށް ހުންނަގުދަން ހުޅުވައި ގައިދީންނަށް ބޭނުންވާ ސަމާނުތައް ބަހާއި ގައިދީންގެ އެދުމުގެމަތިން އެތަކެތި ދީހަދަނީ މީނާއެވެ. މީނާއަކީ މާހަރުކަށި މީހެއްނޫނެވެ. އަޅުގަނޑަށް ފެނުނީ، އަޅުގަނޑާ ދޭތެރޭގައި މަޑުމައިތިރި ރަނގަޅު މީހެއްގެގޮތުގައެވެ. ބުނާއިރަށް އޭނާއާހަމައިން ކުރެވެންހުންނަ ކަންތައް ކޮށްދެއެވެ. ކެއުންވެސް ވީހާބަރާބަރުކޮށް ބެހެއްޓޭތޯ ބައްލަވައެވެ. ތުވާލި ބުރުސް ބެޑްޝީޓުފަދަ ތަކެތިބަދަލުކުރަން އެދޭއިރަށް، އެފަދަ ކަންތައް އަޅުގަނޑަށް ވަރަށްއަވަހަށް ކޮށްދެއެވެ. މިއަދު ތަހުގީގުއޮތީ މިއިމާރާތުން ބޭރުގައި ކަމަށް ވައްތީނި ބުނުއްވިއެވެ. ދެން، ފެންވަރާލައިގެން އަތުގައިއޮތް ޖީންސްލައިގެން ހުދުއާދައިގެ ޓީޝާޓެއް ލައިގެން އަޅުގަނޑުހުރީ ތައްޔާރަށެވެ. ބަލާއަންނަންދެން ކިޔަވަން އިނީއެވެ. ވައްތީނި މިކަން، އަޅުގަނޑަށް އެންގީމެންދުރު ދޭއްޖަހަނިކޮށެވެ. އޭރު މެންދުރުކެއުންވަނީ ނިމިފައެވެ. ބަރާބަރު، 2:30 ގައި އަޅުގަނޑުގެ ގޮޅީގެދޮރު ހުޅުވާލާފައި ނުކުތުމަށް އެންގިއެވެ. ބޭރަށްނެރެ ސިފައިންގެ ވޭނަކަށް އަރުވައިގެން ގެންގޮސްބޭލީ ހ.ވެލާނާގެއަށެވެ. އެތަނަކީ، ކޮޕީރަޝީދު، އިސްކޮށް ހުންނަވައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފޮތްޗާޕްކުރާބައި ހިންގެވި ބައެވެ. ވަންނައިރު ކުރިމަތީގައި ހުންނަނީ، އެބޭފުޅުން ބޭނުންކުރެއްވި ބޮޑުގުދަނެވެ. ދެއަރިމަތީގައި އޮފީސްބައެވެ. މިއޮފީސްބަޔަކީ މިހާރު، ތަހްގީގުކުރުމަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކެވެ. އަޅުގަނޑު ވެލާނާގެއަށް އުފުލިވޭނަކީ އެތެރެނުފެންނަ ގޮތަށްހަދާފައި އޮންނަ ހުދުކުލައިގެ ދެފަރާތު ބޭރުގައި، ޕޮލިސް އިނގިރޭސި އަކުރުން ޖަހާފައި އޮންނަވޭނެކެވެ. އެއީ ކުށްވެރީން އުފުލުމަށް ޚާއްސަކޮށްފައި އޮންނައުޅަދެކެވެ. ވެލާނާގެއަށް ވެއްދުމަށްފަހު، ގެންގޮސް ބޭންދީ، ގުދަންތެރޭގައިހުރި އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެއްގައެވެ. ސިފައިންގެ ތެރެއިން، 5 އޮފިސަރަކު ގާޑުންނަށް ތިއްބެވިއެވެ. ބޭންދިގޮތް ނޫންގޮތަކަށް ގޮނޑިއަނބުރާލުމާއި އެކިފަރާތްތައް ބަލާހޯދުމަކީ މަނާކަމެކެވެ. ބުނީމައި ބުއިމަށް ކުދިފުޅިގެ މިނަރަލްފެން ގެނެސްދެއެވެ. ދެނީއެއްފުޅިއެވެ. މިގޮތަށް ގުދަންތެރޭގައި، 30 ށް މިނެޓްވަންދެން ބައިންދާފައި އިނެވެ. ހީސްލާން އެދުމުން ވެލާނާގޭތެރޭގައި ހުންނަ ހަލާކުވެފައިހުރި ފާޚާނާއަކަށް ގެންގޮސްދިނެވެ. އަނބުރާ ގެނެސް އަނެއްކާވެސް ބައިންދަނީ އެގޮނޑީގައެވެ. ގުދަނުގެ ދޮރުމަތީގައި އަބަދުވެސް، 3 ގާޑުންހިނގާލަ ހިނގާލާތިބެއެވެ. ދެން ތަންކޮޅެއް އެތެރޭގައި އަޅުގަނޑާ ދިމާއަށް އެނބުރި އަބަދުވެސް ބަލަންހުންނަ ގާޑަކު ބަހައްޓާފައި ހުރެއެވެ. ކަމެއްކޮށްލަން ޖެހެނީ، މީނައަށް ނޭންގޭގޮތަށެވެ. ގުދުވެލިޔަސް ކައިރިން އެއްޗެއް އަތަށް ނެގިޔަސް އިޝާރާތުން އޭނާގެ އިންޒާރާއި އޯޑަރު އެކަމެއް ނުކުރުމަށް ލިބެއެވެ. މީގެތެރޭގައި އުޅެނީ ހުސް ޕްރައިވެޓުންނެވެ. މިގްރޫޕްގެ އިސް މީހަކަށް ހުންނަވަނީ، މުހަންމަދު ނަޢީމް އޭކިޔާ އެއްފަށުގެ އޮފިސަރެކެވެ. މިއީ އަޅުގަނޑުމެން ގެންގޮސް ގެނެސް އުފުލާހެދުމާ ހަވާލުވެހުންނެވި އެންމެއިސް އޮފިސަރެވެ. ފަހުން އެނގުނު ގޮތުގައި މީނާއަކީ، އިނގިރޭސި ނަޢީމުގެ ދަރިފުޅެކެވެ.

އާދެ! 30 ށް މިނެޓްފަހުން ގުދަނުން ނެރެގެން ގެންގޮސްވެއްދީ، 2 ނަންބަރު ތަހުގީގު ކޮޓަރިއަށެވެ. މިތާނގައި، 3 ކޮޓަރި ތަހުގީގުކުރުމަށް ހަދާފައި ހުއްޓެވެ. ކޮޓަރިތަކުގައި ހުންނަނީ، ނަންބަރު ޖަހާފައެވެ. މިތިން ކޮޓަރިވެސް ހުންނަނީ އެއަރކޯން ކޮށްފައެވެ. ކުޑައެއްކޮޓަރިއާއި ތަންކޮޅެއްބޮޑު ދެކޮޓަރިއެވެ. މިތަނުން ކުޑައީ، 2 ނަންބަރު ކޮޓަރިއެވެ. ކޮޓަރިތެރެއަށް ވަންނަން ހުންނަ ހުރިހާބޮޑު ދޮރެއްގައިހުރި ބިއްލޫރީގައިހުރީ ކަރުދާސްތަތްކޮށް އެތެރެނުފެންނަހެން ހަދާފައެވެ. އަދި އެތެރެއިން ބޭރުނުފެންނަ ގޮތްހަދާފައެވެ. އަޅުގަނޑު ވެއްދުމަށް ދެނަންބަރު ކޮޓަރީގެ ދޮރުހުޅުވާލުމުން ފުރަތަމަ ވެސް ފެނުނީ، އަޅުގަނޑުގެ މައްސަލަ ބައްލަވާ ނައިބުގޭ މުހަންމަދު ހަލީމު މޭޒުކައިރީގައި ހުރިގޮނޑީގައި އިސްމީހެއްގެ ގޮތުގައި އިންނެވިތަނެވެ. ދެން އެނާގެ ކަނާއަތް ފަރާތުގައި އެބޭފުޅުންގެ ލޮޔަރުކަމުގައިވާ، ބަޝީރު އިންނެވިއެވެ. ދެން އަޅުގަނޑު ގޮވައިގެން އައި ނައީމްއާ، އަދި ވެސް ސިފައިންގެ ޕްރައިވެޓެއް، ހަލީމް އިންނެވި މޭޒުގެ ކަނާއަތް ފަރާތުގައިހުރި ދެގޮނޑީގައި އިށީންނެވިއެވެ. ދެން މޭޒުކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށް ހަލީމް، އަޅުގަނޑަށް އިޝާރާތް ކުރެއްވިއެވެ. އަޅުގަނޑު އިށީންނަން ޖެހޭގޮނޑީގެ ފަހަތުގައިހުރި، 3 ގޮނޑީގައި ތިއްބެވީ، ސްޓޭޓްއެޓަރނީ ނާޝިދާއި ރައްޔިތުންގެ މަޖިލީހުގެ ސ.އަތޮޅުގެ މެމްބަރެއް ކަމުގައިވާ، ހިޔަލީއާއި ގއ.އަޔޮޅުގެ މެންބަރެއް ކަމުގައިވާ، ރާމިޒެވެ. އަޅުގަނޑު އިށީންނަން ވެގެން ގޮނޑި ދަމާލުމުން މިބޭފުޅުންގެ ކަކޫތަކުގައި ގޮޑިން ޖެހިއްޖެއެވެ. އަދި އަޅުގަނޑަށްހުރި ގޮނޑި ބަހައްޓާފައި ހުރިގޮތުން، މިބޭފުޅުންނަށް ކުރިމަތިވަނީ އަޅުގަނޑުގެ ގޮނޑީގެ ފުރަގަހެވެ. އަޅުގަނޑު އިށީންނަން މިޖެހެނީ އެބޭފުޅުންނަށް ފުރަގަސްދީގެން ހަލީމަށް ކުރިމަތިވާ ގޮތަށެވެ. އަޅުގަނޑު ހަލީމަށް ދަންނަވައިފީމެވެ. އަޅުގަނޑު މިތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ފުރަގަސްދީގެން ނުއިންނާނަމޭ ކިޔާފަ އިންކާރުކޮށް އަޅުގަނޑު އިށީންނަން ހުރިގޮނޑީގެ ފުރަގަސް ހަލީމު އިންނެވި މޭޒުގެ ވައަތްފަރާތަށް ވާގޮތަށް ފާރުގައި ޖެހޭގޮތަށް އަނބުރާލައި ފީމެވެ. ހަލީމު އިންނެވި މޭޒުވެސްހުރީ އެދިމާލުން ފާރުގައި ޖައްސާފައެވެ. މިހާރު އަޅުގަނޑުގެ ފުރަގަސް ދިމާވަނީ ފާރަށެވެ. ކުރިމަތި ދިމާވަނީ ނައީމުމެން ދެމީހުންނަށެވެ. އަޅުގަނޑުގެ ކަނައަތްފަރާތުގައި މޭޒުގައިއިންނެވީ ހަލީމެވެ. ވައަތްފަރާތުގައި އިއްޒަތްތެރި މެންބަރުންނާއި ސްޓޭޓްއެޓާރނީ ނާޝިދެވެ. މިގޮތަށް ހަމަޖެހިލައިގެން އަޅުގަނޑު އިށީދެއްޖައިމެވެ. ހަލީމް އެންމެރަނގަޅޭ ވިދާޅުވެއްޖެއެވެ. ނަސީބަކުން އިއްޒަތްތެރި މެންބަރުން ތިއްބެވީމާ އަޅުގަނޑުގެ ބަސްގަބޫލު ކުރައްވައިފިއެވެ. ސިފައިންގޭގެ ތެރޭގައިނަމަ، މިކަންމިގޮތަކަށް ނުވީސްކަން ކަށަވަރެވެ. އިށީންނަން ޖެހޭނީ އެބޭފުޅުން އަންގާތަނެއްގައެވެ. ދެން ހަލީމްގެ ވާހަކަފުޅު ފައްޓަވައިފިއެވެ. އަޅުގަނޑާ ދިމާއަށް ވިދާޅުވިއެވެ. މިތިއްބެވި އިއްޒަތްތެރި ބޭފުޅުންނަކީ، ދިވެހިދައުލަތުގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ. މިތަނަށް ވަޑައިގެން އެތިއްބެވީ، މިތަހުގީގު ހިންގަމުން ކުރިޔަށް ގެންދާއިރު އެކަންތައް ބައްލަވަން މަޖިލީހުގެ މެންބަރުން ތިއްބަވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމުން، އެގޮތުގެމަތިން އެކަންތައް ކުރެއްވުމަށެވެ. ސަރުކާރުން ޚާއްސަގޮތަކަށް މިކަމުގެ ތަހުގީގު ކުރިޔަށް ގެންދެވުމަށް ބޭނުންފުޅުވާތީ، ރައީސުލް ޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައި މިހާރުވަނީ އެކަންތައް ރަސްމީކޮށް ސަރުކާރުން އިއުލާނު ކުރައްވާފައެވެ. މިވާހަކަ މިގޮތަށް އަޅުގަނޑަށް ހަލީމު ބުނެދެއްވުމުން އަޅުގަނޑު ދަންނަވައިފީމެވެ. އޭރު އަޅުގަނޑުއިނީ، މިބޭފުޅުންކޮޅު ތަހުގީގުގައި ތިއްބަވާތަން ފެނުމުން، އަޅުގަނޑު އެއްގޮތަކަށް ވެސް މަޑުންނުއިދެ ދެއްކުނުހާ ވާހަކައެއް މިބޭފުޅުންނަށް އިއްވުމުގެ ގޮތުން ދެއްކުމަށް، އަޒުމް ކަނޑައަޅައި ގެންނެވެ. އަދި މިގޮތަށް ކަންތައްގެންދިއުމަށް ނިޔަތްގަނެ، މުޅިން ނިންމައިގެންނެވެ. އަޅުގަނޑު ދަންނަވައިފީމެވެ! އާދޭހެވެ! ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އާދަޔާޚިލާފު ޢިނާޔަތްތަކަކާއި އިމްތިޔާޒުތަކެއް ލިބިގެންވާ ގަދަރުވެރި ބޭފުޅުންނެވެ. މިއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ކަމެކެވެ. އެއީ ރައްޔިތުންގެ ބާރުވެރިންނަށްވާތީ، އެބޭފުޅުންނަކީ ވަރަށްމަތިވެރި އިއްޒަތްތެރީން ކަމުގައި ދެންނެވީމެވެ. އެކަން އަޅުގަނޑު، ދަންނަމޭ ދެންނެވީމާ ވިދާޅުވެއްޖެއެވެ. އިލްޔާސް މިތަނަށް މިގެނެވުނީ، 20 ސެޕްޓެމްބަރު 2003 ދުވަހު މާލެތެރޭގައި ހިންގުނު ޣައިރު ޤާނޫނީޢަމަލު ތަކާއި ހަމަނުޖެހުމުގައި އިލްޔާސް ބައިވެރި ވެފައިވާކަމުގެ ރިޕޯޓެއް ޑިފެންސަށް ލިބިފައިވާތީ އެކަމުގެ ތަހުގީގު ކުރުމަށެވެ. އިލްޔާސް އެދުވަހު ސޯސަންމަގުން އުތުރަށްގޮސް ސަރުކާރު މުވައްޒަފުންގެ ނާދީއަށްވަދެ އަދި އެތަނުންނުކުމެ ހެއްދެވީ ބޮޑުގްރޫޕަކާ އެކުގައިކަން އެނގިފައިވެއެވެ. މިތަނަށްވަނީ އެމަޢުލޫމާތުތައް ލިބިފައެވެ. އެގްރޫޕްގައި އިސްމީހެއްގެ ގޮތުން ހުންނެވީ އިލްޔާސްކަމަށް ހެއްކާއި ގަރީނާތައް ޑިފެންސަށް ލިބިފައި އެބަހުއްޓެވެ. ވީޑިޔޯއާއިފޮޓޯ ލިބިފައި އެބަހުއްޓެވެ. އެހެންވެ އެދުވަހު މާލެތެރޭގައި ހިންގުނު ހުރިހާ ހަމަނުޖެހުމެއްގެ އަޑީގައި އިސްލީޑަރެއްގެ ގޮތުން، އިލްޔާސް ހުންނެވިކަމުގެ ތުހުމަތުވަނީ، އިލްޔާސްގެ މައްޗަށް އުފުލިފައެވެ. ވީމާ މިހިންގަނީ އެތަހުގީގުކަމަށް ވިދާޅުވެފައި މިކަމުގައި އިލްޔާސް ބުނުއްވަނީ ކީކޭތޯ ސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީމެވެ! މިމަހު، 21 ވަނަ ދުވަހު ސިފައިންގެއަށް ގެނެސް އަޅުގަނޑު ދުނިޔޭގެ ވައިރޯޅިއެއް ނުލިބޭ ބިމުއަޑީގެ ބިންގަރާހެއްގެ އަނިޔާވެރި ގޮޅިއެއްގައި ބަންދުކޮށްފައި ބައިންދައިގެން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައިވާނީ ތިޔަސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބުއަރުވާ ފައެވެ. އަދި އަޅުގަނޑުގެ ޖަވާބުތައްވާނީ، ބަޔާނެއްގެ ސިފައިގައި ހެކިންނާއެކު ނަންގަވައި މިހާރު އިނގިލީގެ ނިޝާންޖަހާއި ސޮއިކުރުވާ ފައެވެ. އެދުވަހު އެސުވާލުތައް ކުރެއްވީ، އަދި އެބަޔާން ލިޔުއްވީވެސް ސީދާ ހަލީމް، ނޫންތޯއެވެ. އެއީ ރަސްމީ ތަހުގީގެއް ނޫންތޯއެވެ. މިހާރުވަނީ، މިކަމާގުޅިގެން ވަރަށް ތަފްޞީލް ބަޔާނެއްނަގާ ނިންމާފައެވެ. މިހާރު އެބަޔާން ކޮބައިތޯއެވެ؟ ފަހެ، އެބަޔާނުގައި އެވަނީ މިމަހުގެ، 20 ވަނަ ދުވަހުގައި އަޅުގަނޑުކުރި ކަންތަކާއި މާލެތެރޭގައި އަޅުގަނޑު އުޅުނުތަންތަނާއި މާލޭންބޭރުގައި އަޅުގަނޑު އުޅުނުތަންތަން ތަފްސީލުކޮށް ކިޔައިދީ ބުނެދީފައެވެ. އެބަޔާނުން އެނގިލައްވާނެއެވެ. އެބަޔާން ހޯއްދަވައިގެން ތިޔަހުރިހާ ބޭފުޅުން ވިދާޅުވާށެވެ. އެދުވަހު ސޯސަންމަގަށް އެއްގޮތަކަށް ވެސް އަޅުގަނޑު އަރާފައެއް ނުވާނެއެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. އަޅުގަނޑު ބައްދާލުމަށް، ބަޔަކު އުފައްދައިގެން އުޅޭވާހަކައެކެވެ. ބޮޑުސިޔާސީ ރޭވުމެކެވެ. އެބަޔަކު ބޭނުންވަނީ މުޅިމިޙާދިޘާ އަޅުގަނޑުގެ ބޮލުގައި އަޅުވައިގެން ސިޔާސީ ކަންތައް ގަނޑަކަށް ހަދާލާއި ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. އަޅުގަނޑާ ގުޅުންހުރި ހުރިހާ ސިޔާސީ ލީޑަރުންތައް ތަޅުއަޅުވާއި ބަންދުކުރާށެވެ. މިއީ ބަޔަކުއަޑީގައި ތިބެގެން ރާވައިގެންއުޅޭ ސިޔާސީގޭސް ގަނޑެކެވެ. މުޑުދާރު ރޭވުމެކެވެ. އިއްޒަތްތެރި މެންބަރުން މިތަހުގީގުގައި އަޑުއެއްސެވުމަށް ނަމަވެސް ތިއްބަވާތީ، އަޅުގަނޑު ވަރަށް އުފާކުރަމެވެ. މަޖިލީހުގައި ބަސްމަދުން ވިދާޅުވާ ބޭފުޅުންނަށް ވިޔަސް މިވާހަކަތައް ތިޔަބޭފުޅުން ތިޔަބޭފުޅުންގެ ސަޕޯޓަރުންނާއި ތިޔަބޭފުޅުންގެ ސިޔާސީ އެދުރުންގެ ގާތުގައި ހިއްސާކުރައްވަން ވާނެއެވެ. ޢާއިލާގެ ބޭފުޅުން ގާތުގައާއި ކޮފީމޭޒުތަކުގައި އަޅުގަނޑުގެ މިވާހަކަތައް ހިއްސާކުރައްވަން ވާނެއެވެ. މިހާތަފްޞީލްކޮށް އަޅުގަނޑު ހުޅުވާލައިގެން މިގެންދަނީ ތިޔަބޭފުޅުން އަޑުއައްސަވަމުން ގެންދަވާތީއެވެ. ސިޔާސީ މިރޭވުންތަކުގެ އަޑީގައިވާ އެންމެބޮޑު ސިއްރަކީ ރާއްޖޭގައި ޑޮކްޓަރ ވަހީދުމެން ކަހަލަ ސިޔާސީލީޑަރުން، އޭރުގެ ޚާއްސަ މަޖިލީހުގައި ފައްޓަވާފައިވާ އިސްލާހީ ހަރަކާތްމަރާލާއި އެހަރަކާތަށް ތާއީދުކުރާ އަޅުގަނޑުމެން ކަހަލަ، ޒުވާން ސިޔާސީ މީހުންތައް ހިފާހައްޔަރުކޮށް ބޯގޮއްވާލާށެވެ. ނުވަތަ ސިކުނޑު ދޮވެލާށެވެ. މިކަންތައް ސީދާ އަޅުގަނޑާ ގުޅުވައިގެން ކުރިޔަށް މިގެންދަނީ، އިސްލާހީ ހަރަކާތުގައި ޢަމަލީގޮތުން ހަރަކާތްތެރިވެ، ސިޔާސީޕާޓީއެއް ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާ ސިޔާސީ ހުރިހާ އެންމެންގެ ދުވަސްދުއްވާ ލާށެވެ. ﷲގެ އިރާދަފުޅުން އެއީވާނެ ކަމެއްނޫނެވެ. އެހަރަކާތަކީ ފުނޑާލާއި ފިސްފިސްކޮށް ލެވޭވަރަށްވުރެ މާވަރުގަދަކޮށް ރައްޔިތުންގެ ހިތްތަކުގެ އެންމެއަޑިއަށް މޫލާފައިވާ ކަމެކެވެ. އެއްކަމަކަށްފަހު، އަނެއްކަމެއް މަތިކޮށް، ރާވައިގެން މުޑުދާރު ސިޔާސީ ކުޅިވަރުތައް ކުޅުއްވަން އުޅުއްވިޔަސް އަޅުގަނޑުމެން ނުކުރާކަމެއް އަޅުގަނޑުމެންގެ ބޮލުގައި ނޭޅުވޭނެއެވެ. ތިޔަގޮތަށް މާލެތެރޭގައި ބަޔަކުލައްވައި އަލިފާންޖަހާފައި، އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން މަސައްކަތްކުރިއެވެ. އެހެނަސް އެފަހަރު ވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ނުހައްގުން ކޮންމެވެސް ހުކުމްތަކެއް އިއްވާލެއްވީއެވެ. ފަހެ، ދަންނާށެވެ! މިފަހަރު ހުކުމް އިއްވޭވަރުވެސް ނުވާނެއެވެ! ފަހެ، މިއީ އެޒަމާނެއް ނޫނެވެ! ކެބިނެޓްގައި ތިއްބަވާފައި ބުނެލާގޮތަށް ތަހުގީގުތަކާއި ޝަރީޢަތްތައް، 1990 ގައި ގެންދެވުނަސް، 2003 ގައި މިޒަމާނަކު އެގޮތަށް އެކަމެއް ނުގެންދެވޭނެއެވެ! އިންސާފަށް ލޯބިކުރާށެވެ! މިއިންނެވި ނާޝިދަކީ، ބޭރުން ކިޔަވައިގެން އިންނެވި ބޭފުޅެކެވެ. އިއްޒަތްތެރި މެންބަރުން މިތާ މިތިއްބެވީއެވެ. އެދުވަހު ޢަޞުރުނަމާދު އަޅުގަނޑުކުރީ ސަހަރާގައެވެ. ފުރަތަމަވެސް ދިޔަގޮތަށްގޮސް އީވާނުގެ މޫނުދުށީމެވެ. އީވާން ހަށިގަނޑުގައި އަތްލާއިބެލީމެވެ. އީވާން ހަށިގަނޑުގެ ވަށައިގެން ހިނގާބަލާ ހެދީމެވެ. ދެން ބަންގިގޮވުމުން އެރީ ސަހަރާ މިސްކިތަށެވެ. ޢަޞުރު ނަމާދުކުރީ ޖަމާޢަތުގައެވެ. އެއަށްފަހު ކުޑައިރުކޮޅަކު ސަހަރާގައި މަޑުކޮށްލާފައި ދިޔައީ މއ.ހައިވަކަރުގެ އަށް އަލިބެއާއެކު ހަވީރުސައިބޯށެވެ. ދެން އަޖްވަދު ވަހީދު (އަޖޫބެ) ގެ ސައިކަލު ފަހަތުގައި ދިޔައީ ހުޅުމާލޭ ފެރީޓާރމިނަލަށެވެ. ތިޔަވިދާޅުވާ ޣައިރުޤާނޫނީ ހަމަނުޖެހުންތައް މާލެތެރޭގައި ހިންގިއިރު އަޅުގަނޑު ހުންނާނީ ހުޅުމާލޭގައެވެ. ހުޅުމާލޭން މާލެ އާދެވުނީ ރޭގަނޑު އަށެއްގެ ފަހުންނެވެ. މިހުރިހާ ވާހަކަތަކެއް އަޅުގަނޑު ސިފައިންނަށް ދީފައިވާ ޞައްޙަބަޔާނުގައި ވަރަށްރީތިކޮށް ލިޔެވިފައި ހުންނާނެއެވެ. ބައްލަވާލައްވާށެވެ. އެބަޔާން ވިދާޅު ވެލައްވާށެވެ. އެބަޔާންތައް ލިޔެކޮށާއިމަށާއި ދިރާސާތައްކޮށް ހައްދަވާނީ މިތާ މިތިއްބެވި ސިފައިންނާއި ބަންޑާރަނައިބު އޮފީހުގެ ސްޓޭޓް އެޓާރނީންނެވެ. ހެއްވާކަމަކީ ދައުލަތުގެ ފަރާތުން ދައުވާކުރަންވެސް ތިއްބަވަނީ އެބޭފުޅުންނަށް ވާނެތީއެވެ. މިއަދުގެ މާހައުލުގައި ބަޔާންނަގަން ވެސް މިތިއްބެވީ ދައުވާ އުފުއްލެވުމަށް ތިއްބެވި ހަމައެބޭފުޅުންނެވެ. މިހިނގަނީ ދެކޮޅުދިމާކުރަން ވަރަށް އުނދަގޫކަންތަކެވެ. އަޅުގަނޑުގެ މިވާހަކަތައް ނިމުމުން ހަލީމް ވިދާޅުވެއްޖެއެވެ. މިހާރުމިވަނީ އަލުން ތަހުގީގު ފެށިފައެވެ. އެދުވަހު ކަންހިނގިގޮތް އަލުންފެށިގެން ކިޔައިދޭށެވެ. ދެން އަޅުގަނޑު އަނެއްކާވެސް ބަޔާނުގައިހުރި ވާހަކަތައް އިތުރަށް ކިޔައިދީފީމެވެ. މިވާހަކަތައް އަޅުގަނޑު ކުރިންދީފައިވާ ބަޔާނުގައި ހުރިގޮތަށް ތަކުރާރުކޮށް ކިޔައިދިނުމަށް ފަހު، އިތުރަށް ދެންނެވީމެވެ. ސިފައިންގެ މިތަހުގީގުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިއްބެވޭގޮތަށް ހައްދަވައިދެއްވީތީ ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ރައިސް މައުމޫނަށް އެކަމުގެ ޝުކުރު ހުއްޓެވެ. އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި މިތަހުގީގު ކުރިޔަށްދާތީ އަޅުގަނޑު އުފާކުރާކަމަށް ދަންނަވަމުން މިއަދުގެ ވާހަކަތައް މިހާހިސާބުން، ނިމުނީކަމުގައި ދަންނަވައިފީމެވެ. މިމަހު، 20 ވަނަ ދުވަހު އަޅުގަނޑު އުޅުގޮތާއި އުޅުނުތަންތަން މިހާރުމިކިޔައިދީ ނިމުނީއެވެ. ކުރީގެބަޔާން ބައްލަވައިގެން އަލުންބަޔާނެއް ލިޔުއްވާށެވެ. އޭރުން މިބޭފުޅުންގެ ކުރިމަތީގައި އަޅުގަނޑު މިހުރީސޮއިކުރަން ތައްޔާރަށެވެ. ދެން ކުރީގެ ބަޔާން އަލުންލިޔެގެން ގެނައުމުން ހިޔަލީއާއި ރާމިޒުގެ ކުރިފުޅުމަތީގައި އަޅުގަނޑު ސޮއިކޮށް މިއަދުންމިއަދަށް މިބަޔާން އަނެއްކާވެސް ރަފްބަޔާނެއްގެ ގޮތުގައި ނިންމާލެވުނެވެ. ދެން ތަހުގީގުގެ މަޖިލިސް ނިންމާލެއްވީ އަޅުގަނޑު އެދިގެން އަޅުގަނޑުގެ އިލްތިމާސަކަށް ޖާގަދިނުމަށް ފަހުގައެވެ. އެބޭފުޅުންނަށް އަޅުގަނޑުކުރި އިލްތިމާސަކީ މިއެވެ. އަޅުގަނޑު އިލްތިމާސެއްގެ ގޮތުގައި ތިޔަބޭފުޅުން އަރިހުން މިއެދެނީ، ސާބިތު އެއްވެސް ގަރީނާއެއް ހެއްކެއްނެތި މިހާގިނަދުވަހު އަޅުގަނޑު ބިމުއަޑީގެ ބިންގަރާހެއްގައި ބަންދުގޮޅިއެއްގައި ދުނިޔޭގެ ވައިރޯޅިއެއް ނުލިބޭގޮތަށް ބެހެއްޓުމުގެ ސަބަބުން، އަޅުގަނޑުގެ ހައްގުތަކުންވަނީ މުޅިން މަހްރޫމްވެފައެވެ. އިންސާނީ ހައްގުތައްވަނީ ގެއްލިފައެވެ. އަޅުގަނޑުގެ އަސާސީ ހައްގެއް ކަމުގައިވާ ހެލިފެލިވެ އުޅުމާއި އަނބިދަރިންގެ ހާލުބެލުމާއި ހިނގާބިނގާވުމުގެ މިނިވަންކަންވަނީ އެއްކޮށް ގެންލިފައެވެ. އަޅުގަނޑުގެ އަންހެނުންގެ އަތުގައިވާ އަޅުގަނޑުގެ ކުޑަކުޑަ ދެދަރިންގެ ހާލަކީކޮބައިކަން ނޭނގެއެވެ. އެކުދިންގެ ހައްގުތައް ވީހިސާބެއް އަޅުގަނޑަކަށް ނާންގައެވެ. އެމީހުންވީ ނުވީތަނެއް ނޭނގެއެވެ. ފޯނެއްނުކުރެވެއެވެ. ތުއްތު ކުދިންކޮޅުގެ ހާލެއް ނާންގައެވެ. މިއީ ހަމަކަށަވަރުން އަނިޔާއެވެ. އިންސާނީ ކަރާމަތާ ޚިލާފުކަންތަކެވެ. އަޅުގަނޑުގެ ކުށަކީކޮބައިކަން ސާފުކޮށް އަޅުގަނޑަށް ކިޔައެއް ނުދެއެވެ. ޝަރުޢީކޯޓެއް މެދުވެރިކޮށް ބުނެދީފައެއް ނެތެވެ. އަޅުގަނޑާއި އަނބިދަރިންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމުގައިވާ މަހުމުސާރަކޮޅު ވީތަނެއްވެސް ނޭނގެއެވެ. އެތިންމައިންވީ ހިސާބެއްވެސް ނޭނގެއެވެ. އުޅެމުންދަނީ ކިހިނެއްކަމެއް ނޭނގެއެވެ. ދުނިޔޭގައި ތިބިކަމެއް ވެސް ނޭނގެއެވެ. މިއީ އިންސާނިއްޔަތަށް ހުރި، ބޮޑުވެގެންވާ އަނިޔާއެއްކަން ކަށަވަރެވެ. އަޅުގަނޑުގެ މިހައްގުތައް އަދާކުރުމަށް ފުރުސަތު ދެއްވުންއެދި އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް މިކުރަނީ ވަރަށް އާދޭހާއި ހިތާމައާއެކުގައެވެ. އަޅުގަނޑަށް، އަޅުގަނޑުގެ އަސާސީ ހައްގުތަކުގެ ބޭނުންހިފުމުގެ މިނިވަންކަން ވީހާއަވަހަށް ލިބިދިނުމަށް އެދެމެވެ. މިހާރުން މިހާރަށް، މިއަދުން މިއަދަށް މިނިވަންކޮށް ދެއްވުން އެދެމެވެ. ތިޔަ ތިއްބެވީ ރައްޔިތުނެގެ މަންދޫބުންނާއި ދައުލަތުގެ އެޓަރނީންނެވެ. ދެން ދަންނަވާނެ އެއްޗެއް ނެތެވެ. މިއަދުގެ ހުރިހާވާހަކައެއް ދަންނަވާ ނިމުނީއެވެ. ދެން ހަލީމް ވިދާޅުވީ އިލްޔާސް ތިޔަގޮތަށް އިލްތިމާސް ކުރެއްވިޔަސް އަދިވެސް މަތީފަރާތުން ހަމަޖައްސަވާ ފައިއޮތީ، އިލްޔާސް ޖަލުގެގޮޅީގައި ބަންދުގައި އިތުރަށް ބަހައްޓާގޮތަށެވެ. ދެން މިއަދުގެ ތަހުގީގު މިހާހިސާބުން ނިމުނީއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން މިވާހަކަތައް ނިމެންދެން ވަރަށްކަނުލައި އަޑުއައްސަވަމުން ގެންދެވިއެވެ. ޗުއްޕުވެސް ވިދާޅުވެ ނުލައްވައެވެ. ބުދުތަކެއްހެން އިސްދަށަށް ޖައްސަވައިގެން ލަދުންތިއްބެވިހެން ހަމަހިމޭންކޮށް ތިއްބެވީއެވެ. ދެން ނައީމު އަޅުގަނޑު ގެންގޮސް ބިންގަރާހުގެ ގޮޅިއަށްލާއި ތަޅުލީއެވެ.

7 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނުހިނގައެވެ. ގޮޅީގައި ކިޔަވަން އިނީއެވެ.

8 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 18 ވަނަ ދުވަހެވެ. މިއަދު ހެދުނުސަޔަށް ފަހު، 9 ޖަހާއެހާކަން ހާއިރު އަޅުގަނޑުނެރެ ކުރިމަތީގައިހުރި ވީއައިޕީ ގޮޅީތެރޭގައި ގޮނޑިއެއްގައި ބެއިންދުމަށް ފަހު، އަޅުގަނޑުގެ ގޮޅީތެރޭގައި އެނދާދިމާ މަތިން ސީލިންގގައި ކުޑަވަރެއްގެ ވަރަށް އެކްޓިވް ކެމެރާއެއް ހަރުކުރިއެވެ. މިކަމަށް ދެތިންގަޑި އިރަށްވުރެ ގިނައިން ނެގިއެވެ. މެންދުރު ކާންޖެހުނީ ވެސް ގޮނޑީގައި އިނދެގެންނެވެ. މިއީ އަޅުގަނޑު ވަރަށް ދެކޮޅުހެދި ކަމެކެވެ. އެހެނަސް ހަމަޖެހިފައި އޮތްގޮތަށް އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އެއްވެސް ޖަލެއްގައި ކުށްވެރިޔާ ނިދާތަންރެކޯޑް ކުރެވޭގޮތަށް ހަދާފައެއް ނުހުރެއެވެ. ހުންނަގޮޅީގެ ވަށައިގެން ކެމެރާތައް މެދުވެރިކޮށް ބަލަހައްޓާއި ހަދާފައެވެ. އެހެނަސް މިއީ މުޅިން އެހެން ކުޅިވަރެކެވެ. ކުރާނެކަމެއް ނެތެވެ. ކެތްކޮށްލައިގެން އިނީއެވެ. މިއީ މިމީހުންގެ ވިސްނުމާއި ފިކުރު، މަސައްކަތްކުރާ ފެންވަރެވެ. ފާޚާނާތެރެ ވެސް ފާޚާނާގެ ދޮރުހުޅުވިފައި ހުރިއްޔާ ފެންނާނެއެވެ. ނިދީގައާއި ހިތްހަމަޖެހިލައިގެން ފާޚާނާއަށް ވަނުމުގެ ފެންވަރުގައި ވެސް މީހާގެ އަސާސި މިނިވަންކަން ގެއްލުނީއެވެ. ހަވީރާހަމައަށް މިމަސައްކަތް ނިންމާއި ޓެސްޓުކޮށް ހަދައި ނިންމާލިއެވެ.

9 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 19 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ގޮޅީގައި ހަމައިނީއެވެ. ގިނަވަގުތު ގުރުއާން ކިޔެވީއެވެ. އެނދުގައި އޮންނައިރު ބޯމަތީގައި އިންކެމެރާ އެކްޓިވްކޮށް ހަރަކާތްތެރި ވާތަން ފެނެއެވެ. ގިނައިން އޮވެވެނީ އެއާދިމާއަށް ބަލާށެވެ.

10 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 20 ވަނަ ދުވަހެވެ. މެންދުރެއްހާއިރު ސިފައިންގެ އޮސިސަރަކު ދުރުވެ، އަޅުގަނޑުގެ ގޮޅީގެ ދޮރުފަތުގައި ބޭރުފެންނަގޮތަށް ހަރުކޮށްފައިހުރި ބިއްލޫރިކޮޅުގައި ބޭރުފަރާތުން ކަރުދާސްތަތްކޮށް ބޭރުނުފެންނަގޮތް ހެދިއެވެ. މިއީ ނަފްސާނީގޮތުން ދެވުނު ވަރަށްމަތީ ފެންވަރުގެ އަނިޔާއެކެވެ. ހީވާގޮތުގައި ގާޑުން މީގެފަހުން އަޅުގަނޑު ބަލަހައްޓާނީ ގޮޅީގައި ހަރުކޮށްފައި ހުރިކެމެރާ މެދުވެރުކޮށެވެ. މިވީގޮތުން ތިރީގައި ހުންނަގާޑަށް އަޅުގަނޑު ނުފެނުނީއެވެ. އަދި އަޅުގަނޑަށް ބޭރުފެނުން މުޅިން ހުއްޓުނީއެވެ. މިކަމަކީ ސާފު އަނިޔާއެވެ. ސިކުނޑިއަށާއި ހިތަށާއި ލޮލަށް ސީދާކޮށާއި ނުސީދާކޮށް ކުރާބޮޑު މާސިންގާ އަނިޔާއެކެވެ. ކުދިނާރުތަކަށް މިކަމުގެ ގެއަސަރުތައް މުޅިއުމުރަށް ދެމިގެންދާނެކަން ކަށަވަރެވެ.

11 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 21 ވަނަ ދުވަހެވެ. މިއަދަކީ މުޅިހަށިގަނޑު ހޫނުވެލާފައި ހުންނަ ދުވަހެކެވެ. ބްލޯވަރުން ޖެހޭވައިން ނޭވާލާން އުނދަގޫވާހެން ހީވެއެވެ. އުނަގަނޑުގެ މުޅިހަށިގަނޑަށް، މިއަދުހުރީ ތަދުއަރާފައެވެ. އަދި ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ބައެއްފަހަރު އޮށޯވެއޮވެފައި ތެދުވެ ހިންގާލަން އުނދަގުވެއެވެ. ބެލެންސް ގެއްލޭގޮތް ވެއެވެ. ހީވަނީވެއްޓިދާނެ ހެންނެވެ.

12 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަ ދުވަހެވެ. މިއަދަކީ ތަހުގީގުކުރުމަށް ވެލާނާގެއަށް ނެރޭދެވަނަ ދުވަހެވެ. ގޮޅިން ނެރެގެން ވެލާނާގޭ ގުދަނަށް ވެއްދީ މެންދުރުފަހު، 2:30 ގައެވެ. މިއަދު ގޮޅިން ނުކުންނަމުން ނޭނގޭގޮތަށް ދޮރުފަތުގެ ބިއްލޫރިކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްގަނޑުގެ ތިރީކަނުން ތަންކޮޅެއް އުތުވާލާއި ހިތްލައިލީމެވެ. ސިފައިން ކުރީދުވަހަކޭ އެއްގޮތަށް ގާޑްކޮށް ބަލަހައްޓަމުން ގެންދިޔައެވެ. ގާތްގަނޑަކަށް، 30 ށް މިނެޓަވަންދެން އާދައިގެ ޕްލާސްޓިކް ގޮނޑިއެއްގައި ބޭންދުމަށް ފަހު، ވެއްދީ ތަހްގީގުކުރާ ދެނަންބަރު ކޮޓަރިއަށެވެ. ތިއްބެވީ ހަމަކުރީ ދުވަހުވެސް ތިއްބެވި ބޭފުޅުންނެވެ. އިށީދެވަޑައިގެން ތިއްބެވީވެސް ކުރީދުވަހުގެ ތަރްތީބުންނެވެ. އަޅުގަނޑަށް ހުރިގޮނޑީގައި އަޅުގަނޑު ބޭންދުމަށްފަހު، ނަޢީމް އޭނާއަށްހުރި ގޮނޑީގައި އިށީންނެވުމުން ތަހުގީގު ފެއްޓެވީ، ނައިބުގޭ މުހަންމަދު ހަލީމެވެ. ވިދާޅުވީ އިލްޔާސް ބުނާނެ އިތުރުއެއްޗެއް އޮތްތޯއާއި ބައެއްސުވާލު ކޮށްލަންޖެހޭތީ ގެނެވުނީކަމަށެވެ. ޖަވާބުގައި އަޅުގަނޑު ދަންނަވައިފީމެވެ. ދަންނަވަންހުރީ ހަމައެއް ވާހަކަތަކެކެވެ. ކުރީދުވަހު ކިޔައިދިން ވާހަކަތައް ފިޔަވާ އިތުރަށް އެކަމާގުޅިގެން ކިޔައިދޭނެ އެއްވެސް ވާހަކައެއް ނެތެވެ. އެދުވަހުގެ ބަޔާނުގައި ލިޔެފައި އެވަނީ މުޅިންތެދު ހަގީގަތެވެ. މާލޭގައި ބަޔަކުމީހުން، ހަމަނުޖެހުންތައް ހިންގިގަޑީގައި އަޅުގަނޑު ހުންނާނީ ހުޅުމާލޭގައެވެ. ހަމަނުޖެހުން ހިންގިގްރޫޕާއެކު މާލޭގެއެއްވެސް މަގެއްގައި އެގްރޫޕްމީހުންގެ ތެރޭގައި އިސްކޮށްހުރެގެން ހިނގާފައެއް ނުވާނެއެވެ. އެއީ އަޅުގަނޑު ބޮލުގައި މީހަކު ނުވަތަ ބަޔަކުމީހުން، އަޅުވައިގެންއުޅޭ ދޮގުތުހުމަތެއްކަން އަޅުގަނޑަށް ޔަގީނެވެ. ހެކިހުރިއްޔާ ތިޔަބޭފުޅުން އަޅުގަނޑުގެ ކުރިމައްޗަށް އެހެކިތައް ގެނެސްދައްކާށެވެ. ތިޔަވިދާޅުވާ ފޮޓޯއެއްވާނަމަ ގެނެސްދައްކާށެވެ. މިޒަމާނަކީ ވަގަށްފޮޓޯ އުފައްދާ ދުވަސްވަރެކެވެ. ވީޑިޔޯހުރިއްޔާ އަޅުގަނޑު ބަލައިލަން ދައްކާށެވެ. ސިފައިންގެ ތެރޭގައި އެހާކުޅަދާނަ އޮފިސަރުން މިހާރުތިބޭނެކަން ކަށަވަރެވެ. މަގުމަތީގައި އަޅުގަނޑުމެންގެ ފަހަތުން ޖާސޫސުކުރަން އުޅޭ ސިފައިން ހަރަކާތުގައި ތިބެއެވެ. އަޅުގަނޑު އެދުވަހު، އެގްރޫޕްތެރޭގައި އުޅުނުކަމުނެ ހެކިދެއްކުމުންނޫނީ، އެކަމާގުޅޭގޮތުން އިތުރަށް ދަންނަވާނެ އެއްޗެއް ނެތެވެ. މިވާހަކަތައް މިދަންނަވަނީ މިތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ހެކިކޮށެވެ. އަދި މިގޮތަށް އަޅުގަނޑަށް އެއްވެސް މިނިވަންކަމެއްނެތި އަނިޔާވެރި ގޮތަކަށް، ސާފުވައިރޯޅިއެއް ހާހިސާބު ނުޖެހޭ ބިންގަރާހެއްގެ ތެރޭގައިހުރި ގޮޅިއެއްގައި ބަންދުކޮށްފައި ބޭންދުމަކީ މުޅި އިންސާނިއްޔަތަށް ކުރަމުން ގެންދަވާ ޖާހިލީޒަމާނުގެ އަނިޔާއެކެވެ. މިއަނިޔާތަކުން މިއަދު ސަލާމަތްކޮށް ދިނުމަށް ތިޔަ އިއްޒަތްތެރިންނަށާއި މިތިއްބެވި ސަފައިންނަށް ހަރުއަޑުން ގޮވާލަމެވެ. އަދި މިހާރުން މިހާރަށް މިނިވަން ކޮށްދިނުމަށް އިޚްލާޞްތެރިކަމާ އެކުއެދެމެވެ. އާދޭސް ދަންނަވަމެވެ. ދެން ހަލީމް ކުރެއްވި ސުވާލަކީމިއެވެ. އިލްޔާސް ހުޅުމާލެއަށް ގެންދިޔަފެރީގެ ޑްރައިވަރު ގެނެސް ސުވާލުކޮށްފީމެވެ. އެދުވަހުގެ ފެރީން އިލްޔާސް ގެންދިކަން ހަނދާންހުރިކަމަކަށް އޭނާއެއް ނުބުނެއެވެ. މިކަމާ އިލްޔާސް ބުނުއްވާނީ ކީކޭތޯއެވެ؟ އަޅުގަނޑު ހަލީމަށާއި ތަހުގީގު ކޮމެޓީއަށް މުޚާޠަބުކޮށް ދަންނަވައިފީމެވެ. ތިޔަބޭފުޅުން، އަޅުގަނޑާއި އެފެރީގެ ޑްރައިވަރާ އެއްތަން ކޮށްދެއްވާށެވެ. އެއީ އެދުވަހުގެ ހައެއްގައި މާލޭން ހުޅުމާލެއަށް ދިޔަފެރީއެވެ. އަދި މާލެއަށް އެނބުރިއައީ އެދުވަހު ރޭގަނޑު އަށެއްގެ ފެރީންނެވެ. މިއީ ތަފާތު ދެމީހުންތޯ ވެސް ތިބޭފުޅުންނަށް އެމްޓީސީސީއާ ގުޅުއްވައިގެން ބެއްލެވިދާނެއެވެ. އަދި ވިޒްކޯގެ މުވައްޒަފުން އަޅުގަނޑާއި އެއްތަންކޮށް ދެއްވާށެވެ. އޭރުން އެމީހުންބުނާއެއްޗެއް އަޅުގަނޑަށް ވެސް އިވޭނެތާއެވެ. އޭރުން އެމީހުންނަށް އަޅުގަނޑަކީ ކާކުކަން އެނގިދާނެއެވެ. ގިނަމީހުން އަޅުގަނޑު ދަންނަނީ އަޅުގަނޑުގެ ނަމަކުންނޫނެވެ. އަޅުގަނޑުގެ ސޫރައާއި ޖިސްމުންނެވެ. ސިޔާސީ މީހުން، އާންމުންނަށް ދަސްވެފައި ހުންނާނީ މީހާގެ ހަށިގަޑުންނާއި ޖިސްމުންނެވެ. ތަހުގީގުޓީމުން އަޅުގަނޑާއި އެމީހުންނާ ވީހާއަވަހަށް އެއްހާޒިރުކޮށް ދިނުމަށް ތަހުގީގުކޮމެޓީއަށް ވަރަށްގަދައަށް އިލްތިމާސްކޮށް، އަޅުގަނޑު ދަންނަވައިފީމެވެ. އަދި އޭގެއިތުރަށް ދެންނެވީމެވެ. ކުރީދުވަހުގެ ބަޔާނުގައި ވާނެފަދައިން ސަހަރާއަށް ދިޔައިމެވެ. ސަހަރާއިން އެނބުރިއައި މަގުމަތީގައި ހައިވަކަރުގެއަށް ވަދެ، ހަވީރުސައި ބޮއިގެން އަޖޫބެ ފަހަތުގައި އޭނާގެ ސައިކަލުގައި ދިޔައީ ފެރީއަށެވެ. ދެން މިވާހަކަތައްލިޔެ ރަފްބާޔާނެއްލިޔެ އަޅުގަނޑު ލައްވާސޮއި ކުރުވުމަށް ފަހު، މިއަދަށް ނިމުނީއޭ، ހަލީމް ދެންނެވުމުން އަޅުގަނޑު ދަންނަވަންހުރި ގިނަވާހަކަތައް އެބަހުއްޓޭ ދަންނަވައި ފީމެވެ. އަދި އަޅުގަނޑުގެ އިލްތިމާސެއް މިއަދުވެސް އެބައޮތޭ ދެންނެވީމާ ކުރިޔަށް ގެންދަވާށޭ ހަލީމު ބުނުއްވައިފިއެވެ. ދެން އަޅުގަނޑުގެ އިލްތިމާސް ފަށައިފީމެވެ. ފުރަތަމަފެށީ، މިފަދަ އަނިޔާއެއްގައި އަޅުގަނޑު ބަހައްޓައިގެން ސިފައިން ވަށައިގެންތިބެ ވަރަށްނާމާން ޖައްވެއްގައި ހިންގަމުން ގެންދިޔަ ތަހުގީގެއްގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެކުޑަމިނުން އަޑުއެހުމަށް ނަމަވެސް ބައިތިއްބަވާ ގޮތަށް ރައީސް މައުމޫނު ހަމަޖައްސަވައި ދެއްވުމަކީ ޝުކުރު ދަންނަވަން ޖެހޭވަރުގެ ކަމެކެވެ. މިކަމާހެދި އަޅުގަނޑަށް ވަރަށް ހިތްވަރުލިބިއްޖެއެވެ. ފަހަރުގައި ސިފައިންނަށް މިގޮތަށް ތަހުގީގުގެ މަޖިލިސް ބޮޑުކޮށްލުމުން އަޅުގަނޑު ގަންނާނީ ބިރޭހީވެފައި އޮވެދާނެއެވެ. އެހެނަސް އަޅުގަނޑަކީ ސިޔާސީ މީހަކަށް ވެފައި ރައްޔިތުންގެ މަޖިލީހަކީ އަބަދުވެސް އަޅުގަނޑުގެ ހިތްކަމަށް ބަލައިގެން އުޅޭމީހަކަށްވާތީ މިތަހުގީގުގައި މަޖިލިސްކުރާގޭގެ ބޭފުޅުން ތިއްބެވުމުން އަޅުގަނޑު ބިރެއްނުގަނެވެ. ލިބިގެންދަނީ އިތުރުހިތްވަރެކެވެ. ނިޔަތާއި އަޒުމްދަނީ ވަރުގަދަވެގެންނެވެ. އިރުތަށް ބައިވަރު ވާހަކަތައް ދަންނަވާހިތް ވެއްޖެއެވެ. އަޑުއައްސަވާށެވެ. ދެން ދަންނަވަން އޮތީވަރަށް މުހިންމު ވާހަކައެކެވެ. މިއީ ވަރަށް ކަނުލައި މަޖިލިސް ކުރާގޭގެ ބޭފުޅުން އައްސަވަން ޖެހޭކަހަލަ މުހިންމު ވާހަކައެކެވެ.

މިމަހު، 8 ވަނަ ދުވަހުހެނދުނު ޓަސްލާފައި އަޅުގަނޑު ބަހައްޓާފައި ހުންނަގޮޅީގެ ދޮރުހުޅުވާލުމަށް ފަހު، ސިފައިންގެ ދެތިން އޮފިސަރަކު ވަދެއްޖެއެވެ. އެބޭފުޅުންގެ އަތުގައި އެކިވައްތަރުގެ ބައިވަރުސާމާނު ހުއްޓެވެ. އެބޭފުޅުން ބޭނުންވެލައްވަނީ އަޅުގަނޑުގެ ގޮޅިގައި ނިދަންއޮންނަ އެނދާދިމާލުން މަތީގައި އެގޮޅީގެ އެއްކަނަށް ވާގޮތަށް ސީލިންގުގައި ވަރަށްކުޑަ ޒަމާނީ ކެމެރާއެއް ހަރުކުރާށެވެ. މިކެމެރާއަކީ، ވަރަށް ސޮފިސްޓިކޭޓަޑް އަދި އެހާމެސައިޒުންކުޑަ ރޭގަނޑުގެ އަނދިރީގައާއި ދުވާލުގެ އަލީގައި ސާފުކޮށް ހުރިހާމަންޒަރެއް ބެލޭފެންވަރުގެ މޮޅުކެމެރާއެކެވެ. މިކެމެރާ އިންނަނީ ކުޑަކުޑަބިއްލޫރި ބޯތައްޓެއްގެ ތެރޭގައި ކޮންޓްރޯލް ރޫމުން ބޭނުންވާ ގޮތަކަށް ބޮޑުކޮށް ކުޑަކޮށް ހުރިހާދިމާއަކަށް އެޖެސްޓްކޮށް، އަނބުރާހެދޭ ގޮތަށެވެ. މިކެމެރާއަށް ވާހުރިހާގޮތެއް ވަރަށްކައިރިން ސަމާލުކަން ދީގެން އަޅުގަނޑު ދިރާސާކޮށް ބަލާހެދީމެވެ. އަދި އެބޭފުޅުން ޓެސްޓަށް އެކިގޮތްގޮތަށް ކުރިހުރިހާކަމެއް ވަރަށްސަމާލުކަން ދީގެންބަލާއި އެބޭފުޅުން ދައްކަމުން ގެންދިޔަ ހުރިހާވާހަކަ ތަކަކަށް ކަނުލައި އަޑުއެހީމެވެ. އަޅުގަނޑަކީ އެފަންނުގެ މީހަކަށް ނުވިޔަސް އެކުރަމުން ގެންދާކަންތަކާއި ވަމުންއެދާ ގޮތްތައް ދެނެގަނެވޭވަރުގެ މީހެކެވެ. ބިއްލޫރި މިބޯތަށި އިންނަނީ ސީލިންގުގައި ބުޑަކާއެކު ހަރުކޮށްފައެވެ. ސީލިންމަތިން މިއަށްގުޅާނަރު ގެންގޮސް ހަދާފައެވެ. މިއޮފިސަރުންތައް އަޅުގަނޑު ކައިރީގައި މާގިނަވާހަކައެއް ނުދައްކާ އަޅުގަނޑުގެ ގޮޅީގެ ކުރިމަތީގައިހުރި އަނެއް ވީއައިޕީީގޮޅީގެ ދޮރުހުޅުވާލުމަށް ފަހު، ދޮރުމައްޗަށްވާ ގޮތަށް އާދައިގެ ޕްލާސްޓިކް ގޮނޑިއެއް ގެނެސް ބަހައްޓާފައި އެގޮނޑީގައި އިށީދެ އިނުމަށް އަޅުގަނޑަށް އަމުރުކުރީމާ، އެގޮނޑީގައި އަޅުގަނޑު އިށީދެއިނީއެވެ. ދެން މިމީހުން ކުރަމުން ގެންދިޔަ މަސައްކަތް ބަލާދިރާސާ ކުރަން މަޑުމަޑުން އެގޮނޑީގައި އިނީއެވެ. ވީވަރަކުން އަޅުގަނޑު އިންގޮނޑި އެމީހުންގެ އަމަލުތަށްފެނި، ވާހަކަތައް އަޑުއިވޭ ހިސާބަށް، އެމީހުންނާ ގާތަށް އަޅުގަނޑު އިށީދެގެން އިންގޮނޑި، އަޅުގަނޑުގެ ގޮޅިއާދިމާއަށް ޖައްސަމުން ގެންދިޔައިމެވެ. މިކެމެރާއާއި ކޮންޓްރޯލްރޫމައި ދެމެދުނަރެއް އެޅުމާއި މިހުރިހާމަކެއްގެ މަސައްކަތް ވަރަށްބާރަށް މިބޭފުޅުން ފަށައިގެން ކުރިއަށް ގެންދާތަން، ސަމާލުކަންދީގެން ބެލުމަށް އެގޮނޑީގައި މަޑުން އިނީމެވެ. މިގޮތަށް މިގޮނޑީގައި މިއޮފިސަރުންގެ މަސައްކަތް ބަލަންށާއި ދައްކަމުނެ ގެންދިޔަ ވާހަކަތައް އަޑުއެހުމަށް އިންއިރު އަޅުގަނޑުގެހިތަށް ބައިވަރު އެއްޗެހި އަރާއި ފައިބަމުން، ދައުރުވަމުން ދިޔައެވެ. ގޮޅިތެރޭގައި އަޅުގަނޑުގެ ހުރިހާހަރަކާތެއް ރެކޯޑްކުރުމުގެ ބޭނުމުގައި ރާވައިގެން ހިންގާކަމެއްކަން ސާފުކޮށް އެނގުނެވެ. ހަރަކާތްތައް ރެކޯޑްކޮށް ބެލުނަސް އަޅުގަނޑުގެ ހިތަށާއި ސިކުނޑިއަށް އަރާއެއްޗެއް ކިތަންމެމޮޅަސް ނުހޯދޭނެއެވެ. އެއީ ސިފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ސިފައިންނަށް މިކެމެރާއިން އަޅުގަނޑުގެ ހަރަކާތްތައް ސައުވީސްގަޑިއިރު ބަލާއި ރެކޯޑްކުރަމުން ގެންދެވިދާނެއެވެ. އެއީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެވެ. އަދިވެސް ތިޔަބޭފުޅުންގެ މައުލޫމާތައްޓްކާ ދަންނަވަމެވެ! އަޅުގަނޑަށް ޕާކިސްތާނުންނާއި އެހެނިހެން ތަންތަނުން މައުލޫމާތު ލިބިފައިވާގޮތުގައި ދުނިޔޭގެ އެއްވެސްޖަލެއްގައި، ގައިދީން ނިދަންހުންނަ އެނދާދިމާމަތީގައި ކެމެރާހަރުކޮށްގެން ގައިދީންގެ ސަލާމަތީކަންތައް ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމްކޮށްފައެއް ނުހުރެއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި މީހާނިދާއެނދު ފެންނަގޮތަށް އެނދާދިމާއިން މަތީގައި ކެމެރާއެއް ފެންނަން ހުންނަގޮތަށް ހަރުކޮށްފައެއް ނުހުރެއެވެ. ކުށްވެރިން ބަންދުކޮށްފައި ތިބޭތަންތަނުގެ ބޭރު ވަށައިގެން ފެންނަގޮތަށް ކެމެރާތައް ހަރުކޮށްފައި ހުރެއެވެ. މިގައުމުގައި ބޮޑުޚަރަދު ކޮށްގެން ކޮންމެކަމެއް ވެސް މިކުރަނީ އެކަމެއް އޮންނަގޮތާ މުޅިން ޚިލާފަށެވެ. އަޅުގަނޑުގެ ސަލާމަތްތެރި ކަމަށޭކިޔާފައި އަޅުގަނޑު ބެލެހެއްޓުމުގެ ގޮތުން އަޅުގަނޑު ނިދަންއޮންނަ މަންޒަރު ރެކޯޑްކޮށް މޮނިޓަރކޮށް ހަދާކަށް ނުޖެހެއެވެ. އަދި އެމަންޒަރުތައް އެތައްޑިއުޓީއަކަށް ފެންނާކަށް ނުޖެހެއެވެ. ތިޔަބޭފުޅުން ނެޓަށްވަންނަވައިގެން މިހާރުބެއްލެވިއަސް މިގޮތަށް ގޮޅިތެރޭގައި ކެމެރާހަރުކޮށްފައި ހުރިއެއްވެސް ޖަލެއް ނުހުންނާނެއެވެ. މިހާރުބައްލަވާށެވެ! ކުށްވެރިން ނިދަންއޮންނަ މަންޒަރުފާޅުގައި ރެކޯޑްކޮށް އެކަންކުރާ އޮފިސަރުން އެމަންޒަރުތައް ބަލާއި މަޖާނަގާއި ހީހަދާޖަލަކީ، މާލޭގެ މިޖަލުކަން ފުރަތަމަ ފަހަރަށް ހަމަގައިމުވެސް އަޅުގަނޑަށް މިއެނގުނީ ސިފައިންމިކަން ކުރުމުންނެވެ. އަޅުގަނޑު މިހުންނަގޮޅީގައި ސިފައިން އެކަންއެބަކުރެއެވެ. ތިޔަބޭފުޅުން ވަޑައިގެން ބައްލަވާށެވެ! ބައިނަލް އަގްވާމީ ފެންވަރުގައިވެސް މިއީ އިންސާނިއްޔަތާ ޚީލާފުޢަމަލަކަށް ވާނެއެވެ. މިއީ އިންސާނީ ކަރާމަތާމުޅިން ޚިލާފުކަމެކެވެ. އިންސާނާ ނިދުމަށްފަހު އިންސާނާގެ އަތްނިދާނީ ކޮންހިސާބެއްގައި ކަމެއް އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ. އިންސާނާ ނިދުމަށް ފަހު، އޭނާގެދެއަތް އެކިގޮތްގޮތަށް ހަށިގަނޑުގެ އެކިހިސާބުގައި އެނބުރިހަދާނެތީ، ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، މިފަދައިންނެވެ. “ކޮންމެމީހަކުވެސް ނިދާހޭލުމަށް ފަހު، ފުރަތަމަ ދެއަތްދޮންނާށެވެ.” އިސްލާމުންނަށް އަމުރު ކުރައްވާފައިވަނީ، ދެއަތް ދޮވުމަށް ފަހު، އެހެންކަންތައް ފެށުމަށެވެ. މިއީ އަޅުގަނޑު އަމިއްލައަށް ހަދާލައިގެން ބުނާވާހަކައެއް ނޫނެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަޅުގަނޑު ދެކެފައިހުރި ތަންނާގައި ސެކިއުރިޓީގޮތުން ކެމެރާހަރުކޮށްފައި ހުންނަނީ އެމީހާހުންނަ ގޮޅީގެ ވަށައިގެން ދޮރާއިބޭރުގެ ފާރުތައް ފެންނަގޮތަށެވެ. އޭރުން ފިލަންއުޅުނަސް، އަދި އެހެންކަމެއް ކުރިޔަސް ރެކޯޑްކުރެވިފައި ހުންނާނެއެވެ. ބަލަންތިބިއްޔާ ހުންނާނީ ވަގުތުން ފެންނާށެވެ. އަޅަންޖެހޭ ފިޔަވަޅެއް ބަރާބަރަށް އަވަހަށް އެޅޭނެއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑާއެކު ބަންދުކޮށްފައިތިބި އަންހެންކުދިންގެ ގޮޅިތަކުގައި ވެސް މިޒާތުގެކެމެރާތައް ހަރުކުރިހެންނެވެ. އޭރުން ހަމަގައިމުވެސް ކޮންޓްރޯލް ރޫމަށް ރޭގަނޑުގެ ޑިއުޓީއަށް ދާނެއޮފިސަރުން ގިނަވާނެތާއެވެ. އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުން ބްލެކްމޭލް ކުރަންބޭނުންނަމަ މިކެމެރާތައް އަޅުގަނޑު މެންނަށް ނުފެންނަގޮތަށް ފޮރުވައިގެން ބޭނުންވާ އޭންގަލެއް ފެންނަހެން ހަރުކުރެއްވިނަމަ މާރިތިވީހެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕާކިސްތާނުގައި ޒުލްފިގާރު އަލީބުއްޓޫގެ ބޮޑުވަޒީރުކަމުގެ ޒަމާނުގައި މެދުއިރުމަތިން މަތީފެންވަރުގެ ބަޔަކުގެނެސްގެން ޕާކިސްތާނުގައި ބޭއްވި ވަރަށްމަތީ ފެންވަރުގެ ކޮންފަރެންސެއް ތެރޭގައި އެބޭފުޅުން ތިއްބަވާޚާއްސަ ކޮޓަރިކޮޅުތަކުގައި މިފާޑުގެ ކުދިކެމެރާތައް ސިއްރުގޮތަކަށް ފޮރުވިފައި ހުންނަގޮތަށް ހަރުކޮށްގެން އެކޮޓަރިތަކުގައި ރޭގަނޑާއި ދުވާލު އެކިގޮތްގޮތަށް ހިންގިފައިހުރި މަންޒަރުތައް ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމޭލްކޮށް ހަދައިފައި ވެއެވެ. އަދި މިކަން ފަޅާއަރައިގެން ބޮޑުކަންތައް ގަނޑަކަށް ވެގެންއުޅެން ޖެހިފައިވެއެވެ. މިއުޅެނީ އަޅުގަނޑުގެ ބޯމަތީގައި ކެމެރާއެއް ހަރުކުރުމަކީ، އަޅުގަނޑު ބްލެކްމޭލް ކުރަންކުރިކަމެކޭ އެއްގޮތަކަށް ވެސް ދަންނަވާކަށް ނޫނެވެ. އެހެނަސް މިކަހަލަ ބޭކާރުކަމެއް ތާކުންތާކު ނުޖެހޭގޮތަށް ސިފައިން ކުރުމުގެ ބޭނުމަކީ ކޮބައިކަން އަޅުގަނޑު އުޅެއުޅެވެސް އޮޅުންފިލާގޮތް ނުވީމާ، މަޖިލިސް ކުރާގޭގެ ބޭފުޅުންނަށް މިވާހަކަތައް މިހާތަފްސީލުކޮށް ދަންނަވަން ބޭނުންވީއެވެ. އަދި މިތާމިތިއްބެވި ސިފައިންނަށް އިއްވާލަން ބޭނުންވީއެވެ. ތަހުގީގުކޮމެޓީން ތިޔަބޭފުޅުން މިކަމާ ވިސްނަވާލެއްވުން އެދެމެވެ. އަދި އެހެންރައްޓެހި އިއްޒަތްތެރި މެންބަރުންނަށް މިވާހަކަތައް ވިދާޅުވެދެއްވުމަށް އަޅުގަނޑު ގޮވާލާއި އިލްތިމާސް ކުރަމެވެ. އޭ! އަޅުގަނޑުގެއަޚު ހިޔަލީއެވެ! ދެންވެސް ތިއްބެވި ބޭފުޅުންނޭވެ! މިވާހަކަތައް ހަދާނުގައި ބަހައްޓަވާށެވެ! އަޅުގަނޑު މިނިވަންވި ދުވަހަކުން އަޅުގަނޑު މިއަދު މިދައްކާވާހަކަތައް ހަދުމަފުޅުހުރިތޯ އަދި އެހެންމީހުންނަށް ބުނެދެއްވިންތޯ ސުވާލު ކުރާނަމެވެ. އަދިވެސް އަޑުއައްސަވާލަ ދެއްވުންއެދެމެވެ. އަޅުގަނޑުގެ މިއިލްތިމާސުގައި ދަންނަވާލަންޖެހޭ އެހެންވާހަކައެއް އެބައޮތެވެ. އަދި މީގެދެދުވަހެއް ކުރިން، އަޅުގަނޑު ބަންދުކޮށްފައި ހުންނަގޮޅީގެ ދޮރުފަތުގައި ހަރުކޮށްފައިހުރި ބިއްލޫރިކޮޅުގައި ބޭރުން ކަރުދާސް ތަތްކޮށް އެއްގޮތަކަށް ވެސް ބޭރުނުފެންނަ ގޮތަށް ހަދައިފިއެވެ. މިކަމަކީވެސް ސިފައިން އަޅުގަނޑަށް ކުރަމުން ގެންދާ ނަފްސާނީ އަނިޔާތަކުގެ މައްޗަށް، އިތުރަށްކުރި ނާތަހުޒީބު އަނިޔާއެކެވެ. މިބިއްލޫރިކޮޅުން ބޭރުފެންނާތީ ވަރަށްހިތްހަމަ ޖެހެއެވެ. ހިތަށްފިނިކަމެއް ވަދެއެވެ. ބޭރުގޮޅިތަކުގައި ވާނުވާސާފުވެއެވެ. ލޮލަށް ބައިވަރު މަންޒަރުތައް ފެނެއެވެ. އަދި ގާޑަށްހުންނަ މީހާއަށް އަޅުގަނޑުގެ ހަރަކާތްތައް ފަސޭހަކަމާއެކު ބަލާލައި ހެދެއެވެ. އެހެނަސް މިހާރު އަޅުގަނޑު ބަލަހައްޓަމުން ގެންދަނީ އެނދާދިމާއަށް މަތީގައި ހަރުކޮށްފައިހުރި ކެމެރާއެއްގެ ޒަރީއާއިން މާދުރުގައި ތިބޭބައެކެވެ. އަޅުގަނޑަށް ތާޒާވައިރޯޅިއެއް ނުލިބޭތާނގައި މިހާރު، އަޅުގަނޑުގެ ދެލޯބަނދެ އަނދިރިކޮށް ލީއެވެ. ވަށާހުންނަ ކޮންކްރީޓް ހަތަރުފާރު ތެގޭގައި އަޅުގަނޑު މުޅިންބަންދުވެ ނިމުނީއެވެ. ހަފުސްވެ ދަނީއެވެ. އިންސާނަކު ހަލާކުކޮށް ލަނީއެވެ. މިއީ އިންސާނަކަށް، ނަފްސާނީގޮތުން ދެވޭވަރަށް ބޮޑުއަނިޔާއެކެވެ. މިކަންތައް އިހްސާސްކުރެވޭނީ ތިޔަބޭފުޅުން މިކަމާފިކުރުކޮށް ވިސްނާލެއްވީ މައެވެ. އެހެންނޫނީ މިގޮތަށް މިކަހަލަ ގޮޅިއެއްގައި އޮންނަންޖެހޭ ދުވަހަކުންނެވެ. އެހެންނޫނީ މިފަދަކަންތަކަކީ ތަޞައްވަރު ކުރެއްވޭނޭ ކަންތަކެއްނޫނެވެ. މިވާހަކަތައް އަސަރާއެކު، ތަހުގީގުކޮމެޓީއަށް މިކިޔައިދެނީ، އަޅުގަނޑަށް ލިބެމުންމިދާ އަނިޔާތަކުން ވީހާއަވަހަށް ސަލާމަތްކޮށް ދިނުމުގެ ބޭނުމުގައެވެ. މިއަދުވެސް ހަލީމުގެ އަރިހުންނާއި ހިޔަލީމެންގެ އަރިހުން މިއަނިޔާއިން ވީހާއަވަހަށް މިނިވަންކޮށް ދިނުމަށް ތަކުރާރުކޮށް އެދުނީމެވެ. ހިޔަލީމެން ތިއްބެވީ ވަރަށްއަސަރުކޮށް ފައެވެ. ދެރަވެފައި ތިއްބެވިހެން ހީވެއެވެ. އެހެނަސް އެބޭފުޅުން އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަޅުގަނޑުގެ އަސަރުގަދަ ވާހަކަތައް އަޑުއައްސަވަން މަޑުންތިއްބެވީއެވެ. އަޅުގަނޑުގެ އިލްތިމާސް ނިންމާލުމުން ހަލީމް ވިދާޅުވިއެވެ. މަތީފަރާތުގައި ތިޔަވާހަކަތައް ދަންނަވާނަމެވެ. ހަލީމު، މަތީފަރާތޭ ދެންނެވުމުން އަޅުގަނޑު ގާތަށް ރުޅިއައިސް ތަންކޮޅެއްބާރަށް ބުނެވުނެވެ. ހަމައަޅުގަނޑު އެއްޗެކޭ ދަންނަވާއިރަށް، ތިޔަވިދާޅުވަނީ، މަތީފަރާތުގައި ދަންނަވާނެ ވާހަކައެވެ. މިވާހަކަތައް އަޅުގަނޑު އިއްވަން ބޭނުންވަނީ، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށެވެ. ތިޔަ ވިދާޅުވަނީކޮން މަތީފަރާތެއްގެ ވާހަކަތޯއެވެ! ކޮންމަތީ ފަރާތެއްތޯއެވެ؟ ހަލީމް ތިޔަވިދާޅުވާ ސިފައިންގެ މަތީފަރާތް ރަނގަޅަށް އަޅުގަނޑު ދަންނަމެވެ. މީގެ، 13 އަހަރުކުރިން މިތަނަށް ގެނައިފަހަރު، މޯރާތައުފީގުމެން ތިޔަފާޑުގެ ވާހަކަތައް ދައްކަވަން ފެށުމުން ތަިޔަވިދާޅުވާ މަތީފަރާތާ ބައްދަލު ކުރަންބޭނުމޭ، ބައްދަލުކޮށްދޭށޭ ދެންނެވުމުން މަތީފަރާތުގެ ދަރުބާރަށް އެއްރެއަކު އަޅުގަނޑު ހާޒިރުކުރިއެވެ. އެރޭއޭނާ އިންނެވީ އޭނާގެ މަތީފެންވަރުގެ ކޮޓަރިކޮޅުގައެވެ. މަތީފެންވަރުގެ ބޮޑުމޭޒެއްގެ ކައިރީގައިހުރި ބޮޑުގޮނޑިއެއް ގައެވެ. އަޅުގަނޑު ގެންގޮސް އޭނާގެ ކުރިމަތީގައި ހުރިގޮނޑީގައި ބޭންދިއިރު އޭނާއިންނެވީ ކަނައަތުގެ ޝަހާދަތު އިނގިލީގައި ހިލައިން ހަދާފައިވާ، ޢަރަބިން ގެންގުޅޭވައްތަރުގެ ތަސްބީޙައެއް އަނބުރާލަ އަނބުރާލައެވެ. އަޅުގަނޑާ މުޚާޠަބު ކުރެއްވީ އެގޮތަށް އިންނަވައިގެން ގޮނޑިއަނބުރައް ވަމުންނެވެ. ކުރިމަތީގައި ކިޔަންއިންނެވި، ފޮތްބަންޑުން ބާއްވާފައި އޮތެވެ. އެފޮތުގައި ލިޔެފައިހުރީ އިނގިރޭސި ބަހުންނެވެ. މަތީފަރާތުން، އަޅުގަނޑާ ދެއްކެވީ ބޭކާރުވާހަކަ ތަކެކެވެ. މަތީވެރިޔާއަށް އެއްވެސް އެއްޗެއް އެނގޭކަމަކަށް ނުވިއެވެ. މުޅިންވެސް މަތީފަރާތަށް ނޭނގިހިނގާ ކަންތަކެވެ! އެއީ އަޅުގަނޑު ވަރަށް ރަނގަލަށް ދަންނަމީހެކޭ ދެންނެވީމެވެ. އަތަމާގޭ ތެރޭގައި އަޅުގަނޑުވެސް އެގޭ އަންހެން ބޭފުޅުންނާއެކު ރަހްމަތްތެރިކޮށް އުޅުނުއިރު، ތިޔަމަތީފަރާތަށް ކިޔާއުޅުނީ، އާދަންބެ އޭ ދެންނެވީމެވެ. ތިޔަމަތީ ފަރާތަށް އަޅުގަނޑާ ބައްދަލުކުރާކަށް ނުކެރޭނެއެވެ. އަޅުގަނޑުގެ ކަންތަކާ ތިޔަކޮމެޓިން ވަރަށްބޮޑަށް ވިސްނެވުން އެދެމެވެ! ޚާއްސަކޮށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިކަމާމެދު ވިސްނެވުމަށް ފަހު، އަޅުގަނޑަށް ސިފައިން ކުރަމުން މިގެންދާ އަނިޔާތަކުން ވީހާއަވަހަށް ސަލާމަތްކޮށް ދެއްވުން އެދެމެވެ. ބިންގަރާހުގެ މިއަނިޔާތަކުގައި އަޅުގަނޑު ހޭދަކުރަމުން މިގެންދާއިރު ބައެއްފަހަރު އެނދުންތެދުވާ ވަގުތު އަރިއަޅާލައިގެން ވެއްޓޭގޮތް ވެއެވެ. މުޅި ހަށިގަނޑު ހުންނަނީ ތާޒާކަން ގެއްލި އެނބުރުން އަރާފައެވެ. ތާޒާވައި ނުލިބި ބްލޯވަރަކުން ބޭރުންވައްދާ ވައިން މިހެންވަނީއެވެ. ދޫނިދޫގެ ކުދިގޮޅިތަކަށްވުރެ ބިންގަރާހުގެ މިގޮޅީގެ އަނިޔާމާބޮޑުވެފައި ކުރާއަސަރު ގަދައެވެ. އަސަރުކުރަނީ ސީދާ އެތެރެހައްޓަށެވެ. ނޭވާލާޒިޒާމަށެވެ. ފުއްޕާމެއަށެވެ. ސީދާހިރަފުސް ވަންނަ ފަހަރުވެސް އާދެއެވެ. ވައިހުންނަނީ، ތަޣައްޔަރު ވެފައެވެ. އެކިވަސް އެކިފަހަރު ހުރެއެވެ. އޭ! ބޭފުޅުންނޭވެ! އަޅުގަނޑުގެ ހައްގުތައް ވީހާއަވަހަސް އަޅުގަނޑަށް ލިބޭނެގޮތް ހައްދަވައި ދެއްވާށެވެ. އަންހެނުންނާއި ކުދިންގެ ހާލުއަންގައި ދެއްވާށޭވެ. މިކަންތައް ނުވަންޏާ، މިއަނިޔާގައި ތިޔަބޭފުޅުން ވެސް ބައިވެރިވަނީއެވެ. އަވަހަށް ދޫކޮށްލަ ދެއްވުމަށް، މިވާހަކަތައް ނިންމާލަމުން އާދޭސް ދެންނެވީމެވެ. ހެއްކެއް ގަރީނާއެއް ނެތިބަހައްޓައިގެން ނުވާނެކަމަށް ދަންނަވައި މިއަދުގެ ވާހަކަކޮޅު ނިންމާލީއެވެ. މިއަދު މިކަންތައް ނިމިގެން ގޮޅިއަށް ގެންދެވުނީ ވަރަށް ފަހުންނެވެ. ތިބީ ވެލާނާގޭ ގުދަނުގައި ބައިތިއްބާފައެވެ. މިތާނގައި ގުދަނުގައި ބައިންދާފައި އިންކުއްޖެއްގެ ފަރާތުން މިއަންނަ، 17 ވާހުކުރު ދުވަހު ރިޔާސީ އިންތިޚާބުގެ ފެންނަނުފެންނަ އާންމުވޯޓުލުން މުޅިރާއްޖޭގައި އޮންނާނެކަން އެނގުނެވެ. މިސޮރަކީ ދޫނިދޫން ގެނައިކުއްޖެކެވެ. އެދުވަހު މާލެތެރޭގައި ނުލަފާއެރުވި ޕާޓޭންގެ ސޮރެކެވެ. ގޮޅިއަށް ވަންނަމުން ވެސް ދޮރުފަތުގައިހުރި ބިއްލޫރިކޮޅުގައި ތަތްކޮށްފައި ހުރިކަރުދާސް ގަނޑުގެ ތިރީކަނުން، ނުކުންނަމުން އުތުވާލާއި ހިއްލައިލި ކަން، އިތުރަށް އުތުވާލާއި ބޭރު ފެންނަވަރަށް ކަރުދާސްގަނޑުގެ އެކަން ހާމަކޮށްލީމެވެ. ގޮޅިއަށްވަދެ ހަމަޖެހިލައިގެން ކަރުދާސްގަނޑު އުތުވާލިކަނުން ބަލައިލިއިރު ރީތިކޮށް ބޭރުފެނެއެވެ. ކާމިޔާބުކަމެއް ކޮށްލެވުނީއެވެ. އެކަމަކު މިތަންކޮޅުން ބޭރުބަލަންޖެހެނީ ކޮޓަރީގައި އިންކެމެރާއިން ބޭރުބަލަނީކަން ނާންގައެވެ. ހަދާގޮތަކީ، ކިޔެވުމަށް ދޮރުފަތް ކައިރީގައި ހުންނަނީ ކަމަށް ހެދިގެން ބޭރުބަލަނީއެވެ. މިއީލޮލަށް އުނދަގުވާ ކަމެކެވެ. އެހެނަސް ބޭރުނުބަލައެއް ނުހުރެވެއެވެ.

13 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ބިންގަރާހުގެ ގޮޅިއަކަށް ބިދޭސީއަކު ގެނެސް ވެއްދިއެވެ. ކުޑައިރުކޮޅަކަށެވެ. ބޮޑަށްވައްތަރީ އިންޑިޔާދަރިކޮޅުގެ ވިޔަފާރި ވެރިއަކަށެވެ. އޭނާއާ ވާހަކަ ދައްކާލުމުންބުނީ، ތިމަންނާއަށް ކިޔަނީ، މިސްޓަރ ބަދަވަލް ކަމަށެވެ. ގެނެސްގެން މިއުޅެނީ، ފައިސާތަކެއްގެ މައްސަލައެއްގައި ކަމަށް ބުންޏެވެ. އޭނާ މާގިނަވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ގެންދިއުމުގެ ކުރިން، ރާއްޖޭގައި އޭނާބޭނުންކުރާ ފޯންނަންބަރު އަޅުގަނޑަށް އިޝާރާތުން ދިނެވެ. އެއީ، 7775839 މިނަމްބަރެވެ.

14 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 24 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނެތެވެ.

15 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 25 ވަނަ ދުވަހެވެ. އާދައިގެ މަތިން ކެއުމާއި ނަމާދުކުރުމާއި ދުޢާކުރުމާއި ކިޔެވުން ނޫންކަމެއް ނެތެވެ.

16 އޮކްޓޯބަރ 2003 ވިބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 26 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެނުނު ހުފަނެއްގެ ވާހަކަލިޔެ ލާނަމެވެ. ފެންނަނީ، ކޮންކްރީޓް މަސައްކަތް ނިމިފައިހުރި، 6 ބުރީގެ ޢިމާރާތެއްގެ އެންމެމަތީބުރިން އަޅުގަނޑަށް ނުފޭބިގެން އުޅެނިކޮށެވެ. އަޅުގަނޑު އަތުގައި އެފަދަތާކުން ފޭބުމަށް ބޭނުންކުރާނެ ހުރިހާސާމާނެއް ހުއްޓެވެ. ސިފައިން ބޭނުންކުރާޒަތުގެ ދެވަލަކާއި ކައްޕިއެއް ވެސް އޮތެވެ. މިޓްރޭނިންގ އަކީ އަޅުގަނޑު ފަރިތަޓްރޭނިންގ އެކެވެ. ޕާކިސްތާނުގައި ހުރިއިރު ހަދާފައިވާ ތަމްރީނެކެވެ. އަޅުގަނޑު އުޅެނީ އެއްކަމަކަށް ފަހު، އަނެއްކަމެއް ނުކުރެވިގެން ނުފޭބިގެންނެވެ. އަޅުގަނޑާއެކު އެޢިމާރާތުގެ މަތީގައިތިބީ ތިއްތަގެ، މުހަމްމަދު ޢާމިރު (އާންކޮ) އާއި އެހެންކުއްޖެެކެވެ. އާންކޮގެ ފްރެންޑެކެވެ. އާންކޮއާއި އެކުއްޖާ ވަރަށް އަވަސްކަމާއެކު ރީތިކޮށް ފައިބައިފިއެވެ. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ ފޭބޭތޯއެވެ. އެހެނަސް ކޮންމެވެސް ކަމެއްނުކުރެވިގެން ފޭބޭނެގޮތެއް ނުވެއެވެ. އާންކޮ ފައިބަން ހެދިގޮތަކީ ރީތިކޮށް ފުންމާލީއެވެ. އެއްވެސް ގެންލުމެއްނުވެ މޭޒެއްގެ މަތިންފުންމާލިހެން އޭނާ، މިކަންކޮށް ލައިފިއެވެ. އާންކޮގެ ފްރެންޑްވެސް ހެދީއެހެންނެވެ. އެހެނަސް އަޅުގަނޑަށް ފުންމާލާކަށް ނުކެރެއެވެ. ވާބޭނުންކޮށްގެން އުޅެއުޅެވެސް ފޭބޭނެގޮތެއް ނުވިއެވެ. މިޢިމާރާތުގެ ތިރީގައި އަޅުގަނޑުގެ އިންތިޒާރުގައި އަތަމާގޭ އިސްމާޢީލް އަބްދުއްލަޠީފް (މާލު) އާއި އޭނާގެބައްޕަ އަތަމާ އަބްދުއްލަތީފް ހުންނެވިއެވެ. އަދި އަޅުގަނޑުގެ ލޮބުވެތި މާމައާއި ބައްޕަވެސް ތިރީގައި އަޅުގަނޑުގެ އިސްތިގްބާލުގައި އުފަލާއެކު ތިއްބެވިއެވެ. ދެން ހޭލެވުނީވެސް ނުފޭބިއުޅެނިކޮށެވެ. މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ، އަދިވެސް މިތަހުގީގުގައި ކުޑަދުވަސްކޮޅެއް ނަގާނެކަމަށެވެ. ހުރަސްތަކެއް ހުރުމުން ނުނިމިގެން އުޅެނީއެވެ. މިހުރަސްތަކާ ވަރަށްކެރިގެން ކުރިމަތިލާން ޖެހޭނެކަމެވެ. އެހެނަސް ހުވަފެނުގައި އިސްތިގްބާލުގައި ތިއްބެވި މީހުންނާ ބައްދަލުވާނެކަމުގެ އުންމީދު އޮތްލެއް ބޮޑުކަމުގެ މާނައަކީ މިތަހުގީގުން ޝަރީޢަތަކާ ހަމައަށް ނުގޮސް ސަލާމަތްވާނެ ކަމެވެ. ދުނިޔެ ދޫކުރައްވާފައިވާ ލޮބުވެތި ބައްޕައާއިމާމަ އުފާވެރިކަމާއެކު އަޅުގަނޑުގެ އިސްތިގްބާލުގައި ތިއްބަވާތަން ފެނުމުން އިންތިހާއަށް އުފާވެރިކަން ލިބުނެވެ. މިހުވަފެނާމެދު މިއަދު ވަރަށްގިނައިން ވިސްނީމެވެ. އަދި ދެން އޮންނަ ތަހުގީގެއްގައި އަޅުގަނޑަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރީމެވެ.

17 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 27 ވަނަ ދުވަހެވެ. މިއަދަކީ މުޅިރާއްޖޭގައި ރައީސް މައުމޫނަށް ފެންނަނުފެންނަ ކަމުގެ އާންމު ވޯޓުލުން އޮންނަދުވަހެވެ. މުޅިމަޖިލިސް އިއްތިފާގުވި ގޮތަށް މުޅިރާއްޖެއިން ވެސް މަތީޕަސަންޓެއް ލިބޭނެއެވެ. މިއީ ރާއްޖޭގައި މިކަހަލަ ކަންތައް ރޭވިފައި އޮންނަގޮތެވެ. ގައުމުގައި ސިޔާސީ ކަންތައްގަނޑެއް ހިންގާފަހަރަކު ވިއްޔާމާގިނަ ވޯޓުހޯއްދަވައެވެ. މިފަހަރު ރައްޔިތުންގެ މަޖިލީހުގައި ނެގިވޯޓުން، އިއްތިފާގު ހޯއްދެވީމާ އަޅުގަނޑު އަޖައިބުވީމެވެ. މުހަންމަދު ޝިހާބުމެން، ހަސަންއަފީފުމެން، މޮޑީމެން، އިބްރާހީމް މުހަންމަދު ސޯލިހުމެންގެ ވޯޓުވެސް ވަރަށް ފަސޭހައިން ކާމިޔާބު ކުރެއްވިއެވެ.

18 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 28 ވަނަ ދުވަހެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

19 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 29 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި ތަހުގީގަށް ނެރުނެވެ. ވެލާނާގެއަށް ގެންދިޔައީ ބިންގަރާހު ގޮޅިތަކުގައިިބި، 4 މީހަކު އެކުގައި ސިފައިންގެ ޖީޕެއްގައެވެ. މިއެންމެން ނަކީވެސް، 20 ސެޕްޓެމްބަރ ދުވަހު މާލެތެރޭގައި ހިންގުނު ހަމަނުޖެހުން ތަކުގެތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންނެވެ. މީގެތެރެއިން ބައެއްމީހުން ދޫނިދޫން ތަހުގީގަށް މާލެގެނެސް ހަދާކަމަށް ވެއެވެ. މިއަދު މިގެނެވުނު، 4 މީހުންނަކީ، އަޅުގަނޑާއި ޖެނީއާއި ނިއްޓި (ކުޑަހުވަދޫ އަންހެނެއްގެ ދަރިފުޅެއް) އާއި އުމުރަށް ޖަލަށް ހުކުމް ކުރެވިފައި ހުންނަ، އަލީފިރާގް މ.ރެއިންބޯ މާލެ (މަޝްހޫރުކާއްޑަ) އެވެ. ޖީޕުގެ ފަހަތުސީޓަށް އެރުވީ، ކާއްޑައާއި ނިއްޓިއެވެ. ފަހަތުގައި އިންނަކުޑާ ދެސީޓަށް އެރުވީ، އަޅުގަނޑާއި ޖެނީއާ، ދެމީހުންނެވެ. މިދެސީޓަށް އަރަންޖެހެނީ ޖީޕްގެފަހަތު ދޮރުންނެވެ. ނިއްޓި ބަންދުކޮށްފައި ހުންނަނީ ބިންގަރާހުގެ، 2 ނަމްބަރު ގޮޅީގައެވެ. ޖެނީ ހުންނަނީ، 3 ނަމްބަރު ގޮޅީގައެވެ. ކާއްޑަ ހުންނަނީ، 7 ނަމްބަރު ގޮޅީގައެވެ. ކާއްޑަގެގޮޅި އިންވެގެން ހުންނަނީ އަޅުގަނޑުގެ ގޮޅިއާއެވެ. މިބައިގައި އަދިވެސް އިތުރު ގޮޅިތައް ހުރެއެވެ. ނުލަފާކަން ދައްކާ ގައިދީންނަށް ނުވަތަ ޑްރަގްކަހަލަ ބައެއް ކަންކަމުގައި ފިނިކޮށްލައިގެން އެއްބަސް ކުރުވުމަށް ބޭނޫންވާ މީހުންގެގަޔަށް ވަށައިގެން ފެންޖަހާފިނިކޮށް ލުމަށް ހަދާފައި ހުންނަބައެއް ގޮޅިތައް މިބައިގާ ހުރެއެވެ. މިގޮޅިތަކުގެ ތެރެއިން އަޅުގަނޑަށް ފެނުނުގޮޅި ހަދާފައިހުރީ، ގޮޅީގެއެތެރޭގެ ވަށާފާރުތައް މުޅިން ސްޓޭންލެސް ސްޓީލުން ހަދާފައި ދެތިން ދިމާއަކުން މަތިންނާއެކު ފިނިކޮށްފައި ހުންނަ ފެންޖެހޭގޮތަށެވެ. އަޅުގަނޑަށް ފެނުނީ އެންމެ ވީއައިޕީ ގޮޅިއާއި ކައިރީގައި ހުންނަ މިވައްތަރުގެ ގޮޅިއެވެ. މީގެތިންގޮޅި މިބައިގައި ހުރެއެވެ. މިގޮޅިތަކަށް، އެތަނަށްވައްދާ ކުދިންކިޔާއުޅެނީ، “ފެންގޮޅި” އެވެ. އަޅުގަނޑުމެން ހަތަރުމީހުން ޖީޕުން ބޭލުމަށް ފަހު، ވެލާނާގޭ ގުދަންތެރޭގައި އެކިދިމާއަށް ވާގޮތަށް ޕްލާސްޓިކް ގޮނޑިތަކުގައި ބައިތިއްބައި ފިއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ސިފައިންގެ ގާޑުން އަޅުގަނޑުމެން ބަލަހައްޓަން ތިބެއެވެ. މިގޮތަށްތިބޭތާ، 20 ށް މިނެޓްފަހުން ފަހަރަކުމީހަކު ތަހްގީގު ކޮޓަރިތަކަށް ވައްދަން ފަށައިފިއެވެ. ތަހުގީގު ފެއްޓިއްޖެއެވެ. އަޅުގަނޑު މިއަދުވެއްދީ، 1 ނަމްބަރު ކޮޓަރިއަށެވެ. މިއީ މިކޮޓަރިއަށް ވެއްދިފުރަތަމަ ފަހަރެވެ. ތަހުގީގުކުރުމަށް ތިއްބެވީ ވެސް މުޅިންއާ ބައެކެވެ. މިޓީމުފެނުމުން މީގެދެދުވަސް ކުރިން އަޅުގަނޑަށް ފެނުހުވަފެން ހަދާންވެގެން ދިޔައެވެ. އަދި އަޅުގަނޑުގެ ހިތްވަރު ތާޒާވެއާލާވެގެން ދިޔައެވެ. ހިންމަތް އިތުރުވެގެން ދިޔައެވެ. އާދެ! މިކޮޓަރީގައި އިސްކޮށް އިންނެވީ، ރާއިދު އޭކިޔާ ބޭފުޅެކެވެ. ދެންއިންނެވި ބޭފުޅާއަށްކިޔަނީ ހީވާގޮތުގައި އަސީތުއެވެ. މިދެންނެވި ރާއިދަކީ، އެދުވަސްވަރު ވަށްލޯލީއައިނެއް އަޅުއްވައިގެން އުޅުއްވި ސިފައިންގެ އޮފިސަރެކެވެ. އަދި މީނާއަކީ މަގުމަތިން އަޅުގަނޑު ފަހަތުން އުޅޭމީހެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައި ހުންނަ ޖާސުސީ ކަންތައް ރާވައިގެން ހިންގާމީހެކެވެ. ސިޔާސީ ލީޑަރުންގެ ފަހަތުން ފާރަލަމުންދުވާ ސިފައިންގެ އޮފިސަރެކެވެ. އަދި ޑޮކްޓަރ ވަހީދު މާލެވަޑައި ގަންނަވާ ފަހަރުތަކުގައި ޑޮކްޓަރ ވަހީދުގެ ފަހަތުން ކެމެރާކޮށް ހަދަންއުޅެނިކޮށް އަޅުގަނޑު މެންނަށް ފަޅާއަރާފައިވާ ސިފައިންގެ މީހެކެވެ. މީނާއަކީ އެދުވަސްވަރު އަޅުގަނޑުމެންގެ ފަހަތުން ފާރަލުމަށް ދޫކޮށްފައި ހުންނަ ސިފައިންގެ ޖާސޫސެކެވެ. މީނާގެ އަމަލުތައް މާލެތެރޭގައި ހުންނަގޮތުން، އެކަންވަނީ އަޅުގަނޑަށް ފަޅާއަރައި ކަށަވަރުވެފައެވެ. ދެން މިދަންނަވާ، ރާއިދާއެކު ތަހުގީގުކުރާ ކޮޓަރީގައި ތިއްބެވީ، އިތުރު ދެސިފައިންގެ ބޭކަލުންނެވެ. ދެންތިއްބެވީ، ރައްޔިތުން މަޖިލީހުގެ ދެމެމްބަރުން ކަމުގައިވާ، ހއ.އަތޮޅުގެ އިއްޒަތްތެރި މެމްބަރެއް ކަމުގައިވާ، ނިޒާމާއި ދ.އަތޮޅުގެ އިއްޒަތްތެރި މެމްބަރެއް ކަމުގައިވާ، އިސްމާޢީލް ޒާހިރާއި އެޓާރނީ ޖެނެރަލް އޮފީހުން އިންނެވި ސްޓޭޓްއެޓަރނީ އެކެވެ. މީނާއަކީ، އަންނިގެ ޝަރީޢަތުގައި އުޅުއްވި ހިކިދޮންކޮށް ހުންނަވާ އިންޑޮނޭސިޔާ ހިސާބުގެ މީހަކާ ވައްތަރުވާކަހަލަ ގޮތެއްހުންނަ ބޭފުޅާއެވެ. ނަމެއްނޭނގެއެވެ. އަޅުގަނޑު އިށީދެ ހަމަޖެހިލުމުން، ރާއިދު ކުރެއްވި ސުވާލަކީ މިއެވެ. އިލްޔާސް ސިފައިންނަށް ދީފައިވާ ބަޔާނުގައި ސަހަރާއަށް އިލްޔާސް ދިޔަކަން ސާބިތުވެއެވެ. އޮޅުން ފިލުވާލަން ބޭނުންވަނީ، ސަހަރާއަށް ދިޔައީ ކީއްކުރަން ކަމާއި ސަހަރާއަށް ދިޔައީ އިލްޔާސް އަމިއްލައަށް އެކަނިތޯއާއި ސަހަރާއަށް އިލްޔާސް ދިޔައީކާކު ބުނެގެންތޯއެވެ؟ މިކަންތައް އޮޅުންފިލުވާލަ ދޭށެވެ؟ މިސުވާލުތަކަށް އިލްޔާސް ބުނުއްވަނީ ކީކޭތޯއެވެ؟ މިސުވާލުތައް މީނާކުރުމުން އަޅުގަނޑުގެ ހިތަށްވަދެގެން ދިޔައީ މިކަންކަތުގެ ފަސްމަންޒަރެވެ. މިސުވާލުތައް ރާއިދުގެ އަނގައިން އިވުމުން، އަޅުގަނޑުގެ ހިތުތެރޭގައި ބައިވަރުސުވާލުތައް އުފެދި، ވަސްވާސްތައް ގިނަވެއްޖެއެވެ. ގިނަޝައްކުތައް އުފެދިއްޖެއެވެ. ޖަވާބުނުދީ މިކަމާމެދު ވިސްނާލަން މިނެއްޓެއްހާ ހިނދުކޮޅެއް ބޭނުމޭ ދަންނަވާފައި މުޅިމިކަންތައް ގަނޑަށް ސިޔާސީ ވިސްނުމަކުން ނަޒަރުކޮށް ވިސްނާލައިފީމެވެ. މިވިސްނުންތަކަށް ބުރެކިޖައްސާއި މަޑުޖެހިލަން ޖެހުނީ، ކުއްލިއަކަށް ރާއިދު މިކުރެއްވި ސުވާލުތަކުންނެވެ. މިސުވާލުތަކަކީ، އޭނާރަށުތެރޭގައި ހިންގަމުން ގެންދާކަންތަކާ ސީދާގުލުންހުރި މީހަކާކޮށް ގެންވާނެ ސުވާލުތަކެއް ނޫނެވެ. އޭނާހިތުން، އޭނާގެ ޖާސޫސީ އެއްވެސްކަމެއް، އަޅުގަނޑަށް ނޭނގެނީއެވެ. މިކަންތައްގަނޑުގެ ފަހަތުގައި ބޮޑުސިޔާސީ މަންޒަރެއް ފޮރުވިފައި ވެދާނެކަމުގެ ޝައްކުތައް އަޅުގަނޑުގެ ހިތުތެރޭގައި ފާއްދާލީ ފެނިގެންމިދިޔަ މަންޒަރާއި ކަންތަކުންނެވެ. ރާއިދު ނޫންއޮފިސަރެއް މިފަދަސުވާލެއް ކުރެއްވިނަމަ މިވިސްނުންތައް އަޅުގަނޑުގެ ސިކުނޑިއަށް ނުވަނީހެވެ. ރާއިދަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ފާޅުކަން ބޮޑުކޮށް އުޅުނު ފަރާތްތަކުގެ ފަހަތުން ފާރަލުމަށް އުޅުއްވާ ސިފައިންގެ ބޭކަލަކަށް ވެފައި، މީނާ އަޅުގަނޑާ މިކުރެއްވި ސުވާލުތަކަކީ، އަޅުގަނޑަށް ކުއްލި މަޑުޖެހުމެއް ގެނުވާއި ވިސްނާލަން މަޖްބޫރުކުރުވި ސުވާލުތަކެކެވެ. ދެވަނަ ވިސްނުމަކަށް ދިއުމަށް މަޖްބޫރުކުރުވި ސުވާލުތަކެކެވެ. މީގެކުރިންވެސް ބައެއް ސިޔާސީ ކަންތަކުން ނުކުމެފައިހުރި ނަތީޖާތަކުން، އަބަދުވެސް އަޅުގަނޑުގެ ވިސްނުން ހުންނަނީ، މިފަދަ އަޑިނޭންގޭ ކަންތަކަކީ، ސިޔާސީ ރޭވުމެއް ފަހަތުގައި ފޮރުވިފައި އޮންނާނެ ބޮޑެތި ސިޔާސީ ރޭވުންތައް ކަމަށެވެ. އެދުވަސްވަރުގެ ސިޔާސީ މަސްރަޙް ދައްކާގޮތުން، ޖަލުން މީހަކު މާރާލުމާއި ޖަލުގައި ބަޑިޖެހުންފަދަ ބޮޑުޙާދިޘާއެއް ހިންގާލުމަކީ، ގިނަމަގްސަދު ތަކެއް ސިޔާސީގޮތުން ހާސިލްކުރެވިދާނެ އަމަލެކެވެ. ދުނިޔޭގެ ގައުމުތަކުގައި މިފަދަ ސިޔާސީ މުޑުދާރު ރޭވުންތައް ހިންގައި ތަންފީޒުކޮށް، އެކިސިޔާސީ މަގްސަދުތައް ސަރުކާރުތަކުން ހާސިލްކޮށްފައި އެބަހުއްޓެވެ. އަޅުގަނޑަކީ ސިޔާސީ މީހަކަށްވާތީ، އަޅުގަނޑުގެ ސިޔާސީ ވިސްނުންތައް ދިރާސާ ކުރާގޮތުގައި މިކަމަކީ، ހަގީގަތަކަށްވުން ހަމަކައިރި ކަމެކެވެ. އަޅުގަނޑު މެންނާމެދު ސަރުކާރުން، އެދުވަސްވަރު ފާރަލަމުން ގެންދިޔަ ގޮތުންނާއި އަޅުގަނޑުގެ މައްޗަށް އެކިފަހަރުމަތިން އުފުއްލެވި ތުހުމަތުތަކުން މިފަދަ ވިސްނުންތައް ސިކުނޑީގައި ގެންގުޅެން މަޖްބޫރުވަނީއެވެ. އަދި އެދުވަހު ބަޑީގެ ބޭނުންހިފީ ކުށްވެރިން ބަޑިގުދަނަށްވަދެ ހަތިޔާރުތަކުގެ ބޭނުން، ގައިދީން ކުރަންފެށުމަކުން ނޫނެވެ. ޖަލުގައިހުރި ބަޑިގުދަން ހަލާކުކުރުމަށް އެއްވެސް ގައިދީއަކު ބަޑިޖެހިއިރު އުޅެފައެއް ނުވެއެވެ. އަދި އޭރު، ގައިދީން ބަޑިގުދަނުގެ ދޮރާހިސާބަށް ނުވެސް ފޯރައެވެ. ސިފައިންތިބީ ބަޑިގުދަނުން ވަޒަނާއެކު ބަޑިތައްނަގައިގެން މާކުރިންރެޑީވެ، ތައްޔާރީ ހާލަތުގައެވެ. މިކަމުންވެސް ދަލާލަތުކުރަނީ، މިކަމަކީ ދުރާލައި ވާހަކަ ދައްކައިގެން، ރާވާފައިވާ އޮވެދާނެ ކަމަކަމެވެ. އަދި ހަމައެވަގުތާއި އެދަނޑިވަޅާ ދިމާކޮށް، މާލެތެރޭގައި ބޮޑުހަމަނުޖެހުން ތަކެއް ޕާޓޭންގެ ގްރޫޕެއް ލައްވައި ހިންގުމުން ސިޔާސީ މީހުންތައް އަތުލާއި ހިފާހައްޔަރު ކުރުންފަސޭހަވެ، ސަރުކާރު ހިންދަމާލުމަށް އަނެއްކާވެސް މަގުފަހިވެ، ރައްޔިތުންގެ ވޯޓާއި މަޖިލީހުގެ ވޯޓުތައް ކާމިޔާބުކުރުމަށް ހުޅުވަންޖެހޭ ދޮރުތައް ހުޅުވަން ފަސޭހަވެގެން ދާގޮތަށް ހުރިހާކަމެއް ފަހިވެ، ހަމަޖެހިގެން ދާނެއެވެ. މިފަދަ ވިސްނުމަކަށް ބުރަވުމަށް ދޭހަވެގެންދާ ގޮތަށް އެތައްކަމެއް އެދުވަހު އަޅުގަނޑާ ކުރިމަތިވިއެވެ. އަންނިއާއެކު ޑޮކްޓަރ ވަހީދަށް ތާއީދުކުރާ އެންމެން ކަމުގައިވާ، ރާއްޖޭގެ އިސްލާހި ހަރަކާތުގައި އަމަލީގޮތުން ފާޅުގައި އުޅުނު، އަޅުގަނޑުމެން އެންމެން، އެދުވަހު މާލޭގެމަގުތަކުގައި ހަމަނުޖެހުންހިންގި ޕާޓޭންގެ ގްރޫޕާއެކު މަގުމައްޗަށް ނެރެންވެގެން ރޭވުންތަކެއް ރޭވިކަމަށް ދޭހަވާހެކިތައް ފެންނަން އެބަހުއްޓެވެ. އެކިކަންތައް ރާއިދުމެން ލައްވާ ހިނގާފައި އެބަހުއްޓެވެ. މިރާއިދުމެންގެ ޖާސޫސީ ފާރަވެރިކަން މާލެތެރޭގައި ހިންގުނުގޮތާއި އަޅުގަނޑަށް އައިކޯލްތަކާ ވެސް ބައެއްގުޅުންތައް އެބަހުއްޓެވެ. ސަހަރާއަށް ވީހާއަވަހަށް، އަޅުގަނޑު ގެންދިއުމަށް ކޯލެއްއައެވެ. އަދި ދިއުން ލަސްވާތީ އަޅުގަނޑުބަލާ މީހަކުވެސް ފޮނުވުނެވެ. އެހެނަސް އަޅުގަނޑު ނިންމީ މިބައިތައް ތަހުގީގުގައި ހާމަނުކުރުމަށެވެ. މިއަދުގެ މިތަހުގީގުގައި ވެސް މިސުވާލުތަކަށް ރާއިދަށް އަޅުގަނޑު ޖަވާބުދިނީ، ސަހަރާއަށް ދާންއެނގުނީ މަގުމަތިންދިމާވި އަންހެން ގްރޫޕެއް، މެންދުރުދޭއްގެ ޚަބަރު ބަލަން ބުނުމުން ކަމަށެވެ. ޚަބަރުގައި ސަހަރާގައި މަރުވިއީވާން އޮތްވާހަކަ ނުކިޔަސް މިއަންހެން ކުދިންގެ ފަރާތުން ސިފައިން މަރާލި، އީވާން ސަހަރާގައި އޮތްކަން އަޅުގަނޑަށް އެނގިގެން ސަހަރާއަށްދާން އަޅުގަނޑަށް އެނގުނީކަމުގައި ރާއިދަށް ދެންނެވީމެވެ. ދެންކަންތައް ހިންގާދިޔަގޮތް އަޅުގަނޑުގެ ތިޔަބަޔާނުގައި އަޅުގަނޑުގެ ރަސްމީސޮޔާއެކު ފެންނަން ތިއޮއްތީއޭ ދެންނެވީމެވެ. މިއަށްވުރެ އިތުރަށް ތިޔަކުރެއްވި ސުވާލުތަކަށް އަޅުގަނޑު ދޭނެޖަވާބެއް ނެތެވެ. ރާއިދާއި އޭނާއާއެކު މާލެތެރޭގައި އަޅުގަނޑުމެން ފަހަތުން ޖާސޫސުކުރަން އުޅެމުންދާ އޮފިސަރު އަޅުގަނޑާ ސުވާލުކުރުމަށް ތަހުގީގުކޮޓަރި ތަކަށް ނުކުތުމުން މިއަދު، އަޅުގަނޑުހުރީ ފުދޭވަރަކަށް ރުޅިއައިސްފައެވެ. މިމީހުންގެ ފެންވަރާއި މިމީހުންގެ ރޭވުންތައް އަޅުގަނޑަށް ވިސްނިފައި ވުމުން އަޅުގަނޑު ހުރީވަރަށް ބޮޑަށް ރުޅިގަދަ ވެފައެވެ. ރަތަށް އަރާފައެވެ. އަދި އެވަގުތުކޮޅު ތަހުގީގުޓީމު ކުރިމަތީގައި ހުރެގެން، އަޅުގަނޑަށް ކެއްތެރިކަން ދެއްވުންއެދި، ﷲއަށް ހިތުތެރެއިން ދުޢާދެންނެވީމެވެ. މިވާހަކަތަކަށް ފަހު، ދެން ރާއިދު އަޅުގަނޑާ ކުރެއްވި ސުވާލަކީ، އެދުވަހުގެ ދޭއްގެ ޚަބަރުގައި މަރުވިކުއްޖާ ބޭއްވިފައިއޮތީ ސަހަރާގައި ކަމެއްނޭންގޭނެއެވެ. ސަހަރާއަށް ދިއުމަށް އިލްޔާސް ގާތުގައިބުނީ ކާކުހެއްޔެވެ؟ އެއްވެސް މީހަކު އިލްޔާސަށް ފޯނުކުރިތޯ ތަކުރާރުކޮށް ރާއިދު އެއްސެވިއެވެ؟ އަނެއްކާވެސް އަޅުގަނޑު ދަންނަވައިފީމެވެ. ނޫނެކެވެ! ކުރިންވެސް ދެންނެވިހެން އަޅުގަނޑަށް ސަހަރާއަށް ދާންއެނގުނީ މަގުމަތިން ދިމާވި، އަންހެން ކުދިންކޮޅެއްގެ ފަރާތުންނެވެ. މަގުމަތިން މިކުދިންނާ ދިމާވިކަމީ އަޅުގަނޑުގެ ނަސީބޭ ހިތަށް އެރިއެވެ. ދެން އެއްސެވީ އެއީ ކޮންބައެއް ހެއްޔެވެ. އެއީ އަޅުގަނޑު ނުދަންނަބައެކޭ ބުނުމުން ރާއިދު ރުޅިއަންނަގޮތް ދައްކާލެއްވިއެވެ. އެކުދިންގެ ނަންކިޔައިދޭށޭ ބުނުއްވިއެވެ. އެކުދިންގެ ނަމެއް ކިޔައިދޭކަށް ނޭނގޭކަމަށް އަނެއްކާވެސް ތަކުރާރުކޮށް ދަންނަވައިފީމެވެ. ދެން ސުވާލުކުރެއްވީ ސަހަރާއިން ބައްދަލުވީ ކޮންބަޔަކާ ތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ވެސް ޔޫސޭގެ ބަޔާއި އަންނިގެބައި ބޭއްވީ، މުޅިން ސިއްރުކޮށް ފައެވެ. ބަޔާނުގައި ވެސް މިބައިވާނީ ނުގެނެސް ސިއްރުކޮށް ފައެވެ. ރާއިދުކައިރީގައި ވެސް މިބައިބޭއްވީ ބޮޑުސިއްރެއްގެ ގޮތުގައެވެ. ބައްދަލުވި މީހުންގެ ނަންތައް އަޅުގަނޑުގެ ތިޔަބަޔާނުގައި ވަރަށް ތަފްސީލުކޮށް ލިޔެފައިއެހެރީއެވެ. ބައްލަވާލައްވާށޭ، ދަންނަވައިފީމެވެ. ސަހަރާއިން އަޅުގަނޑާ ބައްދަލުވެ ވާހަކަދެއްކީ ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ބޭފުޅުންނާއި މިނިސްޓަރ އަބްދުއްރަޝީދު ހުސައިން (އަބުސީ) އާއި ޝައިޚް އަހްމަދުފާރޫގާއި ޝައިޚް ހަސަން ޔޫސުފާއެވެ. އެމީސްމީހުންގެ ނަންތައް ބަޔާނުގައި ލިޔެސޮއިކޮށްފައި ހުންނާނެއެވެ. ތިބޭފުޅުން ބައްލަވާށެވެ. އޭރުން ފެންނާނެއެވެ. ދެން އަނެއްކާވެސް އެބޭފުޅުންނާ ދެއްކީކޮން ވާހަކައެއްތޯ ރާއިދު ވަރަށްބާރަށް އައްސަވައި ފިއެވެ. އަޅުގަނޑު ވެސް ބާރުއަޑުން ދަންނަވައިފީމެވެ. އަޅުގަނޑު ސަހަރާގައި ހުރެގެން ދެއްކި ވާހަކަތަކަކީ، މީހަކުމަރުވުމުން ދީނުގައި އޮންނަނީ ވީހާއަވަހަށް މައްޔިތާ ވަޅުލުމެވެ. އަބުސީއާއި ފާރޫގު މިތަނަށް ގެންނަވައިގެން ތިޔަބޭފުޅުން އައްސަވާށެވެ. އޭރުންތެދުދޮގު އެނގިލައްވާނެއެވެ. ދެން މީނާއަކަށް މިވާހަކަތައް ކުރިޔަށް ގެންދާކަށް ނުކެރުނެވެ. ރުޅިއައިސް އިންނަވައިގެން ދެން އަޅުގަނޑާ ދިމާއަށް ދެލޯބޮޑޮށް ބައްލަވަން އިންނަވައިގެން އެއްސެވީ، އަޅުގަނޑުގެ ބަޔާން ދައްކާލައްވާފައި މިއީމުޅިން ތެދުބަޔާނެއް ހެއްޔެވެ؟ އަޅުގަނޑު ވެސް ރުޅިއައިސްފައި ހުރުމުން ތަންކޮޅެއްބާރަށް ތިޔައީ ސައްތައިން ސައްތަތެދު ބަޔާނެކޭ، ތިވާހަކަތަކުގެ އިތުރަށް މަރާލިއަސް ބުނާނެ އިތުރުއެއްޗެއް މިއަނގައަކުން ނުނިކުންނާނޭ ދަންނަވައިފީމެވެ. އަދި އަޅުގަނޑުގެ މީނދަދުލަކުން ބޭރެއްނުވާނޭ ކިޔާފައި ރާއިދަށް އަޅުގަނޑުގެ ދޫނެރެލާފައި ދެއްކީމެވެ. މިހާހިސާނުބް އެތާނގައި ތިބިއެހެން އޮފިސަރުންނަށް އަޅުގަނޑު ގެންދިއުމަށް ރާއިދު އިޝާރާތް ކުރެއްވީއެވެ. މިއަދު ތަހުގީގުގެ މިބައިދިޔައީ ވަރަށް ހޫނުކޮށެވެ. ވެގެން މިއުޅޭގޮތަކީ، މަގުމަތީގައި ޖާސޫސުކުރަން އުޅޭގްރޫޕް ތަހުގީގުމޭޒަށް އެރިމާވާނެ ގޮތެވެ. ދެން އަޅުގަނޑަށް ފަހު މިމީހުން ކައިރިއަށް، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށް ވެއްދީ، ނިއްޓިއެވެ. ނިއްޓި ނުކުމެފައި ބުނެދިންގޮތުގައި ނިއްޓި އާދިމާއަށް ރާއިދު މިތަނުން ކޮފޭށޭ ތަހުގީގުމޭޒުގައި އިންނަވައިގެން ބުނުއްވިކަމަށް ނިއްޓި ކިޔައިދިނެވެ. ދެން ވޭނަށް ލައިގެން އަޅުގަނޑުމެން، 4 މީހުން ގެނެސް އެންއެސްއެސް ބިލްޑިންގްގައި ހުންނަ ބިންގަރާސް ގޮޅިތަކަށް ވެއްދީއެވެ. އޭރު ހަވީރު ފަހެއްޖަހާ ބޮޑުވެދާނެއެވެ. އަޅުގަނޑުމެން ހަތަރުމީހުން އެއްކޮށް އުޅެލުމަށް ހިނދުކޮޅެއް ލިބުމުން އަޅުގަނޑުމެން އެންމެންވެސް މިއަދުތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ކުރިން އިޝާރާތުންނާއި ވަގުތުބަލާފައި ހަޅޭލަވައިގެން ވާހަކަދައްކާ އުޅުނުމީހުން ބޭނުންގޮތަކަށް ވާހަކަދައްކާލަން ލިބުނީމާ ވަރަށް ހިތްހަމަ ޖެހުނެވެ. ސިފައިން ވާހަކަދެއްކުން މަނާކުރިޔަސް އެމީހުންނަށް އެކަމެއް ނުހުއްޓުވުނެވެ. އަޅުގަނޑުމެން ދައްކާވާހަކަތައް ރެކޯޑްކުރިޔަސް ހެޔޮކަމަށް އަޅުގަނޑުމެން ބޭނުންވިހާ ވާހަކައެއް ދެއްކީމެވެ. ބައެއް ސިޔާސީ ވާހަކަތައް ވެސް ޖެނީއާއި އަޅުގަނޑު ދެއްކީމެވެ. ހަސަން އަފީފާއި މުހަންމަދު ޝީހާބާއި މޮޑީއާއި އިބްރާހީމް މުހަންމަދު ސޯލިހު (އިބޫ) މެންކަހަލަ ބޭފުޅުން، ސެޕްޓެމްބަރު، 25 ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ސިއްރުވޯޓުގައި ރައީސް މައުމޫނަށް މަޖިލީހުގެ އިއްތިފާގު ދިނުމަށް ބައިވެރިވުމުން އެކަމާދެރަވެގެން އެވާހަކަތައް އަޅުގަނޑުމެން ދެއްކީމެވެ. ޢަމުދުން އިބޫ ގެވޯޓުލިބި ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގު ރައީސް މައުމޫނަށް ލިބިގެން ދިއުމަކީ އެބޭފުޅުންގެ ސިޔާސީ ފެންވަރުދަށްވުން ކަމުގައި އަޅުގަނޑުމެން ނިންމީމެވެ. މިމަޖާވާހަކަތަކާއި ތަހުގީގުތެރޭގައި ހިންގާދިޔަ ހޫނުވާހަކަތަކާއެކު މިއަދަކީ އާދަޔާޚިލާފު ހިތްހަމަޖެހުމެއް ލިބުނުދުވަހެކެވެ. މީގެދެދުވަހެއް ކުރިންފެނުނު ހުވަފެނުގެ ހަދާން، މިކަންތައްގަނޑު ތެރޭގައި އުޅުނުއިރު އަބަދުވެސް ހަނދާންހުއްޓެވެ. އެހުވަފެނަކީ ވެސް ލިބުނުހިތް ވަރެކެވެ. ދެން އެމީހެއްގެ ގޮޅީގައި އެމީހަކު ބަންދުވެ ނިމުނީއެވެ.

20 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 30 ވަނަ ދުވަހެވެ. މިއަދުދިޔައީ ވަގުތުލިބޭ ވަރަކުން، އެންމެން މަޖާކޮށް ހެދުމުގައެވެ. ގާޑުންނަށް އަޑުއިވޭވަރަށް ގަދައަޑުން ވާހަކަދައްކަނީއެވެ. ބައެއްފަހަރު ގާޑްއައިސް މަނާވެސް ކުރެއެވެ. އެހެނަސް އެއީމާބޮޑު ކަމަކަށް މިހާރަކު ނުވެއެވެ. ތިބެނީ ކުރިޔަށްވުރެ ދޫދިފައެވެ.

21 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 31 ވަނަ ދުވަހެވެ. މިއަދަކީވެސް ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.

22 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 32 ވަނަ ދުވަހެވެ. މިއަދަކީ ތަހުގީގުއޮތް ދުވަހެކެވެ. ބަލާއައީ ހެދުނު، 10:30 ގައެވެ. ވެލާނާގެއަށް ގެންގޮސް އިރުގަނޑަކު ގުދަނުގައި ބޭންދުމަށް ފަހު، ވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. މިއަދު ތިއްބެވީ، ތަހުގީގު ފެއްޓެވިއިރު ތިއްބެވި ބޭފުޅުންނެވެ. ވެރިއަކަށް އިންނެވީ، ނައިބުގޭ މުހަންމަދު ހަލީމެވެ. ދެން މަޖިލީހުގެ މެންބަތުންނަށް ތިއްބެވީ، ހިޔަލީއާއި ރާމިޒާއި ސްޓޭޓް އެޓަރނީއަކަށް ނާޝިދެވެ. މިއީ އެއްޓީމެވެ. ގުދަނުން ބޭރުގައި އަޅުގަނޑު ހުޅުމާލެއަށް ދިޔަފެރީގެ ޑްރައިވަރު ގެނެސް އަތްގަނޑުލީ ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދާފައި އިންދާ އަޅުގަނޑަށް ފެނިއްޖެއެވެ. މިއީވެސް ނަސީބަކުން ދިމާވި ރަނގަޅު ކަމެކެވެ. އޭނާގެމޫނު ރަނގަޅަށް ދަސްކޮށްލުމަށް ލިބުނު ފުރުސަތެކެވެ. މީނާފެނި ހީލާހަދާލުމަކީ އަޅުގަނޑަށް ލެއްވި ނަސީބެކެވެ. ތަހުގީގު ކޮޓަރިއަށް ފުރަތަމަ ވެއްދިތަންފެނުނީ ފެރީޑްރައިވަރެވެ. އެންބުރި އައިސް އޭނާއިން ގޮނޑީގައި އިށީދެ ކަނައަތުގެ ބޮޑުވައި އިނގިލިފޮހޭތަން ފެނުމުން އޭނާއެއައި ބަޔާނެއް ދީފައިކަން އެނގުނެވެ. މިއަދުގެ ތަހުގީގުފެށި މިހިނގައިގަތީ، މާލޭން ހުޅުމާލެއަށް އަޅުގަނޑު ދަތުރުކުރިފެރީގެ ޑްރައިވަރައި ހަމައިންނެވެ. ދެން އޭނާއަށް ފަހު، ވެއްދީ އަޅުގަނޑެވެ. އަޅުގަނޑުގެ ތަހުގީގު ފައްޓަވައި ދެއްވަމުން ހަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، އެހެންފަހަރު ތަކުގައި ވެސް ކުރައްވާފައިވާ ސުވާލެވެ. އިލްޔާސް އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟ އަޅުގަނޑު ދަންނަވައިފީމެވެ. ދަންނަވަންހުރި އެއްޗިއްސާއި ބުނަހުރި ވާހަކަތަކަކީ، ހަމައެކައްޗެކެވެ. މިކަމާގުޅިގެން ދަންނަވާނެ އިތުރުވާހަކައެއް ނެތެވެ. އިތުރަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން އަތުގައި އެދުވަހު މަގުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އަޅުގަނޑު އުޅެފައިވާ ކަމުގެހެއްކާއި ގަރީނާހުރިއްޔާ އަޅުގަނޑަށް ދައްކަވާށެވެ. އަޅުގަނޑުގެ ކުރިމައްޗަށް ގެންނަވާށެވެ. އޭރުން އަޅުގަނޑުމިހުރީ، ވަރަށްކެރިގެން ވާހަކަދައްކާށެވެ. އެކަހަލަ އެއްވެސް ހެއްކެއްގަރީނާއެއް ނެތިއްޔާ އަވަހަށް މިނިވަންކޮށް ދޫކޮށްލަ ދެއްވާށެވެ. ދުނިޔޭގެ ވައިރޯޅިއެއް ނުވަންނަ ބިންގަރާހެއްގައި ބަންދުވެހުރެ އަޅުގަނޑުގެ މުޅިހަށިގަނޑު ހަލާކުވެއްޖެއެވެ. އެތަންމިތަނަށް ތަދުއަރަން ފަށައިފިއެވެ. ނިދާހޭލައިގެން އެނދުން ތެދުވެވެނީ ވަރަށް ހާލުން އުޅެގެންނެވެ. މުޅިގަޔަށް ހުންނަނީ ހޫނުވާކަހަލަ ގޮތެއްވެފައެވެ. އުނަގަނޑުން ހީވަނީބިންދައިގެން ހިނގައިދާނެ ހެންނެވެ. މިކަންތައް ވަރަށް ރަނގަޅަށް، ކޮންޓްރޯލް ރޫމްގައި އަޅުގަނޑުގެ ހަރަކާތްތައް ކެމެރާމެދުވެރިކޮށް މޮނިޓަރކޮށް ބަލަހައްޓަންތިބޭ އޮފިސަރުންނަށް އެނގޭނެއެވެ. އެބޭފުޅުން ކުރެން އައްސަވާށެވެ. އެމީހުން ރެއާއިދުވާލު އެތިބެނީ އަޅުގަނޑުމެންގެ މަންޒަރު ބަލަބަލާފައި އަޑުންއަޑުނަގައި ހީސަމާސާކުރާށެވެ. އަޅުގަނޑުގެ އަސާސީހައްގުތައް އަވަހަށް ލިއްބައި ދެއްވާށެވެ. މިފަދަ ޖިސްމާނީ، އަދި ނަފްސާނީ އަނިޔާތަކުން، އަވަހަށް މިންޖުކޮށް ދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނޭވެ! ހައްގުތައް ނިގުޅައި ގަނެވިފައިވާ އިންސާނެއްގެ މިގޮވުންތައް އައްސަވާށެވެ. އަވަހަށް ލުއިކަމެއް ގެނެސްދެއްވާށެވެ! މިވާހަކަތައް މަޖިލީހުގެ އެހެންއިއްޒަތްތެރި މެމްބަރުން އަރިހުގައި ވިދާޅުވެ ދެއްވާށެވެ! އާންމުރައްޔިތުންނަށް ކިޔައިދެއްވާށެވެ! މިއީ އިންސާނަކަށް ދެވޭސާފު އަނިޔާއެވެ. ދެން އިތުރަށް ކުރަންޖެހޭ ސުވާލުތަކެއް ހުރިއްޔާ، އަވަހަސް ކުރެއްވުމަށް އަޅުގަނޑު ހަލީމަށް އެޑްރެސްކޮށް ދެންނެވުމުން ވިދާޅުވީ، އެދުވަހު ސަހަރާއަށް އިލްޔާސް ދުރުވީ، ކާކުބުނެގެން ހެއްޔެވެ؟ ސަހަރާގައި ހުންނަވައިގެން އިލްޔާސް ވާހަކަދެއްކެވީ ކޮންބަޔަކާ ހެއްޔެވެ. ދެއްކެވީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އިލްޔާސްގެ ފޯނަށްގުޅީ ކޮންބައެއް ހެއްޔެވެ؟ މިފަދަ ސުވާލުތަކެއް ކުރައްވަން ހަލީމުފެއްޓެވުމުން އަޅުގަނޑު ކުޑަކޮށް ރުޅިއަންނަގޮތް ވެފައިހުރެ ދަންނަވައިފީމެވެ. އަދި މިހުރީ މިއަދުގެ އެންމެފަހު ވަގުތު ނިންމާލަމުން ތިޔަވާހަކަތައް ދައްކާށެވެ. އާދެ! ތިޔައީ، 19 އޮކްޓޯބަރ 2003 ވީމިދިޔަ އާދީއްތަ ދުވަހު މިތާންގެ ތަހުގީގު، 1 ނަމްބަރު ކޮޓަރިއަށް، އަޅުގަނޑު ވައްދާފައި ރާއިދާއި އެހެން އޮފިސަރަކާ ވެގެންކުރި ސުވާލުތަކެވެ. އަޅުގަނޑު ފެށުމުގެކުރިން، މިވާހަކަތައް ފައްޓަވައި ދެއްވީތީ ވަރަށް ހެޔޮފުޅެވެ. އަޅުގަނޑު މިހުންނަނީ މިވާހަކަތައް މަޖިލީހުގެ މެމްބަރުންނަށް އިއްވާލާހިތުންނެވެ. އަދި މިތަހުގީގު ފުރިހަމަވެ، އިއްޒަތްތެރި މެމްބަރުންނަށް އަޕްޑޭޓްވެގެން ދާނީ، މިވާހަކަތައް ތަފްސީލުކޮށް ދެކެވި، އެބޭފުޅުންނަށް އަޑުއިވިގެންނެވެ. އަޅުގަނޑު ތައްޔާރުވެގެން މިހިރީއެވާހަކަތައް ކިޔައިދޭށެވެ. ފަހެ، ހުރިހާބޭފުޅުން ވެސް އަޑުއައްސަވާށެވެ! މިމަހު، 19 ވަނަ ދުވަހު މިތަނަށް، ވެލާނާގެއަށް ގެނެސްވެއްދިީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާނގައި އިސްކޮށް ތިއްބެވީ، ރާއިދު ކިޔާއޮފިސަރަކާއި ރާއިދާއެކު މާލެތެރެއިން އަބަދުވެސް އެކުގައި އުޅެނިކޮށް ފެންނަ އޮފިސަރެކެވެ. މިދެމީހުންނަކީ އަޅުގަނޑު ދެކޭގޮތުގައި މިފަދަ ޚާއްސަކަމެއް ރައީސް މައުމޫނު ދެއްވައިގެން މަޖިލީހުގެ މެމްބަރުން ބައިތިއްބަވައިގެން ކުރިޔަށް ގެންދަވާ މުހިންމު ތަހުގީގެއްގައި އިސްކޮށް ސުވާލުކޮށްހަދަން ބައިތިއްބައިގެން ވާރުގެބައެއް ނޫނެވެ. އެއީ މާލެތެރޭގައި އަޅުގަނޑުމެން ސިޔާސީ މީހުންފަހަތުން ފާރަލަމުން ފޮޓޯނަގަމުން ދުއްވާހަދަންއުޅޭ، ޖާސޫސީޖޯޑެކެވެ. މިދެއޮފިސަރުންގެ ޖޯޑަކީ އަޅުގަނޑުމެންގެ ކުރިމަތީގައި މުޅިންއަގު ވެއްޓިފައިވާ ބަޔަކުބުނީމާ ބުނާހާގޮތްތަކެއް ހަދަމުންގެންދާ ގުރާޖޯޑެކެވެ. އެއް ނަމްބަރު ތަހުގީގު ކޮޓަރިއަށް އަޅުގަނޑު ވައްދާފައި ރާއިދު ވެސްވަނީ ތިޔަކަހަލަ ހެއްވާސުވާލު ތަކެއް އަޅުގަނޑާ ކޮށްފައެވެ. ރާއިދު މިކުރިސުވާލު ތަކަކީ، އަޅުގަނޑު ކަހަލަމީހަކާ، ރާއިދު ކޮށްގެންވާނެ ސުވާލުތަކެއް ނޫނެވެ. ރާއިދަކީ އަޅުގަނޑުމެން ފަހަތުން ފާރަލަމުންދުވި ބައެކެވެ. މިފެންވަރުގެ ބޮޑު ތަހުގީގެއްގައި އެނާލައްވާ މިފަދަ ސުވާލުކުތައް ކުރުވައިގެން ނުވާނެއެވެ. ބޭޒާރުވެ ފަޅާއަރަމުން މިދަނީ، ތިޔަބޭފުޅުންގެ ރޭވުމެއް ނެތުމުންނެވެ. އަޅުގަނޑުމެންގެ ފަހަތުން ޖާސޫސުކުރަން އުޅޭމީހަކު އަޅުގަނޑު ގެނެސް، ސުވާލުކުރިމާވާނީ ކިހިނެއް ތޯއެވެ؟ ރާއިދަކީ އަޅުގަނޑު މެންފަހަތުން އަޅުގަނޑުމެން ސިޔާސީ މަޅިއެއްގައި ބެއްދުމުގެ ބޭނުމުގައި ދޫކޮށްފައިހުރި މީހެއްކަން ސާފުކޮށް އަޅުގަނޑު މެންނަށް ހެއްކާއެކު އެނގެއެވެ. އެފެންވަރުގެ ދޯދިޔާމީހުން އަޅުގަނޑުމެން ކުރިމައްޗަށް ތަހުގީގުކުރަން ފޮނުވީމާ، ތަިޔަބޭފުޅުން ވެގެންދާނީ އިތުރަށް ބޭޒާރެވެ. އަޅުގަނޑު ބުންޏޭކިޔާފައި މިވާހަކަތައް ތިޔަބޭފުޅާގެ މަތީފަރާތުގައި އަވަހަށް ދަންނަވައި ދޭށެވެ. އިއްޒަތްތެރި މެމްބަރުން ވެސް ތިޔަބޭފުޅުންގެ ސިޔާސީ ލީޑަރުންނަށް އަޅުގަނޑާ ހަވާލާދީ މިވާހަކަތައް ދަންނަވައި ދެއްވާށެވެ. ރާއިދު އަޅުގަނޑައި ކުރިމަތިލައި އެކުރެއްވީ ހަމަސުމެއްގެ ކަމެކެވެ. ރާއްޖޭގެ ލޮބުވެތި ސިފައިން ބަދުނާމު ކުރީއެވެ. އަމިއްލައަށް ފަޅާއަރައި ބޭޒަރުވީއެވެ. އަޅުގަނޑާ ކުރެއްވި ސުވާލުތަކަކީ އޭނާކޮށްގެން ނުވާނެ ބޭކާރުސުވާލު ތަކެކެވެ. ތިޔަބޭފުޅުންގެ ހަރުދަނާ ރޭވުންތެރިކަމެއް ނެތްކަން ސާބިތުވެގެން ހިނގައްޖޭ، އަޅުގަނޑު ދެންނެވީމެވެ. އީވާނުގެ މޫނުދެކެން ސަހަރާއަށް ދާންއެނގުނީ ކިހިނެއްތޯއާއި ސަހަރާއަށް ދިޔައީ ކިހިނެއްތޯއާއި ސަހަރާއަށް ގޮސްވާހަކަ ދެއްކީކޮން ބަޔަކާތޯއާއި ފޯނުންވާހަކަ ދެއްކީކޮން ބަޔަކާތޯ، ހަލީމުވެސް ތިޔައެއްސެ ވީއެވެ. މީރު ސަހަރާއަށް ތިމާގެމީހުންނާއ ގާތްމީހުންގެ މޫނުދެކެން ދިއުމަކީ ސުންނަތެކެވެ. ސަހަރާއަކީ، އެންމެމަތީ ފަންތީންފެށިގެން އެންމެދަށް ފަންތީގެ މީހުންވެސް ދާންޖެހޭތަނެކެވެ. ވަކިމީހަކަށް ނުދެވޭގޮތަށް ހުރިތަނެއް ނޫނެވެ. ޢަމުދުން ތިމާއާގާތް މީހަކުމަރު ވެއްޖެނަމަ، އެމީހެއްގެ ޖަނާޒާއަށް ދާންޖެހޭނެއެވެ. ޖަނާޒާގައި ބައިވެރިވުމަކީ، އައުލާކަން ބޮޑުވެގެންވާ ކުރުމުން ސަވާބުހުރި ސުންނަތެކެވެ. މިވިސްނުމުގައި އަޅުގަނޑު ސަހަރާއަށް ދިޔައީ އެދުވަހު ދޭއްޖެހިއިރު ޓީވީއެމުން ކީޚަބަރުތައް އަޑުއަހާފައެވެ. އަޅުގަނޑުވެސް ސަހަރާއަށް ދިޔައީ އެތަނަށް ވަޑައިގެންނެވި މަތީފެންވަރުގެ އިއްޒަތްތެރިން ވެސް ވަޑައިގެންނެވި ބީދައިންނެވެ. މިނޫންއެހެން އެއްވެސް މަގްސަދެއް ނެތިއެވެ. ސަހަރާއިން ބައްދަލުވި އެންމެންނާއި އެއެންމެންނާ ދެއްކިފައިވާ ވާހަކަަތައް މުޅިއުމުރަށް ބިމުއަޑީގެ ބިންގަރާސް ގޮޅިއެއްގައި ފުރާނަދަންދެން ބޭއްވިއަސް އަޅުގަނޑަށް ބުނެދޭކަށް ނޭންގޭނެއެވެ. އަޅުގަނޑާއި ބައްދަލުވި މީހުންނާއި ދެއްކިވާހަކަތައް ތިޔަބަޔާނުގައި މިހާރުލިޔެވިފައި ފެންނަން އެހެރީއެވެ. ވާހަކަދެކެވިފައި ހުންނާނީ މައްޔިތާއަވަހަށް ވަޅުލުމުގެ މައްޗަށެވެ. މީގެއިތުރުން އަޅުގަނޑުގެ ހަނދާނުގައި އެހެން އެއްވެސް ވާހަކަތަކެއް ނެތެވެ. ޖަލުގެ ނާމާންކަމާއި އަނދިރީގައި އަޅުގަނޑު ބައިންދައިގެން މަރާލިޔަސް މީނޫންއެއްޗެއް ބުނާކަށް ނޭނގޭނެއެވެ. މިހާ ހިސާބުން ނިމުނީއެވެ. ދެންބުނާނެ ބަހެއްނެތެވެ. އަލިފްހާ!

އާދެ! ދެންއޮތީ އަޅުގަނޑުގެ އިލްތިމާސެވެ. މިއަދުގެ އިލްތިމާސަކީ، މިއަނިޔާތަކުން އަވަހަށް ސަލާމަތްކޮށް ދިނުމެވެ. އަދި ކުރީދުވަހު ތަހުގީގުކުރުމަށް ތިއްބެވި ރާއިދު މެންނަކީ، މިފަދަބޮޑު ތަހުގީގެއް ކުރުމަށް، އަޅުގަނޑު ދެކޭގޮތުގައި ބައިތިއްބައިގެން ވާވަރުގެ ޖޯޑެއްނޫނެވެ. އެމީހުންއެތިބީ ޖާސޫސުކުރުމާ އެކު މަގުމައްޗާ ހަމައިން ފެއިލްވެފައެވެ. އެމީހުންނާ ހަވާލުކުރެވުނު މަސައްކަތް އެންމެފުރިހަމަކޮށް ނުކުރެވުނުތާ ފަޅާއަރާ އޮރިޔާން ވެފައެވެ. އެދުވަހު ސުވާލުކުރަން އިންނެވި ރާއިދާއި އަނެއްކުއްޖަކީ، މުޅިރަށުތެރޭގައި ޖާސޫސުކުރާށާއި ސިޔާސީ މީސްމީހުންގެ ފަހަތުން، މޫވީކޮށް ފޮޓޯނަގަމުން ދުވިމީހުންނެވެ. އަޅުގަނޑު ކުރިމަތީގައި އެފަދަ ފެންވަރެއްނެތް ބަޔަކުލައްވާ ސިފައިންގެ ޒިންމާދާރު ވާޖިބުތައް އަދާކުރުވައިގެން ނުވާނެއެވެ. ރާއިދު އަތުގައި އަޅުގަނޑުގެ ފަހަތުންނާއި ކުރިމަތިން ވަގަށް ނަގާފައިހުރި ބައިވަރުފޮޓޯތައް ހުންނާނެއެވެ. ތިޔަބޭފުޅުންގެ މަތީވެރިޔާ ކަމުގައިވާ، އާދަން ޒާހިރަށް މިވާހަކަތައް ދަންނަވާށެވެ. އެހާދަށް ފެންވަރުގެ ކުދިން، އެހާއިސްކޮށް ގެންގުޅުއްވާތީ އަޅުގަނޑު އަޖައިބު ވެއްޖައީމެވެ. އަދި މިކަހަލަ ކަމެއް، އާދަން ޒާހިރާއި އިބްރާހީމް ލަތީފުމެން އިސްކޮށް ތިއްބަވައިގެން ކޮށްފާނެއޭ ދުވަހަކުވެސް ހިތަށްނާރައެވެ. މިފަދަ ފެންވަރެއްގައި އެގުރާޖޯޑު ތިޔަބޭފުޅުން ގެންގުޅުއްވާތީ އަޅުގަނޑު އަޖައިބުވެ އަންތަރީސް ވަމެވެ. އެގުރާޖޯޑު މާލެތެރޭގައި ގަންނަގަނޑު އަޅުގަނޑު ދަންނަމެވެ. އެހެންވެ މިވާހަކަ މިއަދުގެ އިލްތިމާސެއްގެ ގޮތުގައި ދަންނަވާލީއެވެ. މިހާހިސާބަށް ވާހަކަތައް ދިއުމުން ހަލީމް އައްސަވައިފިއެވެ. އެދުވަހު އިލްޔާސް އަތުން ބަޔާނެއް ނެގިތޯއެވެ؟ ވަގުތުން އަޅުގަނޑު ޖަވާބުދިނީމެވެ. އެޖޯޑަށް އަޅުގަނޑު އަތުންނެގޭނެ ބަޔާނެއް ނޯންނާނެއެވެ. އެމީހުން ގަދަބާރުން ބަޔާނެއް ނަގަންއުޅުން ނަމަވެސް އެކަމެއް ނުވީހެވެ. ބަޔާނެއް ނުދިނީމުހެވެ. ސުވާލުކޮށް ކޮށްފައި ރުޅިއައިސްގެން އަޅުގަނޑު ފޮނުވާލީއެވެ. ފަހުން ބަޔާނެއް ނަގަން އޭނައަށް އުޅޭން ނުކެރުނީއެވެ. ނުވަތަ އަޅުގަނޑު ދެއްކި ވާހަކަތައް ތިޔަބޭފުޅާގެ މަތީމީހާއާ ހަމައަށް ގޮސްގެން ރާއިދުގެ މަސައްކަތުން ރާއިދުބޭރުކުރީ ކަމަށްވުންވެސް އެކަށީގެން ވެދާނެއެވެ. އޭނާއަކީ ތިޔަބޭފުޅުން ގެންގުޅޭވަރުގެ ސޮރެއްނޫނެވެ. އަޅުގަނޑަކީ އަބަދުވެސް ޖަލުގައިހުންނައިރު ބައެއްވިސްނުންތައް ތިޔަބޭފުޅާގެ މަތީވެރިޔާއަށް ވެގެން ވިސްނާހަދާ މީހެކެވެ. އަދިބައެއްފަހަރު ރައީސް މައުމޫނަށް ވެގެންވެސް ބަންދުގައިތިބި މީހުންނަށް ހަދާނެގޮތަކާމެދު ވިސްނާހަދަމެވެ. އޭރުން އަޅުގަނޑާ މެދުއަންނަމުންދާ ހުރަސްތަކުން ގިރާކުރަން ފަސޭހަވެއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ މިވާހަކަތަކަށް ފަހު، ރާއިދަށް މިހާރުއެއުޅުއްވާ ފެންވަރުގައި ނޫޅުއްވޭނެ ހެންނެވެ. ކޮންމެއަކަސް އަޅުގަނޑުހުރީ އެޖޯޑަށް ބަޔާނެއް ނުދޭންނިންމައި ގެންނެވެ. މިހާރު މިހުންނަނީ އެބައި ހުއްޓިގެން ދިއުމުން ވަރަށްއުފާކޮށް ކޮށެވެ. މިވާހަކަތަކަށް ފަހު، ހަލީމް ހެއްދެވި އެއްޗަކީ، އަޅުގަނޑު ދެއްކިވާހަކަތައް ރަފްކޮށް ލިޔެލާފައި ރަފްބަޔާނެއްގެ ގޮތުގައި އޭގައިސޮއި ކުރުވުމަށް ފަހު ނެރެގުދަނުގައި އަނެއްކާވެސް ބޭންދީއެވެ. ދެން އިރުކޮޅަކަށް ފަހު، ފެރީގެކެޕްޓަން އަނެއްކާވެސް ވެއްދިތަން ފެނުނެވެ. ދެން އިރުކޮޅަކަށް ފަހު، ވެއްދީ އަޅުގަނޑެވެ. އޭރު ފެރީޑްރައިވަރު އެތެރޭގައި ބައިންދާފައި އިނެވެ. އަޅުގަނޑު މިވެއްދީ، އަޅުގަނޑު އެދިފައި އޮތުމުން، ފެރީކެޕްޓަނާ އެއްހާޒިރު ކުރުމަށެވެ. ފެރީކެޕްޓަނަށް އަޅުގަނޑު ފެނުމާއެކު އޭނާގެމޫނުމައްޗަށް ހިނިތުން ވެރިވެއްޖެއެވެ. ހަލީމް އައްސަވައިފީއެވެ. އިލްޔާސް ބުނަނީކީކޭ ހެއްޔެވެ؟ އެދުވަހުގެ ހައެއްގެ ފެރީދުއްވީ މިއިންނެވި ބޭފުޅާއެވެ. ދެން އަޅުގަނޑު ދަންނަވައިފީމެވެ. ހަމަގައިމުވެސް އަޅުގަނޑު ހުޅުމާލެއަށް ގެންދިޔައީ މީނާއެވެ. ޔަގީންވާނީ އޭނަހީލީމައެވެ. އަދި އެނާގެދަތްތައް ފެނުނީމައެވެ. އޭނާގެ މެދުދެދަތް ބިނދިފައި ހުންނާތީ، އޭނާހީލީމާ ވަރަށްމަޖާ ވާނެއެވެ. ފެންނާނީ ވަރަށްމަޖާކޮށެވެ. އަޅުގަނޑު މިހެންބުނެ ނިމޭއިރަށް އޭނާގާތަށް ވަރަށްބޮޑަށް ހިނިއަތުވެއްއެވެ. އެންމެންނަށް ވެސް ފެރީކެޕްޓަންގެ ހިނިތުންވުމާއި ހީލެއްވުން ފެނުމުން އޭނާގެދަތްތައްހުރީ އަޅުގަނޑު ކިޔައިދިން ގޮތަށްކަން ކަށަވަރު ވެއްޖެއެވެ. އަޅުގަނޑު ދޯންޏަށް އަރުވަންވެގެން ދޯނިދުއްވާލި ފަހުން ދޯނިގެ ފަހަތްކޮޅު ތޮށިގަނޑާ ކައިރިކޮށް ލުމުން ދޯންޏަށް އަޅުގަނޑުއެރީ ތޮށިގަނޑުމަތިން ފުންމާލައިގެން ކަމަށް އަޅުގަނޑު ދެންނެވުމުން ވިސްނާލާފައި ފެރީކެޕްޓަން ބުނުއްވަނީ، ތީގެދެމީހުން އުޅޭދޯއެވެ؟ އަނެކަކީ ޕިކަޕްއެދުއްވާ މީހާދޯއެވެ. ދެން އަޅުގަނޑު ތަހުގީގުޓީމަށް ދަންނަވައިފީމެވެ. ކެޕްޓަން އެބުނުއްވަނީ އަޅުގަނޑުގެ ކޮއްކޮ ހަންދުގެ ވާހަކައެވެ. ދެން ފެރީކްޕްޓަން އާއެކޭ ދަންނަވައި އޭނާއެދުވަހު ގެންދިއައިމޭ އެންމެންގެ ކުރިމަތީގައި ދަންނަވައިފިއެވެ. އަޅުގަނޑު އެގަޑީގައި ހުޅުމާލެއަށް ގެންދިޔަކަމަށް އެއްބަސް ވެއްޖެއެވެ. އަދި މީގެއިތުރަށް އޭނާބުންޏެވެ. އެހެނަސް އަށެއްގެފެރީ ދުއްވީ ތިމަންނާއެއް ނޫނެވެ. އިލްޔާސް މަލެގެނައީ އެހެންމީހެކެވެ. ތިމަންނާއެއް ނޫނެވެ. އަދި އެފެރީއަކީ ހަމަތިދޯނި ކަމުން ރޭޑިޔޯ އަޅުވައިދިނީ ވެސް އެދޯނިދުއްވަން އިންމީހާއެވެ. ތިމަންނާއެއް ނޫނެވެ. އިލްޔާސް ތިބުނުއްވާ ޚިތާބެއް އެއްސެވިކަމެއް ތިމަންނާއަކަށް ނޭނގެއެވެ. އެދޯނީގެ ކެޕްޓަން ކައިރިން އެވާހަކަ އައްސަވާށެވެ. ދެން މިއަދުގެ ތަހުގީގު މިހާހިސާބުން ނިންމާލީއެވެ. ދެން މެންދުރު، 12:30 ގައި ތިބޭގޮޅިއަށް ގެނެސްލައި ތަޅުލީއެވެ.

23 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. ރޭގެގަދަ ނިދީގައިއޮއްވާ ހުވަފެނުގައި ފެންނަނީ އަޅުގަނޑުމެންގޭގައި އަޅުގަނޑު ކުޑައިރު ވެލިއްސަރަށާއި ވާދުއަށްދާން ބައްޕަ ގެންގުޅުއްވި ކުޑަދޯނީގައި ފައްސިޔައަށް ރިޔަލުގައި ވައިއަޅުވާލާފައި ވާދޫކަނޑުގައި ދުއްވާލާފައި އައިސް މާލޭގެ މަގުތަކުގައިވެސް މަޖީދީމަގުން، އޯކިޑްމަގުން ދުއްވާލާފައި ބާރަށްދާތަނެވެ. އެންމެންގެ ތާއީދާއި ރުހުމާއިސާބަހާ އެކުގައެވެ. ޓްރެފިކް ލައިޓެއް ކައިރިޔަށް މަޑުކޮށްލިތަނާ އަންހެނުން، ރުކްސާނާގެ ފޯނެއް އައިސްގެން އެފޯނުގެ ޖަވާބުގައި ވަރަށް އަވަހަށް ގެއަށް އާދެވިދާނޭ ކުދިވެރިންނާ ބައްދަލުވެދާނޭ ބުނިތަނާ ހޭލެވުނީއެވެ. މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ މިއީ ވަރަށްމާތް ހުވަފެނެއްކަމަށެވެ. ބޮޑެތި ބިރުވެރި ތަހުގީގު މަރްހަލާތައް ނިމިފައި ވަނިކޮށް މިފެނުނު މަންޒަރުތަކުން ސާފުވާއެއްޗަކީ ޝަރީޢަތާ ހަމައަށް ނުގޮސް މިކަންތަކުން ސަލާމަތްވާނެ ކަމެވެ. އަޅުގަނޑުގެ އެންމެބޮޑު ދުޢާއަކީ ވެސް މިއީއެވެ. މިދުޢާއަކީ އަބަދުވެސް އަޅުގަނޑު ކުރަމުން ގެންދިޔަ ދުޢާއެކެވެ. މިއަދު ވަރަށް އުފާވެރިއެވެ. މިހުވަފެނުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. މިކަންތައް ގަނޑަކީ، އަޅުގަނޑުމެން ސިޔާސީގޮތުން ނަގާކިޔާ މީހުންތައް ހިފާހައްޔަރު ކުރުމަށް ރާވައިގެން ހިންގިމާސިންގާ ސިޔާސީ ކަންތައް ގަނޑެއްކަން އަޅުގަނޑުގެ ހިތުގައި އަބަދުވެސް ވަޅުޖަހާފައި އޮވެއެވެ. ކަންތަށް ވެފައިހުރި ގޮތަށާއި އަޅުގަނޑައި ރާއިދުމެން ކުރިސުވާލުތަކުން މިއީ އަޅުގަނޑަށް ކަށަވަރު ކުރެވިފައިވާ ކަމެކެވެ. ހަގީގަތެއް އެކުލެވޭ ކަމެކެވެ. ޖަލުންމީހަކު މަރާލުމާއި ޖަލުގައި ބަޑިޖެހުމަކީ، ސިޔާސީ ރޭވުންގަނޑެއް މިޙާދިޘާގެ ފަހަތުގައި ފޮރުވިފައިވާ ކަމެކެވެ. ސިޔާސީ ރޭވުމެކެވެ.

24 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މިއަދު އުޅެން ޖެހުނީ، ގަޔަށްތަދުވާތީއެވެ. ޚާއްސަކޮށް އޮށޯވެއޮވެފައި އެނދުން ތެދުވާވަގުތު ވަރަށްތަދުވެއެވެ. ކުރާނެކަމެއް ނެތުމުން ކުރަންފެށިކަމަކީ، ހަތްފަހަރު އަލްޙަމްދު ސޫރަތްކިޔާފައި ތަދުވާ ދިމާއަށް ތިންފަހަރު ފުމެލަނީއެވެ. ނުފުމުވޭ ހިސާބަކަށް ތަދުވާނަމަ، ކަނާއަތަށް ފުމެލާފައި އެއަތުން އެހިސާބެއްގައި ފިރުމާލާ ހަދަނީއެވެ. ދެން ކިޔަވާއާޔަތަކީ ކުރުސިއެވެ. ކުރުސިވެސް ކިޔަނީ ހަމަމިގޮތަށް، 7 ފަހަރުއެވެ. ނުވަތަ، 11 ފަހަރުއެވެ. ދެން ކިޔާއުޅުނީ އަޅުގަނޑު ކިޔަވަންއުޅުނު ދުވަސްވަރު ދަސްވެފައިވާ، ތަދުވާތަންތަނަށް ކިޔުމަށް ވާރިދުވެފައިވާ، “އަޢޫޒުބިއްލާހި މިންޝައްރި މާއަޖިދު ވައުޙާޟިރު” މިދުޢާއެވެ. ކިޔަނީ، 7 ފަހަރުއެވެ. ދެންތިންފަހަރު ފުމެލަނީއެވެ. މިކަންކުރަން ފެށިފަހުން، ﷲގެ އިރާދަފުޅުން ތަދުކެނޑެއެވެ. ހަމަޖެހިލައިގެން އުޅެލެވޭވަރު ވެއެވެ. އަރާމުލިބެއެވެ. ފަހުން އަނެއްކާވެސް ތަދުއެރިމާ ތަކުރާރުކޮށް މިކިޔެވެލީގައި ހިފާއްޓާލަނީއެވެ. މިއީ އަޅުގަނޑު ތަޖްރިބާކޮށް ފައިވާ، މުޖައްރަބު ކަމެކެވެ. ތަނަކަށްތަދުވެ ބޭހުގެފަރުވާ ވަގުތުން ލިބެންނެތްނަމަ މިކަންތައް ހެޔޮނިޔަތާއެކު ކުރެއްވުމުން، ﷲ ޝިފާދެއްވާނެއެވެ.

25 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. ރޭގައިނިދާފައި އޮއްވާ، 11:00 އެހާކަންހާއިރު، ގާޑަށްހުރިކަލޭގެ ދޮރުހުޅުވާ ލުމަށްފަހު ޓަކިޖަހާލިތަނާ ހޭލެވުމުން އޭނާ ސަލާންގޮވާލާފައި ބުންޏެވެ. މާދަމާރޯދައަށް ވެއްޖެއެވެ. މިރޭހާރުކާން ގެންނާނީ ކޮންއެއްޗެއް ތޯއެވެ؟ މެންދުރާ ރޭގަނޑަށް ގެންނަގޮތަށް ގެނައުމުން ރަނގަޅުވާނޭ ބުނީމާ އޭނާދިޔައީ ލިސްޓެއް ނަގައިގެންނެވެ. މޭވާގެންނާނީ ރޯދަވީއްލާއިރު ކަމަށް ބުނީމެވެ. ހާރުކެއުމަށް އިތުރުކުރީ، ޝުގަރފްރީ ޔޯގާޓް ތައްޓެކެވެ. މާލަސްތަކެއް ނުކޮށް ގާޑްމިކަންތައް ނިންމާލާފައި ލިސްޓްހިފައިގެން ހިނގައްޖެއެވެ. ކުއްލިއަކަށް ހީކޮށްގެންތިބި ގޮތާޚިލާފަށް ހަނދުފެނުނީމާ، ކުޑަކޮށް އަޖައިބުވިއެވެ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިއޮތީ، ރަމަޟާންމަހު އެކަކަށްވާނީ، 27 ވާހޯމަކަމަށެވެ. އަޅުގަނޑުމެން ތިބީވެސް މިގޮތަށް ނިންމައިގެންނެވެ. އެހެނަސް މުލަރޯދައަށްމިވީ، 26 ވީއާދީއްތަ ދުވަހެވެ. ދެން ނިދޭގޮތެއް ނުވިއެވެ. ހާރުކައިގެން ނިދަންނިންމައިގެން ކިޔަވަން އިނީއެވެ. 12 ޖަހައިފިއެވެ. އެކެއް ޖަހައިފިއެވެ. ހާރުކެއުމެއް ނާދެއެވެ. ދެންވެސް ނުނިދާ ހާރުކެއުން ގެނޭތޯހޭލާ ކިޔަވަން އިނީއެވެ. ގާޑްހޯދާހޯދާ އޭނާވީތަނެއް ނޭނގުނެވެ. ދޮރުގައި ތަޅައިގެން ވެސް ހިލަމެއްނުވިއެވެ. މިހެންއިންދާ، ދެގޮލައަކު އައިސް އަޅުގަނޑުގެ ގޮޅީގެ ދޮރުގައި ހުރިބިއްލޫރި ކޮޅުގައި ބޭރުން ތަތްކޮށް ފައިހުރި ކަރުދާސްތައް ވިދާލާއި ނައްޓާލައިފިއެވެ. މިކުދިންތައް ކަރުދާސްތައް ނައްޓާލާފައި އަވަހަށް ނުކުންނާށޭ، ކިޔާފަ އަތުން އިޝާރާތް ކުރަންފަށައި ފިއެވެ. ދެން އެނދުން ތެދުވެގެން އައިސް އަޅުގަނޑު ބުނެފީމެވެ. މަތިންތަޅުދަނޑި ލިބިގެންނޫނީ ނުހުޅުވޭނެއެވެ. ދޮރުފަތުގައި އިންގޮބު އަނބުރައަނބުރާ ވެސް މިކުދިންނަށް ގޮތެއްނުވިއެވެ. ދެން ދޮތުފަތުގައި ފައިންތަޅަތަލާފައި މިދެކުދިން ޖެނީމެންނާއި ނިއްޓިމެންނާ ވާހަކަތަކެއް ދައްކާހަދާފައި މައްޗަށް އަރައިގެން ހިނގައްޖެއެވެ. ދެން ވެސް އިރުއިރުކޮޅާ އެކިކުދިން މަތިންފައިބާ ހަދައެވެ. އެކިއެކި ތަޅުދަނޑި ފަތިތައް ގެނެސް އަޅުގަނޑުމެންގެ ގޮޅިތަކުގެެ ދޮރުުތައް ހުޅުވޭތޯ ބުރަމަސައްކަތް ކުރަމުން ގެންދެއެވެ. ބިއްލޫރިކޮޅުގައި ތަތްކޮސްފައިހުރި ކަރުދާސްތައް ނެއްޓުމުން މިހުރިހާ މަންޒަރެއް އަޅުގަނޑަށް ރީއްޗަށްފެނެއެވެ. ވެގެން މިއުޅޭގޮތެއް ސާފުވީ އިރުކޮޅެއް ފަހުންނެވެ. މިކުދިވެރިން ބާރުބާރަށް މިވާހަކަތައް ދައްކަން ފެށުމުންނެވެ. މަތީބުރީގައި، ގްރައުންޑްފްލޯގައި ހުންނަބޮޑު ގޮޅީގައިތިބި މީހުންނަށް ހާރުކާންގެނެސް ގޮޅިއަށް ވެއްދުމުން، ކެއުންގޯސް ވެގެންނޭ ކިޔާފަ ހަޅުތާލުހަދައި ގާޑްގައިގާ ތަޅައިގަނެ މިވެރިންގޮޅިން ނުކުމެ ދެންހުރިގޮޅިތަކުގެ މީހުން އެގޮޅިތަކުން ނެރުނީއެވެ. ތިރީބުރީގެ ތަޅުދަނޑިތައް މިވެރިންނަށް އުޅެއުޅެވެސް ނުފެނުނީއެވެ. މަތީގައިތިބިހުރިހާ ކުށްވެރިން ދޮރުތައް ހުޅުވައިގެން ނެރުނީއެވެ. ކާންދޭންހުޅުވި ވަގުތުތަޅުދަނޑި ފަތިވެސް ދަމައިގަތީއެވެ. އެއަށްފަހު މިދެބައި ގައިދީންގެ ކޮންޓްރޯލް ދަށަށްގެނައީއެވެ. ތިރީގޮޅިތަކުގެ ތަޅުދަނޑިފަތި ނުފެނިގެން އެކަކަށް ވެސް ނުކުމެވޭގޮތެއް ނުވިއެވެ. މިމީހުންތައް ތިރިއަށް އައިސް ވާހަކަދައްކާއި އެއްޗެހިދީ ހެދިއެވެ. މިގޮތަށް ދޭއްޖެހީއްސުރެ ތިންގަޑިބަޔަށްވުރެ ބޮޑުވަންދެން މިވެރިން މިތާތެރޭގައި އުޅުނެވެ. އެއްވެސް ސިފައިންގެ ބޭކަލެއް ނުފެނެއެވެ. ސިފައިން މަސައްކަތް ކުރަމުންގެންދަނީ މިވެރިންނާ ވާހަކަ ދައްކައިގެން ގޮޅިއަށް ލެވޭތޯއެވެ. ސިފައިންގެ މަސައްކަތުން މިވެރިން ގޮޅިތަކަށް ވައްދާއި އަޅުގަނޑު މެންނާ ބަހެއް ބުނެވޭވަރުވީ ފަތިހު ހަތަރެއް ޖެހިފަހުންނެވެ. ކާނެއެއްޗެއް ގެނެވޭވަރުވީ ފަހެއްޖަހަން ފަނަރަވީފަހުންނެވެ. އަޅުގަނޑަށް ގެނެސްދިނީ އޮފިސަރުންގެ ކެއުމެވެ. ވަރަށް ރަނގަޅަށް ހުއްޓެވެ. އޮރެންޖަކާއި އާފަލެއްވެސް އޮތެވެ. ކައިނިމުނުއިރު ބަންގިގޮވާ ނިމެނީއެވެ. އަޅުގަނޑު ހެދިގޮތަކީ ބަންގީގެކުރިން ހާރުކާންފެށިފައި ވުމުން ރަނގަޅަށް ކައިނިންމާލީއެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ މިހާލަތުގައި ހުއްދަކަމެކެވެ. ހާރުކައި ނިމިގެން ވުޟޫއުކޮށް ފަތިސްނަމާދު ކޮށްގެން ނިދަންއޮށޯތީއެވެ. ފުރަތަމަ ރޯދައަށް ފަށައިގަނެވުނީ މިފަދަހާލެއްގައެވެ.

26 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރޭގައިހާރު ކައިނިމުނީ ބަންގިއާ އެކުގައެވެ. މިއަދަކީ މުލަރޯދަ ދުވަހެވެ. ބަޑުފައިވާ ގޮތެއްނުވެއެވެ. ކިޔަވާއި ނަމާދުކޮށް ހަދާލުމުން މިއަދު ދިޔަގޮތްވެސް ނޭނގުނެވެ. ރޯދަވީއްލުން ބަންގީގެ ފަސްމިނެޓްކުރިން ގެނެސް ގޮޅިއަށް ވެއްދީމާއި ރޯދަވީއްލަން ޖެހުނީގާޑް އައިސް ބުނުމުންނެވެ. ބަންގީގެއަޑެއް ބިންގަރާހަކަށް ނީވެއެވެ. ފާޑަކަށް ސައުންޑްޕްރޫފް ތަނެކެވެ. ނަމާދު ވަގުތުވެސް ބަލަނީ ގަޑިންނެވެ. ރޯދަވީއްލުން ގެނެސްފައި ހުރިލެއް ވަރަށް ރަނގަޅެވެ.

27 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ކިޔަވަން ގޮޅީގައި އިނީއެވެ. ޢިޝާނަމަދަށް ފަހު ތަރާވީޙް ނަމާދުކުރަމެވެ. ކުރަނީ، 8 ރަކްޢަތެވެ. ދެން ވިތުރިއެވެ.

28 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ރޭގަނޑު ތަރާވީހް ނަމަދު ނިންމާލައިގެން ކާއްޑައާއި ޖެނީއާއި އަޅުގަނޑާއި ނިއްޓިއާ އެންމެން ވާހަކަދައްކަން ތިއްބާ، ގާޑަކުއައިސް މިރޭ، 10:30 އަށް އަޅުގަނޑާއި ޖެނީއާދެމިހުންނަށް ތަހުގީގަށް ވެލާނާގެއަށް ދިއުމަށް ތައްޔާރުވެގެން ތިބުމަށް އަންގައިފިއެވެ. ބަރާބަރު އެގަޑިއަށް އަޅުގަނޑުމެން ދެމީހުންބަލާ އަތުވެއްޖެއެވެ. ގޮޅިންނެރެގެން ސިފައިންގެ ޖީޕެއްގެ ފަހަތުސީޓުގެ ބިއްދަށުގައި އިންނަ ކުޑަދެސީޓަށް ޖީޕުގެފަހަތުދޮރު ހުޅުވާފައި އަޅުގަނޑާއި ޖެނީ އާދެމީހުން އެރުވައިފިއެވެ. ޑްރައިވަރު ކައިރިއަށާއި ޖީޕްގައިދެންހުރި ފަހަތު ސީޓަށްއެރީ ސިފައިންނެވެ. އަޅުގަނޑާއި ޖެނީއާ ދެމީހުން ހަމަޖެހިލައިގެން ވާހަކަދައްކަން ތިއްބާ، ވެލާނާގެއަށް ގެނެސް ބާލައިފިއެވެ. މިރޭ ގުދަނަށް ނުވައްދާ ގެންގޮސް ވެއްދީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާއެކަކުވެސް ނެތެވެ. ހުރީހުހަށެވެ. އަޅުގަނޑާއި ޖެނީއާ އެކޮޓަރީގައި ބައިތިއްބާފައި ނަޢީމް ހިންގައެޖެއެވެ. ތަންކޮޅެއް ލުއިވީއެވެ. ވާހަކަ ދެއްކުން ވެސް މަނަލެއްނޫނެވެ. މިރޭ އަޅުގަނޑު މެންނަށް، ކަންތައް މިކުރަނީ ވަރަށް ރަނގަޅަށެވެ. އަޅުގަނޑުމެން ބޭނުންވަރަކަށް އެކަކުއަނެކަކަށް ވާހަކަދައްކަން އޮތީދޫކޮށް ލާފައެވެ. އެހެން ފަހަރުތަކުހެން މަނާކަންތަކެއް ނެތެވެ. މިކޮޓަރިހުރީ އެއަރކޯން ޖައްސާފައެވެ. ފިނިކޮށެވެ. ހަމަހިމޭން މަޖާވަގުތު ކޮޅެކެވެ. ފުރަތަމަ ތަހުގީގަށް ވެއްދީ، އަޅުގަނޑެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 3 ނަމްބަރު ތަހުގީގުކޮޓަރި އަށެވެ. ތަހުގީގު މޭޒުގައި އިސްކޮށް އިންނެވީ ހަލީމާއެކުގައި މިތަހުގީގުގައި އިސްކޮށް އުޅުއްވާ ލޮޔަރ ބަޝީރެވެ. ދެން ތިއްބެވީ، އެފެންވަރުގެ އިތުރު ދެސިފައިންނެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ނ.އަތޮޅު މެންބަރު އަލިބެއާއި ގދ.އަތޮޅު މެމްބަރު އިއްޒަތު ސިދްގީއެވެ. ދެން ބަންޑާރަނައިބު އޮފީހުން އަލަށްމިރޭ އެކަނިފެނުނު ބޭފުޅެކެވެ. މީނާއަކި ވަރަށް މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވި ޢަރަބިބަސް ވެސް ދެނެލައްވާ ބޭފުޅެކެވެ. މިސްރުގައި ކިޔަވާވިދާޅުވަން އުޅުއްވިކަމަށް ވެއެވެ. އަދި ގުރްއާން ހިތުދަސް ބޭފުޅެކެވެ. ވާހަކަދެއްކެވުމުގައި އަޅައިގަންނަ ކަހަލައުނދަގޫ ގޮތެއްހުންނަ ބޭފުޅެކެވެ. މިބޭފުޅާ އަޅުގަނޑު ވަރަށް ރަނގަޅަށް ދަނެއެވެ. އެހެނަސް އަޅުގަނޑު މިބޭފުޅާ މީގެކުރިން ނުދަންނަމެވެ. މިވާހަކަތައް ލިބުނީ ސިފައިންގެ ފަރާތުންނެވެ. އަޅުގަނޑަށް ހީވަނީ މިބޭފުޅަކީ، އައްޑުއަތޮޅު ހުޅުދޫ އަލްއުސްތާޒް އަބްދުﷲ ސަޢީދު ހެންނެވެ. ތަހުގީގު ކޮޓަރިއަށްވަދެ ހަމަޖެހުމުން، ބަޝީރު އަޅުގަނޑުގާތުން އެއްސެވީ އިލްޔާސް އިތުރަށް ވިދާޅުވާނެ އެއްޗެއް އެބައޮތްތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ތަހުގީގުޓީމް ބަދަލުވެފައި އޮތިމާ ތިޔައިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ބަޔާންތައް ވިދާޅުވެލައްވަން ލިބިފައި ނެތިއްޔާ މިހާތަނަށް ދެކެވުނު ވާހަކަތަކެއް އަދި ވީނުވީއެއް އެނގިއެއް ނުލައްވާނެއެވެ. މިރޭގެ ތަހުގީގުން ހަލީމް ފެންނާކަށް ނެތެވެ. އެހެނަސް ބަޝީރު އިންނެވީމާ މާގިނަ ވާހަކަތަކެއް އަޅުގަނޑު ނުދެއްކިޔަސް ފަރުޖެހި ދާނެއެވެ. ހަލީމާއި ބަޝީރަކީ، އަޅުގަނޑުގެ މިތަހުގީގު ފެށުނީއްސުރެ އިސްވެ ތިއްބަވައިގެން ހިންގެވި ދެބޭފުޅުންނެވެ. އަދި މުޅިތަހުގީގު ހިންގެވީ މިދެބޭފުޅުންނެވެ. މިމައުލޫމާތު އަލަށް ވަޑައިގެންނެވި ބޭފުޅުންނަ ދެންނެވުމަށް ފަހު އަޅުގަނޑުގެ ވާހަކަ ފަށައިގަތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަބްދުﷲ ސަޢީދުއާ މުޚާޠަބުކޮށް އަޅުގަނޑު ދެންނެވީމެވެ. ތިޔައިއްޒަތް ތެރިންގެ މައުލޫމާތަށް ދަންނަވަމެވެ. އަޅުގަނޑު މިހާރުމިހުރީ ބަންދުގައި ބަހައްޓައިގެން މިގޮތަށް ތަޅުވަމުން ގެންގޮސް ބޮޑުއަނިޔާއަކަށް ބަދަލުވެފައެވެ. ހުންނަނީ ބިންގަރާހުގައި ހުންނަ ގޮޅިއެއްގައި ބަންދުކޮށްފައެވެ. ދުނިޔޭގެ ވައިރޯޅިއެއް އެގޮޅިއަކަށް ނުޖެހެއެވެ. ހުރިހާދިމާއަކުން ހުންނަނީ ބަންދުވެފައެވެ. ދުނިޔޭގެ އަލިކަމެއް ވެސް ނުލިބެއެވެ. މިހާލުގައި އިނދެ އަޅުގަނޑު މިހުރީ މުޅިންހަލާކު ވެފައެވެ. މުޅިހަށިގަނޑުގައި ރިހެއެވެ. ދެފަޔާއި ދެއަތް އައްސިވެއެވެ. އެނދާދިމާ މަތީގައި ހަރުކޮށް ފައިހުންނަ ކެމެރާއިން މިހުރިހާމަންޒަރެއް ސިފައިން މޮނިޓަރކޮށް ބަލަމުން ގެންދެއެވެ. އެހެނަސް އަޅުގަނޑު އުޅެމުން ގެންދާހާލާމެދު އެއްފަހަރު ވެސް ސުވާލުކޮށް ލާފައެއް ނެތެވެ. ހަމްދަރުދީ ފާޅުކޮށްފައެއް ނެތެވެ. ބަލަނީ އަނިޔާ ކުރެވޭތޯއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑު މަރާލާށެވެ! ކޮންޓްރޯލް ރޫމްގައި ތިއްބަވާ ސިފައިންނަށް މިކަންއެނގޭނެއެވެ. ދެފަހަރެއްގައި ގޮޅިތެރެއަށް މިހާރު ވެއްޓިއްޖެއެވެ. އެއްގޮތަކަށް ވެސް އަޅުގަނޑަށް ފަރުވާއެއް ނުދެއެވެ. އެމީހުން މިމަންޒަރުތައް ބަލާފައިނަގަނީ މަޖަލެވެ. ހީހީފާއި މަލާމަތްކުރާކަން އަޅުގަނޑަށް ވަނީއެނގިފައެވެ. ބައެއްގާޑުން މިވާހަކަ ދައްކައެވެ. އަޅުގަނޑު ގޮޅީގެ ރެކޯޑިންތައް ބަހައްޓާފައި ހުރިއްޔާ ތިޔަބޭފުޅުން، އެސީޑީތައް ގެނެސް ބައްލަވާށެވެ. އޭރުން އަޅުގަނޑު މިހަދަނީ ދޮގުނޫންކަން އެނގޭނެއެވެ. މިއީ އަޅުގަނޑަށް ގަސްދުގައިދޭ އަނިޔާތަކެއްކަން ކަށަވަރެވެ. އެއްވެސް ކަމެއްސާބިތެއް ނުކުރެވުނެވެ. މާލެތެރޭގައި ހަމަނުޖެހުން އުފެއްދި މީހުންގެތެރޭގައި އިސްކޮށް އަޅުގަނޑު ހުރިކަމަށް ފޮޓޯއިން ފެންނަންހުރި ކަމަށް ބުނެހެދިއެވެ. އެހެނަސް އެބުނާފޮޓޯއެއް އަޅުގަނޑަށް ދައްކާއި ސުވާލުކޮށް ހަދާފައެއް ނެތެވެ. މިތަނުގައި ބަހައްޓައިގެން މުޅިންވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރީބޮޑެތި އަނިޔާއެވެ. މިއީ ގަސްދުގައި އަޅުގަނޑަށް ދައްކާއަނިޔާއެވެ. ފަހެ، ގަސްދުގައި އިންސާނަކަށް އަނިޔާކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. މިކަން ޢަރަބި ކަރައިން ކިޔަވާވިދާޅުވެގެން ތިއްބެވި ހާފިޒުން ދަންނާނެކަން ކަށަވަރެވެ. އަޅުގަނޑާ ކުރެވުނު ތުހުމަތުން އަޅުގަނޑު ބަރީއަޖެއްޖެކަން ތަހުގީގަށް ސާބިތުވި ހިނދުން ފެށިގެން އަޅުގަނޑު މިފަދަ ގަދަަވޭނާއި އަނިޔާގައި ބަހައްޓަވައިގެން ނުވާނެއެވެ. އަޅޭތިޔައިން ބޭފުލަކު މިކަންދޮގުކުރައްވަން ކެރިވަޑައި ގަންނަވާނަމަ، ބަސްފުޅެއް ވިދާޅުވެ ބައްލަވާށެވެ. މިހާރުތިޔަ ކުރައްވާކަމަކީ، ގަސްދުގައި މީހަކަށް އަނިޔާދިނުމެވެ. ފަހެ، ކުށެއްނެތް މީހަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ކުށެއްނެތް މީހަކަށް ގަސްދުގައި އަނިޔާކުރުމަކީ ސީދާފާފަ ކުރުމެވެ. އަވަހަށް އަޅުގަނޑު މިނިވަންކޮށް ދޫކޮއްލަ ދެއްވާށެވެ. މީގެއިތުރުން އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތެވެ. ދެން އިތުރުވާހަކަތައް ތިޔަބަޔާނުން އެނގިވަޑައިގަންނަ ވާނެއެވެ. 20 ސެޕްޓެމްބަރު ވަނަ ދުވަހު މާލެތެރޭގައި ހިންގިހަމަނުޖެހުމުގައި އަޅުގަނޑުގެ އަތެއްނުވާނެކަން ޔަގީނެވެ. އެވަގުތު އަޅުގަނޑު މާލޭގައި ނެތީމެވެ. މާލެތެރޭގައި ގެއްލުން ދީފައިހުރި ތަންތަން އޭގެފަހުން، އަދި މިހާތަނަށް އަޅުގަނޑުގެ ލޮލުން ނުދެކެވެ. އެއިންތަނަކަށް ގެއްލުންދީފައި ހުއްޓާމިއަދާ ހަމައަށް އަޅުގަނޑު ދެކިފައެއް ނުވާނެއެވެ. 20 ވަނަ ދުވަހު ހުޅުމާލޭގައި ހުރެފައި މާލެއައިގޮތަށް ގޭގައިހުރެފައި އަނެއްދުވަހު އޮފީހަށް ދިޔަގޮތަށް އަޅުގަނޑު ގެނެސްމިހުރީ ބިންގަރާހު ގޮޅިއެއްގައި ބަންދުކޮށް ފައެވެ. ދެން މިގެންނަނީ ތަހުގީގުކުރަން ވެލާނާގެއަށެވެ. މިނޫންވާހަކައެއް އަޅުގަނޑު ދަންނަވާކަށް ނެތެވެ. ހުރިހާވާހަކައެއް ނިމުނީއެވެ. ދެން މިހާހިސާބުން ތަހުގީގު ނިންމާލީއެވެ. ދެން އަޅުގަނޑާއި ޖެނީ ސިފައިންގެ ޖީޕެއްގައި ގެނެސް ތިބޭގޮޅިތަކަށްލައި ތަޅުލީރޭގަނޑު، 11:45 އެހާކަންހާ އިރުގައެވެ.

29 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ގޮޅީގައި ކިޔަވަން އިނީއެވެ.

30 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު ކާއްޑަ އެއްޗިއްސާއެކު ނެރެގެން ކ.މާފުއްޓަށް ގެންދިޔަތަން ފެނުނެވެ. އޭނާ ދަމުންދިޔައީ ހަޅޭލަވައި ގެންދަނީކަން އަޅުގަނޑު މެންނަށް އަންގާފައެވެ. ކާއްޑަ ގެންދިޔަފަހުން ގޮޅިތަކުތެރޭގައި އަޑުމަޑުވެ ވަރަށް ފޫހިވާގޮތް ވެއްޖެއެވެ. ކާއްޑައަކީ އަބަދުވެސް އެންމެންނަށް ގޮވާއި ވާހަކަދައްކާ ހަދާމީހެކެވެ. އަޅުގަނޑުމެން، 3 މީހުން އެކަނިވީއެވެ. މިކަމާ، ނިއްޓިއާއި ޖެނީވެސް ދެރަވިއެވެ. އަޅުގަނޑުވެސް ފޫހިވެދެރަވިއެވެ. މަޖާމީހަކު ގެއްލުނީމައެވެ. ދޮރުފަތުގެ ދަށުން، ގުދުވެފައި ބާރަށް އެއްޗެކޭ ބުނީމާ ނިއްޓިއަށް އިވެއެވެ. ރަނގަޅު ފޯރިންތިބޭ ވަގުތުތަކުގައި އަޅުގަނޑުމެން މިގޮތަށް ވާހަކަދެއްކިޔަސް އަޅައެއް ނުލައެވެ. ޖެނީއާއި އަޅުގަނޑުމެން ތިންމީހުން ވާހަކަދައްކަނީ މިގޮތަށެވެ. ކާއްޑަގެންދިއުމުން އަޅުގަނޑުމެންގެ ގުޅުންތައް ކުޑަވިއެވެ. ކާއްޑަހުރީ، 7 ނަމްބަރު ގޮޅީގައެވެ. މިގޮޅިހުންނަނީ އަޅުގަނޑު ހުންނަގޮޅީގެ ފާރުންއެއްއިން ވެފައެވެ. އެހެންވެ ކާއްޑައާއި އަޅުގަނޑާ ވަރަށް ފަސޭހައިން ގުޅެއެވެ. ދެން އެހެންމީހުންނާއި ކާއްޑައާ ވަރަށް ފަސޭހައިން ގުޅެއެވެ. އެމީހުންތިބޭ ގޮޅިތަކުގައި ހުންނަނީ ދަނގަޑުތޭރި ދޮރުފަތެވެ. އެކަކު އަނެކަކު ފެންނަގޮތަށެވެ. ކާއްޑަ އާދައިގެ ވަރަކަށް ބާރަށް ވާހަކަދެއްކީމާ ސާފުކޮށް އަޅުގަނޑަށް ފަސޭހަކަމާއެކު ނަގައިގަނެވެއެވެ. ކާއްޑައަށް އެހެންމީހުންނާ ބަރާބަރަށް ވާހަކަދެއްކެއެވެ.

31 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.

1 ނޮވެމްބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދަކީ ވަރަށްފިނިވި ދުވަހެކެވެ. ހީވަނީ ވާރޭވެހޭ ދުވަހެއްހެނެވެ. މިގޮޅިތަކަށް ވާރޭވެހޭކަން އެނގެނީ ފިނިބޮޑު ވީމައެވެ. ނޫނީގާޑުން ބުނެދިނީމައެވެ. ފިނިވީމާ އަޅުގަނޑުގެ އުނަގަނޑަށް އަރާތަދު ބޮޑުވެއެވެ. ކޮއްޅަށް ހުންނަން އުނދަގޫވެއެވެ. އަޅުގަނޑު އުޅޭގޮތްތައް ކޮންޓްރޯލްރޫމުން ބަލާފައި އެކުދިން އެވާހަކަތައް ދައްކާކަމަށް ގާޑުން ބައެއްފަހަރު ބުނެލާހަދައެވެ. ހަމްދަރުދީވާ ގާޑުން މިވާހަކަތައް އަންގާލާ ހަދައެވެ. އެހެނަސް ދުވަހަކުވެސް ތަހުގީގުން މިކަމާ ސުވާލެއްކޮށް އަޅުގަނޑަށް ފަރުވާއެއްދޭން ވިސްނާފައެއް ނެތެވެ. ތަހުގީގުއޮންނަ ކޮންމެދުވަހަކު އިލްތިމާސެއްގެ ގޮތުގައި މިވާހަކަތައް ދަންނަވަމުން ގެންދާއިރުވެސް އަޅައެއްނުލައެވެ. މިތާމިތިބޭ ސިފައިންނަކީ އިންސާނިއްޔަތެއް ނެތްބައެކެވެ. އިންސާނިއްޔަތަށް ވިސްނާބައެއްނޫނެވެ. ދެފަހަރެއްގެ މަތިން، ބެލެންސް ގެއްލިގެން އަޅުގަނޑު ގޮޅިތެރެއަށް ވެއްޓުނެވެ. ހަމަޔަގީނުންވެސް މިކަންތައް ރެކޯޑް ކުރެވިފައި ހުންނަން ޖެހޭނެއެވެ. އެއްދުވަހަކު އަޅުގަނޑަށް އެއްޗެއް ދޭންވެގެން ވައްތީނި ގޮޅީގެދޮރު ހުޅުވާލެއްވި ދުވަހަކު އަޅުގަނޑުގެ ހާލުއައްސަވާ ލެއްވުމަށް ފަހު، އެއީ ތެދެއްހޭ އިލްޔާސް ގޮޅީތެރެއަށް ވެއްޓުނުހޭ އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ ތެދެކެވެ. ބައެއްދުވަހު މިއުޅެންޖެހެނީ ވަރަށް ހާލުގައެވެ. އެކަމާ ތަހުގީގުގައި ތިއްބަވާ ބޭފުޅުން އަޅައެއް ނުލައްވައެވެ. އަޅުގަނޑު ދައްކާވާހަކަތައް އިވޭކަމަށް ވެސް ނުހައްދަވައެވެ. އެމީހުން ކުރިޔަށް ގެންދަނީ އެމީހުންކުރާ ތަހުގީގުގެ ކަންތަކެވެ.

2 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. މިއަދަކީ ވެސް ފިނިބޮޑު ދުވަހެކެވެ. އެއްފަހަރަކު އެނދުން ތެދުވިތަނާ އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ.

3 ނޮވެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. މިއަދަކީ ނަޞްރުގެ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ބަންދުދުވަހަކަސް ހެދުނު، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ގާޑްއައިސް އެންގުމުން އަޅުގަނޑުހުރީ އަތުގައިއޮތް ޖިންސްލައިގެން ތައްޔާރުވެގެންނެވެ. މާދަމާއަކީ މިފަހަރު ބަންދުކުރިތާ، 45 ދުވަސް ހަމަވާ ދުވަހެވެ. މިއަދު އަވަސް އަރުވާލާފައި މިނެރެނީ އަޅުގަނޑާގުޅޭ ހުރިހާކަމެއް ނިންމާލަން ކަމަށް ލަފާކުރެވުނެވެ. އާންމުކޮށް މިހެންހަދަނީ ދޫކޮށްލާ މީހުންނަށެވެ. 45 ދުވަހަށް ވުރެއިތުރަށް ބަހައްޓާނަމަ އަވަސްއަރުވާލާފައި ހުރިހާކަމެއް ނިންމާކަށް ނޫޅޭނެއެވެ. ދިގުދަންމާލާގޮތަށް ބަހައްޓާފައި ހުންނާނީއެވެ. އުޅޭނީ ހުރިގޮތަށް ބެހެއްޓޭތޯއެވެ. އެއްވެސް ކަމެއްއަވަސްކޮށް، ބަންދުދުވަސް ތަކުގައިވެސް ނެރެއެއް ނުހަދާނެއެވެ. މިއީ ރަނގަޅު ސިގްނަލެކެވެ. ރަނގަޅުގޮތެއް ވާންއުޅެނީ ކަމުގެއުންމީދު ބޮޑެވެ. އަވަހަށް މިނިވަންވޭތޯ ދުޢާކުރަން އިންދާ، 10 ޖެހުމުން ވެލާނާގެއަށް ގެންދިއުމަށް ނެރެން އަތުވެއްޖެއެވެ. ސިފައިންގެ ޖީޕަކށްް ލައިގެން ގެންގޮސްވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. ތަހުގީގު ޓީމަކަށް ތިއްބެވީ، ހަލީމާއި ބަޝީރާއި ރައްޔިތުންގެ މަޖިލީހުން ދ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ އިސްމާޢީލް ޒާހިރާއި ހއ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ ކެލާނިޒާމާއި ސްޓޭޓް އެޓަރނީއެއް ކަމުގައިވާ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންހިކިކޮށް ހުންނަބޭފުޅާއެވެ. ހަލީމްކުރިމަތީގައި ޓައިޕްކޮށް ފައިހުރި ބަޔާންތައްވެސް ފެންނަން ހުއްޓެވެ. މިކަންތައްގަނޑު ނިންމާލަން އުޅެނީކަން އަޅުގަނޑަށް ޔަގީނާގާތަށް ލަފާކުރެވިއްޖެއެވެ. ވަދެ އަޅުގަނޑު ހަމަޖެހިލާއިރަށް ހަލީމް ވިދާޅު ވެއްޖެއެވެ. މިގެނައީ ބަޔާންތަކުގައި ސޮއިކޮށްލުވާށެވެ. މިއީ އަސްލު ބަޔާންތަކެވެ. މިއޮތީ އިލްޔާސްގެ ބަޔާނުގެ، 4 އަސްލުކޮޕީ ހަދާފައެވެ. މިހަތަރުކޮޕީގައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލައްވާށޭ ކިޔާފައި އަޅުގަނޑުއަތަށް އެބަޔާންތައް ދެއްވީއެވެ. ބަޔާންއޮތީ ކޮންޕިއުޓަރުން ލިޔެގެން ގެނެސްފައެވެ. ރަފްބަޔާންތަކުގައި ހުރިވާހަކަ ތަކަށްވާތީ ކޮށާމަށާކަށް ނުޖެހުނެވެ. ކިޔާލުމަށްފަހު، ސޮއިކުރަންޖެހޭ ހުރިހާތަނެއްގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހަންޖެހޭ ހުރިހާތަނެއްގައި ބޮޑުވައިއިނގިލީގެ ނިޝާންތިއްބައި ވަރަށް އަވަހަށް ނިންމާލައިފީމެވެ. އަޅުގަނޑުގެ އިލްތިމާސެއް އެބައޮތޭ، އައްސަވާލަ ދެއްވާށޭ ނަންގަތީމައި ހަލީމް ވިދާޅުވެއްޖެއެވެ. އިލްޔާސް ބުނަންބޭނުން އެއްޗެއް ބުނާށެވެ. ދެން އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ލިބެމުންމިދާ ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތަކުން އަޅުގަނޑު މިއަދުން މިއަދަށް ސަލާމަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑަށް ތިޔަދެއްވާ އަނިޔާތަކުން ތިޔަބޭފުޅުން މިހާރުފާފަވެރި ވާނެއެވެ. ކުށެއްނެތް މީހަކަށް އަނިޔާކުރުމަކީ ފާފަވެރި ވާނެޢަމަލެކެވެ. ކުރީދުވަހު ވަރަށް ތަފްސީލުކޮށް އެޓަރނީން ވަޑައިގެންނެވި، އަބްދުﷲ ސަޢީދު އަރިހުގައި މިވާހަކަތައްވާނީ ތަފްސީލުކޮށް ދައްކާފައެވެ. އަޅުގަނޑު ގަބޫލްކުރީ، އެބޭފުޅާއަށް މިވާހަކަތައް ވަރަށްރަނގަޅަށް ފަހުމްވެވަޑައި ގަންނަވާނެ ކަމަށެވެ. ފަހަރުގައި މިއީއޭގެ އަސަރުތައް ކަމުގައިވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ، ﷲއަށް ޝުކުރު ދަންނަވަމެވެ! އަދި ކިހާދުވަހަކު މިއަނިޔާގައި، މިޢަޛާބުގައި އަޅުގަނޑު ބައިންދާނަންތޯ ސުވާލުކުރީމެވެ؟ ދެން ހަލީމް ވިދާޅުވެއްޖެއެވެ. މިއުޅެނީ ވެސް ތިކަމާއެވެ. އިލްޔާސް ސޮއިކުރެއްވުމުން ހުރިހާކަމެއް މިނިމުނީއެވެ. ތަހުގީގުމުޅިން ނިމުނީއެވެ. ދެން ލަހެއްނުވާނެއެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގގުގައި ހުންނަ ބިންގަރާހަށް ގެންގޮސް ވައްދައި ތަޅުލިއިރު، 11:30 ވަރު ވެދާނެއެވެ. ދެން މެންދުރުނަމާދަށް ތައްޔާރުވެލުމުގެ ގޮތުން ފެންވަރާލައިގެން ކިޔަވަން އިނީއެވެ. އަޅުގަނޑު ހިތަށްއަރަނީ މާދަމާ މިނިވަން ކުރާނެކަމަށެވެ. އުޅެއުޅެވެސް މިމީހުންނަށް ހެއްކެއް ގަރީނާއެއް ނުލިބުނީއެވެ. ކުރިންހަދާގޮތް ހަދާނުލެވުނީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވުމާއި ރާއްޖޭން ބޭރުންކިޔަވައިގެން ހުންނެވި، ހާފިޒެއްކަމުގައިވާ ޕީއެޗްޑީ ނެންގެވުމަށް ހުރިހާކަމެއް ހަމަޖެހިފައިވާ، ޕީއެޗްޑީ ކެނޑިޑޭޓް، އަލްޙާފިޡް އަބްދުﷲ ސަޢީދު މިމީހުންގެ ތެރޭގައި މައްސަލަ ދިރާސާކުރާ ބޭފުޅަކަށް އިސްކޮށް ހުންނެވީމައެވެ. ސިފައިންނަށް އަޅުގަނޑާ ދެކޮޅަށް ދޮގުހެކި ދީގެން ބަޔާނެއް ހަދާލަން ނުކެރުނީ، އެހެންވެގެންނެވެ. މީގެކުރިން ސިފައިން އެކަހަލަ ކަންތައްކޮށްފައި އެބަހުއްޓެވެ. ސަފައިން ބުނަމުން ގެންދިޔައީ އެދުވަހު މާލެތެރޭގައި ހަމަނުޖެހުން ހިންގިމީހުންގެ ތެރޭގައި އިލްޔާސް ހުންނަނިކޮށް ނަގާފައިވާ ވީޑިޔޯއާއި ފޮޓޯތައް އެމީހުންގެ އަތުގައި އެބަހުރި ކަމަށެވެ. ދެފަހަރެއްގެ މަތިން އަޅުގަނޑަށް އެވީޑިޔޯ ދަންކާނަމޭ ވެސް ބުންޏެވެ. އެހެނަސް އެފޮޓޯތަކެއް ވެސް އެވީޑިޔޯއެއް ވެސް އަޅުގަނޑުގެ ކުރިމައްޗަކަށް ގެންނާނެ ހިއްވަރެއް އެމީހުންނަކަށް ނުލިބުނެވެ. އަދި އެމަންޒަރުދުށް ސިފައިންނަށް އަޅުގަނޑު އެމީހުންގެ ތެރޭގައި ހުރިކަމަށް ބަޔާނެއް ދޭކަށެއްވެސް ނުކެރުނެވެ. މިގޮތަށްއޮވެ މިތަހުގީގު މިނިގެން މިދިޔައީ، އަޅުގަނޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ އަނިޔާތަކެއް ލިބިގެންނެވެ. މިއަނިޔާތަކުގެ އަސަރު، އަޅުގަނޑު ދުނިޔޭގައި ހުރިހާދުވަހަކަށް ދެމިގެންދާނެކަން ކަށަވަރެވެ. އަޅުގަނޑަށް ވީވަރު ވަޒަންކުރަން އެނގޭނީ އަޅުގަނޑަށެވެ. ބިންގަރާހު ގޮޅީގެ އަނިޔާތަކަކީ ދޫނިދޫޖަލުގެ ކުޑަގޮޅިން ލިބުނު އަނިޔާތަކަށް ވުރެވެސް މާބޮޑުވެގެންވާ އަނިޔާތަކެކެވެ. އުމުރަށް ދެމިގެންދާނެ އަނިޔާތަކެވެ. ކެތްކުރުން ނޫންގޮތެއްނެތެވެ. ކެތްތެރިކަމާއެކު، މިއަދު އެކުގައިހެން އިނީ ކިޔަވާށެވެ.

4 ނޮވެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއީ ޖަލަށްގެނައި ދުވަސް ކަމުގައިވާ، 21 ސެޕްޓެމްބަރ ދުވަސްލައިގެން ގުނީމާ، 45 ދުވަސް ހަމަވާދުވަހެވެ. އެހެނަސް ސިފައިން، 45 ދުވަސްގުނަނީ، 24 ގަޑިއިރު ޖަލުގައި ހަމަވީމާ، 1 ދުވަސް ޖަލުގައި ވީކަމަށް ބައްލަވައިގެންނެވެ. މިބީދައިން ހިސާބުހެދިމާ، އަޅުގަނޑަށް، 45 ދުވަސް ހަމަވާނީ، 5 ނޮވެމްބަރ ވާބުދަދުވަހުގެ މެންދުރުފަހު ޖަލަށް ލެވުނުކަމަށް ރެކޯޑްކުރެވުނު ގަޑިއަށެވެ. އެގަޑިއަކީ ހަވީރު، 5:30 އެވެ. އެހެނަސް އަޅުގަނޑު ސިފައިންގެއަށް ވެއްދީ، 3 ޖަހަން އުޅެނިކޮށެވެ. އިރުއޮއްސި ރޭވުމުން ޢިޝާނަމާދަށް ފަހު، ގާތްގަޑަކަށް ނުވައެއް ޖަހާއެހާކަންހާއިރު، ނަޢީމް ދުރުވެ، ޖެނީގެ ހުރިހާސާމާނަކާއެކު ނެރެންއުޅޭތަން ފެނިއްޖެއެވެ. ޖެނީގެ ހުރިހާސާމާނެއް ހިފައިގެން ދަމުން ނިއްޓިއާ ސަލާމްކުރި ތަންފެނެއެވެ. ދެން އަޅުގަނޑުހުރި ގޮޅިކައިރިއަށް އައިސް ދޮރުގައިހުރި ބިއްލޫރިކޮޅު ކައިރީގައިހުރެ އަޅުގަނޑަށް އިޝާރާތުން ސަލާމްކުރުމަށް ފަހު މައްޗަށް އަރައިގެން ހިނގައްޖެއެވެ. މުލަރޯދަ ވިލޭރޭ ކުށްވެރިންތައް ގޮޅިންނުކުމެ އަޅުގަނޑުގެ ގޮޅީގެދޮރުފަތުގައި ހުންނަބިއްލޫރި ކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްތައް ނޮޅާލިފަހުން އެބިއްލޫރިކޮޅު ހުންނަނީ ދެފަރާތް ފެންނަގޮތަށެވެ. އޭގެފަހުން ކަރުދާސް ތަތްކުރާކަށް ނޫޅެއެވެ. ނަޢީމް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޖެނީބޭނުންގޮތަކަށް މިކަންތައް ކުރަންއޮތީ ދޫކޮށްލާފައެވެ. ގާޑްކައިރިން އަހާލުމުންބުނީ، ޖެނީ ދޫނިދޫއަށް ބަދަލުކުރީ ކަމަށެވެ. ޖެނީއަށް ވެސް މިކަންއޮތީ އެނގިފައެވެ. ނިންޓި ފަރާތުން ފަހުން މިކަންތައް އަޅުގަނޑަށް ސާފުވީއެވެ. އަޅުގަނޑަށް ވިސްނާލެވުނު އެއްޗަކީ، ނިއްޓިއާއި އަޅުގަނޑު ދޫކޮށްލާގޮތަށް ނިންމާފައި ޖެނީއާ ދަޢުވާކުރާގޮތަށް ހަމަޖެއްސީ ކަމަށެވެ. ޝަރީޢަތް ފެށެންދެން ޖެނީ ހުންނާނީ ދޫނިދޫގައެވެ. އަޅުގަނޑުމެން ދެމީހުން މިރޭނުވަތަ މާދަމާ ނަމަވެސް ދޫކޮށްލާނީ ކަމަށް އަޅުގަނޑަށް ނިންމުނެވެ. ޖެނީ އަޅުގަނޑުގެ ދޮރުކައިރިއަށް އައުމުން، ޖެނީއަށް އިޝާރާތުން ވަރަށް ހިތްވަރުކުރުމަށް ނަސޭހަތްދިނީމެވެ. އިތުރުގޯހެއް ވިޔަނުދިނުމަށް ބުނީމެވެ. ވަރަށްގިނަ ގޮތްގޮތުން އިތުރުކަމެއްގައި ތާށިކުރެވޭތޯ މިވެރިން މަސައްކަތް ކުރާނެއެވެ. އަޅުގަނޑު މިނިވަންވާއިރަށް ޖެނީގެ ބައްޕައާ ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަމޭ ބުނީމެވެ. ދެން، 30 ށް މިނެޓްފަހުން ޖެނީގެ ދަބަސް ގެނެސް އަނެއްކާވެސް، ޖެނީހުރިގޮޅީގައި ބެހެއްޓިތަން ފެނުމުން ގާޑްކައިރީގައި، ކިހިނެއްވީހޭ ސުވާލުކުރުމުން ގާޑްކަލޭގެބުނީ، ޖެނީއެތައްވަރަކަށް މައްސަލަޖައްސާއި ޖެނީއެދިގެން ތަހުގީގުޓީމާ ބައްދަލުކުރުމަށް ވެލާނާގެއަށް ގެންދިޔައީ ކަމަށެވެ. ވެލާނާގެއިން އަނބުރާގެނައީ، 11:30 ގައި ކަން އެގުނެވެ. ދެންވެސް ވާނުވާއެއް ނޭންގޭތީ ނިއްޓިއާއި އަޅުގަނޑު ނުނިދާ އިވޭހާއަޑަކަށް ކަންފަތްދީގެން އެކަކު އަނެކަކު ފެންނަގޮތަށް ހޭލާތިބީއެވެ. ނިއްޓިއަށް ގޮދަޑީގައި އިށީދެ ލައިގެން ދޮރުގެތޭރިތަކުގައި ހިފާއްޓާލައިގެން އިނދެވެއެވެ. އަޅުގަނޑު ހުންނަންޖެހެނީ، ދޮރުފަތްކައިރީގައި ބިއްލޫރިކޮޅުން ބަލަން ކޮޅަށެވެ. ވަރުބަލިވެސް ވެއެވެ. އެހެނަސް ނިންޓިވެސް ހޭލާއިނީމާ އަޅުގަނޑުވެސް މިގޮތަށް ހިފާއްޓާލީ ޖެނީއަށް ވާގޮތެއް ބަލާފައިނޫނީ ނޯށޯންނާށެވެ. މިހެންތިއްބާ، 12:30 ގައި ޖެނީއާއި ނަޢީމް، މިބަޔަށް ވަދެއްޖެއެވެ. ޖެނީގެ ގޮޅިއަށް ޖެނީގެ ދަބަސްނަގަން ވަތްތަން ފެނިއްޖެއެވެ. ދެން އަޅުގަނޑު މެން އުފަލުން ޖެނީއަށް ގޮވާއިވާހަކަ ދައްކައި ހެދީމެވެ. ދަބަސް ނަގައިގެން ދަމުން ނިއްޓިއާ ސަލާމް ކުރުމަށް ފަހު، އަޅުގަނޑު ގޮޅީގެ ބިއްލޫރިކޮޅު ކައިރިއަށް ޖެނީއައިސް، އިޝާރާތުން އަނެއްކާވެސް ވާހަކަދެއްކީއެވެ. އަދި ބައެއް ވާހަކަތައް ބާރަށްވެސް ބުނެހެދީއެވެ. ޖެނީ ބުންޏެވެ. ދޫނިދޫއަށް ގެންދަނީއެވެ. އެނޫންގޮތެއް ނެތޭ ތަހުގީގުން ބުންޏެވެ. އަޅުގަނޑު ޖެނީއަށް ވަރަށްނަސޭހަތް ދިނީމެވެ. ހިތްވަރުގަދަކުރުމަށް ބުނީމެވެ. އަޅުގަނޑު ދޫކޮށްލާއިރަށް ތިޔަގެއަށް ގޮސް ޖެނީގެ ބައްޕައާއި މަންމައާ ބައްދަލުކޮށް ހުރިހާކަމެއް ކިޔައިދޭނަމޭ ޖެނީގާތުގައި ބުނުމުން ޖެނީއަށް ވަރަށް ހިތްވަރު ލިބުނެވެ. ހީވާގޮތުން، ފަހަރުގައި މާދަމާދޫކޮށް ލަފާނެއެވެ. ޖެނީ ހުރީވަރަށް ހިތްވަރު ގަދަކޮށެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް ޖެނީކައިރީގައި ބުނުމުން އާނއެކޭ ކިޔާފައި ޖެނީއާއި ނަޢީމް ނައްޓާލީ މައްޗަށެވެ. އަޅުގަނޑާއި ނިއްޓިއާ ތިބީބަލާށެވެ. ދެންޖެނީ ގެއްލުނީއެވެ. ދޫނިދޫއަށް ބަދަލުވީއެވެ. އަޅުގަނޑާއި ނިއްޓިވެސް ވަރަށްދެރަވިއެވެ. ޖެނީ ދޫނިދޫއަށް ގެންގޮސް ޝަރީޢަތް ކުރާގޮތަށް ހަމަޖެއްސީމައެވެ. އަޅުގަނޑުމެން މިހެން ތިބެފައި ނިދަން ޖައްސާލީ ތިނެއް ޖެހިފަހުންނެވެ. ހާރުކައިގެންނެވެ. އެކަކު އަނެކަކަށް ދެރަވެފައި ބަލަންތިބީއެވެ. ދެން ނިއްޓިކައިރީގައި ތިންފަހަރު ކުރުސި، ތިންފަހަރު އަލްޙަމްދު ކިޔައިގެން އަވަހަށް ރީތިކޮށް ނިދާލާށޭ، ހިއްވަރުގަދަ ކުރާށޭ، އިތުރުގޯހެއް ނުހަދާއި ތިޔަހުރިގޮތަށް އަޒުމްވަރުގަދަކޮށް ހުންނާށޭ ކިޔާފައި ދެމީހުންވެސް އަތުންކުރެވުނުހާ އިޝާރާތެއްކޮށް ހަދާފައި ނިދަންއޮށޯތީއެވެ. އަޅުގަނޑުގެ ހިސާބުތައް ދައްކާގޮތުން މާދަމާގޮތެއް ނުވެއްޖެނަމަ، ގެއިން މަންމައާއި އިބުރޭއާ ބައްދަލުކުރުމަށް އެދޭނަމޭ، ނިދަންއޮވެގެން ހިތަށްއެރިއެވެ. އަދި މާދަމާ އިތުރުގޮތެއް ނުހަދައިފިނަމަ، ހޮސްޕިޓަލަށް ފަރުވާހޯދުމަށް ގެންދިއުމަށް އެދުމަށް ވެސް މުޅިން ނިންމީމެވެ. މިހާރު ޑައިބެޓިކް ކަންތައްހުރި ހިސާބެއްވެސް ނޭނގެއެވެ. މިހުރިހާ ވިސްނުމަކާ އެކުވެސް މާދަމާގެ ހަވީރު، 5:30 ށް ބަރާބަރު، 45 ދުވަސް ހަމަވާއިރު ކޮންމެވެސް ގޮތެއްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ހިތުތެރޭގައި އަށަގެންފައިއޮތެވެ. ހުވަފެންތަކުން ވެސް ދިޔައީ ޝަރީޢަތާ ހަމައަށް ނުގޮސް ނިމޭނެކަމަށް ދައްކަމުންނެވެ. މިރެއާހަމައަށް އާދެވުނުއިރުހުރީ، 13 ޚަތިމު ކުރެވިފައެވެ.

5 ނޮވެމްބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 46 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ، ފަތިސްނަމާދަށް ފަހު، ނިދާލުމުން ހޭލެވުނީ، 10:30 ގައެވެ. ފެންވަރާލައިގެން ޟުޙާނަމާދުކޮށް ހަދައިގެން ގުރްއާން ކިޔަވަން ފެށީއެވެ. މެންދުރުނަމާދާ ޖެހެންދެން ގުރްއާން ކިޔެވީއެވެ. ދެން މެންދުރު ނަމާދުކޮށްގެން ނިއްޓިގެ ޚަބަރު ބަލައިލިއިރު ނިއްޓިއޮތީ ނިދާފައެވެ. އަދިވެސް ނުހޭލަނީއެވެ. ދެން އަޅުގަނޑުވެސް އޮށޯތީ ނިދާށެވެ. ރޭއެއްކޮށްހެން ހުރެވުނީ ހޭލައެވެ. އެނދުގައި އޮވެގެން ހަވީރުވުމުގެ ކުރިން ބަލާއަންނާނެއޭ ހިތަށްއެރިއެވެ. ނިދަންއޮށޯތީ މެންދުރުފަހު، 1:30 ގައެވެ. ބަރާބަރު ދޭއްޖެހިތަނާ ހޭލެވުނީ ދޮރުހުޅުވާލި އަޑަށެވެ. ގާޑްމީހާއާއެކު އެހެންމީހެއް ހުއްޓެވެ. ހުރިހާސާމާނާ އެކުގައި ނުކުތުމަށް އެންގިއެވެ. ކުރިންވެސްހުރީ ރެޑީކޮށްފައި ކަމުންމާގިނަ އިރެއްނުނަގާ އަޅުގަނޑުގެ ބެކްޕެކް ހިފައިގެން ނުކުމެއްޖައީމެވެ. އޭރު ނިއްޓިވެސް ހޭލައި ގޮޅީގެދޮރު މަތީގައި ބަލަންހުއްޓެވެ. މޯބައިލްފޯނާއި ފައިސާކޮޅުހުރި ދަބަހާއި ގަލަމާއި އެހެން އެއްޗެހިއްސާއި ބޭސްކޮޅު ދޭންވާނެ ބުނުމުން މަތިން ލިބޭނެކަމަށް ބުންޏެވެ. ދެން ނިއްޓި ގޮޅިކައިރިއަށް ޖެހިލައި ސަލާމްކޮށްލާފައި ދެރަނުވުމަށް ބުނީމެވެ. ދެން ދޫކޮށްލާނީ ނިއްޓިކަމަށް ބުނެހިއްވަރު ދިނީމެވެ. މިނިވަންވީހާ އަވަހަށް އަޅުގަނޑާ ބައްދަލު ކުރަންޖެހޭނެކަމާއި މަގޭނަމްބަރަކީ ތިންހަތެއް ތެއްތިރީސް ސުމެއްއަށެއް ކަމަށް ހިތުންދަސްކޮށް ދިނީމެވެ. އަޅުގަނޑުގެ މޯބައިލް ނަމްބަރަކީ ވަރަށް ފަސޭހަ ނަމްބަރެކޭ ބުނީމާ، ނިއްޓި އާއެކޭ ބުނެފައި ބުންޏެވެ. ތިޔަނަމްބަރެއް ހަނދާނެއް ނުނެތޭނެއެވެ. ދެން ނިއްޓިއަށް ހިތްވަރުގަދަ ކުރުމަށާއި އިތުރުގޯހެއް ގޮޅީގައި ހުރެގެން ނުހެދުމަށް ނަސޭހަތްތެރި ވީމެވެ. ބަލާއައިސްހުރީ ވެލާނާގޭތެރޭގައި ތަންކޮޅެއް އިސްކޮށް އުޅުއްވާ އޮފިސަރެކެވެ. އެހެނަސް މީނާ އަޅުގަނޑު މިކުރިކަންތަކެއް މަނާކުރާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. ނިއްޓިއާ ބޭނުންވަރަކަށް ވާހަކަދައްކަން އޭނާހުރީ ދޫކޮށްލާފައެވެ. ހަދާންތަކަކުން ފުރިގެންވާ، ފުންސަލާމަކުން ސަލާންކުރުމުގައި ނިއްޓި އަތުގައި ހިފައިގެން އިރުކޮޅަކު ހުރެފައި ވަދާޢުގެ ހިނިތުން ވުމާއެކު މައްޗަށް އަރައިގެން އަޅުގަނޑު ދިޔައީއެވެ. މައްޗަށްއަރާ ސިޑިހުރީ އެގޮޅިއާ ދިމާލުގައެވެ. އިމާރާތުގެ މެދެއްހާ ހިސާބުގައެވެ. ނިއްޓިއާވެސް ވަކިވީއެވެ. އަޅުގަނޑަށް ވެސް އަސަރުތަކެއް ކުރިއެވެ. ޖެނީ ގެއްލިފައި މާގިނަ ދުވަސްތަކެއް ނުވަނީސް ނިއްޓިވެސް ގެއްލުނީއެވެ. މިގޮޅީގެ ނާމާން މާހައުލުން ސަލާމަތްވީއެވެ. ބިންގަރާހުގެ ގޮޅިތައް ބެލެހެއްޓުމަށް އިސްކޮށް އުޅުއްވާ، ހުސައިން ރަޝީދު (ވައްތީނި) އަޅުގަނޑުގެ ސާމާނުތައް އަޅުގަނޑާ މަތީބުރިން ހަވާލުކޮށް ފިއެވެ. ފައިސާކޮޅާއި ގަލަމާއި އައިޑީކާޑާއި އެހެންހުރިހާ އެއްޗެއްވެސް ހަމައަށް ހުއްޓެވެ. ނުކުތީވައްތީނިއާ ސަލާމްގަލަންކޮށް ހަދާފައެވެ. ދެން ސިފައިންގެ ޖީޕަށް ލައިގެން ގެންގޮސް ވެއްދީ ވެލާނާގެއަށެވެ. ލަކުޑިންހަދާފައިހުރި އެއްތެޔޮފުރި އަތްގަނޑުލީ ގޮޑިއެއްނެރެ އަނބުގަސްދޮށުގައި އަޅުގަނޑު ބައިންދާއިފިއެވެ. މިފަހަރު ގުދަނަށް ލާކަށް ނޫޅެއެވެ. މިމީހުންގެ އެކިމަރްހަލާތައް ރޭވިފައި ހުރެއެވެ. މިމަރްހަލާ ތަކުންމީހާއަށް އަންނަލުއިތައް އޮޅުންފިލާނެއެވެ. އަދަބުތައް ބޮޑުކޮށް އުޅެއްޏާ މަރްހަލާ ތަކުގައިވެސް ވަރަށް އުނދަގޫތައް ކުރިމަތިވާނެއެވެ. މިގޮނޑީގައި އިންނަތާ މާގިނައިރުތަކެއް ނުވަނީސް ތަހުގީގުކުރާ، 1 ނަމްބަރު ކޮޓަރިއަށް ވައްދައިފިއެވެ. ތަހުގީގުޓީމަކަށް ތިއްބެވީ ހަލީމާއި ނިޒާމާއި އިސްމާއީލް ޒާހިރާއި އެޓާރނީން މިޓީމުގައި އުޅުއްވާ ބޭފުޅާއެވެ. މިއީ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންކޮށް، ހިކިކޮށް ހުންވާބޭފުޅާއެވެ. އަޅުގަނޑު އެކޮޓަރިއަށް ވަދެހަމަޖެހި ލުމުން ހަލީމް ވިދާޅުވެއްޖެއެވެ. މިއަދު މިގެނައީ ނިންމަލުމުގެ ގޮތުން އަންގަންޖެހޭ އެންގުން އަންގާލުމަށެވެ. އެންގުން މިއޮއްތީ ކޮމްޕިއުޓަރުން ލިޔެރެޑީކޮށްފައެވެ. އަސްލުގެ ދެކޮޕީމިއޮތީއެވެ. އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. މިދެގަނޑު އަޅުގަނޑު އަތަށް ދިނުމުން ކިޔާލާފައި ވަރަށް އަވަހަށް ސޮއިކޮށް ލައިފީމެވެ. އަދި އިނގިލީގެ ނިޝާންޖަހަން ބުނިތަންތާގައި ކަނާއަތުގެ ބޮޑުވައި އިނގިލީގެ ނިޝާންޖަހައި ނިންމާލައި މިދެގަނޑު ދިނުމުން ހަލީމް ބުނުއްވައިފިއެވެ. މިނިމުނީއެވެ. ދެން އިލްޔާސް ދުރުވަންވީއެވެ. ދެން ދުރުވިޔަސް އެންމެރަނގަޅެވެ. މިނިވަންވީއެވެ. އަޅުގަނޑު އިތުރަށް ބައެއްވާހަކަތައް ދަންނަވާލަން ހިތަށްއަރާފަވެސް ހަލީމު ކައިރީގައި މިވާހަކަތައް ދައްކައިގެން ފައިދާއެއް ނުކުރާނެކަން ހިތަށްއެރުމުން އަގައިން ނުބުނެ ޝުކުރިއްޔާއޭ މަލާމަތުގެ ރާގަކަށް ދަންނަވާފައި، ބެކްޕެކް ހިފައިގެން އަޅުގަނޑު ހިނގައިގަތީ ވެލާނާގެއިން ނުކުތުމަށެވެ. އޭރުގަޑިން މެންދުރުފަހު، 3:10 ވެދާނެއެވެ. ހިނގާފައިގޮސް އަޅުގަނޑު އޮފީސް އެޓޮލްސް މިނިސްޓްރީއަށް ވަތްއިރު ޝީރީން ގެއަށް ވަޑައިގެންނެވުމުގެ ތައްޔަރީތައް ވަމުން ގެންދަވަނީއެވެ. އެހެނަސް އަދިހުންނެވީ މަތީބުރީގައެވެ. އަޅުގަނޑު މައްޗަށް މުޅިން އަރާނުނިމެނީސް ޝީރީން ސިޑިން ފައިބަންނަވަން ސިޑިއާދިމާއަށް ވަޑައިގަންނަ ވަނީއެވެ. އޮފީހުން އެންމެފުރަތަމަ ދިމާވީ، ޒުހުރާއާއި ޔުމްނާއާއެވެ. މުގެކުދިންނަކީ ވެސް އަޅުގަނޑަށް ވަރަށް އިހްތިރާމްކުރާ އަޅުގަނޑާ ވަރަށް ގާތްދެކުދިން ކަމުން ވަރަށް ވާހަކަދެއްކިއެވެ. ދެން ޝީރީނާ އެކުގައިހެން ދިމާވީ، ހައްވާލިއުފާއެވެ. ލިއު އަކީވެސް އަޅުގަނޑާ ވަރަށްގާތް ބޭފުޅެކެވެ. ދެން އަޅުގަނޑުމެން އެންމެން ފޭބީތިރިއަށެވެ. ގެއަށްދާށެވެ. އޭރު އަޅުގަނޑުހުރީ، 46 ދުވަހުގެ ދިގުތުނބުޅީގައެވެ. ލޯގަނޑަކުން އަމިއްލަމޫނު ނުދެކޭތާ އެހާދުވަސް ވެފައެވެ. އަޅުގަނޑުގެ ސިފަހުރިގޮތެއް އޭރުއަޅުގަނޑަށް ނޭންގެއެވެ. ދެން، ޝިރީން ވިދާޅުވިއެވެ. އިލްޔާސް މިހާރުހީވަނީ އެހެންމީހެއްހެނެވެ. އިލްޔާސް ފެނިފައި ވަރަށް އުފާވެއްޖެއެވެ. އަދި މާދަމާ އޮފިހަށް ނުކުންނަވަން ވާނެކަމަށް ޝީރީން ވިދާޅުވިއެވެ. ދެން ބައްދަލުވީ ޑިއުޓީގައި އިންނެވި އުނގުލު އަލްއަޚް މުހަންމަދުއަލީ އާއެވެ. މުހަންމަދުއަލީ އަކީ އަބަދުވެސް ވަރަށް ރަނގަޅު ބޭފުޅެކެވެ. ބޭރަށް ނުކުންނަވައި ޓެކްސީއެއް ގެންނަންވެގެން ވަރަށް އުޅުއްވިއެވެ. އެހެނަސް އަޅުގަނޑު ބޭނުންވީ ހިނގާލާފައި ޖަވާހިރުވާދީއަށް ދާށެވެ. ދެން މިހުރިހާ ބޭފުޅުންނާ ސަލާންގަލަން ކުރުމަށް ފަހު، ހިނގައިގަތީ ގެއަށްދިއުމަށެވެ. ބަންޑާރަމިސްކިތާ ހިސާބަށް އާދެވުނުއިރު ޢަޞްރުނަމާދު ޖަމާޢަތުގައި ކުރަނީއެވެ. މިމަންޒަރު ފެނުމުން ޖަމާޢަތުގައި ނަމާދުނުކޮށް ދާތިތެއް ނުވިއެވެ. ދެން ދަބަސް މިސްކިތުގައި ބަހައްޓާފައި ވުޞޫއު ކޮށްލައިގެން އެރުމުން، ޖަމާޢަތުގައި ކުރުމަށް، 3 ރަކްޢަތް ލިބުނެވެ. ޢަޞުރު ނަމާދުކޮށް ނިމިގެން، ﷲއަށް ޝުކުރުގެ ދެރަކްޢަތް ނަމާދެއްކޮށް ދުޢާދެންނެވީމެވެ. ﷲގެ ޝުކުރު ކިތަންމެހާވެސް ތަނަވަސްވެފައި އަޅުގަނޑުގެ މައްޗަށްބޮޑެވެ. އަޅުގަނޑަށް ދެއްކެވި ރަނގަޅު ހުވަފެންތަކާއި ހިންގާދިޔަ ކަންތައްތަކާ ވަރަށް ގުޅުން ބޮޑެވެ. އެހެންވުމުން އަޅުގަނޑު ހުރީވަރަށް ހިތްހަމަ ޖެހިފައެވެ. ބަޔަކު ބޭނުންވާހާ ގޮތަކަށް ކަންތައް ނުކުރެވޭކަން މިފަހަރުސާބިތު ވެގެން ހިނގައްޖެއެވެ. އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން އުޅުނު މިއޮއްބޮޑު ކަންތައްގަނޑުން، ﷲ ސަލާމަތް ކުރެއްވިލެއް މޮޅުކަމުން މިހުރިހާކަމެއް ހަދާންކޮށް އެތައްހާސް ޝުކުރެއް، ﷲއަށް ދެންނެވީމެވެ. އަދި މިސްކިތުގައި އިރުކޮޅެއް އިނދެފައި މިހާރު މިހުރިގޮތުގެ ފޮޓޯއެއް ނެގުމަށް އެފްޑީއައި ފޮޓޯއަށް ވަންނާނަމޭ ހިތާއެތަނަށް ދިޔައިތު އެތަންހުރީ ބަންދުކޮށްފައެވެ. ދެން ގެއަށް ވަދެފައި އަޅުގަނޑުގެ ލޮބުވެތި ދެކުދިންނާއެކު ފޮޓޯއެއް ނެގުމަށް ނިޔަތްގަނެ، އަންހެނުންލައްވާ ފޮޓޯއެއް ނެގީމެވެ. އަޅުގަނޑުގެ ނަމުގައި ފޭސްބުންގައި އޮންނަ އެކައުންޓްގައި މިފޮޓޯ މަތިކޮށްފައި ހުންނާނެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށްް ވެސް މިފޮޓޯ މަތިކުރާނަމެވެ. އެފްޑީއައި ކުރިމަތިން އަތަމާގޭ އަބްދުއްލަތީފު ހުސައިން މަނިކާ ދިމާވެއްޖެއެވެ. އަޅުގަނޑާ ސަލާމްކޮށް ލައްވާފައި މިއަދު އިލްޔާސްމަތިން ހަދާންވިކަމާ، އަދި މިއަދު ފެނުނީމާ ވަރަށް އުފާވެއްޖެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ނަންގަތީމެވެ. މިއަންނަނީ ޖަލުން ނުކުމެގެންނެވެ. ބަންދުކުރިކަން އެނގުނުކަމުގައި އަބްދުއްލަތީފު ވިދާޅުވިއެވެ. އަދި ތިޔަހުރިގޮތުން ޖަލުން އަންނަނީކަން އެނގޭކަމަށް ވިދާޅުވިއެވެ. ދެން އަބްދުއްލަތީފް ވަރަށް އުފާކުރައްވާފައި ވަޑައިގަތީއެވެ. އަޅުގަނޑު އަތަމާގޭ ފާތުމައިދީއަށް ވެދުން ނަންގަތީމެވެ. ދެން ހިނގާލާފައި އައިސް ޖަވާހިރުވާދީއަށް ވަނީއެވެ. އެންމެފުރަތަމަ ދޮށީދަރިފުޅު ޓޭންއަށް ފެނުމުން ބިރުގަތެވެ. އެހެނަސް މިއީ ދަރިފުޅުގެ ބައްޕައޭ ބުނުމުން އަޅުގަނޑުގެ އަޑުއިވުމާއެކު މަޖާވެއްޖެއެވެ. ކުޑަ ދަރިފުޅު، ރޭމް އުރާލަން އުޅުމުން ފުރަތަމަ އަޅުގަނޑު ގާތަށްނައެވެ. ދެން ގަދަކަމުން އުރާލުމުން މަޑުންފާޑަކަށް އިނީއެވެ. ދެން ފޮޓޯއެއް ނަގާނިމޭއިރަށް ރައްޓެހި ވެއްޖެއެވެ. މިއަދުނެގި ފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓިގައި މަތިކޮށްފައި ފެންނަން ހުންނާނެއެވެ. އެފޮޓޯގައި ރޭމް އިންނާނީ އަޅުގަނޑުގެ އުނގުގައެވެ. ޓޭން ހުންނާނީ އަޅުގަނޑުގެ ވާއަތު ކޮނޑުގައި ދެއަތްއަޅައިގެން ހެވިފައެވެ. މިފޮޓީނެގީ އަންހެނުންނެވެ. އަޅުގަނޑު ފެނުމުން ގޭގައިތިބި އެންމެންވެސް ވަރަށް އުފާކުރިއެވެ. އެހާއަވަހަށް އާދެވިދާނެކަމުގެ އުންމީދެއްނެތި ތިއްބާ ޓަސްލާފައި ކުއްލިއަކަށް، އަޅުގަނޑު ފެނުމުންނެވެ. މަންމައާއި އިދްހާމް (ތުއްތަ) އާއި އަންދިއާއި ގެއިން ދިމާވިއެވެ. ބިގޭއާއި އިބުރޭއާވެސް ދިމާވިއެވެ. ހަންދުކައިރީގައި މިނިވަންވީ ވާހަކަފޯންކޮށްފައި ބުނީމެވެ. ދޮންދައްތައަށް ވެސް ފޯނުކޮށްފައި މިނިވަންވީ ވާހަކަބުނީމެވެ. އެންމެންވެސް އުފާކުރިއެވެ. ގެއަށް ޢީދެއް އައީއެވެ. މިހާހިސާބުން މިނުރައްކާތެރި ބަންދުން ސަލާމަތްވެ، މިންޖުވީއެވެ. ދުނިޔޭގެ އަލިކަމާއިވައިގެ ތެރެއަށް ނޭވާލެވެން ފެށީއެވެ. އަލްޙަމްދުލިއްލާހީ! އާމީން!

މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

6 ނޮވެންބަރ 2003 ވީބުރާސްފަތި ދުވަހު، ހަވީރު ޖެނީގެ ބައްޕައާއި މަންމައާ ބައްދަލުކުރީމެވެ. ޖެނީއާ ގުޅޭހުރިހާ ވާހަކަތަކެއް އެދެމަފިރިން ކައިރީގައި އިނދެ، ވަރަށް ތަފްސީލްކޮށް ކިޔައިދިނީމެވެ. އަދި ގޯގޯލަތީފް ކުރެއްވި ހުރިހާސުވާލަކަށް ޖަވާބުދިނީމެވެ. ޖެނީއާ ވަކިވަމުން ދެއްކިވާހަކަތަކާއި ޖެނީ ހުރީވަރަށް ހިތްވަރުގަދަކޮށް ކަމަށް ބުނެދިނީމެވެ. މިބައްދަލު ވުމުގައި އަޅުގަނޑަކީ ބައްޕައާއި ދަރިފުޅާއެކު، ކުޑަގޮޅީގައި ހުރިމީހެއްގެ ހަދާންތައް ތާޒާކުރެވުނެވެ. އަޅުގަނޑުގެ ވާހަކަތައް އައްސަވާފައި، ގޯގޯލަތީފް ވަރަށްކޯފާވިއެވެ. ޖެނީއަށް ޝަރީޢަތްކޮށް ހުކުމްއިއްވާ ގޮތަށް ދޫނިދޫގައި ބެހެއްޓީކަން އަޅުގަނޑު ފަރާތުން ގޯގޯއަށް ޔަގީންވުމުން، ވަރަށްކޯފާ އިސްކުރައްވައި ތިޔަކަން ސަރުކާރަށް ދައްކާލާނަމޭ ވިދާޅުވިއެވެ. ތިޔަކަމާ އަމަލީމަސައްކަތް ފެށުމަށް ލަންކާއަށް މިފުރަނީއޭ ގޯގޯ ބުނުއްވިއެވެ. އަދި އަންނިއާ ބައްދަލުކޮށް މިވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. މިޙާދިޘާއާ ގުޅިގެން އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅެމުންގެންދާ އެންމެން ވެސްތިބީ ވަރަށްރުޅިގަދަ ވެފައެވެ. އަވަސް ހަރަކާތަށް، އައިސް ކުރިޔަށް ޖެހިލާފައެވެ. ރުޅިގަދަވެ، ރަތަށް އަރާފައެވެ. މިޙާދިޘާ ހިނގުމާއެކުހެން، ރައީސް މައުމޫނާ ދެކޮޅަށާއި ސަރުކާރާ ދެކޮޅަށް، ސިޔާސީގޮތުން ފާޅުގައި ކުރެވެންހުރި ހުރިހާމަސައްކަތެއް ވަރަށް ފޯރިގަދަކޮށް ފަށައިފިއެވެ. ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ބޭރުގައެވެ. އެތެރޭގައިތިބި ބައެއް ސިޔާސީމީހުން، މިމަސައްކަތަށް ހުސްވެގެން ބޭރަށް ފުރުއްވިއެވެ. އަދި އެތެރޭގައި ގައިމުވެގެންތިބި، އަޅުގަނޑު މެންކަހަލަ ސިޔާސީ މީހުން ހެސްކިޔާފައި އެތެރޭގައި އިސްލާހީ މަސައްކަތް ފަށައިގަތީއެވެ. ރާއްޖޭން ބޭރުގައި ކުރެވުނު މަސައްކަތުގެ ތެރޭގައި އިންސާނީ ހައްގުތަކާ ޚިލާފަށް ރާއްޖޭގައި ހިނގާ ކަންކަމާއި އެހެނިހެން ގާނޫނުން ބޭރުންކުރާ ނާތަހްޒީބު ކަންތަކުގެ ވާހަކަތައް ބައިނަލް އަގްވާމީ މުޖްތަމަޢަށް ހެކިތަކާއެކު ފޯރުކޮށްދޭން ފަށައިގަތެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙާމެދު ބައިނަލް އަގްވާމީ ޖަމާޢަތްތަކާއި މީޑިޔާތަކުގެ ޝައުޤު ވެރިކަން އުފެއްދިއެވެ. އިސާހިތަކު އިލެކްޓްރޯނިކް މީޑިޔާގައި މިވާހަކަތައް ދުވަހުން ދުވަހަށް ލިޔެވެން ފަށައިފިއެވެ. އަދި މިކަންތައް މިބީދައިން ފެށުމުން، ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް މަޖްބޫރުވިއެވެ. އެގޮތުގެމަތިން ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އުޅުއްވަން ފެއްޓެވިއެވެ.

16 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު މިނިސްޓްރީ އޮފް އެޓޮލްސްއަށް އަޅުގަނޑު މިފަހަރުގެ ބަންދަށް ފަހު، ދޫކޮށްލިކަމުގެ ޗިޓްލިބުނެވެ. އެޗިޓްގައިއޮތީ މިހެންނެވެ.

ދޫކޮށްލި ސަބަބު: “ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަމުންދާތީއާއި ތަހުގީގަށް އަދި ކުށްސާބިތު ނުވާތީ.”  ދޫކޮށްލީކަމަށެވެ.

ދޫކޮށްލި ތާރީޚް: 5 ނޮވެމްބަރ 2003 ވީބުދަ ދުވަހުއެވެ.

ޗިޓްނަމްބަރަކީ: 495/ 2/ 2003       ތާރީޚް: 13 ނޮވެމްބަރ 2003

ހައްޔަރުކުރި ކަމުގެޗިޓް މިނިސްޓްރި އޮފް އެޓޮލްސްއަށް ލިބުނީ، 30 ސެޕްޓެމްބަރ 2003 ގައެވެ. މިޗިޓްގައި ހައްޔަރުކުރި ސަބަބަކަށްވަނީ މިހެންނެވެ.

ހައްޔަރުކުރި ސަބަބު: “20 ސެޕްޓެމްބަރ 2003 ދުވަހު މާލޭގެ މަގުމައްޗަށް މީހުންނުކުމެ ހިންގި ޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހައި ހެދިމީހުންގެ ތެރޭގައި މީނާ ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެލުމަށް.” މީނާމަތީގައިވާ ގޮތުގެމަތިން ހައްޔަރުކޮށް ފީމެވެ.

ހައްޔަރުކުރި ތާރީޚް: 21 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަހުއެވެ.

ހައްޔަރުކުރިތަން: ޕޮލިސްހެޑްކްއާޓަރޒް.

ޗިޓްނަމްބަރަކީ: 539/ 1/ 2003       ތާރީޚް: 28 ސެޕްޓެމްބަރ 2003

ޙާދިޘާއާ ގުޅޭ އިތުރުތަފްސީލް:

އާދެ! ދެން މިގެނެސްދެނީ، ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ، ރައްޔިތުންގެ ބޮޑުމަޖިލީހުގެ ތަޅުމުގައި މިހާރު ބޭނުން ކުރަމުންގެންދާ ގާނޫނުއަސާސީ، 2008މ. 1429ހ. ގައި “ޢަދުލް އިންސާފުގެ ބާބު” ލިޔުމަށް ބަހުސްކުރަން އެޖެންޑާކުރެވުނު، “ޝަރުޢީނިޒާމާ ބެހޭ ބަޙުޘްކުރުން” މިމައުޟޫގެ ދަށުން، އަޅުގަނޑު ބޮޑުމަޖިލީހުގެ ތަޅުމުގައި ދެއްކިވާހަކަ ތަކުގައި މިފަހަރު އަޅުގަނޑު ބަންދުކުރެވުނު ޙާދިޘާ ސިފަކޮށް ދިންގޮތެވެ. އީވާން މަރާލުމާއި ޖަލުގައި ބަޑިޖެހި ޙާދިޘާ ބޮޑުމަޖިލީހުގައި، އަޅުގަނޑު ސިފަކޮށްދިން ގޮތް މިތާނގައި ގެނެސް މިދެނީ، ދިވެހި ތާރީޚަށްޓަކައެވެ. މިފަދަ ޙާދިޘާތަކުގެ ހަގީގަތް، ދެފަރާތް އެނގޭގޮތަށް ދިވެހި ކިޔަވާ ކުދިންނަށް ހާމަކޮށް ދިނުމުގެ މަތިވެރި ބޭނުމުގައެވެ.

“އާދެ! ޤާނޫނުއަސާސީގައި ޢަދުލު އިންސާފާ ބެހޭ ބާބު އިންސާފުވެރި ގޮތަކަށް ލިޔެވޭނެ ކަމާމެދު މިހާރު އަޅުގަނޑަށް ޝައްކާއި ވަސްވާސް އުފެދިއްޖެ! ވަކިފަރާތެއްގެ ނުފޫޒެއް ނެތި އަސާސީ އެކުލަވާލަން ތިއްބެވި “ޢިއްޒަތްތެރި މެންބަރުންގެ ޢިއްޒަތްތެރި ރައީސް” އަލްފާޟިލް އައްބާސް އިބްރާހިމްގެ ޢަދުލުވެރިކަން މިދަނީ ފެންނަމުން ތަޖުރިބާ ކުރެވެމުން. މިފަދަ ރައީސެއް އިސްކޮށް އިންނަވައިގެން ފުރިހަމަ ޢަދުލުވެރި އިންސާފުވެރި އަސާސީއެއް އެކުލަވައެއް ނުލެވޭނެކަން ޔަގީން. ޝަރުޢީ ނިޒާމާބެހޭގޮތުން މުސްްތަގިއްލު ބާބެއް ނުލިޔެވޭނެކަން ކަށަވަރު. އަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުން ރުހޭގޮތަށް ކުރަންޏާ، މިހާތަނަށް މިފެނުނު މަންޒަރުތަކާއި ސާބިތު ހެކިތަކަށް ބިނާކޮށް ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޚާއްޞަމަޖިލީހުގެ ރައީސް އައްބާސް އިބްރާހިމް އެމަގާމުން ބޭރުކުރަންވީ. ދުރުކުރަންވީ. އަދި އެއަށްފަހު ރައީސުލް ޖުމުހޫރިއްޔާގެ އަމިއްލަ އިޚްތިޔާރުން ހޮވާ އައްޔަންކޮށް މަޖިލީހަށް ވައްދާފައިވާ ބާރާއި (ދެމަޖިލީހުގައި ގެންގުޅުއްވާ، 16 ބޭކަލުން) ވަޒީރުންގެ ގޮތުގައި މަޖިލީހުގައި އޮންނަ ބާރު (މުޅިކެބިނެޓް) މަޖިލީހުގެ ތަޅުމުން ބޭރުކުރަންވީ. މިއީ ވަރަށް މުހިއްމު ފިޔަވަޅެއް. ފުރަތަމަ މިބަހުސްކޮށް ރައީސުލް ޖުމުހޫރިއްޔާގެ ބޮޑުބާރުގެ ގޮތުގައި މަޖިލީހުގައި ހިމެނޭ، މިދެންނެވި، 29 މެންބަރުންގެ ވަރުގަދަ ފައުޖު ބޭރުކޮށްލެވިގެން ނޫނީ، ޝަރުޢީ ނިޒާމު ހިންގާނެ ފުރިހަމަ އޮނިގަނޑެއް އެކަށައަޅާ ނުލިޔެވޭނެކަން އަޅުގަނޑަށް ޔަގީން. ޢަދުލު އިންސާފު ބޭނުމިއްޔާ ފުރަތަމަ ކަންތައް ފުރަތަމަ ފިޔަވަޅެއްގެގޮތުގައި ކޮށް ނިންމަންވީ ވަގުތަކީ މިއީކަން އަޅުގަނޑަށް ޔަގީން. ވަގުތު ބޭކާރު ކުރާނެ ކަމެއްނެތް. ގައުމީ އެއްބައިވަންތަ ސަރުކާރެކޭ ކިޔައި ޚިޔާލީ ފޮލާ ކައްކައިގެން ކައިގެން މަޖާކޮށް ހެދުމަށް ފަހު، އިސްލާޙު ބޭނުމެއް ނުވޭ! އިސްލާޙު ބޭނުންވަނީ މިހާރުން މިހާރަށް ވީހާއަވަހަށް ގެންނަން!!!

އަޅުގަނޑުމެން ޝަރުޢީ ނިޒާމާބެހޭ ވާހަކަ، އަސާސީގައި ލިޔުމަށް ބަހުސް ކުރިއިރު ޚާއްސަމަޖިލީހުގެ ރައީސް އައްބާސްގެ ހާލުފުޅަކީ، ކޮބައިތޯ ބަލާލަން އެބަޖެހޭ. އަމިއްލަ ދަރިފުޅު ޓެރަރިޒަމްގެ ޢަމަލެއްގައި ތުހުމަތުކުރެވި ބެދުނީމާ، ރައީސުލް ޖުމުހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުންނާ ގުޅައިގެން، އެސޮރު ބަންދުގާ ހުއްޓާނެރެ، އިނގިރޭސިވިލާތަށް ފުރުވާލެއްވުނީ، ކީއްވެތޯ؟ މިފަދަ އިންސާފުވެރި މުސްތަގިއްލު މަޖިލީހެއްގެ ރައީސެއްގެ ހައިބަތާއި ޤަދަރު މިލްކު ކޮށްގެން އިންނަވަން ލަދެއް ނުގަނޭތޯ؟ ހަމަ އެމައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންނަށް ދޮގު ބަޔާންތަކެއް އީޖާދުކޮށް، ސިފައިން ލައްވާ ސޮއިކުރުވާ ހަދައިގެން މިހާރުވަނީ ޝަރުޢީ ޙުކުމް އިއްވާފައި. ޚުދު އަޅުގަނޑުވެސް އެތުހުމަތުގައި 45 ދުވަހު ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުންނޭ ބުނެ އޭނާގެ ގަދަވެގެންވާ އަޒާބުގައި ހައްޔަރުކޮށްފައި ބެހެއްޓި. ޝަހީދު ހަސަންއީވާން ނަސީމުގެ މަރާ ގުޅިގެން އެނާ މަރާލެވުނު ދުވަހު މާލެތެރޭގައި ހިނގި، ކަންތައްތަކުގެ މޭސްތިރިއާގެ ލަގަބު އަޅުގަނޑަށްދީ، އެތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުވަންވެގެން ކަންތައްކުރި ގޮތަކީ، ކޮބައިތޯ؟ ދަންނަވަންތޯ؟ އެހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އާދެ! 2003 ސެޕްޓެމްބަރު 21 ވަނަ ދުވަހު، ރައީސް އޮފީހަށް ހުރިހާ ވަޒީރުން އެއްކުރެއްވުމަށް ފަހު، މަޝްވަރާކޮށް ނިންމެވީ، މިކަންތައްގަނޑު ބޮލުގައި އަޅުވަން އެންމެ ރަނގަޅުވާނީ އަޅުގަނޑު، ޖަވާހިރުވާދީ އިލްޔާސް ކަމަށް. އާދެ! މިތާ މިތަޅުމުގައި މިހާރުވެސް މިއިންނެވި، ނ.އަތޮޅު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި ވަޒީރު ސާހިބު، (ޔާމީން) މީހެއްގެ ގާތުގައި ވިދާޅުވި އެދުވަހު، ހިނގާ ދިޔަ ހުރިހާ ކަމެއް ހިންގީ ޖަވާހިރުވާދީ އިލްޔާސޭ. އޭނާ އެދުވަހު މަގުމައްޗަށް ނުކުތްޓީމު، ލީޑްކޮށްދޭން އުޅުނީ، ދަބަސް ގަނޑެއް ކޮނޑުގައި އަޅުވައިގެންނޭ. އަދި ކުރަންވީ މުހިންމު ކަންތައްތަކުގެ ލިސްޓެއް އެދަބަހުގައި ފޮރުވައިގެން ގެންގުޅުނޭ، (ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި ވަޒީރުންގެ ޖަލްސާގައި އެދުވަހު، މިވާހަކަ ދަށްކަވާ، އެއީ އަޅުގަނޑު އިސްކޮށް ހުރެގެން ހިންގި ކަމެއް ކަމަށް ހެއްކާއެކު ދަށްކުވައި ދެއްވީ، އޮނަރަބްލް ސަމަރު ބްލޫ އިބްރާހީމް މަނިކެވެ.) އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖެތެރެއާ ބެހޭ ވަޒީރު، އެދުވަހުގެ ވަޒީރުންގެ މަޝްވަރާ ބައްދަލުވުން ނިންމަވާފައި ވަޑައިގެން އެޓޯލްސް މިނިސްޓްރީގެ ކުރިމަތީއޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައި ގެންނެވިއިރު، އޮފީހުގެ ރަސްމީގަޑި ކަމުގައިވާ، 2.30 ހަމަވެ ނިމުމާ ގުޅިގެން އަޅުގަނޑުހުރީ އެދިމާލުން ބޭރަށް ނުކުމެ ގެއަށްދާން ތައްޔާރުވެގެން. ދުރުން މިނިސްޓަރަށް އަޅުގަނޑު ފެނުމާއެކު، އަޅުގަނޑަށް ޢިޝާރާތް ކުރައްވާ ކާރުގައި ދުއްވަން އިން ޑްރައިވަރަށް ދަންނަވަނީ؛ އިއްޔެ މާލެތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ އަޑީގައި ބޮޑުމީހަކަށް އިސްކޮށް ހުރީ، އެހެރަ އިލްޔާސޭ. (މިޚަބަރު އަޅުގަނޑަށް ގެނެސްދިނީ، ކާރުކޮޅުތެރޭގައި އިންނެވި، އަޅުގަނޑުގެ ޝަޚުޞިއްޔަތު ހުންނަގޮތުން އަޅުގަނޑަށް ހަމްދަރުދީވާ މީހެކެވެ.) އޭރު، އެހިނދު އަޅުގަނޑު ހިފާހައްޔަރު ކުރުމަށް ހޯދަން އައިސް ތިބި ސިފައިންގެ މީހުން ކުރިމަތީގައި ތިބެގެން އެޓޯލްސްގެ މުއައްޒަފެއްގެ ކައިރީގައި އިލްޔާސް ކޮބާތޯ؟ އަހާ ސުވާލުކުރާތަން އަޅުގަނޑަށް ފެނޭ. އެތަނުން ކުއްޖަކު އަޅުގަނޑު ދެއްކުމުން އިލްޔާސްކަން ޔަގީންކޮށްލަން އަހާލި އެއްޗެއް އަހާލުމަށްފަހު އިތުރު އެހެންވާހަކައެއް ނުދައްކާ އަޅުގަނޑު ގެންގޮސް ވެއްދީ ޖަލަށް. ކުޑަގޮޅިއަށް. ދެން ފެށުނީ ރައިސް މައުމޫނުގެ އަނިޔާވެރި އަޒާބުތައް.

އާދެ! މިއީ ވަޒީރުން ކުރެއްވި މަޝްވަރާގެ ނަތީޖާ. އަވަހެއްނޫންތޯ އަމަލީ ސިފަ ގެނެވެން ފެށިލެއް!!! އަދި، އޭރަކު މިނިސްޓަރ ހަމީދަށް ގެއަށް ވަޑައެއް ނުގެންނެވޭނެ ކަން ކަށަވަރެވެ. އެދުވަހުގެ ހަރަކާތް ތަކުގައި އަޅުގަނޑު އުޅުނު ކަމަށް ސިފަކޮށް، ސޫރަ ކޮށްގެން އެއުޅުނީ އެހެންމީހެއްގެ ފޮޓޯއާއި ވީޑިޔޯ، އަޅުގަނޑުގެ ސިފާގައި ފެނިގެން. ސިފަކުރެވިގެން. ސޫރަކުރެވިގެން. މިކަންތައް މިގޮތަށް ކުރީ، ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުން. މިފަދަ ނިޒާމެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، ހަމަ ޔަގީނުންވެސް އިޚްލާސްތެރި ކަމާއެކު، އިސްލާހުކުރުމުގެ ނިޔަތުގައި. އެހެނަސް ކަން އޮތްގޮތް ކުރިމަތީގައި މިއޮތީ ރީތިކޮށް ފެންނަން. ޝަހީދު ހަސަންއީވާން ނަސީމް މަރުވި ދުވަހު، އޭނާގެ މޫނު ފުރަތަމައަށް ކަޝްފުކޮށް، ދުށުމަށް ފަހު، ސަހަރާ މިސްކިތުގައި ޢަޞުރު ނަމާދު ޖަމާއަތުގައި ކޮށްގެން އަޅުގަނޑު ދިޔައީ ހުޅުމާލޭފެރީ ޓާމިނަލަށް. ދެން، އަޅުގަނޑު އުޅުނީ ހުޅުމާލޭގައި. މާލެ އާދެވުނީ ރޭގަނޑު އަށްގަޑިބައިވެ ބޮޑުވިފަހުން. އޭރު އަތިރިމަތީގެ ހުރިހާ ހިސާބެއްގައި ތިބީ، މުޅިމާލެ ކޮންޓްރޯލް ކޮށްގެން ތިބި ސިފައިން، ބަރިބަރިއަށް ސަފުހަދައިގެން. ކަރަންޓު މުގުރާއި ތައްޔާރީ ހާލަތުގެ އޭތިމީތި ހިފައިގެން. ޓޭންކު ވަށްތަރުގެ ބަޑިހަރުކޮށް ފައިހުރި (އާމަޑް) ވެހިކަލެއްގައި ސިފައިންގެ ސަރަހައްދަށާއި ކޯސްޓްގާރޑް ބިލްޑިންގް ކާރިޔަށް ނުދިއުމަށް އަޑުގަދަކޮށް ގޮވަމުން ގެންދިޔަ. އަޅުގަނޑު ފައިމަގުގައި ބީޗުމަގުން، ހިނގާފަ ގޮސް ގެއަށް ވަނީ. ދެން ނުކުތީ އަނެއްދުވަހު ހެދުނު އޮފީހަށް، އެޓޮލްސަށް ދިއުމަށް. އެޓޮލްސުން ގެންދެވުނީ ސީދާޖަލަށް. އާދެ! އަޅުގަނޑު މިދަންނަވާލީ މިހާރުގެ ސަރުކާރުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ކަންތައް ކުރާގޮތުގެ ބޮޑު ވެގެންވާ ރީތި މިސާލެއް. ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގައި ހުރި މޮޅުކަން. އަސާސީގައި ލިޔެވިފައި ހުރި ރީތި ޢިބާރާތްތަކާއި ލިޔުންތައް ހަމަ ހުރިގޮތަށް ފަނޑުވުމެއް ނެތި އެބަހުރި. މުޅި ޝަރުޢީ ނިޒާމުގައި އޮތީ ސިޔާސީ ކުލަވަރު ޖެހިފަ. ވަށްތަރެއްގެ އަމިއްލަ ސަގާފަތެއްގެ ސިފަޖެހިފަ. ވާކަމެއް ހަމަ ހަރާމުން ހަރާމް. ހައްގު ލިބިދީ، ހޯދައިދެވޭ އެކަކުވެސް ނެތް. ހުރިހާ ބޮޑުން އެއްވެފައި، ރައީސް އޮފީހުން އެނެރޭ ބާރުތައް މާވަރުގަދަ. އާދެ! ކިތަންމެ މޮޅަށް އަސާސީގައި އަދުލު އިންސާފުގެ ބާބު ލިޔުނަސް ރައީސް މައުމޫނުގެ އަމިއްލަ ސަގާފަތަކަށް ހަދާފައިވާ، ބަގުޑިބެއްދުމުގެ މިސިސްޓަމުގައި ވާނެކަމެއް ނޯންނާނެ. ހުރިހާކަމެއް ހިންގަމުން ގެންދާނީ ރައީސް އޮފީހުން. ގަނޑުވަރުން. ތަހުގީގަކަށް ވިޔަސް، ހުކުމަކަށް، ވިޔަސް ރައީސް މައުމޫނު އަންގަވާ ގޮތަށް، ވަރަށް އޮމާން ކަމާއެކު ކުރިއަށް ދާތަން ފެންނަމުންދޭ. މިސް ޖެނިފާ ލަތީފްގެ މައްޗަށް އެހެރީ ހުކުމް އިއްވާފަ. މިހާރު ހުކުމް ތަންފީޒުކުރަމުން އެގެންދަނީ. ސިޔާސީ ބޭނުމެއް އެހިފަނީ. އެހެނަސް މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސްގެ ދަރިފުޅު އެހެރީ އިގިރޭސިވިލާތުގަ، މިނިވަނެއްގެ ގޮތުގައި އަރާމް ކުރަން. މަސްތުގައި މިނިވަން ކަމަށް ދޫކޮށް ލެވިފަ. އަމިއްލަ އެދުމުގެ ބޭނުމެއް އެހިފަނީ. ޢަދުލު އިންސާފު އޮތީ އޮތްތާގައި ބަނޑޭރި ގަނޑުތެރޭގައި. އެއްޗެއް ބުނަން ކެރެނީ ކާކަށްތޯ! އަޅުގަނޑުމެން މިތިބީ އެވަރުގެ ރައީސެއް ކުރިމަތީ ބައިންދައިގެން، އަޅުވެތިވެފަ. އާދެ! އަޅުގަނޑާ ދެކޮޅަށް ހެކިބަސް ދެފަހަރަކު ލިޔެ ތައްޔާރުކުރި. މައްޗަންގޯޅި ނައިބުގެއަށް ނިސްބަތްވާ ހަލީމެކޭ ކިޔުނު އޮފިސަރަކު، މިކަންތައްގަނޑު ހިންގީ ނުލާހިކު ހީލަތްތެރި ކަމާއެކު. މަކަރާއެކު. އެހެނަސް ތައްޔާރު ކުރެވުނު ބަޔާން ތަކުގައި ސޮއިކުރަން ކެރޭވަރުގެ ސިފައިންގެ މީހަކުވެސް އަދި ޕާޓޭންގެ ގޮލައަކުވެސް ނުވި. ޖެނީގެ މައްޗަށް ހެކިބަސް އުފެއްދި ގޮތަށް މިމީހުންނަށް އަޅުގަނޑުގެ މައްޗަށް މިފަދަ ދޮގުބަޔާން ތަކެއް، ﷲ ގެ އިރާދަފުޅުން ނުހޯދުނު. އީޖާދެއްވެސް ނުކުރެވުނު. ޖެހުނީ 45 ދުވަހު އަނިޔާ ކުރުމަށްފަހު، ދޫކޮށްލަން. އެހެންވެ މިހިރީ މިނިވަންކޮށް. ހަރަކާތްތެރިވާ ކަށިނެތް ދުލެއް، ﷲ ތަޢާލާ ދެއްވާފައިވާތީ މިގެންދަނީ ހައްގު ބަސް ބުނަމުން. މިތަޅުމުގައި ސިންގާއެއްހެން ބާރުގަދަކޮށް މިހުރީ. މިއީ އަަނިޔާވެރިންގެ މައްޗަށް، ﷲގެ ކުޅަދުން ވަންތަކަން ހާމަވެފައިވާ މިންވަރު. ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭހުށި! އަލް ޙަމްދު ލިއްލާހި ރައްބިލް ޢާލަމީން!!!

އާދެ! ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީނިޒާމުގެ ވާހަކަ ދައްކާއިރު މިއީ ކޮންމެހެންވެސް ބަލާލަންޖެހޭ މުހިއްމު ބާބެއް. ރައީސް މައުމޫނުގެ، މިކަޅު ދޮރާށިން ޢިބްރަތް ނުހޯދާ މިގައުމުގައި ޢަދުލު އިންސާފު ހޯދޭކަށް ނޯންނާނެ. އާދެ! މިދެންނެވި ތަހުގީގުގެ އެންމެ ހެއްވާކަމަކީ، ރައީސް މައުމޫނުގެ ބޮލުން މިކަންތައް ނައްޓާލުމުގެ ބޭނުމުގައި މުޅި ގައުމަށް އިއުލާނެއް ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މި ތަހުގީގުގައި ގާވެފައި ތިބޭ ބޮޑެތި ބުދުކޮއްކޮއިންގެ ގޮތުގައި، ރައީސް މައުމޫނުގެ އަމިއްލަ ސަލާމަތުގެ ބޭނުމަށް ބޭތިއްބެވިކަން. މިއީ ވަރަށް މޮޅަށް ހިންގި ހެއްވާ ތަހުގީގެއް. އަޅުގަނޑާ ކުރިމަތިވި މޫނުތަކުގެ ތެރޭގައި މުޅި މަޖިލީހުގެ ތާރީޚުގައި ވެސް ރައްޔިތުންގެ ޙައްގުގައި މިހާތަނަށް ބަހެއް ބުނެފައި ނެތް އަލްފާޟިލް ކެލާ ނިޒާމަކާއި ގދ.ގެ އިއްޒަތްތެރި ސިދްގީ އަކާއި ގއ.ގެ އިއްޒަތްތެރި ރާމިޒެއް ހިމެނޭ. އަދި ނ.އަތޮޅުގެ ޢިއްޒަތްތެރިމެންބަރު ޢަލީ މުޙައްމަދުވެސް އެތަހުގީގުގައި ބުދެއްހެން ގެންގުޅުއްވި. އަދި، އަލަށް ފެއްޓެވި ކަމެއްގެ ގޮތުގައި، އޭޖީ އޮފީހުގެ ބޮޑު ގްރޫޕެއް ވެސް ތަހުގީގުގައި ގެންގުޅުއްވި. ދައުވާކުރަން ތިބޭބަޔަކު ތަހުގީގު އަޑުއަހާ ލަފާދޭން އައިސް ތިބޭތަން މިފެންނަނީ އަލަށް. މިއެންމެން އުޅުނަސް، ތަހުގީގުގެ ހުރިހާ ކަމެއް ކުރީ ފުލުހުންނާއި ސިފައިން. ޢިއްޒަތްތެރި މެންބަރުން ގެންގުޅުނީ ބައިނަލް އަގްވާމީ މުޖުތަމަޢުއަށް ދަޅަދައްކާ އަނދުން އަޅުވަން. އޭޖީ އޮފީހު ޓީމުގެންގުޅުނީ، ދައުވާ ކުރަން ފަސޭހަވާ ގޮތަށް ބަޔާންތަށް ކޮށާމަށާ ކިއްސަރު ކުރަން. އާދެ! މިއީ އަސާސީގެ ދަށުން މިގައުމުގައި ޝަރުޢީ ނިޒާމް ތަންފީޒުކުރާ ގޮތުގެ ކުޑަމިންވަރެއް. ހަގީގަތުގައި މިއީ ޝަރުޢީ ނިޒާމަށް ކުރަފި އަރުވަން ކެއްކި ބޮޑުހަކުރު ގަނޑެއް. އިރާދަ ކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ދާނީ ފަޟީހަތް ވަމުން. ރައްޔިތުންނަށް ހަގީގަތްތައް ފަޅާއަރަމުން. ފޮރުވައިގެން ގެންގުޅުނު އެންމެ އަޑީގެ ސިއްރުތައް ބޭޒާރުވަމުން ބަލިކަށި ވަމުން. ރޫޅެމުން. ޟަޢީފު ވަމުން. އެއިގެ ހެއްކެއް ދަންނަވާލާނަން. ދަޢުވަތު ދީގެން އެމެރިކާއިން ގެންނެވި މާމޮޅު ޕްރޮފެސަރެއް ކަމުގައިވާ މރ.ޕޯލް ރޮބިންސަން އެކުލަވާލި ރިޕޯޓްގައި އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގައި ހިނގަމުންދާ ޝަރުޢީ ނިޒާމުވަނީ ދިވެހިންނަށް، ޢަދުލު އިންސާފުގެނެސް ދިނުމަށް ނުކުޅެދިފައޭ. އާދެ! މިހެން މިވާންޖެހުނީ ރައީސް މައުމޫނަކީ ހުރިހާ ބާރަކަށް ވުރެ އެންމެ މަތީ ބާރުކަމަށް އަމިއްލައަށް ދެކި، ކުޑަ ރަސްކަލާގެއަކަށް ހެދިގެން، އެގޮތަށް އެކަންތައް ކުރައްވަމުން ގެންދަވާތީ. ރައްޔިތުންވެސް އެގޮތް ރުހިގެން ކުޅިބަލަން ތިބޭތީ. އަތްތިލަ ބަޑިޖަހާއި ނަށާތީ. ރައްޔިތުން މަޖިލީހުން ވެސް އެކަން ގަބޫލުކޮށް އަމިއްލައަށް ކޮނޑުއަޅައި އެބުރަ އުފުއްލަވައިގެން ހަމަހިމޭންކޮށް މަޑުމަޑުން ތިއްބަވާތީ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މިހާރު އޮންނަ ގޮތުން ރައީސް މައުމޫނު އައްޔަން ކުރައްވާ އޭނާގެ މީހަކަށް ވާތީ. ކަން މިހެން އޮތަސް، ރައްޔިތުންގެ ދެމަޖިލީހުގެ ދެރައީސުން ވެސް، އުފުއްލަވަންޖެހޭ ޒިއްމާ ތަކެއް ވެސް މިކަންކަމުގައި ވާނެ. ހަމަގައިމުވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން ރައީސް މައުމޫނުގެ އެހީއެއް ނުވާނެ. ނުލިބޭނެ.” އަލިފްހާ.

އާދެ! ދެން މިގެނެސްދެނީ މިޙާދިޘާއާ ގުޅިގެން އެފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގު ރައީސް މައުމޫނު ހޯއްދެވި ގޮތުގެ ތަފްސީލެވެ. އަންނި ޖަލުގައި ހައްޔަރުގައި ބެހެއްޓުމަށް ފަހު، ޅ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް މުހަންމަދު ސޯލިޙް (އިބޫ) ގެވޯޓު ހޯއްދެވި ގޮތުގެ ފުރިހަމަ ތަފްސީލެވެ. މިއީ ވެސް މިޙާދިޘާއާ ގުޅުންހުރި ކަމަކަށްވާތީ މިތާނގައި މިވާހަތައް ގެނެސްދިނީއެވެ.

“އަދި، 2003މ. ވަނަ އަހަރުގައި އިއްތިފާޤު ލިބުމުގެ ޝަރަފު ހޯއްދެވީ، 19، 20 ސެޕްޓެމްބަރު 2003މ، ގައި ހިނގިޙާދިޘާތަކާ، ވިއްދައިގެން ކުރެވުނު ގިނަގުނަ ސިޔާސީ މަސައްކަތާ ގުޅިގެންނެވެ. މިފަހަރުގެ މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ، ކޮއްކޯފުޅު އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫ މެވެ. ސިފައިން އަނިޔާކޮށް ޝަހީދުކޮށްލި އީވާން ނަސީމާއި ޖަލުގައި ޖެހިބަޑީގެ ވަޒަންތަކުގެ މަރާގުޅިގެން، 20 ވަނަ ދުވަހު، މާލެތެރޭގައި ޢައްބާސް އިބްރާހީމުގެ ދަރިކަލުން، ޒިޔާ ޢައްބާސް އިބްރާހީމު އިސްކޮށް ހުންނަވައިގެން، އޭނާގެ އަމުރުމަޢުރޫފު ހިނގާޕާޓޭންގެ ގުރޫޕެއްގެ މަސައްކަތުން، މާލޭގެ މަގުމައްޗަށް ބަޔަކު މީހުންނުކުމެ ހިންގިޣައިރު ޤާނޫނީޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ، ތަންތާގައި އަލިފާންޖަހައި، ހިންގިހުރިހާ ޙަރަކާތެއްގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ފަހު، އަޅުގަނޑު ބަހައްޓާފައިހުރީ، އަނދިރި ބިންގަރާހެއްގެ ޖަލުގެކުޑަގޮޅީގައި ހައްޔަރު ކޮށްފައެވެ. މިއީ މީގެކުރިންވެސް މިކަން ކުރަމުން ދިޔަގޮތެވެ. ސިޔާސީ ބޮޑެތިތުހުމަތު ތަކުގައި އެންމެކުރިން ހިފާހައްޔަރު ކޮށްފައިހުރީ، ސީދާ އަޅުގަނޑެވެ. 1990މ، ވަނަ އަހަރު ބިންބިފޯހުގެ އިސް އަމުރު ވެރިޔަކަށް އެންދެރިމާގޭ ޢައްބާސް އިބްރާހީމް ހުންނަވައިގެން މާލެތެރޭގައި ހިންގުނު، “ކުޑަހުޅުޖެހުމުގެ ޙާދިޘާ” ގައި ވެސް އެންމެއިސްކޮށް ހައްޔަރުކުރީ ސީދާ އަޅުގަނޑެވެ. އާދެ! “ބޮޑުހުޅުޖެހުމެގެ ޙާދިޘާ” އަކީ ދިވެހިތާރީޚުގައި މާކުރިން ހިނގާފައިވާ ސިޔާސީ ހުޅުޖެހުމެކެވެ. 1990މ. ވަނަ އަހަރުމާލެ ތެރޭގައި ބަޔަކުހިންގި ހުޅުޖެހުމުގެ ޙާދިޘާއަކީ ވެސް ސިޔާސީ ހުޅުޖެހުމެކެވެ. އެހުޅުޖެހުމަށް އަޅުގަނޑު ދީފައިވާ ނަމަކީ، “ކުޑަހުޅު ޖެހުމުގެ ޙާދިޘާ” މިހެންނެވެ. ބޮޑުހުޅު ޖެހުމުގެ ޙާދިޘާ ލިޔުއްވާފައިވަނީ އަލްމަރްޙޫމް އަބްދުލް ޙަކީމްޙުސައިން މަނިކެވެ.

ފަހެ، މިކުރެވުނު ބަންދުގައި އަޅުގަނޑު ދީފައިވާ ބަޔާންތަކެއް ކަމަށްބުނެ، ޤައުމީ ޓީވީންނާއި ރޭޑިޔޯއިން ގެނެސްދިނީ، ނަކަލީބަޔާން ތަކެއް ސިފައިން އަމިއްލައަށް އުފައްދާއި ހަދަހަދައި ގެންނެވެ. އެބަޔާން ތަކަކީ، ތަޙުޤީޤުކުރި ސިފައިން އަމިއްލައަށް އަޅުގަނޑުގެ ސޮއިޖަހައިގެން އިޖާދުކުރި އެއްޗެކެވެ. މާލެތެރޭގައި ކުޑަހުޅުޖެހުމުގެ ޙާދިޘާ ހިންގިކުދިން ތެތްއަތާއެކު ހިފުނީ، މިކަމުގެ ތުހުމަތުގައި އަޅުގަނޑު ޖަލުގައި ބައިންދާފައި އިންދައެވެ. އެކުދިން އަތުވުމަކީ، އަޅުގަނޑުގެ ދުޢާއާއި ނަޞީބެވެ. އެހެންނޫންނަމަ އެކަމުގެ ޝަރުޢީޙުކުމް އިއްވީހީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންގެ މައްޗަށްކަން ކަށަވަރެވެ. އެދުވަސްވަރު އިޢުތިރާފު ހޯދުމަކީ، އުނދަގު ކަމެއްނޫނެވެ. ބަޔާންތައް ތައްޔާރުކޮށް ކޮށާމަށާއިހަދާނީ، ސިފައިންނެވެ. އަނދަގޮނޑިޖެހުމާއި ޗޭނުޖަހާ ވާންކުރުމާއި އެއްހުޅުބިޑި އެޅުވުމާއި ކީސްބިޑި އެޅުވުމާއި އެއްއަތާއި އެއްފަޔާއެކު ގުދުކޮށްފައި ބިޑިއެޅުވުމާއި އަދިވެސް އާވައްތަރު ވައްތަރުގެ، ޖަމަލު އޮބަހައްޓަން އަޅުވާޒާތުގެ ދަބަރުޖަހާފައި ހުންނަ ދަނގަނޑުބިޑި ވެސްއޭރު ގެންގުޅުނެވެ. އަޅުގަނޑުމެންގެ އަތުގައި މިވަށްތަރުގެ ބިޑިތައް އަޅުވާހެދިއެވެ. އަދި، ސިފައިން ތިބެގެން ސީދާކޮށް، ކުރަމުންގެންދާ އަނިޔާތަކުގެ ބޮޑެތިއަހުވާތައް ދެއްކުމަކީ، ބަޔާން ފުރިހަމަ ކުރުމުގެ ހުނަރުތަކެވެ. ހިސާބު އަކުރުގެ އަށެއްހެންއޮތް، ދަބަރުކުލައިގެ އެއްހުޅުލީ ބިޑިއެއް އަޅުގަނޑުގެ ދެއަތްއެއްކޮށް ފިއްތައި ގަދަކަމުން ހަންގަނޑާއެކު، ސުލޭމާނޭ ކިޔުނު ސިފައިންގެ ބޭކަލަކު އެޅުވީ، އަބްދުއްޝަކޫރު ޢަބްދުﷲ އިސްކޮށް އިންނެވި ތަޙުޤީޤު ކޮމެޓީއެއްގެ ކުރިމަތީގައި އޭނާގެ އޯޑަރަށެވެ. މިއީ އިނގިރޭސި ވިލާތު ކުންފުންޏެއްގެ ބްރޭންޑް އޮޅުވާލައި ޑުޕްލިކޭޓް ނަމެއްގެ ދަށުން އުފައްދާފައިއޮތް ބިޑިއެކެވެ. ސިފައިން އަމިއްލައަށް ވެލްޑިންކޮށްގެން ބައެއް މީހުންގެ އަތަށް ހެޔޮވަރުވާގޮތަށް ހަދާފައިއޮތް ބިޑިއެކެވެ. މިބިޑިއަޅުވާ ތިއްބާލުމުން ދެއަތު މުލައްދަނޑި އޮންނަނީ އެއްކޮށްޖެހި ދެއަތްތިލަ ފެށުނުހިސާބުން އުޅަބުއްޓާ ހިސާބަށް ފިތިބާރުކޮށް ބަނދެވިފައެވެ. ކުރީޒަމާނުގައި މިހެންހަދަން ހަދާގޮތަކީ، ރޯނުފެނުން ތެންމާލައި ކަށިވެއްޔާއިއެކު މޮޑެލާފައިނަގާ ފަށަކާފަށެއް ޖައްސާދެއަތް މުލައްދަނޑި އެކުގާ އޮޅާލަނީއެވެ. ކާންޖެހޭނީ ބުޅާކައިއުޅޭ ގޮތަށެވެ. ހީސިދޮވެ ސީދޮވެވޭނެގޮތެއް ނޯވެއެވެ. ބިޑިނައްޓުވާ ފެންވަރުވަނީ ހަފްތާއަކު އެއްފަހަރެވެ. ޑުޕްލިކޭޓް މިބިޑިއާގުޅޭ ހެކިތައް މިހާރުވެސް އަޅުގަނޑުއަތުގައި ފޮރުވާފައި ހުންނާނެއެވެ. މިއަނިޔާތަކަށް ފަހު، ހަމަބުއްދިޔާއި ފުރިހަމަ ހަށިގަނޑައިގެން މިހުރެވުނީ، އަޅުގަނޑުގެ ކެތްތެރިކަމާއި ޢަޤީދާވަރުގަދަ ކަމުންކަމަށް މިހާރުޤަބޫލު ކުރެވެއެވެ. މިހާރުވެސް ވާރޭވެހި ޖައްވުފިނި ވެލީމައި އުނަގަނޑަށް ތަދުއަރައެވެ. އެތެރެ ހައްޓަށް އިތުރުގޮތްގޮތް ވެއެވެ. ތަދުތައް އަރައިގަނެއެވެ.

ފަހެ، ދަންނާށެވެ! މިތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ހ.ބުރެވިމާގޭ ގަރާޖުގައިއޮތް ކާރެއް ރޯކޮށްލިތަނުން ތެތްއަތާ އެކަންކުރި ކުދިންހިފި، ހައްޔަރުވުމުންނެވެ. އަދި އެކަންކުރިކަމަށް އެކުދިން އެއްބަސް ވުމުންނެވެ. ޖަލުގައި އިނދެގެން އަޅުގަނޑު، ﷲ އަށް ދެންނެވި ދެންނެވުން، ﷲ ފިޔަވައި އެހެންފަރާ ތަކަށް ނޭގޭނެ ކަންކަށަވަރެވެ. މިކުދިން ތެތްއަތާ އަތުވުމަކީ މިދުޢާތައް، ﷲ އިޖާބަ ކުރެއްވުން ކަމުގައި އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރަމެވެ. އެކަމާ، ﷲއަށް ޝުކުރުވެރިވީމެވެ. އަޅުގަނޑުގެ ތަޖުރިބާއިން ސާބިތު ކުރެވުނު އެއްޗަކީ އިންސާނާ، ﷲ އައި ކައިރިވި ވަރަކަށް އެމީހަކައި، ﷲ ކައިރިވެ ވޮޑިގަންނަވާކަމެވެ. އަދި ހެޔޮނިޔަތުގައި ކުރެވޭ ހެޔޮދުޢާއަކީ އެއްވެސް ހުރަހެއްނެތި، ﷲ ޤަބޫލުކުރައްވާ އެއްޗެއްކަމެވެ. އާދެ! މީގެއިތުރުން އަނެއްދުވަހު ތަޙުޤީޤުގައި ވާނެގޮތްތައް ހިތަށްވަދެ، އެހެން އެކަންދިމާވެ ތަޖްރިބާ ކުރެވިފައި އެބަހުއްޓެވެ. އަދި އަނިޔާކުރި މީހުންގެ ހިތްތަކަށް ބިރުވެރިކަން، އެކިގޮތްގޮތުން އެދުވަސްވަރު ވަތްކަމާއި ބައެއްފަހަރު ބިރުންއުޅެން ޖެހުނުކަން، ފަހުންއެމީހުންގެ ވާހަކައިން އަޅުގަނޑަށް އެނގިފައި ވެއެވެ. ފުރަތަމަ ފަހަރަށް ޖަލުން ފާނޫޒުތައް ބޭރުކޮށް، ކުޑަގޮޅިތަކަށް އަލިއެޅޭ ގޮތަށް ބޮތްކެއްލާން ޖެހުނީ މިކަމާހެދިއެވެ. ބައެއްފަހަރު ދަންވަރު ގާޑުކުރުމަށްތިބޭ ސިފައިގެކުދިންނަށް އަޅުގަނޑުގެ ޞޫރަ އެކުދިންނަށް ދަންވަރު ފޯރީގައި ފެނިގެން އެކަމާހެދި، އިރުއެރުމުން އަޅުގަނޑު ގެންގޮސް ސުވާލުކޮށްފައި ވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ މިއީ އެންމެ ރަނގަޅުނޫން ޖިންނިއެއްގެ އަސަރުތައް ކަމުގައެވެ.

އާދެ! ކެމެރާއެއްގެ ތުހުމަތެއްގައި ބަންދުކުރެވުނީ ކަމަށްހަދައި، މާލެތެރޭގައި، ސިޔާސީ ކުޑަހުޅުޖެހުމުގެ ޙާދިޡާގައި އަލިފާން ޖެހިކަމަށް އެއްބަސްވި ކުދިންނައި ވާހަކަދެކެވޭ ގޮތަށް، ބިންބިފޯހުގެ އެޖެންޓަކު (ބިންބިފޯހުގެ ވަރަށް އިސްމީހެއް) ޖަލަށް ފޮނުވައިގެން، އޭރުމާލޭގެ އިސްމެމްބަރުކަން ކުރެއްވި ޑޮކްޓަރު މުޙައްނަދު ވަހީދު ޙަސަން މަނިކުގެ ބޮލުގައި ހުޅުޖެހުމުގެ މިކަންތައްގަނޑު އެޅުވޭތޯ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. މިތުހުމަތު ޑޮކްޓަރުވަޙީދުގެ މައްޗަށް އުފުލޭނެގޮތް ރާވާލައިގެން، އެކުދިންނަށް އަކުރުން އަކުރަށް މިރޭވުންގަނޑު ލައިދެވުނެވެ. ޑޮކްޓަރ ވަޙީދު އެކުދިންނައި ބައްދަލުކުރެއްވި ތަނާއި ދެއްކެވިވާހަކަ ތަކާއި ތަންފީޒުކުރަން ޙަވާލުކުރި ކަންތަކުގެ ލިސްޓެއް އެކުދިންނަށް ޖަލަށް ދިޔަބިންބިފޯހުގެ އިސްމީހާ ކިޔައިދީ، ދަސްކޮށްދިނެވެ. އެހެނަސް ސާފު ދޮގަކަށްވާތީ އެކުދިން، ތަޙުޤީޤުގައި އެވާހަކަތައް ނުދެއްކީ ކަމަށް އެތަނުން އެއްކުއްޖަކު، އަޅުގަނޑައި ޖަލުން ދިމާވެގެން ކިޔައިދިނެވެ. މިހުރީ ސިޔާސީގޮތުން ރޭވިގެން ހިންގުނު ޖިނާއީޢުދުވާން ތަކެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުތައް ދަންނަމީހަކު އޭރަކުނެތެވެ. ޤާނޫނުލް ޢުޤޫބާތަކަށް އޮތީ، ހުވަދުއަތޮޅު ބަޣާވާތުން މާލެގެންނަ މީހުންނަށް އަހުވާދެއްކުމަށް އޭރުގެރައީސް ނާޞިރުގެ އަމުރުފުޅަށް ލިޔެފާސް ކޮށްފައިއޮތް ޤާނޫނުލް ޢުޤޫބާތެކެވެ. މިކަންކޮށްދެއްވީ އޯކިޑްމާގޭ އަލްފާޟިލް އަޙްމަދު ޒަކީއެވެ. ކުޑަހުޅުޖެހުމުގެ ޙާދިޘާގެ މުޅި ފަސްމަންޒަރަށް ވިސްނާއިރު، ވަރަށްބޮޑު ސިޔާސީ ސިއްރެއް ފޮރުވިފައި އޮންނާނެއެވެ. ފަޅާއަރާނެ ދުވަހެއް އިރާދަކުރެއްވިއްޔާ، ﷲ ދައްކަވާ ނެއެވެ. ﷲއީ، އެންމެ މޮޅުރޭވުން ތެރިޔާ ކަމުގައި ހިތުގެއަޑިން ޤަބޫލުކުރުމަކީ، އަޅުގަނޑުގެ ސާފު، ޠޯހިރުޢަޤީދާއެވެ. ފަހެއެއީ ޚައިރުލް މާކިރީންއެވެ. ގެންގޮސް ޖަލަށްލާއި ބަންދުކުރުމަށް ފަހު، މުޅިންވެސް އަޅުގަނޑު މައްޗަށް ހުރީދޮގު ބަޔާން ހަދައިގެން ޙައްޤުނޫން ޝަރީޢަތްތައް ކޮށްފައެވެ. އެންމެ ފާހަގަ ކޮށްލެވެނީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މައްސަލައާ ގުޅިގެން، އިލްޔާސް/ސަޓޯ ގެމަޝްހޫރު ކެސެޓުރޯލުގެ ދަޢުވާއެވެ. މިކަމާ ގުޅިގެން ރައީސްއޮފީހުން ކޯޓަށް އެންގެވި އެންގެވުންތައް ކިޔައި، އަދި ދެކިފައިވާ ބޭފުޅުން، މިހާރު އެވާހަކަތައް ތަފްޞީލުކޮށް އެބަކިޔައި ދެއެވެ. 2004 އޯގަސްްޓް، 12،13 އިންފެށިގެން، އަޅުގަނޑުގެ ލޮޔަރަކަށް ހުންނެވި، އަލްއުސްތާޒު އަޙްމަދު މުޢިޒަށް މީގެ ބޮޑުމަންޒަރު އެނގިވަޑައި ގަންނަވާނެއެވެ. އޭރުގެ ސިޓީތަކާއި ފަހުގެ ތަހުޤީޤު ބަޔާންތައް ފެނިވަޑައި ގަންނަވާނެއެވެ. އޯގަސްޓް 12،13 ގައި ކުރީގެވަޒީރު އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ތަޙުޤީޤަށް ދެއްވި ބަޔާނަކީ، ދިވެހި ތާރީޚަށް ޓަކައި ފޮރުވެންޖެހޭނެ، 11 ޞޮފްޙާގެ ވަރަށްމުނިންމު ބަޔާނެކެވެ. އުސްތާޒު މުޢިޒް އަތްޕުޅުގައި އޮންނާނެއެވެ. އަޅުގަނޑުއަތަށް ކުޑަވަގުތު ކޮޅަކަށް ލިބުނީ ހަމައެކަނި ކިޔާލާށެވެ. ފަހެ، ވީގޮތް ބައްލަވާށެވެ! ގަސްގަނޑު ރީތިކޮށް ސަލާމަތުން ބަހައްޓާފައި ގޮފިކޮޅާއި ފަތްކޮޅު ތަޅާލައި ދުވަސް ދުއްވާލީއެވެ. އިލްޔާސް ހުންނެވީ ސަލާމަތުންނެވެ. ޖަލުގެކުޑަގޮޅީގައި ދުވަސްދުއްވާލީ އަޅުގަނޑުމެން ނިކަމެތީންނެވެ. ކޯޓުގައި މިވާހަކަތައް ހަރުއަޑުން އަޅުގަނޑު ގޮވީމެވެ.

އާދެ! އެދުވަސްވަރުގެ ވާހަކަތައް ހާދަހާވާ ރީއްޗެވެ! އޭރު ގިނައީ، ބޮޑުން ފަހަތުގައި ފޮރުވިގެންތިބެ ރާވައިގެން ހިންގާބޮޑެތި ޖަރީމާތަކެވެ. ފުރަތަމަ ފަހަރަށް ޓެރަރިޒަމް ޤާނޫނު ތަޢާރުފް ކުރިގޮތަކީ، މީގެ ވަރަށްބޮޑު ހެއްކެކެވެ. މިކަން ރައީސް މައުމޫނު ކުރެއްވީ، ޤާނޫނުލްޢުޤޫބާތު، އޭރުގެ ރައީސް ނާޞިރު، ވަކިބަޔަކަށް އަމާޒުކުރައްވައިގެން އެކުލަވާލެއްވި ގޮތަށެވެ. ފަހެ، ވަކިބަޔަކު ހިފާހައްޔަރުކޮށް އެމީހުންނަށް ހޭއަރުވާލެއްވުމަށް އަމާޒުކޮށެވެ. ރައީސް އޮފީހުން ބާރުއަޅުއް ވައިގެން ރޭގަނޑާއެކު މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން އެޤާނޫނު ފާސްކުރުވައި ގެންނެވެ. އެންމެ ހެއްވާކޮށް އޮތީ، އެޤާނޫނުގައި ލިޔެފައިއޮތް މިޤާނޫނުގެކުރިން ކޮށްފައި ހުރިކަންތަކަށް ވެސް މިޤާނޫނުގެ ދަށުން ފިޔަވަޅު އަޅާއި ޢަމަލު ކުރެވޭގޮތަށް އޮންނަ މާއްދާއެވެ. ބޭނުންކަންތައްކޮށް ނިންމުމަށް ފަހު، އެމާއްދާވަނީ އެޤާނޫނުން މިހާރު އުވާލާފައެވެ. އެޤާނޫނުގައި އެމާއްދާއޮތުމުން އެކަމާ ދެކޮޅުހެއްދެވުމުގެ ގޮތުން ވޯޓުނުދެއްވައި ހަމަހިމޭނުން އިންނެވި، ހަމައެކަނި މެންބަރަކީ، ރ.އަތޮޅު މެންބަރު އަލްފާޟިލް ޢަލީވަޙީދު އަބްދުއް ރައްޒާޤެވެ. ކުރިންކުރާ ކަމަކަށް ފަހުންއުފެދޭ ޤާނޫނަކުން ޙުކުމްކުރުމަކީ، އެއްވެސް އިލާހީ ޝަރީޢަތެއްގައި އޮންނަ ގޮތެއްނޫނެވެ. އަދި ޤާނޫނީ ޢިލްމުގައި މިއީ، މުޅިން ނަހަމަ އުޞޫލެކެވެ. މިވާހަކަ ވެސް އަޑުހަރުކޮށް ކޯޓުގެ ކޮށިގަނޑުގައި ހުރެގެން އަޅުގަނޑު ގޮވީމެވެ. ވީކަމެއް ނެތެވެ. ސުވާލެއްކޮށްލި މީހަކުނެތެވެ. އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުއްލެވީ، ސިޔަރަތު ވިދާޅުވުމަށް ކުޅަދާނަ ހެންވޭރު ހާޖަރާގޭ އަލްއުސްތާޒު މުޙައްމަދު ތައުފީޤެވެ. އެންމެ ހެއްވާކަމަކަށްވަނީ، އޭރު މިފަދަވާހަކަތައް އަޅުގަނޑު ޝަރުޢީކޯޓުގައި ދެއްކީމައި، އަޅާނުލި ބޮޑުން، ސަރުކާރުން ބޭރުކޮށްލީމައި އެފަދަ ކަންތައް މިދުވަސްވަރު ކޯޓުގައި ކުރައްވާ މަންޒަރު ފެނުނީމާއެވެ. މިދެންނެވީ ޑޮކްޓަރ މުނައްވަރު މިހާރު އެއުޅުއްވާގޮތުގެ ވާހަކައެވެ. އެންމެ ދެރަކަމަކަށްވަނީ، ޤާނޫނެއް ހެދިޔަސް އެކަމުގެ ނިޔަތާއި މަޤްޞަދަކީ، މުޅިންވެސް ސިޔާސީ ބޭނުންތައް ހާޞިލުކުރުމަށް ކުރާކަމަކަށް ވާތީއެވެ. ފަހެ، ހިތާމަހުއްޓެވެ!

އާދެ! 2003 ސެޕްޓެމްބަރު އޮނަވިހިވިހީގެ ތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ގާވެފައި ތިބޭބުދުން ތަކެއްގޮތުގައި މަޖިލީހުގެ މެމްބަރުން ތަކަކާއި އޭޖީއޮފީހުގެ ސްޓޭޓުއެޓާނީން ތަކެއް، ތަޙުޤީޤު ކުރިތަން ބަލަންށާއި އަޑުއަހަން ބައިތިއްބާފައި ތިބުމުން، ސިފައިންނަށް އަޅުގަނޑުގެ މައްޗަށް ދޮގުހެކި ދޭންނުކެރުނީ މައެވެ. މާލެތެރޭގައި ޖާސޫސުކުރަން ގެންގުޅުނު ސިފައިން މިކަންތައް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް މިކަން ނުވީއެވެ. ފަހެ، މިއީއޮޅިގެން ނަމަވެސް ރައީސް މައުމޫނަށް އެފަހަރު، އެޅުއްވުނު ރަނގަޅު ފިޔަވަޅެކެވެ. އަޅުގަނޑުމެން ސަލާމަތްވީ މިފިޔަވަޅާ ހެދިއެވެ. ޖެނީފާ ލަޠީފުގެ ފޮޓޯތަކެއް، އެހިސާބުގަނޑުގައި އުޅެނިކޮށް ނެގިފައި ހުރުމުން، އަޅުގަނޑައި ތަފާތުގޮތަކައް އޮޅުވާލައިގެން ދޮގުހެކި ދީގެން، ޖެނީ ތާށިކޮށްލީއެވެ. އަޅުގަނޑާ ބެހޭގޮތުން އެތައްފަހަރަކު ހެކިންގެ ބަޔާން ލިޔެގެންވެސް ސޮއިކުރާނެ ސިފައިންގެ ކުއްޖަކު ނުވީކަން ފަހުން އެގުނެވެ. އަޅުގަނޑުގެ ފޮޓޯތައްހުރީ ހަދާފައެވެ. އެފޮޓޯތަކަށް ހެކިބަސް ނުހޯދުނީއެވެ. އެންމެފަހުން ގޮތްހުސްވެގެން، ބައިންދަ ބައިންދާފައި ޖަލުން ދޫކޮށްލީ އެތައްދުވަހެއް ކޮށްފައެވެ.

ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ހޯއްދެވި، މަޖިލީހުގެ ދެވަނަ އިއްތިފާޤު ވުންއޮތީ މިދެންނެވި، 2003 ސެޕްޓެމްބަރު، 19،20 ގެ ޙާދިޘާހިނގިތާ، ފަސްދުވަސް ވަރުފަހުން ނެވެ. ވޯޓުލުން އޮތްދުވަހު ވަރަށް ހެދުނު ވަޤުތެއްގައި، މީހަކު، އަޅުގަނޑު ޖަލުގައި ހުރިގޮޅީގެ ދޮރުގައި ތަޅައިގަތުމުން ބަލައިލިއިރު، ހުންނެވީ ބައިވަރު ސިފައިންނާއެކު، މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލްފާޟިލް މުޙައްމަދު ނަޝީދު (އަންނި) އެވެ. ކަނާއަތުން ތަމްބްސްއަޕްގެ އިޝާރާތް ދައްކާލައްވައި އަޅުގަނޑާ ދިމާއަށް ހިނިތުން ވުމަކާއެކު، ހަރުއަޑުން ވިދާޅުވީ، މިއަދު މިއީ މަޖިލީހުގެ ސިއްރުވޯޓު އޮންނަދުވަހެވެ. އޭރު އަންނި ވަށާލައިގެންތިބި ސިފައިން އަންނި އަތުގައި ހިފައިގެން ދަމަނީއެވެ. އަންނި ގަދަހަދަނީ ނުދާށެވެ. ކުރިމަތީގައި ހުރިގޮޅިއަށް ވައްދަންވެގެން އެމީހުން ދަމާއިރު، އަންނި ނުވަނުމަށް ގަދަހަދަނީއެވެ. އަދި މިމަންޒަރު ސިފައިންގެ ދެކުއްޖަކު ދެކެމެރާއަކުން މޫވީކޮށް، ސްޓިލްފޮޓޯވެސް ނަގަމުން ދިޔަތަން ފެނެއެވެ. އާދެ! ކަންވީގޮތް އެނގުނީ މާފަހުންނެވެ. އެދުވަހު އަންނި ހައްޔަރުކުރުމަށް ފަހު، ވަރަށް ހެދުނާ، މިނިސްޓަރު ޔާމީނު، ޅ.އަތޮޅު މެމްބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އަށް، ފޯނުން ގުޅުއްވާފައި ވިދާޅުވަނީ، އަންނިހުރީ ޖަލުގައި ބަންދު ކުރެވިފައެވެ. މިއަދު މަޖިލީހުގައި އޮންނަ ސިއްރުވޯޓުގައި އިބޫގެ ވޯޓުލިބިއްޖެނަމަ، އަންނި ވަޤުތުން މިނިވަން ކުރެވޭނެއެވެ. އިބޫ ޥޯޓުދެއްވުމުން މަޖިލީހުގެ އިއްތިފާޤު ރައީސް މައުމޫނަށް ލިބުނީއެވެ. މެންދުރު ކާގަޑި ޖެހެން ވަރަށް ކާރިވެފައި ވަނިކޮށް، އަންނި ނެރެގެން ގެންދިޔަތަން އަޅުގަނޑު ދުށީމެވެ. މިވީގޮތަކީ، ރައްޔިތުންގެ މަޖިލީހުން ހަމައިއްތިފާޤު ވުމާއެކު، އަންނި ދޫކޮށްލީއެވެ. ސިފައިން، އަޅުގަނޑު ގާތުގައި ބުނީ، އިލްޔާސަށް ނުފެންނަ ގޮތަށް އަންނި، އެހެންދިމާ އަކަށް ބަދަލުކުރީ ކަމަށެވެ. އެހެނަސް  ހަވީރު ވެފައި ވަނިކޮށް ހެޔޮއެދޭ ސިފައިންގެ ކުއްޖެއްގެ ފަރާތުން، އަންނި ގެންދިޔައީ ދޫކޮއްލަން ކަމާއި، ނެގުނުވޯޓުން ރައީސް މައުމޫނަށް އިއްތިފާޤު ލިބުނުކަން އަޅުގަނޑަށް އެނގުނެވެ. އިޞްލާޙޭ ކިޔައިގެން މިހާރު، މޮޅުވާހަކަތައް ދައްކަވާ އިއްޒަތްތެރި މެމްބަރުންތަކުގެ ވޯޓު، މިގޮތައް އިއްތިފާޤުކޮށް، ދެއްވުމުން ޖަލުގައި އިނދެ އަޅުގަނޑު ވަރަށް ހިތާމަކުރީމެވެ. ހަގީގަތުގައި ރޮވުނެވެ. އަޅުގަނޑާއެކު، ބަންދުގައިހުރި އެކުވެރިޔާ ޖެނީއާއި އަޅުގަނޑު އެކުގައި ޖީޕެއްގައި ތަޙުޤީޤު އޮންނަތަން ކަމުގައިވާ ވެލާނާގެއަށް ގެނެވުނު، ދުވަހެއްގައި މިކަމާމެދު ހިތާމަފާޅުކޮށް މިވާހަކަތައް ތަކުރާރުކޮށް ދެއްކުނެވެ. އަޅުގަނޑުމެން ދެމީހުން، އެދުވަހެއްގެ ތަޙުޤީޤު ނިމެންދެން ތިބެނީ، ވެލާނާގޭތެރޭގައި ޓިނުންހަދާފައި ހުންނަ ބޮޑުގުދަނެއްގެ ތެރޭގައި ދެދިމާއަކަށް އަތްގަނޑު ނުލާވައްތަރުގެ ދެޕްލާސްޓިކު ގޮނޑި ބަހައްޓާފައި އެދެގޮނޑިގައި ދެމީހުން އިށީދެ ތިބުމަށް އަންގާފައެވެ. ފެންނަހިސާބުގައި ސިފައިން އަބަދުވެސް ތިބެއެވެ. ޖުމްހޫރީ ވެރިކަމެއްގައި ކަންތައް ހިންގާގޮތާއި ހިނގާގޮތް މިހުރީފެންނާށެވެ. އިބޫވެސް ރައީސް މައުމޫނަށް ވޯޓުދެއްވީއެވެ. އަލްފާޟިލް މުޙައްމަދު ޝިހާބާއި އަލްފާޟިލް ޙަސަން ޢަފީފާއި މިފަދަ ބޭފުޅުންވެސް ރައީސް މައުމޫނަށް ހެޔޮހިތުން ވޯޓުދެއްވައި މުޅިރައްޔިތުންގެ މަޖިލިސް އިއްތިފާޤުވީއެވެ! ހާދަހާ ވާޗާލެވެ! މިގައުމުގެ ކުރިމަގާމެދު ހިތާމަހުއްޓެވެ!”

ޖަވާހިރުވާދީ އިލްޔާސް، ތިންވަނަފަހަރު ޖަލަށްލުން. ބާބުދޭއް.
01 ޖެނުއަރީ 1992 ވީބުދަދުވަސް، ޖަލުގައި ހުންނަތާ، 374 ވަނަ ދުވަހެވެ. މިއަދުހެދުނު ސައިބޮއި ނިމިގެން ބަދަލެއް އަންނަނީކަމުގެ އުފަލުގައި ހުއްޓާ، މެންދުރު އެކެއްޖެހިއިރު އަޅުގަނޑުބަލާ ސިފައިން އަތުވެއްޖެއެވެ. މިޚަބަރު ލިބުނީއްސުރެ އެންމެ ކަންބޮޑުވަމުން ދިޔައީ ޖަލުގެގޮޅިތައް ބެލެހެއްޓުމަށް ފޯރިއަށް އައިސްއުޅޭ ސިފައިންގެ އޮފިސަރެއްލައްވާ، އަޅުގަނޑުގެ ގެއިން ގެނުވައިގެން އަޅުގަނޑު އަތުގައި ފޮރުވައިގެން ގެންގުޅޭ ޖަޕާން ސޮނީކުންފުނިން އުފައްދާފައިވާ ވަރަށްކުޑަކުޑަ ކޭޝްކާޑްސައިޒްގެ އެފްއެމް، އަދި އޭއެމްލިބޭ ރޭޑިޔޯއެއް އަޅުގަނޑު އަތުގާގޮޅީގައި އޮތީމާއެކަމާއެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުކޮށް އާޖަލަކަށް ވައްދާއިރު މާގަދަޔަށް ފާސްކޮށް ބަލާފާނެ ތީއެވެ. މިއީ އާންމުކޮށް އެހެން ގައުމުތަކުގައި ހިންގާކަމެކެވެ. އެހެންވެ ރާއްޖޭގައި ވެސް މިކަންމިގޮތަށް ހިންގަފާނެކަން އަޅުގަނޑަށް ލަފާކުރެވޭ ތީއެވެ. މިއަދު ކުރަންމިއުޅޭ ކަމަކީ ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރާށެވެ. މިއީ ކުޑަކުޑަ ޗާޖަރަކަށް ޖަހާލުމުން ޗާޖްވާގޮތަށް، އަދި ވަރަށްކުޑަކުޑަ އިއަރފޯނެއް ހިމަހިމަ ވާގަނޑެއް ބޭނުންކޮށްގެން އަޑުއެހޭގޮތަށް ހަދާފައި އޮންނަ، އެކުންފުނީގެ އެންމެކުދި ސައިޒުގެ ރޭޑިޔޯއެކެވެ. ބޮޑުމިނަކީ ކޭޝްކާޑެއްގެ ސައިޒެވެ. ބޯމިނުގައި ދެސޫތުވަރު ހުންނާނެއެވެ. ޗާޖަތުގެސައިޒަކީ ވެސް މިއެވެ. އެހެނަސް ވޯކީޓޯކީސައިޒު ބެޓެރީލެއްވޭވަރަށް ބޯމިންހުރެއެވެ. ވޯކީޓޯކީސައިޒުގެ ތިންބުރި ބެޓެރީން އެތައްދުވަހެއް ވަންދެން ޗާޖްކުރެވެއެވެ. އަޅުގަނޑު ދޫނިދޫކުޑަގޮޅީގައި އޮންނަންޖެހުނު އަށާރަ މަސްދުވަހުން ބަޔަކާއި ގާމާދޫ ޖަލުގައި އޮންނަންޖެހުނު އަށާރަމަސް ދުވަހުގެ ތެރެއިން، ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަލިބިގެން ގެނެވެންދެން ބޭނުންކުރީ، މިދެންނެވި ކުޑަކުޑަ ރޭޑިޔޯއާއި އެރޭޑިޔޯއާއެކު ސިފައިންގެ އޮފިސަރު އަޅުގަނޑަށް ގެނެސްދިން ވޯކީޓޯކީ ސައިޒުގެހަބުރި ބެޓެރީއެވެ. ފަހުން އިތުރުބެޓެރީ ހޯދާކަށް ނަސީބަކުން ނުޖެހެއެވެ. މިބެޓެރީތަކުގެ ބާރުނުދަނީސް ގެއިންރޭޑިޔޯއެއް ލިބިއްޖެއެވެ. މިރޭޑިޔޯ އަޅުގަނޑުއަތަށް، ދޫނިދޫޖަލަށް ގެނެސްދިނީ، ޖަލުން ބައްދަލުވި ސިފައިންގެ އޮފިސަރެކެވެ. މިއީ އަޅުގަނޑުމެންތިބޭ ގޮޅިތައް ބަލަހައްޓަން ޑިއުޓީއަށް ފޯރިމަރަން އަންނަ އެންމެއާދައިގެ އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. މީނާއާ ފުރަތަމަ ގުޅުން އުފެދުނު ގޮތަކީ، އެއްދުވަހަކު އަޅުގަނޑާ ވާހަކަދައްކަމުން ސިގިރޭޓް ބޯންބޭނުންހޭ އަހާލުމުން، އެއީއެއްގޮތަކަށް ވެސް އަޅުގަނޑު ބޯއެއްޗެއްނޫނޭ ބުނެއޭނާއަށް ޖަވާބުދެވުނު ހިސާބުންނެވެ. ދެން އޭނާއަޅުގަނޑު ކުރެންއެހީ، ދުފާލާނެ ފޯއްކޮޅެއް ބޭނުންވޭތޯއެވެ. އެސުވާލު ކުރުމުންވެސް އަޅުގަނޑުދިން ޖަވާބަކީ، އެއީވެސް އަޅުގަނޑު ބޭނުންކުރާ އެއްޗެއްނޫނެވެ. އަދި އަޅުގަނޑަކީ އެފަދަ އެއްވެސް އަމަލެއްކުރާ މީހެއްނޫނޭ ބުނީމެވެ. ސިގިރޭޓްބޮއި ދުފާހަދާމީހެއް ނޫނޭބުނީމެވެ. ކޮންމެ ޑިއުޓީއެއްގައި ވެސް މިވާހަކަތައް މިގޮތަށް ދެކެވެން ފަށައިފިއެވެ. ދެން، އެހެން ދުވަހެއްގައި އިލްޔާސް ޖަލުގެކުޑަގޮޅީގައި ތިޔަގޮތަށް ހުންނައިރު، އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ވާހަކަދެކެވުމުގެ ތެރޭގައި އޭނާ ސުވާލުކޮށްލުމުން، އަޅުގަނޑު އެއޮފިސަރަށް ދެންނެވީމެވެ. އަޅުގަނޑަކީ އެއްވެސް ކަހަލަ ބުއިމަކުން، ނުވަތަ ދުމަކުން، ނުވަތަ ވަހަކުން އަމަލުވެ، މަސްތުވާ މީހެއްނޫނެވެ. އެފާޑުގެ މަސްތުވުމަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަ އަމަލެކެވެ. ސިގިރޭޓާއި ދުފުމުގެމަސްތަކީ، އަޅުގަނޑަށް އެއްގޮތަކަށްވެސް ބޭނުންވާ މަސްތެއްނޫނެވެ. އަޅުގަނޑަކީ، ސަތޭކަޕަސަންޓު ސިޔާސީ މީހެކެވެ. އަޅުގަނޑަކީ، ފިސާރިއަކަށް ސިޔާސީ މަސްތުވާ މީހެކެވެ. އަޅުގަނޑަށް ކަމެއްކޮށްދެންޏާ އެރޮނގުން އެހީއެއް ވެދޭށެވެ. އޭރުންފުދުނީއެވެ. އެއީ ކިހެނެއްހޭ މިއޮފިސަރު ކަލޭގެ އަޅުގަނޑު ކުރެން އަހައިފިއެވެ. ދެން އަޅުގަނޑު އޭނާއަށް ބުނެދީފީމެވެ. އަޅުގަނޑު މިގޮތަށް ކުޑަގޮޅިއެއްގައި ކަނުއަނދިރީގައި މުޅިދުނިޔެއާވަކިން ބަންދުވެފައި ހުންނައިރު އަޅުގަނޑުގެ އުފަލަކަށް، އަދި މަސްތުވުމަކަށް ވާނީ، ރާއްޖެއާއި ރާއްޖޭންބޭރުގެ މުހިންމު ޚަބަރުތައް ދުވަހުންދުވަހަށް ހޫނުކަންމަތީގައި ލިބޭނެގޮތެއް ހަމަޖެހުން ކަމުގައި އޭނާގާތުގައި ބުނެދިނުމުން އޭނާވަރަށް އަވަހަށް ޖެހިލުމެއްނެތި ބުނެލައިފިއެވެ. އެކަން ކޮށްދީފާނަމެވެ. އެއީ އެއްވެސް ކަމެއްނޫނެވެ. މިޖަވާބުން އަޅުގަނޑު ވަރަށްބޮޑަށް އުފާވިއެވެ. ދެން އޮންނަ ޑިއުޓީއަކަށް އަންނަދުވަހަކު، ކުޑަރޭޑިޔޯއެއް ގަނެގެން ބެޓެރީއާއެކު، އިލްޔާސަށް ގެނެސްދެންހޭ އެނާއަހައިފިއެވެ. މިހިސާބަށް ވާހަކަދިއުމުން، އަޅުގަނޑުފުންކޮށް ވިސްނާލާފައި އޭނާގާތުގައި ބެނެފީމެވެ. އޭ! މަގޭ ރަހްމަތް ތެރިޔާއެވެ! ތިޔައީ ސިފައިންގެ އޮފިސަރެކެވެ. އަހަންނަކީ، ކުޑަގޮޅީގައި ބަންދުވެފައިހުރި ސިޔާސީ ކުށްވެރިއެކެވެ! ގައުމީ މީހެކެވެ! ވަގެއްނޫނެވެ! ފޭރޭމީހެއްނޫނެވެ! މީހަކަށް އަދި މީހެއްގެ މުދަލަކަށް ގެއްލުންދިން މީހެއްނޫނެވެ! މަނާއެއްޗެއްބޮއި މީހެއްނޫނެވެ! ސާފުސީދާ ސިޔާސީ މީހެކެވެ! ޝައްކެއްނެތެވެ! ތިޔަކަމަކީ، ﷲއަށް ހެޔޮއެދިގެން، ﷲއަށް ޓަކާކޮށްދޭ ވަރަށްމުހިންމު ކަމަކަށް ވާންޖެހޭނެއެވެ. ނިޔަތް ރަނގަޅުވާން ޖެހޭނެއެވެ. އިޚްލާޞްތެރި ވާންޖެހޭނެއެވެ. ތިޔައީ ވަށްކަމެއް ނޫނެވެ. މީހެއްގެ ހައްގަށް އުނިކަމެއް ގެނެސްދޭ ކަމެއްވެސް ނޫނެވެ. ބޮޑުޖަރީމާއެއް ވެސް ނޫނެވެ. ﷲގެ މަގުގައި ސިޔާސީ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. ގައުމަށްޓަކައި ކޮށްދެވޭ ކަމެކެވެ. ދަރުމަހުރި ކަމެކެވެ. ހަމަކަށަވަރުން އަޅުގަނޑު ޔަގީންކަން ދެމެވެ. މިކަމުން ފައިދާއެއް ކުރިއްޔާކުރާނީ ދިވެހިގައުމުގެ މުސްތަގުބަލަށެވެ. އަޅުގަނޑުގެ ސިކުނޑިޔަށް ލިބޭތާޒާކަމަކީ، ރާއްޖޭގެ މުސްތަގްބަލަށް ލިބޭނެތާޒާ ކަމެއްކަން ކަށަވަރެވެ. ސައުވީސް ގަޑިއިރު އަޅުގަނޑުގެ ސިކުޑީގައި އެނބުރެމުން މިދަނީ ރާއްޖޭގެ މުސްތަގްބަލާއި ކުރިމަގު ބިނާކުރުމުގެ ވިސްނުންތަކެވެ. މިކަމުން ދިވެހި ގައުމަށް ދެރަކަމެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން، ﷲ ގަންދީ އަޅުގަނޑު އަރުވަމެވެ. ކުރިޔަށްދަމާ ހިނގާށެވެ. ފަހެ، އެއްގޮތަކަށް ވެސް، އަމިއްލަޖީބުން ޚަރަދުކޮށްގެން ގަންނާކަށް ނުޖެހޭނެއެވެ. އަމިއްލަފައިސާ އެކަމަށް ޚަރަދުކޮށް ހޭދަކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޚަރަދެއްނުކޮށް މިކަހަލަތަނެއްގައި ހުންނައިރު ސިއްރުން އަޅުގަނޑަށް ބޭނުންހިފޭފާޑުގެ ވަރަށްކުޑަކުޑަ ރޭޑިޔޯއެއް ރަހްމަތްތެރިޔާއަށް ކެރެންޏާ ވަރަށްފަސޭހައިން ލިބިދާނޭ ބުނީމާ، އޭނާބުނެފިއެވެ. އަވަހަށް ބުނެދޭށޭ ތިޔަކަންތައް ހެޔޮހިތުން އިލްޔާސަށް، ﷲއަށްޓަކާ ކޮށްދީފާނަމެވެ! ޒުވާނާއަށް ސާބަހޭ! އަޅުގަނޑު ދެންނެވީމެވެ! އަޅުގަނޑު މިއޮފިސަރަށް މިމައުލޫމާތުތައް ދިނީ، މީނާމިކަންތައް ހެޔޮހިތުން ކޮށްދީފާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުގެ ޒަމީރަށް އެންމެ ފުރިހަމައަށް ލިބުނީމައެވެ. އަދި މިކަންތައް، ﷲއަށް ޓަކައި އިލްޔާސަށް ކޮށްދެނީކަމުގެ ވަޢުދުބަސް އޭނާގެ ފަރާތުން އަޅުގަނޑަށް ކަށަވަރުވެ ލިބުނީމައެވެ. ދެން، އޭނާއާއެކު ދެކެވުނު ވާހަކަތަކުގައި އަޅުގަނޑު ބުނާތާކަށް، އަދި ބުނާމީހެއް ކައިރިއަށް މާލޭއަށް ދިއުމަށް ފަހު، ގޮސްދިނުމުން، އެމީހާގާތުގައި އަޅުގަނޑު ބުނާއެއްޗެއް ބުނެދިނުމުން ވަރަށްކުޑަ ރޭޑިޔޯއެއް ލިބޭނެކަމާއި އެރޭޑިޔޯ ލިބުމުން ވީހާއަވަހަށް އަޅުގަނޑުގެ އަތަށް ދޫނިދޫޖަލުގެ ކުޑަގޮޅިއަށް ގެނެސްދޭށޭ ބުނެފީމެވެ. އޭރުންހުރިހާކަމެއް ނިމުނީއެވެ. އޮޕަރޭޝަން ކާމިޔާބުވީއެވެ. ދެންއެއަށް ފަހު، މިކަންތައް ތަންފީޒު ކުރުމަށް ކުރަންވީ ހުރިހާކަންތަކެއް އަކުރުންއަކުރަށް ވަރަށް ރަނގަޅަށް ސާފުކޮށް އެއޮފިސަރަށް ކިޔައިދީފީމެވެ. ބައެއްމަރްހަލާ ތަކުގައި ދުލުން ކިޔާލަންޖެހޭ ތަންތަނާއި ނިޔަތްގަންނަންވީ ގޮތްވެސް ބުނެދިނީމެވެ. ދެންމީނާ އަޅުގަނޑު ބުނެދިންގޮތަށް މިކަންތައްކޮށް ތަންފީޒުކޮށް ނިންމާއި ދެންއައި ހަފްތާގެ ޑިއުޓީއަށް އޭނާއައިސް، އެރޭޑިޔޯ ގެނެސް އަޅުގަނޑުއަތަށް ދީފިއެވެ. ހަމައެވަގުތު އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަދި އޭނާއަށް ތިޔަކޮށްދިން، ދަރުމަހުރި ހެޔޮކަންތައް މުޅިއުމުރަށް ހަދާނުގައި ބަހައްޓާނެ ކަމުގެ ޔަގީންކަން ދިނީމެވެ. އަދި އޭނާއަށް، ﷲ ހެޔޮދަރުމަ ދެއްވުންއެދި ދެންނެވީމެވެ. ދެންގޮޅީގެ އެތެރެއަށް އަޅުގަނޑު ޖެހިލައި އެންމެފުރަތަމަ ވެސް އަޅުގަނޑުކުރީ ދެރަކްއަތް ނަމާދެކެވެ. ޝުކުރުގެ މިނަމާދަށް ފަހު، ޗެކްކޮށްލިއިރު މިރޭޑިޔޯ މުޅިން ބަރާބަރެވެ. ދުނިޔޭގެ އެތަންމިތަނުގެ އަޑުފަށްގަނޑު ސާފުކޮށް ލިބެއެވެ. ބީބީސީ ބަރާބަރަށް ސާފުކޮށް ލިބެއެވެ. އަޅުގަނޑު އެންމެ އަޑުއަހާހިތްވާ ޚަބަރު ޕްރޮގްރާމަކީ، ރާއްޖޭގެގަޑިން ހެދުނުހަގަޑި ތިރީހުގަޔާއި ރޭގަނޑު އަށްގަޑި ތިރީހުގައި ބީބީސީން ފޮނުވަމުން އަންނަ އުރުދޫބަހުން ފޮނުވާޚަބަރު ތަކެވެ. ބީބީސީ ސާފުކޮށް ލިބުމުން، މިކަންތައް ކާމިޔާބުވީކަން ޔަގީންވެއްޖެއެވެ. މިކުޑަކުޑަ ރޭޑިޔޯއަކީ، އަޅުގަނޑު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާކުރި ދުވަސްވަރު އެތާގައި އަޅުގަނޑާއެކު އުޅުއްވި ރަންކޮކާ މުހަންމަދު ރަޝީދު ކައިރީގައި ބުނެގެން ސިންގަޕޫރުން ގެނުވި އެއްޗެކެވެ. މިކަންކުރެވުނީ ދުނިޔޭގައިގެންގުޅޭ އެންމެކުޑަ ސައިޒުގެ ރޭޑިޔޯއެއް ހޯދުމުގެ ބޭނުމުގައެވެ. ރަޝީދު، އަޅުގަނޑުއަތުން މިކަމަށް ޗާޖްކުރީ އެންމެސަތޭކަ ޔޫއެސް ޑޮލަރެވެ. މިރޭޑިޔޯ އެދުވަސްވަރު ހޯދިފައިއޮތުމުން ޖަލުގައި އަޅުގަނޑަށް މިލިބުނީ ވަރަށްބޮޑު ނިއުމަތެކެވެ. އަދި ސިޔާސީގޮތުން ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ރޫހާނީގޮތުންނާއި މާއްދީގޮތުން ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް ލިބުނު އިތުރު ފުރުސަތެކެވެ. މިކަންކޮށްދިން އޮފިސަރަށް ފަށްފަށުން އެތައްހާސް ޝުކުރެއް އަދާކޮށް އެތައްދުޢާއެއް ޖަލުގައި ހުރެގެން ޚަބަރުއަހާ ކޮންމެ ފަހަރަކުހެން އަޅުގަނޑު ކުރީމެވެ. މިކަންތައް މީނާކޮށްދިންތާ މާގިނަދުވަހެއް ނުވަނީސް މީނާގެޑިއުޓީ ދޫނިދޫން، އެހެންދިމާއަކަށް ބަދަލުވެ މީނާ ދެނެއް، އެއްގޮތަކަށް ވެސް ނުފެނެއެވެ. ދެން އެއަށްފަހު، މީނާއާއި އަޅުގަނޑާދިމާވީ މާފަހުންނެވެ. މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު ވަޒީފާއަދާކުރި ދުވަސްވަރު، އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަރިހުގައި ރާއްޖެތެރެއަށް ކުރިދަތުރެއްގައި ގއ.އަތޮޅުގެ ރަށަކުންނެވެ. އަޅުގަނޑަށް އޭނާއޮޅުންފިލީ، އޭނާއަޅުގަނޑާ ތައާރުފްވެ ޖަލުގައި ހުރިއިރު ކުޑަރޭޑިޔޯއެއް ގެނެސްދިނީ އޭނާކަން އަޅުގަނޑަށް އަމިއްލައަށް ކިޔައި ދިނުމުންނެވެ. އޭރުއޭނާއަކީ ބޮޑުކަންނެއްޔަށް މަހަށްދާ މީހެކެވެ. ސިފައިންގެއިން ކެނޑިގެން އެމަސައްކަތުގައި އުޅެނީކަމަށް އެނާބުނެދިނެވެ. އެދުވަހުވެސް އަދި އޭގެކުރިން ވެސް މީނާއަޅުގަނޑު އަތުން ފައިސާކޮޅަކަށް ނުވަތަ އެހެންއެއްޗަކަށް ވެސް ނޭދެއެވެ. އޭރު ޖަލުގައިވެސް އަދި ފަހުންފެނުނު ދުވަހުވެސް އޭނާ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އިލްޔާސްމެން ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންގެ މިނިވަންކަމަށް އެއްވެސްބިރެއް ޖެހިލުމެއްނެތި ކޮށްދިންބުރަ މަސައްކަތުގެ ބަދަލުގައި އޭނާގެ ޖާނާއިވަޒީފާ ނުރައްކަލަށް ހުށަހަޅައި ބިރުންހުރެވެސް، ﷲއަށް ޓަކައި ކޮށްދިން ކަމެއްކަމަށެވެ. އެއްގޮތަކަށް ވެސް ފަހުން ލިބިދާނެ އެއްޗަކަށް ނިޔަތްގަނެގެން ކޮށްދިންކަމެއް ނޫންކަމަށެވެ. ތިންވަނަ ފަހަރަށް އަޅުގަނޑު އޭނާއައި ބައްދަލުވީ، 2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަތަން އެދޭގޮތަށްކުރި ކެންޕޭން ދަތުރެއްގައި ދެކުނަށް ގޮސްއުޅެނިކޮށް އޭނާގެ އަމިއްލަ ރަށުންނެވެ. އެފަހަރުވެސް އެއްވެސް ކަމަކަށް އަޅުގަނޑުގެ ފަރާތުން އޭނާއެއް ނޭދެއެވެ. އޭނާގެއަމިއްލަ ވަޒަނަށް އަޅުގަނޑު ގެންގޮސް އަޅުގަނޑަށް ސައިދީހެދިއެވެ. އަދި އޭނާގެ އަންހެނުން އަޅުގަނޑަށް ތައާރަފްކޮށް ދީހެދިއެވެ. ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް އޭނާއެނގެނީ އޭނާއަމިއްލައަށް އަޅުގަނޑައި އިސްވެ ތަޢާރުފް ވުމުންނެވެ. ﷲ އޭނާއަށް ތާއަބަދަށް ހެޔޮރަހްމަތް ލައްވާށިއެވެ. ސިފައިންގެ ތެރޭގައި އުޅޭބައެއް އޮފިސަރުން އަޅުގަނޑާ ދޭތެރޭގައި އާދަޔާހިލާފަށް ހިތްހެޔޮވެފައި ރަނގަޅެވެ. އެމީހުން ގަބޫލުކޮށް ދެކެނީ އަޅުގަނޑު މެންނަކީ، ވަށްކަންކޮށް ބޮޑެތިޖަރީމާތައް ހިންގައިގެން ގެނެވިފައި ތިބިބައެއް ނޫންކަމަށެވެ. ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖޭގެ އިސްލާހަށް ބިރެއްޖެހިލުމެއްނެތި ނުކުމެ ގިނަގުނަ ކަންތައްތަކެއްކުރި ބައެއްގެ ގޮތުގައެވެ. މީގެތެރޭގައި އަޅުގަނޑު މެންނަށް ޚަބަރުގެނެސްދޭ އޮފިސަރުން ތިބެއެވެ. އަދި އޯފްޑިއުޓީގައި މޫދަށްގޮސް އަމިއްލައަށް މަސްހިފައިގެން، ފިހެގެން ޑިއުޓީއަށް އަންނަމުން ގެނެސްދީހަދާ އޮފިސަރުންނާ ވެސް ކުޑަގޮޅީގައިތިބި ނާމާން ދުވަސްވަރު ދިމާވިއެވެ. އަޅުގަނޑު އެންމެކާހިތްވާ، ކާއްޓާއި ހިކިމަސް ގެނެސްދޭ ކުދިންވެސް ތިބެއެވެ. އަދި މިރޭޑިޔޯ ލިބުމުގެކުރިން މެދުއިރުމަތީގައި އެމެރިކާއާއި އެމެރިކާގެ އެކުވެރިން، 1991 ގައި ހިންގި “ޑެސާޓްސްޓޯމް” ގަލްފް ހަނގުރާމައިގެ ޚަބަރުތައް އަޅުގަނޑަށް ލިބެމުންދިޔައީ މިގޮތަށް ދިމާވާ އޮފިސަރުންގެ އެހީގައެވެ. ރޭޑިޔޯ އަތުޖެހެންދެން ޚަބަރުތައް ލިބެމުން ދިޔައީ މިފަދަ ގޮތްގޮތަށެވެ. ބީބީސީން ފޮނުވާ ޚަބަރުތައް ރޭޑިޔޯއެއްގެ އަޑުން، ފަނޑުކޮށް ބައެއްރޭރޭފަތިހު އަޅުގަނޑު ހުރިގޮޅިއަށް ލިބެމުން ދިޔައެވެ. މިކަންތައް މެދުވެރިވާ ގޮތަކީ، އަޅުގަނޑު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު ބޮޑުސިއްކަ ޖަލުގެ ސަރަހައްދުން ބޭރުގައި އޭނާ ހުންނަވާ ކޮޓަރީގައި ހުންނަވައިގެން ފަތިސްނަމާދަށް ފަހު، ބީބީސީ އައްސަވާއިރު އަޅުގަނޑަށް ފަނޑުކޮށް އެއަޑުއިވޭތީއެވެ. ބައެއްފަހަރު ސާފުވެ ކިޔާއެއްޗެއް އޮޅުން ފިލަނީއެވެ.

މެންދުރު ބާރަޖެހިއިރު ސުލައިމާނު ސަރުދާރު އަޅުގަނޑުބަލާ ގޮޅިއަށް އަތުވެއްޖެއެވެ. ސާމާނާއެކު ގޮޅިން ނެރެގެން ގެންގޮސް ދޫނިދޫޖަލު ދޯނީގައި ގާމާދޫއަށް ދިއުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމީހަކު ގޮވައިގެން ފުރީއެވެ. ގާމާދޫއަށް އާދެވުނީ ގާތްގަނޑަކަށް އެއްގަޑިއެއްހާ އިރުވެފަވެ. މާގިނަ އިރުތަކެއް ދަތުރުކުރުމުގައި ދޯނިމަތީގައި ނުނަގައި ވަރަށް އަވަހަށް ގާމާދޫއަށް އަޅުގަނޑުމެން ގެނެސް ބާލައިފިއެވެ. ފައިމަގު ހިންގާފައި ޖަލުސަރަހައްދަށް ގެންގޮސް ވެއްދީ ޖަލުގެ އޮފީސްބަޔަށެވެ. ގާމާދޫ ޖަލުބަލަހައްޓާ އިސްބޭފުޅަކަށް ސިފައިންގެ ތެރެއިން އޭރުހުންނެވީ ފަލްކަން އޭކިޔާ ބޭފުޅެކެވެ. ފުރަތަމަ ފެނުމުންވެސް މީނާއަކީ، އަޅުގަނޑާ ދޭތެރޭގައި ހިތްހެޔޮ ހިތްތިރި މިޒާޖެއްގެ އަހްލުވެރިއެއްކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަޅުގަނޑު ފެނުމުން އޭނާގެމޫނުމަތިން އެފެނިގެންދިޔަ ހިނިތުންވުމުން މިކަންފާހަގަ ކުރެވުނީއެވެ. އަޅުގަނޑު ކާރިވުމުން ކުރިޔަށްވުރެ ބޮޑަށް ހިނިތުން ވުމާއެކު ހީލެއްވިއެވެ. ޗެކްކުރައްވަން ހުންނެވީވެސް ޚުދު ފަލްކަން އެކަންޏެވެ. ހީލައްވާފައި އަޅުގަނޑު ޗެކްކުރުމުގެ ގޮތުން ހަށިގަނޑުގައި ކޮނޑުން ފެށިގެން ފަޔާހަމައަށް ދެފަރާތުގައި ދެއަތްތިލަ ކާއްތާލެއްވިއެވެ. އަދި އަޅުގަނޑު އަތުގައިއޮތް ކުޑަސައިޒެއްގެ ބެކްޕެކްގައިހުރި އަންނައުނުގެ މަދުއެތިކޮޅު ނަންގަވާ ލައްވާފައި އެއްފުށަށް އަނެއްފުށަށް ބައްލަވާލައްވާފައި ފިތާލައްވާ ހައްދަވާފައި އަނބުރާ ބެކްޕެކަށް އަމިއްލަ އަތްޕުޅުން އެއަންނައުނުތައް އަޅުއްވައިފިއެވެ. ބެކްޕެކް ބަންދުކުރެއްވުމަށް ޒިޕްއަޅުއްވައި ދެއްވީވެސް އެބޭފުޅާއެވެ. އެވަގުތު އަޅުގަނޑުހުރީ ދުލަށްއައިހާ ހެޔޮއެއްޗެތި ކިޔުމުގައެވެ. ދެން އަޅުގަނޑަށް ޖަލުގެ ސަރަހައްދު ތެރެއަށް ވަނުމަށް އިޝާރާތްކޮށް ލެއްވީއެވެ. އަޅުގަނޑަށް މިބޭފުޅާ މިއެރުއްވީ އެބޭފުޅުންގެ މިންގަނޑުންނަމަ، ވީވީއައިޕީ ޚިދުމަތެވެ. މިހިސާބުން އަޅުގަނޑު އެންމެބޮޑަށް ކަންބޮޑުވެގެން އުޅުނުކަންތައް ފަސޭހަކަމާއެކު ހައްލުވީއެވެ. އާޖަލަށް ކުޑަރޭޑިޔޯއާއެކު ވަދެވުމުން ފުރަތަމަވެސް، ﷲއަށް ޝުކުރު ދެންނެވީމެވެ. އަޅުގަނޑު އަތުގައިއޮތް ކުޑަކުޑަ ރޭޑިޔޯއާއި ދެމޮހޮރު އާޖަލުތެރެއަށް ރީތިމަރްހަބާ އަކާއެކު އެތެރެކޮށް ލެވުނީތީއެވެ. އޭރު އަޅުގަނޑު އަތުގައިއޮތް ކުޑަރޭޑިޔޯ ފޮރުވާފައި އޮންނާނީ، ބެކްޕެކްތެރޭގައި ފަތްޖަހާފައިއޮތް އަޅުގަނޑުލާން ގެންގުޅޭ ޖީންސްފަޓްލޫނުގެ އެއްޖީބުތެރޭގައި ނުތެޅުވޭގޮތަށް ރަނގަޅަށް ހަރުކޮށްލާފައެވެ. ތިންބުރި ބެޓެރީއާއެކު ޗާޖަރބޭއްވީ ޖީންސްގެ ފައިކުރިތެރޭގައި ފުޅާކޮށް، ދެބުރަކަށް އޮޅާލާފައި އެއޮތްގޮތަށް ފަތްޖަހާލާފައެވެ. އަނެއް ތިންބުރި ބެޓެރީވެސް ފޮރުވީ ޖީންސްގެ އަނެއްފައިކުރި ތެރޭގައި މިގޮތަށެވެ. ދެމޮހޮރުއޮތީ އަބަދުވެސް އެބާއްވައިގެން އުޅޭތަނުގައެވެ. ތުވާލީގެ ފަތީގެ ތެރޭގައާއި ފަޓުލޫނެއްގެ ފައިކުރީގެ ފަތީގެ ތެރޭގައެވެ. މިއިން އެކެއްޗެއް ވެސް، ﷲގެ އިރާދަފުޅުން އަޅުގަނޑު ފާސްކޮށް ބެލިއިރު ފެންނަގޮތެއް ނުވިއެވެ. އެއްވެސް މައްސަލައެއްނެތި އަޅުގަނޑަށް ގާމާދޫޖަލަށް އެތެރެ ވެވުނީއެވެ. މިހާހިސާބުން ހުރިހާބިރެއް ފިލައިގެން ދިޔައީއެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. ގިނަގައިދީންތަކެއް އެއްކޮށް އެއްތަނެއްގައި އުޅެވެންފެށީއެވެ. އާޖަލަކަށް ބަދަލުވުމުން އަނެއްކާވެސް ތަކުރާރުކޮށް، ﷲއަށް އެތައްހާސް ޝުކުރެއް ދެންނެވީމެވެ. މާގިނައިރުތަކެއް ނުނަގާ އަޅުގަނޑު މެންނަށް ޚާއްސަކޮށް ހަދާފައިހުރި ކޮޓަރިބަރިހުރި ސަރަހައްދަށް ވަށްދައިފިއެވެ. އަލަށް ލިބުނުކޮޓަރިއަށް ވަދެފަ ވުޟޫއުކޮށްލައިގެން ފުރަތަމަވެސް ކުރީ ދެރަކްޢަތް ނަމާދެކެވެ. އަޅުގަނޑުމެން އެންމެންވެސް ވެއްދީ އަލަށް ހަދާފައިހުރި ކޮޓަރިތައްހުރި ބަޔަށެވެ. މިބަޔަށް ޖަލުތެރޭގައި ފަހުންދެވުނު ނަމަކީ، “ސިޔާސީ މީހުންގެފައްޅި” އެވެ. މިއީ ވަކިންވަދެވޭ ގޮތަށް ވަކިދޮރެއްލާފައި ހުރިބައެކެވެ. މިއީ ގާމާދޫޖަލު ތެރޭގައި ވަކިންހަދާފައި ހުރިބައެކެވެ. މިބައިގާހުރީ، 7 ކޮޓަރިއާއި ވަކިން ގޯތިތެރޭގައި ހަދާފައިހުރި ދެފާޚާނާއާއި ވަކިން ގޯތިތެރޭގައި ބޮޑުކޮށް ހަދާފައިހުރި ކާގެއެކެވެ. މިތަންތަން ހިމެނޭގޮތަށް މިބައިހުރީ ވަށާފާރުލާއި ބައްދާފައެވެ. މިއީ ކުޑަވަރެއްގެ ބަންދުކޮށްޓެކެވެ. މިއިމާރާތްތަކަށް ބިންނެގުމަށްފަހު، ހުސްކޮށް އޮންނަނީ ތިރީސްފޫޓު ފަންސަވީސް ފޫޓުގެ ހުސްބިން ކޮޅެކެވެ. މިއީ ވައިތެރޭގައި އިށީދެލާ ހިތްހަމަޖައްސާލަން އެންމެންނުކުމެ ތިބެންއޮތް ހުސްބިންކޮޅެވެ. ގާމާދޫގައި ދެންމިގޮތަށް ވަކިބައެއްގެ ގޮތުގައި ހަދާފައި ހުންނަނީ، 3 ނޮވެންބަރ 1988 ގެ ހަމާލާގައި ބައިވެރިވި ދިވެހިން ބައިތިއްބާފައި ތިބޭބައެވެ. އަޅުގަނޑުމެން ތިބޭބަޔަށް އެންމެފުރަތަމަ ވެއްދިމީހުންނަކީ އަޅުގަނޑުމެން، 6 މީހުންނާއި ގާމާދޫން ގެނެސްވެއްދި، 5 މީހުންނެވެ. މިތަނަކީ ވަރަށް އާކޮށްހުރި ތަނެކެވެ. ކޮޓަރިތައް ހުންނަނީ އެޓޭޗް ފާޚާނާއާ އެކުގައެވެ. ހަތަރުކޮޓަރިއަށް ހަތަރުފާޚާނާ އެޓޭޗްކޮށް ހުއްޓެވެ. ފާޚާނާދޮވެ ސާފުކުރަން ޖެހެނީ އަމިއްލައަށެވެ. ހުންނަނީ ތިންއެނދު ބެހެއްޓޭވަރުގެ ހަތަރުކޮޓަރިއާއި ދެއެނދު ކިރިޔާ ބެހެއްޓޭ ވަރުގެ ތިންކޮޓަރިއެވެ. މިތިންކޮޓަރި ތެރޭގައި ފާޚާނާއެއް ނުހުރެއެވެ. މިތިންކޮޓަރީގައި ތިބޭގައިދީން ދާންޖެހެނީ ގޯތިތެރޭގައި ވަކިންހަދާފައި ހުންނަ ދެފާޚާނާއަށެވެ. އަޅުގަނޑު ފުރަތަމަވެއްދީ މިތަނުން ކުޑަކޮޓަރި އަކަށެވެ. އަޅުގަނޑާ އެކުގައި އެކޮޓަރިއަށް ގެނެސްވެއްދީ ލ.އަތޮޅު މާވަށު ހުސައިން އަބޫބަކުރު (ބެއްޔާ) އޭކިޔާ މީހެކެވެ. އަޅުގަނޑާއެކު ކޮޓަރިއަށްވެއްދި ބެއްޔާއަކީ ދޮންދަރިއެއްގެ ގަޔަށް އަރައިގެން ހުކުމެއް އިއްވާފައި ހުންނަމީހެކެވެ. ދެންތިބީ މީހުންތައް ބޮޑެތިކޮޓަރި ތަކަށް ބަހާލީއެވެ. ކޮންމެވަގުތެއްގައި ވެސް ކާންދޭންވީމާ، ކާބޯސާމާނު ނެގެސްކާގޭގައި ބެހެއްޓުމުން އެންމެން އައިސް ކާގޭގައި ހުންނަމޭޒު ކައިރީގައި ތިބެގެން ކަނީއެވެ. އެއްވެސް އުނދަގުލެއް ނެތެވެ. ކެއުމުގެ ކަންތައްއޮތީ މިހެންކަން އެނގުމާއެކު ސައްޕެ ހެދިގޮތަކީ، ކާންހަދާނެ މީހުންނާއި ކާގެސާފު ކުރާނެ މީހުންގެ ޑިއުޓީއެއް އެންމެން ޝާމިލްކޮށްގެން ހަދާފައި ބެހެއްޓުމަށް ފަހު، އެއަށް އެންމެންވެގެން އަމަލުކުރަން ފެށީއެވެ. އެމީހަކު ހަޑިކުރާ އެއްޗެއް ދޮންނަންޖެހެނީ އެމީހެކެވެ. ޑިއުޓީން ދޮންނަންޖެހެނީ އެހެން ތަކެއްޗެވެ. ވަރަށް ތަރުތީބުން ހުރިހާކަމެއް ބަހާލައިގެން އެންމެންގެ މަޝްވަރާގެ މަތިން ބަރާބަރަށް މިކަންތައް އިންތިޒާމްވެގެން ކުރެވެން ފަށައިފިއެވެ. ސައްޕެ އާއި އަޅުގަނޑާ، ދެމީހުން ދެޓީޗަރުންގެ ގޮތުގައިތިބެގެން ކްލާސްތަކެއް އެހެންމީހުންނަށް ނަގައިދޭން ފަށައިފީމެވެ. އިނގިރޭސި ކިޔަވަން ބޭނުންމީހަކަށް އިނގިރޭސި ބަސް ކިޔަވައިދެނީއެވެ. ހިސާބުކިޔަވަން ބޭނުންވާ މީހަކަށް ހިސާބު ކިޔަވައިދޭން ފަށައިފީމެވެ. އަޅުގަނޑުމެން ކިޔަވައިދެނީ އަޅުގަނޑުމެނާ އެކުގެނައި ބަންދުގައިއުޅޭ އަލިފާނުގެ މީހުންނަށާއި ދެން ގާމާދޫ ޖަލުތެރެއިން ނުލަފާކޮށް އުޅެގެން އަޅުގަނޑު މެންބަޔަށް ގެނެސްލީ މީހުންނަށެވެ. ނަމާދުކުރުމަށް ހުންނަމިސްކިތް ހުންނަނީ މިބައިން ބޭރަށް ނުކުންނައިރު ފެންނަގޮތަށް ކުރިމަތީގައެވެ. ފުރަތަމަކޮޅު މިސްކިތަށްދާން ބޭރަށް ނުނެރެއެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން ކޮންމެ ވަގުތެއް އައިސް ޖެހުމުން ނަމާދަށް ދިއުމަށް ނެރެއެވެ. އަދި ނަމާދުކޮށް ނިމުމުން ގެނެސް އެތެރެއަށް ވައްދައި މައިދޮރު ތަޅުލަނީއެވެ. ހުކުރަށް ވެސް ނެރެނީ މިގޮތަށެވެ. ހުކުރުދުވަހު ހުކުރުކޮށްދޭން މީހަކު ހުރެއެވެ. ނަމާދު ކޮށްދޭން ވަކިމީހަކު ނުހުރެއެވެ. ގާމާދޫޖަލުގެ މިބަޔަކީ މިއަދު އަލަށް ހުޅުވިގެން ދިޔަބަޔެވެ. މިއަދު އަޅުގަނޑު މެންގެ އިތުރަށް މިބަޔަށް ގެނައީ ކުޑަކުދިންގެ މައްސަލަ ތަކުގައި ހުކުމް އިއްވާފައިތިބި ތިންމީހަކާއި ވައްކަމުގެ ކުށަށް ހުކުމްއިއްވާފައި ތިބިދެމީހެކެވެ. މިފަސްމީހުން ގެނެސްވެއްދީ ގާމާދޫންނެވެ. މިތަނަށް އަޅުގަނޑުމެން ވެއްދުމުން ވަރަށް އުފާވެހިތްހަމަ ޖެހުނެވެ. ކުޑަގޮޅީގެ އަނިޔާވެރި އެކަނިވެރި ބަންދުން ސަލާމަތްވީމައެވެ. އެންމެން އެކުގައި ބައްދަލުވެ ވާހަކަދައްކާއި މަޖާކޮށް ހެދޭތީއެވެ. ދެންމާކަ ގޯހެއްނޫނެވެ. އެދޭހުރިހާ ކަމެއްކޮށްދެއެވެ. މިބައި ބަލަހައްޓަނީ ޕްރިސަންސް ޑިވިޝަނުންނެވެ. ރަސްމީކޮށް ސިފައިންނެއް ނޫނެވެ. އެހެނަސް އަބަދުވެސް ސިފައިން ޑިއުޓީއަށް ތިބޭތަންފެނެއެވެ. ކިރިޔާކަމެއް ދިމާވިޔަސް އެޓެންޑްކުރަނީ ސިފައިންނެވެ. ގާމާދޫ ޖަލުގެ ކުދިގޮޅިތައް ހުންނަނީ މިބަޔާވަރަށް ކައިރީގައެވެ. ހަޅޭލަވާއަޑާއި އެގޮޅިތަކުގައި ހިންގާކަންތަކުގެ އަޑުފަށްގަނޑު ރީތިކޮށް މިބަޔަށް އިވެއެވެ. ކޮންމެއަކަސް މިރޭވަރަށް އަރާމު ނިންޖެއްގައި ރަނގަޅަށް ނިދާލެވުނެވެ. ކުރީގެބިރުވެރި ނާމާންކަމުން އެތައްބައެއް އުނިވެގެން ހިނގައްޖެކަން އިހްސާސް ކުރެވުނެވެ.

2 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 375 ވަނަ ދުވަހެވެ. މިއަދު ގެއިންކާނާ ވަށިގަނޑެއް ލިބުނެވެ. އެންމެން ބަހާލައިގެން ވަރަށްމަޖާކޮށް ކައިހެދީމެވެ. އެކުވެރި އެއްއާއިލާއެއްގެ ދިރިއުޅުމެއް ކަހަލައެވެ.

3 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 376 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އޮފީހުން ޕްރިސަންސްގެ ބޭފުޅުން ވަޑައިގެން އަޅުގަނޑުހުރި ކުޑަކޮޓަރިންނެރެ ބޮޑުކޮޓަރިއަކަށް ބަދަލުކޮށް ދީފިއެވެ. މިއީ އަޅުގަނޑު އެދިގެން ކޮށްދިން ކަމެއްނޫނެވެ. ބެއްޔާއާއެކު އަޅުގަނޑު އެޓެޗްފާޚާނާއެއް ނެތްކޮޓަރިއެއްގައި ނުބޭއްވުމަށް އެބޭފުޅުންގެ ހިތަށް، ﷲ ވައްދަވައި ދެއްވީއެވެ. މިކަމާވެސް އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަޅުގަނޑު ބޮޑުކޮޓަރިއަށް ބަދަލުކުރިއިރު އެކޮޓްރީގައި އުޅެނީ އެންމެމީހެކެވެ. އަނެއް ދެއެނދުހުރީ ހުސްކޮށެވެ. އަޅުގަނޑު މިކޮޓަރިއަށް ގެނައުމުން މިކޮޓަރީގައި ދެމީހުން ހަމަވީއެވެ. މިކޮޓަރީގައި އަޅުގަނޑާއެކު ޝެއާކުރާމީހާގެ ނަމަކީ ހ.ޅަރީތިގޭ އަހްމަދު ރަޝީދެވެ. މިއީ އަޅުގަނޑު މީނާއައި މުއާމަލާތުކުރާ ފުރަތަމަ ދުވަހެވެ. މީނާއައި ރައްޓެހިވެ ވާހަކަދައްކާ ލުމުންބުނީ މިނާއަށް ހުކުމް އިއްވިފައިވަނީ، މީނާއާ އަދި ތަންބިނަސީމުގެ ދަރިފުޅު ފާޒިރުއާ ދެމީހުންވެގެން ރޭގަނޑު ގޭގެއަށްވަދެ އަންހެންކުދިން ނިދާފައިތިއްބާ އެކުދިންގެ ހެދުންކަފާލައި ޖަނގިޔާކަފާލައި ބުރާނައްޓުވާހަދައި ފޮޓޯނަގާއި އެކުދިންނާ ބެހިހަދައިގެންނާއި އެގެތަކުން ވައްކަން ކުރުމާގުޅިގެން ހުކުމްއިންވުނު މީހެއްކަމަށެވެ. މިއިންބޮޑު ކޮޓަރިއެއްގައި ހުންނަނީ ތިންމީހުންގެ ޖާގައެވެ. ތިންއެނދު ބަހައްޓާފައެވެ. ކުޑަތިންކޮޓަރީގައި ހުންނަނީ ކޮޓަރިއެއްގައި ދެއެނދެވެ. ރީތިރަނގަޅު އެނދެވެ. އާގޮދަޑިއާއި އާބާލިހާއި އާބެޑްޝީޓު ދީފައި ހުއްޓެވެ. އެޓެޗް ފާޚާނާވެސް ހުރީތަށިމުށިޖަހާ ވަރަށްރީއްޗަށް ހަދާފައެވެ. ކޮންމެދުވަހަކު ފާޚާނާދޮވެ ސާފުކޮށްހަދަނީ އަޅުގަނޑެވެ. ޅަރީތި މިއިންކަމަކާ އެއްގޮތަކަށް ވެސްނޫޅެއެވެ. އެސޮރަށް ކާންދިނުމާއި ކިޔަވައިދިނުމަކީ ވެސް އަޅުގަނޑު ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ކޮޓަރިހުރީ ސީލިންގކޮށް އެނބުރޭފަންކާލާއި ވައިރުކޮށް ހޮޅިބުރިހަރުކޮށް ކުލަލާހަދާފައެވެ. އެއްވެސް ދަތިކަމެއް ކޮޓަރީގައި ނެތެވެ. ފާޚާނާ ސާފުކުރަން ބުރުހަކާއި ވިމްފުޅިއަކާ ގެނެސްދީފައި ހުއްޓެވެ. ކޮޓަރިސާފުކުރަން ފިހިގަނޑެއް ވެސް ދީފައި ހުއްޓެވެ. ދެމީހުންގެ ތިންކޮޓަރިއާއި ތިންމީހުންގެ ހަތަރުކޮޓަރިއެވެ. ޖުމްލަ، 18 މީހުންގެޖާގަ މިބައިގައި ހުރެއެވެ. އެހެނަސް މިވަގުތު އަދިތިބީ، 11 ގައިދީންނެވެ. އެއީ ދޫނިދޫންގެނައި، 6 މީހުންނާއި ގާމާދޫޖަލުން މިބަޔަށް ވެއްދި، 5 މީހުންނެވެ. ދޫނިދޫން މިބުރުގައި ގެނައީ އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް) އާއި ބޮޑުސައްޕެ (މުހަންމަދު ޝަފީގު) އާއި ވިސާމާއި ނާސިރާއި ކާދޫއިބުރޭއާއި ހީރޯއެވެ. އަޅުގަނޑާއި ސައްޕެއާފިޔަވާ ދެންތިބި، 4 މީހުންނަކީ މާލެތެރޭގައި ހުޅުޖެހިމީހުންގެ ތެރެއިން، 4 މީހުންނެވެ. ދެން ގާމާދޫޖަލުން ވެއްދިމީހުންގެ ތެރޭގައި ވައްކަންކުރި ގްރޫޕެއްގައި ހިމެނޭދެމީހަކު ވެސް އުޅެއެވެ. އެއީ ޅަރީތިއާއި ފާޒިރެވެ. ފަހުން އެނގުނުގޮތުގައި އިސްތަފާ، މިފަދަމީހުން އަޅުގަނޑުމެންނާ އެއްކޮށް ބައިތިއްބީ އެމީހުންލައްވާ، އަޅުގަނޑު މެންގެ ހަރަކާތްތައް ބަލާއި ޖާސޫސު ކުރުވުމަށެވެ. މިކަން އެނގުނީ މިކުދިވެރިން މިވާހަކަތައް ފަހުން ބުނެދިނީމައެވެ. ފާޒިރާއި ޅަރީތި ލައްވާ މިކަންކުރުވާ ކަމަށް ފަހުން އެވެރިންގެ އަނގައިން ބުނެދިނެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން މިއެންމެން ވެގެންދިޔައީ އަޅުގަނޑުމެންގެ ދަރިވަރުންނަށެވެ. އަޅުގަނޑުމެން ބުނާގޮތެއްނޫނީ ނުހަދައެވެ. ސައްޕެއާއި އަޅުގަނޑަކީ، އެވެރިންގެ އުސްތާޒުންނެވެ. އެވެރިންނަށް ކިޔަވައިދީހަދަނީ އަޅުގަނޑު މެންނެވެ. އަރަބިބަސް ކިޔަވަންފެށި ކުދިންވެސް ތިއްބެވެ. އަދި ކަސްރަތުކޮށްދީ ހަދަނީ ވެސް އަޅުގަނޑެވެ. ކޮންމެދުވަހަކު ހެދުނާއި ހަވީރު ކަސްރަތުކުރުން ބާއްވަމެވެ. އަދި ކޮންމެދުވަހަކު ކާގޭގައި ކްލާސް ހަދައިގެން ކިޔަވައިދީ ހަދަމެވެ. މިމީހުންތައް އިސާހިތަކު ވަރަށް އެކުލަވާލާއި އެކަތިގަނޑަކަށް ވެއްޖެއެވެ. އެއްއާއިލާއަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑުމެން ބޮޑުންގެގޮތުގައި ތިބިމީހުންގެ ބަސްގަބޫލުކޮށް ރަނގަޅު އުޅުމެއް އުޅެން ފަށައިފިއެވެ. އަންނިއާއި ހެރިންސް ހަންނާނު މިބަޔަށް ގެނައިފަހުން، އެބޭފުޅުންވެސް ބައެއް ކްލާސްތަކުގައި ކިޔަވައިދޭން ފެށީއެވެ. މިތާތިބޭ އެންމެންނަކީ ވެސް ކިޔަވައި އަދި ކިޔަވައިދޭ މީހުންނަށް ވެއްޖެއެވެ. ކެއުންވެސް އެދުނުގޮތުގެ މަތިން ވަރަށް ރަނގަޅުކޮށް ދީފިއެވެ. މިވަގުތު ގާމާދޫ ޖަލުގެ މިބައިގައި ތިބިމީހުންނަކީ، 1- އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް) 2- މުހަންމަދު ޝަފީގު (ސައްޕެ) 3- ހީރޯ (އަލިފާނާގުޅޭ) 4- އަބްދުﷲ ދީދީ (ކުޑަކުއްޖަކާ ބެހިގެން) 5- އޭދަފުށީ އަލީގެ ނާސިރު (މާލެތެރޭގައި އަލިފާންރޯކުރި) 6- ވިސާމް (މާލެތެރޭގައި އަލިފާންރޯކުރި) 7- ކާދޫއިބުރޭ (އަލިފާނާގުޅޭ) 8- ޅަރީތި އަހްމަދު ރަޝީދު (ވައްކަންކޮށްގެން) 9- ތަންބި ނަސީމުގެ ފާޒިރު (ވައްކަންކޮށްގެން) 10- ލ.މާވަށު ހުސައިން އަބޫބަކުރު ބެއްޔާ (ދޮންދަރިއަކާ ބެހިފައިވާ) 11- އަބްދުލްޣައްފާރު (ދޮންދަރިއަކާ ބެހިފައިވާ) މިއެގާރަމީހުންނެވެ.

4 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 377 ވަނަ ދުވަހެވެ. އިއްޔެލިޔުނު ސިޓީއެއް ގެއަށް ފޮނުވުމަށް ޕްރިސަންސްގެ ގާޑާހަވާލު ކުރީމެވެ. އަބްދުލްޣައްފާރު އަރަބިބަހުގެ އިތުރުކްލާސްތައް ނަގައެވެ.

5 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 378 ވަނަ ދުވަހެވެ. ވަރަށް މަޖަލުގައި އެންމެންވެސް ދުވަސްތައް ހޭދަކުރަމުން ދަނީ ހިތްހަމަ ޖެހިގެންނެވެ. އުނދަގުވާ ކަމެއްނެތެވެ. ރޭގަނޑު ވަރަށް ދަންވަންދެން ސިޔާސީ ވާހަކަތައް ދައްކަން ސައްޕެއާއެކު އަޅުގަނޑުމެން ތިބެމެވެ. ފާޒިރަކީ ވަރަށްމަޖާ ގޮލައެކެވެ. އަޅުގަނޑާ ވަރަށް ރައްޓެއްސެވެ.

6 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 379 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.

7 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 380 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރެދޭތޯ އެވާހަކަ ޕްރިސަންސްގެ ފަރާތުން ގާމާދޫގައި އިސްކޮށް ހުންނަމީހާއާ ވާހަކަ ދެއްކުމުން ވިދާޅުވީ އެކަންތައް މާލޭގައި ހުންނަ ހެޑްއޮފީހަށް، ޕްރިސަންސަށް ހުށަހަޅައި ދޭނެކަމަށެވެ.

8 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 381 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުދުވަހެކެވެ. ކުއްލިއަކަށް ހަވީރުވަގުތުގައި ފެނުނީ، އަޅުގަނޑުމެން ތިބޭބައިގެ ދޮރުހުޅުވާލާފައި އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އޮނަރަބްލް އުމަރުޒާހިރާއި އަލްފާޟިލް އިސްތަފާ އިބްރާހީމް މަނިކާއި ޕްރިސަންސުން ވަޑައިގެންނެވި ގަސް އިބްރާހީމް މަނިކާއި ސިފައިންގެ ފަރާތުން ގާމާދޫޖަލު ބަލަހައްޓަން ހުންނަވާ ސަރުދާރު ފަލްކަން އައިސް ވެންނެވިތަނެވެ. ފަލްކަންއަކީ އޭރުކޯޕަރަލެކެވެ. މިބޭފުޅުން އަޅުގަނޑުމެންނާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. ޚާއްސަކޮށް އަބްދުﷲ ކަމާލުއްދީން އަޅުގަނޑާ ހިތްހެޔޮކަމާއެކު ވާހަކަދައްކަވާ ހެއްދެވިއެވެ. އުމަރުޒާހިރުވެސް އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވިއެވެ. އަދި އެއްވެސް ކަހަލަ ދަތިކަމެއްވާނަމަ، ޕްރިސަންސްގައި ސިޓީއަކުން ދަންނަވާލުމުން ހަމަޖެހޭނެ ވާހަކަ ވިދާޅުވިއެވެ. ފަހުންއެނގުނު ގޮތުގައި މިބޭފުޅުން ޖަލުބައްލަވާލައްވަން މިވަޑައިގެންނެވީ، އެމްނެސްޓީ އިންޓަނޭޝަނަލްފަދަ ބޭރުގެ ޖަމްޢިއްޔާތަކުން އަޅުގަނޑުމެންނާ ގުޅޭގޮތުން ޝަކުވާތައް ކުރަމުން ގެންދާތީ އެކަމާ ޖަވާބުދާރީ ވުމަށްޓަކާ ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ. ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ޕްރެޝަރ ކުރަމުން ގެންދާކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ފަހުންލިބުނެވެ. އަދި އެމީހުން ނެރެމުން ގެންދިޔަރިޕޯޓްތައް ވެސް ފެނުނެވެ. އެންމެފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް ފައިވަނީ، ލަންޑަންގައި ހެޑްއޮފީސް ހުންނަ، އެމްނެސްޓީ އިންޓަރނޭޝަނަލުންނެވެ.

9 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 382 ވަނަ ދުވަހެވެ. މިއަދު މިބަޔަށް އިތުރު، 4 މީހުންގެނެސް ވެއްދިއެވެ. މިމީހުންނަކީ، ވިންޓަރ ޝަރީފާއި އަބްދުއްރައްޒާގާއި މާފަންނު އަސުރުމާގޭ އާދިލާއި މުފީދު (މުފީއްޓޭ) އެވެ. މިއަދުން ފެށިގެން މިބައިގައި، 15 މީހުންހަމަވީއެވެ. މުފީއްޓޭއަކީ ގާމާދޫޖަލުގައި ވަރަށް ސިޔާސަކޮށް އުޅެމުންގެންދާ ޖަލުތެރޭގައި ވަރަށް މަޝްހޫރު މީހެކެވެ. މީނާއަކީ ކުޑައިރުންފެށިގެން ޖަލުގައި ގެންގުޅޭ މީހެކެވެ. މީނަވެސް މިބަޔަށް ގެނެސްވެއްދީއެވެ. މީނާއަކީ، ޖަލުގެބަންދުގައި ވަރަށް ގިނަދުވަސްވެފައިވާ މީހެކެވެ. އިސްލާހިއްޔާއިން ފެށިގެން، އޭނާ އަބަދުވެސް އުޅެމުންގެންދަނީ ޖަލުގައެވެ. މާލެގެންދާއިރަށް ދުވެފިލަނީއެވެ. ދެން މާލެތެރޭގައި ވައްކަންކޮށް ލޫޓުވާހަދައިގެން އަނެއްކާވެސް ޖަލަށް ގެންނަނީއެވެ. މަތިމައްޗަށް ހުކުމްތައް އިއްވިފައިވާ މީހެކެވެ. މިގޮތަށް ޖަލުގެ ހުކުމްތަކެއް ތަކުރާރުކުރަމުން ގެންދާ، އަދި ޖަލަށް ބަލަދުއަރާފައިވާ މީހެކެވެ. މީނާ ޖަލުގައި މަޝްހޫރު ވެފައިވަނީ މަޝްހޫރު މުފިއްޓޭގެ ނަމުންނެވެ. ރެންޗޭއަކާއި ކިރުބޯއަކާއި އަތްބަޅޭއަކާއި ކިޔަވާއަކީ ޖަލުތެރޭގައި މިގޮތަށް މަޝްހޫރު މީހުންނެވެ. މިމުފިއްޓޭއަށް ހުޅުވަންނޭނގޭ ބިޑިއެއްނެތެވެ. ރޭގަނޑު ނުވަންނަގޮޅިއެއް ޖަލަކު ނުހުރެއެވެ. ފާރުމަތިން އަރައިގެން މުޅިޖަލު ތެރޭގައި އުޅެފައި ފަތިހަށް އެނބުރިއައިސް ހުންނާނީ ކޮޓަރީގައެވެ. މުފިއްޓޭއަކީ ޖާސޫސުކޮށް ވާހަކައުފުލުމަށް ވަރަށްމޮޅު ގޮލައެކެވެ. ޖަލުގެ ޚަބަރުތައް އެއްބަޔަކު އަނެއްބަޔަކަށް އުފުލައިދީ ހަދައެވެ. ކަރޯއައްބާސް މެންގެ މެސެޖްތައް ޑިބީ ޝާހިދުމެން، ލުތުފީމެންގެ ވާހަކަތައް އަޅުގަނޑަށް ގެނެސްދީ ހަދައެވެ. މީނާގެ ވާހަކަތައް ހުންނަގޮތުން އެއްބައިފަހަރު އިސްތަފާމެންނާ ވެސް ގާތްގުޅުމެއް އޮންނަމީހެއްހެން ހީވެއެވެ. މުފިއްޓޭ އަކީ، ޖަލުގައި ބްރައުންޝުގަރ އާންމުކޮށް ގެންގުޅޭ މީހެކެވެ. ޖަލުގައި އެވިޔަފާރި ހިންގައިދޭ އިސްމީހެކެވެ. މީނާއަކީ، އަޅުގަނޑާ ވަރަށްގާތް ގުޅުމެއް ގެންގުޅޭ އަދި އަޅުގަނޑުގެ ބަސްއަހާއި ގަބޫލްކުރާ ގޮލައެކެވެ. ބްރައުންޝުގަރ އަކީކޯޗެއްކަން އަޅުގަނޑަށް ދަސްކޮށްދިނީ މީނާއެވެ. ބޯންހަދާނެގޮތާއި ރަނގަޅު އެއްޗެހިތޯ ޗެކްކުރާނެގޮތާއި ބޮއިގެންވާގޮތް އަޅުގަނޑަށް ކިޔައިދީ، އަދި އަމަލުން އަޅުގަނޑަށް ދައްކައިދީ ހަދައެވެ. އޭނާބޮނީވެސް އަޅުގަނޑުގެ ކުރިމަތީގައި އިނދެގެންނެވެ. އަދި މަސްތީހާލަތުގައި ހުރެގެން ފާރުމަތިން އަރައިގެންގޮސް އެނބުރި އަންނަނީ އިރުއަރަން ކާރިވީމައެވެ. ގިނަރޭރޭމީނާ އަންނަންދެން އަޅުގަނޑު ހޭލާއިންނަމެވެ. މީނާގެ ސިފަބަދަލުކުރާ ގޮތާއި އެކަމަށް ގެންގުޅޭ ސާމާނުވެސް އަޅުގަނޑަށް ދައްކާހަދައެވެ. މޫނުއެހެން ސިފައަކަށް ފަލަކޮށްލާ ހަދަނީ ކަފައާއިކޮޓަންފޮތި ކޮޅުތަކެއް އަނގަތެރޭގެ އެކިދިމާތަކަށް ލައްވައިގެންނެވެ. ޑްރަގްބޮއިގެން އުޅޭގޮތާއި ކުރާކަންތަކުގެ ވާހަކަތައް މީނާ، އަޅުގަނޑަށް ކިޔައިދީ އަބަދުވެސް ހަދައެވެ. އެއީ އަޑުއަހާހިތްވާ ވާހަކަތަކެކެވެ. މިއީ ބައެއްފަހަރު ވަރަށް މަޖާވެސް ގޮލައެކެވެ. މީނާމިގޮތަށް ސިފަބަލުކޮށްގެން މާފަންނު ޕާމްކޯޓަށް ވަދެއުޅެނިކޮށް ކޮލިއަލިމަނިކުގެ ދަރިފުޅު އައިންތުއަލީއާ ރޭގަނޑެއްގައި ދިމާވިވާހަކަ އެއްވެސް އަޅުގަނޑަށް ކިޔައިދީފައި ވެއެވެ. އަބްދުއްރައްޒާގާއި ވިންޓަރަކީ ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ ހާދިސާއާއި އެންދެރިމާގޭ އިލްޔާސް، އަދި ސަޓޯގެ މަޝްހޫރު ކެސެޓްރޯލް ހާދިސާގެ މީހުންނެވެ. އަސުރުމާގެ އާދިލަކީ، މާލެތެރޭގައި އަލިފާންރޯކުރި ގްރޫޕްގެ ތެރޭގައި ވަރަށް މުހިންމު އިސްރޯލެއް އަދާކުރި މީހެކެވެ. މީނާގެޅިޔަނަކީ ކަރިޝްމާ އައްބާހެވެ. މިއައްބާސް ވެސް މިކަމުގައި އާދިލާގުޅިގެން ކޮންމެވެސްވަރެއްގެ ރޯލެއް އަދާކޮށްފައި ވާކަމަށް ވެއެވެ. އާދިލަކީ މާލެތެރޭގައި އަލިފާންރޯކުރި އޭދަފުށީ ނާސިރަށާއި މ.މާކޮޅު ވިސާމަށް ހިތްވަރުދީ ހަދަންވާގޮތްތައް ކިޔައިދީހަދާ އިސްމީހެކެވެ. މިކަންކުރަން ނުކުންނައިރު ކާންވީބޭސް ބުނެދީ، އެބޭސްތައް ހޯދައިދީހަދާ މީހާއެވެ. ކަރިޝްމާ އައްބާހަކީ، އާދިލަށް އެޑްވައިޒްދީ ހަދާމީހަކަށްވެއެވެ. ނުވަތަ އާދިލްހިތްވަރު ލިބިގަންނަ މީހާއަށްވެއެވެ. މިއައްބާހާއި އެންދެރިމާގޭ އައްބާހާގުޅުމެއް އޮންނަކަމަށް ވެއެވެ. އާދިލުގެ އާއިލާއަކީ އެންދެރިމާގެއާ ވަރަށް ގުޅުންބޮޑު އާއިލާއެކެވެ. މާލެތެރޭގައި އަލިފާނުގެ ހާދިސާތައް ފެށިފައިވަނީ މިކަހަލަގޮތަކަށެވެ. މިކަހަލަގުޅުން ތަކެއްގެ ތެރެއިންނެވެ. މާލެތެރެ ފަސާދަކުރަން ނެރުނު ބިންބިފޯހާ މިގްރޫޕާއި ޚާއްސަ ގުޅުންތަކެއް އޮންނަކަމަށް ވެއެވެ. ޖަލުގައި ތިބެގެން އަޅުގަނޑު މެންނާއި މާލެތެރޭގައި އަލިފާންރޯކުރި ކުދިންނާދެމެދު ދެކެވުނު ވާހަކަތަކުން މިއީހޯދިފައިހުރި ހަގީގަތެއް އެކުލެވޭ ކަމެކެވެ. މިވާހަކަތައް ނާސިރާއި ވިސާމާއި އަޒީއާއި އާދިލުމެން ޖަލުގައި ތިބެގެން އަޅުގަނޑަށާއި ސައްޕެއާއި އަންނިއަށް ވަރަށް ތަފްސީލުކޮށް ކިޔައިދީހަދާފައި ވެއެވެ. އަދި މާލެތެރޭގައި މިމީހުންހިންގި އަލިފާނުގެ ހާދިސާތަކާއި ޑޮކްޓަރ ވަހީދާގުޅުވުމަށް ބިންބިފޯހުން ކުރިމަސައްކަތްތައް ވެސް މިމީހުންވަނީ، އަޅުގަނޑު މެންނަށް ވަރަށް ސާފުކޮށް ތަފްސީލާއެކު ކިޔައިދީފައެވެ. މަދްރަސަތުލް ޝަހީދު ހިންގަން އިސްކޮށް އުޅުއްވި، ވާދޫޑީޑީ ކެމެރާއަކާ ގުޅުވައިގެން އުފެއްދި މައްސަލައެއްގެ ތުހުމަތުގައި އާދަންޒާހިރު އޭނާޖަލަށް ގެނެސް ނާސިރުމެންނާ ބައްދަލުކުރުވާއި އޭނާލައްވާ ދެއްކި ވާހަކަތަކާއި ރޭވިރޭވުންތައް ވިސާމާއި ނާސިރު އަޅުގަނޑުމެންނަށް ޖަލުގައި ކިޔައިދިނެވެ. ޑީޑީގެ ވަސްވާސްތައް ނާސިރަށް ލައިދީފައިވަނީ މާލެތެރޭގައި އަލިފާންޖެހީ ޑޮކްޓަރ ވަހީދު ވިދާޅުވެގެން ހިންގިކަމަކަށް ހަދާލުމަށެވެ. މިއީ ސިޔާސީގޮތުން މީގެކުރިންވެސް ރާއްޖޭގެ ގަދީމީޒަމާނުގެ ތާރީޚުގައި ވެސް މިފަދަކަންތައް ބޮޑުންއަޑީގައި ތިބެގެން މާލެތެރޭގައި ހިންގާފައިވާ ގޮތެވެ. ސިޔާސީ މަގްސަދުތަކެއް ހާސިލުކޮށްލަން ވީމާ، މާލެތެރޭގައި އަލިފާންޖަހާ ފަސާދަކޮށްލަނީއެވެ. މާލޭތެރޭގައި އަލިފާންޖެހުމުގެ މިހާދިސާވެސް ހިންގިފައިވަނީ ހަމައެފަދައިންނެވެ. މާލެތެރެފަސާދަ ކޮށްލުމުގެ ބޭނުމުގައެވެ. ވަރުގަދަ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށެވެ. އަލްމަރުހޫމް އަބްދުލްހަކީމް ހުސައިންމަނިކު ލިޔުއްވާފައިވާ، “ރާއްޖޭގެ ބޮޑުހުޅުކޮޅު” މިފޮތްކިޔާލުމުން މިކަންތައް ދިރާސާކޮށްލަން ވަރަށް ފަސޭހަވާނެއެވެ. އެދުވަސްވަރުގެ ހުޅުޖެހުމާއި މާލެތެރޭގައި ހިންގުނު މިދުވަސްވަރުގެ ހުޅުޖެހުމާ ގުޅުވާލާއި ދިރާސާ ހަދާލުމުން ނަތީޖާނުކުންނާނީ ވަރަށް އެއްގޮތަށެވެ. ސިޔާސީގޮތުން ބަޔަކުހަލާކު ކޮށްލައި ނައްތާލުމަށް ވެރިކަމާ ގުޅޭފަރާތުން ރާވައިގެންހިންގާ ބޮޑުފަސާދައެއް ކަމުގައި ފާހަގަކޮށް ބެލެވިފައި އެބަހުރެއެވެ. މިއީ އަދިވެސް އިތުރަށް ދިރާސާކުރެވިދާނެ ސިޔާސީ ހަގީގަތްތަކެއް އެކުލެވޭ މައުޟޫއެކެވެ. މިދިރާސާހަދާނެ ޒުވާންދިވެހި ދަރިން އެބައުފެދެން ޖެހެއެވެ. ތާރީޚަށް ލޯބިކުރާ ކިޔަވާކުދިން މިފަދަދިރާސާތައް ކުރަންޖެހޭނެއެވެ. އެންދެރިމާގޭ ކޭންޕުން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ ހަގީގަތް ހޯދެންޖެހޭނެއެވެ. އެދުވަސްވަރު މާލެތެރެ ފަސާދަކުރީ ކޮންފަދަ ސިޔާސީ ބޭނުންތަކެއް ހާސިލުކުރަންތޯ ބެލެވެން ޖެހޭނެއެވެ.

އާދެ! އަޅުގަނޑުމެން ގާމާދޫގައި ބައިތިއްބާފައި ތިބޭބައިގައި ހުންނަނީ، 7 ކޮޓަރިއެވެ. ކޮޓަރިތަކަށް ނަންބަރުދީފައި ހުންނަނީ މިގޮތަށެވެ. 6، 7، 8، 9، 10، 11، އަދި 12 އެވެ. 6 ކުން، 8 ކަށް ދެއެނދުގެ ކޮޓަރިއެވެ. 9 ކުން، 12 އަށް،  ތިންއެނދުގެ ކޮޓަރިއެވެ. މިހާރު ގައިދީން ނުވައްދާހުރީ ހަމައެކަނި، 12 ނަންބަރު ކޮޓަރި އެކަންޏެވެ. މިއަދު މިކޮޓަރިއަށް ވެސް، 3 އެނދުވައްދާއި ގޮދަޑިއަޅާއި ތަންމަތިއަޅާއި ތައްޔާރު ކުރިއެވެ. މިކޮޓަރިއަށް ވެސް ވަރަށް އަވަހަށް މީހުންވައްދާނެ ކަމުގެމަންޒަރު މިއަދު ފެނިގެންދިޔައެވެ. މިތިންމީހުން ގެނައުމުން، 18 މީހުން މިތަނުގައި ހަމަވާނެއެވެ. އެއީޖުމްލަ، 18 މީހުންގެ ޖާގައެވެ. އޭރުން މިބައިމުޅިން ފުލްވާނެއެވެ.

10 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 383 ވަނަ ދުވަހެވެ. ރޭދިޔައީ ވަރަށް މަޖާކޮށެވެ. އަލަށް ގެނައި މުފިއްޓޭ މެންނާ ވަރަށްގިނަ ވާހަކަދެކެވުނެވެ. މިއަދު، 12 ނަންބަރު ކޮޓަރިއަށް ވެއްދި، 3 އެނދާއިކޮޓަރި ރަނގަޅުތޯ ބަލައިލަން އޮފީހުން ބަޔަކު އައިސް އުޅުނެވެ. ހީވަނީ އިތުރު ތިންމީހަކު ހުސްތިންޖާގަޔަށް ގެންނަނީހެންނެވެ. މިއަދަކު އިތުރުމާބޮޑުކަމެއް ހިނގާފައެއް ނެތެވެ.

11 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 384 ވަނަ ދުވަހެވެ. އެއްވެސް އާކަމެއް ނެތެވެ. މުފިއްޓޭގެ މޮޅުވާހަކަތައް އަހަން ވަރަށް ދަންވަންދެން ތިބީމެވެ. ދަތްއުނގުޅާ ބުރުހުން ތަޅުދަނޑި ހަދައިގެން އެކިވަށްތަރުގެ ބިޑިހުޅުވާ ވާހަކަތައް ކިޔައިދެއެވެ. ޖަލުގެ މާސިންގާދިގު މާޒީއެއްއޮންނަ މީހެކެވެ.

12 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 385 ވަނަ ދުވަހެވެ. މިއަދުހަވީރު، 3 މީހުންގެނެސް ހުސްކޮށްހުރި، 12 ނަންބަރު ކޮޓަރިއަށް ވެއްދިއެވެ. މިމީހުންނަކީ، ނޯޝާދުވަހީދާއި މުއާޒު (ކެޕްޓަން) އަދި ރަޣީބް ތ.ގާދިއްފުށި މިތިންމީހުންނެވެ. މިބަޔަށް ޖުމްލަ، 18 މީހުންހަމަވީއެވެ. މިތަން، 18 ގައިދީންގެ މަރުކަޒަކަށް ވީއެވެ. ނޯބެ މިގެނައީ ހުކުމް ކޮށްނިމިގެން ޖަލުގެ ހުކުމަކަށްވާތީ އެހުކުމް، ތަންފީޒުކުރުމަށެވެ. މީނާހުރީ ގޭގައެވެ. ރަޣީބާއި ކެޕްޓަން ގެނައީ ކޮންދިމާއަކުން އަދި ނޭނގެއެވެ. މިއަދު ޕްރިސަންސަށް ސިޓީއެއްލީމެވެ. ބޭނުންވާ ބައެއްތަކެއްޗަށް އެދިއެވެ.

13 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 386 ވަނަ ދުވަހެވެ. އިއްޔެލިޔުނު ސިޓީ ޕްރިސަންސަށް ފޮނުވައި ދިނުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ.

19 ޖެނުއަރި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 392 ވަނަ ދުވަހެވެ. މިދިޔަ، 5 ދުވަހު އާކަމެއް ނެތެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ރޭގަނޑު ގިނައިރުތަކެއް ވަންދެންމަޖާ ވާހަކަދެއްކުމުގައި ހޭދަކުރަމެވެ.

21 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 394 ވަނަ ދުވަހެވެ. މިދިޔަ، ހޯމަ ދުވަހު އާކަމެއް ނުހިނގައެވެ. މުޅިންވެސް އޮންނަނީ އަލަށް ގެނެވުނު މީހުންނާއެކު އަނގަތަޅަން ތިބުމެވެ. ނިދަނީ ވަރަށް ދަންވުމުންނެވެ. ކެޕްޓަނާއި ނޯބެ ކިޔަވައި ދިނުމުގައި އަނެއްދުވަހު ބައިވެރިވެއްޖެއެވެ. އަދި ކަސްރަތުކޮށް ދިނުމުގައި ނޯބެބައިވެރިވެއެވެ. ކިތަންމެ ވަރަކަށް ދަންވުމުން ނިދިޔަސް އަޅުގަނޑު ފަތިސްނަމާދަށް ހޭލަމެވެ. ޕްރިސަންސަށް ފޮނުވިސިޓީގެ ޖަވާބު މިއަދުލިބުނެވެ. އެދުނު ހުރިހާކަމެއް ހަމަޖައްސައި ދެއްވާފައި ވެއެވެ. މޫދަށް ނެރެން ހުއްދަދެއްވިއެވެ. ކެއުން އިތުރަށް ރަނގަޅުކޮށް ދޭނެވާހަކަ އޮތެވެ. ކާގޭގައި ސިންކެއް ލައިދޭނެ ވާހަކައޮތެވެ. ނަމާދަށް މިސްކިތަށް ދެވޭގޮތަށް ބޭރަށް ނެރެދެވޭނެ ވާހަކައޮތެވެ. ގިނަކަންތައްތައް ދަނީލުއި ވަމުންނެވެ. އެދޭއިރަށް، އެކަމެއް ހަމަޖެހޭނެ ވާހަކަވިދާޅުވެއެވެ.

26 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 399 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު އާކަމެއްނެތެވެ. އާދައިގެމަތިން ހުރިހާކަމެއްވެސް ހިނގަމުންދާލެއް ބަރާބަރެވެ. ގެއަށް އަޅުގަނޑު ލިޔުނުސިޓީ ޖަވާހިރުވާދީއަށް ރައްދުކޮށްނުދީ ޕްރިސަންސްގައި ހިފޭއްޓިފައި ބޭއްވުނުކަމަށް ޖަވާބު ދެއްވިސިޓީގައި ލިޔެފައިއޮތެވެ. މިއީ ފުރަތަމަ ފަހަރަށް އަޅުގަނޑު ގެއަށްފޮނުވި ސިޓީއެއް ހިފޭއްޓުނުކަން އެންގިފަހަރެވެ. މިސިޓީގައި ޖަލުގެ ވާހަކަތައް މާގިނައިން ލިޔެވިފައި ހުރީކަމަށް ވެދާނެއެވެ. ބައެއްވާހަކަތައް އިސްތަފާއަށް އެންގުމަށްޓަކާ އަޅުގަނޑު ގަސްދުގައި ލިޔެހަދަމެވެ. މިސިޓީގައި އެފަދަ ވާހަކަތައް ގިނަވީކަމުގައި ވެދާނެއެވެ.

27 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 400 ވަނަ ދުވަހެވެ. މިއަދުހެނދުނު އޮފީހުން މީހަކުއައިސް މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށް އަޅުގަނޑަށް އެންގިއެވެ. މެންދުރުކުރިން މާލެގެންގޮސް ވެއްދީކޯޓު ނަންބަރު: 6 އަށެވެ. މިއީ މައްކޮ މުހަންމަދު ޚަލީލުގެ ޝަރީޢަތުގައި އޭނާގެމައްޗަށް އިއްވަން ބޭނުންވާ ހުކުމަށް ހެކިބަސްއެހުމަށް ގެންދިޔަ ގެންދިއުމެކެވެ. ކޯޓުގެ ރަސްމީބައި ނިމުމުން ޕްރިސަންސްގެ ބަހުގައި އަޅުގަނޑާއި މައްކޮއާދެމީހުން ގެންދިޔައީ އެކުގައެވެ. މައްކޮގެ ގެކަމުގައިވާ، ގ.އުތުރުގެއަށް މައްކޮބާލާފައި އަޅުގަނޑު ގެނައީ ޕްރިސަންސަށެވެ. މެންދުރުގެ ވަގުތެއްގައި ޕްރިސަންސް އެތެރެއަށް ވައްދާފައި ޕްރިސަންސްގައި އޮންނަ ހުކުމް ތަންފީޒުކުރުން ނޯޓުކުރާ ބޮޑުފޮތުގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިއީ ހުރިހާހުކުމެއް ލިޔެތަންފީޒުކުރަން ފެށުނުކަން އަންގާސޮއި ކުރުވާ ރަސްމީފޮތެވެ. މިފޮތުގައި އެންމެން ލައްވާވެސް ސޮއިކުރުވާފައި ހުއްޓެވެ. އަޅުގަނޑުލައްވާ ސޮއިކުރުވީ ހަމައެކަނި ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލައިގެ ހުކުމް ތަންފީޒު ވަމުންދާ ބައިގާ އެކަންޏެވެ. މިހުކުމުގެ މުއްދަތު ހަމަވާކަމަށް މިފޮތުގައި ލިޔެފައިއޮތީ ޖެނުއަރީ، 12، 1994 ކަމަށެވެ. މުއްދަތު ގުނަންފެށުނު ދުވަހެއް ކަމަށްއޮތީ ޖެނުއަރީ، 12، 1991 އިންފެށިގެން ކަމަށެވެ. ދެން މީގެއިތުރުން އަޅުގަނޑަށް އިއްވާފައިވާ ތިންހުކުމްގެ ވާހަކަވެސް އެފޮތުގައި ލިޔެފައި އޮތެވެ. އެހެނަސް ސޮއިކުރުވީ މިހާރުތަންފީޒު ވަމުންދާ ސަލްޓަންޕާކް ކަޓޫރަބޮމުގެ ކަންތަކުގެ ހުކުމުގެ ބައިގާ އެކަންޏެވެ. ހަދާންވާ ގޮތުގައި އަޅުގަނޑު ލައްވާ ބަޔާނުގައި ސޮއިކުރުވީ ޖެނުއަރީ، 10، 1991 ވީބުރާސްފަތި ދުވަހުއެވެ. އެއީ މިބުރުގައި ޖަލުގައި ބަންދުވެފައި ހުންނަތާ، 19 ވަނަ ދުވަހެވެ. ތަހުގީގު މުޅިން ނިންމާލިދުވަހެވެ. ފޮތުގައި މުއްދަތުފެށޭ ދުވަހަކަށް ލިޔެފައިވާ، 12 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެވެ. މުއްދަތުހަމަވާ ދުވަހަކަށް ޖެނުއަރީ، 12، 1994 ކަމަށް ލިޔެފައި އެވަނީ ހުކުރުދުވަސް ނުލާކަމުގައި ވެދާނެއެވެ. ނުވަތަ އަޅުގަނޑުލައްވާ މޯރާތައުފީގު ސޮއިކުރުވިއިރު ތާރީޚުނުޖަހާ ބާއްވާފައި ފަހުން، 12 ވީހޮނިހިރު ދުވަހު އެބަޔާނުގައި އޭނާ އަމިއްލައަށް ތާރީޚުޖެއްސެވީ ކަމަށް ވެސް ވެދާނެއެވެ. މިއުޅެނީ އެންމެ ދުވަހެއްގެ ތަފާތެކެވެ. މާބޮޑު މައްސަލައަކަށް ނުހަދަމެވެ. މިއަދަކީ އަނެއްކާވެސް ޖަލުގައި ސަތޭކަދުވަސް ހަމަވި ދުވަހެވެ. މިކަންފާހަގަކޮށް، ވިސްނާއި ފިކުރުކޮށް ލުމަށް، ވަގުތުކޮޅެއް ހުސްކޮށްލީމެވެ.

28 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 401 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ފޮނުވީމެވެ.

29 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 402 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަދުވަހެކެވެ.

1 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 405 ވަނަ ދުވަހެވެ. މިދިޔަދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. މަޖަލުގައި ހަމަތިބީއެވެ. މިއަދު ހަވީރުގެއިން ކެއުމުގެ ބައެއްސާމާނު ލިބުނެވެ. ތެލުލިރިހާކުރު ފުޅިއެއް މަންމަފޮނުވާފައި އޮތެވެ. ޖޫސްޕެކެޓް ވެސް ހުއްޓެވެ.

2 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް ޖަލުގައި ހުންނަތާ، 406 ވަނަ ދުވަހެވެ. މިއަދުގެއަށް ނޯޓްސިތީއެއް ފޮނުވީމެވެ.

3 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 407 ވަނަ ދުވަހެވެ. މޫދަށް އެރުމަށް ހުއްދަދެއްވިތާ ދުވަސްގަނޑެއް ވެފައިވުމުން އެކަންތައް މިހާރުއޮތްގޮތް އޮޅުން ފިލުވާލުމަށް އޮފީހުގައި އެދުމުން އެކަންމާލެއާ ގުޅައިގެން ބައްލަވާނެކަމަށް އޮފީހުން މިއަދު ބުންޏެވެ.

4 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 408 ވަނަ ދުވަހެވެ. މިއަދަކީ ގާމާދޫޖަލަށް ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް މޫދަށް ނެރުނު ފުރަތަމަ ދުވަހެވެ. މިކަންހިނގީ އަޅުގަނޑު ލިޔުނުސިޓީ އަކާގުޅިގެން ދެއްވިހުއްދައެއްގެ ދަށުންނެވެ. އެންގެވީ ކޮންމެދުވަހަކު ބައިގަޑިއަރަށް މޫދަށް ނެރެވޭނެ ކަމަށެވެ. ނެރެންޖެހޭ، 9 މީހުން ހަމަވުމުން ފަހުން ހަމަޖެއްސީ ދެދުވަހުން އެއްދުވަހު އެދޭހާ މީހަކުމޫދަށް ނެރޭގޮތަށެވެ. މިގޮތުގެ މަތިން މިކަންފެށި ހިނގައިގެންފިއެވެ. މިއަދުން ފެށިގެން އަނެއްކާވެސް މިހުޅުވުނީ، މުޅިންއާދޮރެކެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. މޫދަށްއެރެވޭގޮތް ހަމަޖެހުނީއެވެ.

5 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 409 ވަނަ ދުވަހެވެ. އަޅުގަނޑު ލިޔުނު ސިޓީއާ ގުޅިގެން މިއަދު ފުރަތަމަ ފަހަރަށް މެންދުރު ކެއުމާއެކު ސެލަޑްލިބެން ފަށައިފިއެވެ. މިއަދުން ފެށިގެން ކޮންމެދުވަހަކު ވެސް ކޮންމެވެސް ކަހަލަ ސަޓަންޏެއް ކެއުމާއެކު ގެންނަން ފަށައިފިއެވެ. އަނެއްކާވެސް އިތުރު ކުރިއެރުމެއް ދެއްވީއެވެ. މަޑުމަޑުން ޖަލުގެގޮތްގަނޑު ކެޑެންފަށައިފިއެވެ. އަޅުގަނޑު މެންނަކީ މިނިވަނުން ކަމުގައި ހޭނެންފަށައިފިއެވެ. ކުށްވެރިންކަމުގެ އިހްސާސްތައް ކެނޑެން ފަށައިފިއެވެ. ޖަލުގައި ބަންދުވެފައި ތިބޭތިބުން، އިހްސާސް ކުރެވޭލެއް މާބޮޑުތަން ކުޑަވާން ފަށައިފިއެވެ. މަޑުމަޑުން އެފަދަ އިހްސާސްތައް ކުރެވޭލެއް މަދުވާން ފަށައިފިއެވެ.

6 ފެބްރުވަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 410 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުސައްޕެގެ އީދުމީލާދީ ދުވަހަށްވާތީ މިރޭ، 8:30 ގައި އެންމެން ވެގެން އެކަންފާހަގަ ކުރުމަށް އުފާވެރިކަމުގެ ހަފްލާއެއް ބޭއްވުނެވެ. މިއީ އަޅުގަނޑު އިސްކޮށް ހުރެގެން ތައްޔާރުކޮށްލި އެއްބައިވަންތަ ކަމުގެޕާޓީއެކެވެ. އެންމެން ވެގެން ސައްޕެއަށް އުފާވެރި އުފަންދުވަހަކަށް ވިޝްކުރެވުނެވެ. ކާންބޭނުންކުރީ އެރޭކެއުމަށް ވެއްދިހުރިހާ ސާމާނެވެ. މީގެފަހުން ކޮންމެގައިދީއެއްގެ އުފަންދުވަސް ފާހަގަކުރުން ބާއްވައެވެ.

7 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 411 ވަނަ ދުވަހެވެ. ރޭއިރުއަރަންދެން ތިބީހޭލާއެވެ. އެކިކުޅިވަރު ކުޅުމާ އަނގަތެޅުމުގައި މުޅިރޭ ދުއްވާލީ ސައްޕެގެ އުފަން ދުވަހުގެ މުނާސަބަތުގައެވެ.

14 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 418 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހު އާދަޔާޚިލާފު އެއްވެސް ކަމެއް ނުހިނގައެވެ. ގަވައިދުން މޫދަށް ނެރެއެވެ. މޫދުގައި އުޅޭއިރު ރާބުޅާ ހިފައިގެން ރޮލާކައި ހަދަމެވެ. ރޮލާމަސް ކާންކެރޭ މީހަކަށް ހުންނަނީ އަޅުގަނޑު އެކަންޏެވެ. އަދިބައެއްފަހަރު ކުދިމަސް ހިފައިގެން އަޅުގަނޑުމެން ތިބޭބަޔަށް ގެނެސްގެން ދަޅުދަޅުގައި ކައްކާހަދައިގެން ކާއްޓާއެކު ކައިހަދަމެވެ. ކާށިވެސް ހޮވައިގެން ގެނެސް އެތެރެއަށް ވައްދައި ބޮނބިދަރަށް ބޭނުންކުރަނީއެވެ. މިއީ ވަރަށް މަޖާކެއުމެކެވެ. ކާންކެރެނީ މަދުބަޔަކަށެވެ. ބައެއް ދުވަސްދުވަހު މަސްނުހިފުނީމާ ވެންފަދަ މޫދުގައި ދިރިއުޅޭ އެހެނިހެން ތަކެތިހިފައިގެން ގެންނަނީއެވެ. ކޮންމެ ވައްތަރެއްގެ އެއްޗެއް ހިފަންލިބުނަސް ގެނެސް ކައްކާލަނީއެވެ. މިބާވަތުގެ ގިނަވަށްތަރުގެމަސް ކާންކެރެނީ އަޅުގަނޑަށެވެ. ވެންމަސް މަޑިމަސް ގާހަކަ ކަހަލަ އެއްޗެހި ގިނައިން ކާންޖެހެނީ އަޅުގަނޑަށެވެ. ބައެއްދުވަސް ދުވަހު ހިފަންލިބެނީ ހުސް ކަކުންޏަށްވާތީ، ހިފޭކަކުނިތައް ގެނެސް ކައްކާލައިގެން ކާލަނީއެވެ. މިއަދު ހަވީރު، 5:00 ޖެހިއިރު ގާމާދޫޖަލުގައި ގޭމީހުންނާ ބައްދަލުކުރުން، ޖަލުގެ އުނދޯލިގޭތެރޭގައި އޮތެވެ. ގެއިން އައިސްތިބީ ދޮންދައްތަ، އިފްހާމް، އިދުހާމް، އިލްމާޢު ކޮއްކޮމެންނެވެ. މިބައްދަލުވުން ހިނގާދިޔަގޮތަކީ އެންމެން އެކުގައި ތިބެގެން ވާހަކަދައްކާލާއި މަޖާކޮށްލާހަދާ ގޮތަށެވެ. އަޅުގަނޑުމެން ކޮންމެމީހަކު ނެރެނީ ވަކިންނެވެ. އެއެންމެންނާ އެކުގައި ތިބެބައްދަލުވާ ގޮތަށެވެ. އަޅުގަނޑާ ބައްދަލުކޮށް ނިމުމުން ދެންނެރުނީ، އިބުރޭ ޖަވާހިރުވާދީއެވެ. މިދުވަސްވަރު އިބުރޭބަހައްޓާފައި ހުންނަނީ ގާމާދޫގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ހަދާފައިހުންނަ ބޮޑެތިގޮޅިތަކުން ގޮޅިއެއްގައިކަން ފަހުން އެނގުނެވެ. ދޮންދައްތަމެން ގެއިންއައީ ވަރަށް ގިނަކާއެއްޗެހި ހިފައިގެންނެވެ.

15 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 419 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު މޫދަށް ނެރުނެވެ. އަޅުގަނޑަކީ ގަވައިދުން މޫދަށް ނުކުންނަ މީހެކެވެ. ވިއްސާރަ ވިއަސް ނުކުންނަމެވެ. އެކަނިދާންޖެހުނަސް މޫދަށްދަމެވެ.

18 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 422 ވަނަ ދުވަހެވެ. މިދިޔަދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިންދިޔަ ދެދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔުނީމެވެ.

19 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 423 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.

20 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 424 ވަނަ ދުވަހެވެ. ޖަލުގެ އާދަތަކުގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނުހިނގައެވެ.

21 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 425 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން، 1412 ޝަޢުބާން، 17 އެވެ. މިއަދު ޕްރިސަންސަށް މާމައާ ބައްދަލުކޮށް ދިނުމަށާއި ޖަވާހިރުވާދީ އިބުރޭ އަޅުގަނޑުމެން ތިބޭބަޔަށް އެއްތާކަށް ގެނެސްދެއްވުން އެދިސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ކޮޕީއެއް މިހާރުވެސް އޮންނާނެއެވެ.

22 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 426 ވަނަ ދުވަހެވެ. ޖަލުގެ އާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނެތެވެ.

23 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 427 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.

24 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 428 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށްމަޖާ ދުވަހެކެވެ. ބައިގަޑި އިރަށްވުރެ ގިނައިން މޫދުގައި އުޅެވުނެވެ. މޫދުން ކުދިމަސް ހިފީމެވެ. ގިނައިންހުރީ ރާބުޅާމަހެވެ. މިގޮތަށްހިފާ މަސް ޖަލުތެރެއަށް ވައްދަނީ ލައިގެންހުންނަ ސޯޓުގެ ޖީބުގަޔާއި މޫދަށްދާއިރު ލައިގެންހުންނަ ގަމީސްބާލާއި އޭގެތެރެޔަށްލާ އޮޅާލައިގެންނެވެ. ދެން ޖަލުތެރެއަށް ވަދެވުމުން ދަޅަކަށް އަޅައިގެން ކައްކާލައިގެން ކާއްޓާއެކު ކަނީއެވެ. މިކަމާ އެއްވެސް ހުރަހެއް އަދިއެއް ނޯވެއެވެ. މިކަމުގެ ޝަކުވާ އުފުލާނެ ގައިދީއަކުވެސް ނުހުރެއެވެ. އެހެންވެ މިއީ ގަވައިދުން ކުރިޔަށް ދާކަމެކެވެ. އަދި މޫދުގައި އުޅޭއިރު ރޮލައި ކުދިމަސް ހިފައިގެން ކައިހަދަމެވެ. ރޮލާކާންކެރެނީ އަޅުގަނޑަށް އެކަންޏެވެ. ރޮލާއި މޫދުރޯމަސް ކާންދަސްވީ ޖަލުގައި އުޅުނު ދުވަސްވަރުއެވެ. އެހެނަސް އަޅުގަނޑަކީ ރޮލައި އެއްގަމުމަސް ހަމަކަތިލާތަނުން ނަގައިގެން ކައިއުޅުނު މީހެކެވެ. ސައޫދިއަރަބިއްޔާގައި އުޅުނުއިރު ރޮލައި އެއްގަމުމަސް ކާންހުރީ ދަސްވެފައެވެ. އަދި އަވިން ހިއްކައިގެން ރޮލައިހުންނަ އެއްގަމުމަސް ކައިއުޅުނީމެވެ. މޭފަދަތަކެތި ރޮލައިކާއުޅުނީމެވެ. އަދި ގުރުބާނީއަށް ކަތިލާ ޖަނަވާރުތަކުގެ ލޭތަކުގެތެރޭގައި ހުސްފައިތިލާގައި ގިނައިރު އުޅެހަދަމެވެ. މިއީ ބައެއް އަރަބިން ކުރާކަމަކަށް ވާތީ ކުރަންފެށި ކަމެކެވެ. އެއްގަމުރޯމަސް ކާންދަސްވީވެސް އަރަބިބަދެވީންގެ ފަރާތުންނެވެ. މިކަންތައް ކުރަންފެށީ އެމީހުންކުރާތަން ފެނިގެންނެވެ. އެހެން މަގްސަދެއް އޮވެގެން ފެށިކަމެއް ނޫނެވެ. ޚައްސަކޮށް ކޮންމެހައްޖު މޫސުމެއްގައި ގިނައިން މިކަންކުރެވެއެވެ. އެހެންނޫނީ ޔުނިވަރ ސިޓީގެ ފަރާތުން ބައިވެރިވާ ކިޔަވާކުދިންގެ ގޮތުގައި ދާންޖެހޭ އަސްކަރީ ކޭންޕްތަކުގައި ބައިވެރިވެ އުޅޭއިރު މިއީކުރާކަމެކެވެ. އަޅުގަނޑަކީ އެދުވަސްވަރު ޔުނިވަރ ސިޓީގައި އޮންނަ ކެޑޭޓްކޯގެ ލީޑަރެވެ. ބައިވަރު ކޭންޕްތަކަށް ދާންޖެހެއެވެ. އަދި މިއިން ބުރެއްގައި އަލިފާން ނިވުމުގެ ކޯހެއްވެސް ފުރިހަމަކުރެވުނެވެ. އެސެޓިފިކެޓް އަޅުގަނޑު އަތުގައި މިހާރުވެސް އޮންނާނެއެވެ. މިފަދަކޭންޕްތަކުގައި ގާއިދެއްގެބައި އަދާކުރާތީ، ހުރިހާކުދިންވެސް އަޅުގަނޑަށް މުޚާޠަބްކުރަނީ ޖެނެރަލްއިލްޔާސްގެ ނަމުންނެވެ. އެއިން ކުއްޖަކަށް މިހާރުފެނުނަސް އަޅުގަނޑަށް ގޮވާލަނީ އެނަމުންނެވެ. ރޭގައިކުރި މަސައްކަތަކީ ކާގެތެރޭގައި އަތްދޮންނަ ސިންކެއް ޖަލުއޮފީހުން ތަކެތިދިނުމުން ހަރުކުރުމެވެ. މިކަންކުރީ ސައްޕެ ކިޔައިދިން ގޮތަށް އަޅުގަނޑެވެ. އިރުއެރުމުގެ ކުރިން ހުރިހާކަމެއް ނިންމާލެވުނެވެ.

27 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 431 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހަކީ، އެއްވެސް ޚާއްސަކަމެއް ނުހިނގާ ދެދުވަހެވެ. އަދި މިއަދަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައި ދެއްވިދުވަހެވެ. އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޭޑިޔޯއިން މިއަދުގެ ރަސްމިއްޔާތު އަޑުއެހީމެވެ. އެތަގްރީރުގައި ރައީސް ވިދާޅުވި އުސްއަލިތަކަކީ މިއެވެ. އަޅުގަނޑުގެ ހަނދާނުގައި ހުރިކަންތައް ނޯޓްކޮއްލީއެވެ. އިންސާނީ ހައްގުތަކާ ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއްކަމަކަށް ދެއުސޫލު ބޭނުން ކުރެވިގެން ނުވާނެކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އަހްމަދިއްޔާ ސްކޫލަށް ދިހައަހަރު ފުރިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައިސް ވިދާޅުވި ބަސްފުޅެއް މިއަދު ރޭޑިޔޯއިން އިވުނު ވަގުތު ނޯޓްކޮށްލީމެވެ. ރައީސް މައުމޫނު ވިދާޅުވަނީ މިފަދައިންނެވެ. “ތިމާގެ މަސްއޫލިއްޔަތު އެހެންމީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެއެވެ. ތިމާއަށް ދިމާވާ ބަދުނަސީބެއް ނުވަތަ ދެރައެއް އެއީ އެހެންމީހެއްގެ ސަބަބުން އެމީހަކު ކުރިކަމެއް ކަމަށް ގަބޫލުކޮށް ނިންމައިގެން ނުވާނެއެވެ.”

28 ފެބްރުއަރީ 1992 ވީހުކުރު ދުވަހް، ޖަލުގައި ހުންނަތާ، 432 ވަނަ ދުވަހެވެ. މިއަދު ޖަލުތެރޭގައި ޚާއްސަކަމެއް ނުހިނގައެވެ. އާދައިގެ މަތިންތިބީއެވެ.

3 މާރަޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 436 ވަނަ ދުވަހެވެ. މިދިޔަތިން ދުވަހުވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދައިގެމަތިން ހަމަތިބީއެވެ. މިއަދު މަންމައާ ބައްދަލުކުރުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. މަންމަ ވަރަށްގިނަ ވާހަކަދެއްކިއެވެ. މާމަގެ ހާލުމިހާރު އަނެއްކާވެސް ރަނގަޅުކަމަށް ބުންޏެވެ. ގެއިން ވަރަށްގިނަ ކާސާމާނު މިއަދު މަންމަ ގެނެސްދިނެވެ. ރޯދަމަސް ކާރިވަމުން އަންނަވާހަކަ ބުންޏެވެ. ދެން ގޭގެހުރިހާކަމެއް ވެސް ރަނގަޅުކަމުގައި ބުނެދިނެވެ. މިއަދު ޖަލުތެރެއިން ލިބުނުޚަބަރަކީ އާދަންޒާހިރު ގެއަށް މއ.ވަވަތިއަށް ފެޓްރޯލްފުޅިއެއްގައި ރޯކޮށްފައި އެއްލިގްރޫޕަށް މިއަދުހުކުމް އިއްވިވާހަކައެވެ.

4 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 437 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.

5 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 438 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސްގެ ވެރިއެއް ކަމުގައިވާ، ރަންކޮކާ މުހަންމަދު ރަޝީދު އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މީނާއަކީ އަޅުގަނޑާއެކު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާ ކުރެއްވިއިރު އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސެކެވެ. މިޒިޔާރަތުގައި ރަޝީދު އަޅުގަނޑާ ވަރަށް ގިނައިރު ވާހަކަދެއްކިއެވެ. އަޅުގަނޑާއެކު ވަކިން އިންނަވައިގެން ވަރަށް ގިނައިރު ވާހަކަދެއްކެވިއެވެ. ރޯދަމަސް އަންނަންވާއިރަށް ބައެއްކަންތައްތައް ހަމަޖައްސައިދޭނެ ވާހަކަވިދާޅުވިއެވެ. ކެއުންރަނގަޅު ކޮށްދީ ފިހުނުމަހާއި ދޮންކޭލާއި ހަކުރާއި ބަތްޕެންދޭނެ ވާހަކަ ވިދާޅުވިއެވެ. ރަޝީދު ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑުމެން ތިބޭބަޔަށް ބޮޑުކަޅުހަމެއް ވެއްދިއެވެ. އެހަމުގައި ހަރުކުރާނެ އިސްކުރެއް ވެސް ގެނެސްދިނެވެ. ދެކޮތަޅު ސިމެންތިވެސް ގެނައެވެ. މިއީ ވާރޭވެހޭއިރު ވާރޭފެން ޖަމާކުރުމަށް ގެނެސްދިން ފެންތާނގީއެކެވެ. ތާންގީބެހެއްޓުމަށް ބުޑުއެޅުމާއި ބެހެއްޓުމުގެ ހުރިހާމަސައްކަތެއް ކުރުމަށް ހަވާލުވީ އަޅުގަނޑުމެން އަމިއްލައަށެވެ.

6 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 439 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ މުލަރޯދަދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދުރޯދަ ވީއްލުމަށް މާބޮޑުބަދަލެއް ނާދެއެވެ. އެހެނަސް ރޯދަވީއްލުމަށް ފުދޭވަރަކަށް ކާތަކެތި ގެނެސްދިނެވެ. ރޯދަވީއްލީ އެންމެން އެކުގައެވެ.

7 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 440 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.

10 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 443 ވަނަ ދުވަހެވެ. މިދިޔަ ދެދުވަސް ދިޔައީ އާދައިގެ މަތިންނެވެ. އާކަމެއް ނުހިނގައެވެ. މިއަދު އަޅުގަނޑު އަތުގައިއޮންނަ ގަޑީގެބެޓެރި ހުސްވެގެން ބެޓެރީލައްވައި ދިނުންއެދި ގެއަށް ފޮނުވުމަށް ޕްރިސަންސްއާ ހަވާލުކުރުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު މޫދަށް ނެރުނެވެ. މޫދުގައި އަތުބޯޅަކުޅުން އޮތެވެ. މިއީ އަތިރިމަތިން ލިބުނުބޯޅައެކެވެ. ސިފައިން ކުދިންވޮލީކުޅެން ގެންގުޅޭ ބޯޅައެކެވެ. އަޅުގަނޑުމެން ކުޅެލަން ދިނީއެވެ. މިކަހަލަކަންތައް މިހާރަކަށް އައިސްމާބޮޑު ކަންތަކަކަށް ނުވެއެވެ. މިރޭ އިޝާނަމާދަށް ފަހު، ބެއްޔާ (ހުސައިން އަބޫބަކުރު) ސާމާނާއެކު ނެރެގެން ގެންދިޔައެވެ. ހީވަނީ މާލެއަށް ގެންދަނީ ހެންނެވެ. މަޖާކޮށް ދުވަސްތައް ގުނަމުން ހުރެގެން ދަނީއެވެ.

11 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 444 ވަނަ ދުވަހެވެ. ރޭގެނިދީގައި ކެތީރޯޒް މަރީ ހުވަފެނުން ފެނުނެވެ. މަޖާކޮށް ވާހަކަދައްކާލާއި ކައިބޮއިހަދާ މަންޒަރެވެ. އެގޭބޭފުޅުންގެ މަންމައާއި ބައްޕަވެސް ފެނުނެވެ. މުޅިމިއަދު، އެކުގައިހެން އެގޭހުރިހާކުދިންގެ މަތިން ވަރަށްބޮޑަށް ހަނދާންވިއެވެ. އެގޭގެހުރިހާ ބޭފުޅުންގެ ތެރެއިން މަރީއަކީ އަޅުގަނޑާ ސަމާސާކޮށް ދިމާކޮށް ހައްދަވާ ބޭފުޅެކެވެ. އެހެންވެ އޭނާގެ މަތިން ވަރަށް ހަދާންވިއެވެ.

12 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 445 ވަނަ ދުވަހެވެ. މިއަދު އާކަމެއް ނުހިނގައެވެ.

13 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 446 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާން މަހުން، 8 ވަނަ ދުވަހެވެ. ރޯދަވީއްލަން ގެނައީ އޭބީސީ ޕައިންއެޕަލް ޖޫސް ފިނިކޮށްފައާއި ރޮށްޓާއި ރިހައާއި މަސްހުންޏެވެ. އަދިސައި ގެނެސް ދިނެވެ. އާންމުކޮށް ކެއުމުގެ ކަންތައް ރަނގަޅެވެ. ހާރުކާންވެސް ރަނގަޅަށް ގެނެސްދެއެވެ. ދޮންކޭލާއި ހަކުރާއި ފިހުނުމަސް ހުރެއެވެ.

14 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 447 ވަނަ ދުވަހެވެ. ޚައްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.

15 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 448 ވަނަ ދުވަހެވެ. މިރޭމާލެދާން ތައްޔާރުވެގެން ހުރުމަށް ނޯޝާދު ވަހީދު ނޯބެއަށް އެންގިއެވެ. އެހެނަސް ނިދަންވީއިރުވެސް ބަލައެއްނައެވެ. މިރެއަކު ނުގެންދިޔައެވެ. މިއަދު ނޯބެއަށާއި ހަންނާނަށް އެމީހުންގެ ގެއިން ކާނާފޮނުވިއެވެ. ވަރަށް ގިނަދުވަސްކޮށްފައި މިއަދު ވާރޭވެހުނެވެ. މިރޭވަރަށް ބޯކޮށް ވާރޭވެހުނެވެ. މެދުކެނޑުމެއްނެތި ތިރީހަކަށް މިނެޓްވަންދެން ވާރޭވެހުނެވެ.

16 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 449 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނޯބެމާލެ ގެންދިޔައެވެ. ހީވަނީމާލެއަށް އެކުގައި ގެންދިޔައިހެންނެވެ. އޭނަޔަކީ އަބަދުވެސް އެންމެކުރިން ގެއަށް ގެންދާމިހާއެވެ. ހަދާނުހަދާއެއް ނޭނގެއެވެ. މިއަދުމެންދުރު ކުރިން ނޯބެ މާލެގެންދިޔައެވެ. ހީވާގޮތުގައި އެކުގައިގެއަށް ބަދަލުކުރީއެވެ. މާމައާ ބައްދަލުވުމަށް އެދި ޕްރިސަންސަށް ލިޔުނުސިޓީގެ ޖަވާބު މިއަދު ދެއްވިއެވެ. ޖަވާބުގައިއޮތީ، 30 މިނެޓަށް މާލެ ގެންގޮސް މާމައާބައްދަލު ކޮށްދެވޭނެ ކަމަށެވެ. އަދި މިކަން ހަމަޖައްސަވައި ދިނުމަށް މިހާރުވާނީ، މިނިސްޓްރީ އޮފް ޑިފެންސަށް އަންގާފަކަމަށް ލިޔެފައި އޮތެވެ. އަދި ގާމާދޫ ޖަލުގައިތިބި ޖަވާހިރުވާދީގެ އެހެންކުދިންނަށް ވެސް މާމައާ ބައްދަލުވާން ބޭނުންނަމަ، ޖަލުގެ ވަގުތީ ގަވާއިދުގެ، 26 ވަނަ މާއްދާގައި ވާގޮތުގެމަތިން ޕްރިސަންސް ޑިވިޒަނުގައި ސިޓީއަކުން އެކަމަށްއެދި ދެންނެވުމުން އެކަން ހަމަޖައްސައި ދޭނެކަމަށްވެސް އެސިޓީގައި ލިޔެފައިއޮތެވެ. އަދި މިއަދު އަޅުގަނޑުމެންނާ އެކުޖަލުގައިހުރި ރަޣީބު އޭނާގެ އަންހެނުންނާ ބައްދަލުކުރުން ގާމާދޫގައި ހަމަޖެހިފައި އޮތެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. 21 ފެބްރުއަރީގައި ޕްރިސަންސް ޑިވިޒަނަށް ލިޔެފޮނުވިސިޓީ ލިބުނުކަމަށް ޖަވާބުގައިއޮތީ، 8 މާރޗްގައި ކަމަށެވެ. ޖަވާބުގައި ދުވަހެއްކަމަށް ލިޔެފައިއޮތީ، 10 މާރޗެވެ. އެއީ މިއަހަރުގެ ރަމަޟާން މަހުން، 5 ވަނަ ދުވަހެވެ. ސިޓީގެ ނަންބަރަކަށް އޮތީ، 64/ 1992 އެވެ. މިސިޓީ ރައްކާކޮށްފައި އަޅުގަނޑު އަތުގައި އެބައޮތެވެ. ނޯބެއަށް ހެދިގޮތެއް އަދިކަށަވަރެއް ނުވެއެވެ. ރޭމެންދަން ވީއިރުވެސް ނިދާކަށް ނުގެނެއެވެ. ހީވާގޮތުގައި ގެއަށްބަދަލު ކުރީއެވެ. ނޯބެއަކީ، ޖަލުގައި ހުރިއިރު ވަރަށްފާޑުފާޑުގެ ސިޓީތައް އިސްތޮފާއަށާއި ރައީސް މައުމޫނަށް ލިޔެހެދި މީހެކެވެ. ޚާއްސަ ކުރެހުންތައް ރައީސް މައުމޫނަށް ކުރަހައިދޭ މީހެކެވެ. އަދި ރައީސް މައުމޫނު އެދިވަޑައި ގަންނަވާ އެކިފާޑުގެ ކުރެހުންތައް ކުރަހައިދިން މީހެކެވެ. ފާހަގަވާވަރަށް ސަރުކާރުގެ ބޮޑުންނާއި ވެރިންނާ ގުޅުން ބޮޑުކަން ސާބިތުކުރެ ވިފައިވާ މީހެކެވެ. އަދި އެހެން ގައިދީންގެ ބައެއް ޝަކުވާތައްވެސް ވެރިންގެއަރިހަށް ލިޔެހަދާކަން ފަޅާއަރާފައިވާ މީހެކެވެ. އަދި މީގެއިތުިރުން ނޯބެގެ އަންހެނުންނަކީ، އެންދެރިމާގޭ އައްބާސް އިބްރާހީމާ، ދުރުތާތިމާގެ އަދި ވަރަށްގާތް ކަމެއްއޮންނަ މީހެއްކަމަށް ޖަލުތެރޭގައި އޮންނަނީ ވަރަށް މަޝްހޫރުވެފައެވެ. އަދި ޔާމީނުއަތުންނާއި ބުރުމާގާސިމު އަތުން އެއްވަރަށް އެކިފާޑުގެ އެހީތައްހޯދާ މީހެކެވެ. މިއެންމެންގާތުގައި އޯކޭމީހަކަށް ވެވޭނީ ގޯސްތަކެއް ހުންނާތީއެވެ. ސިއްރު ވާހަކަތަކެއް ބަދަލުކުރެވޭތީއެވެ.

17 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 450 ވަނަ ދުވަހެވެ. މިއަދުހެދުނު ގާމާދޫޖަލު އޮފީހުން މީހަކުއައިސް ނޯބެގެ ހުރިހާސާމާނެއް މިބައިން ނެރެގެން ގެންދިޔައެވެ. ނޯބެގެ ކަންތައް މިގޮތަށް މިހިންގީ އޭނާގެއަށް ބަދަލުކުރިކަން އަޅުމެންނަށް ސީދާގޮތަށް ނޭންގުމުގެ ބޭނުމުގައެވެ. އެހެނަސް މިހާހިސާބުން ނޯބެގެންދިޔައީ ގެއަށްކަން އަޅުގަނޑު މެންނަށް ޔަގީން ވެއްޖެއެވެ. ކޮންމެއަކަސް ރަނގަޅުތާއެވެ. އަޅުގަނޑު މެންގެތެރެއިން އެކަކަށް ގެއަށްދެވުނީތާއެވެ!

18 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 451 ވަނަ ދުވަހެވެ. މިއަދުހަވީރު ވަގުތެއްގައި ރަންކޮކާ ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުބަލަހައްޓާ ޕްރިސަންސް އޮފީހުގެ ވެރިޔަކަށް ހުންނަވާ ކ.ހިންމަފުށީ ނަސީމާއި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަދި ވަގުތުން، 7 ނަންބަރުކޮޓަރި ހުސްކުރަން އެންގިއެވެ. އެކޮޓަރީގައި އޮތް އަސުރުމާގޭ އާދިލް ގެންގޮސްވެއްދީ، ނޯބެ ނުކުމެގެން ހުސްވި، 12 ނަންބަރު ކޮޓަރިއަށެވެ. އަބްދުލް ޣައްފާރު އޮތްތަނުން ނެރެގެން ގެންގޮސްވެއްދީ، 6 ނަންބަރު ކޮޓަރިއަށް ބެއްޔާ އޮތްތަނަށެވެ. މިއަށްފަހު މިވެރިންމާގިނަ އިރުތަކެއް ވަންދެން ނުތިބެ މިބައިން ނުކުމެ ހިނގައްޖެއެވެ. ޚަބަރު ލިބުނުގޮތުގައި އިއްޔެ ޖަވާހިރުވާދި އިބުރޭމެން ގާމާދޫގައި ތިބޭބޮޑު ގޮޅިއަށް، މައްޗަންގޯޅި ވަވަތި އާދަންޒާރުގެ ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައިއެއްލި ގްރޫޕް ގެނެސް ވައްދައިފިއެވެ. މިގްރޫޕްގައި ހިމެނެނީ، ހަލީމް، ޝިޔާމް، މުސްތަފާ، ވަލީދު، ވާފިރު، އަދި ޒަހީނެވެ. ރިޝްވާން އައްބާސް އަދިވެސްހުރީ ދޫނިދޫގައި ކަމަށްވެއެވެ. މިއެންމެން މިގެނައީ ހުކުމްއިއްވާ ނިމިގެން ހުކުމް ތަންފީޒު ކުރުމަށެވެ.

19 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 452 ވަނަ ދުވަހެވެ. މިއަދުހެދުނު ޖަލުއޮފީހުން، ނަސީމް ދުރުވެ، އަޅުގަނޑަށް އެންގީ މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އަވަހަށް ފެންވަރާހަދާލި ތަނާހެން މާލަސްތަކެއްނުވެ ބަލާއަތުވެއްޖެއެވެ. ނެރެގެން ދޯންޏަށް ގެންދިޔައިރު، އަބްދުﷲ ހުސައިން ވެސް މާލެގެންދިއުމަށް ދޯންޏަށްލާފައި އިނެވެ. މާލެގެންދިޔައީ ވެސް އަދި ޖަލަށް ގެނައީވެސް އަޅުގަނޑުމެން ދެމީހުން އެކުގައެވެ. އަބްދުﷲ މާލެގެންދިޔައީ ހޮސްޕިޓަލަށެވެ. އަޅުގަނޑު ގެންގުޅުނީ ބޮޑުމުޖްރިމެއްހެން ޑިފެންސްގެ ބެލުމުގެ ދަށުގައެވެ، އަބްދުﷲ ގެންގުޅުނީ ޕްރިސަންސްގެ ހަވާލުގައެވެ. މާލަސްތަކެއްނުވެ ޑިފެންސް ތެރޭގައި އަޅުގަނޑު ބޭންދުމަށްފަހު، އަޅުގަނޑު ސިފައިންގެ ބަހަކަށް ލައިގެން ދުއްވާލީ ޖަވާހިރުވާދީއާ ދިމާއަށެވެ. އޯކިޑްމަގަށް އެޅުމުން ގެއަށް ގެންދަނީކަން ޔަގީންވެއްޖެއެވެ. ގޭދޮށަށް މަޑުކޮށްފައި މިގެނެވުނީ މާމައާ ބައްދަލުކޮށް ލުމަށްކަމަށް އެންގިއެވެ. ކުރިން މިކަހަލަ ޚަބަރުތައްދީ ނުހަދަނީ ފިލުމަށް ރޭވުންތަކެއް ރާވައި ހަދާފާނެތީއެވެ. އަދި ގޭގައި، 40 މިނެޓެވަރު ވާނެކަމަށް އެންގިއެވެ. މާމަފިޔަވާ އެހެންމީހަކާ ވާހަކަ ދައްކައިގެން ނުވާނެކަމަށް އެންގިއެވެ. ބޮޑުމީހަކަށް އިސްކޮށްހުރީ ސިފައިންގޭގައި އުޅުއްވާ ޅަބެއެވެ. މިގްރޫޕްގައި ސިފައިންގޭގައި އުޅުއްވާ އަހަންމާވެސް ހުއްޓެވެ. މޫސަބޭއޭކިޔާ ވަރަށް މުސްކުޅި މީހަކުވެސް ހުއްޓެވެ. މިބޭބެ ބައެއްފަހަރު މާލޭގައި ހުންނަމޭނާ ޖަލަށް ކާންދޭން ގެންދާއިރު ގައިދީންނަށް ކާންދިނުމުގައި ހަރަކާތްތެރިވާތަން ފެނިފައިވެއެވެ. ދެންތިބީ ބަސްޑްރައިވަރާއި އަދި އިތުރު ސިފައިންގެ މީހެކެވެ. މާމަ ވަރަށްބޮޑަށް ބައްޔެވެ. އޮންނެވީ އެނދުގައި އޮށޯވެގެންނެވެ. ގޭތެރެއިން ވަރަށްގިނަ ކުދިންނާ ދިމާވިއެވެ. ގޭގައިވަހީދުބެ ވެސް ހުންނެވިއެވެ. އޭނާ އަޅުގަނޑަށް ވަރަށް ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ބޭރުގައި ކުރެވެންހުރި ހުރިހާމަސައްކަތެއް ބަރާބަރަށް ހިނގަމުންދާކަމަށް ވިދާޅުވިއެވެ. އަބަދުވެސް ރަނގަޅު މީހަކަށްވުމުގެ ވިސްނުން ގެންގުޅުމަށް ހަދާންކޮށް ދިނެވެ. ސިޔާސީމީހުންނާ ކަންތަކާ ކުރިމަތިވާނެކަން ހަދާންކޮށްދިނެވެ. އަދި އަޒުމްވަރުގަދަކޮށް ހިތްވަރުކުރުމަށާއި ދެން ޖަލުގައި މާގިނަދުވަސްތަކެއް ނުވާނެކަމަށް ބުނެދިނެވެ. މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ބޭރުންނާއި އެތެރެއިން ކުރަމުން ކަމުގައި ވިދާޅުވިއެވެ. މިފުރުސަތުގައި ތުއްތަ (އިދްހާމް ހުސައިން) އަޅުގަނޑުގެ ތިންފޮޓޯނެގިއެވެ. މާމައާއެކު އެނދުމަތީގައި އިންދެގެންނެވެ. ނީޝާނާއި ޖެފްއާދެކުދިންނާ ވެސް އެކުގައި އެނދުމަތީގައި އިށީނދެ ތިބެގެންނެވެ. މިއީ މާމައާ ބައްދަލުކުރަން ގެނައި ދެވަނަ ފަހަރެވެ. ގެއިން ޚަބަރުދިން ގޮތުގައި ނޯބެވަނީ އޭނާގެ ގެއަށް ބަދަލުކޮށްފައެވެ. އަލީވަހީދު ހަސަން މަނިކު ވެސްވަނީ ގެއަށްބަދަލު ކޮށްފައެވެ. އެންމެފުރަތަމަ ގެއަށްބަދަލުވި މީހުންގެތެރޭގައި މިމީހުންހިމެނުނެވެ.

20 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 453 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.

21 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 454 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު އެއްކޮޓަރީގައި އުޅުނު ޅަރީތި އަހްމަދުރަޝީދު މާލެގެންދިއުމަށް ބަލާއައުމުން މާލެއަށް ހޮސްޕިޓަލަށް ނުދާނަމޭބުނެ މާލެދިއުމަށް ދެކޮޅުހެދިއެވެ. ހޮސްޕިޓަލަށް ދާންބޭނުންނުވާ ކަމަށްބުނެ ދެކޮޅުހަދާ ލުމުން އެކަންހުއްޓާލާފައި ބަލާއައިމީހާ އެނބުރި ހިނގައްޖެއެވެ. ފަހުން އޭނަބަލައެއް ނާދެއެވެ.

22 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 455 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށް މަޖަލެވެ. މިއަދުކާގެއަށް ބަތްކާބިއްލޫރި ތައްޓާއި ފައިފުހި ލިބުނެވެ. އެދޭވަރަކުން މިކަހަލަ ކަންތައްތައް ގެންދަނީ ކޮށްދެމުންނެވެ. އަޅުގަނޑު ގޭގައިކާންގެންގުޅޭ ބަތްކާތައްޓާއި އަޅުގަނޑު ގޭގައި ކާންގެންގުޅޭ އޫގެއިން ގެނެސްދިނުމަށް އެދުމުން އެކަންކޮށްދޭނެ ކަމަށް އޮފީހުގައި އިންނަވާ ނަސީމް ބުނުއްވިއެވެ. ރޭގައިފަތިސް ނަމާދަށްފަހު ނިދާފައިއޮއްވާ ހުވަފެނުން ފެންނަނީ، ރައީސް މައުމޫނާބައްދަލު ކުރުމަށް ތީމުގެއަށް ގޮސްއުޅެނި ކޮށެވެ. އެކަމުގައި މެދުވެރިވެ އުޅެދެއްވަނީ ހުދުއަސުރުމާގޭ އާދަމްނައީމެވެ. އެހެނަސް ރައީސް މައުމޫނު އިންނަވާ ކޮޓަރިކޮޅަށް އަރިހަށް ނުވަދެވެނީސް ހޭލެވުނީއެވެ. މިހުވަފެނުގެ ތަޢުބީރު އެކިގޮތްގޮތަށް ވިސްނުމުގައި ގެންގުޅެވުނެވެ. އެންމެބޮޑަށް ބުރަވެވުނީ، ރައީސް މައުމޫނު އަޅުގަނޑާ ބައްދަލުކުރުމަށް ހިތްޕުޅަށް އަރާވަޑައި ގަންނަވަނީ ކަމަށެވެ. ނުވަތަ ހިތްޕުޅުގައި އެކަންތައް ދައުރުވަނީ ކަމަށެވެ. އެހެނަސް އަދި އެކަށީގެންވާ ވަގުތު ނުޖެހެނީކަމަށެވެ. އަޅުގަނޑުގެ ހިތުތެރޭގައި ގަޑިޖެހުމުން އެކަމަކީ ހިނގާނެކަމެއްކަން މިއަދުންފެށިގެން ޔަގީން ކުރެވުނެވެ. އަދި މިޔަގީންކަން ދުވަހަކަށް ދުވަހެއް ދިޔައީ ހިތުތެރޭގައި އަށަގަންނަމުންނެވެ. އިތުރަށް ތާޒާވަމުންނެވެ. މިއީ ވަރަށް ރަނގަޅު ހުވަފެނެއް ކަމުގައި ހިތުގެއަޑިން ގަބޫލްކުރެވުނެވެ.

23 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 456 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ގެއަށް ދެވިގެންއުޅެނި ކޮށެވެ. އެއުފަލުގައި އުޅޭމަންޒަރެވެ. އަޅުގަނޑާއި ބިގޭއާއި އިބުރޭއާއި އަލީއާ، 4 މީހުން ގޭތެރޭގައި މަންމަމެންނާއެކު މަޖާކޮށް ވާހަކަދައްކާއި ކައިބޮއި ހަދާތަނެވެ. ބިގޭއާއެކު ސަލާމްކުރީ ބައްދާސަލާމުންނެވެ. މިއީ ޕާކިސްތާނުގައި ސަލާންކުރާ ގޮތެވެ. މިސަލާމަށް ކިޔަނީ، ބަޣަލްގީރު ކުރުމެވެ. އެހެނަސް ހަންދު އެއްގޮތަކަށް ވެސް ނުފެނެއެވެ. މިއަދު އަލިފާނު މައްސަލައިގެ ނާސިރު ކޯޓް ނަންބަރު، 6 އަށް ގެންދިޔައެވެ. 13 އަހަރުދުވަހަށް ޖަލަށްލުމަށް އޭނާއަށް، ހުކުމް އިއްވިއެވެ. މިއީއޭނާ އަންދާލުމަށްވަތް ތަންތަނުން ވަށްކަންކޮށްގެން އިއްވުނު ހުކުމެކެވެ. އަދި ޓެރަރިޒަމްގެ ބަޔަށް ވަކިންހުކުމް އިއްވާގޮތަށް ބާއްވާފައި އޮތީއެވެ.

24 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 457 ވަނަ ދުވަހެވެ. މިއަދު މ.މާކޮޅު ވިސާމް މާލެ ގެންދިޔައެވެ. އެނބުރި އައިސް ބުނެދިނީ މާލެގެންދިޔަ ބޭނުމަކީ، ހީރޯގެ މައްސަލައިގާ ހެކިބަސް އެހުމަށް ކޯޓުނަންބަރު، 6 އަށް ގެންދިޔައީކަމަށެވެ. މިދެމީހުންނަކީ ވެސް މާލެތެރޭގައި ރޯކުރިއަލިފާނާ ގުޅޭމީހުންނެވެ. ބިގޭއާއި ހަންދުއާއި އަންނިގެ ހާލުރަނގަޅުކަމަށް ވިސާމުބުންޏެވެ. އަދި އެމީހުންގެ ސަލާމާއި ހެޔޮދުއާ، ވިސާމް ގެނެސްދިނެވެ. ދިމާވީ މާލޭންނެވެ.

25 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 458 ވަނަ ދުވަހެވެ. މިއަދު ގެއިން މަންމަގެ ސިޓީއަކާއި ގެއަށް ބެޓެރީލައްވަން ފޮނުވިގަޑި ބެޓެރީލައްވައިގެން އަނބުރާ އަޅުގަނޑަށް ލިބުނެވެ. އަދި ރަންކޮކާ މުހަންމަދު ރަޝީދު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. އަޅުގަނޑު ވަކިން ދުރަށް ގެންގޮސް ނަސޭހަތުގެ ބަސްކޮޅެކޭ ވިދާޅުވެ ވާހަކައެއް ވިދާޅުވިއެވެ. މިވާހަކައިގެ ތެރޭގައި މިތާތެރޭގައި އެކަކުއަނެކަކަށް ހަޑިހުތުރުއެއްޗެހި ކިޔާޚަބަރު މިތާތެރެއިން ލިބިފައިވާ ކަމަށް ބުނެދެއްވިއެވެ. މިކަން ޕްރިސަންސާ ހަމައަށް އައިސްފައި އޮތީމާއެވާހަކަ އިލްޔާސް ކައިރީގައި ދަންނަވާލީ ކަމަށް ވިދާޅުވިއެވެ. އަދި މަޖަލަށް ދޫމަތީބަސްތަކެއް ގޮތުގައި ހުތުރުއެއްޗެހި އިލްޔާސްވެސް ބުނެލާހަދާކަމަށް މިޝަކުވާގައި ވާކަމަށް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރެއިން މީހަކުމިވާހަކަ ޕްރިސަންންސަށް ލިޔުނީ ހެންނެވެ. އެހެންވެ ރަޝީދު ވަޑައިގެން އެވާހަކަ ސީދާއަޅުގަނޑާ ދައްކާލެއްވީ ކަމަށެވެ. އެއްވެސް ޚިޔާލެއްނެތި ދޫމައްޗަށް އަންންބައެއް ހަޑިބަސްތައް އާންމުކޮށް މިތާތެރޭގައި ބޭނުންކޮށް އުޅެއެވެ. އަޅުގަނޑަކީ ވެސް މަޖަލުގައި އުޅޭއިރު ކުއްލިއަކަށް އެފަދަބަސްތައް ބުނެލާހަދާމީހެކެވެ. އެކަމާ އެންމެބޮޑަށް އަޅައިގަނެގެން އަބަދުވެސް ވާހަކަދައްކާ ބޭފުޅަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވަނީ، އަބްދުލް ހަންނާން ހެރިންސް އެވެ. ރަޝީދުގެ ވާހަކަފުޅުން ލަފާކުރެވެނީ އަބްދުލްހަންނާން އިސްތަފާއަށް އެޑްރެސްކޮށް އަޅުގަނޑުގެ ނަންލައިގެން ޝަކްވާގެ ސިޓީއެއް ފޮނުވީހެންނެވެ. މިއިން އެނގުނު އެއްޗަކީ އަބްދުލް ހަންނާނަކީވެސް އިސްތަފާއަށް ޝަކްވާސިޓީ ލިޔާމީހެއްކަމެވެ. މިއަދު ހެނދުނު، 9:00 މިނެޓްގައި، 21 ބަޑީގެ ސަލާމާއެކު ކޯއްޓޭ މައިދާނުގައި ބޮޑުދަނޑިއެއް ޖެހުމަށްފަހު ގައުމީދިދަ، ރައީސް މައުމޫނު ނަންގަވައި ދެއްވިޚަބަރު ރޭޑިޔޯއިން ލިބުނެވެ. ރައީސްމައުމޫނު ދިދަނަންގަވައި ދެއްވިދަނޑީގައި އުސްމިނުގައި ސަތޭކަފޫޓު ހުންނަކަމަށާއި ނަންގަވައިދެއްވި ދިދައިގާ، 20 ފޫޓު 30 ފޫޓު ހުންނާނެ ކަމަށްވެއެވެ. އަދި މިއަދު ކެޕްޓަން މުއާޒުގޭގެ މީހުން ޖަލަށް އައިސް އޭނަޔާ ބައްދަލު ކުރުންއޮތެވެ. މިއަދު ޖަލުއޮފީހުން އައިސް މިތާތެރޭގައި ހުސްކޮށްހުރި، 7 ނަންބަރުކޮޓަރި ތަޅުލައިފިއެވެ.

26 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 459 ވަނަ ދުވަހެވެ. މިއަދު މިތަނަށް ސިފައިންގެ ފަރާތުން ވެންނެވި، ނާޒިމްކައިރިން އެހުމަށް ފަހު، ޖަލުންބޭރުގައި މިތަނާވަރަށް ކައިރީގައިހުރި ކަށިކެޔޮގަހަކުން ކަށިކެޔޮގަނޑެއް ކެނޑީމެވެ. ކަށިކެޔޮކާ ހިތުންނެވެ. މިކަންކޮށްދިނީ ފާޒިރެވެ. ފާޒިރުގަޔަށް އެގަހުންކުޅަދުރު ކަށިޖެއްސެވެ. މުޅިމޫނު ދުޅަކޮށްލިއެވެ. އެހެނަސް އޭނާފޭބީ އެކަން ކާމިޔާބުކޮށް ކަށިކެޔޮގަނޑު ކަނޑާވައްޓާލާފައެވެ.

27 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 460 ވަނަ ދުވަހެވެ. މިއަދު އާދިލްގޭގެ މީހުންއާދިލާ ބައްދަލުވުމަށް ގާމާދޫޖަލަށް ޒިޔާރްތް ކުރިއެވެ. ރޭގައި ހޭލާތިބެގެން ވަރަށްގިނައިރު ވަންދެން ސިންކު ބެހެއްޓުމުގެ މަސައްކަތްކޮށް ވަޅުލަންޖެހޭ މަކުޑީގެ ދެލަކުޑިގަނޑު ފާރުގައިވަޅުލާއި ފެންވައިރުކޮށް ވޭސްޓްޕްލަގް ގުޅާނިންމާލެވުނެވެ. އިރިއޮއްސުނު ވަގުތާދިމާކޮށް އިސްތަފާއާއި ރަންކޮކާ ރަޝީދު ޖަލުބައްލަވާ ލައްވަން ވަޑައިގެންނެވި ޚަބަރުލިބުނެވެ. މިތާތެރެއަށް ނުވަންނަވައެވެ. ބޭރުބޭރުން ބައްލަވާލައްވާފައި ވަޑައިގެންނެވީއެވެ. ހީވަނީ ބަދަލެއް ގެންނަވަންވެގެން ބައްލަވާލެއްވީ ހެންނެވެ.

28 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 461 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާންމަހުން، 23 ވަނަ ދުވަހެވެ. ރޯދަމަސް އޮވެގެން ނިމިގެން ދަނީއެވެ. މިއަދު ޕްރިސަންސަށް ދެސިޓީއެއް ލިޔުނީމެވެ. އެއްސިޓިއަކީ ގެއިން އަޅުގަނޑު ކާންގެންގުޅޭ ބަތްކާތައްޓާއި ކާންގެންގުޅޭއުލާއި މަގެއް ޖަލަށް ގެނެސްދެއްވާތޯއެވެ. ކުރީދުވަހެއްގައި މިވާހަކަދަންނަވާ ލުމުންއޮތީ ސިޓީއެއް ލުމަށް ވިދާޅުވެފައެވެ. އަނެއް ސިޓީއަކީ، އިބުރޭއާއި މުއީދާއި އަޒްމީލާއި އަބްދުﷲ ހުސައިން، މިހަތަރުމީހުންނާ ޖަލުގައި ބައްދަލުކޮށްދެއްވާތޯ އެދި ލިޔުނުސިޓީއެކެވެ. އަދި ގެއަށް ފޮނުވިސިޓީ ތެރޭގައި ވަކިންމަންމައަށް އެޑްރެސްކޮށް ސިޓީއެއް ލިޔުނީމެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް މަންމައަށް ނަންގަތީމެވެ. މަންމައާ ދުރުގައި ޖަލެއްގެ އަނދިރީގައި އަޅުގަނޑުމެން ހުރިހާކުދިން ތިއްބަސް އަބަދުވެސް މިތިބެނީ މަންމަގެ ގާތުގައިކަމުގައި ދެކޭށެވެ. އަބަދުވެސް މަންމަގެ ލޯތްބާއިކުލުނު ލިބެމުންދާކަން ކަށަވަރެވެ. ލޮބުވެތި މަންމަގެދުއާތައް އަބަދުވެސް އަޅުގަނޑުމެންގެ ރޫހުގައި ވެއެވެ. ނުފެންނަ ހިސާބުގައި އަޅުގަނޑުމެން ބަންދުކޮށްފައި ތިއްބަސް، ލޮބުވެތި މަންމައާއި އަޅުގަނޑު މެންނާވަނީ ރޫހާނީގޮތުން ގުޅިފައެވެ. ﷲ މެދުވެހިކޮށް ރޫހާނީގޮތުން މިތިބެނީ އަބަދުވެސް ހެޔޮދުޢާއިން ގުޅިފައެވެ. މަންމަވެސް އަޅުގަނޑުމެންނަށް ވީހާއަވަހަށް ރަނގަޅު ގޮތެއްވޭތޯ، ﷲއަށް އިތުރަށް ދަންނަވަމުން ގެންދަވާށެވެ. އަޅުގަނޑު މެންވެސް މިތިބެނީ އަބަދުވެސް ދުޢާމަތީގައެވެ. ގަވާއިދުން ބަރާބަރަށް ނަމާދު ކުރަމެވެ. މާމަރަނގަޅަށް ބަލާށެވެ. މާމައަށް ވެސް ދުއާކުރަމެވެ. މިއަނިޔާވެރި ސަރުކާރުން، ޖަލަށް ނުގެނެސް ގޭގައި ތިބިކުޑަކުދިން ރަނގަޅަށް އޯގާތެރިކަމާއެކު ބަލާށެވެ. އަޅުގަނޑުމެން އެންމެންނަކީ ލޮބުވެތި މަންމަގެ އުންމީދުތަކެވެ. އަޅުގަނޑުމެން މަންމަގާތުގައި ނެތުމުން އޭގެތެރެއިން ކުއްޖަކަށާއި މާމައަށް އުނިކަމެއް އަޔަނުދެއްވާށޭވެ. ހިތްވަރުގަދަ ކުރައްވާށެވެ. އެއްގޮތަކަށް ވެސް މާޔޫސްވެ ނުލައްވާށެވެ. މިސަރުކާރުގެ އަނިޔާވެރި އަނދިރި ނާމާންޖަލުތަކުގައި މިތިބީ، މަންމަގެ ހެޔޮދުޢާތަކުގެ ދަށުން މުޅިންހެޔޮހާލުގައި ފުރިހަމަ ސިއްހަތެއްގައި ސަލާމަތުންނެވެ. ލޮބުވެތި މަންމައަށް އަޅުގަނޑުމެން ނުފެނުނަސް އަބަދުވެސް މިތިބެނީ މަންމަގެ ކުލުނާއި އަޅާލުމުގެ މަތިންހަދާން ކޮށްކޮށެވެ. މަންމައަށްކުރާނެ އަސަރުތައް ހިތުގެއަޑިން އިހްސާސް ކުރެވޭތީއެވެ. އަޅުގަނޑުމެން ސަލާމަތްކުރުމަށް ރައީސް މައުމޫނު އަރިހަށް ސަލާންޖެހުމަށް، އަދި އެހެންބޮޑުންގެ މީހެއްގެ އަރިހަށް އެއްވެސްކަހަލަ މަދަދަކަށްއެދި ދާނެކަމެއް ނެތެވެ. ﷲގެ ހެޔޮރަހްމަތުން އަޅުގަނޑުމެން މިނިވަންވެގެން މަންމަގާތަށް އުފަލުން ފޮޅިގެންވާހާލުގައި އަންނާނަމެވެ. މިކަންކޮށްދެއްވާނީ، ﷲގެ ރަހްމަތުން، ހަމަރައީސް މައުމޫނެވެ. އަޅުގަނޑުގެ މިވާހަކަތައް ލޮބުވެތި މަންމައަށް މިބީދައިން ލިޔުނީ އިސްތަފާ އިބްރާހީމް މަނިކު މިސިޓީތައް ކިޔާނެތީ އޭނާލައްވާ ތަކުރާރުކޮށް އަޅުގަނޑު މެންގެހިތުގެ އަޑީގެއަސަރުތައް މިސިޓީތައް މެދުވެރިކޮށް ކިޔުވާށެވެ. ލޯބިވާދަރިއަކު އޭނާގެލޮބުވެތި މަންމައަކަށް ހިތުގެއެންމެ ފުންމިނުން އަސަރާއެކު ލިޔާސިޓީ ތަކުގައި އިންސާނަކަށް ވިއްޔާ، އަސަރުކުރާނެ ވާހަކަތައް ލިޔެވިފައި ހުންނެއެވެ. ރީތިކޮށްލިޔެފައި މިދެސިޓީ ވެސް ޖަލުބަލަހައްޓާ އޮފީހުގައި އިސްކޮށް އުޅުއްވާ ނަސީމާ މިއަދުހަވާލު ކޮށްނިންމީމެވެ.

29 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 462 ވަނަ ދުވަހެވެ. މިރޭވެސް ސިންކުގެ މަސައްކަތް ކުރުންބޭއްވީމެވެ. އިސްކޮށް މިމަސައްކަތުގައި އުޅެނީސީދާ އަޅުގަނޑެވެ. ތަށިމުށިޖަހާއި ހުދުސިމެންތިއަޅާ މުޅިން ނިންމާލެވުނީ ފަތިހު ހަތަރެއް ޖެހިފަނުންނެވެ. މިއަދު މޫދަށް ނެރުނެވެ. ރޯދަމަސްވީމާ މޫދަށްދިއުމަށް ނުކުންނަމީހުން ވަރަށްމަދެވެ. އެހެނަސް ނެރޭކޮންމެ ދުވަހަކުވެސް އެންމެފުރަތަމަ މޫދަށްދިއުމަށް އިސްނަގައި ނުކުންނަނީ އަޅުގަނޑެވެ. މިއަދު އަޅުގަނޑާއެކު މޫދަށްދާން ނުކުތީ ނާސިރުއެކަންޏެވެ.

30 މާރޗް 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 463 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާހުވަފެނުން ފެންނަނީ، ޖަވާހިރުވާދީ، އިންޑިޔާ އެމްބަސީއަކަށް ހަދައިގެން އުޅެނިކޮށެވެ. ވަރަށްރީތިކޮށް މިމަންޒަރު ފެނުނެވެ. ޖަވާހިރުވާދީގައި އިންޑިޔާގެ ދިދަނަގާފައި ހުއްޓައެވެ. ފަތިހުހޭލައިގެން މިކަމާވިސްނާލާއި ފިކުރުކޮށް، މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ޚުލާސާކޮށް ނިންމީ، އިންޑިޔާ އެމްބަސީން އަޅުގަނޑުމެންގެ ބަންދާބެހޭގޮތުން ވިސްނުންތަކެއް ގެންގުޅޭކަމަށެވެ. އަދި އަޅުގަނޑުމެންނާ ބެހޭގޮތުން މައުލޫމާތުތައް ހޯދަނީކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން ސަލާމަތްވުމަށް އިތުރުދޮރެއްހުޅުވި އިތުރުބާރަކަށް ވާނެކަމަށް ނިންމީމެވެ. މިބުރަށް ބަންދުވުމުގެ ކުރިން އެއްފަހަރަކު ޖަލުންގެއަށް ގެނެސްފައި ހުއްޓާ، އިންޑިޔާ އެމްބަސީގައި އެދުވަސްވަރު މަސައްކަތްކުރެއްވި ޝަރްމާއޭ ކިޔާބޭފުޅަކު އިއުލާނުހުރީމާ ޖަވާހިރުވާދީއަށް ނުވަންނަވަންވެގެން ޖަވާހިރުވާދީ ތެރެއިން އޭރުވަދެވޭ ގޮތަށްހަދާފައި ހުރިފިހާރަ ތެރޭގައި ހުންނަވައިގެން އަޅުގަނޑައި ބައްދަލުކޮށްފައި ވެއެވެ. މިކަމުގައި މެދުވެރިއަކަށްވަނީ، އަޅުގަނޑުމެންގޭގައި ހުންނަގަރާޖުގައި މަސައްކަތް ކުރުމަށްއުޅޭ ޑްރައިވަރެކެވެ.

31 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 464 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.

1 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 465 ވަނަ ދުވަހެވެ. މިއަދު ސައްޕެގެ ދައްތަ ސަލްވާ ގާމާދޫޖަލުގައި ސައްޕެއާ ބައްދަލު ކުރިއެވެ. އަދި މިއަދު ސައްޕެއާއި ހަންނާނަށް އެމީހުންގެ ގެއިންކާނާ ފޮނުވިއެވެ.

2 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 466 ވަނަ ދުވަހެވެ. ރޯދަމަސް އިހްޔާކުރުމުގެ ޖަލްސާއެއްގައި ރޭގައި ރައީސް މައުމޫނު އިސްލާމްދީނުގައި ތަގްވާއާއި އިހްސާން ތެރިކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މިތަގްރީރު އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޯޑިޔޯ މެދުވެރިކޮށް އަޑުއެހީމެވެ. މިއަހަރުގެ އެރަސްމިއްޔާތު ނިންމާލެއްވި ރެއަކީމިރެއެވެ. ރޯދަމަސް ނިމުމަކަށް އަންނަނީއެވެ.

3 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 467 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ، 29 ވަނަ ދުވަހެވެ. މާދަމާވެގެންދާނީ އުފާވެރިކުޑަޢީދު ދުވަހަށެވެ.

4 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 468 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ފިތުރުޢީދުދުވަހެވެ. ހިޖްރީ ސަނަތުން، 1412 ވަނަ އަހަރެވެ. އަބްދުލް ހަންނާނަށާއި ކެޕްޓަން މުއާޒަށާއި ސައްޕެއަށް އެމީހުންގެ ގެއިންކާނާ ފޮނުވިއެވެ. މިއީ ޖަލުގައި ހޭދަކުރާ ދެވަނަ ފިތުރުޢީދެވެ. ފުރަތަމަ ފިތުރުޢީދު ދިޔައީދޫނިދޫޖަލުގެ ކުޑަގޮޅީގައި ވަޙްޝީއަނދިރި ކަންމަތީގައި ތިއްބައެވެ. މިއަދުގެ އުފަލުގައި ކުރެވުނު ޚިޔާލުތަކުގެ ތެރޭގައި ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުމުން، އެސިޓީގެ އިބާރާތްތައް ހިތުރެރޭގައި އަތުރާލީމެވެ. ނިންމާލަމުން މިއީކުށްތަކެއް ކަމުގައި ބައްލަވަނީނަމަ، މިކުށްތަކަށް މައާފުކޮށް ދެއްވުމަށް އެދެން ނިންމީމެވެ. މިއީ މިއިބާރާތުން ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުނު ފުރަތަމަ ފަހަރެވެ.

5 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 469 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދައިގެ ފުރަތަމަ ދުވަހެވެ. މިއަދުގެ ރޯދައަށް މިރޭގެނިދުމުގެ ކުރިންހާރު ކައިގެން ނިޔަތްގަތްއިރު ކުރިޔަށް އޮތްތާގައި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރޯދަމަހެއްގެ ފަހުން ހަރޯދަހިފުމަށް ނިޔަތްގަނެ އެކަންކުރުމުގެ ހިތްވަރު ދެއްވުންއެދި، ﷲއަށް ދުއާކުރީމެވެ. އަދި ކުރިޔަށް އޮތްއަހަރު ތަކުގައި ކޮންމެއަހަރެއްގެ ހަރޯދަހިފުމަށް އަޒުމް ކަނޑައެޅީމެވެ. މިގޮތުގެމަތިން ޖަލުންފެށިގެން ދާއިމީކޮށް ކުރަންފެށުނު ދެއަޅުކަމަކީ ހަރޯދަހިފުމާއި ކޮންމެ ދުވަހެއްގެ ޟުޙާނަމާދު ކުރުމެވެ. ﷲގެ އިރާދަކުރެއްވުމާއެކު މުޅިއުމުރަށް މިދެއަޅުކަން ކުރުމުގައި ދެމިހުރުމަށް ނިންމީމެވެ. މިއަދު މޫދަށް ދިޔައީ އަޅުގަނޑާއި ވިސާމާއި ޅަރީތިއަހްމަދު އެކަންޏެވެ.

6 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 470 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ޝައްވާލުމަހުން، 3 ވަނަ ދުވަހެވެ. ހުރީރޯދައަށެވެ. މިރޭ، 12:30 ގައި ޖަލުބަލަ ހައްޓަވަން ހުންނަވާ ނަސީމް މިތާތެރެއަށް ވެންނެވިއެވެ. ވިދާޅުވީ، އަޅުގަނޑާއެކު ވާހަކަދައްކާލާ ހިތުން ވަޑައިގެންނެވީ ކަމަށެވެ. ފުރަތަމަދިމާވީ ވެސް އަޅުގަނޑާއެވެ. އެންމެގިނަވާހަކަ ދެއްކީވެސް އަޅުގަނޑާއެވެ. އޭނާވަނީ އަޅުގަނޑުގެ ގާތްރަށްޓެއްސަކަށް ވެފައެވެ. މޫދަށްދާން ބޭނުންވާ އެންމެން އެކުގައި މޫދަށް ނެރެދޭން އެއްބަސް ވެލެއްވިއެވެ. މިގޮތަށް ހަމަޖައްސައިދޭން އަޅުގަނޑު އެދުނީ، ބޮޑަށް މަޖާވާނީ މިގޮތަށް އޮތުމުންކަމަށް ވާތީއެވެ. އަދި އެންމެން އުކުގައި ނުކުމެ ވޮލީނަމަވެސް ކުޅިވަރެއް ކުޅެލާން ހުއްދައަކަށް ވެސް އެދުނީމެވެ. މިކަންވެސް ކޮށްދެއްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

7 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 471 ވަނަ ދުވަހެވެ. މިއަދަކީ ޝައްވާލުމަހުން، 4 ވަނަ ދުވަހެވެ. ހަރޯދައިން ތިންވަނަ ރޯދަދުވަހެވެ. މިއަދު ރައީސް މައުމޫނުގެ އަތްޕުޅަށް ޖަހާފައި ރިޔާސީގަނޑުވަރު ތީމުގެއަށް އެޑްރެސްކޮށް ސިޓީއެއްލިޔެ ޖަލުއޮފީހައި ހަވާލުކުރީމެވެ. މިސިޓީހަވާލުކުރީ އޮފީހުގައި ހުންނަވާ ނަސީމާއެވެ. މިއަދު މޫދަށް ގެންދިޔައެވެ. އޮތީހުޅުވިފައެވެ. ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭ ގޮތަށެވެ. އެހެނަސް މޫދަށް ދިޔައީ އަޅުގަނޑާއި ނާސިރާއި ޅަރީތިރަޝީދާއި ވިންޓަރާ، މިހަތަރުމީހުން އެކަންޏެވެ. މިއަދުލިބުނު ޚަބަރެއްބުނާ ގޮތުގައި އަންނިއާއި ހަންދުއާއި ބިގޭއަށް އަދިހުކުމް ނީއްވައެވެ. އެހެނަސް މިހާރުބާކީއޮތީ ހުކުމްއިއްވުން އެކަންޏެވެ. ޝަރީޢަތުގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މިއަދު ސައްޕެ މާލެގެންދިޔައެވެ. އަންނިގެ މައްޗަށް ކުރާދައުވާގެ ހެކިބަހެއްގެ ބަޔާނުގައި ސޮއިކުރުވާށެވެ.

8 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 472 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ގަހޭއާއި އޮފީހުން ކާތިބަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މަހަކު އެއްފަހަރު ޖަވާހިރުވާދީ އިބުރޭއާ، ބައްދަލުވެވޭގޮތަށް ހަމަޖައްސައި ދެއްވިއެވެ. އިބުރޭ އަދިވެސް ހުންނަނީ، ގާމާދޫގެ ޖަލުގައި ހުންނަބޮޑެތި ގޮޅިތަކުން ގޮޅިއެއްގައެވެ. ރަޝީދު ވިދާޅުވީ، މިކަންތައް މިހާރުވާނީ އޮފީހުގައި ހުންނަވާ ނަސީމަށް ކުރިޔަށް ގެންގޮސްދެއްވުމަށް އަންގާފައެވެ. ގެއިންބޭނުންވާ ބައެއްތަކެތި ޖަލަށް ގެނައުމުގެ ހުއްދަ ދެއްވިދާނެކަމަށް ވެސް ރަޝީދުވިދާޅުވެ ދެއްވިއެވެ. ރަޝީދު ޖަވާހިރުވާދީއަށް ފޯނުކޮށް ލެއްވުމުން ގެއިން، އިލްހާމް (ދޮންދައްތަ) ފުރައިގެން ދިޔަވާހަކަ ބުނިކަމަށް ވިދާޅުވި ޚަބަރުދެއްވިއެވެ. އަދި މިއަދު ގެއިން، ސިޓީއެއްވެސް ފޮނުވާފައި ޕްރިސަންސްގައި އެބައޮތް ކަމަށް ވިދާޅުވެ ދެއްވިއެވެ. މާދަމާ ނުވަތަ އަނެއްދުވަހު އަޅުގަނޑަށް ފޮނުވާލަ ދެއްވާނެކަމަށް ރަޝީދު ވިދާޅުވެ ދެއްވިއެވެ. ގެއިން ސައިބޯނެމަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކާންގެންގުޅޭ ޚާއްސައޫ، ޖަލަށް ގެނެވޭގޮތަށް ހަމަޖެހިއްޖެވާ ހަކަވެސް ވިދާޅުވެ ދެއްވިއެވެ. އަދި ރައީސް އަރިހަށް އަޅުގަނޑު ފޮނުވިސިޓީ އެއޮތްގޮތަށް އެހެންސިޓީ އުރައަކަލާފައި ރައީސް މައުމޫނު އަރިހަށް ފޮނުވައި ދެއްވިވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. މިއަދު އިރުއޮއްސި ނުވައެއްޖަހާ އެހާކަންހާއިރު، ޖަލުއޮފީހުން މީހަކުއައިސް މަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކެއުމަށްގޭގައި ބޭނުންކުރަމުން ގެންދާއޫ ގެނެސް އަޅުގަނޑާ ހަވާލުކުރިއެވެ. މިއަދު ވަރަށްގިނަ ކަންތައްތައް ހަމަޖެހި ގެއިންބައެއް ސާމާނުލިބުމުން ވަރަށް އުފާވިއެވެ.

9 އޭޕްރިލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 473 ވަނަ ދުވަހެވެ. މައަދު މެންދުރެއްހާއިރު އޮފީހުން މީހަކުއައިސް އަޅުގަނޑު އަތުގައި ގެއިންފޮނުވާފައިވާ ރޭޑިޔޯއެއް އޮވޭތޯސުވާލު ކުރިއެވެ. ނޯވޭދެންނެވުމުން އެންމެރަނގަޅޭ ކިޔާފައި އޭނާހިގައްޖެއެވެ. ދެން ވަކިޚަބަރެއް ނުވެއެވެ. ހީވަނީ ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަދެއްވަން އުޅުއްވަނީ ހެންނެވެ. މިކަންތައް ވެސް ކޮށްދެއްވާނެކަމަށް ރަންކޮކާ ރަޝީދުވަނީ ވިދާޅުވެފައެވެ.

10 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 474 ވަނަ ދުވަހެވެ. ވިންޓަރު ޝަރީފު އެދިގެން އޭނާގެ ނިމިފައިވާ ދެމައްސަލަ ހައިކޯޓަށް ލުމަށްބޭނުންވާ ފޯމްތައް މިއަދުއޭނާއަށް ލިބުނެވެ. އަދި ދަށުކޯޓުން ނިމިފައިވާ އޭނާގެމައްސަލަ ނިމުނުގޮތުގެ ރިޕޯޓުވެސް މިއަދު އޭނާއަށް ލިބުނެވެ. އަޅުގަނޑު މެންގެތެރެއިން އެހެން އެއްވެސްމީހަކު ހައިކޯޓަށް ދާކަށްބޭނުމެއް ނުވެއެވެ. ހުކުމަށް ބަދަލެއް އަންނާނެކަމަށް ނުފެންނާނެތީއެވެ. ރާއްޖޭގެ ސްޕްރީމްކޯޓަކީ ރައީސް މައުމޫނެވެ. އެންމެމަތީބާރު އޮތީރައީސް މައުމޫނުގެ އަތްޕުޅުގެ މަތީގައިކަމުން ހުރިހާކަމެއް ނިމޭނީދަށު ކޯޓުންނިންމާ ގޮތަށްކަން ޔަގީންކުރެވެއެވެ. ދަށުކޯޓުތަކުން ވެސް ބަރާބަރަށް ރައީސްއޮފީހުގެ ލަފާ، ސިޓީލިޔެގެން ހޯދާހަދައެވެ. މިއީ ވިންޓަރުމޮޔަ ކަމުން ކުރާކަމެއްކަމުގައި އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެ ވެއެވެ. އެހެނަސް ވިންޓަރުގެ މިމަސައްކަތުން، ސަރުކާރަށް އުނދަގޫތަކެއް ވާނެއެވެ. އަދި ބޭރުދުނިޔެއަށް މިވާހަކަތައް އިތުރަށް ފެތުރޭނެއެވެ. އެގޮތުން މިއީ ކުރަން ރަނގަޅު ކަމެކެވެ. މިއަދަކީ ޝައްވާލުމަހުން، 7 ވަނަ ދުވަހެވެ. 6 ރޯދަހިފާނިމޭ ދުވަހެވެ. މާދަމާއަކީ ހަރޯދައީދު ދުވަހެވެ.

11 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 475 ވަނަ ދުވަހެވެ. މާލެތެރޭގެ އަލިފާނުގެ މައްސަލާގައި ބަންދުގައި ހުރިއަޒީ މާލެގެންގޮސް ސިފައިންގޭގައި ބައިންދަ ބައިންދާފައި ނާސިރާއެކު މިއަދުގެނައެވެ. ޚަބަރުލިބުނީ، އަނެއްކާވެސް އެންދެރިމާގޭ އައްބާސް އިބްރާހީމާ ބެހޭވާހަކަ ތަކެއް ދައްކައިގެން އެކަންތަކާ ސުވާލުކުރުމަށް މާލެގެންދިޔައި ކަމަށެވެ. އަޒީބުނަނީ، މާލެތެރޭގައި އަލިފާން ރޯކުރުމުގެ ކަންތައްގަޑަކީ، ކަރިޝްމާ އައްބާސް މެދުވެރިކޮށް، އެންދެރިމާގޭ އައްބާސް ވިދާޅުވެގެން، ނާސިރާއި ވިސާމާއި އާދިލް މެންލައްވާ ކުރުވިކަމެއް ކަމަށެވެ. ވަރަށްފާޅުގައި މިވާހަކަތައް މިކުދިން އަޅުގަނޑުމެން ކައިރީގައި ޖަލުގައިތިބެގެން ކިޔައިދިނެވެ. މިވާހަކަތައް މިގޮތަށް ބޭޒާރުކުރާ މީހަކީ އަޒީއެވެ. މިވާހަކަތަކަކީ، ތަހުގީގު މަރްހަލާގައި ދެކެވިފައިހުރި ވާހަކަތަކެވެ. އަދި އަންނިއަށް، 4 އަހަރާއި، 9 މަސްދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި ކަމުގެޚަބަރު ލިބުނެވެ. ހީވަނީ މިކަންހިންގީ ސައްޕެމާލެ ގެންދިޔަ ދުވަސްނޫން އަނެއްދުވަހު ހެންނެވެ. އެއީ ބުދަދުވަހެވެ. މިއަދު ޖަލުއޮފީހުން މީހަކު އައިސް މިރޭ، 10:00 ގައި އިބުރޭ ޖަވާހިރުވާދީއާ ބައްދަލުކުރުވާނެ ކަމަށް އަޅުގަނޑަށް އެންގިއެވެ. ރޭގަނޑުވެ ދިހައެއް ޖެހުމުން އަޅުގަނޑު ބަލާއައީ ނަސީމެވެ. ނަސީމު އަޅުގަނޑު ނެރެގެން ގެންދިޔައީ ޖަލުގެ އުނދޯލިގެއަށެވެ. އެތަނގާއި މޭޒެއް ބަހައްޓާފައި ހުއްޓެވެ. އަދި އެމޭޒުކައިރީގައި އިބުރޭ ބައިންދާފައި އިނެވެ. އަޅުގަނޑަށް ވަރަށް މިނިވަންކޮށް ބޭނުންގޮތަކަށް ބޭނުންވާހާ ވާހަކައެއް އިބުރޭއާ ދެކެވޭގޮތަށްއޮތީ އެއްވެސް ހިރަހެއްނެތި ދޫކޮށްލާފައެވެ. އިބުރޭބުނީ ހުރިހާކަމެއްވެސް ރަނގަޅުކަމަށެވެ. އެންމެން ތިބެނީ އެކުގައިކަމަށެވެ. ދެން ވަކިދަތި ކަމެއްފާހަގައެއް ނުކުރެވޭ ކަމަށެވެ. އިލްޔާސްބެ (އޮމަދޫ އިލްޔާސް) މާލެގެންދިޔަ ވާހަކަބުންޏެވެ. ދޮންދައްތަ ލަންކާއަށް ދުވަސްކޮޅަކަށް ޖައްސާލިވާހަކަ ބުންޏެވެ. އަދި އެނބުރިމާލެ އަންނާނެކަމަށް ވެސް ބުންޏެވެ. އަދި މިއަދު ފާޒިރާ ބައްދަލުކުރަން އޭނާގެ ބައްޕައާއި ކޮއްކޮ ނާޒިމާ ގާމާދޫޖަލަށް އައެވެ. ބައްދަލުކުރީ އުނދޯލިގޭގައެވެ. ފާޒިރު ބުނިގޮތުގައި އޭނާގެބައްޕަ އޭނާގާތުގައި ބުނުއްވީ، ވަރަށްއަވަހަށް ސަލާމަތްވާނެ ކަމަށެވެ. އަދި ވަރަށްއަވަހަށް މާލެގެންދާނެ ކަމަށެވެ. މިއީ ފާޒިރުގެ ބައްޕަގެ ވާހަކައެވެ.

12 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 476 ވަނަ ދުވަހެވެ. އަޅުގަނޑުމެން ތިބޭބައިގެ ކުރިމަތީފާރުގެ ތިރިންފޫޓެއްގެ އުސްމިނުގައި އެސްލޯނުހޮޅި ބުރިތަކެއް ވަޅުލުމުގެ ހުއްދަދެއްވައިގެން އެމަސައްކަތް މިއަދުކުރީމެވެ. މިކަމާއުޅުނީ މުފީދު (މުފީއްޓޭ) އެވެ. މިއަދުހެދުނު ފުރަތަމަލޯވަޅު އަޅާއިހޮޅިބުރިއެއް ވަޅުލާނިންމާލިއެވެ. މިއީމުފިއްޓޭ މާބޮޑަށް ކުރާހިތުން އުޅޭކަމެކެވެ. ފަހަތުގައި ކޮންމެވެސް ސިއްރެއް އުޅެނީކަމަށް ވެސްވެދާނެއެވެ. ދޮރުހުޅުވުމެއްނެތި މިލޯވަޅުތަކުން ކުދިޕެކެޓަފަދަ އެއްޗެހި ޕާސްކޮށް ހެދޭނެއެވެ. ޑްރަގާގުޅުންހުރި ކަމަކަށް ވެސް ވެދާނެއެވެ. މިކަމުގެ ހުއްދަހޯދަން އުޅެދިނުމަށް އަޅުގަނޑު ކާރީގައި އެދުނީވެސް މުފިއްޓޭއެވެ. މިކަމުގެ ބޭނުމަކަށް އަޅުގަނޑު ދެއްކިބަހަނާއަކީ އިތުރަށް ޖަލުގެތެރެއަށް ވައިވެއްދުމެވެ. މިއީ އަޅުގަނޑުމެން ތިބޭބަޔަށް ތަޒާވައި ވެއްދުމަށްކުރާ މަސައްކަތެކެވެ. މިއަދުހަވީރު އަޅުގަނޑާ ބައްދަލުކުރުމަށް ގާމާދޫޖަލަށް މަންމައައެވެ. މިބައްދަލުވުން ހިނގީއުނދޯލި ގޭގައެވެ. ފުދޭވަރަކަށް ގިނައިރު ގިނަވާހަކަތައް މަންމަ ދެއްކިއެވެ. ނަސީމު އިންނެވީ އަޅާލުމެއް ނުދެއްވައެވެ. އޮތީވަރަށް މިނިވަންކަމާއެކު ދޫކޮށްލައްވާފައެވެ. މަންމައާއެކު އަންދިއާއި ނީޝާނުވެސް އިބުރޭއާ ބައްދަލުކުރަން އައިވާހަކަ މަންމަބުންޏެވެ. މިހާރު އެބައްދަލުވުން ވެސް އެހެންދިމާއެއްގައި ހިނގަމުންދާ ވާހަކަމަންމަ ބުންޏެވެ. މަންމައައީ ގެއިންވަރަށްގިނަ ކެއުމުގެސާމާނު ހިފައިގެންނެވެ. ފެންކޭހެއްވެސް ގެނެސްދިނެވެ. އަދި ހުއްދަލިބުނީ ދެބޭންޑުގެ ރޭޑިޔޯއެއް ގެންނަންކަމަށް މަންމަގެ ފަރާތުން އޮޅުންފިލިއެވެ. އެހެންވެ މިއަދުމިގެނައީ ދެބޭންޑުގެ ރޭޑިޔޯއެއްކަމަށް މަންމަބުނެދިނެވެ. އެހެނަސް އަޅުގަނޑު ބޭނުންވަނީ، ވާލްޑްބޭންޑްތައް ލިބޭރޭޑިޔޯއެއް ކަމަށް މަންމަގާތުގައި ވެސް ބުނީމެވެ. އަދި ނަސީމު ކައިރީގައިވެސް ބުނީމެވެ.

13 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 477 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ. ނާސިރު މާލެގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ.

14 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 478 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި ކަރޯއައްބާސް ދަރިފުޅު ރިޝްވާން އައްބާސް އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. ގެނައީ ދޫނިދޫޖަލުންނެވެ. އަންނިއާއިބިގޭ އަދި ހަންދުގެ ޚަބަރުތައް މުޅިން ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. ރިޝްވާނު ބުނެދިންގޮތުގައި އަންނިއަށް އިއްވިހުކުމަކީ އަޅުގަނޑަށް ވެސް އިއްވިހުކުމެވެ. ސަލްޓަންޕާކްގައި ހަންދުމެން ގޮއްވާލި ކަޓޫރަބޮން، ގޮއްވާލިކަން އެނގިހުރެ ނާންގައިގެން އިއްވި ހުކުމެވެ. މުއްދަތަކީ ތިންއަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އިތުރަށް ދިހަމަސް ދުވަސް ޖަލަށްލުމަށް އިއްވިކަމަށް ރިޝްވާނު ބުންޏެވެ. އެއީ އޮސްޓްރޭލިޔާ ރޭޑިޔޯއަށް ޕްރިސަންސްގެ ބެލުމުގެ ދަށުގައި ހުންނަވައިގެން ދެއްވި އިންޓަރވިއޫއަކާ ގުޅިގެން އިއްވިދިހަ މަސްދުވަހުގެ ޖަލުގެ ހުކުމެކެވެ. މިއީ ބަންދުގައި ހުންނަވައިގެން އަންނި ދެއްވި އިންޓަރވިއޫގެ ބަދަލުގައި ކުރިހުކުމެވެ. ރިޝްވާނު ފަރާތުން އަންނި އަދިވެސް ހުންނެވީ ދޫނިދޫގައިކަން ސާފުކޮށް އެނގުނެވެ. އަދި އަންނި ހުންނެވީ ތަހުގީގުކުރާ ބައިގައި ހަދާފައހުރި ކޮޓަރިއެއްގައި ކަންވެސް އެނގުނެވެ. ހުކުމް އިއްވުމަށްފަހު ކުޑަގޮޅިން ނެރުނީއެވެ. ބިގޭއާއި ހަންދުގެ ހާލުވެސް ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. އަދި އެދެމީހުން ހެދުނު، 6 އަކުން ހަވީރު، 6 ކަށް ކުޑަގޮޅިންބޭރަށް ބޭރަށްނުކުމެ އުޅޭވޭގޮތަށް ލުއިދެއްވާފައި ވާކަމަށް ރިޝްވާނުގެ ވާހަކަތަކުން އެނގުނެވެ. އަދި އެގަޑީގައި ހުންނަނީ ކުޑަގޮޅީގެ ދޮރުހުޅުވާފައެވެ. އެކަމަކު އުޅެންޖެހެނީ އެހިސާބުގައެވެ. ގޮޅިދޫކޮށް މާދުރަށް ނުދެވޭގޮތަށެވެ. މިއީ ހުކުމް އިއްވުމުންދޭ ލުޔެކެވެ. މިހެންހަދަނީ ބޭރުދުނިޔެއިން ނުވަތަ އާއިލާއިން ސުވާލުކޮށްފިއްޔާ މިހާރުހުންނަނީ، ވަކިންބަންދުކޮށް ކުޑަގޮޅިޔަށް ލާފައިނޫންކަމަށް ބުނުމަށް ކުރާކަމެކެވެ.

15 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 479 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ދެން އިތުރުޚާއްސަ ކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.

16 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 480 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ސައްޕެއާ ދެމީހުން ގޭގެމީހުން ގާމާދޫއަށް އެދެމީހުންނާ ބައްދަލުކުރުމަށް އައެވެ. މިކަންހިނގީ އުނދޯލިގޭގައެވެ. ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު އެންދެރިމާގޭ އައްބާހަށް ދަންނަވައިގެން ސިޓީއެއްލައިގެން ހަންނާނު ވަރަށް އަވަހަށް މާލެ ގެންދާނެކަމަށް އޭނާގެބައްޕަ އޭނާގާތުގައި މިއަދު ބުނެދެއްވިއެވެ. އަދި ވަރަށް އަވަހަށް މާލެގެންގޮސް ދޫކޮށްލާނެ ކަމަށް ހަންނާނުގެބައްޕަ އޭނާގާތުގައި މިއަދުގެ ބައްދަލުމުވުގައި ބުނެދެއްވިއެވެ.

17 އޭޕްރިލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 481 ވަނަ ދުވަހެވެ. ހެދުނުސަޔަށްފަހު ނިދާފައިއޮއްވާ ފެނުނު ހުވަފެނަކީ، މާލެގޮސް ހޮސްޕިޓަލަށް ދިއުމުގެ މަގުމަތީގައި ގޯގޯލަފީފުގެ އަންހެނުން ކުޑަކުއްޖެއް ގޮވައިގެން ވޭނެއްގައި ދަނިކޮށް އަޅުގަނޑަށް ފެނުމުން ތަންބްސްއަޕް ހަދާލާފައި ކިހިނެތްތޯ ހާލުއަހާލިމަންޒަރު، ޕްރިސންސްގައި އުޅުއްވާ ރަންކޮކާރަޝީދަށް ފެނިގެން އެމައްސަލަ ޖެހިގެން ހަމައެވަގުތު އަޅުގަނޑު މަޑުކޮށް އެސުވާލުކުރައްވައި އެތަހުގީގު ކުރައްވާތަނެވެ. އެކަންތައް ބޮޑުމައްސަލައަކަށް ހައްދަވައިގެން ރަންކޮކާރަޝީދު އަޅުގަނޑާގިނަ ސުވާލުތަކެއް ކުރާމަންޒަރެވެ. ރަޝީދު، ބޮޑުކަންތައް ގަނޑެއްގެ ގޮތުގައި މިތަހުގީގު ކުރައްވާތަނެވެ. މިކަން ބުރެވިމާގޭ މުހަންމަދު ޒާހިރަށް އެނގިވަޑައި ގަންނަވައިގެން އަޅުގަނޑާ އެހާބޮޑަށް ސުވާލު ނުކުރުމަށާއި އެކަމަކީ، ބޮޑުކަމަކަށް ނުހެއްދެވުމަށް ރަންކޮކާ ރަޝީދަށް، ޒާހިރު ދަންނަވައިގެން އުޅޭމަންޒަރެވެ. އަދި އެހެންގެއެއްގެ ތެރޭގައި އަޅުގަނޑު އިނދެގެން މަޖަލަށް ދެއްކިވާހަކަތަކެއް ކޮންމެވެސް މީހަކުޝަކުވާކޮށް ޕްރިސަންސަށް ލިޔެގެން އެކަމާވެސް ރަޝީދު ސުވާލުކުރައްވަމުން ގެންދަވާތަން ފެނުނެވެ. މިކަންތައްގަނޑު ނިމިގެން ގެއަށްދަނިކޮށް ހޭލެވުނީއެވެ. މިހުވަފެނުގެ ތައުބީރު ވަރަށް ގިނަގޮތަގޮތްގޮތަށް ކުރެވުނެވެ. 1- ރަންކޮކާ މެންނަށް ޕްރިސަންސަށް އަޅުގަނޑު މެންނާގުޅޭ ވަރަށް ގިނަޝަކްވާތައް ލިޔާމީހުން ޖަލުތެރޭގައި އުޅޭކަމެވެ. ޚައްސަކޮށް އަންނިއާއި އަޅުގަނޑުގެ ޝަކްވާތައް ލިޔާމީހުން ތިބޭކަން ފާހަގަ ކުރެވުނެވެ. 2- ބުރެވިމާގޭ މުހަންމަދު ޒާހިރު އަޅުގަނޑު މެންނާދޭތެރޭގައި ހަމްދަރުދީ ގެންގުޅޭކަމާއި އަޅުގަނޑުގެ މަތިންއެބޭފުޅާ ހަނދާން ކުރައްވާކަން ފާހަގަ ކުރެވުނެވެ. އަދި ދިގުޒާހިރު ގެންގުޅުއްވާ ދައުލަތުގެ ކާރުއަންދާލި ނާސިރާއި ވިސާމް ތެތްއަތާހިފެންދެން، އެކަމުގެ ތުހުމަތުތައް ވެސް ބިންބިފޯހުން އަޅުވާފައިވަނީ، އަޅުގަނޑުމެންގެ ބޮލުގައެވެ. ޒާހިރަށް މިކަމުގެ ހަގީގަތް މިހާރު އެނގިލެއްވީމާ ހަމްދަރުދީ އުފެދުނީކަން ފާހަގަ ކުރެވުނެވެ. މިއަދުގެ މިހުވަފެން ފެނުނީ، ހެނދުނު ދިހައަކާއި އެގާރައާދޭތެރޭ ގައެވެ. މިހުވަފެނާ ގުޅިގެން މިއަދުމިކަމާ ވަރަށް ބޮޑަށް ވިސްނުން ގެންގުޅެވުނެވެ. 1990 ވަނަ އަހަރުތެރޭގައި ސަރުކާރުން ވާގިވެރިވެގެން ސިފައިންގެ އެހީތެރިކަމާއެކު މާލެތެރެ ފަސާދަކޮށް ގަޑުބަޑު އުފެއްދުމުގައި ހަރަކާތްތެރިވި ބިންބިފޯހުން މާލެ ތެރޭގައިހިންގި ނުބައިނުލަފާ ފަސާދަތަކުގެ ހަގީގީބޭނުމަކީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަޅުގަނޑުމެން އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ބޮލުގައި އެތުހުމަތުތައް އެޅުވުމަށް ފަހު، ޓެރަރިޒަމްގެ ބޮޑެތިބަދުނާމު ތަކެއްގެ ތުހުމަތު އަޅުވައިގެން އަޅުގަނޑުމެންގެ މައްޗަށް ޝަރުޢީ ބޮޑެތި ހުކުމްތަކެއް އިއްވާއި މުޅިއުމުރަށް ހަލާކުކޮށް ލުމެވެ. އަޅުގަނޑުމެންގެ ދުވަސްދުއްވާލުމެވެ. ބުއްދިދުއްވާލާއި ސިޔާސީގޮތުން ނުކުޅެދޭ މީހުންނަށް ހަދާލުމެވެ. އެހެނަސް، ﷲގެ އިރާދަފުޅާއި ކުޅަދުންވަންތަކަމުން، އެކަންއެގޮތަށް ކާމިޔާބު ވާގޮތްނުވީ، މާލެތެރޭގައި އަލިފާންރޯކޮށް ފަސާދަކުރި މީހުންތައް ތެތްއަތާއެކު، ފުރިހަމަހެއްކާއި ގަރީނާއާއެކު އަތުލައި ގަނެވުމުންނެވެ. އެކަންކުރި މީހުންލައްވާ އެކަންތައް ރާވައިގެން ކުރުވާފައި ސަރުކާރުން އުޅުނީ، ބިންބިފޯސް މެދުވެރިކޮށް އެކަންތައްގަނޑު އިސްލާހީ ހަރަކާތުގައި އުޅުނު އަޅުގަނޑުމެންގެ ބޮލުގައި އަޅުވާށެވެ. މާލެތެރޭގައި އެދުވަސްވަރު ހަރަކާތްތެރިވި ބިންބިފޯހުގެ މިހަރަކާތްތައް ދިރާސާކޮށް ތަހުގީގީރިޕޯޓެއް އެކުލަވާލާނެ ތާރީޚީފަރާތެއް އުފެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިތާރީޚަށްޓަކާ މިދިރާސާ ހަދާނެ ކިޔަވާކުދިބައެއް ނަމަވެސް ނުކުންނަން އެބަޖެހެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެފަދަ ދަރިވަރުންނަށް ކޮންމެވެސް ލިބިގެން ދާނެއެވެ.

18 އޭޕްރިލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 482 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. އެހެން ޚާއްސަކަމެއް ނުހިނގައެވެ.

19 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 483 ވަނަ ދުވަހެވެ. މިއަދު ވިސާމު މާލެގެންދިޔައެވެ. ހީރޯގެ މައްސަލާގައި  ކޯޓުންނެގި ހެކިބަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އެހެންކަމެއް ނުހިނގައެވެ.

20 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 484 ވަނަ ދުވަހެވެ. ސައްޕެ މާލެގެންދިޔައެވެ. ދަތެއްގައި ރިއްސާތީ ހޮސްޕިޓަލަށެވެ. ޑެންޓިސްޓެއްގެ ކާރިއަށެވެ.

21 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 485 ވަނަ ދުވަހެވެ. މިއަދަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އަދި މިއަދަކީ ދިވެހި ސިފައިންނަށް، 100 އަހަރު ފުރޭދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިން އުފެދުނުތާ ސަތޭކަ އަހަރުފުރޭ ދުވަހެވެ. މިކަންފާހަގަ ކުރުމުގެ ގޮތުން، ރަސްމީކޮށް ދަރުބާރުގޭގައި ފުރަދާނަ ޖަލްސާއެއް މިއަދު ބޭއްވުނެވެ. މިޖަލްސާ އަޅުގަނޑު އަތުގައި އޮތްރޭޑިޔޯއިން އަޑުއެހީމެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ. ވަރަށްގިނަ އޮފިސަރުންނަށް ޕްރޮމޯޝަންދެއްވާއި މެޑެލްއާއިމަޚްމާ އެރުއްވިއެވެ. މީގެތެރޭގައި ޝައުކަތު، ޓޫޓޫޒާހިރު، އާދަމްޒާހިރު، ކާށިދޫ ހުސައިންފުޅު (ބިންބިފޯސްލީޑް ކޮށްދެއްވިބޭފުޅާ)، އަންބަރީ،  އަދި މޫސާޖަލީލު ހިމެނެއެވެ. މޫސާޖަލީލު ފިޔަވާ މިދެންނެވި ހުރިހާ އޮފިސަރުންނަށް ކާނަލްކަމުގެ މަޚްމާގަނޑު ދެއްވިއެވެ. އަދި މޫސާ އަލީޖަލީލަށް ލެފްޓިނެންޓް ކާނަލްކަން ދެއްވިއެވެ. ޖަލުގައި އުޅުއްވާ ސީނުކަރަންކާ ނާޒިމަށް ސާޖެންޓްކަން ދެއްވިއެވެ. އަދި އެއްވެސް ކުށެއްނުކޮށް ސިފައިގެއިން ވަކިވެފައި ތިއްބެވި، ބޭފުޅުންނަށް ޝަރަފާއި ލަގަބުން އިއްޒަތް ދެއްވުންއޮތެވެ. ދެން އެއަށްފަހު، އެންމެހާ ދިވެހި ސިފައިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން އަލަށްއެރުވުނު އެލަގަބުތަކުން އެމީހުންނާ މުޚާޠަބު ކުރުމުގެ ހުއްދަވެސް ދެއްވިއެވެ.

22 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 486 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ޖަލުއޮފީހާ ހަވާލުވެގެން ހުންނަވާ ނަސީމާއި އޮފީހުގެކާތިބަކު ޖަލުގެ މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލަން ވެންނެވީއެވެ. ވަކިޚާއްސަކަމެއް ނުކުރައްވައެވެ. އަޅުގަނޑައި، ރަޝީދު ވަރަށް ގިނައިންވާހަކަ ދެއްކެވިއެވެ. ގޭގެމީހުން ރަނގަޅުކަމަށް ވިދާޅުވިއެވެ. އަދި ކަމެއްބޭނުންނަމަ ސިޓީއެއްލުމަށް ވިދާޅުވިއެވެ.

23 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 487 ވަނަ ދުވަހެވެ. މިއަދު ރަޣީބުއަލީ އޭނާގެ އަންހެނުންނާ ބައްދަލުކުރިއެވެ. ރަޣީބަކީ، ތ.އަތޮޅު ގާދީއްފުށީ ބޭފުޅެކެވެ. އަޅުގަނޑު މެންގެ އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އޭނާގެފެންވަރުގައި ބައިވެރިވި މީހެކެވެ.

24 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 488 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށްބޯކޮށް ވާރޭވެހުނު ދުވަހެކެވެ. މެންދުރެއްހާއިރު ފެށިގޮތަށް ހުއްޓާލީ ޢިޝާނަމާދަށް ފަހުގައެވެ. ހަމަވެހިވެހި އޮތީއެވެ.

25 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 489 ވަނަ ދުވަހެވެ. ނާސިރާއި މުފިއްޓޭ މިއަދުމާލެ ގެންދިޔައެވެ. ނާސިރު ކޯޓަށެވެ. މުފިއްޓޭ ހޮސްޕިޓަލަށެވެ. އަދި މިއަދު ކެޕްޓަން މުއާޒު އޭނާގެ ގޭގެމީހުންނާ ބައްދަލުކުރިއެވެ. އަދި މިއަދު ހަވީރު ޖަލުގެ މިސަރައްދަށް ގަނޫރޯޅިއެއްގެ އަސަރުކުރިއެވެ. މިރަށަށް ލައްވާލީ ނަގޫރޯޅީގެ އަރިމަތިން ކުޑަމިންވަރެކެވެ. މާބޮޑުގެއްލުންތަކެއް ނުވެއެވެ. ވައިރޯޅިޔާއެކު ކުނިބުނިތަކާއި ކަރުދާސްތަކާއި ގޯނިފަދަ ކުނިބުންޏާއި ހިއްކަންއަޅާފައިހުރި ހެދުންފަދަ ތަކެތިވަޔާއެކުގައި އެނބުރެމުން ސެނބުރެމުން މައްޗަށް އަރައިގެންދާތަން ފެނުނެވެ. ބައެއްގޭގެ ދޮރުތަކުގެ ބިއްލޫރިތެޅި ބައެއްގޭގެ ޓިނުތައް އުކާލިޚަބަރު ފަހުން ލިބުނެވެ. އެހެނަސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ޖަލުތެރޭގެ އެއްވެސް އެއްޗަކަށް ތަނަކަށް ގެއްލުމެއް ނުވެއެވެ. މިމަންޒަރު ވަރަށްރީއްޗަށް އަޅުގަނޑުމެން އެންމެންނަށް ފެނުނެވެ.

26 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 490 ވަނަ ދުވަހެވެ. މިއަދުގެއިން، 5 އޭޕްރީލް ގައިލިޔެ ޕްރިސަންސާއި ހަވާލުކޮށްފައިވާ ސިޓީއެއް ލިބުނެވެ. މިއީގެއިން އަޅުގަނޑަށް ފޮނުވިސިޓީ އެކެވެ. ގޭގެހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެ ހާލުވެސް ރަނގަޅެވެ.

27 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 491 ވަނަ ދުވަހެވެ. މިއަދުވެހުނު ވާރޭގައި އަޅުގަނޑުމެން ތިބޭބައިގައި ބެހެއްޓި ތާނގީއަށް ވާރޭފެން ނެގީމެވެ. ދޮވެސާފުކުރުމަށް ފަހުހޮޅިއެއް ގުޅައިގެންނެވެ. މިއަދު ސައްޕެ ދަތުގެޑޮކްޓަރަކަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. މިއަދުންފެށިގެން މިތާނގެމައި ދޮރާށި އަނެއްކާވެސް ތަޅުލަން ފަށައިފިއެވެ. ވަކިޚާއްސަ ސަބަބެއް ނާންގައެވެ. ޖަލުތެރޭގެ ސެކިއުރިޓީއާ ގުޅޭކަމަކަށް ވުންއެކަށީގެން ވެއެވެ. މިއީއެހެން އުޅެލާފާ ދޭތެރެއަކުން ކޮށްއުޅޭ ކަމެކެވެ. އެހެންއުޅެލާފައި އަނެއްކާވެސް މިސްކިތަށްގޮސް އައިސްވެވޭ ގޮތަށް ދޮރުހުޅުވާލަ ދެއްވަނީއެވެ. މިދޮރުގިނައިން ހުންނަނީ ހުޅުވާފައެވެ. އެހެނަސް އަބަދުވެސް ބޭރުގައި ޑިއުޓީއަށް މީހަކު ހުރެއެވެ. އަބަދުވެސް އެސަރަހައްދަކީ ޑިއުޓީމަރައިގެން ބަލަހައްޓާ އޭރިޔާއެކެވެ.

28 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 492 ވަނަ ދުވަހެވެ. ޅަރީތިއަހްމަދާއި އަލިފާނާބެހޭ ކާދޫއިބުރޭމާލެ ގެންދިޔައެވެ. މިއަދާހަމައަށް ގެއަށްސިޓީ ލިޔުނުތާ އެއްމަސްވީއެވެ. އަދިޚަބަރެއް ނުވެއެވެ. ބައެއްފަހަރު ގެއަށް ފޮނުވާސިޓީ ގެއަށް ރައްދުވެފައި ހުންނަނީ، ވަރަށްލަސް ކޮށްފައެވެ. އަނެއްބައި ފަހަރު އަވަހަށްވެސް މިކަންހިނގާފައި ހުންނަކަން ފާހަގަވެފައި އެބަހުއްޓެވެ.

29 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 493 ވަނަ ދުވަހެވެ. މިއަދު އިސްތަފާ އިބްރާހީމް މަނިކާއި އާދަމްޒާހިރާއި އައްޝައިޚް ހުސައިން ޔޫސުފާއި ޚާއްސަގާޒީ އަހްމަދު މުހަންމަދާއި އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދު (އަޅުގަނޑުމެންނަށް ހުކުމް އިއްވިގާޒީ) އާއި ގާޒީ ޔޫސުފްމޫސާއާއި އަދިވެސް އިތުރުގާޒީއަކާއި ރަންކޮކާ މުހަންމަދު ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމާއި ސިފައިންގެ ތެރެއިން ސީނުކަރަންކާ ނާޒިމާއި ސިފައިންގެ ތެރެއިން ފަލްކަން އާއި ސިފައިންގެ ތެރެއިން ނާސިހް (ޖަލުމީހުން ކިޔާއުޅެނީ ކެންބޯ) އާއި މިއެންމެން އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ. ހުރިހާ ގައިދީންގެ ހާލުވަކިވަކިން އައްސަވާ ހެއްދެވިއެވެ. ވަރަށް ގިނަވާހަކަތައް ދެއްކެވިއެވެ. އަދި އިމާރާތުގެ ބައެއްތަންތަކާއި އަޅުގަނޑުމެން، އެބޭފުޅުންނައި ވާހަކަދައްކަމުން ގެންދިޔަ މަންޒަރުތައް ފޮޓޯނަގާ ހެއްދެވިއެވެ. ހީވަނީ ބޭރުގެފަރާތްތަކަށް މިޚަބަރުގެފޮޓޯތައް ދަށްކަންވެގެން ކުރެއްވި ކަމެއްހެންނެވެ. ލަފާކުރެވެނީ މިހާބޮޑުޓީމެއް ޖަލަށް ޒިޔާރަތްކުރަން މިޖެހުނީ ބައިނަލްއަގްވާމީ މުޖްތަމަޢުގެ އިސްފަރާތްތަކުން ރާއްޖޭގެ ޖަލުގެ ހާލަތްތައް މޮނިޓަރކުރަމުން ގެންދާތީއެވެ. އަޅުގަނޑުމެންނާ ބެހޭގޮތުން އެފަރާތްތަކުން ސުވާލުކޮށް ބަލަމުންގެންދާކަން އަޅުގަނޑު މެންނަށްވަނީ އެނގިފައެވެ. ބައެއްފަރާތް ތަކުން ސީދާ އަޅުގަނޑުމެންގެ ނަމުގައި އަޅުގަނޑުމެންނަށް އެޑްރެސްކޮށް ފޮނުވާފައި ހުންނަކާރޑުތަކާއި ސިޓީތައް އިސްތަފާޗެކް ކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ރައްދުކޮށް ދެއްވާފައި ވެސް އެބަހުއްޓެވެ. އޭގެކާޑްތަކާއި ވާހަކަފޮތްތައް މިހާރުވެސް އަޅުގަނޑު އަތުގައި ފޮރުވާފައި އެބަހުއްޓެވެ. މިދުވަސްވަރު އިނގިރޭސި ވިލާތުގެ ޕެން އިންޓެނެޝަނަލުން އެޖަމްއިއްޔާގެ ޝަރަފުވެރި މެންބަރުންގެ ގޮތުގައި އަޅުގަނޑައި އަންނިއާ ދެމީހުން އައްޔަންކުރުމަށް ފަހު، ފޮނުވި ލިޔުން މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. މިތަކެތި ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކްގައި އޮންނަ އަޅުގަނޑުގެ އެކައުންޓަށް ލާނަމެވެ. މިބުރުގައި އަޅުގަނޑުމެން ޖަލުގައި ތިބިއިރު ބައިނަލްއަގްވާމީ މުޖްތަމަޢުން އަޅުގަނޑުމެންނާ ވަރަށްބޮޑަށް އަޅާލުން ބޭއްވިކަން އެބޭފުޅުންގެ އެކިލިޔުންތަކުންނާއި ރިޕޯޓުތަކުން ސާބިތުވާން އެބަހުއްޓެވެ.

30 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 494 ވަނަ ދުވަހެވެ. މިއަދު އާދިލް މާލެގެންދިޔައެވެ. މުނިސްޕަލްޓީގެ ކަމެއްގައި އޭނާގޭގެ މައްސަލައަކާ ގުޅިގެންނެވެ. ސައްޕެއާއި ރިޝްވާނާ ދެމީހުންގެ ގޭގެމީހުން އެދެމީހުންނާ ބައްދަލުވުމަށް މިއަދު ޖަލަށް ޒިޔާރަތް ކުރިއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރިޝްވާނާ ބައްދަލުކުރީ އޭނާގެ މަންމައެވެ.

1 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 495 ވަނަ ދުވަހެވެ. ރޭގަނޑު އެގާރަޖަހާ އެހާކަންހާއިރު ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމް މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މުޅިންވެސް ވާހަކަދެއްކެވީ އަޅުގަނޑާއެވެ. ދަމުންދިޔައީ އަޅުގަނޑަށް ކޯކުދަޅެއްދީފައެވެ. މީނާއަކީ އަބަދުވެސް އަޅުގަނޑު ފެނުނީއްސުރެ އަޅުގަނޑާ ޚާއްސަގުޅުމެއް ބާއްވަވާ ހިތްހެޔޮބޭފުޅެކެވެ. އަދި މީނާދަމުން ދިޔައީ މިބައިގެ ބޮޑުދޮރާށި ހުޅުވައިދީފައެވެ. އަދި އޭގެފަހުން އަނެއްކާވެސް އެދޮރާށިތަޅުލުން ހުއްޓުނީއެވެ.

2 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 496 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މިހާރަކަށް އައިސްފޫހި ވަންދެން މޫދުގައި އުޅެވެއެވެ. ގަވައިދުން މޫދަށްދާމީހަކީ އަޅުގަނޑު އެކަންޏެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ޖަލުއޮފީހާ ފޮނުވާލަދިނުން އެދި ހަވާލުކުރީމެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުގެ އުނދޯލިގެއަށް އަޅުގަނޑު ނެރުނެވެ. އެތާނގައި މޭޒެއް ބަހައްޓަވައިގެން ތިއްބެވީ، އިސްތަފާ އިބްރާހީމް މަނިކާއި ރަކްކޮކާ ރަޝީދައި، އަދިވެސް އިތުރުކާތިބެކެވެ. މިތަންފެނުމުން މިއީ އަޅުގަނޑާ ސުވާލުތަކެއް ކުރުމަށް އުފައްދާފައިވާ ދަރުބާރެއްކަން ޔަގީންކުރެ ވިއްޖެއެވެ. އަޅުގަނޑު އެތާގައިހުސްކޮށް ހުރިގޮނޑީގައި ބޭންދުމަށް ފަހު، އިސްތަފާ ކުރެއްވި ސުވާލަކީ މިތާޖަލުގައި ހުރެގެން މީހެއްގެއަތުގައި ގެއަށް (ޖަވާހިރުވާދީއަށް) ސިޓީއެއް ސިއްރުން ފޮނުވިން ތޯއެވެ؟ ވިސްނާލާފައި ދަންނަވަންޖެހުނީ އާދޭހެވެ. ތެދެކެވެ. ފޮނުވީމެވެ. އަޅުގަނޑާއެކު ކޮޓަރީގައި ހުންނަ އަބްދުއްރައްޒާގު ގެއަށްސިޓީއެއް ފޮނުވަންބޭނުމިއްޔާ ލިޔެލާފައިދޭށޭ ބުނީމާ އަޅުގަނޑު އެއްގަނޑުގެ ކުރުކުރުސިޓިއެއް ހަދާލާފައި އޭނައަތަށް ދިނީމެވެ. އޭނާ އެސިޓީ ފޮނުވާނެ ގޮތެއް އަދި އެސިޓީ އޭނާގެ ގެއަށް ފޮނުވަން ހަދާނެ ގޮތެއް ކިޔައެއް ނުދެއެވެ. އޭނާބުނީ އޭނާގެޔަށް ފޮނުވާސިޓީ އުރަތެރޭގައި އަޅުގަނޑުގެ ސިޓީވެސް ފޮނުވާލަ ދޭނެކަމަށެވެ. ތިޔަކަމަކީ، އަޅުގަނޑު ކުރިކަމެކެވެ. އަދި މިސިޓީގައި މާޚާއްސަ ވާހަކަތަކެއް ނުހުންނާނެއެވެ. ލިޔެލާފައިވާނީ ހަމައެކަނި ހާލުއަހުވާލެވެ. ދެންގެއަށް ފޮނުވިސިޓީ ލިބުންލަސްވާ ވާހަކަ ލިޔެފައި އޮންނާނެއެވެ. ދެން، އަބްދުއްރައްޒާގު ގާތުގައި ފަހުންދުވަހެއްގައި އެސިޓީ ފޮނުވާލައިފިންތޯ އަހާލުމުން ޖަލުގެ މިބަޔަށް ފެންދޭން އަންނަ ކިރުބޯނަސީމް ކިޔާމީހެއްގެ އަތުގައި ފޮނުވާލައިފި ކަމަށް ބުންޏެވެ. ކިރުބޯއަކީ އަޅުގަނޑު ވާހަކަދައްކާ ހަދާމީހެއްނޫނެވެ. ފަހަރުގައި އަބްދުއްރައްޒާގާ ގުޅުމެއް އޮވެދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، މިތަނަށް މިފޮނުވާ މީހުންނާއި އަދި މިތަނަށް މިވައްދާ ކުށްވެރިންނަކީ ވެސް، އިސްތަފާމެންނާ ވަރަށް ގާތްކަމެއް އޮންނަ އަދި އަޅުގަނޑުމެންގެ ފަރާތުން ޖާސޫސުކުރުމަށް ފޮނުވާ މީހުންތަކެއް ކަމަށެވެ. އެހެންވެ އަޅުގަނޑު އުޅެނީ ވަރަށް ބަލައިގެންނެވެ. އަޅުގަނޑުގެ ވިސްނުން އަބަދުވެސް ހުންނާނީ އިސްތަފާގެ ވިސްނުން މިތަނާމެދު ހުންނަގޮތަށެވެ. އިސްތަފާ މިތާގެވެރިއެއްގެ ހައިސިއްޔަތުން ޖަލާދޭތެރޭގައި ވިސްނާބީދައިން އަޅުގަނޑުގެ ވިސްނުން ހިންގާހަދަމެވެ. ރައީސް މައުމޫނު މިގައުމާމެދު ވިސްނަވާބީދައިން އަޅުގަނޑުގެ ވިސްނުންވެސް މިގައުމާމެދު ހިންގާހަދަމެވެ. ތަނެއްގެ ނުވަތަ ކަމެއްގެ ދެކޮޅަކީވެސް އަޅުގަނޑުގެ ވިސްނުމުގައި ހުންނާނެކަންކަމެވެ. ގިނަކަންތައް ޖަލުތެރޭގައި އަޅުގަނޑު ދިރާސާކުރަނީ އިސްތަފާއަށް ވެގެންހުރެ އިސްތަފާގެ ވިސްނުމުންނެވެ. މިކަހަލަ ގޮތްގޮތަށް ވިސްނުން ހުންނާނީ ވަރަށް މަދުބައެއްގައެވެ. މިގައުމާ ދޭތެރޭގައި ބައެއްފަހަރު ވިސްނާހަދަނީ، ރައީސް މައުމޫނަށް ވެގެންހުރެ އޭނާގެ ވިސްނުމުންކަމަށް ބުނުމުން އިސްތަފާ ވަރަށް ހައިރާންވިއެވެ. މިކަހަލަ ބައިވަރު ވާހަކަތަކެއް އިސްތަފާއާ ދެއްކުމުން ވަކިއެއްޗެކޭ ވިދާޅެއްނުވިއެވެ. ދެން ވިދާޅުވީ އިލްޔާސް ދޮގުނުހަދާ ތެދުތެދަށް ކިޔައިދިނުމުންނާއި އެސިޓީގައި އެއްވެސް ގޯސްވާހަކައެއް ނެތުމުންނާއެކުގައި މިކަމަކީ މައްސަލައަކަށް ނުހަދައި މިހިސާބުން ނިންމާލަން ބޭނުންކަމެއް ކަމަށެވެ. ބަޔާނެއްވެސް ނުނަގާގޮތަށް މިހާހިސާބުން ނިމުނީއެވެ. އެހެންމީހުން މިކަހަލަ ކަންތައްކޮށްގެން އިތުރު ހުކުމްވެސް ކުރެވިފައި ހުންނާނެ ކަމަށް އިސްތަފާ ވިދާޅުވިއެވެ. ރަންކޮކާރަޝީދު އިންނެވީ ހަމައަޑު އަހާށެވެ. ދެން ނަސޭހަތުގެ ވާހަކަކޮޅެއް ދައްކާލައްވާފައި ވަރަށްކުރު ބަޔާނެއް ހަދާލައްވާފައި ރަފްސޮޔެއް އަޅުގަނޑު ލައްވާސޮއި ކުރުވާފައި ނިންމާލެއްވީއެވެ. އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދެންނެވީމެވެ. މިކަމުގައި ހުކުމެއް އިއްވެން އޮއްވާ އެކަންނުކުރައްވާ ނިންމަވާލަ ދެއްވީތީ އުފާކުރާކަމަށް ދެންނެވީމެވެ. މިހިސާބުން މިކަންތައް ނިމުނީއެވެ. ޖަލުގައި ތިބޭބަޔަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ފަހުން އެނގުނު ގޮތުގައި މިއީ ޕްރިސަންސުން ހުތްލައިދީގެން މިގޮތަށް ޖަލުތެރެއަށް ފޮނުވާމީހުންލައްވާ ޚާއްސަކޮށް ސިޔާސީކުށްވެރިން ލައްވާ އާންމުކޮށް ކުރުވާކަމެކެވެ. އަޅުގަނޑު މެންނަށް ފަހުން ކިރުބޯކިޔައިދިނީ މިގޮތަށެވެ. މިކަމަކީ ވެސް އެމީހުން ބުނެގެން ކުރިކަމެއްކަމަށް ކިރުބޯބުނެދިނެވެ. މިއީ ސިޔާސީމީހުންގެ ބޮޑެތިރޭމުންތަކެއް ހުރެދާނެކަމަށް އިސްތަފާމެން ރާވައިގެންކުރާ ވަރަށް ދަށްފެންވަރުގެ ނާޔަހުޒިބު ކަންތަކެވެ. ޖަލަށްލާމީހުން ހަލާކުކޮށްލަނީ މިކަހަލަމަޅިތަކުގައި ގަދަކަމުން ބައްދައިގެންނެވެ. މިއީ އިސްތަފާ މެންގެ ޖާސޫސީރޭވުން ތަކުގެފެންވަރު ދަށްކުވައިދޭ ކަމެކެވެ. އެމަޅީގައި އަބްދުއްރައްޒާގު ޖެހުނީއެވެ. އަދި އޭގެރެތެއަށް އަޅުގަނޑަށް ނޭނގިހުރެ، އަޅުގަނޑު ވެސް ވެއްދީއޭނާއެވެ. އަޅުގަނޑު މިކަމުން ސަލާމަތް ކުރެއްވީތީ، ﷲއަށް ޝުކުރު ދެންނެވީމެވެ.

3 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 497 ވަނަ ދުވަހެވެ. ރޭގައި ސައްޕެ އަނބުރައި ގަނެގެން ކޮޓަރިތެރެއަށް ވެއްޓުނެވެ. އެއީ ގާތްގަނޑަކަށް، 1:30 އެހާކަންހާ އިރެވެ. އަޅުގަނޑަށް ނާސިރު ގޮވުމުން އައިސް ނަގާބާއްވާފައި ބޮލަށް ފެންއަޅާއި މޮޑެލާ ހަދާލުމުން ވަރަށް އަވަހަށް ސައްޕެ ހޭއަރައިފިއެވެ. މުޅިންރަނގަޅު ވެއްޖެއެވެ. ޖަލުގައިތިބި ގައިދީންގެ ތެރެއިން އެންމެބޮޑަށް ސައްޕެ ގަޔާވެލޯބިވަނީ ނާސިރުދެކެއެވެ. ނާސިރު ހުންނަނީވެސް އެކޮޓަރީގައެވެ. ނާސިރު ގެންގުޅެނީ ވެސް ވަރަށް ގާތްކޮށްގެންނެވެ. ބޭނުންވާ ހުރިހާކަމެއް ކޮށްދީ ބޭނުންވާ ހުރިހާ އެއްޗެއް ގެނެސްދެނީ ވެސް ސައްޕެއެވެ. ނާސިރަށް ބޭނުންވާ ހުރިހާކަމެއް ވެސް ކޮށްދެނީ ސައްޕެއެވެ. އެއީ ސައްޕެގެ ސޮރެކެވެ. އަޅުގަނޑު ނިންމީ މިއީ ޢިޝްޤީ އަނބުރައި ގަތުމެއްކަމަށެވެ.

4 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 498 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ރަޣީބު މާލެގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ބިގޭއާދިމާވި ވާހަކަބުންޏެވެ. ހުރިހާކަމެއް ވެސް މުޅިން ރަނގަޅުކަމަށް ޚަބަރު ދިނުމަށް ބިގޭބުނިކަމަށް ރަޣީބުމެން ބުންޏެވެ.

އަންނި ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރި ވާހަކަ.

އަދި މިއަދު ހަވީރު ދޫނިދޫޖަލުން، އަންނި ގާމަދޫޖަލަށް ގެނެސް އަޅުގަނޑުމެން ތިބޭބަޔަށް ވެއްދިއެވެ. މިއީ އުފާވެރި ދުވަހެކެވެ. އަންނިއަށް މިބަޔަށް އާދެވި އަޅުގަނޑު މެންނާއެކު އެއްތަނެއްގައި އުޅެވޭގޮތް ވީމައެވެ. އަންނި ވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. އެކޮޓަރީގައި މިވަގުތުހުރީ ރިޝްވާނު އެކަންޏެވެ. އަންނި ވެއްދުމުން ދެމީހުން ހަމަވީއެވެ. މިއީ ދެމީހުންގެ ކޮޓަރިއެކެވެ. އަނެއްކާވެސް މިބައި ފުރުނީއެވެ. 18 ގައިދީން ހަމަވީއެވެ. އަންނި ޚަބަރުދިން ގޮތުގައި ބިގޭއާއި ހަންދު މުޅިން ރަނގަޅެވެ. ތިބީފިޓްކޮށެވެ. ތިބީހިތްވަރާއި މަޖަލުގައެވެ. މިރެއަކީ މިތާތެރޭގައި ވަރަށް ބޮޑުރެއެކެވެ. އަންނިއަށް އާދެވުމުން އުފާކުރުން އޮތެވެ. ކައިނިމިގެން ވަރަށް ގިނައިރު އަނގަތަޅަން ހޭލާތިބީމެވެ. އަލުންބަލުން ހުރިހާކަމެއް ރާވާލައި ކިޔަވައިދިނުމާއި ޑިއުޓީތައް ބަހާލައިގެން ޖަލުތެރޭގެ ކަންތައްތައް ރާވާލެވުނެވެ. އަންނިގެ ކެރުމާއި އިސްނެންގެވުން ހުންނަގޮތުން އާދިރުމެއް ޖަލުތެރެއަށް ލިބިގެން ހިނގައްޖެކަން މިއަދުން ފެށިގެން ފާހަގަކުރެވުނެވެ.

5 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 499 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. އެކަމުގެ އުފަލުގައި ރޭބާރަޖެހިއިރު އެމުނާސަބަތު ފާހަގަކުރުން އޮތެވެ. އަދި މިރޭއިޝާނަމާދު ނިމިގެން ކެއުމަށް ފަހު ކުޑަވަރެއްގެ ހަފްލާއެއް އުފާކުރުމާއެކު ބޭއްވުނެވެ. މިއީ އަންނި އިސްނަންގަވައިގެން ހިންގިކަމެކެވެ. އަޅުގަނޑުވިހެއީ، 1957.05.05 ގައެވެ. މިއަދަކީ އުމުރުން، 35 އަހަރު ފުރުނު ދުވަހެވެ. އުމުރުން އެންމެ މުހިންމު ދުވަސްވަރު ދިވެހިގައުމަށްޓަކާ މިއުޅެންޖެހުނީ ޖަލުގައެވެ. އެކަމާ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. އަޅުގަނޑަކީ ވިޔަފާރިއެއްކޮށް މާއްދީއެދުމުގައި އުޅޭމީހަކަށް ނުވާތީއެވެ. އަޅުގަނޑުގެ ހުރިހާ ކަމެއްވެސް ބިނާކުރެވިފައި އޮންނަނީ ދިވެހިގައުމަށް ޚިދުމަތްކުރުމަށެވެ. ރާއްޖެއަށް އިސްލާމީ ޑިމޮކްރަސީ ގެނައުމެވެ. އަދުލްއިންސާފު ގައިމުކުރުމެވެ. މުޖްތަމައުގައި އިޖްތިމާއީއަދާލަތު ގައިމުކުރުމަށެވެ. އިގްތިސާދީ އަދާލަތު ގައމުކުރުމަށެވެ. ސިޔާސީ ލީޑަރުންނަށް މިނިވަންކަންމަތީގައި ސިޔާސީ ހަރަކާތްތައް ހިންގޭނެގޮތްވުމެވެ. ޚުދްމުޚްތާރު ވެރިންވެރިކަމުން ދުރުކުރުމެވެ. މިކަންކުރެވޭނީ، ޖަލަށްވަދެގެން ކަމަށް ވިޔަސް އަދި ރައްޔިތުންގެ ބޮޑުމަޖިލީހަށް ވަދެގެންކަމަށް ވިޔަސް ސަރުކާރުގެ އެންމެއިސް މަގާމުތަކުން މަގާމެއްގައި ހުރެގެން ކަމަށް ވިޔަސް އެންމެރަނގަޅެވެ. އެކަމުގައި އުޅޭނަމެވެ. މިއީ އަޅުގަނޑު ކިޔެވިދުވަސް ވަރުންސުރެ އަޅުގަނޑުގެ އަޒުމެވެ. އަދި އަމާޒެވެ. އިރާދަ ކުރެއްވިއްޔާ މަރުވަނެދެން ދެމިހުންނާނީ މިއަޒުމުގައެވެ. މިއަމާޒުގެ މަތީގައެވެ. މިމަސައްކަތުގައެވެ. ސިޔާސީ މަސައްކަތަކީ، އަޅުގަނޑުގެ ހަށިގަނޑުގެ ކާނާއެވެ! ދިރިހުރުމާއި މަރުވުމާއި އަޅުގަނޑުގެ ހުރިހާ އަޅުކަމެއް ބިނާވެގެންވަނީ މިއަސާސްތަކުގެ މައްޗަށެވެ! ހައްދަވާބޮޑުކުރެއްވި، ﷲ އެވެ! އަޅުގަނޑަށް މިމައިދާނުގައި ކެރުމާއިހިތްވަރާއި ސާބިތުކަން ދެއްވާށިއެވެ! އަދި ނަސްރުދެއްވާއި ދެދުނިޔޭގައި ކާމިޔާބު ކުރައްވާށިއެވެ!  އާމީން!

6 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 500 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި ޖަލުގައި ހުންނަތާ، ފަސްސަތޭކަ ދުވަސް ހަމަވިދުވަހެވެ. މިކަން ހަދާންކޮށް ދެރަކްއަތުގެ ނަމާދެއްކޮށް، ﷲގެ ނަސްރު ދެއްވުންއެދި ދުއާކުރީމެވެ. ހައްގުގޮތުގައި ތިބޭމީހުންނަށް، ﷲ ނަސްރު ދެއްވާނެކަން ޔަގީނެވެ! “ވަކާނަޙައްޤަން ޢަލައިނާ ނަޞްރުލް މުއުމިނީން” މިއީ އަޅުގަނޑު މޮޓޯއެވެ. ކުޑަގޮޅިން ފެށިގެން މިމޮޓޯ އަބަދުވެސް ޖަލުގައި އަޅުގަނޑު ހުންނަތަނެއްގައި އަޅުގަނޑަށް ފެންނަގޮތަށް ލިޔެފައި ހުންނާނެއެވެ. މިއަދު ހަވީރު އިސްތަފާއާއި ރަންކޮކާރަޝީދު ޖަލަށް ވަޑައިގެން އަޅުގަނޑު އޮފީހަށް ނެރުނެވެ. ސިއްރުންގެއަށް ސިޓިއެއް ފޮނުވި މައްސަލާގައި ކުރީދުވަހު ނެގިރަފްބަޔާން ރީތިކޮށް ލިޔެގެން ގެނެސްފައި އޮތެވެ. އިސްތަފާ ވިދާޅުވީ ރެކޯޑަށްޓަކާ ބޭއްވުމަށް މިބަޔާނުގައި ސޮއިކޮށްލަން ޖެހޭކަމަށެވެ. ޝަރީޢަތަށް ފޮނުވާކަށް ނޫނެވެ. މިވާހަކަތައް ވިދާޅުވުމުން އެއޮތްގޮތަށް އަޅުގަނޑު ވަރަށްއަވަހަށް ސޮއިކޮށް ލައިފީމެވެ. ދެން މިކަންތައް މިހާހިސާބުން މިނިމުނިއޭ، އިސްތަފާ ވިދާޅުވެއްޖެއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވެމުން، ޖަލުގައި އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވައްދައިފިއެވެ.

7 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 501 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދާން ނުކުތީ އަޅުގަނޑު އެކަންޏެވެ.

8 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 502 ވަނަ ދުވަހެވެ. މިއަދު ޚައްސަކަމެއް ނެތެވެ. އާދައިގެ މަތިން ދިޔަދުވަހެކެވެ. ވިއްސާރަ ވައްތަރު ދުވަހެކެވެ.

9 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 503 ވަނަ ދުވަހެވެ. މިއަދު ޅަރީތި އަހްމަދުރަޝިދު މާލެއަށް ކޯޓަށް ގެންދިޔައެވެ. ގެނައީ ހަވީރުއެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. ގަވާއިދުން ކްލާސްތައް އޮވެއެވެ. އިނގިރޭސިއާއި ހިސާބު ކިޔަވައިދެނީ އަންނިއާއި ސައްޕެއެވެ. ބަރާބަރަށް ފިލާވަޅުތައް ނަގާކުދިން އުޅެއެވެ. ކަސްރަތުކުރުން ވެސް އޮވެއެވެ. ކަސްރަތަކީ ހަށިގަނޑުގެ ދިރުމެވެ.

10 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 504 ވަނަ ދުވަހެވެ. މިއަދު އަންނިއާ ބައްދަލުކުރުމަށް އަންނިގެ މަންމަ ޖަލަށް ވަޑައިގަތެވެ. އަދި އަންނިއަށް ކުޑައައިސް އަލަމާރިއަކާއި ގިނައިރުފެންފިނިކޮށް ބަހައްޓާވަށްތަރުގެ ތަރުމޯޒެއް ގެއިންގެނެސް ދިނެވެ. މިއަދަށް ފަހު ފިނިފެން ބޯންބޭނުން ގައިދީއަކަށް ފިނިފެން ލިބެއެވެ. އަންނި ހުންނަވާ ކޮޓަރިޔަށް ފެންބޮވައިގަތީމާ ފިނިފެންބޯން ދާންވީއެވެ. މިކަންއޮންނަނީ ހަމަހަމަކޮށް ހުރިހާގައިދީންނަށް ހުޅުވާލާފައެވެ.

11 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 505 ވަނަ ދުވަހެވެ. މިއަދު ރިޝްވާނުގޭގެ މީހުން ބައްދަލުކުރުމަށް ޖަލަށްއައެވެ. އަޅުގަނޑުގެ މަންމަ ހައްޖަށް ފުރަންއުޅޭޚަބަރު ލިބުނެވެ. އަދި ގެއިންކާނާ ވަށިގަނޑެއް މިއަދުލިބުނެވެ.

12 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 506 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ޅަރީތިއަހްމަދު މާލެ ގެންދިޔައެވެ. އަދި މިރޭގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓަވާ ނަސީމާއި ސިފައިންގެ ނާޒިމް ޖަލުގެމިބަޔަށް ޒިޔާރަތްކުރެއްވިއެވެ. އަދި ވިސާމް ލަކުޑިން ހަދައިގެން ގެންގުޅުނު ބަޑިއެއް އަތުލައިގެން އެމީހުން ގެންދިޔައެވެ. މިއީ ދެފޫޓުދިގުމިނުގެ ކުޅޭކުޅޭބަޑިއެކެވެ.

13 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 507 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ރަންކޮކާ ރަޝީދު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަ ވާހަކައެއް ވިދާޅެއްނުވެއެވެ. މިއަދު ޅަރީތިރަޝީދާއި އަހްމަދު ފާޒިރުނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

އިސްލާހީ ހަރަކާތް މެދުނުކެނޑި ކުރިޔަށް ދިޔަގޮތުގެ ވާހަކަ:

14 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 508 ވަނަ ދުވަހެވެ. މިއަދު ރޭޑިޔޯއިން ލިބުނުޚަބަރަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަހްމަދުޒަކީ، މާލޭގެ އިއްޒަތްތެރި މެންބަރު ޑޮކްޓަރ ވަހީދު މާލޭގެގޮނޑިން އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ގަބޫލްކުރައްވާއި އިއުލާނު ކުރެއްވިޚަބަރެވެ. ޑޮކްޓަރ ވަހީދު އަމިއްލަފުޅަށް އެދިވަޑައިގެން ހުށަހެޅުއްވި އިސްތިއުފާއެކެވެ. އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއް އޮވެގެނެއްނޫނެވެ. އެހެނަސް ޑޮކްޓަރ ވަހީދަށް ވަރަށް ވަރުގަދައަށް ސަރުކާރުން ސިޔާސީ ފިއްތުންތައް ކުރިމަތި ކުރިއެވެ. ސިޔާސީ ގޯނާތައް ކުރިއެވެ. މާލެތެރެއަށް ބިންބިފޯސް ނެރުނީވެސް ޑޮންޓަރ ވަހީދަށް ސިޔާސީ ގޯނާތަކާއި އަނިޔާތަކާއި ދުއްތުރާތައްކޮށް މަޖްބޫރުކޮށްގެން ރައްޔިތުން މަޖިލީހުން ބޭރުކުރުމަށެވެ. އަދި އަޅުގަނޑުމެންނަށް ޖަލުގެބޮޑެތި އަނިޔާތަށް ކުރިމަތިކުރުވީ ވެސް ސިޔާސީގޮތުން، ޑޮކްޓަރ ވަހީދު ހަލާކުކޮށް ލުމަށެވެ. ޖަލަށް ގެނެސް ބަންދުކުރުމަށެވެ. ނުވަތަ މާލޭން ބޭރުކޮށް ލުމަށެވެ. އެންމެފަހުން މާލޭގެ ގޮނޑިން އިސްތިއުފާ ދެއްވާފައި ވަގުތީގޮތުން ފަހަތަށް ޖެހިލައްވަން ޑޮކްޓަރ ވަހީދަށް މަޖްބޫރުވީއެވެ. އަދި މިހާހިސާބުން، ބަރާބަރުތިން އަހަރުދުވަހަށް ރާއްޖޭގައި ސިޔާސީގޮތުން އުފެދިފައިއޮތް އިސްލާހީ ހަރަކާތްވެސް ވަގުތީގޮތުން ބްރޭކަކަށް ވެއްޓުނެވެ. ކުޑަކޮށް މަޑިޖެހުނެވެ. އެހެނަސް މިދުވަސްވަރު މިކަންތައް ކޮށްދެއްވީ، ބޭރުދުނިޔޭގައި ތިއްބެވި، ޑޮކްޓަރ ވަހީދުމެންނެވެ. އަމަލީގޮތުން ހަރަކާތްތެރިވި ހުރިހާ ޒުވާނުންތައް ޖަލުގައި ބަންދުކުރީއެވެ. ދެންތިއްބެވި ލީޑަރުން ފައްސާލާއި ވިއްސިވިހާލި ކޮށްލީއެވެ. އެހެނަސް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅިތަކުގެ ތޭރިތަކުގެ ބިއްދަށުން އަނދިރީގައި ތިބެގެންވެސް، ސިޔާސީ ހަރަކާތްތައް ބަރާބަރަށް މުޅިންމެދު ކެނޑިގެންނުދާ ގޮތަށް މާލޭގައި ތިއްބެވިއާއިލާތައް މެދުވެރިކޮށް ބޭރުގައި ތިއްބެވި ފަރާތްތަކާ ނުސީދާކޮށް ގުޅައިގެން ހިންގީމެވެ. ބޭރުގައި ތިއްބެވިބޭފުޅުން އެމަސައްކަތް ކުރިޔަށް ގެންދެވިއެވެ. މުޅިން މެދުކެނޑުމެއް ނައިސް ކުރިޔަށް ގެންދެވުނެވެ. ބަންދުގައިތިބި ހިތްވަރުގަދަ ސިޔާސީޒުވާން ގައިދީންގެ މަސައްކަތްތަކާ ގުޅުވައިގެން، ރާއްޖޭގެ އިސްލާހީ ހަރަކާތްމުޅިން ނުހުއްޓިކުރިޔަށް ގެންދެވުނެވެ. ސަރުކާރުން ބޭނުންވިގޮތަށް އެހަރަކާތުގެ ރޫހާއިފުރާނަ ދުއްވާލާއި މަރައެއް ނުލެވުނެވެ. އިސްލާހީ ހަރަކާތުގައި ސިޔާސީވިންދު ޖަހަމުން ދިޔައެވެ. ތިންއަހަރު އިސާހިތަކު ނިމިގެން ދިޔައިރު އިސްލާހީ ހަރަކާތަށް ވަނީ އިތުރުވިންދަކާއި ދިރުމެއް ބޭރުންނާއި އެތެރެއިން ލިބިފައެވެ. މިއީ އަޅުގަނޑު މެންގެފަރާތުން ދިވެހިރާއްޖެއަށް ކޮށްދެވުނު އެންމެބޮޑު ފައިދާއެވެ. މިއީ މުގައްދަސް ގުރުބާނީތަކެކެވެ. މިމަސައްކަތުން ދިވެހިރާއްޖޭގައި ފެށުނު، އިސްލާހި ހަރަކާތް ދިރިދެމި ހޫނުވިންދެއްގައި ތެޅިލަތެޅިލައި ސިއްރު ހަރަކާތެއްގައި މަރުވިޔަނުދީ ބޭއްވުނެވެ. އަދި ވަރަށްއަވަހަށް އަނބުރާ ދިރުންލިބި އަވަސް ހަރަކާތަކަށް ބަދަލުވީއެވެ. މީގެ އެންމެވަރުގަދަ ދަލީލަކީ، 1990 ވަނަ އަހަރުން ފެށިގެން އެމްނެސްޓީން ނެރެމުން ގެންދެވި ރިޕޯޓުތަކެވެ. އިނގިރޭސި ޕެނުންނާއި އެމެރިކާގެ ޕެން ޖަމްޢިއްޔާގެ ފަރާތުން ކުރެއްވި މަސައްކަތެވެ. މިބުރުގައި އަޅުގަނޑު މެންނަށް ހުކުމް އިއްވުނަސް ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދެވުނެވެ. ހަގީގަތުގައި މިލިބުނު ހީނަރުކަމަކީ، ކރިޔަށް ދިއުމަށް އެޅުނު ވަރުގަދަ ބިންގަލެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާހީ ހަރަކާތެއް އެބައޮޮތްކަން ހާމަވެގެން ދިޔަފަހަރެވެ. އާދެ! މިއަދު އަންނިގެ ތިމާގެބަޔަކު ހައްޖަށްދާތީ ބައްދަލުކޮށްލަން ޖަލަށް ޒިޔާރަތްކުރިތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. އަދި ހަންނާނު ވެސް އޭނާގެ ދައްތައަކާ މިއަދު ބައްދަލުކުރިއެވެ. އަދި ސައްޕެވެސް އޭނާގެ ދައްތައާ މިއަދު ބައްދަލުކުރިއެވެ.

15 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 509 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ބޭނުންވާ މީހަކަށް ދެވޭގޮތަށް ހުޅުވާލާފައި އޮންނައިރު ވެސް، މޫދަށް ނުކުންނަނީ މަދުބައެކެވެ. މިއަދު މޫދަށްދިޔައީ އަޅުގަނޑާއެކު އިތުރުފަސް ގައިދީންނެވެ.

16 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 510 ވަނަ ދުވަހެވެ. މިއަދު އަބްދުލްހަންނާނަށް އޭނާގެ ބައްޕައަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ޖަވާބެއް ފޮނުވާފައި އޮތެވެ. އެޖަވާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވަރަށް އަވަހަށްލުއި ގޮތްތަކެއް ވާނެކަމަށް ލިޔުއްވާފައެވެ. މިއީ އަބްދުލް ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު ރައީސް މައުމޫނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބެވެ. އަދި ހަންނާނަށް ގެއިންމިލިބުނު ސިޓީގައި ނޯބެގެ ވާހަކަވެސް ލިޔެފައި އޮތްކަމަށްވެއެވެ. ނޯބެގެއަށް ބަދަލުވެއްޖެ ކަމާއި އޭނާވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ޚަބަރުވަނީ ލިބިފައެވެ.

17 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 511 ވަނަ ދުވަހެވެ. މިއަދު އަންނިއާ ކެނެރީގޭ އަބްދުލްޖަލީލް، އަބުޖީ ބައްދަލު ކުރެއްވިއެވެ. އަބުޖީވެސް މިއަހަރު ހައްޖަށް ވަޑައިގަންނަވަނީއެވެ. މިބައްދަލުވުން ތަކަށްފަހު، އަންނި ހުންނެވީ ވަރަށްހިތްވަރު ގަދަކޮށެވެ. އަބުޖީގެ ހިތްވަރުން ހިތްވަރު އާލާވެގެންނެވެ. މިއަދުހަވީރު އާދިލާއި ވިސާމް މާލެގެންދިޔައެވެ. އެދެގޭގެ މީހުންހައްޖަށް ފުރާތީ ބައްދަލުކޮށްލަން އެދިގެން މާލޭގައި އެކަންކުރުމަށެވެ. މިކަންތައް އިންތިޒާމް ކުރެވުނީ ސިފައިންގޭގެ ތެރޭގައެވެ. އަނބުރާގެނައީ ދެގަޑިއިރު ފަހުންނެވެ. މިއަދު އަންނިއަށް ގެއިންލިބުނު ކޭކެއް ފެޅުންއޮތެވެ. މިކަންކުރީ އެންމެންއެކުގައެވެ. ބޮޑުމަޖާގަނޑެއްގެ ގޮތުގައެވެ. މިފަދަ ކަންތަކުން ހުރިހާ ގައިދީންގެ ވިސްނުންތައް އެއްގޮތްވެ އަޅުގަނޑުމެންގެ ތެރޭގައިއޮންނަ ލީޑަރޝިޕް ވަރުގަދަވެގެން ދެއެވެ. އަދި އިޖްތިމާއީ ގުޅުންބަދަހި ވެގެންދެއެވެ.

18 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 512 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ތާނގީއަށް ވާރޭފެންއަޅާ ފުރާލެވުނެވެ. ވިންޓަރަކީ ވަރަށް ގިނައިން ވާރޭފެނުން ފެންވަރާމީހެކެވެ. ފެންވަރާކޮންމެ ފަހަރަކު ބާލިދީއަކަށް ވާރޭފެން އަޅައިގެން އުޅޭތަން ފެނެއެވެ. މިނާހުންނަވާ ކޮޓަރީގައި ފާޚާނާއެއް ނުހުންނާތީ އަބަދުވެސް ބޭނުންކުރައްވާނީ ބޭރުގަހުންނަ ދެފާޚާނާއެވެ. ފެންވަރާ ހައްދަވާނީ އެދެފާޚާނާ ކުރިމަތީގައި އޮންނަ ތަޅުންކޮޅުގައި ހުންނަވައިގެން ތާނގީންފެން ނަންގަވައި ގެންނެވެ.

19 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 513 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދިޔައީ އަޅުގަނޑާއެކު އެންމެތިން މީހުންނެވެ.

20 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 514 ވަނަ ދުވަހެވެ. މިއަދު ހަންނާނު މާލެ ގެންދިޔައެވެ. އަނބުރާގެންނަ ގޮތަށެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ރައްތިޔުންގެ މަޖިލީހުން ހުސްވިގޮނޑިޔަށް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭއާތިފު ކުރިމަތި ލެއްވި ވާހަކަ މިއަދުރޭޑިޔޯއިން އިވުނެވެ.

21 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 515 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

22 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 516 ވަނަ ދުވަހެވެ. މިއަދުވެސް ޚާއްސަކަމެއް ނެތެވެ. ޖަލުގެއާދައިގެ މަތިން ކުރިޔަށްދިޔަ ދުވަހެކެވެ.

23 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 517 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު މޫދަށް ދިޔައީ ނުވަމީހުންނެވެ. މޫދުންކުދި ކުދިމަސް ހިފައިގެން ގެނެސް ކައްކާލައިގެން ކާލީއެވެ.

24 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 518 ވަނަ ދުވަހެވެ. މިއަދު ހަންނާއި ޅަރީތިއަހްމަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރުވަގުތެއްގައި ޅަރީތި އައުމުން އޭނާގެބައްޔަކީ، ލޮލުރޯގާ ކަމަށްވާތީ ވަކިކޮޓަރިއަކަށް ބަދަލުކުރިއެވެ.

25 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 519 ވަނަ ދުވަހެވެ. މިއަދު ކެޕްޓަން މުއާޒުގޭގެ މީހުން، އޭނާއާ ބައްދަލުވާން އައެވެ. މިތާތެރޭގައި ވާރޭފެން އަޅަންގެންގުޅޭ ތާނގީރަނގަޅު ފެންވަރަކަށް ބެހެއްޓުމަށް ކޮންކްރީޓްކޮށް ބުޑެއްއެޅުމުގެ މަސައްކަތް މިއަދުކުރެވުނެވެ. މިމަސައްކަތުގައި އަޅުގަނޑުމެން ވެސް ބައިވެރިވީމެވެ. އަންނިގެ ކޮއްކޮ އައިމިނަތު ނާޝިދާ ނާއްކޮ، މިއަދު އަންނިއާ ބައްދަލުކުރަން އައެވެ. މާލޭގެޚަބަރުތައް ލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވުމުންހުސްވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް، އަލްފާޟިލް އިބްރާހީމް ނޫރައްދީން ކުރިމަތިލެއްވި ވާހަކަބުއްޏެވެ. މިއީ އަޅުގަނޑު މެންނަށް ލިބުނު ހިއްވަރެކެވެ. ސިޔާސީ އެދުންތަކާއި ހިއްސުތައް އުފުލުނު ކަމެކެވެ. އަޅުގަނޑު މެންގެރޫހު އާލާކޮށްލުވި ޚަބަރެކެވެ.

26 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 520 ވަނަ ދުވަހެވެ. މިއަދު މުފީއްޓޭ މާލެގެންދިޔައެވެ. އަބްދުﷲ ހުސައިނާއި އަޒްމީލާއި ޒަހީނުވެސް މާލެގެންދިޔަ ޚަބަރުލިބުނެވެ. އެވެރިންގެ ސަލާމްލިބުނެވެ. އަދި ހާލުރަނގަޅު ކަމުގެޚަބަރު ލިބުނެވެ.

27 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 521 ވަނަ ދުވަހެވެ. މިއަދުހެދުނު މާލޭގައި، 9:00 ޖެހިއިރު މާލޭ އިޖްތިމާޢީ މަރްކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު އޮތެވެ. މިއީ މަޖީދީމަގު މާފަންނުކޮޅުން ނިމޭހިސާބިގައި މާފަންނު މަދްރަސާ ކުރިމަތީގައި އޮންނަބިމުގައި ޖަޕާނުސަރުކާރުގެ ހިލޭއެހީގައި ބިނާކޮށްދެއްވި ވަރަށް ބޭނުންތެރި މަރުކަޒެކެވެ. މިމަރުކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު ތަޢާރުފްކޮށް ދެއްވީ، އަލްފާޟިލް އަބްދުﷲ ކަމާލުއްދީނެވެ. ނަމަކީ، މޯލްޑިވްސް ސެންޓަރ ފޯރ ސޯސިއަލް އެޑިއުކޭޝަނެވެ. (އެމްސީއެސްއީ) އެވެ. އިޖްތިމާޢީ ތައުލީމުދޭ މަރުކަޒެވެ. މިރަސްމިއްޔާތުގައި އަލްއުސްތާޒު އަބްދުﷲ ހަމީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ދުވަހުގެ ޝަރަފުވެރި މެހްމާން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމެވެ. ރާއްޖޭގެ ރައްޔިތުންނަކީ، ވަރަށްޒުވާން ބައެއްކަމަށް ވިދާޅުވިއެވެ. ބަރާބަރު ހެދުނު، 10:18 ވަނަމިނެޓްގައި މިމަރްކަޒު ހުޅުވައިދެއްވީ ރިމޯޓްކޮށް ބަޓަނަކަށް ފިއްތަވާލައްވައި ގެންނެވެ. އެއާއެކު ނަންބޯޑުގައި ދެމިފައިހުރި ފަރުދާކަޝްފުވެގެން ދިއުމުން މިރަސްމިއްޔާތު ނިމުނީއެވެ. ނަންބޯޑުހުރީ މަޖީދީމަގަށް ފެންނަގޮތަށެވެ. މާފަންނު ސްކޫލްކުރިމައްޗަށް ފެންނަގޮތަށެވެ. މިއީ އަޅުގަނޑުމެން ބަންދުކުރިފަހުން އެޅިތަނެކެވެ. މިވާހަކަތައް އަޅުގަނޑު އަޑުއެހީ ރޭޑިޔޯއިންނެވެ. މިއަދު މާލެގެންދިޔަ ފާޒިރާއި ޅަރީތި އަހްމަދު ހަވީރު ދޯނިންގެނައެވެ. އަދި އިރުކޮޅަކަށް ފަހު، އެދެމީހުން ނެރެގެން ގެންދިޔައީ އެމީހުންގެ ސާމާނާއެކުގައެވެ. ލަފާކުރެވެނީ މާލެއަށް ބަދަލުކުރަނީ ކަމަށެވެ. އަދި މިއަދު އިސްތަފާ އިބްރާހީމް މަނިކާއި ރަންކޮކާރަޝީދު، މިދެބޭފުޅުން ވަޑައިގެން، އަޅުގަނޑާއި އަބްދުއްރައްޒާގު ޖަލުއޮފީހަށް ނެރުނެވެ. އަޅުގަނޑުމެން ދެމީހުން ގެންދަވާފަ ވިދާޅުވަނީ، މިގެނައީ ތިޔަދެމީހުން ޖަލުގައިތިބެގެން ގެއަށް ސިއްރުންފޮނުވި ސިޓީގެ މައްސަލަ ޝަރީޢަތަށް ނުފޮނުވާގޮތަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވީމާ އެވާހަކަ އަންގައިދޭންކަމަށެވެ. މިގޮތަށް އަޅުގަނޑުގެ ފައިލުގައި ލިޔުމަށްފަހު، ސޮއިކުރުވާ އެކަންތައް މުޅިންނިންމާ ލެއްވީއެވެ. އަބްދުއްރައްޒާގު ލައްވާވެސް މިގޮތަށް ސޮއިކުރުވިއެވެ. މިދެބޭފުޅުން ފުރަންދެން ފާޒިރާއި ޅަރީތުއާ ދެމީހުން އޮފީހުގައި ބައިތިއްބާފައި ތިއްބާފެނުނެވެ. މިދެމީހުން މާލެގެންދަނީ އިސްތަފާމެން މާލެވަޑައިގަންނަވާ ދަތުރުގައެވެ. މިމީހުން މިއަދު ފުރުމުން މިބައިންދެޖާގަ ހުސްވީއެވެ. ހަމަމިއަދު މުފިއްޓޭ ނެރެގެން ވެސް ވާހަކަތަކެއް ދެއްކެވިއެވެ. އަދި އަޅުގަނޑު ކޮޓަރިއަށް ފޮނުވާލެއްވުމުގެ ކުރިން އިސްތަފާ ވިދާޅުވިއެވެ. ބޭރަށް ނުކުތުމަށާއި މިސްކިތައް ނުކުތުމަށާއި އެހެނިހެންކަންތައް ކުރުމަށް އަޅުގަނޑުމެން ޓޭބަލެއްހަދާފައި އޮފީހަށް އެންގުމުން އެކަންތައް ވީހާއަވަހަށް ހަމަޖައްސައި ދޭނެއެވެ. އަވަހަށް މިކަންތައް ކޮށްލާށޭ އޭރުން ހަމަޖައްސައި ދޭނަމޭ ވިދާޅުވިއެވެ. އަދި ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދޭނެވާހަކަ ވެސް ވިދާޅުވިއެވެ. އަދި މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް އަންނިއާ އޭނާގެބައްޕަ ކެރަފާ އަބްދުއްސައްތާރު ބައްދަލުކުރެއްވިއެވެ. އަންނިއަށް ކެއުމުގެ ވަރަށްގިނަ ސާމާނު މިއަދު ގެއިންލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ހުސްވިމާލޭގެ ގޮނޑިއަށް، 11 ބޭފުޅަކު ކުރިމަތިލެއްވި ޚަބަރުލިބުނެވެ. އިބްރާހީމް ނޫރައްދީނު ވެސް ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ.

28 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 522 ވަނަ ދުވަހެވެ. މިއަދު ރަޣީބުއަލީ ގޭގެމީހުން އޭނަޔާބައްދަލު ވުމަށްއައެވެ. ރޭގެނިދީގައި ހުވަފެނުންފެންނަނީ، މާފަންނު ދާންނާގޭ ބިޝާރާއިބްރާހީމް ދީދީއެވެ. މިއީ ކުޑައިރުގެ ވަރަށްގާތް ރަށްޓެއްސެކެވެ. ޖަވާހިރުވާދީ ކުރިމަތިން ހުންނާނީ، ދާންނާގެއެވެ. ބިޝާވަޑައިން ވަރަށްރީތިކޮށް އަޅުގަނޑާ ވާހަކަދައްކަވާ މަންޒަރެވެ.

29 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 523 ވަނަ ދުވަހެވެ. ރޭއްސުރެ ސައްޕެއުޅެނީ ބޮލުގައި ރިއްސާތީ އެކަމެއްގައެވެ. ހުންވެސް ގަދަކޮށެވެ. އަޅުގަނޑުމެންނަށް ދެވެންހުރި ފަރުވާއެއް ދެމުންގެންދެވުނެވެ. އޮފީހާގުޅައިގެން ބޭސްއިތުރަށް ހޯދީމެވެ. މިއަދު މޫދަށް ނެރުނެވެ. ދިހަވަރަކަށް މީހުންމޫދަށް ނުކުތެވެ.

30 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 524 ވަނަ ދުވަހެވެ. މިއަދު ސައްޕެއާއި ރިޝްވާނު މާލެގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ސައްޕެގެ ހާލުހުރީ ތަންކޮޅެއް ރަނގަޅުވެފައެވެ. އެހެނަސް ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. ސައްޕެ ޖަލުގައި ހުންނަވައިގެން ފަރުމާކުރި އާޖަލުގެ ކުރެހުން، މާލެގެންގޮސް ހުށަހެޅުއްވި ވާހަކަ ސައްޕެބުންޏެވެ. އަދި އިލްޔާސް އަބްދުﷲ  ރޯދަމަސް ނިމުމުން އަނެއްކާވެސް އަރުވާލުމަށް ޕްރިސަންސަށް ގެންގޮސްފައި އިންނަވަނިކޮށް ސައްޕެއާ ބައްދަލުވިކަމަށް ބުންޏެވެ. އިލްޔާސް އަބްދުﷲގެ ސަލާމް އަޅުގަނޑުމެންނަށް ގެނެސްދެއްވިއެވެ. މިއަދު ވިސާމާއި އާދިލް ގޭގެމީހުންނާ ބައްދަލުކުރުން އޮތެވެ. ވަކިއާޚަބަރެއް ނުލިބެއެވެ. މާދަމާއަކީ، ސިގިރޭޓްނުބޯ ދުވަސްގޮތުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައިހަމަޖެހި އެކަންރަސްމީގޮތުން ފާހަގަކުރާ ޚަބަރުލިބުނެވެ. ސަރުކާރުގެ އެއްވެސް ތަނެއްގައި ސިގިރޭޓްނުބުއިމަށް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ގޮވާލެއްވި ޚަބަރުވެސް މިއަދު ރޭޑިޔޯއިން ލިބުނެވެ.

31 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 525 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. މަންމައަށް ސިޓީއެއް ލިޔެލަން ހިތަށްއެރިއެވެ. އެހެނަސް މާދަމާ ލިޔެލާނީއޭ ހިތަށްއަރާ އެކަން ހުއްޓާލީއެވެ.

1 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 526 ވަނަ ދުވަހެވެ. މިއަދު ލޮބުވެތިމަންމައަށް ސިޓީއެއްލިޔެ ގެއަށްފޮނުވާ ލުމަށްޓަކާ ޖަލުގެ އޮފީހާހަވާލު ކުރީމެވެ. މިއަދު މުފިއްޓެ މާލެގެންދިޔައެވެ. އަދި މިއަދު އަޅުގަނޑުގެ ކޮއްކޮ އިފްހާމް ހުސައިން ލަންކާއަށް ކިޔަވަންފުރި ޚަބަރުލިބުނެވެ. މިއީ އަމިއްލަޚަރަދުގައި ލަންކާގައި ހުރެގެން ކިޔެވުމަށް ކުރާދަތުރެކެވެ.

2 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 527 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވާރޭފުދޭވަރަކަށް ވެހުނެވެ. ތާނގީއަށް ފެންނަގާ ފުރާލެވުނެވެ. އަދި ގަސްއިންދުމުގެ ޕްރޮގްރާމެއް ބޭއްވުނެވެ. މިތާތެރޭގައި ޓުމާޓޯގަސް އިންދީމެވެ. އަދިފަޅޯ ގަސްއިންދީމެވެ. އަދިބޭރުން ސަރަހައްދެއް ހޯދައިގެން ގަސްއިންދަން ފެށުމަށް ރޭވުނެވެ. އަންނި ރުކެއްރާ ކުރަންވެސް ވާހަކަދެއްކެވިއެވެ.

3 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 528 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެގެންދިޔައެވެ. ރޭގައި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑު ގާތުގައި ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭނެ ކަމަށާއި ކުޅެންބޭނުންވާ މީހަކަށް ކުޅެންވެސް ނުކުމެވޭނެ ވާހަކަބުންޏެވެ. ނާޒިމް ބޭނުންވަނީ ވީހާބޮޑަކަށް ދޫދޭށެވެ. މިއަދު، އެލިޔާގައި އުޅުނު، ނިޒާރު ކޯޓަށް ގެންގޮސް އޭނާގެމައްޗަށް ކުރެވުނު ސަލްޓަންޕާކުގެ ކަޓޫރާބޮމުގެ މައްސަލައިގެ ޝަރީއަތް ސާބިތުނުވާ ކަމެއްގެގޮތުގައި ނިންމަވާލެއްވި ޚަބަރުލިބުނެވެ. އަދި އިފްހާމްގެ ސިޓީއެއް ލިބުނެވެ. އޭގައި އޭނަ، އެކެއް ޖޫންގައި ލަންކާއަށް ކިޔަވަން ދިއުމަށް، ފުރާވާހަކަ ލިޔެފައިއޮތެވެ. އަދި ގޭގެހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެހާލުވެސް މުޅިން ރަނގަޅުކަމަށް ލިޔެފައިއޮތެވެ.

4 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 529 ވަނަ ދުވަހެވެ. މިއަދު އީރާނުން އަޅުގަނޑަށް ފޮނުވަމުން ގެންދާ މަޖައްލާއެއް ކަމުގައިވާ، “މަހްޖޫބާ” މަޖައްލާގެ ކޮޕީއެއް ގެއިން ފޮނުވާފައިއޮތެވެ. އަދި ޕްރިސަންސް ޑިވިޒަނަށް ގާމާދޫގައި ހުންނަ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދާ ބައްދަލުކޮށް ދިނުންއެދި ސިޓީއެއް ލިޔުނީމެވެ.

5 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 530 ވަނަ ދުވަހެވެ. މިއަދު ބޭނުންވާހާ ބަޔަކުއެކުގާ މޫދަށްނެރެދިނެވެ. ދިހަމީހުންނަށް ވުރެގިނަ ވެއްޖެނަމަ ނެރެނީ ދިހަމީހުން ދިހަމީހުނަށް ބަހާލައިގެން ދެބުރަށެވެ. އަޅުގަނޑު މޫދަށްދިޔައީ ފުރަތަމަ ބުރުގައެވެ. ފަހުބުރުގައި މޫދަށް ދިޔައީ، މުފިއްޓޭ އެކަންޏެވެ. އޭނައަކީ އެކަނިބޭރަށް ނުކުމެވޭތޯ ބަލާމީހެކެވެ. މިކަހަލަބައެއް ކަންތަކުން މީނާއާއި ޖަލުގެ އިސްވެރިންގެ ތެރެއިން ބަޔަކާގާތް ގުޅުމެއް އޮންނަހެންވެސް ހީވެއެވެ.

6 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 531 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ.

7 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 532 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެ ގެންދިޔައެވެ. އަދި މިއަދަކީ ހައްޖުމަހުން، 6 ވަނަ ދުވަހެވެ. ހިޖްރީސަނަތުން، 1412 ވަނަ އަހަރެވެ.

8 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 533 ވަނަ ދުވަހެވެ. މިތާގައި ބަންދުގައި ހުންނަ، އަބްދުލްޣައްފާރު މިއަދު ހިންމަފުށީ ކޯޓަށް ގެންދިޔައެވެ. އެހެނަސް ގާޒީނެތިގެން އެއްވެސްކަމެއް ނުހިންގުނެވެ. އަނބުރާޖަލަށް ގެނައީއެވެ. މީނާއަކީ ސިޔާސީ ބަންދެއްގައި ހުންނަމީހެއްނޫނެވެ. ދޮންދަރިއަކާ ބެހިގެން ޖަލުގައި ހުންނަމީހެކެވެ. މިދުވަސްވަރަކީ މިކަހަލަ ޝަރީޢަތްތައް ވަރަށް ސިއްރުންކުރާ އިރެކެވެ. ހީވަނީ ހިންމަފުށީކޯޓުން ހުކުމްއިއްވަން ރާވަނީވެސް އެކަހަލަކަމެއްގެ ދަށުންހިނގާ ކަމެއްހެންނެވެ. މިއަދު ރޭޑިޔޯއިން ޚަބަރުލިބުނު ގޮތުގައި މާފަންނު ތީމުގޭގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަޅުއްވައި ދެއްވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ސަލާމަތީ ކަންތަކާއެކު ބިނާކުރައްވާ ރިޔާސީ ގަނޑުވަރެކެވެ. މިގަނޑުވަރު ޑިޒައިންކޮށްފައިވަނީ، ވަރަށްގިނަގުނަ ރަށްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނައިގެން ކަމަށް އަޑުއިވިފައި ވެއެވެ. ރާއްޖޭގެ ވެރިމީހާއަށް މިފަދަ ތަނެއް ބިނާކުރެވިފައި ހުރުމަކީ ރައްޔިތުންގެ އިއްޒަތާއި ޝަރަފް ރަމްޒުކޮށްދޭނެ ކަމެކެވެ.

9 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 534 ވަނަ ދުވަހެވެ. މިރޭރޭޑިޔޯ ޚަބަރުގައި ރައްޔިތުން މަޖިލީހުން ހުސްވެފައިވާ މާލޭގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރެއްވި ޚަބަރުލިބުނެވެ. އެލިސްޓުގައި، 11 ބޭކަލުންގެ ނަންއޮތެވެ. ވޯޓުލުން އޮންނަނީ ޖުލައި، 3 ވަނަވާހުކުރު ދުވަހުއެވެ. މަޝްހޫރު ކެންޑިޑޭޓުންގެ ތެރޭގައިހިމެނެނީ، އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭ އާތިފާއި އައްނަބީލް އިބްރާހީމް ނޫރައްދީނާއި މާދޫގޭ އަހްމަދު އަސްލަމާއި ރީކޯމޫސާމަނިކާއި އަހްމަދު މުއިޒު އެލްއެލްބީ އެވެ. ދެންތިއްބެވި ގްރޫޕްގެ ތެރޭގައި ހިމެނެނީ، ހަސަންނޫރީއަކާއި އަބްދުﷲ ރަޝީދަކާއި އަހްމަދުޙަލީމަކާއި މުހަންމަދު އަބޫބަކުރު ފުޅަކާއި ސިއްކައިބްރާހީމް އިސްމާއީލް މަނިކުފަދަ ބޭފުޅުންކޮޅެކެވެ. މިދެންނެވި، 11 ބޭފުޅުންނެވެ. ޖަލުގައި ތިބޭއިރު މިފަދަ މައުލޫމާތަކީ ވަރަށް ޝައުގުވެރި ކަމާއެކު އަޑުއަހާ ނޯޓުކޮށްހަދާ މައުލޫމާތެވެ. މިއަދު ހަވީރުވަގުތެއްގައި އަންނި ގޭގެބޭފުޅުންނާއެކު ބައްދަލުވުމެއް ޖަލުގެ ސަރަހައްދުގައި އޮތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. މިއަދު ހަވީރުވަގުތެއްގައި އިސްތަފާ އިބްރާހީމް މަނިކު ޖަލަށްވަޑައިގެން އަޅުގަނޑުނެރެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. ވަރަށްވާހަކަ ދެއްކެވިއެވެ. އަދި އަޅުގަނޑު ސިޓީއަކުން އެދިފައިހުރި ހުރިހާކަމެއް ހަމަޖައްސައި ދެއްވިކަމަށް ވިދާޅުވިއެވެ. އަދި މިކަންމިކުރެއްވީ ރައީސް މައުމޫނާ މަޝަވަރާ ކުރައްވައި އެމަނިކުފާނުގެ ދީލަތިއެހީ ފުޅުންކަމުގައި އަޅުގަނޑަށް ވިސްނައި ދެއްވިއެވެ. އަދި ޖަލުގައި ރަނގަޅަށް އުޅުމަށް ނަސޭހަތްތެރި ވެލެއްވިއެވެ. އަޅުގަނޑު އެދުނުގޮތަށް ގޮޅިންބޭރަށް ނުކުތުމަށާއި ކަސްރަތުކޮށް ވޮލީކުޅެއުޅުމަށް އަދި މިސްކިތަށް ދިއުންފަދަ ހުއްދަތައް ހަމަޖެހިފައި ހުންނާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންގެތެރެއިން ފަސްމީހަކު ހަމަޖައްސައި ޖަލުގެ އެންމެން ފަސްބަޔަށްބަހާއި މިއިންކޮންމެ މީހަކާ ގްރޫޕެއް ހަވާލުކޮށް ފޮތެއްގައިލިޔެ އެކަންތައް އެފަސްމީހުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދިމިކަމުގެ ޒިންމާ އުފުލާގޮތަށް އެފަސްމީހުންނާ މިކަންތައް ހަމައެދުވަހު ހަވާލުކުރެވުނެވެ. މިގޮތުން ހަމަޖެއްސި ފަސްގުރޫޕްގެ ފަސްލީޑަރުންނަކީ، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމާއި ވިސާމާއި ކަރޯރިޝްވާނާއި މުފިއްޓޭއާއި އަބްދުލް ޣައްފާރެވެ. މިމީހުންމިކަންތައް ކުރޭތޯބެލުމަކީ އިލްޔާސްގެ ކަމެއްކަމަށް އިސްތަފާ، އަޅުގަނޑުގާތުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުގެ ކޮއްކޮ އިބުރޭ ވަރަށް އަވަހަށް ޖަލުގެ މިބަޔަށް ބަދަލުކޮށްދޭނެ ވާހަކަވެސް އިސްތަފާ ވިދާޅުވިއެވެ. މިބައްދަލުވުން ނިމުނީ އިރުއޮއްސުނު ފަހުންނެވެ. ރޭގަނޑު، 10 ޖެހިތަނާ ޖަލުބަލަހައްޓާ ނަސީމު، އިބުރޭއާއި އިބުރޭގެ ސާމާނާއެކު މިތަނަށްގެނެސް މިބަޔަށް ވައްދައި އަޅުގަނޑުގެ ކޮޓަރީގައި ހުންނަގޮތަށް ހަމަޖެއްސެވިއެވެ. ދެން މިބައިގާހުސްކޮށް ހުންނާނީ އެކެއްގެޖާގައެވެ. 17 މީހުން އަނެއްކާވެސް ހަމަވީއެވެ. އިބުރޭ އެއްތަނެއްގައި އެއްކޮޓަރިއެއްގައި އުޅޭގޮތަށް ހަމަޖެހުމުން ވަރަށް އުފާވިއެވެ. ޕާކިސްތާނުގައި ކިޔަވަން ތިބިއިރުވެސް އަޅުގަނޑުމެން ދެމީހުން އުޅުނީ އެކުގައެވެ. މިހާތަނަށް އަޅުގަނޑުއެދުނު ހުރިހާކަމެއް ހަމަޖެހިގެން ދިއުމުން، ﷲއަށް ޝުކުރު ދަންނަވާއި ދުޢާކުރީމެވެ.

10 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 535 ވަނަ ދުވަހެވެ. މިއަދަކީ ހައްޖުވެރިން ޢަރަފާތުބިމުގައި ތިބޭދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ޢަރަފާތް ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ރޭޑިޔޯއިން މިކަންތައް އެނގުނެވެ. މިއަދު މެންދުރު ނަމާދަށް މިސްކިތަށް ދިއުމަށް ހުއްދަލިބުމާ ގުޅިގެން ފުރަތަމަފަހަރަށް މިސްކިތަށް ނުކުތީމެވެ. މިއީޖަލުގައި މިސްކިތަށް ނަމާދަށް ދެވުނު ފުރަތަމަ ފަހަރެވެ. އަދި ހަވީރު އެންމެންއެކުގައި ކުޅޭށާއި ކަސްރަތަށް ބޭރަށް ނެރުނެވެ. 4:15 އިން 5:15 އަށެވެ. ވޮލީއާއި ފުޓްބޯޅަކުޅެ ނިމިގެން ޖަލުތެރެއަށް ވަނީމޫދަށް ވެސް އެރިފައެވެ. މިހާރުހީވަނީ މިނިވަން ބައެއްހެނެވެ. މިކަމާހުރިހާ ގައިދީންވެސް ވަރަށް ހިތްހަމަޖެހުނެވެ. ހުރިހާ ނަމާދަކަށް މިސްކިތަށް ނުކުމެވެންފެށީއެވެ. އަލްޙަމްދު ލިއްލާހި!

11 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 536 ވަނަ ދުވަހެވެ. އާދެ! މިއަދަކީ ބޮޑުޢީދު ދުވަހެވެ. 1412 ވަނަ އަހަރުގެ ޢީދުލްއަޟްޙާ ދުވަހެވެ. މާއާޒު، ސައްޕެ، ހަންނާނުއަށް އެބޭފުޅުންގެ ގޭގެއިންކާނާ ފޮނުވިއެވެ. އެންމެން އެކުގައި ވަރަށްމަޖާ ކެއުންގަނޑެއް ކާގޭގައި ތައްޔާރުކޮށްގެން ކެއުމެއްއޮތެވެ. މިއަދު ފަތިސްނަމާދު މިސްކިތުގައި ކުރުމަށްފަހު އައިސްނިދާފައި އޮއްވާފެނުނު ހުވަފެނަކީ، އަޅުގަނޑުގެ ރަހްމަތްތެރި އައިންތުއާއެކު މާލެއައިސް ޖަވާހިރުވާދީ ތެރޭގައި އުޅޭތަނެވެ. އައިންތު މާލެއައިސްހުރީ އޭނާގެބިދޭސީ ފިރިމީހަގާތުން ވަރިވެގެންނެވެ. އައިންތުއާއެކު ރީތިރީތި ތިދަރިކަލުން ވެސް ތިއްބާފެނުނެވެ. އަންހެންކުއްޖަކާއި ފިރިހެންކުދިންނެވެ. އައިންތު އެކުދިން އަޅުގަނޑަށް ތަޢާރުފްކޮށްދީ ހަދާތަން ފެނުނެވެ. ގޭގެތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ހޭލެވުނުއިރުއޮތީ، ޖަލުގައި އަޅުގަނޑުނިދާ އެނދުގެ ގޮދަޑިމަތީގައެވެ. މިހުވަފެނާމެދު ވިސްނާފިކުރުކޮށް ލީމެވެ. ތަޢުބީރަކަށް ނިންމާހިތް ހަމަޖައްސާލީ، ކޮންމެވެސް ދުވަހަކުން އައިންތުއާ ބައްދަލުވާނެ ކަމަށެވެ. އެހެނަސް އަޅުގަނޑު މެންދެމީހުން ގުޅިގެން ދިރިއުޅުމެއް ނުފެށޭނެކަމަށެވެ.

12 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 537 ވަނަ ދުވަހެވެ. ކޮންމެނަމާދު ވަގުތަކަށް މިސްކިތަށް ދާކުދިން ވަރަށް ގިނައެވެ. ބައެއްފަހަރު ފަތިސް ނަމާދަށް ބަންގިގޮވަން ޖެހެނީ އަޅުގަނޑަށެވެ. މިއީ އިމާމަކަށް ވަކިމީހަކު ހަމަޖައްސާފައި ނުހުންނާތީވާގޮތެވެ.

13 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 538 ވަނަ ދުވަހެވެ. ކުޅުމަށާއި މޫދަށް އެންމެންނެރުނެވެ. މިއަދު ކެޕްޓަން މުއާޒަށް އެނާގެގެއިން ކާނާލިބުނެވެ.

14 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 539 ވަނަ ދުވަހެވެ. ރޭޑިޔޯއިން އެނގުނުގޮތުގައި މިއަދަކީވެސް ރަސްމީ ބަންދު ދުވަހެކެވެ.

15 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 540 ވަނަ ދުވަހެވެ. މިއަދު ހަވީރު ކުޅިވަރަށާއި މޫދަށް ނެރުނެވެ. މިއަދަކީ، ޢީދުބަންދުގެ ފަހުދުވަހެވެ.

16 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 541 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދަށްފަހު، ރަސްމީކޮށް އޮފީސްތައް ހުޅުވުނު ދުވަހެވެ. ރޭގައި ނިދާފާއޮއްވާ ފެންނަހުވަފެނަކީ، ބިޝާރާއިބްރާހީމް ދީދީއާއެކު ދާންނާގޭގައި މަޖާކުރަން އުޅެނިކޮށެވެ. މިއީ ވަރަށްމަޖާ ހުވަފެނެކެވެ. ބިޝާރާގެ މަންމަވެސް އެގޭތެރޭގައި އަޅުގަނޑު މެންނާއެކު އުޅުއްވާތަން ފެނުނެވެ. ހޭލެވުމަށް ފަހު، އައިންތު ފެނުނުރޭގެ މަތިންހަދާން ވިއެވެ.

17 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 542 ވަނަ ދުވަހެވެ. ރޭގައި އެކުގައިތިބީ ހޭލައެވެ. ވޮލީކުޅޭނެ ދާގަނޑެއް ގަތަންވެގެންނެވެ. ދާގަނޑުގެ ބޮޑުބައި ގަތައިދިނީ، އަބްދުލްޣައްފާރެވެ. އޭނާއަކީ އެއްވެސް ކުޅިވަރެއްކުޅޭ މީހެއްނޫނެވެ. އެހެނަސް ކުޅިވަރަށް ފޯރިދޭމީހެކެވެ. އަޅުގަނޑުމެން ކުޅޭތަން ކޮންމެދުވަހަކުވެސް ބަލަން ނުކުންނާނެއެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދުހަވީރު ޖަލުގެ މިބަޔަށް އިސްތަފާއާއި ގަސްއިބްރާހީމް މަނިކު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.

18 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 543 ވަނަ ދުވަހެވެ. މިއަދު ކޮއްކޮއިބުރޭ އޭނާގެ އަންހެނުން އަންދިއާއި ދަރިފުޅު ނީޝާނާ ބައްދަލުކުރިއެވެ. އަދި އަޅުގަނޑާއި އިބުރޭއައި ދެމީހުންނާ، ދޮންދައްތައާއި ފިދާއާއި ވިދާއާއި ޖެފްރީއާއި މާއުއާއި މަންމައާއި ތުއްތައާއި ތުއްތުބޭއާ އެންމެންއެކުގައި ބައްދަލުވުން އޮތެވެ. އެންމެންއެކުގައި ބައްދަލުވުމުން ވަރަށް އުފާވިއެވެ. މާމަގެހާލު އޮޅުންފިލިއެވެ. އަދި މިދުވަސްކޮޅު ވަރަށް ރަނގަޅުކަމަށް ބުންޏެވެ. ގެއިންބައެއް ސާމާނާއި ކެއުމުގެބާވަތްތައް ލިބުނެވެ. ކޮއްކޮއާއި ދެމީހުން އެއްކޮޓަރިއެއްގައި އުޅޭތީ ވަރަށްގިނަ ކަންތަކަށް ފަސޭހައެވެ. އަދި ޢަރަބި ޑިކްޝެނެރަރީއެއް ކަމުގައިވާ “އަލްމައުރިދު” މިއަދު ގެއިންލިބުނެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަންމަ ދެއްވިޚަބަރެއް ލިޔެލާނަމެވެ. ވަކިވަކިން ޒާހިރު ހުސައިނާއި އިސްތަފާއާއި މުހަންމަދު ރަޝީދުއިބްރާހީމާ ސީނާޒާހިރު، މިއެންމެންނާ މަންމަ ބައްދަލުކުރީމޭ ބުންޏެވެ. ޒާހިރުހުސައިނުގެ ވާހަކަފުޅުތައް ވަރަށް ރަނގަޅުކަމަށް މަންމަ ބުނެދެއްވިއެވެ. ވަރަށް އޯގާތެރިކަމާއެކު ވާހަކަދެއްކެވި ކަމަށް ބުނުއްވިއެވެ. އެހެންބޭފުޅުންގެ ވާހަކަތައް މާރަނގަޅު ނޫންކަމަށް މަންމަ ބުނެދެއްވިއެވެ. އަދި މިއަދު އަބްދުﷲ ސަލީމާއި ހަންދުއާއި ބިގޭއާއި ކިޔޮޅު، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި ކޯޓަށް ގެންދިޔަޚަބަރު ލިބުނެވެ. ކުރީދުވަހު ކޯޓަށްދީފައިވާ ބަޔާނުގައި ސޮއިކުރުވުމަށެވެ.

19 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 544 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކުޅެން ބޭރަށް ނެރުނެވެ. އަބްދުއްރައްޒާގަށް އޭނާގެގެއިން ފޮތާއި ފަންސޫރާއި ވޯކްމަނެއް މިއަދުލިބުނެވެ.

20 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 545 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ސިފައިންގެ ވެރިއެއްކަމުގައިވާ، މޫސާއަލީ ޖަލީލާއި ނާޒިމާއި އަދި މީގެއިތުރުން، ޓާސްކްފޯސްގެ ތިންބޭފުޅުން ވަޑައިގެންނެވިއެވެ. މައިގަނޑު ގޮތެއްގައި އެބޭފުޅުން ބައްދަލުކުރީ ސައްޕެއާއެވެ. ސައްޕެ މުޅިންއާގޮތަކަށް ޖަލެއްފަރުމާ ކޮށްދޭތީ އެކަމާޚިޔާލު ބަދަލުކޮށް ލުމަށް ވަޑައިގެންނެވި ވަޑައިގަތުމެއް ކަމަށްވެއެވެ. ސައްޕެ ކުރަހަމުންދިޔަ ފަތްފުށްތައް ބައްލަވައި ލެއްވިއެވެ. އަދި ސައްޕެކޮޓަރީގެ ފާޚާނާވެސް މިބޭފުޅުން ބައްލަވާ ލެއްވިއެވެ. އަދި ސައްޕެއާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. އެއަށްފަހު އެބޭފުޅުން ވަޑައިގަތީ އިތުރުއެހެންކަމެއް ނުކުރައްވައެވެ. އަޅުގަނޑުގެ ހާލުއަހުވާލު މޫސާޖަލީލި އައްސަވާ ލެއްވިއެވެ. އަބަދުވެސް މީނާއަކީ އަޅުގަނޑާ ވާހަކަދައްކަވާ ބޭފުޅެކެވެ. އަދި މިއަދު އަބްދުއްރައްޒާގު ގެއަންހެނުން އޭނަޔާ ބައްދަލުކުރިއެވެ. އޭނާއަށް ގެއިންކާނާ ވަށިގަނޑެއް މިއަދުލިބުނެވެ.

21 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 546 ވަނަ ދުވަހެވެ. މިއަދުވެސް ކުޅޭށާއި މޫދަށް ނެރުނެވެ.

24 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 549 ވަނަ ދުވަހެވެ. މިދިޔަދެދުވަހު ޚާއްސަކަމެއް ނުހިނގައެވެ. މިއަދު އަންނިކޮއްކޮ ނާޒިމް އަންނި އާބައްދަލު ކުރުމަށް ޖަލަށްއައެވެ. ނާޒިމް ވަރަށް ގިނަޚަބަރުތައް އަންނިއަށް ގެނެސްދިނެވެ. މިއަދު އިސްތަފާ މެންވެސް ޖަލަށް ވަޑައިގެން އުޅުއްވިޚަބަރު ލިބުނެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ. އަދި ވިންޓަރޝަރީފު އެބޭފުޅުންގެ އަރިހަށް ނެރުނެވެ. ވިންޓަރާ ބައެއްވާހަކަތައް ދައްކަވާލެއްވުމަށެވެ. ވިންޓަރަކީ ޖަލުގައި ހުރެގެން ގާނޫނުއަސާސީ ދަސްކޮށްގެން އެބޭފުޅުންނާއެކު ވަރަށް ޖަދަލުކުރައްވާ މީހެކެވެ. ގާނުނުއަސާސީން ބޮޑުބައެއް ވިންޓަރު ހިތުދަސް ކަމަށްވެއެވެ. ސިޓީންނާއި އަނގަބަހުން މިބޭފުޅުންނާއެކު ޖަދަލުކުރުން ވިންޓަރުގެ ފަރާތުން އަބަދުވެސް އޮވެއެވެ.

25 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 550 ވަނަ ދުވަހެވެ. މިއަދު، އަލިފާނުގެ ހާދިސާގައި ބަންދުކޮށްފައިވާ ކާދޫއިބުރޭ މާލެގެންދިޔައެވެ. ހަންނާނާއި މުއާޒާއި ސައްޕެ، މިތިންމީހުން ގޭގެމީހުނާ މިއަދު ބައްދަލުކުރިއެވެ. އެތިންމީހުންނަށް ވެސް ގެއިން ކާނާލިބުނެވެ.

26 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 551 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދު ކުޅުނީފުޓް ބޯޅައެވެ. ވަރަށްމަޖަލެވެ.

27 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 552 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.

28 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 553 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ބައްޕަ އަބްދުއްސައްތާރާ ބައްދަލު ކުރެއްވިއެވެ. އަންނިއަށް ގެނިން ކާނާވަށިގަނޑެއް ލިބުނެވެ. ވަރަށްގިނަ ސާމާނު ހުއްޓެވެ. އަންނިއަށް އެއްޗެހިލިބޭ ދުވަހަކީ އަޅުގަނޑު މެންނަށް އީދެއްއަންނަ ދުވަހެކެވެ.

29 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 554 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. އެހެންވަކި ޚާއްސަކަމެއް ނެތެވެ.

30 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 555 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އަނބުރާ ޖަލަށް ގެނައީވަރަށް ހަވީރުވެފައި ވަނިކޮށެވެ.

1 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 556 ވަނަ ދުވަހެވެ. މިއަދުވެސް އަންނި މާލެގެންދިޔައެވެ. ގެއަށް މަންމައަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ކަރޯއައްބާސް ދަރިފުޅު، ރިޝްވާނަށް ގެއިންބައެއް ސާމާނުލިބުނެވެ.

2 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 557 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ހިޖްރީ އާއަހަރު ފެށުނުދުވަހެވެ. 1413 ވަނަ އަހަރުގެ މުޙައްރަމުމަހުން އެއްވަނަ ދުވަހެވެ.

3 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 558 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

4 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 559 ވަނަ ދުވަހެވެ. މިއަދު ވެސް އަންނި މާލެގެންދިޔައެވެ. ވަކިޚާއްސަކަމެއް ނެތެވެ.

5 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 560 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށް ގިނައިރު ވާރޭވެހުނެވެ.

6 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 561 ވަނަ ދުވަހެވެ. މިއަދަކީވެސް ވައިގަދަ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މޫދަށްނުކުތީ، އަޅުގަނޑާއެކު ދެތިންމީހުންނެވެ.

7 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 562 ވަނަ ދުވަހެވެ. ރޭގައި ވިންޓަރ ޝަރީފް ޖަލުއޮފީހަށް މިތަނުން ނެރެގެން ގެންދިޔައެވެ. އޭނަޔަށް އެންގީ ހައިކޯޓަށް މާދަމާ ދާންޖެހޭނެ ވާހަކައެވެ. އެހެނަސް މާދަމާ ހައިކޯޓަށް ދެވޭނީ، ވިންޓަރުގެ ބޯކޮށާއި އިސްތަށިގަނޑު ރީތިކޮށްގެންކަމަށް އެންގެވިއެވެ. ވިންޓަރަކީ ވަރަށްބޯދިގުކޮށް ބަހައްޓާމީހެކެވެ. ތުނބުޅިއާއިބޯ އެއްގޮތަކަށް ވެސް ކޮށާހަދާ މީހެއްނޫނެވެ. ބޯކޮށާހަދައިގެން، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ވިންޓަރ ޝަރީފަށް ޖަލުއޮފީހުން އެންގިއެވެ. އެހެނަސް އޭނަމާލެއަށް ހައިކޯޓަށް ގެންދަންބަލާ އައިއިރުބޯނުކޮށާ ހުރެގެން މާލެއަށް މިއަދު ނުގެންދެއެވެ. މިއަދުމާލެ ގެންދިޔައީ މުފިއްޓޭ އެކަންޏެވެ. އޭނަގެމަންމައާ ބައްދަލުވެލަން ކުޑަވަގުތުކޮޅަކަށް ގެއަށްގެންދަނީއެވެ. ވިންޓަރ ޝަރީފް ގޮތްނުދޫކޮށް ބޯނުކޮށާ ހުރެގެން އޭނާއިސްތިއުނާފަށް ހުށަހަޅާފަވާ މައްސަލައަކަށް ހައިކޯޓަށް މިއަދުދެވޭގޮތް ނުވީއެވެ. މިއީ ސަރުކާރުން ކޮށްގެން ވާނެކަމެއް ނޫނެވެ. އަމިއްލަނަފްސުގެ ދިފާއުގައި އިސްތިއުނާފަށް މައްސަލަލުމުގެ ފުރުސަތުދީފައި ކޯޓަށް ހާޒިރުކޮށް ނުދިނުމަކީ މީހެއްގެހައްގަށް އަމިއްލަހައްގަށް އުނިކަމެއް އަންނާނެ އަމަލެކެވެ. ލާގަމީހެއް އަދި ފިތްރަތީގޮތުން މީހާހުންނަ ގޮތަކަށް ނުވަތަ ސިފައަކަށް ބަލާފައި މިކަހަލަހައްގެއް އުނިކުރުމުގެ ބާރުސިފައިންނަށް ލިބިގެނެއް ނުވާނެއެވެ. ކޮންމެއަކަސް މިއަދު ހައިކޯޓަށް، ވިންޓަރ ޝަރީފަށް ދެވޭގޮތެއްނުވިއެވެ.

8 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 563 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، އަޅުގަނޑުގެ ހުކުމްތަކުން އަފޫކޮށް ދެއްވުންއެދި، ރައީސް މައުމޫނަށް ލިޔާނެސިޓީއެއް އެކަނިއިނދެގެން ޑްރާފްޓްކުރުމެވެ. ވަރަށް ގިނަވާހަކަތައް އެސިޓީގައި ގެނައިމެވެ. އަފޫކުރުމަކީ، ﷲ ރުހިވޮޑިގެންވާ އެންމެމާތްސިފަ ކަމަށާއި އަފޫކުރާމީހަކީ ދެދުނިޔޭގައި އެންމެދީލަތި، އަދި ﷲ އެންމެ ރުއްސަވާ އިންސާނާކަމަށް އެސިޓީގައި ލިޔުނީމެވެ. އަދި ﷲ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި އަފޫކުރާމީހާ ހިމެނޭކަމަށް ވެސް ލިޔުނީމެވެ. އަދި އަފޫކުރެއްވުމަށް ފަހު، އެމީހަކަށް އިތުބާރުކޮށް ގާތްކުރުމަކީ މާތްވެގެންވާ ރީތިސިފައެއް ކަމުގައި ލިޔުނީމެވެ. ލިޔެނިންމާފަ މިޑްރާފްޓް ދެތިންފަހަރަކު ކިޔާލާއި ރަނގަޅުކޮށްލާފަ ބޭއްވީއެވެ.

9 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 564 ވަނަ ދުވަހެވެ. މިއަދު އަނެއްކާވެސް އިއްޔެޑްރާފްޓްކުރި ސިޓީގެ ކަރެކްޝަން ހަދާލުމަށް ފަހު، ރީތިކޮށް ލިޔުނީއެވެ. އަދި ހަވީރުވަގުތެއްގައި ރައީސް މައުމޫނަށް ރައްދުކޮށްދެއްވުން އެދި، ޖަލުއޮފީހާ އެސިޓީ މިއަދު ހަވާލުކުރީމެވެ. ލިޔުނު ތާރީޚަކަށްޖެހީ، 11 ޖުލައި 1992 ވާހޮނިހިރު ދުވަހެވެ. މިހެންހެދީ ސިޓީމާލެ ގެންދެވޭނީ އާދީއްތަދުވަހަށް ވާނެތީއެވެ. މިއަދު ކޮއްކޮއިބުރޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޓޮންސިލް ދުޅަވެގެންނެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

10 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 565 ވަނަ ދުވަހެވެ. މިއަދަކީ ޑޮކްޓަރ ވަހީދު އިސްތިއުފާދެއްވި ގޮންޑިއަށް، މާލޭގެ ރައްޔިތުންގެ ފަރާތުން މާލޭގެ މެންބަރުކަމަށް މީހަކުހޮވުމަށް އިލެކްޝަން މާލޭސަރަހައްދުގައި ބާއްވާދުވަހެވެ. އެންމެފޯރި ގަދަކޮށް ކެންޕޭން ކުރައްވަނީ، އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނު ކަމަށް ޚަބަރުތައް ލިބެއެވެ.

11 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 566 ވަނަ ދުވަހެވެ. އިއްޔެމާލޭގައިއޮތް ރައްޔިރުންގެ މަޖިލީހަށް މާލޭގެ ގޮނޑިޔަށް މީހަކުހޮވުމަށް ބޭއްވިވޯޓުގެ ނަތީޖާއަކީ، 2204 ވޯޓުން އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީން އިންތިޚާބުވެ ވަޑައިގަތުމެވެ. ދެވަނައަށް އެންމެގިނަ ވޯޓުހޯއްދެވީ، އިބްރާހީމް ނޫރައްދީނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

12 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 567 ވަނަ ދުވަހެވެ. މިއަދު އަބްދުއްﷲ ކަމާލުއްދީން ހޯއްދެވި ކާމިޔާބީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން، ސިޓީއެއްލިޔެ އޮނަރަބްލް އަބްދުއްﷲ އަށް ފޮނުވައިދެއްވުން އެދިޖަލުއޮފީހާ ހަވާލުކުރީމެވެ.

13 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 568 ވަނަ ދުވަހެވެ. މިއަދުކެޕްޓަން މުއާޒަށް އޭނާގެ ގެއިންކާނާ ފޮނުވިއެވެ. އަދި މިއަދަކީ، އަބްދުލްހަންނާނު އަބޫބަކުރުގެ އުފަންދުވަހަށްވާތީ ރޭގަނޑު، 11:00 މިނެޓްގައި ޖަލުގެ މިބައިގާޕާޓީއެއް ބޭއްވީމެވެ. އެންމެން މިހަފްލާގައި އަމަލީގޮތުން ބައިވެރިވެ އުފާފާޅުކުރުން އޮތެވެ.

14 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 569 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދުމަޣްރިބް ނަމާދަށް މިސްކިތަށް އެކަކުވެސް ނުނެރެއެވެ. ބަލާނާންނަނީއެވެ. މިއީމިގޮތަށް ދިމާވެގެން، މިސްކިތަށް ނުނެރުނު ފުރަތަމަ ދުވަހެވެ. އެހެނަސް މީގެކުރިން އެއްދުވަހު ނެރުނުލެއް ލަސްވެފައި ވެއެވެ. މިދެފަހަރުނޫނީ މިކަމުގައި އެއްވެސް މައްސަލައެއް ދިމާވެފައެއް ނެތެވެ.

15 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 570 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.

16 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 571 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ގޭގެމީހުންނާ ބައްދަލުކުރިއެވެ. ޖީދު، އިބްރާހީމް ނޫރައްދީނުގެ އަނބިކަނބަލުން އޭގެތެރޭގައި ހިމެނެއެވެ. މިއަދު ޖަލުއޮފީސް ބަލަހައްޓަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލުމަށެވެ.

17 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 572 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

18 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 573 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް، ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނަށް މަރްހަބާކިޔާ ފޮނުވިސިޓީ އެމަނިކިފާނަށް ރައްދުކޮށްދީފި ކަމަށް، އަޅުގަނޑަށް ޕްރިސަންސުން ޖަވާބުލިބުނެވެ.

19 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 574 ވަނަ ދުވަހެވެ. ރޭގައި މާފަންނު ދާންނާގޭ ބިޝާރާ، އަޅުގަނޑަށް ހުވަފެނުން ފެނުނެވެ. ޖަވާހިރުވާދީއަށް އައިސް އުޅެނިކޮށެވެ. އަދި މާލޭގައި ހުންނަ، ޔޫއެންއޮފީހުގައި ވެރިޔަކަށް އޭރުހުންނެވި، އެމެރިކާ އަންހެނެއް ކަމުގައިވާ، މިސިޒް މެކްސީން ވެސް ޖަވާހިރުވާދީ ތެރެއިން ފެނުނެވެ. އޭނަޔާބައްދަލުކޮށް ޖަލުގެކަންތަކާ ގުޅޭގޮތުން ވާހަކަ ދަށްކަމުން ގެންދާތަނެވެ. ފުދޭވަރަކަށް ދިގުހުވަފެނެކެވެ.

20 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 575 ވަނަ ދުވަހެވެ. މިއަދު އަންނި، ޅ.މެންބަރު އިބޫގެ ވައިފް، ބޮޑުސިއްކަގެ ދަރިފުޅު، ފަޒޫއާ ބައްދަލުކުރިއެވެ. މާލޭގެ ޚަބަރުތައް ލިބުނެވެ. އަޅުގަނޑުމެންނަށް ފަޒޫގެ ސަލާމާއި ހެޔޮއެދުންތައް އަންނި ރައްދުކޮށް ދެއްވިއެވެ.

21 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 576 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ.

22 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 577 ވަނަ ދުވަހެވެ. ޖަލުގެ މިބަޔަށް ގަސްއިބްރާހީމް މަނިކު ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުކުރައްވައެވެ. މިބޭފުޅުން މިބަޔަށް ޒިޔާރަތްކުރުމުގެ ސިއްރަކީ ކޮބައިކަން އެއްގޮތަކަށް ވެސް ސާފެއްނުވެއެވެ. ކޮންމެވެސް ބޭނުމެއް އޮންނާނެކަން ކަށަވަރެވެ. ޖަލުގައި ތިބޭގައިދީންގެ ތެރެއިން ބައެއްމީހުންގެ މައިންބަފައިންގެ އެދުމެއް ފުއްދައި ދެނީބާވައޭ ވެސް ހިތަށް އަރައެވެ. ނުވަތަ ހަމައެކަނި އެމީހުންނާ ބައްދަލުވިޔޭ އެވެރިންގެ ހާލުރަނގަޅޭ ބުނެލަދިނުމަށް ކުރައްވާކަމެއް ބާވައޭ ހިތައްއަރައެވެ. އެހެންނޫނީ ޒިންމާދާރު ގޮތެއްގައި ވަޒީފާއަދާ ކުރެއްވުމުގެ ގޮތުން ޖަލުބަލާލަން ވަޑައިގަންނަވަނީ ބާއޭވެސް ހިތަށްއަރައެވެ.

23 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 578 ވަނަ ދުވަހެވެ. މިއަދު ޚާޢްސަކަމެއް ނުހިނގައެވެ.

24 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 579 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ކޮއްކޮއަލީ ރަޝީދު މާލެއަށް ބޭހަށް ގެއަށްގެނައި ޚަބަރުލިބުނެވެ. އޭނަހުންނަނީ ނ.އަތޮޅުރަށަކަށް އަރުވާލާފައެވެ.

25 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 580 ވަނަ ދުވަހެވެ. ރޭގެޚަބަރުގައި އެމެރިކާގެ ޖޭމްސްބޭކަރ ރާއްޖެ ވަޑައިގެން ރައީސް މައުމޫނާ ބައްދަލު ކުރެއްވި ޚަބަރުލިބުނެވެ. މިއީ އަޅުގަނޑު މެންނަށް ފިނިކަމެއް ގެނެސްދިން ޚަބަރަކަށް ވިއެވެ.

26 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 581 ވަނަ ދުވަހެވެ. މިއަދަކީ ރާއްޖޭގެ މިނިވަން ދުވަހަށްވާތީ ރަސްމީބަންދު ދުވަހެކެވެ. ރަސްމީޖަލްސާއެއް ބޭއްވެވިކަން އެނގިފައެއް ނެތެވެ. ރޭޑިޔޯޚަބަރުން އިވިފައިނެތީއެވެ.

27 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 582 ވަނަ ދުވަހެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ، މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. މަޖާދުވަހެކެވެ.

28 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 583 ވަނަ ދުވަހެވެ. މިއަދު ދޮންދައްތައާއި އަންދިއާއި ނީޝާނާއި މަންމަ، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލުކުރިއެވެ. ގެއިން ވަރަށްގިނަ ސާމާނުލިބުނެވެ. ގިނައީކެއުމުގެ ސާމާނެވެ.

29 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 584 ވަނަ ދުވަހެވެ. މިއަދު ރަސްމީކޮށް ޖަލުއޮފީހުން ވޮލީދެބޯޅައާއި ދާގަނޑެއް މިބަޔަށް ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރިއެވެ. މިއީ އަޅުގަނޑުގެ އެދުމަކަށް ކޮށްދެއްވި ދީލަތިކަމެކެވެ.

30 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 585 ވަނަ ދުވަހެވެ. މިއަދު އާދިލްއާ ބައްދަލުކުރުމަށް އެގޭމީހުންއައެވެ.

31 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 586 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

1 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 587 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ގެއަށް ފޮނުވައިދިނުން އެދިޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު އަންނި، ކޯޓުނަންބަރު، 6 އަށް ޕާސްޕޯޓުގެ މައްސަލައެއްގައި ހާޒިރުކުރިއެވެ. މިއަދުގެ ޝަރީޢަތުގައި އޮތީކުރީދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކުގައި ސޮއިކުރުމެވެ. ބަޔާންފުރިހަމަ ކުރުމެވެ. އަދި މިއަދު އަޅުގަނޑުމެން ތިބޭބަޔަށް، ހަތަރުމަހަށް ހުކުމްކޮށްފައިވާ އާކުއްޖަކު ގެނެސް ވެއްދިއެވެ. މީނާއަކީ ކަތުރަކުން މީހަކަށް ހަމަލާދިންކަމުގެ ކުށުގައި ހުކުމް އިއްވިފައިވާ މީހެކެވެ. މީނާގެ ނަމަކީ، އަލީޝިޔާމް މ.އޮމެގާ މާލެ އެވެ.

2 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 588 ވަނަ ދުވަހެވެ. މިއަދު އަންނި، އޭނާގެކޮއްކޮ ނާޒިމާ ބައްދަލުކުރުން އޮތެވެ. ނާޒިމު، އަންނިއަށް އިރުވާހުދެއް މިބައިގައި އޮޅުކޮށްގެން ގެންގުޅުމަށް ގެނެސްދިނެވެ. މިކަންވީ ވަރަށްމަޖާ ކަމަކަށެވެ. އެންމެން އެއަށް ކާންދިނުމާއި އެއާއެކު ކުޅުން އޮވެއެވެ. އަންނި މިކަންއޮންނަނީ ހުރިހާ ގައިދީންނަށް ދޫކޮށްލައްވާފައެވެ. އެންމެން ވެސް ކާންދީހަދައެވެ. އަންނި އިރުވާހުދާއެކު އުޅުއްވާނީ ވަކިގަޑި ގަޑީގައެވެ. އެހެނަސް އިރުވާހުދު އެންމެއޮޅީ އަންނިއާއެވެ.

3 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 589 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

4 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 590 ވަނަ ދުވަހެވެ. ރޭގައި ޖަލުބަލަހައްޓާ އޮފީހުގައި ހުންނަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަރަށްގިނަ އިރުވަންދެން އަޅުގަނޑާ ވާހަކަދައްކަވަން ހުންނެވިއެވެ. ދަތިއެއްވެސް ކަމެއްއޮތްތޯ އައްސަވައި ހެއްދެވިއެވެ. މީނާއަކީ އަޅުގަނޑުގެ ތަބީޢަތާއި މިޒާޖު ވަރަށް ކަމުދާމީހެކެވެ. އަޅުގަނޑަށް ހަމްދަރުދީ ބަހައްޓަވާ ބޭފުޅެކެވެ.

5 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 591 ވަނަ ދުވަހެވެ. މިއަދު ކޮއްކޮއިބުރޭ މާލެގެންދިޔައެވެ. ހީވަނީޑޮކްޓަރަށް ހެނެވެ. އަދި މިއަދު ހެދުނުނިދާފައި އޮއްވާފެންނަ ހުވަފެނަކީ، ކޮޓަރިން ނުކުންނަން ހުންނަދޮރު ނުފެނިގެން ނުނިކުމެވިގެން އުޅެނިކޮށެވެ. ކޮޓަރިން ނުކުންނާނެ ދޮރެއް ނުފެނިގެން ގެއްލިގެންހޯދަން އުޅޭތަނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

6 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 592 ވަނަ ދުވަހެވެ. މިއަދު އޮފީހުން އިސްތިރިއެއް ގެނެސް އަޅުގަނޑު މެންނާ، ނަސީމު ހަވާލުކުރެއްވިއެވެ. އަދި ބަލައިގެން ގެންގުޅުމަށް އެންގެވިއެވެ.

7 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 593 ވަނަ ދުވަހެވެ. އިއްޔައާއި މިއަދު ވަރަށް ވިއްސާރަވެހުނެވެ. މިއަދު ފެންތާނގީ ބެހެއްޓުމަށް ހެދިބުޑުގައި ފެންތާނގީ ބަހައްޓައި ފެންއަޅާ ފުރާލެވުނެވެ. އިރުވާހުދު ފެންވަރުވާ ހަދަނީ އަންނިއެވެ. މިސޮރުލާ ސީތައްސާފުކޮށް ހަދަނީ އެންމެންވެގެންނެވެ. އަބަދުވެސް މީރުފެން އިރުވާހުދު ބުއިމަށް އެއްޗަކަށް އަޅާފައި ހުރެއެވެ. މިމަސައްކަތް ކުރަނީ އަބަދުވެސް އަޅުގަނޑެވެ. މިހާރަކަށް އައިސް އިރުވާހުދު އެންމެއޮޅީ އަޅުގަނޑާއެވެ.

8 އޯގަސްޓަ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 594 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.

9 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 595 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ.

10 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 596 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.

11 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 597 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

12 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 598 ވަނަ ދުވަހެވެ. މިއަދު، ދޮންދައްތައާއި އިފާއި ފިދާއާއި ވިދާއާއި ޖެފްރީއާއި މަންމަ އަޅުގަނޑާއި ކޮއްކޮ އިބުރޭއާއި އަބްދުﷲ ހުސައިނާއެކު އެންމެން އެކުގައި ބައްދަލުވުމެއް ހަވީރުއޮތެވެ. މިބައްދަލުވުން އެންމެން އެކުގައި ބާއްވައިދިނީތީ ވަރަށްއުފާވިއެވެ. ދޮންދައްތަ މިމަހުގެ، 14 ވަނަ ދުވަހުފުރާތީއާއި އިފުވެސް މާލޭގައިހުރި ވަގުތަކަށްވާތީ ޑިފެންސްގައި ދަންނަވައިގެން ބައްދަލުވުމެއް ހެދީކަމަށް ދޮންދައްތަ ބުންޏެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ގެނެސްދިނެވެ. ގިނައިންހުރީ ކެއުމުގެ ސާމާނެވެ. އަބްދުﷲ ހުސައިނަށް އެއްބައިދީފައި ދެންހުރި ސާމާނުތައް ގެނައީ އަޅުގަނޑުމެންތިބޭ ބަޔަށެވެ. މިއަދުވީ ވަރަށް ހިތްހަމަޖެހުނު ދުވަހަކަށެވެ.

13 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 599 ވަނަ ދުވަހެވެ. މެންދުރުފަހުގެ ވަގުތެއްގައި މިބަޔަށް އިސްތަފާއާއި ގަސް އިބަރާހީމް މަނިކާއި ރައޫފާއި (އޭރު ޕްރިސަންސްގައި އުޅުއްވި) ޖަލުއޮފީސް ބަލަހައްޓާ ނަސީމް ވަޑައިގަތެވެ. އަޅުގަނޑުމެންނާ އިސްތަފާ އިބްރާހީމް މަނިކު ވަރަށްވާހަކަ ދެއްކެވިއެވެ. މިބައިންބޭރުގައި ޖަލުގައިތިބި ގައިދީން ހަޅުތާލުކޮށް ގަޑުބަޑުކޮށްގެން ތަހުގީގުކުރަން ޖެހިގެން އުޅޭވާހަކަ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ރަނގަޅުވާހަކައާއި މިތާތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭތީ އެބޭފުޅުން ވަރަށްއުފާކުރާ ކަމަށް ވިދާޅުވިއެވެ. މިބޭފުޅުން ވަޑައިގަތުމާއި އަޅުގަނޑުމެންގެ ހާލުބައްލަވާ ހެއްދެވުމާ ގުޅިގެން އަޅުގަނޑު ޕްރިސަންސް ޑިވިޒަނަށް ޝުކުރުގެ ސިޓީއެއް ލިޔުނީމެވެ. އަޅުގަނޑު މެންނަށް ދެއްވި އިނާޔަތްތައް ރަނގަޅުގޮތުގައި ބޭނުންކުރާނެކަމާއި ޖަލުގައި ތިބޭނީ ފުރިހަމަ ކިޔަމަންތެރި ކަމުގައިކަމަށް ލިޔުނީމެވެ. މިސިޓީ މިއަދު ހަވީރުގެ ވަގުތެއްގައި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިސިޓީތަކުގެ ކޮޕީތައް އަޅުގަނޑު އަތުގައި އެބަހުއްޓެވެ. އިރާދަ ކުރެއްވިއްޔާ ސްކޭންކޮށްފައި މިވާހަކަތަކާ އެންމެބޮޑަށް ގުޅޭސިޓީތައް އަޅުގަނޑުގެ ސައިޓުގައި އަޕްލޯޑް ކުރާނަމެވެ.

14 އޯގަސްޓް 192 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 600 ވަނަ ދުވަހެވެ. މިއީތާރީޚީ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 600 ދުވަސް ހަމަވީދުވަހެވެ. މިއަދަކީ ދޮންދައްތަމެން ވިދާއާއި ފިދާއާއިޖެފް ފުރާދުވަހެވެ. ސިލޯނުމަގުން މިމީހުންދަނީ ދުބައި އަށެވެ. އެތަނުން ވަހީދުބެއާއި ބައްދަލުކޮށް ދާންވީދިމާއަށް ނައްޓާލާގޮތަށެވެ. މިހާހިސާބުން އެމީހުން، ރާއްޖޭންބޭރަށް ފުރާނިމުނީއެވެ. ޑޮކްޓަރ ވަހީދު ބައިނަލް އަގްވާމީ މުޖްތަމައަށް ޚިދުމަތްކުރެއްވުމުގެ ވަޒީފާއަކަށް ބަދަލުވީއެވެ. ސަރުކާރު ބޭނުންވިގޮތަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކު ރާއްޖޭންބޭރުގައި ހަމަޖެހި ނިމުނީއެވެ. އެޒަމާނުގައި މިއީ، އެކަންކުރަން އޮތްއެންމެމޮޅު ގޮތެވެ. ސަރުކާރުގެ އަތްދަށުވެ ޖަލަށްވަދެ މީހާހަލާކުކޮށް ލުމަށްވުރެ އެފެންވަރުގެ މީހުން އަޅުއްވަން ޖެހޭފިޔަވަޅަކީ މިއީކަމުގައި އަޅުގަނޑުމެން ޖަލުގައިތިބި އެންމެންވެސް ގަބޫލުކުރަމެވެ. ބޭރުގައި ތިބެގެން އަޅުގަނޑުމެން މިނިވަންކުރުމަށާއި ދިވެހި ގައުމުގެ ފުރިހަމަ މިނިވަންކަމަށާއި މިރާއްޖޭގެ ކުރިމަގަށް އެބޭފުޅުން ބޭރުގައި ތިއްބަވައިގެން ކުރަންޖެހޭ ހުރިހާމަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ޖަލުގައިތިބި މީހުންނަށް ފުރިހަމައަށް އެބައޮތެވެ. ޖަލުގައި އަޅުގަނޑުމެން ހޭދަކުރިދިގު ދުވަސްތަކުގައި އެކަމުގެ ހެކިތައްރީތިކޮށް ފެނިގެން ދިޔައެވެ. ބޭރުދުނިޔޭގެ އެކިހިސާބުގައި އަޅުގަނޑުމެންގެ ހަނދާންތައް ތާޒާކޮށް އާލާކުރިކަމުގެ ހެކިތައް އަޅުގަނޑު މެންނަށް ލިބެމުން ދިޔައެވެ. ހެޔޮއެދުންތަކުގެ ކާޑުތައް ޖަލަށް އޮހެމުން ދިޔައެވެ. ޖަލުގައި ތިބެގެން ކިޔާނެފޮތްތައް ބޭރުދުނިޔޭގެ އެކިޖަމާއަތްތަކުން ޕޯސްޓްމެދުވެރިކޮށް ޖަލަށް ފޮނުވަމުން ގެންދިޔައެވެ. ފަހަކަށް އައިސް މިފަދަތަކެތި ނައްތާނުލާ ސީދާޖަލަށް އަޅުގަނޑުމެންގެ އަތަށް ރައްދުކޮށް ދިނުމަށް ޑިފެންސަށް މަޖްބޫރުވިއެވެ.

15 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 601 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭއާއި ކަރޯރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މަޖާދުވަހެކެވެ.

16 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 602 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އެހެނަސް، ޖަލުއޮފީސް ބަލަހައްޓަން ހުންނަވާ ނަސީމް މިއަދުހަވީރު ވަގުތެއްގައި މިބަޔަށް ވަޑައިގެން ތޭރަވައެއް އަޅުގަނޑަށް ގެނެސްދީފައި މީތިމިތާގައި ގެންޅެން ވިދާޅުވިއެވެ. އަދި މިއީ އެމީހުންހިފި އެއްޗެއްކަމަށް ވިދާޅުވިއެވެ. އިރުވާހުދެއް އޮޅުކޮށްގެން ޖަލުގައި ގެންގުޅޭތީ މިއީއޭނާ ކުރެއްވިކަމަކަށް ވެދާނެއެވެ. އިރުވާހުދަކީ އަންނި ގެންގުޅުއްވާ، މިހާރުވަރަށް އޮޅުވެފައިވާ އިރުވާހުދެކެވެ.

17 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 603 ވަނަ ދުވަހެވެ. މިއަދު ރަޣީބުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަވީރު ކުޅެންށާއި މޫދަށް ނެރުނެވެ. އަދި ކެނެރީގޭ ޒުހޭރާ، އަންނިއާބައްދަލު ކުރެއްވިއެވެ. މާލޭގެ ޚަބަރުތައް ސާފުވެއޮޅުން ފިލިއެވެ.

18 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 604 ވަނަ ދުވަހެވެ. މިއަދު ކާދޫއިބުރޭއާއި ހަންނާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

19 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 605 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ރޭޑިޔޯއިން ލިބުނު ޚަބަރެއްގައި ބުނެފައިވަނީ މިއަދު، އަންހެނުންކުރިޔަށް މިނަމުގައި ސެމިނާއެއް ރައީސް މައުމޫނު ހުޅުއްވައި ދެއްވިކަމަށެވެ.

20 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 606 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ކުޑަކޮށް ވިއްސާރަ ވެހުނު ދުވަހެކެވެ.

21 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 607 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

22 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 608 ވަނަ ދުވަހެވެ. ކޮއްކޮ އިބުރޭއާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

23 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 609 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ރައީސް މައުމޫނަށް ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުންއެދި ހަވާލުކުރީމެވެ. ހަންދުއާއިބިގޭ އަދިވެސް ދޫނިދޫޖަލުގައި ތިބޭތީ ގާމާދޫ ޖަލުގެ މިބަޔަށް އެދެކުދިން ބަދަލުކޮށް ދެއްވުންއެދި އެކަންތައް އެގޮތަށް ހަމަޖައްސައި ދެއްވާތޯއެވެ. މިއަދު ސައްޕެ މާލެއަށް ގެންދިޔައެވެ. އިސްތަފާއާ ބައްދަލު ކުރާށެވެ. މިބައިންބޭރުގައި ޖަލުގައިހުރި އަބްދުއްﷲ ސަލީމް މިއަދުމާލެ ގެންދިޔަޚަބަރު ލިބުނެވެ. ހޮސްޕިޓަލަށެވެ.

24 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 610 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތްދުވަހެކެވެ.

25 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 611 ވަނަ ދުވަހެވެ. ކޮއްކޮއިބުރޭއާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

26 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 612 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭ އަނެއްކާވެސް މާލެއަށް ހޮސްޕިޓަލަށް ގެންގޮސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ޓޮންސިލް އޮޕަރޭޝަން ކުރަންޖެހިގެންނެވެ. މިއަދު ކޯޓުނަންބަރު، 6 ގައި ހަންދުއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް އަދި އަބްދުއްﷲ ސަލީމަށް، 15 އަހަރުދުވަސް ޖަލަށްލުމަށް އަދި ބިގޭއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް ކިޔޮޅު. 13 އަހަރު ދުވަސް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ. އަދި ހަންދު ދޮގުހެދިކަމަށް ސާބިތުކޮށް އެއްއަހަރު އިތުރުކޮށް މުޅިއެކު ހަންދުއަށް، 16 އަހަރުދުވަހަށް ޖަލަށްލުމަށް ނިޔާކަނޑައަޅާއި ހުކުމްއިއްވިއެވެ. މިހުކުމް އިއްވެވީ ކޮއިމަލާ ލޯންޗުގެ މައްސަލަ ވަކިމައްސަލައެއްގެ ގޮތުގައި މިމއްސަލައިގެ ތެރެއިން ބޭރުކުރުމަށް ފަހުގައެވެ. މިލޯންޗުގެ އަގުހޯދުމުގެ މައްސަލަ ވަކިމައްސަލަ އެއްގެގޮތުގައި ފަހަށްދޫކޮށް ލެއްވީއެވެ. މިއަދާހަމައިން މިމައްސަލައިގެ ހުކުމްތައް އިއްވާނިމުނީއެވެ. ބޮޑެތިހުކުމްތައް ނިމުނީއެވެ.

27 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 613 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހެނދުނު 9:00 ން 11:00 އަށް ކޮއްކޮއިބުރޭގެ ޓޮންސިލް އޮޕަރޭޝަން ކޮށްނިންމައިފި ޚަބަރުލިބުނެވެ. އެހެނަސް އަދިވެސްއޮތީ ހޮސްޕިޓަލުގައެވެ.

28 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 614 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހަމަތިބީއެވެ.

29 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 615 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެއްކަން ރޭޑިޔޯއިން އެނގުނެވެ. ރަބީއުލްއައްވަލް އެކެއް، 1412 ހިޖްރީއަށް ވާތީއެވެ. ރާއްޖޭގެ ނެޝަނަލްޑޭއެވެ. ރާއްޖޭގެ ގައުމީގުވަހަށް ވާތީއެވެ.

30 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 616 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

31 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 617 ވަނަ ދުވަހެވެ. މިއަދު އިބުރޭގެ އޮޕަރޭޝަން ނިމިގެން ޖަލަށް މިބަޔަށް ގެނައެވެ. އިބުރޭގެ ހާލުމުޅިން ރަނގަޅެވެ. ހަވީރުކުޅޭށާއި މޫދަށް ނެރުނެވެ.

1 ސެޕްޓެމްބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 618 ވަނަ ދުވަހެވެ. މިއަދު ގެއަށްސިޓީއެއް ލިޔެޖަލުއޮފީހާ ގެއަށްފޮނުވައި ދިނުމަށްއެދި އެސިޓީ ހަވާލުކުރީމެވެ. މިއަދަކީ ލީބިޔާގެ އިންގިލާބީ ދުވަހަށްވާތީ ބީބީސީން މިވާހަކަތައް އަޑުއަހާލީމެވެ.

2 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 619 ވަނަ ދުވަހެވެ. ކުޅެންށާއިނޫދަށް ނެރުނެވެ. މިއަދު ހަންދުއާއިބިގޭއަށް ހުކުމްއިއްވާ ނިމިފައިވާތީ ގާމާދޫޖަލަށް ބަދަލުކުރިއެވެ. ގެނެސްވެއްދީ އަބްދުﷲ ސަލީމާއި އަބްދުﷲ ހުސައިން މެންތިބޭ ބަޔަށެވެ. ބޮޑެތިގޮޅިތަކުން ގޮޅިއަކަށެވެ. މިގޮޅީގައިތިބެނީ އެންމެން އެކުގައެވެ. މިގޮޅީގައި މިމީހުންގެ އިތުރުން އަޒްމީލާއި މުސްތަފާވެސް ބަންދުކޮށްފައި ހުރިކަމަށް ޚަބަރު ލިބުނެވެ. މިއެންމެންތިބެނީ އެކުގައި އެއްގޮޅިއެއްގައެވެ.

3 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 620 ވަނަ ދުވަހެވެ. އިއްޔެ ހަންދުއާއިބިގޭ ގާމާދޫޖަލަށް ގެނައިއިރު ކިޔޮޅު އިބްރާހީމް ނަސީމުވެސް ގެނައިޚަބަރު މިއަދު ލިބުނެވެ. ކިޔޮޅުލާފައިހުރީ އެހެން ބޮޑުގޮޅިއަކަށެވެ. ކިޔޮޅާއެކު މިގޮޅީގައިހުރީ، މ.ކުރެނގި މާލެ، އަބްދުލް މުޢީދެވެ. ދެންތިބެނީ އެހެންކުށްތަކުގެ މީހުންނެވެ. މިއަދު ވިސާމަށާއި ނާސިރަށް، 10 އަހަރު ދުވަހަށްޖަލަށް ލުމަށްހުކުމް އިއްވި ޚަބަރުވެސް ލިބުނެވެ. މިއީ މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ.

4 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 621 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

5 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 622 ވަނަ ދުވަހެވެ. މިއަދު އިސްތަފާއަށް ހަންދުއާއިބިގޭ މިބަޔަށް ބަދަލުކޮށް ދެއްވުންއެދި ސިޓީއެއް ލިޔުނީމެވެ. ކޮއްކޮއިބުރޭ ހޮސްޕިޓަލަށް މާލެއަށް ގެންދިޔުމަށް ތައްޔާރުވާން އެންގުމަށްފަހު، ކެންސަލް ވެއްޖެކަން އެންގިއެވެ. ވީގޮތެއް ނާންގައެވެ.

6 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 623 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިނޫދަށް ނެރުނެވެ.

7 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 624 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

8 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 625 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. އަބްދުއްރައްޒާގު އޭނާގެ އަންހެނުންނާ މިއަދުބައްދަލު ކުރިއެވެ. މިއަދު ޖަލުތެރެއިން ދިމާވިބޭފުޅެއް ކަމުގައިވާ، ބޮލުގައި ނިއްކުރިއާދިމާލުން މެދުގައި ހުދުއިސްތަށިކޮޅެއް ހުންނަ ތާހާގާތުގައި ސިސިލްފަރު ނައްޓުއަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. މީނާއާ އަޅުގަނޑައި މީގެކުރިން ދިމާވެފައިވަނީ ސިސިލްފަރުންނެވެ. ނައްޓުގެ ރައްޓެހިކަމުގައި އަޅުގަނޑަކީ ވަރަށްގިނައިން ސިސިލްފަރަށް ގޮސްއުޅުނު މީހެކެވެ. އެގޭގެ އެންމެންނާވެސް ވަރަށް ރައްޓެހިވާނެއެވެ.

9 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 626 ވަނަ ދުވަހެވެ. މިއަދަކީ، ރަބީއުލްއައްވަލް މަހުގެ، 12 ވަނަ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ކީރިތިރަސޫލާ ދުނިޔެވަޑައިގެންނެވި ދުވަހުގެ މުނާސަބަތުގައި ރަސްމީބަންދުވީއެވެ. އިސްލާމީ ގައުމުތަކުގައި މިދުވަހަކީ ސަރުކާރުތައް ރަސްމީކޮށް ބަންދުކުރާ ދުވަހެކެވެ. މިއަދުހަންނާނަށާއި ސައްޕެއަށް އެމީހުންގެ ގެއިންކާނާފޮނުވިއެވެ. ޖަލުތެރޭގައި މިއަދުކެއުން ވަރަށްތިޔާގި ދުވަހެކެވެ. ޖަލުކާނާވެސްހުރީ ތަފާތުކޮށް ރަނގަޅުކޮށްލާފައެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ވެސްބޮޑުދުވަހެކެވެ. ސިފައިންގެ އެންމެމަތީވެރިއެއް ކަމުގައިވާ އާދަމްޒާހިރު ފުރަތަމަފަހަރަށް ޖަލުގެމިބަޔަށް ޒިޔާރަތް ކުރެއްވިދުވަހެވެ. އަޅުގަނޑާއި ކޮއްކޮއިބުރޭއާއި ހަންނާނާއި މުއާޒާއި ރަޣީބާއި ރިޝްވާނާއި މުހަންމަދު އަބްދުއްރައްޒާގާއި ސައްޕެއާއި އާދިލާއެކު ވަކިވަކިން ވާހަކަދައްކަވައި ހެއްދެވިއެވެ. ބައެއްގައިދީންނާ، ގެއަށް ބަދަލުވުންކަހަލަ ލުޔެއްލިބިއްޖެނަމަ ހަދާނެގޮތަކާއި އުޅޭނެގޮތަކާމެދު ސުވާލުކުރެއްވިއެވެ. އަދި މިހެންދިމާވެއްޖެނަމަ ވިސްނުންގެންގުޅޭނެ ގޮތަކީކޮބައިތޯ ވެސް އައްސަވާ ހެއްދެވިއެވެ. ގިނައިން ކުރެއްވީ މިޒާތުގެ ސުވާލުތަކެކެވެ. މިބައިގެ ބޭރުން ޖަލުގައިތިއްބެވި އެހެންގައިދީންނާ ވެސް ބައްދަލުކުރެއްވި ޚަބަރުފަހުން ލިބުނެވެ. އަޅުގަނޑުގެ ވިސްނުމަށް ލާފާކޮށްގެނެވުނީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގެއަށްބަދަލުކުރަން ވިސްނަވަނީ ކަމަށެވެ. އަލިފާނުގެ މައްސަލާގައި ގާމާދޫޖަލުގެ ބަންދުގައިހުރި އަޒީ އަމިއްލައަށް ބައްދަލުވާން އެދުމުން ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށް ޚަބަރުލިބުނެވެ. އެހެނަސް އެބޭފުޅުންބަލާ ލޯންޗުއައުމުން އަޒީއާބައްދަލު ކުރެއްވުމުގެ ކުރިންފުރުއްވަން ޖެހިގެން ފުރާވަޑައިގެންނެވީ، އަޒީއާ ބައްދަލުނުކުރައްވާ ކަމަށް ޚަބަރުލިބިފައި ވެއެވެ. މިއަޒީއަކީ އަލިފާނުގެ ހާދިސާއާ ބިންބިފޯހާގުޅުވާ އެވާހަކަތައް އެންމެކުރިން ހާމަކުރިގައިދީއެވެ. އެކަންވެގެން ދިޔައީބޮޑު ކަންތައްގަނޑަކަށެވެ.

10 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 627 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ސައްޕެއާއި ނާސިރު އެމީހުންގެ ގޭގެމީހުންނާ ބައްދަލުކުރުން މިއަދުއޮތެވެ.

11 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 628 ވަނަ ދުވަހެވެ. ކުވޭތު ރަސްގެފާނު މާލެވަޑައިގެންނެވި ޚަބަރުރޭޑިޔޯ އިންލިބުނެވެ. ފުރާވަޑައިގަންނަވަނީ މާދަމާ، 10:30 ގައި ކަމަށް ރޭޑިޔޯޚަބަރުގައި ބުންޏެވެ. ސިފައިންގެ ބޭފުޅުންގެ ފަރާތުން ޚަބަރުލިބުނު ގޮތުގައި ކުވޭތުރަސްގެފާނު ހުޅުލޭގައި ނުވަތަ ހުންނެވި ރިޒޯޓުގައި ހުންނަވާފައި ލޯންޗަށް އަރާވަޑައި ގެންނެވުމެއްގައި ފާލަމާއި ލޯންޗާ ދޭތެރެއަށް ވެއްޓިވަޑައި ގަތެވެ. މިކަން ވެގެންދިޔައީ ސީރިއަސް ކަމެއްގެ ގޮތުގައެވެ.

12 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 629 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު އަންނި އޭނާގެ ބައްޕައާ ބައްދަލު ކުރެއްވިއެވެ. މާލޭގެ މުހިންމު ޚަބަރުތައް ލިބުނެވެ. އަދި އަޅުގަނޑަށް ސަލާމް ބުނުއްވި ކަމަށް އަންނި ބުނެދިނެވެ. ސައްޕެ މިއަދު މާލެއަށް ގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ.

13 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުަވަސް، ޖަލުގައި ހުންނަތާ، 630 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.

14 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 631 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

15 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 632 ވަނަ ދުވަހެވެ. މިއަދު މަންމައާއި އަންދިއާއި އާތުއާއި ނީޝާން، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލުކުރިއެވެ. ހަންދުއާއި ބިގޭއާއި އެމީހުން ބައްދަލުކުރީ ވަކިންނެވެ. އަޅުގަނޑުމެން ދެމީހުންނަށް ވަރަށް ގިނައިން ކެއުމުގެސާމާނި ގެނެސްދިނެވެ. އަދި ހަންދުމެންނަށް އެއިންބައެއް ބެހެއްޓީއެވެ. ކުރިން ބައްދަލުކުރީ އަޅުގަނޑުމެން ދެމީހުންނާއެވެ. އެހެންވެ އެދެމީހުންގެ ޚަބަރުތައް އަޅުގަނޑުމެންނަށް ލިބޭގޮތްނުވީއެވެ. އެހެނަސް އެދެމީހުންނަށް އަޅުގަނޑުމެން ދެމީހުންގެ ޚަބަރުތައް މަންމަމެން ދޭނެކަން ކަށަވަރެވެ.

16 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 633 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

17 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 634 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

18 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 635 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މަޖާދުވަހެކެވެ. ގިނަވަގުތު ހޭދަވެގެން ދިޔައީ މޫދުގައެވެ.

19 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 636 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.

20 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 637 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. ހަންނާނާއި ރިޝްވާނު މާލެ ގެންދިޔައެވެ. މިއަދު އަންނިގެ މަންމަ، އަންނިއާ ބައްދަލުކުރިއެވެ. އަޅުގަނޑުމެން އެންމެންނަށް ސަލާމް ބުންޏެވެ. އަދި ހަންނާނާއި ރިޝްވާނާ ދެމީހުން މާލެއަށް ގޭގެބަންދަށް މިއަދު ބަދަލުކުރިއެވެ. މިދެމީހުން ގެންދިޔައީ ގެންގުޅުނު ސާމާނާ ނުލައެވެ. ޖަލުއޮފީހުގައިއުޅޭ ރަޣީބުކިޔާ މީހަކާއި މުނީރުކިޔާ މީހަކު އިޝާނަމާދަށް ފަހު، މިބަޔަށްއައިސް މިދެމީހުންގެ ސާމާނުތައް މާދަމާހެނދުނު ގެންދާގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމަށް އެންގިއެވެ. މިރޭ އިސްތަފާއާއި ބޮޑުޖަމާއަތެއް ޖަލުތެރޭއަށް ވެންނެވިއެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ. މިއީ ނައުޝާދަށް ފަހު، އަޅުގަނޑުމެންގެ ތެރެއިންބަޔަކު ގޭބަންދަށް ބަދަކުރިފަހަރެވެ.

21 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 638 ވަނަ ދުވަހެވެ. ހެދުނު ޖަލުއޮފީހުން ބަޔަކުއައިސް ހަންނާނާއި ރިޝްވާނުގެ ފޮއްޓާއި ސާމާނުތައް މާލެގެންދިއުމަށްޓަކާ މިބައިންނެރެގެން ގެންދިޔައެވެ.

22 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 639 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށްނެރުނެވެ. މިއަދު ސައްޕެ މާލެގެންދިޔައެވެ. ހީވަނީގޭބަންދަށް ބަދަލުކުރީ ހެންނެވެ. މިހެންމިނިންމީ ސައްޕެ ނެރުމާއެކު ހަންދުގެނެސް ސައްޕެ ހުރިކޮޓަރިއަށް ވެއްދީމައެވެ. އަދި ރިޝްވާނުއޮތްތަނަށް އަންނިކޮޓަރިއަށް ބިގޭގެނެސް ވެއްދީމައެވެ. މިދެމީހުން މިބަޔަށް ގެނެސްވެއްދީ މެންދުރުކެއުމުގެ ކުރިންނެވެ. ސައްޕެފޮށި ތަންމަތިހުރީ ތައްޔާރުކޮށް ނާސިރުގެ ބެލުމުގެ ދަށުގައެވެ. އެހެނަސް ކަންދިމާވިގޮތަކީ ހަވީރުދޯނިން ސައްޕެ އަނބުރާ ޖަލަށް ގެނައީއެވެ. ދެން ޖެހުނީ ސައްޕެއޮތް ކޮޓަރިން ހަންދުނެރެ ހަންނާނު ގެންދިއުމުން ހުސްވި ކޮޓަރިއަށް، ހަންދު ބަދަލުކުރާށެވެ. ހަންދު ސައްޕެކޮޓަރިން ހަންނާނު ނުކުތުމުން ހުސްވިކޮޓަރިއަށް ޖަލުއޮފީހުން ބަޔަކުއައިސް ބަދަލުކޮށް ނިންމައިފިއެވެ. ހަންދުއާއި ބިގޭއަށް މިބަޔަށް އާދެވުނީމާ އަޅުގަނޑުމެން ވަރަށް އުފާވިއެވެ. އަދި މިއަދަކީ އަޅުގަނޑުމެން އެއްބަޑުއެއްބަފާ ހަތަރުމީހުން ޖަލުގައި އެއްތަންވީ ދުވަހެވެ. މިކަމަށް އަޅުގަނޑު އެދިގެންއުޅޭތާ މިހާރުދުވަސް ތަކެއްވެއްޖެއެވެ. އިސްތަފާވަނީ މިކަންކޮށްދޭނަމޭ ކުރިންވިދާޅުވެފައެވެ. ހަންދު މިހަމަޖެހުނީ، 9 ނަންބަރު ކޮޓަރިއަށެވެ. ބިގޭ، 7 ނަންބަރު ކޮޓަރިއަށެވެ. ބިގޭވެއްދީ އަންނި ކައިރިއަށެވެ. ބިގޭ އަންނިކާރިޔަށް އެކޮޓަރިއަށް ވެއްދުމުން އަންނި ވަރަށް އުފާކުރިއެވެ. މިރޭވެގެން ދިޔައީ ވަރަށްމަޖާ ރެއަކަށެވެ. ވަރަށް ގިނައިރު ވާހަކަދައްކަން ހޭލާތިބީމެވެ. އަދި މިއަދުގެއިން ނޫސްބޮނޑިއެއް ވެސް ލިބުނެވެ. އަޅުގަނޑު، އިބުރޭ، ހަންދު، އަދި ބިގޭ އެއްތަނަށް ޖަމާވީއެވެ.

23 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 640 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނަށް، މައާފަށްއެދި ހަންދުސިޓީއެއް ލިޔެޖަލުއޮފިހާ ރައްދުކޮށްދިނުމަށް އެދިހަވާލުކުރިއެވެ. މިއަދުވެސްވީ އުފާވެރި ދުވަހަކަށެވެ. ހަވީރު ވަގުތެއްގައި ކޮއްކޮ އިބުރޭއާއި މުހަންމަދު އަބްދުއްރައްޒާގާއި ރަޣީބުއަލީއާއި ކެޕްޓަން މުއާޒު، މިހަތަރުމީހުން ސާމާއެކު ނެރެގެން މާލެގެންދިޔައެވެ. ގޭގެބަންދަށް ބަދަލުކުރީއެވެ. މިބައިން ނެރުނީ ފަހެއްޖަހާ އެހާކަންހާއިރުއެވެ. މިރޭއެމީހުންނިދާނީ ގޭގައެވެ. ޖަވާހިރުވާދީއަށް އަނެއްކާވެސް އެކަކު ގެންދިޔައީއެވެ. އަލީރަޝީދަށާއި އިބްރާހީމް ރަޝީދަށް ގެއަށް ދެވުނީއެވެ. މިހާރު ޖަލުގައި މިތިބީ އަޅުގަނޑާއި ހަންދުއާއި ބިގޭއާ ތިންމީހުންވެ. އަދި މިއަދު ބޭރުންވެސް ބަޔަކު މާލެއަށް ގެންދިޔަ ޚަބަރު ލިބުނެވެ. އެކަމާ މަންމަމެން އުފާކުރާނެއެވެ. ބޭރުންގެންދިޔައީ އަބްދުލްމުޢީދާއި ޒަހީނާއި ހީރޯއެވެ. ހީރޯއަކީ އަލިފާނުގެ މީހެކެވެ. ޒަހީނަކީ އާދަންޒާހިރު ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގެ މީހެކެވެ. މިއަދާހަމައަށް ބޭރުންނާއި މިބައިން ޖުމްލަ، 14 މީހުންމާލެއަށް ގެންދެވުނީއެވެ. ފުރަތަމަ ފަހަރު ބޭރުން، ތިންމީހުންނެވެ. އަދި ދެވަނަ ފަހަރު އެތެރެއިން ތިންމީހުންނެވެ. ތިންވަނަ ފަހަރު އެތެރެއިން ހަތަރުމީހުންނެވެ. ބޭރުން ވެސް ހަތަރުމީހުންނެވެ. ޖުމްލަ، 14 މީހުންހަމަވަނީ މިގޮތަށެވެ.

24 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 641 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

25 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 642 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

26 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 643 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

27 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 644 ވަނަ ދުވަހެވެ. ސައްޕެ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.

28 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 645 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. ވިސާމް (ޖަނާބު) ނާސިރު، އާދިލް، އަދި އިބުރޭ (ކާދޫ) މާލެއަށް ކޯޓުނަންބަރ، 6 އަށް ގެންދިޔައެވެ. މިއީ މުޅިންވެސް މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ. މީމީހުންގެ މައްޗަށް ކާރަކަށް ޕޭންޓްރިމޫވަރ ޖަހައިގެން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމް، މިއަދު އަލުން ކޯޓުންނިންމެވީ، އެއްއަހަރު ދުވަހަށް ޖަލަށްލުމަށެވެ. އަދި މިއަދުގެ ހުކުމުގައި ކުރިން، 10 އަހަރަށް އިއްވިފައިވަނީ އޮޅުމަކުންކަމަށް ގާޒީވިދާޅުވެ، އެއްއަހަރަށް އެހުކުމް ބަދަލުކުރައްވައި އެމީހުންގެ މައްޗަށް އަލުންއާހުކުމެއް އިއްވީއެވެ. މިގޮތަށް ހުކުމް އިއްވުމަށްފަހު، ހުކުމް މިބަދަލުކުރަނީ ކީއްވެގެންކަމެއް ސާފެއްނުވެއެވެ. މިކަންތައް ކުރަމުން މިގެންދަނީ ކުޅިވަރެއް ކުޅޭހެންނެވެ. ވަކިބަޔަކު ތާށިކުރަން އާގާނޫނެއް ހަދާއި ރައީސް އޮފީހުން އަންގާގޮތަށް ޝަރީޢަތް ކުރާހާ ހިނދަކު މިފަދަ، ހެއްވާކަންތައް ފެންނަމުން ދާނެކަން ކަށަވަރެވެ. މިއީ އަދުލްއިންސާފުތޯ ސުވާލުއުފެދެއެވެ. މިކަންކުރެއްވި ގާޒީއަކީ، އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދެވެ. މިހެންހަދަން ޖެހުނީ އޮޅިގެންކަމަށް އެކުދިންނަށް ކޯޓުންޖަވާބުދިން ކަމަށް އެކުދިންބުނެދިނެވެ.

29 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 646 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

30 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 647 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދުކުރި މަސައްކަތަކީ، 3 ސިޓީލިޔެ ޖަލުއޮފީހާ ހަވާލުކުރުމެވެ. އެއްސިޓީ ލިޔުނީ، އިސްތަފާއަށެވެ. ގޭގެމީހުން އަޅުގަނޑާ ބައްދަލުކުރުމަށް ޖަލަށް އަންނަދުވަހެއްގައި އެންމެން އެކުގައި ގްރޫޕްފޮޓޯއެއް ހަނދާނަށްޓަކައި ބޭއްވުމުގެ ބޭނުމުގައި ނެގުމުގެ ހުއްދަދެއްވާ ތޯއެވެ. މިސިޓީގައި އިތުރުލުޔެއްގެ ގޮތުގައި ގެއަށްބަދަލުކޮށް ދެއްވުމަށްވެސް އެދުނީމެވެ. ދެވަނަ ސިޓީލިޔުނީ، ހަންދުއާއިބިގޭ ޖަލުގެ މިބަޔަށް ބަދަލުކޮށް ދެއްވީތީއާއި އަޅުގަނޑު މެންނަށް ދެއްވަމުން ގެންދަވާލުއި ތައްދެއްވަމުން ގެންދަވާތީ އެކަންކަމަށް ޝުކުރުއަދާކޮށެވެ. ތިންވަނަ ސިޓީލިޔުނީ ގެއަށް މަންމައަށެވެ. މިތިންސިޓީގައި ވެސް ޖެހީމާދަމާގެ ތާރީޚެވެ. އެހެންހެދީ އަލަށްމަހެއް ފެށޭތީއެދުވަހުގެ ތާރީޚުޖެހުމުގެ ގޮތުންނެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓުނަންބަރ، 6 ގެވަރަށް ގިނަބޭކަލުން ޖަލުތެރެއަށް ޒިޔާރަތްކޮށްގެން އުޅުއްވަނިކޮށް ފެނުނެވެ. މީގެތެރޭގައި ގާޒީއަބްދުލްޣަފޫރުން ފެށިގެން، އެކޯޓުގެހުރިހާ ފަންތިއެއްގެ މުވައްޒަފުން ތިއްބެވިތަން ފެނުނެވެ. ހީވަނީ، 3 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާގައި ބައިވެރިވި ބިދޭސީ ޓެރަރިސްޓުންގެ ހުކުމަށް ގޮތެއްހައްދަވާ ލައްވަން އުޅުއްވަނީ ހެންނެވެ. ނުވަތަ އެހެންކަމަކަށް ވެސް ވެދާނެއެވެ. ތަމަޅަ ކުލީސިފައިން އެދުވަހުގާމާދޫން ފެނިފައިވެއެވެ. މިވެރިންމާލެ ނުގެންދަންވެގެން މުޅިކޯޓުއެކުގައި ޖަލަށް ގެނެސް ކަމެއްކޮށްލެއްވީ ކަމުގައި ވެދާނެއެވެ. މިކަހަލަ ގިނަކަންތައް ފެންނަމިންވަރަކުން ޔައުމިއްޔާ ކުރަންޖެހެނީ އަޅުގަނޑުގެ ހިތަށްލަފާކުރެވޭ ގޮތަށެވެ. ހަގީގަތް ބުނެދޭކަށް ނޭގޭނެއެވެ. ޖަލުގައި ތިބޭއިރު މައުލޫމާތު ލިބެނީ ތުންތުން މަތިންނެވެ.

1 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައު ހުންނަތާ، 648 ވަނަ ދުވަހެވެ. ގެއަށް ލިޔުނުސިޓީއާއި އިސްތަފާގެ ސިޓީއާއި ރައީސް މައުމޫނަށް ލިޔުނު ސިޓީއާ، މިތިންސިޓީގައި މިއަދުގެތާރީޚު ޖެހުމަށްފަހު އިއްޔެހަވީރުގެ ވަގުތެއްގައިވާނީ، ޖަލުއޮފީހާ ހަވާލުކޮށް ނިންމާފައެވެ.

2 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 649 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މަޖާދުވަހެކެވެ.

3 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 650 ވަނަ ދުވަހެވެ. މިއަދު ހަންދުލައްވާ ޖަލުއޮފީހުން އެއްބަސްވުމެއްގައި ސޮއިކުރުވިއެވެ. ޖަލުގެބަންދުގައި ހުންނަހުރުމުގައި އެކަހެރިކޮށް އަންހެނުންނާ ބައްދަލުކުރުމުގެ ހަމަތަކާއި މިންގަނޑުތަކުގެ އެއްބަސް ވުމެކެވެ. އެކަންހިނގާނެ ގޮތާއި އެކަންހިންގުމަށް ލިބޭސައުވީސް ގަޑިއިރުތެރޭގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކުގެ އެއްބަސް ވުމެކެވެ.

4 އޮކްޓޯބަރ 1992 ވިއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 651 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

5 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ،  652 ވަނަ ދުވަހެވެ. މިއަދު މެންދުރު، 12 ޖެހުމުން ހަންދުބަލާ ޖަލުއޮފީހުން އައެވެ. ހަންދުއަންހެނުން، އާތު ޖަލަށް އައުމާގުޅިގެން އެދެމީހުންގެ އެކަހެރި ބައްދަލުވުން ފެށުމަށްޓަކާ އެކަމަށް ހަމަޖެހިފައިވާ ކޮޓަރިއަށް ގެންދިއުމަށެވެ. މިކޮޓަރިހުންނަނީ، ޖަލުތެރޭގެ ސަރަހައްދެއްގައި ޖަލުއޮފީހާކައިރި ހިސާބެއްގައެވެ. ކޮޓަރިހަދާފައި ހުންނަނީ، އެޓޭޗް ޓޮއިލެޓެއް ލާފައެވެ. ފެންޑާއަކާއެކު ހުންނަކުޑަ ކޮޓަރިއެކެވެ. މިއެއްބަސްވުން ބުނާގޮތުން މިކޮޓަރީގައި ދެމަފިރިންނަށް، 24 ގަޑިއިރުވަންދެން ދިރިއުޅުމުގެ ހުއްދަދެވޭނެއެވެ. ކެއުމާއި ހުރިހާކަމެއް ބަލަހައްޓާނީ ޖަލުއޮފީހުންނެވެ. އެތަނަށްގެންލުންދީ ފިލާހެދުންކަހަލަ ކަމެއް ކުރަންއުޅެފިނަމަ އެކަމުގެ ޒިންމާއުފުލަން ޖެހޭނީ، ގައިދީއަމިއްލައަށެވެ. ޒިންމާވާންޖެހެއެވެ. އެކަހެރިބައްދަލުވުން ދެމިގެންދާނީ، 24 ގަޑިއިރަށެވެ.

6 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 653 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އަދި ހަވީރުގެ ވަގުތެއްގައި ހަންދުއާއި އާތުގެ އެކަހެރި ބައްދަލުވުން ނިމިގެން، ހަންދު އަނބުރާ މިބަޔަށް ގެނައެވެ. މާލޭގެޚަބަރުތަކާއި ގޭގެޚަބަރުތައް މުޅިންރަނގަޅު ކަމަށް ހަންދުކިޔައި ދިނެވެ. ވަރަށް މިނިވަންކޮށް ކޮޓަރީގެ ފެންޑާއަށް ނުކުމެގޮނޑީގައި ތިބެވޭކަމަށް ހަންދުބުންޏެވެ. އަނބިންގެ ކަންތައް މިގޮތަށް ހަމަޖައްސައި ދޭއިރުވެސް ގިނަގައިދީންގެ އަނބިންނަކީ މިނިވަންވެ، ދޫކޮށްލާއިރު އަނބިންގެ ގޮތުގައި ތިބެވޭބަޔަކަށް ނުވެއެވެ. އޮންނަނީ ކޮންމެވެސް ގޮތެއްވެގެން ގޯސްވެވަރިވާ ހިސާބަށް ގޮސްފައެވެ. ޖަލަށްލާ ގައިދީންގެ އަނބިންގެ ގާތަށްސިފައިން ޖެއްސުމަކީ އޭރުގެ ސަގާފަތެކެވެ. ފުރަތަމަ ޒިޔާތަރްކުރަނީ ފިރިމީހާގެ އުފާވެރި ޚަބަރަކައި ގެންނެވެ. ދެން އޭގެފަހުން ސަގާފީގުޅުން ބަދަހިވަނީއެވެ. މިއަދު އިރުއޮއްސެން ކާރިވެފައި ވަނިކޮށް އިސްތަފާއާ ބައްދަލުކުރުމަށް އަޅުގަނޑު ނެރުނެވެ. ވަރަށް ގިނައިރު އިސްތަފާއާއެކު ވާހަކަދައްކަން ތިބީމެވެ. ޖަލުގެ ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ. ކަންތައްތައް އިތުރަށް ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ބޭނުންކުރުމަށް ވޯލްޑްބޭންޑް ރޭޑިޔޯއެއް ގެއިން ގެނެވޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު އެދުނުކަންތަކުން މިހާތަނަށް ނުވެއޮތީ މިކަންތައް އެކަންޏެވެ. މިކަމުގައި ފަރުވާކުޑަ ކުރެވެނީ އަބަދުވެސް އަޅުގަނޑު އަތުގައި ކިތެންމެކުޑަނަމަ ވެސް ރޭޑިޔޯއެއް އޮންނާތީއެވެ. އަދި އަޅުގަނޑު ލިޔާސިޓީތައް ބައްލަވާކަމާއި އެސިޓީތަކުގެ އިބާރާތްތައް ވަރަށް ރަނގަޅުކަމާއި ބައެއްސިޓީގައި ހުންނަވާހަކަތަކުން އިސްތަފާއަށް ވެސް ބައެއްކަހަލަ ފައިދާތައްވެ އަގުހުރި މައުލޫމާތު ލިބޭކަމަށް ވިދާޅުވިއެވެ. އަދި އާންމުމައުލޫމާތު އިތުރުވެގެން ދާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންނާދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވިއެވެ. ނިންމާލަމުން އިލްޔާސްގެ ސޫރައާއިސިފަ މާލޭގައި ގެންގުޅުއްވާ ގޮތަށް ބަދަލުކޮށް ލެއްވުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވެދެއްވިއެވެ. މިވިދާޅުވަނީ ބޮލާއިތުނބުޅި މާލޭގައި ބަހައްޓާފައި ހުންނަގޮތަށް ކޮށާލާވާހަކައެވެ. އަޅުގަނޑު މިބައްދަލުވުން ނިންމާލާފައި ނުކުތީ ތިޔަހުރިހާ ކަމަކަށް ވިސްނާނެކަމަށް އިސްތަފާއަށް ދަންނަވާފައެވެ. ބޮލާއިތުނބުޅި ކޮށާލައި މާލޭގައި އުޅުނުއިރުހުރި ސޫރައާއި ސަފައަށް ބަދަލުވުމަށް އައިމަގު މަތީގައި އަޅުގަނޑު ނިޔަތްގަނެ މާދަމާ އެކަންކުރުމަށް އަޒުމް ކަނޑައެޅީމެވެ.

1990 ވަނަ އަހަރު ބޯކޮށިގޮތަށް ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާހުރެފައި ބޯކޮށާލާއި ތުނބުޅި ރީތިކޮށްލުމުގެ ވާހަކަ:

7 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 654 ވަނަ ދުވަހެވެ. މިއަދު ހެނދުނުސައި ބޮއިނިމިގެން ހެދިގޮތަކީ، އިއްޔެނިޔަތް ގަތްގޮތަށް، ބޯކޮށާއި ތުނބުޅިކޮށާއި މާލޭގައި ހުންސިފައާއި އެސޫރައަށް މީހާބަދަލުވީއެވެ. މިއީ ވަކިމީހެއްގެ މަޖްބޫރުންކުރި ކަމެއްނޫނެވެ. އެހެނަސް މިކަމުގެ ކްރެޑިޓް އިސްތަފާއަށް ހައްގުވާނެއެވެ. މިކަންކުރުމަށް އަޅުގަނޑުގެ ހިތަށްވަނީ، އިސްތަފާއާ އިއްޔެވާހަކަދައްކާ ނިމުމަށްފަހުއެވެ. ބައެއްފަހަރު ގެއަށްދެވުނު ދުވަހަކުންނޫނީ، މިކަންނުކުރާނަމޭ ވެސް ހިތަށްއަރާހެދިއެވެ. ކޮންމެއަކަސް މިބުރުގައި ޖަލަށްލީއްސުރެ ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާ ހުރެފައި ބޮލާއިތުނބުޅި ކޮށާލީމިއަދެވެ. ބޮލަށާއި ސިކުނޑިޔަށް ފެންވަރާ ލުމުން ވަރަށް އަރާމުކަންލިބި ވަރަށްބޮޑަށް ފަސޭހަވެގެން ދިޔައެވެ. މިއަދާހަމައަށް ދެއަހަރު ވަރުވީއެވެ. އެންމެފަހުން ބޯކޮށައިދިނީ، ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އެއީ އަޅުގަނޑު މަންތިރި މައްސލާގައި ޖަލުގައި ބަހައްޓާފައި، 45 ދުވަސް ހަމަވެގެން ގެއަށްގެނައި ދުވަހުއެވެ. ގޭގައި ބެހެއްޓީ އެންމެދެދުވަހުއެވެ. 45 ދުވަސް ހަމަވުމުން، އަނެއްކާވެސް ގެނެސް ދޫނިދޫޖަލަށް ލީއެވެ. އަދިވެސް މިހުންނަނީ އެގޮތަށެވެ. އެފަހަރުގެ ބޯކޮށުން ތުނބުޅިއާއެކު، ހޫއްޓޭ ކޮށައިދިނީ، ޖަވާހިރުވާދީގައި، 1990 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ، 23 ވީއާދީއްތަ ދުވަހުގެ މެންދުރު، 11:45 ގައެވެ. ދެންއެހުރިގޮތަށް މިއަދާޖެހެންދެން ވެސްހުރީ ބޮލުންނާއި ތުނބުޅިން އެއްގޮތަކަށް ވެސް އިސްތަށްޓެއް ނުކަނޑައެވެ. މިގޮތަށް މިކަންކުރަންޖެހުނީ ސަބަބެއް އޮވެގެންނެވެ. މިބުރުގައި ކުޑަގޮޅީގައި ބަންދުކުރިފަހުން އެއްދުވަހެއްގައި ސުލައިމާނު ސަރުދާރު ކައިރީގައި ތުނބުޅިކޮށާލާއި ރީތިކޮށްލަން ކަތުރެއް ގެނެސްދިނުމަށް އެދުމުން، ސުލޭމާނު ސަރުދާރު ބުނުއްވީ، ނުލިބޭނެކަމަށެވެ. ދުވަހަކު ތުންބުޅިނުކޮށިޔަސް ކަތުރެއް ނުލިބޭނެއެވެ. އެއީ ކުށްވެރިންނަށް ދިނުންމުޅިން މަނާއެއްޗެކެވެ. ކަތުރެއް ނުލިބޭނެއެވެ. ކަތުރަކަށް އަޅުގަނޑު އެދުނީ ކުޑަގޮޅީގައި ފެންނުވަރާ ގިނަދުވަސް ވާގޮތަށް އޮންނައިރު ތުނބުޅިދިގުވުމުން ހިރުވާއި އުނދަގޫވާތީއެވެ. އަޅުގަނޑުގެ ތުނބުޅިކޮށާއި ތުނިކޮށްލާނެގޮތް ސަރުދާރު ސުލައިމާނު ހަމަޖައްސައި ނުދެއްވީމާ، އެކަމުގެ އިހްތިޖާޖެއްގެ ގޮތުން ބޯނުކޮށާއި ތުނބުޅިނުކޮށައި އެހުރިގޮތަށް މިއަދާހަމައަށް ދޫކޮށްލާފައި ބެހެއްޓީއެވެ. ބޭނުމިއްޔާ ހުކުރުދުވަހު ފެންވަރަން ނެރޭއިރު ރޭޒަރެއްދެއެވެ. މިގޮތަށް ތުނބުޅިބާލާކަށް އަޅުގަނޑު ބޭނުމެއްނޫނެވެ. ފަހަކަށް އައިސް ތުނބުޅި ދިގުކަމުން ބަހައްޓަންޖެހެނީ ދަތްދޮޅިދޮށުން ތުނބުޅި ބަނދެފައެވެ. މިގޮތަށް ހުއްޓާނެގިފައިވާ ފޮޓޯއަކީ، ޖަވާހިރުވާދީއަށް މާމައާއި ބައްދަލުކުރުމަށް ގެންދިޔަދުވަހު ނެގިފޮޓޯއެވެ. މިފޮޓޯ އަޅުގަނޑުގެ ސައިޓުގަޔާއި ފޭސްބުކްގެ އެކައުންޓުގައި ފެންނަގޮތަށް މަތިކޮށްފައި ހުންނާނެއެވެ. ބައްލަވާލައްވާށެވެ. އޭރުއަބަދުވެސް އުޅެނީ ބަންނަރަބަރުން ތުނބުޅިއާއި އިސްތަށިގަނޑު ބަނދެގެންނެވެ. ބޯކޮށާއި ތުނބުޅިރީތިކޮށްލީ މިއަދުހެނދުނު، 8:30 ގައެވެ. މިކަންކޮށްދިނީ އަޅުގަނޑު މެންނާއެކު ޖަލުގައިހުރި، އާދަންޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލިގްރޫޕްގައި ހިމެނޭ ވާފިރު (ވާއްޕެ) އެވެ. ހޫއްޓެ އަޅުގަނޑުގެ ބޯކޮށައިދިން ދުވަހުނެގި ފޮޓޯވެސް އަޅުގަނޑުގެ ސައިޓްގަޔާއި ފޭސްބުކްގެ އެކައުންޓުގައި މަތިކުރެވިފައި ހުންނާނެއެވެ. އެފޮޓޯނަގާފައި ހުންނާނީ ގަމީސްނުލައެވެ. ގަމީސްނުލާ އެހެރީ ބޯކޮށިގޮތަށް ފޮޓޯނަގާށާއި ހިކިފައިހުރިވަރު ދަށްކާލުމަށެވެ. ބައްލަވާ ލައްވާށެވެ.

8 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 655 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. މިއަދު ކުޅޭށާއި މޫދުގައި އުޅުނުއިރު އިސްތަށިގަނޑު ނެތީމާ ވަރަށްބޮޑަށް ފަސޭހައެވެ. ބޮލާއި ސިކުނޑިޔަށް ވަރަށްއަރާމެވެ. މޫދަށްދާއިރު ބަހައްޓަނީ ބޮލުގައި ޒައިތޫނިތިޔޮ ވަށާފައެވެ. ކަސްރަތަށް ނުކުންނަ އިރުބަހައްޓަނީ މުޅިގައިގާ ވެސް ޒައިތޫނިތިޔޮ ގިނައިން ވަށާފައެވެ.

9 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 656 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަ ދުވަހެކެވެ.

10 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 657 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ވިންޓަރާއި ސައްޕެއާއި ނާސިރުގޭގެ މީހުންޖަލަށް އައިސް މިމީހުންނާ ބައްދަލުކުރިއެވެ. ސައްޕެގޭގެ މީހުންނާއެކު އަބަދުވެސް ނާސިރުގޭގެ މީހުންއާދެއެވެ. މިހެންވަނީ، ނާސިރު ބަލަހައްޓާ މީހަކީ ސައްޕެ ކަމުގައިވާތީއެވެ.

11 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 658 ވަނަ ދުވަހެވެ. މިއަދު ސައްޕެ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމައާއި ތުއްތައާއި ޒަހީނުބެ މިއަދުޖަލަށް އަޅުގަނޑުމެންނާ ބައްދަލުކުރުމަށް އައެވެ. މިއަދުގެ ބައްދަލުވުން ހިނގާދިޔައީ ވަކިވަކިންނެވެ. އަބްދުއްﷲ ހުސައިނާ ވެސް ބައްދަލުކުރިއެވެ. އަބްދުއްﷲ ހުސައިނަކީ ވެސް އަޅުގަނޑުމެންގޭގެ ކުއްޖެކެވެ. ގެއިން ކެއުމުގެވަރަށް ގިނަސާމާނު ލިބުނެވެ. އަބްދުﷲ ހުސައިނަށް ވެސް ބައެއްސާމާނު ހުއްޓެވެ.

12 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 659 ވަނަ ދުވަހެވެ. ބޭރުގައި ޑްރަގް މައްސަލައެއްގައި ބަންދުކޮށް ފައިހުންނަ، ޝަންމި މިއަދުމާލެ ގެންދިޔަޚަބަރު ލިބުނެވެ. މީނާގެފަރާތުން މިއަދުހަވީރު ލިބުނު ޚަބަރަކީ އުފާވެރިޚަބަރެކެވެ. މއ.ސިލްވަރސީން އަލީވަހީދު ހަސަން މަނިކު މިނިވަންކޮށް މުޅިން ދޫކޮށްލައިފި ވާހަކައެވެ. މިކަން ހިނގާފައިވަނީ މީނާބުނާ ގޮތުންނަމަ، މިދިޔަ ހަފްތާގައެވެ. އަރުވާލާފައި ހުއްޓާގެނެސް މިނިވަންކޮށް ދޫކޮށްލެއްވީއެވެ. ރައީސް މައުމޫނުގެ ދީލަތި އިނާޔަތެއްގެ ގޮތުގައެވެ. އަބަދުވެސް ގައިދީން މިނިވަންކޮށް ދޫކޮށްލައްވަނީ ރައީސް މައުމޫނުގެ ދީލަތިފުޅު ކަމުންނެވެ. ބޮޑުއިނާޔަތެއްގެ ގޮތުގައެވެ. މިއީ ރާއްޖޭގައި ގައިމުކޮށްފައި އޮންނަ ވަރަށް ނުބައި ސަގާފަތެކެވެ. މިއީމީހުންގެ ސިކުނޑިދޮވެލުމަށް އަޅުވާފައި އޮންނަ ބޮޑުފަރުދާއެކެވެ. ހަމައެގޭ ނައުޝާދު ވަހީދު ވެސް މިނިވަންކޮށް ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގައެވެ. ނައުބެދޫކޮށްލީ ދުވަސްކޮޅަކު ގޭގައި ބަހައްޓާފައެވެ. 1990 ވަނަ އަހަރު ބޮޑުޑިމޮކްރެސީއަށް ހިންގިހަރަކާތް ތަކުގައި އަމަލީގޮތުން ބައިވެރިމީހުން، މިނިވަން ކުރަންފެށީއެވެ. ސިލްވަރސީނުން ދެމީހުން މިނިވަންވީއެވެ. މިކަމުގައި އެގެއިން ހުކުމްކުރީ މިދެމީހުންނަށް އެކަންޏެވެ.

13 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 660 ވަނަ ދުވަހެވެ. މިއަދު ލޭޑީއިބްރާހީމް މަނިކު ޖަލަށް ދުރުވިއެވެ. ނެރުނީ އަންނިއެވެ. އިތުރު ސުވާލުތަކެއް ކުރާށެވެ. އަންނި، ރައީސް މައުމޫނު އަރިހަށް އޭނާގެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމަށް ބޭނުންވެގެން ލިޔުނު ސިޓީއަކާ ގުޅުވައިގެންނެވެ. އަންނިލިޔުނު ވާހަކަތައް ސަރުކާރަށް ކަމުނުގޮސް، މިނިސްޓްރީ އޮފް ޑިފެންސުން އިތުރު ސުވާލުތަކެއް ކުރަންބޭނުންވީއެވެ. ވަރަށް ހެއްވާކަމެކެވެ! ޝަރުއީކޯޓަކަށް ލާސިޓީއަކާ ބެހޭގޮތުން ސުވާލުކުރަނީ، ޑިފެންސުން ސިފައިން ފޮނުވައިގެންނެވެ. މިއީވެސް ވަށްތަރެއްގެ ރިޔާސީ ނިޒާމެއްގެ ޑިމޮކްރެޓިކް ވެރިކަމެކެވެ. އެސިޓީގައި އަންނި ލިޔުއްވި ވާހަކައަކީ މާބޯޑުވާހަކައެއް ވެސް ނޫނެވެ. ލިޔުއްވާފައިވަނީ، ތަހްގީގުކުރިއިރު ސިފައިން އޭނާއަށް އޮޅުވާލައިގެން ބަޔާންނެގުމުގައި ކަންތައްތަކެއް ހިންގާފައިވާ ވާހަކައެވެ. އަދި އެބަޔާނަކީ ސިފައިން އުނިއިތުރު ގެނެސްފައިވާ އެއްޗެއްކަމަށެވެ. އަދި އަންނި، ސައްޕެ ކައިރީގައި ނުބުނާވާހަކަ ތަކެއް ބުނިކަމަށް ހަދައިގެން، ދޮގުވާހަކަތަކެއް ލިޔެފައިވާ ބަޔާނަކާބެހޭގޮތުން ކޯޓުގައި ޝަރީޢަތަށް ހާޒިރުކޮށް ސުވާލުކުރުމަކީ، ސިފައިން ރާވައިގެން ހިންގި ބޮޑުއޮޅުވާލުމެއް ކަމަށެވެ. އަދި ސިފައިންގެ ބަޔާނުގައި ސައްޕެ، އަންނި ގާތުގައި އެވާހަކައެއް ބުނެފައިވާކަމަށް ލިޔެފައިއެވަނީ ސައްޕެއަށް ބިރުދށްކައިގެން ކަމަށެވެ. ސައްޕެ އެބަޔާނުގައި ސޮއިކޮށްފައިވާނަމަ، އެސޮއިކުރުވާފައި އެވަނީވެސް އަނިޔާގެބިރަށާއި ސަލާމަތަށްޓަކާ ކަމަށް އަންނި ލިޔުއްވާފައި ވެއެވެ. މިވާހަކަތައް ހައިކޯޓަށް ލިޔުމަކީ ބޮޑުވެގެންވާ ކުށަކަށް ވެގެން ސިފައިން ޖަލަށް އައިސް ބަޔާނެއް ނަގަނީއެވެ. ލޭޑީއިބްރާހީމް މަނިކު ބޭނުންވެލައްވަނީ، އަންނި ލިޔުއްވި އެސިޓީއަކީ، އަންނިއަތުން ލިޔުއްވި ސިޓީއެއްކަމުގެ ބަޔާނެއްނަގާ ސޮއިކުރުވާށެވެ. މިއީ ކޮންމަގްސަދެއްގައި ކުރަންއުޅޭ ކަމެއްކަން ސާފެއްނުވެއެވެ. ބިރުގެންނެވުމުގެ އަމަލަކށް ވުންވެސް އެކަށީގެން ވެއެވެ. ލޭޑީ މިބަޔާން ލިޔުއްވުމަށް ފަހު، އަންނިލައްވާ ސޮއިކުރުވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. އެހެނަސް އަންނި އެބަޔާނުގައި ސޮޔެއް ނުކުރެއްވިއެވެ. ލޭޑީއަށް ޖެހުނީ ހުސްއަތާ އެނބުރިދާށެވެ.

14 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 661 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހަވީރު ވަގުތެއްގައި އިސްތަފާ، އަޅުގަނޑާ ބައްދަލުކުރެއްވިއެވެ. މިބައިން ބޭރަށްނެރެ ޖަލުއޮފީހުގައެވެ. ބޯކޮށާލާފައި ހުއްޓަފެނުމުން އިސްތަފާ ހުންނެވީ ވަރަށް އުފަލުންނެވެ. އެކަމަކު އޭނަގެމޮޅުކަމަކީ، އެއްގޮތަކަށް ވެސް އެކަމަށް އެއްވެސް އިޝާރާތެއް ނުކުރައްވައެވެ. އެއްސެވީ އަދިވެސް ދަތިވާއިތުރު ކަމެއްއޮތްތޯއެވެ. އަޅުގަނޑު އެދުނީ، އަބްދުއްﷲ ހުސައިން އަޅުގަނޑުމެން ތިބޭބަޔަށް ބަދަލުކޮށް ދެއްވާތޯއެވެ. ހަމަ ވަގުތުން އެކަންތައް ކޮށްދެއްވިއެވެ. އިސްތަފާ ފުރާވަޑައިގަތީ، އަބްދުﷲ ހުސައިން މިބަޔަށް ލައްވާފައެވެ. އަޅުގަނޑުމެން ޖަވާހިރުވާދީ އެންމެން އެއްތަނަކަށް ޖަމާވީއެވެ. ހަންދު، ބިގޭ، އަޅުގަނޑު އަދި އަބްދުﷲ ހުސައިނެވެ. ކޮއްކޮއިބުރޭވަނީ، 23 ސެޕްޓެންބަރ ގައި ގެއަށް ބަދަލުކޮށްފައެވެ. އަދި ކޮއްކޮއަލީ ވަނީ މާކުރިން މާލޭއަށް ގެންގޮސް، ނ.އަތޮޅަށް އަރުވާލާފައެވެ. އަބްދުﷲ ހުސައިން މިބަޔަށް ގެނެސް ވެއްދީ، އަޅުގަނޑު ވެސް އުޅޭކޮޓަރިއަށެވެ. މިވަގުތައް އަނެއްކާވެސް ކޮޓަރީގައި ދެމީހުން ހަމަވީއެވެ. މިރޭގެ ވަގުތެއްގައި ހިނގިކަމަކީ އިބުރޭ (ކާދޫ) މިބައިން ނެރެގެން ގެންގޮސް ބޭރުގައިހުރި، އަބްދުﷲ ހުސައިން ނެރުނުގޮޅިއަށް ލީއެވެ. ބިގޭ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ މުހަންމަދު އަހްމަދު ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނެގުމަށް މިއަދު ލިޔެދެއްވިއެވެ. ވަރަށްބޮޑުކަމެއް ދިމާވިއްޔާނޫނީ މިހާރަކަށް އައިސް ހޮސްޕިޓަލަށް މާލެއަށް ނުގެންދެއެވެ. ޖަލަށް ވަޑައިގަންނަވާ ޑޮކްޓަރަކީ، ޑޮކްޓަރ މުހަންމަދު އަހްމަދެވެ. އަޑުއިވޭ ގޮތުގައި މީނާއަކީ މިނިސްޓްރީ އިފް ޑިފެންސަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ ޑޮކްޓަރެކެވެ.

15 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 662 ވަނަ ދުވަހެވެ. މިއަދު އަންނިއާ އަންނިގެ ލޮބުވެތިބައްޕަ ބައްދަލު ކުރެއްވިއެވެ. މާލޭގެ ވަކިޚާޢްސަ ޚަބަރެއްނެތެވެ. މިއަދު ލަކްސްލީން މަސްއޫދަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. އަރުވާލުމަށެވެ. 4 އަހަރަށެވެ.

16 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 663 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ރޭގަނޑު ގާތްގަނޑަކަށް، 8:45 އެހާކަންހާއިރު ރަންކޮކާ މުހަންމަދު ރަޝީދާއި ޖަލުއޮފީހުން ނަސީމް، މިބަޔަށް ވެންނެވިއެވެ. ރަޝީދުވިދާޅުވީ، މިރޭޖަލަށް އައިސްމިއުޅެނީ، މިރަށުގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅެއްގެ ދަރިފުޅަކަށް ނަންކިއުމުގެ ޕާޓީއެއްއޮވެގެން އެދައުވަތަށެވެ. ދެން ހަދާންވެގެން އިލްޔާސް މެންގާތަށް ހާލުއަހުވާލު އަހާލަން ވަދެލީކަމަށެވެ. ރަޝީދު ހުންނެވީ ޓައިނާޅުއްވާ ވަރަށް ނުރަސްމީކޮށެވެ. މައްކޮގެހާލު އަހާލުމުން، ވިދާޅުވީ އަދި މައްކޮއަށް ހުކުމްނީއްވާ ކަމަށެވެ. މަސްއޫދު، 4 އަހަރަށް އަރުވާލުމަށް ނިމިއްޖެކަމުގެ ވާހަކަ ކަށަވަރުކޮށް ދެއްވިއެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮށް ހަމަޖެހިލައްވައިގެން ހުންނަވައި އަޅުގަނޑާއެކު ހިއްސާކުރެއްވިއެވެ. ގިނައިރުތަކެއް ވަންދެން ވާހަކަ ދެއްކެވިއެވެ.

17 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 664 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަދި މިއަދު އާދިލްގެ ދޮންބައްޕަ އާދިލްއާ، ބައްދަލުކުރިއެވެ.

18 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 665 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. މާލޭންލިބުނު ޚަބަރަކީ، މައްކޮކޯޓަށް ގެންގޮސް ކުރީދުވަހެއްގެ ބަޔާންލިޔުނު މަޙްޟަރުގައި ސޮއިކުރުވިކަވެ. ހީވަނީ މައްކޮއަށް ވެސް ހުކުމަކާ ކާރިވަނީ ހެންނެވެ.

19 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 666 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ކޯޓުނަންބަރު، 6 އަށް ގެންދިޔައެވެ. ކުރީދުވަހެއްގައި ގ.އުތުރުގޭ މައްކޮ މައްސަލާގައި ހެކިބަހަށް ނަގާފައިއޮތް ބަޔާން، މަޙްޟަރުފޮތުގައި ލިޔުމަށް ފަހު، ސޮއި ކުރުވުމަށެވެ. ބޮޑަށް ލަފާކުރެވެނީ، ދެދުވަހެއްހާ ހިސާބުގައި މައްކޮއަށް ހުކުމް އިއްވަން އުޅެނީހެންނެވެ. މިއަދު ކޯޓުކާރިން ޒީނަތުއައްބާސް ފެނިގެންވާހަކަ ދެއްކީމެވެ. މިއީ ރިޝްވާނުގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ޒީނަތާވާހަކަ ދައްކާލެވުނީމާ، ވަރަށް އުފާވިއެވެ. މިރޭގެ ވަގުތެއްގައި އަބްދުﷲ ސަލީމް، މިބަޔަށް ގެނެސް ވެއްދިއެވެ. އަޅުގަނޑާއި އަބްދުﷲ ހުސައިނާ ދެމީހުންތިބޭ ކޮޓަރިއަށެވެ. މިހާރު މިކޮޓަރީގައި، 3 މީހުން ހަމަވީއެވެ. އަދިވެސް އިތުރުމީހަކު ގެނައެވެ. ގދ.ތިނަދޫ މީހެކެވެ. ނަމަކީ ޒާހިރެވެ. ވެއްދީ އާދިލްއުޅޭ ކޮޓަރިއަށެވެ. އެއީ، 12 ނަންބަރު ކޮޓަރިއެވެ. އަޅުގަނޑު ހުންނަނީ، 10 ނަންބަރު ކޮޓަރީގައެވެ. މިދަންނަވާ ޒާހިރަކީ އަންހެންކުއްޖެއްގެ ގަޔަށް ވަޅިއަކުން ހަމަލާދޭން މަސައްކަތްކުރި ކަމުގެ ކުށުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. މިވީގޮތުން މިއަދު މިބަޔަށް ދެމީހުން އިތުރުވީއެވެ. ދެން މިވަގުތު ހުސްކޮށް ހުރީވެސް ދެމީހުންގެ ޖާގައެވެ.

20 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 667 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. އަދި ހަންދުވެސް މާލެއަށް ގެންދިޔައެވެ. ހަންދުކޯޓަށް ހާޒިރުކުރީ، މައްކޮ މައްސަލައިގެ ހެކިބަސް އެހުމަށެވެ. މައްކޮއަށް ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮނމުގެ ޚަބަރުތައް އިނގޭނެކަމަށް ހަންދުކޯޓުގައި އެއްބަހެއް ނުވިއެވެ. ކޯޓުގައި ހަންދުހެކިބަސް ދިނީ، މައްކޮގާތުގައި ހަންދު، އެވާހަކަ ނުބުނާކަމަށެވެ.

ޖަލުތެރެއިން ބޮޑުސަރަހައްދެއް ސާފުކޮށް ދަނޑުވެރިކަން ކުރުމުގެ ވާހަކަ:

އަޅުގަނޑުމެން ތިބޭބައިގެ ބޭރުގައި ދަނޑުވެރިކަން ކުރުމަށް ހުއްދަދެއްވި ސަރަހައްދަށް، މިއަދު ފުރަތަމަ ފަހަރަށް ނެރުނެވެ. މިއީ އަޅުގަނޑުމެން ދަނޑުވެރިކަން ކުރުމަށް ހަމަޖައްސައި ދެއްވި ސަރަހައްދެކެވެ. މީގެފަހުން މިސަރަހައްދަށް ނެރުންއޮންނާނީ ކޮންމެދުވަހަކު މެންދުރުކެއުމަށް ފަހުގައިކަމަށް އެންގިއެވެ. މިގަޑިނިމި އެތެރެއަށް ވަންނަންޖެހޭ ގަޑިއަކީ، މަޣްރިބް ނަމާދަށް ބަންގިގޮވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިއީވެސް ޖަލުންބޭރުގައި ލިބޭވަރަށް ގިނަވަގުތެވެ. އަޅުގަނޑު މެންނަށްލިބުނު އިތުރުމިނިވަން ކަމެކެވެ. މިއަދުނުކުމެ ކުރިމަސައްކަތަކީ، މިސަރަހައްދު ސާފުކުރުމެވެ. މިމަސައްކަތުގައި ހުރިހާގައިދީން ބައިވެރިވިއެވެ. މިސަރަހައްދަކީ، އަޅުގަނޑުމެންތިބޭ ބަޔާޖެހިގެން ހުސްކޮށްއޮންނަ ފުދޭވަރެއްގެބޮޑު ސަރަހައްދެކެވެ. މިރޭގެ ވަގުތެއްގައި ޖަލުއޮފީހުން ނަސީމު ދުރުވެ، އެސަރަހައްދަށް ނުކުމެއުޅޭއިރު އަމަލުތައް ބަހައްޓަންވީ ގޮތުގެ އެއްބަސްވުމެއްގައި ހުރިހާގައިދީން ލައްވާސޮއި ކުރުވިއެވެ. މިސަރަހައްދު ބެލެހެއްޓުމުގެ ވެރިންގެ ގޮތުގައި އިސްކޮށްތިބުމުގެ ޒިންމާ، ހަވާލުކުރީ އަންނިއާއި އަޅުގަނޑާއި ސައްޕެއާއެވެ. އެސަރަހައްދާބެހޭ ހުރިހާކަމެއް ރާވާއި ބެލެހެއްޓުމަކީ، އަޅުގަނޑުމެން ތިންމީހުންގެ މަސްއޫލިއްޔަތެކެވެ. ކުރާނެކަމަކާއި އާންމުދަނީއެއް ހޯދޭނެގޮތެއް ރާވާހިންގަންވީއެވެ. ޖަލުއޮފީހުން އެހީތެރިވާގޮތަށެވެ. މިސަރަހައްދުގައި ބޭނުންވައްތަރެއްގެ ގަސްއިންދައި ބޭނުން މަސައްކަތެއް ކުރަންވީއެވެ. އަޅުގަނޑުމެން ސައްލާކޮށް ނިންމީ ވަށައިގެން ފަޅޯގަސްޖަހާއި އެތެރޭގައި މިރުސް އަދި އެހެންވަށްތަރުގެ ތަރުކާރީގަސް އިންދާށެވެ. އަދި މާދަމާއިން ފެށިގެން މިމަސައްކަތް ފެށުމަށް ނިންމުނެވެ. އަދި އެސަރަހައްދުގައި ހުރިރުކެއް ރާކުރަންވެސް އަޅުގަނޑުމެން ނިންމީމެވެ. މިއީ އަންނި އަމިއްލަފުޅަށް ކުރަންނިންމި ކަމެކެވެ. އަދި މިކަމަށް ބޭނުންވާ ސާމާނުގެއިން ގެންނަގޮތަށް އަންނި ނިންމެވިއެވެ.

21 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 668 ވަނަ ދުވަހެވެ. މިއަދު ހަންދު މާލެއަށް ކޯޓުނަންބަރު، 6 އަށް މައްކޮގެ ޝަރީޢަތުގައި ހެކިބަސްދިން ބަޔާނުގައި ސޮއިކުރުވުމަށް ގެންދިޔައެވެ. އަންނި ވެސް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ލޮލުގެކުޑަ ވަރެއްގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރުލަފާ ދީފައިވާތީއެވެ. މިކަމާގުޅިގެން ދެދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އިޝާނަމާދަށް ފަހުގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަކިޚާއްސަ ބޭނުމެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑުމެންނާ ވާހަކަ ދައްކާލައްވަން ވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ.

22 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 669 ވަނަ ދުވަހެވެ. މިއަދު ވިންޓަރޝަރީފް ހައިކޯޓަށް ހާޒިރުކުރުމަށް މާލެގެންދިޔައެވެ. މިއަދު ގެންދިޔަ މައްސަލައަކީ ސަލްޓަންޕާކު ކަޓޫރަބޮމުގެ ކަންތައް އެނގިހުރެނާންގާ ސިއްރުކުރި މައްސަލައެވެ. ކުޅެންށާއި މޫދަށް މިއަދު ނެރުނެވެ. މިއަދު ވިންޓަރުގެ ފަރާތުން، މައްކޮއަށް ހަތަރު އަހަރު ދުވަހަށް އަރުވާލުމަށް ނިޔާކަނޑައެޅި ވާހަކަލިބުނެވެ. އެހެނަސް އަދިވެސްހުރީ ގޭގައިކަމަށް ވެއެވެ.

23 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 670 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، ފައިދޮވުމަށާއި ގޯތިތެރެއަށް ފެންޖަހާ ހެދުމަށް ބޭނުންވެގެން މިބައިގެތެރޭގައި ފެންއިސްކުރެއް ގުޅީއެވެ. ހޮޅިއާއި އިސްކުރާ ތަކެތިދިނީ ޖަލުއޮފީހުންނެވެ. މިމަސައްކަތުގެ ބޮޑުބައި އަމިއްލައަށް ކުރީހަންދު އެކަންޏެވެ. މިއަދުހަވީރު އަންނި މާލެއިން ހޮސްޕިޓަލުގެ ކަންތައް ނިމިގެން އަނބުރާޖަލަށް ގެނައެވެ. މުޅިން ހުރިހާކަމެއް ރަނގަޅެވެ. ވަރަށް ޚަބަރުތައް ވެސް ލިބުނެވެ. އޭގެތެރޭގައި މައްކޮއަށް ހުކުމްއިއްވި ވާހަކައާއި މާލެތެރޭގެ ބައެއްޚަބަރު ތަކާއި ބޭރުން އަޅުގަނޑު މެންގެކަންތަކާ ބެހިގެން ހިންގަމުން ގެންދާ ބައެއްކަންތައްތަކުގެ ޚަބަރުތައް ހިމެނެއެވެ.

24 އޮކްޓޯބަރ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 671 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. ބިގޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިތާތެރޭގައި އިއްޔެބެހެއްޓި ފެންއިސްކުރުން، ފެންބޭރުވާން ގުލީއެއްހަދާއި އެއިސްކުރު ކައިރީގައި ތަޅުންކޮޅެއް އަޅާއި ޖަންކްޝަނަށް ފެންދާމައިހޮޅިއާ ގުޅާހެދިއެވެ. މިކަންތައް ވެސްކުރީ ހަންދުއެވެ. ހަންދުއަކީ މިކަހަލަ ކަންތަކަށް ވަރަށްބަރާރު މީހެކެވެ. ހުރިހާކަމެއް އަމިއްލައަށް ކުރަންދަނެއެވެ. ބޭރުންލިބިފައިވާ ބިންސާފުކުރުމާއި އެތާހުރިތާނގީ ވަޅެއް ސާފުކޮށް ގަހަށް ފެންޖެހޭނެ ގޮތަށް ހެދުމަށް ބޭނުންވާބައެއް މަސައްކަތް ކުރެވުނެވެ. މިހާރުހުރީ މާލޭންފަޅޯއޮށާއި ބަށިއޮށާއި މިރުސްއޮށް ހޯދާފައެވެ. ސާފުކޮށް ފަސްގަނޑު ޖަހާހަދާލެވުނުހާ އަވަހަށް އޮށްތައް އިންދަންވީއެވެ.

25 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 672 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ކުރީދުވަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އަންނިގެ މަންމަ އަންނިއާ ބައްދަލުކުރިއެވެ. މާލޭން ތަރުކާރީގެ ބައެއް ވަށްތަރުތަކުގެ އޮށްޕެކެޓް ތަކެއް އަންނިއަށް ލިބުނެވެ. ގަސްއިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމް މިއަދު ހަވީރު ގަސްއިންދާ ސަރަހއްދުގެ މަސައްކަތް ބައްލަވާލަން ވަޑައިގަތެވެ. އަޅުގަނޑުމެން ކޮށްފައިހުރި މަސައްކަތް ބައްލަވާލައްވާފައި އެބޭފުޅުން އަޖައިބެ ވަރަށް ފޯރިދެއްވިއެވެ. މިއަދަކީ ފުރަތަމަ ފަހަރަށް މިތަނުގައި ގަސްއިންދި ދުވަހެވެ. މިއަދުއިންދީ ސަރަހައްދު ވަކިވާހިސާބުގައި ސަރަހައްދު ވަކިވާގޮތަށް އަށްފޫޓުން އަށްފޫޓަށް ފަޅޯގަހެވެ. އޮށްއިންދައިގެން ކައިވަތަކަށް ބޮޑެތިވެފައިހުރި ގަސްތަކެކެވެ. މިގަސްތައް ފުރަތަމަ ތަނެއްގައި އިންދައިގެން މުޑުވަށް ކޮށްފައި މިއަދު އަލުން އިންދީއެވެ.

26 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 673 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ގެއިން މިއަދު ނޫސްބޮނޑިއެއް ލިބުނެވެ.

27 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 674 ވަނަ ދުވަހެވެ. މިއަދު ސައްޕެމާލެއަށް ގެންދިޔައެވެ. އަދި ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ވިންޓަރަށް އިއްވިފައިހުރި ހުކުމްތައް އިސްތިއުނާފް ކުރަނީއެވެ. އެއްވެސް ބަދަލެއް އަންނާނެހެނެއް ހިއެއްނުވެއެވެ. މިއީ ވިންޓަރު ކުރައްވާ ބޭކާރުކަމެއްކަން އަޅުގަނޑުމެންނަށް ޔަގީނެވެ. ހައިކޯޓަށްވުރެ މަތީގައި ރައީސް މައުމޫނުގެ އަމިއްލަފުޅު ސްޕްރީމް ކޯޓުގެ ބާރުއޮތްކަން ވިންޓަރު ގަބޫލެއް ނުކުރެއެވެ. ދަށުކޯޓުތައް ވެސް ހިންގަމުން މިދަނީ، ރައީސް މައުމޫނުގެ ބާރުގެ ދަށުންނެވެ. މިއީ ހުރިހާ ދިވެހިން ދަންނަ ހަގީގަތެކެވެ. ވިންޓަރު ބޯހަރުކަމުން މިކަންގަބޫނުކޮށް ގާނޫނުއަސާސީ ގަދަބާރުން ތަންފީޒުކުރުވަން މަސައްކަތް ކުރަނީއެވެ. މިއަދު ސައްޕެ ގެންދިޔައީ ކޯޓުނަންބަރު، 6 ށެވެ. ސައްޕެގެ މައްޗަށް ދައުލަތުން ދައުވާކުރާ ބިދޭސީރިޕޯޓަރުންނާ ބައްދަލުކޮށް ސަރުކާރާއި ރައްޔިތުންނާ ޖެހޭފާޑުގެ ވާހަކަތައް ދަށްކާއި ފިތުނައުފެދޭ ގޮތަށްމައުލޫމާތު ދިން މައްސަލައެއް ގައެވެ. މިއަދު މިގެންދިޔައީ މިމައްސަލާގައި ހުކުމް އިއްވެވުމަށެވެ. މިހާލަސްކޮށްފައި ގާޒީ މިމައްސަލަ ނިންމެވީ ސާބިތުނުވާ މައްސަލައެއްގެ ގޮތުގައެވެ. މިހާހިސާބުން ސައްޕެއާ ދައުލަތުން ދައުވާކުރެއްވި ހުރިހާ މައްސަލަތަކެއް ނިމުނީއެވެ. މިހާރު ސައްޕެގެ މައްޗަށް ހުކުމްނީއްވާ އެއްވެސް ކަމެއްނެތުނީއެވެ. ސައްޕެގެ ހުރިހާކަމެއް ނިމުނީއެވެ. ސައްޕެއަކީ މިހާރު ރައީސް މައުމޫނަށް މުޅިން އާވަށްތަރެއްގެ ޖަލެއްކުރަހައިދޭ މާމަތީ ފެންވަރުގެ ޒަމާނީ އިންޖިނޭރަކަށް ވެސްވަނީ ވެފައެވެ. ސައްޕެ މިވާހަކަތައް އަޅުގަނޑު މެންނައި އެއްގޮތަކަށް ވެސް ހިއްސާއެއް ނުކުރައްވައެވެ. އިރުއިރުކޮޅާ އިސްތަފާއާއި ޑިފެންސްގެ މަތީބޭފުޅުން ސައްޕެއާ ބައްދަލުކުރެއެވެ. އަޅުގަނޑު ހިތަށްއަރަނީ މިޖަލުއެޅޭނީ ކޮންއިރަކުން ބާވައެވެ. މިޖަލުވަނީ ޑިފެންސް ބޭފޫޅުންގެ ހުވަފެނީ ޖަލަކަށް ވެފައެވެ. މަތީފެންވަރުގެ ޚިޔާލީފޮލާއަކަށް ވެފައެވެ. ހީވަނީ މިވެރިން ހައްދާފައި ބޭތިއްބުމަށް ސައްޕެ މޮޅީހެންނެވެ. ރޭގެ ވަގުތެއްގައި ނަސީމު ސިޓީއެއް ގެނެސްދިނެވެ. މިއީ އަޅުގަނޑަށް ގެއިންފޮނުވި ސިޓީއެކެވެ. ޖަވާހިރުވާދީގައި ފިހާރައެއްހުރި ބިމުގައި ގަރާޖެއް ހެދުމަށް ހުއްދަހޯދުމަށް މާލޭ މުނިސިޕަލްޓީއަށް ބޭނުންވާސިޓީ ލިޔެފައި ފޮނުވައިދިނުމަށް އެދި އަޅުގަނޑާއި ބިގޭއާއި ހަންދުއަށް ގެއިންފޮނުވާފައިވާ ސިޓީއެވެ. އަޅުގަނޑުމެން ހަދަންވީގޮތަކީ، ޖަވާހިރުވާދީގައި ވެހިކަލް ދޮވެސާފުކުރާ ގަރާޖެއް ހެދުމަށް ހުއްދައަށްއެދި އަޅުގަނޑުމެންގެ ނަމުގައި ސިޓީއެއް މުނިސިޕަލްޓީގެ ރައީސަށް އެޑްރެސްކޮށް ލިޔެފައި ޕްރިސަންސް މެދުވެރިކޮށް ގެއަށް ފޮނުވައިދެންވީއެވެ. ގެއިން އެހެންމީހުންގެ ނަމުގައި ފޮނުވާ ސިޓީތަކާއެކު މިސިޓީތައް ވެސް މާލޭ މުނިސިޕަލްޓީއަށް ފޮނުވައިދޭ ގޮތަށެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅު ދެވަނަފަހަރަށް ހިއްކާހެދުމަށްފަހު މިއަދު އެވަޅުގެ މަސައްކަތް މުޅިން ނިންމާލެވުނެވެ. މިހާރު އިންދާފައިހުރި ގަސްތަކަށް ކޮންމެދުވަހަކު ފެންދެނީ އެވަޅުންނެވެ. ފަޅޯގަސްތައް ތާޒާކޮށް ހެދެންފަށައިފިއެވެ. ހުރިހާގަހެއް ވެސް، ﷲގެ އިރާދަފުޅުން ރޯވެހެދެން ފަށައިފިއެވެ. މިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާކުރާނެކަން ކަށަވަރެވެ. މިގަސްތައްފޯދި ކާނާލިބެންދެން މިތަނުގައި ތިބެވޭނެނަމައޭ ބައެއްފަހަރު ހިތަށްއަރައެވެ. ގަސްތައް ހެދޭލެއްރީތި ކަމުން މިކަންތައް ހިތަށް ވަންނަނީއެވެ. ފެންދިނުމާއި މިބައިބެލެހެއްޓުމުގެ އިސްރޯލް އަދާކުރަނީ ސީދާ އަޅުގަނޑެވެ.

28 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 675 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަބްދުﷲ ހުސައިން މާލެއަށް ގެންދިޔައެވެ. ޖަވާހިރުވާދީގައި ވެހިކަލްދޮވެ ސާފުކުރާ ގަރާޖެއް ހެދުމުގެ ހުއްދައަށްއެދި އަޅުގަނޑުމެން ތިންމީހުން ލިޔުނުސިޓީ މިއަދު މާލެއަށް ފޮނުވުމަށްޓަކާ ޖަލުއޮފީހާ ހަވާލުކުރީމެވެ. އަބްދުﷲ ހުސައިން ޑޮކްޓަރަށް ދެއްކުމަށްފަހު ގެނައިހަވީރެވެ. މިއަދު އިސްތަފާ ވަޑައިގެން ގަސްއިންދާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު، މިބަޔަށްވެސް ވެންނެވިއެވެ. ހުންނެވީ ވަރަށްއުފަލުންނެވެ. އަޅުގަނޑުމެންގެ މަސައްކަތަށް ޝުކުރުއަދާ ކުރެއްވިއެވެ. ޖަލުގައި މިހާތަނަށް އެއްވެސްބަޔަކު މިކަހަލަކަމެއް ކޮށްފައިނުވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ.

29 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 676 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ހުރިހާޝަރީޢަތެއްގެ އަޑުއެހުންތަށް މިއަދުނިމުނީއެވެ. ދެންއޮންނާނީ ބަޔާންތަކުގައި ސޮއިކުރުން ކަމަށް ވިންޓަރު އައިސްހަވީރު ކިޔައިދިނެވެ. ވިންޓަރު ހުންނަވަނީ މިހުކުމްތަކަށް ބަދަލުއަންނާނެކަމުގެ އުފަލުގައެވެ. ގަސްއިންދާ ސަރަހައްދުގައި ފަޅާފައިހުރި ކުދިގަސްތައް ރުވާއި އިންދަންވާ ތަންތަނުގައި އިންދުން މިއަދު ވެސްއޮތެވެ. މިއަދުވެސް މިރުސްގަހާއި ބަށިގަހާއި ފަޅޯގަސް އިންދީމެވެ.

30 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 677 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިހާރަކަށް އައިސް އަނެއްކާވެސް މޫދުންހިފުނު ވަށްތަރެއްގެ މަސްތައް ހިފައިގެން ޖަލަށް ގެންނަމެވެ.

31 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 678 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގަސްތަކަށް ފެންދީ ގަސްތައް ބަލަންތިބީއެވެ. ރާކުރަން ގަސްތުކުރިރުކުގައި ހަރުބަނުމަށް މިއަދު ސައްލާކުރެވުނެވެ. ރާވެރިބެޔަކީ އަންނިއެވެ. މިހާރުވަނީ ގެއަށް ބަންޖަކާއި ބަޅުވަޅިއަކާއި ރާކުރަން ބޭނުންވާ ހުރިހާ ސާމާނުގެއިން ގެނެއުމަށް އަންގާފައެވެ.

1 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 679 ވަނަ ދުވަހެވެ. މިއަދުގެއަށް، މަންމައަށް ސިޓީއެއް ލިޔުނީމެވެ. މެންދުރުފަހުގެ ވަގުތެއްގައި ޖަލުއޮފީހާ އެސިޓީ، ގެއަށްފޮނުވުމަށް ހަވާލުކުރީމެވެ. ކުޅޭށާއިމޫދަށް މިއަދު ނެރުނެވެ. މޫދުންއައި ތަނާހެން، އަބްދުލްޣައްފާރު އެކުގައި މާލެގެންދިއުމަށް ބަލާއައެވެ. ބޭރުންވެސް ދެމީހަކު ގެންދިޔައެވެ. އެއީ ޑީޑީއަކާއި އަލީޝިޔާމް ގ.އޮމެގާ މާލެއެވެ. މަޣްރިބް ނަމާދަށްފަހު، މިތިންމީހުން ސާމާނާއެކު މިތަނުން ނެރެގެން މާލެގެންގޮސްފިއެވެ. އަދިވެސް އިތުރުބަޔަކު ބޭރުން ގެންދިޔަޚަބަރު މިރޭގެފަހު ވަގުތެއްގައި ލިބުނެވެ. މިއީ މީހުން މިނިވަންކުރާ މަސްހަރެވެ. ނަސްރުގެ މަސްހަރެވެ. ޖަލުގެމިބައިން މިހާތަނަށް، 5 ޖާގަ ހުސްވީއެވެ.

2 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 680 ވަނަ ދުވަހެވެ. މިއަދުހެދުނު އަނެއްކާވެސް ވާއްޕެލައްވާ ބޯކޮށީމެވެ. ތުނބުޅި މިގެންދަނީ ގަވައިދުންކޮށާއި ރީތިކޮށް ބަލަހައްޓަމުންނެވެ. މިއީ މިބުރުގައި ޖަލުގައި ބޯކޮށާދެވަނަ ފަހަރެވެ. އަޅުގަނޑުގެ ބޯކޮށައިދޭ މީހަކީ އަބަދުވެސް ވާއްޕެއެވެ. މިއަދު ހެދުނުޚަބަރުގައި ރޭޑިޔޯއިން ލިބުނީ، ޖަލުގެ ގައިދީންނަށް ވަރަށް މުހިންމު އުފާވެރި ޚަބަރެކެވެ. 273 ކުށްވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމު އަފޫކުރައްވާއި މައާފުދެއްވައިފި ޚަބަރެވެ. ގައިދީންނަށް މިޚަބަރު ވެގެންދިޔައީ އުފާވެރިކަމުގެ ފޮނިކޭކަށެވެ. އެންމެންތިބީ ހިންދިރުވާލަ ހިންދިރުވާލައެވެ. ކާކަށްތޯ މިއިން އުފާވެރިކަމެއްލިބި، ކޭކުކޮޅެއް ދިރުވާލަން ލިބޭނީ ކާކަށްކަން ނޭންގިފައި އެންމެންނަށް ޖެހުނީ ހިތްކިޔާފައި ތިބޭށެވެ. މިހެން އެމަޝްވަރާގައި ތިއްބާ ރޭޑިޔޯއިން އިތުރު ތަފްސީލެއް ލިބިއްޖެއެވެ. އެކަންވީ އަނެއްކާވެސް އިތުރުގޯހަކަށެވެ. ހިތްތައްތަޅުވާލި ކަމަކަށެވެ. ޖަލުން، 6 މީހުންނަށް ރައީސް މައުމޫނުމައާފު ދެއްވިކަމަށް ރޭޑިޔޯއިން ކިޔައިފިއެވެ. އަދި އަރުވާލާފައި ތިބިމީހުންގެ ތެރެއިން، 123 މީހުންނަށް މައާފުދެއްވި ވާހަކަވެސް ގެނެސްދީފިއެވެ. އަދި ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 144 މީހުން މިނިވަން ކުރެއްވި ކަމަށް ރޭޑިޔޯއިން ބުންޏެވެ. މިސައްލާގައި އެންމެން ތިއްބާ އެންމެފުރަތަމަ ބަލާއައީ މިއަދުގެ ހަވިރު ވަގުތެއްގައި ސައްޕެއެވެ. ސާމާނާއެކު ސައްޕެ މާލެގެންދިއުމަށް ޖަލުއޮފީހަށް ގެންގޮސްފިއެވެ. ސައްޕެ އާއެކުގައި ބޭރުން ތިންމީހަކު ގެންދިޔަ ޚަބަރުވެސް ލިބިއްޖެއެވެ. އެއީ އއ.ތޮއްޑޫ ދެމީހުންނާއި ރ.ކަނދޮޅުދޫ ގާސިމް ކަލޭފާއެވެ. މިއީ ދޫކޮށްލުމަށް ނުވަތަގޭބަންދަށް މިއަދު މާލެގެންދާ ގައިދީންނެވެ. އާދިލް މިއަދު އޭނަގެމަންމައާއި އަންހެނުންނާ ބައްދަލުކުރިއެވެ. އާދިލަށް ވެސް އެބޭފުޅުންގެ ފަރާތުން ވަރަށް އުންމީދުތައް ލިބުނެވެ. މިނިވަންވާލެއް ވަރަށް އަވަސްވާނެކަމަށް އާދިލް ޚަބަރުދިނެވެ. އާދިލްގެ މަންމައަކީ މެޑަމް ނަސްރީނާއާ ވަރަށް ގާތްމީހެއްކަމަށް ޚަބަރުތައް ލިބުނެވެ. އަޅުގަނޑު މެންގެ ގެއިންވެސް ވަރަށް ގިނަސާމާނު މިއަދު ލިބުނެވެ. ކެއުމުގެ ސާމާނާއި އޭތިމީތި ހުއްޓެވެ. މިއަދު މާލެގެންދިޔަ ޝަންމި ފަރާތުން ލިބުނު ޚަބަރުގައި މިއަދު އަބްދުލްހަންނާނާއި ޖަވާހިރުވާދި އިބުރޭ (ކޮއްކޮ) މިނިވަންކޮށް ދޫކޮއްލިއެވެ. ނުވަތަ ރާއްޖެތެރެއިން ގެއަށް ބަދަލު ކުރެއްވިއެވެ. ހަވީރު ގަސްއިންދާ ސަރަހައްދުގައި މަސައްކަތް ކުރުންއޮތެވެ. މުޅިރޭގަނޑު ދިޔައީވަރަށް މަޖާކޮށް މިވާހަކަތަކުގެ ތެރޭގައެވެ. މިރެއަކީ، ރާއްޖޭގެ ނަސްރުގެ ރެއެވެ. ރޭޑިޔޯއިން އެކަމުގެ ރަސްމީޖަލްސާގެ ޚަބަރުތައް އަޑުއެހީމެވެ. މިކަންތަކުގެ ރަސްމިއްޔާތުއޮތީ އިސްލާމީމަރްކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ.

3 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 681 ވަނަ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހެވެ. ތަމަޅައިންގެ ކުލީސިފައިންގެ ބައެއްގެ އަތުންރާއްޖެ މިނިވަންކުރި ދުވަހެވެ. ކުޑަހިނދުކޮޅަކަށް އެމީހުންމާލެއަށް ވެރިވެގަނެގެން ތިއްބެވެ. ރައީސް އޮފީހުގައި ކުޑަހިނދުކޮޅަކަށް ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ ރައީސް މައުމޫނު އިންނަވާ ގޮނޑިކޮޅުގައި އިންނެވި ކަމަށްވެސް ވެއެވެ. އެދުވަހަކީ ދިވެހީންނަށް ބިރުވެރި ދުވަހެކެވެ. އަދި ދިވެހިންގެ، 19 މީހުން މިހާދިސާގައި ޝަހީދުވެގެން ދިޔަދުވަހެކެވެ. ރަސްމީބަންދު ދުވަހަކަށްވާތީ ޖަލުތެރޭގައި އެއްވެސް ކަމެއްނެތެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ސައްޕެ ފިޔަވާ އިއްޔެމާލެއަށް ގެންދިޔަ ބައެއްމީހުންނަށް ހުކުމުން ބޮޑުބައެއް މައާފުދެއްވުމަށް ފަހު އަނބުރާ ޖަލަށް ގެނައިދެތިން މީހަކުވެސް ވެއެވެ. އަނެއްބަޔަކު އަރުވާލަންށާއި އެގަށް ބަދަލު ކުރެއްވީއެވެ. މިއީ ބޭރުންގެންދިޔަ މީހުންނެވެ. ސައްޕެއާ، އިސްތަފާ އިބްރާހީމް މަނިކު ވަރަށްދިގުކޮށް ވާހަކަދެއްކެވުމަށް ފަހު، ބަދަލުކުރެއްވީ ގެއަށްކަމަށް ޚަބަރުލިބުނެވެ.

4 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 682 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރޭޑިޔޯއިން ޚަބަރުލިބޭގޮތުގައި މިއަދު އެމެރިކާގައި ރިޔާސީއިންތިޚާބު ބޭއްވެމުން އެބަދެއެވެ. ކުރީގައި އަދިއޮތީ، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ބިލްކްލިންޓަނެވެ. އަޅުގަނޑުމެން ޖަލުގައި ތިބެގެމް ތާއީދުކުރާ މީހަކީވެސް އެއީއެވެ. ހޮވޭނެހެން ހީވަނީވެސް ބިލްކްލިންޓަނެވެ. އަޅުގަނޑު ރޭގައި ޖަލުއޮފީހަށް ނަސީމުކައިރިއަށް ގެންދިޔައެވެ. ނަސީމް ވިދާޅުވީ މިފަހަރު ތިތާތެރެއަށް ނުދާންވެގެން، އިލްޔާސް އޮފީހަށް ގެނައިކަމަށެވެ. މިގެނައި ކުށްވެރިވެގެންނެއް ނޫނޭ، ނަސީމު އަނގަތަޅާލާހިތުން ގެނައީކަމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑާ ވަރަށް ގިނައިރު ވަންދެން އަނގަތެޅުއްވިއެވެ. ޤަޟާޤަދަރާއި ސިހުރުހާހޫރައާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. ކޮންމަގްސަދެއްގައި ކުރެއްވިކަމެއް ކަމެއް ނޭގެއެވެ. އިސްތަފާ ވިދާޅުވެގެން އަޅުގަނޑުގެ ވިސްނުން ހުރިގޮތް ބަލަނީކަމަށް ވެސް ވެދާނެއެވެ. ވާހަކަތައް ދައްކަމުނެ ގެންދިޔައީ ވަރަށް މަޖާމޫޑެއްގައެވެ. ވަކިމަގްސަދެއް އޮވެގެންކުރެއްވި ކަމެއްހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑާ އޮންނަގާތްކަމުން ހަމައަނގަ ތަލާލެއްވީ ކަމަށް އަޅުގަނޑު ނިންމާއި އަޅުގަނޑު ވެސް ގިނައިން އަޅުގަނޑަށް އެނގިފައިހުރި އިލްމީހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަތައް ދިގުކޮށް ދެއްކީމެވެ. ނަސީން އިންނެވީ ވަރަށް މަޖާވެފައެވެ. އަދި އަޅުގަނޑާ ވަރަށް ގަޔާވެފައެވެ. ބޯލާށޭ ކިޔާފަ ކޯކްދަޅެއް ވެސް ދިނެވެ. މިކަން ނިންމާފަ ޖަލަށް، އާދެވުނީ ދަންވަރު، 12 ޖަހަނިކޮށެވެ.

5 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 683 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ކޮންމެދުވަހަކު ވެސް ގަސްތަކަށް ފެންދިނުން އޮވެއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށް ރީއްޗެވެ. ކޮއްކޮއިބުރޭއަށް އެފްޕީއައިޑިގެ މަޝްހޫރު ކެސެޓްރޯލާ ބަހޭގޮތުން އިއްވާފައިވާ، 5 މަސްދުވަހުގެ އަރުވާލުމުގެ ހުކުމް އަދިވެސް މައާފުނުދެއްވާ އޮތްކަމުގެ ޚަބަރު މިއަދު ލިބުނެވެ. އިބުރޭހުރީ އަރުވާނުލާ ގޭގައިކަމަށް ވެސް ޚަބަރުލިބުނެވެ. އަރުވާލުމަށްއޮތް ފަސްމަސް ދުވަސް ގޭގެބަންދަށް ބަދަލުކޮށް ދެއްވާފައި އޭނާހުރީ ގޭގައެވެ. އަދި ކޮއްކޮ އަލީރަޝީދު ހުސައިންވަނީ ރާއްޖެތެރެއިން ގެނައުމަށް އަންގާފައިކަމަށް ޚަބަރުލިބުނެވެ. ގެއަށްކަމެއް ދޫކޮށްލައްވަން ކަމެއް އަދި ނޭނގެއެވެ. އަލީގެންނަނީ ދޫކޮށްލާށޭ ވެސް ކިޔައެވެ. މުޅިން ދޫކޮށްލެއްވިނަމަ، މިހާރުވެސް ހުންނާނީ ރައީސް މައުމޫނު އެއަމުރު ނެރުއްވި ދުވަހުން ފެށިގެން މިނިވަންވެފައެވެ. އަދި އަރުވާލާފައި ހުރިރަށުން މާލެއަށް ނުގެނެވެނީ ކަމަށް ވެދާނެއެވެ. މިދޭތެރެއިން ކުރީދުވަހެއްގައި ސައްޕެ މާލެއަށް ގެންދިޔައީ، ރައީސް މައުމޫނާ ބައްދަލުކުރަންކަން މިއަދު އަޅުގަނޑުމެންނަށް ޚަބަރުލިބި، އޮޅުންފިލާއި ސާފުވިއެވެ. ސައްޕެގެ މަކަރުވެރި ގީދަޅުކަމުން މިވާހަކަބޭއްވީ، އަޅުގަނޑުމެންނަށް ނާންގާސިއްރުކޮށް ފައެވެ. މިއީ ސައްޕެގެ ބޭވަފާތެރިކަމެވެ. ސައްޕެއަކީ ޖަލުގައި ހުރިއިރު މާމޮޅުޖަލެއް ކުރަހައިދިނުމުގެ ނަމުގައި ސަރުކާރާ މާގާތްގުޅުމެއް ސިއްރުން ގެންގުޅުއްވި ބޭފުޅެކެވެ. މިވާހަކަތަކާއި އެކުރަހާ ކުރެހުންތައް އަޅުގަނޑުމެންނަށް ދައްކާޝެއާކޮށެއް ނުހަދައެވެ. މިވާހަކަ އަޅުގަނޑު މެންކައިރީ ނުބުނެ މިހާގިނަ ދުވަސް ވެފައިވަނިކޮށް މިކަން އަޅުގަނޑުމެންނަށް ފަޅާއެރީ، ނާސިރުގެ ފަރާތުންނެވެ. ސިލްވަރސީން އިބްރާހީމް ވަހީދު ދޫކޮށްލިޚަބަރު މިއަދުލިބުނެވެ. މީނާއަކީ މަޖީދުސަރ އާއި ވެލަބުލި އަލިފުޅައެކު ބަންދުކުރި މީހެކެވެ. މިމީހުންތިބި ބަންދަކީ، މާލެތެއަށް ސިއްރުން ސިޔާސީ ލިޔުންތަކެއް އެޅިމައްސަލަ އެއްގައި ފުލުސްކޯޓުން ކުރެއްވި ހުކުމެއްގެ ބަންދުގައެވެ. މިއީ ޑޮކްޓަރ ވަހީދަށް ތާއީދުކޮށް އެބޭފުޅުން ހިންގެވި ރާއްޖޭގެ އިސްލާހީ ހަރަކާތާ ގުޅުންހުރި ކަމެކެވެ. މިކަހަލަ ކަންތަކަށް އޭރުހުކުމް އިއްވަމުން ގެންދިޔައީ ފުލުސްކޯޓުން ވަރަށް ރާސްޓަސްކޮށެވެ. އަޅާލުމެއް ބަލާލުމެއް ނެތިއެވެ. ހެއްކެތްގަރީނާއެއް ބޭނުމެއްނުވެއެވެ. މިކޯޓު ހިންގާފައިވަނީ، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާއި އިންސާނިއްޔަތާއި އިންސާނީ ކަރާމަތްތެރިކަމާ ޚިލާފަށެވެ. ސަރުކާރުބަދަލުވި ދުވަހަކުން ފުލުސްކޯޓުގެ ކަންތައްބަލާ އެކަންތައް ހިންގި މުޖްރިމުންނަށް ހައްގުއަދަބު ދޭންޖެހޭނެއެވެ. އަދި ޖަލުގައި ބޮޑެތިއަނިޔާތައް ރާވައިގެން ހިންގިމީހުންގެ މައްސަލަތައް ބެލުމަށްފަހު، އެފަދަ މުޖްރިމުންނަށް ހައްގު އަދަބުތައް ދޭންޖެހޭނެއެވެ. މިއީ އަލަށް އުފަންވާ ސަރުކާރަކަށް އަޅަންޖެހޭނެ ވަރަށްމުހިންމު ފިޔަވަޅުތަކެކެވެ.

6 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 684 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނުހިންގައެވެ. ގަސްތަކަށް ފެންދިނުން އޮތެވެ. އެސަރަހައްދުގައި ހުރިވަޅު އަނެއްކާވެސް ސާފުކޮށް ހެދީމެވެ.

7 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 685 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ފުދޭވަރަކަށް މަޖާވި ދުވަހެކެވެ.

8 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 686 ވަނަ ދުވަހެވެ. ރާކުރަން ތައްޔާރުކުރާރުށް ސާފުކޮށް ހަދާއި ގަސްތަކަށް ފެންދިނުންއޮތެވެ. މިހާރު ރުކުގައިހުރީ ހަރުބަނދެ ނިމިފައެވެ. މިކަންކުރީ އެކިދުވަސް މަތިންނެވެ. މަސައްކަތް ފަށަން ރެޑީކޮށެވެ. އަންނިއަށް ގެއިންސާމަނު ލިބުމުން ރާކުރަންފަށާ ގޮތަށެވެ. މިއަދު ގެއިން އަޅުގަނޑަށް ވޯލްޑްބޭންޑްރޭޑިޔޯއެއް ލިބުނެވެ. މިރޭޑިޔޯއިން ދުނިޔޭގެހުރިހާ ހިސާބެއް ސާފުކޮށް ލިބެއެވެ. 12 ބޭންޑުން ވެސް ރީތިކޮށް ސާފުކޮށް ލިބެއެވެ. މިރޭޑިޔޯގެ މޮޑެލްނަންބަރަކީ ސޮނީ، އައިސީއެފް، 7601 އެވެ. މިރޭޑިޔޯއާއި ކުރިންޖަލުގައި ވަގަށް އެތެރެކޮށްގެން ގެންގުޅުނު ކުޑަކުޑަރޭޑިޔޯ އަދިވެސް އެބައޮތެވެ. މިދެރޭޑިޔޯގެ ފޮޓޯ ސައިޓަށާއި ފޭސްބުކަށް، ﷲ އިރާދަކުރެއްވިއްޔާ އަޕްލޯޑް ކުރާނަމެވެ. ޕްރިސަންސުން މިއަދު އަޅުގަނޑަށް، ޖަވާހިރުވާދީގައި ގަރާޖެއް ހެދުމުގެ ހުއްދައަށްއެދި ލިޔުނުސިޓީތައް ގެއާހަވާލުކޮށް ނިންމައިފިކަމަށް ޖަވާބުދެއްވި ސިޓީލިބުނެވެ. އަބްދުﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން އަބްދުﷲ ހުސައިނާ، ކޮއްކޮ އިބުރޭގެ އަންހެނުން، އަންދިޔާ ދިމާވެގެން ސަލާންފޮނުވިއެވެ. އަދި ގަރާޖުގެ މަސައްކަތުގެ ހުއްދަވަރަށް އަވަހަށް ލިބިދާނެކަމަށް އަންދިގެ ފަރާތުން ޚަބަރުލިބުނެވެ. އަލީމާލެ ގެނެސް މިނިވަންކޮށް މުޅިންދޫކޮށްލި ވާހަކައާއި އިބުރޭ އަދިހުރީ ގޭގެބަންދުގައި ކަމަށް އަންދި ޚަބަރުދިނެވެ. އިބުރޭގެ އަރުވާލުމުގެ ހުކުމް ގޭބަންދަށް ބަދަލުކޮށް ދެއްވީއެވެ. ބާކީއޮތީ އެންމެ ފަސްމަސްދުވަސް ކަމަށް ބުންޏެވެ. ލަކްސްލީން މަސްއޫދުގެ އަރުވާލުމުގެ ބާކީބައި ގޭބަންދަށް ބަދަލުކޮށް ދެއްވިޚަބަރުވެސް އަންދިދިނެވެ. މިހާރު މަސްއޫދުވެސް ހުންނެވީ ގޭބަންދުގައެވެ. އަޅުގަނޑަށް ލިބުނު އާރޭޑިޔޯއިން މިރޭ، ޚަބަރުއަހަން ފެއްޓީމެވެ. ނުނިދާވަރަށް ގިނައިރުވަންދެން ރޭޑިޔޯހިފައިގެން ފެންޑާގައި އެއްތަނުން އަނެއްތަނަށް އަޅުވައިގެން އިނީއެވެ. އަޅުގަނޑަކީ އަބަދުވެސް ވަރަށްރޭޑިޔޯ އަޑުއަހާހިތްވާ މީހެކެވެ. ބީބީސީއާއި ސީއެންއެން ގަވައިދުން އަހަމެވެ. އަރަބި އޮރުދޫ ބަހުންވެސް އަހާހަދަމެވެ. އުރުދޫ ބީބީސީއަކީ އެންމެއަހާހިތްވާ ޗެނަލެވެ. މިއީ ވަރަށް ހިތްގައިމު ރޭޑިޔޯއެކެވެ. މުޅިން ބަރާބަރެވެ. މިފަދަ ރޭޑިޔޯއެއް ޖަލަށް ފޮނުވައި ދެއްވީތީ، ލޮބުވެތި މަންމައަށް ޝުކުރުވެރި ވަމެވެ.

9 ނޮވެންބަރ 1992 ވީހޯމަ ދުވަހެވެ. ޖަލުގައި ހުންނަތާ، 687 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ރޭޑިޔޯ ޚަބަރުދޭގޮތުގައި މިއަދަކީ ރައީސް މައުމޫނު ސަރުކާރުގެ ބޮޑުދުވަހެކެވެ. ފުރަތަމަ ހެނދުނު، 8 ޖެހިއިރު މިނިސްޓްރީ އޮފް ޖަސްޓިސް ހިންގާނެ އިދާރީބައި ހިމެނޭއޮފީސް ބަޔާއި ހުރިހާކޯޓުތަކެއް ހިންގާނެ ބައިތަކާއި ޢަރްޝީފު ހިންގާނެ އިދާރީބައި ހިމެނޭބިލްޑިންގް ރައީސް މައުމޫނު މިއަދު ހުޅުވައި ދެއްވިއެވެ. އެއަށްފަހު، ދެންއޮތީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) ބިލްޑިންގް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބަދަރު ސަރަހައްދުގައި އެއިމާރާތުގެ ބިންގާއަޅުއްވައި ދެއްވުމެވެ. އަދި ބަނދަރުގެ ދެވަނަފޭސް ނިމިފައިވުމުން އެބައި ރަސްމީކޮށް ހުޅުއްވައި ދެއްވުން ހެދުނު، 10:00 ގައި އެސަރައްދުގައި އޮތެވެ. ބަނދަރުގެ ވެރިޔަކަށް އަލްފާޟިލް އަލީއަބްދުﷲ މިބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. އަލީއަބްދުﷲ އަށް ފަހު، ރައީސް މައުމޫނުގެ ވާހަކަފުޅު އޮތެވެ. ދެން އެއަށްފަހު، 11:30 ގައި ހުޅުއްވައި ދެއްވީ، އެލައިޑް ހެލްތެވެ. މިހާރުގެ ނަމުންނަމަ، އިންސްޓިޓިއުޓް އޮފް ހެލްތްސައިންސް އިމާރާތެވެ. މިޖަލްސާގައި ޝުކުރުދެންނެވީ، ވިޒާދާއި ވިސާމުގެ މަންމަ، އަލްފާޟިލާ ސައީދާއެވެ. އަދި ހެލްތްގައި މަސައްކަތް ކުރައްވާ، ތިޔަރަ ރަޝީދާއާއި ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފް ވެސް ވާހަކަ ދެއްކެވިއެވެ. މިބޭފުޅުންނަށް ފަހު، ވާހަކަދެއްކެވީ ރައީސް މައުމޫނެވެ. މިހަފްލާއަށް ފަސްޓްލޭޑީ ނަސްރީނާވެސް ވަޑައިގެންނެވިއެވެ. މިއިމާރާތް ކުރެއްސެވި ފަރާތްކަމުގައިވާ، ސައްޕެއަށް ރައީސް މައުމޫނު ވާހަކަފުޅު ނިންމަވާލައްވަމުން ޝުކުރުއަދާ ކުރެއްވިއެވެ. ސައްޕެއޭރު ހުންނަވާނީ ގޭގެބަންދުގައި ދޫކޮށް ނުލައްވައެވެ.

10 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 688 ވަނަ ދުވަހެވެ. ވިންޓަރޝަރީފު އޭނާގެ ގޭގެމީހުންނާ ބައްދަލު ކުރިއެވެ. ނާސިރަށް ގެއިންސާމާނު ލިބުނެވެ. އަދި އަންނިއަށް ވެސް ގެއިންބައިވަރު ސާމާނު ލިބުނެވެ. އެހެނަސް އޭގެތެރޭގައި ރާވެރިކަމަށް ބޭނުންވާ ތަކެއްޗެއް ނެތެވެ. އަޅުގަނޑުމެން ހީކޮށްގެންތިބީ އަންނިއަށް ސާމާނުލިބޭ ދުވަހަކު މިތަކެތިލިބޭނެ ކަމަށެވެ. އަވަހަށް ރުކަށް އަރަން ފެށޭނެކަމަށެވެ. މިއަދު މ.އޮމަދޫ އިލްޔާސް އަބްދުﷲ ގޭބަންދަށް ބަދަލުކުރެއްވި ޚަބަރުލިބުނެވެ. ސައްޕެ އަދިވެސް ހުރީގޭގައިކަމަށް ޚަބަރުލިބުނެވެ. އެހެނަސް ސައްޕެ ވަރަށް އަވަހަށް ދޫކޮށްލައްވަފާނެ ކަމުގެޚަބަރުތައް އެބަހުއްޓެވެ. މިހާރު ސައްޕެގެ ޖަލުގެހުކުމްވަނީ، ގޭގެބަންދަށް އެކުގައި ބަދަލުކޮށް ދެއްވާފައެވެ. މިއީ އިސްތަފާ އިބްރާހީމް މަނިކު ބާރުއަޅުއްވައިގެން ކޮށްދެއްވި ކަމެއްކަމަށް ޚަބަރުލިބުނެވެ.

11 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 689 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނުގެ ވެރިކަމަށް، 14 އަހަރުފުރި، 15 އަހަރަށްފެށުނު ޖުމްހޫރީދުވަހެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ، 1978 ގައެވެ. މިއަދުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއް އޮތެވެ. މިޖަލްސާގައި ރައީސް މައުމޫނު ވަރަށްދިގު ތަގްރީރެއް ދެއްވިއެވެ. މިޖަލްސާފެށުނީ ހެނދުނު، 9:30 ގައެވެ. ޖަލްސާތައާރަފް ކޮށްދެއްވީ އަލްފާޟިލް އައްބާސް އިބްރާހީމެވެ. އަލްއުސްތާޒު އަބްދުﷲ ހަމީދު ވާހަކަ ދެއްކެވިއެވެ. ޚިދުމަތުގެ އިނާމުތައް، 27 ފަރާތަކާ ހަވާލުކުރުން މިޖަލްސާގައި އޮތެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި މާލެތެރޭގައި އަލިފާންޖެހި ވާހަކައާއި ސަލްޓަންޕާކްގައި ކަޓޫރަބޮން ގޮއްވާލި ކަންތަކަށް އަލިއަޅުވާލެއްވިއެވެ. މިއަދު އަޅުގަނޑުމެން ބޭރަށްނުނެރެއެވެ. ބިދޭސީ ގައިދީންތައް ބޭރަށްނުނެރޭތީ މައްސަލަ ޖެއްސުމުން މިއަދުއެމީހުން ބޭރަށްނެރުނީއެވެ. މިވާހަކައޮފީހާ ދައްކާލުމުން މާދަމާނެރޭނެ ކަމާއި ބިދޭސީންގެ ކަންތަކާހެދި މިއަދު ނުނެރެވުނީ ކަމުގައި ޖަލުއޮފީހުން ބުންޏެވެ. ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ބޭއްވިރަސްމީ ޖަލްސާގައި ބިދޭސީ ދެމަސްބޯޓު އަތުލައިގަތް ދެދޯންޏެއްގެ ވެރިފަރާތަށް ވެސް އިނާމުދެއްވުން އޮތެވެ.

13 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 690 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ. މިއަދުގެ މަޣްރިބްނަމާދާއި އިޝާނަމާދާ ދޭތެރޭގައި އަލިފާނުގެ މައްސަލާގައި ހުކުމްއިއްވާފައި ހުރި، އަބްދުލްއަޒީޒު ތ.ގުރައިދޫ މިބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 6 ނަންބަރ ކޮޓަރިއަށެވެ. އަބްދުލްޣައްފާރު މާލެއަށް ގެންދިއުމުން ހުސްވި ކޮޓަރިއަށެވެ. މިހާރު އަނެއްކާވެސް، 13 މީހުން މިބައިގާހަމަ ވީއެވެ. ޖަލުގެ މިބައިގާ ހުންނަނީ، 7 ކޮޓަރިއެވެ. ނަންބަރުދީފައި ހުންނަނީ، 6،7،8، އަދި 9،10،11،12 މިގޮތަށެވެ. ފުރަތަމަ ތިންކޮޓަރިއަކީ ދެއެނދުގެ ކޮޓަރިތެރޭގައި ފާޚާނާއެއްނެތި ހަދާފައި ހުންނަ ކޮޓަރިތަކެވެ. އަނެއް، 4 ކޮޓަރިއަކީ، 3 އެނދުހުންނަ އެޓޭޗްފާޚާނާ އާއެކު ހަދާފައި ހުންނަކޮޓަރިއެވެ. މިހާރު އަނެއްކާވެސް، މިބައިގައި، 13 މީހުންހަމަވީއެވެ.

13 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 691 ވަނަ ދުވަހެވެ. ރޭގަނޑު، 9:15 ގައި އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. އޮފީހުގައި އިންނެވީ އޮފީސް ހިންގަވާ، ކ.ހިންމަފުށީ ނަސީމެވެ. އަޅުގަނޑާ ވާހަކަ ދައްކާލަންށާއި ކުޅިވަރުގެ ގަޑިއަށްބަދަލެއް ގެންނަވާހަކަ އަންގާލަން ގެނައިކަމަށް ވިދާޅުވިއެވެ. މާދަމާއިން ފެށިގެން މިހަމަޖެއްސީ ހަވީރު، 4 ން 6 ށް ކަމަށް އެންގެވިއެވެ. ހަތަރަކުން ފެށިގެން ފަސްގަޑި ފަނަރައަށް ކުޅެފައި ދެން ފަސްގަޑި ސާޅީސްފަހެއް ވަންދެން މޫދުގައި އުޅެފައި ހައެއްޖަހާއިރަށް އެތެރެއަށް ވަދެނިންމާ ގޮތަށެވެ. މިކަންމިގޮތަށް މިހަމަޖައްސައިދިނީ، އަޅުގަނޑު އެދިގެންނެވެ. ނަސީމް ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅުގޮތެއް ވާނެކަމަށް އޭނާ ލަފާކުރައްވާ ކަމަށެވެ. ނަސީމުގެ ވާހަކައަކީ އަޅުގަނޑު ވެސް ވަރަށްއަވަހަށް މާލެއަށް ގެންދާނެއެވެ.

14 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 692 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީ ރަސްމީ ބަންދަށް ފަހު، އޮފީސްތައް ހުޅުވުނު ދުވަހެވެ.

15 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 693 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ވަހީދުބެއާއި ތުއްތަ ފެނުނެވެ. އަދި ޖަލުގައި އުޅެފައި ގެންދިޔަ ފާޒިރުވެސް ފެނުނެވެ. ބޭރުގައި ބަންދުގައިހުރި ޝަންމި މިބަޔަށް ރޭގަނޑު ވަގުތެއްގައި ގެނެސް ވެއްދިއެވެ. އޭނާވެއްދީ ވިންޓަރުޝަރީފް އުޅުއްވާކޮޓަރި، 8 ނަންބަރަށެވެ. މިބައިގާ މިވަގުތުބާކީ ދެންހުރީ، 4 ޖާގައެވެ.

16 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 694 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު ހެނދުނު ދިހައެއްޖެހިއިރު ޖުވާނުންނާބެހޭ ޖަލްސާއެއް ގައުމީފެންވަރުގައި މާލޭގައި ފެށުނެވެ. މިޖަލްސާގައި ވާހަކަދެއްކެވީ އިސްމާޢީލަ އަބްދުލްގާދިރާއި އިލްޔާސް އިބްރާހީމާއި އަދި އަންހެން ޖުވާނެކެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނެވެ. ސްޓޭޖު ބަލަހައްޓައި ދެއްވީ، މ.މިރިހިމާގެ އަބްދުއްލަތީފް މަހްމޫދެވެ. މީނާއަކީ ބުރުނީ މަހްމޫދުގެ ދަރިފުޅެކެވެ. މިޖަލްސާގެ ނަމަކީ، ދިވެހިޒުވަނުން، 1992 އެވެ. މިއީ ޒުވާނުންނާބެހޭ ގައުމީޖަލްސާއެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މިއަދަކީ ޖަލަށް މުޅިންއަލަށް ދިވެހި އަންހެންކުއްޖަކު ގެނެސް ބަންދުކުރި ދުވަހެވެ. މިއީ މިތަނުން ޚަބަރުލިބޭ ގޮތެވެ. މީނާއަކީ ޅަފުރައިގެ ޒުވާންއަންހެން ކުއްޖެކެވެ. އަޅުގަނޑުމެން ހީހީފައި ޒުވާނުންގެ ޖަލްސާއާއެކު ޖަލަށް ދިވެހިޒުވާން އަންހެނަކު ލިބުނީތާއޭކީމެވެ. ދެން އިސާހިތަކު ޖަލުގައި އަންހެނުން ވެސް ގިނަވެދާނެތާއެވެ.

17 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 695 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެގެންދިޔައެވެ. އަންނި، އަންނިގެ ބައްޕައާ ބައްދަލުކުރިއެވެ. އަންނި ބައްޕަގެ ސަލާމްލިބުނެވެ. އަދި ވަރަށް އަވަހަށް ރާއެރުމަށް ބޭނުންވާ ސާމާނުލިބޭނެ ކަމުގެޚަބަރު ލިބުނެވެ.

18 ނިވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 696 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިބައިގެކޮޓަރި ތަކުގެބިއްދަށު ފާރުގައި ތަންކޮޅެއް މަތީގައި ހުންނަކުޑަ ދޮރުތަކުން ކޮޓަރިތެރެއަށް ވާރޭވިއްސާތީ އެފެންލައިޓް ތަކުގެބޭރުގައި އޮމާންޓިނުން ނިތްގަނޑެއް ޖެހުމުގެ މަސައްކަތް މިއަދު ކުރީމެވެ. ތަކެތިދިނީމާ މިމަސައްކަތްކުރީ ހަންދުއެވެ. މިކަހަލަ މަސައްކަތްތައް އަގަކާނުލާ އަޅުގަނޑުމެން ކޮށްދޭތީ ޖަލުއޮފީހުން ޝުކުރުއަދާ ކުރެއެވެ.

19 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 697 ވަނަ ދުވަހެވެ. މިއަދު އާތުއާއި ހަންނުއާއި ތުއްތަ އަޅުގަނޑު މެންނާ ބައްދަލުކުރަން އައެވެ. އާތުއާއިހަންނު ބައްދަލުކުރީ ހަންދުއާއެވެ. ތުއްތަ ބައްދަލުކުރީ، އަޅުގަނޑާއި ބިގޭއާއި ހަންދުއާއެވެ. ގެއިންބައެއް ސާމާނުގެނެސް ދިނެވެ. ޒުވާނުންގެ ގައުމީޖަލްސާގެ ނިންމުން މިއަދުހަވީރު އޮތްކަން ރޭޑިޔޯއިން އޮޅުންފިލިއެވެ. ރައީސް މައުމޫނު ނިންމުމުގެ މިޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

20 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 698 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު ގެއިންފޮނުވި ނޫސްބޮނޑިއެއް ލިބުނެވެ. ގެއިންމުޅިން ވެސް ފޮނުވަނީ ހަވީރުނޫހެވެ. ދެން ނިއުސްވީކްގެ ކޮޕީއެކެވެ.

21 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 699 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ގައުމީފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުނުދުވަހެވެ. ބައްދަލުކުރީ ކުރީދެއަހަރުގެ ޗެންޕިއަން ކުލަބްކަމުގައިވާ، ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މިއަދު ޝަންމި މާލެއަށް ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ގެއިންސާމާނު ފޮނުވިދުވަހު، ހަންދުއަށް ކަރަންޓު ބޭނުންކޮށްގެން ފެންކައްކާ ކުރައެއް ފޮނުވި ޚަބަރު މިއަދު ލިބުނެވެ. އެހެނަސް މިކުރާ ހަންދުއަށް ރައްދުނުކޮށް ޕްރިސަންސްގައި ބެހައްޓާފައި ހުރީއެވެ. މިކަމާ ޖަލުއޮފީހުގެ ނަސީމާ ސުވާލުކުރުމުން ވިދާޅުވީ އެކުރާ ޕްރިސަންސްގައި ބަހެއްޓިފައި އެބަހުރި ކަމަށެވެ. ވަރަށް އަވަހަށް އޭތިޖަލަށް އެތެރެކުރެވޭ ބާވަތްތަކުގައި ހިމެނޭތޯ ބެލުމަށްފަހު، ހުއްދަލިބިއްޖެނަމަ ދޫކުރެވޭނެއެވެ. ހަންދުއަށް ނުފޮނުވިއްޖެނަމަ އަނބުރާގެއަށް ރައްދު ކުރެވޭނެކަމަށް މާލޭންއެންގެވި ކަމަށް ނަސީމު ބުނުއްވިއެވެ. މިޚަބަރުލިބުމުން އަޅުގަނޑު މިވާހަކަ ނަސީމުގާތުގައި ދެއްކީ މިއަދުގެ މެންދުރު ކުރިންނެވެ. މިއަދު ހަވީރު މިދެންނެވި ފެންކައްކާކުރާ ޖަލަށްގެނެސް ހަންދުއާ ހާވާކުރިއެވެ. މިވީގޮތުން ބޭނުންވާއިރަށް ހޫނުފެން ލިބެންފެށީއެވެ. ކޮފީއާއިސައި ބޭނުންއިރަކު ބޯލެވޭގޮތް ހަމަޖެހުނީއެވެ. ނަސީމަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިއަދު ކުޅެވުނުމެޗުން، ދެބައިއެއްވަރުވެ، އެއްވެސް ބަޔަކަށް ލަނޑެއްނުޖެހި ޑްރޯވުމުން، އަލުންމާދަމާ ނޫންއަނެއް ދުވަހު، މިމެޗްކުޅޭގޮތަށް ހަމަޖެއްސީއެވެ.

22 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 700 ވަނަ ދުވަހެވެ. މިއަދަކީ ފާހަގަކޮށްލަންޖެހޭ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 700 ދުވަސް ހަމަވީ ދުވަހަށް ވާތީއެވެ. ﷲ ހަދާންކޮށް ދެރަކްއަތް ނަމާދެއްކޮށް، ﷲގެ ދީލަތިކަން މަތީގައި ހެޔޮހާލުގައި ފުރިހަމަބުއްދީގައި ޖަލުގެގޮތްނޭންގޭ އަނިޔާތަކު ތެރޭގައި ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާތީ، ހާސްހާސް ޝުކުރު ދެންނެވީމެވެ. މިކަންކުރީ ޖަލުގެ މިސްކިތުގައެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު މޫދުންދިރޭމަސް ވަރަށްގިނައިން ހިފައިގެން ގެނައީމެވެ. ގިނައީ ކުދިކުދި ރާބުޅައާ އެވައްތަރުގެ އެހެން މަހެވެ. ކިރުހުސްކުރި ދަޅަކަށް އަޅައިގެން ކައްކާއިގެން ކާލީއެވެ. ފެނުކެއްކި މާހާއި ކާއްޓާއެވެ. ވަރަށް މަޖަލެވެ. ގަސްއިންދާ ސަރަހައްދުގައި ހުންނަރުށްތަކުން ކާށީލިބެއެވެ. އަންނި މާލެއަށް ޑޮކްޓަރަށް ގެންދިޔައެވެ. މިއަދު ޖަލުއޮފީހުން، ގަސްއިންދާ ސަރަހައްދަށް ހެނދުނު، 6 ން ފެށިގެން ހަވީރު، 6 އަށް ނުކުމެއުޅެވޭގޮތަށް ހުއްދަދިނެވެ. އަޅުގަނޑު ލައްވާފޮތެއްގައި ސޮއިކުރުވާފައި މިކަން ހަމަޖައްސައި ދިނެވެ. އަދި ރަސްމީކޮށް ރާކުރަން ތައްޔާރުކޮށް ފައިހުރިރުށް ރާކުރުމުގެ ހުއްދަވެސް މިއަދުދިނެވެ. މިއަދު އަންނިމާލޭން އައިސް ވަރަށް އަވަހަށް ރާވެރިއަކަށް ބޭނުންވާ ހުރިހާސާމާނެއް އެގެއިން އަންނިއަށް ލަސްތަކެއްނުވެ ފޮނުވާނެޚަބަރު ދެއްވިއެވެ. މިހާރުމިތިބެވެނީ މިސާމާނު ލިބޭނެ ދުވަހަކަށް ތައްޔާރު ވެގެންނެވެ. ރުށްހުރީ ހަރުބަނދެ ތައްޔާރުކޮށް ފައެވެ. ބައެއްފަހަރު މަޖަލަށް އެރުކަށް އަރާލާހަދަމެވެ.

23 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 701 ވަނަ ދުވަހެވެ. މިއަދުހަވީރު، ގައުމީފުޓްބޯޅަ މުބާރާތް ޑްރޯވެފައިވާތީ އަލުންކުޅެން ނިންމި މެޗްކުޅުން ދެވަނަފަހަރަށް އޮތެވެ. މޮޅުވީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. 1 ލަނޑު، 0 ލަނޑުންނެވެ. ވިކްޓްރީގެ ލަނޑުޖެހީ، އިސްމާއީލް އަނިލްއެވެ. އިނާމުތައް ބައްސަވައި ދެއްވީދުވަހުގެ ޝަރަފުވެރި މެހްމާނު، ރައީސް މައުމޫނެވެ. މިއަދަކީ ޖަލުގައި ވަރަށް އުފާވެރު ދުވަހެކެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބަކީ އަންނިގެ ކްލަބަށްވާތީއެވެ. އުފާވެރި މިމުނާސަބަތު ފާހަގަކުރުން އަޅުގަނޑުމެން ޖަލުގައި ބޭއްވީމެވެ. މިއަދު އިރުއޮއްސުނު ފަހުން، އަންނިއަށް ރާކުރުމަށް ބޭނުންވާ ހުރިހާސާމާނެއް ލިބުނެވެ. މިކަންވެސްވީ އަޅުގަނޑު މެންނަށްލިބުނު އުފަލަކަށެވެ. އަޅުގަނޑު މެންގެރާވެރިޔަކަށް ހަމަޖެހިފައިވަނީ އަންނިއެވެ. އެއީ އަންނި ޝައުގުވެރިވާ ވަރުން އަމިއްލައަށް ކުރައްވަން ގަސްދުކުރެއްވި މަސައްކަތެކެވެ. ކަމާބެހޭފޮތްތަކާއި ލިޔުންތައް މާކުރިން ހޯއްދަވައިގެން މިހާރުވަނީ ކިޔުއްވާ ހައްދަވާފައެވެ. އިރާދަކުރެއްވިއްޔާ ރާފޮދެއްބޯލަން ލިބޭނެކަމުގެ އުންމީދުއެބައޮތެވެ. މިއަދުވެސް ޝަންމި މާލެގެންދިޔައެވެ. މިހާގިނަގިނައިން މިކަލޭގެމާލެ ދަނީ، ހަމަ ބަލިވެގެންބާވައޭ ޝައްކު ކުރެވެއެވެ. ޝަންމިއަކީ ޑްރަގްގެ ގޮލައެކެވެ. ހުންނަނީވެސް ވަރަށްހިކިކޮށެވެ. ވިސާމުގެ މަންމަ މިއަދުވިސާމާ ބައްދަލުކުރިއެވެ. އަޅުގަނޑުގެ ކޮއްކޮއަލީ ރަޝީދުމާލެ ގެނެސް މިނިވަންކޮށް ދޫކޮށްލިޚަބަރު، ވިސާމުގެ މަންމަގެ ފަރާތުން ލިބުނެވެ. ވިސާމަށް އެގެއިން ފެންހަމެއް މިއަދު ގެނެސްދިނެވެ. ވިސާމު، މީކޮންކަހަލަ ފެނެއްކަމެއް ނުބުނެދިނެވެ. ހީވަނީ އޭނަގެ މަންމަ މައްކާއިން ގެނައިޒަމްޒަމް ހަމެއްހެންނެވެ. އެހެންނޫނީ ޖަލަށް ފެންހަމެއް ފޮނުވަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވާރޭފެން ލިބެންހުރެއެވެ. ފެންހަމުގެ އިތުރުން ވިސާމަށްކެއުމުގެ ބައެއްސާމާނު ވެސް ގެއިންލިބުނެވެ.

24 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 702 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަދި މުހަންމަދު އާދިލްގެ ދޮންބެ އޭނާއާ ބައްދަލުކުރުން މިއަދުއޮތެވެ. ބިސްމިﷲ ކިޔާފައި މިއަދު އަލަށް ރުކަށްއެރުން އިފްތިތާހު ކުރުންއޮތެވެ. ރުއްރާކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު އަންނި ފެއްޓެވިއެވެ. ޅައެތެއްގައި ފުރަތަމަ ފަހަރަށް ކަށިކިޔޮފަތް އޮޅާއި ގުދުކޮށް ލުމަށްފަހު ކޮޅުބުރުކޮށް ލިއެވެ. ވަރަށްކޮށާ ހެއްދެވިއެވެ. ތިރީގައި އަޅުގަނޑުމެން ބަލަންތިބީމެވެ. އަންނިގެންގުޅޭ ތާރީޚީފޮތެއްގައި އެކަންކުރުމަށް ލިޔެފައިވާގޮތަށް އެއެތުގެކުރި ބުރިކޮށްލާއި ބަންޖެއް އަޅުވާއި ހުރިހާކަމެއް ނިންމާލެއްވިއެވެ. ރުކުގައި ކުޅަދުރު އުޅޭތީ މިމަސައްކަތް އަންނިއަށް ކުރެވުނީ ވަރަށް ގިނައިރުގެ މަސައްކަތުންނެވެ. ފުދޭވަރަކަށް އުދަގުލުންނެވެ. އަދި ފުރަތަމަ ދުވަހަށްވާތީ ލަސްވެސްވިއެވެ. އެހެނަސް ރުކުންފޭބީ، ފޮތުގައި އޮތްގޮތަށް ކުރަންޖެހޭ ހުރިހާކަމެއް ކޮށްނިންމާފައެވެ. އަޅުގަނޑު ވަރަށް ޝައުގުވެރި ކަމާއެކު މިމަސައްކަތް ބަލަންރުއްބުޑުގައި ހުރިހާކަމެއް ނިމެންދެން އަންނިއަށް އެހީތެރިވާން ހުރީމެވެ. އަބަދުވެސް އަންނިކުރާ މަސައްކަތަށް ފޯރިދީއެކަން ކުރުވުމަށް އެންމެކާރީގައި ހުންނަނީ އަޅުގަނޑެވެ. އެހެންވެ ހުރިހާކަމެއްގައި ވެސް އަންނި އަޅުގަނޑަށް އިތުބާރުކޮށް ލޯބިކުރާކަން އެނގެއެވެ. މުތާލިއާކުރައްވަން ގެންގުޅުއްވާ ތާރީޚީފޮތްތައް ގަދަކަމުން އަޅުގަނޑަށް ދީގެން ކިޔުވަންބާރު އަޅުއްވާނެއެވެ. މިއީ އަންނިގެ ވަރަށް ރަނގަޅު ސިފައެކެވެ. އަޅުގަނޑުމެން އޭނަގެ ލީޑަރޝިޕްގެ ދަށަށް ލަންބާލުމުގެ ކުޅަދާނަކަން އަންނިގައިގާ ހުރެއެވެ. ދުވަހަކުވެސް ރުޅިއައިތަނެއް އަޅުގަނޑު ނުދެކެމެވެ. ރުޅިއިސްކޮށް އެއްޗެއް ވިދާޅުވި އަޑެއްނާހަމެވެ. ހުންނާނީ ހިނިތުންވެފައެވެ. ރުޅިއައިސްފައި ހުންނެވި މިންވަރެއް ވަޒަންކުރާކަށް ނޭނގޭނެއެވެ. އަބަދުވެސް ހުންނަވާނީ އެހުންނަވާ ވަރަކަށް ހިނިތުން ވުމުގައެވެ. މިއަދުވެސް މޫދުން ހިފުނުމަސްތައް ޖަލުތެރެއަށް ގެނެސް ކައްކައިގެން ކާއްޓައެކު ކާލީއެވެ. މީގެތެރޭގައި މިއަދު އަތުލައިގަނެވުނު، ބޮޑުކަޅު ވެނެއްވެސް ގެނެސް ކައްކައިގެން ކާލީއެވެ. ވެނުމަސް ގިނައިން ކާންޖެހުނީ އަޅުގަނޑަށެވެ. އަޅުގަނޑަކީ ރޮލާވެސް މަސްކައިއުޅޭ މީހަކަށްވާތި، ކޮންމެ ވަށްތަރެއްގެ މަހެއް ވެސް އަޅުގަނޑަށް ވަރަށްމީރެވެ. މިއަދު ޔޫރަޕްގެދޮން އަންހެނެއް އެއްޖިންސުން ގުޅުންހިންގި މައްސަލައެއްގައި ގެނެސް ބޭރުގޮޅިއަށް ވެއްދިޚަބަރު ލިބުނެވެ. ސިފައިން މިއަންހެން މީހާއަށްކިޔަނީ ތަގަރިދައިތަ އެވެ. ޖަލުތެރޭގެ ހުރިހާ ޚަބަރެއް އަޅުގަނޑު މެންނަށް ވަގުތުން ވަގުތައް މިހާރުލިބެއެވެ. މިހާރަކަށް އައިސް މަނާކަންތަކެއް ނޯވެއެވެ.

25 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 703 ވަނަ ދުވަހެވެ. މިއަދު އަންނިމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރާކުރިއެތް ހެނދުނުބަލާލި އިރުއިނީ، އޮޅާފައިހުރި ކަށިކިޔޮފަތްތައް ފަޅާލައި ފޮޅެންފަށާފައެވެ. ފުރަތަމައެތް އަންނިއަށް ކާމިޔާބު ނުކުރެވުނީއެވެ. ހީވަނީދުވަސްވީ އެތެއް ރާކުރެވޭތޯ އުޅެވުނީ ހެންނެވެ. މެންދުރެއްހާއިރަށް ކަށިކިޔޮފަތްތައް ފަޅާލާފައި އެއެތްއިނީ ފުދޭވަރަކަށް ފޮޅިފައެވެ. އަޅުގަނޑުމެން ރާފޮދެއްގެ އިންތިޒާރުގައި އަނގަހިއްކާފައި ތިއްބާމިވީގޮތުން ވަރަށް ދެރަވިއެވެ. މިއަދު މާލެފުރުމުގެ ކުރިން އަންނި ރުކަށްއެރިއެވެ. އަނެއްކާ އެހެންއެތެއް ވަރަށް އަވަސްއަވަހަށް ތައްޔާރުކޮށް ރާބަނދިއެޅުވީއެވެ. މާލެ ފުރަންޖެހޭތީ މާއަވަސްކޮށްލަން ޖެހުނީއެވެ. އަޅުގަނޑު ކައިރީގައި އެހީތެރިވާން ހުރީމެވެ. މިއެތުން އިރާދަކުރެއްވިއްޔާ ރާފޮދެއް ލިބޭނެކަމުގެ އުންމީދުގައެވެ. މިއަދު މެންދުރުފަހުން ތިނަދޫޒާހިރު ރުކަށްއެރުވީމެވެ. އަންނި މާލޭން، އައުމުގެ ކުރިން އަލަށްރާކުރި އެތުގެ ހާލުބަލުމަށެވެ. މިސޮރަކީ ބަސްއަހާ ގޮލައެއް ނޫނެވެ. އަންނި ކޮށްފައިހުރި މަސައްކަތް ރޫޅާލައި އަލުން އެއެތްބަނދެ އެތައްކަމެއް މީނާ އަމިއްލައަށް ކޮށްފިއެވެ. އެތުގެ ކޮޅުންކޮށާވެސް ހެދިތަންފެނުނެވެ. ތިރީގައި ހުރެގެން ނުކުޅޭށޭ ބުންޏަސް މިސޮރުއަޑެއް ނާހައެވެ. ގިނަކަންތައްތަކެއް ކުރުމަށްފަހު ފައިބާފައިބުނީ މިފަހަރު ރާލިބޭނެއެވެ. ބަރާބަރުވާނެއެވެ. މީނާއެރުވީ އެއްވެސް އެތަކާ ކުޅުން މަނާކޮށްފައެވެ. ހަމައެކަނި ބަލާލާށެވެ. މިއީ އަޅުގަނޑަށް ހެދުނުގޯހެއްކަން ފަހުންވިސްނުނެވެ.

26 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 704 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެގެންދިޔައެވެ. އޭނާގެ މާމައާބައްދަލު ކުރުމަށް އިރުކޮޅަކަށް ގެއަށް ގެންދާށެވެ. މިއަދު އަންނިއަށް ގެއިންބައެއް ސާމަނު ލިބުނެވެ. ގިނައިންހުރީ ކެއުމުގެ ސާމާނެވެ. އަންނިގެ މަންމަ އަންނިއާބައްދަލު ކުރުމަށް މިއަދުޖަލަށް އައެވެ. އަންނިމަންމަ ގެނައި އެކްސަސައިޒިން ބައިސްކަލް  އިރުއޮއްސެނިކޮށް ގެނެސް މިބަޔަށް ވެއްދިއެވެ. ހުރިހާ ގައިދީންނަށް ކަސްރަތުކުރަން އެރޭގޮތަށް މިބައިސްކަލްވަނީ އަންނި ހުޅުވާލައްވާފައެވެ. ބެހެއްޓެވީ ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. ކޮޓަރިތަކުގެ ހުޅުވިފައިވާ ފެންޑާގައެވެ. މިއަދު ރުކަށް އެރީއަންނިއެވެ. ބޭރުފުށުން ފެންނަފެނުމުގައި ޒާހިރުގޯހެއް ހަދާފައި ނެތްކަމަށް އަންނި ބުނެދެއްވިއެވެ. މިއަދުވެސް އިތުރުއެތެއް ގުދުކޮށްހަދާއި ޕްލާސްޓިކް ފުޅިއަކުން ބަންޖެއްހަދައި އެޅުވީއެވެ. މާދަމާ ވާނެގޮތެއްގެ އިންތިޒާރުގައި ތިބީއެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

27 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 705 ވަނަ ދުވަހެވެ. ރުކަށް އެރުމާއި ގަސްއިންދާ ސަރަހައްދުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އަންނި ޚަބަރު ދެއްވި ގޮތުގައި ދެއެތުންކުރެ އެއްވެސް އެތެއްގައި ރަލުގެ އަސަރެއް ނެތެވެ. ތިކިޖަހާފަހުރިތޯ ކޮންމެފަހަރަކު ބަނދިނައްޓާ ބަލަންޖެހެއެވެ. ދުވާލަކުތިންފަހަރު މިމަސައްކަތް ކުރެވެއެވެ.

28 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 706 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ރަސްމީބަންދު ދުވަހެކެވެ. ރާއްޖޭގެހުރަވީ ދުވަހެވެ. ދޮންބަންޑާރައިން ޖިހާދުކޮށް ދިވެހިގައުމަށް ކާމިޔާބު ހޯއްދަވައި ދެއްވިދުވަހެވެ. މިއަދަކީ، 3 ޖުމާދަލްއާޚިރާ 1413 ހިޖްރީސަނަތުން ވީދުވަހެވެ. މިއަދު ވެސް އަންނި ރުކަށްއަރާ ވާނުވާއެއް ބެލިއިރު ރަލުގެ އަސަރެއް ނުފެނެއެވެ. ދެން އަލުން ލަންބާލާނެ އެތެއް އެރުކުގައި ނެތެވެ. ހުރީމާޅަ އެއްތަކެވެ. އެގޮތްމިގޮތް ހަދަހަދާ ތިބެނީއެވެ.

29 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 707 ވަނަ ދުވަހެވެ. މިއަދު ބިގޭއާއިއަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ބިގޭދެއްކީ ޑޮކްޓަރ މުހަންމަދު އަހްމަދަށެވެ. މީނާބައްލަވަން އިންނަވަނީ އޯޑިއޯންގައި ސިފައިންތިބޭ ތަނުގައެވެ. އަންނި ގެންދިޔައީ ލޯދެއްކުމަށް ފާތުމަތްދީދީގެ ކްލިނިކަށެވެ. އެހެނަސް މިއަދު، ފާތުމައިދީދީއަށް ދެއްކޭގޮތެއް ނުވިއެވެ. މިއަދު މާލެއަށް މާމައާބައްދަލުކޮށް ދިނުމަށްދާންއެދި ޕްރިސަންސްއަށް ސިޓީއެއް ލިޔުނީމެވެ. މިއަދު އާދަޔާޚިލާފަށް ކަނާއަތުލޮލުގެ ބުމަވަރަށް ބޮޑަށްތެޅުނެވެ. މިކަމާ ވަރަށް ގިނަފިކުރުތައް ކުރީމެވެ. މިއަދު ރުކަށްއެރީ އަޅުގަނޑެވެ. ވަކިކުރާނެ އާކަމެއްނެތެވެ. ބަލާލާފައި ފޭބީއެވެ. ބަންޖާއިފުޅު ނައްޓާއި ބަލައިލިއިރު ތިއްކެއްހާ ހިސާބުވެސް ޖަހާފައިނެތެވެ. މިހާރުމިތިބީ ރުކުރަލުން މާޔޫސް ވެފައެވެ. މިކަމެއް ނުކުރެވޭނެކަން ޔަގީންވެއްޖެއެވެ. މިރުކަކީ ރާނުދޭރުކެއް ކަމުގައި މިއަދު ނިންމައިފީމެވެ.

30 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 708 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

1 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 709 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އާދަންޒާހިރު ގެއަށްޕެޓްރޯލް ފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގައި ހިމެނޭ، ވަލީދު ގެނެސް މިބަޔަށް މިއަދުވެއްދިއެވެ. އޭނައާއި ކާދޫއިބުރޭ ދެމީހުން ބޭރުގޮޅިއެއްގައި ތިބެފައިތަޅާއި ގަތުމުން ވަލީދު ގެނެސް މިބަޔަށް ލީއެވެ. ކާދޫ އިބުރޭ އޭނާހުރި ގޮޅީގައި ބޭރުގައި ބެހެއްޓީއެވެ. ވަލީދު ވެއްދީ ނާސިރު ކައިރިޔަށް، 11 ނަންބަރު ކޮޓަރިއަށެވެ. އަނެއްކާވެސް، 16 މީހުންމިބައިގާ ހަމަވީއެވެ. ދެންބާކީއޮތީ ދެޖާގައެވެ. މިއަދު މަންމައަށް ގެއަށް ސިޓީއެއް ލުޔެފައި ޖަލުއޮފީހާ ފޮނުވައި ދިނުންއެދި ހަވާލުކުރީމެވެ. ގައިދީން މިނިވަންކޮށް ދޫކުރުމާ ގުޅިގެން މިގެންގުޅޭ ސިޔާސަތެއް ނޭގޭކަމަށާއި އަޅުގަނޑަށް ފެންނަބައެއް ގޮތްތަކާއި ކަންތައް މިސިޓީގައި މަންމައަށް ލިޔުނީމެވެ. މިކަންކުރީ ކޮންމެހެން މަންމައަށް މިވާހަކަތައް އެންގުމުގެ ބޭނުމުގައެއް ނޫނެވެ. އަޅުގަނޑުގެ ސިޓީތައް ސެންސަރުކޮށް ބަލާއިކިޔާހަދަނީ އިސްތަފާއަށްވާތީ، އޭނާއަށް މިވާހަކަތައް ދަށްކާލުމުގެ މަގްސަދުގައި ކުރިކަމެކެވެ. ގެއަށްލިބޭ ކޮންމެ ސިޓީއެއްގައި ވެސް ކަނޑާބަލާފައި ޖެހުމަށްފަހު، އިސްތަފާ ސޮއިކުރައްވާފައި އޮވެއެވެ. މަންމައަށް ފޮނުވި ސިޓީއާއެކު ވަރަށްދިގު ސިޓީއެއް ލިޔެފައި ތުއްތައަށް ވެސް އެއުރަތެރޭގައި ފޮނުވީމެވެ. މިހުރިހާ ސިޓީތަކެއް އަކުރުން އަކުރަށް އިސްތަފާ ކިޔުއްވައެވެ.

2 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 710 ވަނަ ދުވަހެވެ. މިއަދު ކުޅޭކަށް ނުނެރެއެވެ. އެގަޑީގައި ބިދޭސީން ބޭރަށް ނެރެންޖެހިގެން ކަމަށް ފަހުން އަޅުގަނޑުމެންނަށް އެންގިއެވެ. އަބްދުﷲ ހުސައިން މިއަދު އޭނާގެބޭބެއާ ބައްދަލުކުރިއެވެ.

3 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 711 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ވާއްޕެލައްވާ އަނެއްކާވެސް އަޅުގަނޑުގެބޯ ކޮށާލީމެވެ. އަދި މަތިމަސް ވެސް ކުރުކޮށްލީމެވެ. ވާއްޕެއަކީ އަބަދުވެސް އަޅުގަނޑުގެބޯ ޖަލުގައިހުރި ދުވަސްވަރު ކޮށައިދޭ މީހާއެވެ. ޖަލުއޮފީހުގެ ނަސީމު ކައިރީގައި ބުނެލާއިރަށް މިކަންތައް ހަމަޖައްސައި ދެއެވެ. މިއަދު ބިގޭވެސް ބޯތުނިކޮށް ކޮށާލިއެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް މާލެއަށް ގެންދިޔައެވެ. ބަޔާނެއްގައި ސޮއިކުރުވާށެވެ. ބަޔާނުގައި ވިންޓަރު ދެއްކެވި ބައެއްވާހަކަތައް ނެތުމުން ވިންޓަރުޝަރީފް ސޮއިކުރައްވަން އިންކާރުކޮށް މިއަދު ޖަލަށް އެނބުރިދުރުވީ އެބަޔާނުގައި ސޮއިނުކޮށެވެ. އިސްލާހުކުރުމަށް ފަހު، އެހެންދުވަހަކު ސޮއިކުރުވާ ގޮތަށް މިއަދަށް ނިންމާލީއެވެ. މިއަދު އިސްތަފާއާއި ޕްރިސަންސްގެ ދެމީހަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. ކޮޓަރިތައް ބައްލަވާލެއްވިއެވެ. ކޮޓަރިތަކާއި ފާޚާނާތައް ސާފުކަމަށް ވިދާޅުވިއެވެ. މިސްކިތަށް ގާޑުންނާނުލާ ނުކުމެވޭގޮތަށް ހަމަޖައްސައި ދެއްވުމަށް އެދުމުން ވިދާޅުވީ އެކަންތައް ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނެކަމަށެވެ.

4 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 712 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ރާކުރިރުކުން އަދިވެސް ރާފޮދެއް ބޯލަންލިބޭ ވަރެއްނުވެއެވެ. ކަށިކިޔޮފަތްތައް ފަޅާލާފައި އެތްތައްފޮޅި ގޮބޮޅިއަށް ވަނީއެވެ. އުޅެއުޅެ ވެސް މިކަން ކާމިޔާބެއް ނުކުރެވުނެވެ. މިހާރަކަށް އައިސްވާގޮތަކީ އަންނިމާލެއަށް ގެންދާދުވަސްދުވަހު އެކިމީސްމީހުންއަރާ އެތްތަކާކުޅެ އެގޮތްމިގޮތް ހަދަނީއެވެ. އިރުއިރުކޮޅާ ބަނދިނައްޓާ ބަލާވެސް ހަދަނީއެވެ. ގަސްތައް ވަރަށްރީއްޗަށް އެބަބޮޑެތި ވެއެވެ. ފަޅޯގަސްތައް ހެދޭލެއް ވަރަށްޗާލެވެ. ކޮންމެ ވެސް ދުވަހަކުން މޭވާލިބޭނެއެވެ. ކޮންމެދުވަހަކު ވެސް ގަސްތަކަށް ފެންދީހަދަމެވެ. މިމަސައްކަތް ކުރަނީ އަޅުގަނޑެވެ.

5 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 713 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ނާސިރާއި ވިންޓަރ މާލެއަށް ގެންދިޔައެވެ. މިއަދުމޫދުން ހިފުނުވެނެއް ގެނެސް ކައްކައިގެން ކެއުންއޮތެވެ. މިކަމުގައި އިސްކޮށް އުޅެނީ، އަޅުގަނޑެވެ. އަދި ކާންވެސް ޖެހެނީ އަޅުގަނޑަށެވެ. ވަށްކަމުގެ މައްސަލައެއްގައި ބޭރުގައި ބަންދުކޮށްގެން ގެންގުޅޭ ހަސީނާ ކިޔާއަންހެނެއް ކައިރިޔަށް، ދާންނާކުރު އޭކިޔާ ގައިދީއަކު ވަދެގެން އެމައްސަލަ ޖެހިގެން ބޭރުގައިއުޅޭ ޚަބަރުލިބުނެވެ. ހަސީނާކާރިޔަށް ރޭގަނޑު ދާންނާކުރު ވަދެގެން އުޅެނިކޮށް ފަޅާއެރީއެވެ. ޖަލުތެރޭގައި މިފަދަ ކަންތަކަކީ ގިނައިން ހިނގާކަންތަކެވެ. ބަޔަކު ގަސްދުގައި ކުރާކަމަކަށް ވެއެވެ. އަދި ސިފައިންވެސް މީނާކައިރިޔަށް ޒިޔާރަތް ކުރާކަމަށް ވެއެވެ. މިމައްސަލަ ގަނޑުޖެހިގެން ކަންތައް ބޮޑުވެގެންނޭ ކިޔާފައި ހަސީނާ ބަންދުކުރީ، ގައިދީން އެވެރިންގެ އަނބިންނާ އެކަހެރިކޮށް ބައްދަލުކުރާ ކޮޓަރީގައެވެ. މިހާހިސާބުން ހަސީނާގެ ހާލުބަލާއި ވާހަކަދައްކަލާ ހެދެނީ ހަމައެކަނި ބޮޑުންނަށެވެ. ރަނގަޅަށް ވިއްޔާއެކޮޓަރިއަށް ބޮޑުންނަށް ހިލޭސާބަހަށް ޒިޔާރަތް ކުރެވޭނެއެވެ. މިކަންތައްވީ އަޅުގަނޑުމެންނަށް ވަރަށްހެއްވާ ކަމަކަށެވެ. ނަސީމުމެންނަށް ހަސީނާ ބަލަހައްޓަން މާފަސޭހަވީއެވެ. މިއަދުގެއިން ހަވީރުނޫސް ބޮނޑިއެއް ލިބުނެވެ.

6 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 714 ވަނަ ދުވަހެވެ. ޝަންމިއާއި އަބްދުﷲ ސަލީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

7 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 715 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ވަލީދާއިއާދިލާއި ނާސިރު މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އާދިލާއި ނާސިރރު، ގެންދިޔައީ ޕްރިސަންސަށެވެ. މިދެމީހުންގެ ހުކުމުގެ ދެބައިކޮށް އެއްބައި ކަނޑައިދެއްވި ކަމުގެ ވާހަކަ އެންގެވުމަށެވެ. ފޮތެއްގައިލިޔެ މިކަންތައް އާދިލަށާއި ނާސިރަށް އެންގިކަމަށް އެމީހުންއައިސް ބުނެދިނެވެ. މިހާތަނަށް ރާކުރެވުނު އެތްތަކުންރާ ނުލިބުމުން މިއަދު އަނެއްކާވެސް އާއެތެއް ރާކުރެވޭތޯ އަންނި މަސައްކަތް ފެއްޓެވިއެވެ. މިފަހަރުފޮތްތަކުގެ އިތުރުން ގެއަށްލިޔެގެން މިކަންކުރާނެގޮތް އޮޅުންފިލުވުމަށް ފަހު، މިއަދުގެ މަސައްކަތް ކާމިޔާބުވޭތޯ އާރޫހެއްގައި ބެލީއެވެ. ރުކުގައި ވަރަށްގިނައިރު މިއަދު، އަންނި ހޭދަކުރިއެވެ. އަޅުގަނޑު ތިރީގައި ބަލަންހުރީމެވެ. އަދި އެދުނުހާކަމެއް އެހީތެރިވުމުގެ ގޮތުންކޮށް ދިނީމެވެ. މިއަދުމިކުރެވުނު މަސައްކަތަކީ ފޮތްތަކުން ލިބުނު ވާހަކަތަކާއި ގެއިންލިޔެގެން ގެނުވިވާހަކަތަކާއި މިވީހާދުވަހުގެ އަމަލީ ތަޖްރިބާތަކަށް ބަހުސްކޮށް މަޝްވަރާކުރުމަށް ފަހު، އެންމެންގެ ޚިޔާލާއެކު އަންނި ކުރެއްވި މަސައްކަތެވެ. މިއީ ދެން، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާކަމެއް ކުރެވުނުދުވަހެވެ. ވާއެއްޗެއް އެނގިދާނެތާއެވެ! ރާފޮދެއް ބޯލަންލިބޭތޯ ބަލަބަލާ ތިބީއެވެ. ކުރިންރާކުރި އެތްތަކުން ރާތިއްކެއްވެސް ޖަހާލާފައި ނެތެވެ. މެއްސެއްމާބޫރެއްހާ ހިސާބުވެސް އެއިންއެތެއްގެ ކާރިޔަށް ބުރާލިތަނެއް ނުފެނެއެވެ.

8 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 716 ވަނަ ދުވަހެވެ. ވިންޓަރ ހައިކޯޓަށް އަދި ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ރައީސް މައުމޫނަށް، ގެއަށް ބަދަލުކޮށް ދެއްވާތޯ ދަންނަވައި ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުންއެދި ހަވާލުކުރީމެވެ. މިއީ ރައީސް މައުމޫނަށް މިބީދައިންލިޔެވޭ، 6 ވަނަސިޓީއެވެ. ޖަލުބަލަހައްޓާ ސިފައިންގެ ފަރާތުން، އާދިލްނައީމް އޭކިޔާބޭފުޅަކު އަޅުގަނޑުމެންނަށް އެންގުމެއް އެންގެވިއެވެ. މޫދަށްއެރި އުޅޭއިރު މޫދުންދިރޭމަސް ހިފުމަކީ މިއަދުންފެށިގެން މަނާކަމެކެވެ. އެއްވެސް ގައިދީއަކު މޫދުގައި ހޭދަކުރާ ވަގުތުގައި މަސްހިފުމަކީ މުޅިންމާނާކަމެއްގެ ގޮތުގައި މިއަދު އަންގާއި އެކަންމަނާ ކުރެވުނީއެވެ. މިކަން އަޅުގަނޑުމެން ކުރާތީބައެއް ސިފައިން ހިތްހަމަނުޖެހިގެން ޝަކުވާކުރީކަމަށް ޖަލުއޮފީހުން ޚަބަރުލިބުނެވެ. ސިފައިން އަންގައިގެން މަނާވިކަމެއް ކަމުގައި ނަސީމު ވެސް ބުނެދެއްވިއެވެ. މަނާކުރެއްވިޔަސް މިކަމަކީ ހުއްޓޭނެކަމެއް ނޫނެވެ. މޫދަށް ނެރެންޏާ ސިއްރުން ނަމަވެސް މިކަންހިނގާނެ ކަމަށް ނަސީމަށް އަޅުގަނޑު ދެންނެވީމެވެ. ނަސީމު ވިދާޅުވީ ސިފައިންގެ އެދުމުގެމަތިން މިއީމަނާކަމެއް ކަމަށެވެ. އެހެނަސް ޗެކްކޮށް ބަލާނުހަދާނެ ކަމަށެވެ. ދެން އަޅުގަނޑު ކުރަންފެށި ކަމަކީ ރާބުޅާހިފައިގެން ރޮލާމޫދުގައި ހުރެގެން ކާލަނީއެވެ. މޫދުގެ ލޮނާއެކު ރޯމަސް ވަރަށްމީރެވެ. މިދުވަސްވަރު ވަރަށްގިނައިން ރޯމަސްކައި އުޅެވުނެވެ. އެހެން ގައިދީންނަށް މިކަންވަނީ މަޖާކަމަކަށެވެ. މިގޮތަށް ކާލަންކެރޭ އެކަކުވެސް ނުހުރެއެވެ. ބައެއް ދުވަސްދުވަހު ކާށިހިފައިގެން މޫދަށްގޮސް ކާއްޓާއެކު ރޯމަސްކައި ހަދަމެވެ. ފަހުންއައިސް މުށިމަސް އެއްޗެހީގެ ބޮލާއެކުރޮލައި ލޮނުންސާފުކޮށް ލައިގެންކާލުމަކީ އެއްވެސް ކަމެއްނޫނެވެ. ހަމަމަޖާކަމެކެވެ. ވަރަށްމީރެވެ. ރުކުގެކަންތައްދަނީ ސުމަކަށެވެ. ކާމިޔާބެއް ނުވެއެވެ.

9 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 717 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އަބްދުﷲ ހުސައިނާއި ޝަންމިއާއި މުފީއްޓޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު މިބަޔަށް ގަސްއިބްރާހީމް މަނިކާއި ސުދްމާއާއި އަނީގާ، ވެންނެވިއެވެ. ދަމުންދިޔައީ ވިންޓަރުޝަރީފްގެ ހުރިހާސާމާނާއެކު އޭނާގޮވައިގެންނެވެ. މާލެއަށް ގޭބަންދަށް ބަދަލުކުރަނީއެވެ. މިވީގޮތުން މިހާރު، 8 ނަންބަރު ކޮޓަރީގައި ކިޔޮޅު އެކަނިވީއެވެ. މިބައިގާ، 15 މީހުންނަށް ވީއެވެ. މިއަދު އަޅުގަނޑުގެ ނަމުގައި ޖަވާހިރުވާދީއަށް ލިބެމުންދާ މަޖައްލާއެއް ކަމުގައިވާ “މަޙްޖޫބާ” އިރާނުންނެރޭ މަޖައްލާއެއް ލިބުނެވެ. ގެއިންފޮނުވީއެވެ. މިއީ އިނގިރޭސި ބަހުން، އީރާނުގައިނެރޭ މަޖައްލާއެކެވެ. އަދި ޕްރިސަންސުން ފޮނުވިއެއްޗެއްގެ ގޮތުގައި އިލްޔާސް އަބްދުﷲ އަށް އެޑްރެސްކޮށްފައިވާ ކާޑެއްވެސް ލިބުނެވެ. އިލްޔާސް އަބްދުﷲ އާއި އިލްޔާސް ހުސައިނާ ދެމީހުންއޮޅިގެން ފޮނުވިފައި އޮތީއެވެ. އަޅުގަނޑު އަޅައެއް ނުލަމެވެ. ބޭއްވީއެވެ.

10 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 718 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

11 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 719 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅަށް މިއަދު މޫދުން، ގުރުވަތަކެއް ހިފައިގެން ގެނެސް ލީމެވެ. ނަސީބަކުން އެއްވެސް ގުރުވައެއް މަރެއްނުވިއެވެ. ވަޅުފެނަށް ދިރުނީއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށްރީއްޗެވެ. ފަޅޯގަސްތައް ބޮޑެތިވެއްޖެއެވެ. ހަތަރުފޫޓު ވަރަށްދިގު ވެއްޖެއެވެ.

12 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 720 ވަނަ ދުވަހެވެ. ޝަންމިއާއި ވިސާމާއިނާސިރު މިއަދު މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ވިސާމާއިނާސިރު ކޯޓަށެވެ. ނާސިރައި ބައްދަލުކުރަން އެގޭމީހުން އައިސްތިބުމުން ނާސިރު އެތެރެއަށް ވެއްދީ ބައްދަލުވުން ނިންމާފައެވެ. މިބައްދަލުވުން ހިނގީ، ނާސިރުގެ މަންމައާއެކުގައެވެ.

13 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 721 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިގެ ކޮއްކޮނާޒިމް މިއަދު އަންނިއާ ބައްދަލުކުރުން އޮތެވެ. އަންނިއަށް ގެއިންވަރަށް ގިނަސާމާނު މިއަދުލިބުނެވެ. ރާވެރިކަމަށް އިތުރުބަންޖެއް ވެސް ލިބުނެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ކުދިމަސް ހިފައިގެން ގެނެސް ކައްކައިގެން ކާލީއެވެ. މިއީ ސިފައިން މަނާކޮށްފައިވާ ކަމެކެވެ. އެހެނަސް ކުދިކުދި މަހަށްވާތި ޖީބަށްއަޅައިގެން އެތެރެކުރީއެވެ. އަޅާލާނެ މީހަކުނުހުރެއެވެ.

14 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 722 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. ކިޔޮޅުއޭނާގެ ބައްޕައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށް ގެންދިޔައެވެ. ރޭގަނޑުވީފަހުން، ޑްރަގާބެހޭގޮތުން ޖަލުގަިހުރި، މާކަރީއެއްބެ، އަދި ޕެޓްރޯލް ބޮމުގެމައްސަލާގައި ޖަލުގައިހުރި ވާއްޕެ، މިބަޔަށް ބަދަލުކުރިއެވެ. ވާއްޕެވެއްދީ، 12 ނަންބަރު ކޮޓަރިއަށެވެ. އިއްބެވެއްދީ، 11 ނަންބަރު ކޮޓަރިއަށެވެ. މިހާރުދެން ބާކީއޮތީ، 1 ޖާގައެވެ. އަނެއްކާވެސް، 17 މީހުން މިބަޔަށްހަމަވީއެވެ. އަޅުގަނޑުގެ ބޯކޮށަން ވަރަށްފަސޭހަވީއެވެ. އަދި އަބަދުވެސް ވާއްޕެއާއެކު އުޅެވޭގޮތްވީއެވެ. ކުރީދެތިން ފަހަރުވެސް އަޅުގަނޑުގެބޯ ކޮށައިދިނީ ވާއްޕެއެވެ. ރޭގަނޑު، 10:30 އެހާކަންހާއިރު ނަސީމުދުރުވެ، އަޅުގަނޑާ ވާހަކަދައްކާލައްވާފައި ހިނގައްޖެއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރާރުކުން އާއެތެއް ދައްކާލާފައި އިނުމުން އަލަށް ލިބުނުބަނދި އެއެތުގައި މިއަދު އެޅުވިއެވެ. މިކަންކުރީ އަންނިއެވެ. ކުރިން މަސައްކަތްކުރީ ބަންޖަކާއި ޕްލާސްޓިކް ފުޅިއެއް ބޭނުންކޮށް ގެންނެވެ. އެދެއެތުން ހަމަތިއްކެއްހާ ރާފޮދެއްވެސް ނުލިބުނެވެ. މިއަދު އަލަށް ރާކުރެވުނު އެތުން ރާފޮދެއް ލިބޭނެކަމުގެ އުންމީދު ކުރެވެއެވެ. ވާއެއްޗެއް އެނގިދާނެތާއެވެ.

15 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 723 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަބްދުﷲ ސަލީމް، އޭނާގެ އާއިލާއާ ބައްދަލުކުރުން މިއަދުއޮތެވެ. އޭނާގެ ގެއިން ބައެއްސާމާނު ލިބުނެވެ. އަދި އަޅުގަނޑަށް ގެއިން، ކަލަންޑަރެއް ލިބުނެވެ. ދުވަސްގުނަން ފަސޭހަވީއެވެ. މިއަދު ތިންފަހަރު ރުކަށްއަރާ ބެލިއިރުވެސް ރާތިއްކާހިސާބު ވެސް ތިންއެތުންކުރެ އެއްވެސް އެތަކުން ފާއްދާލާފައެއް ނެތެވެ. މިހާހިސާބުން މިކަންތައް ނުވާނެކަމަށް އަނެއްކާވެސް އަންނި ނިންމެވީއެވެ. އެހެނަސް މިކުރެވުނީ ވަރަށްމުހިންމު އާދަޔާޚިލާފު ތަޖްރިބާ ތަކެއްކަން ކަށަވަރެވެ.

16 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 724 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިނާއި ޝަންމި މިއަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިދަތުރުގައި ބައިގަޑިއިރަށް އަބްދުﷲ ހުސައިން، ޖަވާހިރުވާދީއަށް އަޅުގަނޑުމެންގެ މާމައާބައްދަލުކޮށް ލުމަށްގެން ދިޔައެވެ. އަދި މިއަދުހަވީރު މަންމައާއި ތުއްތައާއި އިފާއި އާތުއާއި އަޅުގަނޑުމެންނާ ބައްދަލުވުމަށް ގާމާދޫއަށް އައެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ލިބުނެވެ. މިއަދަކީ، އަޅުގަނޑުމެންނަށް ތާރީޚީދުވަހެކެވެ. މަންމަ މިކަން ހަދާންކޮށް ދިނެވެ. މަންމަމެންގެ ހިތުގައި މިފަދަކަންތައް ހަރުލާފައި ހުންނަވަރު ފާހަގަކުރެވުނެވެ. ޖަވާހިރުވާދީއަށް ސިފައިންގެ ބޮޑުޖަމާއަތެއްވަދެ، އަޅުގަނޑުމެން ޖަވާހިރުވާދީ އެންމެން ބަންދުކުރިތާ ބަރާބަރު، 2 އަހަރުފުރުނު ދުވަހެވެ. މިއީ ވަރަށް ވަރުގަދަ އަދި ވަޙްޝީރޭޑެކެވެ. މިރޭޑްގައި އިސްކޮށް ހުންނެވީ، އިބްރާހީމްދީދީއެވެ. ސިފައިންގެ ތިރީހަކަށް ބޭކަލުން މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވިއެވެ. އެރެއަކީ ޑޮކްޓަރ ވަހީދު ގޭގައި ހުންނެވި ރެއަކަށްވާތީ އިބްރާހީމްދީދީ، ވަހީދާއި ވާހަކަދައްކަވާއި އޭނާގެކޮޓަރި ފާސްކުރައްވާއި ހެއްދެވީ ވަރަށް ސުމާޓްކޮށް ކަމަށް ފާހަގަކުރެވިފައި ވެއެވެ. އަބްދުﷲ ހުސައިންއާއި އަލީއާއި ބަންދުކުރީ މީގެދެއަހަރުކުރިން މިދުވަހުގެރޭ ދަންވަރުގައެވެ. މިއެންމެން ގެންދިއުމުން ބާކީގޭގައިތިބީ، މުސްކުޅިމާމައާއި މަންމައާއި ޑޮކްޓަރ ވަހީދާއި ހުރިހާ އަންހެންކުދިންނެވެ. އަލްހާނާއިމާއުއަކީ، އޭރު ކުޑަދެކުދިންނެވެ.

17 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 725 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމިއާއިވަލީދު މާލެއަށް ގެންދިޔައެވެ. މާމައާ ބައްދަލުކުރުމަށް ގެއަށް ގެންގޮސްދިނުން، އެދިލީސިޓީގެ ޖަވާބުގައި އެކަންހަމަޖައްސައި ދެއްވާނެކަމަށް ލިޔެފައިއޮތެވެ. މިއަދު މިކަމުގެޖަވާބު ސިޓީލިބުނެވެ. ހަންދުއާއިބިގޭއަށް ވެސް ދެއްވާފައިވަނީ ހަމަމިޖަވާބެވެ. މާމައާ ބައްދަލުވުމަށް ޖަވާހިރުވާދީއަށް ވަގުތުކޮޅަކަށް ގެންދެވޭނެ ކަމަށެވެ.

18 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 726 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އެސަރަހައްދު ސާފުކުރުން އޮތެވެ. ދޭތެރެދޭތެރެއިން އަދިވެސް ރާރުކަށް އަންނި އަރުއްވައެވެ. އެކިގޮތްގޮތަށް އަދިވެސް މިގެންދަނީ ރާފޮދެއްލިބޭތޯ ތަޖްރިބާކޮށް ބަލަމުންނެވެ. އެހެނަސް އަދި ވެސް ރާފޮދެއް ލިބޭގޮތެއް ނުވެއެވެ. ގަދަހަދާލާފައި އެތްތައް ފޮޅެނީއެވެ. އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު، މިއަދުންފެށިގެން ގަވައިދުން ރުކަށްއެރުން ހުއްޓާލީއެވެ.

19 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 727 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

20 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 728 ވަނަ ދުވަހެވެ. އަޒީއާއިޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިއާ ބައްދަލުކުރުމަށް އަންނިގެ ކޮއްކޮނާއްކޮ މިއަދު، ގާމާދޫއަށް އައިސް އަންނިއާ ބައްދަލުކުރިއެވެ. ޚަބަރުތައް ރަނގަޅެވެ.

21 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 729 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް ގެންދިޔައެވެ. ދެންގެންދިޔައީ އަޅުގަނޑު މާމައާ ބައްދަލުކުރުމަށެވެ. ގޭގައި، 30 މިނެޓްވަންދެން މާމަކައިރީގައި ހޭދަކުރުމަށް ލިބުނެވެ. ގޭގެހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެހާލުވެސް ކުރިއަށްވުރެ މާބޮޑުތަން ރަނގަޅެވެ. މިފަހަރުވެސް ތުއްތަފޮޓޯއެއް ނެގިއެވެ. މިރޭ ގެއިންފޮނުވާފައި އޮތްނޫސްބޮނޑިއެއް ލިބުނެވެ.

22 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 730 ވަނަ ދުވަހެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަންދުމާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށްގެންދިޔައެވެ. ގޭގެ ހުރިހާކަމެއް މިއަދުވެސް ރަނގަޅުކަމަށް ހަންދުބުންޏެވެ.

23 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 731 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީ މިބުރުގައި ޖަލަށްލީތާ ބަރާބަރު، 2 އަހަރުވީދުވަހެވެ. އެއްބަސްވުމުގެ ބަޔާނުގައި ސޮއިކުރީ، 10 ޖެނުއަރީ 1991 ގައެވެ. ހުކުމްގެ މުއްދަތު ގުނަންފެށީ އެދުވަހުން ފެށިގެންނެވެ. މިއަދު މާލެގެންދިޔައީ އަބްދުﷲ ހުސައިނާއި ޝަންމި ހޮސްޕިޓަލަށެވެ.

24 ޑިސެންބަތ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 732 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ގަވައިދުން ރުކަށް އެރުން ހުއްޓާލިއަސް އަދިވެސް ބައެއްފަހަރު އެކިމީހުން އަރާހަދައެވެ. ގޮތްގޮތް އަދިވެސް ހަދާލެވެނީއެވެ. އެހެނަސް ރާފޮދެއް ނުލިބެއެވެ. ޖަލުގައި ކުރެވުނު ކަންތަކުގެ ތެރެއިން ކާމިޔާބުނުވި ކަމަކީ ހަމައެކަނި މިކަމެވެ. އުޅެއުޅެވެސް ބޯލާނެރާފޮދެއް ލިބޭގޮތް ނުވުމުން މިއަދު ހެދިގޮތަކީ ރުކުގައި ގެންގުޅޭ ދެރާބަނދި ރުކުންބާލާއި ދެން މީގެފަހުން އެއްގޮތަކަށް ވެސް މިކަމުގައި ނޫޅެންނިންމީއެވެ. މިކަންކާމިޔާބު ނުކުރެވުނީ ފަހަކަށް އައިސް ފަރުވާކުޑަކޮށް ލެވުނީމައެވެ. މިއަދުބޭރުން ވަރަށް ގިނަމީހުން ގެންދިޔަޚަބަރު ލިބުނެވެ. ޕެޓްރޯލްފުޅިރޯކޮށް އާދަމްޒާހިރު ގެއަށްއެއްލި، މުސްތަފާއާއި އެހެންމީހުންނެވެ. ޖުމްލަ، 24 މީހުން ގެންދިޔަކަމަށް ވެއެވެ. އޭގެތެރޭގައި ފުޓްބޯޅަކުޅޭ މަޝްހޫރު ދޮންބިލެތް އަހްމަދާއި އަސްގަރުކިޔާ ކުއްޖަކާއި ސިރާޖްކިޔާ މީހަކާއި ބަނބުކިޔޮ ހަސަނާއި އެލިޔާގައިއުޅޭ އޮމަދޫސަމަދުބޭގެ، ރީތީޝާފީގު ހިމެނެއެވެ. މުސްތަފާ ގެންދިޔައީ އިސްތަފާއައި ބައްދަލުކޮށްލާށެވެ. މިރޭގައި މަޖާކޮށްލުމަށް އެކުވެރިކަމުގެ ޕާޓީއެއް ބޭއްވީމެވެ. ކްރިސްމަސް ނައިޓަށްވާތީއާ އެކުގައެވެ. ސެންޓަރކުލައުސް އަށް ވެގެން އެންމެންނަށް ހަދިޔާބަހަން އުޅުނީ، މާކަރީ އިއްބެއެވެ. މާދަމާއަކީ ކްރިސްމަސް ދުވަހެވެ. މިހަފްލާފެއްޓީ، މެންދަމު ބާރަޖެހުމުންނެވެ. އިރުއަރަންދެން ހޭލާތިބީއެވެ. މިއީހަމަ މަޖާކޮށްލަންކުރި ކަމެކެވެ. އެހެންއެއްވެސް މަގްސަދެއް ނެތިއެވެ.

25 ޑިސެންބަތ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 733 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އިއްޔެ މުސްތަފާ މާލެގެންގޮސް އިސްތަފާއާ ބައްދަލުވުމުގައި އަޅުގަނޑުމެންނާ އެކުކުޅެން ބޭރަށް ނެރުމަށް އެދުމުން މުސްތަފާވެސް އަޅުގަނދުމެންނާ އެކުކުޅެން ބޭރަށްނެރޭގޮތަށް ހަމަޖެހުނެވެ. އޭނާއެދުނީ އެބައިންވެސް މިކަމުގައި ބަންދުވިމީހުން އެކުގައި ނެރެދޭތޯއެވެ. އިސްތަފާ ހަމަޖެއްސެވީ އެއްގަޑިއެއްގައި ބޭރުންނާއި އެތެރެއިން ނުކުމެވޭގޮތަށެވެ. މިހެންހަމަ ޖެހުމުން ވަރަށް މަޖަލެވެ. ވަރަށް ގިނަމީހުންއެކުގައި ފުޓްބޯޅަކުޅެ މަޖާކޮށް ހެދޭތީއެވެ. ޖަލުއޮފީހަށް މިކަންތައް ހަމަޖެއްސުމަށްވަނީ އިސްތަފާ އަންގަވާފައެވެ. ވީމާ މިއަދުންފެށިގެން މިކަންހަމަޖެހި ކުރިޔަށް ދިޔައެވެ. ބޭރުގައިތިބޭ މީހުންނާއި އަޅުގަނޑުމެންނާ އެކީގައި ކޮންމެދުވަހަކުވެސް ހަތަރަކުން ހައަކަށް ކުޅެންއުޅެވެން ފެށީއެވެ. މިއަދަކީ އެންމެން އެކުގައި ފުރަތަމަފަހަރު ކުޅުނުދުވަހެވެ.

26 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 734 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އެކަކުވެސް މާލެއަށް ނުގެންދެއެވެ. މިއަދު އަންނި އޭނަގެބައްޕައާ ބައްދަލުކުރެއްވިއެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. ހުރިހާކަމެއް ރަނގަޅެވެ.

27 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 735 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސަށް ސިޓީއެއް ފޮނުވީމެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް އިން އިއުލާނުކުރި އެބޭންކުގެ ހިއްސާގަތުމަށް ބޭނުންވާ ފޯމްތައް ހޯދުމަށް ބޭންކަށް ސިޓީއެއްލިޔެ އެސިޓީބޭންކަށް ފޮނުވައި ދިނުންއެދިއެވެ. ބޭންކަށް ލިޔުނުސިޓީ ލިޔެފައިފޮނުވީ ޕްރިސަންސަށެވެ. ހިއްސާވިއްކަންފެށި ވާހަކަގޮވީ ރޭޑިޔޯއިންނެވެ. މިސިޓީގައި ލިޔެފައިވާނީ، ވިއްކާއެންމެ ގިނައަދަދަކަށް އަޅުގަނޑަށް ހިއްސާވިއްކުމަށެވެ. އަދި ބޭންކުގައިހުރި އަޅުގަނޑުގެ ފައިސާއިން އެކަމަށް ޚަރަދުކުރުމުގެ ހުއްދަބޭންކަށް ދީފައެވެ. މިގޮތަށްލިޔެ ބޭންކްމެނޭޖަރަށް އެޑްރެސްކޮށް މިސިޓީ މިއަދު، ޕްރިސަންސާ ހަވާލުކުރީމެވެ. މިސިޓީބޭއްވީ ވަކިއުރަކަށްލާފައި ބޭންކުމެނޭޖަރަށް ޖަހާފައި ޕްރިސަންސަށް ފޮނުވިސިޓީ އުރައިގެ ތެރޭގައެވެ. މިކަންކުރީ އެއްގޮތަކަށް ވެސް ބެންކް އޮފް މޯލްޑިވްސްއިން ހިއްސާ ގަނެވޭނެކަމުގެ އުންމީދު އޮވެގެންނެއް ނޫނެވެ. ރޭޑިޔޯއިން މިޚަބަރު އަހާފައި އަޅުގަނޑުގެ އެކައުންޓްގައި ބައިވަރު ފައިސާ ހުންނާނެތީ ބޭންކުން ހިއްސާގަނެވޭތޯ ކޮށްލިކަމެއްގެ ގޮތުގައެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. ބިގޭއާއި ޝަންމި މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ބިގޭ މާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ޖަވާހިރުވާދީއަށް ގެންދިއުމަށެވެ. ބިގޭ އައިސް ގޭގެވާހަކަތައް ކިޔައިދިނެވެ. އިދުއާ ބައްދަލުވި ވާހަކަބުންޏެވެ. އިފު ލަންކާއަށް ފުރާނީ، 29 ޑިސެންބަރގައި ކަމަށް ވެއެވެ. މާމަގެ ހާލު ރަނގަޅެވެ. ގޭގެ އެންމެންގެ ސަލާމްގެނައެވެ.

28 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 736 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.

29 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 737 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

30 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 738 ވަނަ ދުވަހެވެ. މިހާރުކޮންމެ ދުވަހަކުވެސް ކުޅެންށާއިމޫދަށް ނެރެއެވެ. މިއަދު މާލެގެންދިޔައީ އަންނިއާއި ޝަންމިއެވެ. ޝަންމި ހޮސްޕިޓަލަށެވެ. އަންނި ގެންދިޔައީ އަންނިގެ މާމައާބައްދަލުކޮށް ލުމަށް ބައިގަޑިއިރަށް ގެއަށެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް އަންނިބުންޏެވެ. ވަކިޚާއްސަ ޚަބަރެއް ނުގެންދެއްވައެވެ.

31 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 739 ވަނަ ދުވަހެވެ. މިއީޚާއްސަ ދުވަހެކެވެ. މިއަހަރުނިމޭ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިރެއަކީ އާއަހަރުފެށޭ ރެއަށްވާތީމިރޭ، 12:00 ގައި ޑްރާމާޝޯއަކާއެކު އުފާވެރިކަމުގެ ހަފްލާއެއް ސަޔާއިކޮފީއާއެކު ބާއްވާގޮތަށް އަޅުގަނޑުމެން ނިންމާއި އެކަންކުރިޔަށް ގެންދެވުނެވެ. މިތަމްސީލްޝޯގެ ނަމަކީ، (ކަރުނައިގެކަރުނަ) އެވެ. މިވާހަކަލިޔެ ތަމްސީލު ތައްޔާރުކުރީ އަންނިއެވެ. އެކިބައިތަކަށް އެކިކުދިން ކަނޑައަޅާއި އެމީހުން ތައްޔާރުކުރީ އަންނިއެވެ. މިކަމުގައި އިސްކޮށް އަންނިއަށް އެހީތެރިވީ އަޅުގަނޑެވެ. މިރޭވެގެންދިޔައީ ވަރަށްމަޖާރެއަކަށެވެ. ހުރިހާމީހުން ވެސް ތިބީވަރަށް އުފަލުންނެވެ. މިތަމްސީލު ވަރަށް ފުރިހަމައެވެ. ވަރަށްމަޖަލެވެ. ފަތިސްނަމާދާ ހަމައަށްތިބީ ހޭލައެވެ. ނިދީނަމާދަށްފަހު، ސައިބޮއިގެންނެވެ. މިއީ ޖަލުގެ ހަޔާތުގައި ހަދާނީރެއެކެވެ. ހުރިހާގައިދީންވެސް ތިބީވަރަށް އުފަލުންނެވެ. މިއުޅެވެނީ ޖަލުގައިކަން އެކަކުވެސް ހަދާނެއްނެތެވެ.

1990 ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި، 1992 ވަނަ އަހަރުގެ ނިޔަލަށް ބަންދުކޮށް ހުކުމް އިއްވުނު މީހުންގެ ނަންތަކާއި އިއްވުނު ހުކުމްތަކުގެ ވާހަކަ:

މިލިސްޓް ލިޔެފައި މިވަނީ، ޖަލުގެބަންދުގައި އިނދެގެންނެވެ. ފަހަރުގައި އަތްދަށުން ކުޑަވެރެއްގެ ކަމެއްނެއްޓިފައި އޮވެވެދާނެއެވެ. އިސްލާހީ ހަރަކާތުގެ ބައެއް ބައިވެރިންނަށް ގޭތެރޭގައި ތިބެގެން، ކަޓޫރަބޮމެއް އުފެއްދުމަށް މަޖްބޫރުކުރުވީ، 1990 ވަނަ އަހަރު މާލެތެރޭގައި ސިޔާސީ ލީޑަރުންނަށް ޖެއްސުންކޮށް ގޯނާކުރުމަށް ސަރުކާރުން އެހީތެރިކަންދީގެން އެފެއްދި “ބިންބިފޯސް” މާލެތެރޭގައި ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރިވެ، ބައެއް ސިޔާސީ މީހުންނަށް ބޮޑެތިގޯނާތައްކޮށް އެކިފާޑުގެ ޖެއްސުންކޮށް މަރުގެ އިންޒާރުތައްދީ ސަރުކާރު އޮފީސްތަކުން ބައެއްލިޔުންތައް ނަހަމަގޮތުގައި ބޭރުކޮށް ބައެއްސިޔާސީ މީހުން މަގުމަތިކޮށް ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމަށް މަޖްބޫރުކޮށް އެމަޖިލީހުގެ އިއްޒަތްތެރިބައެއް މެންބަރުންނަށް އަމާޒުކޮށް ސިޔާސީ ގޯނާތަކެއްކޮށް ސިޔާސީ ފިއްތުންތަކެއް ފިއްތާއި މާލެތެރޭގައި ނޭދެވޭ ގިނަގުނަ ހަރަކާތްތަކެއް ހިންގައި ޚާއްސަކޮށް މާލޭގެއެއް އިއްޒަތްތެރި މެންބަރަށް އަމާޒުކޮށް އެތައްފަހަރެއްގެ މަތީންމަރުގެ އިންޒާރުދީ ހެދުމުން އެކަމާމެދު އަޅާނެފިޔަވަޅުތައް އެކުގައިހެން ހުސް ވުމުންނެވެ. މިފާޑުގެ އާދަޔާޚިލާފު ކަމެއްކުރަން ޚިޔާލަށް ގެނެވުނީ، ސިޔާސީ މީހުންނަށް ގޯނާކޮށް މާލެތެރެ ފަސާދަކުރާ މީހުންގެ ހަރަކާތްތައް ހެއްކާއެކު ހުށަހެޅުމުން ސަރުކާރު ތެރޭގައި އެކަންތައް ބަލައިދޭނެ އޮފީހެއްނެތި މުޅިމާލެތެރެ ބިރުވެރިކަމަކަށް ގެނެސް ފަސާދަކުރި ހިސާބުންނެވެ. މީހުންގެމުދަލާއި ކާރުތަކާއި ފިހާރަތައް ރޯކުރުން މީގެތެރޭގައި ހިމެނިފައި އެބަހުއްޓެވެ. މާލެތެރޭގެ ކަންތައް މިހާހިސާބަށް އިންތިހާއަށް ދިއުމުން، ކެރުމާއި ހިންމަތާއެކު އިސްލާހީ ހަރަކާތުގައި ބަޔަކުމީހުން ތިބިކަން ބޭރުދުނިޔެއަށް ސާބިތުކޮށްދީ އަންގައިދެވެން ހަމައެކަނިއޮތް ވަސީލަތަކީ، މިކަހަލަ އަވަސް ހަރަކާތެއް ހިންގާއި ބައެއްކަންތައް ކޮށްލައިގެންކަން އަޅުގަނޑުމެންނަށް ކަނޑައެޅި އެނގުނު ހިސާބުން ކަޓޫރަބޮމެއް އީޖާދުކުރަން މަޖްބޫރުވީއެވެ. މިކަންކުރީ އެއްގޮތަކަށްވެސް ސާކް ސަމިޓްތެރޭގައި ދަރުބާރުގެ ގޮއްވާލާއި ރާއްޖެބަދުނާމު ކޮށްލުމުގެ ބޭނުމަކުނޫނެވެ. އެފަދަ އެއްވެސް މަގްސަދެއް ނެތެވެ. އަދި ވިސްނުމެއް، ފިކުރެއް ވެސް ނެތެވެ. އެއީ ސަރުކާރުންނާއި ބިންބިފޯހުން ރަށުތެރެއަށް ނެރުނު ޕްރޮޕެގެންޑާ ވާހަކަތަކެކެވެ. ހަގީގަތެއްނެތް ބުހުތާން ވާހަކަތަކެކެވެ. ދަރުބާރުގޭގައި އެންމެފަހު ވަގުތުގައި ކުއްލިއަކަށް ކުރަންޖެހުނު، ފައިނަލްޓަޗެއްގެ ގޮތުން ޕޮލިޝް ކޮށްލުމުގެ މަސައްކަތްވެސް ހިންގީ ގޭތެރޭގައި ތިބެގެން އުފެއްދި މިކަޓޫރަބޮން ހެދިމީހާއާއި އޭތިހެއްދި މީހާއެވެ. ރައީސް އޮފީހުން ދަރުބާރުގެ ޗެކްކުރެއްވުމަށް ފަހު، ޑޯރކްލޯޒަރ ތަކުގައިހުރިކުލަ ރަންކުލައިގެ ގިރިޓީދަވާދުލައި އޮފްކޮށްލަން ޖެހޭނެކަމަށް އެންގުމުން، ދަރުބާރުގޭގައި އެމަސައްކަތް ފުރިހަމަކުރީ ވެސް މިކަޓޫރަބޮމުގެ މޭސްތިރިން ކަމުގައިވާ ހަންދު މެންނެވެ. އެކަން އެހެންކުރަން ޖެހުނީ އެލިޔާއިން ދަރުބާރުގޭގެ ހުރިހާ ވަޑާމުގެ މަސައްކަތް ހިންގީ ހަންދުމެންނަށް ވާތީއެވެ. ދަރުބާރުގެ ގޮއްވާލުންކަހަލަ ނިޔަތެއް ހަންދުމެންގެ ހިތުގައި އަށަގެންފައި އޮތްނަމަ، ދަރުބާރުގެއަށް ކޮންމެފަދަ އެއްޗެއްވެސް ލެވިދާނެއެވެ. އަދި ބޭނުންތާކަށް ބޭނުން އެއްޗެއް ލެވިދާނެއެވެ.

އާދެ! މިކަންތައް ހިނގިއިރު އަޅުގަނޑު ގެންގޮސްހުރީ، ކުޑަގޮޅީގައި މާކުރިން ބަންދުކޮށްފައެވެ. ފަހެ، މިއީ އިސްލާހީ ހަރަކާތުގައި ޝާމިލްވި އެކްޓިވިސްޓުންގެ ބޮލުގައި ސަރުކާރުން، ބިންބިފޯސް ލައްވާއެޅުވި ބޮޑުބަދުނާމެކެވެ. ހަގީގަތެއްނެތް އަސްލެއްނެތް ތުހުމަތެކެވެ. ކަޓޫރަބޮން ގޮއްވާލެވުނީ ބޭރުދުނިޔެއަށް އިސްލާހީ ހަރަކާތެއް ރާއްޖޭގައި އުފެދިފައި އޮތްކަން ފާޅުކަންބޮޑުކޮށް ހެއްކާއެކު ދައްކާއި އެންގުމަށެވެ. ރޭވުނުގޮތަށް އެކަންތައް ތަންފީޒުވެގެން ދިޔައެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަކީ ކާމިޔާބު އެއްޗެކެވެ. ސަރުކާރުން ފަހުގެ ދުވަސްތަކުގައި ޒުވާނުންނަށް ވަޒީރުކަން ދީގެން އިސްލާހީ ހަރަކާތުގައި ބައިވެރިވުމަށް މަޖްބޫރުވީ މިފަދަ ހަރަކާތްތައް ހިންގުމާގުޅިގެން ބޭރުންއައި ސިޔާސީ ޕްރެޝަރުންކަން ކޮންމެ ދިވެހި ރައްޔިތަކު އެއްބަސްވާނެއެވެ. ބިންބިފޯހުގެ ނޮހޮރުއްޕާން ބޮޑުކަމުން ކޮނޑޭގެ ޓްރެކްޓަރަށް ކަޓޫރަބޮންލާއި ޖެއްސުންކޮށްލުމުގެ ވާހަކަ ހަންދުމެންގެ މެދުގައި ދެކެވުނަސް އެފަދަކަމެއް ކުރެވިފައިނެތީ، މީހެއްގެ އެއްޗަކަށް އަދި މުދަލަކަށް މިކަމުން ގެއްލުމެއް ނުވާގޮތަށް ބާރުއަޑެއް ގޮވާފައި ސިހުމަކަށް ވާގޮތަށް ގޮވާއެއްޗެއް ޑިޒައިން ކުރުމުގެ ބޭނުމުގައެވެ. ސަލްޓަންޕާކް މިކަމަށް ޚާއްސަކުރެވި ނިންމުނީ އެހެންވެގެންނެވެ. ދެވަނައެތި ލެވުނީ، ސަރުކާރުގެ މިލްކުގައިއޮތް ލޯންޗެއްގެ ހުސްތޮށިގަނޑެއްގެ ތެރެއަށެވެ. މިދޭތިންވެސް މީހަކަށް ނުވަތަ މީހެއްގެ ދުދަލަކަށް ގެއްލުމެއް ވުވާނެއެވެ. ސަރުކާރުގެ މުދަލަށް ގެންލުންވުމަކީ އިސްލާހީ ހަރަކާތްތަކުގައި ކޮށްއުޅޭކަމެކެވެ. އެމްޓީސީސީގެ ކޮއިމަލާ ލޯންޗަކީ މުޅިން ހަލާކުވެފައިއޮތް ހުސްތޮށުގަނޑެކެވެ. އަދި މީތިގޮއްވާލެވުނީ ސާކްސަމިޓްނިމި އިއްޒަތްތެރި މެހްމާނުންތައް އިއްޒަތާއެކު ފުރާވަދައި ގަންނަވަން ފެށުމުންނެވެ. މިކަންތައް މިހެންކުރެވުނީ އެބޭފުޅުންނަށް ރާއްޖޭގެ އިސްލާހީހަރަކާތުގެ ކުޑަމިންވަރެއްގެ އަޑެއްއިއްވާލުމަށެވެ. ކޮންމެއަކަސް މިކަންތައް ވެގެންދިޔައީ ސައްތައިން ސައްތަކާމިޔާބު ހަރަކާތަކަށެވެ. ހެސްކިޔާފަ ބޭރުދުނިޔެއިން ތަރްހީބު ލިބުނު ކަމަކަށެވެ. އެމެރިކާއިން އެންމެފުރަތަމަ ސިޔާސީ ހިމާޔަތްދިން ދިވެއްސަކީ، މިހަރަކާތުގައި ބައިވެރިވި ޖަވާހިތުވާދީ އިސްމާޢީލް ރަޝީދު (އިއްސޭ) އެވެ. މިކަމުގައި މީހުންތައް ބަންދުކުރަންފެށުމުން މީނާފުރައިގެން އެމެރިކާއަށް ފުރައިގެން ދިޔައިއެވެ. އުޅެއުޅެވެސް ސިފައިންނަށް މީނާ، އެމެރިކާއިން ނުގެނެވުނީއެވެ. މިކަމުންވެސް މިކަމަކީ އިސްލާހީ ހަރަކާތެއްކަން ސާބިތުވެގެން ދިޔައެވެ. ބޭރުދުނިޔެއިން އަޅުގަނޑުމެން ހިންގި މިފަދަ، ސިޔާސީ ހަރަކާތްތައް ބަލައިގަތީ، ބައިނަލް އަގްވާމީ ފެންވަރުގެ އިސްލާހީ ހަރަކާތެއްގެ ގޮތުގައެވެ. ކާމިޔާބު ކަމެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް މިކަންތައްކޮށް ލެވުމުން، ބޭރުދުނިޔޭގެ ސަމާލުކަން ހޯދަންޖެހޭ މިންވަރަށްވުރެ ބޮޑުކޮށް، ބައިނަލްއަގްވާމީ މުޖްތަމައުތަކުން ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތަރުހީބާއި މަރްހަބާކިޔުންތައް އޮހެމުންދިޔައެވެ. ރޫހާނީގޮތުންނާއި މާއްދީގޮތުން ހިތްވަރު ލިބުނެވެ. ސަރުކާރުން ބިންބިފޯސް މެދުވެރިކޮށް އަޅުގަނޑު މެންގެ ބޮލުގައި އެޅުވުމަށްކުރި އެއްވެސް ކަމެއް ކާމިޔާބެއްނުވިއެވެ. ބޭރުދުނިޔޭގެ ކުރިމަތީގައި ކުރިޔަށް ދިޔައީ އިސްލާހީ ހަރަކާތުގެ އަމާޒުތަކެވެ. މިހުރިހާ ހަގީގަތްތަކެއްގެ މައްޗަށްބުރަވެހުރެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހެންވޭރުކޮޅު ހިއްކިތާގައި ގޮށްވާލިކަޓޫރަބޮމާއި ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމަކީ، ސާކްސަމިޓް ހިނގަމުން ދަނިކޮށް ދަރުބާރުގެ ގޮއްވާލުމޭ ކިޔައިގެން މިދައްކާ އެއްވެސް ވާހަކައާ ގުޅުންހުރި ކަމެއްނޫން ކަމަށެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމަށެވެ. ފަހަތުގައި ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް އުފެއްދި ސިޔާސީ ބުހުތާންތަކެއް ކަމަށެވެ. ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ދެއްކިދޮގު ވާހަކަތަކެއްކަން ކަށަވަރެވެ. މިހާދިސާއާގުޅިގެން ބަންދުކުރެވުނު ހުރިހާފަރާތްތަކަކީ، ދިވެހި ގައުމުގެ ކުރިމަގު ތަހުޒީބުކޮށް، ޒަމާނީ ޑިމޮކްރެސީއާއި ފުރިހަމަ މިނިވަން ދިވެހި ރާއްޖެއަށް ގެނެސްދިނުމަށް، މަގުފަހިކޮށް ދިނުމުގައި ގަދައަޅާއި ހިންމަތާއެކު ބިރެއްނެތި މަސައްކަތް ކުރިމީހުންކަމާމެދު އެއްވެސް ކަހަލަޝައްކެއް ނެތެވެ. އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ތެރެއިން މިބުރުގައި ބަންދުކުރެވުނު މީހުންގެ ނަންތަކަކީ މިއެވެ.

1 މުހަންމަދު ނަޝީދު (އަންނި) ގ.ކެނެރީގެ މާލެއެވެ. 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށްލުމަށް ދެހުކުމެއް މިބުރުގައި އިއްވުނެވެ. އަދިވެސްހުރީ ގާމާދު ޖަލުގައެވެ.

2 އިލްޔާސް ހުސައިން އިބްރާހީމް (ޖަވާހިރުވާދީ އިލްޔާސް) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށް ލުމަށާއި މަންތިރިއާއި އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލާގުޅިގެން މިއިންކަމަކަށް، 6 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވުނެވެ. މިކަމުގެ ތަފްސީލުތައް މިލިޔުންތަކުގައި ހުންނާނެއެވެ. މިވަގުތުހުރީ ގާމާދޫ ޖަލުގައެވެ.

3 މުހަންމަދު ޝަފީގު (ސައްޕެ) 11 އަހަރަށް ޖަލަށް ލުމަށް ހުކުމްއިއްވުނެވެ. 2 ނޮވެންބަރ 1992 ގައި ގެއަށް ބަދަކުކުރި ގޮތަށް އަދިވެސްހުރީ ގޭބަންދުގައެވެ.

4 އަހްމަދު ރަޝީދު ހުސައިން (ހަންދު) މ.ޖަވާހިރުވާދީ މާލެއެވެ. 15 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި، އިތުރު އެއްއަހަރު ދުވަސް ޖަލަށް ލުމަށް ހުކުމްއިއްވިފައި ވެއެވެ. އަދިވެސްހުރީ ޖަލުގައެވެ.

5 އިބްރާހީމް ރަޝީދު ހުސައިން (އިބުރޭ) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި އެއްއަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވެއެވެ. ގެއަށް ބަދަލުކުރީ ސެޕްޓެންބަރ 1992 ގައެވެ. އަދިވެސްހިރީ ގޭބަންދުގައެވެ.

6 އަލީ ރަޝީދު ހުސައިން މ.ޖަވާހިރުވާދީ މާލެއެވެ. ހުކުމްކުރީ، 3 އަހަރުދުވަހަށް އަރުވާލުމަށެވެ. އަރުވާލެއްވުމުގެ ހުކުމުން މިހާރުހުރީ ގޭބަންދަށް ބަދަލުވެފައެވެ.

7 މުހަންމަދު ރަޝީދު ހުސައިން (ބިގޭ) މ.ޖަވާހިރުވާދީ މާލެއެެވެ. ހުކުމް އިއްވީ، 15 އަހަރު ދުވަހަށް ޖަލަށްލުމަށެވެ. އަދިވެސްހުރީ ޖަލުގައެވެ.

8 އަބްދުއްﷲ ހުސައިން ގއ.ދާންދޫ އެވެ. ހުކުމް އިއްވީ، 6 އަހަރަށް ޖަލަށްލުމަށެވެ. އަދިވެސްހުރީ ޖަލުގައެވެ. މިކަންތައް ހިނގިއިރު މީނާދިރިއުޅެމުން ގެންދަނީ މާފަންނު ޖަވާހިރުވާދީގައެވެ.

9 އަބްދުއްﷲ ސަލީމް މއ.ޓުވައިލައިޓް މާލެއެވެ. ހުކުމްއިއްވީ، 15 އަހަރަށް ޖަލަށެވެ. އަދިވެސްހުރީ ޖަލުގައެވެ. މީނާއަކީ ހަންދުއާއެކު އެލިޔާގައި މަސައްކަތްކުރި ވަރަށް މޮޅުއިންޖިނޭރެކެވެ. ކަޓޫރަބޮން އީޖާދުކުރީ މީނާގެ ވިސްނުމަށެވެ.

10 މުހަންމަދު އަބްދުއްރައްޒާގް އެވެ. މީނާއަށް ހުކުމްއިއްވީ، 13 އަހަރަށް ޖަލަށެވެ. 2 ސެޕްޓެންބަރ 1992 ގައި ގެއަށް ބަދަލުކޮށް މިހާރުހުރީ ގޭބަންދުގައެވެ. މީނާއަކީ އެލިޔާގައި މަސައްކަތްކުރި މުވައްޒަފެކެވެ.

11 ރަޣީބުއަލީ ތ.ގާދީއްފުށި އެވެ. ހުކުމްއިއްވީ، 10 އަހަރަދުވަހަށް ޖަލަށެވެ. މިހާރުހުރީ ޖަލަކުނޫނެވެ. ގޭބަންދަށް ބަދަލުކުރައްވާފައެވެ. މީނާއަކީ އެލިޔާގެ މުވައްޒަފެކެވެ.

12 އަޒްމީލް މީނާއަކީ އައްޑުއަތުޅު ސ.ހިތަދޫ ބުގޭޖަލީލުގެ ދަރިފުޅެކެވެ. ހުކުމްކުރީ، 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށްލުމަށެވެ. މިހާރުހުރީ ގޭބަންދަށް ބަދަލުކުރައްވާފައެވެ. މީނާއަކީ، ޖަވާހިރު އައްސޭރީގައި ދިރިއުޅެމުން ގެންދިޔަ ޖުވާނެކެވެ.

13 އިބްރާހީމް ނަސީމް (ކިޔޮޅު) އެވެ. މީނާއަށް ހުކުމް އިއްވުނީ، 13 އަހަރަށް ޖަލަށްލުމަށެވެ. މީނާއަކީ އެދުވަސްވަރު ފިޝަރީޒްގައި ގެންގުޅުނު ދޯނީގެ ކިޔޮޅެވެ. ބިގޭގެ ބެލުމުގެދަށުގައި މަސައްކަތްކުރާ މީހެކެވެ. މީނާއަކީ ވަރަށް ބިރުކުޑަ ކެރޭމީހެކެވެ. ދަންޑަހެލު ވައްތަރު މީހެކެވެ. ދެވަނަ ކަޓޫރަބޮން ތަނެއްގައި ބޭންދިނުމަށް އަމަލީގޮތުން ހަރަކާތްތެރިވީ ކިޔޮޅެވެ. އަދިވެސްހުރީ ގާމާދޫޖަލުގައެވެ.

14 ކެޕްޓަން އަބްދުﷲ މުއާޒު މީނާއަކީ ކަނޑުބޯޓެއްގެ ކެޕްޓަނެކެވެ. މީނާއަށް އިއްވިހުކުމަކީ، 5 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. މިހާރުހުރީ ގޭބަންދަށް ބަދަލުކޮށްފައެވެ. މިއީ ބޮޑުސައްޕެގެ ފްރެންޑެކެވެ.

15 އިލްޔާސް އަބްދުﷲ މ.އޮމަދޫ މާލެއެވެ. ހުކުމްއިއްވީ، 5 އަހަރަށް އަރުވާލުމަށެވެ. ގެއަށްބަދަލުކުރެއްވީ 10 ނޮވެންބަރ 1992 ގައެވެ. އަދިވެސް ހުންނެވީ ގޭބަންދުގައެވެ. މީނާއަކީ އެލިޔާގެ ހިއްސާދާރެކެވެ.

16 މަސްއޫދުއާލިމް މ.ލަކްސްލީން މާލެއެވެ. ހުކުމް އިއްވީ، 4 އަހަރުދުވަހަށް އަރުވާލުމަށެވެ. މަސްއޫދަށް ހުކުމް އިއްވީ، 15 އޮކްޓޯބަރ 1992 ގައެވެ. މިހާރުވަނީ ގޭބަންދަށް ބަދަލުކުރައްވާފައެވެ. މިއީ ސިޔާސީފިކުރު ގެންގުޅުއްވާ ބޭފުޅެކެވެ.

17 މުހަންމަދު ޚަލީލް (މައްކޮ) ގ.އުތުރުގެ މާލެއެވެ. ހުކުމްއިއްވީ، 4 އަހަރުދުވަހަށް އަރުވާލުމަށެވެ. ހުކުމް އިއްވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިހާރުހުންނެވީ ގޭބަންދުގައެވެ. މިއީ ވިސްނުންތޫނު ޑިޕްލޮމެޓިކް އިދާރީ ބޭފުޅެކެވެ. އަޅުގަނޑާއޮންނަ ގުޅުމެއްގެ ސަބަބުން، މީގެތެރެއަށް ސިފައިން ގަދަކަމުން ވެއްދި ބޭފުޅެކެވެ.

18 އަލީވަހީދު ހަސަން މަނިކް މއ.ސިލްވަރސީން މާލެއެވެ. ހުކުމްއިއްވީ 3 އަހަރަށް އަރުވާލުމަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ ރާއްޖޭގެ މީޑިޔާގައި ތަޖްރިބާތަކެއް ހޯއްދަވާފައިވާ، އިލެކްޓްރޯނިކް މީޑިޔާގައި މުހިންމު ދައުރެއް އަދާކުރެއްވި ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.

19 ނައުޝާދުވަހީދު ހަސަން މއ.ސިލްވަރސީން މާލެއެވެ. ހުކުމްކުރީ، 3 އަހަރަށް ޖަލަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ ސިޔާސީ ބޭފުޅެކެވެ.

20 އަބްދުލްމުޢީދު މ.ކުރަނގި މާލެއެވެ. ހުކުމް އިއްވީ، 5 އަހަރަށް ޖަލަށެވެ. މިހާރުހުރީ ގެއަށްބަދަލު ކޮށްފައެވެ. މިއީ ރާއްޖޭގެ ފެންވަރުގައި މޮޅު އިންޖިނޭރެކެވެ. ލޭތުމަސައްކަތަށް މޮޅު، ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.

21 އަބްދުލްހަންނާނު އަބޫބަކުރު މިއީ ހެރިންސް ހަންނާނެވެ. ހުކުމްކުރީ، 3 އަހަރަށް ޖަލަށް ލުމަށެވެ. މިނިވަންކޮށް ދޫކޮށްލީ، 2 ނޮވެންބަރ 1992 ގައެވެ. މިއީ އަމިއްލަ ހުނަރުތަކެއްގެ އަހުލުވެރި، ސިޔާސީ ބޭފުޅެކެވެ.

22 މުހަންމަދު ޝަރީފް (ވިންޓަރު) އެވެ. 3 އަހަރަސް ޖަލަސް އަދި އެއް އަހަރަށް އަރުވާލަން ހުކުމްކުރެއްވިއެވެ. އެމައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެއްއަހަރުގެ އަރުވާލުން، 6 މަހަށް ބަދަލުވިއެވެ. މިހާރުހުރީ ގޭބަންދުގައެވެ. މިއީ މޮޅުމެކެނިކް އިންޖިނޭރެކެވެ. އަމިއްލައަށް ޑިޝްއެންޓަނަރ އެއްއުފެއްދެވުމުގެ ކާމިޔާބު މަސައްކަތްތަކެއް ހިންގެވި، ދީނީފިކުރުގެ ބޭފުޅެކެވެ.

23 ސައުދުއްﷲ ޖަމީލް (ބޮންޑު) އެވެ. މީނާއަކީ ޒަކަރިއްޔާ ޖަމީލުގެ ދަރިފުޅެކެވެ. ހުކުމްނީއްވިގެން ކޯޓުން ދޫކޮށްލީ، 1993 ވަނައަހަރުގެ މާޗްމަހުތެރޭގައެވެ. މިހާރުހުރީ ގޭބަންދުގައެވެ. މީނާއަކީ މިމައްސަލާގައި ހުކުމްނީއްވާ ބަންދުގައި ބެހެއްޓި މީހެކެވެ. މިއީ ވިސްނުންތޫނު ގާބިލް ޖުވާނެކެވެ.

24 ނިޒާރު (އެލިޔާގައި ހަންދުއާއެކު މަސައްކަތްކުރި ބޭފުޅެއް) މީނާއަކީ ވެސް ހުކުމްނީއްވާ ދޫކޮށްލިމީހެކެވެ. މީނާގެ މައްސަލަ ދޫކޮށްލީ، 3 ޖޫން 1992 ގައެވެ. މިދެބޭފުޅުންނަށް ހުކުމް ނީއްވުނީ ސިފައިންނެގި ބަޔާންއޮތްގޮތުންނެވެ. ގާޒީއަށް ސާބިތުކުރެވޭ ގޮތްނުވީއެވެ. ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލާގައި ގިނަދުވަސްތަކެއް ވަންދެން ބަންދުގައިތިބެ ހުކުމްއިއްވުނު މީހުންނަކީ މިދެންނެވި މީހުންނެވެ. މިމީހުންގެ ބައިވެރިވުން ރާއްޖޭގެ އިސްލާހީ ހަރަކާތަށް އަމަލީގޮތުން ލިބުނެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތް ބޭރުދުނިޔެއަސް ފެތުރިފާޅު ވެގެން ދިޔައީ މިމަސައްކަތުންނެވެ. މިއީ ސަވާބުހުރި ޖިހާދެކެވެ. ޖުމްލަ، 24 މީހުންގެ މައްސަލަ، ސިފައިން މެދުވެހިކޮށް ބަންޑާރަނައިބު އޮފީހަށް ފޮނުވައިގެން ޝަރުޢީކޯޓަށް ހުށަހެޅިއެވެ. މީގެތެރެއިން، ހުކުމްނީއްވާ ދޫކޮށްލީ، އެންމެދެމިހުން އެކަންޏެވެ. މިދެމީހުންވެސް، 1993 ވަނަ އަހަރާހަމައަށް ބަންދުގައި ބޭތިއްބިއެވެ. ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ ހާދިސާއާގުޅިގެން، 200 ވަރަކަށް މީހުން ދޫނިދޫއަށް ގެންގޮސް ކުޑަގޮޅިތަކުގައި ބަންދުކުރިއެވެ. މީގެތެރެއިން އެތައްބައެއްގެ ސިކުނޑި ހަލާކުވިއެވެ. ބޯގޯސްވި މީހުން، އެބަތިއްބެވެ. މިއީ ސިފައިން ވަރަށް ވަރުގަދަކޮށް ހިންގި ތަހުގީގެކެވެ. ވަރަށް އަނިޔާވެރިކޮށް ހިންގި ތަހުގީގެކެވެ. ވަޙްޝީ އަނިޔާތަކެއް ދިން ތަހްގީގެކެވެ. 3 ނޮވެންބަރ 1988 ގައި އިންޑިޔާ ސިފައިންގެ ފަރާތުން ލިބުނު ތަޖްރިބާތަކުގެ މައްޗަށް ބިނާކޮށް ވަރަށް ރާވައިގެން ތަޖްރިބާ ހޯދުމުގެގޮތުން ހިންގިތަމްރީން ތަކަކޭވެސް ބުނެވިދާނެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެކަންތައްސާފުވެ އޮޅުންފިލާނެއެވެ. ބަންދުކުރެވުނު މީހުންނައި ހުކުމް އިއްވުނުމީހުންގެ ވާހަކަ ނިމުނީއެވެ.

1 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 740 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

1990 ވަނަ އަހަރުމާލެތެރޭގައި އުފެދުނު، ބިންބިފޯހުގެ ސިއްރުރޭވުމެއްގެ ވާހަކަ:

މިއަދު ހަވީގެ ވަގުތެއްގައި މިވާހަކަ އަޅުގަނޑަށް އަކުރުންއަކުރަށް ކިޔައިދިނީ، އަލްފާޟިލް އިބްރާހީމް ވިސާމް، މ.މާކޮޅު މާލެއެވެ. ވިސާމަށް ވަނަމަކަށް އަޅުގަނޑުމެން ކިޔަނީ އޭނައަމިއްލައަށް އޭނައަށްކިޔާ އުޅޭނަމެވެ. އެއީ “ޖަނާބު” އެވެ. ހީވާގޮތުގައި މީނާޖަނާބު ކިޔަންފެށީ ބާބުލްއަވާލީ ޝައިޚަށް ބޮޑުޖަނާބު ކިޔާތީހެންނެވެ. ވިސާމުގެ ބައްޕައަކީ ބޮޑުޖަނާބުގެ ދަރިވަރެކެވެ. އަދި އޭނާއަކީ، ބޮޑުޖަނާބުގެ ދުވަސްވަރު، މއ.ބާބުލްޢަވާލީ އަށް ބޮޑުޖަނާބުގެ ދަރުސްތައް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ވިސާމުވެސް ޖަލުގައި އުޅުނީ ދީންވެރިކޮށެވެ. ގަވާއިދުން ނަމާދުކޮށް އުޅެއެވެ. އަދި އަޅުގަނޑުމެން ކައިރިން ބަރާބަރަށް ކިޔަވާހަދައެވެ. ވަރަށްގިނަ އެއްޗެހި އޮޅުންފިލުވާ ހަދައެވެ. މިހާހިސާބުން އަޅުގަނޑު މިލިޔަނީ ޖަނާބު އަޅުގަނޑަށް ކިޔައިދިން ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކައެކެވެ. ދިވެހިތާރީޚަށްޓަކާ ކޮންމެހެން ވެސް ލިޔެލާންޖެހޭ ވާހަކައެކެވެ. މީގެކުރިންވެސް މިވާހަކަ، ޖަނާބު ދައްކާހައްދަވައެވެ. އަދި ތަހުގީގު ތެރޭގައި މިވާހަކަތައްވަނީ ދެކެވިފައެވެ. މިއަދު ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދިނީއެވެ. އަންނިއަށް ވެސް ކިޔައިދިނެވެ. އަދި ހަމަމިފަދައިން މުހަންމަދުނާސިރު، މީނާޒު ބ.އޭދަފުށި ވެސްވަނީ، އެތައްފަހަރަކު މިވާހަކަތައް އަޅުގަނޑަށާއި އަންނިއަށާއި ސައްޕެއަށް ކިޔައިދެއްވާފައެވެ. މިއީ ސިފައިންނާ ހަމައަސް ގޮސްފައިވާ، އަދި ތަހުގީގުތެރޭގައި ސުވާލުކުރެވި ފައިވާ ވާހަކަތަކެވެ.

އާދެ! ނާސިރު ދޫނިދޫކުޑަގޮޅީގައި ހުރިދުވަސްވަރު، މާލެގެންދިޔަ ދުވަހެއްގައި ފިލައިގެންޖެހުނު މައްސަލަ ގަނޑެއްގައި ގާމާދޫޖަލަށް ގެންދިއުމުން އެތާނގައި ބަންދުކޮށްފައި ނާސިރު ބެހެއްޓިގޮޅިއަށް ބިންބިފޯހުގެ އިސްބޭފުޅެއް ކަމުގައިވާ، ވާދޫއަހަންމައިދީ ނާސިރު ހުންނެވި ގޮޅިއަށް ރޭވުމެއްގެ ދަށުން ގެންދެވުނެވެ. ބުނެވޭގޮތުގައި މިއަހަންމައިދީ ގާމާދޫއަށް ގެންދެވުނީ ކެމެރާއެއްގެ މައްސަލާގައެވެ. މީނާއަކީ ފިނިހިޔާ ޓިއުޝަން ކްލާސް އަދި “ޝަހީދު” ހިންގެވި އެތާގެބޮޑު މީހާއެވެ. ކެމެރާއެއްގެ ބަހަނާގައި މީނާގާމާދޫ ޖަލަށް، ނާސިރު ހުރިގޮޅިއަށް ގެނެސްދިނުމުގައި ހަރަކާތްތެރި ވެފައިވަނީ، އޭރުސިފައިންގެ ވެރިއަކަށް ހުންނެވި އާދަންޒާއި ކާށިދޫ ހުސައިން އިބްރާހީމްފުޅެވެ. ދީދީ ގެނެސް ނާސިރު އޮތްގޮޅިއަށް ލުމުން، މިދީދީގެ މަސައްކަތް ފެއްޓެވީ ވަރަށް ސީރިޔަސް ކޮށެވެ. ދީދީއާހަވާލު ކުރެވިފައިވާ މަސައްކަތް ކެތްތެރިކަމާއި ހިކްމަތާއެކު ދީދީ ފެއްޓެވިއެވެ. ފުރަތަމަ ނާސިރުއާ ވަރަށް ރަނގަޅަށް ދެދުވަހެއްގެ ތެރޭގައި ރަށްޓެހިވެއްޖެއެވެ. ދީދީގެ މަސައްކަތަކަށްވީ ނާސިރުއާ ރަނގަޅަށް ގުޅާލުމަށް ފަހު، ރޭވިފައިވާ ރޭވުންތައް ނާސިރަށް ކިޔައިދީ، ވަރުގަދަރޭވުން ގަނޑެއްރާވާލަ ދިނުމެވެ. ނާސިރުގެބޮލަށް ދީދިއެރިގެން ރޭވިރޭވުންގަނޑަކީ، 1990 ވަނަ އަހަރުމާލެ ތެރޭގައިހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ޑޮކްޓަރ ވަހީދާގުޅުވާލުމުގެ ރޭވުންތަކެވެ. ޑޮކްޓަރ ވަހީދުގެ ބޮލުގައި މިކަންތައްގަނޑު އެޅުވުމެވެ. ނާސިރަށް ޖަވާހިރުވާދީގެ ދެކުނުފަރާތުގެ ފެންޑާހުންނަ ގޮތާއި ފެންޑާގައި ގޮނޑިތަކާއި ސަރަންފީތަކާއި އަޅުގަނޑު އޮށޯންނަ ބޮޑުސަރަންފީ ގޮނޑިހުންނަތަނާއި އުނދޯލި ހުންނަތަން ރަނގަޅަށް ކިޔައިދީ، ދަސްކޮށްދީ ހެދުމަށްފަހު، ޑޮކްޓަރ ވަހީދަކީ ވަރަށްގިނައިން މަގުމަތިން އެކިޖަލްސާތައް ނިންމާފައި އިސްލާމީ މަރުކަޒުންނާއި އޮފީހުންނާއި އެކިތަންތަނަށް ގޮސްއައިސް ވާއިރު، ފެނިދެނިވާ މީހެއްކަމާއި މިހެންފެންނަ ފަހަރުފަހަރުގައި ނިތްއަރުވާލާ ހައްދަވާ ބޭފުޅެކެވެ. ފަހުންފަހަށް އައިސް ސަލާމްކޮށްލާއި ހަދާއުޅޭމީހެއް ކަމާއި މިގޮތުގެމަތިން ފެނިފެނިރައްޓެހި ވުމަށްފަހު އެއްދުވަހަކު ޑޮކްޓަރ ވަހީދާވާހަކަ ދައްކާލުމުން ގެއަށްޖައްސާލުމަށް ޑޮކްޓަރވަހީދު ވިދާޅުވުމުން، ނާސިރު ޖަވާހިރުވާދީއަށް ގޮސް، ޑޮކްޓަރ ވަހީދާވާހަކަ ދަށްކާއި ހެދީކަމަށެވެ. މިގޮތުގެ މަތިންނާސިރު ވަހީދާއި ރައްޓެހިވީ ކަމަށެވެ. ވަހީދާގުޅުން އޮންނަކަން ސާބިތުކޮށް ދިނުމަށް ދީދީ، ނާސިރަށް ރާވާދީފައިވަނީ މިގޮތަށެވެ. ޑޮކްޓަރ ވަހީދާއެކު ގުޅުން އުފެދުނު ގޮތަކީ، މިއީކަމުގައި ނާސިރަށް ކިޔައިދީ، ނާސިރުމިކަން ގަބޫލުކުރުމުން، ނާސިރަށް ހުތްލައިދިނީ، ނާސިރުމެން މާލެތެރެގައި އަލިފާން ރޯކުރިތަންތަން ރޯކޮށްހުޅުޖަހާހެދީ މިބައްދަލުވުން ތަކުގައި، ޖަވާހިރުވާދީގައި އިންނަވައިގެން ޑޮކްޓަރ ވަހީދު ވިދާޅުވުމުން ކަމަށެވެ. ނާސިރުމެންކުރި ކަންތަކަކީ ޑޮކްޓަރވަހީދު ވިދާޅުވެގެން މާލެތެރޭގައި ހިންގި ކަންތައް ކަމަށެވެ. ދީދީގެ މިރޭވުންގަނޑުވަނީ، ނާސިރަށް ކިޔައިދީ އެއްބަސް ކުރުވާފައެވެ. ނާސިރަށް ބުނެދީފައިވަނީ، ސިފައިން ސުވާލުކުރުމުން މިވާހަކަމިގޮތަށް ސިފައިންނަށް ކިޔައިދިނުމަށެވެ. އަދި ނާސިރުމެން މާލެތެރޭގައި ކުރިކަންތަކަކީ، ޑޮކްޓަރވަހީދު ވިދާޅުވެގެން ކުރިކަމެއްކަމަށް ނާސިރުވަނީ، ފުލުހުންނަށް ބަޔާންދޭނެކަމަށް ދީދީކައިރީގައި އެއްބަސްވެ، މުޅިންނިންމާފައެވެ. ދެވަނަމީހެއްގެ ހެކިހޯދާނެ ގޮތެއްކަމަށް ދީދީ، ނާސިރަށް ބުނެދީފައިއޮތީ މާލެއަށްކޯޓަށް ގެންދާދުވަސްދުވަހު ޖަނާބާދިމާވުމުން މިވާހަކަތައް ޖަނާބަށް ކިޔައިދީ، ޖަނާބައި ސިފައިން ސުވާލުކޮށްފިއްޔާ ޖަނާބުވެސް، މިބީދައިން ސިފައިންނަށް ބަޔާނެއްދިނުމަށް އެއްބަސް ކުރުވުމަށެވެ. ޖަނާބު މިކަމަށް އެއްބަސްކުރުވުމުގެ މަސައްކަތް ދީދީ ހަވާލުކުރީ ނާސިރާއެވެ. މިވާހަކަތަކާއި ހަދަންވީގޮތް ލިޔެފައިވާ ކަރުދާސްގަނޑެއް، މާލެއަށް ކޯޓަށް ގެންދިޔަ ދުވަހެއްގައި ޖަނާބާ، ނާސިރު ދިމާވުމުން ޖަނާބުއަތަށް ނާސިރުދިންކަމަށް ޖަނާބުނުންޏެވެ. ޖަނާބުބުނަނީ ދުވަސްގަނޑެއް ވަންދެން މިކަރުދާސް ގަނޑު، ޖަނާބުއަތުގައި އޮތްކަމަށެވެ. އެހެނަސް ފަހުންވީނުވީތަނެއް ނޭގުނީކަމަށެވެ. މިކަރުދާސްގަނޑާކީ އަޅުގަނޑުމެން ގެތެރެއިން މީހަކުދުށް އެއްޗެއްނޫނެވެ. މުޅިންވެސް އިވެނީ ނާސިރާއި ޖަނާބު، ދަށްކާވާހަކަ ތަކުގެއަޑެވެ. ޖަނާބު ވަރަށް ރީތިކޮށް ވަރަށްސާފުކޮށް މިވާހަކަތައް އަޅުގަނޑުމެންނަށް ކިޔައިދިނެވެ. މިކަރުދާސްގަނޑު ފޮރުވައިގެން ގެންގުޅެން ހަދާންނުވީކަމަށް ޖަނާބު ބުނެއެވެ. މިއީ އެހާމުހިންމު އެއްޗެއްކަމަށް ހިތަށްވެސް ނޭރީކަމަށް ބުނެއެވެ. ކޮންމެއަކަސް ދީދީގެ މަސައްކަތް ނާސިރާހަމައަށް ވަރަށްކާމިޔާބުކޮށް ހިންގާނިންމާ ލެއްވިއެވެ. އެއަށްފަހު، ދީދީ މާލެއަށް ގެންގޮސް ދޫކޮށްލީއެވެ. އެހެނަސް ޖަނާބު (ވިސާމް) ގެބޯހަރުކަމުން މިގޮތަށް އެދެމީހުންގެ ހެކިބަސް ސިފައިންނަށް ނުލިބުނީއެވެ. ވާދޫއަހަންމައިދީދީގެ ރޭމުމަކީ ނާސިރާއިވިސާމުގެ އެއްބަސްވުން މިގޮތަށް ސިފައިންނަށް ލިބޭނެގޮތަށް މަގުފަހިކޮށްދިނުމެވެ. ވިސާމުމާލޭން ފެންނަކޮންމެ ދުވަހަކު މިގޮތަށް އެއްބަސްވެދީ ސަފައިން ސުވާލުކޮށްފިއްޔާ މިގޮތަށް ބަޔާނެއް ދިނުމަށް ނާސިރުއެދެމުން ދިޔަކަމަށް ވިސާމު ބުނެދިނެވެ. ނާސިރު ވިސާމުގާތުގައި މިވާހަކަތައް ދަށްކަނީ، މާލެއަށް ދެމީހުންއެކުގައި ކޯޓަށް ގެންދާދުވަސް ތަކުގައެވެ. މިދެމީހުންނަށް މެންދުރުކެއުންދެނީ ދެމީހުން އެއްކޮށް އެއްތަނެއްގައި ބައިތިއްބައިގެން ކަމަށްވެއެވެ. ބޭނުންވަރަކަށް މިދެމީހުންނަށް ވާހަކަދައްކާއި ސައްލާކޮށް ހެދެއެވެ. އަދި މީގެއިތުރުން ދެވަނަރޭވުމެއް ވެސް، މިދީދީ ނާސިރަށް ރާވައިދީފައިވެއެވެ. އެރޭވުންވެސް ލިޔެލާނަމެވެ. އެއްދުވަހަކު، އެލިޔާ އަލީއަބްދުﷲ މ.ޔާގޫތުގެ މާލެ، މޯލްޑިވްސް ޕޯޓްސް އެތޯރިޓީއަށް ނާސިރު ގެންދަވާފައި ޑިމްސް ރޯކޮށްލި މަންޒަރު ވީޑިޔޯކޮށްފައިއޮތް ކެސެޓްރޯލެއް ނާސިރަށް، ދެއްކެއުމަށް ފަހު، އަލިފާނާބެހޭގޮތުން ނާސިރާ މަޝްވަރާކޮށް، އެކަންތައް ކުރިޔަށް ގެންދަންވީ ގޮތުގެވާހަކަތައް ކިޔައިދެއްވި ކަމަށް އެއްބަސް ވުމަށް ވެސް ނާސިރަށްވަނީ، މިދީދީ ހުތްލައިދީފައި ކަމަށް މިދެމީހުން ކިޔައިދީފައި ވެއެވެ. އަދި ޖަވާހިރުވާދީއަށް ގޮސް ސަރަންފީއެއްގައި އިނދެ، ޑޮކްޓަރވަހީދާ ބައްދަލުކޮށް މާލެތެރޭގެ އަލިފާނާބެހޭގޮތުން ސައްލާކޮށް ހެދިކަމަށް ނާސިރުވަނީ އެއްބަސްވެފައެވެ. އެހެނަސް މިދެކަންތަކާ އެއްގޮތަކަށް ވެސް ވިސާމު (ޖަނާބު) އެއްބަސް ނުވީއެވެ. ސިފައިން ވަރަށްގިނަ ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް ވިސާމު މިއިންކަމަކަށް އެއްބަސްނުވީ ކަމަށް ވިސާމު ބުންޏެވެ. ވިސާމު މިދުވަސްވަރު ހުރީދީންވެރި ހާލަތަކަށް އައިސް ވަރަށްސާލިހު ވެފައެވެ. ސޫފީއަކަށް ވެފައެވެ. މީނައަށް މީނާނުކުރާކަމަކާ އެއްބަސްވާން ނުކެރިގެން ދީދީގެ ރޭވުންގަނޑު ކާމިޔާބުވާގޮތް ނުވީއެވެ. މުޅިން ސުމަކަށް ދިޔައީއެވެ. ފެއިލްވީއެވެ. ވިސާމް ބުނާގޮތުގައި މިކަންތަކަށް އެއްބަސްވާން ނުކެރުނީ، އޭނާއަކީ ދުވަހަކުވެސް ޖަވާހިރުވާދީއަށް ވަތްމީހަކަށް ނުވާތީއެވެ. އަދި ދުވަހަކުވެސް ޑޮކްޓަރ ވަހީދައި އަނގައިންބުނި މީހަކަށް ނުވާތީއެވެ. ﷲ ދެކެގަތް ބިރަކުން، ދޮގުހަދައިގެން ވާހަކަދަށްކަން ނުކެރުނީ ކަމަށް ވިސާމުބުނެދިނެވެ. މިކަމާގުޅިގެން ނާސިރުއަތުންނެގި ބަޔާންއެއްޗަކަށް ނުވެބޭކާރުވީ ވިސާމު އަތުން ބަޔާނެއް ނުހޯދުނީމައެވެ. މިދުވަސްވަރު ދެހެކިންގެ ބަޔާންހޯދައިގެން ސިޔާސީ އެތައްބަޔަކަށް ސިޔާސީގޮތުން ބޮޑެތި ހުކުމްކޮށް، ސިޔާސީ ގޯނާކޮށްފައި އެބަހުއްޓެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ، “ޕޮލިޓިކަލް ވައަލެންސް” އެވެ. ސިޔާސީގޮތުން ސިޔާސީ މީހުންނަށް ގޯނާކޮށް، ހޭއަރުވާލުމެވެ. ގޯގޯލަތީފަށް ވެސް ހަދާލީ މިހެންނެވެ. ރައްޔިތުންގެ މަޖިލީހުގައި އިންނަވަނިކޮށް ޖަލަށް ލުމަށްފަހު، ދެމީހެއްގެ ހެކިބަސް ނެގުމަށް ފަހު، ހުކުމެއް އިއްވާލާފައި ސިޔާސީގޮތުން ގޯނާކޮށް ހޭއަރުވާލީއެވެ. އެދުވަސްވަރު މިކަހަލަގޯނާތައް ވަރަށްގިނަ ސިޔާސީ ލީޑަރުންނަށް ސަރުކާރުން ދީފައި ވެއެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވީ މާލެތެރޭގައި އުދުވަސްވަރު އުފެއްދި، ބިންބިފޯހުންނެވެ.

ވާދޫއަހަންމައިދީގެ މިރޭވުންގަނޑުގެ ސިއްރަކީ، 1990 ވަނަ އަހަރު މާލެތެރޭގައި ބިންބިފޯސް އަޑީގައި އޮވެގެންހިންގި އަލިފާނުގެ ހާދިސާތަކާ ޖަވާހިރުވާދީއާ ގުޅުވާއި ޑޮކްޓަރވަހީދު ބަދުނާމުކޮށް، ބަންދުކުރެވޭނެ ގޮތެއްއީޖާދުކުރުމެވެ. ޑޮކްޓަރ ވަހީދު ޖަލަށް ލުމަށް މަގެއްފަހި ކުރުމެވެ. އެހެނަސް އަހަންމައިދީގެ ރޭވުންގަނޑު، ވިސާމާހެދި ކާމިޔާބުވާގޮތް ނުވީއެވެ. ސުމަކަށްގޮސް، ބޮޅެއްޖެހުނީއެވެ. ދީދީ ރާވައިދިންގޮތަށް ނާސިރުގެރޯލް ވަރަށް ފުރިހަމައަށް އަދާކުރިއެވެ. އަދި ނާސިރުގެ ބަޔާނެއް ސިފައިން މިގޮތަށް ނެގިކަމަށް ވެސް ނާސިރު ބުންޏެވެ. ވިސާމް ތަހުގީގަށް ހާޒިރުކުރި ދުވަހެއްގައި، ނާސިރު ސިފައިންނަށް ދީފައިވާބަޔާން، ވިސާމަށް ދެއްކިއެވެ. އެހެނަސް އުޅެއުޅެވެސް ވިސާމުއެއްބަސް ނުވުމުން، ނާސިރުގެ ބަޔާންއެއްޗަކަށް ނުވީއެވެ. ހެކިބަހަކަށް ނުފުދުނީއެވެ. އަދި އޭގެފަހު ދުވަހެއްގައި ވ.ޅަހުއްތު ކައިރިޔަށް ސިފައިންގެއަށް ވިސާމުހާޒިރުކޮށް ޖަވާހިރުވާދީއަށް ވަނިންތޯއާއި ޑޮކްޓަރވަހީދާ ވާހަކަދެއްކިންތޯއާއި ވީޑިޔޯރޯލެއް އަލީއަބްދުއްﷲ ކައިރީގައި އިނދެގެން ބެލިންތޯ ސުވާލުކޮށް ހެދިކަމަށް ވިސާމުކިޔައިދީފައި ވެއެވެ. ވ.ޅަހުއްތު މިކަންތައް މިހިންގީ ދެވަނަމީހެއްގެ ހެކިބަސްލިބޭތޯކަން ކަށަވަރެވެ. ވ.ޅަހުއްތު ވަރަށްބޮޑަށް މިސުވާލުތައް ކުރުމުންވެސް ވިސާމު ޖަވާބެއް ނުދިނީއެވެ. އެސުވާލުތަކަށް ފާޅުގައި އިންކާރުކުރީއެވެ. އޭނާ ދުވަހަކުވެސް ޖަވާހިރުވާދީއަށް ނުވަންނަކަމަށް ބުންޏެވެ. އަދި ޑޮކްޓަރވަހީދު ނުދަންނަކަމަށާއި ދުވަހަކުވެސް އަނގައިންބުނި މީހެއްނޫންކަމަށް ވިސާމު ބުނެދިނެވެ. ވިސާމުގެ އީމާންތެރިކަމާ، ވ.ޅަހުއްތަކަށް ނުކުޅެވުނެވެ. ކުޅެލެވޭގޮތެއް ނުވިއެވެ. ޖެހުނީ މިހާހިސާބުން މިކަންތައްގަނޑު ހުއްޓާލައްވާށެވެ. މިއީ މަކަރާހީލަތުން، ވ.ޅަހުއްތުލައްވާ ސިފައިންގެ ވެރިޔާ ކުރުވަން އުޅުއްވި، ނުލަފާ އަނިޔާވެރި ކަމެކެވެ. އުޅެއުޅެވެސް ވ.ޅަހުއްތަށް މިކަންނުވީއެވެ. ވިސާމު އަތުން ބަޔާނެއް ނުނެގުނެވެ. ވ.ޅަހުއްތުވީ ފެއިލްއެވެ. މިހެންމިދެންނެވީ، ފަހުން އިނގުނުގޮތުގައި ވާދޫއަހަންމައިދީ، ކެމެރާއެއްގެ ތުހުމަތެއްގައި ގާމާދޫޖަލަށް ގެންގޮސްދިނީ އާދަންޒާހިރާއި ކާށިދޫހުސައިން އިބްރާހީމްފުޅަށް ވާތީއެވެ. އޭރުބިންބިފޯސް ބަލަހައްޓަމުން ގެންދިޔައީ ސީދާސިފައިން ގެއިންނެވެ. ދީދީ ހުންނަވާ ގޭގެކުލި ދައްކަމުން ގެންދަނީ ވެސް ޑިފެންސުންނެވެ. މިހިރީފަހުން ސާބިތުކުރެވޭނެ ކަންތަކެވެ. މިލިޔުންތައް އަންދާނުލާ ހުރިއްޔާ ފެންނާނެ ލިޔުންތަކެވެ. ޚާއްސަކޮށް ބިންބިފޯހުގެ އެންމެހާ ކަންތައް ބެލެހެއްޓުމުގެ ބޮޑުމީހަކަށް އެންމެއިސްކޮށް ހުންނެވީ، ސިފައިންގެ އެއްވެރިޔަކަށް އޭރުހުންނެވި ކާށިދޫ ހުސައިން އިބްރާހީމް ފުޅެވެ. މިހާރުއޭނާވަނީ، މިނުބައި ކަންތައްގަނޑާއެކު މިދުނިޔެދޫކޮށް ނިމިގޮސްފައެވެ. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާ ފައެވެ. ސިކުނޑިދުޅަވެ މުޅިމީހާ ދުޅަވާގޮތް ވެގެންނެވެ. ﷲ އޭނާގެފާފަތައް ފުއްސަވާއި ސުވަރުގެ ވައްދަވާށިއެވެ! އާމީން!

މިފުރުސަތުގައި ވާދޫއަހަންމައިދީގެ މިކަމާގުޅޭ އެހެންވާހަކައެއް ދަންނަވާލާ ހިތްވެއެވެ. އަހަންމައިދީއަކީ އޮފީސްއޮފީހުގައިތިބޭ އަންހެން ކުދިންނާގުޅާއި އެކުދިންގެ އެކިއެކި ބޭނުންތަކަށް އެހީތެރިވެ، އެކުދިންލައްވާ ސިޔާސީބޭނުންތައް ހިންގާހެދި މީހެކެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި އުޅުނު، ހުދާ ކިޔާއަންހެން ކުއްޖަކާގުޅައިގެން ޑޮކްޓަރ ވަހީދުގެ މޭޒުމަތީގައި މަރުގެ އިންޒާރުދީފައިވާ ސިޓީއެއް ބޭއްވިކަން ފަޅާއެރުމުން އެކަންތައް ސީދާއަޅުގަނޑު ޑިފެންސަށް ހެއްކާއެކު ރިޕޯޓްކުރުމުން ވެސް އެއްވެސް ގޮތަކަށް އަޅާނުލެއްވީއެވެ. މިހުދާއަކީ، އަތަމާގޭ އިސްމާއީލް އަބްދުއްލަތީފު ފުރަތަމަ ކައިވެނި ބައްލަވައިގެން އުޅުއްވި ހުދާއެވެ. އަދި އޯޑިޓްއޮފީހުގެ ލިޔުންތަކެއްވެސް ދީދީމެން މިގޮތަށް އެއޮފީހުގެ އަންހެން މުވައްޒަފަކާ ގުޅައިގެން ވަގަށްބޭރުކޮށްފައި ވެއެވެ. އެދުވަސްވަރުގެ އޮޑިޓަރޖެނެރަލް ކުޑަދަހަރާގޭ އަބްދުއްރަޝިދުގެ ސިކުނޑި ހަމައިން ނައްޓާމަގުމަތީވީ، މިކަންތައްގަނޑާ ގުޅިގެންނެވެ. އަދިވެސް އެދުވަސްވަރު، އިސްލާހީ ހަރަކާތުގައި މަސައްކަތްކުރެއްވި ގޯގޯލަތީފާއި މޮޑީމެން މީސްމީހުންނަށް މަރުގެއިންޒާރު ދިނުމުގެ ސިޓީތައް ފޮނުވާހެދީ ބިންބިފޯހުގެ މިމީސްމީހުންކަން ވަރަށް ތަފްސީލުކޮށް ހެތްކާއެކު ޑިފެންސަށް ހުށަހެޅުމުން އެކަންތަކަށް ޑިފެންސުން ދެއްވީބީރު ކަންފަތެކެވެ. ކުރީޒަމާނުގައި ރަށުތެރެއަށް ބަޔަކު ނެރެގެން މިކަހަލަ ކަންތައް ކާމިޔާބު ކުރެވުނަސް، އަޅުގަނޑު މެންކަހަލަ ކެރޭމީހުން ބޭރުން ކިޔަވައިގެން އައިސް ސިޔާސީ މައިދާނުގައި ކެރިގެން އަމަލީގޮތުން، ހަރަކާތްތެރިވާން ފެށުމުން މިފަދަކަންތައް ބޭޒާރުވެ، ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނެގޮތްތައް ނުވާންފެށީއެވެ. ބޭނުންވީހާ ހުރިހާގޮތެއް ހަދާނުލެވުނީއެވެ. ވާދޫދީދީގެ ގެކާރު ވިޒްކޯގަރާޖަށް ދޮންނަން ގެނައިދުވަހެއްގައި ސިޔާސީ މީހުންނަށް މަރުގެއިންޒާރު ދިނުމަށް ލިޔެފައިހުރި ސިޓީތަކެއް ފެނިގެން ސީދާއަޅުގަނޑު އެސިޓީތައް، ޑިފެންސަށް ހުށައެޅީމެވެ. އެކަމަކުވެސް ވީކަމެއް ހަރާމެވެ. އެދުވަސްވަރު ކަންތައް ރޭވިފައިހުރި ގޮތަކީމިއެވެ. ބިންބިފޯހަށް ދެވިފައިވަނީ ވަރުގަދަބާރެކެވެ. ސިފައިންގެ އެންމެމަތީ ވެރިޔާއާ، މިދެންނެވި ދީދީއާ ސިދާކޮށް ގުޅެއެވެ. އާދައިގެ ސިފައިން ބިންބިފޯހުގެ މިމީސްމީހުންދެކެ ބިރުގަނެއެވެ. ސަލްޓަންޕާކްގައި ގޮއްވާލެވުނު ކަޓޫރަބޮމާއި ވީރާނާވެފައިވާ ކޮއިމަލާލޯންޗުގެ ތޮށިގަނޑު ދަށުގައި ގޮށްވާލެވުނު ކަޓޫރަބޮން އީޖާދުކޮށް އެތައްފަހަރަކު ޓެސްޓްކޮށް މިދެކަޓޫރަބޮން ވުޖޫދަށް ގެންނަންޖެހުނީ، ބިންބިފޯހުގެ އުނދަގޫތަކާ ހެދިއެވެ. ފާޅުގައި އިސްލާހީ ހަރަކާތަށް ކުރަމުންގެންދިޔަ ސިޔާސީ ޖެއްސުންތަކައި ހެދިއެވެ. ކަޓޫރަބޮމެއް އީޖާދުކުރެވުނީ، ބިންބިފޯސް ސިއްސުވާލުމުގެ ބޭނުމުގައެވެ. ބިންބިފޯސް މާލެތެރެއަށް ނެރެގެންއުޅޭ ސަރުކާރުގެ އިސްފަރާތްތައް ބިރުދަށްކާލުމަށެވެ. ބޭރުދުނިޔެއަށް ރާއްޖޭގައި ކެރިގެންތިބެ ހަރަކާތްތެރިވާ އިސްލާހީ ހަރަކާތެއް އޮތްކަން ފާޅުގައި ދެއްކުމަށެވެ. ބިންބިފޯހުގެ މީހެއްގެ މުދަލަކަށް، އަދި ކާރެއްފަދަ އެއްޗަކަށް ގެނއްލުމެއް ނުވާގޮތަށް، ހުސްބިމެއްގައި ބާއްވާފައި ޓައިމަރަށްލާ ގޮއްވާލީ، އެއްވެސް މީހަކަށް، އަދި އެއްވެސް އަމިއްލަ މީހެއްގެތާކަށް ގެންލުމެއް ނުވާގޮތަށް އޭގެއަޑު ފިސާރިއަކަށް އިއްވާލުމަށެވެ. ބޭރުދުނިޔެއަށް އެއަޑުތައް އިއްވާލުމަށެވެ. މާލެވަޑައިގެންނެވި އިއްޒަތްތެރީންނަށް ރާއްޖޭގައި އުފެދިފައިއޮތް އިސްލާހީ ހަރަކާތުގެ އަޑުއިއްވާލުމަށެވެ. ސިޔާސީގޮތުން ބިންބިފޯހަށާއި ސަރުކާރަށް ސިޔާސީ ބަސްނޭހުމެއް ދައްކާލުމަށެވެ. އެއްގޮތަކަށް ވެސް ދަރުބާރުގެއަށް ދެއްލުމެއް ދިނުމަކަށް ނޫނެވެ.

2 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 741 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އިރުވާހުދަށާއި ތޭރަވާއަށް ކާންދިނުން ގަވައިދުން އަޅުގަނޑު ގެންދަމެވެ. ގަސްތައްވަރަށް ރީތިކޮށް ބޮޑެތިވެ މާފޮޅެން ފަށައިފިއެވެ. ވަރަށްއަވަހަށް ފޯދި ކުދިފަޅޯތައް ފެންނާނެއެވެ. އަދި ޅަމިރުސް އަންނަން ފަށާނެހެންހީވެއެވެ. ކުޅޭށާއިމޫދަށް ނެރުނެވެ.

3 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 742 ވަނަ ދުވަހެވެ. އިއްޔެނޫން އަނެއްދުވަހު ފެށުނުއާއަހަރާ ގުޅިގެން މިއަދު އަޅުގަނޑުގެ ބޯކޮށާލާއި މަތިމަސް ކޮށާލައި ރީތިކޮށްލީމެވެ. މިކަންކޮށްދިނީ އަބަދުވެސް ޖަލުގައި އަޅުގަނޑުގެ ބޯކޮށައިދޭ ވާއްޕެއެވެ. ލޯގަނޑުން ހުރިގޮތް ބަލާލުމަށްފަހު، ހިތަށްއެރީ ތުނބުޅިއެއްކޮށް ބާލާށެވެ. ވާއްޕެކައިރީގައި ބުނުމުން ތުނބުޅި ދުއްވާލަދީފިއެވެ. ހަމައެކަނި މަތިމަހާއެއްކޮށް ދުވަސްކޮޅަކު ހުންނަގޮތަށެވެ. ވާގޮތް ބަލާލުމަށެވެ. މިއަދު މަންމައަށް ގެއަށް ސިޓީއެއް ލިޔުނީމެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އަންނި ހައިކޯޓަށް ގެންދިއުމަށް މާލެއަށް ގެންދިޔައެވެ. ހައިކޯޓުގެ ޝަރީއަތުގައި އަންނިގެ ދިފާއުގައި ވަރަށް ވާހަކަދެއްކެވި ކަމަށް އަޅުގަނޑު މެންނަށް ބުނެދިނެވެ. އަންނިއާއި ދައުލަތުގެ ވަކީލު، ފަނޑިޔާރުގެ ކުރިމަތީގައި ހަމަހަމަކޮށް ދިނުމަށް ގޮވާލައްވައި ފަނޑިޔާރުގެ އަރިހުން އަންނި އެދުނެވެ. އަދި އަންނި ޖަލުގައި ބަންދުގައި ބަހައްޓައިގެން، ވަކީލުމިނިވަންކޮށް ހުންނަވައިގެން ހެކިތައް ހޯއްދަވައިގެން ގެންނަވާއިރު ހަމަހަމަވާނީ ކިހިނެތްތޯކަމަށް ދެންނެވިއެވެ. ދެފަރާތުން ހެކިހޯދުމުގައި އެއްވަރުނުވާ ހާލަތެއްގައި ހެޔޮމަގުން ޝަރީއަތް ގެންދެވޭނީ ކިހިނަކުންތޯ ފަނޑިޔާރާ، އަންނި ސުވާލުކުރެއްވިއެވެ. ޝަރީއަތް ނިމެންދެން، އަންނި މިނިވަންކުރުން ނުވަތަ ޝަރީއަތް ނިމެންދެން ދައުލަތުން ދައުވާއުފުލާ އެޓަރނީވެސް، ބަންދުތަނެއްގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކޮށް ދެއްވަންވާނެކަމަށް އަންނި ހައިކޯޓުގައި އަޑުއުފުއްލެވި ކަމަށް ބުނެދިނެވެ. ދެމީހުން އެއްހަމަކޮށް ގެންނޫނީ ޝަރީއަތްކުރިޔަށް ނުގެންދެވޭނެ ކަމަށް އަންނި ހައިކޯޓުގެ ޝަރީއަތުގައި މިއަދު އަޑުއުފުއްލެވިއެވެ. ދެން އަންނި ހައިކޯޓަށް ގެންދާނީ އަންނަބުދަ ދުވަހުކަމަށް އަންނިއަށް އެންގިއެވެ. އަދި މާދަމާ، ވިންޓަރުޝަރީފް ހައިކޯޓަށް ގެންނާނެކަން އަންނިއަށް ހައިކޯޓުތެރެއިން ޚަބަރުލިބުނު ކަމަށް ބުންޏެވެ.

4 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 743 ވަނަ ދުވަހެވެ. މާލެގެންދިޔައީ ޝަންމި އެކަންޏެވެ. މިއަދު އަންނިގެ ބޮޑުބޭބެ އަބްޖީއާ ބައްދަލުކުރުން އޮތެވެ. ގާމާދޫ ޖަލުއޮފީހުގައެވެ. މިއަދު ރަސްމީކޮށް ފްރިސަންސުން މޫދުންދިރޭމަސް ހިފުން މަނާކުރިކަން ފޮތެއްގައިލިޔެ އަޅުގަނޑުމެން ލައްވާސޮއި ކުރުވިއެވެ. މިފަހަރު މަނާމިކުރީ، ޕްރިސަންސުންނެވެ. އަދި ފޮތެއްގައި ލިޔެސޮއި ކުރުވައިގެންނެވެ. ކުރިންމިކަން މަނާކޮށްފައިވަނީ ސިފައިންގެ ފަރާތުންނެވެ. ފޮތެއްގައިލިޔެ އެންގުމަކާނުލައެވެ. އަޅުގަނޑަށް ހީވާގޮތުގައި ކޮންމެސިފައަކަށް މިކަންމަނާ ކުރިއަސް މޫދަށްނެރެންޏާ، މިކަންހިނގާނެއެވެ. މިފާޑަށް އަންގައިގެން މިއީމަނާކުރެވޭނެ ކަމެއްހެނެއް ހިއެއްނުވެއެވެ. މޫދުން، މަސް ގެނެސްގެން ކައްކާހަދާވާހަކަ ރިޕޯޓްކުރާ ގައިދީން އަޅުގަނޑު މެންގެތެރޭގައި އުޅެނީއެވެ. އިސްތަފާމެން ބައެއްކުދިން ހައްލާލައިގެން މިފާޑުގެ ކަންތައް ކުރުވަނީއެވެ. ޝަންމި މެންލައްވާ ވެސް ނުބައިކަންތައް ކުރުވާހެން އަބަދުވެސް އަޅުގަނޑަށް ހީވެއެވެ. ކޮންމެވެސް ބަޔަކަށް ފައިދާއެޅޭގޮތަށް ޑްރަގްގެ ކަންތައް ހިންގަނީބާވައޭ ވެސް ހިތަށްއަރާ ފަހަރު އާދެއެވެ. ޖަލުތެރޭގައި ޑްރަގްވިއްކުންފަދަ ނުބައިކަންތައް ޝަންމިމެން ކޮށްއުޅެނީ ކޮންބައެއްގެ ތާއީދާއެކުގައި ކަމެއް ނޭނގެއެވެ. އޮޅުމެއް ނުފިލައެވެ. އެހެނަސް ޝަންމި ކޮންމެދުވަހަކު މާލެދިއުމާއި ބައެއްމީހުންނާ ވަރަށްގާތް ގުޅުންއޮންނާތީ ޑްރަގްފަދަ ގޯސްކަންތައް ކޮށްއުޅޭކަމުގެ ޝައްކު އަޅުގަނޑުމެންނަށް ފަހަކަށް އައިސްކުރެވެއެވެ. ޖަލުތެރޭގައި މުފިއްޓެމެން ޑްރަގްގެންގުޅޭކަމީ ޝައްކެއް ވަސްވާހެއް ނެތްހާ ތެދުވާހަކައެކެވެ. ހަގީގަތެކެވެ.

5 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 744 ވަނަ ދުވަހެވެ. އަންނިއަށާއި އަޅުގަނޑަށް މިއަދު ޕެން އިންގްލިޝް އިން، ޗާޕްކޮށް ޝާއިއުކޮށްފައިވާ ވާހަކަފޮތެއް ޖަލުއޮފީހުން ގެނެސްދިނެވެ. މިފޮތްތައް ފޮނުވާފައިވަނީ ޕޯސްޓުންނެވެ. މިއީ އިގިރޭސިވިލާތުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ލިޔުންތެރިންގެ ޖަމްއިއްޔާ އެކެވެ. މިއީ ދެއިންޗިއެއްހާބޯ ފޮތެކެވެ. މިއީ ފުލޯކްވާހަކައެއް ނޫނެވެ. ބަޔަކުކޮށްފައިވާ ބުރަމަސައްކަތެއް ކުރިގޮތުގެ ވާހަކަ ދުވަހުންދުވަހަށް ލިޔެފައިވާ ފޮތެކެވެ. ޖަލުގައި ތިބޭއިރު އެންމެކިޔާހިތްވާ ފާޑުގެ ވާހަކައެކެވެ. މިފޮތްފޮނުވި ފަރާތުގެ އެޑްރެސްއޮތީ މިގޮތަށެވެ. ފޮތްފޮނުވި މާހެއްގެ ނަމަކަށްއޮތީ، ޕޯލީން ނެވީލް އެވެ. އެޑްރެހެކަށް އޮތީމިހެންނެވެ. ހަތެއް ޑިލްކްސްޓްރީޓް ޗެލްސިއާ ލަންޑަން މިހެންނެވެ. ފޯނުނަންބަރަކަށް ލިޔެފައިއޮތީ، 07 352 6303 ކެވެ. މިފޮތް އަޅުގަނޑު ކިޔާލުމަށް ފަހު، އެހެންގައިދީން ކިޔުމަށް ދިނީމެވެ. އަންނިއަށް ވެސް މިގޮތަށް ފޮތްތައް ލިބުނެވެ. އަންނިއަށް ލިބިލައްވާ ފޮތްތައް އަޅުގަނޑު ކިޔުމަށް އަބަދުވެސް ދެއްވައެވެ. މިގޮތުން އަންނި ހަދިޔާކުރި ބައެއްފޮތްތައް އަޅުގަނޑު އަތުގައި މިހާރުވެސް ހުންނާނެއެވެ. އަދި މިދުވަސްކޮޅު އަންނި ގެންގުޅުއްވާ ދިވެހިތާރީޚީފޮތްތައް އަޅުގަނޑު ކިޔުމަށްދެއްވާ ހައްދަވައެވެ. އެއްފޮތް ނިންމާލާއިރަށް އަނެއްފޮތް ދެއްވާނެއެވެ. އަންނިއާހެދި ފޮތްކިޔުމުން ސަލާމަތް ވާގޮތެއް ނުވެއެވެ. މުހަންމަދުއަމީން ލިޔުއްވާފައިހުރި ތާރީޚީފޮތްތައް ގަވައިދުން ކިޔަންޖެހެއެވެ. އަދި އިސްމާއީލް ދީދީގެ މޮޓަރުބޯޓުގެ ގަޑުބަޑުފަދަ ފޮތްތައް ފުރަތަމަ ފަހަރަށް އަޅުގަނޑު ކިޔާލަންލިބުނީ މިބުރުގައި ޖަލުގައި ހުރެގެންނެވެ. އަންނި އަތުންނެވެ. މީގެންބައެއްފޮތްތައް އަޅުގަނޑު ދެތިންފަހަރުވެސް ކިޔަމެވެ.

6 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 745 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނި ހައިކޯޓަށް ގެންދިޔައެވެ. ޝަރީއަތްބޭއްވިއެވެ. މިއަދުއޮތީ އަންނިގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ގޮތުންވާހަކަ ދެއްކުންކަމަށް އަންނި ބުންޏެވެ.

7 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 746 ވަނަ ދުވަހެވެ. މިއަދު އަންނިގެ ބައްޕަކުއްލި ގޮތަކަށް އަންނިއާ ބައްދަލު ކުރެއްވިއެވެ. ހައިކޯޓުގެ ކަމެއްގައިކަން އެނގުނެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ދޮންދައްތައާއި ވިދާދާއިފިދާގެ ކާޑުތަކެއް ޕޯސްޓުން ލިބުނެވެ. މިތަކެތި އަޅުގަނޑާ ހަމައަށް ޖަލަށް ގެނެސްދީފައިވަނީ ޕްރިސަންސުންނެވެ. އިސްތަފާ ކަނޑާ ބެއްލެވުމަށްފަހު އޭގައި އެކަންކުރެއްވިކަމަށް ސޮއިކުރައްވާފައި އޮތެވެ. ފޮނުވިއެޑްރެހަކަށް އޮތީ، ޓެންޒާނިޔާ ދާރުއްސަލާމެވެ. އެމީހުން ތިބެނީ، ޓެންޒާނިޔާގައެވެ. އެއީ ޖޫލިޔަސް ނުމޭރީގެރަށެވެ.

8 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 747 ވަނަ ދުވަހެވެ. މިރޭކުއްލިގޮތަކަށް ޖަލުއޮފީހުން އައިސް، ޝަންމި މިބައިން ނެރެގެން ގެންގޮސް ކުރިންވެސް އޭނާހުރިގޮޅިއަށް ބޭރަށް ނެރެފިއެވެ. މިވީނުވީއެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. މާގިނައިން މާލެދިއުމުގެ ތެރޭގައި ނަހަމަކަމެއް ހިންގީކަމަށް ލަފާކުރެވެއެވެ. މީނާއަކީ ޑްރަގްގެ ގޮލައެކެވެ. މާކަރީ އިއްބެއަކީ ވެސް މީގެމީހެކެވެ. އޭރުޖަލުގައި އޮންނަނީ މިފަދަކަންކަން ރަނގަޅުކުރުމެއް ނޫނެވެ. އޭގެންފައިދާ ނެގުމާއި ބައިއެޅުމެވެ. އަދި ރަނގަޅަށް ތިބޭމީހުންވެސް އޭގެތެރޭގައި ޝާމިލްކޮށް ބައްދާލުމެވެ. ނުވަތަ އެވިޔަފާރި ފުޅާކުރުމުގެ ދިޔާސަތެކެވެ. މިކަހަލަ ކަންކަމުގެއަވާގައި އިތުރުމީހުން ވެސް ޖައްސުވައި އެމީހުންނާމެދު ފިޔަވަޅުއަޅައި ގިނަމީހުންތާށި ކުރުމެވެ. ގިނަމީހުން ބަންދުގައި ބައިތިއްބައިގެން މިކަންތައް ވަށާޖެހި ދިގުދެމޭގޮތަށް ރާވައިދީގެން ހިންގުމެވެ. މިވީގޮތުން މިބައިން ދެމީހުން މަދުވީއެވެ. 9 ނަންބަރު ކޮޓަރިން އެއްޖާގަ ހުސްވީއެވެ.

ޖަލުގައި ގެންގުޅުނު އިރުވާހުދު ގެއްލުމުގެ ހިތާމައިގެ ވާހަކަ:

މިއަދު ހެދުނު ވަގުތެއްގައި އަޅުގަނޑު ބަލަންހުއްޓައި އަންނި އޮޅުކޮށްގެން ގެންގުޅުއްވާ، އިރުވާހުދު އުދުއްސައިގެން ބޭރަށްދިޔަ ގޮތަށްނައެވެ. ނިދީއޭތި ނިދާތަނުގައި އިނދެގެންނެވެ. ފަތިހުފެނުނެވެ. އަޅުގަނޑާއެކު އިރުކޮޅަކު އުޅުނެވެ. ދެން އެނބުރިނައިސް ގިނައިރުވެގެން، އަޅުގަނޑުމެން އެންމެން ޖަލުއޮފީހަށް އަންގައިގެން ފެނޭތޯބެލީމެވެ. އެހެނަސް މިއަދު އިރުވާހުދުގެ ހިލަމެއްނުވިއެވެ. ގިލަމެއް ނުވިއެވެ. އެނބުރި އަންނަގޮތެއް ނުވިއެވެ. ކޮންމެދުވަހަކު ހެދުނު، އިރުވާހުދުލާފައި ހުންނަސީތައް ދޮވެހަދަނީ އަޅުގަނޑެވެ. އަދި ހެދުނުކާންދެނީ ވެސް އަޅުގަނޑެވެ. ފަތިސްނަމާދަށް ފަހު އަޅުގަނޑަކީ ނިދާމީހެއްނޫނެވެ. އެހެންގައިދީން ހޭލާއިރަށް މިހުރިހާކަމެއް އަޅުގަނޑު ހުންނާނީކޮށް ނިންމާފައެވެ. މިއިރުވާހުދަކީ ގަސްއިންދާބައިގަޔާއި ބޭރުގައި އުޅުމަށްފަހު އެނބުރި އަޅުގަނޑުމެން ތިބޭބަޔަށް އަންނައެއްޗެކެވެ. ވަރަށްއޮޅު އެއްޗެކެވެ. ލަފާކުރެވެނީ ސިފައިންގެ މީހަކު ނުވަތަ އެހެންފަރާތެއްގެ އަތްދަށުވީ ކަމަށެވެ. މީހަކުއޭތިހިފާ ފިޔަކޮށާލީ ކަމަށް ބެލެވެއެވެ. އެހެން ނޫންނަމަ އެހެން ދުވަސްތަކުގައި ބޭރުގައި އުޅެފައި އެނބުރިއަންނަހެން މިއަދުވެސް މިތަނަށް އައިހެވެ. މިކަމާއެންމެ ހިތާމަކުރީ އަންނިއެވެ. އަޅުގަނޑުގެ ވެސް ވަރަށް ގާތްއެކުވެރިއެއް ގެންލުނީކަމުގެ އިހްސާސްތައް ކުރެވުނެވެ. ކޮންމެދުވަހެއްގެ ހެދުނުހޭދަކުރާނީ އަޅުގަނޑާ އެކުގައެވެ. ދެފައިގައި އިށީދެހަދާ މެހިމަދިރި އެސޮރުގެ ތޫނުތުބުން އަޅުގަނޑަށް ތަދުނުވާގޮތަށް ކާލާހަދައެވެ. އަޅުގަނޑުގެ އަތުން، އަޅުގަނޑު ކާބޮއިއުޅޭ ހުރިހާއެއްޗެއް ވެސް ކާނެއެވެ. ހަމަ ގައިމުވެސް މިގެއްލުނީ އަޅުގަނޑު މެންގެ ވަރަށްގާތް އެކުވެރިއެކެވެ. މިއިރުވާހުދު ކޮށްދޭކަންތައް ކޮށްދެވޭނެ އެހެންފަރާތެއް ހަމަގައިމުވެސް އަޅުގަނޑަކަށް ނުހުންނާނެކަން ކަށަވަރެވެ. އޭތީގެފަރާތުން ލިބޭހިތްހަމަޖެހުމާއި އުފަލަކީ އެހެންގޮތަކުން ހޯދޭނެކަމެއް ނޫނެވެ. ޖަލުއޮފީހުން ނަސީމު ބުނުއްވީ، މީތިފެނޭތޯ ވަރަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އޭނާވެސް މިކަމާދެރަވާހެން އޭނާގެ ބަސްތަކުންނާއި އަމަލުން ހީވެއެވެ. ފެނިއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ.

9 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 748 ވަނަ ދުވަހެވެ. ޖަލުއޮފީހުގެ ނަސީމާގުޅައިގެން އިރުވާހުދު ފެނޭތޯ ވަރަށް މަސައްކަތް ކުރެވުނެވެ. އެހެނަސް މިއަދުވެސް އެއްވެސް ހިލަމެއްނުވިއެވެ. ވެގެންދިޔައީ ހިތާމަވެރި ދުވަހަކަށެވެ.

10 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 749 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު ޖަލުއޮފީހުން ގެނެސްދިން ސިޓީއެއް ކަނޑާލުމުން ވަރަށް އުފާވެރި ޚަބަރެއްލިބުނެވެ.

އަޅުގަނޑު، އިނގިރޭސިވާލުގެ ޕެންއިންޓަރ ނޭޝަނަލުން، އެޖަމްއިއްޔާގެ ހޮނަރަރީ މެންބަރަކަށް ހެދުމުގެވާހަކަ:

މިސިޓީއުރަ ތެރޭގައިއޮތީ އިގިރޭސިވިލާތުގެ ޕެން އިންޓަރނޭޝަނަލް ކަމުގައިވާ ދުނިޔޭގެ ލިޔުންތެރިންގެ ޖަމްއިއްޔާއިން އަޅުގަނޑަށް އެޑްރެސްކޮށް އިގިރޭސިވިލާތުގެ ސްޓޭމްޕްޖަހާފައި ފޮނުވާފައިވާ ސިޓީއުރައެކެވެ. މިއުރައިގެ ބޭރުގައި އިސްތަފާ ސޮއިކުރައްވައި ކަނޑާބަލާފައި ކަމަށް ލިޔުއްވާފައި އޮތެވެ. މިއުރަތެރޭގައިއޮތީ، އިންގްލިޝްޕެން ސެންޓަރުން، އެމީހުންގެ ހޮނަރަރީ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހަމަޖައްސައި އެކަންހަމަޖެއްސި ކަމުގެކާޑެވެ. މިއީ އައިޑިކާޑު ސައިޒުގެ ކާޑެކެވެ. އެޖަމައިއްޔާގެ ޝަރަފްވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނިއްޖެކަން އަންގައިދޭ ރަސްމީލިޔުމެވެ. މިކާޑާއެކު ތަންކޮޅެއްބޮޑު ސައިޒުގެ ތަހުނިޔާކާޑެއް ވެސް އެއުރަތެރޭގައި އޮތެވެ. މިއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ. މިކާޑުމިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކް އެކައުންޓުން ފެންނާނެގޮތް އަޅުގަނޑު ހަދާނަމެވެ. މިއަދަކީ، ވަރަށް އުފާވެރި ދުވަހެކެވެ. ދުނިޔޭގެ ތަންކޮޅުތަކުން ބަޔަކުމީހުން އަޅުގަނޑުމެން ހަދާންކުރަމުން ގެންދާތީއެވެ. ޖަލުގެ އަނދިރީގައި ތިއްބަސް ދުނިޔޭގެ ތަންކޮޅުތަކުގައި އަޅުގަނޑުމެން ހަދާންކުރަމުން ގެންދާތީ، ވަރަށްހިތްހަމަޖެހި އުންމީދުތައް ތާޒާވެއާލާވެގެން ދެއެވެ. މިއަދު ހަމަމިގޮތަށް އަންނިއަށް ވެސް މިކާޑުލިބުނެވެ. އަޅުގަނޑުމެން ދެމީހުންނަށް މިއަދަކީ އުފާވެރި ދުވަހެކެވެ. އަންނިއާއި އަޅުގަނޑާ ދެމީހުންނަކީ އެޖަމްއިއްޔާއިން ބަލައިގަނެފައިވާ ދެލިޔުންތެރިންނެވެ. އަދި މިއަދު ޕްރިސަންސުން ލިބުނުސިޓީއެއްގައި ބޭންކުން ހިއްސާގަތުމަށް އެދިފޮނުވިސިޓީ ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވައިދިންކަމަށް ޖަވާބުދެއްވާފައި އޮތެވެ. ވިމީގޮތުން ބޭންކުން ހިއްސާގަނެވޭނެ ކަމުގެއުންމީދު ވެސް އާލާވެގެން ދިޔައެވެ. މިއީވެސް އިތުރުއުފަލެކެވެ. މިއަދު ނިމުއިރުވެސް ގެއްލުނު އެކުވެރިޔާ، އިރުވާހުދުގެ އެއްވެސް ޚަބަރެއްނުވެއެވެ. ވަރަށްގިނައިން މީތިފެނޭތޯ މަސައްކަތް ކުރެވިއްޖެއެވެ. އޮފީހުގައި ކޮންމެދުވަހަކު މިކަމާސުވާލު ކުރަމެވެ. އަދި ފެންނަކޮންމެ މީހެއްގެ ގާތުގައި އިރުވާހުދެއް ފެނުނުތޯ އަހާހަދަމެވެ. ކޮންމެދުވަހަކު ކާންގެންނަ މީހުންނާ ވެސް މިސުވާލު ކުރަމެވެ. ގެއްލުނު އެކުވެރިޔާގެ ޚަބަރެއް ވޭތޯއެވެ.

11 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 750 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ޖަލުއޮފީހުން ލިބުނުޚަބަރެއް ބުނާގޮތުން، މިރޭއިސްތަފާ މާލެދުރުވާނެއެވެ. މިފަހަރު ޑާކާބަންގްލަދޭޝްގައި އޮންނަ ސާކްސަމިޓް ނުބޭއްވުމުގެ ސަބަބުންނެވެ. އެވަފުދު އެނބުރި މިރޭމާލެ އަންނަނީއެވެ. ރާއްޖޭގެ ވަފުދުގައި އިސްތަފާ ވެސް މިފަހަރުހިމެނި ވަޑައިގަތީއެވެ. ޑާކާގައި މިސަމިޓްބޭއްވުމަށް ތާރީޚެއްހަމަ ޖެހުނީވެސް، ދެފަހަރަކަށް އެތާރީޚްބަދަލު ވުމަށްފަހުގައެވެ. ހަމަޖެހުނީ މިމަހު، 13،12 ގައި ބާއްވާށެވެ. އެހެނަސް އަނެއްކާ ވެސް ލަސްވީއެވެ. ދިވެހިވަފުދާއި އެހެންވަފުދުތަކަށް ވެސްޖެހުނީ އެނބުރި އެބައެއްގެ ގައުމަށްދާށެވެ. ހަމަޖެހުނީ ސާކްބައްދަލުވުން ބާއްވާނެތާރީޚެއް ފަހުން ހަމަޖައްސައި އަންގާގޮތަށެވެ.

12 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 751 ވަނަ ދުވަހެވެ. މިއަދު، 6 ނަންބަރު ކޮޓަރީގައިހުރި މިފީދު (މުފިއްޓޭ) ބޭރުގައި މަސައްކަތު ނުކުމެ އުޅުމުގެ ތެރޭގައި އޭނަޔާއެކު މަސައްކަތުގައި އުޅުނު މީހެއްގައިގާ ތަޅައިގަނެ، އެމީހާގެބޯ ފަޅާލުމުން، ބަންދުގޮޅިތަކުން ގޮޅިއަކަށް އޭނާނެރެގެން ގެންގޮސްލިއެވެ. އަދި މުފިއްޓޭގެ ހުރިހާސާމާނެއް ވެސް މިބައިން ނެރެގެން އޮފީހަށް ގެންދިޔައެވެ. މިހާރުމިބައިގައި ތިންޖާގަ ހުސްވީއެވެ.

13 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 752 ވަނަ ދުވަހެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިސްތަފާއާއި އޮނަރަބްލް އުމަރުޒާހިރާއި ގަސް އިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމާއި ސިފައިންގެ ތެރެއިން، އާދިލްނައީމާއި ނާސިހު ކިޔާބޭފުޅަކު، މިބަޔަށް ވެންނެވިއެވެ. މިބޭފުޅުން މުޅިޖަލުއެއްކޮށް ބެއްލެވިކަމަށް ވެއެވެ. އެންމެފަހުން ވެންނެވީ މިބަޔަށެވެ. ގައިދީންގެ ހާލުއަހުވާލު އައްސަވާ ހެއްދެވިއެވެ. ވަކިޚާއްސަކަމެއް ނެތެވެ. މިބޭފުޅުން، އަސުރުނަމާދު ކުރެއްވީ އަޅުގަނޑުމެންނާއެކު ޖަލުމިސްކިތުގައެވެ. އިމާމަކަށް އިސްވެހުންނެވީ ގައިދީއެއް ކަމުގައިވާ، އަބްދުﷲ ހުސައިނެވެ. އަޅުގަނޑުމެންގެ އިމާމަކީ، އަބްދުﷲ ހުސައިން މިބަޔަށް އައިފަހުން އަބްދުﷲ އެވެ. ބަންގިގޮވާ މިސްކިތުގެ ހުރިހާކަމެއް ކުރާނީ އަބްދުﷲ ހުސައިނެވެ. ނަމާދަށްފަހު، އިސްތަފާ އަޅުގަނޑު ގާތަށްވަޑައިގެން ވިދާޅުވީ، ބޭންކުން ހިއްސާގަތުމަށް ބޭނުންވާފޯމްތައް ޕްރިސަންސަށް ލިބިފައި އެބަހުރިކަމަށެވެ. ވަރަށް އަވަހަށް އިލްޔާސަށް ފޮނުވައި ދޭނެކަމަށް އިސްތަފާ ވިދާޅުވިއެވެ. އެއަށްފަހު މިބޭފުޅުން ފުރުއްވުމަށް، ސަލާމްކުރުމަށްފަހު ވަޑައިގެންނެވީއެވެ.

14 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 753 ވަނަ ދުވަހެވެ. މިއަދުމާކަރީ އިއްބެއާއި ނާސިރުއާ ދެމީހުންނާ ބައްދަލުކުރުމަށް އެދެގެއިން މީހުންއައެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ.

15 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 754 ވަނަ ދުވަހެވެ. މިބައިގައި ތިބޭގައިދީންނާއި މިބައިން ބޭރުގައި ހުންނަ ގޮޅިތަކުގައި ތިބޭގައިދީންގެ ތެރެއިން ކުޅުމަށް ހުއްދައޮންނަ މީހުންނާއެކު މިއަދުވޮލީ މެޗެއްކުޅުން ބޭއްވީމެވެ. ދެސެޓްއެއްސެޓުން މޮޅުވީ އަޅުގަނޑުމެން ޓީމެވެ. މިމެޗްތެރޭގައި އަންނިގެ ކަކުލަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ.

16 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 755 ވަނަ ދުވަހެވެ. މިއަދު އަންނިގެއިން އަންނިއަށް ވަރަށްގިނަ ސާމާނުލިބުނެވެ. ބައްދަލުކުރާކަށް މީހަކުނާދެއެވެ. އެކުވެރިކަމުގެ ކުޑަޕާޓީއެއް މިރޭ، އަންނި އިސްކޮށް ހުރެގެންބޭއްވުނެވެ. މަޖާކޮށްލުމުގެ ގޮތުންނެވެ.

17 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 756 ވަނަ ދުވަހެވެ. މިއަދުމިއުޅެން ޖެހެނީ ކޮލުންދަތަކަށް ވަރަށްތަދުވާތީއެވެ. އަންނިވެސް އުޅެނީކަކުލަށް ތަދުވާތީއެވެ. މިއަދު ހޮސްޕިޓަލަށް އެކްސްރޭއެއް ނެގުމަށް އަންނި ގެންދިޔައެވެ. އަދި ވާއްޕެވެސް ހޮސްޕިޓަލަށް އަންނިއާއެކު ގެންދިޔައެވެ. އަޅުގަނޑަށް ދެވޭގޮތެއް ނުވިއެވެ. ހުއްދަ ނުލިބުނީއެވެ. ރޭގަނޑުވީފަހުން އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސްއިން ހިއްސާގަތުމަށް ހުށަހަޅާފޯމް ލިބުނެވެ. އަދި ގެއިންފޮނުވި ހަވީރުގެ ނޫސްބޮނޑިއެއް ލިބުނެވެ.

18 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައު ހުންނަތާ، 757 ވަނަ ދުވަހެވެ. ބޭންކުގެ ހިއްސާގަންނަން ފުރަންޖެހޭ ފޯމްފުރުމަށްފަހު، މިއަދު ސިޓީއަކާއެކު ބޭންކަށް ފޮނުވައި ދިނުންއެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. އަޅުގަނޑުފުރި ފޯމުގެނަންބަރަކީ، 001344 އެވެ. 10 ހިއްސާ ގަތުމަށް، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކޮށް ގަނާގޮތަށެވެ. މިއަދު އަންނި އޭނައާތިމާގެ ބޭފުޅެއް ކަމުގައިވާ، ޖީދުއާ ބައްދަލުކުރިއެވެ. އަދި ވިސާމާއިނާސިރު ކޯޓަށްގެންދިޔައެވެ. އަދިވެސް ގެއްލުނު އިރުވާހުދުގެ އެއްވެސް ޚަބަރެއް ނުވެއެވެ. މީހެއްގެ އަތްދަށުވެ، ނިމުނީކަމަށް އަޅުގަނޑުމެން މިއަދު ނިންމައިފީމެވެ. ރާކުރިރުކުން މިހާރު ކުރުބާބޯން ލިބެއެވެ. ރާފޮދެއްނުލިބުނުތާ ކުރުބާލިބޭތީ ވަރަށްރަނގަޅެވެ. ހަރުބަނދެފައި ހުރީމާ ބޭނުންއިރެއްގައި ކުރުނބާ އަޅައިގެން ބޭނުންކުރެވެއެވެ. މިއުޅެވެނީ ވަރަށްމަޖާ ދިރިއުޅުމެއް ގައެވެ. ބޭނުންވީމާ މަހާއިކާށި ކާންވީއެވެ. ބޭނުންވީމާ ކުރުނބާ ބޯންވީއެވެ. ފިނިފެން އަންނި ކޮޓަރިން ބޯލަންލިބެއެވެ. ހޫނުފެން ހަންދު ކޮޓަރިން ބޭނުންއިރަކު ލިބެއެވެ. ކޮފީއަދިސައި ބޭނުންއިރަކު ބޯންވީއެވެ. ގަސްތަކުން ފަޅޯލިބެންފެށުމުން ބޭނުންއިރަކު ފަޅޯވެސް ކާންލިބޭނެއެވެ. ބޭނުންއިރަކު ވައިތެރޭގައި ގަސްތަކުތެރޭގައި ފޮތްކިޔަން އިންނަން ވީއެވެ. އަޅާލާނެ އެއްޗެއް ބުނާނެމީހަކު ނުހުރެއެވެ. ލިޔާނެއެއްޗެއް ލިޔަންބޭނުންތާކު އިނދެވެއެވެ. އަޅާލާނެ މީހަކުނުހުރެއެވެ. މިއީ ދިރިއުޅުމުގެ މުޅިން އާވަށްތަރެއްގެ ވެއްޓެކެވެ. މިހާރުމިތިބީ މިވެއްޓަށް ހޭނިފައެވެ.

19 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 758 ވަނަ ދުވަހެވެ. އަޅުގަނޑުގެ ދަތުގައި ރިއްސާތީ މިއަދު މާލެއަށް ގެންދިޔައެވެ. ޑެންޓަލް ކްލިނިކަށެވެ. މިތަންހުންނަނީ ހެންވޭރުބޯޅަދަނޑު ކުރިމަތީގައި މަޖީދީމަގުގައެވެ. މިތަނަށް ބޮޑުގެއޭ ވެސް ބައެއްމީހުން ކިޔާއުޅެއެވެ. އެކްލިނިކްގައި ޑެންޓިސްޓަކަށް ދަތްބަލަންހުންނެވީ، ހުދުއަސުރުމާގޭގައި އުޅުއްވާ ދަތާބެހޭ ޑޮކްޓަރެކެވެ. ނަމަކީ، ސަލީމެވެ. ސަލީމު ބުނުއްވީ ރިއްސާދަޔްއިނީ ވަރަށްގޯސް ވެފައިކަމަށެވެ. ޖެހޭނީ އުފުރާލާށެވެ. އެނޫންގޮތެއް ނެތްކަމަށެވެ. މިއީ އެންމެފަސޭހަ ގޮތްކަން އަޅުގަނޑަށް އެނގެއެވެ. އެހެނަސް އަޅުގަނޑު ބުނާނެއިތުރު އެއްޗެއްނެތެވެ. މަރާމާތު ކުރުމުގެ ފުރުސަތެއް ނުދެއްވިއެވެ. ޖަވާބުގައި އުފުރާލިޔަސް އެންމެރަނގަޅޭ ދެންނެވުމުން ވަރަށް އަވަހަށް ހިރުގަނޑަށް އިންޖެކްސަނެއް ޖަހާއެހިސާބު އައްސިކޮށް ލެއްވުމަށްފަހު، ނަރުކެނޑިއަކުން ހިފާއެދަތް އުފުރާލައްވައިފިއެވެ. އެދަތްއަދިވެސް އަޅުގަނޑު ރައްކާކޮށްފައި އޮންނާނެއެވެ. އެއީ މަތީދަތްޕިލާގެ ވާއަތްފަރާތުގެ އެންމެއެތެރެއިން ދެވަނައަށް އިންނަކޮލުދަތެވެ. ދަތްޕިލާގެޗާޓުން އެއީ، 27 ވަނަނަންބަރު ދީފައިވާދަތެވެ. ދެން އެކްލިނިކަށް ޒިޔާރަތްކުރުމަށް އަޅުގަނޑަށް އެންގީ، 25 ވާހޯމަ ދުވަހު އައުމަށެވެ.

20 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 759 ވަނަ ދުވަހެވެ. މިއަދު މަންމައާއިތުއްތަ އަޅުގަނޑުމެންނާ ބައްދަލުވާން އައެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ގެނެސްދިނެވެ. މިއެއްޗެތި ލިބުނީ ޖަލުއޮފީސް މެދުވެރިކޮށެވެ. ހުރީއެމީހުން އައުމުގެކުރިން ޕްރިސަންސް މެދުވެރިކޮށް ފޮނުވާފައެވެ. ޖުމްލަގޮތެއްގައި ގޭގެހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެހާލުވެސް ރަނގަޅެވެ. މިއަދު އަންނިއާއި ޒާހިރުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އިސްތަފާ ގާމާދޫއަށް ޒިޔާރަތްކުރެއްވި ޚަބަރުލިބުނެވެ. އެހެނަސް މިބަޔަށް ޚަބަރެއް ނުވެއެވެ.

21 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 760 ވަނަ ދުވަހެވެ. އީރާނުން އަޅުގަނޑަށް ފޮނުވައިދޭ މަޖައްލާއެއް ކަމަށްވާ، “މަހްޖޫބާ” ގެހަތަރުއަދަދު ގެއިންފޮނުވާފައި އޮތެވެ. އަދި މިއަދު، ހަންދުއަށް އިފުގެ ސިޓީއެއް ލިބުނެވެ. ކޮޅުބުން ފޮނުވާފައިއޮތް ސިޓީއެކެވެ. ޒާހިރު މިއަދު ހޮސްޕިޓަލަށް މާލެއަށް ގެންގޮސް އަދި ގެނައެވެ.

22 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 761 ވަނަ ދުވަހެވެ. ގަސްތައް ފޯދިއްޖެއެވެ. ޅަމިރުހާއި ޅަބައްޓާއި ޅަފަޅޯތައް ބައިވަރު އަޅާފައި އެބަހުއްޓެވެ. ގިނައިން ފެންދީހަދަނީ އަޅުގަނޑެވެ. ގަސްތައް ބަލަހައްޓާ މީހަކީ އަޅުގަނޑެވެ.

23 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 762 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރައެވެ.

24 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 763 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ޝަހީދުންގެ ދުވަހެވެ. މިއަދުހެނދުނު އޮފީހުން ނަސީމު، މުހަންމަދު އަތަށްދީފައި ރަތަފައެއް އަޅުގަނޑަށް ފޮނުވިއެވެ. އިރުވާހުދު ގެއްލުނީމާ ނަސީމު ވެސް ހުންނަވަނީ ދެރަވެފައެވެ. އަޅުގަނޑު މެންގެ ހިތާމާގައި ބައިވެރުވުމަށް ފޮނުއްވި ދޫންޏެކެވެ. ރަތަފަ މިފޮނުވީ، މިތާތެރޭގައި އޮޅުކޮށްގެން ގެންގުޅޭށެވެ. އަނެއްކާވެސް ބަލަހައްޓާނެ ފުރާނައެއް އިތުރުވީއެވެ. މިހާރުވެސް ދޫންޏެއް އެބައިނެވެ.

25 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 764 ވަނަ ދުވަހެވެ. މިއަދުހެނދުނު ޖެފާއިފިދާއާއި ވިދާދަށް ފޮނުވުމަށް ތަހުނިޔާ ކާޑެއްތައްޔާރުކޮށް ޒީނަތްތެރިކޮށް ކުރަހާހެދީމެވެ. މިފަދަ ކަންތައްކުރަނީ ފަތިސްނަމާދަށް ފަހު، ހޭލާއިންނަ އިނުމުގައެވެ. މިއީ ވަރަށް ހަމަހިމޭން ވަގުތެކެވެ. މިގަޑީގައި ވަރަށް އިރުވާހުދުމަތިން ހަދާންވެއެވެ. މިގަޑީގައި އަބަދުވެސް އިރުވާހުދު އިންނާނީ އަޅުގަނޑު ކައިރީގައެވެ. ކާންދިނީމާ ކައިނިމިގެން ނުގޮސް އިންނާނީ، އަޅުގަނޑުގައިގާ ޖައްސާމެހި މަދިރިކާށެވެ. އަދި މަންމައަށް މިއަދުސިޓީއެއް ލިޔުނީމެވެ. ފަތިސްނަމާދަށް ފަހު، ގުރުއާން ކިޔަވާނިމިގެން ކޮންމެދުވަހަކު ވެސް ހެދުނުސަޔާ ޖެހެންދެން އަޅުގަނޑު ކުރާމަސައްކަތަކީ، ލިޔެކިޔުމުގެ ކަންތަކެވެ. ޑައިރީގަވައިދުން ލިޔަމެވެ. އަދި މުތާލިއާކުރަމުން ގެންދާފޮތްތަކުން ފާހަގަކުރެވޭ މުހިންމު ތަންތަންކޮޅު ނޯޓުކުރާ ފޮތެއް ގެންގުޅެމެވެ. މިފޮތުގެ ނަމަކަށް ދީފައިވާނީ، “ކަނޑުފަޅުން ފީނުމަށް ފަހު” މިހެންނެވެ. މިހާރުވެސް މުހިންމު ނޯޓުތައް ލިޔެފައިވާ މިފޮތްއެބައޮތެވެ. މިއީ ފުލްސްކޭޕް ސައިޒުގެ، 300 ސަފްހާގެ މޮނިޓަރ ފޮތެކެވެ. އަޅުގަނޑު މިމަސައްކަތް ކުރަނީ ކާގޭގައި ހުންނަބޮޑު މޭޒުގައިއެކަނި އިނދެގެންނެވެ. މިތަނާއި މިވަގުތަކީ މިކަމަށް ވަރަށްއެކަށޭނެ މާހައުލެކެވެ. އަޑެއްބަޑެއް ނުހުރެއެވެ. އެގަޑީގައި އެކަކުވެސް ނޫޅެއެވެ. ފަތިސް ނަމާދަށްފަހު ގުރުއާން ކިޔެވުން ނިމުމުން ޔޯގާގެބައެއް ކަސްރަތުތައް ހަދާލުމަށްފަހު، އޮންނަނީ މިމަސައްކަތް ކުރުމެވެ. ހެނދުނުސަޔަށް ކާއެއްޗެހި ގެނައުމުން އެދުވަހެއްގެ ޑިއުޓީގައި ކާންހެދުމަށް އޮންނަބަޔަކަށް އަބަދުވެސް ގޮވާހަދަނީ އަޅުގަނޑެވެ. އަޅުގަނޑުގެ ހުރިހާކަމެއް ނިމުނީމާ އެދުވަހެއްގެ ކާންހެދުމުގެ ޑިއުޓީއަށް ގޮވީމާ އެބަޔަކު ދަތްއުނގުޅާ ތައްޔާރުވެގެން އާދެވޭއިރު ގިނަދުވަސްދުވަހު ހެދުނު، 8 ނުވަތަ، 9 ޖަހާފާނެއެވެ. ގިނަދުވަސްދުވަހު މިބައިކުނިކަހާ ހަދާނީވެސް އަޅުގަނޑެވެ. މިހާރުއިރުވާހުދު ނެތުމުން ތަޅުންގަނޑު ދޮންނާކަށް ނުޖެހެއެވެ. ދޮންދައްތަމެންނަށް ހެދިކާޑުތައް ފޮނުވާލީ މަންމައަތަށެވެ. އެމީހުންނަށް ޓެންޒަނިޔާއަށް ގެއިން ޕޯސްޓްކޮށް ދޭގޮތަށެވެ. ގެއަށް ރައްދުކޮށްދިނުމަށް މިކާޑުތައް ޖަލުއޮފީހާ ހަވާލުކުރާނީ، 1 ފެބްރުއަރީގައެވެ. މިއީވަކިކަމެއް ވެގެނެއްނޫނެވެ. ހިތަށްެއެރިގޮތެވެ. މިއަދު އަންނި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުއޮފީހުގެ ނަސީމު ކަނބިއްޔެއް ހިފައިދެން މިބަޔަށް ދުރުވެ އަޅުގަނޑައިއޭތި ހަވާލުކޮށް މިތާނގާގެންގުޅޭށޭ ކިޔާފަދުރުވެއްޖެއެވެ. މިކަނބިލީގެ އެއްފައިކޮރެވެ. އިނީކަކުލުހުޅުން ދުޅަވެސް ވެފައެވެ. މީއްޗަށް ފަރުވާދީގެން އަޅުގަނޑު ރަނގަޅުކުރީމެވެ. ފައިގާތިޔޮފޮތި ބަނދެގެންނެވެ. ފުރަތަމަބަނީ ސާފުތެޔޮ ފޮތިގަނޑެކެވެ. ދެންފަހުން އެހެންތިޔޮވެސް ބޭނުންކުރީމެވެ. ކޮންމެއަކަސް މާގިނަދުވަހެއްނުވެ ކަނބިލީގެފައި މުޅިން ރަނގަޅު ވެއްޖެއެވެ. އެއީވަރަށްވަގު ގޮލައެކެވެ. ފުރަތަމަ ކާންދޭން ޖެހުނީ ގަދަކަމުންނެވެ. އަނގައަށް އަޅައިގެންނެވެ. މީހުންގެ ކުރިމަތީގައި ކާންފެށީވެސް ދުވަސްތަކެއް ފަހުންނެވެ. ފަހުންއައިސް އަޅުގަނޑުމެން ކުރިމަތީގައި ނުކުމެއުޅެއެވެ. ކައިބޮއި ހަދާއުޅެއެވެ. ސިއްސައިގެންނެއް ނުދެއެވެ. ކުރިންމީހަކު ފެންނައިރަށް މީތިދަނީ ސިއްސައި ގެންނެވެ.

26 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 765 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް، އަދި އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ޑެންޓަލުން އަޅުގަނޑަށް ދިންފަރުވާއަކީ، ތިރީދަތްޕިލައިގެ ވާއަތްފަރާތުގެ އުފުރާލި ދަތްކައިރީގައި އިންކޮލުދަތަށް ރިހިމެޓެލް ފިލްކުރީއެވެ. އަދި ކަނާއަތްފަރާތުގެ މަތީދަތްޕިލާގައި އެތެރެއިން ދެވަނަކޮލުދަތުގައި އިންބޮޑު ލޯވަޅަކަށް ފުޓުނިގަނޑެއް އަޅައިދިނެވެ. ދެންދުވަހަކުން އެތަނަށް ރިހިމެޓަލް އަޅައިދޭނެ ވާހަކަ ޑެންޓިސްޓު ބުނެދެއްވިއެވެ. ދެންއަންނަން ޖެހޭދުވަހެއްކަމަށް ހަމަޖެއްސީ ފެބްރުއަރީ އެއްވަނަ ދުވަހެވެ. މިކަންތައް ބަލަހައްޓަނީ އަޅުގަނޑު ގެންގޮސް ގެނެސްހަދާ ސިފައިންނެވެ.

27 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 766 ވަނަ ދުވަހެވެ. ހަންދުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު އަހްމަދަށް ދައްކާށެވެ. އެކްސްރޭއެއް ނެގުމަށް ލިޔެދީފައިވާ ވާހަކަބުންޏެވެ. މިއަދު ގަސްއިބްރާހީމް މަނިކު މިތަނަށް ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. ނާސިރާއިއާދިލް ބޭރަށް ނެރެގެން އުޅެނިކޮށް އެދެމީހުންގެ މެދުގައި ހިނގިޒުވާބެއްގެ ބަޔާން މިއަދު އެދެމީހުންގެ އަތުންވެސް ނެގިއެވެ. މިކަންކުރީ ޖަލުއޮފީހުންނެވެ. ނާސިރާއި ސައްޕެއާ އަޅުވާ ފިރިހެންކުޅިއޭ އާދިލް ބުނެގެން ހިނގިޒުވާބެއްގެ ކަންތައް ނާސިރުރިޕޯޓް ކުރީއެވެ. އެހެނަސް ޖަލުއޮފީހުން އަދި ޕްރިސަންސުން މިއީމާބޮޑު ކަމަކަށް ނުހަދައެވެ. އެއްވެސް ކަމެއްނުކޮށް އޮއްބާލީއެވެ. ފިރިހެނުންތަކެއް އެއްކޮށްއުޅޭ ތަނެއްގައި މިކަހަލަ ޒުވާބެއް ހިނގާފާނެއެވެ. އެއީ އަނެއްހެން ވެސް މައްސަލައެއް ނޫނެވެ.

28 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 767 ވަނަ ދުވަހެވެ. އަންނި ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. ރޭގަނޑު ވަގުތެއްގައި އޮފީހުން ނަސީމް ބުނުއްވައިގެން މީހަކުއައިސް އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. ނަސީމު ބުނުއްވީ ރޯދަމަސް ކައިރިވެފައިވުމުން، މިހާރުންމިހާރަށް ބޭނުންވާ ހުރިހާއެއްޗެއްގެ ލިސްޓެއް ތައްޔާރުކޮށްފައި ދޭށެވެ. ހޮނިހިރު ދުވަހު ޕްރިސަންސް ޑިވިޒަނަށް ފޮނުވާލެވޭވަރު ކުރުމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އަންނިއާ މަޝްވަރާކޮށްލާފައި ލިސްޓެއްލިޔެ އޮފީހަށް ފޮނުވައިދޭނެ ވާހަކަބުނީމެވެ. ފަހަކަށް އައިސް ނަސީމު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅެވެ. ޚާއްސަކޮށް އަޅުގަނޑުގެ ވަރަށްގާތް ރަހްމަތްތެރި އަކަށް ވެއްޖެއެވެ.

29 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 768 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަވައިދުން ކުޅޭށާއިމޫދަށް ނެރެއެވެ.

30 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 769 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 7 ޝަޢުބާން 1413 ވަނަ ދުވަހެވެ. ރަމަޟާންމަސް އައިސްޖެހެނީއެވެ. ޝަޢުބާނަށްފަހު، ދެންއޮންނާނީ ރަމަޟާންމަހެވެ. މިއަދު ޕްރިސަންސަށް، 3 ސަފްހާގެ ސިޓީއެއް ލިޔުނީމެވެ. ވަރަށްގިނަ ކަންތަކަށް އެދިފައެވެ. މިކަންކުރީ ޖަލުއޮފީހުން ނަސީމު އެދިލެއްވުމާ ގުޅިގެންނެވެ. މިސިޓީގައި މިކަންފާހަގަކޮށް މިކަންކަމަށް މިއެދުނީ ޖަލުއޮފީހުން، އިޝާރާތެއްވުމުން ކަމަށް ލިޔެފައިވާނެއެވެ. ރޯދަމަސް އައިސްޖެހޭތީ މިކަންތައްތަކަކީ، ފުރިހަމަވާން ޖެހޭބައެއް ކަންތައްތައް ކަމަށް ލިޔެފައިވާނެއެވެ.

31 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 770 ވަނަ ދުވަހެވެ. މިއަދުމާލެ ގެންދިޔައީ އަޒީއާއި ވަލީދާއި ހަންދުއެވެ. ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށެވެ. މިއަދު ގަސްއިބްރާހީމް ގާމާދޫއަށް ދުރުވިއެވެ.

އަންނި މާލެއަށް ބަދަލުކުރި ވާހަކަ:

ގަހޭފުރުއްވަމުން، އަންނިގެ ހުރިހާއެއްޗަކާއެކު މިބައިން ނެރެގެން އެލޯންޗުގައި ގަހޭއަންނި މާލެއަށް ގެންދެވިއެވެ. މިއަދުން ފެށިގެން އަންނި މާލެއަށް، ގޭބަންދަށް ބަދަލުކުރެއްވީއެވެ. މިއަދު ގަހޭ މިދުރުވީ، އަންނިބަލާކަމަށް ލަފާކުރެވެއެވެ. ހައިކޯޓުގެ ކަންތަކާއި ބައިނަލްއަގްވާމީ ޕްރެޝަރއޮތްލެއް ބޮޑުކަމުން ގެއަށްބަދަ ކުރަނީކަމަށް ލަފާކުރެވެއެވެ. އަނެއްހެންވެސް ބަންދުކުރިތާ ދެއަހަރުފުރި ތިންވަނައަހަރު މިވަނީފެށިފައެވެ. އިއްވި ހުކުމްތަކުގެ ދެބައިވެސްވަނީއެވެ. ރައީސް މައުމޫނުގެ ހިތްޕުޅަށް މިނިވަންކުރަން ފެނިވަޑައި ގަތީކަމަށް ވެސް ވެދާނެއެވެ. އަންނި ދިޔައީ އަންނި ގެންގުޅުނު ގިނަސާމާނުތައް އަޅުގަނޑަށް ދީފައެވެ. އަންނި ގެންގުޅުނު ސަރަންފީ ދެއްވީ، ސީދާއަޅުގަނޑަށެވެ. ކަސްރަތުކުރާ ބައިސްކަލް ބެހެއްޓީ އެންމެންނަށް ބޭނުންކުރެވޭގޮތަށް ކޮޓަރިތަކުގެ ފެންޑާގައެވެ. މިބައިކްދިނީ ހަންދުއަށެވެ. މިއަދު ވައްކަމެއްގެ މައްސަލައެއްގައި ބެދިގެން، ދެއަންހެންކުދިން ގާމާދޫއަށް ގެނައެވެ. މިވެރިން ބަންދުކުރީ ބޭރުގައި ހުންނަ، 18 ނަންބަރު ގޮޅީގައިކަމަށް ޚަބަރުލިބެއެވެ.

1 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 771 ވަނަ ދުވަހެވެ. ގެއަށް މަންމައަށް ސިޓީއަކާއި އެސިޓީއާއެކު ދޮންދައްތަމެންނަށް ޓެންޒާނިޔާއަށް ފޮނުވުމަށް ތައްޔާރުކުރި ކާޑުތައް އެމީހުންނަށް ޕޯސްޓްކޮށް ދިނުންްއެދި ގެއަށް ފޮނުވާލީމެވެ. މިހާރުމިބައިގާ، 4 ޖާގަހުސްކޮށް އެބަހުއްޓެވެ. މިއަދު އަޒީއާއިވަލީދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

2 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 772 ވަނަ ދުވަހެވެ. މިއަދުވެސް އަޒީއާއިވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ރައްޔިތުންގެ މަޖިލިސް ކުރިޔަށްއޮތް އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު މިމަހު، 24 ވަނަ ދުވަހު، މަޖިލިސްކުރާގޭގައި އޮންނާނެކަމާއި އެދުވަހަކީ ރަސްމީބަންދު ދުވަހެއްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނު ކުރެއްވިއެވެ. މިޚަބަރު ރޭޑޮޔޯއިން އަޑުއެހީމެވެ. އަދި މިއަދުމާލޭން އައިސް ވަލީދުދިން ޚަބަރަކީ، ދޯޅަނބުސަލިމް ދޫކޮށްލިޚަބަރެވެ. އަދި ރ.އަތޮޅު މެންބަރު އަލީވަހީދު ބަންދުކުރި ޚަބަރުވެސް ވަލީދުދިނެވެ. އަދި ކުވާމޮހެދޭއާއި ބައްޓޭއާއި ސައުތްހޮޓާ ތައުފީގާއި ބިންބިތައުފީގު ވެސް މިމީހުންގެ ތެރޭގައި ހިމެނެއެވެ. މިމީސްމީހުންނަކީ އެންދެރިމާގޭ އިލްޔާސަށް ހަމްދަރުދީވާ މީހުންކަން ނަންތަކުން އެނގުނެވެ. ބިންބިފޯހުގައި އުޅުނު ބައެއް މީހުންވެސް މީގެތެރޭގައި އެބަވެއެވެ. ފަހަރުގައި މިމީހުން މިބަންދުކުރީ އިލްޔާސް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ކުރާބައެއްގެ ތުހުމަތުގައި ކަމަށް ވެދާނެއެވެ. ރައީސް މައުމޫނަށް ބަޔަކުހުތްލައި ދީފައިވަނީ އަޅުގަނޑުމެންގެ އިސްލާހީހަރަކާތަކީ ވެރިކަން ބަދަލުކޮށްލަން ވެގެންކުރާކަމެއްގެ ގޮތުގައެވެ. ވަކިމީހަކު ވެރިކަމަށް ލާންވެގެން ހިންގާކަމެއް ކަމަށެވެ. އަޅުގަނޑުމެންގެ ހިތުގައި މިރޭވުމަށްވުރެ ބޮޑަށް ރާއްޖެއަށް ބޮޑުޑިމޮކްރަސީއެއް ގެނެސްދިނުމުގެ ފިކުރުމާބޮޑެވެ. ފްރީއެންފެއަރ އިލެކްޝަނަކަށް މަގުފަހިކުރުން މާބޮޑެވެ. އޭރުވެސް އަޅުގަނޑުމެންނާ އަމާޒުކޮށް މިކަހަލަ ތުހުމަތުކުރީ އިލްޔާސް ވެރިކަމަށް ގެންނަންވެގެން އުޅުނުބައެކެވެ. އެމީހުން ހީކުރީ، އަޅުގަނޑުމެން މިއުޅެނީ ޑޮކްޓަރ ވަހީދުއަށް ވެރިކަން ހޯދައިދޭށެވެ. ހަގީގަތުގައި ވެރިކަމައިގެން އުޅެނީ އަޅުގަނޑުމެން ނޫންކަން މިހާރަކަށް އައިސް ރައީސް މައުމޫނަށް ގަބޫލުކުރެވެން ފެށީކަމަށް ވެދާނެއެވެ. އަޅުގަނޑުމެންނަށް ލުޔެއްމިއަންނަނީ، އިލްޔާސަށް ކުރެވުނު ތުހުމަތުތައް ފަޅާއަރަންފެށީމާ ކަމަށްވެސް ވެދާނެއެވެ. ފަހުން މިޚަބަރުތައް ސިފައިންގެ ފަރާތުން ސާފުކޮށް ލިބުނީވެސް އިލްޔާސް އިބްރާހީމް ވެރިކަމަށް ގެންނަން ވެގެން ބަޔަކުމީހުން ސިއްރު މަސައްކަތް ތަކެއްކޮށްގެން ބަންދުކޮށްފިކަމަށެވެ. މިޚަބަރު ލިބުމާއެކު، މިހާރުމިދަނީ ރަނގަޅުމަގުން ކަމަށް ގަބޫލު ކުރެވުނެވެ. ރައީސް މައުމޫނަށް އެތެރޭގެ ހަގީގަތްތައްް ފަޅާއަރަނީއެވެ.

3 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 773 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް މާލެއަށް ގެންދިޔައެވެ. ބޭރުން ހަލީމާއިޝިޔާމް ހޮސްޕިޓަލަށް ގެންދިޔައެވެ. މިގްރޫޕަކީ، އާދަމްޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލިމީހުންނެވެ. މިގްރޫޕްގައި ހަތަރުފަސް މީހަކުހިމެނެއެވެ. މުސްތަފާއާއި ވާއްޕެއާއި ވަލީދަކީ ވެސް މިގްރޫޕްގެ މީހުންނެވެ. މާލެއިން ޖަވާހިރުވާދީ، އިބްރާހީމް ރަޝީދު (ކޮއްކޮއިބުރޭ) ދޫކޮށްލިޚަބަރު ލިބުނެވެ. ދޫކޮށްލީ އެކެއް ފެބްރުއަރީގައެވެ. މުޅިން މިނިވަންވީއެވެ. މިވާހަކަ ޕްރިސަންސުން ކަށަވަރުކުރި އިރުވަނީ މުޅިންތެދަކަށެވެ. މިއަދު ޑެންޓަލުންކުރި މަސައްކަތަކީ، ވާއަތުތިރީ ދަތްޕިލާގެ ތިންވަނަ ކޮލުދަތަށް ރިހިމެޓަލް ފިލްކުރުމެވެ. ދެންޖެހިގެންއިން ދަތަށްވެސް އެޅިއެވެ. ދެންއަންނަން ޖެހެނީ، 11 ފެބްރުއަރީގައެވެ. މެންދުރުކުރިން އައުމަށް އެންގިއެވެ. މިކަމާހަވާލުވީ އަޅުގަނޑު މާލެގެނައި ސިފައިންގެ މީހާއެވެ. މިއަދު ހަންދުގެ އެކަހެރިބައްދަވުން އާތުއާއެކު ފެށުމަށް އެކަމަށް ޚާއްސަކޮޓަރިއަށް ހަންދު ގެންދިޔައެވެ. ނިމޭވަގުތަކީ މާދަމާހަވީރެވެ.

4 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 774 ވަނަ ދުވަހެވެ. މިއަދު އަޒީމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަންދު އެކަހެރި ބައްދަލުވުން ނިންމާފައި ހަވީރު ފަހެއްގައި މިބަޔަށް ގެނެސްވެއްދިއެވެ. ހުރިހާޚަބަރެއް ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. މާލޭގެ ވަކިޚާއްސަ ޚަބަރެއް ނެތްކަމަށް ބުންޏެވެ.

5 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 775 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގާދުވަހެކެވެ.

6 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 776 ވަނަ ދުވަހެވެ. އަޅުގަނޑު މުތާލިއާކޮށް ނިންމާލުމަށް ބޭއްވިތާރީޚާ ގުޅޭފޮތެއް މިއަދު އަންނިއަށް ކެނެރީގެއަށް ޖަލުއޮފީސް މެދުވެރިކޮށް ފޮނުވާލީމެވެ. އަންނިއަށް ކެނެރީގެއަށް ރައްދުކޮށްދިނުން އެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ މެންދުރެއްހާއިރު ހަވާލުކުރީއެވެ. އަދި އަންނިއަށް ނޯޓެއްވެސް ފޮނުވީމެވެ. އަދިހެއްކާބެހޭބައެއް އާޔަތްތަކުގެ ހަވާލާތައް ވެސް އަންނިއަށް ފޮނުވީމެވެ. މިކަންކުރީ އަންނި އެދިގެންނެވެ. މިއާޔަތްތައް އިނގިރޭސި ތަރްޖަމާއިން ހައިކޯޓަށް ދިއުމުގެކުރިން ދިރާސާކޮށްލުމަށް ބުނެފައިވާނެއެވެ.

7 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 777 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޒީ ޑެންޓަލް ކްލިނިކަށް މާލެއަށް މިއަދު ގެންދިޔައެވެ. މިއަދު މެންދުރު ޚަބަރުގައި މ.އުނިމާގޭ (ހޮޅިގޭ) ފާތުމައިދީ އަވަހާރަވި ވާހަކަގޮވިއެވެ. މިއީ ހިތާމަވެރި ޚަބަރެކެވެ. އަވަށްޓެރިޔަކު ދެމިއޮތުމުގެޢާލަމަށް ދިޔަދުވަހެކެވެ. އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން! ހޮޅިގޭފާތިމަތްދީދީ އަކީ، އަނީސާއާއި ހަފީޒާގެ މަންމައެވެ. އަދި އަޅުގަނޑުގެ ކޮއްކޮއިބުރޭގެ އަންހެނުން އަންދިގެ ދޮންމަންމައެވެ. ހޮސްޕިޓަލުން މިޚަބަރު އަބްދުﷲ ހުސައިނަށް ލިބުމުން ޖަލަށް އައިސް އަޅުގަނޑު މެންނަށް ދިނެވެ. ފާތުމައިދީދީއަކީ ޖަވާހިރުވާދީއާ ޖެހިގެން އިރަށް ހުންނައުނިމާގޭގެ ވެރިޔާއެވެ. ދައުލަތުގެ ކަނބުލޭގެފާނެކެވެ. މާމައާއި މަންމަގެ ވަރަށްގާތް ރައްޓެއްސެކެވެ.

8 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 778 ވަނަ ދުވަހެވެ. މިއަދުޚާއްސަކަމެއް ނުހިނގައެވެ.

9 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 779 ވަނަ ދުވަހެވެ. އަބްދުﷲ ސަލީމް ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. މިއަދުމެންދުރުފަހު، ނިދާފާއޮއްވާ ފެންނަނީ، ތުއްތައާއި އިފާއިދޮންދައްތައާ ގޭތެރެއިން ބައްދަލުވެގެން އުޅެނިކޮށެވެ. މަގުމަތީގައި އޮތްޕެރޭޑެއް އެންމެން ބަލަންވެގެން ދޮރާށިދޮށަށް ނުކުމެތިބިތަނެވެ. މިހުވަފެނުގެ ތައުބީރެއްކަމަށް އަޅުގަނޑުނިންމީ، ދެން މާގިނަދުވަހެއް ނުވަނީސް ގޭގައި އެންމެންއެކުގައި އުޅޭނެފުރުސަތު ތަނަވަސްވެގެން ދާނެކަމަށެވެ. އަދި ރޭގެނިދީގައި ފެނުނު ހުވަފެނަކީ، އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާ އެކުގައި މައްކޮއާއި އަޅުގަނޑުއުޅޭ މަންޒަރެވެ. މައްކޮ އެއްޗެހިތަކެއް ޕޯސްޓުކުރަން ދާންވެގެން އަޅުގަނޑު ގޮވައިގެން ޕޯސްޓްއޮފީހަށް ދާންވެގެން އަޅުގަަަަަަަނޑަށް ގޮވާއިގެންދާން އުޅޭމަންޒަރެވެ. ދިޔަނުދޭން އުނިމާގޭ އަހްމަދު އާދިލްގެ ބައްޕަ މުހަންމަދުގާސިމް ހުރަސްއަޅައިގެން އުޅޭތަނެވެ. މުހަންމަދު ގާސިމް އަޅުގަނޑާ ދިމާއަށް ބުނުއްވަނީ މައްކޮއާއެކު ނުދާށެވެ. ކުޑަގޮޅިއަށްދާށެވެ. ހުރަސް އެޅުއްވުމަށް ފަހު، ކުޑަގޮޅިއަށްދާން ހިނގާށޭކިޔާތަނެވެ. މައްކޮއާއެކު ނުދެވެނީސް ހޭލެވުނީއެވެ. އަބްދުﷲ ކަމާލުއްދީނަކީ، އަޅުގަނޑާއި މައްކޮގެ ވެރިމީހާއެވެ. ސަރުކާރުގައި އަޅުގަނޑާއި މައްކޮ އުޅުނުއިރު އަބްދުﷲ އަކީ، ބޮހެވެ. އަޅުގަނޑުމެން ތިންމީހުން ވަރަށްގާތް ވާނެއެވެ. މައްކޮއާއި އަޅުގަނޑު އަބަދުވެސް އުޅެނީ، އެކުގައެވެ. މިހުވަފެނުން އަޅުގަނޑު ތައުބީރުކޮށް ނެގިއެއްޗަކީ، މައްކޮއަށް ވަރަށްއަވަހަށް ރަނގަޅުގޮތެއް ވާންއުޅެނީ ކަމަށެވެ. އަދި އަޅުގަނޑު މިބަންދުގައި އިތުރުދުވަސްތައް ނަގާނެކަމަށެވެ. މައްކޮވީހާ އަވަހަށް މިނިވަންވުމަކީ، އަޅުގަނޑުގެ އެދުމެކެވެ. އަދި އަޅުގަނޑުގެ ދުއާއަކީވެސް އެއީއެވެ. އަދި ކުޑަގޮޅީގައި ތިބިދުވަސްވަރު ޖިންނިއެއް މެދުވެރުކޮށް ރޫޙުގެ ޒަރީއާއިން މައްކޮމިނިވަން ކުރެވޭތޯ ދޫނިދޫކުޑަ ގޮޅީގައި އޮތްދުވަސްވަރު އަޅުގަނޑު އެތައް މަސައްކަތެއް ކުރީވެސް މައްކޮއަކީ މިކަމުގައި އެއްވެސް އަދަބެއް ލިބިގެންނުވާނެ މީހެއްކަން އަޅުގަނޑަށް ސާފުވާތީއެވެ. ރަނގަޅަށް އެނގޭތީއެވެ.

10 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 780 ވަނަ ދުވަހެވެ. މާލެއަށް ވަލީދުގެންދިޔައެވެ. ޑޮކްޓަރަށެވެ. ރޭގެވަގުތެއްގައި ހަލީމާއި ކާދޫއިބުރޭ ތަޅައިގަނެގެން، އޮފީހަށް ގެންގޮސް ތަހުގީގުކުރުމަށް ފަހު، އެދެމީހުން ކުޑަގޮޅިއަށް ލައިފިއެވެ. އަދި މިއަދުހަވީރު ގަސްއިބްރާހީމް މަނިކު ވަޑައިގެން އެތަހުގީގުކޮށް ބަޔާންތައް ނަގާހެދުމަށްފަހު، ވެސް އެދެމީހުން ބޭތިއްބީބޭރުގައި ހުންނަކުޑަގޮޅި ތަކުގައެވެ. މިއީރީތިކޮށް ހަދާފައިހުންނަ ކުދިގޮޅިތަކެކެވެ. މިގޮޅިތަކުގެ މަތީފުރާޅު މިބަޔަށް ފެނެއެވެ.

11 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 781 ވަނަ ދުވަހެވެ. ވަލީދާއި އަޅުގަނޑު މިއަދުމާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އަޅުގަނޑު ޑެންޓަލަ ކްލިނިކަށެވެ. މިއަދުކުރި މަސައްކަތަކީ، މަތީދަތްޕިލައިން ކަނާއަތްފަރާތުން އެތެރެއިން ދެވަނައަށް އިންކޮލުދަތަށް ސިލްވަރމެޓަލް އަޅާފިލްކުރީއެވެ. މިއަދާހަމައިން ދަތުގެފަރުވާއަށްހުރި ހުރިހާކަމެއް ނިމުނީއެވެ. ދެންއޮތީ ފަރުވާދެވުނު ދަތްތައް މަސައްކަތްކުރަނީ މުޅިން ފުރުހަމައަށްތޯ ބަލާއިޗެންކޮށް ލުމަށް އައުމެވެ. މިކަމަށް އަންނަން ޖެހެނީ، 16 ފެބްރުއަރީގައެވެ. ވަލީދު ހޮސްޕިޓަލުގައި ކުރިކަމަކީ ފިޒިއުތަރަފި ހެއްދީކަމަށް ބުންޏެވެ. މިކަންތައް ދުވަސްކޮޅަކު ކުރަންޖެހޭނެއޭ ހޮސްޕިޓަލުން އެންގިކަމަށް ވަލީދު ބުންޏެވެ.

12 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަސްތަކަށް ބަލަންތިބީއެވެ. ބޭނުންއިރަކު ގަސްތަކުކައިރީގައި މިހާރުއުޅެވެއެވެ. ފަޅޯގަސްތަކުގައި ބައިވަރު ކުދިކުދި ފަޅޯއަޅާފައި އެބަހުއްޓެވެ. މިރުހާއިބަށި ވެސް އެބަބޮޑެތިވެއެވެ. ގެންގުޅޭ ތިންދޫންޏަށް މިއަދުވެސް ކާންދިނީމެވެ. އިރުވާހުދުމަތިން ވަރަށްހަދާން ވެއެވެ. އަންނި މާލެ ގެންދިޔަފަހުން ވެސް ރުކުންއެތެއް ރާކުރެވޭތޯ ކުރިމަސައްކަތްވީ ބޭކާރެވެ. އެއްގޮތަކަށް ވެސް ރާފޮދެއް ލިބޭނެގޮތެއް ނުވިއެވެ.

13 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ވަލީދު ފިޒިއުތަރަފީއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކާދޫއިބުރޭއާއި ހަލީމު ތަޅައިގަނެގެން ހަލީމުގެ ތުންފަތަށާއި ދަތަކަށް ކުދިއަނިޔާވި ޚަބަރުލިބުނެވެ. މިމީހުންތިބެނީ ބޭރުގައެވެ. ހޮސްޕިޓަލަށް ގެންދިޔަޚަބަރެއް ވެސް އުޅުނެވެ. މިއަދު މެންދުރެއްހާއިރު، މުސްތަފާ މިބައިންނެރެގެން ބޭރަށް ކުޑަގޮޅިއަކަށް ގެންގޮސް ލައިފިއެވެ. ފަހުން އެނގުނުގޮތުގައި ކާތަކެއްޗާއި ފެންގެނެސްދޭ ސޮރުއަތަށް މުސްތަފާ ސިޓީއެއްދީފައި ހަލީމަށް ރައްދުކުރުމަށް ދީގެންމިކަން ފަޅާއެރީއެވެ. މިސޮރުން ހަދާގޮތަކީ މިކަންތައް ކޮށްދޭނަމޭ ކިޔާފައި ސިޓީއަތަށްއެރީމާ ޖަލުއޮފީހަށް ރިޕޯޓްކޮށް ފަޅާއަރުވާ ލަނީއެވެ. މިނޯޓުން ކާދޫގައިގާ ތަޅައިގަތީ މިމީހުންރާވައިގެން ހިންގިކަމެއްގެ ގޮތަށް ލިޔެފައި އޮވެގެން މިކަންތައް ވަރަށްގޯސްވިއެވެ. މިއެންމެން ވެގެންކާދޫ އިބުރޭއަށް ހޭއަރުވާލަން ނިންމާފައިވާކަން ފަޅާއެރީ މިނޯޓުންނެވެ. މިމީހުންނަކީ ކުރިން ސިފަިންނަށްވާތީ، ސިފައިންނަށް މާއިތުބާރުކޮށް މިކަހަލަކަންތައް ކުރަނީއެވެ. ކާދޫކުރިން ވެސްހުރި ބޮޑުގޮޅިއަށްލާއި މިދެމީހުންވެއްދީ ކުޑަގޮޅިއަށެވެ. މާލެގެންދިޔައީ ކާދޫއެކަންޏެވެ. ބޭސްފަރުވާއަށެވެ.

14 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 784 ވަނަ ދުވަހެވެ. ވަލީދާއިއަޒީ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސް އިން ހިއްސާ ވިއްކިކަމުގެ ލިޔުމާއި ހިއްސާގަތް ކަމުގެރަސީދު މިއަދު ޕްރިސަންސުން ފޮނުވައިގެން ލިބިއްޖެއެވެ. ވަރަށްއުފާވިއެވެ. މިވީގޮތުން ހީވެސްނުކުރާ ކަހަލަކަމެއް ޖަލުގައިހުރެގެން ކުރެވުނީއެވެ. މުޅިއުމުރަށް ފައިދާލިބޭނެ ދޮރެއްހުޅުވާ ލެވުނީއެވެ. ދިހަހިއްސާ ގަތުމަށް ބޭނުންވާ، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކުރިކަމާއި ހިއްސާ ވިއްކިކަމުގެ ރަސީދު ބޭންކުން ސިޓީއަކާއެކު ލިބިފައި އޮތެވެ. ﷲގެ އިރާދަފުޅުން މިކަންތައް ހަމަޖެހުނީއެވެ. ބޭންކަށް ސިޓީލިޔުނުއިރު މިއީވެދާނެކަމެކޭ އެއްގޮތަކަށް ވެސް ހިތަކަށް ނުގެނެވެއެވެ. މިކަންވާނެ ކަމުގެ އުންމީދު ވަރަށްކުޑައެވެ. އެހެނަސް، ﷲގެ ހެޔޮރަހްމާތާއި އިރާދަފުޅުން ކޮންމެކަމަކީ ވެސް ވެދާނެކަންތަކެވެ. މިއަދު މެންދުރުނަމާދުން ފެށިގެން މިސްކިތުގައި އާޓިނުޖަހަތީ ނަމާދަށް ނެރުން ވަގުތީގޮތުން ހުއްޓާލިކަން އެންގިއެވެ. މުޅިމިސްކިތް ބަންގިނުގޮވާގޮތަށް ބަންދުވީއެވެ. ޓިނުޖަހާ ނިމެންދެނެވެ. މިމަސައްކަތް ކުރުވަނީ އެސްޓިމޭޓަށް މާލޭންގެނައި ބަޔަކުލައްވައެވެ.

15 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 785 ވަނަ ދުވަހެވެ. މިއަދު ޖަލުއޮފީހަށް ގެންގޮސް ރަސްމީކޮށް މޫދުން މަސްހިފުމުގެ ހުއްދަދިނެވެ. މިއީ ނަސިމު ކައިރީގައި އަޅުގަނޑު ބުނެގެން އުޅޭކަމެކެވެ. ވާގޮތަކީ މަނާކުރުމުން ވެސް މިއީ އަޅުގަނޑުމެން ގަވައިދުންކުރާ ކަމެކެވެ. އެހެންވެ ހުއްދައެއް އޮންނަން އަޅުގަނޑު ބޭނުންވީއެވެ. ކުރިޔެކޭ އެއްގޮތަށް ކުޅޭށާއިމޫދަށް ނެރެއެވެ. މިއަދަކީ ވެސް ކުޅޭށާއިމޫދަށް ނެރުނުދުވަހެކެވެ. މިއަދުމޫދުން އައިއިރުއައީ ކޮންމެމީހަކަށް ގެނެވުނުވަރަކަށް ދޮންވެލި ހިފައިގެންނެވެ. ރޯދައަށް ދޮންވެލި ލާށެވެ. މިބައިގެގޯތިތެރެ ރީތިކޮށްލާށެވެ. ނަސީބަކުން އެކަކުވެސް އަޅައެއްނުލިއެވެ. މަނާކަމަކަށް ވެސް ނުވިއެވެ.

16 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 786 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލަށް ޗެކްއަޕަކަށް ދާންޖެހުނެވެ. ޑޮކްޓަރުގެ ހަމައެކަނި ބަލާލުމަކަށެވެ. އެހެންއެއްވެސް ކަމެއްނުކުރެއެވެ. ދަތްޖަހަން ބޭނުންތޯ އެހުމުން ބޭނުމެއްނޫންކަމަށް ބުނެފައި އައީއެވެ. މިއަދު ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ނާސިރާއިވިސާމް ކޯޓަށް ގެންދިޔައެވެ. ދަތުރުގައި އުޅުނީ އެންމެން އެކުގައެވެ. ކެއީވެސް އެންމެން އެކުގައެވެ. މަޖާދުވަހެކެވެ.

17 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 787 ވަނަ ދުވަހެވެ. ވަލީދާއި އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަވީރު ހަންދުއަށް ގެއިންފޮނުވައިގެން ސޮނީ ލަވަޖަހާސެޓެއް ލިބުނެވެ. އަދި މިއަދު ގަސްއިބްރާހީމް މަނިކު ޑޮކްޓަރެއް ގޮވައިގެން ގާމާދޫއަށް ވަޑައިގަތެވެ. ބައެއްގައިދީން ބަލާހެދިއެވެ.

18 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 788 ވަނަ ދުވަހެވެ. ނާސިރާއިވިސާމް ކޯޓަށް މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމައާއި ތުއްތައާއި އިލްމާއު އަޅުގަނޑާއި ހަންދުއާއިބިގޭއާ ބައްދަލުކުރަން އައެވެ. އަބްދުﷲ ހުސައިނާ ވެސް މަންމަމެން ބައްދަލުކުރިއެވެ. މިދަތުރުގައި މިނިވަންކޮށް ދޫކޮށްލިކޮއްކޮ އިބުރޭވެސް ބައްދަލުކުރަން އައެވެ. އަދި އާތުއާއި ހަންނުވެސް ވަކިން ހަންދުއާ ބައްދަލުކުރިއެވެ. ގޭގެޚަބަރުތައް ވަރަށްރަނގަޅެވެ. ދޮންދައްތަމެންވެސް ރަނގަޅުކަމަށް ޚަބަރުދިނެވެ. މާމަގެހާލުވެސް ރަނގަޅެވެ. އަޅުގަނޑު މެންނަށް ގެއިންވަރަށް ގިނަސާމަނު ލިބުނު ދުވަހެކެވެ. އުފާވެރި ދުވަހެކެވެ.

19 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 789 ވަނަ ދުވަހެވެ. މިސްކިތް މަރާމާތުކޮށް ހަދަމުންގެންދާ ތަންފެނެއެވެ. ވަރަށް ސްޕީޑްދަށްވެފައި ލަހެވެ. އަދި ވެސް ނިމޭކަށް ނޫޅެއެވެ. ގަސްތައްކައިރީގައި ގިނަވަގުތުތިބި ދުވަހެކެވެ. ފަޅޯތައްބޮޑެތި ވެއްޖެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި ދޮންވާވަރުވާނެހެން ހީވެއެވެ. މިރުސްވެސްހުރީ ބޮޑެތިވެފައެވެ. ރޯދައަށް ބިނދެވޭވަރުވާނެއެވެ. މިހާރު މިތިބެނީ ފަޅޮލެއް ކާލާހިތުންނެވެ. ދޮންވުމުންނޫނީ ނުބިންނަން ކެތްކޮށްލައިގެން ތިބެނީއެވެ.

20 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 790 ވަނަ ދުވަހެވެ. އަޒީއާއިވަލީދު ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިބައިގައި މިއަދު ކުލަލާންފެއްޓިއެވެ. ރޯދައަށް ރީތިކުރަނީއެވެ.

21 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 791 ވަނަ ދުވަހެވެ. މިއަދު ހަންދުއާއި ބިގޭއާއި ވަލީދާއި އަޒީއާއި ޒާހިރާއި ކިޔޮޅުއިބްރާހީމް ނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަޅުގަނޑު ނުކުންނަން ބުނީސާމާނާއެކުގައެވެ. ގޭބަންދަށް ދާށެވެ.

ޖަލުގައި، 790 ދުވަހަށްފަހު ގޭގެބަންދަށް ބަދަލުކުރި ވާހަކަ:

ﷲއަށް އެތައްހާސް ޝުކުރެއް ހުއްޓެވެ! މާލެ ދިއުމަށް އަޅުގަނޑު ނުކުތީ ހުރިހާސާމާނާ އެކުގައެވެ. އަންނި އަޅުގަނޑަށް ދެއްވި ސަރަންފީދިނީ ބިގޭއަށެވެ. އެންމެންނާ ސަލާންކޮށްފައި މާލެދާމީނުންނާއެކު ހިނގައިގަތީ އުފަލުން ފުރިގެންހުރެއެވެ. ސާމާނާއެކު ގެންދާތީ ގެއަށް ދެވޭނެތީއެވެ. ގަސްތަކުގައިހުރި ފަޅޯތައްހުރީ ދޮންވާންކައިރި ވެފައެވެ. މިއިންފަޅޯކޮޅެއް ކާލަންނުލިބުނީމާ ވަރަށް ދެރަވިއެވެ. ގަސްތައްހުރީ ފަޅޯއަޅާބަރާ ވެފައެވެ. ޕްރިސަންސަށް ވައްދާފައި ހުކުމުން ބާކީއޮތް ދުވަސްތައް ރައީސުލް ޖުމްހޫރިއްޔާ ގެއަށް ބަދަލުކޮށްދެއްވީ ކަމަށް ފޮތެއްގައިލިޔެ ސޮއިކުރުވާ އެންގިއެވެ. އެއީ ތިންއަހަރަށް ޖަލަށް އިއްވާފައިއޮތް ހުކުމުންބާކީއޮތް ދުވަސްތަކެވެ. 1994 ޖެނުއަރީ 10 ވަނަ ދުވަހާހަމައަށް ގޭގެބަންދަށް ބަދަކުކުރެވުނީ ކަމަށް އެފޮތުގައި ލިޔެފައިއޮތެވެ. އަދި ހަމަސްދުވަހަށް އަރުވާލުމަށް އިއްވާފައިއޮތް ހުކުމް، ކެސެޓްރޯލް މައްސަލައިގެހުކުމް ވެސްގޭގެބަންދަށް ބަދަލުކޮށް ދެއްވީކަމަށް ލިޔެފައިއޮތެވެ. މިއަދުންފެށިގެން ހުރިހާހުކުމެއްވެސް ގޭގެބަންދަށް ބަދަލުކޮށް ދެއްވީއެވެ. އެހެންވުމުން ދެންބާކީއޮތް ތިންހުކުމްވެސް ގޭގެބަންދަށް ބަދަލުވެ ނިމުނީއެވެ. މިގޮތަށް ހަމަޖެހުމުން ގޭގައިހުރެގެން ބާކީދުވަސްތައްގުނާ ނިންމާލެވޭނެއެވެ. މިވާހަކަތައް އެންގުމަށްފަހު ގެއަށް ގެނެސް ގޭގައި އިއުލާނެއް ޖަހާއިގޭގައި ބަންދުކުރީއެވެ. ހަންދުއާއިބިގޭ ހޮސްޕިޓަލަށް ފޮނުވާލީ ސަލާންގަލަންކޮށް ހަދާފައެވެ. ގޭގައިހޭދަ ވެގެންދިޔަ ފުރަތަމަ ހިނދުކޮޅަކީ ވަރަށްގިނަ އިހްސާސްތައް ހިތުތެރޭގައި ހިނގަމުންދިޔަ ވަގުތުކޮޅެކެވެ. މާމަ، މަންމަ، ކޮއްކޮމެންގާތުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އާދެ! މާލެއަށް ގެއަށްއާދެވުނީއެވެ. އަލްހަމްދުލިއްލާހީ އެވެ! އާދެ! މިރެއަކީ، 1413 ވަނަ އަހަރުގެ ރަމަޟާން މަހުގެފުރަތަމަ މުލަރޯދަހިފަން ޖެހޭރެއެވެ. މިރޭހާރުކާން ޖެހެއެވެ. މާދަމާއަކީ މުލަރޯދަދުވަހެވެ. އެއީ، 22 ފެބްރުއަރީ އެވެ. ޒަމާންގަނޑަކަށް ފަހު، އަމިއްލަވަޒަނަށް އާދެވުނީއެވެ. ހީވަނީ މުޅިން އެހެން ވެއްޓެއްގައި އުޅެވޭހެންނެވެ. ރަތަފައާއި ތޭރަވާއާއި ކަނބިލި، ދޫނިތައް ފަޅޯގަސްތައް ވަޅުގައިތިބި ގުރުވަތައް އިށީދެގެން އިންނަ ސަރަންފީ މަތިންވަރަށް ބޮޑަށް ހަދާންވެއެވެ. މިހުރިހާ ފިކުރެއްގައި އޮވެނިދުނީ ވަރަށް ލަހުންނެވެ.

22 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 792 ވަނަ ދުވަހެވެ. މިއަދަކީ ގޭބަންދުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދަކީ، ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަހެވެ. މުލަރޯދަ ދުވަހެވެ. ގޭގައިތިބި އެންމެންނާ ދައްކަންހުރި ވާހަކަތައް ދައްކާނިމުމުން އިތުރު ކަމެއް ނެތުނީމާ ފޫހިވާން ފަށައިފިއެވެ. މިއަދަކީ އެގޮތުން ވަރަށްފޫހި ދުވަހެކެވެ. ރޯދައަށް ހުރުމުންނާއެކު ގިނަވަގުތު ދުއްވާލީ އަރާމުކުރުމުގައެވެ. މެންދުރުފަހުން ނިދިގަނޑެއް ވެސްދިޔައެވެ. ގިނަވަގުތުދަނީ ކުރީގެހަދާން ތަކުގައެވެ. ހޭނިފައިހުރީ ޖަލުގެއާދަކާދަ އަށެވެ. ގަސްތަކަށް ފެންދިނުގެ ކަންތަކަށެވެ. މޫދަށްއެރުމާއި ކުޅުމަށެވެ. ޖަލުގެދިރިއުޅުމަކީ، ގޭތެރެއާމުޅިން ތަފާތުއެހެން މާހައުލެކެވެ. މުޅިންތަފާތު ވެއްޓެކެވެ. ރޯދަވީއްލާ ނިމިގެން ނަމާދުތަކަށްފަހު، ފެއްޓި މަސައްކަތަކީ، ޖަލުގެ ޔައުމިއްޔާތައް ރީތިކޮށް ލިޔާށެވެ. އެއްބައި އަނެއްބަޔާ ގުޅުވާލާއި ރީތިކޮށް ލިޔަންފެށީއެވެ. ކޮންމެދުވަހަކުވެސް އެދުވަހަކު ކުރިކަންތައް ނޯޓްކުރެވިފައި ހުރިވަރަކުން އެއްކޮށްލާއި ފޮތެއްގައި ލިޔަންފެށީއެވެ. މިއަދު މިފެންނަނީ އެމަސައްކަތެވެ. ބައެއްޒުވާނުންނަށް މިއީވަރަށް ކަމުދާ އެއްޗަކަށް ވާނެކަން ކަށަވަރެވެ. ދިވެހި ތާރީޚަށްޓަކައި މިއީ އަޅުގަނޑު ކުރަންޖެހޭނެ ކަމެކެވެ. ކިޔަވާ ކުދިން މިލިޔުންތަކުން ދިރާސާތައް ހެދުމަށެވެ.

23 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 793 ވަނަ ދުވަހެވެ. ގޭގައިފޫހި ކަންމަތީގައި ހުންނަނީއެވެ. ވަގުތެއް ވާއިރަށް ލިޔަންފަށަނީއެވެ. ލިޔާނެ ބައިވަރު ސާމާނުތައް ހުއްޓެވެ. ޖަލުގެހަދާންތައް ނޯޓްކުރެވިފައިހުރީ އެއްފޮތެއްގައެއް ނޫނެވެ. ބައިވަރު ކަރުދާސް ތަކުގައެވެ. މަޑުމަޑުން ގޭތެރޭގެ މައުހައުލަށް ހޭނޭތޯބަލަނީއެވެ. މާމަކައިރީގައި ވަރަށްގިނަ ވަގުތުހޭދަ ކުރަމެވެ. މާމަ އަޅުގަނޑުދެކެ އާދަޔާޚިލާފަށް ލޯބިވާކަން އަޅުގަނޑަށް އެނގޭތީ މާމަކައިރީގައި ގިނަވަގުތު އުޅޭހިތްވަނީއެވެ. މާމަހެއްވާލާއި ކޮންމެވެސް ވާހަކައެއް ދަށްކާލާ ހަދަނީއެވެ.

24 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 794 ވަނަ ދުވަހެވެ. ފޫހިދުވަހެކެވެ. ގޭތެރޭގެ މަސައްކަތްތައް ސެޓްވެގެންދާ ވަރަކަށް މަޑުމަޑުން އެބަހޭނެއެވެ. މިރޭ، 9:30 ގައި ރައްޔިތުންގެ މަޖިލިސް، 1993 ވަނަ އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު އޮތެވެ. ފެށުނީއްސުރެ ނިމެންދެން މިތަންބަލަން ޓީވީދޮށުގައި އިނީމެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޕްރެޒިޑެންޝަލް އެޑްރެސް ފުދޭވަރަކަށް ދިކުކޮށް އެއްވެވިއެވެ.

25 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 795 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވުމުގެ މުނާސަބަތުގައެވެ.

26 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 796 ވަނަ ދުވަހެވެ. ގޭތެރޭގެ އާދަތައް މަޑުމަޑުން ހަމައަކަށް އެޅެންފަށައި ފިއެވެ. މިހާރުފޫހިވެގެން އިންނާކަށް ނުޖެހެއެވެ. އިބުރޭއާ މިއަދު މަޝަވަރަކުރެވުނީ، ޖަވާހިރުވާދީގައި ހުންނަފިހާރަ، “އަލަންކާސްޓޯރު” ތަޅާލާފައި އެތާންގައި ހަދަންވާހަކަދެކެވި ހުއްދަތައް ލިބިފައިވާ ވެހިކަލްދޮންނަ ގަރާޖުހަދަން ފެށުމާގުޅޭ ގޮތުންނެވެ. އިބުރޭވެސް މަންމަމެން ވެސްބޭނުންވަނީ އަވަހަށް ކުރަންއުޅޭކަމެއް ވިއްޔާކުރާށެވެ. އަވަހަށް މަސައްކަތް ފަށާށެވެ. ވަރަށްއަވަހަށް ފިހާރަތަޅާލައި ގަރާޖުހަދަން ފެށުމުގެ ނިޔަތްމިއަދުގަނެ އެމަސައްކަތް ވީހާއަވަހަށް ފެށުމަށް ނިންމުނެވެ.

27 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 797 ވަނަ ދުވަހެވެ. ގެއަށްބަދަލު ކުރެއްވުމާގުޅިގެން ރައީސް މައުމޫނު އަރިހަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކަށް ލާނަމެވެ. އަދި ހަންދުއާއި ބިގޭއަށް ސިޓީއެއް ލިޔުނީމެވެ. މިދެސިޓީ ދެސިޓީއުރައަށްލާފައި ޕްރިސަންސަށް މާދަމާފޮނުވާލާ ގޮތަށްތައްޔާރު ކުރީމެވެ.

28 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 798 ވަނަ ދުވަހެވެ. ރަމަޟާން މަހުން، 7 ވަނަ ދުވަހެވެ. ޕްރިސަންސަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ދެސިޓީ ޕްރިސަންސަށް މިއަދު ފޮނުވާލީމެވެ. ވަކިޚާއްސަކަމެއް ނެތެވެ.

1 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 799 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި، އަބްދުﷲ ހުސައިން ގެއަށް، ޖަވާހިރުވާދީއަށް ބަދަލުކޮށްފިއެވެ. އަނެއްކާވެސް ގެއަށް އިތުރުމީހަކަށް އާދެވުނީއެވެ. އޭނާގެ ހުކުމުން ބާކީއޮތްބައި ގޭގެބަންދަށް ރައީސް މައުމޫނު ބަދަލުކޮށް ދެއްވައިފިކަން އޭނާގެއަށް ގެނައުމުގެ ކުރިން އެންގެވިއެވެ. ޖަލުގެ ވަރަށްގިނަ ވާހަކަތައް ކިޔައިދިނެވެ. ގަސްތަކުގައި އެޅިފަޅޯތައް ކާންލިބޭވާހަކަ އަބްދުﷲ ހުސައިން ކިޔައިދިނީމާ އެއިންފަޅޯކޮޅެއް ކާލަންލިބޭނެނަމައޭ ވަރަށްހިތަށް އެރިއެވެ. އަމިއްލައަތުން އިންދާއި ފެންދީގެން ހެއްދިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާލިބެމުންދާތީ ހިތްހަމަޖެހުނެވެ. އަޅުގަނޑަކީ އެގަސްތައް އިންދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެންމެގިނައިން ފެންދީ، ބަލަހައްޓާ ހެދިމީހާއެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެވެސް ބަޔަކަށް އޭގެފައިދާ ލިބެންޖެހޭނެއެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. ބައެއްފަޅޯ އޮފީހަށް ގެންދާކަމަށް ވެސް، އަބްދުﷲ ހުސައިން ކިޔައިދިނެވެ.

2 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 800 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އަބްދުﷲ ހުސައިން ގޭގައިހުރުމާއެކު ދެމީހުންވެގެން ގަރާޖުހެދުމުގެ މަސައްކަތް މާދަމާފެށުމަށް ނިންމީމެވެ. އަދި އެކަމަށް ބޭނުންވާ ސާމާނުމާދަމާ މަސައްކަތް ފެށޭގޮތަށް އިބުރޭ ކައިރީގައި ހޯދައިދިނުމަށް ބުނީމެވެ. ކޮންމެ ސަތޭކައެއް ހަމަވާދުވަހަކީ، ފާހަގަކުރާ ދުވަހެކެވެ. އެހެނަސް ، 800 ހަމަވި ދުވަސް މިއައި ގޭގައިކަމުން މިފަހަރު ފާހަގަނުކޮށް ދޫކޮށްލީއެވެ.

3 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 801 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ. މިއަދު ހެނދުނު، ހަމަޖެހިލައިގެން ފިހާރަތަޅާލާއި ގަރާޖުހެދުމުގެ މަސައްކަތް އަޅުގަނޑާއި އަބްދުﷲ ހުސައިނާ އިސްކޮށް ތިބެގެންފެށީއެވެ. ތަންހުސްކޮށް ފުރާޅުރޫލާލަން ފެށުނެވެ. ރޭގަނޑުން ބޮޑުބައެއްގައި ވެސް ހާރުކާން ވަންދެން މަސައްކަތް ކުރީމެވެ. ދުވާލު މަސައްކަތް ފެށެނީ މެންދުރެއްހާ އިރުއެވެ. އެހެންވަނީ ރޯދަމަހަށް ވާތީއެވެ.

4 މާޗް 1993 ވީބުރާސްފަރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 802 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ރޭގަނޑައެކު ކުރިޔަށް ގެންދިޔައިމެވެ. ގިނަމަސައްކަތް ކުރަނީ އަޅުގަނޑާއި އަބްދުﷲ ހުސައިނެވެ. ރޭގަނޑު އިބުރޭއާއި އެހެންމީހުން ވެސް މަސައްކަތުގައި އުޅެއެވެ. މަންމަމެންވެސް ރޭގަނޑު ބައިވެރިވެއެވެ.

5 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 803 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ކުރިޔަށް ދިޔައެވެ.

6 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 804 ވަނަ ދުވަހެވެ. މިއަދު ވިންޓަރޝަރީފަށް ހައިކޯޓުން ހުކުމް އިއްވިއެވެ. އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލާ ގުޅިގެން ދަށުކޯޓުން އިއްވާފައިވާ އެއްއަހަރުގެ ހުކުމްބާތިލްކޮށް ހަމަސްދުވަހަށް ބަދަލުކޮށް ހައިކޯޓުން މިއަދުހުކުމް އިއްވިއެވެ. މިމައްސަލާގައި ވިންޓަރަށް ކުޑަކުރިއެރުމެއް ލިބުނީއެވެ. ދަށުކޯޓުން އިއްވާފައިވާ އެއްއަހަރު ދުވަސް ހަމަހަށް ބަދަލުވީއެވެ. މިއީކުޑަކުވަރެއްގެ ކުރިއެރުމެކެވެ. ދެންހުރި ހުކުމްތަކަށް ބަދަލެއް އަންނާނެހެން ހިއެއްނުވެއެވެ.

7 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 805 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނު ވިންޓަރަށް މައާފުދެއްވައި އިއްވިފައި ހުރިހުރިހާހުކުމް ތަކަކުން މިނިވަން ކުރެއްވި ދުވަހެވެ. މިކަމުގެ އަފަލުގައި މިއަދު ވިންޓަރު، ޖަވާހިރުވާދީއަށް އައިސް އަޅުގަނޑާ ބައްދަލު ކުރިއެވެ. ވިންޓަރަށް ޖަލަށް އިއްވާފައިވާ ހުކުމުންނާއި ހައިކޯޓުން، 6 މަހަށް އަރުވާލުމަށް އިއްވާފައިވާ ހުކުމައި، މިދެހުކުމުން ރައީސް މައުމޫނު މައާފުދެއްވި ވާހަކަބުނުއްވިއެވެ. ދެންއިތުރަށް ހައިކޯޓަށް ނުދާނެކަމާއި ހުރިހާކަމެއް މިނިމުނީކަމުގައި ވިންޓަރު ބުނުއްވިއެވެ. އަދި ވެސް މިލިބުނު އަނިޔާއަށް ބަދަލުހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމުގައި ވިންޓަރު ބުނުއްވިއެވެ.

8 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 806 ވަނަ ދުވަހެވެ. މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުން، 15 ވަނަ ދުވަހެވެ. ޖަވާހިރުވާދީގައި ހަރުކޮށްފައި ހުންނަ އިއުލާނު ނަންގަވައި ދެއްވާތޯ ރައީސް މައުމޫނަށް މިއަދު ސިޓީއެއް ލިޔެފައި ރައީސް އޮފީހަށް ރައްދުކޮށް ދެއްވުންއެދި ޕްރިސަންސަށް ފޮނުވާލީމެވެ. މިއިއުލާނާހެދި މިގެއަށް މީހުންވަދެ އުޅުމަށް ވަރަށްބިރުގަނެއެވެ. ގެއަށްވަނުންމަނާ އިއުލާނެއް ޖަހާފައިހުއްޓާ ވަނުމަކީ ވެސް ކުށެކެވެ.

9 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 807 ވަނަ ދުވަހެވެ. މިއަދުރައީސް މައުމޫނު މަޣްރިބްކަރައަށް (މޮރޮކޯއަށް) ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތް ޚަބަރު ރޭޑިޔޯއާއިޓީވީން ކިޔެވެ.

10 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 808 ވަނަ ދުވަހެވެ. ގޭތެރޭގައި ހަދަމުންދާ ގަރާޖުގެ މަސައްކަތުގައި ގިނަވަގުތު އުޅުނީމެވެ.

11 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 809 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

12 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 810 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިނާއި އަޅުގަނޑު އުޅެނީފުލްކޮށް ގަރާޖުހެދުމުގެ މަސައްކަތުގައެވެ.

13 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 811 ވަނަ ދުވަހެވެ. މިއަދު ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ. މަންމައަށް ސިޓީއަކާއި އަޅުގަނޑަށް ސިޓީއެއް އޮތެވެ. މިއަދު ކުރިއެއްކަމަކީ މަތިމަސް ކޮށާލައި ހިޓްލަރު މަތިމަހަކަށް ބަދަލުކޮށްލީއެވެ. މިގޮތަށް ބަދަލު ގެނައުމަށް ފަހު، ފޮޓޯއެއް ނެގީމެވެ. އަޅުގަނޑުގެ ސައިޓުންނައި ފޭސްބުކް އެކައުންޓުން ފެންނަން ހުންނާނެއެވެ. ބައްލަވާލައްވާށެވެ. އެޑޯލްފް ހިޓްލަރަކީ އަޅުގަނޑު ގަބޫލުކުރާ ލީޑަރޝިޕެއް ގެންގުޅުއްވި ލީޑަރެކެވެ. ކިޔެވި ދުވަސްވަރު އޭނަގެފޮތްތަކާއި އޭނައާބެހޭ ގިނަލިޔުންތައް ކިޔާހެދީމެވެ. މިފަދަމީހުން ކުރިމަސައްކަތްތައް ރަނގަޅުނޫނަސް މިފަދަ ލީޑަރުންގެ ލީޑަރޝިޕަކީ އަގުވަޒަން ކުރަންޖެހޭ، އަޅުގަނޑު ގަބޫލުކުރާ ލީޑަރޝިޕްތަކެވެ. އިބްރަތްލިބި ގަންނަންޖެހޭ ގިޔާދަތްތަކެވެ. މުއައްމަރުލް ގައްޒާފީއާއި ސައްދާމު ހުސައިނުގެ ލީޑަރޝިޕަކީ ވެސް އަޅުގަނޑު ގަބޫކުރާ ގިޔާދަތުތަކެވެ.

14 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 812 ވަނަ ދުވަހެވެ. ފިދާއާއިވިދާގެ ސިޓީއެއް މިއަދުލިބުނެވެ.

15 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 813 ވަނަ ދުވަހެވެ. ޖަލުންބިގޭގެ ސިޓިއެއް މަންމައަށް ލިބުނެވެ.

16 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 814 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

17 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 815 ވަނަ ދުވަހެވެ. މިއަދު ބިގޭއަށް، ޖަލަށްނޫސް ބޮނޑިއެއް ފޮނުވީމެވެ. ގޭގައި ހަދަމުންގެންދާ ގަރާޖުގައި ރޭންޕުހެދުމުގެ މަސައްކަތް މިއަދުކުރެވުނެވެ. ރެޔާއެކު ބޮޑުބައި ނިންމާލެވުނެވެ.

18 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 816 ވަނަ ދުވަހެވެ. މިއަދުހެނދުނު، ޕްރިސަންސަށް އަޅުގަނޑާއި ކޮއްކޮ އަލީރަޝީދު ހުސައިން ގެންގޮސް އިސްތަފާ ބައްދަލުކުރެއްވުމަށް ފަހު، ވަރަށްގިނަ ވާހަކަދެއްކެވިއެވެ. އަދި ރައީސް މައުމޫނު އަންގަވައިގެން ޖަވާހިރުވާދީގެ މައިދޮރާށީގައި ޑިފެންސް މިނިސްޓްރީން ހަރުކޮށްފައިހުރި އިއުލާނު މިއަދުންފެށިގެން ނަގަނީކަމަށް ވިދާޅުވިއެވެ. މިހާރުވެސް ދައްކަމުން ތިޔަގެންދަވާ ރީތިގޮތް ފަހުންވެސް ދަށްކަވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ. އަޅުގަނޑުމެން އާދޭހޭ ދެންނެވީމެވެ. މިވާހަކަތައް ނިމުމުން އަޅުގަނޑު މެންނާއެކު ޕްރިސަންސުގެ މުވައްޒަފަކު ގެއަށްދުރުވެ، އަޅުގަނޑުމެން ގެއަށްލުމަށް ފަހު، އޭނާއެނބުރި ދުރުވީ، ގޭގައި ޑިފެންސުގެ ނަމުގައި ހަރުކޮށްފައިހުރި އިއުލާނު ނައްޓާލައިގެން ހިއްޕަވައިގެންނެވެ. އަޅުގަނޑުމެން ދެމީހުން ގެއަށްވައްދާފައި އޭނަދިޔައީ އިއުލާނު ހިފައިގެންނެވެ. މިއަދުންފެށިގެން ގެމިނިވަންވީއެވެ. ގޭގެކުށްވެރިކަން ފިލީއެވެ. ޖަވާހިރުވާދީއަށް ވަންނަންބޭނުން މީހަކަށް ޑިފެންސުގެ ހުއްދައެއްނެތި ވަދެވޭގޮތަށް އަނެއްކާވެސް ޖަވާހިރުވާދީ ހުޅުވާލެވުނީއެވެ. ޖަވާހިރުވާދީއަކީ އަބަދުވެސް އޭރުގެ ޑިފެންސް މިނިސްޓްރީ ވަރަށް ބިރުގަންނަ އަދި ފާރަލާތަނެކެވެ. ޖަވާހިރުވާދީގެ ފޯނުނަންބަރާއި ޑިފެންސް މިނިސްޓްރީގެ ފޯންނަންބަރުތައް ވަރަށް އެއްގޮތްވާނެއެވެ. އެއީއޮޅިގެން ވެސް ބައެއްކޯލްތައް އެމިނިސްޓްރީއަށް ލިބިދާނެކަމަށް ކޮށްފައިވާ ކަމަކަށް ވެދާނެއެވެ. ނުވަތަ އިއްތިފާގަކަށް ވެސް ވެދާނެއެވެ. އެންމެކުރިން ޖަވާރިތުވާދީއަށް ލިބުނީ، 686 އެވެ. ދެންދީފައިހުރީ، 2708 އެވެ. ދެން، 322708 އެވެ. މިހާރުވެސް ޖަވާހިރުވާދީގެ މައިނަންބަރަކީ، 3322708 އެވެ. މިނަންބަރު އަބަދުވެސްހުރީ، އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރްހޫމް ހުސައިން އިބްރާހީމް ފުޅުގެ ނަންމަތީގައެވެ. މިހާރުހުރީ އަޅުގަނޑު، އިލްޔާސް ހުސައިން އިބްރާހީމްގެ ނަންމަތީގައެވެ. ކޮންމެއަކަސް ގޭގައިހުރި އިއުލާނު ނައްޓާލައިގެން ގެންދަމުން ޕްރިސަންސްގެ މުވައްޒަފު އެއްވެސް އެއްޗެކޭ ނުބުނުއްވައެވެ.

19 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 817 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

20 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 818 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް ނިމުމަކާހަމައަށް ދަނީއެވެ. އަބްދުﷲ ހުސައިން ބޭނުންވަނީ މިމަސައްކަތް ނިމުނުހާއަވަހަށް އޭނާގެރަށަށް އަމިއްލަގޭގެ ގޭބަންދަށް ބަދަލުވާށެވެ.

21 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 819 ވަނަ ދުވަހެވެ. ގަރާޖްނިންމާލުމުގެ މަސައްކަތް ބާރަށްހިނގަމުން ދެއެވެ. އަބްދުﷲ ރަށަށް ބަދަލުވާން ޕްރިސަންސަށް ގުޅާލުމުން ސިޓީއެއް ލުމަށް ޖަވާބުގައި ބުންޏެވެ.

22 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 820 ވަނަ ދުވަހެވެ. މިއަދު ރައީސުލް ޖުމްހޫރިއްޔާއަށާއި މިނިސްޓްރީ އޮފް ޖަސްޓިސް އަށާއި ޕްރިސަންސް ޑިވިޒަނާ ހަވާލުވެ ހުންނެވި، އިސްތަފާ އިބްރާހީމް މަނިކަށް އެޑްރެސްކޮށް ވަކިވަކިން އެއިންކޮންމެ ފަރާތަކަށް ސިޓީއެއް ލިޔުނީމެވެ. މިސިޓީތައް ލިޔުމުގެބޭނުމަކީ ޓެރަރިޒަމްކުށަކީ، އަދި އެފަދަކަމެއް އެނގިހުރެ ނޭންގުމުގެ ކުށަކީ، ސިޔާސީކުށެއް ނޫންކަން ގާނޫނުއަސާސީން އަންގައިދޭތީ އެކަންފާހަގަ ކޮށެވެ. އިއްވިފައިހުރި ހުކުމްތަކުގެ ދަށުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެއް ނޫންކަން އަންގައިދިނުމަށް ލިޔުނު ސިޓީތަކެވެ. ދިވެހިރާއްޖޭގެ ރޭޑިޔޯއިންނާއި ޓީވީގެޚަބަރު ތަކުންނާއި އިއްވުނު އިއުލާނުތަކުން އަޅުގަނޑު މެންނަކީ، ސިޔާސީކުށް ވެރިންގެ ގޮތުގައި ވާހަކަތައް ބިނާކުރެވިފައި ހުއްޓާ، އަޑުއިވިފައި އެބަހުއްޓެވެ. އެހެންވުމުން މިކަންސާފުކޮށް ދިނުންއެދި ލިޔުނު ސިޓީތަކެކެވެ. މިސިޓީތަކުގައި ސިޔާސީ ކުށްވެރިންނަކީ ޓެރަރިސްޓުންތޯ ސުވާލުކޮށްފައި ވާނެއެވެ. ޓެރަރިޒަމް ގާނޫނަކީ، އަޅުގަނޑުމެން ފަދަ، ރާއްޖޭގެ އިސްލާހަށް މަސައްކަތްކުރި ވަކިބަޔަކު ހައްޔަރުކޮށް ސާބިތުކުރެވޭ ވަރަށް ސިފައިންލައްވާ އަނިޔާކޮށް ގަދަބާރުން ބަޔާންތައް ނެގުމަށް ފަހު، ރައީސް އޮފީހުން ރެއާދުވާލު މަސައްކަތްކޮށްގެން ރައްޔިތުން މަޖިލީހުން އަޅުގަނޑުމެންގެ މައްޗަށް ހުކުމް އިއްވުމަށް ހަދާފައިވާ ވަރަށްއަނިޔާވެރި ގާނޫނެކެވެ. މިގާނޫނުގެކުރިން ހިނގާފައިވާ ކަންކަމަށް ހުކުމްކުރެވޭގޮތަށް ޚާއްސަމާއްދާއެއް ލައިގެން ފާސްކޮށްފައިވާ ޓެރަރިޒަމް މަނާކުރާ ގާނޫނެކެވެ. އިލާހީޝަރީޢަތުގައި އަދި ގާނޫނީއިލްމުގައި ކުރިންހިނގާފައިވާ ކަމަކަށް ފަހުންހަދާ ގާނޫނަކުން ހުކުމެއް ނީއްވޭނެއެވެ. އެއީ ޝަރީއަތުގައި ކަނޑައެޅިފައި އޮންނައުސޫލެކެވެ. އަދި ހަމަޖެހިފައި އޮންނަ އަސާސެކެވެ. އިލާހީއަމުރުތައް ވާރިދުވެފައި ހުރިގޮތެވެ. މިއީ ގާނޫނެއްގައި ލިޔެވިފައި އޮތަސް އިއްޒަތްތެރި ފަނޑިޔާރުންނާއި ގާޒީން ހުކުމްކޮށްގެން ވާނެގޮތެއްނޫނެވެ. މިއީ މާސިންގާބޮޑު އޮޅުވާލުން ގަނޑެކެވެ. 1968 ގެ ގާނޫނުއަސާސީގައި ދެތަނެއްގައި ސިޔާސީ ކުށްވެރިންގެ ވާހަކަ އޮވެއެވެ. ފަހަރުގައި އޭގެކުރިން ބޭނުންހިފަމުން ގެންދިޔަ އަސާސީގައި ސިޔާސީކުށް ވަކިމާއްދާއަކުން ފާހަގަކުރެފިފައި އޮވެދާނެކަމަށް ލަފާކުރެވެއެވެ. ހަމަގައިމުވެސް ޓެރަރިސްޓުންނަކީ ކޮބައިކަން މީގެކުރިން ފާހަގަކޮށްފައެއް ނޯންނާނެއެވެ. އަދި ރާއްޖޭގައި އެފަދަބައެއް ލޭބަލްކޮށްފައެއް ވެސް ނެތެވެ. ސަރުކާރުން ބަލަނީ، އަޅުގަނޑުމެންނަކީ ސިޔާސީ ކުށްވެރިން ކަމުގައެވެ. ކޯޓުންނާއި ޝަރުއީނިޒާމުގެ ތެރެއިން ބަލަނީ، އަޅުގަނޑުމެންނަކީ ޓެރަރިސްޓުން ކަމުގައެވެ. ރާއްޖޭގައި އަލަށް އުފެދުނު ޓެރަރިސްޓުން ކަމަށެވެ. އެހެންވެ މިސިޓީތައް އަޅުގަނޑު މިލިޔުނީ، މިކަންތައް ސާފުކޮށް ދެއްވުންއެދިއެވެ. އަޅުގަނޑަށް އަޅުގަނޑަކީ، ޓެރަރިސްޓެއްތޯ ނުވަތަ ސިޔާސީ ކުށްވެރިއެއްތޯ އެނގެން ބޭނުންވާތީ ލިޔުނުސިޓީ ތަކެކެވެ. ރަފްކޮށް ލިޔެފައި މިސިޓީތައް މާދަމާރީތިކޮށް ލިޔުމަށްފަހު، ފޮނުވާގޮތަށް މިއަދު މަޑުޖައްސާލީ އަދި އެއްފަހަރު މާދަމާކިޔާލުމަށް ފަހު، ފޮނުވާލުމަށެވެ. މިއީ މިއަދު މެންދުރު ކުރިންކުރި މަސައްކަތެވެ. މާދަމާ މިސިޓީތައް ފޮނުވާލާނީއެވެ. މިވާހަކަތައް މަތީވެރިންނަށް ލިޔެލެވުނީމާ ވަރަށް ހިތްހަމަޖެހުނެވެ. މިސިޓީތަކުގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް އަޕްލޯޑުކުރާނަމެވެ. ރޯދަވީއްލައިގެން ނަމާދުތަކަށް ފަހު، ހަމަޖެހިލައިގެން، 9:30 އެހާކަންހާއިރު، އަޅުގަނޑު ބަންދުކުރިއިރު އަޅުގަނޑުގެ އެކުވެރިއެއް ކަމުގައިވާ، ޒަރާނާއަށް ފޯނުންގުޅާލީމެވެ. ޖަވާބުގައި ވަރަށްމަޖާކޮށް، މާޒީގެވާހަކަތައް ދެމީހުން ދެއްކީމެވެ. ޒަރާނާއަކީ، އަޅުގަނޑު ބަންދުކުރިއިރު ޖިންސުންލަތީފުންގެ ތެރެއިން، އަޅުގަނޑާ އެންމެގާތް ރަހްމަތްތެރިޔާއެވެ. ޒަރާނާއަކީ، ފާތުމައިދީއާއި ޖަންބުދޮންމަނިކަށް ލިބިލައްވާފައިވާ ދަރިކަނބަލެކެވެ. އަމީނިއްޔާ ނިންމެވުމަށް ފަހު، އޭރުއުޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއެއްގައެވެ. މަޑުމައިތިރި މަތިވެރި އަޚްލާގެއްގެ އަހުލުވެރި ހިތްހެޔޮ މިޒާޖެއްގެ ރީތިބޭފުޅެކެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އަބަދުވެސް އަޅުގަނޑުގެ މިއެކުވެރިޔާގެ މަތީންހަދާން ކުރީމެވެ. އެބޭފުޅާއަށް ހެޔޮދުއާ ކުރީމެވެ. ﷲގެ ހެޔޮރަހްމަތަށް އެދުނީމެވެ. ފޯނުން، ޒަރާނާ ވިދާޅުވިގޮތުގައި ހުރިހާކަމެއް ވެސް މުޅިން ރަނގަޅެވެ. މަންމަ އަދި ބައްޕަގެ ހާލުކޮޅުވެސް މުޅިން ރަނގަޅެވެ. އަޅުގަނޑުގެ ހެޔޮދުއާއާއި ސަލާމް ޒަރާނާގެ މަންމައާއި ބައްޕައަށް ބެނެދޭނެކަމަށް ވިދާޅުވެ މިވާހަކަތައް ނިންމާލީ ފަހުންގުޅާގޮތަށެވެ. އާދެ! އަޅުގަނޑު ބަންދުކުރީ، 1990 ވަނަ އަހަރުގެ ނޮވެންބަރ، 8 ވީދުވަހުގެރޭ ޒަރާނާމެންގެއިން ނުކުމެގެން ޖަވާހިރުވާދީއަށް އައިސްވަތްތަނާއެވެ. މިއީ މަންތިރި މަޖައްލާގެ މައްސަލައަށް ސުވާލުކުރަން ގެންދިޔަރެއެވެ. އޭރު އަޅުގަނޑު ބަލާއައިސް ޖަވާހިރުވާދީގައި ސިފައިންގެ މީހަކުހުއްޓެވެ. އަދިވެސް މިއުޅެނީ އެފަހަރު ގެންދިޔަގޮތަށް މިނިވަންނުވެއެވެ. މަންތިރި މައްސަލައިން މިކަންތައް ގަނޑަށް ބަދަލުކުރަން ވެގެން ދެދުވަހަކަށް ގޭބަންދަށް ގެންގޮސް މިނިވަންނުކޮށް ދޫނިދޫއަށް އަނެއްކާވެސް އަނބުރާ ގެނައިގޮތަށް އަދިވެސް މިހުންނަނީ އެބަންދުގައެވެ. އެރެއަށްފަހު، ޒަރާނާއައި ބަހެއް މިބުނެލެވުނީ، 820 ވަރަކަށްދުވަހަށް ފަހުގައެވެ. އުފާވިރެއެކެވެ. ކުރިޔެކޭއެއްގޮތަށް އެކުވެރިޔާގެ ވާހަކަތައް ފޯނުންނަމަވެސް އިވުމުންނެވެ. ﷲއަށް ޝުކުރުވެރި ވީމެވެ. އަލްޙަމްދުލިއްލާހި! ޒަރާނާ އަޅުގަނޑާ ދޭތެރޭގައި އެއްވެސް ނޭއްގާނީގޮތެއް އަދި ރުޅިވެރިކަމެއް ނުބަހައްޓަވައި ހަމްދަރުދީއާއެކު ވާހަކަ ދެއްކެވީމާއެވެ. އެހެނަސް ހިތުގެއަޑީގައި ހުރިއުދާސްތަކެއް ކިޔައިނުދެވިގެން އުޅުނުހެން އެވާހަކަތަކަށް ފަހުން ވިސްނާލުމުން ހީވިއެވެ. މިރޭދެން އިތުރުކަމެއްނުކޮށް އޮށޯތީނިދާށެވެ. ރޯދަމަސް ނިމޭހިސާބަށް ގޮސްފައިވާތީ ނިދާލާފައި ދަންވަރުހޭލާށެވެ. ބައެއްރޭރޭ ދަންވަރު ފަތިސްވަންދެން ހޭލާއިންނަމެވެ.

23 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 821 ވަނަ ދުވަހެވެ. މިއަދު އަވަސްވެގަތީ އިއްޔެލިޔުނު ސިޓީތައް އަލުންކިޔާލައި ރަނގަޅުކޮށްލަން ޖެހޭތަންތަން ރަނގަޅުކޮށްލާއި ރީތިކޮށްލިޔާށެވެ. މެންދުރުކުރިން މިކަންތައް ނިންމާލުމަށް ފަހު، މިސިޓީތައް ޕްރިސަންސް ޑިވިޒަނަށް ހަވާކުރީމެވެ. ރައީސް މައުމޫނުގެ ސިޓީއާއި ޖަސްޓިސްގެ ސިޓީއެފަރާތްތަކަށް ރައްދުކޮށް ދެއްވުންއެދިއެވެ. މާދަމާއަކީ ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ އީދުލްފިތްރި ދުވަހެވެ. ރޭގަނޑު، 9:00 އެހާކަންހާއިރު ޕްރިސަންސުގައި އުޅުއްވާ ނަސީރު، އެތާނގެބަހުގައި ޖަވާހިރުވާދީއަށް އައިސް، އަޅުގަނޑުގެ ކޮއްކޮ އަލީރަޝީދު ހުސައިން ޕްރިސަންސަށް ގެންދިޔައެވެ. މިކަމާގުޅިގެން މަގުމައްޗަށް ނުކުތްއިރު މިވޭނުގައި މަޖީދުގޭ ޓިއުޝަންކްލާސް ހިންގަވާ މަޖީދުސަރ އާއި މ.ލިލަކް އާދަމްފުޅު އެވޭނުގެ ތެރޭގައި އިންނެވިއެވެ. މިވެރިން މިގެންދަނީ، ކުޑައީދުގެ މުނާސަބަތުގައި މިނިވަންކޮށް ދޫކޮށްލަންކަން އެނގުނެވެ. މިތިންމީހުން ޕްރިސަންސަށް ގެންގޮސް ވާހަކަދައްކާލައި ހެދުމަށްފަހު، ރައީސް މައުމޫނުގެ ހެޔޮފުޅުކަމުން މިނިވަންކޮށް ދެއްވީކަން އަންގައި ދޫކޮށްލީއެވެ. މާގިނައިރުތަކެއް ނުވެ، މިނިވަންވެގެން އަލީގެއަށް އަތުވެއްޖެއެވެ. އުފާވެރިރެއެކެވެ. މަންމަވަރަށް އުފާކުރެއްވި ރެއެކެވެ. އެނެއްކާވެސް ބަޔަކަށް މިނިވަންކަން ލިބުނީއެވެ. އަދި ހަމަމިރޭ މ.އޮމަދޫ އިލްޔާސް އަބްދުއްﷲ ވެސް މިނިވަންކޮށް ދޫކޮށްލެއްވިއެވެ. މިއެންމެން މިރޭމިނިވަން ވީއެވެ.

24 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 822 ވަނަ ދުވަހެވެ. މިއަދަކީ ކުޑައީދު ދުވަހެވެ. ރޭގަނޑު ވަގުތެއްގައި ނައްޓުގެ މަންމަ މުނީރާ، އަޅުގަނޑާ ބައްދަލުކޮށްލަން މިގެއަށް ދުރުވިއެވެ. މުނީރާއަކީ، އޮގަރުމުހަންމަދު ފުޅުގެދޮށީ އަނބިކަނބަލުންނެވެ. ނައްޓުއަކީ، އަޅުގަނޑުގެ ޒަމާންވީ ފްރެންޑެކެވެ.

25 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 823 ވަނަ ދުވަހެވެ. މީގެދެތިން ދުވަހެއްކުރިން، ޒަކަރިއްޔާޖަމީލްގެ ދަރިފުޅު ސައުދުއްﷲ ޖަމީލް (ބޮންޑު) މިނިވަންކޮށް ދޫކޮށްލި ޚަބަރުލިބުނެވެ. ބޮންޑު މިދޫކޮށްލީ ހުކުމެއްނީއްވާ މިވީހާތައް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުގައި ކަމަށްވެއެވެ.

26 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 824 ވަނަ ދުވަހެވެ. އަދިވެސް ހުންނަނީ ރޯދައަށެވެ. ޝައްވާލުމަހުން، 6 ރޯދަފުރިހަމަ ކުރުމުގެ ނިޔަތުގައެވެ.

27 މާޗް 1993 ވިހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 825 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް މުޅިންހެން ނިމިއްޖެއެވެ.

28 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 826 ވަނަ ދުވަހެވެ. ގޭގައިހުރި އިއުލާނު ނަންގަވައިދެއްވާއި ކޮއްކޮ އަލީރަޝީދު ހުސައިން މިނިވަންކޮށް ދޫކޮށްލަދެއްވިތީ ޝުކުރުދަންނަވައި ރައީސް މައުމޫނަށް މިއަދު ސިޓީއެއްލިޔެ ޕްރިސަންސަށް ރައްދުކޮށް ދެއްވުންއެދި ލީމެވެ.

29 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 827 ވަނަ ދުވަހެވެ. މިއަދަކީ، 6 ރޯދަހަމަވާ ދުވަހެވެ.

30 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 828 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދަވެރިންގެ އީދުދުވަހެވެ. ބަރާބަރަށް ހަރޯދަހިފީމެވެ. އަދި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރަމަޟާން މަހެއްގެ ހަރޯދަހިފުމަށް ހިތުގެއަޑިން ނިޔަތްގަނެ އަޒުމް ކަށަވަރުކުރީމެވެ. އަދި އެއްވެސް ނަމާދެއްނާޅާ މުޅިއުމުރުގައި ދެމިހުރުމަށް ހިތުގެއަޑިން ނިޔަތްގަނެ އަޒުމްކަށަވަރު ކުރީމެވެ. މިއަދު އަސުރުނާމާދަށް ފަހު، ﷲ އަށް، މިއަޅާގެ މުޅިއުމުރުގައި ރަމަޟާންމަހުގެ ފަރުޟުރޯދައާއި ޝައްވާލުމަހުން، 6 ރޯދަހިފުމުގައި ދެމެހެއްޓެވުމަށް އެދި ދުއާދެންނެވީމެވެ. މިއީ، ﷲއަށް އަޅުގަނޑުވީ ވައުދެކެވެ. އޭ! ﷲ އެވެ! މިދެއަޅުކަމުގެ މަތީގައި މިއަޅާމުޅިއުމުރަށް ދަމަހައްޓަވާށިއެވެ! އާމީން!

31 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 829 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އާދައިގެމަތީން ގޭގައިހުރީއެވެ. މިއަދު ކޮޅުބުގައިހުންނަ އީރާނުގެ އެންބަސީން އަޅުގަނޑާ ގުޅިއެވެ. އެއީ އެއެންބަސީގައި ކަލްޗަރަލް އެޓާޗޭއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަޅުގަނޑުގެ ރަހްމަތްތެރިޔާ އައްސައްޔިދު ސާބިގީ ރާއްޖެއަށް މިއަދުގެ ވަގުތެއްގައި ވަޑައިގަންނަވާތީއެވެ. މީނާއަކީ ކުރީގައި އެންބަސެޑަރަކަށް ހުންނެވިބޭފުޅާ އަޅުގަނޑާ ރައްޓެހިކޮށް ދެއްވި ބޭފުޅެކެވެ. އަދި މާލެއަށް މިވަޑައިގަންނަވަނީ ފުރަތަމަ ފަހަރަށެވެ. އަޅުގަނޑު ސިޔާސީ ބަންދެއްގައި ހުރިކަމާއި އެހެނަސް އަޅުގަނޑުގެ ރަހްމަތްތެރިއެއް ކަމުގައިވާ ސިޔާސީބޭފުޅެއް އެއާޕޯޓަށް މަނިކުފާނާ ބައްދަލުކުރުމަށް ފޯނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އޭނާގެނަމަކީ، މިސްޓަރ އާދަމްތަޝީދު އަހްމަދު ކަމާއި އޭނާގެ ނަންބަރުވެސް އެންބަސީއަށް އެރުވީމެވެ.

1 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 830 ވަނަ ދުވަހެވެ. މިއަދު، ހަންދުއާއިބިގޭއާ ބައްދަކުކުރުމަށް، މަންމައާއި އިބުރޭއާއި އަލީ ގާމާދޫޖަލަށް ދިޔައެވެ. އެދެމީހުންގެ ހާލުރަނގަޅެވެ. ޖަލުގެ ކަންތައް ރަނގަޅުކަމުގެ ޚަބަރުގެނެސްދިނެވެ.

2 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 831 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭގައިހުރީއެވެ.

3 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 832 ވަނަ ދުވަހެވެ. މިއަދުމަންމަގެ ނަމުގައި ރައީސް މައުމޫނަށް، ހަންދުއާއިބިގޭ ގެއަށްބަދަކު ކޮށްދެއްވުންއެދި ސިޓީއެއްލިޔެ ރައީސްއޮފީހަށް ފޮނުވާލީމެވެ.

4 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 833 ވަނަ ދުވަހެވެ. މިއަދަކީ، އަޅުގަނޑުގެ ރަހްމަތްތެރިޔާ، އައްސައްޔިދު ސާބިގީ މާލެއިން ފުރާވަޑައިގަންނަވާ ދުވަހެވެ. ގޭގައި އިއުލާނުނެތް ނަމަވެސް އޭނާއަޅުގަނޑުގެ ގެއަށް ގެނައުމަށް ދައުވަތު ނާރުވަމެވެ. މާލޭއެއަރޕޯޓުން ގ.ތަލްވާރުގޭ އަދާމަރަޝީދު، ސާބިގީއާ ބައްދަލުކުރެއްވި ގޮތަށްއޭނާ މާލެއިންފުރާ ވަޑައިގަންނަވަންދެން އޭނާއަރިހުގައި އަޅުގަނޑުގެ ފަރާތުން އުޅުއްވިއެވެ. އާދަމްރަޝީދު އެއަރޕޯޓުން އަޅުގަނޑާގުޅިއެވެ. އަދި ސާބިގީއާ އަޅުގަނޑު ވާހަކަދެއްކީމެވެ. އެއަރޕޯޓުން މާލެދުރުވެ އާދަމްއައީ އަޅުގަނޑުގެ ގާތަށެވެ. ޖަވާހިރުވާދީއަށެވެ. އަޅުގަނޑަށް ސާބިގީ ގެނެސްދެއްވާފައިހުރި ބައިވަރު ހަދިޔާ އަޅުގަނޑަށް ގެނެސް ދެއްވިއެވެ. އޭގެތެރޭގައި ފޮނިތޮށި ކޮތަޅަކާއި ކަރަންފޫކޮތަޅަކާއި ވަރަށްރީތި ޚަތިމަކާއި ފާރުގައި ބަހައްޓާލޯގަނޑެއް ހިމެނެއެވެ. މިތަކެތި، އާދަމް އަތުގައި އަޅުގަނޑަށް ފޮނުއްވިއެވެ. މިލޯގަނޑު އަދިވެސް އަޅުގަނޑުގެ ކޮޓަރީގެ ފާރުގައި ހުންނާނެއެވެ. މަންތިރިޗާޕްކޮށް މާލެގެނައުމުގައި ސާބިގީއަކީ ވަރަށްއެހީތެރި ވެދެއްވި ބޭފުޅެކެވެ. އަދި ރޭގަނޑު ވަގުތެއްގައި އަބްދުﷲ ހުސައިން ރަށުގެ ގޭބަންދަށް ބަދަލުކޮށް ދެއްވާތޯއެދިފައިވާތީ، އެކަންހަމަޖެހިގެން ފުރުވާލުމަށް ގެންދިޔައެވެ. އިރުކޮޅަކު ޕްރިސަންސްގައި ބޭންދުމަށްފަހު، ގެންގޮސްބޯޓަށް ލީއެވެ. އަބްދުﷲ ހުސައިނުގެ ރަށުގޭގައި ވެސް އިއުލާނު ބަހައްޓާނެކަން އެންގިއެވެ. އަދިރޭގެ ވަގުތެއްގައި މ.ހުދުއަސުރުމާގެ މުހަންމަދުއާދިލް ޕްރިސަންސަށް ގެންގޮސް، މިނިވަންކޮށްމ ދޫކޮށްލީ، އަބްދުﷲ ހުސައިން އެއޮފީހުގައި އިންދައެވެ. މިޚަބަރު ވަގުތުން އަޅުގަނޑުމެންނަށް ޖަވާހިރުވާދީއަށް ލިބުނެވެ.

5 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 834 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ގިނަވަގުތު ހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތެވެ.

6 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 835 ވަނަ ދުވަހެވެ. މިއަދުވެސް ގިނަވަގުތުހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތުގައެވެ. ބޭރުގައި ހުންނެވިބޭފުޅެއްގެ އެދުމަކަށް ޖަލުގެޚަބަރުތަކާއި އެމައުހައުލުގެ ކަންތައްހުރިގޮތުގެ ރިޕޯޓެއް ހެދުމުގެ މަސައްކަތުގައެވެ.

7 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 836 ވަނަ ދުވަހެވެ. މިއަދު މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލީސިޓީގެ ޖަވާބު ދެއްވިއެވެ. ވިދާޅުވެފައިވަނީ، “ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުހުށަހެޅުމުން އެދިރާސާކޮށްފައިނޫނީ ފުރިހަމަ ޖަވާބެއް ދެވޭކަށްނެތް” ކަމަށެވެ. މިއީ ސިޔާސީކުށް ވެރިއެއްތޯ ނުވަތަ ޓެރަރިސްޓެއްތޯ ކަނޑައަޅައި ދެއްވުމަށް ލީސިޓީގެ ޖަވާބެވެ. އަޅުގަނޑު ބޭނުންވަނީ، ސަރުކާރުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެކޭ ރަސްމީކޮށް ލިޔުމުން ބުނުވާށެވެ. މިޖަވާބަކީ، ވަރަށް ރޭވުމަށްފަހު ދެއްވި ސިޔާސީ ޖަވާބެއްކަން ކަށަވަރެވެ. މިރޭ، 10:30 އެހާކަންހާއިރު ހަމަޖެހިލައިގެންއޮވެ، ދެވަނަ ފަހަރަށް، ޒަރާނާއާ ގުޅީމެވެ. ތަންކޮޅެއް ގިނައިން ވާހަކަދައްކާ ލުމުގެ ނިޔަތުގައެވެ. ވަރަށްދިގުކޮށް ވަރަށްގިނަ ވާހަކަދެއްކުމަށް ފަހު، އިލްޔާސަށް ވީނުވީގޮތެއް ނޭގުނީމާ މިހާރުމިއުޅެނީ، މ.ރަތްވިލާގޭ އަހްމަދުއާސިފު ކިޔާކުއްޖަކާ ރަށްޓެހިވެގެން އިންނާށޭ ބުންޏެވެ. މިހާރުއޮތީ އިންނާނެ ދުވަހެއް ކަނޑައެޅި ހުރިހާކަމެއް ހަމަޖެހިފައި ކަމަށް ބުންޏެވެ. މިވަގުތަކީ އަޅުގަނޑުގެ ހިތުތެރެއަށް އެހެންކަހަލަ އިހްސާސްތަކެއް ވަދެގެންދިޔަ ހިނދުކޮޅެކެވެ. އަސަރުތަކެއް ކުރިއެވެ. އަދިކުރީރޭގުޅީމައި އިލްޔާސް ކައިރީގައި އެވާހަކަބުނަން ނުކެރުނީ ކަމަށް ބުންޏެވެ. މިކަމުގައި ޒަރާނާގެ ގޯހެއްނެތްކަން އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑަކީ ޒަރާގެ ރަހްމަތްތެރި އެކެވެ. ގާތްއެކުވެރިއެކެވެ. ލޯބިވެރިއެއް ނޫނެވެ. އަދި އިންނަންއުޅޭ ކުއްޖަކީ، މަޖީދީމަގު، 70 ނަންބަރު ފިހާރައިގެ ވެރިމީހާގެ ދަރިފުޅެއްކަން ބުނެދިނެވެ. މިހާރު ގިނަވަގުތުގައި ސޭޓަކަށް އިންނާނީ އާސިފުކަމަށް ބުނެދިނެވެ. މިކުއްޖަކީ، ރަތްވިލާކަޅުބެގެ ދަރިފުޅެކެވެ. މިމީހުންނަކީ، އަޅުގަނޑުގެ މާމަފުށުން، ތ.ކަނޑޫދޫ ފަޅިން، އަޅުގަނޑު މެންނާތިމާގެ ބައެކެވެ. ކަޅުބެއަކީ އަލިބެ (އަލީއަބްދުﷲ) ގެ މަންމަދައިތައާ ވަރަށް ތިމާގެމީހެކެވެ.

8 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 837 ވަނަ ދުވަހެވެ. ގިނަވަގުތު ހޭދަކުރީ ލިޔުމުގައެވެ.

9 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 838 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ.

10 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 839 ވަނަ ދުވަހެވެ. މިއަދު އެޑޮލްފްހިޓްލަރ ވައްތަރުގެ މަތިމަސްބާލާއި ތުނބުޅިވެސް އެކުގައި ބާލާލީމެވެ. ހުންނަވަށްތަރު ބަލާލާށެވެ. މިއަދު މިގޮތަށްހުރެ ފޮޓޯނެގީމެވެ.

17 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 846 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހުކުރި މަސައްކަތަކީ މުޅިންވެސް ލިޔެކިޔުމުގެ މަސައްކަތެވެ. މިއަދުހަވީރު ތުރުކީގެ ރައީސް ތުރުގަތްއޮޒާލޭ އަވަހާރަވެގެން ރާއްޖޭގައި އެކަމުގެ ހިތާމަ ރަސްމީކޮށް ފާޅުކުރުމަށް ނިންމެވި ޚަބަރުރޭޑިޔޯއިން އިވުނެވެ.

18 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 847 ވަނަ ދުވަހެވެ. ތުރުގަތް އަވަހާރަވުމާ ގުޅިގެން އެމުނާސަބަތުގައި މިއަދަކީ ރަސްމީބަންދު ދުވަހެކެވެ.

19 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 848 ވަނަ ދުވަހެވެ. އިއްޔެއާއިމިއަދު އަދި މާދަމާ ދިވެހިދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާއި އެކަންކުރެއްވި ޚަބަރުރޭޑިޔޯއިން ކިޔެވެ. މިކަންތައް ސަރުކާރުން ކުރެއްވީ އިސްލާމީ ގައުމެއްގެ ރައީސަކަށް ތުރުގަތްއޮޒާލޭ ވާތީއެވެ.

20 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 849 ވަނަ ދުވަހެވެ. މިއަދު މަންމައާއި އިފްހާމާއި އަލީއާއި އަންދިއާއި ނީޝާން، މިއެންމެން ބ.އޭދަފުށީގައި ތިބެފައި ގެއާގުޅިއެވެ. އަޅުގަނޑު ވެސް ވާހަކަދެއްކީމެވެ. މާދަމާމާލެއަށް އަންނަވާހަކަ ބުންޏެވެ. މިއީ މަޖަލަށް އަންދިއާއެކު އަންދިގެ ރަށަށްކޮށްލި ދަތުރެކެވެ.

21 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 850 ވަނަ ދުވަހެވެ. ގަވައިދުން ކަސްރަތުކުރަން އާދަވެފައިހުރީމާ ކަސްރަތު ކުރުމުގެ އާދަހިފާފައި ހުރުމުން، ގޭގައިވެސް ކަސްރަތު ކުރަންފަށައިފީމެވެ. ކުރިންވިއްޔާ ގަރާޖްހެދުމުގެ މަސައްކަތުގައި އުޅޭތީވަރަށް ކަސްރަތު ލިބެއެވެ. އެހެނަސް މިހާރު އަބަދުވެސް ލިޔެކިޔުމުގެ މަސައްކަތުގައި އަބަދުއިށީނދެ އިންނާތީ ވަރަށް ކަސްރަތު ބޭނުންވެއެވެ. އެދުވަސްވަރު އަބަދުވެސް ގިނައިން އަޅުގަނޑު ކޮށްއުޅެނީ ޔޯގާގެ ކަސްރަތުތަކެވެ.

22 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 851 ވަނަ ދުވަހެވެ. ފަތިސް ނަމާދަށްފަހު، ކަސްތަރުކުރީމެވެ. ބޮޑަށް ބޭނުންކުރީ ޔޯގާގެ ވަށްތަރުތަކެވެ.

23 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 852 ވަނަ ދުވަހެވެ. އާދައިގެ މަތިން ދިޔަދުވަހެކެވެ.

24 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 853 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރީ “މަންގަތަލައް ސާދާތު” މިފޮތްކިޔުމުގައެވެ. މިއީ މިސުރުގެ ނޫސްވެރިޔަކު، ސާދާތު މަރާލިމީހުން ޖަލުގައިތިބި ދުވަސްވަރު އެމީހުންނާކުރި އިންޓަރވިއޫތަކުގެ މައްޗަށް އަރަބިބަހުން ލިޔެފައިވާ ފޮތެކެވެ. ޚާލިދު އިސްލާމްބޫލީ އޭކިޔުނު ޒުވާންސިފައިންގެ އޮފިސަރެއް ސާދާތުމަރާލުމަށް ނިޔަތްގަނެ އެކަންތައް ތަންފީޒުކުރުމަށް މަސައްކަތްފެށި ދުވަހަކީ، އަންވަރުއްސާދާތު އިޒުރޭލުމީހުން އަރަބިންގެ އަތުން، ގަދަކަމުން ފޭރިގަނެ، އަތުލައިގަނެގެން އުޅޭއިސްރާއީލުގެ ބިމަށް ޒިޔާރަތްކޮށް ޔަހޫދީންނާއެކު ގުޅުންއެފެއްދި ދުވަހުން ފެށިގެންނެވެ. ޚާލިދުބުނެފައިވާ ގޮތުން، އޭނާ މިކަންތައް އަމަލީސިފައަކަށް ގެނައުމަށް ނުކުތީ، ﷲއަށް ދުއާދެންނެވުމަށް ފަހު، ޖިހާދުކުރުމުގެ މަތިވެރި ނިޔަތުގައެވެ. އަދި މިމަސައްކަތައް ދުވަހުން ދުވަހަށް ދިޔައީ މަގުފަހި ވަމުންކަމަށް އޭނާއަށްހަވާލާދީ މިފޮތުގައި ލިޔެފައި ވެއެވެ. އެންމެފަހު ދުވަހު، އަންވަރުއްސާދާތު މަރާލެވުނު، ޕެރޭޑަށް ނުކުތްއިރު ޚާލިދާއި އޭނާގެ އެކުވެރިން، ދިރޭވަޒަންތަކާއި އަމާޒަށް ޖަހަން ބޭނުންކުރާބަޑި ފޮރުވާފައިއޮތް ޖީޕުފާސްކޮށް ބެލިއިރި އޭނާއިނީ، ﷲއަށް ދުއާކުރުން މަތީގައި ކަމަށްއޭނާ ނޫސްވެރިޔާއަށް ބުނެދީފައިވާ ކަމަށް އެފޮތުގައި ލިޔެފައިވެއެވެ. އަދި ޚާލިދުގެ އަތުލިޔުންތައް އެފޮތުގައި ފޮތްލިޔުނު ނޫސްވެރިޔާ ހިމަނާފައިވެއެވެ. އެޖީޕަށް ފާސްކުރަންއެރި ސިފައިން ޖީޕުތެރެ ފާސްކުރުމުގެ ގޮތުން ބަލާލައިފާ އެނބުރިދިޔައީ ޚާލިދަށް އުފާވެރި ދުވަހަކަށް އެދެމުންނެވެ. އަދި އޭނާ މިޕެރޭޑަށް ނުކުތުމަށް ސިފައިންގެ ކޭމްޕަށް އައިމަގުމަތީގައި އޭނާގެޖީބުގައި އެންމެފަހުންހުރި ފައިސާކޮޅު ފަގީރަކަށް ސަދަގާތްކުރުމުން އެނިކަމެތި މީހަގެދުއާއަކީ، ވެސް ޚާލިދު ތިޔަކުރާ މަސައްކަތުގައި، ﷲ ބަރަކާތް ލެއްވުމެވެ. ޚާލިދަށް، ﷲ ކާމިޔާބު ކުރައްވާށިއެވެ!

25 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 854 ވަނަ ދުވަހެވެ. މިއަދު ސިސިލްފަރު ނައްޓުއާ ގުޅައިގެން ވަރަށްގިނަ ވާހަކަތައް ދެއްކީމެވެ. މިގެއަށް ޖައްސާލާނަމޭ ނައްޓު ބުންޏެވެ.

26 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 855 ވަނަ ދުވަހެވެ. ފަތިސް ނަމާދަށް ފަހު، ގަވައިދުން ކޮންމެ ދުވަހަކުވެސް ޔޯގާކަސްރަތު ބުރެއްބާއްވަމެވެ. މިހާރު މިކަންތައްވަނީ އަނެއްކާވެސް އާދަޔަކަށް ވެފައެވެ.

27 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 856 ވަނަ ދުވަހެވެ. ތައްޔާރުކުރި ޖަލާބެހޭރިޕޯޓު މުޅިންނިންމާފަ ރީތިކޮށްލިޔެފަ ރައްދުކުރަން ޖެހޭފަރާތާ މިއަދުހަވާލު ކުރީމެވެ. އެއީ ވަރަށް ފުރިހަމަ ރިޕޯޓެކެވެ. އެމްނެސްޓީ އިންޓަރނޭޝަނަލަށް މިރިޕޯޓު ލިބޭނެކަން ޔަގީނެވެ. ވަރަށްބޮޑު މަސައްކަތެއް ފުރިހަމަކޮށް ނިންމާލެވުނީއެވެ. މިރިޕޯޓުގައި އަޅުގަނޑަށް ޖަލުންފެނުނު މަންޒަރުތަކާއި އަޅުގަނޑުމެންނަށް ދެއްކިއަޒާބުތަކާއި އިންސާނިއްޔަތާ ޚިލާފަށް ކުރިހުރިހާކަމެއްގެ ވާހަކަތައް ހިމަނާފައި ހުންނާނެއެވެ. އަޅުވަން ގެންގުޅުނު ބިޑިތަކުގެ ފޮޓޯތަކާއި އަނދަގޮނޑީގެ ބާވަތްތަކުގެ އަތުކުރެހުންތައް ވެސް ހުންނާނެއެވެ. މިކުރެހުންތައް މިހާރުވެސް އަޅުގަނޑު އަތުގައިއޮންނަ “ކަނޑުފަޅު ފީނުމަށް ފަހު” މިފޮތުގައި ނޯޓުކޮށް، އަތުންލިޔެފައި އަދި މަންޒަރު ކުރަހާފައި ހުންނާނެއެވެ. މިއީ ބައެއްނޯޓުތައް ނޯޓުކުރުމަށް ޖަލުގައި ގެންގުޅުނު ތަންކޮޅެއް ބޮޑުފޮތެކެވެ. މިބައިތަށް މިފޮތަށްނެގީ ގޭގައިހުރި ދުވަސް ވަރުގައެވެ. ގެއަށް ބަދަލުކުރީ، އެއްވެސްކަހަލަ ފާސްކުރުމަކާ ނުލާކަމުން މިފޮތް އިސްތަފާމެންނަށް ފެނިފައެއް ނުވާނެއެވެ. މިފޮތުގައި މުހިންމުނޯޓުތައް ލިޔަންފެށީ ޖަލުގައި ހުރެގެންނެވެ.

28 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 857 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް އަޅުގަނޑުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުލިބުން ލަސްވެގެންދާތި އަވަސްކޮށް ދިނުންއެދި ސިޓީއެއް ލިޔުނީމެވެ. މިރިޕޯޓުދިނުން ލަސްކުރަމުން ގެންދަނީ ގަސްދުގައެވެ. އަޅުގަނޑު ކުރިންލީ ސިޓީއަށް އިސްތަފާ ދެއްވާފައިވާ ޖަވާބަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމުން އެރިޕޯޓަށް ބަލާފައި ޖަވާބެއްދޭނެ ކަމަށެވެ. މިޖަވާބު ލިބުނުދުވަހު އަޅުގަނޑުވާނީ މިރިޕޯޓު ލިބުން ލަސްވެގެން ދާނެކަން ޔަގީންކޮށްފައެވެ. އަދި އުދަގުލުންނޫނީ ނުލިބޭނެ އެއްޗެއްކަން އަޅުގަނޑަށްވަނީ ކަށަވަރު ވެފައެވެ. މިއީ އިސްތަފާމެން އިސްކޮށް ތިއްބަވައިގެން ކޯޓުތަކާގުޅިގެން ހިންގާހީލަތްތެރި ޖަރީމާތަކެވެ. އިންސާނުންގެ ހައްގުތަކަށް އަޅުއްވަމުން ގެންދަވާ ހުރަސްތަކެވެ. މިކަހަލަ ހީލަތްތަކަށް އަޅުގަނޑުދީފައިވާ ނަމަކީ، އަމިއްލައަށް އުފައްދައިގެންއުޅޭ “ޝަރުއީޙީލަތް” ތަކެވެ. ރައްޔިތާއަށް އަނިޔާކުރުމަށް ހީލަތްތެރިކަން ބޭނުންކޮށްގެން ރާވާނުލަފާ ކަންތެކެވެ. ނުސީދާ އަނިޔާއެވެ.

29 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 858 ވަނަ ދުވަހެވެ. މިއަދު ބިގޭގެސިޓީއެއް ޖަލުން މަންމައަށް ލިބުނެވެ. އެސިޓީގައި ބިގޭލިޔެފައިވަނީ، ދޮޅުމަސް ދުވަހަށް، ރ.ކިނޮޅޮހަށް ދިވެހިބޭސް ފަރުވާކުރުމަށް ފޮނުވައިދޭ ގޮތަށް، ޕްރިސަންސުން ހުއްދަދެއްވި ވާހަކައެވެ. މިގޮތަށް ހުއްދަދެއްވީ ބިގޭސިޓިއަކުން އެކަމަށް އެދިގެންކަމަށް ލިޔެފައިއޮތެވެ. މިސިޓީލިބުމުން މަންމައާއި އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވިއެވެ. ފުރުމުގެކުރިން އެއްދުވަހަށް ގެއަށް ގެނެސްދޭނެ ކަމަށްވެއެވެ. ދަތުރުތައްޔާރު ކުރުމަށްފަހު، ޕްރިސަންސަށް އެންގުމުން އެކަންހަމަޖައްސައި ދެއްވާނެކަމަށް ވެއެވެ. ކޮންމެއަކަސް މިއީ އަޅުގަނޑުމެންނަށް ލިބުނު އުފަލެކެވެ. މަންމައާއި މާމަ ވަރަށް އުފާކުރި ކަމެކެވެ.

30 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 859 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

1 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 860 ވަނަ ދުވަހެވެ. މިއަދަކީ މެއިޑޭއެވެ. މަސައްކަތްތެރިންގެ ދުވަހެވެ. ދުނިޔޭގެ އެތަންމިތަނުގައި މިކަންފާހަގަކުރި ޚަބަރުތައް ރޭޑިޔޯއިން އަހާއި ޓީވީންބެލީމެވެ.

2 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 861 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

3 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 862 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ކޯޓުނަންބަރު ހައަކުން ފޯނުކޮށްފައި ޝަރީއަތް ނިމުނުގޮތުގެ ރޮޕޯޓުހަވާލު ކުރަން ބޭނުންވާތީ، އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް ދީފައިމީހަކު ކޯޓަށް ފޮނުވުމުން، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުތިޔަފަރާތަށް ރައްދު ކުރުމަށް ޕްރިސަންސަށް ފޮނުވޭނެ ވާހަކަބުންޏެވެ. ހަމައެވަގުތު މީހަކުލައްވާ ރެވެނިއު ސްޓެންޕެއް ގަނެފައި ކޯޓާހަވާލުކުރުމުން އެރިޕޯޓު ޕްރިސަންސް މެދުވެރިކޮށް އަޅުގަނޑަށް މިއަދުގެ ވަގުތެއްގައި ލިބުނެވެ. ރިޕޯޓުގެނެސް އަޅުގަނޑާ ހަވާލުކުރީ ޕްރިސަންސުންނެވެ. މިރިޕޯޓަކީ ސަލްޓަންޕާކްގައި ގޮއްވާލިކަޓޫރަ ބޮމުގެ ކަންތައް އެނގިހުރެ ނާންގައިގެން އިއްވިހުކުމުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓެވެ. މިރިޕޯޓު ބައްލަވާލައްވާށެވެ. މިއީވަރަށް ދިގުއެއްޗެކެވެ. އެހެނަސް ސައިޓަށް ލެވޭތޯބަލާނަމެވެ. މިއަދުމެންދުރު ވަގުތެއްގައި ބިގޭ ގެއަށްގެނައެވެ. ރ.ކިނޮޅަހަށް ދިވެހިބޭސް ކުރުމަށް ފުރުވާލުމަށެވެ. މިރޭފަތިހު ފުރާދޯންޏަކުން ބިގޭފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެދޯންޏަކީ، ރ.ކަނދޮޅުދޫ ޒާހިރުބޭގެ ދޯންޏެވެ. އިރުއޮއްސެނިކޮށް ކަނދޮޅުދޫން، ޒަހީނުބޭ މާލެއަށް ދުރުވިއެވެ. ބިގޭއާއެކު މަންމަވެސް ގޮވައިގެން ކިނޮޅޮހަށް އެމީހުން ލާންދިއުމަށެވެ. ޒަހީނުބޭ އަންނަމުން އަޅުގަނޑު ބުނެގެން ދެއަސާގަނޑު ވަޑިއަކުލައްވާ ހައްދައިގެން ގެނެސްދިނެވެ. މިއީ އަޅުގަނޑުގެ އުނަގަނޑަށް ތަދުވާތީ، ހިންގާއިރު ބޭނުންކުރުމަށް ހޯދިއެއްޗެކެވެ. ޖަލުގައި ހުރިއިރު، އެދުވަސްވަރު ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަގެ އަސަރުތައް މިހާރުވެސް ހުރެއެވެ. ވިއްސާރަވެ ފިނިވީމާ އުނަގަނޑަށް އަމިއްލައަށް ތަދުއަރައެވެ. ދުރަށް ހިނގާބިނގާވެ އުޅެންޖެހެނީ އަސާގަނޑެއްގެ އެހީގައެވެ. އޭގެއެހީގައެވެ. އޭރުން ތަންކޮޅެއް ނަމަވެސް ފަސޭހަވާހެން ހީވާތީއެވެ. މިދެއަސާގަނޑުގެ ދެކޮޅުގައި ފިލިއަޅުވާލައި ރީތިކޮށްލީއެވެ. މިކަންކޮށް ދެއްވީ، މ.ޖަވާހިރުވިލާ ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އަޅުގަނޑުމެން އެންމެންބަންދު ވުމުން ޖަވާހިރުވާދީ ގައިހުރި ބައިސްކަލް މަރާމާތުކުރާ ގަރާޖުހިންގައިދިނީ ހޫއްޓޭއެވެ. ފަހުން، ހޫއްޓޭއެދުނު ގޮތެއްގެ މަތިންއެއްބަސް ވުމަށްފަހު، މިގަރާޖް އޭނާގެގެއަށް ޖަވާހިރުވިލާއަށް ބަދަލުކުރުމުގެ ހުއްދަދިނީއެވެ. މިހާރުއެގަރާޖަކީ ޖަވާހިރުވިލާ ގައިހުންނަ ހޫޓެކްގަރާޖެވެ. ހޫއްޓޭއަކީ އަޅުގަނޑުމެންގެ ބޮޑުދައިތަގެ ދަރިފުޅެކެވެ. ހޫއްޓެ މިދެއަސާގަނޑު ވަރަށްރީތިކޮށް ދެކޮޅުގައި ފިލިތައްލުމަށް ފަހު، ވަރުނީސްކޮށް ހަދައިދިނެވެ.

4 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 863 ވަނަ ދުވަހެވެ. މިއަދު ވަރަށްފަތިހުގެ ވަގުތެއްގައި ބިގޭ ފުރުވާލެވުނެވެ. ބިގޭއާއެކު މަންމައާއި ޒަހީނުބޭ ކިނޮޅޮހަށް ދިޔައެވެ. ދިވެހިބޭސްވެރި ކަމަށެވެ. ބިގޭއަށް ވެސް ބޮޑުމިނިވަން ކަމެއް ލިބުނީއެވެ.

5 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 864 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. ގޭގައި ކުޑަގޮތަކަށް މިކަންފާހަގަ ކުރިއެވެ. އުމުރުން ބަރާބަރު، 36 އަހަރުފުރުނީއެވެ. އެންމެ މުހިންމު ދުވަސްވަރު މިދިޔައީ ޖަލުގައެވެ. އެހެނަސް އެކަމާހިތާމަކޮށް ދެރައެއް ނުވެއެވެ. މިއީ ދިވެހިގައުމަށާއި ދިވެހި ރައްޔިތުންނަށްޓަކާ ކުރެވުނު ޖިހާދެއްކަން އަޅުގަނޑު ހިތުގެއަޑިން ވަރަށް ރަނގަޅަށް ގަބޫލުކުރަމެވެ. މީހަކަށް، މީހެއްގެ މުދަލަކަށް، އެއްޗަކަށް ގެންލުންދީ ވައްކަންކޮށް ފޭރިހަދާއިގެން ލިބުނު އަނިޔާއެއް ނޯންނާނެއެވެ. ކޮރަޕްޝަނެއް ނޯންނާނެއެވެ. އަޅުގަނޑަކީ، ވަރަށް ސާފުސީދާ ގައުމީޚިދުމަތުގައި ދެމިހުރިމީހެކެވެ. އަބަދުވެސް އަމަލު ބަހައްޓަފައި ހުންނާނީ ރައްޔިތުންގެ ހައްގުތައްދިފާއު ކުރުމަށެވެ. އިސްލާމްދީނަށާއި ދިވެހިރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. އާދެ! އަޅުގަނޑު އުފަންވީ، 5 މެއި 1957 ގައެވެ.

6 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 865 ވަނަ ދުވަހެވެ. މިއަދުންފެށިގެން އަނެއްކާވެސް މަތިމަހާއި ތުނބުޅި ނުބާލާއި ނުކޮށައި ހުއްޓާލީމެވެ. ރީތިވަރަކަށް ބެހެއްޓުމުގެ ބޭނުމުގައެވެ.

7 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 866 ވަނަ ދުވަހެވެ. ބިގޭމެންގެ ހާލުރަނގަޅު ކަމަށް ކިނޮޅޮހުން މާލެއައި ބަޔަކު ބުނެދިނެވެ. ބިގޭގައިގާ ބޭސްބަނުމުގެ މަސައްކަތް ކުރިޔަށްދާ ޚަބަރުލިބުނެވެ.

8 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 867 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

9 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 868 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

10 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 869 ވަނަ ދުވަހެވެ. މިއަދު ލަކްސްލީން މަސްއޫދާއި ޕައިލެޓްނައީމް މިނިވަންކޮށް ދޫކޮށްލި ޚަބަރު ލިބުނެވެ. ނައީމަކީ، ސިޔާސީ އެހެން މައްސަލައެއްގައި ބަންދުވެހުކުމް އިއްވިފައި ހުންނެވި ބޭފުޅެކެވެ.

11 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 870 ވަނަ ދުވަހެވެ. ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ.

12 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 871 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރެވުނީ، އެޑޮލްފްހިޓްލަރ ލިޔުއްވި ފޮތުގެއަރަބި ތަރުޖަމާ “އަލްކިފާޙީ” މިފޮތް މުތާލިއާ ކުރުމުގައެވެ.

13 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 872 ވަނަ ދުވަހެވެ. ރ.އަތޮޅު ކިނޮޅޮހުން، މިއަދު މަންމައާއި ޒަހީނުބެއައި ދެމީހުން، ބިގޭ އެރަށުގައި ބެހެއްޓުމަށް ފަހު، މާލެއަށް އެނބުރިއައެވެ. ބިގޭގެހާލު މުޅިން ރަނގަޅެވެ. ވަރުގަދައަށް ބޭސްކުރަމުން ގެންދާކަމަށް މަންމަ ބުންޏެވެ. އަދި މިއަދު އިބުރޭއާއިއަލީ ގާމާދޫޖަލަށް ހަންދުއާ ބައްދަލުކުރުމަށް ދިޔައެވެ. ހަންދުގެ ހުރިހާކަމެއް ވެސް ރަގަޅެވެ. ރޭގަނޑުގެ ވަގުތެއްގައި ކެޕްޓަން އަބްދުﷲ މުއާޒު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ޕްރިސަންސަށް ގެންގޮސް އިސްތަފާ ވަރަށްވާހަކަ ދެއްކެވުމަށް ފަހު، ދޫކޮށްލީކަމަށް މުއާޒުގެ ފަރާތުން ޚަބަރުލިބުނެވެ. އަދި މިއަދު މިގެއަށް، ސައަދުﷲ ޖަމީލު (ބޮންޑު) އަޅުގަނޑާ ބައްދަލުކޮށް ލުމަށް ޒިޔާރަތް ކުރެއްވިއެވެ. އޭނާބުނީ، ތިރީކޯޓުން އޭނާގެމައްޗަށް އުޅެއުޅެވެސް ހުކުމް އިއްވޭނެޖާގައެއް ނެތިގެން ހުކުމް ނީއްވުނީ ކަމަށެވެ. ތިރީކޯޓުން މިކަންނުވީމާ ހައިކޯޓަށް ފޮނުވައިގެން ހުކުމް އިއްވޭތޯވެސް ބެލިކަމަށް ބޮންޑު ބުންޏެވެ. ހައިކޯޓުން ވެސް ކުރިޔަށް ނުގެންދެވުނީއެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތިގެންނެވެ. ފުލުހުން ނަގާފައިއޮތް ބަޔާނަށް އެހެންމީހެއްގެ ހެކިބަސް ނެތުމުން ބަލައިނުގަތީއެވެ.

14 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 873 ވަނަ ދުވަހެވެ. ހޫއްޓޭ ގެންދިޔަ އަސާތައް ވަރަށްރީއްޗަށް ފިލިއަޅުވާއި ވަރުނީސްލާއި އޮފްކޮށްލައިގެން އަޅުގަނޑަށް ގެނެސްދިނެވެ. ވަރަށްރީއްޗެވެ. ދިގުކޮށް ހިނގަންޖެހޭ، ހިނގާބިނގާވުން ތަކުގައި މިތަނުން އެންމެރީތި އަސާގަނޑު ހިފައިގެންނޫނީ މަގުމައްޗަށް ނުނިކުންނަން ނިންމައިގެން ހުރީއެވެ.

15 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 874 ވަނަ ދުވަހެވެ. މިއަދު ހަންދު، މާލެއަށް ހޮސްޕިޓަލަށް ގެނައެވެ. ކަކުލެއްގެ މައްސަލައިގައެވެ. މާބޮޑަށް ތަދުވަނީއެވެ.

16 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 875 ވަނަ ދުވަހެވެ. ހަންދުގެކަނާއަތު ފައިގެކަކުލުގައި ތަދުގަނޑެއް އުޅޭތީމާދަމާ މާލެއަށް ގެނެސް އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޕްރިސަންސުން ގުޅާފައި މިއަދު ގެއަށް އެންގިއެވެ.

17 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 876 ވަނަ ދުވަހެވެ. ހަންދުމާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ކަނާއަތު ފައިގެކަކޫ އޮޕަރޭޝަން ކުރުމަށެވެ. އޮޕަރޭޝަން ކުރަން ނިންމާފައިއޮތީ، މެންދުރުން އަނބުރާ އެއްގަޑިބައިގައެވެ. އަދި އެއްގަޑި އިރުތެރޭގައި އޮޕަރޭޝަން ނިމޭނެކަމުގެ ޚަބަރުދިނެވެ. އެއްގަޑިއިރަށް ވުރެކުރިން އޮޕަރޭޝަން ނިމިގެން ހަންދުނެރެ ކޮޓަރިއެއްގައި އެޑްމިޓްކުރީއެވެ. ހަންދުބުނީ މާބޮޑުކަމެއް ނޫންކަމަށެވެ. ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. މަންމަމެން އެންމެންތިބީ ހޮސްޕިޓަލުގައެވެ. މިއަދަކީ ފުދޭވަރަކަށް ވިއްސާރަ ދުވަހެކެވެ. އަޅުގަނޑު މިއަދުކުރި އެންމެ މުހިންމު މަސައްކަތަކީ، ރައީސް މައުމޫނަށް މިހާރުގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ދިގުސިޓީއެއް ލިޔުމެވެ. މިސިޓީލިޔެ ނިންމާފައި ދެތިންފަހަރު ކިޔާއިތުރު އިސްލާހުތައް ގެނައުމަށް ފަހު، ފޮނުވާލީމެވެ. މިއީ މިދުވަސްހަރުގެ ސިޔާސީ މަސްރަޙާގުޅިގެން އަޅުގަނޑުގެ ހިތުތެރޭގައި ހިނގަމުންދިޔާ އުދާސްތަކަކާއި އިހްސާސް ތަކެއްގެ ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކަތަކެކެވެ. މާލެތެރޭގައި ބަޔަކުމީހުން، އެންދެރިމާގޭ އިލްޔާސް ވެރިކަމަށް ގެނައުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކެއްގެ ވާހަކަތަކެވެ. އެސިޓީ ބައްލަވާލައްވާށެވެ! ސްކޭންކޮޕީއެއް ސައިޓްގައި އަޕްލޯޑުކުރާނަމެވެ. މިއީ ބަންދުގައި ހުރެގެން އަޅުގަނޑުގެ ހިތަށްވަންނަމުންދިޔަ ސިޔާސީ ޝުޢޫރުތަކެއްގެ ވާހަކަތަކެކެވެ!!! އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ހަގީގަތްތަކެކެވެ!!! މަންތިރި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބޭ ވާހަކަވެސް ރައީސް މައުމޫނަށް ދަންނަވާފައި ވާނެއެވެ!

18 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 877 ވަނަ ދުވަހެވެ. މަންތިރީގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުލިބޭތޯ ކޯޓަށް ގުޅީމެވެ. ވަކިޚާއްސަ ޖަވާބެއް ކޯޓުން ނުލިބުނެވެ. މިއީ ވަރަށްފާޑަކަށް އިއްވިފައިހުރި ހުކުމްތަކަކަށްވާތީ ޝަރީޢަތްނިމުނު ގޮތުގެރިޕޯޓުތައް ލިބެނީވަރަށް ވަރުންނެވެ. ވަރަށް އުނދަގުލުންނެވެ. ރައީސް މައުމޫނަށް ލިޔެގެންނެވެ. އެވަރުންވެސް ރިޕޯޓު ލިބޭއިރު ހުންނަނީ، ބައެއް ވާހަކަތައް އުނިކޮށްލާއި މަދުކޮށްފައެވެ.

19 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 878 ވަނަ ދުވަހެވެ. ބޭންކް އޮފް މޯލްޑިވްސްއިން ގަތްހިއްސާތަކުގެ އެލޮޓްމަންޓްސިޓީ މިއަދު އަޅުގަނޑަށް ލިބުނެވެ. ބޭންކުން އިއުލާނުކުރީމާ މިސިޓީހިފައިގެން ބޭންކަށް ދިއުމުން ގަތްހިއްސާތަކުގެ ސެޓިފިކެޓް ދޫކުރާނެވާހަކަ މިސިޓީގައި ލިޔެފައިއޮތެވެ. ﷲގެ އިރާދަފުޅުން މިކަންތައް ފުރިހަމަވީއެވެ. މިއީ ޖަލުގައިހުރެގެން ކުރެވޭނެކަމެއް ކަމުގައި އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލުކުރި ކަމެއްނޫނެވެ.

20 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 879 ވަނަ ދުވަހެވެ. މިއަދު، ދިހައެއްޖަހާ އެހާކަންހާއިރު ކުއްލިއަކަށް ކުރިން އެނގުމަކާނުލައި ޕްރިސަންސުން ބަލާއައިސް، އަޅުގަނޑު ގެންގޮސްވެއްދީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވާނުވާއެއް ނޭންގޭތީ އަވަސް އަރުވާލާފައި އަޅުގަނޑު ދިޔައީ ޖަލުމުންޑުގަނޑު ލައިގެންނެވެ. ހައްތާވެސް ހީވެފައިވަނީ އަނެއްކާވެސް ޖަލަށް، ކުޑަގޮޅިއަށް ގެންދަނީހެންނެވެ. މީގެކުރިން މުޅިންވެސް ހަދާފައިހުރީ އެހެންނެވެ.

ރާއްޖޭގެ ސިފައިންގެ އެންމެމަތީވެރިޔާގެ ކޮމާންޑްކޮޓަރިކޮޅަށް، އަޅުގަނޑު ހާޒިރުކުރި ވާހަކަ:

މިނިސްޓްރީ އޮފް ޑިފެންސުގެ ތިރީބުރީގައި ހުރިގޮނޑިއެއްގައި އިރުގަނޑެއް ވާންދެން އަޅުގަނޑު ބޭންދުމަށްފަހު، ސިފައިންގެ ދެއޮފިސަރަކު އައިސް ވަރަށް ގަދަޔަށް އަޅުގަނޑުގެ މުޅިހަށިގަނޑު ފާސްކޮށް، ޗެކްކޮށް ބަލާހެދުމަށް ފަހު، އަނގަވެސް ހުޅުވައިގެން އަނގައިގެ އެތެރެޔާއެކު ޓޯޗަކުން އަލިކޮށްގެން ބަލާޗެކް ކުރަންފެށުމުން ވަރަށް ބިރުގަތެވެ. އަނެއްކާ މިއުޅެނީ ކިހިނެއް ހަދަންބާވައޭ ހިތަށް އެރިއެވެ. ދުވަހަކުވެސް ޖަލުގެކުޑަ ގޮޅީގައި ހުރިއިރުވެސް މިއީ މީގެކުރިން އެއްއިރެއްގައިވެސް ކުރިކަމެއް ނޫނެވެ. މިއުޅެނީ އަނެއްކާވެސް ގޮޅިއަކަށް ވައްދަންބާވައޭ ވަރަށްބޮޑަށް ހިތަށް އެރިއެވެ. އަނގައާއި ތަންތަން ބެލުމަށް މަޑުމައިތިރި ކަމާއެކު ރީތިކޮށް ދައްކައިގެން އިންއިރު ކުޑަކޮށް ޖެހިލުންވިއެވެ. ހިތުތެރެއަށް އެކިކަހަލަ ވަސްވާސްތައް ވަނެވެ. ޖަލަށްގެންދަނީއޭ ވެސް އެތައްފަހަރަކު ހިތަށްވަނެވެ. ޑިފެންސް ތެރެއިން ގޮޅިއަކަށް ލާންއުޅެނީއޭ ވެސް ހިތަށްއެރިއެވެ. އިތުރު އަނިޔާއަކަށް ގެންދަނީއޭ ވެސް ހިތަށްއެރިއެވެ. އޭތިމީތިހިތަށް ވަދެފައިބައިގެން ދިޔައެވެ. އެވަގުތުކޮޅު ދިޔައީ ބޮޑުބިރެއްގެ ތެރޭގައެވެ. ޗެކްކޮށްބަލައި ނިންމާފައި ދެންއެރުވީ މައްޗަށެވެ. ސިޑިއަކުން މައްޗަށް އަރުވަންފެށީމާ ވެސް ޖެހިލުންވިއެވެ. ވާނުވާއެއް އަދިވެސް ނޭންގޭތީއެވެ. ލަކުޑިސިޑިއަކުން އަރާނިމުމުން ފެންނަންފެށީ ރަތްދޫލައެވެ. ރަތްދޫލަ ފެނުމުން ހިތަށްފިނިކަމެއް ވަންނަން ފަށައިފިއެވެ. މަތީބުރިއަށް ގެންގޮސްވެއްދީ، ރަތްދޫލަ އަޅާފައިހުރި ރީތިބޮޑު ކޮޓަރިއަކަށެވެ. މިކޮޓަރީގައިހުރި ގޮނޑިއެއްގައި ބޭންދީ އަޅުގަނޑު އެކަންޏެވެ. ޖެހިގެންހުރި ކޮޓަރީގައި މީހުންތިބިހެން ހީވެއެވެ. މިކޮޓަރީގައި އިންއިރު މުޅިންވެސް ހިތަށްއަރަނީ މިއުޅެނީ ރަނގަޅުގޮތެއް ވާށެވެ. ބިރުވެރިނުބައި އިހްސާސްތައް މުޅިންހެން ކެނޑިއްޖެއެވެ. އުފާވެރިކަން އިހްސާސްވާން ފަށައިފިއެވެ. މިކޮޓަރިން މީރުވަސް ވެސް ދުވައެވެ. ހުރީފިނިކޮށްފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަންބަރީއާއި އިސްތަފާ މިކޮޓަރި ތެރޭންލާފައި ހުރަސްކޮށް އުޅުއްވަން ފަށައިފިއެވެ. އަޅުގަނޑު އަނގައިންނުބުނެ، ހިނިތުންވެސް ވެނުލާ، ހިތްވަރުކޮށް ލައިގެން އިންނަނީއެވެ. އެމީހުންހީވެސްނުލާ ބޮޑާވެރިކަމާއެކު ހިނގާހަދައެވެ. އެއްދޮރުންވަދެ ވަޑައިގެން އެނެއްދޮރުން ނުކުންނަވަނީއެވެ. އަޅުގަނޑުގެ ކުރިމަތިންނެވެ. އަޅުގަނޑު ކެތްކޮށްލައިގެން މަޑުމޯޅިކަންމަތީގައި މަޑުމަޑުން އިނީއެވެ. މިހާހިސާބުން ވެސް މިއުޅެނީ ރައީސް މައުމޫގެ ދީދާރުވުންފުޅެއް ދެއްކެވުން، ކުރިމަތިވާން އުޅެނީކަމަކަށް އަޅުގަނޑުގެ ހިތަކަށް އެއްގޮތަކަށް ވެސް ނުވަދެއެވެ. ކެތްކޮށްލައިގެން އިންދާ މާގިނައިރުތަކެއް ނުވެއުޅެނިކޮށް އާދައިގެ ހެދުމެއްގައި ހުންނެވި ސިފައިންގެ ބޭކަލަކުދުރުވެ، އަޅުގަނޑަށް ތެދުވުމަށް އިޝާރަތްކޮށްލައްވައި ދެތިންފިޔަވަޅެއް ދުރުގައިހުރި ވަރަށްރީތިދޮރެއް ސިއްރުސިއްރުން ގޮބުއަނބުރާލައި ހުޅުވާލެއްވުމަށް ފަހު، އޭނާނުވަދެ އަޅުގަނޑަށް ވަނުމަށް އިޝާރާތް ކުރައްވާފައި އޭނާއެނބުރި ހިނގައްޖެއެވެ. އަޅުގަނޑު، ބިސްމިﷲ އޭ! ކިޔާފައި މިދޮރުން އެތެރެއަށް ކަނާއަތުފައިތިލަ ބެހެއްޓިތަނާ ދީދާރުވެގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު އައުމޫނު އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ހިނިތުމުން ފުރިގެންވާ މޫނުފުޅެވެ. މިކޮޓަރީގައިހުރީ ވަރަށްރީތި ބޮޑުއެއްމޭޒެވެ. އެމޭޒުގެ ކުރިމަތީގައި ހުރީއެންމެ ގޮނޑިއެކެވެ. އަޅުގަނޑު ފެންނައިރަށް، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ކޮޅަށް ތެދުވެ ވަޑައިގެންފައި އަރަބިބަހުން ވިދާޅުވީ، ތަފައްޟަލް ޔާއަޚީ! (“މާތްބަހުން”، އޭއަޚާއެވެ. އިށީދެ ވަޑައިގަންނަވާށޭ!) އޭމިހެންނެވެ. އަދި ކަނާއަތްޕުޅުން އިޝާރާތްކޮށްލެއްވީ މޭޒުގެކުރިމަތީގައި ހުރިގޮޑީގައި އަޅުގަނޑު އިށީނުމަށެވެ. ދެން ޝުކުރަން އޭ! ދެންނެވުމަށް ފަހު އަޅުގަނޑު މޭޒުކޮޅުގެ ކުރިމަތީގައިހުރި ގޮނޑީގައި އަތްޕުޅުދިއްކޮށް ލެއްވުމުން އަތާއަތްޖޯޑުކޮށް ސަލާމްކޮށް ލުމަށްފަހު، އިޝާރަތްކޮށް ލެއްވިގޮނޑީގައި އިށީދެއްޖައިމެވެ. މިހާހިސާބުން ވަރަށްހިތް ހަމަޖެހިއުފާ ވެއްޖެއެވެ. އަޅުގަނޑުގެ މޫނުމައްޗަށް ވެސް ހިނިތުން ވެރިވެއްޖެއެވެ. އަލްޙަމްދުލިއްލާހި އޭ! ހިތުންކިޔާލެވުނެވެ. މިއީ މިޢުރާޖެއްބާވައޭ ހިތަށް އެރިއެވެ. އަޅުގަނޑު ޗެކްކޮށްހެދި އިރާއި ތިރީގައި އިށީދެގެން އިންއިރު އަބަދުވެސް ކިޔަމުންގެންދިޔައީ އިބްރާހީމް ސަލަވާތެވެ. އަދި “ސުބްޙާނަﷲ ވަލްޙަމްދު ލިއްލާހި، ވަﷲ އަކްބަރު” މިދުޢާކިޔަމުން ގެންދިޔައިމެވެ. ހެވާއިސަލާމަތަށް އެދި ނިޔަތް ގަނެގެންނެވެ. އަނިޔާވެރިންގެ އަތްދަށުން ސަލާމަތަށްއެދިއެވެ. ދެން ދެވަނަ ބަސްފުޅަކަށް ރައީސް މައުމޫނު ވިދާޅުވީ، އިލްޔާސަށް މިދަންނަވާލީ، އިލްޔާސަށް އިއްވިފައި ހުރިހުރިހާ ހުކުމްތަކުން މިނިވަންކޮށް މައާފުދީ ދޫކޮށްލުމަށެވެ. މުޅިން މިނިވަންކުރުމަށެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އަޅުގަނޑަށް ލިބިގެންވާ ބާރުގެދަށުން މިކަންތައް ކުރުމަށެވެ. އޭރުއެމަނިކުފާނުގެ ކުރިމަތިފުޅުގައި މޭޒުމަތީގައި އޭފޯސައިޒުގެ ހުދުކަރުދާސް ގަނޑެއްގައި އަޅުގަނޑަށް އިއްވާފައިވާ، 4 ހުކުމުގެ ތަފްސީލްތައް ލިޔެފައިއޮތެވެ. މިހެންވިދާޅުވީ އެކަރުދާސް ގަނޑަށް ބައްލަވާލައްވާ އިޝާރާތްކޮށް ލައްވާފައެވެ. މިކަރުދާސް ގަނޑުނޫން އެހެންއެއްވެސް އެއްޗެއް މޭޒުމައްޗަކު ނެތެވެ. މިބަސްފުޅުގެ ޖަވާބުގައި އަލްޙަމްދުލިއްލާހިއޭ ދަންނަވާއި ވަރަށްއުފާވެއްޖެއޭ ދެންނެވީމެވެ. ހާދަހާހެޔޮފުޅޭ ދެންނެވީމެވެ. އަދި ވަރަށްބޮޑަށް، ﷲއަށާއި މަނިކުފާނަށް ޝުކުރުވެރިވާ ވާހަކަވެސް ދެންނެވީމެވެ. އަޅުގަނޑަށް ފެންނަނީ، ރީތިބޮޑުމޭޒެއްގެ މަތީގައިއޮތް އޭފޯސައިޒުގެ ކަރުދާސްގަނޑެކެވެ. އިރުއިރުކޮޅާ އެއަށް ފޯކަސްކޮށް ލެވެއެވެ. ހިނިތުންވެފައިވާ މޫނުފުޅަށް ބަލައިލެވެއެވެ. އެކަރުދާސްގަނޑުގައި ލިޔެފައިވަނީ ހަތަރުޕޮއިންޓެކެވެ. ދެންއަޅުގަނޑާއި ރައީސް މައުމޫނާއި މޫނާމޫނު ދިމާވާގޮތަށް އެހެންއެއްވެސް ހުރަހެއް ނެތެވެ. އެހެން އިތުރުއެއްޗެއް ވެސްނެތެވެ. އެހެންމޭޒެއް ގޮނޑިއެއްވެސް ނެތެވެ. އެހެންމީހެއްވެސް ނެތެވެ. ހަމަހިމޭން ރީތިހުސްތަނެއްގައި ރައީސް މައުމޫނާއި އަޅުގަނޑާ އެކަންޏެވެ. ކުޑަގޮޅިން މިއާދެވުނީ، ސީދާ ރައީސް އަރިހަށެވެ. ޖަލުން ރިޔާސަތުގެ ދީވާނަށެވެ. މުޅިން އެހެން މާހައުލަކަށެވެ. މިވަނީކިހިނެތް ބާވައޭހިތަށް އަރައެވެ! ﷲގެ ކުޅަދުންވަންތަ ކަމަކީ މިއެވެ!

ރައީސް މައުމޫނު ދެންފެއްޓެވީ، އިތުރުވާހަކަތަކެވެ. ވިދާޅުވިއެވެ! ދެންމިހާރު އިލްޔާސް ގަސްދުކުރައްވަނީ ކޮންމަސައްކަތެއް ކުރައްވަންތޯއެވެ؟ މިނިވަންވުމުން ކުރައްވާނީ ކޮންކަމެއްތޯއެވެ! އަޅުގަނޑު މަޑުޖެހިލީމާ، މިސުވާލުތައް ތަކުރާރުކޮށް ކުރެއްވިއެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކީ އަބަދުވެސް ދިވެހިގައުމަށާއި ސަރުކާރަށް އިޚްލާޞް ތެރިކަމާއެކު ޚިދުމަތްކުރާހިތްވާ މީހެކެވެ. އަދި ކުރާނެއަމިއްލަ މަސައްކަތެއް ފެށިފައިނެތް މީހެކެވެ. ވިޔަފާރިއެއް ދަންނަ އަދި ވިޔަފާރިއެއް ކުރާމީހެއްނޫނެވެ. ސަރުކާރުން ލިބޭމުސާރައިން ދިރިއުޅޭ މީހެކެވެ. އަބަދުވެސް ގައުމުގެކުރިމަގަށް ވިސްނާ މީހެކެވެ. އަޅުގަނޑު ކިޔަވާނިމިގެން އައިގޮތަށް މިގެންދަނީ، ސަރުކާރުން ދެއްވިވަޒީފާގައި ޚިދުމަތް ކުރަމުންނެވެ. އެއީ ވެސް ރައީސް ކޮށްދެއްވި ކަމެކެވެ. ވަށްކަމެއްކޮށް މީހަކަށް ތާކަށް ގެންލުންދީފައެއް ނޯންނާނެއެވެ. ރައްޔިތުންގެ އިސްލާޙަށާއި ގައުމުގެކުރިމަގު ބިނާކުރުމަށް ރައްޔިތުންގެ އަޑުއުފުލުން ނޫންކަމެއް ކުރާމީހެއްނޫނެވެ. އަޅުގަނޑުގެ ވެރިންނަށް އަޅުގަނޑުގެ ޚިޔާލުއަރުވަމެވެ. ގާނޫނާއި ގަވާއިދަށް އިހްތިރާމްކުރާ މީހެކެވެ. މިހާތަނަށް ވެސްހުރީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައެވެ. އަޅުގަނޑު ކިޔަވައިގެން އައުމުން، ވަޒީފާއެއް ދެއްވީ މިނިކުފާނުގެ ސަރުކާރުންނެވެ. އަޅުގަނޑު ވަރަށްރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް ވަޒީފާދެއްވީ އަޅުގަނޑު އާދޭސްކޮށް ސިޓީލާއި އެދިގެނެއް ނޫނެވެ. ސަރުކާރަށް ފެނިވަޑައިގެން އަޅުގަނޑު ގެންނަވާފައި މުސާއިދުއަމީނުލް މަކްތަބާކަން ދެއްވާފައި އިސްލާމީ މަރްކަޒަށް ވެއްދެވީ ސަރުކާރުންނެވެ. ސީދާ މަނިކުފާނެވެ. އެހެންވުމުން ދެންވެސް ޚިދުމަތްކުރާނީ ސަރުކާރުގައެވެ. އަދިވެސް އަޅުގަނޑު ހުންނަހިތްވަނީ އެގޮތުގައެވެ. ގޭގައިހުރެގެން ކުރާނެކަމެއް ފެންނާކަށް އަދިއެއްނެތެވެ. ކުރާނެއެހެންކަމެއް ވެސްނެތެވެ. މަނިކުފާނެވެ! ދެންވެސް ބެހެއްޓެވި ވަޒީފާއެއްގައި އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން މިންވަރެއްގެ އެންމެފުޅާމިނުގައި ގައުމަށް އަޚްލާޞްތެރި ކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެޔަގީންކަން މަނިކުފާނަށް އަރުވަމެވެ. އަޅުގަނޑުގެ ޒަމީރާއިހިތުގައި ކަސްތޮޅު އެޅުވިގެން ނުވާނެއެވެ. ސިކުނޑިއަށާއި ޒަމީރަށް މިނިވަންކަން އޮތީމާ ނިމުނީއެވެ. އަޅުގަނޑަށް ފެންނަޚިޔާލެއްގެ ޖާގަދެވެން ޖެހޭނެއެވެ. މަސައްކަތުގެ މާހައުލުގައި އޮންނަން ޖެހޭނެއެވެ. އެހެނަސް އެއަށްފަހު، ވެރިޔާއަންގަވާ ގޮތަށް އަމަލުކުރާނަމެވެ. ދުސްތޫރާއި ގާނޫނާއިގަވާއިދު ތަކަށް ބޯލަނބާއި އިހްތިރާމް ކުރާނަމެވެ. ދެން ކޮންދާއިރާއެއްތޯ އިލްޔާސަށް އެންމެރަނގަޅީ އެއްސެވިމާ އަޅުގަނޑު ދެންނެވީމެވެ. ހޯމްމިނިސްޓްރީ ނުވަތަ އެޓޮލްސް މިނިސްޓްރީއަކީ އަޅުގަނޑަށް އެންމެކަމުދާ ތަންތަނެވެ. އަޅުގަނޑަކީ ގާނޫނުތަންފީޒުކުރާ ހިތްވާމީހެކެވެ. އަޅުގަނޑަށް ބޮޑަށްރަނގަޅުވާނީ މިތަންތަނޭ ދެންނެވީމެވެ. އަދި މިހެންމިދެންނެވީ އަޅުގަނޑަކީ އިނގިރޭސި މީޑިއަމުން ކިޔެވި މީހަކަށް ނުވާތީއެވެ. އެހެންވުމުން ފަސޭހަވާނީވެސް ދާޚިލީކަންކަމުގައި އުޅުމެވެ. އަދި ކުރާހިތްވެސްވަނީ ވެސް ދާޚިލީކަންކަމެވެ. ރަށްފުށުތެރޭގެ ވެއްޓާބެހޭ ކަންކަމެވެ. ރަށްވެހިކަމު ތެރޭގައި ގާނޫނުގެ ހުކުމްތަންފީޒުކޮށް ހިންގާހިތް ވެއެވެ. މިވާހަކަތަކަށް ފަހު، އަޅުގަނޑު ފެއްޓީ މިހާރުގެ މާހައުލާގުޅޭ ސިޔާސީ މަސްރަހުގެ ވާހަކަތަކެވެ. ފުރަތަމަވެސް ވާހަކަފަށައި ގަންނަންޖެހުނީ، މުޅިރާއްޖޭގެ މުޝީރެއްކަމުގައި ބަލައިގެންއުޅޭ މަޝްހޫރުކޮލި އަލިމަނިކާ ހަމައިންނެވެ. އަޅުގަނޑު ރައީސް މައުމޫނަށް ދެންނެވީމެވެ. ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި ވަޒީރެއްގެ ފެންވަރުގައި ގެންގުޅުއްވާ، ކޮލިއަލިމަނިކަކީ ވަރަށްގިނަ ފައިދާތަކެއް ސަރުކާރުގެ ނަމުގައި އަމިއްލައަށް ނަންގަވަމުން ގެންދަވާ ބޭފުޅެކެވެ. ސަރުކާރުގެ މުދަލުން މުއްސަނދި ވެވަޑައިގެން ހުންނެވި އެފަދަބޭފުޅެއް ލައްވާއި އަދިވެސް އެޒާތުގެ ފުރުސަތުތައް ދެއްވައިގެން އޭނާކުރިޔަށް ނެރުއްވައިގެން ސަރުކާރަށް އުޅުއްވަން ޖެހެނީ، ކީއްވެތޯއެވެ؟ އެނޫންމީހަކު ނެތިގެންތޯއެވެ؟ ކޮންމެކަމަކުން އޭނާއަމިއްލައަށް ބޮޑުފައިދާ ނަންގަވައެވެ. ރާއްޖެއަށް ފޮނުއްވަނީ ކޮޅުދާލިކޮޅެކެވެ. އަވަހަށް ހަލާކުވެވީރާނާވާ އެއްޗިއްސެވެ. އަޅުގަނޑު ގާތުގައި އިސްލާމީ މަރްކަޒު ބިނާކުރުމަށް މާލެއައިޓީމުގެ އިސްބޭފުޅަކު ވިދާޅުވިއެވެ. އިސްލާމީ މަރުކަރުގެ ތަޅުމުގައި ޖެހުމަށް ފޮނުވާފައިހުރީ ޑުޕްލިކޭޓު ހިލައެވެ. އެއީ އަސްލު ސަންގުމަރުމަރު ހިލައެއްނޫނެވެ. އެހެނަސް އެތަޅުމުގައި ޖެހުމަށް ހަމަޖެހުނީ އޭނާއަށް އެނގިފައިވާ ގޮތުގައި ސަންގުމަރުމަރު ހިލައިގެ އަސްލުހިލައެވެ. އެންމެމޮޅު ސަންގުމަރުމަރު ހިލައެވެ. އަދި އެކަމަށް ހިނގިޚަރަދު ހިނގާފައި ވެސްވަނީ އަސްލުހިލައިގެ އަގުންނެވެ. މިމީހުންބުނި ގޮތުގައި އެމީހުން މިމަސައްކަތް ކުރުމަށް މާލެއަށް ފޮނުއްވީވެސް އޭނާއެވެ. މިހުންނަނީ ބޮޑެތިޚިޔާނާތް ނޫންތޯއެވެ. ދެން ރައީސް މައުމޫނު ވިދާޅުވިއެވެ. އެބޭބޭފުޅުންނަކީ ޒަމާނުއްސުރެ ސަރުކާރުގެ ޚިދުމަތުގައި ތިއްބެވި، ގަދަރުވެރި މީހުންނަށް ވާތީއެހާފަސޭހައިން ދުރުކުރެވޭކަށް ނޯވެއެވެ. ދެން އަޅުގަނޑު ދެންނެވީ، އެފްޕީއައިޑީގެ ތަހުގީގުގެ ވާހަކައެވެ. މަނިކުފާނު އެފްޕީއައިޑީގެ މައްސަލަ ރައްޔިތުން މަޖިލިސް ފެންވަރުގައި ތަހުގީގުކޮށް ބެއްލެވިކަމީ އަޅުގަނޑުމެން ކަހަލަ ގިނަބަޔަކު ހިތްހަމަޖެހި އުފާކުރިކަމެކެވެ. އެހެންނަމަވެސް މިކަންވެސް ވެގެންދިޔައީ ރައްޔިތުން އުފާކޮށްލައި ވަކިބަޔަކު ހިމާޔަތްކޮށް ދެއްވުމަށް ހިންގެވިކަމެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައެވެ. މިމައްސަލަ ތަހުގީގުކުރި ކޮމެޓީން އެކުލަވާލި ރިޕޯޓުގެ އަސްލުކޮޕީތައް ވީނުވީތަނެއް ރައްޔިތުންނަށް ނޭނގެއެވެ. ވަނީ ފޮރުވާފައެވެ. އެރިޕޯޓު އަނބުރާ، ރައްޔިތުންގެ މަޖިލީހަށް ހުށައެއް ނާޅައެވެ. އަޅުގަނޑު ދަންނަވަންއޮތީ ތިޔަކުރެއްވި މަސައްކަތުގެ އަގުވަޒަންކުރެވޭނީ މަސައްކަތް މުޅިން ނިންމާލެއްވި ނަމައެވެ. އެރިޕޯޓު މަޖިލީހަށް ހުޅަހެޅި ރައްޔިތުންނަށް އަޑިއެނގޭގޮތަށް ތަހުގީގުކުރިޔަށް ދިއުމަކީ އަޅުގަނޑުމެން އެދޭއެދުމެކެވެ. އަދި އަޅުގަނޑު ދުނިޔޭގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ވެދެވޭދުވަހަކުން އެމައްސަލަ އަނބުރާ މަޖިލީހަށް ގެނެސް ރައްޔިތުންނަށް އެޚިޔާނާތުގެއަޑި އަންގައިދެވޭތޯ ކުރެވެންހުރި މަސައްކަތެއް ކުރާނަމެވެ. މިހާރު އެރިޕޯޓުތަކުގެ އަސްލުތައް ވީނުވީތަނެއް ދަންނަމީހަކުވެސް ރަނގަޅަށް ވިއްޔާނުހުންނާނެއެވެ. ދިވެހިގައުމަށްޓަކާ މިފަދަ ޚިޔާނާތްތައް ބައްލަވާއި ދެއްވައި އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމަކީ މަނިކުފާނުގެ އެންމެއިސް ވާޖިބުނޫންތޯއެވެ. ރައްޔިތުން ތިޔައިއްޒަތްތެރި މަގާމުގައި ކޮންމެފަސް އަހަރަކުން އެއްފަހަރު ތިޔައިއްޒަތްތެރި ކުރައްވަނީ އެބޭނުމުގައި ނޫންތޯއެވެ. އަޅުގަނޑަށް ގަބޫލުނުކުރެވިގެން މިއުޅެނީ، މިފަދަކަންތައްތަކެވެ. ލިޔެވާހަކަދައްކާ މިހަދަނީ އެހެންވެގެންނެވެ. އެހެންއެއްވެސް ބޭނުމެއް، އަދި މަގްސަދެއް އޮވެގެންނެއް ނޫނެވެ. ގައުމުގައި ހަމަހަމަކަމާއި އިޖްތިމާއީޢަދާލަތު ނެތިގެން ގޮސްފައިވާތީއެވެ. މުޖްތަމައުގެ ފޭރާންވީދި ކުދިކުދިވެފައި ވާތީއެވެ. މުޖްތަމައުގެ ސަލާމަތްތެރިކަމާއި އަބުރުވެރިކަން ގެއްލިފައި ވާތީއެވެ. އަމާންކަން ގެއްލި ޖަންގައްޔަކަށް ވެފައިވާތީއެވެ. ގާނޫނުތައްވަނީ ބާރުގަދަބައެއްގެ މުށުތެރޭގައެވެ. ދެން ރައީސް މައުމޫނު ވިދާޅުވީ ވަރަށް ސިޔާސީ ބަސްފުޅެކެވެ. އެފްޕީއައިޑީގެ ޚިޔާނާތްފަޅާ އެރުމާގުޅިގެން، ވަރަށް ރަނގަޅަށް ބޭރުގެ ލޮޔަރުން ބައިތިއްބައިގެން އެމައްސަލަ ބެލެންއޮތްހާ ފުންމިނެއްގައި ވަރަށް ރަނގަޅަށް ތަހުގީގުކޮށް ބެލީމެވެ. އެމައްސަލައިގެ އަޑިހޯދީމެވެ. އަދި އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހަމައަށް އަވަހަށް ގެނެވޭނެއެވެ. އަދި ނުގެނެވިފައެއް ނެތެއްނޫންތޯއެވެ. އަދި އެކަންކުރާނެ ދުވަސް އެބައޮތް ނޫންތޯއެވެ. އެކަންތައް ސަރުކާރުން ކުރުވީބޭރުގެ ލޯޔަރުންލައްވާ ވަރަށް ފުރިހަމައަށެވެ. އަދި އެވަގުތު ކުއްލިގޮތުގައި އަޅަންޖެހުނު މުހިންމު ފިޔަވަޅެއް ވިއްޔާވާނީ ސަރުކާރުން އަޅުއްވާފައި ކަމުގައި ރައީސް މައުމޫނު ވިދާޅުވެ ދެއްވިއެވެ. ސިޔާސީގޮތުން އަޅުއްވަންޖެހުނު ފިޔަޅެއް ވިޔަސް އެޅުއްވިވާހަކަ ވިދާޅުވިއެވެ. ދެން މިވާހަކަ ނިންމާލަމުން އަޅުގަނޑު ދެންނެވީމެވެ. ތިޔަހާ ރަނގަޅަށް، ފުރިހަމަކޮށް އެފްޕީއައިޑީގެ ތަހުގީގުގެ ކަންތައް ނިންމެވިނަމަ އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއި ދިވެހި ރައްޔިތުންނަށް އެކަންއެންގެވީސް ނޫންތޯއެވެ. ތިޔަވިދާޅުވާ ކަހަލަ، އެހާފުރިހަމަ ރިޕޯޓެއް އެކުލަވާލެވުނީމާ އެންމެ ފުރިހަމަގޮތަކީ ރައްޔިތުންގެ މަޖިލީހަށް އެރިޕޯޓު ހުށަހަޅައި ދެއްވުމެވެ. ރައްޔިތުންނަށް އެތަހްގީގުގެއަޑި ހާމަވާގޮތަށް އެންގެވުން ނޫންތޯއެވެ. ދެންވެސް ވިދާޅުވީ އަދި އެކަން ނުކުރެވިފައެއް ނެތެއްނޫންތޯއެވެ. ދެންވިދާޅުވެދެއްވީ އަޅުގަނޑު މެންގެ ބަންދުވުމުގެ ކަންތައް ހިނގާދިޔަގޮތުގެ ވާހަކައެވެ. ރައީސް މައުމޫނު ވިދާޅުވިއެވެ. މިހިނގާދިޔަ ކަންތައްތަކާ ދޭތެރޭގައި، އިލްޔާސާއި އިލްޔާސްގެ އާއިލާއާމެދުގައި އެއްގޮތަކަށް ވެސް ތިމަންނާގެ ހިތުގައިޒާތީގޮތެއް ހަސަދަވެރިކަމެއް ނެތެވެ. އެއްގޮތަކަށް ވެސް މިއީޒާތީގޮތުން އިލްޔާސްގެ އާއިލާއަށް އަނިޔާއެއް ދިނުމުގެގޮތުން ބަޔަކު ހިންގިކަމެއް ނޫނެވެ. އެގޮތުގައިދެކިގެން ނުވާނެއެވެ. އެއީ މުޅިންނުބައި ވިސްނުމެކެވެ. މިއީ ސަރުކާރަށް ލިބުނުރިޕޯޓަކާ ގުޅިގެން ހިންގިތަހްގީގެއްގެ ނަތީޖާއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. ޝަރީޢަތުގެ މަޖިލީހުގައި އަޅުގަނޑު އެވާހަކަތައް އެގޮތަށް ދެއްކީމެވެ. އެގޮތަށް އެކަންތައްކުރީ ތަހުގީގުތެރޭގައާއި ޝަރީއަތުގެ މަރުހަލާގައި ކަންތައްހިނގާ ދިޔަގޮތުންނެވެ. ޝަރީޢަތުގެ މަޖިލީހުގައި ގާޒީއާއި ދައުލަތުގެ ވަކީލާދިމާއަށް އަޅުގަނޑު ތިޔަހެން ދެންނެވީމެވެ. ރައީސް މައުމޫނު ސިޔާސީގޮތުން ފިލުވާލެއްވި ހަސަދައެއްގެ ގޮތުގައި ސިފަކޮށް ވާހަކަދެއްވީމެވެ. އަދި ވަކިބައެއްކަން ބެދެނީ އެނގުމުން، ޒާތީގޮތުން ކުރެއްވިކަމެކޭ ވެސް ދެންނެވީމެވެ. އެއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ހަގީގަތެއް ވުޖޫދުގައި ވާތީއެވެ. އަދި ކަންތައް ހިނގާދިޔައީ އެގޮތަށްކަމަށް ވާތީއެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި، އަޅުގަނޑު މެންނާ ދޭތެރޭގައި ޝަރީޢަތްކޮށް ފިޔަވަޅު އަޅާފައިވަނީ، ޒާތީގޮތުން ހަސަދަވެރިކަމާ އެކުގައޭ ދެންނެވީ، އެކަމުގެ ސާބިތުހެކިތައް ކުރިމަތީގައި ފެންނަން ހުރީމައިކަމަށް އަޅުގަނޑު ދެންނެވީމެވެ. ބިންބިފޯހާއި ސިފައިން އަޅުގަނޑުމެން ބައްދަންވެގެން ކުރިބުރަ މަސައްކަތުން އަޅުގަނޑުމެން އެކަހެރިކޮށްލާއި ތާށިކޮށް، އަޅުގަނޑުމެންނަކީ ކޮންބަޔެއްކަން ކޮންމޫނުތަކެއްކަން ކަށަވަރުވީމާ، ރައީސްއޮފީހުން ފޮތްނެރެގެން އިއްޒަތްތެރި މެންބަރުންނަށް އެކިގަޑިތަކަށް ދަންނަވައިގެން ޖަލްސާތައް ރޭގަނޑާއި ދުވާލާއެކު ބާއްވައިގެން ޓެރަރިޒަމް ގާނޫނެއް ފާސްކުރެއްވުމަށް ފަހު، އެގާނޫނުގައި އެގާނޫނުފާސް ކުރުމުގެ ކުރިންކޮށްފައިވާ ކުށްތަކަށް އެގާނޫނުގެ ދަށުންހުކުމް ކުރެވޭގޮތަށް އެގާނޫނުގައި ވަކިމާއްދާއެއް ހިމެނީސީދާ އަޅުގަނޑު މެންނަށް އަމާޒުކޮށް ބޮޑުވެގެންވާ ހުކުމެއް އިއްވާއި ޓެރަރިސްޓުންގެ ގޮތުގައި މުޅިދުނިޔެއަށް ލޭބަލް ކުރެއްވުމުގެ މަގްސަދުގައިކަން ކަށަވަރުވާތީ ކަމަށް، ދެންނެވީމެވެ. އަޅުގަނޑުމެން ބަންދުގައި ބައިތިއްބައިގެން ޓެރަރިޒަމް މަނާކުރާ ގާނޫނެއް އެކުލަވާލާއި މަޖިލީހުން ފާސްކޮށް އެގާނޫނުގެދަށުން ހުކުމްކުރެއްވީމާ ޒާތީގޮތުން ކުރެއްވިކަމެކޭ ފާޅުގައި އަޅުގަނޑު ދެންނެވީއެވެ. ރާއްޖޭގެ ތާރީޚުގައިގިނަ ކަންތައް ކުރީގެ ސަރުކާރުތަކުން ކުރައްވާފައިހުރީ މިކަހަލަ ލާއިންސާނީ، ނާތަހްޒީބު ގޮތަކަށެވެ. ގާނޫނުލް އުގޫބާތު އެކުލަވާލެވުނީ ވެސް، ހައްޔަރު ކުރެވުނު ބަޔަކު ޖަލުގެ އަނދިރީގައި ބައިތިއްބައިގެން އެމީހުންނަށް ބޮޑެތިހުކުމްތައް އިއްވުމަށެވެ. ސީދާގާނޫނު އަސާސީއަށް ބަލައިލިޔަސް އެކަންތައް ވެސް ވުޖޫދަށް ގެނެވިފައިވަނީ ދެއާއިލާއެއްގެ ފިތުނައަށް އަމާޒުވެގެންކަމަށް މަނިކުފާނުގެ ބޭބެ އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައި ވެއެވެ. މިޒަމާނަކީ އެފަދަކަންތައް ސަގާފަތުގެ ތެރެއަށް ދޫކޮށްލައްވާއި އިންސާނީކަރާމަތާއި އިންސާނީހައްގުތައް ދެމެހެއްޓުމުގެ ތަހުޒީބީ ރަންޒަމާނެވެ. ދުނިޔޭގެ ތަރައްގީ ދަތުރުކުރަނީ އެއަތަށެވެ. މިދަނޑިވަޅުގައި ބަޔަކުބަންދުގައި ބައިތިއްބައިގެން، ތެޅިފޮޅިގަނެގެން ގާނޫނެއް ފާސްކޮށް އެބަޔެއްގެ މައްޗަށް ހުކުމްއިއްވާނީ ވަކިބަޔަކު ޓެރަރިސްޓުންނަށް ހެދުމަށްކަމަށް، އަޅުގަނޑު ދެންނެވީމެވެ. މިގާނޫނުފާސްކުރީ އަޅުގަނޑު މެންނަށް ހޭއަރުވާލާއި އުމުރަށް ނެތިކޮށްލުމުގެ ބޭނުމުގައިކަން އަޅުގަނޑުމެންނަށް އޭރުގަބޫލުކުރެ ވިފައިވާ ވާހަކަވެސް ދެންނެވީމެވެ. އެހެނަސް، ﷲގެ ހެޔޮރަހްމަތްފުޅުން މިއަދު މަނިކުފާނުގެ ހިތްޕުޅަށް ހަމްދަރުދީއާއި ކުލުނުގެ އަސަރުކޮށް ފައިވާތީ އަޅުގަނޑުމެންނަށް ތިޔަމައާފު ދެއްވީއެވެ. އެކަމާ ނިހާޔަތަށް ޝުކުރުވެރި ވަމެވެ. ބަޔަކަށް ހޭއަރުވާލާ ބީދައިން ތަހުގީގުކޮށް ޝަރީޢަތަށް މިކަންތައް ސަރުކާރުން ގެންގޮސްފައިވާތީ، ޒަތީގޮތުން މަނިކުފާނު ކުރެއްވި ކަމެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑު، އެގޮތަށްބުނީ ގަސްދުގައެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބުކަމުގައި ހުންނެވި އެންމެބާރުގަދަ، އޮނަރަބްލް އިލްޔާސް އިބްރާހީމް، މިކަންތައްގަނޑުގެ ހުރިހާބަދުނާމެއް އެޅުއްވީ، ރައީސް މައުމޫނުގެ ބޮލުގައެވެ. ތިޔައިއްޒަތްތެރި މަނިކުފާނު އަޅުއްވާނީ އޭނާގެބޮލުގައެވެ. ކޮންމެއަކަސް އަޅުގަނޑު އަދިވެސް ގަބޫލުކުރާނީ، މިކަމަކީޒާތީގޮތުން އަޅުގަނޑު މެންނާ ކުރިމަތިކުރުވިބޮޑު ސިޔާސީ ގޯނާކުރުމެއް ކަމުގައެވެ. މުޑުދާރު ސިޔާސީ ކަންތައްގަނޑެއް ކަމުގައެވެ. މިރޮނގުން ވަރަށްދިގުކޮށް، ވިއްސަކަށް މިނެޓަށްވުރެ ގިނައިރު މިބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ވަރަށްދިގުކޮށް މިވާހަކަތައް ދެއްކުމަށްފަހު، ދެންއަޅުގަނޑު ދަންނަވާނެ އިތުރުވާހަކައެއް ނެތްކަމާއި މިއަދު އަޅުގަނޑު ހަގީގަތުގައި ވެސް ވަރަށް އުފާވެއްޖެކަމަށް ދެންނެވީމެވެ. އަޅުގަނޑު ބޭނުންވާހާ ވާހަކައެއް ބޭނުންވީހާގޮތަކަށް ބޭނުންވަރަކަށް ދެންނެވުމުގެ ފުރުސަތާއިވަގުތު ދެއްވީތީ، ހިތުގެއަޑިން ޝުކުރުވެރިވާ ވާހަކަދެންނަވާފައި، ދެން އިތުރަށް ދަންނަވާނެ ވާހަކައެއް ނެތްކަމަށް ދެންނެވީމާ، ރައީސް މައުމޫނު ވިދާޅުވިއެވެ. މިހާރުތިޔަ އިންނެވީ، އިލްޔާސްގެ މައްޗަށް އިއްވިފައިހުރި ހުރިހާހުކުމަކުން މިނިވަންވެ މުޅިން ސާފުވެފައެވެ. ތިމަންނާއަށް ގާނޫނުއަސާސީން ލިބިގެންވާ ބާރުގެދަށުން އިލްޔާސް މިނިވަންކޮށް ދޫކޮށްލީއެވެ. މިހާރުން ފެށިގެން މިނިވަން ވީއެވެ. ގެއަށްވަޑައި ގަންނަވަންވީއެވެ. ދެންމާދަމާ، މިއޮފީހުން އިލްޔާސާ ގުޅާނެއެވެ. ދެން އަނެއްކާވެސް ޝުކުރު ދެންނެވުމަށް ފަހު، އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑާއެކު ބަންދުކުރި ސަރުކާރުގެ ވަޒީފާގައި ތިއްބެވި، އެހެންމީހުން ކަމުގައިވާ، މުހަންމަދު ޝަފީގު ސައްޕެއާއި މުހަންމަދުރަޝީދު ހުސައިން ބިގޭއާއި މިފަދަމީހުންނަށް ވަޒީފާއިންވަކި ކުރެއްވިކަން އެއޮފީސްތަކުން ޖަލަށް ފޮތެއްފޮނުއްވައި ސޮއިކުރުވާފައި އެންގިއެވެ. އެހެނަސް އަޅުގަނޑަށް އަދިވެސް އަޅުގަނޑުގެ ވަޒީފާއިން ވަކިކުރެއްވިކަންވަނީ ނާންގަވައެވެ. އެކަމާއަޅުގަނޑު މަނިކުފާނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރުވެރިވަމެވެ. އަޅުގަނޑު ވަޒީފާއިން ވަކިކުރެއްވިކަން ނާންގަވާތީ އަޅުގަނޑު ގަބޫލުކޮށްގެން މިހުރީއަދިވެސް ވަޒީފައިގައި ބަހައްޓަވާފައި ހުރީކަމަށެވެ. ދެން ރައީސް މައުމޫނު އަޖައިބުވެ ވަޑައިގެން ސުވާލުކުރެއްވިއެވެ. އިލްޔާސަށް ހަމަނާންގަވަނީ ތޯއެވެ؟ އާދޭހޭ ދަންނަވާފައި އަޅުގަނޑަކީ އަދިވެސް ސަރުގައިހުރި މީހެކޭ ދެންނެވީމެވެ. އެއްވެސް އޮފީހަކުން އަޅުގަނޑަށް ސަރުކާރުން ވަކިކުރެއްވިކަމެއް ނާންގަވައޭ އަޅުގަނޑު ތަކުރާރުކޮށް ދެންނެވީމާ ރައީސް މައުމޫނު ވިދާޅުވިއެވެ. އިލްޔާސަށް ޝަރުޢީހުކުމެއް އިއްވިފައިވާތީ ސަރުކާރުގެ ގަވާއިދުތަކުގެ ދަށުން، އިލްޔާސްގެ ވަޒީފައިން ވަކިވާންޖެހޭނެކަމަށް ހީފުޅުކުރައްވާ ކަމަށް ވިދާޅުވެ ދެއްވިއެވެ. ކޮންމެވެސް ފަރާތެއްގެ އިހްމާލުން، އެކަން ނުކުރެވި އޮތީކަމަށް ވެދާނެކަމަށް ވިދާޅުވިއެވެ. އިލްޔާސް ގެއަށްވަޑައިގެން ތިކަމާވެސް ސިޓީއެއްލިޔުއްވާއި އަދިވެސް ސަރުކާރުގެ ވަޒީގައި ހުންނަން ބޭނުންވާކަމުގައި ލިޔެލައްވާށެވެ. އޭރުން އެކަންތައް ހަމަޖެހޭނެއެވެ. ދެން އަޅުގަނޑު އުފާކޮށް ސަލާންގަލާން ކުރުމަށްފަހު، އެމަނިކުފާނުގެ ކޮޓަރިކޮޅުން ނުކުތީއެވެ. ބޭރުގައި އިސްތިގުބާލުގައި އިސްތަފާއާއި އަންބަރީ ހުންނެވިއެވެ. ދެން އަޅުގަނޑު ގެންދެވީ، އިސްތަފާގެ މޭޒުކައިރިއަށެވެ. އެއަށްފަހު، ދެންތިރިއަށެވެ. ހިނގާމިދިޔައީ ކުއްލިޝޮކެއް ކަހަލަ ނާދިރު ބައްދަލުވުމުން، އަޅުގަނޑު އެންމެއަޖާއިބުވީ އަޅުގަނޑުބޮޑު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހުކުމްކުރެވި ބަންދުގައި ބަހައްޓައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ކުރިމައްޗަށް، ކޮމާންޑްނެރުއްވާ ޚާއްސަ ކޮޓަރިކޮޅަށް ވެއްދިވަގުތު، ރައީސް މައުމޫނު އަދި ސިފައިންގެ އެންމެމަތީވެރިޔާ ކަމުގައިހުންނެވި މައުމޫނުއަބްދުލް ގައްޔޫމް، އިންނެވިމޭޒުގެ ގޮނޑިކޮޅުންކޮޅަށް ތެދުވެވަޑައިގެން، އެގޮނޑިކޮޅުން ފިޔަވަޅެއްވަރު ކުރިޔަށް ޖެހިލައްވައި އަޅުގަނޑާ އަތާއަތްޖޯޑުކޮށް ސަލާމް ކުރެއްވުމަށްފަހު، އަރަބިބަހުން އަވަހަށް ވަޑައިގެން އިށީންނަވާށޭ ވިދާޅުވި ވިދާޅުވުމާ ގުޅިގެންނެވެ. މިއީ ރައީސް މައުމޫނުގެ މާތްއަޚްލާގެވެ. އެމަނިކުފާނުގެ ހިތްތިރިކަމެވެ. ހަރުކަށިކަމެއް، ބޮޑާކަމެއް ނުގެންގުޅުއްވާ ކަމެވެ. އަޅުގަނޑު ތަންކޮޅެއް ދުރުގައި ނުވަތަ އަރިމަތީގައި އާދައިގެ ގޮނޑިއެއްގައި ބޭންދެވިނަމަ ވެސް އެކަން ކުރެއްވުނީހެވެ. އެކަމަކު ވެސް އަޅުގަނޑު ސިޔާސީ ހުކުމެއްގައިހުރި ބޮޑުކުށްވެރިއަކަށް ވީހިނދުވެސް އެއޮފީހުގެ އެންމެމަތީ ގަދަރާއި ޝަރަފު އަޅުގަނޑަށް ރައީސް މައުމޫނު ދެއްވުމަކީ، އެމަނިކުފާގެ މާތްކަމެވެ. ހިތްތިރިކަމެވެ. މިކަން އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަން ޖެހެއެވެ. ހަގީގަތަކީ އެއީއެވެ. އަޅުގަނޑު މައްޗަށްއޮތް ވާޖިބަކީ އެއީއެވެ. އެހެންވުމާއެކު މިއަދު މިގަޑީގައި ވެސް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑު އެކޮޓަރިކޮޅަށް ވެއްދުމުން ކޮންމެހެން، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައި ގަންނަވާކަށް ނުޖެހޭނެއެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ފެނިގެންދިޔަ އަޚްލާގީ ސިފަތަކަކީ، އަޅުގަނޑުގެ ހިތުތެރޭގައި އެމަނިކުފާނަށް ހަމްދަރުދީއާއި އުޚުއްވަތްތެރިކަން އަބަދުގެ އަބަދަށް އުފެދުނު ކަމެކެވެ. އަދި އަބަދާއަބަދަށް ވެސް މިކަންހަނދާން ހުންނާނެއެވެ. މިހަނދާނާއެކު ސައްޔިދު އަބުލްއަޢުލާ މައުދޫދީގެ ޚާއްސަ ކޮޓަރިކޮޅަށް އަޅުގަނޑު ވެއްދެވިހަދާން އާވެގެންދެއެވެ. އެމަނިކުފާނުވެސް އެދުވަހު އިންނެވީ ބޮޑުކޮޓަރި ކޮޅެއްގައި މިފަދަގޮތަކަށެވެ. އެދުވަހު އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ލިޔުއްވަން ފައްޓަވައި ނުނިމިއޮތް ފޮތެއްނިންމާ ލެއްވުމުގެ މަސައްކަތްޕުޅެވެ. މިކަންހިނގީ އަޅުގަނޑު ޕާކިސްތާނުގައި ކިޔަވަންހުރި ދުވަސްވަރު އަޅުގަނޑުމެން ނެރެމުން ގެންދިޔަ ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ، “ޞައުތުލް އިސްލާމް” މަޖައްލާގެ މުޙައްރިރެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ފައިންޕުޅު ދުށުމަށް ލާހޫރަށް ދިއުމަށް އެމަނިކުފާނު ދެއްވި ޚާއްސަ ދައުވަތެއްގައެވެ.

އާދެ! ދެން އަޅުގަނޑު ގާތުގައި، އަންބަރީއާއި އިސްތަފާ ވިދާޅުވީ، މިހާރު އިލްޔާސް ގެއަށް ދުރުވަންވީއެވެ. ތިޔަހުރީ ހުރިހާކަމަކުން، މިނިވަންވެފައެވެ. ދެން އިސްތަފާ އަރިހުގައި ކުޑަކޮށް ވާހަކަދައްކާލުމަށް މަޑުކޮށްލާފައި ދެން ނުކުތީގެއަށް ދާށެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ތިރީން އަޅުގަނޑާ ހަވާލުވި އޮފިސަރުގާތުގައި އަޅުގަނޑުގެއަށް ދިއުމަށް ވެހިކަލެއް ބޭނުންވާނެއޭ މިތަނަށް ގެނައިވެސް ވެހިކަލެއްގައި ނޫންތޯއޭ ދެންނެވުމުން، ގެއަށް ފޮނުއްވައިދެއްވީ ސިފައިންގެ ވެހިކަލެއްގައެވެ. ގެއަށްއައިސް އަޅުގަނޑު ވަރަށް އުފާވިއެވެ. އެންމެފުރަތަމަ ވެސް ދެރަކްޢަތް ނަމާދެއްކޮށް، ﷲއަށް ޝުކުރުދެންނެވީމެވެ. މިހުރިހާދުވަހު، ﷲގެ ބެއްލެވުމުގެ ދަށުގައި ސަލާމަތްތެރިކަމާއި ހިފާޒަތްތެރިކަމުގެ ހިޔާވަހިކަމުގައި ފުރިހަމަ ސިއްހަތުގައި ލެހެއްޓެވީތީ އެތައްހާސް ޝުކުރަކާއި ހަމްދުސަނާ ދެންނެވީމެވެ. ބުއްދިސަލާމަތުން ލަހައްޓަވާއި ޖައްބާރުންނާއި ޖިންނިޝައިޠޯނުންގެ ވަޙްޝީ ހަމަލާތަކުންނާއި ނުބައި ވަސްވާސްތަކުން މިންޖުކުރައްވައި ސަލާމަތް ކުރެއްވީތީއެވެ! އަދި މިއަޅާތެދުމަގުގައި ސާބިތުކަންމަތީގައި ލަހައްޓަވާއި އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަބަދަށް ދެމެހެއްޓެވުން އެދިއެވެ! އަދި އަނިޔާވެރިންގެ ކުރިމަތީގައި ހައްގުބަސް ބުނުމުގައި ދެމެހެއްޓެވުން އެދިއެވެ! މިހާހިސާބުން، 879 ދުވަހުގެ މިދިގުބަންދު ނިމުމަކަށް އައިސް، ﷲގެ ރަހްމަތުން މިނިވަންވުމުގެ ސިއްކަ ޖެހުނީއެވެ! އަލްޙަމްދުލިއްލާހި ރައްބިލްޢާލަމީން! އާމީން! އިތުރަށް މިގެނެސްދެނީ މިބަންދާގުޅިގެން ހިނގިއިތުރު ކަންތަކުގެ ވާހަކައެވެ.

މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

ހަމަމިއަދުގެ ވަގުތެއްގައި ސައްޕެ ދޫކޮށްލެއްވިކަމަށް ޚަބަރުލިބުނެވެ. މިއީމެންދުރު ހިނގިކަމެއްކަމަށް ވެއެވެ. ހަމަ މިއަދު ދެންދޫކޮށްލެއްވީ ގ.އުތުރުގޭ މުހަންމަދުޚަލީލް މައްކޮއެވެ. އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވީއެވެ. މެންދުރުފަހުގެ ވަގުތެއްގައި އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީން ގުޅުއްވާފައި އިލްޔާސް ދޫކޮށްލެއްވީތީ އުފާކުރާކަމާއި މަރްހަބާ ވިދާޅުވުމަށް ގުޅާލެއްވީކަމަށް ވިދާޅުވިއެވެ. މައްކޮއާއި އިލްޔާސް މިނިވަންވީ ޚަބަރުއެއްސެވި ކަމާއި އެކަމާއެމަނިކުފާނު އުފާކުރައްވާ ކަމަށް ވިދާޅުވެދެއްވިއެވެ. އަދި ޖަލުގައި އިލްޔާސް ހުންނަވައިގެން ފޮނުއްވިސިޓީ ލިބިލެއްވިވާހަކަ ވެސް ވިދާޅުވިއެވެ. ގުޅާލަދެއްވީތީ އަޅުގަނޑު، ވަރަށްޝުކުރު ވެރިވީމެވެ. އަދި ވެސް ހަންދުއޮތީ، އައިޖީއެމް ހޮސްޕިޓަލުގައެވެ. ބިގޭހުރީ، ރ.އަތޮޅު ކިނޮޅޮހުގައެވެ.

21 މެއި 1993 ވީހުކުރު، ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް، ފޮނުވުމަށް ސިޓީއެއްޑްރާފްޓް ކުރީމެވެ. މާދަމާއޮފީސްތައް ހުޅުވުމުން ފޮނުވާލާ ގޮތަށެވެ. މިސިޓީއަކީ ރައީސް މައުމޫނު ވިދާޅުވިގޮތަށް ވަޒީފާކަންތައް ހަމަޖައްސައި ދެއްވުންއެދި ދަންނަވާސިޓީއެވެ.

22 މެއި 1993 ވީހޮނިހިރު ދުވަހު، އިއްޔެލިޔުނުސިޓީ ރައީސް އޮފީހަށް ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާލީމެވެ. މިސިޓީގެ ސްކޭންކޮޕީ އަޅުގަނޑުގެ ސައިޓަށް ލެވޭތޯބަލާނަމެވެ. ބައްލަވާލައްވާށެވެ.

24 މެއި 1993 ވީހޯމަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސުން ފޯނުކޮށްގެން އެއޮފީހަށް އަޅުގަނޑު ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު ލަތީފް އެދިވަޑައި ގަނެގެން އޭނައާބައްދަލު ކޮށްލުމަށެވެ. ޑޮކްޓަރ ލަތީފަކީ އޭރުއެމިނިސްޓްރީ ހިންގެވުމާ ހަވާލުވެގެން ހުންނެވި އެމިނިސްޓްރީގެ ނައިބެވެ. އަޅުގަނޑު އޭނާގެއަރިހަށް ވައްދަވާފައި ފުރަތަމަ ވެސް އެއްސެވީ، އިލްޔާސަށް އެޓޮލްގައި އުޅުއްވި ދާނެތޯއެވެ؟ އަޅުގަނޑު އާދޭހޭ ދެންނެވީމެވެ. އަދި ކީއްވެތޯއޭ ނޫޅެވެންވީ ދެންނެވީމެވެ. އަޅުގަނޑުގެ ގާބިލިއްޔަތުހުރި އެންމެފުޅާ މިނެއްގައި އެޓޮލްސްގައި ވަޒީފާ އަދާކުރެވިދާނެ ކުޅަދާނަކަން އަޅުގަނޑުގައިގާ ހުންނާނޭ ދެންނެވީމެވެ. ދެންގޭގެ ވާހަކަތައް އައްސަވާފައި ޑޮކްޓަރ ވަހީދާއި ދޮންދައްތަ އިލްހާމްގެ ވާހަކަތައް އައްސަވާލައްވައި ހެއްދެވުމަށްފަހު ވިދާޅުވީ، އެންމެ ރަނގަޅެވެ. ގެއަށް ވަޑައިގަންނަވާށެވެ. ވަޒީފާގެކަންތައް ހަމަޖެހޭނެއެވެ. އެކަންކުރައްވާނީ ރައީސް އޮފީހުންނެވެ. ދިގުދުވަސްތަކަކަށް ފަހު، މިއީ ހިނގާފައި ގެއިންނުކުތް ފުރަތަމަ ފަހަރެވެ. މިދުވަސްކޮޅު އަޅުގަނޑު އުޅެން ޖެހިފައިވަނީ ފައިމަގުގައި ހިނގާފައެވެ. ހިނގާބިނގާވެ އުޅެނީ، ހޫއްޓޭލައްވާ ހެއްދި އަސާގަނޑު ހިފައިގެންނެވެ. އޭގެއެހީއާއި ސަހާރާގައެވެ. މިއީ ބައިސްކަލަށް އެރީމާ އަޅުގަނޑުގެ އުނަގަނޑަށް ތަދުވާތީ ކުރަންޖެހުނު ކަމެކެވެ. މިތަދުއެރީ އެއްހުޅުބިޑީގައި އޮތްދުވަސްވަރު ގައެވެ. އޭގެފަހުން ވިއްސާރަވެ ފިނިވެލާއިރަށް މިތަދު އަބަދުވެސް އަރައެވެ.

27 މެއި 1993 ވީބުރާސްފަތި ދުވަހު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން، ވައިޖެހޭ އިބްރާހީމް ރަޝީދުގެ ދަރިކަލުން، ޑޮކްޓަރ އާސިމް އަޅުގަނޑަށް ގުޅުއްވާފައި އިލްޔާސަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާއެއް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވައިފިކަމަށް ވިދާޅުވިއެވެ. މިވާހަކަ އަޅުގަނޑުކާރީގައި ވިދާޅުވީ ވަރަށްހެދުނު ގާތްގަނޑަކަށް، އަށެއްޖަހާ އެހާކަންހާއިރުއެވެ. ކޮންމަގާމެއްތޯ އަޅުގަނޑު ދަންނަވާލީމާ ވިދާޅުވީ، ކުރިންވެސް ހުންނެވި ފެންވަރުގެ މަގާމެއް ކަމުގައިވާ، އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމްކަމަށެވެ. މިއީ އަޅުގަނޑު ބަންދުކުރިއިރު ވެސް އިސްލާމީ މަރްކަޒުގައި ހުރިފެންވަރުގެ މަގާމެކެވެ. މުސާއިދު އަމީނުލް މަކްތަބާއަކީ މިފެންވަރުގެ މަގާމެކެވެ. ވަޒީފާގެކަންތައް ހަމަޖެހިއްޖެކަން ރަސްމީކޮށް އެންގުމަށް، އިލްޔާސަށް ދެންނެވީކަމުގައި އާސިމް ވިދާޅުވިއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވީމެވެ.

އަދި ހަމަމިއަދު މެންދުރެއްހާއިރު، މިނިސްޓްރީ އޮފް އެޓޮލްސްއިން އަޅުގަނޑާގުޅާފައި މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމަށް އިލްޔާސް ހަމަޖެއްސެވުމަށް ފަހު، އެކަން ރައީސްއޮފީހުން އެމިނިސްޓްރީއަށް އަންގަވައިފިކަމާއި ދެން ސަރުކާގެ އޮފީސްތައް ހުޅުވޭދުވަހު، އިލްޔާސް އެޓޮލްސްއަށް ނުކުތުމަށް އެންގީކަމަށް ބުންޏެވެ. އަޅުގަނޑު އާދޭހެވެ، ﷲގެ އިރާދަފުޅާއެކު ނުކުންނާނަމޭ ދަންނަވާފައި ފޯނުބޭއްވީއެވެ. ވީމާ މާދަމާ ހުކުރުދުވަސް ދޫކޮށްލާފައި ހޮނިހިރު ދުވަސްވާނީ، ޖަލުން މިނިވަންވިފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ އޮފީހަކަށް ރަސްމީކޮށް ނުކުންނަ ފުރަތަމަ ދުވަހަށެވެ. ދޫކޮށްލީ، 20 މެއި 1993 ގައެވެ. އޮފީހަށް ނުކުންނަން މިޖެހުނީ، 29 މެއި 1993 ގައެވެ. މިހާދުވަސް މިނެގީ ރަސްމީސިފައެއްގައި ލިޔުމެއް ނާންނާތީ އަޅުގަނޑަށް ނުކުންނަން ނުކެރި ހުރެވުނީމައެވެ. ވާންވީގޮތަކީ ޑޮކްޓަރ ލަތީފައި ބައްދަލުކުރި ދުވަސްނޫން އެނެއްދުވަހު އެޓޮލްސަށް ނުކުންނަންވީއެވެ. އާދެ! އަޅުގަނޑުގެ ވަޒީފާއާބެހޭ ހުރިހާވާހަކަތަކެއް މިދެކެވުނީ މުޅިން ވެސްފޯނުންނާއި އަނގަބަހުންނެވެ. އަޅުގަނޑަށް އެއްވެސް ކަހަލަލިޔުމެއް، ޗިޓެއް އެއްޗެއް ނުފޮނުވައެވެ. ވަޒީފާއަނބުރާ އިއާދަވީބާވައޭ ވެސް ހިތަށް އަރައެވެ. އަދި ހަމަމިއަދު މެންދުރެއްހާއިރު، އިސްތަފާ އިބްރާހީމް މަނިކު އަޅުގަނޑާ ގުޅުއްވާފައި ޖަވާހިރުވާދީ އަހްމަދު ރަޝީދުހުސައިން (ހަންދު) މިއަދުން ފެށިގެން ގޭގައި މަޑުކޮށްލާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވިވާހަކަ ވިދާޅުވިއެވެ. މިއީ އަދިވަގުތީގޮތުން ހަމަޖައްސަވައި ދެއްވި ގޮތެއްކަމަށް އިސްތަފާ ވިދާޅުވިއެވެ. މިވާހަކަ ދެކެވުނުތާ މާލަސްތަކެއްނުވެ ހަންދު ހޮސްޕިޓަލުން އޭނާގެ އަންހެނުންގެ ގެއަށް، އެސްޖެހިގެއަށް ބަދަލުކުރެވުނެވެ. ހަންދުއަށް ވެސް ގެއަށް އާދެވުނީއެވެ. ބިގޭހުރީރާއްޖެ ތެރޭގައެވެ. ހައްތާހާވެސް އުފާވެރި ގޮތްތަކެވެ. ޖަވާހިރުވާދީ އެންމެންނަށް ޖަލުން ނުކުމެވުނީއެވެ. ގެއަށް އާދެވުނީއެވެ.

އާދެ! މިއަދަކީ މިނިވަންވީފަހުން، އެޓޮލްސްއަށް ދިޔުންފިޔަވާ ބޭރަށް ނުކުތްފުރަތަމަ ދުވަހެވެ. އެޅެނީމުޅިން ވެސް ފައިމަގުގައި ހިނގާފައެވެ. އަސާގަނޑު ހިފައިގެންނެވެ. ފުރަތަމަ ދިޔައީ ނައުޝާދު ބާއްވައިގެން އުޅޭކުރެހުމުގެ މަޢުރަޟަކަށެވެ. މިއީ މުޅިންވެސް އޭނާގެ އަމިއްލަ ކުރެހުންތައް ދައްކާލުމުގެ ފޮޓޯމަޢުރަޟެކެވެ. މިކަންތައް އިންތިޒާމް ކޮށްފައިއޮތީ، ސޯޝިއަލް ސެންޓަރުގައެވެ. ހަވީރުވެސް ހިނގާލަން ދިޔައިމެވެ. މުޅިންވެސް އުޅެނީއަސާގަނޑު ހިފައިގެންނެވެ. ރޭގަނޑު ވަގުތެއްގައި ރަންކޮކާ ރަޝީދުގެއަށް މިންނާއައްތަގެ ބޮޑުބަބާގެ ކައިވެނި ސަޔަށް ދިޔައިމެވެ. ދެންއޭގެ ފަހުންގެއަށްއައީ އިބްރާހީމް ސާބިރުމެންގެ އިރާކުގެއަށް ވަދެފައެވެ. މަގުމަތިން، އޮނަރަބްލް އިސްމާއީލް ޝަފީޢުއަށް އަޅުގަނޑު ފެންނައިރަށް އެބޭފުޅާގެ ރަސްމީކާރުކޮޅަށް އަޅުގަނޑު އަރުވައިގެން ގެންގޮސް ދާންވާ މަންޒިލަކަށް ބާލައިދެއްވާ ހައްދަވައެވެ. މިބޭފުޅާއަށް އެކަމަށްޓަކާ ނިހާޔަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ. އަދި މިއީ އަބަދުވެސް ހަނދާންހުންނަ ކަމެކެވެ. އަޅުގަނޑު ނާރަންއުޅެފިއްޔާ އެބޭފުޅާކޯފާ އިސްކުރައްވައެވެ. އެހެންވުމުން އެބޭފުޅާއައި މަގުމަތިން ދިމާވާ ކޮންމެފަހަރަކު ވެސް އެބޭފުޅާގެ ކާރުކޮޅަށް އެދުވަސްވަރު އަރަން މަޖްބޫރުވެއެވެ. އަޅުގަނޑު އަސާގަނޑު ދޫކޮށްލަންދެން މިކަންތައް ތަކުރާރުކޮށް އެބޭފުޅާ ކުރެއްވިއެވެ.

29 މެއި 1993 ވީހޮނިހިރު ދުވަހު، ފުރަތަފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ވަޒީފާއަށް ނުކުތީމެވެ. މިއީ މިނިސްޓްރީއަށް ނުކުތް ފުރަތަމަ ދުވަހެވެ. މަގާމަކީ، މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްޓަރީއެއްގެ މަގާމެވެ. ކައުންޓަރަށް ދިއުމުން، އެތަނުން އަންހެންބޭފުޅަކު އަޅުގަނޑު ގޮވައިގެން މައްޗަށްއަރުއްވާއި އިސްވެރިން ސޮއިކުރައްވާ ހާޒިރީގައި އަޅުގަނޑުލައްވާ ސޮއިކުރުވިއެވެ. ސޮއިކޮށް ނިމުމުން އަޅުގަނޑު ގެންދިޔައީ ޑީޖީފާތުމަތުޝީރީން އަރިހަށެވެ. ޝީރީން، އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވުމަށްފަހު، އަޅުގަނޑު ގޮވައިގެންވަޑައިގެން ދެއްކެވީ އަޅުގަނޑު އިށީންނަންވީ މޭޒާއިގޮނޑިއެވެ. އަޅުގަނޑުގެ މޭޒާއެންމެ ކައިރީގައި ހުންނަނީ، ރަހީމާ އަބްދުލްގާދިރު ގެމޭޒެވެ. ޖުމްލަގޮތެއްގައި ހުރިހާކަމެއްވެސް ފުރިހަމައެވެ. އޮފީހުގެ މާއުހައުލު ވެސް ރަނގަޅެވެ. ހިތްހަމަޖެހުނެވެ. ދެން ނުކުތީ އޮފީސް ތެރޭގައި ހިނގާލާށެވެ. ރަހީއާއެކުގައެވެ. ރަހީ ވެގެންދިޔައީ އެޓޮލްސްއިން އަޅުގަނޑުގެ ފުރަތަމަ ރަށްޓެއްސަށެވެ. އެއަށްފަހު، ޒިޔާރަތްކުރީ ވައިޖެހޭ އިބްރާހީމް ރަޝީދު އަރިހަށާއި އަލީޔޫސުފްފުޅު އަރިހަށެވެ. ވައިޖެހޭއަކީ ކުޑަކޮށް އަޅުގަނޑު ދަންނަބޭފުޅެކެވެ. އެހެނަސް ސަތާވަރީ އަލިފުޅަކީ އެއްގޮތަކަށް ވެސް ދަންނަބޭފުޅޭއް ނޫނެވެ. އަލިފުޅުގެ ދަރިފުޅެއް ކަމުގައިވާ ޝިމްލާ އަޅުގަނޑު ދަންނަމެވެ. ކޮންމެއަކަސް މިދެބޭފުޅުންނަކީ ވެސް ވަރަށްހިތްހެޔޮ ދެބޭފުޅުންނެވެ. އަޅުގަނޑަށް ވަރަށްބޮޑަށް އިހްތިރާމް ކުރެއްވިއެވެ. ވަރަށްހީހީފައި މަޖާކޮށް ހެއްދެވިއެވެ. މީގެފަހުން މިދެބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށްގާތް ދެރައްޓެހިންނެވެ. މުޅިދުވަސް އެއްކޮށް ދުއްވާލެވުނީ ތަޢާރުފްވުމާއި މީހުންނާ ބައްދަލުކޮށް އަނގަތެޅުމުގައި ވަރަށް މަޖަލުގައެވެ.

30 މެއި 1993 ވީއާދީއްތަ ދުވަހަކީ ރަސްމީބަންދު ދުވަހެކެވެ. 1413 ވަނަ އަހަރުގެ ހައްޖުދުވަހެވެ. އާދެ! މާތްވެގެންވާ ޢަރަފާތު ދުވަހެވެ. ހޯމަ ދުވަހަކީވެސް ރަސްމީބަންދު ދުވަހެކެވެ. އަޟުޙާޢީދު ދުވަހެވެ. އާދެ! ދިވެހިން ޒަމާނުއްސުރެ ދަންނަ މާތްވެގެންވާ ބޮޑުއީދުދުވަހެވެ. މިއަދު އީދުކާޑުތަކާއި ވަރަށްގިނަ ފަތާތްތަކުން އީދުމުބާރަކާއި ތަހުނިޔާ ރައްދުކުރިއެވެ. ރައީސް މައުމޫން ދެކަނބަލުންގެ ފަރާތްފުޅުން ވެސް ވަރަށްރީތި ކާޑެއްލިބުނެވެ.

15 ޖޫން 1993 ވީއަންގާރަ ދުވަސް، މިއަދުމެންދުރު ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާ މިނިވަންކޮށް ދެއްވީކަމަށް އިސްތަފާ އަންނިއަށް އެންގެވިއެވެ. އަދި މިއަދަކީ، 6 ވަނަ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީއާއި ލެގޫންސް ކްލަބް ދެވަނަފަހަރަށް ފައިނަލްމެޗްގައި ބައްދަލުކޮށް ކުޅުނު ދުވަހެވެ. މިމެޗުން މޮޅުވީ، 3 ލަނޑު، 2 ލަނޑުން ވިކްޓްރީ ސްޕޯޓްސް ކަލަބެވެ. އަންނިއަށް މިމެޗްބަލަން ދަނޑަށް ދެވޭނެއެވެ. މިމެޗްއޮތީ މާލޭގެ ރަސްމީ ބޯޅަދަނޑުގައެވެ. ހަންދު އަދިވެސްހުރީ މާލޭގައެވެ. އެސްޖެހިގޭގައި ގޭބަންދު ކޮށްފައެވެ. ބިގޭހުރީ ކިނޮޅޮހުގައެވެ. މިހާރުވަނީ އެއްމަސް ދުވަސް އިތުރުކޮށް ދެއްވާފައެވެ. އަދި މުހަންމަދު އަބްދުއްރައްޒަގުގެ ހުކުމުން ބާކީއޮތްބައި އަރުވާލުމުން ގޭގެބަންދަށް މާލެއަށް މިއަދުބަދަލު ކޮށްދެއްވިއެވެ. ގިނަލުއިތަކެއްލިބި އެންމެންހެން މިނިވަންވެ ނިމެނީއެވެ.

މިނިސްޓްރީ އޮފް އެޓޮލްސްއަށް ނުކުންނަންފެށިތާ ދެވަނައަށްވި ދުވަހު އެމިނިސްޓްރީގެ ނައިބު ޑޮކްޓަރ ލަތީފުއަރިހަށް ގެންދެވުމަށް ފަހު، އަޅުގަނޑާ ހަވާލުކުރެއްވި މަސްއޫލިއްޔަތަކީ، މިނިސްޓްރީގެ ތަހުގީގު ސެކްޝަނުގެ ވެރިކަމެވެ. ހެޑްއޮފް ލީގަލްސެކްޝަން ކަމުގެ މަގާމެވެ. މިއަދުންފެށިގެން ތަހުގީގު ޝެކްޝަނުގެ ހުރިހާކަމެއް ބެލެހެއްޓުން ރަސްމީކޮށް އަޅުގަނޑާ ހަވާލުކުރައްވައި ހުރިހާ މުވައްޒަފުންނަށް އެކަން އަންގަވައިފިއެވެ. މިސެކްޝަނަކީ ވަރަށް ތަޖްރިބާކާރުންގިނަ ސެކްޝަނެކެވެ. ތަޖްރިބާއިން ފުރިގެންވާ އުމުރުން ދުވަސްވީ މީހުންގިނަ ތަނެކެވެ. މިސާލަކަށް އެތައްޒަމާނެއްގައި ގާޒީކަންކުރެއްވި، ދަރަވަންދޫ ޔޫސުފު އަލިފުޅާއި އަތޮޅުވެރިކަން ކުރެއްވި ނ.ކެނދިކުޅުދޫ އަބްދުއްރަހްމާނާއި އުގުލު މުހަންމަދުއަލީއާއި މިފަދަބޭފުޅުން ހިމެނޭ ސެކްޝަނެކެވެ. އަދި ވެސް ކުޑަރިކިލު މުހަންމަދުޖަލީލާއި ދެރަހަ އަބްދުއްރަޝީދު މެންފަދަ ބޭފުޅުން މިތަނުގައި ތިއްބެވިއެވެ. އަދިވެސް ވ.ކެޔޮދޫ، އިބްރާހީމް ކަލޭފާނާއި އަލީއާދަމްމަނިކާއި ސީނުހުޅުދޫ އައްޝައިޚް މުހަންމަދު ސައީދު (ދިޔާނާސައީދުގެ ބައްޕަ) މެންފަދަބޭފުޅުން މިސެކްޝަނުގައި ތިއްބެވިއެވެ. މިފަދަ ތަޖްރިބާހުރި ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑަށް މިލިބުނު ފުރުސަތަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފިލާވަޅެކެވެ. މާސިންގާ ތަޖްރިބާ ތަކެކެވެ. އަޅުގަނޑު ހެދިގޮތަކީ ސެކްޝަނުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު، ނުނިމިހުރި ހުރިހާ މައްސަލަތަކެއް އެކިއެކިބޭފުޅުންނަށް ބަހާލާފައި އެންމެން އެއްތަނެއްގައި ބޮޑުމޭޒެއްގައި ތިބެގެން މިމަސައްކަތް ކުރާގޮތަށް ނިންމީއެވެ. މިކަމަށް ޚާއްސަކުރީ މިނިސްޓްރީގެ ކޮންފަރެންސް ހޯލެވެ. ކޮންމެބޭފުޅަކު ވެސް ނިންމަވާގޮތް އަޅުގަނޑަށް ދައްކާއި މަޝްވަރާކޮށް ލެއްވުމަށް ފަހު، އަޅުގަނޑު މިނިސްޓަރަށް ރިޕޯޓުކޮށް ދަންނަވާގޮތަށް ހަމަޖައްސާލީއެވެ. މިގޮތުގެމަތިން ވަރަށްހަލުއިކޮށް އެސެކްޝަނުގެ މަސައްކަތް ހިނގައިގަތެވެ. ނުނިމި ގިނަދުވަސް ވެފައިހުރި ބައިވަރު މައްސަލަތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނެވެ. މީގެތެރެއިން ފުރޭނިގެން ނިކުތްބޮޑެތި މައްސަލަތައް ހިފައިގެން ޖެހުނީ އަތޮޅުތެރެއަށް ދާށެވެ. ދެހަފްތާއެއްގެ ތެރޭގައި ދ.އަތޮޅަށް ގޮސްގެން ބަލަންހުރި މައްސަލަތައް ހިފައިގެން، އަޅުގަނޑާއި އަލީބެއަށް ޖެހުނީ ފުރާށެވެ. ދަންނަވާލުމާއެކު މިދަތުރަށް މިނިސްޓަރ ހުއްދަދެއްވިއެވެ. އެއަތޮޅަކީ ބޮޑުއަތޮޅަކަށްވާތީ ވަރަށްގިނަ މައްސަލަތައް ގެންދަންޖެހުނެވެ. ހުރިހާރަށަކަށް ދަތުރުކޮށް މިކަންތައް މުޅިން ނިންމާލެވުނީ، 15 ދުވަސް ފަހުންނެވެ. ދ.އަތޮޅުގެ އަތޮޅުވެރިޔަކަށްއޭރު ހުންނެވީ، އަފީފު ކިޔާކުޑަހުވަދޫގެ ބޭފުޅެކެވެ. މިއަތޮޅުގެ އަތޮޅުވެރިކަން އަޅުގަނޑުގެ ލޮބުވެތި ބައްޕަވެސް ކުރެއްވި ކަމާއި ބައްޕަގެ މަސައްކަތްތެރި ކަމުގެބައެއް ވާހަކަތައް އަފީފު، އަޅުގަނޑަށް ކިޔައިދެއްވިއެވެ. އަދި އަތޮޅުތެރެއިން ދިމާވިބައެއް ބޮޑުންގެ ފަރާތުން ބައްޕަގެ ދުވަސްވަރުގެ ވާހަކަތައް އަޑުއިވުނެވެ. ބައްޕަދެނެލައްވާ ވަރަށްގިނަ އިއްޒަތްތެރިންނާ މިއަތޮޅުގެ ރަށްތަކުން އަޅުގަނޑާ ދިމާވިއެވެ. މިދަތުރުގައި މީހުންއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރީމެވެ. އެދުވަސްވަރުގެ ބައްޕަގެ ފޮޓޯއެއް އަފީފު، އަޅުގަނޑަށް ދައްކަވާ ލެއްވިއެވެ. މިދަތުރު ވެގެންދިޔައީ ވަރަށްމަޖާ އަދި ވަރަށްތާރީޚީ އިބްރަތްތަކެއް ލިބިގެންދިޔަ ބޭނުންތެރި ދަތުރަކަށެވެ. އެނބުރިއައިސް އަޅުގަނޑު ޑޮކްޓަރ ލަތީފަށް ވަރަށްޝުކުރު އަދާކުރީމެވެ. މިހާހިސާބުން އެއްއަތޮޅަށް ފަހު، އަނެއްއަތޮޅަށް ދާންޖެހުނެވެ. ރާއްޖެތެރެއަށް ވަރަށް ގިނައިން ދާންޖެހެއެވެ. އެންމެފުރަތަމަ އެޓޮލްސްއިން މުސާރަނެގީ އެކަމަށްއޮންނަ ޚާއްސަފޮތުގައި ސޮއިކުރުމަށް ފަހު، ޖޫންމަހުގެ މުސާރައަށްވާ، 1200 ރުފިޔާއާއި މެއި މަހުންނުކުމެވުނު ދުވަހަށްވާ ފައިސާކޮޅާއެކު ޖުމްލަ، 1489.70 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަނުވަ ރުފިޔާ ހަތްދިހަލާރީ) އެވެ. މިފައިސާނެގީ، 21 ޖުލައި 1993 ވީބުދަ ދުވަހުގައެވެ. މިއީ، ދ.އަތޮޅުން އެނބުރިއައިސް އޮފީހަށް ނުކުތްދުވަހެވެ. އަދިވެސް ދެވަނަ ފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާދެއްވިކަމުގެ ޗިޓެއް ނުވަތަ އެއްވެސް ކަހަލަ ރަސްމީލިޔުމެއް އަޅުގަނޑަކަށް ނުލިބެއެވެ. ރައީސް އޮފީހުން ޑޮކްޓަރއާސިމް ފޯނުކުރައްވާފައި އެޓޮލްސްއަށް ނުކުތުމަށް ވިދާޅުވުމުން ނުކުތްގޮތަށް އަދިވެސް މިހުންނަނީއެވެ. ރަސްމީކޮށް ލިޔެކިޔުމުން އެއްވެސް އެއްޗެއްނާދެއެވެ. ޗިޓެއް ނުލިބެއެވެ. ފޮތެއްގައި ލިޔެފައިވެސް އެއްޗެއް ނާންގައެވެ. މިހާހިސާބުން، ތިންވަނަބުރުގެ ޖަލުހަނދާން ލިޔެނިމުނީއެވެ. ވަލްޙަމްދުލިއްލާހި!